ޢަބްދުލް ޣަފޫރު ޙާމިދު ވ. ފަރާތުން މޫސާ ފަތުޙީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މ. ޔެސްމީން، ކ. މާލެ، ޢަބްދުލްޣަފޫރު ޙާމިދު (މީގެ ފަހުން: "ޢަބްދުލްޣަފޫރު ޙާމިދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ މ.ރާޅުފުނި، ކ. މާލެ، މޫސާ ފަތުޙީ (މީގެ ފަހުން: "މޫސާ ފަތުޙީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
18 އެޕްރީލް 1979 ގައި، މ.ރާޅުފިނި، ޙާމިދު އިބްރާހީމްގެ މަރު ދުވަހާއި ހަމައަށް، ޙާމިދު އިބްރާހީމް ބެލުމަށް ޝަރުޠުކޮށް، ޙާމިދު އިބްރާހީމުގެ މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ މިލްކު ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން، ގ. ގްރީންލައިން މޫސާ ފަޠުޙީއަށް ދިނުމަށް، ޙާމިދު އިބްރާހީމް އާއި މޫސާ ފަތުހީއާ ދެމެދު އެއްބަސްވުމެއް ވެފައިވެއެވެ.
ޙާމިދު އިބްރާހީމް އަށް އެއްވެސް އެހީއެއް ނުވާތީ ޙާމިދު އިބްރާހީމްގެ ފަރާތުން މޫސާ ފަތުޙީއަށް ދަޢުވާކުރި މައްސަލަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 8 ގެ ނަންބަރު 459/J.C.8/81 ޤަޟިއްޔާއިން ބެލިފައިވެއެވެ. ބުނެވުނު ޤަޟިއްޔާ ނިންމާފައިވަނީ، ބެލުން ޝަރުތުކޮށް މުދާ ދިނުމުގެ މައްސަލައިގައި އެއްބަސްވީގޮތަށް ޙާމިދު އިބްރާހީމް ނުބަލައިގެން އެއްބަސްވެފައިވާ ގޮތަށް ޝަރީޢަތް މެދުވެރިކޮށް ޢަމަލުކުރުވުމުގެ ބޭނުމުގައި ކުރެވޭ ދަޢުވާއަކަށް އެ ދަޢުވާ ވާތީ، އެ ޤަޟިއްޔާ އެ ކޯޓުގައި ބެލުމަށް ތަންނުދޭކަން އަންގައެވެ.
ޙާމިދު އިބްރާހީމް ޝަރުތު ފުރިހަމަވީކަމަށް ބުނެ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ ނަގާފައިވާތީ ޙާމިދު އިބްރާހީމް ބެލެން ނެތް ކަމަށް މޫސާ ފަތުޙީ ބުނުމާ ގުޅިގެން، ޙާމިދު އިބްރާހީމްގެ އެދުމުގެ މަތިން 20 ޖެނުއަރީ 1982 އިން ފެށިގެން ޙާމިދު އިބްރާހީމްގެ ކެއުންބުއިމާއި އަންނައުނު ދިނުމާއި ބަލިވީމާ ބޭސް ފަރުވާ ކަންތައް ކޮށްދިނުމުގެ އިތުރަށް، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޚަރަދަކާއި ހުންނާނޭ ތަނެއް ހަމަޖެއްސުމަށް ޙަސަން ތައުފީޤު އެއްބަސްވެފައިވެއެވެ.
އޭގެ ފަހުން މަދަނީ ކޯޓުގެ ނަންބަރު 2248/MC/2001ޤަޟިއްޔާގައި މޫސާ ފަތުޙީ އާއި ޙާމިދު އިބްރާހީމް އާ ދެމެދު ވެވުނު އެއްބަސްވުމާއި ގުޅިގެން ޙަސަން ތައުފީޤު، ޙާމިދު އިބްރާހީމްއަށް ކާންބޯންދިނުމާއި، އަންނައުނު ދިނުމާއި، ބަލިވީމާ ބެލުމާއި، އަދި މިނޫނަސް އެހެނިހެން ޒަރޫރީ ކަންތައްތަކަށް ޙަސަން ތައުފީޤު އަތުން ޚަރަދުވި ފައިސާ ޙާމިދު އިބްރާހީމްގެ އަތުން ހޯދުމަށް ޙަސަން ތައުފީޤު ދަޢުވާކުރުމުން، ޙަސަން ތައުފީޤުކުރި ދަޢުވާއަކީ ޞައްޙަ ދަޢުވާއެއްކަމަށް ޙާމިދު އިބްރާހީމް އިޢުތިރާފުވެފައިވާތީ، އެ މައްސަލައިގައި ދަޢުވާކޮށްފައިވާ ފައިސާއަކީ ޙާމިދު އިބްރާހީމް ޙަސަން ތައުފީޤުއަށް ދައްކަންޖެހޭ ފައިސާއެއްކަމަށާ، އަދި އެ ޤަޟިއްޔާގައި އެ ދަރަނި ސާބިތުވުމަކުން މޫސާ ފަތުޙީއާއި ޙާމިދު އިބްރާހީމްއާ ދެމެދު ބެލުން ޝަރުޠުކޮށް ކުރެވުނު އެގްރިމަންޓަށް ބަދަލެއް ނާންނާނެކަމަށް ނިންމާފައިވެއެވެ.
21 ޖުލައި 1991 ގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޙާމިދު އިބްރާހީމް ނުބަލާތީ ބެލުން ޝަރުޠުކުރިކަމުގެ އެއްބަސްވުން ބާޠިލްކޮށް، ބެލުން ޝަރުޠުކޮށް ދިން މުދާ އަތުލުމަށް ޙާމިދު އިބްރާހީމް މޫސާ ފަތުޙީގެ މައްޗަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 179/JC-3/91 ޤަޟިއްޔާ ގައި ދަޢުވާކޮށްފައިވެއެވެ. އެ ޤަޟިއްޔާ ނިންމާފައިވަނީ، އެގްރީމަންޓްގެ 2 ވަނަ މާއްދާގައިވާގޮތަށް މޫސާ ފަތުޙީ އެހީވެފައި ނުވަނީ މޫސާ ފަތުޙީގެ އަތުން ޙާމިދު އިބްރާހީމް 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ ނަގައި ލިޔުމެއް ދީފައިވާތީވެ، އެކަން އެގޮތަށް ހަމަޖެހިފައި އޮވެދާނެކަމަށް ދެފަރާތަށް އަރާފައިވާ އޮޅުމެއްގެ ސަބަބުންކަމަށް ފެންނާތީ، ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ގޮތުން ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީ އަޅާނުލައި ދޫކޮށްލާފައި ހުންނަނީ ކަމަށް ބެލެވެން ނެތްކަމަށްޓަކައި ޝަރީޢަތުގެ ފަރާތުން އެގްރީމަންޓް ބާޠިލު ކުރެވެން ނެތްކަމަށް ކަނޑައަޅައެވެ.
30 ޖޫން 1992 ގައި މޫސާ ފަތުޙީގެ ފަރާތުން އެއްވެސް އެހީއެއްނުލިބޭ ކަމަށް ބުނެ، މޫސާ ފަތުޙީ ލައްވައި ބެލެން ބޭނުންނުވާތީ އަދި މޫސާ ފަތުޙީގެ އެހީވެސް ބޭނުންނުވާތީ، ބެލުން ޝަރުޠުކޮށްދިން އެގްރީމަންޓް ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 170/JC-3/92 ޤަޟިއްޔާގައި ޙާމިދު އިބްރާހީމް ދަޢުވާކޮށްފައިވެއެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ މޫސާ ފަތުޙީ ލައްވާ ބެލުން ނޭދުމަކީ އެގްރީމަންޓް ބާޠިލް ވާންޖެހޭ ފަދަ ސަބަބެއް ނޫންކަމަށާއި، ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީއަށް އެހީވެވިފައިނެތީ ޝަރުތު ފުރިހަމަކުރުމަށް މޫސާ ފަތުޙީއަށް ހުރަސް އެޅުމުގެ ގަސްދުގައި ޙާމިދު އިބްރާހީމް ޢަމަލުކޮށްފައިވާގޮތުން ކަމަށް ފެންނާތީ، އެގްރީމަންޓް ބާޠިލްކުރެވެން ނެތްކަމަށް ކަނޑައަޅައި، މޫސާ ފަތުޙީގެ އަތުން ޙާމިދު އިބްރާހީމް ނަގާފައިވާ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އަކީ އެހާތަނަށް ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީގެ އަތުން ޚަރަދުކުރެވިފައިވާ ފައިސާއެއްކަމަށް ބަލައި، ޝަރުތު ފުރިހަމަކުރުމަށް މޫސާ ފަތުޙީއަށް ހުރަސް އެޅޭފަދަ ގޮތަކަށް ޙާމިދު އިބްރާހީމް އަމަލުކުރަމުން ގެންދާހާ ހިނދަކު ޙާމިދު އިބްރާހީމް ނުބަލާތީކަމަށް ބުނެ މޫސާ ފަތުޙީގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ޙާމިދު އިބްރާހީމްއަށް ލިބިގެންނުވާކަމަށް ކަނޑައަޅައެވެ.
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 170/JC-3/92 ޤަޟިއްޔާ، ހައިކޯޓުގެ ނަންބަރު 92/HC-A/92 ޤަޟިއްޔާއިން އިސްތިއުނާފު ކުރެވުނެވެ. ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާއިން ނިންމާފައިވަނީ، ބެލުން ޝަރުޠުކޮށް މުދާ ދިން އެގްރީމަންޓްގައި ބުނާ ޝަރުޠު، މޫސާ ފަތުޙީ ފުރިހަމަ ނުކުރާކަން ޝަރީޢަތަށް ސާބިތުވާތީ ޙާމިދު އިބްރާހީމްގެ މުދާ ޙާމިދު އިބްރާހީމްއަށް އަނބުރާ އަތުލައިދިނުމަށެވެ.
ހައިކޯޓުގެ ނަންބަރު 92/HC-A/92 ޤަޟިއްޔާ މޫސާ ފަތުޙީގެ ފަރާތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރެވިފައިވެއެވެ. މޫސާ ފަތުޙީއާއި ޙާމިދު އިބްރާހީމްއާ ދެމެދު ކުރެވިފައިވާ އެގްރީމަންޓް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ 5 އޮކްޓޯބަރު1995 ގައި މައްސަލަ ނިންމަވާފައިވެއެވެ.
ބުނެވުނު މައްސަލަ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ފަހުން، 03 ޑިސެމްބަރު 1995 ގައި މޫސާ ފަތުޙީއާއި ޙާމިދު އިބްރާހީމްއާ ދެމެދު ބެލުން ޝަރުޠުކުރުމުގެ އެގްރިމަންޓެއް ކުރެވިފައިވާތީ މޫސާ ފަތުޙީގެ ބެލުމުގެ ދަށަށް ޙާމިދު އިބްރާހީމް ގެނައުމަށް މޫސާ ފަތުޙީ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަންބަރު 1638/JC-2/95 ޤަޟިއްޔާއިން ދަޢުވާ ކުރިއެވެ.
މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަންބަރު 1638/JC-2/95 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، މއ. އިވްނިންގރޯސް، ޙާމިދު އިބްރާހީމް މ. ރާޅުފުނި އާއި މ. ރާޅުފުނި މޫސާ ފަތުހީ އާއި ދެމެދު އެއްބަސްވެފައިވާ ބެލުން ޝަރުޠުކޮށް މުދާ ދިނުމަށް ކުރެވުނު އެގްރީމެންޓްގެ ދެވަނަ މާއްދާގައިވާ ގޮތުގެ މަތިން ހާމިދު އިބްރާހީމް ބެލުމަށް އެގްރީމެންޓްގައި ކޮށްފައިވާ ޝަރުޠު ފުރިހަމަ ކުރަމުން ގެންދިޔުމަށް މޫސާ ފަތުހީއަށް ހާމިދު އިބްރާހީމް ގަސްދުގައި ހުރަސް އަޅަމުން ގެންދާކަން ހާމިދު އިބްރާހީމްގެ ބަހާއި ޢަމަލުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެގްރީމެންޓްގެ ދެވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަ ކުރުމަށް މޫސާ ފަތުހީއަށް ހުރަސް އެޅޭފަދަ ކަމެއް ނުކުރުމަށް ޙާމިދު އިބްރާހީމްއަށް އަންގައި، ބެލުމަކީ ކާންދިނުމާއި، އަންނައުނު ދިނުމާއި، ބަލިވީމާ ބެލުމާއި، މަރުވީމާ ވަޅުލުންކަމަށް އެގްރީމެންޓްގެ ދެވަނަ މާއްދާގައި އޮންނާތީ މި މާއްދާއާ ޚިލާފް ގޮތަށް ކޯޓުމެދުވެރިކޮށް އެ ޝަރުޠު ފުރިހަމަ ކުރާނެ އެހެންގޮތެއް ޝަރީޢަތުގެ ފަރާތުން އަދި ކަނޑައަޅާދެވެން ނެތް ކަމަށެވެ.
މޫސާ ފަތުޙީއާ ޙާމިދު އިބްރާހީމްއާ ދެމެދު ވެފައިވާ އެގްރީމަންޓާއި ތަކުރާރުކޮށް މޫސާ ފަތުޙީ ޚިލާފްވެފައިވާތީ ކަމަށް ބުނެ، އެގްރީމަންޓް ބާޠިލުކޮށް ޙާމިދު އިބްރާހީމްގެ މުދާ އަނބުރާ ހޯދުމަށް ޙާމިދު އިބްރާހީމް މަދަނީ ކޯޓުގެ ނަންބަރު 997/MC/98 ޤަޟިއްޔާއިން ދަޢުވާކުރިއެވެ. އެ ޤަޟިއްޔާގައި ނިންމާފައިވަނީ، މިދެފަރާތް ދެމެދު ވެފައިވާ އެގްރީމަންޓް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކޯޓު ނަންބަރު 3 ގެ ނަންބަރު 170/JC-3/92ޤަޟިއްޔާގައި ކަނޑައަޅަން ޖެހުނު ޙާލަތަށް ބަދަލެއް އައިސްފައިނުވާތީ ޙާމިދު އިބްރާހީމްއާއި މޫސާ ފަތުޙީއާ ދެމެދު ވެފައިވާ ބެލުން ޝަރުޠުކޮށްދޭ އެގްރީމަންޓް ބާޠިލުކުރުމަށް ދަޢުވާކުރުމުގެ ޙައްޤެއް ޙާމިދު އިބްރާހީމްއަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2000/HC-A/1 ޤަޟިއްޔާގައި ހަމަ މިފަދައިން ޙުކުމްކޮށްފައިވެއެވެ. އަދި ހައިކޯޓުގެ ބުނެވުނު ނިންމުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުން، ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވެއެވެ.
ބެލުން ޝަރުތުކުރި އެގްރީމެންޓާ މޫސާ ފަތުޙީ ޚިލާފްވެފައިވާތީ، އެގްރީމެންޓް ބާޠިލްކޮށް ޙާމިދު އިބްރާހީމްގެ މުދާ ހޯދުމަށް އެދި ޙާމިދު އިބްރާހީމްގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 466/MC/2004 ޤަޟިއްޔާއިން ދަޢުވާ ކޮށްފައިވެއެވެ. އެ ޤަޟިއްޔާގައި ނިންމާފައިވަނީ، މޫސާ ފަތުޙީ ލައްވައި ޙާމިދު އިބްރާހީމް ބެއްލެވެން ބޭނުންނުވާކަން ފާހަގަކުރެވޭތީ، ޙާމިދު އިބްރާހީމް މޫސާ ފަތުޙީ ލައްވައި ބެއްލެވެން ބޭނުންވާނަމަ މޫސާ ފަތޫޙީއާ ވާހަކަ ދައްކައިގެން ރަނގަޅުގޮތުގައި އެކަން ހަމަޖެއްސުމަށް ޙާމިދު އިބްރާހީމްއަށް އަންގައި އަދި ކުރެވިފައިވާ އެގްރީމެންޓްގައިވާ ފަދައިން ޙާމިދު އިބްރާހީމްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް މޫސާ ފަޠުޙީއަށްވެސް އަންގައި ޙާމިދު އިބްރާހީމް އާއި މޫސާ ފަޠުޙީ އާ ދެމީހުންގެ ދެމެދުގައި ކުރެވިފައިވާ ބެލުން ޝަރުޠުކޮށް މުދާ ދިނުމާބެހޭ އެގްރީމެންޓް މޫސާ ފަތުޙީގެ ނުރުހުމުގައި ޝަރުޢީ ހަމަތަކުގެ މަތިން ބާޠިލް ކުރެވޭނެ ތަނެއް ނެތްކަމަށެވެ. ބުނެވުނު މަދަނީ ކޯޓުގެ ނަންބަރު 466/MC/2004 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ 20 އެޕްރީލް 2005 ގައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-CID/SOCU/94/2008/91 ޕޮލިސް ރިޕޯރޓް ގައި 2007 ނޮވެންބަރ 24 ވަނަދުވަހު ތ. ބުރުނިން ފުރައިގެން މާލެއަށް ދަތުރުކުރި އާވިލް ބޯޓް ލ. އަތޮޅު ފުއްސަރު މުއްޔާއި 07 މޭލު ދުރުގައިވަނިކޮށް އެބޯޓުން ދަތުރުކުރި ޙާމިދު އިބްރާހީމް ކަނޑަށްވެއްޓި ގެއްލުނުކަމަށް ބުނެފައިވެއެވެ.
އަދި އޭގެ ފަހުން، 2007 ޑިސެންބަރ 05 ވަނަ ދުވަހު ހެނދުނު ދ.މާއެނބޫދޫއަށް މަރުވެފައިވާ މީހަކު ލައްގާފައިވަނިކޮށް ފެނިފައިވާ ކަމަށާއި އެ ހަށިގަނޑަކީ ޙާމިދު އިބްރާހީމްގެ ހަށިގަނޑުކަމަށް ބެލެވޭތީ އޭނާގެ ދަރިއެއްކަމަށްވާ ޞޯލިހް ޙާމިދުގެ ގައިން ލޭގެ ސާމްޕަލް ނެގުމަށްފަހު ހެދި ޑީއެންއޭގެ ނަތީޖާއިން ލައްގާފައިވާ ހަށިގަނޑަކީ ޙާމިދު އިބްރާހީމްގެ ހަށިގަނޑުކަމަށް 2008 ސެޕްޓެންބަރ 16 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވެއެވެ.
ޙާމިދު އިބްރާހީމް ކަނޑަށްވެއްޓި މަރުވެފައިވާތީ އޭނާގެ ވާރިޘުންނަކީ ކޮބައިތޯ ބެލުމަށް މަދަނީކޯޓުން ބޭނުންވެގެން ޙާމިދު އިބްރާހީމް ގެ ވާރިޘަކު ހުރިނަމަ 07 ދުވަހުގެ ތެރޭގައި ލިޔުމަކުން އެންގުމަށް އެދި ކުރެވުނު އިޢުލާން 03 ދުވަހު ރޭޑިއޯއިން ބްރޯޑްކާސްޓް ކޮށްދިނުމަށް 2008 އޮކްޓޫބަރ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގައި މަދަނީކޯޓުން އެދިފައިވެއެވެ.
ޙާމިދު އިބްރާހީމް ނިޔާވިއިރު އޭނާގެ ވާރިޘުންގެ ގޮތުގައި އުފަން 4 ދަރިންނާއި، ކާފަ ދަރިންގެ ގޮތުގައި 11 ދަރިން އަދި މުނިކާފަ ދަރިންގެ ގޮތުގައި 6 ކުދިން ދުނިޔޭގައި ތިބިކަން އަންގައި ޢަބްދުލް ޣަފޫރު ޙާމިދުގެ ފަރާތުން 2008 އޮކްޓޫބަރ 19 ވަނަ ދުވަހު މަދަނީކޯޓަށް ސިޓީ ފޮނުވާފައިވެއެވެ.
ޙާމިދު އިބްރާހީމްގެ ތަރިކައާމެދު ދަޢުވާކުރާ ފަރާތެއް ހޯދުމަށް އެދި މަދަނީ ކޯޓުން ކުރި އިޢުލާނާގުޅިގެން ޙާމިދު އިބްރާހީމް އޭނާގެ މައްޗަށް އަދާކުރަންޖެހޭ ބޮޑު ދަރަންޏެއް އޮތްކަމަށްބުނެ ޙާމިދު އިބްރާހީމްގެ ތަރިކައާމެދު ދަޢުވާކުރާކަމަށްބުނެ، ޙަސަން ތައުފީޤު 2008 އޮކްޓޫބަރ 30 ވަނަ ދުވަހު މަދަނީ ކޯޓަށް ސިޓީ ފޮނުވާފައިވެއެވެ.
މ. ރާޅުފުށި، މޫސާ ފަތުޙީ އާއި މ. ރާޅުފުށި، ޙާމިދު އިބްރާހީމް އާ ދެމެދު 1979 އެޕްރީލް 18 ވަނަ ދުވަހު ކުރެވިފައިވާ ބެލުން ޝަރުޠުކޮށްދިނުމުގެ އެގްރީމެންޓާ އެއްގޮތަށް މޫސާ ފަތުޙީ، ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދި މ. ރާޅުފުނި، މޫސާ ފަޠުޙީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 37/Cv-C/2010 (131/MC/2008) ޤަޟިއްޔާ އިންނެވެ. މި ޤަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ، ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ޤަވާޢިދުގެ 05 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ގޮތުގެ މަތީން މ. ރާޅުފުނި އެވެކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ ޙައްޤުވެރި ފަރާތަކީ މ. ރާޅުފުޅި ޙާމިދު އިބްރާހީމްކަމަށް ކަނޑައަޅައެވެ.
ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 (131/MC/2008) ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2012/HC-A/307 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި ހައިކޯޓުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޫސާ ފަތުޙީގެ ފަރާތުން ދަޢުވާކޮށްފައިވާ ފަދައިން، މޫސާ ފަތުޙީއާއި ޙާމިދު އިބްރާހީމްއާ ދެމެދުވެވުނު ބެލުން ޝަރުޠުކޮށް މުދާ ދިނުމާބެހޭ އެގްރީމެންޓް ނަންބަރު MD/C.26/79 ގައިވާ ގޮތުގެ މަތިން މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލާފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ތަޙުވީލު ކުރުމަށެވެ.
ހައިކޯޓުގެ ނަންބަރު 2012/HC-A/307 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/22 ޤަޟިއްޔާއިން ބާޠިލްކޮށް އެ މައްސަލަ އަލުން ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ތަޙުވީލު ކުރެވުނެވެ.
މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/22 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމުން ބެލުނު އެ ކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް ތަދައްޚުލްވުމަށް އެދި މ.މ.ޚ.ދ 5285، ޙަސަން ތައުފީޤު ހުށަހަޅާފައިވެއެވެ.
ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
މޫސާ ފަތުހީ ޙާމިދު އިބްރާހީމް ބަލަމުން ދަނިކޮށް 2007 ނޮވެންބަރު 23 ވަނަ ދުވަހު ޙާމިދު އިބްރާހީމް ކަނޑަށް ވެއްޓި ނިޔައުވެފައިވުމާއެކު، 1979 އޭޕްރީލް 18 ވަނަ ދުވަހު މޫސާ ފަތުޙީއާ ޙާމިދު އިބްރާހީމާ ދެމެދު ބެލުން ޝަރުޠުކޮށް ހެދިފައިވާ އެގްރީމެންޓާ އެއްގޮތަށް މޫސާ ފަތުޙީ، ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދި މޫސާ ފަތުޙީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 37/Cv-C/2010 (131/MC/2008) ޤަޟިއްޔާއިންނެވެ.
އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ، އެގްރީމެންޓްގައިވާ ޝަރުޠުތަކާ އެއްގޮތަށް ޙާމިދު އިބްރާހީމް ދުނިޔޭގައި ހުރި ދުވަހު ކާންދީ އަންނައުނުދީ ބަލިވީމާ ބޭސްފަރުވާކޮށްދީ، ޙާމިދު އިބްރާހީމް 2007 ޑިސެންބަރ 05 ވަނަ ދުވަހު ކަނޑަށް ވެއްޓި ގެއްލުމާ ހަމައަށް އޭނާއަށް މޫސާ ފަތުޙީ ކޮށްދޭންޖެހޭ ކަންތައްތައް އެގްރީމެންޓާ އެއްގޮތަށް ކޮށްދެވިފައި ނުވާކަން ޝަރީޢަތަށް ސާބިތުވާ ކަމަށެވެ. އަދި ބެލުން ޝަރުޠުކޮށް ދޭ ދިނުމުގެ ޤަވާޢިދުގެ 05 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން މ. ރާޅުފުނި އެވެކިޔާ ބަންޑާރަގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ ޙައްޤުވެރި ފަރާތަކީ މ. ރާޅުފުނި ޙާމިދު އިބްރާހީމުގެ ވާރިޘުން ކަމުގައި ކަނޑައަޅާކަމަށެވެ.
ސިވިލް ކޯޓުގެ ޙުކުމް ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
މޫސާ ފަތުޙީ އާއި ޙާމިދު އިބްރާހީމް އާއި ދެމެދު ކުރެވިފައިވާ ނަންބަރު MD/C.26/79 އެގްރީމަންޓަކީ ބާޠިލް އެގްރީމެންޓެއްކަމަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަން ފާހަގަކުރެވޭކަމާއި، ނަންބަރު MD/C.26/79 އެގްރީމެންޓާއި އެއްގޮތަށް މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް ބުނެފައިވީނަމަވެސް މަދަނީ ކޯޓުގެ ނަންބަރު 2248/MC/2001 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން މޫސާ ފަތުޙީ، ޙާމިދު އިބްރާހީމް ބަލާފައިވަނީ ނަންބަރު MD/C.26/79 އެގްރީމަންޓާއި އެއްގޮތަށް ނޫންކަމަށް އެނގެން އޮންނަކަން.
މޫސާ ފަތުޙީ އަށް ޙާމިދު އިބްރާހީމް އެގްރީމެންޓާއި އެއްގޮތަށް ބެލިފައިވީނަމަ ދަފްތަރު، ނަންބަރު 5285 ޙަސަން ތައުފީޤު 18 އަހަރުވަންދެން ޙާމިދު އިބްރާހީމް ބެލުމާއި އޭނާއަށް ކުރި ޚަރަދުގެ އަގުގެ ގޮތުގައި 12,58,002ރ. (ބާރަލައްކަ ފަންސާސް އަށްހާސް ދެ ރުފިޔާ) ޚަރަދުވެފައިވާކަން ޙަސަން ތައުފީޤު އާއި ޚާމިދު އިބްރާހީމްގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެފައިވާއިރު މަދަނީ ކޯޓުގެ ނަންބަރު 2248/MC/2001 ޤަޟިއްޔާ ނިމުނުގޮތާއިމެދު މޫސާ ފަތުޙީގެ ފަރާތުން އިންކާރުކޮށްފައި ނުވާކަން އެނގެން އޮތުމުން މޫސާ ފަތުޙީ އަށް ޙާމިދު އިބްރާހީމް ބެލިފައި ނުވާކަން އެނގޭކަން.
ބެލުން ޝަރުޠުކޮށް ދޭ ދިނުމުގެ ޤަވާޢިދުގެ 07 (ހަތެއް) ވަނަ ނަންބަރުގައި "ބެލުން ޝަރުޠުކޮށް ދޭ މުދާ ލިބޭ ފަރާތުން ބެލުމުގެ ޝަރުޠުތައް ފުރިހަމަކުރިކަމަށް ޤަބޫލުކުރެވޭނީ ބެލުން ޝަރުޠުކޮށް ދިނުމުގެ އެގްރީމެންޓާއި އެއްގޮތަށް ޢަމަލުކޮށްފައިވާނަމައެވެ." މިގޮތަށް ބަޔާންކޮށްފައިވާއިރު މޫސާ ފަތުޙީ މި މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަކޮށްފައިވާ ނުވާކަން.
ހައިކޯޓުން ނިންމާފައިވާގޮތް
ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ މޫސާ ފަތުޙީގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2012/HC-A/307 ޤަޟިއްޔާއިންނެވެ.
ހައިކޯޓުގެ ނަންބަރު 2012/HC-A/307 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/22 ޤަޟިއްޔާއިން ބާޠިލްކޮށް އެ މައްސަލަ އަލުން ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ތަޙުވީލު ކުރެވުނު މައްސަލަ، ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާ އިންނެވެ. ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލް ކަމަށް ކަނޑައަޅައި، ޙުކުމްކޮށްފައިވެއެވެ. މިގޮތުން، ހައިކޯޓުން ކަނޑައެޅި ކަންކަމަކީ؛
މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 3 ގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގައި އެގްރީމަންޓާއި އެއްގޮތަށް ޙާމިދު އިބްރާހީމް ނުބަލާކަމަށް ބުނެ އެގްރީމަންޓް ބާޠިލްކޮށްދިނުމަށް އެދި ޙާމިދު އިބްރާހީމްގެ ފަރާތުން ދަޢުވާކުރުމުން، ޙާމިދު އިބްރާހީމް ބެލިފައިނުވަނީ މޫސާ ފަތުޙީގެ އަތުން ޙާމިދު އިބްރާހީމް ޝަރުތު ފުރިހަމަވީކަމަށް ބުނެ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ ނަގާފައިވާތީ އެކަން އެ ގޮތަށް ހަމަޖެހިފައި އޮވެދާނެކަމަށް އަރާފައިވާ އޮޅުމެއްގެ ސަބަބުންކަމަށް ބަޔާންކޮށް، އެގްރީމަންޓްގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޙާމިދު އިބްރާހީމް ބަލަމުން ގެންދިއުމަށް މޫސާ ފަތުޙީއަށް ބުނެވުނު ޤަޟިއްޔާގައި އަންގާފައިވާކަން އެނގެންއޮތުމުން، އެ ޤަޟިއްޔާގައި ޙުކުމްކުރުމާ ހަމައަށް ދެފަރާތު ދެމެދު ވެވުނު އެގްރީމަންޓާ އެއްގޮތަށް މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް ބަލަންޖެހޭކަން.
މަދަނީ ކޯޓުގެ ނަންބަރު 466/MC/2004ޤަޟިއްޔާގެ ޙުކުމަށްފަހު ޙާމިދު އިބްރާހީމް ގެއްލުމާ ހަމައަށްވެސް ޙާމިދު އިބްރާހީމް މޫސާ ފަތުޙީގެ ބެލުމުގެ ދަށަށް ބެލުމަށް އެދި ގޮސްފައިނުވާއިރު، މޫސާ ފަތުޙީ ލައްވާ ޙާމިދު އިބްރާހީމް ބެލުމަށް ނޭދޭކަން އެނގެންއޮތުމާއި، އަދި މޫސާ ފަތުޙީ ހުރީ ޙާމިދު އިބްރާހީމް އެދޭގޮތަކަށް ބެލުމަށްކަން މި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިޔުންތަކުން އެނގެންއޮތުމުން، ޙާމިދު އިބްރާހީމް ކަނޑަށް ވެއްޓި ގެއްލުމާއި ހަމައަށްވެސް މަދަނީ ކޯޓުގެ ނަންބަރު 466/MC/2004 ޤަޟިއްޔާގައި ޙުކުމްކުރެވުނުއިރު އޮތް ޙާލަތަށް ބަދަލެއް އައިސްފައިވާކަމަށް ބެލެވެންނެތްކަން.
މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން އެނގެންއޮންނާތީއާއި، މޫސާ ފަތުޙީގެ ފަރާތުން ތ. ބުރުނީއަށް އެކިފަހަރުމަތިން ފައިސާ ފޮނުވާފައިވާކަން އެނގެންއޮންނާތީއާއި، މި މައްސަލައިގެ ކުރިން ދެފަރާތު ދެމެދު ވެވުނު ބެލުން ޝަރުތުކޮށްދިނުމާ ބެހޭ އެގްރީމަންޓާއި މޫސާ ފަތުޙީ ޚިލާފުވެފައިވާކަމަށް ހުށަހެޅި ހުރިހާ ޤަޟިއްޔާތަކެއްގައިވެސް ކަނޑައަޅާފައި ނުވާއިރު، އަދި ޙާމިދު އިބްރާހީމް ކަނޑަށް ވެއްޓި މަރުވުމާއި ހަމައަށްވެސް އެ ޤަޟިއްޔާތަކުގައި ޙުކުމްކުރެވުނުއިރު އޮތް ޙާލަތަށް ބަދަލެއް އައިސްފައިވާކަން އެނގެން ނެތުމުން، ބެލުން ޝަރުތުކޮށް ދިނުމާއިބެހޭ އެގްރިމަންޓާ އެއްގޮތަށް މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ގެއްލުމާ ހަމައަށް ބަލާފައިވާކަމަށް ބަލަންޖެހޭކަން.
ޙާމިދު އިބްރާހީމް ގެއްލުމާ ގުޅިގެން މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމާ، އަދި ޙާމިދު އިބްރާހީމްގެ މަރުވެފައިވާ ހަށިގަނޑު ފެނުމުން އެ ހަށިގަނޑު މޫސާ ފަތުޙީގެ ޚަރަދުގައި ވަޅުލުމަށް މޫސާ ފަތުޙީގެ ފަރާތުން މަސައްކަތް ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންއޮންނަކަން.
ޙާމިދު އިބްރާހީމް މޫސާ ފަތުޙީއަށް ވަޅުލެވިފައިނުވަނީ ޙާމިދު އިބްރާހީމް މަރުވެފައިމިވަނީ ގުދުރަތީ މަރަކަށްނުވާތީއާއި އެއްބަސްވުމުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުމުންކަން އެނގެންއޮތުމުން، މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބުނެވުނު އެގްރީމަންޓާ އެއްގޮތަށް ބަލާފައިވާކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަން.
އެހެންކަމުން، މޫސާ ފަތުޙީއާއި ޙާމިދު އިބްރާހީމްއާ ދެމެދު ވެވުނު ބެލުން ޝަރުތުކޮށްދިނުމާ ބެހޭ އެގްރީމެންޓުގައިވާ ޝަރުޠުތަކާ އެއްގޮތަށް މޫސާ ފަތުޙީ ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދެވިފައިނުވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަން.
ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެ 06 (ހައެއް) ނުކުތާއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެއެވެ.
ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ފުރަތަމަ ނުކުތާއަކީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގެ ޙުކުމުގައި "ޙާމިދު އިބްރާހީމް ބެލިފައިނުވަނީ 21,000/-ރ. (އެކާވީސްހާސް) ރުފިޔާ މޫސާ ފަތުހީގެ އަތުން ޙާމިދު އިބްރާހީމް ނަގާފައިވާތީ އެކަން އެގޮތަށް ހަމަޖެހިފައި އޮވެދާނެކަމަށް އަރާފައިވާ އޮޅުމަކުން ކަމަށް ބަޔާންކޮށް އެގްރީމެންޓްގެ ދެވަނަ މާއްދާއާއި އެއްގޮތަށް ޙާމިދު އިބްރާހީމް ބަލަމުން ދިއުމަށް އަންގާފައިވާތީ" ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ، ޙާމިދު އިބްރާހީމް ބަލާފައިވާ ކަމުގައި ބަލަންޖެހޭ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމަކީ، އެއްބަސްވުމުގެ ދަށުން ހުއްދަނޫން މަންފާއެއް މޫސާ ފަތުޙީއަށް ފަހިކުރުންކަން ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ ތަފްސީލުކޮށްދެމުން ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ބުނެފައިވަނީ، އެގޮތަށް ކަނޑައެޅެންވާނީ އަސާސެއްގެ މައްޗަށް ކަމުގައި ދެކޭކަމަށާއި އެއަސާސަކީ ކޮބައިކަމާއި މިގޮތަށް ބެލެވެންޖެހޭ ސަބަބުތަކަކީ ކޮބައިކަން ހައިކޯޓުގެ ޙުކުމުން އެނގެން ނެތްކަމަށެވެ. އަދި ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ގަވާއިދުގެ 03 ވަނަ މާއްދާ އާ އެއްގޮތަށް ލިޔެ ބަލަހައްޓަންޖެހޭ ތަފްސީލުތައް މިއަދާ ހަމައަށް ހާމަކުރެވިފައި ނުވާކަމަށެވެ.
ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ދެވަނަ ނުކުތާއަކީ، މޫސާ ފަތުޙީ، ޙާމިދު އިބްރާހީމް އެއްބަސްވުމާ އެއްގޮތަށް، ބަލާފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަކީ، "މަދަނީ ޙުޞޫމާތްތަކުގައި ސާބިތު ކޮށްދިނުމުގެ ބުރަ އުފުލުމަކީ ދަޢުވާ ނުވަތަ އެ ދަފްޢެއް ކުރާފަރާތުގެ ޒިންމާއެއްކަމަށް" ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި، "އިސްތިއުނާފުކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ އިސްތިއުނާފް ކޯޓުން ބެލުމަށްޓަކައި، ދަށުކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި، އެ މައްޗަށް ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި، މިއެންމެހައި ކަންކަން ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާގެ ހުދޫދުގެ ތެރޭގައި މުޅި ދަޢުވާ އަލުން ހުށަހަޅައިގެން ދިއުން" ކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޝަޒްމީލް ވ. ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ތިންވަނަ ނުކުތާއަކީ، ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ގަވާއިދު ގެ 06 ވަނަ މާއްދާއާއި އެއްގޮތަށް ބެލިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ޗެކުތަކުގައިވާ ވަޤާޢިއު (ފައިސާ) ޙާމިދު އިބްރާހީމަށް ލިބިފައިވާކަން ކަށަވަރުކުރުމެއް ނެތި އެއީ ޚަރަދުވެފައިވާ ފައިސާކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގެންފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ޗެކުގައިވާ ފައިސާ ލިބުނުކަން ކަށަވަރު ނުވާނަމަ އެއީ ލިބިފައިވާ ފައިސާއެއްކަމުގައި ނުބެލެވޭނެކަމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށާއި، ދަޢުވާގެ މަޢުޟޫގައި ހިމެނޭކަންކަން ސާބިތުކޮށްދިނުމުގެ ބުރައަކީ ދަޢުވާކުރާ ޚަޞްމުގެ ކިބައިގައި އޮތް ބުރައެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ހަތަރުވަނަ ނުކުތާއަކީ، ޙާމިދު އިބްރާހީމް އާއި މޫސާ ފަތުޙީއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޙާމިދު އިބްރާހީމް އަދާކުރުން ލާޒިމްވާ އިލްތިޒާމްތަކަކީ ޙާމިދު އިބްރާހީމުގެ މުދާ މ.ރާޅުފުނިއެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ މުދާ މޫސާ ފަތުޙީއާއި ހަވާލުކުރުންކަމާއި، އޭގެ މުޤާބިލުގައި މޫސާ ފަތުޙީއަށް ލާޒިމްވަނީ ޙާމިދު އިބްރާހީމް މަރުދުވަހަށް ބެލުންކަން ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ގަވާއިދު ގެ 06 ވަނަ މާއްދާއިން އެނގެން އޮންނައިރު އެއްބަސްވުމުގެ ދަށުން ބެލެން ބޭނުންނަމަ މޫސާ ފަތުޙީ ބުނާ ތަނެއްގައި އެދޭގޮތަށް ހުރުން ލާޒިމްކުރެވޭ ގޮތަށް އަދި ބެލެން އެދިގެން ދާންޖެހޭނެ ކަމަށް ބެލެވޭ ފަދައަކުން އެއްބަސްވުމުގައި ނެތް އިލްތިޒާމާތެއް ޙާމިދު އިބްރާހީމް އަދާކުރަންޖެހޭގޮތަށް އެއްބަސްވުމަށް އުނިއިތުރު ކޯޓަށް ނުގެނެވޭނެކަން އެނގޭއިރު މޫސާ ފަތުޙީގެ ބެލުމުގެ ދަށަށް ބެލެން އެދިގެން ގޮސްފައި ނުވުމަކީ ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން، ބާޠިލު ކުރި ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށް ބަޔާންކޮށްފައިވާކަމާއި މިއީ، "މަބްދައުލް އިދާރާ" އާއި "ފުރީޑަމް އޮފް ކޮންޓްރެކްޓް" އާއި "ޤާޢިދަތު ވަފާއު ބިލްއަހުދު" އާއި، "ޕެކްޓާސަންޑް ސަރވެންޑް/އަލްޢަޤުދު ޝަރީއަތުލް މުތަޢާޤިދައިނި" ގެ މި އުސޫލުތަކާ ޚިލާފްކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ފަސްވަނަ ނުކުތާއަކީ، ދަށު ކޯޓުތަކުގެ ޙުކުމްތަކެއްގައި ކަނޑައެޅިފައިނުވާ ކަންތައްތަކެއް ކަނޑައެޅިފައިވާ ކަމަށް ބަލަންޖެހޭކަމަށް ބަލައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މޫސާ ފަތުޙީ އާއި ޙާމިދު އިބްރާހީމާ ދެމެދު ކުރެވިފައިވާ އެގްރީމެންޓާއި، ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ގަވާއިދު އާ އެއްގޮތަށް މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމުގެ ކަންތައް ފުރިހަމަ ކޮށްފައިވާކަން ސާބިތުކުރުމަށްޓަކައި ޙާމިދު އިބްރާހީމް މޫސާ ފަތުޙީގެ ބެލުމުގެ ދަށަށް ގެނައުމަށް މޫސާ ފަތުހީ މަސައްކަތްކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ރޭޑިއޯ މެސެޖްތަކަކީ ދަށުކޯޓަށް ހުށަހަޅާފައިނެތް އައު ޑޮކިއުމަންޓްތަކެއް ކަމާއި މިއީ އިސްތިއުނާފު ކޯޓުގެ މަޖިލީހުގައި ހެކި ބަލައިގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިސްތިސްނާއީ އުސޫލާ ޚިލާފަށް ހުށަހެޅޭ މުސްނަދުތަކެއްކަން ފާހަގަކޮށް އެކަން ސަމާލުކަމަށް ގެނައުމުންވެސް އަދި އެމެސެޖަކީ ސައްހަނޫން މެސެޖްތަކެއްކަމަށް ވާރިޘުން ބުނަމުން ދިޔައިރުވެސް އެ މެސެޖްގެ ޞައްޙަކަން ބެލުމެއްނެތި ޙާމިދު އިބްރާހީމް ބެލުމަށްޓަކައި މޫސާ ފަތުޙީ ކޮށްފައިވާ މަސައްކަތެއްކަމަށް މި މެސެޖްތައް ބަލައިގެންފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛
ޙާމިދު އިބްރާހީމް ނިޔާ ވަންދެންވެސް މޫސާ ފަތުޙީ ޚަރަދު ކުރަމުން ދިޔަ ގޮތުގެ ތަފްސީލް ހައިކޯޓަށާއި ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި މޫސާ ފަތުހީގެ ފަރާތުން ޙާމިދު އިބްރާހީމްއަށް ފައިސާ ފޮނުވާކަން އެނގޭ ހެކިން ދަށުކޯޓަށް ޙާޟިރުކޮށް ހެކިބަސް ނަގާފައިވާ ކަމަށެވެ.
ދެފަރާތުގެ ދެމެދުގައި 18 މާރިޗް 1979 ގައި ވެވުނު އެއްބަސްވުން ވުމަށްފަހު، ޙާމިދު އިބްރާހީމް އާއި މޫސާ ފަތުޙީއާ ދެމެދު އިތުރު އެއްބަސްވުމެއް ވެވިފައިވާ ކަމަށާއި، އެ އެއްބަސްވުމުގައި 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމްއަށް ލިބުމުން ދެފަރާތުގެ ދެމެދުގައި ކުރިން ވެވުނު އެއްބަސްވުމުގެ ދަށުން މޫސާ ފަތުޙީ އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް ނިމުނީ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ލިބިފަވާކަމަށްވެސް އެކި ޤަޟިއްޔާތަކުގައި ނިންމާފައި ވާކަމަށެވެ. އެހެންކަމުން، ބެލުން ޝަރުތުކޮށް ގޯއްޗެއް ދިނުމަކީ އެއީ ވިޔަފާރީގެ ޢަޤުދެއް ކަމަށެވެ. އެ ވިޔަފާރީގެ ޢަޤުދުގެ މުޤާބިލުގައި ފުރަތަމަ ދެފަރާތުން އެއްބަސްވީ ކުރަންޖެހޭ ކަމަކީ ކާންދިނުމާއި އަންނައުނު ދިނުމާއި، ބަލިވީމައި ބެލުމާއި މަރުވީމައި ވަޅުލުންކަމަށެވެ. އެހެންނަމަވެސް ފަހުން މި ދެފަރާތުގެ ދެމެދުގައި މި ހެދުނު އެއްބަސްވުމަކީ އެއްބަސްވުމުގެ އެޑެންޑަމްއެއް ކަމުގައި ގަބޫލު ކުރެވޭ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ.
