މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/67
ޝަރީޢަތް ނިމުނުގޮތް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
18 ޖަނަވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/477
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މުޙައްމަދު ޢަބްދުﷲ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ބަދަލުގައި: ނޫރުއް ސަލާމް އަބޫބަކުރު، ޕެޝާވަރު، ހދ.ކުޅުދުއްފުށި ޤާނޫނީ ވަކީލު: މަޒްލާން ރަޝީދު، ގ.ރަވްވިލާ، މާލެ
ޤާނޫނީ ވަކީލު: އަޙްމަދު ނާޒިމްޢަބްދުއްސައްތާރު، ގ.ކެނެރީގެ، މާލެ މަދަނީ - ވަޒީފާއާބެހޭ - ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުން - މައުޟޫޢީ ޢަދުލުވެރިކަން - އިޖުރާއީ ޢަދުލުވެރިކަން - ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/477 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-239/2009) (މީގެފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އެމް.އޭ.ސީ.އެލް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މުޙައްމަދު ޢަބްދުﷲ(މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު ޢަބްދުﷲ") ގެ މައްޗަށް ރައްދުވާގޮތަށް، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.
ކަންހިނގާފައިވާ ގޮތް
މުޙައްމަދު ޢަބްދުﷲ އެމް.އޭ.ސީ.އެލްގައި ރެފިއުލަރ އޮޕަރޭޓަރ (ލެވެލް 8) ގައި ވަޒީފާ އަދާކުރަމުންދަނިކޮށް، 04 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އިތުރު ބަޔަކާއެކު، އޭނާ ބައިވެރިވެގެން، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި (މީގެ ފަހުން "އެއަރޕޯޓު") އެމް.އޭ.ސީ.އެލްގެ ފަރާތުން ޤާއިމުކޮށްފައިވާ ފިއުލް ސަރވިސް ޑިޕާޓްމަންޓުގެ ވެހިކަލްތަކެއް އެ ކުންފުނީގެ ގަވާއިދާ ޚިލާފަށް ބޭނުންކޮށް، ކުންފުނީގެ ފަރާތުން މަތިންދާ ބޯޓަށް އެޅުމަށްޓަކައި ބޭނުންކުރަމުންގެންދާ ޖެޓް ފިއުލް ރައްކާކޮށްފައި ހުރި ބައުޒަރަކުން ޖެޓް ފިއުލް ވަގަށް ނަގައި އެއަރޕޯޓުން ބޭރުކޮށްފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު ޢަބްދުﷲ ބަންދުކޮށްފައިވެއެވެ. އަދި މުޙައްމަދު ޢަބްދުﷲ ބަންދުކޮށްފައިވާ މައްސަލައިގައި ވަކިގޮތެއް ނުނިމެނީސް، 01 ޑިސެންބަރު 2015 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
އެމް.އޭ.ސީ.އެލްގެ ރިފިއުލަރ އޮޕަރޭޓަރު (ލެވެލް 8) ގެ މަޤާމުން މުޙައްމަދު ޢަބްދުﷲ ވަކިކޮށްފައިވަނީ ވައްކަމާއި ގުޅޭ ސުލޫކީ މައްސަލައަކާއި ހުރެކަން އެމް.އޭ.ސީ.އެލްއިން މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއަރޕޯޓުގައި ޤާއިމުކޮށްފައިވާ ފިއުލް ސަރވިސް ސެކްޝަނުގައި ބާއްވާފައި އޮތް 10 ނަންބަރު ފިއުލް ބައުޒަރުން، 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް ވަގަށް ނަގާފައިވާ މައްސަލައިގައި، މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ތުހުމަތު ކުރެވިފައިވާކަމާއި، މައްސަލަ ތަޙުޤީޤުކުރުމަށްފަހު، މި ވައްކަމުގެ މައްސަލައިގައި މުޙައްމަދު ޢަބްދުﷲ ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާފައިވާ ކަމަށާއި، ކުންފުނީގެ މުދަލުން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން ފަދަ މައްސަލަތަކުގައި ކުންފުނީގެ މުވައްޒަފުން ބައިވެރިވުމަކީ ކުންފުނީގެ ޕޮލިސީތަކާއި އުސޫލުތަކާއި ޚިލާފު ކަމަކަށްވެފައި، މިފަދަ ފަރާތެއް ކުންފުނީގެ ވަޒީފާގައި ބެހެއްޓުމަކީ ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފި ކަމަށާއި، ކުންފުނީގެ ފަރާތުން މުޙައްމަދު ޢަބްދުﷲއާ ޙަވާލުކޮށްފައިވާ އެންމެހާ ތަކެތި 3 ޑިސެންބަރު 2015 ގެ ކުރިން، ކުންފުންޏާއި ޙަވާލުކުރުމުން، ވަޒީފާއިން ވަކިކުރެވުނު ދުވަހާއި ހަމައަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތެއް ވާނަމަ، އެ ފައިސާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ޙަވާލުކުރެވޭނެ ކަމުގައި ބަޔާންކޮށް، އެމް.އޭ.ސީ.އެލް އިން މުޙައްމަދު ޢަބްދުﷲ އަށް ސިޓީއެއް ފޮނުވާފައިވެއެވެ.
މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޢާދަކޮށްދިނުމަށާއި، އެ މަޤާމުގައި ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތައް އަލުން ލިބިދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި އެމް.އޭ.ސީ.އެލް އަށް ރައްދުވާގޮތަށް 29 ފެބްރުވަރީ 2016 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް މުޙައްމަދު ޢަބްދުﷲ މައްސަލައެއް ހުށަހަޅާ، އެ މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 މައްސަލައިގެ ގޮތުގައި ހިންގާފައިވެއެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތް
ޓްރައިބިއުނަލުގެ ނަންބަރު 40/VTR/2016 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާ ޢަމަލީގޮތުން ބައިވެރިވެފައިވާކަން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާ ޚިލާފަށް ކަމަށެވެ. ހަމަ އެއާއެކު، މުޙައްމަދު ޢަބްދުﷲ އާއި އެމް.އޭ.ސީ.އެލް އާ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާތީ، އޭނާގެ ވަޒީފާ އަނބުރާ އިއާދަކުރުމަކީ އެންމެ މަޞްލަޙަތު ހުރިގޮތް ކަމަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބަދަލުގެ ގޮތުގައި 60,405/60ރ. (ފަސްދޮޅަސް ހާސް ހަތަރުސަތޭކަ ފަސް ރުފިޔާ ފަސްދޮޅަސް ލާރި) ނަގައިދިނުމަށް ކަނޑައަޅައި، އެ ފައިސާ 03 އޮގަސްޓް 2016 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި މުޙައްމަދު ޢަބްދުﷲ އަށް އެކީ އެއްފަހަރާ ލިބިދިނުމަށްފަހު، އެކަން ހަމަޖެހޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން ޓްރައިބިއުނަލަށް އެންގުމަށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ތުހުމަތުކުރެވުނު ވައްކަމުގެ މައްސަލައިގައި މުޙައްމަދު ޢަބްދުﷲ ބައިވެރިވެފައިވާ ގޮތެއް އެނގޭނެ ހެއްކެއް އެމް.އޭ.ސީ.އެލްގެ ފަރާތުން ހުށަހަޅާފައިނުވާކަން؛
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް އެކަނި ބުރަވެ، ޖަވާބުދާރީވުމުގެ ފުރުޞަތެއް ނުދީ މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނެތުން؛
މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާ އަދާކުރާތަނުގެ މުދަލުން ވައްކަން ކުރުމުގެ މައްސަލައެއްގައި އޭނާ ބައިވެރި ކަމަށް ކަމާބެހޭ ތަޙްޤީޤު އިދާރާއަކުން ދީފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ، މި ޙާލަތުގައި ވަޒީފާ އަނބުރާ އިއާދަކުރުމަކީ އެންމެ މަޞްލަޙަތު ހުރި ގޮތްކަމުގައި ނުވުން؛ އަދި
މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނެތުން.އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ޓްރައިބިއުނަލް ނަންބަރު 40/VTR/2016 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، ދެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނެވެ. އެއީ، އެމް.އޭ.ސީ.އެލްގެ ފަރާތުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާއިން ބެލުނު މައްސަލައާއި، މުޙައްމަދު ޢަބްދުﷲ އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާއިން ބެލުނު މައްސަލައެވެ. މި ދެ މައްސަލަ ނިމުނު ގޮތަށް ބަލާއިރު:
ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި ބަލާފައިވަނީ މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. އެމް.އޭ.ސީ.އެލްއިން ހުށަހެޅި މި އިސްތިއުނާފީ މައްސަލަ ހައިކޯޓުން ނިންމުމުގައި ޓްރައިބިއުނަލް ނަންބަރު 40/VTR/2016 މައްސަލައަށް ތާއީދުކޮށް، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައި ކަމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ. އެމް.އޭ.ސީ.އެލް ގެ ފަރާތުން އަދި މުޙައްމަދު ޢަބްދުﷲ ވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވެއެވެ.
ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާގައި މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ ޓްރައިބިއުނަލް ނަންބަރު 40/VTR/2016 މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާ ނިންމާފައިވަނީ ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 މައްސަލައިގައި ޓްރައިބިއުނަލުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، މުޙައްމަދު ޢަބްދުﷲ ހުރި މަޤާމު ނުވަތަ އެ ފެންވަރުގެ އެހެން މަޤާމަކަށް 05 މާރިޗު 2019 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާ އަނބުރާ އިޢާދަކުރުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައި މީހެއް ކަމަށް ނުބެލުމަށާއި، އޭނާ އެ މަޤާމުގައި ހުރިނަމަ ލިބޭނެ މުސާރަ އާއި ޢިނާޔަތްތައް، އަދި އެ ވަޒީފާގައި މުޙައްމަދު ޢަބްދުﷲ ހުރިނަމަ ލިބޭނެ އެހެނިހެން ޙައްޤުތައް 05 މާރިޗު 2019 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށްފަހު، އެކަން ހަމަޖެހޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އެމް.އޭ.ސީ.އެލްގެ މައްޗަށް އަންގައި އަމުރުކޮށް، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބަލާ މި ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކޮށް އެމް.އޭ.ސީ.އެލްގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާގައި އިސްވެ ބުނެވުނު ފަދައިން ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މުޙައްމަދު ޢަބްދުﷲ ގެ ވަޒީފާއާ ގުޅޭގޮތުން ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށް އެމް.އޭ.ސީ.އެލްއިން ހުށަހެޅި މައްސަލަ ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާއިން ވެސް ބަލައިފައިވާކަމާއި، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާ ކަމަށްކަނޑައަޅައި ނިންމާފައިވާ ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 ނިންމުމަށް އެ ޤަޟިއްޔާގައި ތާއިދުކޮށްފައިވާކަން؛ އަދި
ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 ނިންމުމުގައި މުޙައްމަދު ޢަބްދުﷲ އާއި އެމް.އޭ.ސީ.އެލްއާ ދެމެދުގައި އިތުބާރު ގެއްލިފައިވާތީ، ވަޒީފާ އިޢާދަކުރުމަށް ނުފެންނަ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެފަދަ ސަބަބެއް އެމް.އޭ.ސީ.އެލްއިން ހުށަހަޅާފައި ނުވާތީ، ޓްރައިބިއުނަލުގެ ނިންމުމުގައި ވަޒީފާ ރުޖޫޢަކުރުމަކީ އެންމެ މަޞްލަޙަތު ހުރިގޮތް ނޫން ކަމަށް ކަނޑައަޅާފައިވަނީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އެމް.އޭ.ސީ.އެލް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 5 (ފަހެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަކިކުރެވިދާނެ ހާލަތެއްގައިކަން ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވީ ނަމަވެސް، އަދި ތުހުމަތު ކުރެވުނު މައްސަލައިގައި މުޙައްމަދު ޢަބްދުﷲ ބައިވެރިވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަށް ހެކި ހުށަހެޅި ނަމަވެސް، ހައިކޯޓުން ހެކި ވަޒަންކޮށްފައިވަނީ "އޮން ބެލެންސް އޮފް ޕްރޮބަބިލިޓީ" ނުވަތަ "ބޮޑަށް ބުރަވެވޭ މިންވަރަށް" ކަމުގައި ހައިކޯޓުގެ ޙުކުމުގައި ފާހަގަކުރިނަމަވެސް، އެ މިންގަނޑުން ހެކި ވަޒަންކުރުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، ވައްކަމުގެ ހާދިސާ ހިނގި ދުވަހުގެ ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދައި، ކަންހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލަ ހުށަހަޅައި، ކަންހިނގި ގޮތް ދެނަގަތުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތާ މެދު ފިޔަވަޅު އަޅައިފައިވުމުން ސާބިތުވަނީ މައްސަލަ ތަޙްޤީޤުކުރުމުގެ ނިޔަތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ޢަމަލީގޮތުން ކަންތައްތަކެއް ކޮށްފައިވުން ކަމުގައިވާތީ، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ ޒިންމާ އަދާކުރެވިފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ގޮތަށް މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާ ކަމަށް ބެލިނަމަވެސް، މުޙައްމަދު ޢަބްދުﷲ އަށް އަލުން އަނބުރާ ވަޒީފާ ދޭން އެންގުމަކީ މިފަދަ އެހެން މައްސަލަތަކުގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، މުޙައްމަދު ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއަށް ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާއަކަށް އޭނާ އަނބުރާ ރުޖޫޢަކޮށް، އޭނާއަކީ އެއްވެސް ގޮތަކަށް ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ހައިކޯޓުން ހުކުމް ކުރުމުގެ ނަތީޖާއަކީ، އޭނާއަށް ނުޙައްޤު މަންފާއެއް (އަންލޯފުލް އެންރިޗްމަންޓް) ލިއްބައިދިނުމަށް މަގުފަހިކުރުން ކަމަށް އެމް.އޭ.ސީ.އެލްއިން ދެކޭ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
