ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2023] SC 40 · 2021/SC-A/24

މުޙައްމަދު ވިސާމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 އޮކްޓޫބަރު 2023ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/369
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ ބެލުމަށް ކަނޑައެޅުނު 6 ޝަރުޠު ވިސާމް ފުރިހަމަކުރިކަން ސާބިތުނުވާތީ ގޯތި އޭނާއަށް މިލްކުވި ކަމަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށެވެ. ހައިކޯޓުން، ބެލުމުގެ ޒިންމާ ދުވަހުން ދުވަހަށް އަދާކުރީ ހުވަފަތް އަނބިމީހާ ކަން ސާބިތުވާތީ، ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ 1995 ގައި ހ. ކޮޓްން ގޯތިން އޭނާގެ ބައި، އޭނާ މަރުދުވަހަށް ބެލުން ޝަރުޠުކޮށް މުޙައްމަދު ވިސާމްއަށް ދިނުމަށް އެއްބަސްވިއެވެ. ފަހުން ކައިވެނިކޮށް ދަރިއަކު ލިބުނުއިރު، ވިސާމް ބަލަމުން ނުދާ ކަމަށް ބުނެ އެއްބަސްވުން ބާޠިލުކުރަން ކުރި ދަޢުވާ ކުރިއަށް ދަނިކޮށް 2016 ގައި ނިޔާވިއެވެ. އޭގެފަހުން ގޯތީގެ އެ ބައި އޭނާގެ މިލްކުކަމުގައި ކަނޑައަޅައިދިނުމަށް ވިސާމް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބެލުން ޝަރުޠުކޮށް ދިނުމާބެހޭ އެގްރީމެންޓުގައިވާ ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް މުޙައްމަދު ވިސާމް ފުރިހަމަކޮށްފައިވާކަން ސާބިތުނުވާ ކަމަށް ހައިކޯޓުން ނިންމީ ސާބިތުކުރުމުގެ އުޞޫލުތަކާ ޚިލާފަށްތޯ؛ ބެލުމުގެ ޒިންމާ އެހެން ފަރާތަކުން (ހުވަފަތް އަނބިމީހާ) އަދާކުރުމަކީ އެއްބަސްވުމަށް އަސަރުނުކުރާ ކަމެއްތޯ؛ އަދި ހައިކޯޓުން ޙުކުމަށް ވާޞިލުވި ސަބަބު ބަޔާންކޮށްފައިވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ވިސާމް ބުނީ ބެލިކަން ސާބިތުކުރަން ކާފީ ހެކި ހުށަހެޅި ނަމަވެސް ހައިކޯޓުން ސާބިތުކުރުމުގެ އުޞޫލުތަކާ ޚިލާފަށް ނިންމި ކަމަށާއި، އަނބިމީހާ ފިރިމީހާ ބެލުމަކުން އެއްބަސްވުމަށް އަސަރުނުކުރާ ކަމަށާއި، ހައިކޯޓުން ސަބަބު ބަޔާންނުކުރާ ކަމަށެވެ. ތަދައްޚުލްވި އަނބިމީހާ ބުނީ ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކާންބޯން، އަންނައުނު، ތޯހިރުވުމުގެ ތަކެތި، ދިރިއުޅޭނެ ތަން ދިނުމުގެ ޝަރުޠުތައް ފުރިހަމަކުރިކަން ސާބިތުނުވާއިރު، ބޭސްފަރުވާއާއި ވަޅުލުމުގެ ކަންކަން ކޮށްފައިވަނީ ގިނަގުނަ އަނބިމީހާގެ ފަރާތުންކަން އެނގެއެވެ. ޝަރުޠުތައް ވަކިވަކިން ސާބިތުކުރުމުގެ ބުރަ ވިސާމްގެ މައްޗަށް އޮތްއިރު އެކަން ސާބިތުނުވާތީ، އަދި ހައިކޯޓުގެ ސަބަބުތަކުން ނިންމުމުގެ ދޭހަ ކަނޑައެޅޭތީ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަ ސަބަބެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ބެލުން ޝަރުޠުކޮށް މުދާ ދިނުމަކީ މީހަކު މަރުދުވަހަށް ބެލުން ޝަރުޠުކުރުމަށްފަހު އެ މީހާގެ މުދާ ނުވަތަ މުދަލުން ބައެއް އެހެން މީހަކަށް ދިނުމެވެ؛ މުދަލުގެ މިލްކުވެރިކަން ބެލުމާ ޙަވާލުވި މީހާއަށް ބަދަލުވަނީ ބެލުން ޝަރުޠުކުރި މީހާ ނިޔާވުމުން، ބެލުމަށް ކުރި ޝަރުޠުތައް ފުރިހަމަވެފައިވާކަން ބެލުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިވާނަމައެވެ. އަށް ތަބާވެ)

HN2 ބެލުން ޝަރުޠުކޮށް މުދާ ދިނުމުގެ އުންޞުރުތަކަކީ (1) މީހަކު ދުނިޔޭގައި ހުރެ މަރުދުވަހަށް ބެލުމަށް ޝަރުޠުކޮށް މުދަލެއް އެހެން މީހަކަށް ދިނުން، (2) ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުއްދުމުގައި ބެލުމަށް ޙަވާލުވި މީހާ ދެމިހުރުން، (3) ބެލުން ޝަރުޠުކުރި މީހާ ނިޔާވުން، އަދި (4) އޭގެފަހުން މިލްކުވެރިކަން ބަދަލުކުރުމެވެ.

HN3 ބެލުމަށް ކަނޑައެޅުނު ކޮންމެ ޝަރުޠެއް ވަކިވަކިން ފުއްދިފައިވާކަމާއި، ޝަރުޠުތައް އަދާކުރުމުގައި މެދުކެނޑުމެއް ނެތި މަރުދުވަހަށް ވަފާތެރިކަމާއެކު ދެމިހުރިކަން މަދަނީ މިންގަނޑުން ސާބިތުވާންވާނެއެވެ؛ އަދި އެކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ ބެލުމަށް ޙަވާލުވި މީހާގެ މައްޗަށެވެ. ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠު ފުރިހަމަނުވިކަމުގައިވިޔަސް މުދަލުގެ މިލްކުވެރިކަން ބެލުމަށް ޙަވާލުވި މީހާއަށް ބަދަލެއް ނުވާނެއެވެ.

HN4 ބެލުން ޝަރުޠުކުރި މީހާގެ ހުވަފަތް އަނބިމީހާގެ މައްޗަށް ޝަރުޠުތައް ފުރިހަމަނުވާކަން ސާބިތުކުރުމުގެ ބުރައެއް ނެތެވެ. ބެލުން ޝަރުޠުކޮށް މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަތަކުގައި، އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ކޯޓުތަކުން މައްސަލަ ބަލާނީ މައްސަލަ ރައްދުވާ ފަރާތެއް ނެތް ގޮތަށް، ބެލުން ޝަރުޠުކުރި މީހާ ނިޔާވެފައިވާތީ އޭނާ އިންކާރުކޮށްފައި އޮންނަ ޙާލަތެއްގައި ސާބިތުކުރުމުގެ ބުރަ އުފުލާ ގޮތަށެވެ.

HN5 ބެލުން ޝަރުޠުކުރި މީހާ އެކަނިވެރިއަކަށް ހުރިއިރު އެއްބަސްވުން ހަދައި، އޭގެފަހުން ކައިވެނިކޮށް ޢާއިލާއާއެކު ދިރިއުޅޭއިރު، ބެލުމުގެ އެންމެހައި ޒިންމާ ނަގަމުން ގޮސްފައިވަނީ ބެލުމަށް ޙަވާލުވި ފަރާތް ކަމަށް ޤަބޫލުކުރެވޭނީ ވަރަށް ހަރުދަނާ ހެކި ހުރެގެން މެނުވީ ނޫނެވެ.

HN6 ބެލުމުގެ ޒިންމާ އެހެން ފަރާތަކުން އަދާކުރުމަކީ އެއްބަސްވުމަށް އަސަރުނުކުރާ ކަމެއް ކަމަށް ބުނެ ހައިކޯޓުގެ ޤަޟިއްޔާއަކަށް ޙަވާލާދީފައިވިޔަސް، އެ ޙުކުމް ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙު ގައި ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިވާއިރު، މިހާރު ޢަމަލުކުރެވޭ އުޞޫލަކީ ޝަރުޠުތައް ވަކިވަކިން ފުއްދިފައިވުމާއި ބެލުމަށް ޙަވާލުވި މީހާ ވަފާތެރިކަމާއެކު ދެމިހުރިކަން ސާބިތުވުމެވެ؛ ބެލުމަށް ޙަވާލުވި މީހާއަށް ޝަރުޠުތައް ފުއްދުމަށް ހުރަސްއެޅިކަމަށް ސާބިތުނުވާނަމަ އެ ޙުއްޖަތަކުން ފައިދާއެއް ނުކުރެއެވެ.

