ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-A/17ސުޕްރީމް ކޯޓު · 5 އޮކްޓޫބަރު 2011

—

ސުޕްރީމް ކޯޓު
24 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 އޮކްޓޫބަރު 2011ބާވަތް: Appellate Matterއިސްތިއުނާފީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2010/SC-A/17

ދަޢުވާކުރާ ފަރާތް: އިބްރާހިމް ޝިޔާރު

ދަޢުވާ ލިބޭ ފަރާތް: ޢަބްދުﷲ ވަޙީދު

މައްސަލައިގެ ބާވަތް: އެގްރީމެންޓާއި ގުޅޭ

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށްއެދި ހުށަހަޅާފޯމުން

ހުށަހެޅުނު ތާރީޚް: 15 ޖޫން 2010

ނިމުނު ތާރީޚް: 5 އޮކްޓޯބަރ 2011

މައްސަލަ ނިންމި ގަޑި: 11:35

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/181

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 22 ޖޫން 2009

ނިމުނު ތާރީޚް: 15 މާރޗް 2010

މައްސަލައިގެ ޚުލާޞާ

މިއީ، ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ އެޤަޟިއްޔާ އިލްތިމާސްކޮށްދެއްވުން އެދި ގ.ރީތިމާގެ އިބްރާހިމް ޝިޔާރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

1- މިއީ، ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ އެޤަޟިއްޔާ އިލްތިމާސްކޮށްދެއްވުން އެދި ގ.ރީތިމާގެ އިބްރާހިމް ޝިޔާރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

2- ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ، މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާ ނިންމަވާފައިވާގޮތާމެދު ގ.ރީތިމާގެ އިބްރާހިމް ޝިޔާރު ހިތްހަމަނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.

3- ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެޤަޟިއްޔާއަކީ ގ.ރީތިމާގެ އިބްރާހިމް ޝިޔާރުގެ މައްޗަށް މ.އާނަންދަ ޢަބްދުﷲ ވަޙީދު ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޢަބްދުﷲ ވަޙީދު ކޮށްފައިވާ ދަޢުވާއަކީ އިބްރާހިމް ޝިޔާރުއާއި ޢަބްދުﷲ ވަޙީދުއާއި ދެމީހުންގެ ހަމަހަމަ މިލްކެއްކަމަށްވާ "ސަދަންކްރޮސް" ނަމަކަށްކިޔާ ސަފާރީ ބޯޓް (ދޯނި) އާއި އޭގެ ކައިރީގައި ޑައިވިންކުރާ "ސްކޯޕިއަން" ނަމަކަށްކިޔާ ދޯންޏާއި މިދެއުޅަނދުން ލިބޭ އާމްދަނީއަކީ، ދެމީހުންގެ ހަމަހަމަ މިލްކެއްކަމަށްވެފައި މިދެއުޅަނދު ބަނުމަށް ދަރަންޏަށްނެގި ފައިސާ ހަމަކުރުމަށްޓަކައި ފައިސާ ދިންފަރާތުން މިދެއުޅަނދު ދުއްވައިގެން އެފައިސާ ހަމަވުމުން މިދެއުޅަނދު (ސަފާރީ ބޯޓާއި ދޯނި) އިބްރާހިމް ޝިޔާރު އަތުލައި މިދެއުޅަނދުވަނީ މަހުކުއްޔަށް ދޫކޮށްފައިކަމަށާއި މިގޮތުން މިދެއުޅަނދު ފުރަތަމަބުރުގައި ކުއްޔަށްދީ އަދި ދެވަނަބުރުގައި -/17000 ޔޫ.އެސް ޑޮލަރަށް ކުއްޔަށްދީ ނޮވެމްބަރ 2006 އިންފެށިގެން އެދެއުޅަނދަށްލިބޭ ކުއްޔާއި، ކުރިއަށް އޮތް މަސްތަކަށް އެޑްވާންސްކޮށް ކުލީގެ ފައިސާގެ ތެރޭގައި ފައިސާނަގާ ބޭނުންކުރަމުންދަނީ އިބްރާހިމް ޝިޔާރުކަމަށާއި މިގޮތުން އެދެއުޅަނދަށްލިބޭ ފައިސާ ޢަބްދުﷲ ވަޙީދަށް އެނގުމަކާނުލައި ހަމައެކަނި އިބްރާހިމް ޝިޔާރު ބޭނުންކުރަމުން ދިއުމާއި ދެމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނީގެ އެކައުންޓަށް އެދެއުޅަނދަށް ކުލީގެގޮތުގައި ލިބޭފައިސާ ހަމައަށް ނުލުމާއި ފައިސާލީފަހަރަކު އެފައިސާނަގައި އިބްރާހިމް ޝިޔާރުގެ އަމިއްލަ ބޭނުންތައް ފުއްދުމާއި މިނުރަނގަޅު ޢަމަލުތައް އިބްރާހިމް ޝިޔާރު ކުރަމުންދާތީ އެދެއުޅަނދުން ޢަބްދުﷲ ވަޙީދަށް ލިބެންޖެހޭ ޙައްޤުތައް ނުލިބޭތީވެ އިބްރާހިމް ޝިޔާރާއެކު މިމުޢާމަލާތުގައި ޢަބްދުﷲ ވަޙީދަށް ދެމިހުރެވެން ނެތުމުން އެދެއުޅަނދާއި އެއަށްލިބޭ އާމްދަނީން ޢަބްދުﷲ ވަޙީދަށް ލިބެންޖެހޭ ½ (ދެބައިކުޅަ އެއްބައި) ވަކިކޮށް ދެއްވުންއެދި އިބްރާހިމް ޝިޔާރުގެ މައްޗަށް ޢަބްދުﷲ ވަޙީދު ކޮށްފައިވާ ދަޢުވާއެއްކަމާއި،

