ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (894/Cv-C/2015) މުދަލުގެ އަގު ޙުސައިން ޢަލީ މިފްކޯއަށް ދައްކަންޖެހޭ ކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2016/HC-A/156) އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- މިރުޒާ މޯލްޑިވްސް ކިޔާ އިންވެސްޓްމަންޓަކަށް މިފްކޯއިން 500 ކޭސް މަސްދަޅު ސަޕްލައިކުރުމަށްފަހު، އަގު ދެއްކުމަށް ދޫކުރި ދެ ޗެކު އެކައުންޓުގައި ފައިސާ ނެތިގެން ބޭންކުން އަނބުރާ ރައްދުކުރުމުން، މުދަލުގެ އަގު ހޯދުމަށް މިފްކޯއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގައި ސާބިތުކޮށް ހައިކޯޓުން ތާއީދުކުރި ވާޤިޢާތަކާ މެދު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އަށް ބަރޯސާވެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވިދާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ޗެކުތައް ހުށަހެޅުނު ޙަޤީޤަތް ފޮރުވިގެންދާގޮތަށް ހައިކޯޓުން ނިންމި ކަމަށާއި، އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމަށެވެ. މިފްކޯއިން ބުނީ 42 ވަނަ މާއްދާއާ ޚިލާފުވި ގޮތެއް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވި ގޮތެއް އިސްތިއުނާފުކުރި ފަރާތުން ބަޔާންކޮށްދީފައި ނުވެއެވެ. ހުށަހެޅީ ދަށު ކޯޓުގައި ސާބިތުވެ ހައިކޯޓުން ތާއީދުކުރި ވާޤިޢާތަކާ ބެހޭ ކަންކަން ކަމަށްވާއިރު، ސުޕްރީމް ކޯޓަކީ ހެކި ވަޒަންކުރާ މަރުޙަލާއެއް ނޫނެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމަށް ތާއީދުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/156
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބަލައިނުގަނެ، ހައިކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި އިޝާރާތްކޮށްފައިވަނީ އިންސާފު ޤާއިމުކުރުމުގެ 03 ހަމަ ކަމުގައިވާ ޢަދުލުވެރިކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، ހާމަކަމާއެކު ޝަރީޢަތް ކުރުމަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވަނީ އިންސާފު ޤާއިމުކުރުމުގެ އާންމު ހަމަތަކެވެ؛ މިކަންކަން ތަފްސީލުކޮށްދީފައިވަނީ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ގުޅުންހުރި ގަވާއިދުތަކާއި، ތަބީޢީ އަދާލަތުގެ އުސޫލުތަކާއި ހަމަތަކުގެ މައްޗަށެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ހައިކޯޓުގެ ނިންމުމެއް ޚިލާފުވެގެން ކަމަށްބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވޭ ޙާލަތުގައި، އެ އަސާސްތަކާ ހައިކޯޓުގެ ނިންމުން ޚިލާފުވި ގޮތެއް ސާފުކޮށް ބުނެދެވެން ވާނެއެވެ؛ އަދި އެ މާއްދާއާ ގުޅުވައި، ޢަމަލު ކުރެވޭ ޤާނޫނު ނުވަތަ ގަވާއިދު ނުވަތަ ތަބީޢީ އަދާލަތުގެ ހަމަތަކާ ޚިލާފުވިގޮތް ޤާނޫނީ ނައްސުތަކާ ޙަވާލާދެވި ބަޔާންކުރެވެން ވާނެއެވެ.
އިސްތިއުނާފީ މަރުޙަލާ އަކީ، ޢާންމު އުސޫލެއްގެ ގޮތުން ހެކި ވަޒަންކުރުމާއި މައްސަލައެއްގެ ވާޤިޢާތައް ސާބިތުކުރާ މަރުޙަލާ ނޫނެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނީ، ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފުވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާނަމަ، ނުވަތަ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ނަމަ، މިފަދަ ކަންކަމުގެ މައްޗަށް އެކަންޏެވެ؛ މި ޙާލަތްތައް ފިޔަވައި، އިތުރު ޙާލަތެއްގައި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ނުކުރެވޭނެއެވެ.