HN7 ހެކި ކޮބައިކަމާއި، އެ ހެކި ވަޒަންކުރި ގޮތާއި، ޙުކުމަށް ވާޞިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމަކީ ޙުކުމެއް ހެއްކާއި ޤަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއެކު ކުރި ޙުކުމެއްކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތެވެ؛ ސަބަބު ބަޔާންކުރުމަކީ ޚަޞްމުންނަށް އޮޅުންނާރާނެ ގޮތަކަށް ބުނެދިނުމެވެ. ނަމަވެސް، ހައިކޯޓުން ދީފައިވާ ސަބަބުތަކުން ނިންމުމުގެ ދޭހަ ކަނޑައެޅޭނަމަ، ކޮންމެ ޝަރުޠެއް ވަކިވަކިން ބަޔާންކޮށްފައި ނުވުމަކީ ޙުކުމަށް ބަދަލު ގެނައުމުގެ ސަބަބެއް ނޫނެވެ. އަށް ތަބާވެ)

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު.....2

ތަޢާރުފު .....2 ކަންހިނގާދިޔަ ގޮތުގެ ޚުލާސާ.....2 ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް.....4 ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް.....6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު .....7 އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާ .....11

(ހ) ބެލުން ޝަރުޢުކޮށް ދިނުމާއި ބެހޭ އެގްރީމެންޓުގައި ބަޔާންކުރާ ޝަރުޢުތައް ފުރިހަމަކުރުން.....12 ބެލުން ޝަރުޢުކުރުން .....13 ބެލުމަށް ކަނޑައެޅުނު ޝަރުޢުތައް .....14 މުޙައްމަދު ވިސާމްގެ ފަރާތުން ޝަރުޢުތައް ފުރިހަމަ ކުރިތޯ .....14

(ރ) ބެލުމުގެ ޒިންމާ އެހެން ފަރާތަކުން އަދާކުރަމުން ދިޔުން .....18

(ނ) ސަބަބު ބަޔާންކޮށްދީފައި ނުވާކަން.....20 ނިންމަން ފެންނަގޮތް .....21

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު .....21

ފަނޑިޔާރު ޙުސްނުއްސުޢޫލުގެ ރައުޔު .....21

ޙުކުމް .....22 بِسْمِ الرَّحْمَنِ މުޙައްމަދު ވިސާމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ [2023] SC 40

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު

ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/369 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި […] މުޙައްމަދު ވިސާމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2021/SC-A/24 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލައިގެ ނިޔާއެވެ.

2މި ޤަޟިއްޔާގެ މައުޟޫއަކީ ބެލުން ޝަރުޠުކޮށް މުދާ ދިނުމެވެ. މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލިއިރު މި މައްސަލަ ދަށު ކޯޓުގަ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ބެލުން ޝަރުޠުކުރި ފަރާތް […] އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ("ބެލުން ޝަރުޠުކުރާ މީހާ") ގެ ހުވަފަތް އަނބި، ގއ. ކަނޑުހުޅުދޫ، ލިންކިން ޕާރކް، މަރްޔަމްމަނިކެ ("މަރްޔަމްމަނިކެ") ހިމެނިގެން ކަމަށްވާތީވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 61 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މައްސަލައަށް މަރްޔަމްމަނިކެ ވަނީ ތަދައްޚުލްކުރެވި ފައެވެ.

ކަންހިނގާދިޔަ ގޮތުގެ ޚުލާސާ

3[…] އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ހިމެނިގެން ރަޖިސްޓްރީ ކުރެވިފައިވާ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން އެ މަރުޙޫމްއަށް މިލްކުވެގެންވާ ބައި، އޭނާ މަރުދުވަހަށް ބެލުމަށް ޝަރުޠުކޮށް […] މުޙައްމަދު ވިސާމްއަށް ދިނުމަށް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އާއި މުޙައްމަދު ވިސާމް ("ބަލަން ޙަވާލުވި ފަރާތް") އާ ދެމެދު 30 އޮކްޓޫބަރު 1995 ގައި އެއްބަސްވެ ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓް (" މީގެ ފަހުން ބެލުން ޝަރުޠުކޮށް ދިނުމާއިބެހޭ އެގްރީމެންޓް" ނުވަތަ " އެއްބަސްވުން" މިހެން އިޝާރާތް ކޮށްފައިވާ) ގައި ސޮއިކުރި އެވެ.

4ބުނެވިދިޔަ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 2 ގެ ނަންބަރު 764/JC-2/96 ޤަޟިއްޔާ އިން ރަޖިސްޓްރީކޮށްދީފައި ވެއެވެ.

5ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓްގެ ދަށުން މުޙައްމަދު ވިސާމްގެ މައްޗަށް ކަނޑައަޅާފައިވާ ޝަރުޠުތަކަކީ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ މަރު ދުވަހަށް ކާންބޯން ދިނުމާއި، އުނުއަންނައުނު ދިނުމާއި، ހިނައި ތާޙިރުވުމަށް ބޭނުންވާނެ ސައިބޯނި ޝޭމްޕޫ ސެންޓް ފަދަ ތަކެތި ދިނުމާއި، ދިރިއުޅޭނެ ތަނެއް ދިނުމާއި، ބަލިވީމަ ބެލުމާއި، މަރުވީމަ ވަޅުލުމުގެ ކަންތައްތައް ("ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް") ކޮށްދިނުމަށެވެ.

6އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް ދަރިއަކު ލިބިފައިވާތީ ކަމަށް ބުނެ، މުޙައްމަދު ވިސާމްއަށް ބެލުން ޝަރުޠުކޮށް ދީފައިވާ މުދާ އަނބުރާ ހޯދުމަށް އެދި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ފަރާތުން 2002 ވަނަ އަހަރު މަދަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވެއެވެ. އެ މައްސަލަ ބަލާފައި ވަނީ މަދަނީ ކޯޓުގެ ނަންބަރު 632/MC/2002 ވަނަ ޤަޟިއްޔާ އިންނެވެ. މި މައްސަލައިގައި މަދަނީ ކޯޓުން ޙުކުމްކޮށްފައި ވަނީ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ފަރާތުން އެއްބަސްވުން ބާޠިލުކުރުމަށް ހުށަހެޅި ސަބަބަކީ އެއްބަސްވުން ބާޠިލުކުރެވޭ ފަދަ ސަބަބަކަށް ނުވާތީ ބެލުން ޝަރުޠުކޮށް ދިނުމާއިބެހޭ އެގްރީމެންޓް ބާޠިލުކުރެވޭނެ ތަނެއް ނެތް ކަމަށެވެ.

7އޭގެފަހުން، ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓްއަށް މުޙައްމަދު ވިސާމް ޢަމަލުކުރަމުން ނުދާ ކަމަށް ބުނެ، އެއްބަސްވުން ބާޠިލުކޮށް ދިނުމަށް އެދި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ފަރާތުން 2015 ވަނަ އަހަރު ސިވިލް ކޯޓަށް އިތުރު މައްސަލައެއް ހުށަހަޅާފައި ވެއެވެ. އެ މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2205/Cv-C/2015 ޤަޟިއްޔާ އިންނެވެ. އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ދަނިކޮށް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ 18 ފެބުރުވަރީ 2016 ގައި ނިޔާވެފައި ވާތީ، އެ މައްސަލައިގެ ދައުވާ ފޯމު ސިވިލް ކޯޓުން ވަނީ ބާޠިލު ކޮށްފައެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

8އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ނިޔާވިތާ 01 އަހަރާއި 05 މަސްފަހުން […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާ ނުއުފުލޭ މުދަލުން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް މިލްކުވެގެންވާ ބަޔަކީ މުޙައްމަދު ވިސާމްގެ މިލްކު ތަންތަންކަމުގައި ކަނޑައަޅައި ދިނުމަށް އެދި، މުޙައްމަދު ވިސާމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ ބަލާފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު 1868/Cv-C/2017 ޤަޟިއްޔާ އިންނެވެ. މިއީ ކުރިމަތީގައި މި އޮތް އިސްތިއުނާފު ކުރެވޭ މައްސަލައިގެ ދަށު ކޯޓުގެ ނިންމުން ބިނާވި މައްސަލައެވެ.

