ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 25 · 2024/SC-A/17

މުޙައްމަދު ޞާދިޤު ވ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ޖުލައި 2026ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/307
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓްރައިޕާޓައިޓް ގެރެންޓީ އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށް ނެގި ދިފާޢަށް ސިވިލް ކޯޓުން ގޮތެއް ނުނިންމާއިރު، ހައިކޯޓުން ހެކި ވަޒަންނުކޮށް އެ ދިފާޢަށް އިސްވެ ގޮތް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުމަކީ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (1) އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފުތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު (މުޙައްމަދު ޞާދިޤުގެ ޒިންމާތަކާއި ދޯނި ވިއްކުމުގެ ހުއްދައާ ގުޅޭ ބައި)؛ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮމަން ލޯގެ އުސޫލުތަކުގެ މައްޗަށް ކޮންޓްރެކްޓާ ގުޅޭ ކަންކަން ބިނާވެފައިވާ ރާއްޖެ ފަދަ ޤައުމުތަކުގައި ޢާންމު އުސޫލަކީ ކަވިޔަޓް އެމްޕްޓޯރ (caveat emptor) އެވެ؛ އެއްބަސްވުމުގެ ކުރިން މަޢުލޫމާތު ހާމަކުރުމަކީ ބައިވެރިންނަށް ލާޒިމު ކަމެއް ނޫނެވެ؛ މަޢުލޫމާތު ހާމަނުކޮށް ހުރުމަކީ ކުރެވިދާނެ ކަމެކެވެ.

HN2 ކަވިޔަޓް އެމްޕްޓޯރ އަކީ ހައްދެއް ނެތި ތަޠުބީޤުކުރެވޭ އުސޫލެއް ނޫނެވެ؛ ހާމަކުރުމުގެ ޒިންމާ އުފެދި، ހާމަނުކުރުމަކީ ޙަޤީޤަތް އޮޅުވާލުން (misrepresentation) ނުވަތަ fraud ގެ ތެރޭގައި ހިމެނިދާނެ އިސްތިސްނާތަކުގެ ތެރޭގައި: (ހ) active concealment، (ށ) half-truths، (ނ) fiduciary relationships، (ރ) uberrimae fidei / utmost good faith ކޮންޓްރެކްޓްތައް، (ބ) changed circumstances، (ޅ) ޤާނޫނުން ހާމަކުރުމުގެ ޒިންމާ މަތިކޮށްފައިވުން ހިމެނެއެވެ.

HN3 ތިން ފަރާތެއްގެ އެއްބަސްވުމެއްގައި އެއް ފަރާތެއްގެ މައްޗަށް އިސްތިއުނާފު ރައްދު ނުކުރުމަކީ ހާމަކުރުމުގެ ޒިންމާއާމެދު ސުވާލު އުފައްދަންޖެހޭ ސަބަބެއް ނޫނެވެ؛ ޒިންމާ އޮތީ ކަމަށް ބުނާ ފަރާތް (އިސްތިއުނާފު ރައްދުވާ ފަރާތް) ގެ މައްޗަށް އެ ޒިންމާ އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ފަނޑިޔާރުގެ ދައުރެވެ.

HN4 ގެރެންޓީ އެއްބަސްވުމެއްގައި ކްރެޑިޓަރުގެ މައްޗަށް ހާމަކުރުމުގެ ޒިންމާ އޮތްތޯ ކަނޑައެޅުމުގެ ކުރިން، އެއީ ކޮން ބާވަތެއްގެ އެއްބަސްވުމެއްކަން (ޕަރސަނަލް ގެރެންޓީ ނުވަތަ ސެކިއުރިޓީ އެއްބަސްވުން) އާއި، އޭގެ ޒާތާއި، ބައިވެރިންގެ ހައިސިއްޔަތު ބަލަންޖެހެއެވެ؛ އެއްބަސްވުމުގައި ލިޔެފައިވާ ނަމަކުން ބާވަތް ކަނޑައެޅިގެން ނުދެއެވެ.

HN5 ބޭންކުތަކުގެ މުޢާމަލާތްތަކާ ގުޅޭ ބޭރުގެ ޤަޟިއްޔާތަކުން ނެގޭ އުސޫލު، ބޭންކިންގ ޤާނޫނުތައް ނުހިނގާ މާލީ އިދާރާއެއް ނޫން ކުންފުނިތަކުގެ މުޢާމަލާތްތަކަށް ތަޠުބީޤުކުރުމުގެ ކުރިން އެ ތަފާތަށް ރިޢާޔަތްކޮށް، އެއީ ޢާންމު ޤާނޫނީ އުސޫލެއްކަން ސާފުކުރަންޖެހެއެވެ؛ ރާއްޖޭގައި ތަޠުބީޤުކުރެވޭ ޢާންމު ޤާނޫނީ އުސޫލުތަކަކީ ހުޅުވިގެންވާ މިނިވަން ދިމިޤްރާޠީ މުޖްތަމަޢުތަކުގައި އެ މައުޟޫޢެއްގައި އިސްތިޤުރާރުވެފައިވާ އުސޫލުތަކެވެ.

HN6 ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފީ މައްސަލައެއްގެ މައުޟޫޢަށް ގޮތް ކަނޑައެޅޭނީ، ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ފުރިހަމައަށް އަދި ޞައްޙަކޮށް ކަށަވަރުކޮށްދީފައިވާނަމަ އެކަންޏެވެ؛ ނޫންނަމަ ވާޤިޢާ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލުކުރަންވާނެއެވެ. ދަށު ކޯޓުން ގޮތެއް ނުނިންމާ ދިފާޢަކަށް، ހެއްކާއި ޤަރީނާ ވަޒަން ނުކޮށް ހައިކޯޓުން އިސްވެ ގޮތް ކަނޑައެޅުމަކީ 46 ވަނަ މާއްދާއާ ޚިލާފު ކަމެކެވެ.

HN7 ޙަޤީޤަތް އޮޅުވާލިކަމުގެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ) ނުކުތާއަށް ގޮތް ކަނޑައެޅޭނީ އެއްބަސްވުމުގެ ކުރިން ދެކެވުނު ވާހަކަތަކާއި ވާޤިޢާތައް ބެލުމަށްފަހު ކަމުން، ދަށު ކޯޓުން ވާޤިޢާ ކަނޑައަޅާފައި ނުވާ ޙާލަތުގައި ސުޕްރީމް ކޯޓުން އެ ނުކުތާއަށް ގޮތެއް ނުނިންމައި، ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ބައި އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލުކުރެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު

ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ގއ.ވިލިނގިލި، ހާރޓް، މުޙައްމަދު ޞާދިޤު (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުޙައްމަދު ޞާދިޤު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/SC-A/17 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އެފް.އެސް.އެމް") ގެ މައްޗަށެވެ.

މުޢާމަލާތުގެ ފަސްފަހަތް

2ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ލަޔަން ޓްރޭޑިންގ") އަކީ އެފް.އެސް.އެމް އާއެކު ތެލުގެ ވިޔަފާރި ކުރަމުން އައި ފަރާތެކެވެ. މި ދެ ފަރާތުގެ މެދުގައި ކުރަމުން އައި ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން މުޙައްމަދު ޞާދިޤާއި، އެފް.އެސް.އެމް އާއި، ލަޔަން ޓްރޭޑިންގ މެދުގައި ޕަރސަނަލް ގެރެންޓީ ދޭ އެއްބަސްވުމެއްގައި (މީގެ ފަހުން "ޓްރައިޕާޓައިޓް އެއްބަސްވުން") 21 އޮކްޓޫބަރު 2017 ގައި ސޮއިކުރިއެވެ.

3އެއަށްފަހު، ލަޔަން ޓްރޭޑިންގ އެދުމުގެ މަތިން އެފް.އެސް.އެމް އިން އެކިފަހަރު މަތިން ކްރެޑިޓަށް ދޫކޮށްފައިވާ ތެލަށްވާ ފައިސާ ދައްކާފައިނުވާ ކަމުގައި ބުނެ، ދެ ފަރާތުގެ މެދު ކުރެވުނު ތެލުގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ތެރެއިން ދައްކަންޖެހޭ 15,756,924.59ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި) އާއި، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދުމަށް އެދި ލަޔަން ޓްރޭޑިންގައާއި މުޙައްމަދު ޞާދިޤުގެ މައްޗަށް އެފް.އެސް.އެމް އިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާ

4ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި ލަޔަން ޓްރޭޑިންގ ޢައިރު ހާޒިރުގައި ޙުކުމްކޮށްފައިވަނީ އެފް.އެސް.އެމްއާއި ލަޔަން ޓްރޭޑިންގައާދެމެދު ކޮށްފައިވާ މުޢާމާލަތްތަކުގެ ތެރެއިން ލަޔަން ޓްރޭޑިންގ ފަރާތުން ކްރެޑިޓަށް ނަގާފައިވާ ތެލުގެ އެކި ބާވަތްތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހި ނުދައްކާވާ ކަމަށް އެފް.އެސް.އެމް އިން ބުނާ 15,756,924.59ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި) އަކީ ލަޔަން ޓްރޭޑިންގ ފަރާތުން ދައްކަންޖެހޭ ފައިސާ ކަމާމެދު އެ ކުންފުނީގެ ފަރާތުން އިންކާރުކޮށްފައި ނުވާތީ، މި ފައިސާއަކީ ލަޔަން ޓްރޭޑިންގ ފަރާތުން އެފް.އެސް.އެމް އަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، މި ފައިސާ އެފް.އެސް.އެމް އަށް ލިބިދިނުމުގެ ގޮތުން 18 އޮގަސްޓް 2021 އިން ފެށިގެން ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަމުން ގޮސް 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި ދަރަނި ޚަލާޞްކުރުމަށް ލަޔަން ޓްރޭޑިންގ އަށް އެންގުމާއެކު، ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، ތަންފީޒީ ޤަސިއްޔާގެ ތެރެއިން މި ޤަޟިއްޔާ ބިނާކޮށްފައިވާ މުޢާމަލާތާ ގުޅިގެން ކޮލެޓަރަލްގެ ގޮތުގައި ބަހައްޓާފައިވާ މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ ދޯނިގެ ވިއްކާލުމަށް އެދުމުގެ ޙައްޤު އެފް.އެސް.އެމް އަށް ލިބިގެންވާ ކަމަށް ކަނޑައަޅައެވެ.