ދަށު ކޯޓުގައި ސާބިތުކުރެވިފައިވާ ވާޤިޢާތަކާއި އެ ވާޤިޢާތައް ހައިކޯޓުގައިވެސް ތައުނުކުރެވި ނިންމަވާފައިވާ ގޮތްތަކާ މެދު ހުށަހަޅާ ނުކުތާތަކަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ޙާލަތްތަކަށް ބަލައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަންކަމެއް ނޫނެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/156 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޙުސައިން ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ( މިސްކިތްމަގު.، ނަޝީ، ޏ.ފުވައްމުލައް (މީގެ ފަހުން "ޙުސައިން ޢަލީ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" އިޝާރަތްކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު2018/SC-A/20 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރުC-173/93 ) (މީގެ ފަހުން "މިފްކޯ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.
ޙުސައިން ޢަލީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "މިރުޒާ މޯލްޑިވްސް" ކިޔާ ލޯކަލް އިންވެސްޓްމަންޓަކުން މިފްކޯ އަށް 13 ޖޫން 2012 ގައި އެ ކުންފުނީގެ ޗެކްތަކަށް މުދާ ލިބޭނެ ގޮތެއް ހަދައިދިނުމަށް ސިޓީ އަކުން އެދުނެވެ. މި ސިޓީ އާ ގުޅިގެން މިފްކޯއިން 500 (ފަސްސަތޭކަ) ކޭސް މަސްދަޅު މިރުޒާ މޯލްޑިވްސް އަށް ސަޕްލައި ކޮށްދީފައިވާ ކަމަށް ބުނެއެވެ. މި މުދަލަށް ފައިސާ ދެއްކުމުގެ ގޮތުން މިރުޒާ މޯލްޑިވްސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގައި އޮންނަ ނަންބަރު 7704-101247-002 އެކައުންޓުން ދެ ޗެކު މިފްކޯއަށް ދޫކުރިއެވެ.
މިގޮތުން 13 އޮގަސްޓު 2012 ވަނަ ދުވަހު ފައިސާ ނެގޭ ގޮތަށް ބީ.އެމް.އެލް ޗެކް ނަންބަރު 000287 ދޫކުރިއެވެ. އަދި 02 ސެޕްޓެންބަރު 2012 ވަނަ ދުވަހު ފައިސާ ނެގޭ ގޮތަށް ބީ.އެމް.އެލް ޗެކް ނަންބަރު 000293 ދޫކޮށްފައި ވެއެވެ. އެހެން ނަމަވެސް، މި ޗެކުތަކުގައި ވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތުމުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ޗެކް އަނބުރާ ރައްދު ކުރިއެވެ. އެހެންކަމުން، މިރުޒާ މޯލްޑިވްސްގެ ނަމުގައި ޙުސައިން ޢަލީ ރަޖިސްޓްރީ ކޮށްފައިވާ އިންވެސްމަންޓުން ދީފައިވާ އޯޑަރަށް މިފްކޯއިން ސަޕްލައި ކޮށްދީފައިވާ ކަމަށް ބުނާ 500 (ފަސްސަތޭކަ) ކޭސް މަސްދަޅުގެ އަގަށްވާ ފައިސާ ހޯދުމަށް މިފްކޯއިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ މިފްކޯއާ އެއް ކޮޅަށެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިމުނުގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ޙުސައިން ޢަލީ އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިއީ، ޙުސައިން ޢަލީ އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
