ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/12ސުޕްރީމް ކޯޓު · 9 އޮކްޓޫބަރު 2017

—

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2016/SC-A/12

ދަޢުވާކުރާ ފަރާތް: އަޙްމަދު ނަޞީރު

ދަޢުވާ ލިބޭ ފަރާތް: އިބްރާހީމް ނަފީސް ޙުސައިން، ކޮންގްރެސް

މައްސަލައިގެ ބާވަތް: ފައިސާއާބެހޭ

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 10 އޭޕްރީލް 2016

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 މެއި 2016

ނިމުނު ތާރީޚް: 09 އޮކްޓޯބަރ 2017

މައްސަލަ ނިންމި ގަޑި: 14:50

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2016/HC-S-A/13

ނިންމެވި ކޯޓު: ހައިކޯޓު / ދެކުނުގޮފި

ހުށަހެޅުނު ތާރީޚް: 28 ޖެނުއަރީ 2016

ނިމުނު ތާރީޚް: 13 މާރިޗު 2016

މައްސަލައިގެ ޚުލާޞާ

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/13 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި ސ. ހިތަދޫ ހަންހާރުގޭ އަޙްމަދު ނަޞީރުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލައިދެވުނު މައްސަލައެވެ. އަދި ބުނެވިދިޔަ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު: 2016/HC-S-A/13ޤަޟިއްޔާއަކީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓުކޯޓުގެ ނަންބަރު: 584/S2C/2015 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ، ސ. ހިތަދޫ ހަންހާރުގޭ އަޙްމަދު ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި ދެ ޤަޟިއްޔާގައިމެ ދަޢުވާލިބޭ ފަރާތަކީ ސ. ހިތަދޫ ކޮންގްރެސް އިބްރާހީމް ނަފީސް ޙުސައިން އެވެ.

ފާހަގަކުރެވުނު ނުކުތާތައް

ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު: 2016/HC-S-A/13ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނޫންކަމަށް ބުނެ، ދަޢުވާކުރާ އަޙްމަދު ނަޞީރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހަތަރު ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ ބެހޭގޮތުން ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން:

(ހ) ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 5.4 ގައި ވަނީ " އަޙްމަދު ނަޞީރު، އިބްރާހީމް ނަފީސްއަށް ދިން ޗެކްތަކެއްގެ ފައިސާގެ އިތުރުން 48,000/-ރ. (ސާޅީސް އަށްހާސް ރުފިޔާ) އެއީ އެކި ދުވަސް މަތިން އަޙްމަދު ނަޞީރަށް ދީފައިވާ ފައިސާކަމަށް ބުނެ އިބްރާހީމް ނަފީސް ކުރި ދަޢުވާގައި ހިމެނިފައި އޮވެގެން، އެ ފައިސާ ދިންކަމުގެ ހެކި ހުށަހަޅައިފައި ނެތި، 48,000/-ރ. (ސާޅީސް އަށްހާސް ރުފިޔާ) އަޙްމަދު ނަޞީރު، އިބްރާހީމް ނަފީސަށް ދޭންޖެހޭކަމަށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 582/S2C/2015 ޤަޟިއްޔާގައި ކަނޑައަޅާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ފެނިވަޑައި ނުގަންނަވާކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރެއްވި ކަމުގައި ވީނަމަވެސް މީހަކު ކުރި ހުވައެއް އެއީ ރަނގަޅު ހުވައެއްކަމަށް ބަލައިގެން އޭނާ ހޯދަން ދަޢުވާކުރި ފައިސާގެ ބައެއް ސާބިތުވެ އަނެއްބައި ސާބިތުނުވާއިރު، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 582/S2C/2015 ޤަޟިއްޔާ ސާބިތުވެފައިވަނީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ނޫންކަމަށާ އެހެންކަމުން މި މައްސަލައަކީ އަލުން ދަށު ކޯޓުން ރަނގަޅަށް ބައްލަވަންޖެހޭނެ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރަށްވާ އެގޮތަށް ކަނޑައަޅުއްވާފައި ނެތުމުން މިމައްސަލައަކީ އަޙްމަދު ނަޞީރު ހުށަހެޅި ކަންކަމުގެ މައްޗަށް ރަނގަޅަށް ރިޢާޔަތްކުރުމެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މައްސަލައެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާ.

