ޚަދީޖާ އިބްރާހީމް ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޚަދީޖާ އިބްރާހީމް ދީދީ ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/503 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޚަދީޖާ އިބްރާހީމް ދީދީ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2021/SC-A/10 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0528/2010) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އެމް.ސީ.ބީ") ގެ މައްޗަށެވެ.މައްސަލައިގެ ކަންހިނގާފައިވާ ގޮތްޕްރޮމިނެންޓް ރިސޯސަސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޕްރޮމިނެންޓް ރިސޯސަސް") ގެ އެދުމުގެ މަތިން، އެ ކުންފުންޏަށް ލޯނު ދޫކުރުމަށް 23 އޮކްޓޫބަރު 2012 ގައި އެމް.ސީ.ބީ އާއި ޕްރޮމިނެންޓް ރިސޯސަސް އެއްބަސްވިއެވެ. އަދި ޕްރޮމިނެންޓް ރިސޯސަސްއަށް އެމް.ސީ.ބީއިން ދޫކުރުމަށް ހަމަޖެހުނު ލޯނުތަކަށް ޔަގީންކަން ދިނުމުގެ ގޮތުން، މ.އޮނިގަނޑު، މާލެ ޢަފީފާ ވަޙީދު (މީގެ ފަހުން "ޢަފީފާ ވަޙީދު") ގެ ނަމުގައިވާ "މ.އޮނިގަނޑު" (ރަޖިސްޓްރީ ނަންބަރު: ބ.10080) އެވެ ކިޔާ ގޯއްޗާއި ޢިމާރާތާއި، ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައިވާ "މ.ރަންނާ" (ރަޖިސްޓްރީ ނަންބަރު އ. 3610) އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ރަހުނުކޮށް، 23 ޖަނަވަރީ 2013 ގައި ޢަފީފާ ވަޙީދު އަދި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ވަކި ދެ މޯގެޖް އެގްރީމަންޓެއްގައި ސޮއިކޮށްފައިވެއެވެ.
މިއަށްފަހު، ޕްރޮމިނެންޓް ރިސޯސަސްއަށް އެމް.ސީ.ބީއިން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން 12 ފެބުރުވަރީ 2018 އާ ހަމައަށް ދައްކަންޖެހޭ ޖުމްލަ US$370,774/09 (ތިންލައްކަ ހަތްދިހަ ހާސް ހަތްސަތޭކަ ހަތްދިހަ ހަތަރު އެމެރިކާ ޑޮލަރު ނުވަ ސެންޓް) ލިބިފައިނުވާ ކަމުގައި ބުނެ، އެ ފައިސާއާއި، ޤާނޫނީ މަސައްކަތުގެ ފީއަށްވާ US$6,042/37 (ހަހާސް ސާޅީސް ދޭއް އެމެރިކާ ޑޮލަރު ތިރީސްހަތް ސެންޓް) އާއި އެހެނިހެން ޚަރަދާއި ގެއްލުމުގެ ބަދަލު ޕްރޮމިނެންޓް ރިސޯސަސްއާއި، ޢަފީފާ ވަޙީދުއާއި، ޚަދީޖާ އިބްރާހީމް ދީދީގެ ކިބައިން ހޯދުމަށް އެދި އެމް.ސީ.ބީއިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުގެ ނިންމުން
އެމް.ސީ.ބީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 1587/Cv-C/2018 ޤަޟިއްޔާއިން ބަލައި، އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ޕްރޮމިނެންޓް ރިސޯސަސްގެ އެދުމަކަށް އެމް.ސީ.ބީގެ ނަންބަރު SDW12/000504 (23 އޮކްޓޫބަރު 2012) ކްރެޑިޓް ފެސިލިޓީ އެގްރިމެންޓުގެ ދަށުން US$150,000/00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) ގެ ލެޓަރ އޮފް ކުރެޑިޓް ކަމް އިމްޕޯޓް ލޯން ފެސިލިޓީ އަކާއި US$150,000/00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) ގެ އޯވަރ ޑްރާފްޓް ފެސިލިޓީއެއް ޕްރޮމިނެންޓް ރިސޯސަސްއަށް ދޫކޮށްފައިވާކަމަށާއި، މި ލޯނުތަކާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު Cv-C/C-29/2013 އެގްރީމެންޓުގެ ދަށުން ޢަފީފާ ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.އޮނިގަނޑު" އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާކަމާއި، ސިވިލް ކޯޓުގެ ނަންބަރު Cv-C/C-28/2013 އެގްރީމެންޓު (މީގެ ފަހުން "ރަހުނު އެއްބަސްވުން") ގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާކަމަށެވެ. މީގެ އިތުރުން، ލޯނު އެއްބަސްވުމުގައިވާ ގޮތުގެމަތިން ޕްރޮމިނެންޓް ރިސޯސަސްއިން ފައިސާ ދައްކާފައިނުވާތީ، 10 ސެޕްޓެންބަރު 2018 އާ ހަމައަށް އޯވަރ ޑްރާފްޓް ފެސިލިޓީއަށް US$205,318/97 (ދެލައްކަ ފަސްހާސް ތިންސަތޭކަ އަށާރަ އެމެރިކާ ޑޮލަރު ނުވަދިހަ ހަތް ސެންޓް)، އަދި 03 (ތިނެއް) އިމްޕޯޓް ލޯނަށް US$183,754/04 (އެއްލައްކަ އަށްޑިހަތިންހާސް ހަތްސަތޭކަ ފަންސާސް ހަތަރު އެމެރިކާ ޑޮލަރު ހަތަރު ސެންޓް) ދައްކަންޖެހި ނުދައްކާވާ ކަމަށާއި، މި އެއްބަސްވުންތަކުގެ ދަށުން އެމް.ސީ.ބީއިން ކުރަންޖެހުނު ޤާނޫނީ ޚަރަދުތަކަށް ޕްރޮމިނެންޓް ރިސޯސަސްއާއި، ޢަފީފާ ވަޙީދުއާއި، ޚަދީޖާ އިބްރާހީމް ދީދީ ޒިންމާވާން ޖެހޭނެކަމަށެވެ. ހަމައެއާއެކު، މި ފަރާތްތަކުގެ މެދުގައި ވެފައިވާ ފެސިލިޓީ އަދި މޯގެޖް އެގްރީމަންޓްތަކުގެ ދަށުން ބުނެވުނު ފައިސާއަށް ޕްރޮމިނެންޓް ރިސޯސަސްއާއި، ޢަފީފާ ވަޙީދުއާއި، ޚަދީޖާ އިބްރާހީމް ދީދީ އެކުއެކީގައި ޒިންމާވާން ޖެހޭނެކަމަށާއި، މި އެއްބަސްވުންތަކުގެ ދަށުން މި ފައިސާއަށް މި ފަރާތްތަކުން ވަކިވަކިން ޒިންމާވާން ޖެހޭނެކަމަށް ބަޔާންކޮށްފައިނުވާތީ، މި ފައިސާ ޕްރޮމިނެންޓް ރިސޯސަސްއާއި، ޢަފީފާ ވަޙީދުއާއި، ޚަދީޖާ އިބްރާހީމް ދީދީ ވަކިވަކިން ޒިންމާކޮށްދެވެން ނެތް ކަމަށެވެ. އަދި މި މުޢާމަލާތާއި ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއެކު މި އެންމެހައި ފައިސާ އެމް.ސީ.ބީއަށް ލިބިދިނުމަށްޓަކައި 23 ޖުލައި 2019 އިން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ ވަރު މަދުވެގެން އެމް.ސީ.ބީއަށް ދައްކަމުންގޮސް، މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ޚަލާޞްކުރުމަށް ޢަފީފާ ވަޙީދުއާއި، ޚަދީޖާ އިބްރާހީމް ދީދީއަށާއި، ޣައިރު ޙާޟިރުގައި ޕްރޮމިނެންޓް ރިސޯސަސްއަށް އަންގައި، އަދި މި މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކޮށްފައި ނުވާނަމަ، މި ލޯނާ ގުޅިގެން ރަހުނުކުރެވިފައިވާ "މ.އޮނިގަނޑު" އެވެ ކިޔާ ގޯއްޗާއި ޢިމާރާތާއި، "މ.ރަންނާ" އެވެ ކިޔާ ގޯއްޗާއި ޢިމާރާތް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވިއްކާލުމުގެ ހުއްދަ އެމް.ސީ.ބީއަށް ލިބިގެންވާ ކަމަށްވެސް ޙުކުމުގައި ވެއެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 1587/Cv-C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މައްސަލައިގައި ހިމަނާފައިވާ "މ.ރަންނާ" އެވެ ކިޔުނު ގޯތި ރަހުނުކުރުމަށްޓަކައި ވެފައިވާ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމެއް ކަމާއި، އަދި އެ އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި ރަހުނުކުރުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ސޮއިކޮށްފައިވަނީ 22 ޖަނަވަރީ 2013 ގައި ޚަދީޖާ އިބްރާހީމް ދީދީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ދީފައިވާ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުންކަމާއި، އަދި އެ މުއްދަތުގައި ޚަދީޖާ އިބްރާހީމް ދީދީ ދިރިއުޅެމުން ދިޔައީ މެލޭޝިޔާގައިކަން ޚަދީޖާ އިބްރާހީމް ދީދީގެ ބަޔާނުން އެނގެން އޮންނަކަމާއި، މި ޕަވަރ އޮފް އެޓަރނީގައި އިމްލާ ބައެއް ކުށްތައް ހުރިކަމުގައިވިޔަސް، މި ޕަވަރ އޮފް އެޓަރނީގައި މި ބާރު ދިން ފަރާތާއި ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުތައް ލިޔެފައިވާތީ، އެ ލިޔުމުގައިވާ ފަރާތްތަކަކީ ކޮން ފަރާތްތަކެއް ކަމާމެދު އޮޅުމެއް ނެތްކަމާއި، މި ޕަވަރ އޮފް އެޓަރނީ ދީފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައިވާ ގޯތި ރަހުނުކުރުމަށް ކަމުގައިވާތީ، މި ޕަވަރ އޮފް އެޓަރނީގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު Cv-C/C-28/2013 އެއްބަސްވުމުގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީ އުފުލަންޖެހޭ ޒިންމާތަކުން ބަރީޢަކޮށްދެވެން ނެތްކަން.