5ސިވިލް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

5.1. އެފް.އެސް.އެމްގެ ފަރާތުން ލަޔަން ޓްރޭޑިންގގެ ކިބައިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން، ލަޔަން ޓްރޭޑިންގއަށް ދޫކުރި ތެލުގެ ބާވަތްތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް އެފް.އެސް.އެމް އިން ދަޢުވާގައި ބަޔާންކޮށްފައިވާ 15,756,924.59ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި) ދެއްކުމަށް ލަޔަން ޓްރޭޑިންގގެ ފަރާތުން އިންކާރުކޮށްފައި ނުވާކަން.

5.2. އިންވޮއިސްގައި ޖޫރިމަނާ ނެގޭނެކަމަށް ބަޔާންކޮށްފައިވާ މާއްދާއަށް ލަޔަން ޓްރޭޑިންގގެ ފަރާތުން އެއްބަސްވާކަމަށް ބެލިނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް SC 50 [2021] ޤަޟިއްޔާގައި ލިކުއިޑޭޓެޑް ޑެމޭޖެސް އަދި ޕެނަލްޓީ ކްލޯޒްއާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމުން، އެ ފައިސާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަން.

5.3. އެފް.އެސް.އެމް އާއި ލަޔަން ޓްރޭޑިންގ އަދި މުޙައްމަދު ޞާދިޤު ސޮއިކޮށްފައިވާ ޓްރައިޕާޓައިޓް އެއްބަސްވުމަކީ އެފް.އެސް.އެމް އާއި ލަޔަން ޓްރޭޑިންގ އާދެމެދު ކުރަމުންދާ ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން މުޙައްމަދު ޞާދިޤު އާއި އެ ދެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްކަމަށް އެ އެއްބަސްވުމުގެ ތަޢާރަފުގައި ބަޔާންކޮށް، 5 ރަޖިސްޓްރީ ނަންބަރު P2471B-01 02-P 6 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަސިއްޔާ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި ސެކިއުރިޓީއެއްގެ ގޮތުގައި ބޭއްވުމަށް އެއްބަސްވެފައިވާކަން.

5.4. ޓްރައިޕާޓައިޓް އެއްބަސްވުމުގައި ލަޔަން ޓްރޭޑިންގގެ ފަރާތުން އެފް.އެސް.އެމް އާއެކު ކުރަމުންދާ ވިޔަފާރިއަށް އިޝާރާތްކޮށްފައިވާތީ، ކުރީގެ މުޢާމަލާތްތަކާއި އެއްބަސްވުމުގެ ފަހުން ކުރާ މުޢާމަލާތްތައް ވަކިކުރެވެން ނެތްކަމާއި، ޓްރައިޕާޓައިޓް އެއްބަސްވުމަކީ ކުރިންސުރެ ކުރަމުން އައި ވިޔަފާރިއެއްގެ މައްޗަށް ވެފައިވާ އެއްބަސްވުމެއްކަން އެނގޭތީ، ޓްރައިޕާޓައިޓް އެއްބަސްވުން ވުމާއި ހަމައަށް ކޮށްފައިވާ މުޢާމަލާތްތަކުގެ މައްޗަށްވެސް އެ އެއްބަސްވުމުގެ ދަށުން ދީފައިވާ ސެކިއުރިޓީ ބޭނުން ކުރެވޭނެކަން.

5.5. ކްރެޑިޓަށް މުދާ ދޫކުރުމުގެ ނުވަތަ ޚިދުމަތްދިނުމުގެ މުޢާމަލާތްތަކުގައި ސެކިއުރިޓީގެ ގޮތުގައި ބަހައްޓާ މުދަލަކީ ރަހުނުގެ ނަތީޖާ އަންނަ ގޮތަށް ބަހައްޓާ މުދަލަކަށްވާތީ، މިފަދަ މުދާ ވިއްކާލުމުގެ ޙައްޤު ފައިސާ ލިބެންޖެހޭ ފަރާތަށް ލިބިގެންދާނީ ފައިސާ ހޯދުމަށް ހުށަހަޅާ ޤަޟިއްޔާއެއްގެ ޙުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ތަންފީޒީ ޤަޟިއްޔާގެ ތެރެއިން ޝަރީޢަތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހުކަން.

ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާ

6ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން މުޙައްމަދު ޞާދިޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށެވެ.

7ހައިކޯޓުން މި މައްސަލަ ނިންމާފައިވާ ބިނާ އަހުރެންގެ މި ރައުޔުގައި މައުޟޫޢާ ގުޅޭ ކަންކަމަށް ބަލާއިރު ހިމަނާން މުހިންމުކަމަށް ފެންނާތީ، މި ސުރުޚީގެ ދަށުގައި ނުހިމަނާ ކުރިއަށްދާނަމެވެ. سٹوޕީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް އަދި އޭގެ ރައްދު

8ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ނިންމުމާމެދު ހިތް ހަމަ ނުހެޖެހޭތީ، އެ ނިންމުން މުޙައްމަދު ޞާދިޤު ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގައި 2 (ދޭއް) ސަބަބު ހުށަހަޅާފައިވެއެވ. އެއީ:

8.1. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛ އަދި

8.2. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

9މިގޮތުން، ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމުގައި މުޙައްމަދު ޞާދިޤުގެ ފަރާތުން ބަޔާންކޮށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި، ޓްރައިޕާޓައިޓް އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ވައިޓް ސާފަރ" ދޯނި ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓުމަށްޓަކައި ލިބެންޖެހޭ މަޢުލޫމާތު ހާމަ ނުކުރާކަމަށާއި، އެ އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މުޙައްމަދު ޞާދިޤުގެ ފަރާތުން ސިވިލް ކޯޓުގައި ދިފާޢެއް ނަގާފައިވާ ހިނދު، ސިވިލް ކޯޓުން އެ ނުކުތާއަށް ގޮތެއް ކަނޑައަޅާފައި ނުވުމުގެ އިތުރުން، އެ ދިފާޢަށް ރިޢާޔަތްނުކުރި ސަބަބުވެސް ބަޔާންކޮށްފައި ނުވާކަމުގައި މުޙައްމަދު ޞާދިޤުގެ ފަރާތުން ބުނެއެވެ. އަދި ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގެ 43 ވަނަ ނުކުތާގައި ސިވިލް ކޯޓުން އެފަދައިން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބަޔާންކުރުމަށްފަހު، މުޙައްމަދު ޞާދިޤުގެ ފަރާތުން ސިވިލް ކޯޓުގައި ނެގި ދިފާޢާމެދު ހައިކޯޓުން އިސްވެ ގޮތް ކަނޑައަޅާފައިވާ ކަމަށް މުޙައްމަދު ޞާދިޤު ބަޔާންކުރެއެވެ. އެހެންނަމަވެސް ހައިކޯޓުން އެ ނުކުތާއަށް ގޮތް ކަނޑައެޅިއިރު، މުޙައްމަދު ޞާދިޤުގެ ފަރާތުން ދިފާޢު ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކާއި، ވާޤިޢާތަކުން ކުރެވޭ ދޭހަތަކާމެދު ހައިކޯޓުގެ ނިންމުމުގައި އެއްވެސް ނުކުތާއެއް ފާހަގަކޮށްފައި ނުވާތީ، ހައިކޯޓުން އަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް މުޙައްމަދު ޞާދިޤުގެ ފަރާތުން ބުނެއެވެ. އަދި މިއީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ހައިކޯޓުން އިސްތިއުނާފީ މައްސަލައެއްގެ މައުޟޫޢަށް ގޮތް ކަނޑައެޅުމުގައި އަމަލުކުރުމަށް ބަޔާންކޮށްފައި އޮންނަ އުސޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވެސް މުޙައްމަދު ޞާދިޤުގެ ފަރާތުން ބުނެއެވެ.

10މި އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން އެފް.އެސް.އެމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޓްރައިޕާޓައިޓް އެއްބަސްވުމުގައި ލަޔަން ޓްރޭޑިންގގެ ފަރާތުން އެފް.އެސް.އެމްއާއެކު ކުރަމުންދާ ވިޔަފާރިއަށް އިޝާރާތްކޮށްފައިވާތީ، އެއްބަސްވުމުގެ ކުރީގެ މުޢާމަލާތްތަކާއި އެއްބަސްވުމުގެ ފަހުން ކުރާ މުޢާމަލާތްތައް ވަކިކުރެވެން ނެތް ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ކުރިންސުރެ ކުރަމުން އައި ވިޔަފާރިއެއްގެ މައްޗަށް ވެފައިވާ އެއްބަސްވުމެއްކަން ސިވިލް ކޯޓުން އެއްބަސްވުން މާނަކޮށްދިނުމުގައި ފާހަގަކޮށްފައިވާއިރު، މިއިން އެއްވެސް ކަމެއްގެ މައްޗަށް މުޙައްމަދު ޞާދިޤުގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅައި ތައުނުކޮށްފައި ނުވާކަމާއި، މުޙައްމަދު ޞާދިޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހަމައެކަނި ނުކުތާއަކީ ޙަޤީޤަތް އޮޅުވާލައިގެން އެއްބަސްވުން ވެފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެކަނިކަމުން، ހައިކޯޓުން އެ ނުކުތާއަށް ގޮތް ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ނުބަލާ ކަމަށް ބުނުމުގެ ޖާގައެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

11ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މުޙައްމަދު ޞާދިޤުގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި، ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ މުޙައްމަދު ޞާދިޤުގެ ފަރާތުން ސިވިލް ކޯޓުން ހުށަހެޅި ދިފާޢު ސާބިތުކުރުމަށް ހުށަހެޅި ހެކިތަކާއި، ވާޤިޢާތަކުން ކުރެވޭ ދޭހަތަކަށް ރިޢާޔަތްކުރުމަކާއި ނުލައި ހައިކޯޓުން އިސްވެ ކަނޑައެޅި ގޮތުގެ މައްޗަށް ކަމަށްވާއިރު، އަދި އެ ނުކުތާއަށް ހައިކޯޓުން ގޮތް ނިންމުމުގައި އެހެނިހެން ޤައުމުތަކުން މިފަދަ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކުގެ އަލީގައި، އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރެއް ބުނެދިނުމުގެ ޒިންމާ މުއައްސަސާތަކަށް އޮންނަކަމުގައި ނުބެލެވޭކަމަށް އެ ކޯޓުން ފާހަގަކޮށްފައިވާ ހިނދު، މި މައްސަލައިގައި ހާމަކޮށްފައިނުވާ މަޢުލޫމާތު ކަމަށް ބުނެ ހުށަހަޅާފައިވަނީ އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރު ނޫންކަމާއި، މި މައްސަލައިގައި ހާމަކޮށްފައިނުވަނީ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓި މުޢާމަލާތާއި ގުޅޭ މާޒީގައި އޮތް ދަރަނީގެ މިންވަރު ކަމާއި، ކޮލެޓަރަލް ބެހެއްޓީ މާޒީގައި އޮތް ދަރަނީގެ އަދަދުވެސް ރައްކާތެރިކުރުމަށްޓަކައި ކަމަށް އެފް.އެސް.އެމްގެ ފަރާތުން ބުނާނަމަ، އެ ޢަދަދަކީ ހާމަކުރަންޖެހޭ މަޢުލޫމާތެއް ނޫންކަމަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ފާހަގަކުރި ސަބަބަކީ މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ސަބަބެއް ނޫން ކަމަށް މުޙައްމަދު ޞާދިޤުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ޓްރައިޕާޓައިޓް އެއްބަސްވުމުގެ ފަހުން އެފް.އެސް.އެމް އާއި ލަޔަން ޓްރޭޑިންގ އާދެމެދު ތެލުގެ ވިޔަފާރިއާގުޅޭ އިތުރު މުޢާމަލާތެއް ހިނގާފައި ނުވާހިނދު، ކޮލެޓަރަލް ބަހައްޓަނީ ލަޔަން ޓްރޭޑިންގގެ ފަރާތުން މާޒީގައި ދައްކަންޖެހި ނުދައްކައި އޮތް ޢަދަދެއްގެ މައްޗަށް ކަމަށްވާނަމަ، އެކަން ހާމަނުކޮށް އޮތް އޮތުމަކީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ކަމުން، ހައިކޯޓުން މިކަން ކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މުޙައްމަދު ޞާދިޤުގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.

12މި އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން އެފް.އެސް.އެމްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގެ 42 ވަނަ ނަންބަރުގައި އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރުގެ ގޮތުގައި ހަވާލާދީފައިވަނީ އެފް.އެސް.އެމްގެ ދަރަނީގެ ވާހަކަ ނޫންކަން އެ ނުކުތާ އެއްކޮށް ކިޔުމުން އެނގޭކަމަށާއި، މި ގޮތުން އެ އިބާރާތުގައި ބޭންކުން ނަގާ ލޯނުތަކުގައި ސެކިއުރިޓީ ނުވަތަ ޝުއަރިޓީދޭ ފަރާތަކަށް ލޯނު / ކުރެޑިޓް ނަގާ ފަރާތުގެ ދަރަނީގެ މިންވަރަކީ ކޮބައިކަން ޒިންމާއެއް ނޯންނާނެ ކަމަށާއި، މިއީ، ގެރެންޓަރެއްގެ ހައިސިއްޔަތުން އަމިއްލައަށް ކަށަވަރު ކުރަންޖެހޭ މަޢުލޫމާތެއް ކަމުގައި ކަނޑައަޅާފައިވާ ކަމުގައެވެ. އެހެންކަމުން، އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރު ކަމުގައި ބުނެ ހައިކޯޓުން ހަވާލާދީފައި އެވަނީ ލަޔަން ޓްރޭޑިންގގެ ފަރާތުން އެފް.އެސް.އެމްއަށް ދޭން އޮތް ދަރަނީގެ މިންވަރު ނުވަތަ ރަހުނު ބެހެއްޓޭ ދަރަނީގެ މިންވަރު ކަށަވަރުކުރުމަކީ ގެރެންޓަރގެ ހައިސިއްޔަތުން މުޙައްމަދު ޞާދިޤުގެ ކުރަންޖެހޭ ކަމެއް ކަމުގައިކަމެވެ. އަދި ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލުމުގެ ސަބަބުން ވެފައިވާ އެއްބަސްވުމެއް ކަމުގައި މުޙައްމަދު ޞާދިޤުގެ ފަރާތުން ބުނާބުނުމަކީ އެކަން ސާބިތުކުރުމުގެ ބުރަ އެ ފަރާތުގެ މައްޗަށް އޮތް، އެހެންނަމަވެސް އެއްވެސް މަރުހަލާއެއްގައި ސާބިތުކޮށްދެވުނު ދަފުއެއް ނޫން ކަމަށެވެ.

13މުޙައްމަދު ޞާދިޤު ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު ދެ ނުކުތާއަކީވެސް ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ އެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބިނާވާ ދެ ނުކުތާ ކަމުގައިވާތީ، އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާ، ޙަޤީޤަތް އޮޅުވާލުމާއި ގުޅިގެން ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުންތައް ވަކިވަކިން ބަލައި، އެއިން ކޮންމެ ކަމަކާ ގުޅޭގޮތުން އަހުރެން ދެކޭގޮތް ބަޔާންކުރާނަމެވެ.

ޙަޤީޤަތް އޮޅުވާލުމާއި ގުޅޭ ކަންކަން

14ޙަޤީގަތް އޮޅުވާލުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ދިފާޢާއި، އެ ނުކުތާގައި ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުންތަކާއި، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އަހުރެންނަށް ފާހަގަކޮށްފައިވާ ކަންކަން ވަކި ސުރުޚީގެ ގޮތުގައި ފާހަގަކުރާނަމެވެ.

(ހ) ޙަޤީޤަތް އޮޅުވާލުމާ ގުޅޭ ދިފާއު ނަގާފައިވުން

15ލަޔަން ޓްރޭޑިންގގެ އެދުމުގެ މަތިން އެފް.އެސް.އެމް އިން އެކިފަހަރު މަތިން ކްރެޑިޓަށް ދޫކޮށްފައިވާ ތެލަށްވާ ފައިސާ ދައްކާފައިނުވާ ކަމުގައި ބުނެ، ދެ ފަރާތުގެ މެދު ކުރެވުނު ތެލުގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ތެރެއިން ދައްކަންޖެހޭ 15,756,924.59ރ. (ފަނަރަ މިލިއަން ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި) އާއި، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދުމަށް އެދި ލަޔަން ޓްރޭޑިންގއާއި މުޙައްމަދު ޞާދިޤުގެ މައްޗަށް އެފް.އެސް.އެމް އިން ސިވިލް ކޯޓުގައި ދަޢުވާ ކުރުމުން، މުޙައްމަދު ޞާދިޤުގެ ފަރާތުން ސިވިލް ކޯޓުގައި ދިން ޖަވާބުގައި، އެ ދަޢުވާގައި ބަޔާންކޮށްފައިވާ 15,756,924.59ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި) އާގުޅިގެން ސެކިއުރިޓީއެއް ބާއްވާފައި ނުވާނެކަމަށާއި، ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތްތަކަކީ ޓްރައިޕާޓައިޓް އެއްބަސްވުން ވުމުގެ ކުރިން ލަޔަން ޓްރޭޑިންގއާއި އެފް.އެސް.އެމް.ގެ ފަރާތުން ކޮށްފައިވާ މުޢާމަލާތްތަކަކަށް ދައްކަންޖެހި ނުދައްކާވާ ފައިސާ ކަމުގައާއި، ކޮލެޓަރަލްގެ ގޮތުގައި "ވައިޓް ސާފަރ" ބަހައްޓާފައިވަނީ، އެ ފަދައިން އުޅަނދު ސެކިއުރިޓީ އެއްގެ ގޮތުގައި ބެހެއްޓުމަށްފަހު ކުރާ މުޢާމަލާތްތަކަކީ އުޅަނދުގެ ވެލިއު ނުވަތަ އަގު ކަމުގައި އެފް.އެސް.އެމް. އިން ކަނޑައަޅާ އަގަށްވުރެ 75% (ހަތްދިހަ އިން ސައްތަ) އަށް ވުރެ މަތި ނުވާ ކްރެޑިޓް މުޢާމަލާތްތަކަކަށް ފަހިކޮށްދިނުމަށް ކަމަށާއި، މިއީ އެފް.އެސް.އެމްގެ ފަރާތުން ކްރެޑިޓަށް ތެޔޮ ދޫކުރާ އާންމު އުސޫލު ކަމުގައި ވުމުގެ އިތުރުން، މުޙައްމަދު ޞާދިޤުގެ ފަރާތުން ޓްރައިޕާޓައިޓް އެއްބަސްވުމުގައި ސޮއިކޮށްފައިވެސް ވަނީ އެފް.އެސް.އެމް. އާއި ލަޔަން ޓްރޭޑިންގްގެ ފަރާތުންވެސް އެފަދައިން މަޢުލޫމާތު ދިނުމުން ކަމުގައެވެ. އަދި "ވައިޓް ސާފަރ" އަކީ ޓްރައިޕާޓައިޓް އެއްބަސްވުމުގެ ތާރީޚުގެ ކުރިން ކޮށްފައިވާ މުޢާމަލާތްތަކެއްގެ މައްޗަށް އޮތް ސެކިއުރިޓީއެއް ކަމުގައި ބަލާނަމަ، އެ އެއްބަސްވުމަކީ އެފް.އެސް.އެމްގެ ފަރާތުން ޙަޤީޤަތް އޮޅުވާލައިގެން، މަކަރާއި ހީލަތުން ކުރުވާފައިވާ ކަމެއް ކަމަށެވެ. އަދި އެހެންކަމުން، ޓްރައިޕާޓައިޓް އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 އަދި 13 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، ބާޠިލު އެއްބަސްވުމެއް ކަމުގައެވެ.

