ޒުލައިޚާ ޙަފީޡާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (1976/Cv-C/2011) މީރާއާ އެއްކޮޅަށް ނިންމިއެވެ. ހައިކޯޓުން (2013/HC-A/06) ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- ށ. އެކަސްދޫ ދަނޑުވެރިކަމަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި ޒުލައިޚާ ޙަފީޡާއާ ދެމެދު 2008 ގައި އެއްބަސްވުމެއް ވިއެވެ. ކުލި ނުދެއްކުމުން، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 12,412,128.39ރ. ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސަރުކާރުގެ މިނިސްޓްރީއަކާ ވެފައިވާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދަޢުވާކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިގެންވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޒުލައިޚާ ޙަފީޡާ ބުނީ، މީރާގެ ބާރަކީ ޓެކުހާ ގުޅޭ ފައިސާ ހޯދުން ކަމަށާއި، އެއްބަސްވުމުގެ ބައިވެރިޔަކީ މިނިސްޓްރީ ކަމަށާއި، ޖޫރިމަނާ ހިސާބުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. މީރާއިން ބުނީ، 03/2010 ގެ 3 (ނ) އާއި 34 (ހ) ގެ ދަށުން ޓެކްސް ނޫން ފައިސާވެސް ހޯދުމުގެ ބާރު ލިބިގެންވާ ކަމަށާއި، އާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުނެގޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 03/2010 ގެ "އެހެނިހެން ފައިސާ" ގައި ހިމެނެނީ ޓެކުހާ ގުޅުންހުރި ފައިސާ ކަމަށާއި، ފަޅުރަށުގެ ކުލި މީރާއަށް ދެއްކުން އެއްވެސް ޤާނޫނަކުން ލާޒިމުނުކުރާ ކަމަށާއި، އެއްބަސްވުމުގެ ދަށުން ކުލި ހޯދުމުގެ ޙައްޤު މީރާއާ ޙަވާލުކޮށްފައިނުވާ ކަމަށް ބަލައި، މީރާއަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ނިންމައި ހައިކޯޓުގެ ޙުކުމް ބާޠިލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2013/HC-A/06
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު (މީރާއަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތް)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
(ޕެރ. 19–20) ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "ޓެކްސް" މާނަކޮށްދީފައިވާ ގޮތުން، ޓެކުހުގެ ތެރޭގައި ކުލި ނުހިމެނެއެވެ. އަދި ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މަޤުޞަދުތަކަކީ މުޅިން ޓެކުހާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމެވެ.
(ޕެރ. 21–22) ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ "އެހެނިހެން ފައިސާ" އާއި 34 ވަނަ މާއްދާގެ (ހ) ގައިވާ "އެހެން އެއްވެސް ޢަދަދެއް" މި ޢާންމު ޢިބާރާތްތައް އަންނަނީ "ޓެކްސް"، "ފީ"، "ޖޫރިމަނާ" ފަދަ ޚާއްޞަ ޢިބާރާތްތަކަށް ފަހުގައެވެ. އެފަދަ ޢާންމު ޢިބާރާތަކަށް ދޭންޖެހޭނީ އޭގެ ކުރީގައިވާ ޚާއްޞަ ޢިބާރާތްތަކުން ދޭހަވާ މާނައެވެ. އެހެންކަމުން އެ ޢިބާރާތްތަކުގައި ހިމެނެނީ ޓެކުހާ ގުޅުންހުރި ފައިސާއެވެ.
(ޕެރ. 23.3) ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 34 ވަނަ މާއްދާގައި މީރާއަށް ދީފައިވާ، ނުދައްކާ ފައިސާ މަދަނީ ދަރަންޏެއްގެ ގޮތުގައި ކޯޓުން ހޯދުމުގެ ބާރަކީ ޓެކުހާ ގުޅުންހުރި ފައިސާއަށް ހަނިވާ ބާރެކެވެ. މިކަން އެ މާއްދާގެ (ހ) ގެ ފަހު ޖުމްލައާއި (ށ) އިން ދޭހަވެއެވެ.
(ޕެރ. 23.4، 24، 37) ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، ޓެކުހަށް ނުވާ ކުލި، ފީ، ރޯޔަލްޓީ ފަދަ ފައިސާ މީރާއަށް ހޯދޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މީރާއަށް ދެއްކުން ލާޒިމުކޮށްފައިވާ ފައިސާއެއް ނަމައެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު (20/98) ގެ ދަށުން ހެދޭ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ކުލި މީރާއަށް ދެއްކުން އެ ޤާނޫނުން ލާޒިމުކޮށްފައި ނުވާތީ، އެ ކުލި ހޯދުމަށް ދަޢުވާކުރުމަކީ މީރާއަށް ލިބިފައިވާ ބާރެއް ނޫނެވެ.
(ޕެރ. 28–32) ކުލި ދައްކަންވާނީ "މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީ އަންގާ ފަރާތަކަށް" ކަމަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އޮތަސް، ކުލި ބަލައިގަތުމުގެ ޙައްޤު އެހެން ފަރާތަކާ ޙަވާލުކުރިކަން (އެސައިންމަންޓް) ނުވަތަ ކުލި ހޯދުމަށް ދަޢުވާކުރުމުގެ އިލްތިޒާމު ދޫކޮށްލިކަން (ވެއިވަރ) ކަނޑައެޅޭނީ އެއްބަސްވުމަށް ރުޖޫޢަވެގެންނެވެ. އެފަދަ ބަދަލެއް ގެނެވޭނީ އެއްބަސްވުމުގައިވާ ގޮތަށް ބައިވެރިން ލިޔުމުން އެއްބަސްވެގެން ކަމަށްވާއިރު، މިނިސްޓްރީން މީރާއަށް ފޮނުވި އެއްބާރުލުމުގެ ސިޓީއަކުން، ނުވަތަ ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން، އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ މީރާއަށް ކުލި ހޯދުމަށް ދަޢުވާކުރުމުގެ ބާރު ނުލިބެއެވެ.
(ޕެރ. 35، 38) ދަޢުވާއެއް ބަލައިގަތުމުގައި، ދަޢުވާކުރާ ފަރާތަށް ދަޢުވާކުރުމުގެ މަޞްލަޙަތު އޮތުމުގެ އިތުރުން ދަޢުވާކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވޭތޯ ކޯޓުން ބަލަންޖެހެއެވެ. މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް ރިޢާޔަތްކުރަންޖެހޭ ކަމެކެވެ. ހައިސިއްޔަތު ނެތް ފަރާތަކުން ކުރާ ދަޢުވާއަކީ ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއް ނޫނެވެ. އެފަދަ މައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލެއް ނުކުރެވޭނެއެވެ. ތަޙުވީލު ކުރެވޭނީ ހައިސިއްޔަތު ލިބިފައިވާ ދެ ފަރާތެއްގެ ދެމެދުގައިވާ ޚުޞޫމަތެއްގައެވެ.
(ޕެރ. 39–40) ޤާނޫނީ ގޮތުން އުފެދިފައިވާ ޝަޚްޞަކަށް ލިބޭނީ ޤާނޫނުން ލިބިދޭ ބާރުތަކެވެ. ޓެކުހާއި ޓެކުހާ ގުޅުންހުރި ފައިސާ ފިޔަވައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ޒިންމާ މީރާއާ ޙަވާލުކުރަން ބޭނުންނަމަ، އެކަން ކުރަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ބަދަލުކޮށްގެންނެވެ.