ޕްރޮމިނެންޓް ރިސޯސަސްގެ އެދުމަކަށް އެމް.ސީ.ބީގެ ނަންބަރު SDW12/000504 (23 އޮކްޓޫބަރު 2012) ކްރެޑިޓް ފެސިލިޓީ އެގްރިމެންޓުގެ ދަށުން US$150,000/00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) ގެ ލެޓަރ އޮފް ކުރެޑިޓް ކަމް އިމްޕޯޓް ލޯން ފެސިލިޓީ އަކާއި US$150,000/00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އޯވަރ ޑްރާފްޓް ފެސިލިޓީއެއް ޕްރޮމިނެންޓް ރިސޯސަސްއަށް ދޫކޮށްފައިވާކަމާއި، އަދި ފެސިލިޓީއާ ގުޅިގެން ޢަފީފާ ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މ.އޮނިގަނޑު" އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު Cv-C/C-29/2013 އެގްރީމެންޓުން އެނގޭކަމާއި، އަދި ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު Cv-C/C-28/2013 އެގްރިމެންޓުން އެނގޭކަން.
ބުނެވުނު ކުރެޑިޓް ފެސިލިޓީ އެގްރިމެންޓާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ،10 ސެޕްޓެންބަރު 2019 އާ ހަމައަށް އޯވަރ ޑްރާފްޓަށް US$205,318/97 (ދެލައްކަ ފަސްހާސް ތިންސަތޭކަ އަށަރާ އެމެރިކާ ޑޮލަރު ނުވަދިހަ ހަތް ސެންޓް) ލޯނުގެ ބާކީގެ ގޮތުގައި ދައްކަންޖެހި ނުދައްކައިވާކަން އެމް.ސީ.ބީގެ އެކައުންޓް ސްޓޭޓްމެންޓުން އެނގެން އޮންނަކަން.
މައްސަލައިގައި ދަޢުވާލިބޭ ޕްރޮމިނެންޓް ރިސޯސަސްއާއި ޢަފީފާ ވަޙީދުއާއި ޚަދީޖާ އިބްރާހީމް ދީދީ މި ދަރަންޏަށް ވަކިވަކިން އަދި އެކުގައި (joint and severally) ޒިންމާވާންޖެހޭނެ ކަމަށް އެމް.ސީ.ބީއިން ބުނެފައިވާ ނަމަވެސް، މި މައްސަލައިގައި އެމް.ސީ.ބީއިން ހުށަހަޅާފައިވާ އެއްބަސްވުންތަކުގެ ތެރެއިން “joint” އަދި “several” މި ދެ ލަފުޒު އައިސްފައިވަނީ މޯގެޖް އެގްރިމަންޓުތަކުގެ 3.1 ވަނަ މާއްދާގެ ދަށުން "ސެޓް-އޯފް" އަދި "ލިއެން" މި ސުރުޚީގެ ދަށުން ރަހުނު ބެހެއްޓި ފަރާތުގެ އެކައުންޓަތައް ސެޓްލްކުރުމާ ގުޅޭގޮތުންކަމާއި، އެ މާއްދާއަކީ މި ފަރާތްތައް ވަކިވަކިން އަދި އެކުގައި ލޯނަށް ޒިންމާވާންޖެހޭނެކަމަށް ބަޔާންކުރާ މާއްދާއެއް ނޫންކަން، އެ މާއްދާގައިވާ ޢިބާރާތުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތަށް ބުރަވެވޭކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 1587/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/503 ޤަޟިއްޔާއިން މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1587/Cv-C/2018 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މ.ރަންނާ" ކިޔާ ގޯތި ރަހުނުކޮށްފައިވަނީ ޕްރޮމިނެންޓް ރިސޯސަސްއިން އެމް.ސީ.ބީއިން ނެގި ލޯނަކަށް ކަމާއި، އެ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމުގައި "މޯރގޭޖަރ" އަކީ ޚަދީޖާ އިބްރާހީމް ދީދީ ކަމާއި، އޭނާގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުންކަން އެނގޭކަމާއި، އެ އެއްބަސްވުން ވެފައިވަނީ 23 އޮކްޓޫބަރު 2012 ގައި ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ އެއްބަސްވުމުގެ ބައިވެރިން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 23 ޖަނަވަރީ 2013 ގައި ކަމާއި، އަދި އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީވެސް އެ ތާރީޚުގައިކަން އެނގެން އޮތުމުން، އެ އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ޕަވަރ އޮފް އެޓަރނީ ލިބިގެން މުބާޙު މުޙައްމަދު ޒަކީ ސޮއިކޮށްފައިވަނީ އޭނާއަށް ޕަވަރ އޮފް އެޓަރނީ ލިބުނު ފަހުންކަން.
ބުނެވުނު ޕަވަރ އޮފް އެޓަރނީ ދިފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ އަމިއްލަ އިޚްތިޔާރުގައި ކަމާއި، އެ ޕަވަރ އޮފް އެޓަރނީގައި ޚަދީޖާ އިބްރާހީމް ދީދީ ސޮއިކޮށްފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީގެ ހާޒިރުގައި 22 ޖަނަވަރީ 2013 ގައި ކަން އެނގޭކަމާއި، އަދި އެ ޕަވަރ އޮފް އެޓަރނީއަކީ ލޯނެއް ނެގުމާ ގުޅޭގޮތުން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއްކަން "އެ ޕަވަރ އޮފް އެޓަރނީގައި ބަޔާންކޮށްފައިވާ ލޯނު ނެގުމުގެ އެންމެހައި ލިއެކިޔުންތަކުގައި ޚަދީޖާ އިބްރާހީމް ދީދީ ދީފައިވާ އިޚްތިޔާރުގެ ދަށުން ސޮއިކުރުމަށް އަހުރެން ޤަބޫލުކޮށް ޙަވާލުވެއްޖައީމެވެ." މިފަދައިން ލިޔެފައި އޮތުމުން ދޭހަވާކަން.
މި ޕަވަރ އޮފް އެޓަރނީއަކީ ޚަދީޖާ އިބްރާހީމް ދީދީ، މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް ކަމާއި، އޭގައި އޭނާ ސޮއިކޮށްފައިވާނެ ކަމަށާއި، އަދި ސޮއިކޮށްފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ކަމަށް ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނެފައިވާކަން.
ލިޔުމުން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއްގައި ޕަވަރ އޮފް އެޓަރނީ ދޭ ފަރާތާއި، ލިބޭ ފަރާތާއި، ޕަވަރ އޮފް އެޓަރނީގެ ދަށުން ބާރުދޭ ކަމަކާއި، ޕަވަރ އޮފް އެޓަރނީ ދޭ ފަރާތުގެ ސޮއި އަދި ތާރީޚު ސާފުވެ އެނގެން އޮވެއްޖެނަމަ، އެއީ އަސާސީ ޝަރުޠުތައް ފުރިހަމަ ވެފައިވާ ޞައްޙަ ޕަވަރ އޮފް އެޓަރނީއެއް ކަމުގައި ބެލެވޭކަމާއި، އަދި މި މައްސަލައިގައި ހަވާލާދީފައިވާ ޕަވަރ އޮފް އެޓަރނީގައި މުބާޙު މުޙައްމަދު ޒަކީ ސޮއިކޮށްފައި ނެތް ނަމަވެސް، އެ ޕަވަރ އޮފް އެޓަރނީގެ ދަށުން އޭނާއާ ޙަވާލުކޮށްފައިވާ ކަންކަން ޢަމަލީ ގޮތުން ކޮށްފައިވާކަން އެނގޭތީ، އެ ޕަވަރ އޮފް އެޓަރނީގެ ދަށުން އޭނާއާ ޙަވާލުކޮށްފައިވާ ކަންކަން ޤަބޫލުކޮށްފައިވާކަމަށް ބަލަންޖެހޭކަން.
ބުނެވުނު ޕަވަރ އޮފް އެޓަރނީގައި އިމްލާ ނުވަތަ ޢިބާރާތްކުރުމުގައި ކުށްތަކެއް ނުވަތަ އުނިކަންތައްތަކެއް ހުރިކަން ފާހަގަވާ ނަމަވެސް، އެ ކަންކަމަކީ އެ ޕަވަރ އޮފް އެޓަރނީގެ ދަށުން ބާރު ލިބިގެން ކޮށްފައިވާ މުޢާމަލާތުގައި ޚަދީޖާ އިބްރާހީމް ދީދީ އުފުލަން އެއްބަސްވެފައިވާ ޒިންމާއިން ބަރީޢަ ކުރެވޭނެ ޤާނޫނީ ސަބަބެއް ކަމުގައި ނުބެލެވޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/503 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، އިސްލާމީ ޝަރިޢަތާއި ވަޟަޢީ ޤާނޫނު ތަކުގައިވެސް ރަހުނުކުރެވޭ މުދަލަކީ، އެ މުދަލުން އެ މީހަކަށް ތަޞައްރަފު ކުރުމުގެ ޝަރުޢީ އަދި ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ މުދަލެއްކަމުގައި ވާންޖެހޭއިރު، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުގެ މުދާ ބޭންކުގައި ރަހުނުކޮށް ލޯނަށް އެދުނު ފަރާތަށް ބޭންކުން ދޫކޮށްފައިވާ ލޯނަކީ، އެ ލޯނު ނެގި ފަރާތަށް ރަހުނުގެ ގޮތުގައި ބެހެއްޓި މުދަލުން ތަޞައްރަފުކުރުމުގެ އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް ލިބިފައިނުވާ މުދަލެއްގެ މައްޗަށް ދޫކޮށްފައިވާ ލޯނެއްކަމުގައިވާތީ، އެ މުޢާމަލާތާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީއާ އެ ފަރާތުގެ މުދަލުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ އެއްވެސްކަމެއް ތަރުތީބުވެގެން ނުދާކަން، ޝަރުޢީ ހަމަތަކުގެ މަތިން އެނގެންއޮއްވައި، އެ ކަންކަމަށް ރިޢާޔަތްނުކޮށް ޝަރީޢަތުން ނިންމި ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި އަދި 42 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.
ދެވަނަ ސަބަބަކީ، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީގެ ބޭރުން ޢަމަލުކޮށްފައިވާކަން ފާޅުކަން ބޮޑު ގޮތެއްގައި ޝަރީޢަތަށް ސާބިތުވާން އޮތްއިރު، އެ ކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާއި، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބު.