މަދަނީކޯޓުން މިދަޢުވާގެ މައްސަލަ ބައްލަވާ ނިންމަވާފައިވަނީ، ޢަބްދުﷲ ވަޙީދުގެ މިދަޢުވާއަށް ދަޢުވާލިބޭ އިބްރާހިމް ޝިޔާރު އިންކާރުކޮށްފައިވިއަސް މިދަޢުވާގައި ހިމެނޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދެހެކިންގެ ބަހުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފިންގަރ ޕްރިންޓް ކޮމްޕޭރިޒަން ރިޕޯޓުން މިއީ އިބްރާހިމް ޝިޔާރުއާއި، ޢަބްދުﷲ ވަޙީދުއާއި ދެމެދު 15 ނޮވެމްބަރ 2000 ގައި ވެވިފައިވާ އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ވިދާޅުވެ ގ.ރީތިމާގޭ އިބްރާހިމް ޝިޔާރުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ "ސަދަންކްރޮސް" ނަމަކަށްކިޔާ ސަފާރީ ބޯޓް (ދޯނި) އާއި ޑައިވިންކުރާ "ސްކޯޕިއަން" އާއި މިދެއުޅަނދުގެ ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރިފަރާތަކީ މ.އާނަންދަ ޢަބްދުﷲ ވަޙީދުކަމަށް ކަނޑައަޅުއްވައި "ސަދަންކްރޮސް" ނަމަކަށްކިޔާ ސަފާރީ ބޯޓު (ދޯނި) އާއި، "ސްކޯޕިއަން" ދޯނި ދުއްވައިގެން ލިބޭއާމްދަނީގެ ½ (ދެބައިކުޅައެއްބައި) އަކީ ޢަބްދުﷲ ވަޙީދުގެ މިލްކެއްކަމަށް ކަނޑައަޅުއްވައި ޤަޟިއްޔާގައި ދަޢުވާލިބުނު އިބްރާހިމް ޝިޔާރުގެ ޣައިރުޙާޟިރުގައި ޙުކުމް ކުރައްވާފައިވާކަން މަދަނީކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ރިޕޯޓުން އެނގެއެވެ.

4- ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ގ.ރީތިމާގެ އިބްރާހިމް ޝިޔާރުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ "ސަދަންކްރޮސް" ނަމަކަށްކިޔާ ސަފާރީބޯޓް (ދޯނި) އާއި ޑައިވިންގކުރާ "ސްކޯޕިއަން" ނަމަކަށްކިޔާ އުޅަނދުގެ ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރި ފަރާތަކީ މ.އާނަންދަ ޢަބްދުﷲ ވަޙީދުކަމަށާއި، މިދެއުޅަނދު ދުއްވައިގެންލިބޭ އާމްދަނީގެ ½ (ދެބައިކުޅައެއްބައި) އަކީ، ޢަބްދުﷲ ވަޙީދުގެ މިލްކެއްކަމަށް ކަނޑައަޅުއްވައި، މަދަނީކޯޓުގެ ނަންބަރު 232/MC/2007 ޤަޟިއްޔާގައި ކުރައްވާފައިވާ މި ޙުކުމަށް ބަދަލެއް ގެނެވޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވާކަން ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާގޮތަށްކަމަށްބުނެ އިބްރާހިމް ޝިޔާރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި، މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކަވާފައިވާ ވާހަކަތަކަށާއި، މިމައްސަލައާގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އިބްރާހިމް ޝިޔާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށާއި އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާއާއި އަދި އެޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާއާއި މިދެ ޤަޟިއްޔާގައި "ސަދަންކްރޮސް" ނަމަކަށްކިޔާ ސަފާރީ ބޯޓް (ދޯނި) އާއި ޑައިވިންގކުރާ "ސްކޯޕިއަން" ނަމަކަށްކިޔާ އުޅަނދާއި މިދެއުޅަނދާ ގުޅިގެން ކުރައްވާފައިވާ ޙުކުމް ބަޔާންކުރެވިދިޔަ ގޮތުގެމަތިން ކުރެއްވުމުގައި މަދަނީކޯޓުންނާއި ހައިކޯޓުން ބައްލަވާފައިވާ މައިގަނޑު އަސާސަކީ، ޢަބްދުﷲ ވަޙީދާއި އިބްރާހިމް ޝިޔާރާއި ދެމެދު 15 ނޮވެމްބަރ 2000 ގައި ކުރެވިފައިވާކަމަށް ޢަބްދުﷲ ވަޙީދު ބުނާ އެއްބަސްވުންކަން އެދެޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަކަމަކީ، މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާގައި ޢަބްދުﷲ ވަޙީދު ކޮށްފައިވާ ދަޢުވާއަށް، އެޤަޟިއްޔާގައި ދަޢުވާލިބުނު އިބްރާހިމް ޝިޔާރު ކޮށްފައިވަނީ އިންކާރުކަމާއި އަދި އެދަޢުވާ ސާބިތުކުރުމަށް ޢަބްދުﷲ ވަޙީދު ހުށަހަޅާފައިވާ، 15 ނޮވެމްބަރ 2000 ގައި ޢަބްދުﷲ ވަޙީދާއި އިބްރާހިމް ޝިޔާރުއާއި ދެމީހުންގެ ދެމެދުގައި ކުރެވުނުކަމަށް ޢަބްދުﷲ ވަޙީދު ބުނާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށްބުނެ އެއްބަސްވުމާމެދުވެސް އިބްރާހިމް ޝިޔާރު ކޮށްފައިވަނީ އިންކާރުކަން އިބްރާހިމް ޝިޔާރުގެ ފަރާތުން މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީސްތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަކަމަކީ 15 ނޮވެމްބަރ 2000 ގައި ޢަބްދުﷲ ވަޙީދާއި އިބްރާހިމް ޝިޔާރުއާއި ދެމެދުވެވިފައިވާ އެއްބަސްވުމެއްކަމަށްބުނެ މިމައްސަލައިގެ ޝަރީޢަތަށް ޢަބްދުﷲ ވަޙީދު ހުށަހަޅާފައިވާ އެއްބަސްވުމުގެ ލިޔުމަށްބަލާއިރު އެއީ އެލިޔުމުގެ އަޞްލުނޫންކަމާއި އެއީ ކޮޕީލިޔުމެއްކަމާއި އެލިޔުމުގެ (ހ) ގައި ރ.އަތޮޅު ބަނޑިދޫގައި ދަރަންޏަށް ފައިސާ ނަގައިގެން ގ.ރީތިމާގެ އިބްރާހިމް ޝިޔާރު އާއި މ.