(ށ) ދެވަނަ ނުކުތާއަކީ: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 582/S2C/2015 ޤަޟިއްޔާ ބަލަމުން ގެންދިޔައިރު އިބްރާހީމް ނަފީސް ޙުސައިންގެ ދަޢުވާގައި ހިމެނުނު ފައިސާގެ ތެރެއިން 98,000/-ރ. (ނުވަދިހަ އަށްހާސް ރުފިޔާ) އަކީ އިބްރާހީން ނަފީސް ޙުސައިނަށް އަނބުރައި ދައްކާ ގޮތަށް އިބްރާހީމް ނަފީސް ޙުސައިންގެ އަތުން އަޙްމަދު ނަޞީރު ހޯދި ފައިސާއެއްކަން އަޙްމަދު ނަޞީރުގެ ޞަރީޙަ އިޢުތިރާފުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުގެ ޚުލާޞާގެ 5.3 ނުކުތާގައި ބަޔާންކޮށްފައިވާއިރު، އަޙްމަދު ނަޞީރުގެ އެފަދަ ޞަރީޙަ އިޢުތިރާފެއް ނެތުމާއި އަދި އަޙްމަދު ނަޞީރު އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 4 ވަނަ ނަންބަރުގައި އަޙްމަދު ނަޞީރު އެފަދަ ޞަރީޙަ އިޢުތިރާފެއް ނެތްކަން ސާފުވާގޮތަށް "މި ދަޢުވާއަކީ ދަރަނީގެ މައްސަލައަކަށްވެފައި ދަރަނިވެރިޔާ ހޯދާފައިވާ ދަރަނީގެ ފައިސާގެ ތެރެއިން ބައެއް ފައިސާއާއިމެދު ޝައްކު އުފައްދާފައިވާތީވެ، މި ދަޢުވާ ސާބިތު ކުރުމަށްޓަކައި ދަޢުވާކުރާ ފަރާތަށް ހުވައި އެރުވިފައި ވެއެވެ." މިހެން ލިޔެވި އެކަން ފާހަގަކުރައްވާފައި ވުމުން އެކަމުން އަޙްމަދު ނަޞީރުގެ އެފަދަ ޞަރީޙަ އިޢުތިރާފެއްވެފައި ނެތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް އަޙްމަދު ނަޞީރުގެ އެފަދަ ޞަރީޙަ އިޢުތިރާފެއް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާގޮތަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާ.

(ނ) ތިންވަނަ ނުކުތާއަކީ: އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 582/S2C/2015 ޤަޟިއްޔާ ބައްލަވަމުން ގެންދިޔައިރު، ދަޢުވާއަކީ ދަރަނީގެ މައްސަލައަކަށްވެފައި ދަރަނިވެރިޔާ ހޯދާފައިވާ ދަރަނީގެ ފައިސާގެ ތެރެއިން ބައެއް ފައިސާއާއިމެދު ޝައްކު އުފައްދާފައިވާތީވެ އެ ދަޢުވާ ސާބިތު ކުރުމަށްޓަކައި ދަޢުވާކުރާ ފަރާތަށް ހުވައި އެރުވިފައިވާކަމަށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 582/S2C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބުނެފައިވާއިރު، އިބްރާހީމް ނަފީސް ޙުސައިން 30 ޑިސެންބަރު 2015 ގައި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ ހުވާގެ ޢިބާރާތުގައި ވަނީ "ސ.ހިތަދޫ، ހަންހާރުގޭ އަޙްމަދު ނަޞީރުގެ މައްޗަށް އަޅުގަނޑު ލިބިގަތުމަށް އެދި ހުށަހަޅާފައިވާ 299,222/-ރ. (ދެލައްދަ ނުވަދިހަ ނުވަހާސް ދުއިސައްތަ ބާވީސް ރުފިޔާ) ގެ ތެރެއިން ސައިކަލުގެ އަގަށްވާ 15,000/-ރ. (ފަނަރަހާސް ރުފިޔާ) ފިޔަވައި ދެން ހުރި 284,222/-ރ. (ދެލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ބާވީސް ރުފިޔާ) ގެ ފައިސާއަކީ އަޙްމަދު ނަޞީރު އަޅުގަނޑުގެ އަތުން އަނބުރާ ދޭން ހޯދާފައިވާ ފައިސާކަމާއި، މި ފައިސާގެ ތެރެއިން 10,000/-ރ. (ދިހަހާސް ރުފިޔާ) ފިޔަވާ އެހެން އެއްވެސް ފައިސާއެއް އަޅުގަނޑަށް ލިބިފައި ނުވާކަމަށް މާތްﷲ ގަންދީ ހުވާކުރަމެވެ." މިހެންނެވެ. އިބްރާހީމް ނަފީސް ޙުސައިން30 ޑިސެންބަރު 2015 ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ ހުވައަށް ބަލާއިރު، އޭނާ ކުރެއްވި ދަޢުވާއާއި ފުށުއަރާ ތިން ކަމެއް ފާހަގަކުރެވޭކަމަށާއި،

އެގޮތުން ފުރަތަމަ ފުށުއެރުމަކީ، އޭނާ ކޮށްފައިވާ ހުވައިގައި ބުނެފައިވާ ފައިސާގެ ޢަދަދާއި އޭނާ ހޯދަން ދަޢުވާކުރި ފައިސާގެ ޢަދަދާއި ދިމާނުވާކަން ކަމަށާއި،