ތިންވަނަ ސަބަބަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ލޯ އޮފް ކޮންޓްރެކްޓް އަދި ލޯ އޮފް އެޖެންސީއާ ގުޅޭ އުސޫލުތައް އެކަށައެޅި އޭގެ މައްޗަށް އަމަލުކުރެވެމުންދާއިރު، ޕަވަރ އޮފް އެޓަރނީއާ ގުޅޭ ޚާއްޞަ ޤާނޫނެއް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ނެތްނަމަވެސް، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓަން ވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަބްދައުއާ ޚިލާފަށް އަދި ލޯ އޮފް ކޮންޓްރެކްޓްއާއި ލޯ އޮފް އެޖެންސީގެ އަސާސީ އުސޫލުތަކާއި، އެޖެންޓުގެ ޒިންމާތަކަށް ބެލުމެއްނެތި، މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
މި މައިގަނޑު ނުކުތާތަކުގެ އަލީގައި، ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ ތަފްސީލަށާއި، އެމް.ސީ.ބީގެ ފަރާތުން އެ ކަންކަމަށް ދީފައިވާ ރައްދަށާއި، އެއިން ކޮންމެ ޚުޞޫމާތަކާމެދު އަހުރެންނަށް ބުރަވެވޭ ގޮތް ވަކިވަކިން ފާހަގަކުރާނަމެވެ.
ރަހުނުކުރެވޭ މުދަލަކުން ތަޞައްރަފުކުރުމުގެ ހައިސިއްޔަތު ލިބިގެންވާންޖެހޭތަ؟
ރަހުނުކުރެވޭ މުދަލަކީ އެ މުދަލަކުން ތަސައްރަފުކުރުމުގެ ހައިސިއްޔަތު ލިބިގެންވާ މުދަލެއް ކަމުގައި ވާނެޖެހޭނެ ކަމުގައި ބުނެ، އެ ނުކުތާ ތަފްސީލު ކުރަމުން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބަޔާންކޮށްފައިވަނީ، މައްސަލައިގެ މުޅި އަސާސް ބިނާވެފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީގެ މައްޗަށާއި ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ރަހުނު އެއްބަސްވުމުގެ މައްޗަށް ކަމުގައިވާއިރު، އެ ދެ ލިޔުމާއި ގުޅިގެން ކަންތައްތަކެއް ފާހަގަކުރަންޖެހޭ ކަމުގައެވެ.
އެގޮތުން، ޕަވަރ އޮފް އެޓަރނީއަކީ މީހަކަށް ކުރުން ހުއްދަ ކަމެއް، ވަކި ޝަރުތުތަކަކާއެކު އެހެން މީހަކަށް ކުރުމުގެ ހުއްދަ ދިނުން ކަމުގައާއި، ޕަވަރ އޮފް އެޓަރނީ އެއްގައި ފުރިހަމަވާންޖެހޭ ކަންކަން އިސްލާމީ ޝަރީޢަތުގެ އިތުރުން ވަޟައީ ޤާނޫނުތަކުގައިވެސް އޮންނަ ހިނދު، އެގޮތުން އޭގެން ޝަރުތެއް އުނިވެއްޖެނަމަ ޕަވަރ އޮފް އެޓަރނީއަކީ ބަލައިގަނެވޭނެ އެއްޗެއް ނޫންކަމުގައެވެ. ހަމަ މިއާއެކު، ލޯނު އެއްބަސްވުމާއި އެ ލޯނަށް ގެރެންޓީދޭ ރަހުނު އެއްބަސްވުމަކީ އެކުއެކީގައި ކުރަންޖެހޭ ދެ އެއްބަސްވުން ކަމުގައިވާހިނދު، ލޯނު އެއްބަސްވުމުގައި ސޮއިކޮށް، ލޯނު ދޫކުރުމަށްފަހު، މާފަހުގެ ތާރީޚެއްގައި ރަހުނު އެއްބަސްވުމުގައި ސޮއިކުރުމަކީ މާލީ އިދާރާތަކުން ކުރާކަމެއް ނޫންކަމުގައާއި، ލޯނު ފައިސާ އާންމު ހާލަތުގައި ދޫކުރަނީ އެއްބަސްވުމުގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވުމަށް ފަހުގައިކަން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކުރެވެއެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޕަވަރ އޮފް އެޓަރނީ ދީފައިވަނީ 22 ޖަނަވަރީ 2013 ގައި ކަމުގައިވާއިރު، ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޭގެ ކުރިން، 23 އޮކްޓޫބަރު 2012 ގައި ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ލޯނު ފެސިލިޓީވެސް ދޫކޮށްފައިވާކަމަށް ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނެއެވެ. އޭގެ އިތުރުން، 22 ޖަނަވަރީ 2013 ގައި ސޮއިކުރި ޕަވަރ އޮފް އެޓަރނީގެ ބާރު ހިނގަންޖެހޭނީ އެ ތާރީޚުން ފެށިގެން ކަމުގައިވާއިރު، އެ ތާރީޚުގެ ކުރިން އެ ޕަވަރ އޮފް އެޓަރނީ ބޭނުންކޮށްގެން އެއްވެސް މުޢާމަލާތެއް ކޮށްފައިވާނަމަ، އެ މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއް ކަމުގައި ނުބެލެވޭނެ ކަމަށްވެސް ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކުރެއެވެ.
އަދި ހައިކޯޓުން ނިންމި ޤަޟިއްޔާގެ 7 ވަނަ ޕެރެގްރާފްގައި، ޚަދީޖާ އިބްރާހީމް ދީދީއަކީ އެމް.ސީ.ބީއިން ދޫކުރި ލޯނުގެ މޯގެޖަރ އެއް ކަމުގައާއި، އެ އެއްބަސްބުން ވެފައިވަނީ23 އޮކްޓޫބަރު 2012 ގައި ކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 23 ޖަނަވަރީ 2013 ގައިކަމާއި، އެކަން ސިވިލް ކޯޓުގައި އެއްބަސްވުން ރަޖިސްޓުރީ ކުރި ތާރީޚަށް ބެލުމުން އެނގެން އޮތުމުން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ބާރު ލިބިގެން، އެ ޕަވަރ އޮފް އެޓަރނީ ލިބުނު ފަހުން ކަމުގައި ބަޔާންކޮށްފައިވާއިރު، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން އެކަމަށް އިންކާރުކޮށް ހައިކޯޓާާއި ދަށު ކޯޓުގައި ވެސް ވާހަކަ ދައްކާފައިވާކަމުން، އެ ޙަޤީޤަތްތަކަށް ބެލުމެއް ނެތި ހައިކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 40 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާ ޚިލާފަށްކަމުގައިވެސް ޚަދީޖާ އިބްރާހީމް ދީދީ ބުނެއެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވާ މި ނުކުތާގެ ރައްދުގައި، އެމް.ސީ.ބީގެ ފަރާތުން ބުނެފައިވަނީ، ޚަދީޖާ އިބްރާހީމް ދީދީގެ މުދާ ރަހުނުކޮށް ލޯނު ނެގިއިރު، އެ މުދަލަކީ އެ މުދަލުން ތަޞައްރަފުކުރުމުގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ލިބިފައިނުވާ މުދަލެއް ކަމަށް އޭނާ ބުނާއިރު، މުބާޙު މުޙައްމަދު ޒަކީ ރަހުނު އެގްރީމެންޓުގައި ސޮއިކުރިއިރު، ލޯނާއި ގުޅިގެން މ.ރަންނާ ރަހުނުކުރުމުގެ ބާރު ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން އޮތީ ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް މުބާޙު މުޙައްމަދު ޒަކީއަށް ދީފައިކަމުން، އެ މުދަލަކީ އެ މުދަލުން ތަޞައްރަފުކުރުމުގެ ޤާނޫނީ ޙައިސިއްޔަތު ލިބިފައިނުވާ މުދަލެއް ކަމުގައި ބުނުމުގެ އަސާސެއް ނެތްކަމަށެވެ.
މި ކޯޓުގެ ކުރިމަތީގައި މި އޮތް މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ފާހަގަވާ ކަންތައްތަކެއް ތިރީގައި ތަފްސީލުކުރަމެވެ.
ފުރަތަމަ ކަމަކަށް، ފެސިލިޓީ އެގްރީމަންޓް އެ މައްޗަށް ބިނާވާ ފެސިލިޓީ ލެޓަރގައި އޮންނަ ތާރީޚަކީ 23 އޮކްޓޫބަރު 2012 އެވެ. އެ ފެސިލިޓީ ލެޓަރގެ އެންމެ ފަހު ސަފުހާއިން، އެ ފެސިލިޓީ ލެޓަރއަކީ ލޯނު ލިބިގަތުމަށް އެދޭ ފަރާތަށް ދީފައިވާ އޮފަރ އެއްކަމާއި، އެ އޮފަރ ދެމި އޮންނާނީ23 ނޮވެންބަރު 2012 ގެ ނިޔަލަށްކަމާއި، ލޯނު ލިބިގަތުމަށް އެދޭ ފަރާތުން ފެސިލިޓީ ލެޓަރގައި ސޮއިކޮށް 23 ނޮވެންބަރު 2012 ގެ ނިޔަލަށް އެމް.ސީ.ބީއަށް ނުފޮނުވައިފިނަމަ، އޮފަރގެ މުއްދަތު އިތުރުކުރުމަކީ ހަމައެކަނި އެމް.ސީ.ބީއަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. ބުނެވުނު ފެސިލިޓީ ލެޓަރގައި ލޯނު ލިބިގަތުމަށް އެދޭ ފަރާތުން ސޮއިކޮށް އެމް.ސީ.ބީއަށް ފޮނުވާފައިވާ ތާރީޚު އެނގެން ނެތެވެ.
ދެވަނަ ކަމަކަށް، ފެސިލިޓީ އެގްރީމަންޓްގައި ލޯނުގެ ސެކިއުރިޓީއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ މ.ރަންނާ އެވެ ކިޔާ ގޯތި ރަހުނުކުރުމުގެ ގޮތުން ވެފައިވާ ރަހުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 23 އޮކްޓޫބަރު 2012 ގައި ކަމުގައި ސިވިލް ކޯޓުގައި ރަޖިސްޓަރީކުރި އެއްބަސްވުމުގެ ފުރަތަމަ ސަފުހާގައި ބަޔާންކޮށްފައިވާ ނަމަވެސް، އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްދިން ތާރީޚުގެ ގޮތުގައި ކޯޓުން ލިޔެ ސޮއިކޮށްފައިވަނީ 23 ޖަނަވަރީ 2013 އެވެ. އަދި އެ ރަހުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްބަސްވުމުގެ ބައިވެރިން ކޯޓުގައި ހާޟިރުވެ ތިބެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ތިންވަނަ ކަމަކަށް، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނު ކުރުމުގެ ބާރު ޕްރޮމިނަންޓް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރ މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވަނީ 22 ޖަނަވަރީ 2013 ގައިކަން އަދި އެ ލިޔުމުގައި ޚަދީޖާ އިބްރާހީމް ދީދީ ސޮއިކޮށްފައިވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ކަންވެސް އެ ޕަވަރ އޮފް އެޓަރނީ ލިޔުމުން އެނގެން އޮވެއެވެ.