16ސިވިލް ކޯޓުގައި އުފުލުނު ދަޢުވާއަށް ލަޔަން ޓްރޭޑިންގގެ ފަރާތުން ޖަވާބުދާރީވީއިރު، އެ ކުންފުންޏާއި އެފް.އެސް.އެމް. އާ ދެމެދު ކުރެވުނު ތެލުގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ތެރެއިން 15,756,924.59 ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި) ދައްކަންޖެހޭ ކަމުގައި ލަޔަން ޓްރޭޑިންގ ފަރާތުން އިޢުތިރާފުވެފައި ވެއެވެ. އެހެންނަމަވެސް، އެ މުޢާމަލާތްތަކާއި ގުޅިގެން ޖޫރިމަނާ ފައިސާއަށް ލަޔަން ޓްރޭޑިންގ ފަރާތުން އެއްބަސްވެފައި ނުވާނެ ކަމުގައި ބުނެ، ޖޫރިމަނާ ފައިސާއަށް އެ ކުންފުނިން އިންކާރުކޮށްފައިވެއެވެ. އޭގެ އިތުރުން، ޓްރައިޕާޓައިޓް އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ "ވައިޓް ސާފަރ" ކޮލެޓަރަލްއެއްގެ ގޮތުގައި ބަހައްޓާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ތެލުގެ މުޢާމަލާތްތަކާއި ގުޅިގެން ނޫން ކަމުގައާއި، އެ އުޅަނދު ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓާފައިވަނީ ލަޔަން ޓްރޭޑިންގ އަށް ކްރެޑިޓަށް އިތުރަށް ތެޔޮ ދޫކުރެވޭނީ ސެކިއުރިޓީއެއްގެ ގޮތުގައި މުދަލެއް ބަހައްޓައިގެން ކަމުގައި އެފް.އެސް.އެމްގެ ފަރާތުން ބުނުމުން ކަމުގައި ލަޔަން ޓްރޭޑިންގ ފަރާތުން ބުނެފައިވެއެވެ. އަދި، ލަޔަން ޓްރޭޑިންގ ފަރާތުން އެދުނު ފަދައިން ކޮލެޓަރަލްއެއްގެ ގޮތުގައި "ވައިޓް ސާފަރ" ބޭއްވިނަމަވެސް، ޓްރައިޕާޓައިޓް އެއްބަސްވުން ވުޖޫދަށް އައިފަހުން، އެފް.އެސް.އެމްގެ ފަރާތުން ލަޔަން ޓްރޭޑިންގ އަށް ތެޔޮ ދޫކޮށްފައި ނުވާކަމުގައާއި، ޓްރައިޕާޓައިޓް އެއްބަސްވުމުގެ ދަށުން "ވައިޓް ސާފަރ" ކޮލެޓަރަލްއެއްގެ ގޮތުގައި ބަހައްޓާފައިވަނީ އެފް.އެސް.އެމްގެ ފަރާތުން ކަމުގެ ޙަޤީޤަތް އޮޅުވާލައިގެން ކަމަށެވެ.

17އެފް.އެސް.އެމްގެ ފަރާތުން ލަޔަން ޓްރޭޑިންގއާއި މުޙައްމަދު ޞާދިޤުގެ މައްޗަށް ހުށަހަޅާފައިވާ މި ދަޢުވާއަށް ސިވިލް ކޯޓުން ގޮތް ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ މާއްދާތަކަށް ބެލުމަށްފަހުކަން އެ މައްސަލަ ނިމުނު ގޮތަށް ބެލުމުން އެނގެއެވެ. އެހެންނަމަވެސް، އެފަދައިން ސިވިލް ކޯޓުން ގޮތް ކަނޑައެޅުމުގައި ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމުގައި ބުނެ، އެ މައްސަލައިގެ ދަޢުވާ ރައްދުވި ދެ ފަރާތުންވެސް ފާހަގަކޮށްފައިވާ ނުކުތާއާމެދު އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވެއެވެ. އަދި އެފަދައިން އެ ނުކުތާއާމެދު ނަޒަރުކޮށް ގޮތެއް ކަނޑައަޅާފައިނުވާ ސަބަބެއް ވެސް ބަޔާންކޮށްފައި ނުވެއެވެ.

(ރ) ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ އަދި ހައިކޯޓުގެ ނިންމުން ބިނާކުރި ސަބަބުތައް

18މުޙައްމަދު ޞާދިޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ބިނާއަކީވެސް އެއެވެ. ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމުގައި ދެކިގެން، އެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމުގައި ބުނެ ސިވިލް ކޯޓުގައި ދިފާޢެއް ހުށަހަޅާފައި އޮތް އިރު، އެކަމަށް ރިޢާޔަތް ކުރުމެއް ނެތި، އަދި އެފަދައިން ރިޢާޔަތްކުރި ސަބަބު ބަޔާންކުރުމެއް ނެތި ސިވިލް ކޯޓުން ގޮތް ކަނޑައަޅާފައިވުމެވެ. އެ ސަބަބަށްޓަކައި މުޙައްމަދު ޞާދިޤުގެ ފަރާތުން ހައިކޯޓުގައި އެދިފައި އޮތީ ސިވިލް ކޯޓުގެ ނިންމުން ބާޠިލުކޮށްދިނުމަށެވެ.

19ހައިކޯޓުގެ ނިންމުމުގައި ދެ ރައުޔެއް ހިމަނާފައިވެއެވެ. އޭގެ ތެރެއިން މައްސަލައިގެ އަޣްލަބިއްޔަތު އެ މައްޗަށް ބިނާވި ރައުޔުގައި މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ:

19.1. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި ޓްރައިޕާޓައިޓް އެއްބަސްވުން ތަޠުބީޤު ކުރެވޭނެކަމުގައި ކަނޑައަޅާފައިވާއިރު، އެ އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ބަނދެވިފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދިފައިވާ އެދުމާ ގުޅޭގޮތުން ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތްކަން، އަދި ސުޕްރީމް ކޯޓުގެ އަހްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން 2021 SC 30] މައްސަލައަށް ޙަވާލާދީ، އެފަދައިން އެ ނުކުތާއަށް ގޮތް ކަނޑައަޅާފައި ނުވަނީ ގޯސްކޮށްކަން؛

19.2. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއަށް ހަވާލާދީ، ބިރެއްދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރި ކުރުވާފައިވާ ކޮންޓްރެކްޓަކީ، އެ މީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫން ކަމުގައި، އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާގައި، އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެއް ކަމުގައި ބަޔާންކުރުމަށްފަހު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ގައި ބަޔާންކުރާ ޙަޤީޤަތް އޮޅުވާލުމަށާއި، ސުޕްރީމް ކޯޓުގެ އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް [2021] SC 01 މައްސަލައަށް ޙަވާލާދީ، ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ފުރިހަމަވުމުގައި ދެ ކަމެއް ފުރިހަމަވާންޖެހޭނެ ކަމުގައާއި، މިގޮތުން، (1) ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެ މީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުން ނުވަތަ ވަކާލާތު ކުރުން؛ އަދި (2) އެފަދައިން ދެއްކުމުން ނުވަތަ ވަކާލާތުކުރުމުގެ ނަތީޖާއެއްގެ ގޮތުން އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވުން ހިމެނޭކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، 15 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 33 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 17 ވަނަ ސަފުހާ) 16 ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. "ކޮންޓްރެކްޓުގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެއެވެ." 17 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ޤަޟިއްޔާ. 18 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 35 އަދި 36 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" 19 ގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ގުޅޭގޮތުން ހިމަނާފައިވާ ތަޢުރީފަކަށްވެސް ފަނޑިޔާރު ހަވާލާދީފައިވާކަން؛

19.3. ޙަޤީޤަތް އޮޅުވާލުމުގެ ދިފާޢު ލިބިގަތުމަށްޓަކައި، އޮޅުވާލީ ކޮން ޙަޤީޤަތެއްކަން އެ ދިފާޢުގެ ބޭނުން ހިފާން އެދޭ ފަރާތަކުން ހެކި މެދުވެރިކޮށް ދައްކައިދެވެން ވާނެކަން؛

19.4. ޙަޤީޤަތް އޮޅުވާލުމުގެ މާނައިގެ ތެރޭގައި އަސްލާ ޚިލާފު ޙަޤީޤަތެއް ބަޔާންކުރުމާއި، ޙަޤީޤަތެއް ބަޔާންކޮށް ނުދިނުން ނުވަތަ ފޮރުވުން ނުވަތަ ހަނުހުރުން ހިމެނިދާނެ ކަމުގައިވާނަމަވެސް، ބަޔާންކޮށްނުދޭ ނުވަތަ ފޮރުވާ ނުވަތަ އެކަމުގެ މައްޗަށް ހަނުހުންނަ ކޮންމެ ވާޤިޔާއަކީ ޢާންމު އުސޫލުން ޙަޤީޤަތް އޮޅުވާލުން ކަމުގައި ނުބެލެވޭ ކަމުގައާއި، ކޮންޓްރެކްޓް ލޯގެ އާންމު އުސޫލުތަކުގައި، ކަމެއް ހާމަ ނުކުރުމަކީ ޙަޤީޤަތް އޮޅުވާލުންކަމުގައި ބަލާނީ ސުވާލު އުފެދިފައިވާ ޙަޤީޤަތް ހާމަކުރުމުގެ ޒިންމާއެއް (duty to inform) އެއްބަސްވުމުގެ ބައިވެރިޔާގެ މައްޗަށް އޮންނަ ޙާލަތުގައިކަން؛

19.5. ޙަޤީޤަތް ހާމަކުރުމުގެ ޒިންމާ އުފަންވެދާނެ ޙާލަތްތަކުގެ ތެރޭގައި އެއްބަސްވުމުގެ ޒިމްނީ މާއްދާއެއްގެ ގޮތުގައި، ސުވާލު އުފެދިފައިވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޤާނޫނީ އިލްތިޒާމެއް އޮންނަ ޙާލަތްތަކާއި، އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާވާ އެއްބަސްވުންތައް ހިމެނޭކަމުގައި؛ އަދި އާންމުކޮށް މިފަދައިން ޙަޤީޤަތް ހާމަކުރުމުގެ ޒިންމާ އޮންނާނީ އެއްބަސްވުމުގެ ބާވަތުން، އެއްބަސްވުމުގެ އެއް ބައިވެރިއަކު އެ މަޢުލޫމާތު ހާމަކުރުމުން މެނުވީ ނޭނގޭނެ މަޢުލޫމާތު ހާމަކުރުމުގައިކަން؛