(ޕެރ. 33–34) ހައިސިއްޔަތު ނެތް ފަރާތަކުން ކުރި ދަޢުވާއެއްގައި، ދަށު ކޯޓުގައި ވާހަކަ ދެކެވި ގޮތެއް ނިންމާފައިނުވާ، މައްސަލައިގެ ވާޤިޢާތަކާ ގުޅުންހުރި ނުކުތާތަކަށް (ކުލި ހިސާބުކުރުމާއި އެއްބަސްވުން ބާޠިލުކުރުން ފަދަ) އިސްތިއުނާފީ ކޯޓުން ގޮތެއް ނުނިންމާނެއެވެ. އެކަންކަމަށް ޝަރީޢަތުގެ މަރުޙަލާގައި ޙައްލު ހޯދުމުގެ ފުރުސަތު އެއްބަސްވުމުގެ ބައިވެރިންނަށް އޮވެއެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)، 34 ވަނަ މާއްދާ، 35 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ޒުލައިޚާ ޙަފީޡާ އަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި ޒުލައިޚާ ޙަފީޡާއާ ދެމެދު 01 ޖުލައި 2008 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ.
2މި އެއްބަސްވުމުގެ ދަށުން ޒުލައިޚާ ޙަފީޡާ ދައްކަންޖެހޭ ކުލި ކަނޑައެޅިފައިވާ ގޮތުގެމަތިން ދައްކާފައި ނުވެއެވެ. ވުމާއެކު ކުއްޔާއި، ކަނޑައެޅިފައިވާ ގޮތުގެމަތިން ކުލި ދައްކަމުން ނުދިއުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި 12,412,128/39ރ. (ބާރަ މިލިއަން ހަތަރުލައްކަ ބާރަހާސް އެއްސަތޭކަ އަށާވީސް ރުފިޔާ ތިރީސްނުވަ ލާރި) ޒުހައިޚާ ޙަފީޡާގެ އަތުން ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ޒުލައިޚާ ޙަފީޡާގެ މައްޗަށް ދަޢުވާ ކުރިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 1976/Cv-C/2011 ޤަޟިއްޔާއިންނެވެ.
3މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޒުލައިޚާ ޙަފީޡާގެ މައްޗަށް ދަޢުވާކުރި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުމާ ގުޅިގެން ޒުލައިޚާ ޙަފީޡާގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 1976/Cv-C/2011 ޤަޟިއްޔާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޒުލައިޚާ ޙަފީޡާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
5މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި ޒުލައިޚާ ޙަފީޡާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކަނޑައެޅި ނިޔާއެވެ.
ސިވިލް ކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތް
6ޒުލައިޚާ ޙަފީޡާގެ މައްޗަށް ދަޢުވާ އުފުލުމުން ދަޢުވާގައިވާ ފައިސާ ދެއްކުމާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާ ވާހަކަ ދައްކަމުން ދާކަމަށް ބުނެފައިވެއެވެ. އަދި މި ވާހަކަ ދައްކަނީ ދަޢުވާގައި ބުނެފައިވާ ފައިސާގެ ޢަދަދު ދެއްކުމުގައި ތާވަލުތަކަކަށް ބަހާލައިގެން ފައިސާ ދެއްކޭނެގޮތް ހެދުމަށާއި، ޖޫރިމަނާއާމެދު ރަނގަޅު ގޮތެއް ހަދައިދީ ދެ ފަރާތް އެއްބަސްވެވޭ ފައިސާގެ މިންވަރެއް ކަނޑައަޅައިގެން އެ ފައިސާ ދެއްކޭނެ ގޮތެއް ހޯދުމަށް ކަމުގައިވެސް ޒުލައިޚާ ޙަފީޡާ ބުނެފައިވެއެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާ ބަލައިގަންނަ "ކައުންޓަރެއް"ގެ ގޮތުގައި މަސައްކަތް ކުރާ ތަނެއްކަމުގައިވާތީ، މި ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހިގެން ދިއުމަށް ދަޢުވާ ލިބޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެކޮޅު ހެދޭނެތަނެއް ނެތްކަމަށްވެސް ޒުލައިޚާ ޙަފީޡާ ބުނެފައިވެއެވެ.
7ޒުލައިޚާ ޙަފީޡާގެ ވާހަކަތަކަށް ބަލައި، ހުށަހެޅިފައިވާ ދަޢުވާގައިވާ ފައިސާ ދެއްކުމަށް ޒުލައިޚާ ޙަފީޡާ އިންކާރު ކޮށްފައި ނުވާ ކަމަށާއި، ދަޢުވާގައިވާ ފައިސާގެ ޢަދަދާމެދުވެސް ޒުލައިޚާ ޙަފީޡާ އިންކާރު ކޮށްފައި ނުވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.
8އަދި މި މައްސަލައިގައި ދަޢުވާ ކުރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ މި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތްކަން ކަނޑައެޅުމުގައި އަންނަނިވި ކަންކަން ސިވިލް ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
8.1- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 02 ވަނަ މާއްދާގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ މިނިވަން މުސްތަޤިއްލު ޤާނޫނީ ޝަޚްޞެއްކަމަށް ބަޔާން ކޮށްފައިވާކަން.
8.2- ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން.
8.3- އެއްވެސް ޓެކްސްއެއް ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދޭނެ ކަމަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން މި ފައިސާ ކޯޓުގައި ދަޢުވާ ކޮށްގެން ހޯދިދާނެ ކަމަށާއި، ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާގައި ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތުގެ ނަމާއި އެޑްރެހާއި އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުޞީލު ހިމެނޭ ގޮތަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ ދައްކަންޖެހޭ ޢަދަދު ސާބިތުކުރުމަށް އޮތް ހެއްކެއްކަމުގައާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި ފުދޭ ކަމެއްކަމަށް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން.
9އެއްބަސްވުމުގެ ދަށުން ޒުލައިޚާ ޙަފީޡާ ދައްކަންޖެހޭ ޢަދަދު ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އަންނަނިވި ގޮތަށެވެ.
9.1- 01 ޖުލައި 2009 އިން ފެށިގެން އެއްބަސްވުން ބާޠިލް ކުރެވުނު ތާރީޚާ ހަމައަށް (21 ޖޫން 2011) ލީސް ރެންޓް ދައްކާފައި ނުވާތީ، އެ މުއްދަތުގައި ލީސް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 4,198,183/-ރ. (ހަތަރު މިލިޔަން އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ އަށްޑިހަ ތިން ރުފިޔާ) ކަން.
9.2- އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވާ ކުލި ނުދައްކާނަމަ، ނުދައްކާ އޮތް ކުލީގެ އިތުރުން ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން ކުލި ނުދައްކާ އޮތް ކޮންމެ ދުވަހަކަށް ނުދައްކާ އޮތް ކުލީގެ 0.5% ގެ ރޭޓުން ޖޫރިމަނާ ދައްކަން ޖެހޭނެކަމަށް ލީސް އެއްބަސްވުމުގެ 9.3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ 8,213,945/39ރ. (އަށްމިލިޔަން ދެލައްކަ ތޭރަހާސް ނުވަސަތޭކަ ސާޅީސް ފަސްރުފިޔާ ތިރީސްނުވަ ލާރި) ކަން.