9ސިވިލް ކޯޓުގެ އެ މައްސަލައަށް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރުވިއިރު އިން އޭނާގެ ހުވަފަތް އަނބިމީހާ މަރްޔަމްމަނިކެ ތަދައްޚުލްވިއެވެ. އަދި މަރްޔަމްމަނިކެގެ ފަރާތުން ބުނެފައި ވަނީ، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ނިޔާވިއިރު އޭނާގެ ފިރިހެން ދަރިއަކު ހުރި ކަމަށާއި، އޭނާގެ ވާރިޘުން ތިއްބައި އޭނާގެ ތަރިކައިގެ ހުރި […] އެވެކިޔާ ގޯތިން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް ލިބިގެންވާ ބައި އެހެން މީހަކަށް ލިބުމަށް އިޢުތިރާޟުކުރާ ކަމަށާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އާއި މުޙައްމަދު ވިސާމް އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި މުޙައްމަދު ވިސާމް ޚިލާފުވެފައިވާ ކަމަށް ބުނެ ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓު ތަންފީޒުކުރުމަށް ނުރުހޭ ކަމަށް ބަޔާންކޮށްފައެވެ.

10ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމް ކޮށްފައި ވަނީ ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓާ އެއްގޮތަށް މުޙައްމަދު ވިސާމް ޢަމަލުކޮށްފައި ވާކަން ޝަރީޢަތަށް ސާބިތުނުވާ ކަމަށާއި، އެހެންކަމުން، އެއްބަސްވުމުގެ ދަށުން މުޙައްމަދު ވިސާމްއަށް ދިނުމަށް ކަނޑައަޅާފައިވާ ގޯތި އެ ފަރާތަށް މިލްކުވެފައިވާ ކަމަށް ކަނޑައަޅާނެ ހަމައެއް ނެތް ކަމަށެވެ. މި ނިންމުމަށް ސިވިލް ކޯޓުން ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.

(ހ) ބެލުން ޝަރުޠުކޮށް ދިނުމާބެހޭ އެގްރީމެންޓުގެ 1 ވަނަ މާއްދާގައި ބެލުމަށް ކަނޑައެޅުނު 06 (ހައެއް) ޝަރުޠެއް ބަޔާންކޮށްފައި ވާކަމާއި އަދި އެއީ، ކާންބޯން ދިނުމާއި، އުނުއަންނައުނު ދިނުމާއި، ހިނައިން ތާޙިރުވުމަށް ބޭނުންވާނެ ސައިބޯނި ޝޭމްޕޫ ސެންޓް ފަދަ ތަކެތި ދިނުމާއި، ދިރިއުޅޭނެ ތަނެއް ދިނުމާއި، ބަލިވީމަ ބެލުމާއި، މަރުވީމަ ވަޅުލުން ކަމަށް ބަޔާންވެފައި އޮންނާތީވެ މުޙައްމަދު ވިސާމްގެ މައްޗަށް އޮތް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ބެލުމުގައި އޮތް ޝަރުޠުތަކަކީ އެއީކަން.

(ށ) މުޙައްމަދު ވިސާމްގެ ފަރާތުން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހަށް ބަލާފައި ވާކަން ސާބިތު ކުރުމަށް ކޮށްފައި ވާކަމަށް ބުނާ ޚަރަދުތަކުގެ ތަފްސީލާއި އެކިފަހަރު މަތިން ފައިސާ ދީފައި ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުންތަކާއި އަދި ބޭސްކޮށްފައި ވާކަން އަންގައިދިނުމުގެ ގޮތުން ހުށަހަޅާފައިވާ ބައެއް ލިޔެކިޔުމާއި އަދި މުޙައްމަދު ވިސާމްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، ކ. ގުރައިދޫ، […] ޢަލީ ނިޒާރު އާއި، […] ޢަލީ ވަޙީދު އާއި […] ޢަލީ ޝަރީފް އާއި […] ފާޠިމަތު ފަހީމް އާއި […] މުޙައްމަދު ވަޙީދު އާއި […] އާދަމް ނަސީރުގެ ހެކިބަހުން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް އެކި ކަންކަމުގައި ޚަރަދުކޮށް ޙާލުބަލައި، ވަޅުލުމުގެ ކަންކަމުގައި އުޅުނުކަން އެނގުނު ކަމުގައި ވިޔަސް، ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓްގެ 1 ވަނަ މާއްދާގައި ބުނާ މުޙައްމަދު ވިސާމްގެ މައްޗަށް އޮތް ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަކޮށްފައި ވާކަން ހެކިންގެ ބަހުން ސާބިތު ނުވާކަން.

(ނ) މިގޮތުން، ކާންބޯން ދިނުމާއި، އުނުއަންނައުނު ދިނުމާއި، ހިނައި ތާޙިރުވުމަށް ބޭނުންވާނެ ސައިބޯނި ޝޭމްޕޫ ސެންޓް ފަދަ ތަކެތި ދިނުމާއި، ދިރިއުޅޭނެ ތަނެއް ދިނުމާއި، ބަލިވީމަ ބެލުމާއި، މަރުވީމަ ވަޅުލުން ކަމަށް އޮންނަ 06 (ހައެއް) ޝަރުޠު މުޙައްމަދު ވިސާމް ފުރިހަމަކޮށްފައި ވާކަން ހެކިންގެ ހެކިބަހުން ނޭގޭކަން.

11އިސްވެ ބަޔާންކުރެވުނު ގޮތަށް މި މައްސަލަ ސިވިލް ކޯޓުން ނިންމުމާ ގުޅިގެން މުޙައްމަދު ވިސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

12ސިވިލް ކޯޓުގެ ނިންމުން މުޙައްމަދު ވިސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2018/HC-A/369 ޤަޟިއްޔާ އިން އެ މައްސަލަ ބެލިއެވެ.

13ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލާ ޙުކުމްކޮށްފައި ވަނީ ސިވިލް ކޯޓަށް މުޙައްމަދު ވިސާމްގެ ފަރާތުން ހުށަހަޅާފައިވާ ސީޑީ އާއި، ލިޔުންތަކަށާއި، ހެކިންގެ ހެކިބަހަށް ބަލާއިރު މުޙައްމަދު ވިސާމް އެކި ދުވަސް މަތިން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް ޚަރަދުކޮށްފައިވާ ކަމަށާއި، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ހާލު ބަލައި އޭނާ މަރުވުމުން ވަޅުލުމުގެ ކަންކަމުގައި މުޙައްމަދު ވިސާމް އުޅެފައި ވާކަން އެނގޭ

14ނަމަވެސް، މަރްޔަމްމަނިކެގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، ހެކިންގެ ހެކިބަހަށް ބަލާއިރު، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އާއި މަރްޔަމްމަނިކެ އާ ދެމީހުން ކައިވެނި ކުރުމަށްފަހު އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުމުގެ ކަންކަން ދުވަހުން ދުވަހަށް ކޮށްފައި ވަނީ މަރްޔަމްމަނިކެ ކަމަށާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ޖަނާޒާގެ ކަންތައްތައް ކޮށްފައި ވަނީ މަރްޔަމްމަނިކެގެ ފަރާތުންކަން އެނގެން އޮންނަ ކަމަށާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުމުގައި އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ދުވަހުން ދުވަހަށް އޭނާގެ އަނބި މަރްޔަމްނިކެ އަދާކުރަމުން ގޮސްފައި ވާކަން ޝަރީޢަތަށް ސާބިތުވާތީ، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބަލާނެ މީހަކު ނެތިގެން ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް އެއްބަސްވެފައިވާ ގޮތަށް ތަންފީޒުވެފައިވާ ކަމަށް ބުރަވެވެން ނެތުމުން، ސިވިލް ކޯޓުގެ ޙުކުމަށް ތާޢީދުކޮށެވެ.

15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން މުޙައްމަދު ވިސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވުނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/369 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށްބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު ވިސާމްގެ ފަރާތުން 09 (ނުވައެއް) ނުކުތާ އެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.