ދެވަނަ ފުށުއެރުމަކީ، 299,222/-ރ. (ދެލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ބާވީސް ރުފިޔާ) ހޯދުމަށް ދަޢުވާކޮށްފައިވާއިރު އިބްރާހީމް ނަފީސް ކޮށްފައިވާ ހުވައިގައި ސައިކަލުގެ އަގަށްވާ ފައިސާގެ ވާހަކަ ބުނެފައިވާއިރު، 15,000/-ރ. (ފަނަރަހާސް ރުފިޔާ) ދޭން އަޙްމަދު ނަޞީރު އެއްބަސްވެ އޭނާގެ އަތުން ސައިކަލެއް ނަގާފައިނުވާއިރު، އޭނާ ދަޢުވާކުރި ޢަދަދު ކުއްލިއަކަށް 284,222/-ރ. (ދެލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ބާވީސް ރުފިޔާ) އަށް ބަދަލުވެ އޭނާ ހޯދަން ދަޢުވާކުރި ފައިސާގެ ޢަދަދާއި ލިބެންޖެހޭނެކަމަށް ބުނެ ހުވައި ކުރި ޢަދަދާ ދިމާނުވުން ކަމަށާއި،

ތިންވަނަ ފުށުއެރުމަކީ، 284,222/-ރ. (ދެލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ބާވީސް ރުފިޔާ) ގެ ތެރެއިން އިބްރާހީމް ނަފީސަށް އަޙްމަދު ނަޞީރު ދީފައިވާ 10,000/-ރ. (ދިހަހާސް ރުފިޔާ) ލިބިފައިވާކަމަށް ބުނެ އެ ޢަދަދު ކެނޑުމުން އަނެއްކާވެސް އޭނާ ހޯދަން ދަޢުވާކުރި ފައިސާގެ ޢަދަދު ދިމާނުވުން ކަމަށާއި، އިބްރާހީމް ނަފީސްއަށް ލިބިލައްވާފައިވާ ފައިސާ ހޯދުމަށް އެހެން މީހެއްގެ މައްޗަށް ދަޢުވާކުރުމަކީ، އޭނާ އަދާކުރައްވާ މަޤާމުފަދަ މަޤާމެއް އަދާކުރައްވާ ބޭފުޅަކު ކޮށްގެންވާނެ ކަމެއްކަމުގައި އަޙްމަދު ނަޞީރު ނުދެކޭ ކަމަށް ބުނުމުންވެސް މިއިން އެއްވެސް ކަމަކަށް ހައިކޯޓުން ރިޢާޔަތް ކުރައްވާފައި ނެތްކަމަށް ބުނެ ފާހަގަކުރި ނުކުތާ.

(ރ) ހަތަރުވަނަ ނުކުތާއަކީ: އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 582/S2C/2015 ޤަޟިއްޔާ ބައްލަވަމުން ގެންދިޔައިރު އިބްރާހީމް ނަފީސް ޙުސައިންގެ ދަޢުވާގައި ހިމެނުނު ފައިސާގެ ތެރެއިން 98,000/-ރ. (ނުވަދިހަ އަށްހާސް ރުފިޔާ) އަކީ އިބްރާހީމް ނަފީސް ޙުސައިނަށް އަނބުރާ ދައްކާގޮތަށް އޭނާގެ އަތުން އަޙްމަދު ނަޞީރު ހޯދި ފައިސާއެއްކަމަށް އަޙްމަދު ނަޞީރުގެ ޞަރީޙަ އިޢުތިރާފުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިންމިގޮތުގެ ޚުލާޞާގެ 5.3 ނުކުތާގައި ވިދާޅުވެފައިވާއިރު، އަޙްމަދު ނަޞީރު އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި 29 ޑިސެންބަރު 2005 ގެ ތާރީޚުގައި ދީފައިވާ ބަޔާނުގެ 2 ވަނަ ޕެރެގްރާފުގައި "ސ.ހިތަދޫ/ ކޮންގްރެސް، އިބްރާހީމް ނަފީސް ޙުސައިން އަޅުގަނޑުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި އަނބުރާ ދައްކާގޮތަށް އަޅުގަނޑު ހޯދާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް އޭނާ ހުށަހަޅުއްވާފައިވާ ފައިސާގެ ލިސްޓުގައި ހުރި ހުރިހާ ތަކެއްޗަކީ، އަޅުގަނޑު އަނބުރާ ދައްކާގޮތަށް ހޯދި ފައިސާތަކެއް ނޫންކަމަށް ޞަރީޙަ ބަހުން އަޅުގަނޑު ބުނެ ފައިވާނެއެވެ." މި ހެންބުނެ، އެ ބަޔާނުންވެސް އަޅުގަނޑު (އަޙްމަދު ނަޞީރު) ގެ އެފަދަ ޞަރީޙަ އިޢުތިރާފެއް ނެތްކަން ސާފުވާގޮތަށް އެނގެން އޮންނައިރު، އަޙްމަދު ނަޞީރުގެ އެފަދަ ޞަރީޙަ އިޢުތިރާފެއް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ފާހަގަކުރި ނުކުތާކަން އެނގެން އޮވެއެވެ.