އާނަންދަ ޢަބްދުﷲ ވަޙީދު އާއި ދެމީހުންގެ މަސައްކަތުން ބަންނަންފަށާ، ގާތްގަނޑަކަށް ސަތޭކަހަތާވީސް ފޫޓުގެ ސަފާރީ ބޯޓާއި، އޭގެކައިރީގައި ޑައިވިންކުރުމަށް ބަންނަމުންދާ ދޯންޏާއި މިދެއުޅަނދު ދުއްވުމަށް ބޭނުންކުރެވޭ އިންޖީނާއި ހުރިހާތަކެއްޗާއި މިދެއުޅަނދު ދުއްވައިގެންލިބޭ އާމްދަނީއަކީ އިބްރާހިމް ޝިޔާރުއާއި ޢަބްދުﷲ ވަޙީދުއާއި ދެމީހުންނަށް ހަމަހަމަވެގެންވާ ދެމީހުންގެ މިލްކެއްކަމަށް ލިޔެފައިވާކަމާއި، އަދި މިއެއްބަސްވުމުގެ (ށ) ގައި މިދެއުޅަނދު ބަނުމަށްޓަކައި ދަރަންޏަށްހޯދާ ފައިސާއަކީ، މިސަފާރީ ބޯޓު ދުއްވައިގެންލިބޭ ފައިސާއިން އެދަރަނި އަދާކުރާގޮތަށް ދެފަރާތުން އެއްބަސްވެގެން ނަގާފައިވާ ފައިސާއެއްކަމަށް ލިޔެފައިވާކަމާއި، އަދި މިއެއްބަސްވުމުގެ (ނ) ގައި މިސަފާރީ ބޯޓު ބަނުމަށް ނަގާފައިވާ ދަރަނި، ބޯޓު ދުއްވައިގެންލިބޭ ފައިސާއިން އަދާކޮށްދިނުމަށްފަހު މިބޯޓާއި ދޯނި ރަޖިސްޓްރީކުރާނީ ދެމީހުންގެ ނަމުގައި ނުވަތަ ދެމީހުންނަށް ހަމަހަމަވާގޮތަށް ޙިއްޞާވާ ކުންފުންޏެއް ރަޖިސްޓްރީކުރުމަށްފަހު، އެކުންފުނީގެ ނަމުގައިކަމަށް ލިޔެފައިވާކަމާއި، އަދި މިއެއްބަސްވުމުގެ ތިރީގައި ގ.ރީތިމާގެ އިބްރާހިމް ޝިޔާރު އާއި ޢަބްދުﷲ ވަޙީދުގެ ނަންލިޔެ މިދެމީހުންގެނަމުގެ މަތީގައި ސޮއިކޮށް އިނގިލީގެ ނިޝާންޖަހާފައިވާކަމާއި އަދި ހެކިންގެ ގޮތުގައި މ.ބަންގާ ޙަސަން ނަޢީމުއާއި، ހ.މުށިމަސް ޢަބްދުލް ޙަލީމްއާއި މިދެމީހުންގެ ނަންލިޔެ މިދެމީހުންގެ ނަމާދިމާގައި ސޮއިކޮށް އިނގިލީގެ ނިޝާންޖަހާފައިވާކަމާއި މިކަންކަން މިލިޔުމަށް ބެލުމުން އެނގެން އޮންނައިރު މިލިޔުމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މިބުނެވުނު ދެމީހުން މަދަނީކޯޓަށް ދީފައިވާ ބަޔާނުގައި މިއެއްބަސްވުމުގައި ހެކިންގެގޮތުން މިދެމީހުން ސޮއިކޮށްފައިވާނެކަމަށާއި މިދެމީހުންނާއި ޢަބްދުﷲ ވަޙީދުއާއި އިބްރާހިމް ޝިޔާރު މިއެއްބަސްވުމުގައި ސޮއިކުރީ މި 4 މީހުންގެ އެއްޙާޟިރުގައިކަމަށް މިދެހެކިން ބުނެފައިވާކަމާއި އަދިމިއެއްބަސްވުމުގައިވާ އިބްރާހިމް ޝިޔާރުގެ އިނގިލީގެ ނިޝާނާއި ފުލުސްއޮފީހުގެ ރިކޯޑަށްނެގިފައިވާ އިބްރާހިމް ޝިޔާރުގެ އިނގިލީގެ ނިޝާނާއި މިދެނިޝާން ދިމާވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު FSD(A)/2007/FCR/86 ފިންގަރ ޕްރިންޓް ކޮމްޕޭރިޒަން ރިޕޯޓުން އެނގެން އޮތްކަމަށް މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާއާއި މިދެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބިނާކުރި ސަބަބުތަކުގައި ފާހަގަކޮށްފައިވާކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ދެޤަޟިއްޔާގެ ޝަރީއަތްނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްނަމަވެސް، މިއިޝާރާތްކުރެވުނު ލިޔުމުގައިވާ 15 ނޮވެމްބަރ 2000 ގެ ތާރީޚުގެ ފަހުން އިބްރާހިމް ޝިޔާރު އާއި ޖަޕާނުގެ ރައްޔިތެއްކަމަށްބުނާ ޝޯހައިއޮޓާއާއެކު 26 ނޮވެމްބަރ 2000 ގައި އިނގިރޭސިބަހުން ވެވުނުކަމަށްބުނާ އެއްބަސްވުމެއްގައި ހެއްކެއްގެ ގޮތުގައި ޢަބްދުﷲ ވަޙީދު ސޮއިކޮށްފައިވާކަމާއި، އަދި ""ސަދަންކްރޮސް" ގެ ނަމުން ރަޖިސްޓްރީކުރެވިފައިވާ ސަފާރީދޯނި ކުއްޔަށްދިނުމާބެހޭ އެއްބަސްވުން" މިނަމުގައި 15 ސެޕްޓެމްބަރ 2005 ގައި އިބްރާހިމް ޝިޔާރުއާއި ލ.