އަދި މިގޮތަށް ފައިސާ ދިނުމާ ގުޅިގެން އޭރުގެ ލޭންޑް ރަޖިސްޓްރޭޝަން ޑިޕާޓްމަންޓުން މި މައްސަލައިގައި ހިމެނޭ ގޯއްޗަށް މޫސާ ފަތުޙީގެ ނަމުގައި ރަޖިސްޓަރީއެއް ހައްދަވައިދެއްވާފައި ވާކަމަށާ އަދި އޭގެ ފަހުން ރަޖިސްޓްރީ ގެއްލިގެން އަލުން ހަދައިދޭން އެދުނީމައި 2005 ވަނަ އަހަރު ރަޖިސްޓްރީ ނަންބަރު ބ-12895 ނަންބަރު ޢިމާރާތާ ގޯތީގެ ރަޖިސްޓްރީ އެއް ހައްދަ ދީފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާތުމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ ޕެރެގްރާފު 28 އަދި 29 އަށް ހަވާލާދީ، ޕެރެގްރާފު 28 ގައި ޖުމްލަ ގޮތެއްގަ ބަޔާންކޮށްފައިވަނީ ޤާނޫނަކުން ނުވަތަ ޝަރީޢަތުން ޤަބޫލުކުރާ އިސްތިސްނާ ހާލަތެއް ނެތްނަމަ ގޯތީގެ ރަޖިސްޓަރީއަކީ އެ ގޯތީގެ މިލްކުރެވިކަމާ އެ ގޯތީގެ މައްޗަށް މީސްމީހުންނަށް ލިބިގެންވާ ޙައްޤުތަކާ މަސްލަހަތަށް ސާބިތުކޮށްދޭ އެންމެ ފަހުގެ ބަސް ކަމަށް، ކަމަށެވެ. ޕެރެގްރާފު 29 ގައި ޖުމްލަ ގޮތެއްގަ ފާހަގަކޮށްފައިވަނީ ބިމުގެ މިލްކުވެރިޔާ ކަމަށް ނުވަތަ ޢިމާރާތުގެ މިލްކުވެރިޔާ ކަމަށް ގޯތީގެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތަކީ އެތަނެއްގެ މިލްކުވެރިޔާ ކަމަށް ޤާނޫނީ ގޮތުން ބެލުމަކީ ލާޒިމްކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ މައިގަނޑު ނުކުތާ
މި މައްސަލައިގައި ދެފަރާތުން ހުށަހެޅި ނުކުތާތަކަށާއި ޝަރީޢަތުގައި ދެއްކި ވާހަކަތަކަށާއި ސިވިލް ކޯޓާއި ހައިކޯޓުގެ ރިޕޯޓަށް ބަލާއިރު، ޤާނޫނީ ގޮތުން އަހުރެން އެއްޗެއް ބުނަންޖެހޭ މައިގަނޑު ކަންކަމަކީ؛
މި މައްސަލައިގައި ދެފަރާތުން ހަވާލާދޭ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އާއި ހައިކޯޓުގެ ޙުކުމުގައި ހަވާލާދޭ ޗެކްތަކާއި ފައިސާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމްއަށް ދެއްކުމުން ބެލުން ޝަރުޠު ކުރުމުގެ އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ބަލާފައިވާ ކަމަށް ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ އެއްގޮތަށް ތޯ؛
މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް އަށް ފޮނުވިކަމަށް ބުނާ، ޗެކްތަކާއި ފައިސާތައް ފޮނުވިކަން މަދަނީ ޚުޞޫމަތްތަކުގައި ސާބިތު ކޮށްދިނުމަށް އޮންނަ އުސޫލާއެއްގޮތަށް ސާބިތު ކޮށްދެވިފައިވޭތޯ ނުވަތަ ނޫން ތޯ؛
މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދޭ ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ގަވާއިދު އަކީ މި މައްސަލައިގައި ބަޔާންކުރާ އެއްބަސްވުމަށް ތަޠުބީޤު ކުރެވިދާނެ ޤަވާއިދެއްތޯ ނުވަތަ ނޫންތޯ؛
އަދި މި މައްސަލައިގައި ހަވާލާ ދޭ މުދަލަކީ ވަކި ފަރާތަކަށް ރަޖިސްޓްރީ ކުރެވިފައިވާ މުދަލަކަށްވާއިރު، އެމުދަލުގެ މިލްކުވެރިކަން އެހެންފަރާތަކަށް ފުރުޅިގެންދާގޮތަށް ކޯޓަށް ކަނޑައެޅިދާނެތޯ؛ އެވެ.
މި މައްސަލައިގައި ޙަވާލާދޭ ޗެކްތަކާއި ފައިސާތައް ފޮނުވިކަން މަދަނީ މިންގަނޑުން ސާބިތު ވޭތޯ ބެލުން
މި މައްސަލައިގައި ހަވާލާދޭ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އަކީ 23 އޯގަސްޓް 1992 ގެ ނިޔަލަށް މުސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމަށް ކޮށްފައިވާ ޚަރަދެއްކަމުގައި ބަލަންޖެހޭކަމަށް މި މައްސަލައިގައި އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ސަބަބަކީ، ބުނެވުނު 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އަކީ އެހާތަނަށް ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީގެ އަތުން ޚަރަދު ކުރެވިފައިވާ ފައިސާކަމަށް 23 އޯގަސްޓް 1992 ގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 3 ގެ ނަންބަރު 170/JC-3/92 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލްކޮށްފައިވަނިކޮށް، މޫސާ ފަތުޙީގެ ފަރާތުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުން، ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 170/JC-3/92 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައިވާތީ ކަމަށް ހައިކޯޓުގެ ނަންބަރު 2015/HC-A-02/04 ޤަޟިއްޔާގައި ބަޔާން ކޮށްފައިވެއެވެ.
މިގޮތުން ހައިކޯޓުގެ ނަންބަރު 2015/HC-A-02/04 ޤަޟިއްޔާގައި މި މައްސަލައިގައި ހަވާލާދޭ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އަކީ 23 އޯގަސްޓް 1992 ގެ ނިޔަލަށް މުސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމަށް ކޮށްފައިވާ ޚަރަދެއްކަމުގައި ބަލަންޖެހޭކަމަށް، ނިންމާފައިވާ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ އެއިރުގައި މައްސަލަތައް ބެލުމުގެ އިޖުރާއަތުތައް ހަމަޖެހިފައިވާ އުސޫލުން ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކުގައި އެންމެ ފަހުބަސް ބުނާފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކުންކަން އެނގެން އޮވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމަށް ބަދަލެއް އައިސްފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އަކީ 23 އޯގަސްޓް 1992 ގެ ނިޔަލަށް މުސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމަށް ކޮށްފައިވާ ޚަރަދެއްކަމުގައި ބަލަންޖެހޭކަމަށް، ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅަންޖެހޭ ފަދަ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކިފައެއް ނުވެއެވެ.
އަދި މި މައްސަލައިގައި ބެލުން ޝަރުޠު ކުރުމުގެ އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ބަލާފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަށް ރިޢާޔަތްކުރާއިރު، އެގޮތަށް ނިންމި ސަބަބެއްކަމަށް ހައިކޯޓުގެ ނަންބަރު 2015/HC-A-02/04 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މައިގަނޑު ސަބަބަކީ ޙާމިދު އިބްރާހީމް އެއިރު ދިރިއުޅެމުން ދިޔަ، ތ. ބުރުނީއަށް އެކިފަހަރުމަތިން ފައިސާ ފޮނުވާފައިވާކަން އެނގެން އޮތުމާއި ބެލުން ޝަރުޠުކޮށްދިނުމާއި ބެހޭ އެގްރީމެންޓާ މޫސާ ފަތުޙީ ޚިލާފްވެފައިވާ ކަމަށް ހުށަހެޅި ހުރިހާ ޤަޟިއްޔާތަކެއްގައިވެސް ކަނޑައަޅާފައި ނުވުމެވެ. އަދި ޙާމިދު އިބްރާހީމް ނިޔާވުމާ ހަމައަށްވެސް އެ ޤަޟިއްޔާތަކުގައި ޙުކުމް ކުރެވުނުއިރު އޮތް ޙާލަތަށް ބަދަލެއް އައިސްފައިވާކަން އެނގެން ނެތުމެވެ.
މިގޮތުން ހުށަހަޅާފައިވާ ޗެކުތަކުގައިވާ ވަޤާޢިއު (ފައިސާ) ޙާމިދު އިބްރާހީމަށް ލިބިފައިވާކަން ކަށަވަރުކުރުމެއް ނެތި އެއީ ޚަރަދުވެފައިވާ ފައިސާކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ޗެކުގައިވާ ފައިސާ ލިބުނުކަން ކަށަވަރު ނުވާނަމަ އެއީ ލިބިފައިވާ ފައިސާއެއްކަމުގައި ނުބެލެވޭނެކަމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށާއި، ދަޢުވާގެ މައުޟޫޢުގައި ހިމެނޭކަންކަން ސާބިތުކޮށްދިނުމުގެ ބުރައަކީ ދަޢުވާކުރާ ޚަޞްމުގެ ކިބައިގައި އޮތް ބުރައެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ. އިސްތިއުނާފު ކުރާ ފަރާތުގެ މި ބުނުމަށް ރިޢާޔަތް ކުރާއިރު، ހައިކޯޓުގެ ނަންބަރު 2015/HC-A-02/04 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (އ) ގައި:
"14 އެޕްރީލް 2002 ގައި ޙާމިދު އިބްރާހީމް މޫސާ ފަތުޙީއަށް ފޮނުވި ސިޓީގައި، 2001 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޫސާ ފަތުޙީގެ ފަރާތުން ދެމުންދާ 1000ރ. (އެއްހާސް ރުފިޔާ) ޤަބޫލް ކުރަމުންގެންދާކަމަށާއި، މި އަދަދުން ފަރުނުޖެއްސޭތީ ކެއިންބުއިމަށާއި، ބޭސް ފަރުވާއަށާއި، އަންނައުނަށާއި، އެހެނިހެން ޒަރޫރީ ބޭނުންތަކަށާއި، ކޮޓަރީގެ ކުލިއަށާއި، އެއްޗެހި ދޮވެދީ، ކާންބޯންދީ ހަދާ މީހާގެ މުސާރައާއެކު 5500ރ. (ފަސްހާސް ފަސްސަތޭކަ ރުފިޔާ) އެ ދުވަހުގެ ފަހުން ފޮނުވަންވާނެކަމަށާއި، މޫސާ ފަތުޙީގެ ބެލުމުގެ ދަށުގައި ހުރެގެން ބެލެން ބޭނުންނޫންކަމަށް ބުނެފައިވާއިރު، އެ އަހަރުގެ 12 މަސް ދުވަހަށް12,000/-ރ. (ބާރަހާސް ރުފިޔާ) ދީފައިވާކަން ބުނެވުނު އެ ސިޓީއަށް ބެލުމުން އެނގެންއޮންނަ.."
ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ؛
"ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަ"
ކަމަށެވެ. އަދި؛
"މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންގެ ދައުރަކީ އީޖާބީ ދައުރެއްކަމާއި، މިގޮތުން ޘާބިތުކުރުމުގެ ޙައްޤު އަބަދަށްވެސް ޚަޞްމުންނަށް ލިބިގެންވާކަމާއި، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށްދޭން ވާނެކަމާއި، އަދި ހަމަ އެމޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިދިކޮޅު ޘާބިތުކުރުމުގެ ޙައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި، ބުނެވިދިޔަފަދަ ޙައްޤަކުން ޚަޞްމަކު މަޙްރޫމްކުރުމަކީ ސުޕްރީމް ކޯޓުގައި މައްސަލަ ނަޤްޟު ކުރެވިދާނެ ޤާނޫނީ ސަބަބެއްކަމާއި، އެހެންނަމަވެސް ދަޢުވާގެ ޚަޞްމުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތުދެވި، ޝަރީޢަތުގެ މަޖިލީހަށް އެ ހުށަހެޅުމަށްފަހު، އެ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރު ކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެތެރޭގައި ހިމެނޭ ސުޕްރީމް ކޯޓުގެ ރަޤާބާއިން ބޭރުގައިވާ ކަމެއްކަން ދުނިޔޭގެ ތަފާތު ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ޘާބިތުކުރުމުގެ އުޞޫލުތަކަށާއި މަދަނީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގޭ"
ކަމަށެވެ. ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ރިޢާޔަތްކުރާއިރު، ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ހުށަހަޅާފައިވާ ޗެކުތަކުގައިވާ ވަޤާޢިއު (ފައިސާ) ޙާމިދު އިބްރާހީމަށް ލިބިފައިވާކަން ކަށަވަރުކުރުމެއް ނެތިކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކޮށްދިނުމަށް، އެއްވެސް ލިޔުމެއް ހުށަހަޅާފައިވާކަން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަށްނެތެވެ. މިގޮތުން އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައިވެސް ކިތާބީ ދަލީލުތަކުގެ ތެރެއިން އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު (Facts) ތަކަކީ އޭގެ އިދިކޮޅު ސާބިތު ނުކޮށްދެވޭހާއި ހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތްކަން އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވެއެވެ.
މޫސާ ފަތުޙީގެ ފަރާތުން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ބުނެފައިވަނީ، މޫސާ ފަތުޙީ، ޙާމިދު އިބްރާހީމްއަށް ފައިސާ ފޮނުވި ކަމަށެވެ. މިކަން ސިވިލް ކޯޓަށް ހުށަހެޅި ދެ ހެކިންގެ ހެކިބަހުން އެނގެން އޮވެއެވެ. އަދި ބުނެވުނު ދެ ހެކިބަހުގެ އިތުރުން، މީގެ ކުރިން ހަމަ މި މައްސަލައިގައި ނިންމާފައިވާ ޤަޟިއްޔާތަކާއި، ފައިސާ ފޮނުވައި އެ ފައިސާ ރައްދުވެފައިވާކަން އެނގޭނެ ލިޔުންތައް މި މައްސަލައާ ގުޅޭ، ދަށުކޯޓު އަދި ހައިކޯޓު މަރުޙަލާގައި މޫސާ ފަތުޙީގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
އެހެންކަމުން، މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމްއަށް ފޮނުވި ފައިސާ އޭނާއަށް ލިބިފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާން އޮންނާތީ، މި މައްސަލައިގައި ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ހުށަހަޅާފައިވާ ޗެކުތަކުގައިވާ ވަޤާޢިއު (ފައިސާ) ޙާމިދު އިބްރާހީމަށް ލިބިފައިވާކަން ކަށަވަރުކުރުމެއް ނެތިކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުން ރަނގަޅު ކަމަކަށް އަހުރެން ނުދެކެމެވެ.
މި މައްސަލައިގައި އިސްތިއުނާފު ކުރާފަރާތުން ޙަވާލާދޭ ބެލުން ޝަރުޠު ކުރުމާބެހޭ ޤަވާޢިދު މި މައްސަލައަށް ތަޠުބީޤު ކުރެވިދާނެތޯ ބެލުން
މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ބެލުން ޝަރުޠުކޮށް ދިނުމާބެހޭ އެއްބަސްވުމާ އެއްގޮތަށް ޙާމިދު އިބްރާހީމް ބަލާފައި ނުވާކަމަށްބުނެ، އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ފޯމުގައި ހަވާލާދީފައިވަނީ ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ގަވާއިދު އަށެވެ. މި ޤަވާޢިދަކީ 1979 ވަނަ އަހަރު ހެދިފައިވާ ބެލުން ޝަރުޠުކޮށް ދިނުމާބެހޭ އެއްބަސްވުމުގެ ފަހުން 22 ފެބްރުއަރީ 1994 ގައި ހެދިފައިވާ ޤަވާއިދެއްކަން އެ ޤަވާއިދަށް ބެލުމުން އެނގެން އޮވެއެވެ. މިކަން ފާހަގަކޮށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި އިސްތިއުނާފު ކުރާ ފަރާތާ ކުރެވުނު ސުވާލާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ ބެލުން ޝަރުޠުކޮށް ދިނުމާބެހޭ އެއްބަސްވުން ހެދިފައިވަނީ 18 އެޕްރީލް 1979 ގައި އެއްބަސްވުން ހެދުނު އިރު، ޢަމަލުކުރެވެމުން އައި ބެލުން ޝަރުތުކުރުމުގެ ޤަވާޢިދާ އެއްގޮތަށް ކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ފަދައިން، 1979 ވަނަ އަހަރު ޢަމަލު ކުރަމުންދިޔަ ބެލުން ޝަރުތުކުރުމުގެ ޤަވާޢިދު ގެ ކޮޕީއެއް ހުށަހެޅުމުގެ ފުރުސަތު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން އިސްތިއުނާފު ކުރާ ފަރާތަށް ދިނުމުން އަލުން ކޯޓަށް ހުށަހަޅާފައިވަނީވެސް، އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ބެލުން ޝަރުޠުކޮށް ދޭ ދިނުމުގެ ގަވާއިދު (22 ފެބްރުއަރީ 1994) އެވެ.
މިގޮތުން، ސުޕްރީމް ކޯޓުގެ އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ކޮންމެ ޤާނޫނެއްވެސް އުޞޫލެއްގެ ގޮތުން، ތަޠްބީޤުކުރެވޭނީ އެ ޤާނޫނަކަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ފަހުން ހިނގާ ވަޤާއިޢުތަކުގެ މައްޗަށް، ނުވަތަ ކުރެވޭ މުޢާމަލާތު ތަކުގެ މައްޗަށްކަމަށެވެ. މީގެ މަފްހޫމަކީ ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާޟީގައި ހިނގައިދިޔަ ވާޤިޢާއެއްގެ މައްޗަށް ނުވަތަ ކުރެވުނު މުޢާމަލާތެއްގެ މައްޗަށް އެ ޤާނޫނު "ރަޖްޢީ" (retrospective) ކޮށް ތަޠްބީޤު ނުކުރެވުން ކަމާއި، މި ޤާނޫނީ ޢާންމު މަބްދައަކީ އުޞޫލެއްގެ ގޮތުން، ހުރިހައި ބާވަތެއްގެ ޤާނޫނީ ޤާޢިދާތަކުގެ މައްޗަށް ހިނގާ މަބްދައެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި ޖިނާއީ ނޫން އެހެން ޤާނޫނެއްގައި، އެ ޤާނޫނު "ރަޖްޢީކޮށް" މާޟީގައި ހިނގާފައިވާ ކަންތަކުގެ މައްޗަށް ތަޠްބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާނަމަ، އެ ޤާނޫނަކީވެސް ޢާންމު އުޞޫލެއްގެ ގޮތުގައި "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރެވޭނެ ޤާނޫނެއްކަން ތަފާތު ޖުރިސްޑިކްޝަންސް ތަކުގައި އިސްތިޤްރާރުވެފައިވާ "ރަޖްޢީ" ކޮށް ޤާނޫނު ތަޠްބީޤު ނުކުރުމުގެ މަބްދައު (principle of non-retroactivity of the law) ގެ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު ޤަޟިއްޔާގައި ބަޔާންކުރެވިފައިވާ އިސްވެ ބުނެވުނު ޤާނޫނީ އުސޫލު ސުޕްރީމް ކޯޓުގެ ޒުލައިޚާ ޙަފީޡާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާ އާއި ސުޕްރީމް ކޯޓުގެ އާދަމް ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ނަގަހައްޓަފައިވާކަން އެނގެން އޮވެއެވެ.
އެހެންކަމުން، ބެލުން ޝަރުޠުކޮށް ދިނުމާބެހޭ އެއްބަސްވުމާ އެއްގޮތަށް ޙާމިދު އިބްރާހީމް ބަލާފައި ނުވާކަމަށްބުނެ، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާކަންކަން ބެލުން ޝަރުޠުކޮށްދޭ ދިނުމުގެ ގަވާއިދު ގެ މައްޗަށް "ރަޖްޢީ" (retrospective) ކޮށް، ތަޠުބީޤުކޮށް އެ ޤަވާޢިދުގެ މަންފާ އިސްތިއުނާފު ކުރާ ފަރާތަށް ލިބި ދެވޭނެ ކަމަކަށް އަހުރެން ނުދެކެމެވެ.
ރަޖިސްޓްރީ ކުރެވިފައިވާ މުދަލެއް އެހެންފަރާތަކަށް ފުރޮޅިގެންދާގޮތަށް ކޯޓަށް ކަނޑައެޅިދާނެތޯ ބެލުން
ޙާމިދު އިބްރާހީމްއާއި މޫސާ ފަތުޙީއާ ދެމެދު އިތުރު އެއްބަސްވުމެއް ވެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގައި 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމްއަށް ލިބުމުން ދެފަރާތުގެ ދެމެދުގަ ކުރިން ވެވުނު އެއްބަސްވުމުގެ ދަށުން މޫސާ ފަތުޙީ އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ނިމުނީ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި މިގޮތަށް ފައިސާ ދިނުމާ ގުޅިގެން އޭރުގެ ލޭންޑް ރަޖިސްޓްރޭޝަން ޑިޕާޓްމަންޓުންވަނީ މި މައްސަލައިގައި ހިމެނޭ ގޯއްޗަށް މޫސާ ފަތުޙީގެ ނަމުގައި ރަޖިސްޓަރީއެއް ހަދައިދީފައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މޫސާ ފަތުޙީގެ ފަރާތުން ބުނެފައިވެއެވެ. މި ބުނުމަށް ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން އިންކާރުކޮށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި އޭގެ އިދިކޮޅު ސާބިތު ކޮށްދިނުމުގެ ގޮތުން އެއްވެސް ލިޔުމެއް ވިޔަސް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ.
މިގޮތުން، ސުޕްރީމް ކޯޓުގެ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް އެކަން ކަށަވަރުކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ރަޖިސްޓްރީއަކީ އެ މުދަލުގެ މިލްކުވެރިކަން، އެ މުދަލެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މީހަކަށް އޮތްކަން ކަށަވަރުކަމާއި ޔަޤީންކަމާއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއް ކަމަށެވެ. އަދި ޤާނޫނީގޮތުން ރަޖިސްޓްރީކުރުން ލާޒިމުވާފަދަ މުދަލެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަސްމީގޮތުން ރަޖިސްޓްރީ ކުރެވިއްޖެނަމަ އެކަން ކަށަވަރުކޮށްދޭ ރަސްމީ ރަޖިސްޓްރީއަކީ، އެއްވެސް ޝައްކެއް ނެތި އެ މުދާ އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކީ އެ މުދަލުގެ މިލްކުވެރި ފަރާތްކަން އެނގޭ ޔަޤީނީ ދަލީލެއް ކަމަށެވެ. އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު މިލްކެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީކޮށް އެ އިދާރާއިން އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދޫކުރާ ރަސްމީ ރަޖިސްޓްރީގެ ލިޔުމަކީ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އެ އަށްލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައިހިމެނޭ ވަސީލަތެއް ކަމަށެވެ. އަދި އެފަދަ ލިޔުމަކީ ޙަޤީޤަތާ ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެންނުދާނެ ލިޔުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފާތުމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ގެ ރައުޔުގައި ބަޔާންކުރައްވާފައި ވާފަދައިން، ބިމުގެ މިލްކުވެރިޔާ ކަމަށް ނުވަތަ ޢިމާރާތުގެ މިލްކުވެރިޔާ ކަމަށް ގޯތީގެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތަކީ އެ ތަނެއްގެ މިލްކުވެރިޔާ ކަމަށް ޤާނޫނީ ގޮތުން ބެލުމަކީ ލާޒިމުކަމެކެވެ. އަދި ގޯތީގެ އިމާބެހޭ ގޮތުންނާއި ގޯތީގެ ރަޖިސްޓަރީގައި އެ ގޯއްޗާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިގެންވާ މަސްލަހަތެއް ރަޖިސްޓަރީ ކުރެވިފައިވާނަމަ، އެ މަސްލަހަތެއް އޮތް ފަރާތް ސާބިތުކުރުމުގެ މުޠުލަޤު ކިތާބީ ހެއްކަކީ ނުވަތަ ފަހު ބަހަކީ ގޯތީގެ ރަޖިސްޓަރީގައި ބަޔާން ކުރެވިފައިވާ ގޮތްކަމަށް ޤާނޫނީ ގޮތުން ބަލަންޖެހެއެވެ. އަދި ބިމުގެ ރަޖިސްޓަރީއަކީ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ފަހުބަހެވެ. ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތުގެ މިލްކުވެރިކަން ނުވަތަ މަސްލަހަތު ނަފީކުރެވޭނީ ވަރަށް ނާދިރު އަދި ވަރަށް އިސްތިސްނާ ހާލަތެއްގައެވެ.