މުޙައްމަދު ޢަބްދުﷲ ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވެ، ކުންފުނީގެ ފިއުލް ފާމްގައި ކަންކަން ހިންގުމުގައި ޢަމަލުކުރެވޭ ޢާންމު އުސޫލުތަކާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވަނިކޮށް، އެ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢަ ކޮށްދިނުމަކީ، އެ ހެދި ގޯހުން އިތުރު މަންފާތަކެއް ލިބުންކަމާއި، މައުޟޫޢީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ސާބިތުވެއްޖެނަމަ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުކުރެވުނަސް، މިހާތަނަށް ނިންމާފައިވާ މައްސަލަތަކަށް ރިޢާޔަތްކުރުމުން ގޯސް ހެދިފަރާތަށް މާލީ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް އެމް.އޭ.ސީ.އެލްއިން ދެކޭ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެމް.އޭ.ސީ.އެލް އިން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން މުޙައްމަދު ޢަބްދުﷲ މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ މަދަނީ މިންގަނޑުންކަމާއި އެއަށްވުރެ މަތީ މިންގަނޑަކުން ހެކި ޤަރީނާ ވަޒަންކޮށްފައި ނުވާކަން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުކޮށް އެނގޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މައްސަލައިގައި ނުޙައްޤު މުއްސަނދިކަމެއް މުޙައްމަދު ޢަބްދުﷲ އަށް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ވެފައިވުމުގެ މައްޗަށް ކަމުގައިވާއިރު، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި އެއިން އެއްވެސް ބާވަތެއްގެ ޢަދުލުވެރިކަމެއް ޤާއިމުކޮށްފައި ނުވާ ކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމުގެ އެ ބަޔަކީ މިހާރު ޤަޟާއީ ޙުއްޖިއްޔަތު ލިބިފައިވާ ބައެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާއިރު، އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އުސޫލުތަކުން ބޭރުން ނުފޫޒުތަކެއް ފޯރުވައިގެން ކަމަށާއި، މި ކަމަށް އިތުރަށް ބާރު ލިބެނީ ފުލުހުންގެ ތަޙްޤީޤަށް ހެކި ބަސް ދިން ފަރާތްތަކުން އެއްވެސް ސަބަބަކާ ނުލައި ސިއްރު ހެކިބަސް ނެގުމަށް އެދިފައި ވުމުންނާއި، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތުގައި ހެކިބަސްދިން ފަރާތަކުން އޭނާގެ ހެކިބަސް ފުލުހުން ނަގާފައިވަނީ މަޖުބޫރުކޮށް ބިރުދައްކައިގެން ކަމަށް ބުނެފައިވާތީ، ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރި ކަމާއެކު ނޫން ކަމަށް ކަނޑައެޅޭ ޙާލަތުގައި، ވަޒީފާ އަނބުރާ ދިނުމަށް އަމުރު ކުރުމުގައި ރިޢާޔަތްކުރެވެނީ، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމާއި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާނަމަ، ވަޒިފާ އަނބުރާ ދިނުމަށް އަމުރުކުރުމުގެ އުސޫލަކީ ދިވެހިރާއްޖޭގައި އިސްތިޤްރާރުވެ ޢަމަލުކުރެވެމުންދާ އުސޫލެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަން
އެމް.އޭ.ސީ.އެލްގެ ވަޒީފާއިން މުޙައްމަދު ޢަބްދުﷲ ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު އިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ ދޭ ފަރާތުގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ ލާޒިމު އިޖުރާއަތު ފުރިހަމަކުރުމަށް ފަހުގައިކަން، ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން އިޖުރާއީ އަދި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައި ކަމާމެދު ގޮތް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި ކަމަށް ވެފައި، އެ މައްސަލަ އިސްތިއުނާފުކޮށްފައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާ އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މި ޤަޟިއްޔާގެ ތެރެއިން، އެމް.އޭ.ސީ.އެލްގެ ވަޒީފާއިން މުޙައްމަދު ޢަބްދުﷲ ވަކިކޮށްފައިވަނީ ލާޒިމު އިޖުރާއަތު ފުރިހަމަކުރުމަށް ފަހުގައި ކަމާމެދު ގޮތެއް ކަނޑައެޅޭނެކަމުގައި ނުދެކެމެވެ. އެހެނީ މި ނުކުތާތަކަކީ އެ މައްޗަށް އިޝޫ އެސްޓޮޕަލް ތަޠުބީޤު ކުރަންޖެހޭ، އަދި އެ ނުކުތާތަކާމެދު އަލުން ގޮތެއް ކަނޑައެޅޭނެ ނުކުތާތަކެއް ނޫނެވެ.
އެހެންކަމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ޤަޟިއްޔާ އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މި ޤަޟިއްޔާގެ ތެރެއިން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާތަކަކީ:
މުޙައްމަދު ޢަބްދުﷲ އަށް އަލުން ވަޒީފާ ދޭން އަންގާފައިވަނީ މިފަދަ އެހެން މައްސަލަތަކުގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްކަން ނުވަތަ ނޫންކަން؛ އަދި
މުޙައްމަދު ޢަބްދުﷲ އަދާކުރަމުންދިޔަ ވަޒީފާއަށް ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާއަކަށް އޭނާ އަނބުރާ ރުޖޫޢަކޮށް، އޭނާއަކީ އެއްވެސް ގޮތަކަށް ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ހައިކޯޓުން ހުކުމް ކުރުމުގެ ނަތީޖާއަކީ، އޭނާއަށް ނުޙައްޤު މަންފާއެއް ލިބިދިނުމަށް މަގުފަހިކުރުންކަން ނުވަތަ ނޫންކަން.
ޤާނޫނީ ޙައްލުތައް
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައިވާނަމަ، އެފަދަ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް 3 (ތިނެއް) ބާވަތެއްގެ ހައްލު ދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ:
އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުން؛ ނުވަތަ
މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ
ބަދަލު ދިނުން.
އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ހައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ނުވަތަ އެ ނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުން ކަމުގައި ވާނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އަށް ބެލުމުން، އެފަދައިން ވަޒީފާ ހަމަޖައްސަން ވާނީ ވަޒީފާއިން ވަކިކުރެވުނު ޙާލަތަށާއި، ވަޒީފާއިން ވަކިކުރީ މުވައްޒަފުގެ ޢަމަލެއްގެ ސަބަބުންތޯ ފަދަ ކަންކަމަށާއި، މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށް، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ބަލައި، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއް ކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އިސްތިސްނާއީ ހާލަތެއް ނުވަތަ ވަޒީފާ ދިނުމަށް ހުރަސް އަޅާ ހާލަތެއް ނެތްނަމަ ކަން އެނގެން އޮވެއެވެ.
އަލުން ވަޒީފާ ދިނުމަށް ހުރަސް އެޅިދާނެ ނުވަތަ އަލުން ވަޒީފާ ދިނުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ހާލަތްތަކާއި، އަލުން ވަޒީފާ ދިނުމަށް ބާރު އަޅާ ހާލަތްތަކެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ގައި ފާހަގަކޮށްފައިވެއެވެ.
މިގޮތުން، އަލުން ވަޒީފާ ދިނުމަށް ހުރަސް އެޅިދާނެ ނުވަތަ އެއީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން.
ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން.
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން.
ހަމަ އެގޮތަށް، އަލުން ވަޒީފާ ދިނުމަށް ބާރު އަޅާ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
މުވައްޒަފުކުރި ޣައިރުސުލޫކީ އަމަލަކީ އެފަދަ ފުރަތަމަ އަމަލު ކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީއެ މުވައްޒަފަށް އިންޒާރު ދިނުން ކަމަށް ބެލެވޭ ހާލަތުތައް.
އެ ވަޒީފާއަށް އެމުވައްޒަފު ރުޖޫއަ ނުކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްސަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށް ވުން.
ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒިފާއަށް ރުޖޫއަނުކޮށްފިނަމަ، އެއީ ވަޒީފާ ދޭފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ހާލަތުތައް.
އަދި ހަމަ އެއާއެކު، ވަޒީފާ ދިނުމުގެ އިތުރުން، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބަޔާންކޮށްފައިވާ ފަދައިން ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު އާއި ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ގައި ޖުމްލަކޮށް އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް.
ވަޒީފާގައި ހޭދަކުރި މުއްދަތު.
މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް.
ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް (ނުވަތަ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ ޢަދުލުވެރިކަމާއި ތެދުވެރިކަމާއެކު، ހެޔޮނިޔަތް އޮވެގެން ކަން ނުވަތަ ނޫންކަން).
ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެ ކަން ނުވަތަ ނޫންކަން.
ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންކަން ނުވަތަ ނޫންކަން.
ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން އަދި ވަޒީފާއިން ވަކިކުރުމަށް ފަހުގައި (އަދި ވަޒީފާއަށް ރުޖޫޢަ ކުރަން އަމުރުކޮށްފައިވާ ނަމަ، އެފަދައިން ވަޒީފާއަށް ރުޖޫޢަކުރުމާ ހަމައަށް) ހިނގާ ދިޔަ މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރާ ފަރާތުން އާމްދަނީ ހޯދުމުގެ ގޮތުން ވަޒީފާއެއް އަދާކޮށްފައިވާ ކަން ނުވަތަ މަސައްކަތެއް ކޮށްފައިވާކަން.
ވަޒީފާ އަދާކުރާ ފަރާތަށް ބަދަލު ދިނުމުގެ ސަބަބުން އޭނާއަށް ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭކަން ނުވަތަ ނޫންކަން.
ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރުމުގެ އިތުރުން، އިތުރު ބަދަލެއް ނަގާދޭންޖެހޭކަން ނުވަތަ ނޫންކަން.
ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އޭގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަން ނުވަތަ ނޫންކަން.
ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން އެކަށީގެންވާކަން ނުވަތަ ނޫންކަން
އެމް.އޭ.ސީ.އެލްއިން މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަމުގެ އިތުރުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ކަމަށް ކަނޑައަޅާފައިވާ ޙުކުމް ނިހާއީ ވެފައިވާތީ، އެ ނުކުތާގެ މައްޗަށް މި ޤަޟިއްޔާގެ ތެރެއިން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ފަދައިން މުޙައްމަދު ޢަބްދުﷲ އަށް އަނބުރާ ވަޒީފާ ދިނުމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ.
ވަޒީފާ އަނބުރާ ދިނުމަކީ ދެފަރާތުގެ މެދުގައި އޮންނަ އިތުބާރުގެ މައްޗަށް ބިނާވާ ކަމެކެވެ. އެހެންނަމަވެސް، ވަޒީފާއިން ވަކިކުރުމަށްފަހުގައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުގެ މެދުގައި ފުރިހަމަ އިތުބާރު އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެނީ، ވަޒީފާއިން ވަކިކުރުމަށް ފަހުގައި ވަޒީފާދޭ ފަރާތުން އެ އިތުބާރު އޮތް ކަމަށް ބުނާނީ މަދު ފަހަރަކު ކަމުންނެވެ. އެހެންކަމުން، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުގެ ބުނާ ބުނުމުގެ ޙަޤީގަތް ފަރުވާތެރިކަމާއެކު ބުއްދީގެ ހަމަތަކުގެ މަތިން ވަޒަންކޮށް، އެއީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްކަން ނުވަތަ ނޫންކަން މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތަކުގެ އަލީގައި ޓްރައިބިއުނަލުން ނުވަތަ ކޯޓުން ބަލަންވާނެއެވެ.
ހުށަހެޅިފައި މިވާ މައްސަލައިގައި، އެމް.އޭ.ސީ.އެލްގެ ފަރާތުން މުޙައްމަދު ޢަބްދުﷲ އަށް އިތުބާރު ކުރުމުގައި އޮތް ދައްޗަކީ މުޙައްމަދު ޢަބްދުﷲ އެ ކުންފުނިން ވައްކަން ކޮށްފައިވާކަމުގައި އެ ކުންފުނިން ޤަބޫލުކުރުން ކަމުގައިވާހިނދު، އަދި އެމް.އޭ.ސީ.އެލްއިން މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ވައްކަމާއި ގުޅޭ ސުލޫކީ މައްސަލައަކާއި ހުރެ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމުގައި ނަމަވެސް، ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 ނިންމުމާއި، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގެ ކުރިން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމާމެދު ގޮތް ކަނޑައެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާގައި، މުޙައްމަދު ޢަބްދުﷲ އެ ވައްކަމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވަނީ ކޮންގޮތަކަށް ކިހިނެއްކަން، ނުވަތަ އޭނާ ވައްކަމުގައި ބައިވެރިވުމުގެ ގޮތުން ކުރިކަމެއް އެނގެން ނެތްކަމުގައާއި، އެކަމާއި ގުޅޭ ހެއްކެއްވެސް ހުށަހަޅާފައި ނެތްކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 މައްސަލައިގައި އެމް.އޭ.ސީ.އެލްގެ ފިއުލް ފާމްގައި މަސައްކަތް ކުރާ ގ.ހަތިފުށި އިސްމާޢީލް ޢަލީ އާއި، މުޙައްމަދު ޒަކަރިއްޔާ އާއި، ހުޅުމާލެ ރިހިކުރި ޢަލީ މަކާރިމް އަޙްމަދު (ދ.ރ. ކާޚު ނަންބަރު އާއި، މ.ކަނޑުނީލަންގެއާގެ ސަމްޢާން މޫސާ އާއި، އަޙްމަދު ނިމާލް ޖުނައިދު (މީގެ ފަހުން ޖުމްލަކޮށް މިހުރިހާ ފަރާތްތަކަށް ނިސްބަތް ކުރެވޭނީ "ހެކިން" މިފަދައިން) ހެކި ބަސް ދީފައިވެއެވެ. އެ ފަރާތްތަކުގެ ހެކިބަހުން ހާދިސާ އަދި މުޙައްމަދު ޢަބްދުﷲއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.