މި މައްސަލައާ ގުޅިގެން ދެ ފަރާތުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓު / ދެކުނު ގޮފީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މި މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ: އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 582/S2C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރުގެ މައްޗަށް ހުށަހެޅުއްވި -/299،222ރ. (ދެލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ބާވީސް ރުފިޔާ) ގެ ތެރެއިން ސައިކަލުގެ އަގުކަމަށް ބުނެފައިވާ -/15000ރ. (ފަނަރަހާސް ރުފިޔާ) އާއި އަދި ލިބިފައިވާކަމަށް ބުނާ -/10000ރ. (ދިހަހާސް ރުފިޔާ) ކެނޑުމަށްފަހު ބާކީވާ -/274،222ރ. (ދެލައްކަ ހަތްދިހަ ހަތަރުހާސް ދުއިސައްތަ ބާވީސް) ރުފިޔާގެ ދަޢުވާ، ލިބިފައިވާ ޤަރީނާތަކާއި އަދި ދަޢުވާކުރާ ފަރާތުގެ ހުވަޔާއެކު ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މި ފައިސާ ދެއްކުމުގެ މުއްދަތަކާ މެދު ދެފަރާތުން އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވާތީ ޝަރީޢަތުން މި ފައިސާ ދެއްކުމުގެ މުއްދަތު ކަނޑައަޅައި އެގޮތުގެމަތިން، އަދުން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި -/70000ރ. (ހަތްދިހަހާސް ރުފިޔާ) އިބްރާހީމް ނަފީސް ޙުސައިންއާ ޙަވާލުކުރުމަށްޓަކައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް އަޙްމަދު ނަޞީރުގެ މައްޗަށް ޙުކުމްކޮށް އަދި ބާކީވާ -/204،222ރ. (ދެލައްކަ ހަތަރުހާސް ދުއިސައްތަ ބާވީސް ރުފިޔާ) ދައްކަންޖެހޭ މުއްދަތަކީ އަދުން ފެށިގެން 03 (ތިނެއް) މަސްދުވަސް ކަމަށް ކަނޑައަޅައި، އަދުން ފެށިގެން ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން -/68،074ރ. (ފަސްދޮޅަސް އަށްހާސް ހަތްދިހަ ހަތަރެއް ރުފިޔާ) އިބްރާހީމް ނަފީސް ޙުސައިންއާ ޙަވާލު ކުރުމަށްޓަކައި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް އަޙްމަދު ނަޞީރުގެ މައްޗަށް ޙުކުމްކޮށް، މި ޤަޟިއްޔާގައި ދަޢުވާ ކުރެވުނު ސައިކަލުގެ އަގަށްވާ -/15000ރ. (ފަނަރަހާސް ރުފިޔާ) ގެ ދަޢުވާއަކީ ވިޔަފާރީގެ މުޢާމަލާތެއް ކަމަށްވާތީ މި ޤަޟިއްޔާގެ ތެރޭގައި އެ މައްސަލަ ކުރިޔަށް ގެންދަން ޖެހިއްޖެނަމަ ހުށަހެޅިފައިވާ މައްސަލަ ދިގުލައިގެން ގޮސް، ދެ ޚަޞްމުންގެ ތެރެއިން ޚަޞްމެއްގެ ޙައްޤުތަކެއް ގެއްލިގެން ހިނގައިދާނެކަމަށް ޝަރީޢަތަށް ބެލެވޭތީ އެ ދަޢުވާ އެ ޤަޟިއްޔާގައި ބަލާދެވިފައި ނުވާކަން އަންގައި އަދި އެ ދަޢުވާ އަލުން ހުށަހަޅުއްވައިފިނަމަ އެ މައްސަލަ ބަލައި ދެވިދާނެކަން އަންގައި މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ: ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/13 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ އިސްވެ ބަޔާންކުރެވި ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 582/S2C/2015 ޤަޟިއްޔާގައި އަޙްމަދު ނަޞީރު ގެ ފަރާތުން އިބްރާހީމް ނަފީސް ޙުސައިން އަށް ދޭންޖެހޭކަމަށް ސާބިތުވާ ފައިސާގެ ޢަދަދަކީ -/274222ރ (ދެލައްކަ ހަތްދިހަ ހަތަރުހާސް ދުއިސައްތަ ބާވީސް ރުފިޔާ) ކަމަށް ކަނޑައަޅުއްވާފައިވާ ބައި ބާޠިލުކޮށް، އަޙްމަދު ނަޞީރުގެ ފަރާތުން އިބްރާހީމް ނަފީސަށް ދޭންޖެހޭކަމަށް ޘާބިތުވާ ފައިސާގެ ޢަދަދަކީ -/226222ރ (ދެލައްކަ ސައްބީސްހާސް ދުއިސައްތަ ބާވީސް ރުފިޔާ) ކަމަށް ކަނޑައަޅައި، މި ފައިސާ އިބްރާހީމް ނަފީސް ޙުސައިންއާ ޙަވާލު ކުރުމަށްޓަކައި، މިއަދު(13 މާރިޗު 2016) އިން ފެށިގެން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން ޢަދަދަކަށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް އަޙްމަދު ނަޞީރު އަށް އަންގައި މި ޤަޟިއްޔާ މި ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ: އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރުގެ މައްޗަށް ދަޢުވާކޮށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރަށް ދޫކުރި ޗެކުތަކުގެ ތެރެއިން -/70000ރ. (ހަތްދިހަހާސް ރުފިޔާ) ގެ ޗެކާއި -/19000ރ. (ނަވާރަހާސް ރުފިޔާ) ގެ ޗެކާއި -/9000ރ (ނުވަހާސް ރުފިޔާ) ގެ ޗެކުގައިވާ ފައިސާ، އެކުޖުމްލަ -/98000ރ. (ނުވަދިހަ އަށްހާސް ރުފިޔާ) އަކީ އަޙްމަދު ނަޞީރު، އިބްރާހީމް ނަފީސް ޙުސައިންގެ އަތުން އަނބުރައި ދައްކާގޮތަށް ނަގާފައިވާ ފައިސާއެއްކަމަށް އަޙްމަދު ނަޞީރު އިޢުތިރާފުވުމަށްފަހު، އިބްރާހީމް ނަފީސް ޙުސައިންގެ ދަޢުވާގައި ބަޔާންކޮށްފައިވާ ހުރިހައި ޗެކެއްގައިވާ ފައިސާވެސް އަޙްމަދު ނަޞީރަށް ލިބިފައިވާކަމަށް އަޙްމަދު ނަޞީރު އިޢުތިރާފު ވެފައި އޮންނަކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ: އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރުގެ މައްޗަށް ދަޢުވާކޮށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި، އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރަށް ދޫކުރި ޗެކުތަކުގެ ތެރެއިން -/70000ރ. (ހަތްދިހަހާސް ރުފިޔާ) ގެ ޗެކާއި -/19000ރ. (ނަވާރަހާސް ރުފިޔާ) ގެ ޗެކާއި -/9000ރ. (ނުވަހާސް ރުފިޔާ) ގެ ޗެކުގައިވާ ފައިސާ، އެކުޖުމްލަ -/98000ރ. (ނުވަދިހަ އަށްހާސް ރުފިޔާ) އަކީ އަޙްމަދު ނަޞީރު، އިބްރާހީމް ނަފީސް ޙުސައިންގެ އަތުން އަނބުރައި ދައްކާގޮތަށް ނަގާފައިވާ ފައިސާއެއްކަމަށް އަޙްމަދު ނަޞީރު އިޢުތިރާފު ވުމަށްފަހު، ބާކީހުރި ޗެކްތަކުގައިވާ ފައިސާ -/128222ރ. (އެއްލައްކަ އަށާވީސްހާސް ދުއިސައްތަ ބާވީސް ރުފިޔާ) އާ ގުޅިގެން ދައްކައިފައި ހުރި ވާހަކަތަކުގެ ތެރޭގައި، އިބްރާހީމް ނަފީސް ޙުސައިންގެ ގޯތީގައި އަޙްމަދު ނަޞީރު، އިބްރާހީމް ނަފީސް ޙުސައިނަށް ޢިމާރާތެއް ކޮށްދީފައިވާ ކަމަށާއި، ޢިމާރާތްކުރުމަށް ފުރަތަމަ ހޯދި ހުރިހައި ތަކެއްޗެއްގެ ބިލްތައް ދެއްކީ އެ ފައިސާއިން ކަމަށްބުނެ އަޙްމަދު ނަޞީރު ދައްކާފައިވާ ވާހަކަތަކަށް ޖުމްލަކޮށް ބަލާއިރު، މި ޗެކުތަކުގައިވާ ފައިސާއަކީ އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރަށް އަނބުރައި ދައްކާގޮތަށް ދީފައިވާ ފައިސާއެއް ކަމާމެދު އަޙްމަދު ނަޞީރު އިންކާރު ކޮށްފައި އޮންނަކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ: ޗެކުގެ ޢާއްމު އުޞޫލަށް ބަލާއިރު ޗެކަކީ އެ ޗެކު ދޫކުރި ފަރާތުން ޗެކު ދޫކުރެވުނު ފަރާތަށް ދޭންޖެހޭ ފައިސާއެއް އޮތްކަން އަންގައިދޭ، ވަސީލަތެއް ކަމާއި، ޗެކު ދޫކުރި ފަރާތުން މިނޫން ގޮތަކަށް ބުނާނަމަ އެކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތު ކޮށްދިނުމަކީ އެ ޗެކެއް ދޫކުރި ފަރާތުގެ ޒިންމާއެއްކަން އެނގެން އޮންނަ އިރު އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރަށް ދޫކޮށްފައިވާ ބަޔާންވެދިޔަ -/128222ރ. (އެއްލައްކަ އަށާވީސްހާސް ދުއިސައްތަ ބާވީސް ރުފިޔާ) ހިމެނޭ ޗެކުތަކަކީ އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރަށް އަނބުރައި ދައްކާގޮތަށް ދީފައިވާ ފައިސާއެއް ހިމެނޭ ޗެކުތަކެއްކަން ސާބިތުކުރުމަށް އިތުރު އެއްވެސް ހެއްކެއް މި މައްސަލައާ ގުޅިގެން އިބްރާހީމް ނަފީސް ޙުސައިންގެ ފަރާތުން ހުށަހަޅާފައި ވާކަން އެނގެން ނެތުމެވެ.