މި މައްސަލައިގައި ޙަވާލާދޭ ބެލުން ޝަރުތުކޮށް ދިނުމާ ބެހޭ އެއްބަސްވުމުގެ 01 ވަނަ މާއްދާގެ ދަށުން ބެލުން ޝަރުތުކޮށް ދެވިފައިވަނީ މ. ރާޅުފުނި އެވެ ކިޔާ ބަނޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން ކަމަށް އެއްބަސްވުމުގައި ބުނެއެވެ. މިގޮތުން ދެފަރާތުގެ ދެމެދު ބުނެވުނު އެއްބަސްވުން ވެފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ވުޖޫދުވުމުގެ މާކުރިން 18 އެޕްރީލް 1979 ގައިކަން އެ އެއްބަސްވުމަށް ބެލުމުން އެނގެއެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ވުޖޫދު ވުމަށްފަހު، ބެލުން ޝަރުޠުކޮށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ނުވަތަ އެފަދަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތަކުން ބައެއްވިޔަސް އެއްވެސް ފަރާތަކަށް ނުދެވޭނެކަމަށް އެ ޤާނޫނުގައި ބުނެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި އެ ޤާނޫނު އައުމުގެ ކުރިން ބެލުން ޝަރުތުކުރުމާ ބެހޭ ގޮތުން ރަޖިސްޓްރީ ކޮށްފައިވާ އެގްރީމަންޓްތަކަށް ޢަމަލުކުރުމަށް ހުރަހެއް ނެތްކަމަށް ބުނެފައިވެއެވެ. މިގޮތުން އެ މާއްދާގައި ވަނީ؛
(ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ބެލުން ޝަރްޠުކުރުމާ ބެހޭގޮތުން ރަޖިސްޓްރީ ކޮށްފައިވާ އެގްރީމަންޓްތަކަށް ޢަމަލުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި މިޤާނޫނަށް ޢަމަލު ކުރަން ފަށާއިރު، ރަޖިސްޓްރީ ކޮށްފައިވާ، ބެލުން ޝަރްޠުކޮށް ގޯތިދިނުމާބެހޭ އެގްރީމެންޓެއްގެ ދަށުން، ބެލުން ޝަރްޠުކޮށް ގޯއްޗެއް ލިބޭ މީހަކަށް، އެގޯއްޗެއް ރަޖިސްޓްރީ ކޮށްދެވޭނެއެވެ." މިފަދައިންނެވެ.
ކުރިންވެސް އިޝާރާތްކުރެވުނު ފަދައިން، ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތުގެ މިލްކުވެރިކަން ނުވަތަ މަސްލަހަތު ނަފީކުރެވޭނީ ވަރަށް ނާދިރު އަދި ވަރަށް އިސްތިސްނާ ޙާލަތެއްގައެވެ. އަދި ރަސްމީ ރަޖިސްޓަރީގެ ލިޔުމަކީ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެއް ކަމަށްވާތީ، އެފަދަ ލިޔުމަކީ ހަގީގަތާ ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ހުއްޖިއްޔަތު ވެއްޓިގެން ނުދާނެއެވެ. މި މައްސަލައިގައި މޫސާ ފަތުޙީގެ ފަރާތުން މ. ރާޅުފުނި އެވެ ކިޔާ ގޯތި މޫސާ ފަތުޙީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އޭނާ ބުނާ ބުނުމާމެދު އިސްތިއުނާފު ކުރާ ފަރާތުން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި އިންކާރުނުކޮށް، އެކަން ނަފީވާފަދަ އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ވިޔަސް ހުށަހެޅުމެއް ނެތި، ބެލުން ޝަރުތުކޮށް ދިނުމާ ބެހޭ އެއްބަސްވުމާ އެއްގޮތަށް ޙާމިދު އިބްރާހީމް ބަލާފައި ނުވާކަމަށް، އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ރިޢާޔަތްކޮށް އެ އެއްބަސްވުމުގައި ހަވާލާދޭ މުދަލުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ލިބިގެންވާކަމަށް ކަނޑައެޅުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އަހުރެން ނުދެކެމެވެ.
މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 5285 ޙަސަން ތައުފީޤު ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން އެދިފައިވީނަމަވެސް، ތަދައްޚުލްވުމުގެ ހުއްދަ ދެވިފައި ނުވަނީ، ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާގައި ޙަސަން ތައުފީޤު ހުށަހަޅާފައިވާ މައްސަލައަކީ ސިވިލް ކޯޓުގެ އެ ޤަޟިއްޔާގެ ތެރެއިން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅާފައިވާތީ، ސިވިލް ކޯޓުގެ އެ ނިންމުން ރަނގަޅުކަމަށް ބުރަވެވޭތީއެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާގެ ޙުކުމް ބާތިލުކޮށްފައިވަނީ ޤާނޫނާއި ކޯޓުތަކުން ޝަރީޢަތް ކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
ބެލުން ޝަރުތުކޮށް ދޭ ދިނުމުގެ ޤަވާއިދު
މި މައްސަލައަށް ތަޠުބީޤުކުރުމާމެދު ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، މި މައްސަލައިގައި އަހުރެންގެ ރައުޔު، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާނުގެ ރައުޔާއި ތަފާތުވެއެވެ.
މި މައްސަލައަކީ ބެލުން ޝަރުތުކޮށް ދިނުމާބެހޭ މައްސަލައެކެވެ. އަދި މިގޮތުން މައްސަލައިގެ މައިގަނޑު ހުސޫމާތަކީ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މޫސާ ފަޠުޙީ އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިވާކަމާމެދު އުފެދިފައިވާ ހުސޫމާތެކެވެ.
މައްސަލައާގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބެލުން ޝަރުތުކުރުމުގެ އެއްބަސްވުމެއްގެ ދަށުން، 18 އެޕްރީލް 1979 ގައި، ޙާމިދު އިބްރާހީމުގެ ނަމުގައި އޮތް މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ މިލްކު ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޙާމިދު އިބްރާހީމުގެ ފަރާތުން މޫސާ ފަޠުޙީއަށް ދިނުމަށް އެއްބަސްވެފައިވާކަން (މީގެ ފަހުން "ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުން") އެނގެން އޮވެއެވެ. އަދި މި އެއްބަސްވުމަށް އެއްވެސް އުނިއިތުރެއް ގެނެސްފައިވާކަން އެނގެން ނެތެވެ.
ބެލުން
ޝަރުތުކޮށް ދޭ ދިނުމުގެ ޤަވާއިދުބުނެވުނު ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުން ވީއިރު، ދިވެހިރާއްޖޭގައި ބެލުން ޝަރުތުކޮށް ދިނުމުގެ މައުޟޫއުގައި އަމަލުކުރަމުންދިޔަ ޤާނޫނެއް ނުވަތަ ޤަވާއިދެއް ފެންނާން ނެތެވެ. ބެލުން ޝަރުތުކޮށް ދިނުމާގުޅޭ އެންމެ ކުރީގެ ޤަވާއިދެއްގެ ގޮތުގައި ފެންނާން އޮތީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 94/1 ސަރކިއުލަރ އިން 22 ފެބްރުއަރީ 1994 ގައި އާންމުކޮށްފައިވާ "ބެލުން ޝަރުތުކޮށް ދޭ ދިނުމުގެ ޤަވާއިދު" އެވެ.
ޙާމިދު އިބްރާހީމް އާއި މޫސާ ފަޠުޙީގެ ފަރާތުން ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުން ވީއިރު، ބެލުން ޝަރުތުކޮށް ދޭ ދިނުމުގެ ޤަވާއިދު ވުޖޫދުގައި ނުވާތީ، އެއްބަސްވުން ވެފައިވަނީ އެ ޤަވާއިދުގެ ދަށުން ކަމުގައި ބެލެވޭނެ ޖާގައެއް ނެތެވެ. އެހެންނަމަވެސް، އެ ގަވާއިދު ވުޖޫދުވުމަށްފަހު، ބެލުން ޝަރުތުކޮށް ދިނުމުގެ ކަންކަން ތަރުތީބުވެގެން ގޮސްފައިވަނީ އެ ގަވާއިދުގެ ދަށުންނެވެ. މީގެ އިތުރުން، އެ ގަވާއިދު ވުޖޫދުވުމުގެ ކުރިން ދޭދޭ ފަރުދުންގެ ދެމެދުގައި ވެފައިވާ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުންތައް ތަންފީޛު ކުރުމުގައި އެ ގަވާއިދުގައި ފަހުން ބަޔާންކުރި އިޖުރާއަތަކަށް ރިޢާޔަތް ކުރެވިފައި ހުރިކަން ފާހަގަވެއެވެ. އެހެންކަމުން ގަވާއިދުގައި ހިމެނިފައި ހުރީ އަމަލުކުރަމުން އައިސްފައިވާ ގޮތް ކަމުގައި ބެލުމުގެ އިޙްތިމާލު އެބައޮތެވެ.
23 ނޮވެމްބަރ 2007 ގައި ޙާމިދު އިބްރާހީމް ނިޔާވުމުން، ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމާއި ހަވާލާދީ، މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދި މޫސާ ފަތުޙީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ބެލުން ޝަރުތުކޮށް ދިނުމާގުޅޭ އެއްބަސްވުން ތަންފީޛު ކުރުމަށްޓަކައިކަމަށް ބެލެވެއެވެ.
ބެލުންމި މައްސަލައިގައި މިއޮތް ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމަށް ބަލާއިރު، ޙާމިދު އިބްރާހީމް ބެލުން ޝަރުތުކޮށް ދީފައިވަނީ ޙާމިދު އިބްރާހީމުގެ ނަމުގައި އޮތް މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ މިލްކު ޢިމާރާތްތަކާއި ވަޅުފަދަ ތަންތަންކަމާއި، އެ އެގްރީމަންޓްގައި "ބެލުމަކީ ކާންދިނުން، އަންނައުނު ދިނުން، ބަލިވީމާ ބެލުން، މަރުވީމާ ވަޅުލުން" ކަމުގައި ބަޔާންކޮށްފައި އޮވެއެވެ.
އެހެންކަމުން، އެއްބަސްވެފައިވާ ފަދައިން ޙާމިދު އިބްރާހީމް ބެލުމުގެ ކަންކަން މޫސާ ފަޠުޙީ ކުރިކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ. އެހެންނަމަވެސް، އެއިގެ ކުރިން، ޙާމިދު އިބްރާހީމާއި މޫސާ ފަޠުޙީއާމެދު ވެފައިވާ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމަށް ހަވާލާދީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ބަލާފައިވާ މައްސަލަތަކަށް އަލިއަޅުވާލުން މުހިންމު ކަމުގައި ދެކެމެވެ.
އެއްބަސްވުމާ ހަވާލާދީ ހިންގާފައިވާ މައްސަލަތައް
ޙާމިދު އިބްރާހީމާއި މޫސާ ފަޠުޙީއާދެމެދު ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުން ވުމަށް ފަހު، އެ އެއްބަސްވުމާގުޅޭ މައްސަލަތަކެއް ޖެހިފައިވެއެވެ. އެގޮތުން ހިންގާފައިވާ ޤަޟިއްޔާތަކާއި އެއިގެ ނަތީޖާ އުއްތަމަ ފަނޑިޔާރުގެ ރައުޔުގެ 3 ވަނަ ޕެރެގްރާފުން 13 ވަނަ ޕެރެގްރާފަށް ހިމަނުއްވާފައިވެއެވެ.
ބުނެވުނު ޤަޟިއްޔާތަކުގެ ތެރޭގައި ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމާއި މޫސާ ފަތުޙީ ޚިލާފުވެފައިވާ ކަމަށްބުނެ ޙާމިދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލަތަކެއް ހިމެނެއެވެ. އެއީ:
މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 8 ގެ ނަންބަރު 459/J.C.8/81 ޤަޟިއްޔާ އާއި؛
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 179/JC-3/91 ޤަޟިއްޔާ އާއި؛
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 170/JC-3/92 ޤަޟިއްޔާ އާއި؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 92/HC-A/92 ޤަޟިއްޔާ އާއި؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 92/HC-A/92 ޤަޟިއްޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިލްތިމާސް ކުރުމުން ބެލުނު މައްސަލަ އާއި؛
މަދަނީ ކޯޓުގެ ނަންބަރު 997/MC/98 ޤަޟިއްޔާ އާއި؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2000/HC-A/1 ޤަޟިއްޔާ އާއި؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2000/HC-A/1 ޤަޟިއްޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިލްތިމާސް ކުރުމުން ބެލުނު މައްސަލަ އާއި؛
މަދަނީ ކޯޓުގެ ނަންބަރު 466/MC/2004 ޤަޟިއްޔާ އެވެ.
ބުނެވުނު ޤަޟިއްޔާތަކުގެ އިތުރުން، މި ޤަޟިއްޔާގައި ހަވާލާދީފައިވާ ބެލުން ޝަރުތުކޮށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން އަންނަނިވި ޤަޟިއްޔާތައްވެސް ހިންގާފައިވެއެވެ.
މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަންބަރު 1638/JC-2/95 ޤަޟިއްޔާ އާއި؛
މަދަނީ ކޯޓުގެ ނަންބަރު 2248/MC/2001ޤަޟިއްޔާ އެވެ.
އިސްވެ ބަޔާންކުރި ޤަޟިއްޔާތަކަށް ބެލުމުން، މި ބެލުން ޝަރީޢަތްކުރުމުގެ އެއްބަސްވުމާއި ގުޅިގެން ހިންގާފައިވާ 11 (އެގާރަ) ޤަޟިއްޔާގެ ތެރެއިން 2 (ދޭއް) ޤަޟިއްޔާ ފިޔަވާ އެހެން ހުރިހާ ޤަޟިއްޔާއަކީ ޙާމިދު އިބްރާހީމް ނުބަލައިގެން، ނުވަތަ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމާއި މޫސާ ފަތުޙީ ޚިލާފުވެފައިވާ ކަމަށްބުނެ ޙާމިދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލަތަކެވެ.
އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައިވާކަން ނުވަތަ ނޫންކަން
ޙާމިދު އިބްރާހީމްއާ މޫސާ ފަތުޙީ އާދެމެދު ވެފައިވާ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގައި "ބެލުމަކީ ކާންދިނުން، އަންނައުނު ދިނުން، ބަލިވީމާ ބެލުން، މަރުވީމާ ވަޅުލުން" ކަން އެނގެން އޮވެފައި، ޙާމިދު އިބްރާހީމް ނުބަލާކަމަށް ބުނެ، އެކި އަހަރުތަކުގައި މޫސާ ފަތުޙީ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވުމުން، އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. އާންމު ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާނަމަ، އެއްބަސްވުމުގައިވާ ފަދައިން މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބަލަމުންދިޔަނަމަ، މިއީ އުފުލާނެ ދަޢުވާތަކެއްގެ ގޮތުގައި ދެކެން ދައްޗެވެ.
މިގޮތުން ޙާމިދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ކަން ހިނގާފައިވާ ގޮތަށް ބެލުމުން، އެކި މަރުޙަލާތަކުގައި އެކި ސަބަބުތަކާހުރެ ޙާމިދު އިބްރާހީމްއަށް ކާމިޔާބުވެފައި ނުވިނަމަވެސް، އެ ޤަޟިއްޔާތަކުން ފެންނަން ހުރި ކަންކަމުގެ ތެރެއިން މައިގަނޑު ދެ ކަމެއް ފާހަގަވެއެވެ.
(ހ) ހަސަން ތައުފީޤުގެ ފަރާތުން މޫސާ ފަތުޙީ ބަލާފައިވުން
މަދަނީ ކޯޓުގެ ނަންބަރު 2248/MC/2001ޤަޟިއްޔާއަށް ބެލުމުން، އެއީ 07 ޖެނުއަރީ 1982 އިން ފެށިގެން 30 ޑިސެމްބަރ 2000 ގެ ނިޔަލަށް ހިނގި މުއްދަތުގެ ތެރޭގައި، މއ. ޗާންދަނީފްލާވަރ، ޙަސަން ތައުފީޤުގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމަށް (ކާންބޯން ދިނުމާއި، އަންނައުނު ދިނުމާއި، ބަލިވީމާ ބެލުމާއި، އަދި މިނޫނަސް އެހެނިހެން ޒަރޫރީ ކަންތައްތަކަށް) ޙަސަން ތައުފީޤުގެ ފަރާތުން ކޮށްފައިވާ ޚަރަދު ޙާމިދު އިބްރާހީމްގެ އަތުން ހޯދުމަށްއެދި ހުށަހަޅާފައިވާ ދަޢުވާއެކެވެ.
ޙަސަން ތައުފީޤުގެ ފަރާތުން މިދަޢުވާކޮށްފައިވަނީ ޙާމިދު އިބްރާހީމްގެ ފަރާތުން މޫސާ ފަތުޙީގެ ކިބައިން 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ ނަގާފައިވާތީ، ޙާމިދު އިބްރާހީމް ބެލެން ނެތް ކަމަށް މޫސާ ފަތުޙީ ބުނުމާ ގުޅިގެން، ޙާމިދު އިބްރާހީމްގެ އެދުމުގެ މަތިން، ޖެނުއަރީ 1982 އިން ފެށިގެން ޙާމިދު އިބްރާހީމްގެ ކެއުންބުއިމާއި، އޭނާއަށް އަންނައުނު ދިނުމާއި، ބަލިވީމާ ބޭސް ފަރުވާ ކަންތައް ކޮށްދިނުމުގެ އިތުރަށް، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޚަރަދަކާއި ހުންނާނޭ ތަނެއް ހަމަޖެއްސުމުގެ ކަންކަން ކޮށްފައިވަނީ ޙަސަން ތައުފީޤު ކަމުގައިވީ ނަމަވެސް، ޤާނޫނީގޮތުން ޙާމިދު އިބްރާހީމް ބެލުން ޝަރުތުކޮށް ހަވާލުވެފައި ހުރީ މޫސާ ފަތުޙީއާކަމަށް ވުމުންނެވެ.
ޙަސަން ތައުފީޤުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޞައްޙަ ދަޢުވާއެއްކަމަށް ޙާމިދު އިބްރާހީމް އިޢުތިރާފުވުމުން، މަދަނީ ކޯޓުގެ ނަންބަރު 2248/MC/2001ޤަޟިއްޔާގެ ޙުކުމްކޮށްފައިވަނީ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ޙާމިދު އިބްރާހީމްގެ ފަރާތުން ޙަސަން ތައުފީޤުއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ދަރަނި ސާބިތުވުމަކުން މޫސާ ފަތުޙީއާއި ޙާމިދު އިބްރާހީމްއާ ދެމެދު ބެލުން ޝަރުޠުކޮށް ކުރެވުނު އެގްރީމަންޓަށް ބަދަލެއް ނާންނާނެކަމަށް ކަނޑައަޅައެވެ.
ބުނެވުނު ޤަޟިއްޔާއަށް ބެލުމުން، ޙާމިދު އިބްރާހީމްއާ މޫސާ ފަތުޙީ އާދެމެދު ވެފައިވާ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މޫސާ ފަތުޙީއަށް ކާންދީ، އަންނައުނުދީ، ބަލިވީމާ ބަލައި، އަދި މަރުވީމާ ވަޅުލުމުގެ ޒިންމާއަކީ ޙާމިދު އިބްރާހީމް އުފުލަންޖެހޭ އިލްތިޒާމުތަކެއް ނަމަވެސް، 1982 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2000 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހިނގި ގާތްގަނޑަކަށް 19 (ނަވާރަ) އަހަރުގެ މުއްދަތުގައި ޙާމިދު އިބްރާހީމްގެ ފަރާތުން އެއްބަސްވުމުގައިވާ ފަދައިން އެކަންކަން ކޮށްފައިނުވާކަން ހާމަވެގެން ދެއެވެ.