16.1. ފުރަތަމަ ނުކުތާ އަކީ، މަދަނީ މުޢާމަލާތުތަކާއި ގުޅިގެން ހެކިންގެ ހެކިބަހުން ކަމެއް ސާބިތުކުރަން އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ މިންގަނޑާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާ އާއި އަޙްމަދު ނަޞީރު ވ. އިބްރާހީމް ނަފީސް ޙުސައިން ޤަޟިއްޔާ އާއި ޚިލާފަށް މައްސަލައިގައި ޙުކުމް ކޮށްފައިވާ ކަމަށް ބުނެ

16.2. ދެވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/369 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 7 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/12 އިބްރާހިމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު 8 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.3. ތިންވަނަ ނުކުތާ އަކީ، މަދަނީ ޚުޞޫމަތްތަކުގައި ސާބިތު ކުރުމުގެ ބުރަ (Onus Probandi) އުފުލުމަކީ ޢާއްމު އުޞޫލެއްގެ ގޮތުން ދައުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް ވާއިރު އިސްތިއުނާފުކުރާ މުޙައްމަދު ވިސާމްގެ ފަރާތުން، ޝަރީޢަތަށް ހުށަހެޅި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ޝަފަހީ ހެއްކާއި ކިތާބީ ހެކިން، އެ ފަރާތުގެ ދައުވާ ސާބިތުވާއިރު އަދި އެކަން ޝަރީޢަތުންވެސް ފާހަގަކުރުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ހެކީގެ މައްޗަށް ބުރަވެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމި ނިންމުމަކީ، މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ބަލާ މިންގަނޑާއި އަދި ޢަމަލުކުރަމުންދާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ

16.4. ހަތަރުވަނަ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/327 ޤަޟިއްޔާ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި މައްސަލައިގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެ މައްސަލަ ބެލި މަޖިލީހުން ރިޢާޔަތްކުރި ކަންތައްތަކާއި، ރިޢާޔަތްނުކޮށް ދޫކޮށްލި ކަންތައްތަކާއި އެ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްނުކުރެވުނު ސަބަބުތައް އެ މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" ގައި ސާފުކޮށް ބަޔާންކުރެވިފައި އޮންނަން ޖެހޭކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރާ މުޙައްމަދު ވިސާމްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ޝަފަހީ ހެއްކާއި ކިތާބީ ހެކިން، ދައުވާ ސާބިތުވާއިރު އަދި އެކަން ޝަރީޢަތުންވެސް ފާހަގަކުރުމަށްފަހު، މައްސަލަ ނިންމިއިރު އިސްތިއުނާފު ކުރާ މުޙައްމަދު ވިސާމްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ޝަފަހީ ހެއްކާއި ކިތާބީ ހެކިތަކުގެ ތެރެއިން ރިޢާޔަތްނުކޮށް ދޫކޮށްލި ހެކިތަކަކީ ކޮބައިކަން ބަޔާންކޮށް އަދި އެކަމުގެ ސަބަބުތައް ބަޔާންކޮށްފައި ނެތުމަކީ ހަވާލާދެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/327 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.5 ފަސްވަނަ ނުކުތާ އަކީ، ބާޠިލު ދައުވާ އަކީ ނުވަތަ ބާޠިލުކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ގޮތުން އޭގެ މައްޗަށް އެއްވެސް ހުއްޖިއްޔަތެއް ލިބިގެންނުވާ ބާޠިލު އެއްޗެއް ކަމާއި އަދި އެފަދަ ބާޠިލު ދައުވާއެއްގެ މައްޗަށް ނުވަތަ މައްސަލައެއްގެ މައްޗަށް އެއްވެސް ކަމެއް ތަރުތީބުވެގެން ނުދާނެ ކަމަށް ކަނޑައެޅި ބަޔާންވެފައިވާ މަފްހޫމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/401 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 1868/Cv-C/2017 ޤަޟިއްޔާ އާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/369 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.6 ހަވަނަ ނުކުތާ އަކީ، ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް (ދެމިގެންދާ އިލްތިޒާމެއް) އެއްބަސްވުމުގައި ނުހިމެނޭ އެހެން ފަރާތަކުން ކޮށްފައިވުމަކީ އެއްބަސްވުމުގެ ބައިވެރިޔާ އެކަން އެއްބަސްވުމާއި އެއްގޮތަށް އަދާކޮށްފައި ނުވާކަމަށް ބަލައި، އެއްބަސްވުމަށް އެކަމުގެ ސަބަބުން އަސަރުކުރާނެ އަދި އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަން ސާބިތުވާނެ ދަލީލެއް ނޫން ކަމަށް ކަނޑައަޅައި، މަދަނީ ކޯޓުގެ ނަންބަރު 2248/MC/2001 ޤަޟިއްޔާ އާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަސިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް މައްސަލައިގައި ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.7 ހަތްވަނަ ނުކުތާ އަކީ، ބެލުން ޝަރުޠުކޮށް މުދާ ދިނުމަކީ ބާވަތެއްގެ ވިޔަފާރީގެ އަޤުދެއްކަމާއި، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުން ޝަރުޠުކޮށް މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ދީފައިވާ މުދަލަކީ […] އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ހިމެނިގެން ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް މިލްކުވެގެންވާ ބައިކަމާއި، މި ދިނުމުގެ މުޤާބިލުގައި މުޙައްމަދު ވިސާމް ކޮށްދޭންޖެހޭ ކަމަކީ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުން (އެބަހީ ކާންބޯން ދިނުމާއި، އުނުއަންނައުނު ދިނުމާއި، ހިނައި ޢޯހިރުވުމަށް ބޭނުންވާނެ ސައިބޯނި ޝޭމްޕޫ ސެންޓްފަދަ ތަކެތި ދިނުމާއި، ދިރިއުޅޭނެ ތަނެއް ދިނުމާއި، ބަލިވީމަ ބެލުމާއި، މަރުވީމަ ވަޅުލުން) ކަމާއި، އެހެންކަމުން އިސްތިއުނާފު ކުރާ މުޙައްމަދު ވިސާމް އާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އާއި ދެމެދުވެފައިވާ ބެލުން ޝަރުޠުކޮށް މުދާ ދިނުމުގެ އެއްބަސްވުން ބާޠިލުކުރުމުގެ ނިޔަތުގައި ނުވަތަ އެފަދަ ނިޔަތެއް ނެތިވެސް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް ބުނެވިދިޔަ ކަންތައްތައް ނުވަތަ އެއިން ކަމެއް އެހެން ފަރާތަކުން ކުރުމަކީ ނުވަތަ ކޮށްދިނުމަކީ އިސްތިއުނާފު ކުރާ މުޙައްމަދު ވިސާމް އާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އާއި ދެމެދު ވެފައިވާ ބެލުން ޝަރުޠުކުރުމުގެ އެއްބަސްވުމަށް އެއްވެސް އުނިކަމެއް ނުވަތަ ޢައިބެއް އަންނާނެ ކަމެއް ކަމުގައި ނުވާއިރު، އެކަން ކަމަށް ބެލުމެއް ނެތި، މައްސަލައިގައި ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.8 އަށްވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރާ މުޙައްމަދު ވިސާމް އާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އާއި ދެމެދު ވެފައިވާ ބެލުން ޝަރުޠުކުރުމުގެ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައިވާކަން ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އާއި ގުޅިގެން، އެ މައްސަލައަށް ތަދައްޚުލްވި މަރްޔަމްމަނިކެގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބުރަދަންދީ މައްސަލަ ނިންމާފައިވާ ނިންމުމަކީ ބެލުން ޝަރުޠުކޮށް މުދައުދޭ އެއްބަސްވުންތައް ސާބިތުކުރުމުގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އައި ގޮތާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ

16.9 ނުވަވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/369 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު 8 ވަނަ ނަންބަރުގައި "ޢަބްދުލްޤާދިރު ޢަލީ ބެލުން ޝަރުޠުކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ވިސާމް ބަލަމުން ނުދާކަމަށް ބުނެ، އެ އެއްބަސްވުން ބާޠިލުކޮށް ދިނުމަށް އެދި ޢަބްދުލްޤާދިރު ޢަލީ ކޯޓުގައި އަލުން ދައުވާކޮށްފައި ވެއެވެ." މިފަދައިން ބަޔާންކޮށް އެ ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށް ފާހަގަކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ސަބަބަކީ ޙަޤީޤަތާއި ޚިލާފު ތެދުނޫން ކަމެއްގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކުރުމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާ

17މުޙައްމަދު ވިސާމްގެ ފަރާތުން މި އިސްތިއުނާފު ހުށަހަޅަމުން ދައްކާފައިވާ ވާހަކަތަކާއި އަދި ފާހަގަކޮށްފައިވާ ކަންކަން 03 (ތިނެއް) ބަޔަކަށް ޚުލާސާ ކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހަށް އެއްބަސްވެފައިވާ ގޮތަށް ބަލާފައިވާ ކަމަށް ސާބިތު ކުރުމަށް ޝަފަހީ ހެއްކާއި އަދި ކިތާބީ ހެކި ހުށަހަޅާފައި ވަނިކޮށް އެއްބަސްވެފައި ވާގޮތަށް މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބަލާފައި ނުވާ ކަމަށް ނުވަތަ ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވަނީ ސާބިތު ކުރުމަށް އޮންނަ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކި ފާހަގަކުރާ ކަންކަން.