(ޅ) ހަވަނަ ކަމަކީ: ޢާންމު އުޞޫލެއްގެ ގޮތުން، މަދަނީ ޚުޞޫމަތްތަކުގައި ޡާބިތުކުރުމުގެ ބުރަ، އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، މި މާނާގައި ބަލާއިރު ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް ހުށަހަޅާ ފަރާތް ނޫންކަމާއި، މިގޮތުން ދަޢުވާ ފުރޮޅޭ ޙާލަތްތަކެއްވެސް އަންނަކަމާއި، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޡާބިތު ކުރުމަކީ އެ ދިފާޢީ ދަޢުވާއެއް ކުރި ފަރާތުގެ މަސްއޫލިއްޔަތެއް ކަމާ، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" ޡާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަ ކަމަކީ: އިސްލާމީ ފިޤްހުގައި "އަލް ބައްޔިނާ" (البينة) އަކީ ޙައްޤު ބަޔާންކޮށް ކަޝްފު ކޮށްދޭ އިސްލާމީ ޝަރީޢަތުން ޤަބޫލުކުރާ ކޮންމެ ވަސީލަތެއް ކަމާއި، މިގޮތުން ކިތާބީ ދަލީލުތަކާއި، ހެކިންގެ ހެކިބަހާއި، ފާޅުކަންބޮޑު ޤަރީނާ ފަދަ އިސްލާމީ ޝަރްޢުގައި ހުއްދަ، ޡާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކަކީ "އަލް ބައްޔިނާ" ނުވަތަ ހެކީގެ ޢާންމު މަފްހޫމުގެ ތެރޭގައި ހިމެނޭ ދަލީލުތައް ކަމާއި، ހެކިންގެ ހެކިބަހުން ޡާބިތުކުރަން ބޭނުންވާ ޙައްޤުގެ ބާވަތަށް ބަލައި ހެކިބަހުގެ ނިޞާބު އިސްލާމީ ފިޤްހުގައި ތަފާތުވާ ކަމާއި، އަފްރާދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކިންގެ ހެކިބަހުން ޡާބިތުކުރުމުގެ ނިޞާބަކީ ދެ ފިރިހެނުންގެ ނުވަތަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ކަމާއި، އެ ފަދަ މުޢާމަލާތްތައް ޡާބިތުކުރުމުގައި (އެއް) ފިރިހެނެއްގެ ހެކިބަސް ނޫން އެހެން ދަލީލެއް ހުށަހެޅުމަށް ދަޢުވާކުރާ ފަރާތުން ނުކުޅެދިގެންވާނަމަ އަދި އޭނަގެ ޚަޞްމު އޭނަގެ ދަޢުވާއަށް އިޤްރާރު ނުވާނަމަ، އިސްލާމީ ފިޤްހުގެ ޖުމްހޫރުންގެ އަރިހުގައި ބުނެވިދިޔަ އެކެއްގެ ހެކިބަހަކީ "އަލްޔަމީން މަޢައް ޝާހިދިލް ވާޙިދި" (اليَمِين مَعَ الشَّاهِد الوَاحِد) ގެ އަސާސްގެ ދަށުން، ދަޢުވާކުރާ ފަރާތުގެ ހުވަޔާއި އެކު ފުރިހަމަކުރެވިދާނެ ދަލީލެއްކަމާއި، މި އަސާސްގެ މައްޗަށް ޤިޔާސް ކުރާހިނދު އުނި ދަލީލެއް ފުރިހަމަކުރުވަނިވި ހުވާ ނުވަތަ 'އަލް ޔަމީނުލް މުތައްމިމާ' އަކީ ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ޡާބިތުކުރުމުގެ ވަސީލަތެއްކަމާއި، މިގޮތުން ދަޢުވާއެއްގައި ޚަޞްމަކު ހުށަހަޅާ ދަލީލަކީ ދަޢުވާ ޘާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަމަށް ކޯޓަކަށް ފެނިއްޖެނަމަ އެ ދަލީލު ހުށަހެޅި ޚަޞްމުގެ ހުވަޔާއި އެއްކޮށް އެ ދަލީލު ފުރިހަމަކުރުމުގެ އިޚްތިޔާރު އެ ކޯޓަކަށް ލިބިގެންވާކަމާ މިއީ، ސުޕްރީމް ކޯޓުގެ ނަންބަރ:2010/SC-A/02 ޤަޟިއްޔާގައިވެސް ބަޔާންކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ހަމައެއްކަން އެނގެން އޮންނަކަމެވެ.