ބުނެވުނު ލިޔެކިޔުންތަކާއި ގުޅިގެން އިސްވެ ފާހަގަކޮށްފައިވާ ކަންކަމުން، 22 ޖަނަވަރީ 2013 ގައި ސޮއިކުރި ޕަވަރ އޮފް އެޓަރނީގެ ބާރު ހިނގަން ފަށާފައިވަނީ އެ ޕަވަރ އޮފް އެޓަރނީގެ ތާރީޚުން ފެށިގެން ކަމާއި، އެ ޕަވަރ އޮފް އެޓަރނީގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ ރަހުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ޚަދީޖާ އިބްރާހީމް ދީދީގެ ޕަވަރ އޮފް އެޓަރނީ މުބާޙު މުޙައްމަދު ޒަކީއަށް ލިބުނު ދުވަހާއި ޖެހިގެން އައި ދުވަހުކަން އެނގެއެވެ. އަދި މި މައްސަލައިގައި ބަޔާންކުރާ މުޢާމަލާތާއި ގުޅިގެން، އެ ޕަވަރ އޮފް އެޓަރނީގެ ދަށުން، އޭގައިވާ ތާރީޚުގެ ކުރިން އެއްވެސް މުޢާމަލާތެއް ކޮށްފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ މ. ރަންނާ އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވަނީ އެކަން ކުރުމުގެ ބާރާއި ހައިސިއްޔަތު ލިބިގެން ކަމުގައި އަހުރެން ދެކެމެވެ.
ޕަވަރ އޮފް އެޓަރނީ ހަވާލުވި ފަރާތުން އަމަލުކޮށްފައިވަނީ ދީފައިވާ ބާރުގެ ބޭރުންތަ؟
22 ޖަނަވަރީ 2013 ގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް މ. ރަންނާ އެވެ ކިޔާ ގޯތި ރަހުނުކުރުމުގެ ބާރު ޕަވަރ އޮފް އެޓަރނީއެއް މެދުވެރިކޮށް ލިބިދީފައިވަނީ މ. ރަންނާ އެވެ ކިޔާ ގޯތި އިމާރާތްކުރުމަށް ޚަދީޖާ އިބްރާހީމް ދީދީއާއި ޕްރޮމިނަންޓް ރިސޯސަސްއާ މެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ގޯތި އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ކަމުގައާއި، އެގޮތުން ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާނެ ކަމުގައި ޚަދީޖާ އިބްރާހީމް ދީދީ ބުނެއެވެ. އެ ޕަވަރ އޮފް އެޓަރނީއަކީ މުބާޙު މުޙައްމަދު ޒަކީގެ އަމިއްލަ ބޭނުމަށް ނުވަތަ އެ ފަރާތުން ވިޔަފާރި ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް ކަމަށް ނުވާއިރު، ޕަވަރ އޮފް އެޓަރނީގެ ދަށުން މުބާޙު މުޙައްމަދު ޒަކީއަށް ޚަދީޖާ އިބްރާހީމް ދީދީ ދިން ބާރު، މުބާޙު މުޙައްމަދު ޒަކީ ބޭނުންކޮށްފައިވަނީ އެ ޕަވަރ އޮފް އެޓަރނީ ދީފައިވާ މަޤްސަދާއި ޚިލާފަށް، ޕަވަރ އޮފް އެޓަރނީއިން ދީފައިވާ ބާރުގެ ބޭރުން ކަމުގައާއި، މިކަންކަމަށް ހައިކޯޓުން ރިޢާޔަތްކުރުމަކާއި ނުލައި ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ނިންމުމެއް ކަމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނެއެވެ.
މީގެ އިތުރުން، ޚަދީޖާ އިބްރާހީމް ދީދީ ދީފައިވާ ޕަވަރ އޮފް އެޓަރނީގައި، މ. ރަންނާ ރަހުނު ކުރުމަށް މުބާޙު މުޙައްމަދު ޒަކީއަށް ބާރު ދީފައިވާ ނަމަވެސް، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޕަރސަނަލް ގެރެންޓީ ދިނުމުގެ ނުވަތަ އޭނާ ޝަޚްސީގޮތުން ޖާމިނުކުރުމުގެ ބާރު ހިމަނާފައި ނުވާ ކަމަށާއި، މުދަލެއް ރަހުނުގެ ގޮތުގައި ބެހެއްޓުމާއި ޝަޚްސީ ގޮތުން ޖާމިނުވުމަކީ ޤާނޫނީގޮތުން ތަފާތު ދެކަމެއް ކަމުގައި ޚަދީޖާ އިބްރާހީމް ދީދީ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މ.ރަންނާ އެވެ ކިޔާ ގޯތި ރަހުނުކޮށް ނަގާ ލޯނަކަށް ޚަދީޖާ އިބްރާހީމް ދީދީ ޝަޚްސީގޮތުން ޖާމިނުވާންޖެހޭނެކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ނިންމުމެއް ކަމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނެއެވެ.
މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ދީފައިވާ ޕަވަރ އޮފް އެޓަރނީއަކީ މުބާޙު މުޙައްމަދު ޒަކީގެ "އަމިއްލަ" ބޭނުމަށް ވިޔަފާރިކުރަން ލޯނުނަގަން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް ނޫން ކަމަށް އޭނާ ބުނާއިރު، އެ ލޯނު ނަގާފައިވަނީ ޚަދީޖާ އިބްރާހީމް ދީދީ ހިއްސާވާ، ޚަދީޖާ އިބްރާހީމް ދީދީގެވެސް ކުންފުނީގެ ބޭނުމަށް ކަމަށް އެމް.ސީ.ބީއިން ބުނެފައިވެއެވެ. އަދި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގައި ފުށުއެރުންތަކެއް ހުރިކަމަށާއި، އެގޮތުން އެއް ނުކުތާގައި އެ ފަރާތުން ޕަވަރ އޮފް އެޓަރނީ ދިން ކަމާމެދު އިންކާރު ނުކުރާއިރު، އެހެން ނުކުތާއެއްގައި އެ ޕަވަރ އޮފް އެޓަރނީ އަކީ ޕަވަރ އޮފް އެޓަރނީއެއްގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠުތައް ފުރިހަމަނުވާ، އަދި މާލީ އިދާރާއަކުން ބަލައިގަނެ އެ މައްޗަށް މާލީ މުއާމަލާތެއް ހިންގުމަށް އެކަށީގެންވާ ޕަވަރ އޮފް އެޓަރނީއެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އެމް.ސީ.ބީއިން ފާހަގަކުރެއެވެ. އެހެންނަމަވެސް ޚަދީޖާ އިބްރާހީމް ދީދީ ދީފައިވާ ޕަވަރ އޮފް އެޓަރނީގައި އޭނާ ސޮއިކޮށްފައިވަނީ ސަލާމަތް ބުއްދިހުރި ހާލުގައި ކަމަށާއި، އެ ޕަވަރ އޮފް އެޓަރނީއަކީ މާލީ މުއާމަލާތެއް ހިންގުމަށް އެކަށީގެންވާ ޕަވަރ އޮފް އެޓަރނީއެއް ކަމަށް ބަލަންޖެހޭ ކަމަށާއި، ޚަދީޖާ އިބްރާހީމް ދީދީ ދީފައިވާ ބާރެއްގެ މައްޗަށް ބިނާކޮށް ތިންވަނަ ފަރާތަކާއެކު ވެފައިވާ މުއާމަލާތަކުން، ޚަދީޖާ އިބްރާހީމް ދީދީ ހިއްސާވާ ކުންފުންޏަކަށް މާލީ މަންފާ ލިބިގަތުމަށްފަހު، އޭނާގެ ފަރާތުން އަދާކުރުން ލާޒިމުކުރާ ޒިންމާއިން ބަރީއަވާން ޚަދީޖާ އިބްރާހީމް ދީދީ މަސައްކަތްކުރާ ކަމަށްވެސް އެމް.ސީ.ބީއިން ބުނެއެވެ.
ޕަވަރ އޮފް އެޓަރނީއަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ މީހަކު (ޕްރިންސިޕަލް)، އޭނާގެ ފަރާތުން ކަންކަން ކުރުމަށް އެހެން ފަރާތަކަށް (އޭޖަންޓް) އަށް ޤާނޫނީ ބާރު ދިނުމުގެ ގޮތުން އެކުލަވާލާ ޤާނޫނީ ލިޔުމެކެވެ. ޕަވަރ އޮފް އެޓަރނީއަކީ ނޯޓަރައިޒް ކުރެވިފައިވާ ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ނުވަތަ އެނޫންވެސް އެ ޤައުމެއްގައި ގަބޫލުކުރާ ރަސްމީ ފަރާތެއްގެ ކުރިމަތީގައި ސޮއިކޮށްފައިވާ ލިޔުމެއްނަމަ، އެ ލިޔުމަކީ އޭޖަންޓަށް ލިބިފައިވާ ބާރުތަކާއި އޭގެ ދާއިރާ ދައްކުވާދިނުމުގެ ގޮތުން ކޯޓެއްގައި ބޭނުންކުރެވިދާނެ ލިޔުމެކެވެ.
އެކި ޤައުމުތަކުގައި އެކުލަވާލެވޭ ޕަވަރ އޮފް އެޓަރނީގެ ބާވަތްތައް ތަފާތެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ޤާނޫނުން ވަކި ބާވަތްތަކެއްގެ ޕަވަރ އޮފް އެޓަރނީ ހެދޭނެކަން ނުވަތަ ނުހެދޭނެ ކަމުގައި ބަޔާންކޮށް ކަނޑައަޅާފައި ނުވެއެވެ. މިހެންކަމުން، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގެ އަލީގައި، ރާއްޖޭގެ ޤާނޫނާ ޚިލާފުނުވާނެ ގޮތެއްގެ މަތިން، ކޮންމެ ބާވަތެއްގެ ޕަވަރ އޮފް އެޓަރނީއެއްވެސް އެކުލަވާލުމުގެ ފުރުސަތު އޮވެއެވެ.
މި ސަބަބަށްޓަކައި، އާންމު އުސޫލުން ޕަވަރ އޮފް އެޓަރނީ ބަހާލެވޭ މައިގަނޑި ބައިތައް ފާހަގަކުރުން މުހިންމުކަމުގައި ދެކެމެވެ.