މައިބައިދޫ ސޯސަންގެ ޙަސަން ޝަރީފުއާދެމެދު ކުރެވިފައިވާ ނަންބަރު MC/C-507/2005 ގެ އެއްބަސްވުމުގައިވެސް ހެއްކެއްގެ ގޮތުގައި ޢަބްދުﷲ ވަޙީދު ސޮއިކޮށްފައިވާކަމާއި މިކަންކަން މިމައްސަލައާ ގުޅިގެން ޢަބްދުﷲ ވަޙީދުއާއި އިބްރާހިމް ޝިޔާރުއާއި މިދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މިލިޔުންތަކުގެ މައްޗަށް މަދަނީކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައާއި އަދި އެޤަޟިއްޔާ އިސްތިއުނާފްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާގެ ޝަރީޢަތުގެ ފަރާތުން އެއްވެސް މިންވަރަކަށް ސަމާލުކަންދެއްވައި އެލިޔުންތަކުގައި ވާއެއްޗަށާއި، އަދި ޢަބްދުﷲ ވަޙީދު އެލިޔުންތަކުގައި ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވޭތޯއާއި މިއިން އެއްވެސްކަމަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބައްލަވައި ރިޢާޔަތްކުރައްވާފައިނުވާކަން އެދެޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނެގެންއޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ، އިބްރާހިމް ޝިޔާރުއާއި ޖަޕާނުގެ ރައްޔިތެއްކަމަށްވާ ޝޯހެއިއޮޓާއާ ދެމެދު 26 ނޮވެމްބަރ 2000 ގައި ކުރެވުނުކަމަށްބުނާ، އިނގިރޭސިބަހުން ލިޔެފައިވާ އެއްބަސްވުމަށްބަލާއިރު، އެއީ ސަފާރީޔޮޓަކާއި އަދި އެސަފާރީ ކައިރީގައި ޑައިވިންކުރުމަށް ބޭނުންކުރާ އުޅަނދެއް އިބްރާހިމް ޝިޔާރު ބަންނަންވެގެން މިދެއުޅަނދު ބަނުމަށްޓަކައި ޝޯހެއިއޮޓާގެ އަތުން ލޯނެއް ނެގުމަށްޓަކައި، މިލޯނު ނަގާ ފަރާތުގެ ހައިޘިއްޔަތުން އިބްރާހިމް ޝިޔާރުއާއި މިލޯނު ދޫކުރާ ފަރާތުގެ ހައިޘިއްޔަތުން ޝޯހެއިއޮޓާއާ ދެމެދު 26 ނޮވެމްބަރ 2000 ގައި ކުރެވިފައިވާ ލޯނު އެއްބަސްވުމެއްކަމާއި މިދެއުޅަނދު ބަނުމަށްޓަކައި އިބްރާހިމް ޝިޔާރު، ޝޯހެއިއޮޓާގެ އަތުން ނަގާ ލޯނުގައި އެއްވެސް މިންވަރަކަށް ޢަބްދުﷲ ވަޙީދު ޝާމިލުވާކަމަށް މިއެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމާއި މިއެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ބަލާއިރު މިދެއުޅަނދުވެސް ރަޖިސްޓްރީކުރާނީ ލޯނު ނަގާ ފަރާތުގެ ނަމުގައިކަމަށް ސާފުބަހުން ބަޔާންކޮށްފައިވާއިރު، މިދެއުޅަނދު، ޢަބްދުﷲ ވަޙީދުއާއި އިބްރާހިމް ޝިޔާރުއާއި މިދެމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރުމާބެހޭގޮތުން އެއްވެސް ވާހަކައެއް މިއެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަމާއި މިއެއްބަސްވުމުގައި ހެއްކެއްގެގޮތުގައި ޢަބްދުﷲ ވަޙީދު ސޮއިކޮށްފައިވާކަމާއި މިކަންކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނައިރު، މިއެއްބަސްވުމުގައި ހެއްކެއްގެގޮތުގައި ޢަބްދުﷲ ވަޙީދު ސޮއިކޮށްފައިވާކަން މައްސަލައާގުޅިގެން ޢަބްދުﷲ ވަޙީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެންއޮތުމުން އަބްދުﷲ ވަޙީދު މިއެއްބަސްވުމުގައި ހެއްކެއްގެގޮތުން ސޮއިކޮށްފައި މިވަނީ، މިއެއްބަސްވުމުގައި ބުނާ ދެއުޅަނދު ބަނުމަށްޓަކައި ޝޯހެއިއޮޓާ ދޫކުރާ ލޯނު ދޫކުރާނީ ހަމައެކަނި އިބްރާހިމް ޝިޔާރަށް އެކަނިކަމާއި އަދި މިދެއުޅަނދު ރަޖިސްޓްރީކުރެވޭނީވެސް ހަމައެކަނި އިބްރާހިމް ޝިޔާރުގެ ނަމުގައިކަން ޢަބްދުﷲ ވަޙީދަށް އެނގިގެންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެންއޮތްއިރު، މިއެއްބަސްވުމުގައި ޢަބްދުﷲ ވަޙީދު ހެއްކެއްގެގޮތުގައި ސޮއިކުރުމުގެ މިޢަމަލުން މިދެއުޅަނދު އިބްރާހިމް ޝިޔާރުގެ ނަމުގައި ރަޖިސްޓްރީކުރުމަށް ޢަބްދުﷲ ވަޙީދު ރުހި ޤަބޫލުވެފައިވާކަމާއި އަދި އެކަމަށް ޢަބްދުﷲ ވަޙީދު އެއްވެސް މިންވަރަކަށް އިންކާރުނުކުރާކަން އެނގެން އޮންނައޮތުމެވެ.