9.3- މަތީގައި ބުނެވިދިޔަ ލީސް ރެންޓާއި ޖޫރިމަނާގެ ޖުމުލަ ޢަދަދެއްގެ ގޮތުން ޒުލައިޚާ ޙަފީޡާ ދައްކަންޖެހޭ ޢަދަދަކީ 12,412,128/39ރ. (ބާރަ މިލިއަން ހަތަރުލައްކަ ބާރަހާސް އެއްސަތޭކަ އަށާވީސް ރުފިޔާ ތިރީސްނުވަ ލާރި) ކަން.
10މަތީގައި ބުނެވިދިޔަ 12,412,128/39ރ. (ބާރަ މިލިއަން ހަތަރުލައްކަ ބާރަހާސް އެއްސަތޭކަ އަށާވީސް ރުފިޔާ ތިރީސްނުވަ ލާރި) ޒުލައިޚާ ޙަފީޡާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، މި ފައިސާ 06 ސެޕްޓެންބަރު 2012 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ދައްކަންޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާސްކުރުމަށް ޒުލައިޚާ ޙަފީޡާއަށް އަންގައި ޙުކުމްކޮށް ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާ ފުކުރެވޭ މައްސަލަ ނިމުނު ގޮތް
11ސިވިލް ކޯޓުގެ ނަންބަރު 1976/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޒުލައިޚާ ޙަފީޡާ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާއިންނެވެ. އަދި މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
12ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
12.1- ސިވިލް ކޯޓުގައި ޒުލައިޚާ ޙަފީޡާ ދަޢުވާއަށް ޖަވާބުދާރީވެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އެކަށީގެންވާ މުއްދަތު ލިބިދީފައިވާކަން.
12.2- ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ޒުލައިޚާ ޙަފީޡާ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ދެމެދު 01 ޖުލައި 2008 ގައި ސޮއިކުރެވުނު އެއްބަސްވުން ބާޠިލު ކުރެވިފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަން.
12.3- އެއްބަސްވުމާ ގުޅިގެން ދައްކަންޖެހޭ ލީސް ރެންޓާއި ޖޫރިމަނާ ސިވިލް ކޯޓުން ހިސާބުކޮށްފައިވަނީ ރަނގަޅަށްކަން.
12.4- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައުލަތަށް ލިބެންޖެހޭ ޓެކުހަށް ނުވާ އެހެނިހެން ފައިސާ ބަލައިގަތުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކުގެ ތެރެއިން މަޤުޞަދެއްކަމާއި، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން، 01 ޖުލައި 2008 ގައި ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ދަޢުވާ ކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެން ނުވާ ކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޒުލައިޚާ ޙަފީޡާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 04 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
13.1- ފުރަތަމަ ސަބަބަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޤާނޫނީ ޚާއްޞިއްޔަތަކީ ޓެކުހާއި، ޓެކުހާ ގުޅުންހުރި ޖޫރިމަނާއާއި، ޓެކުހާ ގުޅުންހުރި އެހެނިހެން ފައިސާތައް ސަރުކާރަށް ނުވަތަ ދައުލަތަށް ހޯދައިދިނުން ކަމާއި، އެކަން އެގޮތުގައި ބަލާ މާނަކުރަންޖެހޭ ގޮތް ޤާނޫނު ނަންބަރު 04/2011 (މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އާއި، 6 ވަނަ މާއްދާގެ (ހ) އާއި، 10 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 11 ވަނަ މާއްދާގެ (ހ) އާއި، 12 ވަނަ މާއްދާގެ (ޅ) އާއި އެނޫން މާއްދާތަކުގެ ތެރެއިން އެނގެން އޮންނަ ކަމާއި، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ފުށުއަރާ ގޮތަށް އަދި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަޤްޞަދާއި ރޫޙަށް އުނިކަންލިބޭ ފަދައަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޚާއްޞިއްޔަތުން ނުވަތަ އިޚްތިޞާޞްގެ ބޭރުން ދަޢުވާ ބިނާކޮށްފައިވާ ކަމާއި، އެކަން ސިވިލް ކޯޓާއި ހައިކޯޓުންވެސް ބެލިފައި ނުވާ ކަމާއި، މި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ތަފުސީލުކޮށް ވާހަކަ ދެކެވުނުކަމާއި، އަދި މި ނުކުތާއަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އެކަށީގެންވާ ޖަވާބެއް ނުދެވުނުއިރު، މި ނުކުތާއާ ގުޅިގެން އެކަށީގެންވާ ޤާނޫނީ ޙުއްޖަތެއް ދެއްކުމެއް ނެތި، މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
13.2- ދެވަނަ ސަބަބަކީ، ށ. އެކަސްދޫ އެވެ ކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ވެފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ޒުލައިޚާ ޙަފީޡާއާ ދެމެދުގައިކަން އެނގެން އޮތްއިރު، މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި، ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެންވެސް ފައިސާއެއްވާނަމަ އެ ފައިސާ ދެއްކުމަށް ދަޢުވާކޮށް ފައިސާ ލިބިގަތުމަކީ، އެއްބަސްވުމުގެ 47.1 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމުގައިވާއިރު، މި އެއްބަސްވުމުގެ ދަށުން މައްސަލައެއް އުފެދިއްޖެނަމަ، ދެ ޚަޞްމުންގެ ގޮތުގައި ކަނޑައެޅިގެންދާނީ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ބަނދެވިފައިވާ ދެ ފަރާތްކަމަށްވާއިރު، މިކަމަށް ރިޢާޔަތް ނުކޮށް ދަށު ކޯޓާއި ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
13.3- ތިންވަނަ ސަބަބަކީ، އެއްބަސްވުން ބާޠިލުވާނެގޮތް ނުވަތަ ބާޠިލު ކުރާނެގޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން އެއްބަސްވުން ބާތިލުކުރެވޭނެ ދެ ގޮތެއް އެއްބަސްވުމުގައި ކަނޑައަޅާފައިވާކަމާއި، އެ ދެ ގޮތުން ކުރެ އެއް ގޮތަކީ މި އެއްބަސްވުމުގެ 43 ވަނަ މާއްދާގައި ވާގޮތުން ޖޫރިމަނާކުރުން ކަމަށާއި، ދެވަނަ ގޮތަކީ މި އެއްބަސްވުމުގެ 45 ވަނަ މާއްދާގެ ދަށުން ކުއްޔަށް ހިފާ ފަރާތުގެ ކިބައިން ރަށްވަކިކޮށް އެއްބަސްވުން ބާޠިލްކުރުން ކަމަށް ބަޔާންކޮށްފައިވާއިރު، އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ބުނާ ޙާލަތު ނާންނަހިނދު ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން މިދެންނެވި ދެ ގޮތުންކުރެ ގޮތަކަށް ޢަމަލުކުރަންޖެހޭ ކަމާއި، ނަމަވެސް އެ ޙާލަތުގައިވެސް ރަށް ވަކިނުކޮށް އަދި އެއްބަސްވުން ބާޠިލު ނުކޮށް އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ޙައްޤުގެ ބޭނުން ނުހިފައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތަށް ނުއުފުލޭ ވަރުގެ ތަކުލީފެއް އުފުލަންޖެހޭ ގޮތަށް މި މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ކޮންޓްރެކްޓްގެ ޤާނޫނީ މަބްދައުތަކާއި މަފްހޫމުތަކަށް ނުބަލައި ކަމަށް ބުނެ ހުށަހެޅި ސަބަބު.