(ށ) ދެވަނަ ކަމަކީ، މުޙައްމަދު ވިސާމް އާއެކު ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓެއް ހެދިފައި ވަނިކޮށް، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުމުގެ އެ ޒިންމާ އެހެން ފަރާތަކުން (އަލްމަރްޙޫމް ޢަބްދުލްޤާދިރުގެ އަނބިމީހާ މަރްޔަމްމަނިކެ) އަދާކުރުމަކުން މުޙައްމަދު ވިސާމް އާ ދެމެދު އޮތް އެ އެއްބަސްވުމަށް އަސަރުކޮށް އެކަމުގެ ނަތީޖާއެއްގެ ގޮތުން އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ވިސާމް ޢަމަލުކޮށްފައި ނުވާ ކަމަށް ދަލީލުކޮށްދޭ ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔއަށާ ރިޢާޔަތް ކުރުމުން އެނގޭ ކަމަށް ބުނެ ޢިޝާރާތްކުރާ ކަންކަން.

(ނ) ތިންވަނަ ކަމަކީ، މުޙައްމަދު ވިސާމްގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓާ އެއްގޮތަށް މުޙައްމަދު ވިސާމް ޢަމަލުކޮށްފައި ވާކަން ސާބިތު ނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރި ކަމުގައި ވިޔަސް އެ ނަތީޖާއަށް ވާސިލުވި ސަބަބު ބަޔާންކޮށްދީފައި ނުވާ ކަމަށް ދެކި ޖުމްލަ ގޮތެއްގައި ޙުކުމަށް ވާސިލުވި ސަބަބުތަކާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތައް.

18މި އިސްތިއުނާފުގައި ތަދައްޚުލުކުރެވިފައިވާ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ހުވަފަތް އަނބި މަރްޔަމްމަނިކެގެ ފަރާތުން ބުނެފައި ވަނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭފަދަ ސަބަބެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

19ވުމާއެކު، މި އިސްތިއުނާފު މުޙައްމަދު ވިސާމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާލުމުގެ ގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

(ހ) ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަކުރުން

20އެއްބަސްވެފައިވާ ގޮތަށް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަ ކުރެވިފައިވާ ކަމަށް މުޙައްމަދު ވިސާމް ބުނެފައި ވެއެވެ. އެހެންކަމުން މި އިސްތިއުނާފުގައި އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅަން ޖެހެނީ އެކަމުގެ މައްޗަށެވެ.

21މިގޮތުން މުޙައްމަދު ވިސާމް ފާހަގަކުރާ ކަމަކީ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލިކަން ސާބިތު ކުރުމަށްޓަކައި ކާފީ ހެކި ހުށަހަޅާފައިވާ ކަމާއި، ނަމަވެސް ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އެއްބަސްވެފައިވާ ގޮތަށް މުޙައްމަދު ވިސާމް ބަލާފައިނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވަނީ ސާބިތު ކުރުމުގެ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކޭ ކަމެވެ. ވުމާއެކު، އެންމެ ފުރަތަމަ ބެލުން ޝަރުޠުކުރުމުގެ އަސާސްތަކުގެ މައްޗަށް ބަލާލާނަމެވެ. އެއަށްފަހު، ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓުގައިވާ ޝަރުޠުތައް މުޙައްމަދު ވިސާމްގެ ފަރާތުން ފުރިހަމަކޮށްފައިވާ މިންވަރު ބަލާލާނަމެވެ.

ބެލުން ޝަރުޠުކުރުން

22HN1ބެލުން ޝަރުޠުކޮށް ދިނުމަކީ ނުވަތަ ބެލުން ޝަރުޠުކޮށް މުދާ ދިނުމަކީ، މީހަކު މަރު ދުވަހަށް ބެލުން ޝަރުޠު ކުރުމަށްފަހު އެ މީހާގެ މުދާ ނުވަތަ މުދަލުން ބައެއް އެހެން މީހަކަށް ދިނުމެވެ. ބެލުން ޝަރުޠުކޮށް މުދާ ދިނުން ތަފުޞީލު ކޮށްދެމުން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ޢަބދުލްޣަފޫރް ޙާމިދު ވ. މޫސާ ފަތުޙީ މި ޤަޝިއްޔާގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. " ...ބެލުން ޝަރުޠުކުރުމުގެ މުޢާމަލާތްތަކުގައި ބެލުން ޝަރުޠުކުރާ މީހާ ބެލުމުގެ މުޤާބިލުގައި ދިނުމަށް އެއްބަސްވާ މުދަލުގެ މިލްކުވެރިކަން ބެލުމާ ޙަވާލުވާ މީހާއަށް ބަދަލުވަނީ، ބެލުން ޝަރުޠުކުރާ މިހާ ނިޔާވުމުން، އޭނާ ބެލުމަށް ކޮށްފައިވާ ޝަރުޠު ފުރިހަމަވެފައިވާ ކަން ބެލުމަށްފަހު، ބެލުން ޝަރުޠުކުރުމާގުޅޭ ގޮތުން ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން އެއްގޮތަށް ޢަމަލު ކޮށްފައިވާ ނަމައެވެ. އެކަން އެފަދައިން އޮންނަނީ ބެލުން ޝަރުޠުކޮށް ދޭ މުދަލަކީ ބެލުން ޝަރުޠުކޮށް މުދާ ދޭމީހާ ލިބިދެވޭ މުދަލެއް ކަމުގައި ވެފައި، މުދާ މިލްކުވުމުގެ ޝަރުޠަކީ އެއްބަސްވެފައިވާ ގޮތަށް ބެލުން ޝަރުޠުކޮށް ދޭ މުދާ ދޭމިހާ ބެލުން ކަމުގައިވާތީ..."

23HN2ބުނެވިދިޔަ ހަމައަށް ބަލައި ބެލުން ޝަރުޠުކޮށް މުދާ ދިނުމުގެ އުންޞުރުތަކުގެ ޚުލާސާއަކީ (1) މީހަކު ދުނިޔޭގައި ހުރެ އޭނާ މަރުދުވަހަށް ބެލުމަށް ޝަރުޠުކޮށް އޭނާގެ މުދަލެއް އެހެން މީހަކަށް ދިނުން، (2) ދިވެހި ޤާނޫނީ ރަދީފް 2018، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް "ބެލުން ޝަރުޠުކޮށް ދިނުން" [2023]SC 08 ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުއްދުމުގައި ބެލުމަށް ޙަވާލުވި މީހާ ދެމިހުރުން، (3) ބެލުން ޝަރުޠުކުރާ މީހާ ނިޔާވުން، (4) އެއަށްފަހު މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމެވެ.

24HN3ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ވަކިވަކިން ފުއްދިފައި ވާކަން މަދަނީ މިންގަނޑުން ސާބިތު ވާންވާނެއެވެ. އަދި މިކަން ސާބިތު ކުރުމުގެ ބުރަ އޮންނަނީ ބެލުމަށް ޙަވާލުވި މީހާގެ މައްޗަށެވެ.

ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް

25އެއްބަސްވުމުގައިވާ ގޮތުގެ މަތިން، މުޙައްމަދު ވިސާމްގެ މައްޗަށް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުމުގައި 06 (ހައެއް) ކަމެއް ޝަރުޠުކޮށްފައި ވެއެވެ. މި ޝަރުޠުތައް އަދާކުރުންމަތީ މެދު ކެނޑުމެއްނެތި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހަށް މުޙައްމަދު ވިސާމް ދެމި ހުރުމަކީ ލާޒިމު ކަމެކެވެ. އަދި އެކަން ސާބިތު ކޮށްދިނުމަކީ މުޙައްމަދު ވިސާމްގެ މައްޗަށް އޮތް ބުރައެކެވެ.

26ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓުގައި ކަނޑައަޅާފައި ވަނީ (1) ކާންބޯން ދިނުމާއި، (2) އުނުއަންނައުނު ދިނުމާއި، (3) ހިނައި ތޯހިރުވުމަށް ބޭނުންވާނެ ސައިބޯނި ޝޭމްޕޫ ސެންޓް ފަދަ ތަކެތި ދިނުމާއި، (4) ދިރިއުޅޭނެ ތަނެއް ދިނުމާއި، (5) ބަލިވީމަ ބެލުމާއި އަދި (6) މަރުވުމުން ވަޅުލުމެވެ. މުޙައްމަދު ވިސާމްގެ ފަރާތުން ޝަރުޠުތައް ފުރިހަމަ ކުރިތޯ

27ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަ ކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލެއް ނުވަތަ ކަންކުރަންވީ ގޮތެއް ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓުގައި ބަޔާންކޮށްފައި ނުވެއެވެ. އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހަށް ކާންބޯން ދިނީ މުޙައްމަދު ވިސާމް ތޯއެވެ. އަދި އުނުއަންނައުނު ދެމުން ދިޔައީ މުޙައްމަދު ވިސާމް ތޯއެވެ. ފެންވަރައި ހިނައި ތޯހިރުވުމަށް ބޭނުންވާނެ ސައިބޯނި އާއި ޝޭމްޕޫ ސެންޓް ފަދަ ތަކެތި ގަވާއިދުން މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް ފޯރުކޮށްދެމުން ދިޔަތޯ އާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހަށް އުޅެމުން ދިޔައީ މުޙައްމަދު ވިސާމް ދެއްކި ތަނެއްގައިތޯ އާއި ބަލިވެއްޖެ ކޮންމެ ޙާލަތެއްގައި އަލްމަރްޙޫމް ޢަލީ ބަލައި ބޭހަށް ގެންގޮސް ޚަރަދު ކުރީ މުޙައްމަދު ވިސާމްތޯ އަދި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ވަޅުލުމުގައި ހިނގި ޚަރަދުތަކާއި ސަންދޯކު ފައިސާ އާއި އަދި އޭނާ ވަޅުލުމުގައި ޢަމަލީ ގޮތުން އުޅެ އެކަމަށް އިސްނަގައި ކުރި މީހަކީ މުޙައްމަދު ވިސާމްތޯ ކަމަށް ދެކި ކުރެވޭ ސުވާލު ތަކުގެ ޖަވާބު ދިނުމަކީ މުޙައްމަދު ވިސާމްއަށް އޮތް ޒިންމާ އެކެވެ. މިއިން އެއް ޝަރުޠު ފުރިހަމަ ނުވިކަމުގައިވިޔަސް ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓުގެ ދަށުން ޝަރުޠުކޮށް ދެވިފައިވާ މުދަލުގެ މިލްކުވެރިކަން މުޙައްމަދު ވިސާމްގެ މައްޗަށް ބަދަލު ނުވާނެއެވެ. ސަބަބަކީ، ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަކޮށްފައި ވާކަން ސާބިތު ނުވާތީއެވެ.

28ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަ ކުރެވިފައި ވާކަން ސާބިތު ކުރުމަށް މުޙައްމަދު ވިސާމް ދަށު ކޯޓަށް ގިނަ ހެކިތަކެއް ހުށަހެޅި އެވެ. ދަށު ކޯޓުން ނިންމާފައި ވަނީ ބެލުން ޝަރުޠު ކުރުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަކޮށްފައި ވާކަން އޭނާ ހުށަހަޅާފައިވާ ހެކިތަކުން ސާބިތުނުވާ ކަމަށެވެ.

29ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަކޮށްފައި ވާކަން ސާބިތު ކުރުމަށްޓަކައި މުޙައްމަދު ވިސާމްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުގެ ޚުލާސާ ތިރީގައި އެ ވަނީއެވެ.

(ހ) އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް ކޮށްފައިވާކަމަށް ބުނާ ޚަރަދުތަކުގެ ތަފުޞީލާއި، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް އެކިފަހަރު މަތިން ދީފައިވާ ފައިސާގެ ތަފުޞީލު ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުންތަކާއި އަދި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް ބޭސްފަރުވާ ކޮށްފައިވާކަން އަންގައިދޭ ލިޔުންތަކެއް.

(ށ) މުޙައްމަދު ވިސާމްގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ތެރޭގައި ހިމެނެނީ […]، ކ. ގުރައިދޫ، ޢަލީ ނިޒާރު އާއި […] ޢަލީ ވަޙީދު އާއި […] ޢަލީ ޝަރީފް އާއި […] ފާޠިމަތު ފަހީމް އާއި، […] މުޙައްމަދު ވަހީދު އާއި […] އާދަމް ނަޞީރު.

30މަތީގައި އެވާ ހެކިތަކަށް ބަލައި، މުޙައްމަދު ވިސާމްގެ ފަރާތުން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް އެކި ކަންކަމުގައި ޚަރަދު ކޮށްފައިވާ ކަމާއި، ހާލުބަލައި ހަދާކަމާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ނިޔާވުމުން ވަޅުލުމުގެ ކަންކަމުގައި އުޅުނުކަން އެނގޭ ކަމަށް ހެކިބަސް ދީފައިވީ ކަމުގައި ވީނަމަވެސް ހުށަހެޅި ހެކިތަކުން ބެލުމަށް ކަނޑައެޅުނު 6 (ހައެއް) ޝަރުޠުގެ ތެރެއިން ފުރަތަމަ ޝަރުޠު ކަމުގައިވާ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީއަށް މުޙައްމަދު ވިސާމް ކާންބޯންދީ ހެދިކަން ސާބިތު ނުވެއެވެ. ދެވަނަ ޝަރުޠު ކަމުގައިވާ، އަންނައުނު ދީފައި ވާކަން އެނގެން ނެތެވެ. އަދި ތިންވަނަ ޝަރުޠު ކަމުގައިވާ، ހިނައި ތޯހިރުވުމަށް ބޭނުންވާނެ ސައިބޯނި ޝޭމްޕޫ ސެންޓް ފަދަ ތަކެތި ފޯރުކޮށް ދިންކަން އެނގެން ނެތެވެ. ހަތަރުވަނަ ޝަރުޠުގެ ގޮތުގައި އޮންނަ، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހަށް ދިރިއުޅެމުން ދިޔައީ މުޙައްމަދު ވިސާމް ދެއްކި ތަނެއްގައި އޭނާގެ ބެލުމުގެ ދަށުން ކަން އެއްވެސް މީހެއްގެ ހެކިބަހުން އެނގޭކަށް ނެތެވެ.

31ނަމަވެސް، ފަސްވަނަ ޝަރުޠުގެ ގޮތުގައި އޮންނަ ބަލިވުމުން ބޭސް ކުރިތޯ އާއި ހަވަނަ ޝަރުޠުގެ ގޮތުގައި އޮންނަ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ވަޅުލުމުގައި މުޙައްމަދު ވިސާމް އުޅުނުތޯ އެއީ ސުވާލެކެވެ. އޭގެ ޖަވާބުގައި، ބަލިވުމުން ބޭސްފަރުވާ ކޮށްދީފައި ވާކަން އެނގޭނެ ބައެއް ލިޔެކިޔުން ހުށަހަޅާފައި ހުރިކަމުގައިވިޔަސް، މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހާ ހަމައަށް މެދުނުކެނޑި ބޭސްފަރުވާ ކޮށްދިނުމުގެ ޒިންމާ އަދާކޮށްފައި ވާކަން އެނގޭކަށް ނެތެވެ. ބަލިވި ކޮންމެ ފަހަރަކު ބޭސްކޮށްދީ ބަލާފައި ވަނީ މުޙައްމަދު ވިސާމް ކަން ސާބިތު ނުވެއެވެ. ސަބަބަކީ، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރްޔަމްމަނިކެ އާއި ކައިވެނި ކުރިފަހުން ބޭސްކުރުމާއި އަދި ޑޮކްޓަރަށް ގެންދިއުމުގެ ކަންކަން ކުރަމުން ދިޔައީ މަރްޔަމްމަނިކެގެ ފަރާތުންކަން އޭނާ ހުށަހަޅާފައިވާ ހެކިންގެ ބަހުން އެނގޭތީއެވެ.