(ށ)21,000/-ރ. ދީފައިވުން
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 179/JC-3/91 ޤަޟިއްޔާއަކީ ޙާމިދު އިބްރާހީމް ނުބަލާތީ ބެލުން ޝަރުޠުކުރިކަމުގެ އެއްބަސްވުން ބާޠިލްކޮށް، ބެލުން ޝަރުޠުކޮށް ދިން މުދާ އަތުލުމަށް ޙާމިދު އިބްރާހީމް މޫސާ ފަތުޙީގެ މައްޗަށް ކުރި ދަޢުވާއެކެވެ. އެ ޤަޟިއްޔާގައި، ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާގޮތަށް މޫސާ ފަތުޙީ އެހީވެފައި ނުވަނީ މޫސާ ފަތުޙީގެ އަތުން ޙާމިދު އިބްރާހީމް 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ ނަގައި ލިޔުމެއް ދީފައިވާތީ، އެކަން އެގޮތަށް ހަމަޖެހިފައި އޮވެދާނެކަމަށް ދެފަރާތަށް އަރާފައިވާ އޮޅުމެއްގެ ސަބަބުންކަމަށް ފެންނާތީ، ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ގޮތުން ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީ އަޅާނުލައި ދޫކޮށްލާފައި ހުންނަނީ ކަމަށް ބެލެވެން ނެތްކަމަށް، އަދި އެހެންކަމުން ޝަރީޢަތުގެ ފަރާތުން އެގްރީމަންޓް ބާޠިލު ކުރެވެން ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
މި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން، މޫސާ ފަތުޙީގެ ކިބައިން ޙާމިދު އިބްރާހީމް 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ ނަގާފައިވުމުން، މޫސާ ފަތުޙީ ބެލުމަށް ކުރި ޝަރުތު ފުރިހަމަވީ ކަމުގައި ބަލައި، ޙާމިދު އިބްރާހީމްގެ ފަރާތުން މޫސާ ފަތުޙީއާމެދު އަޅާލުމެއް ބަހައްޓާފައި ނުވާކަން ހާމަވެއެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 170/JC-3/92 ޤަޟިއްޔާގައި، މޫސާ ފަތުޙީގެ އަތުން ޙާމިދު އިބްރާހީމް ނަގާފައިވާ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އަކީ ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީގެ އަތުން ޚަރަދުކުރެވިފައިވާ ފައިސާއެއްކަމަށް ބަލާކަމުގައި ކަނޑައަޅާފައިވާ ނަމަވެސް، މި އިސްތިއުނާފަށް ރައްދު ދިނުމުގައި، އެ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާ އަކީ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މޫސާ ފަތުޙީ އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް ނިމޭގޮތަށް ކުރެވުނު ވިޔަފާރި ޢަޤުދެއް ކަމަށް މޫސާ ފަތުޙީގެ ފަރާތުން ސިފަކޮށްފައިވާކަން ފާހަގަވެއެވެ. އަދި މިގޮތުން، އެ ވިޔަފާރީގެ ޢަޤުދުގެ މުޤާބިލުގައި ފުރަތަމަ ދެފަރާތުން އެއްބަސްވީ ކުރަންޖެހޭ ކަމަކީ ކާންދިނުމާއި އަންނައުނު ދިނުމާއި، ބަލިވީމައި ބެލުމާއި މަރުވީމައި ވަޅުލުން ކަމުގައިވާނަމަވެސް، ފަހުން (އެއްބަސްވުމަށް ގެނެވުނު އެޑަންޑެމް އެއް މެދުވެރިކޮށް) އެއީ ގޯތި ލިބިގަތުމުގެ މުޤާބިލުގައި ދީފައިވާ ފައިސާއެއް ކަމަށް މޫސާ ފަތުޙީގެ ފަރާތުން ސުޕްރީމް ކޯޓަށް ކުރެވުނު އިސްތިއުނާފު ރައްދުގައި ބުނެފައިވެއެވެ. އެހެންކަމުން، އެ ފައިސާ ދިނުމުން، ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މޫސާ ފަތުޙީ އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް އަދާކޮށް ނިމިފައިވާކަން އެއިރުއްސުރެ އެފަރާތުން ދެކޭކަން ދޭހަވެއެވެ. އަދި އެ ސަބަބަށްޓަކައި ވެސް، ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހާމިދު އިބްރާހީމް ބެލުމުގެ ކަންކަން މޫސާ ފަތުޙީގެ ފަރާތުން ކޮށްފައިވާކަމަށް ބެލުމުގެ ފުރުސަތު އިތުރަށް ކުޑަވެގެން ދެއެވެ.
އެހެންކަމުން، އެއްބަސްވެފައިވާ ފަދައިން ޙާމިދު އިބްރާހީމް ބެލުމުގެ ކަންކަން މޫސާ ފަތުޙީ ކުރިކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ.
ސިވިލް ކޯޓުގެ 466/Cv-C/2004
އިސްވެ ("އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައިވާކަން ނުވަތަ ނޫންކަން" މި ސުރުހީގެ ދަށުގައި) ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާގައި ސިވިލް ކޯޓުގެ 466/Cv-C/2004 ޤަޟިއްޔާގެ ޙުކުމް ކުރެވުނު ފަހުން، ބެލުމަށް އެދިގެން މޫސާ ފަތުޙީގެ ބެލުމުގެ ދަށަށް ޙާމިދު އިބްރާހީމް ގޮސްފައި ނުވާތީ އާއި، އެ ޤަޟިއްޔާއަށްފަހު ޙާލަތަށް ބަދަލެއް އައިސްފައިވާކަން އެނގެން ނެތުމުން، އަދި މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމަށް މަސައްކަތްކޮށް، އެކި ދުވަސްވަރު މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމްއަށް ފައިސާ ފޮނުވާކަން އެނގެން އޮތުމަކީ، ހައިކޯޓުގެ ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާ ބާޠިލުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައިވާތީ، ސިވިލް ކޯޓުގެ 466/Cv-C/2004 ޤަޟިއްޔާއަށް ބަލާލަންޖެހެއެވެ.
ސިވިލް ކޯޓުގެ 466/Cv-C/2004 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 92/HC-A/92 ޤަޟިއްޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިލްތިމާސް ކުރުމުން ބެލުނު މައްސަލައިގެ މައްޗަށެވެ. އެހެންނަމަވެސް، 1995 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމާފައިވާ އެ މައްސަލަ ނިމުނުފަހުން، ޙާމިދު އިބްރާހީމްގެ ފަރާތުން ހުށަހެޅުމުން ޝަރީޢަތުގައި މައްސަލަތަކެއް ހިނގާފައިވާކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެ 466/Cv-C/2004 ޤަޟިއްޔާއަށް ހަވާލާދީ، އެ ޤަޟިއްޔާއަށްފަހު ޙާލަތަށް ބަދަލެއް އައިސްފައިވާކަން އެނގެން ނެތްކަމުގައި ބަޔާންކުރުމަކީ އެޤަޟިއްޔާއަށް ފަހުން ކަން ހިނގާފައިވާ ގޮތް ބަލާފައިވާކަން އެނގެން ނެތި، ދެކޮޅުޖެއްސިދާފަދަ ބުނުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ނަތީޖާ
ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ބެލުން ޝަރުތުކުރުމުގެ މުޢާމަލާތްތައް ހިނގަމުން ގޮސްފައިވާ ގޮތަށް ބަލާއިރު، އެފަދަ މުޢާމަލާތްތަކުގެ ދަށުން ބެލުން ޝަރުތުކޮށް ދޭ ދިނުމާއި ގުޅިގެން، ބެލުން ޝަރުތުކުރާ މީހާ ބެލުމުގެ މުޤާބިލުގައި ދިނުމަށް އެއްބަސްވާ މުދަލުން ތަސައްރަފުކުރުމަށް ބެލުމާ ހަވާލުވާ މީހާއަށް ހުއްދަވެއެވެ. އެއީ، އެ މުދަލުން ލިބޭ މަންފާއިން ބެލުން ޝަރުތުކުރާ މީހާ ބެލުމުގެ ކަންކަން ބެލުމާ ހަވާލުވާ މީހާގެ ފަރާތުން ހަމަޖެއްސުމަށެވެ. ބެލުން ޝަރުތުކުރުމުގެ މުއާމަލާތްތަކުގައި ބެލުން ޝަރުތުކުރާ މީހާ ބެލުމުގެ މުޤާބިލުގައި ދިނުމަށް އެއްބަސްވާ މުދަލުގެ މިލްކުވެރިކަން ބެލުމާ ހަވާލުވާ މީހާއަށް ބަދަލުވަނީ، ބެލުން ޝަރުތުކުރާ މީހާ ނިޔާވުމުން، އޭނާ ބެލުމަށް ކޮށްފައިވާ ޝަރުތު ފުރިހަމަވެފައިވާކަން ބެލުމަށްފަހު، ބެލުން ޝަރުތުކުރުމާގުޅޭ ގޮތުން ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައިވާނަމައެވެ. އެ ކަން އެފަދައިން އޮންނަނީ ބެލުން ޝަރުތުކޮށް ދޭ މުދަލަކީ، ބެލުން ޝަރުތުކޮށް މުދާ ދޭ މީހާ ލިބިދޭ މުދަލެއް ކަމުގައި ވެފައި، މުދާ މިލްކުވުމުގެ ޝަރުތަކީ އެއްބަސްވެފައިވާ ގޮތަށް ބެލުން ޝަރުތުކޮށް މުދާ ދޭ މީހާ ބެލުން ކަމުގައިވާތީއެވެ.
އަހުރެން ކުރިން ބަޔާންކޮށްފައިވާ ފަދައިން، ޙާމިދު އިބްރާހީމް ނިޔާވުމުން، ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގައިވާ ފަދައިން މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދި މޫސާ ފަތުޙީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ބެލުން ޝަރުތުކޮށް ދިނުމާގުޅޭ އެއްބަސްވުންތައް ތަންފީޛުކޮށް، ބެލުން ޝަރުތުކޮށް ދިން މުދާ، ނުވަތަ މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތި މިލްކުކުރުމަށްޓަކައިކަމަށް ބެލެވެއެވެ.
އެހެންނަމަވެސް، އިސްވެ (މި ރައުޔުގެ ޕެރެގްރާފް 64 އިން 70 އަށް ފާހަގަކޮށްފައިވާ) ބަޔާންކުރެވުނު ސަބަބުތަކަށް އެކަނި ބެލުމުންވެސް، ޙާމިދު އިބްރާހީމާއި މޫސާ ފަޠުޙީއާ ދެމެދު އެއްބަސްވެފައިވާ ފަދައިން، ޙާމިދު އިބްރާހީމް ބެލުމުގެ ކަންކަން މޫސާ ފަޠުޙީ ކޮށްފައިވާކަން ބެލެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މިހެން ކަން އޮތުމުގެ ނަތީޖާއަކީ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމުގައިވާ ފަދައިން އަމަލުކޮށްފައި ނުވާތީ، މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތި މޫސާ ފަތުޙީއަށް މިލްކު ނުވުމެވެ.
އެހެންނަމަވެސް، ލޭންޑް ރަޖިސްޓްރޭޝަން ޑިޕާޓްމަންޓުންވަނީ މި މައްސަލައިގައި ހިމެނޭ މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯއްޗަށް މޫސާ ފަތުޙީގެ ނަމުގައި ރަޖިސްޓަރީއެއް ހަދައިދީފައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މޫސާ ފަތުޙީގެ ފަރާތުން ބުނެފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން އަށް ރިއާޔަތްކޮށް، އެކަމުގެ މައްޗަށް ބަލަންޖެހޭ ކަމުގައި ދެކެމެވެ.
ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން ހަދާދީފައިވާ ރަޖިސްޓަރީ
ޙާމިދު އިބްރާހީމާއި މޫސާ ފަޠުޙީއާ ދެމެދު 18 އެޕްރީލް 1979 ގައި ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުން ވުމަށް ފަހު، 12 ޖޫން 1979 ގައި ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީއެއް މޫސާ ފަތުޙީގެ ނަމުގައި ހައްދާދީފައިވެއެވެ.
އެ ރަޖިސްޓްރީއަށް ބެލުމުން، އެ ރަޖިސްޓްރީ ހަދާދީފައިވަނީ ޙާމިދު އިބްރާހީމާއި މޫސާ ފަޠުޙީއާ ދެމެދު ވެފައިވާ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމާއި ހަވާލާދީ ކަން އެނގެން އޮވެއެވެ. އަދި ހަމަ އެ ރަޖިސްޓަރީގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ.
"18 އޮކްޓޯބަރ 1978 ގައި މި ޑިވިޝަނުން "ރާޅުފުނި" އެވެކިޔާ ބަންޑާރަ ގޯއްޗާއި އިމާރާތްތައް (ތަކަންދޫ އިބްރާހީމްގެ ޙާމިދު އިބްރާހީމްގެ ނަމުގައި) ހަދާފައިވާ ނަންބަރު 5408 (ތަރުތީބު ނަންބަރު 6164) ގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލުކޮށް، މިއީ މި އިމާރާތާއި ގޯއްޗަށް މި ޑިވިޝަނުން ހަދާދިން ވަގުތީ ރަޖިސްޓްރީ އެކެވެ. ޝަރުތު ފުރިހަމަވުމަށްފަހު ޝަރުއީ ލިޔުމަކާއެކު މިރަޖިސްޓްރީ ހުށަހަޅައި އަލުން ރަޖިސްޓްރީއެއް ހައްދަންވާނެއެވެ."
އެހެންކަމުން، މޫސާ ފަތުޙީގެ ނަމުގައި 12 ޖޫން 1979 ގައި ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން ހަދާދީފައިވާ މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީއަކީ މޫސާ ފަތުޙީއަށް އެގޯތީގެ މިލްކުވެރިކަން ބަދަލުވިކަމަށް ކޯޓަކުން ނިންމައިގެން ހަދާދެވުނު ރަޖިސްޓަރީއެއް ނޫންކަން އެނގެއެވެ. އަދި އެ ރަޖިސްޓަރީއަކީ މޫސާ ފަތުޙީއާއި ޙާމިދު އިބްރާހީމާދެމެދު ވެފައިވާ ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމަށް ހަވާލާދީ، މޫސާ ފަޠުޙީއަށް މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގެ ފުރިހަމަ ބޭނުން ހިފޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން (ނުވަތަ މުދަލުން ލިބޭ މަންފާއިން ބެލުން ޝަރުތުކުރާ މީހާ ބެލުމުގެ ކަންކަން ބެލުމާ ހަވާލުވާ މީހާގެ ފަރާތުން ހަމަޖެއްސުމަށްޓަކައި މުދަލުން ތަސައްރަފުކުރުމަށް) ޝަރުތުތަކަކާއެކު ހައްދާދީފައިވާ ރަޖިސްޓަރީއެއް ކަމުގައި އަހުރެން ދެކެމެވެ. އެކަން އޮތީ އެނޫން ގޮތަކަށް ކަމުގައިވާނަމަ، ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމަށް ހަވާލާދިނުމާއެކު، އެ ރަޖިސްޓަރީއަކީ ވަގުތީ ރަޖިސްޓަރީއެއް ކަމުގައި، އަދި (ބެލުމުގެ) ޝަރުތު ފުރިހަމަވުމުން ޝަރުއީ ލިޔެކިޔުމާއެކު އަލުން ރަޖިސްޓަރީއެއް ހައްދަންޖެހޭނެ ކަމުގައި ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން މޫސާ ފަޠުޙީއަށް ހަދާދިން ރަޖިސްޓަރީގައި ބަޔާންކޮށްފައި އޮންނަންޖެހޭ ސަބަބެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
އަހުރެން މި ބަޔާންކުރި ގޮތަށް އިތުރު ބާރެއް ލިބެނީ ޙާމިދު އިބްރާހީމް ނިޔާވުމުން، ބެލުން ޝަރުތުކޮށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދި މޫސާ ފަތުޙީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވުމުންނެވެ. އެހެނީ، އެފަދައިން ކަނޑައެޅިގެން މެނުވީ އިސްވެ ހަވާލާދީފައިވާ (ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން ހަދާދީފައިވާ) ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ފަދައިން، މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގެ މިލްކުވެރިކަން މޫސާ ފަތުޙީގެ މައްޗަށް ދާއިމަށް ބަދަލުވެގެން ނުދާނެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯއްޗަށް މޫސާ ފަތުޙީގެ ނަމުގައި ރަޖިސްޓަރީއެއް ހަދައިދީފައިވާކަމަށް މޫސާ ފަތުޙީގެ ފަރާތުން ބުނެފައިވުމަކީ، އަދި އެކަން ނަފީކޮށް، އިދިކޮޅު ސާބިތު ކޮށްދިނުމުގެ ގޮތުން އެއްވެސް ލިޔުމެއް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ހުށަހަޅާފައި ނުވުމަކީ، ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން މޫސާ ފަތުޙީގެ ނަމުގައި ހަދާދީފައިވާ މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ ވަގުތީ ތަބީޢަތަށް އެއްވެސް އަސަރެއް ފޯރާކަމެއްގެ ގޮތުގައި އަހުރެން ނުދެކެމެވެ. އަދި އެ ރަޖިސްޓަރީ އޮތުމުން، ކޯޓަކުން ހާމިދު އިބްރާހީމްގެ ކިބައިން މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގެ މިލްކުވެރިކަން ވަކިކޮށް މޫސާ ފަތުޙީއަށް އެ ގޯތީގެ މިލްކުވެރިކަން ބަދަލުކުރިކަން ދަލާލާތުކޮށްދޭ ކަމުގައިވެސް އަހުރެން ނުދެކެމެވެ.
ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން މޫސާ ފަތުޙީގެ ނަމުގައި ހަދާދީފައިވާ މ. ރާޅުފުނި އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީއަކީ އޭނާގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމުގެ ޝަރުތު ފުރިހަމަކޮށް ކަމާބެހޭ ލިޔެކިޔުން ހުށަހެޅުމާ ހަމައަށް، ވަގުތީ ރަޖިސްޓަރީއެއްގެ ގޮތުގައި އޮތް އެއްޗެއްކަން އެނގެން އޮތުމުން، މި މައްސަލައިގެ ތެރެއިން ގޮތް ކަނޑައެޅުން މުހިންމުވަނީ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބެލުމުގެ ޝަރުތު ފުރިހަމަކޮށްފައިވާ ކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމުގައި އަހުރެން ދެކެމެވެ. އަދި ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުން މޫސާ ފަތުޙީގެ ނަމުގައި ވަގުތީ ރަޖިސްޓަރީއެއް ހަދާދީފައިވުމުގެ ސަބަބުން، ރަޖިސްޓަރީވެފައިވާ މުދަލެއް އެހެން ފަރާތެއްގެ މައްޗަށް ފުރޮޅިގެންދާކަން ނުވަތަ ނޫންކަމާމެދު މި ޤަޟިއްޔާގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް އަހުރެން ނުދެކެމެވެ.
ނިންމަންފެންނަ ގޮތް
އަހުރެންގެ މިރައުޔުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު (131/MC/2008) 37/Cv-C/2010 ޤަޟިއްޔާގައި އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ކޮށްދޭންޖެހޭ ކަންތައްތައް ކޮށްފައި ނުވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބަޔަށް ތާއީދު ކުރަމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ކަންހިނގާފައިވާ ގޮތަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، ޤާނޫނީ ހަމަތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކޮށްފައިކަމަށް އަހުރެންނަށް ނުފެންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާގެ ޙުކުމް ބާތިލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
މީގެ އިތުރުން، ޙާމިދު އިބްރާހީމްގެ ވާރިސުންނަށް މ. ރާޅުފުނި އެވެ ކިޔާ ގޯތީގެ މިލްކުވެރިކަމާމެދު ދައުވާ ކުރަން ބޭނުންވާ ނަމަ، އެފަރާތްތަކަށް އެ ޙައްޤު ލިބިގެންވާކަމަށް އަހުރެން ދެކެމެވެ.
އަދި، މި މައްސަލައިގައި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރާކަންވެސް ފާހަގަކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. އަދި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔުގައި މި މައްސަލައަށް "ބެލުން ޝަރުތުކޮށް ދޭ ދިނުމުގެ ޤަވާއިދު" ތަޠުބީޤު ނުވާނެ ކަމުގައި އޮތް ބަޔަށް އަހުރެން ވެސް ތާއީދު ކުރަމެވެ. މީގެ އިތުރުން ތިރީގައި މިވާ ކަންކަން ފާހަގަ ކުރަމެވެ.
އަހުރެންގެ ކުރިން މި މައްސަލައިގައި ރައުޔު އިއްވި ދެ ފަނޑިޔާރުންގެ ރައުޔުން ހާމަވި ފަދައިން މި މައްސަލައިގައި ހިމެނޭ މައިގަނޑު މުޢާމަލާތާ ގުޅިގެން ކޯޓުތަކުން ގިނަ ނިންމުންތަކެއް ނިމިފައިވެއެވެ. މި ނިންމުންތަކުން ބައެއް ނިންމުންތަކަކީ، ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުންތަކެވެ. ޝަރުޢީ ނިޒާމު އެއިރު ހަމަޖެހިފައި އޮތް ގޮތުން އެއީ ޝަރުޢީ އެންމެ ފަހު މަރުހަލާއެވެ. އަނެއްބައި ނިންމުންތަކަކީ، ކުރިއަށް އިސްތިއުނާފު މަރުޙަލާއެއް އޮތް ނަމަވެސް، އެ މަރުޙަލާއިން ގޮތެއް ނިމިފައި ނެތުމުން، އެ މައްސަލަތަކަށް ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިންމުންތަކެވެ. މިފަދަ ނިންމުންތަކާއެކު އެ ނިންމުންތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ސަމާލުކަން ދީގެން، އެ ނިންމުންތަކަށް ލިބެންޖެހޭ ޤާނޫނީ ބާރާއި ހައިސިއްޔަތު ދީގެން އެކަންކަން ވިސްނުމުގައި ބަހައްޓައިގެން މި މައްސަލައިގައި ރައުޔާއިގެން ކުރިއަށް ދިއުން ފަސޭހައެއް ނޫނެވެ. އެހެނީ މުޅި މައްސަލައާ މެދު ގޮތެއް ނިންމުމުގައި އެ ނިންމުންތަކާމެދު ފެންނަ އެއްޗެއް ހާމަކުރަން ޖެހިދާނެއެވެ.
މީގެ އިތުރުން، މި މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މީގެ ކުރިން ސުޕްރީމް ކޯޓުން ހައިކޯޓަށް އަލުން ބެލުމަށް ތަހުވީލު ކޮށްފައިވާ މައްސަލައެއް ކަމުގައިވާތީ، އެ މާއްދާގެ (ރ) ގައިވާ އުސޫލުން މުޅި މައްސަލަ އަލުން ބަލައި ދިރާސާ ކުރަންޖެހުމަކީ ވެސް މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި އޮތް ގޮންޖެހުމެކެވެ.
މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ 06 ނުކުތާއަށް ބަލާއިރު، އެ ނުކުތާތައް ބިނާވެފައިވަނީ މައިގަނޑު އެއް ކަމެއްގެ މައްޗަށެވެ. އެއީ މި މައްސަލައިގައި ޙާމިދު އިބްރާހީމް އާއި މޫސާ ފަތުޙީ އާ ދެމެދު ވެފައިއޮތް އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ، ޙާމިދު އިބްރާހީމް ބެލިކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. މި ގޮތުން މި ދެފަރާތުގެ ދެމެދުގައި މި އެއްބަސްވުމާ ގުޅިގެން އުފެދުނު ޚުޞޫމަތްތަކުގެ މައްޗަށް ނިމިފައިވާ ޤަޟިއްޔާއަކުން މޫސާ ފަތުޙީ ޙާމިދު އިބްރާހީމް އެއްބަސްވުމާ އެއްގޮތަށް ބެލިކަން އިފްތިރާޟު ކުރެވިދާނެ ތޯ އާއި، ޙާމިދު އިބްރާހީމް އެއްބަސްވުން ބާޠިލު ކުރުމަށް ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގައި، އެ ހުށަހެޅުންތަކަށް ބިނާކޮށް، އެއްބަސްވުން ބާޠިލު ކުރާނެ ތަނެއް ނެތްކަމުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުމަކީ، އެއްބަސްވުމުގެ ދަށުން މޫސާ ފަތުޙީ އަދާކުރުން ލާޒިމު ޒިންމާ އަދާ ކޮށްފައިވާ ކަމުގައި ބެލެވޭނެ ކަމެއް ތޯ މި ފަދަ މުހިންމު ސުވާލުތަކަށް މި ނުކުތާތަކާމެދު ގޮތެއް ނިންމުގައި ޖަވާބު ލިބެންޖެހެއެވެ. ކަންމިހެން އޮތުމުން އަހުރެންގެ މި ރައުޔު ތަރުތީބު ކުރާނީ އިސްތިއުނާފު ކުރެވިފައިވާ މައްސައިގައި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައާ ހަމައިންނެވެ. އަދި އެ މައްސަލައިގެ ތެރެއިން ކަމާ ގުޅުން ހުރި ވާޤިޢާތައް ދިރާސާކުރުމަށް ކޯޓުތަކުގެ އެހެން ނިންމުންތަކަށް ރުޖޫޢަވާނަމެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ
މޫސާ ފަތުޙީ 20 ޖެނުއަރީ 2008 ގައި ސިވިލް ކޯޓަށް (އެއިރުގެ މަދަނީ ކޯޓަށް) ހުށަހެޅި މައްސަލައަކީ، 18 އޭޕްރިލް 1979 ގައި މޫސާ ފަތުޙީ އާއި ޙާމިދު އިބްރާހީމް އާ ދެމެދު އޮތް ބެލުން ޝަރުޠުކޮށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލާފައިވާކަން ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައަށް ސިވިލް ކޯޓުގައި ޙާމިދު އިބްރާހީމްގެ ވާރިސުން އިންކާރު ކޮށްފައިވެއެވެ. އަދި މި މައްސަލަ ސާބިތު ކުރުމަށް މޫސާ ފަތުޙީގެ ފަރާތުން ޝަފަހީ ތިން ހެއްކެއް ހުށަހަޅާފައި ވެއެވެ. މި ތިން ހެކިންގެ ތެރެއިން ދެ ހެއްކަކު ސިވިލް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވެއެވެ.
ސިވިލް ކޯޓުގައި ދަޢުވާ ސާބިތު ކުރުމަށް މޫސާ ފަތުޙީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދަޢުވާ ސާބިތު ކުރުމަށް މައިގަނޑު ދެ ކަމަކަށް ބަރޯސާވެފައިވެއެވެ. ފުރަތަމަ ކަމަކީ، މޫސާ ފަތުޙީގެ އަތުން ޙާމިދު އިބްރާހީމް 21000 ރުފިޔާ ލިބިފައިވުމަކީ، ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ބަޔާންކުރާ ބެލުމުގެ އިލްތިޒާމުތައް އެއްބަސްވުމާ އެއްގޮތަށް ފުރިހަމަވީ ކަމުގައި މޫސާ ފަތުޙީގެ ފަރާތުން ބުނާ ބުނުމެވެ. ދެވަނަ ކަމަކީ، ޝަފަހީ ހެކިންގެ ހެކިބަހެވެ. ތިރީގައި މި ބަލާލަނީ މި ކަންކަމުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލާފައިވާކަން ކަނޑައެޅިދާނެ ކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
އެކާވީސްހާސް ރުފިޔާގެ ވާޤިޢާ
މި މުޢާމަލާތާ ގުޅިގެން މޫސާ ފަތުޙީގެ އަތުން ޙާމިދު އިބްރާހީމަށް ލިބުނު ކަމަށް ބުނާ21,000/- ރ. (އެކާވީސް ހާސް) ރުފިޔާގެ ވާހަކަ އެންމެ ފުރަތަމަ ޝަރީޢަތުގައި ދައްކާފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 08 ގައި ބެލުނު ނަންބަރު 459/J.C.8/81 ޤަޟިއްޔާގައެވެ. ދެވަނައަށް އެ ކޯޓުގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގައެވެ. ތިރީގައި މި ބަލާލަނީ މި ފައިސާއާ ގުޅިގެން މި ދެ ޤަޟިއްޔާއިން ފެންނަން ހުރި ކަންކަމަށެވެ.
ކޯޓު ނަންބަރު 08 ގެ ނަންބަރު 459/J.C.8/81 ޤަޟިއްޔާ
ކޯޓު ނަންބަރު 08 ގައި ބެލުނު ނަންބަރު 459/J.C.8/81 ޤަޟިއްޔާ އިން ބެލުނު މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޙާމިދު އިބްރާހީމްގެ ފަރާތުންނެވެ. ދަޢުވާ ރައްދުވީ މޫސާ ފަތުޙީއަށެވެ. އަދި މި މައްސަލައިގައި ޙާމިދު އިބްރާހީމް ކޯޓުގައި އެދިފައިވަނީ ބެލުން ޝަރުޠުކޮށް މޫސާ ފަތުޙީއަށް އޭނާގެ މުދާ ދީފައިވުމާއެކު، މޫސާ ފަތުޙީ އޭނާ ބަލައިދޭތޯއެވެ. މި ޤަޟިއްޔާ އެ ކޯޓުން 10 ޖެނުއަރީ 1982 ގައި ބަލައި ނިންމާފައިވަނީ، ދެ ފަރާތުގެ ދެމެދުގައި 18 އޭޕްރިލް 1979 ގައި ބެލުން ޝަރުޠު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިތާ 02 އަހަރާއި، 08 މަހާއި 23 ވަރަކަށް ދުވަސް ފާއިތުވި ފަހުންނެވެ.
މި މައްސަލައިގެ ދަޢުވާއަށް ޖަވާބުދާރީވަމުން މޫސާ ފަތުޙީ ބުނެފައިވަނީ،
"ޙާމިދު އިބްރާހީމް މަރުދުވަހަށް ބެލުން ޝަރުޠުކޮށް އޭނާގެ ގެ އާއި ވަޅުފަދަ ތަންތަން އަޅުގަނޑަށް ދީފައި، އެ ޝަރުޠު ފުރިހަމަވީ ކަމުގައި ބަލައި، އަޅުގަނޑުގެ އަތުން21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ގެންގޮސްފައި ވުމުން ދެން އަޅުގަނޑަށް ޙާމިދު އިބްރާހީމް ބެލޭކަށް ނެތެވެ."
މި ފަދައިންނެވެ. އަދި މި ފައިސާ ޙަވާލުކުރިކަން އަންގައިދޭ ލިޔުމެއް ކަމުގައި ބުނެ މޫސާ ފަތުޙީ ލިޔުމެއް ޝަރީޢަތަށް ހުށަހަޅާފައިވެއެވެ. މި ލިޔުން ޝަރީޢަތުން ޙާމިދު އިބްރާހީމަށް ދައްކައި ސުވާލު ކުރުމުން ޙާމިދު އިބްރާހީމް ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ.
"މޫސާ ފަތުޙީގެ ފަރާތުން އޭނާގެ ކޮއްކޮ އިބްރާހީމް މަނިކު 21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ދިނެވެ. އެ ފައިސާ ދިނީ މޫސާ ފަތުޙީ އެ ބުނާ ފަދައިން އެ ފައިސާ ދިނުމުން ޝަރުޠު ފުރިހަމަވީ ކަމަށް ހަމަޖެއްސުމަށް ފަހުގައެއް ނޫނެވެ. (އެކާވީސް ހާސް) ރުފިޔާ ދިނީ އަޅުގަނޑުގެ ގޯތީގައި ހުރި ޢިމާރާތްތަކުގެ އަގު ކަމަށެވެ. އެންމެ ފުރަތަމަ އުޅުނީ 200 އަހަރަށް އެގްރީމަންޓް ކުރާށެވެ. ދެން އަޅުނގަނޑު ބުނީ ހިބަ ކުރުމަށެވެ. ހިބަ ނުކުރުމުން އަޅުގަނޑުގެ ގެ ރާޅުފުނި ކިޔާ ގޯތީގައިވާ ޢިމާރާތްތައް މަރު ދުވަހަށް ބެލުން ޝަރުޠުކޮށް މޫސާ ފަތުޙީއަށް ދިނީއެވެ. ބެލުން ޝަރުޠުކުރި ލިޔުމުގައި (އެކާވީސް ހާސް) ރުފިޔާ ދިނީ ބެލުން ޝަރުޠު ކޮށްފައި ކަމަށް ލިޔެފައެއް ނެތެވެ."
މި ހިސާބުން މި ފައިސާއާ މެދު ޚިލާފެއް ނެތް ވާޤިޢާއަކީ މި ފައިސާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށް ލިބުނު ކަމެވެ. އަދި ޚިލާފު އޮތް ވާޤިޢާއަކީ، މި ފައިސާއަކީ ކޮން ބޭނުމަކު މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށް ދިން ފައިސާއެއް ކަމާމެދުގައެވެ. ނުވަތަ މި ފައިސާއަކީ ބެލުން ޝަރުޠު ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމާ ގުޅުމެއް އޮތް ފައިސާއެއްކަމާ މެދުގައެވެ.
މި ޚިލާފު އުފެދޭ ވާޤިޢާތަށް އިތުރަށް ކަށަވަރުކުރުމަށް ކޯޓުނަންބަރު 08 އިން ނިންމާފައިވާ ނަންބަރު 459/J.C.8/81 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ވާހަކަދެކެވޭ 21,000/- ރ. (އެކާވީސް ހާސް) ރުފިޔާގެ ލިޔުން ޝަރީޢަތަށް ހުށަހެޅުނު ގޮތަށް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި މި ލިޔުން ވަކި ލިޔުމެއްގެ ގޮތުގައި މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތްކަން ވެސް ފާހަގަ ކުރަމެވެ. މި ލިޔުމަށް ބަލާއިރު، މި ލިޔުމުގައި އޮތީ،
"ބެލުން ޝަރުތުކޮށް ދިނުމާބެހޭ އެގްރީމެންޓްގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީން އަޅުގަނޑު ޙާމިދު އިބްރާހީމް މ. ރާޅުފުނި، މަރު ދުވަހަށް ބެލުން ޝަރުޠުކޮށް އަޅުގަނޑުގެ ނަމުގައިވާ މ. ރާޅުފުނި އެވެކިޔާ ބަންޑާރަ ގޯތީގައި އަޅުގަނޑުގެ މިލްކް ޢިމާރާތްތައް ޝަރުތު މެދުވެރިކޮށް ދީފައިވާ ދިނުމުގެ މަތިން، އެ ޝަރުތު ފުރިހަމަވީ ކަމަށް އޭގެ މައްޗަށް -/21000 (އެކާވީސްހާސް) ރުފިޔާ އަޅުގަނޑަށް ދެއްވުން އެދެމެވެ.
އަދި މި ފައިސާ -/21000 (އެކާވީސްހާސް) ރުފިޔާ އަޅުގަނޑު (ޙާމިދު އިބްރާހީމް) ޤަބޫލު ކުރުމަށްފަހު އެ ޝަރުޠު ފުރިހަމަވީއެވެ.
މި ގޮތުގެމަތިން އަޅުގަނޑު އެދުމުން އެދުނުވަރަށް -/21000 (އެކާވީސްހާސް) ރުފިޔާ އަޅުގަނޑަށް ތިރީގައިމިވާ ދެ ހެކީން ހެކިކޮށް ލިބިއްޖެއެވެ." މި ޢިބާރާތެވެ. އަދި ލިޔުމުގައި ހެކިންގެ ގޮތުގައި ހ.ފިނިވައިޖެހޭގެ އަލްފާޟިލް ޢަދުނާނު އާއި، ގ.ގްރީންލިން އަލްފާޟިލް މޫސާ އާދަމް މަނިކުގެ ނަން ލިޔެފައި އޮތެވެ. މި ލިޔުމުގައި ސޮއިކުރި ތާރީޚެއް އެނގެން ނެތެވެ.
މީގެ އިތުރުން އެ ޤަޟިއްޔާގެ ބޭނުމަށްޓަކައި މި 21,000/- ރ. (އެކާވީސް ހާސް) ރުފިޔާގެ ޙަޤީޤަތް ހޯދުމަށް މަސައްކަތް ކޮށްފައިނުވާކަން އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. ސަބަބެއް ކަމުގައި ބެލެވެނީ ކޯޓު ނަންބަރު 08 ހުށަހަޅާފައިވާ މި މައްސަލައަކީ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުވުމުގެ ބޭނުމުގައި ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވުމުން މި މައްސަލަ ހުށަހަޅަން ޖެހޭނީ، ކޯޓު ނަންބަރު 01 އަށް ކަމުގައި ކަނޑަޅާފައިވުމެވެ. ކަންމިހެން އޮތުމުން21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ޙަވާލު ކުރި ލިޔުމުގައި ސޮއިކުރިއިރު ތިބި ހެކިންގެ ހެކިބަސް ކޯޓުން އެއިރު ނަގާފައި ނުވަނީ މި ސަބަބަށްޓަކައި ކަމުގައި ބެލެވެއެވެ.
ކޯޓު ނަންބަރު 03 ގެ ނަންބަރު 179/JC-3/91 ޤަޟިއްޔާ
ކޯޓު ނަންބަރު 03 ގެ ނަންބަރު 179/JC-3/91 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައަކީ ޙާމިދު އިބްރާހީމް އާއި މޫސާ ފަތުޙީއާ ދެމެދު އޮތް އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުހީ ޙާމިދު އިބްރާހީމް ބަލަމުން ނުދާތީ، އެ އެއްބަސްވުން ބާޠިލު ކޮށްދިނުމަށާއި، ބެލުން ޝަރުޠުކޮށް ދީފައިވާ މުދާ މޫސާ ފަތުޙީ އަތުން އަތުލުމަށް އެދި ޙާމިދު އިބްރާހީމް ހުށަހެޅި މައްސަލައެކެވެ. މިއީ މި މައުޟޫޢުގައި ޙާމިދު އިބްރާހީމް ކޯޓަކަށް ހުށަހެޅި ދެވަނަ މައްސަލައެވެ.
މި މައްސަލައިގައި ޙާމިދު އިބްރާހީމްގެ ފަރާތުން ކުރާ ދަޢުވާ ހުށަހެޅުމަށްފަހު ތަފުސީލުގައި އޭނާގެ ވަކީލު އަލްއުސްތާޛު ޢަދުނާން ޔޫސުފު21,000/- ރ. (އެކާވީސް ހާސް) ރުފިޔާއާ މެދު ބުނެފައިވަނީ އަންނަނިވި ވާހަކައެވެ.
"އެގްރިމެންޓް ކުރުމުގެ ކުރީގައި 21,000/- ރ. (އެކާވީސް ހާސް) ޙާމިދަށް ފަތުޙީ ދިންކަމަށް ޙާމިދު ވެސް ބުނެފައިވެއެވެ. ނަމަވެސް އެފައިސާ ދިނީ ޝަރުޠު ފުރިހަމަވީ ކަމަށް އެއްބަސްވެފައެއް ނޫންކަމަށް ޙާމިދު ބުންޏެވެ. އެގްރިމެންޓްގައި ވަކި ގޮތަކަށް ބެލުން ޝަރުޠު ކޮށްފައި އޮއްވައި ބެލުން ޝަރުޠު ފުރިހަމަވީކަމަށް ދެ ފަރާތުން އެއްބަސްވެ އެކާވީސްހާސް ރުފިޔާއެއް ދީފައި އޮތްނަމަ އެ ކަމަކީ ދެ ފަރާތަށް ވެސް އެގްރިމެންޓާ ޚިލާފަށް ކުރެވިފައިވާ ކަމެއް ކަމުގައި ދެކެމެވެ."
ޙާމިދު އިބްރާހީމް ދެއްކި ވާހަކަތަކަށް ރައްދު ދެމުން މޫސާ ފަތުޙީ ބުނެފައިވަނީ؛
"އަޅުގަނޑާއި ޙާމިދު އިބްރާހީމް އާ ދެމެދު ބެލުން ޝަރުޠުކޮށް އެގްރިމެންޓް ކުރެވިފައިވާނެއެވެ. އެހެން ނަމަވެސް މިހާރު ޙާމިދު އިބްރާހީމްއަށް އަޅުގަނޑު އެހީ ނުވަނީ ޝަރުޠު ފުރިހަމަވީކަމަށް އެއްބަސްވެ ދެ ހެކިންގެ ހާޟިރުގައި އެ ގޮތް ޤަބޫލު ކޮށްފައިވާތީއެވެ. އަޅުގަނޑު އަތުން ޙާމިދު އެކާވީސްހާސް ރުފިޔާ ނަގާފައިވަނީ އެގްރިމަންޓްގައިވާ ޝަރުޠު ފުރިހަމަވެއްޖެކަމަށް ޤަބޫލު ކޮށްގެންނެވެ. އޭގެ ފަހުން އަޅުގަނޑު ބުނެފައިވަނީ ޙާމިދު ބަލަން އަޅުގަނޑަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ޙާމިދު ބުނެފި ކަމެއް އަދިވެސް ކޮށްދޭނަމެވެ." މި ފަދައިންނެވެ.
މި މައްސަލައިގެ ޝަރީޢަތުގެ ދެވަނަ އަޑުއެހުމުގައި މޫސާ ފަތުޙީގެ ވާހަކަތަކަށް ރައްދު ދީ،21,000/- ރ. (އެކާވީސް ހާސް) ރުފިޔާއާ ބެހޭ ގޮތުން އާ ވާހަކަތަކެއް ޙާމިދު އިބްރާހީމްގެ ވަކީލު ދައްކާފައިވެއެވެ. އެ ގޮތުން ވަކީލު ފާހަގަ ކޮށްފައިވަނީ،
"ފުރަތަމަ ޙާމިދު އިބްރާހީމް ނުބަލާތީ ކުރި ދަޢުވާ ކޯޓުން ނިންމާފައިވާ ގޮތަށް ބަލާއިރު އެ ދަޢުވާ ނިންމަވާފައިވަނީ ވެސް ޙާމިދު އިބްރާހީމް ބެލުމަށްކަން އެނގެއެވެ.21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ފަތުހީ އަތުން ނަގައި ޙާމިދު އިބްރާހީމް ލިޔުމެއްގައި ސޮއި ކުރެއްވިކަމަށް ޙާމިދު އިބްރާހީމް ވެސް ބުނުއްވައެވެ. އެހެން ނަމަވެސް އެ ލިޔުމަކީ އެ ފަރާތަށް އޮޅުވާލައިގެން ސޮއިކުރި ލިޔުމެކެވެ. އަދި އެ ލިޔުމުގައި ޙާމިދު ސޮއިކުރީ އެގްރިމެންޓް ކޯޓުގައި ރަޖިސްޓްރީ ކުރުމުގެ ކުރީގައެވެ. ވީމާ، އެ ލިޔުމަކީ އެގްރިމެންޓާ ތަޢާރުޟުވާ ލިޔުމެކެވެ. އެގްރީމެންޓްގެ 3 ވަނަ މާއްދާއާއި ޙަވާލާދީ އެ ލިއުން ލިއެފައި އޮތް އޮތުމުން ވެސް އެނގެނީ އެ ފައިސާ ޙާމިދު ނަގާފައިވަނީ ޝަރުޠު ފުރިހަމަވުން ގަބޫލުކޮށްގެން ނޫން ކަމަށެވެ. އެހެނީ އެގްރިމެންޓްގެ 3 ވަނަ މާއްދާގައިވަނީ ޙާމިދު އިބްރާހީމް އެދޭ ގޮތަކަށް ޙާމިދު ބެލުމަށެވެ. އޭގެ މާނައަކީ ޙާމިދު ބޭނުންވަނީ ރާއްޖެއިން ބޭރުގައި ބޭސްކުރުން ކަމަށް ވާނަމަ ރާއްޖެއިން ބޭރުން ހާމިދަށް ބޭސްކޮށް ދިނުމެވެ. ހާމިދު ބޭނުންވަނީ ރާއްޖެ ތެރެއިން ބޭސް ކުރުން ކަމަށް ވާނަމަ ރާއްޖެ ތެރެއިން ބޭސްކޮށް ދިނުމެވެ. ހާމިދު ބޭނުންވަނީ ގޮދަޑިޖެހި އެނދުގައި ނިދަންކަމަށްވާ ނަމަ ހާމިދު ނިދަން ގޮދަޑިޖެހި އެދު ހޯދާދޭން ޖެހޭނެއެވެ. ހާމިދު ބޭނުންވަނީ އަލަނާސިއެއް ކަމަށް ވާނަމަ ހާމިދު ކެއުމަށް އަލަނާސިއެއް ގަނެދޭން ޖެހޭނެއެވެ."
ކޯޓު ނަންބަރު 03 އިން ބަލާފައިވާ މި ޤަޟިއްޔާއަށް ބަލާއިރު،21,000/- ރ. (އެކާވީސް ހާސް) ރުފިޔާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށް ދީފައިވަނީ އެއްބަސްވުމުގެ ކުރިން ކަމެއް ނުވަތަ އެއްބަސްވުމުގެ ފަހުން ކަމެއް ސާފެއް ނުވެއެވެ. އެ ފައިސާ ޙާމިދު އިބްރާހީމްއަށް ލިބުނު ކަމަށް ބުނެ ދެ ފަރާތުންމެ ޙަވާލާދޭ ލިޔުމުގައި އެ ފައިސާ ދިން ތާރީޚެއް ލިޔެފައިނުވެއެވެ. މި ލިޔުމުގެ އަސްލާ އެއްގޮތަށް ކޯޓު ނަންބަރު 03 އިން ތައްޔާރުކޮށްފައިވާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ލިޔެފައިވާ ލިޔުމުގައި، އެ ލިޔުމުގައި ސޮއިކުރި ތާރީޚެއް، އަދި ފައިސާ ދިން ތާރީޚެއް ލިޔެފައިނުވެއެވެ. އަދި ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ވެސް މި ތާރީޚެއް އެނގެން ނެތެވެ.