19.6 މައްސަލައިގެ ވާޤިޔާތަކަށް ބަލާއިރު، ޙަޤީޤަތް ހާމަކުރުމުގެ ޒިންމާއެއް އޮންނާނެކަމަށް މުޙައްމަދު ޞާދިޤުގެ ފަރާތުން ބުނާނަމަވެސް، އެ ޒިންމާ އުފެދިގެން އަންނަ ގޮތް ސާފު ނޫން ކަމުގައާއި، ވަކިން ޚާއްޞަކޮށް، ޓްރައިޕާޓީ ގެރެންޓީ އެއްބަސްވުމެއްގައި ޙަޤީޤަތް ހާމަކުރުމުގެ ޒިންމާ އޮތީ އެފް.އެސް.އެމްގެ މައްޗަށްކަން ނުވަތަ ލަޔަން ޓްރޭޑިންގގެ މައްޗަށްކަން ސާފުނުވާ ކަމުގައާއި، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ލަޔަން ޓްރޭޑިންގ ހިމަނާފައި ނުވާކަން؛

19.7 ޓްރައިޕާޓައިޓް އެއްބަސްވުމަކީ ގެރެންޓީ ދިނުމުގެ އެއްބަސްވުމެއް ކަމުގައިވާއިރު، އެފް.އެސް.އެމް. އަކީ ކްރެޑިޓަރ ކަމުގައާއި، އެ ފަރާތުގެ މައްޗަށް ޙަޤީޤަތް ހާމަކުރުމުގެ ޒިންމާއެއް އޮތްކަމުގެ މައްޗަށް ބަލާއިރު، އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރު ބުނެދިނުމުގެ ޒިންމާ އޮންނަކަމުގައި ނުބެލެވޭ ކަމަށާއި، މިގޮތުން ބޭންކުން ނަގާ ލޯނުތަކުގެ ސެކިއުރިޓީ ނުވަތަ ޝުއަރިޓީދޭ ފަރާތްތަކަށް ލޯނު ނަގާ ފަރާތުގެ ދަރަނީގެ މިންވަރަކީ ކޮބައިކަން ބުނެދިނުމުގެ ޒިންމާއެއް ނޯންނާނެ ކަމަށާއި، މިއީ ގެރެންޓަރެއްގެ ހައިސިއްޔަތުން އެފަރާތުން އަމިއްލައަށް ކަށަވަރުކުރަންޖެހޭ މަޢުލޫމާތެއްކަން މި ބާވަތުގެ މައްސަލަތައް އެހެން ޤައުމުތަކުގައި ނިންމާފައިވާ ގޮތަށް ބެލުމުން އެނގޭކަން؛ އަދި

19.8 މުޙައްމަދު ޞާދިޤުގެ ފަރާތުން ސިވިލް ކޯޓުގައި ހުށަހަޅާފައިވާ ދިފާޢަށް އެ ކޯޓުން ގޮތެއް ނިންމާފައިނުވާއިރު، އެކަމުގެ ސަބަބު ބަޔާންކޮށްފައި ނުވަނީ ރަނގަޅަށް ނޫންކަމުގައި ކަމަށްވީނަމަވެސް، (މަތީގައި ހިމަނާފައިވާ ސަބަބުތައް އެހެން ހުރުމުން) ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލުމުގެ ސަބަބުން ވެފައިވާ އެއްބަސްވުމެއްކަން ސާބިތުކޮށްދިނުމަށް މުޙައްމަދު ޞާދިޤުގެ މައްޗަށް އޮތް ޒިންމާ ދަށު ކޯޓުގައާއި ހައިކޯޓުގައިވެސް އަދާކޮށްފައިނުވާތީ، އަދި ސިވިލް ކޯޓުން ކޮންޓްރެކްޓް މާނަކޮށް، ދަޢުވާގައި ހިމެނޭ މުޢާމަލާތްތަކުގެ މައްޗަށް ޓްރައިޕާޓައިޓް އެއްބަސްވުން ތަޠުބީޤުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ޠަޢުނުކޮށްފައިނުވާތީ، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭކަން؛ 26 މިއެވެ.

(ނ) އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ފާހަގަކުރެވޭ ކަންކަން

20ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ސިވިލް ކޯޓުގައި މައްސަލަ ރައްދުވި ފަރާތްތަކުން ފާހަގަކޮށްފައިވާ ނުކުތާއާމެދު އެ ކޯޓުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވެއެވެ. އަދި އެއްވެސް ގޮތެއް ނިންމާފައިވެސް ނުވެއެވެ. މީގެ އިތުރުން، އެ ނުކުތާއަށް ރިޢާޔަތްނުކޮށްވާ ސަބަބެއްވެސް ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވުމުން، މުޙައްމަދު ޞާދިޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ހިމަނާފައިވާ ހަމައެކަނި ނުކުތާއަކީ، އަދި މުޅި މައްސަލަ ބިނާކޮށްފައިވާ ސަބަބަކީވެސް އެއެވެ.

21އެހެންކަމުން، މި ރައުޔުގެ 19 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ހައިކޯޓުގެ ނިންމުން ނިންމާފައިވާތީ، މުޙައްމަދު ޞާދިޤުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްގައި އެކަން ފާހަގަކޮށް، ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއްކަމުގައި ބުނެ ހުށަހެޅި ދިފާޢަށް އެ ކޯޓުން ގޮތް ކަނޑައަޅާފައިނުވަނީ ރަނގަޅަށް ނޫންކަމުގައި ފާހަގަކުރުމަށްފަހު، މުޙައްމަދު ޞާދިޤުގެ ފަރާތުން ސިވިލް ކޯޓުގައި ނެގި ދިފާޢާމެދު 26 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 43 ވަނަ ޕެރެގްރާފް (ސޮޕްޓް އީޑޮފީގެ 20 އަދި އަދި 21 ވަނަ ސަފުހާ) ހައިކޯޓުން އިސްވެ ގޮތް ކަނޑައަޅާފައިވާ ކަމަށާއި، ހައިކޯޓުން އެފަދައިން ކަނޑައެޅިއިރު، މުޙައްމަދު ޞާދިޤުގެ ފަރާތުން ދިފާޢު ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކާއި، ވާޤިޢާތަކުން ކުރެވޭ ދޭހަތަކާމެދު ހައިކޯޓުގެ ނިންމުމުގައި އެއްވެސް ނުކުތާއެއް ފާހަގަކޮށްފައި ނުވާކަމުގައި މުޙައްމަދު ޞާދިޤު ބަޔާންކޮށްފައިވެއެވެ. އަދި މިހެންކަމުން، ހައިކޯޓުން އެ ނުކުތާގައި ގޮތް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) 1 ވަނަ ނަންބަރާ ޚިލާފަށް މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމެއް ނެތިކަމުގައި ވުމުގެ އިތުރުން، އެ ކޯޓުން އަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އިސްތިއުނާފީ މައްސަލައެއްގެ މައުޟޫޢަށް ގޮތް ކަނޑައެޅުމުގައި ހައިކޯޓުން އަމަލުކުރުމަށް ބަޔާންކޮށްފައި އޮންނަ އުސޫލާއި ޚިލާފަށް ކަމަށްވެސް މުޙައްމަދު ޞާދިޤުގެ ފަރާތުން ބުނެފައިވެއެވެ.

22މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި، ޙަޤީޤަތް އޮޅުވާލުމުގެ ދިފާޢު ލިބިގަތުމަށްޓަކައި، އެ ދިފާޢުގެ ބޭނުން ހިފާން އެދޭ ފަރާތަކުން، ހެކި މެދުވެރިކޮށް، އޮޅުވާލީ ކޮން ޙަޤީޤަތެއްކަން ދައްކައިދެވެން ވާނެ ކަމުގައި ބަޔާންކޮށްފައިވާހިނދު، ހައިކޯޓުން އެ ނުކުތާގައި ގޮތް ކަނޑައެޅިއިރު، މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު ހެއްކަކަށް ނުވަތަ ހައިކޯޓުގައި އެ ކަންކަމާ ގުޅިގެން ފާހަގަކުރެވުނު އެއްވެސް ނުކުތާއަކަށް ރިޢާޔަތްކޮށްފައިވާކަން އެނގެން ނެތެވެ.

23އަދި ހަމައެއާއެކު، ކޮންޓްރެކްޓް ލޯގެ އާންމު އުސޫލުތަކުގައި، ކަމެއް ހާމަ ނުކުރުމަކީ ޙަޤީޤަތް އޮޅުވާލުންކަމުގައި ބަލާނީ ސުވާލު އުފެދިފައިވާ ޙަޤީޤަތް ހާމަކުރުމުގެ ޒިންމާއެއް އެއްބަސްވުމުގެ ބައިވެރިޔާގެ މައްޗަށް އޮންނަ ޙާލަތުގައި ކަމުގައި ހައިކޯޓުގެ ނިންމުން އެ މައްޗަށް ބިނާވި ރައުޔުގައި ބަޔާންކޮށްފައިވާއިރު، އެ އުސޫލުގެ އިންތަކާއި ހުދޫދުތަކަށް އަލިއަޅުވާލާފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަން ފާހަގަވެއެވެ. އެގޮތުން، ޒިމްނީ މާއްދާތަކާއި އިތުބާރާއި ގާތްގުޅުމުގެ މައްޗަށް ބިނާވާ އެއްބަސްވުންތަކަށް މަތިމަތިން ހަވާލާދީފައިވާ ނަމަވެސް، ޙަޤީޤަތް ހާމަކުރުމުގެ ޒިންމާއާގުޅޭ އެންމެ އާންމު ބައެއް ކަންކަމަށް ހަވާލާދީފައިނުވާތީ، އެ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްފައިވާ ކަމުގައި ނުބެލެވެއެވެ.

24HN1ތެދެކެވެ. ދިވެހިރާއްޖެ ފަދަ، ކޮންޓްރެކްޓާގުޅޭ ކަންކަން ކޮމަން ލޯގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ ޤައުމުތަކުގައި، އެ ޤައުމެއްގެ ޤާނޫނީ ނިޒާމު އެފަދައިން އަމަލުކުރަން ތަންދޭނަމަ، އެއްބަސްވުމެއް ވުމުގެ ކުރިއަށް މަޢުލޫމާތު ހާމަކުރުމަކީ އެއްބަސްވުމުގެ ބައިވެރިން ކުރަން ލާޒިމުކަމެއް ނޫނެވެ. ލެޓިން ބަހުން ކަވިޔަޓް އެމްޕްޓޯރ (caveat emptor) ގެ ގޮތުގައި ހަވާލާދޭ އެ އުސޫލުގެ ބިނާވެފައިވަނީ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގައި ބަނދެވުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް (due diligence) ބަލައި ސާފުކުރާނެ ކަމުގެ މައްޗަށެވެ. އެހެންކަމުން، އެ އުސޫލުގެ ދަށުން މަޢުލޫމާތު ހުރި ފަރާތުން އެ މަޢުލޫމާތު ހާމަނުކޮށް ހަނުހުރުމަކީ ކުރެވިދާނެ ކަމެކެވެ.