32މުޙައްމަދު ވިސާމްގެ މައްޗަށް ކަނޑައެޅިފައި އޮތް އެންމެ ފަހު ޝަރުޠަކީ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރުވުމުން ވަޅުލުމެވެ. މި ޝަރުޠު ފުރިހަމަ ކުރުމުގައި މުޙައްމަދު ވިސާމް އުޅުނު ކަމަށް ބައެއް ހެކިވެރިންގެ ބަހުން ދޭހަވި ކަމުގައި ވިޔަސް، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ހުވަފަތް އަނބި މަރް ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ބަހުން އެކަން ނަފީކުރާކަން އެނގެއެވެ. މިގޮތުން އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ވަޅުލުމުގައި ސަންދޯކު ޚަރަދު ދައްކާފައި ވަނީ މަރްޔަމްމަނިކެގެ ދަނބިދަރިފުޅު މުޙައްމަދު ނިޒާމް ކަމަށް ބުނެ އޭނާ ދަށު ކޯޓުގެ ޝަރީޢަތުގައި ބުނެފައި ވެއެވެ. އަދި އެކަން ސާބިތު ކުރުމަށްޓަކައި މަރްޔަމްމަނިކެގެ ފަރާތުން އާސަހަރާގެ ދޮޅިދާންގެއިން ދޫކޮށްފައިވާ ފައިސާގެ ރަސީދު ދަށު ކޯޓަށް ހުށަހެޅިއެވެ. އެހެންކަމުން، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ވަޅުލުމުގެ ކަންކަމުގައި އިސްނަގައި އެކަމަށް ޚަރަދުކުރީ މުޙައްމަދު ވިސާމް ނޫންކަން އެނގެއެވެ.

33HN4ބެލުމަށް ކަނޑައެޅުނު 06 (ހައެއް) ޝަރުޢު ވަކިވަކިން ފުރިހަމަކޮށްފައި ވާކަން ސާބިތު ކޮށްދިނުމަކީ، މުޙައްމަދު ވިސާމްގެ މައްޗަށް އޮތް ބުރައެކެވެ. އެއްވެސް ޙާލެއްގައި، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ހުވަފަތް އަނބިމީހާ މަރްޔަމްމަނިކެގެ މައްޗަށް އޮތް ބުރައެއް ނޫނެވެ. ބެލުން ޝަރުޠުކޮށް މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަ ތަކުގައި އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ޢާންމު ގޮތެއްގައި ކޯޓުތަކުން ބަލައި ކުރިއަށް ގެންދަނީ މައްސަލަ ރައްދުވާ ފަރާތެއް ނެތް ގޮތަށެވެ. އަދި ސާބިތު ކުރުމަށް އޮންނަ ބުރަ އުފުލަން ޖެހެނީ ބެލުން ޝަރުޢު ކުރިމީހާ މަރުވެފައި ވާތީވެ އެ މައްސަލައަށް އޭނާ އިންކާރުކޮށްފައި އޮންނަ ޙާލަތެއްގައި މައްސަލަ ކުރިއަށް ގެންދާ ގޮތަށެވެ.

34HN5ބެލުން ޝަރުޢުކޮށް ދިނުމާބެހޭ އެގްރީމެންޓް ކުރެވުނީ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އެކަނިވެރި އެއްގެ ގޮތުގައި ހުރި އިރުއެވެ. އޭގެ ފަހުން މީހަކާ އިނދެ، އެ އިންމީހާ (މަރްޔަމްމަނިކެ) އަށް ދަރިއަކު ލިބި، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ދިރިއުޅުމެއް ފަށާފައި ވާކަން އެނގެއެވެ. ވުމާއެކު، ހަމަ ބުއްދިން ވިސްނާ މީހަކު އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އޭނާގެ ޢާއިލާ އާއެކު ދިރިއުޅޭއިރު އޭނާގެ ބެލުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ނަގަމުން ގޮސްފައި ވަނީ އެހެން ފަރާތަކުން ކަމުގައި ވާނަމަ، އެކަން ސާބިތު ކުރުމަށްޓަކައި ވަރަށް ހަރުދަނާ ހެކި ހުރެގެން ނޫނީ އެފަދަ ކަމެއް ޤަބޫލުކުރުމަކީ ވަރަށް ނާދިރު ކަމެކެވެ.

35ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓަށް ޢަމަލުކުރުމުގެ ފުރުޞަތު ނެތިގެން ނުވަތަ އެކަމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން އެކަން ޙައްލު ކުރުމަށް މުޙައްމަދު ވިސާމް މަސައްކަތް ކޮށްފައި ވާކަން އެނގެން ނެތެވެ. މިއާ ޚިލާފަށް، އެއްބަސްވެފައިވާ ގޮތަށް މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ނުބަލައިގެން އޭނާ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާކަން އެނގެއެވެ. މިގޮތުން ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް މަތީ މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބަލަމުން ނުދާ ކަމާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު ޚަރަދު ކުރުމާއި އަދި ބަލަހައްޓަމުން ދިޔައީ މަރްޔަމްމަނިކެ ކަމާއި އަދި މުޙައްމަދު ވިސާމް އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ޙާލު ބަލާފައި ނުވާކަމަށް ބުނެ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ކުރިއަށް ދަނިކޮށް 18 ފެބުރުވަރީ 2016 ގައި އޭނާ ނިޔާވުމާއެކު އެ މައްސަލަ ވަނީ ސިވިލް ކޯޓުން ބާޠިލުކޮށްފައެވެ.

36ވުމާއެކު، ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް މަތީ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރު ދުވަހަށް ބެލުމުގައި ވަފާތެރި ކަމާއެކު މުޙައްމަދު ވިސާމް ދެމި ހުރިކަން ސާބިތު ނުވެއެވެ.

(ށ) ބެލުމުގެ ޒިންމާ އެހެން ފަރާތަކުން އަދާކުރަމުން ދިޔުން

37މުޙައްމަދު ވިސާމް އާއެކު ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓެއް ހެދިފައި ވަނިކޮށް، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބެލުމުގެ ކަންކަން އެހެން ފަރާތަކުން (މަރްޔަމްމަނިކެ) ކުރަމުން ގޮސްފައިވި ކަމުގައި ވިޔަސް އެކަމުގެ ސަބަބުން މުޙައްމަދު ވިސާމް އާ ދެމެދު އޮތް ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓަށް އަސަރެއް ނުކުރާނެ ކަމާއި އަދި އެކަމުގެ ސަބަބުން އެ އެއްބަސްވުމާއި އެއްގޮތަށް އޭނާ ޢަމަލުކޮށްފައި ނުވާ ކަމަށް ދަލީލު ކޮށްދޭ ކަމެއް ނޫންކަން 2015/HC-A-2/04 ޤަޟިއްޔާ ބެލުމުން އެނގޭ ކަމަށް މި އިސްތިއުނާފު ގައި ދެވަނަ ކަމެއްގެ ގޮތުގައި މުޙައްމަދު ވިސާމް ފާހަގަކުރެއެވެ.

38މުޙައްމަދު ވިސާމް ފާހަގަކުރާ ނުކުތާ އަކީ، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ އަންހެނުން މަރްޔަމްމަނިކެ އޭނާގެ ފިރިމީހާ ބަލާފައި ވުމަކުން މުޙައްމަދު ވިސާމް އާއެކު އޮތް އެއްބަސްވުމަށް އަސަރެއް ނުކުރާނެ ކަމާއި، މަރްޔަމްމަނިކެ އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ބަލަމުން ދިޔައީ އޭނާގެ ފިރިމީހާ ކަމަށް ވާތީއެވެ.

39HN6މިކަމުގައި މުޙައްމަދު ވިސާމް ޙަވާލާދޭ މައްސަލަ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-2/04 ޤަޟިއްޔާ އެވެ. މި މައްސަލަ އަކީ، 18 އެޕްރީލް 1979 ގައި […] ޙާމިދު އިބްރާހީމް މަރު ދުވަހާ ހަމައަށް ބެލުން ޝަރުޠުކޮށް ޙާމިދު އިބްރާހީމްގެ ނަމުގައިވާ […] އެވެކިޔާ ގޯތި ދިނުމަށް މޫސާ ފަތުޙީއަށް ދިނުމާ ގުޅޭގޮތުން ހިނގާދިޔަ މުއާމަލާތާ ގުޅިގެން ބެލުނު މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނު އެއް މައްސަލަ އެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފަހުން އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ އަކީ ކުރިން ތަފުޞީލު ދެވިފައިވާ ބެލުން ޝަރުޠުކުރުމާ ގުޅޭ އުޞޫލުތަށް މިހާރު ބަޔާންކުރެވިފައި އޮންނަ ޢަބްދުލްޢަފޫރު ޙާމިދު ވ. މޫސާ ފަތުޙީ މައްސަލައެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އިސްވެ ބުނެވުނު މުޙައްމަދު ވިސާމް ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލު ކޮށްފައެވެ.