މި މައްސަލަ ބަލައި ސިވިލް ކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 894/Cv-C/2015 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ މިފްކޯއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ ޙުސައިން ޢަލީގެ ފަރާތުން މިފްކޯއަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ކަމަށް ސާބިތުވާ ކަމުގައެވެ. މިގޮތަށް ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ)ސިވިލް ކޯޓުގެ ދަޢުވާގައި ބުނާފަދަ ވިޔަފާރިއެއް ކުރެވޭތޯ ބެލުމުގެ ގޮތުން އެކަމަށް މިފްކޯގައި އެދުނު ކަމަށާއި، އެގޮތުން މުދަލުގެ އަގުގެ މައްޗަށް ޗެކް ތައްޔާރުކޮށް ޗެކާއެކު ހުށަހެޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް މިފްކޯ އިން ބުނި ކަމަށާއި، އެހެންނަމަވެސް، އެ މުދާ ލިބޭގޮތް ނުވެ ގިނަ ދުވަސްތަކެއް ވުމުން ޗެކް ބައުންސްވީ ކަމަށާއި، މިފްކޯ އިން ހުށަހަޅާފައިވާ އިންވޮއިސްތަކަކީ ލިބުނު އެއްޗެއް ނޫން ކަމަށް ބުނެ ޙުސައިން ޢަލީގެ ފަރާތުން ޖަވާބު ދާރީވާކަން.
(ށ)މިފްކޯގެ ފަރާތުން ދޫކޮށްފައިވާ އިންވޮއިސް ތަކަށް ފައިސާ އަދާކުރުމުގެ ގޮތުން ޙުސައިން ޢަލީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓުން 2012 އޮގަސްޓު 13 ވަނަ ދުވަހާއި 2012 ސެޕްޓެންބަރު 02 ވަނަ ދުވަހު ފައިސާ ނެގޭގޮތަށް ދޫކޮށްފައިވާ ޗެކުގައިވާ ޢަދަދަށް ފައިސާ ނެތިގެން ބޭންކް އޮފް މޯލްޑިވްސް އިން އެ ޗެކްތައް އަނބުރާ ރައްދު ކޮށްފައިވާކަން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ މިފްކޯއިން ސަޕްލައި ކޮށްދީފައިވާ 500 (ފަސްސަތޭކަ) ކޭސް މަސްދަޅުގެ އަގަށްވާ 428,795/-ރ. (ހަތަރުލައްކަ އަށާވީސްހާސް ހަތްސަތޭކަ ހަތްދިހަ ރުފިޔާ) އާއި މައްސަލަ ކޯޓަށް ހުށަހެޅުމަށް ހިނގާފައިވާ ޚަރަދަށްވާ 25/-ރ. (ފަންސަވީސް ރުފިޔާ) އާއި އެކު ޖުމްލަ 428,795/-ރ. (ހަތަރުލައްކަ އަށާވީސްހާސް ހަތްސަތޭކަ ނުވަހިދަ ފަސް ރުފިޔާ) އަކީ ޙުސައިން ޢަލީ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
ޙުސައިން ޢަލީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 894/Cv-C/2015 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު2016/HC-A/156 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ)މިރުޒާ މޯލްޑިވްސް އަށް މިފްކޯ އިން 500 (ފަސްސަތޭކަ) ކޭސް މަސްދަޅު ފޯރުކޮށް ދީފައިނުވާ ކަމަށް ބުނާތީ މިފްކޯގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔުންތަކަށް ބަލާއިރު، މިރުޒާ މޯލްޑިވްސްގެ ފަރާތުން 20 (ދޭއް) ދުވަހެއްގައި 02 (ދޭއް) ޗެކް މިފްކޯއަށް ދޫކުރެވުނު ކަމާމެދު ޙުސައިން ޢަލީގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމާއި، ފުރަތަމަ ޗެކް ދޫކުރުމުން މިފްކޯއިން އެއްބަސްވި ގޮތަށް މަސް ކޭސްތައް ދޫނުކުރިނަމަ ދެވަނަ ޗެކެއް މިރުޒާ މޯލްޑިވްސް އިން ދޫކުރާނެކަމީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލު ކުރެވެންނެތް ކަމެއްކަން.