13.4- ހަތަރުވަނަ ސަބަބަކީ، އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ކުލި ކަނޑައަޅާފައިވަނީ މަހުގެ ދުވަސްތަކަށް ބަލާ އެ މަހެއްގެ ކުލި އެކަނި ކަމުން، އެ މަހެއްގެ ކުލި ނުދައްކައި އޮތްނަމަ ޖޫރިމަނާ އަތުލެވޭނީ ކުލި ނުދައްކާ އޮތް އެ މަހެއްގެ ދުވަސްތަކަށް އެ މަހަކަށް އެކަނި ހިސާބު ކޮށްގެން ކަމަށްވާއިރު، ކުލި ނުދައްކާ ދުވަސްތަކުގެ ޖޫރިމަނާވެސް ބަލަންޖެހޭނީ ކުލި ނުދައްކާއޮތް ކޮންމެ މަހަކަށް އެކަނި ނިސްބަތުން އެ މަހެއްގައިވާ ދުވަސްތަކަށް އެކަނި ކަމަށްވާއިރު، ނުދައްކާ އޮތް ކުލީގެ %0.5 ކަލްކިއުލޭޓް ކުރެވޭނީ ކުލި ނުދައްކާއޮތް ކޮންމެ މަހެއްގެ ވެސް އެ މަހެއްގެ ދުވަސްތަކަށް ވަކިން ކަމާއި ކުލި ނުދައްކާ އޮތް މަސްތަކުގެ ދުވަސްތަކަށް އެއް މަސް އަނެއް މަސްތެރެއަށް ވައްދާ ޖޫރިމަނާ ފައިސާ ކަލްކިއުލޭޓް ކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން އެއްބަސްވުމުގެ މާއްދާތަކުން އެނގެން އޮވެފައި، އެއްބަސްވުމާ ޚިލާފުވެއްޖެ ޙާލަތެއްގައި އެއްބަސްވުން އެންމެ ގިނަވެގެން ދެމެހެއްޓޭނެ މުއްދަތާއި، އެ ޙާލަތުގައި ކުއްޔަށް ދޫކޮށްފައިވާ ރަށް އަނބުރާ މިނިސްޓްރީއަށް ނެގުމުގެ ހައްޤު އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއިން ލިބިދީފައިވާކަން އެނގެން އޮންނައިރު، އެއްބަސްވުން އެ މާއްދާތަކުގައި ބަޔާންވެފައިވާ މުއްދަތަށްވުރެ އެތައް ގުނައެއް އިތުރުކޮށް ކުލީގެ ފައިސާއާއި ޖޫރިމަނާގެ ފައިސާވެސް އެތައް ގުނައެއް އިތުރު ކުރުމަކީ މިނިސްޓްރީއަށް ލިބިގެންވާ ޤާނޫނީ ޙައްޤެއް ކަމަށް ޤާނޫނީ ގޮތުން ބަލަން ނުޖެހޭތީއާއި، 21 ޖޫން 2011 ގައި ރަށް ވަކި ކުރި ކަމަށް 11 ޖުލައި 2011 ގައި ފެކްސް މެދުވެރިކޮށް ސިޓީއަކުން އެންގި ނަމަވެސް މިހައި ދުވަސް ވަންދެން ކުލި ހިނގާނޭ ފަދައަކުން ރަށް ވަކި ނުކޮށް އޮތުމަކީ މިނިސްޓްރީއަށް ލިބެންވާ ޙައްޤަކަށް މިނިސްޓްރީން ވެފައިވާ އަމިއްލަ އިހުމާލު ވުމެއްކަން ޤާނޫނީ ގޮތުން ބަލަންޖެހޭކަމާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ސީދާ މިނިސްޓްރީއިންކަން ޤާނޫނީ ގޮތުން ބަލަންޖެހޭއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހޯދަން އެދުނު ޖުމުލަ ފައިސާ ހިސާބުކުރި ގޮތަކީ ކޮބައިކަން ސުވާލު ކުރުމެއްނެތި، މައްސަލަ ނިންމުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޙައްޤަށް އުނިކަމެއް ލިބި، ނުއުފުލޭވަރު ބުރައެއް ޖެއްސުންކަމާއި، މިއީ އެއްބަސްވުމުގެ މަޤްޞަދު ނޫންކަން ޤާނޫނީ ގޮތުން ބަލަންޖެހޭއިރު، ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން މިކަމަށް ނުބަލައި މައްސަލަ ނިންމާފައިވުން.
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޒުލައިޚާ ޙަފީޡާގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދު ދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
14.1- ދައުލަތަށް ރައްދުވާ ނުވަތަ ދައުލަތުން ދަޢުވާ ކުރާ މައްސަލަތަކުގައި ޖަވާބުދާރީ ވާނީ ދަޢުލަތުގެ ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބު ކަނޑައަޅާ ފަރާތަކުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ނ) ގައި "އެހެނިހެން ފައިސާ" މިހެން ބަޔާންކޮށްފައި އޮންނަ އޮތުމާއި، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތައް ހާސިލުކުރުމަށް ޤާނޫނީ ބާރު ލިބިދީފައިވާކަން އެނގެން އޮތުމުން "އެއްވެސް ޓެކްސް އެއް ޖޫރިމަނާއެއް ނުވަތަ އެހެންވެސް ޢަދަދެއް ނުދައްކާ އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ކޯޓުތަކުގައި ދަޢުވާ ކޮށްގެން ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާ" ކަމަށް އޮންނަ އޮތުމުން ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ފައިސާގެ އިތުރުން ޓެކްސްއަށް ނުވާ އެހެނިހެން ފައިސާ ހޯދުމުގެ ޒިންމާވެސް ޤާނޫނީ ގޮތުން ލިބިދީފައިވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީކަމުގައި ވުމުން، މިކަމުން، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ މަޤުޞަދާއި ރޫހަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން މި ދަޢުވާކޮށްފައިވަނީ އެ ފަރާތަށް ލިބިފައިވާ ޤާނޫނީ އިޚްތިޞާޞްގެ ތެރެއިންކަމުގައި ދެކޭކަން.
14.2- އިސްތިއުނާފު ކުރާ ފަރާތާ އެކު އެއްބަސްވުމުގައި ބައިވެރިވެފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަކީ ދައުލަތުގެ އިދާރާއެއްކަމާއި، ދައުލަތަށް ލިބޭ އެންމެހައި މަންފާއެއް، ކުއްޔާއި ޖޫރިމަނާއެއް، ޖަމާކުރެވެނީ ދައުލަތުގެ ބޭންކް އެކައުންޓަށް ކަމާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވިނަމަވެސް، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ބަޔާންކުރެވުނު އެއްބަސްވުމުގައި ހިމެނޭ ފައިސާއާ ގުޅޭ މާއްދާތައް ތަންފީޛުކޮށް އެ މާއްދާތަކުގެ ދަށުން ފައިސާ ހޯދުމުގެ ޛިންމާ ޤާނޫނީގޮތުން އޮންނަ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީކަން.