ހާދިސާ ހިނގި އިރު ހެކިންގެ ތެރެއިން ސަމްޢާން މޫސާ އާއި އަޙްމަދު ނިމާލް ޖުނައިދު ތިބީ ޗުއްޓީގައިކަމާއި، އެ ދެ މީހުން 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ އެމް.އޭ.ސީ.އެލް ގެ ފިއުލް ފާމުގައި ނެތްކަން؛
އިސްމާޢީލް ޢަލީ އާއި، މުޙައްމަދު ޒަކަރިއްޔާ އާއި، ޢަލީ މަކާރިމް އަޙްމަދު 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ އެމް.އޭ.ސީ.އެލް ގެ ފިއުލް ފާމުގައި އުޅުނުކަން؛
2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ އިސްމާޢީލް ޢަލީ އާއި، މުޙައްމަދު ޒަކަރިއްޔާ އަށް މުޙައްމަދު ޢަބްދުﷲ ނުފެންނަކަން؛
ޢަލީ މަކާރިމް އަޙްމަދުއަށް 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ މުޙައްމަދު ޢަބްދުﷲ އާއި އާދަމް ޒަމީލް ފެނުނުހަނދާނެއް ވާކަން؛
ހެކިން ދެކޭ ގޮތުގައި މުޙައްމަދު ޢަބްދުﷲ އަކީ އަހުލާގު ރަނގަޅު އެކުގައި މަސައްކަތްކުރާ މީހުންނާ ގުޅޭ މީހެއްކަން؛ އަދި
2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުން ވަގަށް ނަގާފައިވާ މައްސަލައިގައި ހެކިންނާއި ސުވާލުކޮށްފައި ނުވާކަން.
އަދި ހަމަ އެއާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ދެވަނަ ޕެރެގްރާފުގައި "... މިވައްކަން ކޮށްފައިވަނީ ފިއުލް ފާމްގައި މަސައްކަތްކުރާ ދެ މުވައްޒަފުން ކަމަށް ވަރަށް ބޮޑަށް ތުޙްމަތު ކުރެވެއެވެ." މިފަދައިން ބަޔާން ކުރުމަށްފަހު، އެ ރިޕޯޓުގެ ހަތަރުވަނަ ޕްރެގްރާފުގައި އެ ވައްކަން ކުރީ މުޙައްމަދު ޢަބްދުﷲ އާއި އާދަމް ޒަމީލު ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަންކުރީ ބުނެވުނު ދެމީހުން ކަމުގައި ފުލުހުން ކަނޑައެޅުމުގައި ޙަވާލާދީފައިވަނީ ސީ.ސީ.ޓީ.ވީ ފުޓޭޖްއަށާއި ހެކިންގެ ހެކިބަހަށެވެ. އެހެންނަމަވެސް، ސީ.ސީ.ޓީ.ވީ ފުޓޭޖަށް ބެލުމުން ތެޔޮ ބައުޒަރުތައް ކައިރީގައި ހަރަކާތްތެރިވި މީހުން ވަކިނުވާކަން އެނގެއެވެ. އަދި ފުލުހުންގެ ރިޕޯޓުގައި ހެކިންގެ ހެކިބަހަށް ޙަވާލާދީފައިވާއިރު، ހެކިބަސް ދީފައިވަނީ ކޮން ފަރާތްތަކެއް ކޮން ކަމަކާ ގުޅިގެންކަން އެނގެން ނެތެވެ.
މީގެ އިތުރުން، ޓްރައިބިއުނަލްގެ ނަންބަރު 40/VTR/2016 މައްސަލަ ހިނގަމުންދިޔައިރު، މުޙައްމަދު ޢަބްދުﷲ ބުނެވުނު ވައްކަމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށްޓަކައި އެމް.އޭ.ސީ.އެލް ގެ ފަރާތުން ހެކިންގެ ބަސް ނަގާދިނުމަށް އެދި، ހެކިން ހުށަހަޅާފައިވާކަން އެނގެން ނެތްކަން ވެސް ފާހަގަވެއެވެ.
އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުން ވަގަށް ނެގި ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންގެ ތެރޭގައި މުޙައްމަދު ޢަބްދުﷲ ހިމެނޭކަމުގައި ބަޔާންކޮށްފައިވުމުގެ އިތުރުން، އެ ހާދިސާގައި މުޙައްމަދު ޢަބްދުﷲ ގެ އެއްވެސް ބައިވެރިވުމެއް އޮތްކަން އެމް.އޭ.ސީ.އެލްއިން ނިންމާފައިވަނީ ކޮން ބިނާއެއްގެ މައްޗަށްކަން އެނގެން ނެތެވެ. އަދި މުޙައްމަދު ޢަބްދުﷲ ވައްކަން ކޮށްފައިވާތީ ކަމުގައި ބުނެ، އޭނާގެ މައްޗަށް އިތުބާރު ނުކުރެވޭ ކަމުގައި ބަލަންވީ އެއްވެސް ސަބަބެއް ފެންނާން ނެތެވެ.