(ބ) ފަސްވަނަކަމަކީ، އިބްރާހިމް ޝިޔާރުއާއި ލ.މާބައިދޫ ސޯސަންގެ ޙަސަން ޝަރީފުއާ ދެމެދު "ސަދަންކްރޮސް" ގެނަމުން ރަޖިސްޓްރީކުރެވިފައިވާ، ސަފާރީ ދޯނި ކުއްޔަށްދިނުމާބެހޭގޮތުން 15 ސެޕްޓެމްބަރ 2005 ގައި ކުރެވިފައިވާ، އަދި މަދަނީކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު MC/C-507/2005 ގެ އެއްބަސްވުމުގެ ލިޔުމަށް ބަލާއިރު، އެއެއްބަސްވުމުގެ 14 ވަނަ މާއްދާގައި "ކުއްޔަށްދޭ ފަރާތުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ޔަޤީންކޮށްދީ ވަރަންޓީދެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެމާއްދާގެ (ހ) ގައި ކުއްޔަށްދޭ ފަރާތަކީ އުޅަނދުގެ ޤާނޫނީ ވެރިފަރާތް އަދި އުޅަނދުގެ ވެރިފަރާތަށްވެފައި، މިއެއްބަސްވުމުގައި ބައިވެރިވުމުގެ ހުރިހާ ޙައްޤެއް ލިބިގެންވާ ފަރާތްކަމަށް ބަޔާންކޮށްފައިވާއިރު، މިއެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައި ޢަބްދުﷲ ވަޙީދު ސޮއިކޮށްފައިވާކަން މިއެއްބަސްވުމުންނާއި އަދި މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ވަޙީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން މިއެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައި ޢަބްދުﷲ ވަޙީދު ސޮއިކޮށްފައިމިވަނީ، މިއުޅަނދުގެ ޤާނޫނީ ވެރިފަރާތަކީ އަދި އުޅަނދުގެ ވެރިފަރާތަކީ އިބްރާހިމް ޝިޔާރުކަމަށް މިއެއްބަސްވުމުގައި ލިޔެފައިވާ ލިޔުން ޢަބްދުﷲ ވަޙީދު ޤަބޫލުކޮށްގެންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވެންއޮތްއިރު، މިއެއްބަސްވުމުގައި ޢަބްދުﷲ ވަޙީދު ސޮއިކޮށްފައިވަނީ، މިއުޅަނދަކީ ހަމައެކަނި އިބްރާހިމް ޝިޔާރުގެ މިލްކެއްކަމަށް ޢަބްދުﷲ ވަޙީދު ރުހިޤަބޫލުވެގެންކަން ޢަބްދުﷲ ވަޙީދު މިއެއްބަސްވުމުގައި ސޮއިކުރިކުރުމުގެ ޢަމަލުން ސާފުކޮށް އެނގެން އޮންނައޮތުމެވެ.