(ށ)ބުނެވުނު 20 (ދޭއް) ޗެކް މިރުޒާ މޯލްޑިވްސް އިން ދޫކުރުމަށްފަހު މިފްކޯއިން ލިބެންޖެހޭ މުދަލެއް ނުލިބިގެން އެކަމުގެ ޝަކުވާއެއް މިފްކޯގައި މިރުޒާ މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާކަން ސާބިތުވާ ފަދަ އެއްވެސް ޙުއްޖަތެއް ޙުސައިން ޢަލީއަށް ދެއްކިފައި ނުވާއިރު، މި 02 (ދޭއް) ޗެކަށް ފައިސާ ދޫކުރުން ހުއްޓުވަން މިރުޒާ މޯލްޑިވްސްގެ ފަރާތުން ބޭންކުގައި ވެސް އެދިފައިވާކަން ޙުސައިން ޢަލީއަށް ބުނެދެވިފައި ނެތްކަން.
(ނ)މިރުޒާ މޯލްޑިވްސްގެ ފަރާތުން ދޫކުރެވިފައިވާ 02 (ދޭއް) ޗެކަކީ އެ 02 (ދޭއް) ޗެކުގައި ޤާނޫނީ ގޮތުން ބަޔާންކޮށްފައިވާ ޝަކުލިއްޔާތު ފުރިހަމަވެފައިވާ 02 (ދޭއް) ޗެކުކަން އެނގެން އޮތުމުން މިއީ އެ 02 (ދޭއް) ޗެކުގައިވާ ފައިސާގެ ޢަދަދު މިރުޒާ މޯލްޑިވްސް ނުވަތަ ޙުސައިން ޢަލީގެ ފަރާތުން މިފްކޯއަށް ދައްކަންޖެހޭކަން ދަލާލާތު ކޮށްދޭ ހަރުދަނާ ހެއްކެއް ކަމުގައި ބެލެވެން އޮތުން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ މިފްކޯއިން ސަޕްލައި ކޮށްދީފައިވާ 500 (ފަސްސަތޭކަ) ކޭސް މަސްދަޅަށް ދައްކަންޖެހޭ ފައިސާއަކީ ޙުސައިން ޢަލީގެ ފަރާތުން މިފްކޯއަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 894/Cv-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކާއި އޭގެ ރައްދު
ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2016/HC-A/156ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޙުސައިން ޢަލީގެ ފަރާތުން ހުށަހަޅާފައިވަނީ، މިރުޒާ މޯލްޑިވްސް އިން މުދައު ލިބުމަށް އެދި ޗެކު ހުށަހެޅުނީ ދެ ފަހަރު މަތިން ނޫންކަން އެ ޗެކުތައް ބޭންކަށް ވެއްދި ތާރީޚުތަކަށް ބެލުމުން ނުހަނު ސާފުކޮށް އެނގެން އޮތްއިރު، އެ ޙަޤީޤަތް ފޮރުވިގެންދާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ފާހަގަކުރެއްވި ކުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާ ކަމަށް ބަލަންޖެހިފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ބުނެވިދިޔަ ނުކުތާ ތަފްސީލު ކޮށްދިނުމުގެ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން އިތުރަށް ހުށަހަޅާފައިވާ ކަންކަމަކީ ދަށު ކޯޓުގައި ސާބިތުކުރެވިފައިވާ ވާޤިޢާތަކެއްކަން އެނގޭކަމާއި އަދި އެ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކޮށްފައިވާކަން ފާހަގަކުރަމެވެ. މި މައްސަލަ އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާތިލުކޮށް ދިނުމަށެވެ.
އިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިއްވާފައިވާ ޙުކުމް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުވި ގޮތެއް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދެވިފައި ނުވާ ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ހިންގާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އުސޫލުން މިނިވަން މުސްތަޤިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އާންމުކޮށް ހުޅުވާލެވިގެން ކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާ ބިނާކޮށްފައި ވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ މައްޗަށެވެ. މި މާއްދާ އަކީ ޢަދުލުވެރިކަމާއި ހާމަކަމާއި އަދި ވަކި ފަރާތަކަށް ނުޖެހި ޝަރީޢަތް ކުރުމަކީ އަސާސީ ޙައްޤެއް ކަމަށް ބަޔާންކުރާ މާއްދާއެވެ. އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދީފައިވަނީ، މި މާއްދާގެ (ށ) އަށެވެ. މި އަކުރުގައި ވަނީ "ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު ގައެވެ." މިފަދައިންނެވެ. މި ތަނުގައި 03 (ތިނެއް) ކަމަކަށް އިޝާރަތްކޮށްފައިވާ ކަން ފާހަގަކުރަމެވެ. އެއީ އިންސާފު ޤާއިމުކުރުމުގެ 03 (ތިނެއް) ހަމަ ކަމުގައިވާ ޢަދުލުވެރިކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، ހާމަކަމާއެކު ޝަރީޢަތް ކުރުމެވެ. ޖުމްލަ ގޮތެއްގައި މި މާއްދާގައި ބަޔާންކޮށްފައިވަނީ، އިންސާފު ޤާއިމުކުރުމުގެ އާންމު ހަމަތަކެވެ. މިކަންކަން ތަފްސީލު ކޮށްދީފައިވަނީ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، އަދި ގުޅުންހުރި ގަވާއިދުތަކާއި އިންސާފު ޤާއިމުކުރުމުގައި ތަބާވާ، ތަބީޢީ އަދާލަތުގެ އުސޫލުތަކާއި ހަމަތަކުގެ މައްޗަށެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ޚިލާފުވެގެން ކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވޭ ޙާލަތުގައި ބަޔާންވެދިޔަ އަސާސްތަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން، ޚިލާފުވި ގޮތެއް ސާފުކޮށް ބުނެދެވެން ވާނެއެވެ. މިގޮތުން ސާފުކޮށް ދެވޭއިރު އެ މާއްދާއާ ގުޅުވައި، ޢަމަލު ކުރެވޭ ޤާނޫނު ނުވަތަ ގަވާއިދު ނުވަތަ އެނޫންވެސް ތަބީޢީ އަދާލަތުގެ ހަމަތަކާ ޚިލާފުވިގޮތް ޤާނޫނީ ނައްސުތަކާ ޙަވާލާދެވި ބަޔާންކުރެވެން ވާނެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުން
އިސްތިއުނާފީ މަރުޙަލާ އަކީ، ޢާންމު އުސޫލެއްގެ ގޮތުން ހެކި ވަޒަންކުރުމާއި މައްސަލައެއްގެ ވާޤިޢާތައް ސާބިތުކުރާ މަރުޙަލާ ނޫންކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކުރެވިފައެވެ. މިގޮތުން، ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފުވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ނަމަ މިފަދަ ކަންކަމުގެ މައްޗަށް އެކަންޏެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބުނެވިދިޔަ ޙާލަތްތައް ފިޔަވައި، އިތުރު ޙާލަތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ.
އުސޫލުތައް ތަތުބީޤުކުރުން
އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ކުރުމަށްޓަކައި ޙަވާލާދީފައި ވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އަށެވެ. މި މައްސަލަ އެ މާއްދާ އާ ޚިލާފުވޭތޯ ބަލާއިރު، އެ މާއްދާއާ ޚިލާފުވި ގޮތެއް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވާކަން ފާހަގަކުރަމެވެ. އޭގެ ބަދަލުގައި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވަނީ، ދަށު ކޯޓުގައި ސާބިތުކުރެވިފައިވާ ވާޤިޢާތަކެއް ކަމާއި އަދި އެ ވާޤިޢާތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް ތައުނުކުރެވި ގޮތްތަކެއް ނިންމަވާފައި ވުމާއެކު، މި މައްސަލައިގައި، މި މަރުޙަލާއަކީ ހެކިވަޒަން ކުރުމާއި ވާޤިޢާތައް ސާބިތުކުރާ މަރުޙަލާއެއް ނޫން ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވިދާނެ ޙާލަތްތަކަށް ބަލައި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެމެވެ.
މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ޚުސޫމަތެއް އުފެދިފައިވަނީ، ޙުސައިން ޢަލީ މިފްކޯއިން 500 (ފަސްސަތޭކަ) ކޭސް މަސްދަޅު ހޯދުމަށް އެދުމަށްފަހު، ހުސައިން ޢަލީ ދެ ތާރީޚެއްގައި ދެ ޗެކެއް މިފްކޯގެ މަސްފިހާރަ އަކަށް ހުށަހަޅައި، ފުރަތަމަ ދުވަހު 250 (ދުއިސައްތަ ފަންސާސް) ކޭސް މަސްދަޅު ނަގައި، އެ މުދަލަށް ވާވަރަށް ފައިސާ ދެއްކުމަށްޓަކައި 214,385/-ރ. (ދެލައްކަ ސާދަހާސް ތިންސަތޭކަ އަށްޑިހަފަހެއް ރުފިޔާ) ގެ ޗެކެއް (ބީ.އެމް.އެލް ގެ ޗެކް ނަންބަރު 00287) ޙަވާލު ކުރުމަށްފަހު، އެ ފިހާރައަށް ދެވަނަ ދުވަހެއްގައި ބާކީ 250 (ދުއިސައްތަ ފަންސާސް) ކޭސް މަސްދަޅު ނަގައި އެ މުދަލަށް އަގު ދެއްކުމުގެ ގޮތުން 214,385/-ރ. (ދެލައްކަ ސާދަހާސް ތިންސަތޭކަ އަށްޑިހަފަހެއް ރުފިޔާ) ގެ ޗެކެއް (ބީ.އެމް.އެލް ގެ ޗެކް ނަންބަރު 000293) ޙަވާލުކުރުމަށްފަހު، ބުނެވުނު ދެ ޗެކުގެ ފައިސާ ނެތިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން އަނބުރާ ރައްދުކުރުމުން، މުދަލުގެ އަގު ހޯދުމަށް މިކްފޯއިން ހުސައިން ޢަލީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން، ނުލިބޭ މުދަލަކަށް ހުސައިން ޢަލީ ފައިސާ ދެއްކުމަށް އިންކާރުކުރާ ކަމަށް ބުނާ މައްސަލައެއްކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިއުން ތަކުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. މިކަމަށް ނަޒަރު ކުރާއިރު، ޙުސައިން ޢަލީގެ އެދުމުގެ މަތިން، 500 (ފަސްސަތޭކަ) ކޭސް މަސްދަޅު މިފްކޯއިން ޙުސައިން ޢަލީއަށް ދޫކޮށްފައިވާކަން މަދަނީ މިންގަނޑުން ސިވިލް ކޯޓުގައި ސާބިތުކޮށްފައިވާ ހަޤީގަތެއްކަން އެނގޭ ކަމާއި އަދި އެ މުދަލުގެ އަގު ކަމުގައިވާ 428,770/-ރ. (ހަތަރު ލައްކަ އަށާވީސްހާސް ހަތްސަތޭކަ ހަތްދިހަ ރުފިޔާ) ހުސައިން ޢަލީ މިފްކޯއަށް ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު894/CV-C/2015 ޤަޟިއްޔާގައި ސާބިތުވެފައިވާ ކަމާއި އަދި އެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/156 ޤަޟިއްޔާއިން ތާއީދު ކޮށްފައިވާތީވެ، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/156 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/156 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/156 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.