(އ) އަށްވަނަ ކަމަކީ: މަދަނީ މައްސަލަތައް ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި ޢަމަލުކުރެވޭ އުޞޫލުތަކަށް ބަލާއިރު 'އަލް ޔަމީނުލް ޙާސިމާ" އަކީ ޚަޞްމުގެ އަތުގައި އޭނަގެ ދަޢުވާ ޘާބިތުކުރުމަށް ޤާނޫނުން ހުއްދަކުރާ ދަލީލެއް ނެތުމުންނާއި، އަދި އޭނަގެ ޚަޞްމު އޭނަގެ ދަޢުވާއަށް އިޤްރާރު ނުވުމުން، ދަލީލު ނުދެއްކުނު ޚަޞްމު ދަޢުވާއަށް އިންކާރުކުރާ ޚަޞްމުގެ ޟަމީރަށް އެ މައްސަލަ ނިންމުމުގެ ފުރުޞަތު ދޫކޮށްލުމުން އަރުވާ ހުވައެއްކަމާއި، މި މަބްދައަކީ އިސްލާމީ ފިޤްހުގައި އިސްތިޤްރާރުވެގެންވާ މަބްދައެއް ކަމާއި، އޭގެ އަޞްލަކީ އިސްލާމީ ޝަރީޢަތުގެ "އަލް ބައްޔިނަތު ޢަލަލް މުއްދަޢީ ވަލް ޔަމީން ޢަލަލް މުއްދަޢާ ޢަލައިހި" (البَيِّنَة عَلَي المُدَّعِي واليَمِين عَلَى المُدَّعَي عَلَيهِ) (ދަޢުވާކުރާ ފަރާތުގެ މައްޗަށް ވަނީ ބައްޔިނާ (ދަލީލު) އެވެ. އަދި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ވަނީ ހުވައެވެ.) މިފަދައިން އޮންނަ ނައްޞުތައްކަން އެނގެން އޮންނަ އިރު ދަޢުވާ ކުރާ ފަރާތަށް ހެކި ނުދެއްކޭ ޙާލަތުގައި ދަޢުވާ ރައްދުވާ ފަރާތަށް ހުވައި ލާޒިމްކުރުވުމަކީ ޝަރުޢީ ހަމަތަކުގެ މަތިން ކުރެވިދާނެ ކަމެއްކަން އެނގެން އޮންނައިރު، މި ޙާލަތުގައި ދަޢުވާރައްދުވާ ފަރާތުން އިންކާރުގެ ހުވައި ނުކޮށްފިނަމަ، ދަޢުވާކުރާ ފަރާތަށް ރައްދުގެ ހުވައި ކުރުމަށް ފުރުޞަތު ދެވޭކަން އެންގެން އޮންނަ އޮތުމެވެ.