މީގެ އިތުރުން މި21,000/- ރ. (އެކާވީސް ހާސް) ރުފިޔާގެ ވާޤިޢާއަކީ ބެލުން ޝަރުޠުކޮށް ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ނުބަލާ ކަމަށް ބުނެ ކޮށްފައިވާ ދަޢުވާގައި ޚިލާފު އުފެދިފައިވާ އެންމެ މުހިންމު ވާޤިޢާކަމަށް ވާއިރު،21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ޙަވާލުކުރި ކަމަށް ބުނާ ލިޔުމުގައި ސޮއިކޮށްފައިވާ ހެކިން ހާޒިރުކޮށް، އެ ފައިސާ ޙާމިދު އިބްރާހީމްއާ ޙަވާލުކޮށްފައިވަނީ އެއްބަސްވުމުގެ ކުރިންކަން ނުވަތަ އެއްބަސްވުމުގެ ފަހުންކަން ސާފުކޮށްފައި ނުވެއެވެ. އަދި މިއީ ކޮން ބޭނުމަކު އެއް ފަރާތުން އަނެއް ފަރާތަށް ދީފައިވާ ފައިސާއެއްކަން ސާފުކޮށްފައި ނުވެއެއެވެ. މިކަން ކޯޓުން ސާފުކޮށްފައި ނުވަނީ ކޯޓު ނަންބަރު 08 ގެ 459/J.C.8/81 ޤަޟިއްޔާގައި "އެ ލިޔުމާ ޙާމިދު އިބްރާހީމް އެއްބަސްވެލައްވާފައި" ވާތީ އާއި، އެ ލިޔުމުގައި އެގްރިމެންޓްގެ 03 ވަނަ މާއްދާއާ ޙަވާލާދީފައި އޮތުމުން ފައިސާ ނަގާފައިވަނީ އެއްބަސްވުމުގެ ދަށުން ބެލުނީކަމަށް އެއްބަސްވެގެންކަމަށް ޝަރީޢަތަށް ބުރަވެވިގެންކަން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
މީގެ އިތުރަށް މި ޤަޟިއްޔާގައި21,000/- ރ. (އެކާވީސް ހާސް) ރުފިޔާގެ ލިޔުމާމެދު އިތުރަށް ފާހަގަ ކޮށްފައިވަނީ،
"ރަޖިސްޓްރީ ކުރެވިފައިވާ އެގްރިމެންޓެއްގައި ބެލުމުގެ ޝަރުޠު ފުރިހަމަ ކުރަންވީ ގޮތް ކަނޑައެޅި ބަޔާންވެފައި ވަނިކޮށް އެގްރިމެންޓާ ތަޢާރުޒްވާ ގޮތަށް21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ދިނުމުން ޝަރުޠު ފުރިހަމަވީކަމަށް އެއްބަސްވެފައި އޮތަސް 21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ނަގައި ސޮއިކުރި ލިޔުމަކީ ޝަރުޢީ ކޯޓެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ލިޔުމެއްކަމަށް ނުވާތީ އެ ލިޔުމަކީ ރަޖިސްޓްރީ ކުރެވިފައިވާ ބެލުން ޝަރުޠުކޮށްދޭ ލިޔުމުގެ މައްޗަށް ބާރުފޯރުވޭނެ ލިޔުމެއްކަމަށް ނުފެނެއެވެ."
މި ފަދައިންނެވެ.
21,000/- ރ. (އެކާވީސް ހާސް) ރުފިޔާގެ ބަހުސަށްފަހު 1991 ވަނަ އަހަރު ކޯޓު ނަންބަރު 03 އިން ނިންމި މައްސަލައިގެ ޙުކުމުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، "އެގްރިމެންޓްގެ 01 ވަނަ މާއްދާގައި ބެލުމަކީ ކާންދިނުން އަންނައުނު ދިނުން، ބަލިވީމަ ބެލުން، މަރުވީމާ ވަޅުލުން ކަމަށް ޝަރުޠުކޮށްފައިވަނިކޮށް ޙާމިދު އިބްރާހީމް ދުނިޔޭގައި ހުއްޓާ އެ ޝަރުޠު ފުރިހަމަވީކަމަށް ކަނޑައެޅެންނެތް" ކަމަށެވެ. އަދި އެގްރިމެންޓްގެ 02 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޙާމިދު އިބްރާހީމް ބަލަމުން ގެންދިއުމަށް އެ މައްސަލައިގައި މޫސާ ފަތުޙީއަށް އަންގާފައިވެއެވެ.
ފުރަތަމަ ދެ ޤަޟިއްޔާގެ ޚުލާޞާ
މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 08 އިން ބެލި ނަންބަރު 459/J.C.8/81 ޤަޟިއްޔާ އާއި ކޯޓު ނަންބަރު 03 ގެ ނަންބަރު 179/JC-3/91 ޤަޟިއްޔާއަށް ބަލާއިރު، 21000 ރުފިޔާގެ ވާޤިޢާގެ ހަޤީޤަތް ޝަރީޢަތުން ބަލައި އެކަށީގެންވާ މިންވަރަށް ވަޒަންކޮށްފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. އެ ފައިސާގެ ޙަޤީޤަތް ސާފުކުރުމުގެ ފުރުސަތު ޝަރީޢަތަށް އެއިރު އޮތްކަމުގައި ބުރަވެއެވެ. އެ ފައިސާ އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ކުރެވިފައިވަނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ކަން ނުވަތަ ފަހުން ކަމާއި، އެ ފައިސާ ދީފައިވާ ބޭނުމާމެދު ޚަޞްމުންގެ މެދުގައި އޮތް ޚިލާފު ސާފުވެގެން މެނުވީ އެ ފައިސާއަކީ އެބަސްވުމުގައިވާ ބެލުމުގެ ޝަރުޠާމެދު އެއްބަސްވުމުގެ ބައިވެރިން އެނޫން ގޮތަކަށް އެއްބަސްވީކަމަށް ބަލަން ދައްޗެވެ.
ކޯޓު ނަންބަރު 08 ގައި ބެލުނު ނަންބަރު 459/J.C.8/81 ޤަޟިއްޔާގައި މޫސާ ފަތުޙީ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ޤަޟިއްޔާގައި "21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ގެންގޮސްފައި ވުމުން ދެން އަޅުގަނޑަށް ޙާމިދު އިބްރާހީމް ބެލޭކަށް ނެތެވެ." މި ފަދައިން ބުނެފައިވެއެވެ. މި ޤަޟިއްޔާ ކޯޓަށް ހުށަހެޅިފައިވަނީ 24 ނޮވެމްބަރ 1981 ގައެވެ. އަދި އެ ޤަޟިއްޔާގެ ފަހުން އެ ކޯޓުގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގައި މޫސާ ފަތުޙީ ބުނެފައިވަނީ، "އަޅުގަނޑު އަތުން ޙާމިދު އެކާވީސްހާސް ރުފިޔާ ނަގާފައިވަނީ އެގްރިމަންޓްގައިވާ ޝަރުޠު ފުރިހަމަވެއްޖެކަމަށް ޤަބޫލު ކޮށްގެންނެވެ. އޭގެ ފަހުން އަޅުގަނޑު ބުނެފައިވަނީ ޙާމިދު ބަލަން އަޅުގަނޑަށް ނުޖެހޭނެ ކަމަށެވެ." މި ފަދައިންނެވެ. މި ޤަޟިއްޔާ ކޯޓަށް ހުށަހެޅިފައިވަނީ 21 ޖުލައި 1991 ގައެވެ. މޫސާ ފަތުޙީގެ މި ވާހަކަތަކަށް ބަލާއިރު، އަދި މި ދެ ޤަޟިއްޔާއަށް ބަލާއިރު،21,000/- ރ. (އެކާވީސް ހާސް) ރުފިޔާގެ ވާހަކަ ފިޔަވައި، 18 އޭޕްރިލް 1979 ގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވުނު ފަހުން މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބެލުމަށް ވަކި މިވެނި ކަމެއް ކުރިކަމަށް ދަލާލަތު ކުރާ ކަމެއް ފާހަގަ ނުކުރެވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްބަސްވުމުގައި ސޮއި ކުރުމުގެ ފަހުން 21 ޖުލައި 1991 އާ ހަމައަށް ހިނގައިދިޔަ 12 އަހަރާއި، 02 މަހާއި 03 ވަރަކަށް ދުވަހު މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބެލިކަމަށް ނުވަތަ ބަލަމުންދާ ކަމަށް ދަލާލަތު ކުރާ ހެއްކެއް މި ދެ ޤަޟިއްޔާއިން ނުފެނެއެވެ.
މީގެ އިތުރަށް ޙާމިދު އިބްރާހީމް ދުނިޔޭގައި ހުއްޓާ، އެއްބަސްވުމާ އެއްގޮތަށް އޭނާ ބަލައި ނިމުނީކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ކޯޓު ނަންބަރު 03 ގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގައި ކަނޑައަޅާފައިވުމުން،21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައި އޮތް އޮތުމަކީ އެގްރިމެންޓްގައި ބެލުމަށް އޮތް ޝަރުޠު ފުރިހަމަވީކަމަށް ދަލާލަތު ކުރާކަމެއް ނޫންކަން ސާފުކޮށް އެނގެއެވެ. އަދި އެ ލިޔުމަކީ، ބެލުން ޝަރުޠު ކުރުމުގެ އެއްބަސްވުމުގެ މައްޗަށް ބާރުފޯރުވޭނެ ލިޔުމެއް ނޫންކަމަށް ސާފުކޮށް އެ ޤަޟިއްޔާގައި ކަނޑައަޅާފަވެއެވެ.
ކޯޓު ނަންބަރު 03 ގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގެ ނިންމުން އޭގެ މަތީ މަރުޙަލާއަކުން ބަދަލުކޮށްފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަށް ނެތެވެ. ވުމާއެކު 1991 މި މައްސަލައަކީ ކަނޑައެޅިނިޔާގެ ބާރު ލިބިފައިވާ ނިންމުމެއްކަމުގައި ދެކެމެވެ.
އެހެން ޤަޟިއްޔާތަކުން ބެލުމުގެ ޝަރުޠު ފުރިހަމަވީކަމަށް އިފްތިރާޟު ކުރޭތަ؟
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގެ ފަހުން، ކޯޓު ނަންބަރު 03 ގެ 170/JC-3/92 ޤަޟިއްޔާ ނިމިފައިވެއެވެ. އަދި އެ ޤަޟިއްޔާ އިސްތިއުނާފު ކުރެވުމުން ހައިކޯޓުގެ ނަންބަރު 92/HC-A/92 ޤަޟިއްޔާއިން ކޯޓު ނަންބަރު 03 ގެ 170/JC-3/92 ޤަޟިއްޔާ ބާޠިލު ކޮށްފައިވެއެވެ. އަދި ހައިކޯޓުގެ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާއަށް އިސްތިއުނާފު ކުރެވުމުން ހައިކޯޓުގެ އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ރައީސުލްޖޫމްހޫރިއްޔާ 05 އޮކްޓޯބަރ 1995 ގައި ނިންމަވާފައިވާ ނިންމުމަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި ފައިސާއެއް ބަދަލު ކުރެވިފައި އޮތުމަކީ، އެއްބަސްވުމުގައިވާ ބެލުމުގެ ޝަރުޠު ފުރިހަމަވުން ކަމަށް ނިންމާފައިނުވެއެވެ.
މި ޤަޟިއްޔާތަކަށް އިތުރަށް ބަލާއިރު، ކޯޓު ނަންބަރު 03 ގެ 170/JC-3/92 ޤަޟިއްޔާގައި މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށް ދީފައިވާ21,000/- ރ. (އެކާވީސް ހާސް) ރުފިޔާއަކީ އެހައިތަނަށް، (މައްސަލަ ނިންމި ތާރީޚު ކަމުގައިވާ 1992 އޮގަސްޓް 23 ވަނަ ދުވަހާ ހަމައަށް) ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީ ޚަރަދު ކޮށްފައިވާ ފައިސާއެއް ކަމަށް ބަލާފައިވެއެވެ. ނަމަވެސް މި ނިންމުމަކީ، އެއްބަސްވުމުގައިވާ ބެލުމުގެ ޝަރުޠު މުޅިން ފުރިހަމަކޮށް، އެކަމުގެ އިލްތިޒާމުން މޫސާ ފަތުޙީ ބަރީޢަވެފައިވާކަން ދަލާލަތު ކޮށްދޭ ކަމެއް ނޫނެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގައި ކޯޓު ނަންބަރު 03 ގެ 170/JC-3/92 ޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ނިންމެވިއިރު، އެ ނިންމުމުގައި އޮތީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްބަސްވުން ދެމި އޮތްކަމަށް ނިންމާފައެވެ.
ކޯޓު ނަންބަރު 03 ގެ 170/JC-3/92 ޤަޟިއްޔާ އިތުރަށް ބަލާއިރު، އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޙާމިދު އިބްރާހީމް ބުނެފައިވަނީ "ފަތުޙީގެ އެހީ އަޅުގަނޑު ބޭނުން ނުވަނީ މި ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ވެސް އަޅުގަނޑަށް ބޭސް ގުޅައެއް ވެސް ދީފައި ނުވާތީ" ކަމަށެވެ. އަދި ވާހަކަ ދެކެވޭ 21 ހާސްރުފިޔާއާ މެދު ޙާމިދު އިބްރާހީމް ބުނެފައިވަނީ "ފަތުޙީ އަތުން އަޅުގަނޑު ނަގާފައިވާ21,000/- ރ. (އެކާވީސް ހާސް) ރުފިޔާއަކީ، އެގްރިމެންޓް ކުރާ މަތިން އަޅުގަނޑަށް ދިން ފައިސާއެކެވެ." މި ފަދައިންނެވެ. މި ވާހަކަތަކަށް ރައްދުދެމުން މޫސާ ފަތުޙީ ބުނެފައިވަނީ، "ކުރިން ޙާމިދު ބެލުމަށް އަޅުގަނޑު އެހީނުވެ އޮތީ އަޅުގަނޑު އަތުން ޝަރުޠު ފުރިހަމަވިކަމަށް އެއްބަސްވެގެން ޙާމިދު21,000/- ރ. (އެކާވީސް ހާސް) ރުފިޔާ ނަގާފައި ވާތީއެވެ. އެހެން ނަމަވެސް، ޙާމިދު ބަލަންޖެހޭކަމަށް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން އަޅުގަނޑު މިހުރީ ޙާމިދު ބަލާށެވެ. ޙާމިދު ބޭނުންކަމެއް ކޮށްދޭށެވެ. ޙާމިދު އެދޭ ގޮތަކަށް ބަލާށެވެ." ކަންމިހެން އޮތުމުން21,000/- ރ. (އެކާވީސް ހާސް) ރުފިޔާއަކީ އެހައިތަނަށް ޙާމިދު އިބްރާހީމް ބެލުމަށް ކުރި ޚަރަދެއް ކަމުގައި ކަނޑައަޅައި ދިނުމަށް މޫސާ ފަތުޙީ އެ މައްސަލައިގައި އެދިފައި ނުވާކަން އެނގެއެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅި ހިނގުމާ ހަމައަށް ވެސް ޙާމިދު އިބްރާހީމް ބެލުމަށްޓަކައި ކުރި ހޭދައެއް ކުރި ކަމެއްގެ ހެއްކެއް މޫސާ ފަތުޙީގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވެއެވެ.
މި އިޝާރާތް ކުރި ޤަޟިއްޔާ ތަކުގެ އިތުރަށް، މަދަނީ ކޯޓުގެ ނަންބަރު 997/MC/98 ޤަޟިއްޔާ އާއި، އެ ޤަޟިއްޔާ މަތީ ދެ މަރުޙަލާއަށް އިސްތިއުނާފު ކުރެވުމުން ބެލިފައިވާ ދެ ޤަޟިއްޔާއިންނާއި، މަދަނީ ކޯޓުގެ ނަންބަރު 466/MC/2004 ޤަޟިއްޔާ އިން އެއްބަސްވުމާ އެއްގޮތަށް ޙާމިދު އިބްރާހީމް ބަލާފައިވާކަން ނުވަތަ ބަލަމުންދާކަމަށް ދަލާލަތު ކުރާ ހެއްކެއް ނެތެވެ. އަދި އެ ޤަޟިއްޔާތަކުގައި ވަނީ އެއްބަސްވުން ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައެވެ.
ހެކިން ދައްކާފައިވާ ވާހަކަތައް
އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލާފައިވާކަން ސާބިތު ކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާގައި ހެކިބަސް އަދާކޮށްފައިވާ ދެ ހެކިންގެ ވާހަކަތަކަށް މި ހިސާބުން އެނބުރިލަމެވެ.
ސިވިލް ކޯޓުގައި ހެކިބަސް އަދާކޮށްފައިވާ ފުރަތަމަ ހެކިވެރިޔަކީ ތ. ބުރުނީ ވައިޖެހޭގޭ އަބޫބަކުރު އާދަމްއެވެ. އޭނާގެ ހެކިބަހަށް ބަލާއިރު، މޫސާ ފަތުޙީއާ އޭނާ ފޯނުން ވާހަކަ ދައްކާ ކަމަށާއި، އޭނާ ގާތުގައި ތ. ބުރުނީ ފުނަމާވިލާގައި އުޅޭ ޙާމިދުގެ ހާލު ބަލައި ދިނުމަށް އެދޭ ވާހަކައާއި، ޙާމިދު އިބްރާހީމަށް ދަތިވާކަމެއް އޮތްނަމަ، އެކަމެއް މޫސާ ފަތުޙީއަށް އެންގުމަށް އެދިފައިވާ ކަމާއި އެކަން ކޮށްދޭ ކަމުގައި ބުނެފައިވެއެވެ. އަދި މޫސާ ފަތުޙީއާ ފޯނުން ވާހަކަ ދެކެވެން ފެށީ 2006 ގައި ކަމާއި، އެ ހިސާބުން ފެށިގެން 2007 ގެ ނޮވެމްބަރއާ ހަމައަށް 16,000/-ރ. (ސޯޅަ ހާސް) ނުވަތަ 17,000/-ރ. (ސަތާރަ ހާސް) ރުފިޔާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށް ދީފައިވާކަން އޭނާއަށް އެނގޭ ކަމުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގައި ހެކިބަސް އަދާކޮށްފައިވާ ދެވަނަ ހެކިވެރިޔަކީ، ތ.ވިލުފުށީ ފެބްރިކްވިލާ އަޙްމަދު ޝަމީމްއެވެ. އަޙްމަދު ޝަމީމްގެ ހެކިބަހުގެ މަޙްޟަރު ބަޔާނަށް ބަލާއިރު އެ ބަޔާނުގައި އަޙްމަދު ޝަމީމް ބުނެފައިވަނީ،
"އަޅުގަނޑުމެންގެ ދާއިރާގައި މަސައްކަތް ކުރާ ތ. އަތޮޅު ތިމަރަފުށީ ޢަލީ ހަސަން މަނިކު ބުނެގެން ތ. އަތޮޅު ބުރުނީގައި އުޅޭ ޙާމިދު ކިޔާ މާލޭ މީހެއްގެ ޙާލު ބަލާލަ ދިނުމަށް އެދުމުން އޭނާގެ ޙާލު ބަލާފަ ޢަލީ ޙަސަން މަނިކަށް އަންގަމެވެ. ފަހުން އެނގުނު ގޮތުގައި ޙާމިދުގެ ޙާލު ބަލަން ޢަލީ ހަސަން މަނިކުގެ ފަރާތުން އެދޭ މީހަކީ މ. ރާޅުފުނި މޫސާ ފަތުޙީއެވެ. މޫސާ ފަތުޙީގެ ފޯން ނަންބަރު ހޯދައިގެން އަޅުގަނޑު ޙާމިދަށް މޫސާ ފަތުޙީ އާއި ފޯނުން ގުޅާދެމެވެ. ގިނަ ފަހަރު ގުޅެނީ މޫސާ ފަތުޙީގެ އަނބިމީހާ މަރިޔަމްއާ އެވެ. ދެމީހުން ދައްކާ ވާހަކައިން ޙާމިދަށް ފައިސާ ލިބޭކަން އެނގެއެވެ. އަޅުގަނޑުގެ ޙާޟިރުގައި މޫސާ ފަތުޙީ ނުވަތަ އެހެން މީހަކު ނަމަވެސް ޙާމިދަށް ފައިސާ ދިންތަނެއް އަޅުގަނޑު ނުދެކެމެވެ." މި ފަދައިންނެވެ.
މި ދެ ހެކިންގެ ހެކިބަހަށް ބަލާއިރު، މޫސާ ފަތުޙީގެ ފަރާތުން ފައިސާގެ އެހީތެރިކަމެއް ޙާމިދު އިބްރާހީމަށް ލިބިދީފައި ވީނަމަވެސް، 18 އޭޕްރިލް 1979 ގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރި ފަހުން 23 ނޮވެމްބަރ 2007 ގައި ޙާމިދު އިބްރާހީމް ކަނޑަށް ވެއްޓި ގެއްލުމާ ހަމައަށް، ހިނގާފައިވާ 28 އަހަރާއި، 07 މަހާއި 06 ވަރަކަށް ދުވަހު، އެއްބަސްވުމުގައިވާ ފަދައިން މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލައި، ކާންދީ އަންނައުނުދީ، ބަލިވުމުން އެހީތެރިވެދީ އަދި ބަލައި، މަރުވުމުން ވަޅުލައި ހެދިކަމަށް ހެއްކެއް ނުލިބެއެވެ. ނުވަތަ އެއްބަސްވުމުގެ މުއްދަތުގެ ތެރެއިން އެކަށީގެންވާ ދިގު މުއްދަތެއްގައި އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމް ބަލާފައިވާކަން މި ދެ މީހުންގެ ހެކިބަހުން އަހުރެންނަށް ދޭހައެއް ނުވެއެވެ.
ހައިކޯޓަށް ހުށަހެޅުނު ހެކިތައް
އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާގައި ޙާމިދު އިބްރާހީމް ބެލުމަށްޓަކައި މޫސާ ފަތުޙީގެ ބެލުމުގެ ދަށަށް ޙާމިދު އިބްރާހީމް ގެނައުމުގެ ގޮތުންނާއި، ޙާމިދު އިބްރާހީމް ބެލިކަމަށް ބާރު ލިބޭ ކަންތައްތަކެއް ލިސްޓްކޮށްފައިވެއެވެ. ތިރީގައި މިވަނީ އެ ކަންކަމެވެ. އަދި މި ކަންކަމަކީ، ހައިކޯޓަށް އަލަށް ހުށަހެޅުނު ހެކިތަކެއް ކަމުގައި އިސްތިއުނާފީ 03 ވަނަ ނުކުތާ އާއި 05 ވަނަ ނުކުތާ އާއި 06 ވަނަ ނުކުތާގައި ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ބުނެފައިވެއެވެ.