(ޅ) ހަވަނަކަމަކީ، 15 ނޮވެމްބަރ 2000 ގައި އިބްރާހިމް ޝިޔާރުއާއި ޢަބްދުﷲ ވަޙީދުއާދެމެދު ވެވުނުކަމަށް ޢަބްދުﷲ ވަޙީދުބުނާ، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ލިޔުމަކީ، 26 ނޮވެމްބަރ 2000 ގައި އިބްރާހިމް ޝިޔާރުއާއި ޖަޕާނުގެ ރައްޔިތެއްކަމަށްބުނާ ޝޯހައިއޮޓާއާދެމެދު ވެވުނުކަމަށްބުނާ، ޙަވާލާދެވުނު ލޯނު އެއްބަސްވުމާއި، އަދި މިއެއްބަސްވުމަށްފަހު 15 ސެޕްޓެމްބަރ 2005 ގައި ""ސަދަންކްރޮސް" ގެނަމުން ރަޖިސްޓަރީކުރެވިފައިވާ ސަފާރީދޯނި ކުއްޔަށްދިނުމާބެހޭ އެއްބަސްވުން" މިނަމުގައި އިބްރާހިމް ޝިޔާރުއާއި ލ.މާބައިދޫ ސޯސަންގެ ޙަސަން ޝަރީފުއާދެމެދު ވެވުނުކަމަށްބުނާ، އިސްވެ ޙަވާލާދެވުނު އެއްބަސްވުމާއި މިދެއެއްބަސްވުމުގެ ކުރީގެ ތާރީޚެއްގައިވާ ލިޔުމެއްކަމަށްވެފައި، މިބަޔާންކުރެވުނު ތިން އެއްބަސްވުމުގެ ތެރެއިން، މިފަހުގެ ދެ އެއްބަސްވުމަށްފަހު، ބުނެވުނު ދެއުޅަނދަކީ، އިބްރާހިމް ޝިޔާރުއާއި ޢަބްދުﷲ ވަޙީދުއާއި ދެމީހުންގެ ހަމަހަމަ މިލްކު ދެއުޅަނދުކަމުގެ މައްޗަށް މިދެމީހުން ފަހުން އެއްބަސްވެފައިވާކަން އެނގެންނެތުމެވެ.