(ވ) ނުވަވަނަ ކަމަކީ: އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރުގެ މައްޗަށް ދަޢުވާކޮށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި، އަޙްމަދު ނަޞީރަށް ދޫކުރެވުނު ޗެކުތަކުގައިވާ ފައިސާގެ އިތުރުން އަޙްމަދު ނަޞީރަށް ނަޤުދު ފައިސާއިން ދިންކަމަށް އިބްރާހީމް ނަފީސު ބުނާ -/48000ރ. (ސާޅީސް އަށްހާސް ރުފިޔާ) ގެ މައްސަލައްކީ ދަށުކޯޓުގައި އެއްވެސް ވަރަކަށް ސުވާލުކުރެވި ބެލިފައިވާ މައްސަލައެއް ނޫންކަން އެނގެން އޮންނާތީ އެ މައްސަލައަކީ، އާ ދަޢުވާއެއްގެ ގޮތުގައި ހުށަހެޅުމުގެ ޙައްޤު އިބްރާހީމް ނަފީސަށް ލިބިގެންވާ މައްސައެއްކަން އެނގެން އޮންނަ އޮތުމެވެ.

(މ) ދިހަވަނަ ކަމަކީ: އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރުގެ މައްޗަށް ދަޢުވާކޮށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރަށް ދޫކުރި ޗެކުތަކުގެ ތެރެއިން -/70000ރ. (ހަތްދިހަހާސް ރުފިޔާ) ގެ ޗެކާއި -/19000ރ. (ނަވާރަހާސް ރުފިޔާ) ގެ ޗެކާއި-/9000ރ. (ނުވަހާސް ރުފިޔާ) ގެ ޗެކުގައިވާ ފައިސާ، އެކުޖުމްލަ -/98000ރ. (ނުވަދިހަ އަށްހާސް ރުފިޔާ) އަކީ އަޙްމަދު ނަޞީރު، އިބްރާހީމް ނަފީސް ޙުސައިންގެ އަތުން އަނބުރައި ދައްކާގޮތަށް ނަގާފައިވާ ފައިސާއެއްކަމަށް އަޙްމަދު ނަޞީރު އިޢުތިރާފު ވުމަށްފަހު، ބާކީހުރި ޗެކްތަކުގައިވާ ފައިސާ -/128222ރ. (އެއްލައްކަ އަށާވީސްހާސް ދުއިސައްތަ ބާވީސް ރުފިޔާ) އަކީ އަނބުރައި ދައްކާގޮތަށް ނަގައިފައިވާ ފައިސާއެއް ނޫންކަމަށް ބުނެ އިންކާރުކޮށްފައިވާތީ އާއި ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށްޓަކައި އިތުރު ހެއްކެއް ހުށަހަޅައިފައިނުވާތީ، ދަޢުވާލިބޭ ފަރާތަށް ޝަރުޢީ ހަމަތަކުގެ މަތިން ލާޒިމުވާ އިންކާރުގެ ހުވައި ކުރުމަށް އެންގުމުން އަޙްމަދު ނަޞީރު އިންކާރުގެ ހުވައި ޝަރީޢަތުގެ މަޖިލީހުގައި އަންނަނިވި ޢިބާރާތުން ކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