40މިހާރު ޢަމަލުކުރެވޭ އުޞޫލު ތަކަށް ބަލައި، ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ވަކިވަކިން ފުދިފައި އޮވެ، ބެލުމަށް ހަވާލުވި މީހާ އެ ޝަރުޠުތައް މަތީ ވަފާތެރި ކަމާއެކު ދެމި ހުރިކަން ސާބިތުވުން ލާޒިމުކަން ޢަބްދުލްޢަފޫރު ޙާމިދު ވ. މޫސާ ފަތުޙީ މި ޤަޟިއްޔާ ބެލުމުން އެނގެއެވެ.

41މުޙައްމަދު ވިސާމްގެ ފަރާތުން ފާހަގަކުރާ މި ނުކުތާގެ ޒާތަށް ބަލައި، މުޙައްމަދު ވިސާމްގެ މައްޗަށް ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް އެހެން ފަރާތަކުން އަދާކުރަމުން ގޮސްފައިވާ ކަމަށް ޚުދު އޭނާވެސް ޤަބޫލުކުރާ ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. މަރްޔަމްމަނިކެ އޭނާގެ ފިރިމީހާ ބަލަމުން ދިޔައީ ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓަށް ހުރަސް އެޅުމަށް ކަމަށް އެނގޭކަށް ނެތެވެ. މުޙައްމަދު ވިސާމްގެ ފަރާތުން އެފަދަ ސުވާލެއް އުފައްދައި ޙައްލު ހޯދަން އުޅުނު ކަމެއްވެސް އެނގޭކަށް ނެތެވެ.

42ކަންމިހެން އޮތުމުން، މި ނުކުތާގައި އިތުރަށް ބަހުސްކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނުދެކެމެވެ.

(ނ) ސަބަބު ބަޔާންކޮށްދީފައި ނުވާކަން

43މުޙައްމަދު ވިސާމް މި އިސްތިއުނާފުގައި ފާހަގަކުރާ ތިންވަނަ ކަމަކީ، ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ބެލުން ޝަރުޠުކޮށް ދިނުމާއި ބެހޭ އެގްރީމެންޓާ އެއްގޮތަށް މުޙައްމަދު ވިސާމް ޢަމަލުކޮށްފައި ނުވާކަން ސާބިތުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވީ ކަމުގައި ވިޔަސް އެ ނިންމުމަށް އެ ކޯޓުން ވާސިލުވި ސަބަބުތައް ސާފުނުވާ ކަމަށެވެ.

44HN7ތެދެކެވެ. އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ޤަރީނާއަށް ބިނާކޮށް އިންސާފުވެރި ކަމާއި އެކުގައި ކުރި ޙުކުމެއް ކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީޢަތުގެ ކުރި މައްޗަށް ހުށަހެޅުނު ހެކި ތަކަކީ ކޮބައި ކަމާއި އެ ހެކިތައް ވަޒަންކުރި ގޮތާއި އަދި އެ ޙުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމެވެ.

45އެހެންކަމުން ކުރިމަތީގައި މި އޮތް މައްސަލައަށް ބަލާނަމަ، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އެއްބަސްވެފައި ވާގޮތަށް ބެލިކަން ސާބިތު ކުރުމަށްޓަކައި މުޙައްމަދު ވިސާމްގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް މުޙައްމަދު ވިސާމް ފުރިހަމަ ކޮށްފައި ވާކަން ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކުރަމުން ދީފައިވާ ސަބަބުތަކުން ވާ ދޭހަ ކުޑައެވެ. ސަބަބު ބަޔާންކުރުމަކީ، ތަފުޞީލުކޮށް ޚަސްމުންނަށް އޭނާ ހުށަހަޅާކަން ސާބިތުވާ ޙާލަތުގައި އާއި އަދި ނުވާ ޙާލަތުގައި އޮޅުން ނާރާނޭ މަގަކުން ބުނެ ދިނުންކަން ފާހަގަކުރަމެވެ.

46ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައި ވަނީ މުޙައްމަދު ވިސާމް ދަށު ކޯޓަށް ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް މުޙައްމަދު ވިސާމް އެކި ދުވަސް މަތިން ޚަރަދުކޮށްފައިވާ ކަމާއި އަދި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީގެ ޙާލުބަލާފައި ވާކަމާއި، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރުވުމުން ވަޅުލުމުގެ ކަންކަމުގައި މުޙައްމަދު ވިސާމް އުޅެފައި ވާކަން އެނގޭ ކަމަށެވެ. ނަމަވެސް، އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރްޔަމްމަނިކެ އާ ކައިވެނި ކުރުމަށްފަހު އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ ދުވަހުން ދުވަހަށް ބެލުމުގެ ކަންކަމުގައި އާއި އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ މަރުވުމުން ޖަނާޒާގެ ކަންކަން ކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ ފަރާތުންކަން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އެނގެއެވެ.

47ކަން މިހެން އޮތުމުން، މުޙައްމަދު ވިސާމްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލައި ބެލުމަށް ކަނޑައެޅުނު ޝަރުޠުތައް ފުރިހަމަ ކޮށްފައިވާކަން ނޭގޭކަން ބުނެ ދިނުމުގައި ވަކިވަކިން ކޮންމެ ޝަރުޠެއް ސާބިތުނުވާ ގޮތެއް ބުނެދީ، މަރްޔަމްމަނިކެގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބިނާކޮށް މުޙައްމަދު ވިސާމްގެ ހެކިތައް ނަފީވާ ގޮތާއި ފުށުއެރުންތައް ބުނެދެވިފައި ވާނަމަ، ފަނޑިޔާރު ޙުކުމަށް ވާސިލުވި ސަބަބު އޮޅުން ނޭރީހެވެ.

ނިންމަން ފެންނަގޮތް

48އިސްވެ ބުނެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ފާހަގަކޮށްފައި ނުވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

49މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

50މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/369 ޤަޟިއްޔާ ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނުނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  3. އެގްރީމެންޓް ނަންބަރު C-2/C-33/97
  4. އަލްމަރްޙޫމް ޢަބްދުލްޤާދިރު ޢަލީ އާއި މުޙައްމަދު ވިސާމް އާ ދެމެދުވެފައިވާ ބެލުން ޝަރުޠުކޮށްދިނުމާއި ބެހޭ އެގްރީމެންޓުގެ ފުރަތަމަ
  5. ސިވިލް ކޯޓުގެ ނަންބަރު 2205/Cv-C/2015 ޤަޟިއްޔާގެ ނިންމުން
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/12
  7. އިސްތިއުނާފީ ފުރަތަމަ ނުކުތާ، ދެވަނަ ނުކުތާ، ތިންވަނަ ނުކުތާ، އަށްވަނަ ނުކުތާ، އަދި ނުވަވަނަ ނުކުތާ
  8. އިސްތިއުނާފީ ހަވަނަ ނުކުތާ އަދި ހަތްވަނަ ނުކުތާ
  9. އިސްތިއުނާފީ ހަތަރުވަނަ ނުކުތާ އާއި ފަސްވަނަ ނުކުތާގެ ތަފުޞީލުގައި ދައްކާފައިވާ ވާހަކަތައް
  10. ދިވެހި ޤާނޫނީ ރަދީފް 2018، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް "ބެލުން ޝަރުޠުކޮށް ދިނުން"
  11. [2023]SC 08
  12. ދޮޅިދާންގެ/އާސަހަރާ ނަންބަރު 11376 (18 ފެބުރުވަރީ 2016) ގައި މުޙައްމަދު ނިޒާމްއަށް ދޫކޮށްފައިވާ ފައިސާގެ ރަސީދު
  13. ފުޓްނޯޓު ނަންބަރު 5
  14. ފުޓްނޯޓު 13
  15. އިބަމ
  16. [2021] SC 30
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