14.3- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި "ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުން ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަން" ބަޔާންކޮށްފައިވުމުގެ ސަބަބުން، އެއްބަސްވުމުގައި ޙަވާލާދީފައިވާ 43 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާ ގުޅިގެން ހުށަހަޅާފައިވާ ނުކުތާއަކީ އެކަންކަމާ ގުޅިގެން ސިވިލް ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކެއް ނޫން ކަމަށް ވާތީ، އިސްތިއުނާފު މަރުޙަލާގައި އެ ނުކުތާއަކީ ނެގިގެން ނުވާނެ ނުކުތާއެއް ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޤަބޫލުކުރާ ކަމާއި، އަދި މި ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަމާއި، އަދި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނީ ނުކުތާއެއް ނުހިމެނޭ އަދި ދަށު މަރުޙަލާގެ ކޯޓުގައި އުފުލިފައި ނުވާ ނުކުތާއެއް ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ބެލިގެންވާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ނުދެކޭކަން.
14.4- އެއްބަސްވުމުގެ 09 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ މާއްދާގެ ދަށުން ޖޫރިމަނާ ފައިސާ ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބަޔާންކޮށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ ސިވިލް ކޯޓާއި ހައިކޯޓުގައި އެއްވެސް ވަރަކަށް ޠަޢުނު ކޮށްފައިވާ ނުކުތާއެއް ނޫންކަމާއި، މިފަދަ ނުކުތާއެއް އަދި ޤާނޫނީ ނުކުތާއަކަށް ނުވާ ނުކުތާއެއް އެންމެ ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ބެލިގެން ދިއުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފު ކަމެއްކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދެކޭކަން.
ދަޢުވާކުރުމުގެ ހައިސިއްޔަތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅުން
15ލީސް ރެންޓްވެސް ހިމެނޭ ގޮތުން ދައުލަތަށް ލިބެންޖެހޭ ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމަށްޓަކައި ކޯޓުތަކުގައި ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާ ބާރެއް ކަމުގައި އެ އިދާރާއިން ދެކެއެވެ. މިފަދައިން އެ އިދާރާއިން ދެކެނީ އަންނަނިވި ޤާނޫނީ ނައްޞުތަކާ ޙަވާލާ ދިނުމާއެކުގައެވެ.
15.1- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ނ).
މި އަކުރުގައި އޮންނަނީ، "ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން." މިފަދައިންނެވެ.
15.2- އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ).
މި އަކުރުގައި އޮންނަނީ، "އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދޭނެއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން މި ފައިސާ ކޯޓުގައި ދަޢުވާ ކޮށްގެން ހޯދިދާނެއެވެ. ލިބެންވާ ފައިސާ ހޯދުމުގައި ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެހާއި އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް އޮތް ހެއްކެއްކަމުގައާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި ފުދޭނެއެވެ." މިފަދައިންނެވެ.
15.3- އެ ޤާނޫނުގެ 35 ވަނަ މާއްދާ.
މި މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނެ އުސޫލުތައް ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ.
16ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާއަކީ އިސްތިއުނާފު ކުރެވޭ މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، އަދި މި މައްސަލައިގެ ދަޢުވާ ސިވިލް ކޯޓަށް ހުށަހެޅުނުއިރު، ވުޖޫދުގައިވާ މާއްދާއެއް ނޫނެވެ. މި މާއްދާ ޤާނޫނަށް އިތުރު ކުރެވިފައިވަނީ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، 29 ޑިސެމްބަރު 2011 ގައި، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 01 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުންނެވެ. ވުމާއެކު، މި މާއްދާއަކީ ރަޖުޢީ ގޮތެއްގައި (Retrospective) އިސްތިއުނާފު ރައްދުވާ ފަރާތަށް މި މާއްދާގެ މަންފާ ލިބޭނެ މާއްދާއެއް ނޫނެވެ.
17ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާ ޤާނޫނީ ބާރެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގައި، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ކޮބައިކަމާއި، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށާއި، ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމުގައި ޢަމަލު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.
18ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި އެކަމަށް ޢަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅާ ޤާނޫނުކަން އެ ޤާނޫނުގެ 01 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ.
19HN1އެ ޤާނޫނުގެ ދަށުން ޓެކްސް ނެގުމުގެ އެންމެހައި ކަންކަން މަރުކަޒީ ގޮތެއްގައި ބެލެހެއްޓުމަށް "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް އުފައްދައި އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުގެ ގޮތުގައި އަންނަނިވި ކަންކަން ހިމަނާފައިވެއެވެ.
18.1- ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުން.
18.2- ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
18.3- ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.
18.4- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުތައް ބޭނުން ކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން.
18.5- ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ޤާނޫނާއި، ގަވާއިދާބެހޭ ފުރިހަމަ މަޢުލޫމާތުދީ، އެ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރުން.
18.6- ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން.
18.7- ޓެކްސްއާބެހޭ އެންމެހައި ޤާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް، ސްޓޭޓްމަންޓް، ނޯޓިސް ފަދަ ހުރިހާ ފޯމުތައް، އޭގައި ހުންނަންވާނެ މަޢުލޫމާތު ބަޔާންކޮށް ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިޞްލާޙުތައް ގެނައުން.
18.8- ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން.
18.9- ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.
20ބުނެވިދިޔަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށް ބަލާއިރު، އެ މަޤުޞަދު ތެރޭގައި ހިމެނެނީ މުޅިންވެސް ޓެކުހާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުންކަން އެނގެއެވެ. އަދި ޤާނޫނީ ގޮތުން ޓެކުހަކީ އޭގެ ތެރޭގައި ކުލި ނުހިމެނޭ އެއްޗެއްކަން ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވާ ގޮތުން އެނގެއެވެ. އެ އަކުރުގައި "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވަނީ އަންނަނިވި ގޮތަށެވެ.
"ޓެކްސް" ނުވަތަ "ޓެކުހެއް" ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ."
21HN2ޓެކުހެއްގެ ގޮތުގައި ނުހިމެނޭ ލީސް ރެންޓްފަދަ ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްކަމަށް އެ އިދާރާއިން ބުނާ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކުގެ ތެރެއިން އެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) ގައި "އެހެނިހެން ފައިސާ" ބަޔާންވެފައިވަނީ އޭގެ ކުރިން "ޓެކްސް"، "ފީ" މި ދެ ލަފުޒު ބަޔާން ކުރުމަށް ފަހުގައެވެ. އަދި އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތުގެ ކުރިއަށް "އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް" މި ޢިބާރާތް ގެނެވިފައިވެއެވެ.