21 ސެޕްޓެމްބަރ 1998 ގައި މޫސާ ފަތުހީ ޙާމިދު އިބްރާހީމްއަށް ފޮނުވި ސިޓީމި ސިޓީގައިވާ ކަންކަމަށް ބަލާއިރު، މި ސިޓީއާ ޙަވާލާދީ ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، މި ސިޓީގައި މޫސާ ފަތުޙީގެ ބެލުމުގެ ދަށަށް ޙާމިދު އިބްރާހީމް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން މި ސިޓީގައި ބަޔާންކޮށްފައިވާ ކަމާއި، އެ ހުރިހާ މަސައްކަތަކަށް ޙާމިދު އިބްރާހީމް ހުރަސް އަޅާފައިވާ ކަމަށް މި ސިޓީގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އަދި ކަން މިހެން ހިނގައި ގޮސްފައިވުމުން މޫސާ ފަތުޙީ ދެން ގަސްދުކުރަނީ ޙާމިދު ހުރިތަނަކަށް އެހީ (ތަކެއްޗާއި ފައިސާ) ފޮނުވުން ކަމަށާއި، ތ. ބުރުނީ ގައި ޙާމިދު އިބްރާހީމް ހުރެގެން ބަލަން ބޭނުންވާ ނަމަ، އެކަން އެ ގޮތަށް ހަމަޖައްސަން މޫސާ ފަތުޙީ ހުރިކަމުގައި މި ސިޓީގައި ބަޔާންކޮށްފައިވާ ކަމުގައި ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން މި ސިޓީއާއެކު 1000/-ރ. (އެއްހާސް) ރުފިޔާ ޙާމިދު އިބްރާހީމަށް މޫސާ ފަތުޙީ ފޮނުވިކަމަށާއި، އޭގެ އިތުރަށް ބޭނުންވާ ނަމަވެސް އެކަން އެންގުމަށް ޙާމިދު އިބްރާހީމްގެ ގާތުގައި އެދިފައިވާ ކަމަށާއި، ކޮންމެ މަހަކު ފޮނުވާނެ ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މި ސިޓީގައިވާ ޗެކް ރައްދުކޮށްފައިވާކަން ޙާމިދު އިބްރާހީމް 28 އޮކްޓޯބަރ 1998 ގައި މޫސާ ފަތުޙީ އަށް ފޮނުވި ސިޓީން އެނގޭކަން ވެސް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
01 އޮގަސްޓް 1999 ގައި ޙަސަން ތަޢުފީޤް މޫސާ ފަތުޙީއަށް ފޮނުވި ސިޓީމި ސިޓީގައި ޙަސަން ތަޢުފީޤް ބުނެފައިވާކަމަށް ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، 20 ފެބްރުއަރީ 1999 ގެ ތާރީޚުގައި ޕޯސްޓުން ފޮނުވާފައިވާ 1,200/-ރ. (ބާރަ ސަތޭކަ) ރުފިޔާގެ ޗެކް އަނބުރާ ފޮނުވި ކަމުގައި މި ސިޓީގައި ބަޔާންކޮށްފައިވާ ކަމުގައެވެ. އަދި މި ފަދައިން އަނބުރާ ފޮނުވަން ޖެހެނީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށްޓަކައި އެންމެ ލާރިއެއްގެ މިންވަރު ވެސް ޚަރަދު ކޮށްފައި ނުވުމާއި، ޙާމިދު އިބްރާހީމް ބެލުމަށޭ ކިޔާފައި އެއްވެސް ބާވަތެއްގެ ޚިދުމަތެއް ކޮށްދީފައި ނުވާތީ ކަމުގައި އެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމުގައެވެ.
14 އޭޕްރިލް 2002 ގައި ޙާމިދު އިބްރާހީމް މޫސާ ފަތުޙީއަށް ފޮނުވި ސިޓީމި ސިޓީގައި 2001 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޫސާ ފަތުޙީގެ ފަރާތުން 1000/-ރ. (އެއްހާސް) ރުފިޔާ ފޮނުވާކަމަށާއި އެ ރުފިޔާ ޤަބޫލު ކުރަމުންދާ ވާހަކަ އޮތް ކަމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި މީގެ އިތުރުން އެ 1000/-ރ. (އެއްހާސް) ރުފިޔާއިން ފަރުނުޖެއްސޭތީ ކެއުން ބުއިމަށާއި، ބޭސް ފަރުވާ އަށާއި، އަންނަނުނަށާއި، އެހެނިހެން ޒަރޫރީ ބޭނުންތަކަށާއި، ކޮޓަރީގެ ކުއްޔަށާއި އެއްޗެހި ދޮވެދީ ކާންބޯންދީ ހަދާ މީހާގެ މުސާރައާއެކު 5,500/-ރ. (ފަސްހާސް ފަސްސަތޭކަ) ރުފިޔާ 14 އޭޕްރިލް 2002 ގެ ފަހުން ފޮނުވަންވާނެ ކަމަށް ޙާމިދު އިބްރާހީމް ބުނެފައިވާކަމަށް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ސިޓީއަށް ބިނާކޮށް، 2001 ވަނަ އަހަރު ޖުމުލަ 12,000/-ރ. (ބާރަހާސް) ރުފިޔާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށް ލިބިފައިވާނެ ކަމަށް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
ހެކިތަކާމެދު ދެ ފަރާތުން ހައިކޯޓުގައި ދެއްކި ވާހަކަމަތީގައި މި އިޝާރާތް ކުރި ސިޓީތަކާއި، އެ ސިޓީ ތަކުގައިވާ ކަންކަމަށް ބަލާއިރު، މި ސިޓީތަކަކީ ހައިކޯޓަށް މި މައްސަލައިގައި އަލަށް ހުށަހެޅުނު ހެކިތަކެއް ކަމުގައްޔާއި، މިއީ ހައިކޯޓުގެ މަރުޙަލާގައި އަލަށް ބަލައި ގަނެވޭނެ ހެކިތަކެއް ނޫންކަމުގައި ޢަބްދުލްޣަފޫރު ހާމިދުގެ ފަރާތުން ހައިކޯޓުގައި ވާހަކަ ދައްކާފައިވެއެވެ. އަދި މި ސިޓީތަކުގައިވާ ފައިސާތަކަކީ ޙާމިދު އިބްރާހީމަށް އެއްވެސް ގޮތަކުން ލިބިފައިވާ ފައިސާއެއްކަން އެނގޭނެ ހެއްކެއް މޫސާ ފަތުޙީއަށް ހައިކޯޓަށް ދެއްކިފައި ނުވާ ކަމުގައިވެސް ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ބުނެފައިވެއެވެ.
މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން މޫސާ ފަތުޙީގެ ފަރާތުން ބުނެފައިވަނީ މިއީ އާ ހެކިތަކެއް ނޫން ކަމުގައެވެ. އަދި މި ހެކިތަކަކީ މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހެކިތަކެއް ކަމުގައެވެ.
މި ނުކުތާއާ ގުޅިގެން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ރިޢާޔަތް ކުރާއިރު، މޫސާ ފަތުޙީގެ ފަރާތުން ދަޢުވާ ސާބިތު ކުރުމަށް ދަޢުވާ ފޯމާއެކު ހުށަހަޅާފައިވަނީ، ކުރިން ވެސް އަހުރެން އިޝާރާތް ކުރި ފަދައިން ޝަފަހީ ތިން ހެއްކެކެވެ. ދަޢުވާ ފޯމުގެ އިތުރުން ޚުލާޞާ ބަޔާން ހިމެނޭ ގޮތުން މޫސާ ފަތުޙީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ 06 ބަޔާނުން ކުރެ ބަޔާނެއްގައި، ހައިކޯޓުގެ ރިޕޯޓުގައި އިޝާރާތް ކޮށްފައިވާ ސިޓީތައް މޫސާ ފަތުޙީގެ ފަރާތުން ވަކި ކަމެއް ސާބިތު ކުރުމަށް ހުށަހެޅުނުކަން އެނގެން ނެތެވެ. އަދި އެ ސިޓީތަކުގައި ބަޔާން ކޮށްފައިވާ ކަންކަމާ ގުޅިގެން ސިވިލް ކޯޓުގައި މޫސާ ފަތުޙީގެ ފަރާތުން ވާހަކަ ދައްކާފައިވާތީ، އެ ބަޔާންތަކުން އަހުރެންނަށް ނުފެނެއެވެ. ވުމާއެކު، އެ ހެކިތަކަކީ ހައިކޯޓަށް އަލަށް ހުށަހެޅިފައިވާ ކަންތައްތަކެއް ކަމުން އެ ހެކިތަކަށް އެ ކޯޓުން ބުރަދަނެއް ދީފައިވަނީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، މި މައްސަލަ ހައިކޯޓުން ބަލާފައިވަނީ، ސުޕްރީމް ކޯޓުން ތަޙްވީލު ކޮށްގެން ކަމުގައިވާއިރު، ސުޕްރީމް ކޯޓުން އެއިއިރު މި މައްސަލަ ތަޙްވީލު ކުރުމަށްފަހު ހައިކޯޓަށް ދީފައިވާ އިރުޝާދަކީ ހައިކޯޓުގެ މައްސަލަ ބެލުމުގެ އިޖުރާއަތުގެ ތެރެއިން މި މައްސަލަ އަލުން ބެލުމެވެ. އަދި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ފާހަގަ ކުރެވުނު ތިންވަނަ ނުކުތާއިން، މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ފަރާތުން ހުށަހެޅި ކަންކަމަށް މައުޟޫޢީ ގޮތުން ބަލާފައިވާ ކަމާއި، ސިވިލް ކޯޓުން ފައިސަލާ ކުރަނިވި ނިންމުމެއް ނިންމާފައިވާކަން ފާހަގަ ކޮށްފައި އޮތުމުން މިއީ އައު ހެކި ބަލައިގަތުމަށް ހައިކޯޓަށް އިރުޝާދެއް ދީފައިވާ މައްސަލައެއް ނޫންކަން އެނގެއެވެ.
އެއްބަސްވުން ބާޠިލު ނުކުރުން ބެލިކަމަށް ހެކި ލިބޭތަ؟ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން އިސްތިއުނާފީ 2 ވަނަ ނުކުތާގައި ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުން ބާޠިލު ކޮށްދިނުމަށް އެދި ޙާމިދު އިބްރާހީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެއްބަސްވުން ބާޠިލު ކުރާނެ ތަނެއް ނެތްކަމުގައި ނިންމާފައިވާ ނިންމުންތަކަކީ މޫސާ ފަތުޙީ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރަމުން ގެންދިޔަކަމަށް ކަނޑައަޅާފައިވާ ޤަޟިއްޔާ ތަކެއް ކަމުގައި ހައިކޯޓުން ބަލައި އިފްތިރާޟު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ. އަދި އެ ފަދައިން ކަނޑައެޅި ސަބަބު ވެސް ހައިކޯޓުން ފާހަގަ ކޮށްފައި ނުވާކަމުގައެވެ.
މި ނުކުތާގެ ރައްދުގައި މޫސާ ފަތުޙީގެ ފަރާތުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މައްސަލަ ނިންމި ގޮތުގެ ޗިޓް ނަންބަރު F/2001/01(2) ގައި، ޙާމިދު އިބްރާހީމް މޫސާ ފަތުޙީ ލައްވާ ބެލެން ނޭދުމަކީ އެގްރިމެންޓް ބާޠިލުވާންޖެހޭ ފަދަ ސަބަބެއް ނޫންކަމަށާއި، މޫސާ ފަތުޙީ ބެލުން ޝަރުޠު ކުރުމުގެ އެގްރިމެންޓްގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާ ކަމަށް ބެލޭނެ ޙާލަތެއް ނެތްކަމަށް ބަޔާން ކޮށްފައި ވާކަމުގައެވެ.
މި މައްސަލައިގެ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ 09 ވަނަ ނުކުތާގެ 02 ވަނަ ޕެރެގްރާފުގައި ޢަބްދުލްޣަފޫރު ޙާމިދުގެ ފަރާތުން ފާހަގަ ކުރާ ކަންތައް އެ މޭރުމުން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި އެފަދައިން ނިންމުމަށް ވާސިލުވި ސަބަބަބެއް، ތަފުސީލެއް ހައިކޯޓުގެ ޙުކުމުން ފާހަގަ ނުކުރެވެއެވެ.
އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރިކަމާމެދު ސުވާލު އުފެދޭ ޙާލަތުގައި، އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރިކަން ސާބިތުވާން ޖެހޭނީ ޢާންމު އުސޫލެއްގެ ގޮތުން ހެކި ހުށަހަޅައިގެންނެވެ. މި މައްސަލައިގައި ނަމަ، އެއްބަސްވުމާ އެއްގޮތަށް ޙާމިދު އިބްރާހީމް ބަލާފައިވާކަމަށް މޫސާ ފަތުޙީ ބުނާނަމަ މޫސާ ފަތުޙީ އެކަމަށް ހެކި ދައްކަންޖެހޭނެއެވެ. އެއްބަސްވުން ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅުމަކީ، އަދި ވަކިން ޚާއްޞަކޮށް، އެއްބަސްވުމުގައި ބުނާ ފަދައިން ބަލާފައިނުވާ ކަމުގެ މައްޗަށް މައިގަނޑު ޚުޞޫމަތް ބިނާވާ ހާލަތުގައި އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާ ކަމަށް ބެލެވޭނެ ހާލަތެއް ނެތުމަކީ އޭގެ އިދިކޮޅު ސާބިތުވުން ކަމުގައި އަހުރެން ނުދެކެމެވެ. މި ހާލަތުގައި އެ ޚުޞޫމަތަކީ ވާޤިޢީ ކަންކަމާ ގުޅިފައިވާ ޚުޞޫމަތެއް ކަމުގައިވާތީ ޚުޞޫމަތާ މެދު ގޮތެއް ނިމެންވާނީ ހެކީގެ މައްޗަށް ކަމުގައި ދެކެމެވެ.
މި ނުކުތާގައި ކޯޓު ނަންބަރު 03 ގެ ނަންބަރު 179/JC-3/91 ޤަޟިއްޔާގެ ޙުކުމުގައި ފާހަގަ ކޮށްފައިވާ ޢިބާރާތް ތަކުރާރު ކުރަމެވެ. އެ ޙުކުމުގައިވަނީ "އެގްރިމެންޓްގެ 01 ވަނަ މާއްދާގައި ބެލުމަކީ ކާންދިނުން އަންނައުނު ދިނުން، ބަލިވީމަ ބެލުން، މަރުވީމާ ވަޅުލުން ކަމަށް ޝަރުޠު ކޮށްފައިވަނިކޮށް ޙާމިދު އިބްރާހީމް ދުނިޔޭގައި ހުއްޓާ އެ ޝަރުޠު ފުރިހަމަވީކަމަށް ކަނޑައެޅެންނެތް" ކަމަށެވެ. މިއީ ނިހާއީ ޙުކުމެއްގެ ދަރަޖަ ލިބިފައިވާ ޙުކުމެއް ކަމުން އެއްބަސްވުމާ އެއްގޮތަށް ޙާމިދު އިބްރާހީމް ބެލިކަމަށް ނިންމޭނީ، އެއްބަސްވުމުގައިވާ މައިގަނޑު ކަންކަން، އެއްބަސްވުމާ އެއްގޮތަށް ފުރިހަމަ ކުރިކަން ސާބިތުކޮށް ދިނުމުންނެވެ. އެއީ އިފްތިރާޟަކުން ނިންމޭނެ ކަމެއް ނޫންކަން މި މައްސަލައިގެ ނިންމުމުން އެނގެއެވެ.
ކަންމިހެން އޮތުމުން ހައިކޯޓުން، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުން ބާޠިލު ކުރަން ހުށަހެޅި މައްސަލަތަކުގައި އެއްބަސްވުން ބާޠިލު ކޮށްފައި ނުވާކަމަށް ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަކީ މޫސާ ފަތުޙީ އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ޢަމަލު ކުރަމުން އައިކަމަށް ކަނޑައެޅިފައިވާ ޤަޟިއްޔާތަކެއް ކަމުގައި ބަލަންޖެހޭނެ ކަމުގައި ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމުގައި އަހުރެން ދެކެމެވެ.
ގޯއްޗާއި، ގޯތީގައިވާ ޢިމާރާތުގެ މިލްކުވެރިކަންމި މައްސަލަ ހުށަހެޅުމަށްފަހު ޢަބްދުލްޣަފޫރު ޙާމިދު އެދިފައިވާ އެއްކަމަކީ، ޙާމިދު އިބްރާހީމްގެ މުދާ ޙާމިދު އިބްރާހީމްގެ ވާރިސުންގެ މިލްކެއްގެ ގޮތުގައި ކަނޑައަޅައި ދިނުމެވެ. މި ތަނުގައި މުދާކަމަށް ޢަބްދުލްޣަފޫރު ޙާމިދު އިޝާރާތް ކޮށްފައި އެވަނީ، މ. ރާޅުފުނި ގޯއްޗާއި، އެ ގޯތީގައިވާ ޢިމާރާތަށް ކަމުގައި މި މައްސަލައިގައި ދައްކާފައިވާ ވާހަކަތަކުން ދޭހަވެއެވެ.
މި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ބެލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވި، ސުޕްރީމް ކޯޓުން ހައިކޯޓުގެ އެ ޤަޟިއްޔާ ހައިކޯޓުން އަލުން ބެލުމަށް އަމުރުކުރުމުން ހައިކޯޓުން ބެލި މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ބަލާ މައްސަލައެކެވެ. އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގެ މައުޟޫޢުގެ ތެރޭގައި ގޯއްޗާއި އިމާރާތުގެ މިލްކުވެރިކަމާމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައި ނުވެއެވެ. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައަކީ އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުހީ ޙާމިދު އިބްރާހީމް ބެލިކަމުގައި ކަނޑައަޅައި ދިނުމަށް ހުށަހެޅުނު މައްސަލައެކެވެ.
ވުމާއެކު، މި މައްސަލައިގެ ތެރެއިން ޙާމިދު އިބްރާހީމްގެ މުދާ، ޙާމިދު އިބްރާހީމްގެ ވާރިސުންގެ މިލްކެއްގެ ގޮތުގައި ކަނޑައަޅައި ދިނުމާމެދު ގޮތެއް ނިންމިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތްމަތީގައި ތަފުސީލުކޮށް ފާހަގަ ކުރި ކަންކަމުގެ އަލީގައި، 18 އޭޕްރިލް 1979 ގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރި ފަހުން 23 ނޮވެމްބަރ 2007 ގައި ޙާމިދު އިބްރާހީމް ކަނޑަށް ވެއްޓި ގެއްލުމާ ހަމައަށް، ހިނގާފައިވާ 28 އަހަރާއި، 07 މަހާއި 06 ވަރަކަށް ދުވަހު، އެއްބަސްވުމުގައިވާ ފަދައިން މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބަލާފައިވާކަމުގައި އަހުރެންނަށް ބުރަ ނުވެއެވެ. އެކަމަށް މި މައްސަލައިން ހެކި ނުލިބެއެވެ.
މުޅި މައްސަލައަށް ބަލާއިރު، ޙާމިދު އިބްރާހީމަށް މޫސާ ފަތުޙީ ދީފައިވާ 21,000/-ރ. (އެކާވީސް ހާސް) ރުފިޔާއަކީ ކޮން ބޭނުމަކު، ކޮންއިރަކު ދީފައިވާ ފައިސާއެއްކަމާމެދު އުފެދޭ ސުވާލަށް މި މައްސަލައިގެ ތެރެއިން އަހުރެންނަށް ޖަވާބެއް ނުލިބެއެވެ. ކަން މިހެން އޮތްއިރު، އިތުރު ހެއްކެއް ނެތި، އެ ފައިސާއަކީ، އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން ކޯޓު ނަންބަރު 03 ގެ 170/JC-3/92 ޤަޟިއްޔާ ނިންމި ތާރީޚު ކަމުގައިވާ 1992 އޮގަސްޓް 23 ވަނަ ދުވަހާ ހަމައަށް ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީ ކޮށްފައިވާ ޚަރަދެއްކަމުގައި އަހުރެންނަށް ބުރަ ނުވެއެވެ.
މީގެ އިތުރަށް ސިވިލް ކޯޓުގައި ހެކިބަސް ދީފައިވާ ތ. ބުރުނީ ވައިޖެހޭގޭ އަބޫބަކުރު އާދަމްގެ ހެކިބަހުން 2006 އިން ފެށިގެން 2007 ގެ ނޮވެމްބަރގެ ނިޔަލަށް 16,000/-ރ. (ސޯޅަ ހާސް) ނުވަތަ 17,000/-ރ. (ސަތާރަ ހާސް) ރުފިޔާ މޫސާ ފަތުޙީގެ ފަރާތުން ޙާމިދު އިބްރާހީމަށް ދީފައިވާކަން އޭނާއަށް އެނގޭ ކަމަށް ބުނެފައިވާ ހެކި ބަހަށް ބަލާއިރު، މިއީ އެއްބަސްވުމުގެ މުއްދަތުގެ ތެރެއިން ދެ އަހަރެއްހައި ދުވަހުގެ މުއްދަތަށް ކޮށްފައިވާ ޚަރަދެކެވެ. މި ހާލަތުގައި ބަހުސްގެ ބޭނުމަށް ނަމަވެސް 18 އޭޕްރިލް 1979 ގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރި ފަހުން 23 ނޮވެމްބަރ 2007 ގައި ޙާމިދު އިބްރާހީމް ކަނޑަށް ވެއްޓި ގެއްލުމާ ހަމައަށް، ހިނގާފައިވާ 28 އަހަރާއި، 07 މަހާއި 06 ވަރަކަށް ދުވަހުގެ ތެރެއިން 02 އަހަރު ދުވަހު ޙާމިދު އިބްރާހީމް ބެލުމަށް މޫސާ ފަތުޙީ ޚަރަދެއް ކޮށްފައި އޮތުމަކީ، އެއްބަސްވުމާ އެއްގޮތަށް، އެއްބަސްވުމުގެ މުއްދަތުގައި މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބެލިކަމަށް ބާރުލިބޭ ހެއްކެއް ކަމުގައި އަހުރެން ނުދެކެމެވެ.
ކަންމިހެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާގައި ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ޙާމިދު އިބްރާހީމް ބެލިކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުވާތީ، އެ ޤަޟިއްޔާ ބާޠިލުކޮށް މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 37/Cv-C/2010 ޤަޟިއްޔާގައި އެއްބަސްވުމާ އެއްގޮތަށް މޫސާ ފަތުޙީ ކޮށްދޭންޖެހޭ ކަންތައްތައް ކޮށްފައި ނުވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބަޔަށް ތާއީދު ކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
އަދި މ. ރާޅުފުނި ގޯއްޗާއި، އެ ގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަމާމެދު ދައުވާ ކުރަން ބޭނުންވާ ނަމަ، އެ ޙައްޤު ޙާމިދު އިބްރާހީމްގެ ވާރިސުންނަށް އޮތް ކަމަށް ކަނޑައަޅަން ވެސް އަހުރެންނަށް ފެނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ އެއްގޮތަށް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލް ކަމަށް ކަނޑައަޅައި، މ. ރާޅުފުނި ގޯއްޗާއި، އެ ގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަމާމެދު ދައުވާ ކުރަން ބޭނުންވާ ނަމަ، އެ ޙައްޤު ޙާމިދު އިބްރާހީމްގެ ވާރިސުންނަށް އޮތް ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޙްމަދު މުޢުތަޞިމް ޢަދުނާންމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.