25HN2އިސްވެ ބަޔާންކޮށްފައިވަނީ އާންމު އުސޫލު ކަމުގައިވާއިރު، ހަރުކަށި ކަމަށް ބެލެވޭ ކަވިޔަޓް އެމްޕްޓޯރގެ މި އުސޫލަކީ އިމެއް އަދި ހައްދެއް ނެތި ތަޠުބީޤުކުރެވޭ އުސޫލެއް ނޫނެވެ. އެ އުސޫލަށް ވެސް އިސްތިސްނާތަކެއް ވެއެވެ. އަދި އެއިން އިސްތިސްނާ ޙާލަތެއްގައި ޙަޤީޤަތް ހާމަނުކުރުމަކީ ޙަޤީޤަތް އޮޅުވާލުން (misrepresentation) ނުވަތަ ގަސްދުގައި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ (fraud) ތެރޭގައި އެފަދައިން މަޢުލޫމާތު ނުދީ ހިފެހެއްޓުމުގެ އަމަލު ހިމެނުމުގެ ފުރުސަތު ހުޅުވިގެންދާ ހާލަތްތަކެކެވެ. މިގޮތުން:

(ހ) ވަކި ކަމެއް، މައްސަލައެއް، ނުވަތަ އައިބެއް ފޮރުވުމަށް މަސައްކަތްކުރުން (active concealment)؛

(ށ) ބައެއް މަޢުލޫމާތު ދިނުން، އަދި ގަސްދުގައި ބައެއް މަޢުލޫމާތު ހިފެހެއްޓުން. މިގޮތުން ހިފަހައްޓާ މަޢުލޫމާތަކީ އެ މަޢުލޫމާތު ފޯރުކޮށްދީފިނަމަ، ހާމަކުރި މަޢުލޫމާތުގެ ޞަރީޙަކަމާއި އެއަށް ބަރޯސާވެވިދާނެ މިންވަރާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތް މަޢުލޫމާތުކަމުގައި ވުން (half-truths)؛

(ނ) އެއްބަސްވުމުގެ އެއް ބައިވެރިއަކީ އިތުބާރުކުރެވޭ މުޝީރެއް، ނުވަތަ ޓްރަސްޓީއެއް، ނުވަތަ އޭޖަންޓްއެއް، ނުވަތަ ވަކީލެއް، ނުވަތަ ޑިރެކްޓަރުން / ޝެއަރހޯލްޑަރުން ފަދަ މަޤާމެއްގައިވުމުގެ ސަބަބުން މަސްލަހަތުގެ ރައްކާތެރިކުރުމުގެ ޤާނޫނީ ނުވަތަ ސުލޫކީ ޒިންމާއެއް އޮތުން (fiduciary relationships)؛

(ރ) އެއްބަސްވުމުގެ ބާވަތުން، އެއްބަސްވުމުގެ ބައިވެރިންނަށް އެ އެއްބަސްވުމުގައި ބައިވެރިވުމަށް ނުވަތަ އެ އެއްބަސްވުމުގައި ބައިވެރިނުވުމަށް އެއްވެސް މިންވަރެއްގެ ނުފޫޒެއް ފޯރާފާނެ ބާވަތުގެ، ކަމާގުޅޭ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދޭންޖެހޭ ބާވަތުގެ އެއްބަސްވުމެއް ކަމުގައިވުން (Contracts of Uberrimae Fidei / Utmost Good Faith)؛

(ބ) އެއްބަސްވުމުގެ ކުރިން ދެކެވުނު ވާހަކަތަކަކީ އެ ހިނދުގައި ތެދު ޙަޤީޤަތް ކަމުގައި ވީނަމަވެސް، ފަހުން ޙާލަތު ބަދަލުވުމުގެ ސަބަބުން، އެ މަޢުލޫމާތު ޞައްޙަ ނުވުމުގެ ފުރުސަތު އޮތްނަމަ، އެ ވާހަކައެއް ދެއްކި ފަރާތަކުން، އެ ބަދަލުވި ޙާލަތާއި އެކަމާ ގުޅޭ މަޢުލޫމާތު އަނެއް ފަރާތަށް ހިއްސާކުރުމުގެ ޒިންމާ އުފަންވެފައިވުން (changed circumstances)؛ ނުވަތަ

(ޅ) ޤާނޫނުން މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ މަތިކޮށްފައިވުން (statutory obligation)؛ މި ހުރިހާ ޙާލަތަކީ، އެ ޙާލަތްތަކުގައި މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އުފަންކުރުވާ ހާލަތްތައްކަން ފާހަގަކުރަމެވެ.

26HN3މި މައްސަލައިގައި، ހާމަކުރުމުގެ ޒިންމާ އޮތް ފަރާތަކީ ކޮބައިކަން ސާފުނުވާކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މިގޮތުން އެއްބަސްވުމަކީ ތިން ފަރާތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަން ފާހަގަކޮށް، އޭގެ ތެރެއިން އެއް ފަރާތަކީ (ލަޔަން ޓްރޭޑިންގ އަކީ) މައްސަލަ ހައިކޯޓަށް ހުށަހެޅިއިރު އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތެއް ނޫންކަމުގައިވެސް ހައިކޯޓުން ބަޔާންކޮށްފައިވެއެވެ. ހައިކޯޓުން ބުނެވުނު ފަދައިން ފާހަގަކޮށްފައިވާއިރު، އެއްބަސްވުމަކީ ތިން ފަރާތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވެފައި، އެއިން އެއްފަރާތެއްގެ މައްޗަށް ދަޢުވާ ނުކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާމެދު އެ ނަޒަރުން ސުވާލު އުފައްދަންޖެހޭ ސަބަބެއް ނޫނެވެ. އިސްތިއުނާފު ރައްދުވަނީ އެއް ފަރާތެއްގެ މައްޗަށްނަމަ، އާންމު އުސޫލުން ފަނޑިޔާރުގެ ދައުރަކަށް ވެގެންވަނީ، އެފަދަ ޒިންމާއެއް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމެވެ.

27މި މައްސަލައަށް ބަލާއިރު، ސިވިލް ކޯޓުގައާއި ހައިކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ދައްކާފައިވާ ވާހަކަތައް ބަލައި ދިރާސާ ކުރުމުން، މުޙައްމަދު ޞާދިޤުގެ ފަރާތުން އެ ޒިންމާ އޮތް ކަމަށް ބަޔާންކުރަނީ އެފް.އެސް.އެމްގެ މައްޗަށްކަން ނުހަނު ސާފެވެ. އެހެންކަމުން، އެ ހިސާބުން ފަނޑިޔާރުގެ ޒިންމާއަކަށް ވާނީ ހުށަހަޅާފައިވާ ޤާނޫނީ ބަހުސްތަކާއި ހެކި ޤަރީނާގެ އަލީގައި، އެއީ އެފް.އެސް.އެމްގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ.

28HN4ޓްރައިޕާޓާއިޓް އެއްބަސްވުމަކީ ގެރެންޓީ ދިނުމުގެ އެއްބަސްވުމެއް ކަމަށާއި، އެ މުޢާމަލާތުގައި އެފް.އެސް.އެމް އަކީ ކްރެޑިޓަރުގެ ހައިސިއްޔަތުން ހާމަކުރުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މި ބާވަތުގެ މުޢާމަލާތްތަކުގައި އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރެއް ބަޔާންކުރުމަކީ މުއައްސަސާތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމުގައި ނުބެލެވޭ ކަމަށް އެހެން ޤައުމުތަކުގައި ނިންމާފައިވާ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން ކަނޑައަޅާފައިވާކަން ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މިފަދައިން ކަނޑައެޅުމުގައި، މިއީ ކޮން ބާވަތެއްގެ ގެރެންޓީ ދިނުމުގެ އެއްބަސްވުމެއްކަމުގެ މައްޗަށް ހައިކޯޓުން ބަލާފައިވާކަން ފެންނާން ނެތެވެ. މިކަން މި ފާހަގަކުރަންޖެހެނީ ޓްރައިޕާޓައިޓް އެއްބަސްވުމަކީ އަނބުރާ ނުގެންދެވޭ ޕަރސަނަލް ގެރެންޓީ އެއްބަސްވުމެއް ކަމުގައި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނަމަވެސް، އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަމަށް ބެލުމުން، އެ އެއްބަސްވުމަކީ ޕަރސަނަލް ގެރެންޓީ އެއްބަސްވުމެއްކަން ނުވަތަ ސެކިއުރިޓީ އެއްބަސްވުމެއްކަމުގެ މައްޗަށް ސުވާލު އުފެދޭ ކަންކަން ހުރުމުންނެވެ. އަދި ޓްރައިޕާޓައިޓް އެއްބަސްވުމަކީ ކޮން ބާވަތެއްގެ އެއްބަސްވުމެއްކަން ކަނޑައެޅުމަށްފަހު، މިފަދަ މައްސަލަތަކުގައި ގޮތް ކަނޑައެޅުމުގެ ކުރިއަށް އެއްބަސްވުމުގެ ބާވަތާއި، ޒާތާއި، އެއްބަސްވުމުގެ ބައިވެރިންގެ ހައިސިއްޔަތާއި، އެ ނޫން ވެސް ކަންކަމަށް ބަލައި ގޮތް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައިވާތީއެވެ. އެހެނީ، އެ ކަންކަމަކީ ކޮންޓްރެކްޓާގުޅޭ އާންމު އުސޫލުތައް ތަޠުބީޤުކޮށް، އުފުލަންޖެހޭ ޒިންމާގެ ބާވަތާއި މިންވަރު ކަނޑައެޅުމުގައި ތަފާތު ނަތީޖާއަށް ވާސިލުވެވިދާނެ ހާލަތު އުފަންކުރުވާ ކަންކަން ކަމުގައިވާތީ، މިފަދަ މައްސަލައެއް ނިންމުމުގައި ކޮންމެހެން ބަލަންޖެހޭ ކަންކަމެވެ.