"والله العظيم" އަހުރެން ( އަޙްމަދު ނަޞީރު) އަށް އިބްރާހީމް ނަފީސް ޙުސައިން ދީފައިވާ މި މައްސަލާގައި ހިމެނޭ ޗެކްތަކުގެ ތެރެއިން 70,000/-ރ. (ހަތްދިހަހާސް ރުފިޔާ) ގެ ޗެކާއި 19,000/-ރ. (ނަވާރަހާސް ރުފިޔާ) ގެ ޗެކާއި، 9,000/-ރ. (ނުވަހާސް ރުފިޔާ) ގެ ޗެކްގައިވާ ފައިސާއާއި އެކުޖުމްލަ 98,000/-ރ. (ނުވަދިހަ އަށް ހާސް ރުފިޔާ) ފިޔަވައި، ބާކީހުރި ޗެކްތަކުގައިވާ ޖުމްލަ ފައިސާ 1,28,222/-ރ. (އެއްލައްކަ އަށާވީސްހާސް ދުއިސައްތަ ބާވީސް ރުފިޔާ) އަކީ އިބްރާހީމް ނަފީސް ޙުސައިން، އަހުރެންނާ ކުރުމަށް ޙަވާލުކުރި މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމަށާއި އަދި އިބްރާހީމް ނަފީސް ޙުސައިނަށް އަހުރެން ކޮށްދީފައިވާ މަސައްކަތުގެ އަގު އަދާކުރުމުގެ ގޮތުން ދީފައިވާ، 1,28,222/-ރ. (އެއްލައްކަ އަށާވީސްހާސް ދުއިސައްތަ ބާވީސް ރުފިޔާ) ކަމަށާއި، އަދި މި ފައިސާއަކީ އެއްވެސް ޙާލެއްގައި އަހުރެން (އަޙުމަދު ނަޞީރު)، އިބްރާހީމް ނަފީސް ޙުސައިން އަށް ދަރަނީގެ ގޮތުގައި އަނބުރައި ދައްކާގޮތަށް އިބްރާހީމް ނަފީސް ޙުސައިންގެ އަތުން ނަގާފައިވާ ފައިސާއެއް ނޫންކަމަށް އަހުރެން ( އަޙްމަދު ނަޞީރު) މާތްﷲ ގަންދީ ހުވައި ކުރަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރުގެ މައްޗަށް ދަޢުވާކޮށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ދަޢުވާކުރި ފައިސާގެ ތެރޭގައި ހިމެނޭ އިބްރާހީމް ނަފީސް ޙުސައިން އަޙްމަދު ނަޞީރަށް ދޫކުރި ޗެކުތަކުގެ ތެރެއިން -/70000ރ. (ހަތްދިހަހާސް ރުފިޔާ) ގެ ޗެކާއި -/19000ރ. (ނަވާރަހާސް ރުފިޔާ) ގެ ޗެކާއި -/9000ރ. (ނުވަހާސް ރުފިޔާ) ގެ ޗެކުގައިވާ ފައިސާ، އެކުޖުމްލަ -/98000ރ. (ނުވަދިހަ އަށްހާސް ރުފިޔާ) އަކީ އަޙްމަދު ނަޞީރު، އިބްރާހީމް ނަފީސް ޙުސައިންއަށް ދައްކަންޖެހޭ ފައިސާއެއްކަން އަޙުމަދު ނަސީރުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ މި ފައިސާ އިބްރާހީމް ނަފީސް ޙުސައިން އަށް ލިބިދިނުމަށްޓަކައި މިއަދު(09 އޮކްޓޯބަރ 2017) އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް އަޙްމަދު ނަޞީރު އަށް އަންގައި، ދެން ހުރި ބާކީ ޗެކްތަކުގައިވާ 1,28,222/-ރ. (އެއް މިލިޔަން އަށާވީސްހާސް ދުއިސައްތަ ބާވީސް) ރުފިޔާއަކީ އިބްރާހީމް ނަފީސް ޙުސައިން އަޙުމަދު ނަސީރަށް އަނބުރައި ދައްކާ ގޮތަށް ދީފައިވާ ދަރަނީގެ ފައިސާއެއްކަން ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު: 584/S2C/2015 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/13 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ދެ ޙުކުމްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