22ކުރިން ބަޔާން މި ކުރެވުނު ދެ މާއްދާގެ ނައްޞަށް ބަލާއިރު، "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތްތައް ބަޔާންވެފައިވަނީ އޭގެ ކުރިން ޚާއްޞަ އެހެން ޢިބާރާތްތަކެއް ބަޔާން ކުރުމަށް ފަހުގައެވެ. އަދި އެފަދައިން "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" ބަޔާންކޮށްފައި އެވަނީ، ޓެކުހާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ނުވަތަ ޢަދަދުތަކުގެ ބާވަތްތަކާއި ވައްތަރުތަކުން އެއްވެސް ބާވަތެއް ނުވަތަ ވައްތަރެއް އުނިވިޔަނުދީ އެ ހުރިހައި ޢަދަދުތަކާއި ބާވަތްތައް ހިމެނުމުގެ ގޮތުން ބޭނުންކޮށްފައިވާ ޢާންމު ޢިބާރާތެއްގެ ގޮތުގައެވެ. މި ހާލަތުގައި "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތްތަކަށް ދޭންޖެހޭ މާނައަކީ އެ ޢިބާރާތްތަކުގެ ކުރިއަށް އައިސްފައިވާ ޚާއްޞަ ޢިބާރާތްތަކުން ދޭހަވާ މާނައެވެ. އެނޫން ގޮތަކަށް ބުނާނަމަ، "އެހެނިހެން ފައިސާ" އާއި "އެހެން އެއްވެސް ޢަދަދެއް" ގެ ގޮތުގައި އެ މާއްދާތަކުގައި ބަޔާންވެފައި އެވަނީ ޓެކުހުގެ ގޮތުގައި ހިމެނޭ ފައިސާއާއި ޢަދަދުތަކުގެ މާނަ ދޭހަކުރުމުގެ ގޮތުންނެވެ.
23HN3HN4އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލާދޭ ޤާނޫނީ ނައްޞުތަކުގައިވާ ޢިބާރާތްތަކަށް ދޭންޖެހެނީ އެ ޢިބާރާތްތަކުގެ ކުރީގައިވާ ޢިބާރާތްތަކުން ދޭހަވާ ޚާއްޞަ މާނަކަން ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ އެހެނިހެން މާއްދާތަކަށް ބެލުމުން އިތުރަށް ސާފުވެގެން ދެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
23.1- ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަންގައި، އެ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން އެ އޮތޯރިޓީއަށް ލާޒިމްވާއިރު، އެއްބަސްވުންތަކާ ގުޅިގެން ދައްކަންޖެހޭ ކުލިފަދަ ދައުލަތަށް ލިބެންޖެހޭ ޓެކުހަކަށް ނުހިމެނޭ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ދިނުމާއި، އެފަދަ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުންފަދަ ޤާނޫނީ ޒިންމާ ޤާނޫނުން މަތިކޮށްފައި ނުވާކަން އެނގެއެވެ.
23.2- ޓެކްސް ދެއްކުމުގައި ހިނގާ މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުންނާއި އެނޫން ފަރާތްތަކުން ކަމާގުޅޭ ލިޔެކިޔުންތައް ހޯދުމާއި، އެފަދަ ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމާއި، އެކި ފަރާތްތަކާ ސުވާލު ކުރުމުގެ ބާރު ޤާނޫނުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދީފައިވާއިރު، ޓެކްސް ފިޔަވައި ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ދައުލަތަށް ދެއްކުމުގައި ކުރިމަތިވެދާނެ މިފަދަ ޢަމަލުތަކުގައި ޢަމަލު ކުރާނެ އުސޫލެއް މި ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.
23.3- އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ނުދައްކައި އޮވެއްޖެނަމަ، މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ހޯދުމުގެ ބާރު ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) އިން ދިނުމަށްފަހު، މި އަކުރުގައި ބަޔާންވެފައިވާ ފައިސާއަކީ ހަމައެކަނި ޓެކުހާ ގުޅުންހުރި ފައިސާކަން މި އަކުރުގެ ފަހު ޖުމުލައިން ދޭހަވެއެވެ. މި ގޮތުން މި އަކުރުގައި، "ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި، އެޑްރެހާއި، އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ސާބިތު ކުރުމަށް އޮތް ހެއްކެއްކަމުގައާއި، އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެއެވެ." މި ފަދައިން ބަޔާންވެފައިވެއެވެ. އަދި މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) އަށް ޙަވާލާ ދިނުމަށްފަހު، "ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ، ރަނގަޅު ޢަދަދެއް ނޫން ކަމަށްވާނަމަ، ނުވަތަ އެ ޢަދަދަކާމެދު އިޢުތިރާޒު ކުރާކަމަށްވަނީނަމަ، ނުވަތަ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ، އެ މައްސަލައެއް ނިންމާތާ 90 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ހައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންވެފައި މިވަނީ ޓެކުހާ ގުޅުންހުރި ފައިސާ ފިޔަވައި އެނޫން ފައިސާއެއް ނޫންކަން ސާފުކޮށް އެނގެއެވެ.
23.4- ޓެކުހަށް ނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ އުސޫލެއް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. މި މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނެ އުސޫލުތައް ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ. މި މާއްދާއަކީ އިސްތިއުނާފު ކުރެވޭ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، 29 ޑިސެމްބަރު 2011 ގައި، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 01 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އަލަށް ތަޢާރަފު ކުރެވުނު މާއްދާއެއް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ، ޓެކްސްއަށް ނުވާ އެހެނިހެން ފައިސާ ހޯދުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން މަސައްކަތް ކުރެވޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީއަށް ދައްކަން ވަކި ފަރާތަކަށް ލާޒިމުކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ ކަން ސާފުކޮށް އެނގެއެވެ. އަދި މި މައްސަލައިގެ މައުޟޫޢުގައި ވާހަކަ ދެކެވޭ ކުއްޔާއި، ޖޫރިމަނާގެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުން ލާޒިމްކޮށްފައިވާ ފައިސާއެއް ނޫންކަން އެނގެއެވެ.
24ވުމާއެކު، ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކުލި ހޯދުމަށް ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރެއްކަމުގައި އަހުރެން ނުދެކެމެވެ.
ކުލި ބަލައިގަތުން ޙަވާލުކުރުމާއި، (Assignment) ކުލި ލިބިގަތުމުގެ ޙައްޤު ދޫކޮށްލުން (Waiver)
25ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ވެފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ޒުލައިޚާ ޙަފީޡާއާ ދެމެދުގައި ކަމާއި، މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި، ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެންވެސް ފައިސާއެއްވާނަމަ އެ ފައިސާ ދެއްކުމަށް ދަޢުވާކޮށް ފައިސާ ލިބިގަތުމަކީ، އެއްބަސްވުމުގެ 47.1 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ކަމުގައިވާއިރު، މި އެއްބަސްވުމުގެ ދަށުން މައްސަލައެއް އުފެދިއްޖެނަމަ، ދެ ޚަޞްމުންގެ ގޮތުގައި ކަނޑައެޅިގެންދާނީ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ބަނދެވިފައިވާ ދެ ފަރާތް ކަމަށްވާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ މި ފައިސާ ހޯދުމަށް ދަޢުވާ ކުރެވޭނެ ފަރާތެއް ނޫންކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ.