އާންމު (ޖެނެރަލް) ޕަވަރ އޮފް އެޓަރނީ –
މިއީ، ގިނަ ބާރުތަކެއް އޭޖަންޓަށް ލިބިދޭގޮތަށް ޕްރިންސިޕަލްގެ ފަރާތުން އެކުލަވާލާ ޕަވަރ އޮފް އެޓަރނީއެކެވެ. މިގޮތުން މިފަދަ ޕަވަރ އޮފް އެޓަރނީ ތަކުގެ ދަށުން، ވަކި އިމެއް ކަނޑައެޅުމަކާއި ނުލައި ޕްރިންސިޕަލްގެ ފަރާތުން ކަންކަން ކުރުމަށް ނުވަތަ ވަކި ކަމަކާއި ގުޅިގެން ނުވަތަ ކަންތައްތަކަކާއި ގުޅިގެން ޕްރިންސިޕަލްގެ ފަރާތުން ކަންކަން ކުރުމަށް އޭޖަންޓަށް ބާރު ލިބިދެއެވެ.
ވަކި ކަމަކަށް ޚާއްސަ (ލިމިޓެޑް ނުވަތަ ސްޕެޝަލް) ޕަވަރ އޮފް އެޓަރނީ –
މިއީ، ވަކި ކަންތައްތަކަކާއި ގުޅިގެން ވަކި ބާރުތަކެއް އޭޖަންޓަށް ލިބިދޭގޮތަށް ޕްރިންސިޕަލްގެ ފަރާތުން އެކުލަވާލާ ޕަވަރ އޮފް އެޓަރނީއެކެވެ. މި ބާވަތުގެ ޕަވަރ އޮފް އެޓަރނީ ތަކުގައި ޕްރިންސިޕަލްގެ ފަރާތުން އޭޖަންޓަށް ކުރެވޭނެ ކަންކަމާއި އޭގެ ދާއިރާ ކަނޑައަޅާފައި ހުރެއެވެ.
ޞިއްޙީ (މެޑިކަލް) ޕަވަރ އޮފް އެޓަރނީ –
މިއީ، ޕްރިންސިޕަލްއަށް ކުރިމަތިވެދާނެ ޞިއްޙީ ހާލަތެއްގައި އޭނާގެ ފަރާތުން އޭނާގެ ސިއްހަތާއި ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ބާރު އޭޖަންޓަށް ލިބިދޭގޮތަށް އެކުލަވާލާ ޕަވަރ އޮފް އެޓަރނީއެކެވެ. މިބާވަތުގެ ޕަވަރ އޮފް އެޓަރނީ ތަކުގެ ޒަރިއްޔާއިން އާންމުކޮށް އޭޖަންޓަށް ބާރު ލިބިދެވެނީ، ޕްރިންސިޕަލް އަމިއްލައަށް އޭނާގެ ޞިއްޙީ ކަންކަމާއި ގުޅިގެން ނިންމުންތައް ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޕްރިންސިޕަލްއަށް ލިބިދެވޭ ޞިއްޙީ ފަރުވާގެ ބާވަތާއި ޞިއްޙީ ހިދުމަތުގެ ކޮލިޓީ އާގުޅޭ ކަންކަން ނިންމުމަށެވެ.
އިސްވެ ބަޔާންކުރެވުނު ކޮންމެ ބާވަތެއްގެ ޕަވަރ އޮފް އެޓަރނީއަކީ އެ ޕަވަރ އޮފް އެޓަރނީގެ ދަށުން ލިބިދެވޭ ބާރުތައް ދެމި އޮންނާނެ މުއްދަތު ކަނޑައެޅިފައިވާ(durable) ނުވަތަ މުއްދަތު ކަނޑައެޅިފައި ނުވާ ޕަވަރ އޮފް އެޓަރނީއަކަށް ވެދާނެއެވެ. ޕަވަރ އޮފް އެޓަރނީގައި ބާރު ދެމި އޮންނާނެ މުއްދަތެއް ކަނޑައެޅިފައިވާނަމަ، އެ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ބާރު ލިބިދެވޭނީ އެ މުއްދަތެއް ހަމަވުމާއި ހަމައަށެވެ. ޕަވަރ އޮފް އެޓަރނީގައި މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، ނުވަތަ ޕަވަރ އޮފް އެޓަރނީގެ ދަށުން އޭޖަންޓަށް ބާރުތައް ލިބިދީފައިވާ މުއްދަތު ހަމަ ނުވާނަމަ، ޕަވަރ އޮފް އެޓަރނީގެ ދަށުން އޭޖަންޓަށް ލިބިދެވޭ ބާރުތައް ދެމި އޮންނާނީ ޕްރިންސިޕަލްގެ ފަރާތުން ލިބިދީފައިވާ ބާރުތައް އަނބުރާ ނެގުމާ ހަމައަށް، ނުވަތަ ޕްރިންސިޕަލް ނިޔާވުމާ ހަމައަށް، ނުވަތަ ކޯޓަކުން އެ ޕަވަރ އޮފް އެޓަރނީއެއް ބާޠިލުކުރުމާ ހަމައަށް، ނުވަތަ ޕަވަރ އޮފް އެޓަރނީ އަކީ ޞިއްޙީ (މެޑިކަލް) ޕަވަރ އޮފް އެޓަރނީއެއް ކަމުގައި ނުވާނަމަ، ޕްރިންސިޕަލްގެ ބުއްދި ފިލާދިއުމާއި ހަމައަށެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ އޭޖަންޓަށް ޕަވަރ އޮފް އެޓަރނީގެ ދަށުން ޒިންމާ އަދާނުކުރެވޭނަމަ ނުވަތަ އެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަވެސް، ޕަވަރ އޮފް އެޓަރނީއެއް ދެމިނުއޮންނާނެއެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނު ކުރުމުގެ ބާރު ދިނުމަށް އެކުލަވާލާ، އޭނާގެ ފަރާތުން 22 ޖަނަވަރީ 2013 ގައި ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ޕަވަރ އޮފް އެޓަރނީއަކީ ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނުކުރުމަށް ޕްރޮމިނަންޓް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރ މުބާޙު މުޙައްމަދު ޒަކީއަށް ބާރު ދިނުމުގެ ގޮތުން އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދީފައިވާ ޕަވަރ އޮފް އެޓަރނީއެކެވެ. އެ ޕަވަރ އޮފް އެޓަރނީގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނުކުރުމުގެ ބާރު މުބާޙު މުޙައްމަދު ޒަކީއަށް ލިބިދީފައިވަނީ ވަކި މުއްދަތަކަށް ކަމުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި ރަހުނުކުރުމުގެ ބާރު އެ ޕަވަރ އޮފް އެޓަރނީއިން ލިބިދީފައިވަނީ ވަކި މުޢާމަލާތަކާއި ގުޅިގެންކަންވެސް ބަޔާންކޮށްފައި ނުވެއެވެ.
އެހެންކަމާއެކު، މި މައްސަލައިގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅިގެން ޕަވަރ އޮފް އެޓަރނީގެ ދަށުން މުބާޙު މުޙައްމަދު ޒަކީއަށް ޚަދީޖާ އިބްރާހީމް ދީދީ ދިން ބާރު މުބާޙު މުޙައްމަދު ޒަކީ ބޭނުންކޮށްފައިވަނީ އެ ޕަވަރ އޮފް އެޓަރނީ ދީފައިވާ މަޤްސަދާއި ޚިލާފަށް، ޕަވަރ އޮފް އެޓަރނީއިން ދީފައިވާ ބާރުގެ ބޭރުން ކަމުގައި ބުނެވޭނެ ޖާގަ އޮތް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވަނީ މ.ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީއަށް ރަހުނު ކުރުމުގެ ބާރު ލިބިދޭ އާންމު (ޖެނެރަލް) ޕަވަރ އޮފް އެޓަރނީ އެއްކަމުގައިވާތީއެވެ. ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން އެ ޕަވަރ އޮފް އެޓަރނީގެ ދަށުން މ.ރަންނާ އެވެ ކިޔާ ގޯތި ރަހުނުކުރުމުގެ ބާރު މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވަނީ ހަމަ ހަޤީޤަތުގައިވެސް މ.ރަންނާ އެވެ ކިޔާ ގޯތި އިމާރާތްކުރުމަށް ޚަދީޖާ އިބްރާހީމް ދީދީއާއި ޕްރޮމިނަންޓް ރިސޯސަސްއާމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށްވާނަމަ، އެ ޕަވަރ އޮފް އެޓަރނީގައި އެ މަޢުލޫމާތު ހިމަނައި، އެ ޕަވަރ އޮފް އެޓަރނީ އެކުލަވާލަން ޖެހޭނީ ވަކި ކަމަކަށް ޚާއްސަ (ލިމިޓެޑް ނުވަތަ ސްޕެޝަލް) ޕަވަރ އޮފް އެޓަރނީއެއްގެ ގޮތުގައެވެ.
ދެން، ޚަދީޖާ އިބްރާހީމް ދީދީ ފާހަގަ ކޮށްފައިވާ ފަދައިން، އޭނާ ދީފައިވާ ޕަވަރ އޮފް އެޓަރނީގައި މ. ރަންނާ ރަހުނު ކުރުމަށް މުބާޙު މުޙައްމަދު ޒަކީއަށް ބާރު ދިނުމުގެ އިތުރުން، ލޯނާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީގެ ޕަރސަނަލް ގެރެންޓީ ދިނުމުގެ ނުވަތަ އޭނާ ޝަޚްސީގޮތުން ޖާމިނު ކުރުމުގެ ބާރު ހިމަނާފައިވާ ކަން އަދި ނޫންކަމުގެ މައްޗަށް ބަލާނަމެވެ.
މި ރައުޔުގެ 27 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން 22 ޖަނަވަރީ 2013 ގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ސޮއިކުރި ޕަވަރ އޮފް އެޓަރނީގައި އޮންނަނީ އޭނާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނުކުރުމަށް ޕްރޮމިނަންޓް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރ މުބާޙު މުޙައްމަދު ޒަކީއަށް ބާރު ދިންކަމުގައެވެ. އެ ޕަވަރ އޮފް އެޓަރނީގައި އެމް.ސީ.ބީއަށް ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޝަޚްސީގޮތުން ޖާމިނުވުމާގުޅޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވެއެވެ.