29HN5މީގެ އިތުރުން، އެހެން ޤައުމުތަކުގައި ނިންމާފައިވާ މި ބާވަތުގެ މައްސަލަތަކުން، މި ބާވަތުގެ މުޢާމަލާތްތަކުގައި އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރެއް ބަޔާންކުރުމަކީ މުއައްސަސާތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމުގައި ނުބެލެވޭކަމަށް ކަނޑައަޅާފައިވާ ކަމުގައި ފާހަގަކޮށް، ހައިކޯޓުގެ ނިންމުމުގެ ފުޓްނޯޓުގައި ހަވާލާދީފައިވަނީ ބޭންކުތަކަކުން ކޮށްފައިވާ މުޢާމަލާތްތަކަކާ ގުޅޭ ދެ މައްސަލައެކެވެ. މިކަމުގައި ފާހަގަކުރަންޖެހޭ ނުކުތާއަކީ ބޭންކުތައް ހިމެނޭ މިފަދަ މުޢާމަލާތްތަކަކީ ބޭންކިންގ ޤާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ހިނގާ ކަންކަމަށްވާއިރު، މާލީ އިދާރާތަކުގެ ގޮތުގައި ނުހިމެނޭ ކުންފުނިތަކުން ކުރާ މިފަދަ މުޢާމަލާތްތަކަކީ އެކަންކަމުގެ މައްޗަށް ބޭންކިންގ ޤާނޫނުތަކާއި އުސޫލުތައް ހިނގާ މުޢާމަލާތްތައް ކަމުގައި ނުވާތީ، މުޢާމަލާތުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ބިނާކޮށް، އެ މުޢާމަލާތެއްގެ މައްޗަށް ހިނގާ އުސޫލުތައް ތަފާތުވުމުގެ ފުރުސަތު ބޮޑުކަމެވެ. އެހެންނަމަވެސް، ހައިކޯޓުން ގޮތް ކަނޑައެޅުމުގައި މިކަންކަމަށް ރިޢާޔަތްކޮށްފައިވާކަން ފެންނާން ނެތެވެ. އަދި ހަމައެއާއެކު، ހައިކޯޓުން ބަޔާންކޮށްފައިވާ އެ އުސޫލަކީ އަދާހަމަ އާންމު ޤާނޫނީ އުސޫލުތަކުގެ (general principles of law) ތެރޭގައި ހިމެނިގެންވާ ކަމެއްކަން ހައިކޯޓުގެ ނިންމުމުގައި ސާފުވާން ނެތުމުން، އެކަމުން ވެސް ސުވާލުތަކެއް ކުރިމަތިވެއެވެ.

30ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، މުޙައްމަދު ޞާދިޤުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ޙަޤީޤަތް އޮޅުވާލުމާއި ގުޅޭގޮތުން މުޙައްމަދު ޞާދިޤުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކާއި ގުޅިގެން އެ ކޯޓުން ގޮތް ކަނޑައަޅާފައިވާއިރު، ހައިކޯޓުން މައްސަލައިގައި ގޮތް ނިންމުމުގައި އަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބަޔާންކޮށްފައިވާތީ އަންނަނިވި ކަންކަން ފާހަގަވެއެވެ.

31HN6ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި އަމަލުކުރާނެ އުސޫލެވެ. އެ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. "ކޯޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) އެ މައްސަލައަކީ މައުޟޫޢީގޮތުން ބެލެންއޮތް މައްސަލައަކަށްވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލު ކަނޑައަޅައި، މައްސަލަ ނިންމުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރުން.

(ނ) ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުސޫލާ އެއްގޮތަށް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ޢަމަލުކޮށްފައިނުވާނަމަ، ނުވަތަ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ދެވަނަ ފަހަރަށް ކުރި ޙުކުމުގައި ނުވަތަ ނިންމި ނިންމުމުގައި އިސްތިއުނާފުކުރުމަށް މި ޤާނޫނު ހުއްދަ ކުރާ ސަބަބެއް އޮތްނަމަ، އެ މައްސަލަ ހައިކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މައްސަލަ ބެލުމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް އަލުން ސާބިތުކުރުން ހިމެނޭ ނަމަވެސް، އެ ކަންތައް ބަލަން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރުމަކާ ނުލައި އަލުން މުޅި މައްސަލަ ބަލާނީ ހައިކޯޓުންނެވެ. އަދި މައްސަލަ ބެލުމުގައި ކުރިން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަނބުރާ ތަޙުވީލުކުރިއިރު ކަނޑައެޅި ޤާނޫނީ އުސޫލުގެ ތަރަހައިގެ ތެރެއިން ޙުކުމްކުރުން ހައިކޯޓަށް ލާޒިމުވާނެއެވެ." މި ފަދައިންނެވެ.

32ބަޔާންކުރި މާއްދާއިން ސާފުވާން އޮތް ގޮތުގައި، ހައިކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލައެއްގެ މައުސޫޢަށް އެ ކޯޓުން ގޮތް ކަނޑައަޅައި ނިންމަންޖެހޭނީ (1) އެ މައްސަލައަކީ މައުޟޫޢީގޮތުން ބެލެންއޮތް މައްސަލައަކަށް ވާނަމަ؛ އަދި (2) އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ކަނޑައެޅިއްޖެނަމަ؛ (3) އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލު ކަނޑައަޅައެވެ.

33އެއާ ޚިލާފަށް، ހައިކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލައެއްނަމަ، ހައިކޯޓުން ޖެހެނީ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރާށެވެ. މި ނުކުތާއާ ގުޅިގެން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަލީ މޫސާ ވ. އާޝިޔަތު ނިޒާރު މައްސަލައާއި، ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް SC 09 [2021] މައްސަލަ އަދި މިނޫންވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ އެތަކެއް މައްސަލައެއްގައި ގޮތް ކަނޑައަޅާފައިވެއެވެ.

34ހައިކޯޓުގެ ނިންމުމަށް ބަލާއިރު، މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، މައްސަލައަށް ޓްރައިޕާޓައިޓް އެއްބަސްވުން ތަޠުބީޤުކުރެވޭނެ ކަމުގައި ކަނޑައަޅާފައިވާ ނަމަވެސް، އެ އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ބަނދެވިފައިވާ އެއްބަސްވުމެއް ކަމުގައި ބުނެ، މައްސަލަ ރައްދުވި މުޙައްމަދު ޞާދިޤާއި ލަޔަން ޓްރޭޑިންގގެ ފަރާތުން ހުށަހަޅާފައިވާ ދިފާޢާއި ގުޅޭގޮތުން ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުމުން، ސުޕްރީމް ކޯޓުގެ އަހްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން 2021] SC 30 މައްސަލައަށް ޙަވާލާދީ، އެފަދައިން އެ ނުކުތާއަށް ގޮތް ކަނޑައަޅާފައި ނުވަނީ ގޯސްކޮށްކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. މާނައަކީ، ސިވިލް ކޯޓުން މައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ، މުޙައްމަދު ޞާދިޤުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ހިމެނޭ ގޮތަށް، އެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދިފާޢަށް ރިއާޔަތް ނުކޮށްކަމެވެ.

35މުޙައްމަދު ޞާދިޤުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ކުރި ހަމައެކަނި ނުކުތާ އެ މައްޗަށް ބިނާވެފައި އޮތީ (ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމުގައި ބުނެ ހުށަހެޅި) ދިފާޢަށް ރިޢާޔަތް ކުރުމެއް ނެތި، އަދި އެފަދައިން ރިޢާޔަތްކުރި ސަބަބު ބަޔާންކުރުމެއް ނެތި ސިވިލް ކޯޓުން އެއްބަސްވުމުގެ ދަށުން އިލްތިޒާމު އުފުލަންޖެހޭ ކަމުގައި ކަނޑައަޅާފައި އޮތުމުން، ސިވިލް ކޯޓުގެ ނިންމުން ބާޠިލުކޮށްދިނުމަށް އެދިކަން ލިޔެކިޔުމުން އެނގެން އެބައޮތެވެ.

36ކަން މިހެން އޮތްއިރު، އަދި ހައިކޯޓުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޓްރައިޕާޓައިޓް އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމުގައި ބުނެ މުޙައްމަދު ޞާދިޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދިފާޢާމެދު އެ ކޯޓުން ގޮތެއް ނިންމާފައި ނުވާ ޙާލަތެއްގައި، އަދި އެ ނުކުތާއާ ގުޅޭ އެއްވެސްކަމެއް މައްސަލަ ނިމުނުގޮތުގައި ފާހަގަކޮށްފައި ނުވާ ހިނދު، މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށް ކަމަށް ބަލައި، ހައިކޯޓުން އެ ނުކުތާގައި ގޮތް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފަށްތޯ؟

37HN7ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މުޙައްމަދު ޞާދިޤުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އެ ނުކުތާއަކީ ޙަޤީޤަތް އޮޅުވާލިކަމުގައި ބުނެ މުޙައްމަދު ޞާދިޤުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ސީދާ ގުޅޭ އިސްތިއުނާފީ ނުކުތާއެއް ކަމުގައިވެފައި ޙަޤީޤަތް އޮޅުވާލިކަމުގައި ބުނެ މުޙައްމަދު ޞާދިޤުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅޭނީ ޓްރައިޕާޓައިޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެކެވިފައިވާ ވާހަކަތަކާއި، ކަންހިނގާފައިވާ ގޮތް ބެލުމަށްފަހު ކަމުގައިވާތީ، މި މަރުޙަލާގައި އެ މައުޟޫޢަށް އެއްޗެއް ބުނެފިނަމަ ނުވަތަ އެ މައްޗަށް ގޮތް ކަނޑައަޅައިފިނަމަ، އެ ނުކުތާއާމެދު (ދަށު ކޯޓުން) ގޮތް ކަނޑައެޅުމުގައި ހުރަސްތަކެއް މެދުވެރިވުމުގެ ފުރުޞަތު އޮތުމުން، އެ ނުކުތާއަށް މިހިނދުގައި ގޮތް ކަނޑައެޅުމަކީ އެންމެ އެކަށޭނަ ގޮތް ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

38އަހުރެންގެ ރައުޔުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އަހުރެންނަށް މި މައްސަލަ ނިންމަން ފެންނަނީ އަންނަނިވި ފަދައިންނެވެ.