26އިސްތިއުނާފު ކުރާ ފަރާތާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާ ދެމެދު ވެފައިވާ "ށ. އެކަސްދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން" ގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ކުލި ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދަޢުވާ ކުރެވޭނެ ކަމަށް، އެ މިނިސްޓްރީއަށްވެސް ޤަބޫލު ކުރެވޭކަމާއި، ވުމާއެކު ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ޒިންމާ އޮތް ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީކަން ސަރުކާރުންވެސް ޤަބޫލުކުރާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
27މަތީގައި ބަޔާންކުރެވުނު ފަދައިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ބުނެފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އެ އިދާރާއަށް ފޮނުވާފައިވާ ނަންބަރު 39/2012/220/30 (07 މެއި 2012) ސިޓީއާ ޙަވާލާދީއެވެ. މި ސިޓީގައިވާ ޢިބާރާތަށް ބަލާއިރު، "އެ މިނިސްޓްރީ މެދުވެރިވާ ރެވެނިއު ކޯޑެއްގެ ދަށުން މީރާއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ކިބައިން ދައުލަތަށް ލިބެންޖެހޭ ދަރަންޏެއްގެ ގޮތުން އެ ފައިސާ ހޯދުމުގެ ގޮތުން މީރާއިން ކުރާ އެއްވެސް މަސައްކަތަކަށް އެ މިނިސްޓްރީއިން އިޢުތިރާޟު ނުކުރާ ކަމާއި، އެ މިނިސްޓްރީ މެދުވެރިވާ ރެވެނިއު ކޯޑުތަކުގެ ދަށުން އެކި ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ތަކުގައި ދައުލަތް ރަމްޒުކޮށްދޭ ފަރާތަކީ އެ މިނިސްޓްރީ ކަމުގައިވީނަމަވެސް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގައި މީރާއިން ކުރާ މަސައްކަތަށް ބޭނުންވާ އެންމެހައި އެއްބާރުލުން ފޯރުކޮށްދޭނެކަމަށް" ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
28HN5އެއްބަސްވުމަކަށް ޢަމަލުކޮށް ފުރިހަމަކުރުމުގެ ޢާންމު އުސޫލަށް ބަލާއިރު، އެއްބަސްވުމެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ އެއްބަސްވުމުގައިވާ ޝަރްޠުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލު ކުރެވޭނީ، އެއްބަސްވުމުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއް ދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ. މީގެ އިތުރަށް އެއްބަސްވުމަކީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ކަންކަން ނިންމާ އަސާސްކަމުގައި ވީހިނދު، ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއަށް ލިބެންޖެހޭ ކުލި، ލިބިގަތުމުގެ ޙައްޤު ދޫކޮށްލިކަން ނުވަތަ ނޫންކަން ނުވަތަ އެ ޙައްޤު އެހެން ފަރާތަކާ ޙަވާލުކުރިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ރުޖޫޢަވާންޖެހޭނީ ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެއްބަސްވުމަށެވެ. މި ނުކުތާއާ ގުޅިގެން އެއްބަސްވުމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
28.1- އެއްބަސްވުމުގެ 09 ވަނަ މާއްދާގައި، "ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީ އަންގާ ފަރާތަކަށް ރަށުގެ އަހަރީ ކުލި ދައްކަންވާނެއެވެ." މި ފަދައިން ބަޔާންކޮށްފައިވާކަން.
28.2- އެއްބަސްވުމުގެ 47.1 ވަނަ މާއްދާގައި، "އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް، މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ދައްކަންޖެހި ނުދެއްކިވާ ކުލީގެ ފައިސާއާއި، ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅާ ދިއުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ދައްކަންޖެހޭ އެހެން ފައިސާއެއްވާނަމަ، އެ ފައިސާ ދެއްކުމަށް ދަޢުވާކޮށް އެ ފައިސާ ލިބިގަތުން." މި ފަދައިން ބަޔާންކޮށްފައިވާކަން.
28.3- އެއްބަސްވުމުގެ 51 ވަނަ މާއްދާގައި، "ދެ ފަރާތުގެ ދެމެދުގައި މި އެއްބަސްވުމާ ބެހޭ ގޮތުން އުފެދޭ ޚިލާފުވުންތަކާއި މައްސަލަތައް ފުރަތަމަ ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ޙައްލު ކުރުމަށް މިނިސްޓްރީއާއި ކުއްޔަށް ހިފާ ފަރާތް އެއްބަސްވެއެވެ. މި ގޮތުގެމަތިން އެ މައްސަލައެއް ޙައްލު ނުކުރެވިއްޖެނަމަ، އެ މައްސަލަ ޙައްލުކުރާނީ ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅައިގެންނެވެ." މި ފަދައިން ބަޔާންކޮށްފައިވާކަން.
28.4- އެއްބަސްވުމުގެ 54 ވަނަ މާއްދާގައި، "މިނިސްޓްރީއާއި ކުއްޔަށް ހިފާ ފަރާތުން ލިޔުމުން އެއްބަސްވެގެން މެނުވީ، މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ނުވަތަ މިނިސްޓްރީއިން އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް ނުވަތަ އިލްތިޒާމެއް 'ވެއިވް' (އެ ޒިންމާއެއް ނުވަތަ އިލްތިޒާމެއް އަދާކުރަން ނުޖެހޭ ގޮތަށް ދޫކޮށްލުން) ނުކުރެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން.
29މަތީގައި ބަޔާންކުރެވުނު މާއްދާތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އެ މިނިސްޓްރީއިން އަންގާ ފަރާތަކަށް ކުލި ދެއްކުން ޙަވާލު ކުރެވިދާނެކަން އެއްބަސްވުމުގެ 09 ވަނަ މާއްދާއިން ސާފުކޮށް އެނގޭއިރު، އެ ފަދައިން އެ މިނިސްޓްރީއިން ބަލައި ގަންނަ ކުލި އެހެން ފަރާތަކަށް ދެއްކުމަށް އިސްތިއުނާފު ކުރާ ފަރާތަށް ލިޔުމުން އެންގިކަން މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ލިޔެކިޔުންތަކާއި، ދެއްކި ވާހަކަތަކުން އެނގެން ނެތެވެ.
30މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އުފުލަންޖެހޭ އެހެނިހެން އިލްތިޒާމުތަކާއި ޒިންމާތައް، (އެއްބަސްވުމާ ގުޅިގެން މިނިސްޓްރީއަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށް ދަޢުވާ ކުރުމާއި، އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލު ކުރުން ހިމެނޭ ގޮތުން) އެ ޒިންމާއެއް ނުވަތަ އިލްތިޒާމެއް އަދާކުރަންނުޖެހޭ ގޮތަށް ދޫކޮށްލެވޭނީ އެއްބަސްވުމުގެ 54 ވަނަ މާއްދާގައިވާ ފަދައިން އެއްބަސްވުމުގެ ބައިވެރިން ލިޔުމުން އެއްބަސްވެގެންނެވެ. މީގެ އިތުރުން، ދެ ފަރާތުން އެއްބަސްވެފައިވާ، އެއްބަސްވުމުގެ 47.1 ވަނަ މާއްދާގައި ބަޔާންވެފައިވާ ފަދައިން އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ދައްކަންޖެހި ނުދެއްކިވާ ކުލީގެ ފައިސާއާއި، ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅާ ދިއުމުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާއާއި މިނޫންވެސް އެއްބަސްވުމާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާ ދެއްކުމަށް ދަޢުވާކޮށް އެ ފައިސާ ލިބިގަތުމަށް މިނިސްޓްރީގެ މައްޗަށް އޮތް އިލްތިޒާމު، އެނޫން ގޮތަކަށް ބަދަލުކުރުމަށް އެއްބަސްވުމުގެ 54 ވަނަ މާއްދާގައިވާ އުސޫލުން އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާކަންވެސް ޝަރީޢަތަށް ހުށަހެޅުނު ލިޔެކިޔުންތަކުންނާއި، ދެކެވުނު ވާހަކަތަކުން އެނގެން ނެތެވެ.