އެހެން ނަމަވެސް، މާލީ މުޢާމަލާތްތަކާއި ގުޅިގެން މުދާ ރަހުނުކުރާ ފަރާތްތަކުން ޝަޚްސީގޮތުން ޖާމިނުވުމަކީ ލޯނު ދިނުމުގައި އާންމުކޮށް އަމަލުކުރާ އުސޫލު ކަމުގައިވާތީ، އެމް.ސީ.ބީގެ ފަރާތުން ބުނާފަދައިން، އެ ޕަވަރ އޮފް އެޓަރނީއަކީ މާލީ މުއާމަލާތެއް ހިންގުމަށް އެކަށީގެންވާ ޕަވަރ އޮފް އެޓަރނީއެއް ކަމަށް ބަލަންޖެހޭ ހެއްޔެވެ؟
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް މ. ރަންނާ ރަހުނުކުރުމުގެ ބާރު ލިބިދިން ޕަވަރ އޮފް އެޓަރނީއަކީ އާންމު ޕަވަރ އޮފް އެޓަރނީ އެއް ނަމަވެސް، އެ ޕަވަރ އޮފް އެޓަރނީގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޝަޚްސީގޮތުން ޖާމިނުވުމުގެ ގޮތުން މުބާޙު މުޙައްމަދު ޒަކީއަށް ބާރު ލިބިދޭ ކަމުގައި ބަޔާން ކޮށްފައި ނުވާތީ، އާންމު އުސޫލުން ބަލާނަމަ، އެ ޕަވަރ އޮފް އެޓަރނީގެ ދަށުން، މި މައްސަލައާގުޅޭ މުޢާމަލާތުން ނަގާފައިވާ ލޯނާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީ ޝަޚްސީގޮތުން ޖާމިނުކުރުމުގެ ގޮތުން މުބާޙު މުޙައްމަދު ޒަކީއަށް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިދީފައިވާ ކަމުގައި ނުބެލޭނެއެވެ. އެއީ، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން ލޯނަކާއި ގުޅިގެން މުދަލެއް ރަހުނުގެ ގޮތުގައި ބެހެއްޓުމާއި ޝަޚްސީ ގޮތުން ޖާމިނުވުމަކީ ޤާނޫނީގޮތުން ތަފާތު ދެކަމެކެވެ. އަދި އޭގެ ނަތީޖާވެސް ތަފާތު މެއެވެ.
މުދަލެއް ރަހުނު ކުރުމުގެ ބޭނުމަކީ ނަގާ ދަރަންޏަކާ ގުޅިގެން ފައިސާ ދައްކާނެ ކަމުގެ ޔަޤީންކަން ދިނުމެވެ. މިފަދައިން ގޯއްޗެއް ރަހުނު ކުރާއިރު، ރަހުނު ބަހައްޓާ ފަރާތަކީ ލޯނު ނަގާ ފަރާތަށްވުން ނުވަތަ ނަގާފައިވާ ދަރަންޏަކީ ރަހުނު ކުރާ މުދަލުގެ ވެރިފަރާތަށް ނިސްބަތްވާ ދަރަންޏަކަށްވުން ލާޒިމުވެގެން ނުވެއެވެ. ލޯނަކާއި ގުޅިގެން މުދަލެއް ރަހުނު ކުރުމުން، ދެފަރާތުން އެއްބަސްވެފައިވާ ފަދައިން އެ ލޯނު ފައިސާ ރަހުނު ހިފި ފަރާތަށް ދައްކަމުން ނުދާނަމަ، ކަނޑައެޅިފައިވާ ގޮތްތަކުގެ ތެރެއިން، އެ ރަހުނުކުރެވުނު މުދާ ވިއްކާލައި ލޯނަށް ނުދެއްކިވާ ފައިސާ ހޯދުމުގެ ފުރުސަތު އޮވެއެވެ. އަދި މިކަން މިގޮތަށް ކުރުމަށް ރަހުނު އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ވަނީ އެއްބަސްވެސް ވެފައެވެ.
ރަހުނު ކުރެވޭ މުދާ ވިއްކާލާ ހާލަތުގައި، ރަހުނު ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ލޯނާގުޅިގެން ދައްކަންޖެހޭ ފައިސާ ޚަލާސްނުކުރެވޭނަމަ، ދެން އެ ރަހުނު ކުރި ފަރާތުގެ މައްޗަށް އިތުރު ޒިންމާތަކެއް ނާންނާނެއެވެ. އެއީ ރަހުނަކީ އެކަށީގެންވާ ރަހުނެއްކަން ކަށަވަރުކުރުމަކީ ރަހުނުހިފާ ފަރާތުގެ ޒިންމާއެއް ކަމުގައިވާތީއެވެ.
ރަހުނު ބެހެއްޓުމެކޭ އެއްފަދައިން ލޯނަކާ ގުޅިގެން ޝަޚްސީ ގޮތުން ޖާމިނުވުމަކީ ނަގާ ދަރަންޏަކާއި ގުޅިގެން ފައިސާ ދައްކާނެ ކަމުގެ ޔަޤީންކަން ދިނުމެވެ. އެހެން ނަމަވެސް، ރަހުނު ބެހެއްޓުމާއި ޚިލާފަށް، ލޯނަކާއި ގުޅިގެން ޝަޚްސީ ގޮތުން ޖާމިނުވުމަކީ ލޯނަކާ ގުޅިގެން ދެފަރާތުން އެއްބަސްވެފައިވާ ފަދައިން އެ ލޯނު ފައިސާ އަނބުރާ ދައްކަމުން ނުދާނަމަ، ލޯނު ދައްކާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ޝަޚްސީ ގޮތުން ޖާމިނުވި ފަރާތް އެ ލޯނު ފައިސާ އަނބުރާ ދެއްކުމުގެ ޒިންމާ ނެގުމެވެ. އަދި މިގޮތުން، ޝަޚްސީ ގޮތުން ޖާމިނުވާ ފަރާތަކުން، ލޯނު ފައިސާ އަނބުރާ ދައްކާ ޚަލާސްވުމާ ހަމައަށް ނުވަތަ އެފަރާތެއް އިފްލާސްކުރުމާ ހަމައަށް ޒިންމާ ނަގަންޖެހެއެވެ.
އެހެންކަމުން، ލޯނަކާ ގުޅިގެން ފައިސާ އަނބުރާ ދައްކާނެކަމުގެ ޔަޤީންކަން ދިނުމުމުގެ ގޮތުން ރަހުނުގެ ގޮތުގައި މުދާ ބެހެއްޓުމާއި ޝަޚްސީ ގޮތުން ޖާމިނުވެ ޒިންމާ ނެގުމަކީ ޤާނޫނީގޮތުން ދެ ނަތީޖާއެއް ނިކުންނަ ދެ ބާވަތެއްގެ ސެކިއުރިޓީ ނުވަތަ ޔަޤީންކަމެއް ކަމުން، ރަހުނު ކުރުމަށް ދީފައިވާ ބާރުގެ ތެރޭގައި ޝަޚްސީ ގޮތުން ޖާމިނުވެ ޒިންމާ ނެގުން ހިމެނޭ ކަމުގައި ބެލުމަކީ އެކަށީގެންވާ ގޮތެއްކަމުގައި އަހުރެން ނުދެކެމެވެ. އަދި ކުރެވުނު މުޢާމަލާތުން ޚަދީޖާ އިބްރާހީމް ދީދީ ހިއްސާވާ ކުންފުންޏަކަށް މާލީ މަންފާ ލިބިފައިވުމަކީ ޚަދީޖާ އިބްރާހީމް ދީދީ ދީފައިވާ ބާރެއްގެ މައްޗަށް ބިނާކޮށް އޭނާ ދިން ޕަވަރ އޮފް އެޓަރނީގެ ދަށުން، ޚަދީޖާ އިބްރާހީމް ދީދީ ޝަޚްސީ ގޮތުން ޖާމިނުވާންޖެހޭ ކަމުގައި ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ކަމުގައިވެސް ނުދެކެމެވެ.
މި މައްސަލައިގައި ބަޔާންކުރާ މުޢާމަލާތާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޝަޚްސީ ގޮތުން ޖާމިނުވެ ޒިންމާ ނަގަން ނުޖެހޭ ކަމުގައި އަހުރެން ދެކޭ ނަމަވެސް، 22 ޖަނަވަރީ 2013 ގައި އޭނާގެ ފަރާތުން ސޮއިކުރި ޕަވަރ އޮފް އެޓަރނީގެ ދަށުން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މ. ރަންނާ އެމް.ސީ.ބީގައި ރަހުނުކުރުމުގެ ބާރު މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާކަމުގައި، އަދި ބުނެވުނު މުޢާމަލާތާއި ގުޅިގެން އެ ގޯތި ރަހުނުކޮށްފައިވާ ކަމުގައި އަހުރެން ދެކެމެވެ.
މައްސަލަ ނިންމާފައިވަނީ ލޯ އޮފް ކޮންޓްރެކްޓް އާއި ލޯ އޮފް އެޖެންސީގެ އަސާސީ އުސޫލުތަކާއި، އެޖެންޓުގެ ޒިންމާތަކަށް ބެލުމެއްނެތިތަ؟
ޕަވަރ އޮފް އެޓަރނީއާ ގުޅޭ ޚާއްޞަ ޤާނޫނެއް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކުލަވާލާފައި ނެތްނަމަވެސް، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކޮށް އެ އުސޫލުތައް ނެގެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން ލާޒިމުކަމެއް ކަމުގައިވާތީ، ލޯ އޮފް ކޮންޓްރެކްޓް އާއި ލޯ އޮފް އެޖެންސީގެ އަސާސީ އުސޫލުތަކާއި، އެޖެންޓުގެ ޒިންމާތަކަށް ބެލުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނާ ނުކުތާ ތަފްސީލުކުރަމުން، އޭނާގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ބައެއް ބޭންކުތަކުގައި، އެ ބޭންކު މެދުވެރިކޮށް ހިނގާ މާލީ މުޢާމަލާތްތަކާއި ގުޅިގެން ޕަވަރ އޮފް އެޓަރނީއެއް ބޭނުންކުރަނީނަމަ، ޕަވަރ އޮފް އެޓަރނީއަކީ ނޮޓަރައިޒްކޮށްފައިވާ ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ލިޔުމަކަށްވުން ލާޒިމުކުރުމުގެ އިތުރުން، އެ ލިޔުމުގެ ފޯމެޓާއި ލިޔުން ހުށަހަޅާނެ ޚާއްސަ ފޯމު ކަނޑައަޅާފައިވާކަން.
މެލޭޝިޔާގެ ޤާނޫނުގައި އޭޖަންޓްގެ ޒިންމާތައް ބަޔާންކޮށްފައިވާކަން.
ޕަވަރ އޮފް އެޓަރނީގައި ޕްރިންސިޕަލްގެ ފަރާތުން ހަވާލުކުރި ޒިންމާ އާއި ބާރު ސާފުކޮށް ބަޔާންކޮށްފައި ނެތުމާއި، އެކަންކަން ކުރުމަށް އޭޖަންޓް އެއްބަސްވެ ސޮއިކޮށްފައި ނެތުމާއި، އެނޫންވެސް ބޭންކުން މުއާމަލާތް ފުރިހަމަކުރުމުގެ ކުރިން ބަލަންޖެހޭ އިޖުރާއީ ކަންކަމަށް ބަލާފައި ނެތުން، އަދި އެ ޕަވަރ އޮފް އެޓަރނީގައި ލިޔުމުގެ އެތަކެއް ކުށެއް ހުރިކަން.
މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި އެމް.ސީ.ބީގެ ފަރާތުން ބުނެފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޕަވަރ އޮފް އެޓަރނީގައި ސޮއިކޮށްފައިވަނީ ސަލާމަތް ބުއްދިހުރި ހާލަތުގައިކަމުން، އެ ފަރާތުން ޕަވަރ އޮފް އެޓަރނީ ދިނީ އެއީ މާލީ މުއާމަލާތެއް ހިންގުމަށް އެކަށީގެންވާ ޕަވަރ އޮފް އެޓަރނީއެއް ކަމަށް ޤަބޫލުކޮށްގެން ކަމުގައި ބަލަންޖެހޭ ކަމަށާއި، އެ ފަރާތުން ދިން ބާރެއްގެ މައްޗަށް ބިނާކޮށް ތިންވަނަ ފަރާތަކާއެކު ވެފައިވާ މުއާމަލާތަކުން، ޚަދީޖާ އިބްރާހީމް ދީދީ ހިއްސާވާ ކުންފުންޏަކަށް މާލީ މަންފާ ލިބިގަތުމަށްފަހު، ޒިންމާއިން ބަރީއަވާން މަސައްކަތްކުރާ ކަމަށެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އަހުރެން ދެކޭގޮތް ވަކިވަކިން ބަޔާންކުރާނަމެވެ.
އެމެރިކާގެ ބައެއް ބޭންކުތަކުގައި އަމަލުކުރާ ގޮތް
މި ރައުޔުގެ 24 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގައި ޕަވަރ އޮފް އެޓަރނީ އެކުލަވާލުމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް ނެތުމުން، ރާއްޖޭގެ ޤާނޫނާ ޚިލާފުނުވާނެ ގޮތެއްގެ މަތިން، ކޮންމެ ބާވަތެއްގެ ޕަވަރ އޮފް އެޓަރނީއެއް އެކުލަވާލުމަކީ ކުރެވިދާނެކަމެކެވެ. އަދި އެކި ގައުމުތަކުގައި އެކުލަވާލެވޭ ޕަވަރ އޮފް އެޓަރނީގެ ބާވަތްތައް ތަފާތުވާ ފަދައިން، އެކި ބާވަތްތަކުގެ މުޢާމަލާތްތަކާއި ގުޅިގެން އެކި ގައުމުތަކުގައި ޕަވަރ އޮފް އެޓަރނީ ގަބޫލުކުރާ މިންގަނޑާއި، އެ ލިޔުމާއި ގުޅިގެން ގެންގުޅޭ އިޖުރާއަތުތައް ތަފާތެވެ. ރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޕަވަރ އޮފް އެޓަރނީއާ ގުޅިގެން ވަކި ގޮތަކަށް ކަންކުރުމަށް ބަޔާންކޮށްފައި ނުވާތީ، މި ރައުޔުގެ 23 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، ޕަވަރ އޮފް އެޓަރނީއަކީ ނޯޓަރައިޒް ކުރެވިފައިވާ ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ނުވަތަ އެނޫންވެސް އެ ޤައުމެއްގައި ގަބޫލުކުރާ ރަސްމީ ފަރާތެއްގެ ކުރިމަތީގައި ސޮއިކޮށްފައިވާ ލިޔުމެއްނަމަ، އެ ލިޔުމަކީ އޭޖަންޓަށް ލިބިފައިވާ ބާރުތަކާއި އޭގެ ދާއިރާ ދައްކުވާދިނުމުގެ ގޮތުން ކޯޓެއްގައި ބޭނުންކުރެވިދާނެ ލިޔުމެކެވެ. އަދި ޕަވަރ އޮފް އެޓަރނީއަކީ ބޭންކަކާއި ކުރާ ވަކި މުޢާމަލާތަކާއި ގުޅިގެން ނުވަތަ ވަކި ބާވަތެއްގެ މުޢާމަލާތަކާއި ގުޅިގެން ދީފައިވާ ލިޔުމެއްނަމަ، އެއީ އެ ބޭންކަށް އެކަށޭނަ ފަދައަކުން އޮތް ލިޔުމެއް ކަމުގައި އެބޭންކަކުން ދެކޭނަމަ، ދުނިޔޭގެ އެހެން ގައުމުތަކުގައި ނުވަތަ މާލީ އިދާރާތަކުގައި ރައްކާތެރިކަމެއްގެ ގޮތުން އެކަށައަޅާފައިވާ ވަކި އިޖުރާއަތެއް ފުރިހަމަ ނުކުރުމަކީ އެ ޕަވަރ އޮފް އެޓަރނީގެ ސައްހަކަމާމެދު ސުވާލު އުފެއްދިދާނެ ސަބަބެއް ކަމުގައި ނުދެކެމެވެ.
މެލޭޝިޔާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އޭޖަންޓްގެ ޒިންމާތައް
ކޮންމެ ޤައުމެއްގައި އެކުލަވާލާ ޤާނޫނަކީވެސް، އެ ޤައުމެއްގައި ޢަމަލުކުރުމަށް އެކުލަވާލާ ޤާނޫނެވެ. ހުޅުވިގެންވާ ދިމިޤްރާތީ މުޖްތަމަޢެއްގައި އެކުލަވާލާފައިވާ ޤާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތަތީ، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އެއަށް ފަނޑިޔާރުން ރިއާޔަތްކުރަންޖެހޭ ކަމެއް ނޫނެވެ. އެފަދައިން އަމަލުކޮށްފިނަމަ، އެކަން ވެގެންދާނީ އެހެން ޤައުމެއްގެ ޤާނޫނެއް ރާއްޖޭގައި ތަޠުބީޤުކުރުން ކަމުގައެވެ. އެއީ އެ ޤާނޫނެއް ހެދިފައިވާ ތަރަހައިން ބޭރު، އަދި ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތާވެސް ގުޅުން ހުރި ކަންކަން ކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބުނާ ފަދައިން ޙައްޤުތައް މާނަކުރުމުގައި ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި އަމަލުކުރާ އުސޫލުތައް ތަޠުބީޤުކުރުމަކީ އެފަދަ ޤައުމުތަކުގެ ޤާނޫނުގައި ބުނާކަންކަން ރާއްޖޭގައި ބޭނުންކުރުމުގެ ދޮރު ހުޅުވާލާފައި އޮތުން ކަމުގައި އަހުރެން ނުދެކެމެވެ.
އެއާ ޚިލާފަށް، ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖްތަމަޢެއްގައި އެކުވާލާފައިވާ ޤާނޫނެއްގައިވާ އުސޫލަކީ އެ މައުޟޫޢެއްގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ އުސޫލަކަށް (legal principle) ވާނަމަ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެފަދަ ޤާނޫނީ އުސޫލެއްގެ ބޭނުން ހިފިދާނެކަމުގައި އަހުރެން ދެކެމެވެ. އަދި މިފަދައިން ޤާނޫނީ އުސޫލެއްގެ ބޭނުން ހިފުމަކީ އެހެން ޤައުމެއްގައި ވަކި ކަމަކާއި ގުޅިގެން ޢަމަލުކުރާ ޤާނޫނެއް ދިވެހިރާއްޖޭގައި ތަޠުބީޤުކުރުމަށް ފުރުޞަތު ހުޅުވިގެންދާކަމެއް ކަމުގައި ނުދެކެމެވެ.
މި ސަބަބަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ހަވާލާދީފައިވާ މެލޭޝިޔާގެ ޤާނޫނު ތަޠުބީޤު ނުކުރެވޭނެ ނަމަވެސް، އެ ޤާނޫނުގައި ބަޔާންކޮށް، ޚަދީޖާ އިބްރާހީމް ދީދީ ގެ ފަރާތުން ކޯޓުގައި ފާހަގަކޮށްފައިވާ ތިން ކަމެއް ފާހަގަވެއެވެ. އެއީ:
އޭޖަންޓްގެ ފަރާތުން އަމަލުކުރަންޖެހޭނީ ޕްރިންސިޕަލް އިރުޝާދުދޭ ގޮތަށްކަން، އަދި އެހެން ނޫންނަމަ، އެއީ އޭޖެންސީ ކޮންޓްރެކްޓާއި ޚިލާފުވުންކަން.
އޭޖަންޓްގެ ފަރާތުން ޕްރިންސިޕަލްގެ އިރުޝާދަށް އަމަލުކުރަންޖެހޭނީ އެ އިރުޝާދެއް ޤާނޫނާ ޚިލާފުކަމުގައި ނުވާނަމަކަން.
އޭޖަންޓްގެ ޒިންމާއާއި ފުށުއަރާ އެއްވެސް ކަމެއް އޭނާގެ އަމިއްލަ މަސްލަހަތުގައި ނުކުރެވޭނެކަން.
އިސްވެ ބަޔާންވެދިޔަ ތިން ކަމަކީ މެލޭޝިޔާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ނަމަވެސް، އެއީ ދުނިޔޭގެ ޤާނޫނީ ނިޒާމުތަކުގައި ބަލައިގަންނަ އާންމު ޤާނޫނީ އުސޫލުތައް ކަމުގައިވާތީ، މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމުގެ ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ދެން އުދެފޭ ސުވާލަކީ، ބުނެވުނު އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމުން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން 22 ޖަނަވަރީ 2013 ގައި ސޮއިކުރި ޕަވަރ އޮފް އެޓަރނީގެ ސައްހަކަމާމެދު ސުވާލު އުފެދޭހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން (މި ރައުޔުގެ 44 ވަނަ ޕެރެގްރާފްގައި ހިމަނާފައިވާ) ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވާ އޭޖަންސީގެ ތިން އުސޫލާއި މި މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާލާނަމެވެ.