ނަތީޖާ
އިސްވެ ބަޔާންކުރެވުނު ޤާނޫނީ ޙައްލުތަކާއި މިރައުޔުގެ ޕެރެގްރާމް 19 އިން 25 އަށް ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، މުޙައްމަދު ޢަބްދުﷲ އަށް ވަޒީފާ އަލުން ދިނުމަށް ހުރަސް އަޅާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީގޮތުން ކުރެވެން އޮތް ކަމެއް ކަމުގެ މައްޗަށް ބަލާއިރު:
މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ކަމަށް ކަނޑައަޅާފައިވާތީ އާއި؛
މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމަށް އެމް.އޭ.ސީ.އެލްއިން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ އާއި؛
މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުން ވަގަށް ނަގާފައިވާ މައްސަލައިގައި ޓްރައިބިއުނަލްއަށް ޙާޟިރުކުރެވުނު ހެކިންނާއި ސުވާލުކޮށްފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން، ހެކިންގެ ބަހުން މުޙައްމަދު ޢަބްދުﷲ އަކީ އަހުލާގު ރަނގަޅު އެކުގައި މަސައްކަތްކުރާ މީހުންނާ ގުޅޭ މީހެއްކަމަށާއި، ޢަލީ މަކާރިމް އަޙްމަދުއަށް 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ މުޙައްމަދު ޢަބްދުﷲ ފެނުނު ހަނދާނެއް ވާކަމުގައި ބުނެފައިވާ ބުނުމުގެ އިތުރުން، އެ ރޭ މުޙައްމަދު ޢަބްދުﷲ ދުށް ކަން ކަށަވަރުވާ މީހަކު ހުރި ކަން އެނގެން ނެތުމުންނާއި، ސީ.ސީ.ޓީ.ވީ ފުޓޭޖަށް ބެލުމުން ތެޔޮ ބައުޒަރުތައް ކައިރީގައި ހަރަކާތްތެރިވި މީހުން ވަކިނުވާކަން އެނގެން އޮތުމުން؛
އަހުރެންނަށް ބޮޑަށް ބުރަވެވެނީ މުޙައްމަދު ޢަބްދުﷲ އަށް ވަޒީފާއަށް އަނބުރާ ލިބިނުދީފިނަމަ، އެއީ، ވަޒީފާދިން ފަރާތުން ޤާނޫނުގައި ފުރިހަމަ ކުރަން އޮންނަ އިޖުރާއަތުގެ ބޭރުން މީހަކު ވަޒީފާއިން ވަކިކުރުމުގެ އެކަށީގެން ނުވާ އަމަލު ބަލައިގަތުން ކަމުގައި، އަދި އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ލިބެންވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުން މަޙުރޫމު ކުރުންކަމުގައެވެ. މިފަދަ ޙާލަތެއްގައި، މުޙައްމަދު ޢަބްދުﷲ އަށް ވަޒީފާއަށް އަނބުރާ ލިބިދިނުމަކީ އޭނާއަށް ނުޙައްޤު މަންފާއެއް ލިބިދިނުން ކަމުގައި ބެލޭނެ ޤާނޫނީ އުސޫލެއް ނެތްކަމުގައިވެސް އަހުރެން ދެކެމެވެ.
މުޙައްމަދު ޢަބްދުﷲ އަށް ވަޒީފާއަށް އަނބުރާ ލިބިދިނުމުގެ އިތުރުން، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން އޭނާއަށް ބަދަލު ލިބިދިނުމަށް ބަލާއިރު، މުޙައްމަދު ޢަބްދުﷲ އެމް.އޭ.ސީ.އެލްގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމާއި ނުލާކަމަށްވާތީ، މުޙައްމަދު ޢަބްދުﷲ އަށް 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ 33,600/-ރ. (ތެއްތިރީސް ހާސް ހަސަތޭކަ ރުފިޔާ) ލިބިދިނުން އެކަށީގެންވާކަމުގައި ދެކެމެވެ.
އަދި ހަމަ އެއާއެކު، މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމަށްފަހު ކަން ހިނގާފައިވާ ގޮތާބެހޭ މަޢުލޫމާތު ސާފުވެފައި ނެތުމުން، މި ރައުޔުގެ 18 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެފަދައިން ލިބުނު ގެއްލުމަށް ލިބިދޭންޖެހޭ އެކަށީގެންވާ އަދި ޢަދުލުވެރި ބަދަލު ނަގައި ދިނުމަށް އެދި މުޙައްމަދު ޢަބްދުﷲ ހުށަހަޅައިފިނަމަ، ވަކި މައްސަލައެއް ގޮތުގައި ބަލައި، އެކަމުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/477 ގަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި މުޙައްމަދު ޢަބްދުﷲ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި، މިއަދު (18 ޖަނަވަރީ 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މުޙައްމަދު ޢަބްދުﷲ އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އޭނާއަށް ހަމަޖެއްސުމަށާއި، މުޙައްމަދު ޢަބްދުﷲ އަށް 33,600/-ރ. (ތެއްތިރީސް ހާސް ހަސަތޭކަ ރުފިޔާ) ދެއްކުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.