31ވުމާއެކު، ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކުލި ހޯދުމާއި، އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލުކުރުން ފަދަ ކަމެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާ ޙަވާލުކުރި ކަމަށް ޤާނޫނީ ގޮތުން ބަލާނެ ތަނެއް ނެތެވެ.
32އަދި އެ އެއްބަސްވުމާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ފުރިހަމަކުރަންޖެހޭ އިލްތިޒާމެއް ދޫކޮށްލުމުގެ ސަބަބުން، ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން އެފަދަ އިލްތިޒާމެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އުފުލިކަމުގައި ނުވަތަ އުފުލަންޖެހޭނެ ކަމުގައި ބަލާނެ ޤާނޫނީ އުސޫލެއްވެސް ނެތެވެ. އަދި މިއީ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަމުގައިވެސް އަހުރެން ނުދެކެވެ.
ސިވިލް ކޯޓުގައި ހުށަހަޅާފައި ނުވާ ނުކުތާތައް
33HN8ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާ ގުޅިގެއް މައްސަލަތައް ފެންމަތިވެ، އެ ރަށް އިސްތިއުނާފު ކުރާ ފަރާތުން ވަކިނުކޮށް އަދި އެއްބަސްވުންވެސް ބާޠިލު ނުކޮށް އެއްބަސްވުން ބާޠިލު ކުރުމަށް މިނިސްޓްރީއަށް ލިބިގެންވާ ޙައްޤުގެ ބޭނުން ނުހިފައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތަށް ނުއުފުލޭ ވަރުގެ ތަކުލީފެއް އުފުލަންޖެހޭ ގޮތަށް މި މައްސަލަ ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ކަމާއި، މި މައްސަލައިގައި ދައްކަންޖެހޭ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާ ހިސާބުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ނޫން ކަމަށްވެފައި އެ ކަމަށްވެސް ދެ މަރުޙަލާގެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
34މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މި މައްސަލައިގައި ދަޢުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތެއް ނޫންކަމުގައިވާތީއާއި، މަތީގައި ބަޔާންކުރެވުނު ދެ ނުކުތާއަކީ މައްސަލައިގެ ވާޤިޢާތަކާމެދު ގޮތް ކަނޑައެޅޭ ދަށު ކޯޓުގެ މަރުޙަލާގައި ވާހަކަދެކެވި ޝަރީޢަތުން އެ ކަންކަމާމެދު ގޮތެއް ކަނޑައެޅިފައި ނުވާ ދެ ނުކުތާއަށްވުމުގެ އިތުރަށް އެކަންކަމަކީ ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ ބައިވެރިންނަށް އެ ކަންކަމާ ގުޅިގެން ޝަރީޢަތުގެ މަރުޙަލާގައި ހައްލު ހޯދިދާނެ ކަންކަމަށްވާތީ އެ ދެ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމަށް ނުފެނެއެވެ.
ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވުމުގެ ނަތީޖާ
35HN6ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގައި، ދަޢުވާ ކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން އެ ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެކެވެ. ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާނަމަ، ޢާންމު އުސޫލެއްގެ ގޮތުން އެ ދަޢުވާ ކޯޓުތަކުން ކުރިއަށް ނުގެންދެވޭނެއެވެ.
36ޓެކުހަށްނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ ގޮތް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ބަޔާންވެފައިވެއެވެ. އެ ޤާނޫނުގެ ދަށުން އެފަދަ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހޯދޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީއަށް ދެއްކުމަށް ލާޒިމު ކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ އެވެ.
37ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދޫކުރުމާ ގުޅޭ އެއްބަސްވުން ހެދިފައިވަނީ ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ ދަށުން ކަމަށްވެފައި، އެ ޤާނޫނުގައި ކުއްޔަށް ދޫކުރެވޭ ރަށްރަށުން ލިބޭ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއާއި އެހެނިހެން ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުން ލާޒިމްކޮށްފައި ނުވެއެވެ. އަދި މިނޫން ގޮތަކަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެން ނެތެވެ.
38މި ޙާލަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން ދަށު ކޯޓަށް މައްސަލަ ތަޙްވީލުކުރުމުގެ ތެރެއިން މައްސަލައަށް ފަރުވާއެއް ލިބިދާނެކަން ނުވަތަ ނޫންކަމަށް ބަލާއިރު، ޤާނޫނުގައިވާ ގޮތުގެމަތިން ތަޙްވީލު ކުރެވޭނީ އެ މައްސަލައިގައި ދަޢުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ދެ ފަރާތެއްގެ ދެމެދުގައި އޮތް ޚުޞޫމަތަކާ ގުޅިގެން ކުރެވިފައިވާ ޝަރީޢަތެއްގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައެޅޭ ހާލަތުގައެވެ. ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާ ފަރާތަކުން ދަޢުވާ ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ދަޢުވާއަކީ ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައެޅިގެން ދިއުމެވެ. ވުމާއެކު މި މައްސަލައިގައި ށ. އެކަސްދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައިވެރިންނަށް ޝަރުޢީ މަރުޙަލާތަކުން އެއްބަސްވުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތްކަމުގައި ބަލަންޖެހެއެވެ.
39HN7ޓެކުހާއި، ޓެކުހާއި ގުޅުންހުރި ޖޫރިމަނާއާއި އެހެނިހެން ފައިސާ ފިޔަވައި ދައުލަތަށް ލިބެންޖެހޭ ފައިސާތައް ބަލައިގަތުމާއި، އެ ފައިސާތައް ހޯދުމަށް ޝަރުޢީ ކޯޓުތަކުގައި ދަޢުވާ ކުރުމަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އަދާކުރުމަށް ދައުލަތުން އެދޭ ޒިންމާއެއް ކަމުގައިވާނަމަ، އެކަން ކުރެވޭނީ ޤާނޫނު ނަންބަރު 30/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ކަމާބެހޭ މާއްދާތައް ބަދަލުކޮށްގެން ކަމުގައި ދެކެމެވެ.
40އެހެނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ޝަޚްޞަކަށް ޤާނޫނުން ލިބޭ ބާރުތައް ފިޔަވައި އިތުރު ބާރެއް ލިބިފައިވާކަމަށް ޤަބޫލުކޮށް އެކަމުގެ މައްޗަށް ކަންކަން ތަރުތީބުކުރުމަކީ ކޮށްގެންވާނޭ ކަމެއްނޫނެވެ. އަދި އެއީ އެކަމުގެ މައްޗަށް ޤާނޫނީ އެއްވެސް ބާރެއް ނުވަތަ ބުރަދަނެއް ލިބޭނެ ކަމެއްވެސް ނޫނެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
41މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
42މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1976/Cv-C/2011 ޤަޟިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ކަމާބެހޭ ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ކަމަށް ނުފެންނާތީވެ، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
ޙުސްނުއްސުޢޫދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.