(ހ) ހައިކޯޓުން ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާގެ ނިންމުން ދަމަހައްޓައި، ޙަޤީޤަތް އޮޅުވާލުމާގުޅޭ ނުކުތާއަށް ގޮތް ކަނޑައަޅާފައިވަނީ މުޙައްމަދު ޞާދިޤުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ ވަޒަންކުރުމަށް ފަހުގައިކަން އެނގެން ނެތުމުގެ އިތުރުން، އެ ނުކުތާއާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅައިފައި ނެތް ޙާލަތެއްގައި ކަމުގައި ވުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ނިންމުމާއި، އެ ނިންމުމުން ދެމެހެއްޓި ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާގައި ޓްރައިޕާޓައިޓް އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤުގެ ފަރާތުން އުފުލަންޖެހޭ ޒިންމާތަކާއި އިލްތިޒާމުތައް ކަމުގައި ކަނޑައަޅާފައިވާ ކަންކަމާއި، މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި ވިއްކާލުމަށް ދީފައިވާ ހުއްދައާގުޅޭ ބައި ބާޠިލުކުރަން އަހުރެންނަށް ފެނެއެވެ.

(ށ) ޓްރައިޕާޓައިޓް އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤު އުފުލަންޖެހޭ ޒިންމާތަކަކީ އަދި އެ ޒިންމާ އޮތް މިންވަރަކީ ކޮބައިކަން ކަނޑައެޅުމުގެ ކުރިން، މި ރައުޔުގެ ޕެރެގްރާފް 24 އިން 29 ގެ ނިޔަލަށް ހިމަނާފައިވާ ކަންކަމުގެ އަލީގައި، އެ އެއްބަސްވުމުގައި މުޙައްމަދު ޞާދިޤުގެ ފަރާތުން ސޮއިކޮށްފައިވަނީ އޭނާގެ ފަރާތުން ބުނާ ފަދައިން ޙަޤީޤަތް އޮޅުވާލާފައި ވުމުގެ ސަބަބުން ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤު އަދާކުރަންޖެހޭ ޒިންމާތަކާމެދު ސިވިލް ކޯޓުން ގޮތް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، ބަޔާންކުރެވުނު މައްސަލައިގެ އެބައި އަލުން ބެލުމަށްޓަކައި، މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

39މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

40މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް:

(ހ) ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާގެ ނިންމުން ދަމަހައްޓާފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައި ބުރަރެވޭތީ، ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ނިންމުމާއި، އެ ނިންމުމުން ދެމެހެއްޓި ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާގައި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާދެމެދު ކުރަމުން އައި ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި، މުޙައްމަދު ޞާދިޤު ހިމެނޭގޮތުން، 21 އޮކްޓޫބަރު 2017 ގައި ސޮއިކުރި ނަންބަރު CON-2017/57 އެއްބަސްވުމުގެ ދަށުން، މުޙައްމަދު ޞާދިޤު އުފުލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޒިންމާތަކާއި އިލްތިޒާމުތަކާ ގުޅޭ ހުރިހާ ކަންކަމާއި، މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ (ރަޖިސްޓަރީ ނަންބަރު P-02 P-P2471B) ދޯނި ވިއްކާލުމަށް ދީފައިވާ ހުއްދައާގުޅޭ ބައި ބާޠިލުކުރުމަށާއި؛

(ރ) ނަންބަރު CON-2017/57 އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤު އުފުލަންޖެހޭ ޒިންމާތަކަކީ އަދި އެ ޒިންމާ އޮތް މިންވަރަކީ ކޮބައިކަން ކަނޑައެޅުމުގެ ކުރިން، މި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، އެ އެއްބަސްވުމުގައި މުޙައްމަދު ޞާދިޤުގެ ފަރާތުން ސޮއިކޮށްފައިވަނީ އޭނާގެ ފަރާތުން ބުނާ ފަދައިން ޙަޤީޤަތް އޮޅުވާލާފައިވުމުގެ ސަބަބުން ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤު އަދާކުރަންޖެހޭ ޒިންމާތަކާއި އިލްތިޒާމުތަކާމެދު ސިވިލް ކޯޓުން ގޮތް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، ބަޔާންކުރެވުނު މައްސަލައިގެ އެބައި އަލުން ބެލުމަށްޓަކައި، މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ކަނޑައަޅައި؛ މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުކުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ރަޖިސްޓްރީ ނަންބަރު C-358/2000
  3. ރަޖިސްޓްރީ ނަންބަރު 0973/2014
  4. އެއްބަސްވުމުގެ ނަންބަރު CON-2017/57 (ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާގެ ސްކޭން ޞަފްޙާގެ ނަންބަރު 274
  5. މި މައްސަލައިގެ އިސްތިއުނާފު ފޯމް ހުށަހެޅިއިރު، އިސްތިއުނާފީ 3 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް، 28 ޖުލައި 2024 ގައި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުނު ހިނދު، އިސްތިއުނާފީ ތިންވަނަ ނުކުތާ އަނބުރާ ގެންދިއުމަށް މުޙައްމަދު ޞާދިޤުގެ ވަކީލް ޙަސަން ފަލާޙް އެދިފައިވާތީ، އެ ނުކުތާ މި ރިޕޯޓުގައި ހިމަނާފައި ނުވާނެއެވެ.
  6. ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ 3 ވަނަ ނަންބަރު (ސޮފްޓް ކޮފީގެ 4 އަދި 5 ވަނަ ސަފުހާ)
  7. ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ 2 ވަނަ ނަންބަރު (ސޮފްޓް ކޮޕީގެ 4 ވަނަ ސަފުހާ)
  8. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 29 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 15 އަދި 16 ވަނަ ސަފުހާ)
  9. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 30 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 16 ވަނަ ސަފުހާ)
  10. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ
  11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 31 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 16 އަދި 17 ވަނަ ސަފުހާ)
  12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 32 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 17 ވަނަ ސަފުހާ)
  13. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 33 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 17 ވަނަ ސަފުހާ)
  14. ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. "ކޮންޓްރެކްޓުގައި ބައިވެރިވި މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެ އީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެއެވެ".
  15. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ޤަޟިއްޔާ .
  16. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 35 އަދި 36 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 18 ވަނަ ސަފުހާ)
  17. މިފޮތުގެ އަސްލު ނަމަކީ "ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ދެނެގަތުން" އެވެ. އެ ފޮތުގެ ތަފްސީލު، ތިރީގައި ހިމަނާފައި އެވަނީއެވެ. ޙުސްނުއްސުޢޫދު (2016)، "ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ދެނެގަތުން"، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް.
  18. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 37 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 18 ވަނަ ސަފުހާ)
  19. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 38 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 19 ވަނަ ސަފުހާ).
  20. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 39 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 19 ވަނަ ސަފުހާ)
  21. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 40 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 19 ވަނަ ސަފުހާ)
  22. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 41 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 20 ވަނަ ސަފުހާ)
  23. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 42 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 20 ވަނަ ސަފުހާ)
  24. އިނގިރޭސި ބަހުން، 'let the buyer beware'
  25. އާންމު އުސޫލުން ފަނޑިޔާރުގެ ޒިންމާއަކަށް ވާނީ މިފަދައިން އަމަލުކުރުން ކަމުގައިވާނަމަވެސް، މި މައްސަލައިގައި މި ނުކުތާއާގީގޮޅޭ އެހެނިމާން ކަންކަން ހިމަނާފައިވާތީ، އެ ކަންކަމަށް ފަހުން އަލިއަޅުވާލާފައިވާނެއެވެ.
  26. މިސާލަކަށް، އެއްބަސްވުމަކީ ޕަރސަނަލް ގެރެންޓީ އެއްބަސްވުމެއް ކަމުގައިވާނަމަ، އެފަދައިން ޕަރސަނަލް ގެރެންޓީ ދޭ ފަރާތަކީ ލޯނުގެ ނުވަތަ ކްރެޑިޓްގެ މަންފާ ލިބޭ ފަރާތުގެ ޑިރެކްޓަރެއް ނުވަތަ ޝެއަރހޯލްޑަރެއްކަން ނުވަތަ ނޫންކަން، ނުވަތަ އެ ނޫން ފަރާތެއްނަމަ، އެ ފަރާތްތަކުގެ މެދުގައި އޮންނަނީ ކޮން ބާވަތެއްގެ ގުޅުމެއް ކަން، މިއީ މުޅިންވެސް ޒިންމާ އުފުލުމާއި، މަޢުލޫމާތު ލިބިދިނުމުގެ ޒިންމާއާ ގުޅުން ހުރި ކަންކަމެވެ.
  27. މި ދެ މައްސަލައިގެ ސައިޓޭޝަންއަށް ބަލާއިރު، އެއް މައްސަލައަކީ 1838 ވަނަ އަހަރުގެ، އަދި އަނެއް މައްސަލައަކީ 1940 ތަނަ އަހަރުގެ މައްސަލައެއްކަން އެނގެން އޮވެއެވެ.
  28. ސުޕްރީމް ކޯޓުގެ ޚަދީޖާ އިބްރާހީމް ދީދީ ވ. މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓެޑް [2022] SC 46] މައްސަލަ (ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/10 ޤަޟިއްޔާ) ގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނީ އުސޫލުތައް ދިވެހިރާއްޖޭގައި ތަތުބީޤުކުރެވޭނީ އެ އުސޫލަކީ ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖްތަމަޢެއްގައި އެކުވާލާފައިވާ ޤާނޫނެއްގައިވާ އުސޫލަކަށް ވުމުގެ ސަބަބަކުން ނޫނެވެ. އެއާ ޚިލާފަށް ދިވެހިރާއްޖޭގައި ބަލައިގަންނަ، އަދި ތަޠުބީޤުކުރެވޭނެ އާންމު ޤާނޫނީ އުސޫލުތަކަކީ ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި އެ މައުޟޫޢެއްގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ އުސޫލުތަކެވެ. މި ގޮތުން މި އުސޫލުތަކަކީ މުޢާމަލާތްކުރުމާއި ޒަމާނަށް އަންނަ ބަދަލާއެކު ބަދަލުވުމުގެ ފުރުސަތު އޮތް އުސޫލުތަކެއްކަންވެސް ފާހަގަކުރަމެވެ.
  29. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޟިއްޔާ
  30. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ
  31. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ
  32. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި އޮންނަނީ އަންނިވި ފަދައިންނެވެ. "ކޮންޓްރެކްޓުގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އިން އެއްޗެއް ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެއެވެ."
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