(ކ) ހަތްވަނަކަމަކީ، ޤާނޫނުގައިވާގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް އެކަން ކަށަވަރުކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ރަޖިސްޓްރީއަކީ އެމުދަލުގެ މިލްކުވެރިކަން، އެމުދަލެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މީހަކަށް އޮތްކަން ކަށަވަރުކަމާއި ޔަޤީންކަމާއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއްކަމާއި މިގޮތުން، ޤާނޫނީގޮތުން ރަޖިސްޓްރީކުރުން ލާޒިމުވާފަދަ މުދަލެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަސްމީގޮތުން ރަޖިސްޓްރީކުރެވިއްޖެނަމަ އެކަން ކަށަވަރުކޮށްދޭ ރަސްމީ ރަޖިސްޓްރީއަކީ، އެއްވެސް ޝައްކެއްނެތި އެމުދާ އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކީ އެމުދަލުގެ މިލްކުވެރިފަރާތްކަން އެނގޭ ޔަޤީނީ ދަލީލެއްކަމާއި އަދި ޤާނޫނީ ނަޒަރަކުންބަލާއިރު މިލްކެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީކޮށް އެއިދާރާއިން އެކަން ކަށަވަރުކޮށްދިނުމުގެގޮތުން ދޫކުރާ ރަސްމީ ރަޖިސްޓްރީގެ ލިޔުމަކީ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އެއަށްލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައިހިމެނޭ ވަސީލަތެއްކަމާއި އަދި އެފަދަ ލިޔުމަކީ ޙަޤީޤަތާ ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުނުވާހާހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެންނުދާނެލިޔުމެއްކަމާއި، އަދި ހަމަ އެހެންމެ ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކާއި ޝަފަހީ (އޯރަލް) ހެއްކާއި މިދެވަސީލަތުގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާވިތުވުމުގެ ބާރުގެ ޙައިޘިއްޔަތުން ބަލި ވަސީލަތެއްކަމާއި ޤާނޫނީ މިއުޞޫލުތައް ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނޫ) ގެ 5 ވަނަ މާއްދާއިން ކަށަވަރުވާކަމާއި އެހެނީ އެމާއްދާގައި ބުނަނީ "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއްއޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއްކަމުގައި ބޭލޭނީ ހަމައެލިޔުމެކެވެ. ނަމަވެސް އެލިޔުމެއް ނެތުނީ ޤަބޫލުކުރެވޭފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ޤަބޫލުކުރެވޭނެއެވެ." މިފަދައިން ކަމަށްވުމުން ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަންކަމުގައި އެކަންކަން ސާބިތުކުރުމުގައި އަޞްލެއްކަމުގައި ބަލަންޖެހޭނީ އެކަންކަމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ، ޤާނޫނުގައި ބުނާފަދަ ލިޔުމަށްކަމާއި، ކަނޑުގައި ދުއްވާ އުޅަނދުތައް ދައުލަތުގެ ކަމާބެހޭ މިނިސްޓްރީގައި ރަސްމީކޮށް ރަޖިސްޓްރީކުރުން އެއީ ޤާނޫނު ނަންބަރު 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) ލާޒިމުކުރާ ކަމެއްކަން އެނގެންއޮތުމުން މަދަނީކޯޓުގެ 232/MC/2007 ގެޤަޟިއްޔާގެ ދަޢުވާގައި ބުނާ ދެއުޅަނދަކީ ދައުލަތުގެ ކަމާބެހޭ މިނިސްޓްރީގައި އިބްރާހިމް ޝިޔާރުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ދެއުޅަނދުކަމާމެދު ދެފަރާތުގެ ދެމެދުގައި ދެބަހެއްނެތްއިރު، 15 ނޮވެމްބަރ 2000 ގައި ޢަބްދުﷲ ވަޙީދާއި އިބްރާހިމް ޝިޔާރުއާދެމެދު ކުރެވިފައިވާކަމަށް ޢަބްދުﷲ ވަޙީދު ބުނާ އެއްބަސްވުމުގެ ލިޔުމަކީ އިބްރާހިމް ޝިޔާރު ޤަބޫލުކުރާ ލިޔުމެއްކަމަށް ނުވާއިރު އެލިޔުމުގައި ހެކިންގެގޮތުގައި ސޮއިކުރިކަމަށް ބުނާ ދެފަރާތުގެ ހެކިބަހަކީ، މިދެއުޅަނދުގެ ރަޖިސްޓްރީގެދަށުން ކަށަވަރުވާ ކަންކަން ނަފީވެގެންދާނެ ކަމެއްނޫންކަމާއި މިކަންކަން މިބަޔާންކުރެވުނު ޤާނޫނުތަކުންނާއި އަދި ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(އ) އަށްވަނަކަމަކީ، އިސްވެބަޔާންކުރެވިދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާގައި ޢަބްދުﷲ ވަޙީދު ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި، ޢަބްދުﷲ ވަޙީދުއާއި އިބްރާހިމް ޝިޔާރުއާއި ދެމެދު 15 ނޮވެމްބަރ 2000 ގައި ވެވުނުކަމަށް ޢަބްދުﷲ ވަޙީދު ބުނާ އެއްބަސްވުމުގެ ލިޔުމާއި އެލިޔުމުގައި ބަޔާންވެފައިވާ ހެކިންގެ ހެކިބަހާއި އަދި ޙަވާލާދެވުނު ޕޮލިސް ސާރވިސްގެ ފިންގަރ ޕްރިންޓް ކޮމްޕޭރިޒަން ރިޕޯޓަކީ އެދަޢުވާގައި ޢަބްދުﷲ ވަޙީދުބުނާ ދެއުޅަނދުގައި ޢަބްދުﷲ ވަޙީދުގެ މިލްކުވެރިކަމުގެ އެއްވެސް މިންވަރެއް އޮތްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުވާފަދަ ތަކެތި ނޫންކަމާއި އެހެންކަމުން މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާގައި ބުނެވިދިޔަ ދެއުޅަނދާގުޅިގެން ކުރައްވާފައިވާ ޙުކުމާއި އަދި އެޤަޟިއްޔާގެ އެޙުކުމަށް ތާއިދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެޤަޟިއްޔާގައި ދަޢުވާކުރި ޢަބްދުﷲ ވަޙީދުގެ ދަޢުވާގައި އެދިފައިވާގޮތުގެމަތިން "ސަދަންކްރޮސް" ނަމަކަށްކިޔާ ސަފާރީ ބޯޓް (ދޯނި) އާއި އޭގެ ކައިރީގައި ޑައިވިންގކުރާ "ސްކޯޕިއަން" ނަމަކަށްކިޔާ އުޅަނދާއި މިދެއުޅަނދުގެ ½ (ދެބައިކުޅައެއްބައި) އާއި އަދި އެ ދެ އުޅަނދަށް ލިބޭ އާމްދަނީގެ ½ (ދެބައިކުޅައެއްބައި) ޝަރީޢަތުގެ ފަރާތުން ވަކިކޮށްދެވެން ނެތްކަމަށް ޙުކުމްކުރުމާއެކު، މަދަނީކޯޓުގެ ނަންބަރު 232/MC/2007 ގެ ޤަޟިއްޔާގައި މިބުނެވުނު ދެއުޅަނދުގެ ½ (ދެބައިކުޅައެއްބައި) ގެމިލްކުވެރިފަރާތަކީ މ.އާނަންދަ ޢަބްދުﷲ ވަޙީދުކަމަށާއި އަދި މިދެއުޅަނދު ދުއްވައިގެން ލިބޭ އާމްދަނީގެ ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރިފަރާތަކީވެސް ޢަބްދުﷲ ވަޙީދުކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމާއި އަދި އެޤަޟިއްޔާގެ މިޙުކުމަށް ތާއީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