މި ރައުޔުގެ 27 ވަނަ ޕްރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނު ކުރުމުގެ ބާރު ދިނުމަށް އެކުލަވާލި ޕަވަރ އޮފް އެޓަރނީގައި ބަޔާންކޮށްފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނުކުރުމަށް ޕްރޮމިނަންޓް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރ މުބާޙު މުޙައްމަދު ޒަކީއަށް ބާރު ދިނުމުގެ ގޮތުން އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެ ބާރުތައް ދީފައިވާ ކަމަށެވެ. އެ ޕަވަރ އޮފް އެޓަރނީއަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ، އަދި ވަކި މުޢާމަލާތަކަށް ހަވާލާދޭ ޕަވަރ އޮފް އެޓަރނީއެއް ކަމުގައި ނުވާތީ، ބުނެވުނު ޕަވަރ އޮފް އެޓަރނީގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނު ކޮށްފައިވަނީ ޕްރިންސިޕަލްގެ ހައިސިއްޔަތުން ޚަދީޖާ އިބްރާހީމް ދީދީ ދީފައިވާ އިރުޝާދާއި ޚިލާފަށް ކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ. މި ރައުޔުގެ 28 ވަނަ ޕްރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، އެ ޕަވަރ އޮފް އެޓަރނީއަކީ ވަކި މުޢާމަލާތަކާއި ގުޅިގެން ނުވަތަ ވަކި މަޤްސަދެއްގައި އެކުލަވާލާފައިވާ ޕަވަރ އޮފް އެޓަރނީއެއްނަމަ، ޕަވަރ އޮފް އެޓަރނީ އެކުލަވާލަން ޖެހޭނީ އެ ލިޔުމުގައި އެ މަޢުލޫމާތު ހިމަނައިގެންނެވެ.
ބުނެވުނު ޕަވަރ އޮފް އެޓަރނީއިން އެކަން ސާބިތުވާން ނެތްނަމަވެސް، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓަރނީ ދީފައިވަނީ ހަމަ ހަޤީޤަތުގައިވެސް ވަކި މުޢާމަލާތަކާއި ގުޅިގެން ކަމުގައިވެފައި، އެކަން ޚަދީޖާ އިބްރާހީމް ދީދީއަށް ކޯޓެއްގައި ސާބިތުކޮށްދެވިއްޖެނަމަ، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ދިން އިރުޝާދާއި ޚިލާފުމުގެ ޒިންމާއާއި، އެފަދައިން އެ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން ޚަދީޖާ އިބްރާހީމް ދީދީއަށް ގެއްލުމެއް ލިބިފައިވާނަމަ، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، އެ ގެއްލުމެއްގެ ބަދަލު ދިނުމަކީ އިރުޝާދާއި ޚިލާފުވި ފަރާތުގެ ހައިސިއްޔަތުން މުބާޙު މުޙައްމަދު ޒަކީ އުފުލަންޖެހޭ ބުރައެކެވެ. އެހެންނަމަވެސް، އެއީ ޚަދީޖާ އިބްރާހީމް ދީދީއާއި މުބާޙު މުޙައްމަދު ޒަކީއާމެދު ހަމަޖައްސަންޖެހޭ ކަމެކެވެ. އަދި ޕަވަރ އޮފް އެޓަރނީގައި އެކަން ސަރީހަކޮށް ބަޔާންކޮށްފައި ނެތުމުން، އެއީ ތިންވަނަ ފަރާތެއް ޝާމިލުވާގޮތަށް ކޮށްފައިވާ މުޢާމަލާތަކަށް އެކަމުގެ ސަބަބުން އަސަރު ކުރަންޖެހޭ ސަބަބެއް ނޫނެވެ.
އެހެންކަމުން، މިހާލަތުގައި، މި މައްސަލައިގައި ހިމެނޭ މުޢާމަލާތުގެ ބޭނުމަށްޓަކައި، އޭޖަންޓުގެ ހައިސިއްޔަތުން މުބާޙު މުޙައްމަދު ޒަކީ އަމަލުކޮށްފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ އިރުޝާދާއި ޚިލާފަށް ކަމުގައި ބެލެވެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވާ އޭޖަންސީއާގުޅޭ ދެވަނަ އުސޫލަށް ބަލާއިރު، އެއީ އޭޖަންޓްގެ ފަރާތުން ޕްރިންސިޕަލް ކުރާ ޤާނޫނާ ޚިލާފު އިރުޝާދަކަށް އޭޖަންޓް އަމަލުކުރަން ނުޖެހޭނެ ކަމަށް ބަޔާންކުރާ އުސޫލެއް ކަމަށްވެފައި، މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެއްވެސް ނުކުތާއެއްގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ޤާނޫނާ ޚިލާފު އިރުޝާދެއް ދީފައިވާ ކަމުގެ އިޝާރާތެއްވެސް ކޮށްފައި ނުވާތީ، މި އުސޫލާއި މި މައްސަލައާގުޅުވާ ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވާ އޭޖަންސީއާގުޅޭ ތިންވަނަ އުސޫލަށް ބަލާއިރު، އޭގައި އޮންނަނީ އޭޖަންޓްގެ ޒިންމާއާއި ފުށުއަރާ އެއްވެސް ކަމެއް އޭނާގެ އަމިއްލަ މަސްލަހަތުގައި ކޮށްގެން ނުވާނެ ކަމުގައެވެ. މިއީ އޭޖަންސީގެ އާންމު އުސޫލެއް ކަމުގައިވާހިނދު، މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހުރިނަމަ، އެކަން ޕްރިންސިޕަލްއަށް އަންގާ ހިއްސާކުރުމުން (duty to disclose)، ޕްރިންސިޕަލްގެ ފަރާތުން ދީފައިވާ ޒިންމާއިން ވަކިނުކުރާނަމަ، އެ މަސްލަހަތު ފުށުއެރުމާއެކުވެސް އޭޖަންޓްގެ ޒިންމާއަދާކުރުމަށް ޕްރިންސިޕަލް ރުހެނީކަމުގައި ބަލަންޖެހެއެވެ.
މި އުސޫލާއި ހުށަހެޅިފައިވާ މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް އެކުގައި ބަލާއިރު، އެމް.ސީ.ބީގެ ފަރާތުން އެ ލޯނަކާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީގެ ގޯއްޗެއް ރަހުނުކޮށްފައިވަނީ އެމް.ސީ.ބީއިން ޕްރޮމިނެންޓް ރިސޯސަސް އަށް ދޫކުރި ލޯނަކާއި ގުޅިގެންނެވެ. ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓަރނީ ދިނުމުގައި، މުބާޙު މުޙައްމަދު ޒަކީއަކީ ޕްރޮމިނެންޓް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި ބަޔާންކޮށްފައި އޮވެއެވެ. އެހެންކަމުން، އެމް.ސީ.ބީގެ ފަރާތުން ދޫކުރި ލޯނަކީ މުބާޙު މުޙައްމަދު ޒަކީއަށް ފައިދާއެއްވާގޮތަށް ކުރެވުނު މުޢާމަލާތަކަށްވުމަކީ، ނުވަތަ މުބާޙު މުޙައްމަދު ޒަކީގެ ފަރާތުން އޭޖަންޓްގެ ޒިންމާ އަދާކުރުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް އޮތުމަކީ، ޚަދީޖާ އިބްރާހީމް ދީދީގެ އެނގުމާއި ފެނުމުގެ ތެރެއިން ވެފައިވާ ކަމެއްކަމުގައި ބަލަންޖެހެއެވެ. އަދި، މިސަބަބަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި އޭނާގެ އަމިއްލަ މަސްލަހަތު ފުށުއަރާ ހާލަތެއް އޮތުމުގެ ސަބަބުން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ދީފައިވާ ބާރުގެ ނަހަމަ ބޭނުން ކޮށްފައިވާ ކަމުގައި ބެލެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
އޭޖަންސީ ލޯ އާއި ގުޅުވާ ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވާ އުސޫލުތަކުގެ އިތުރުން، އޭނާގެ ފަރާތުން ދިން ޕަވަރ އޮފް އެޓަރނީގައި އިބާރާތްކުރުމާއި ލިޔުމުގެ އެކި އެކި ކުށްތައް ހުރިކަމުގައި ބުނެ، އެ ސަބަބަށްޓަކައި އެ ޕަވަރ އޮފް އެޓަރނީ އަކީ އެފަދަ ލިޔުމެއްގައި ފުރިހަމަވާންޖެހޭ އަސާސީ ރުކުންތައް ހަމަނުވާ ލިޔުމެއް ކަމުގައި ޚަދީޖާ އިބްރާހީމް ދީދީ ބުނެއެވެ. އެހެންނަމަވެސް، މި ކަން ހައިކޯޓަށް ހުށަހަޅައި، މިއީ ހައިކޯޓުން ގޮތް ކަނޑައަޅާފައިވާ ނުކުތާއެއް ކަމުގައިވާއިރު، ހައިކޯޓުގެ ނިންމުން އެފަރާތުން ގޯސްކަމުގައި ބަޔާންކުރާ ޤާނޫނީ ސަބަބެއް ބަޔާންކޮށްފައިނުވެއެވެ. އެކަމާއި ގުޅިގެން ހަމައެކަނި ފާހަގަކޮށްފައިވަނީ މިއީ ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ ގައުމުތަކުގައި އަމަލުކުރާ އުސޫލު ނޫންކަމުގައެވެ. މި ނުކުތާއާ ގުޅިގެން މި ރައުޔުގައި އަހުރެން ފާހަގަކޮށްފައިވާ ކަންކަމުން، އެކަމުގައި އަހުރެން ދެކޭގޮތް ސާފުކޮށްދެވިއްޖެ ކަމުގައި ދެކެމެވެ.
ނިންމަންފެންނަ ގޮތް
އިސްވެ އަހުރެން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި:
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ދީފައިވާ ޕަވަރ އޮފް އެޓަރނީގެ ދަށުން މުބާޙު މުޙައްމަދު ޒަކީ މ. ރަންނާ އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވަނީ އެކަން ކުރުމުގެ ބާރާއި ހައިސިއްޔަތު ލިބިގެން ކަމުގައިވާތީ، ލޯނުގެ މުޢާމަލާތާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީއާ އެ ފަރާތުގެ މުދަލުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ އެއްވެސްކަމެއް ތަރުތީބުވެގެން ނުދާކަމުގައި ބެލެން ނެތްކަމަށް؛ އަދި
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީގެ ދަށުން މ. ރަންނާ އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވަނީ މުބާޙު މުޙައްމަދު ޒަކީއަށް ލިބިދީފައިވާ ބާރުގެ ހުދޫދުގެ ތެރެއިން ކަމުގައިވާ ނަމަވެސް، އެ ޕަވަރ އޮފް އެޓަރނީއަށް ހަވާލާދީ ލޯނުގެ މުޢާމަލާތާއި ގުޅިގެން މުބާޙު މުޙައްމަދު ޒަކީ ސޮއިކުރި ލިޔުންތަކުގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީ ޝަޚްސީ ގޮތުން ލޯނަށް ޖާމިނުވާން ޖެހޭގޮތަށް ޒިންމާ ކުރުވާފައިވަނީ ޕަވަރ އޮފް އެޓަރނީގެ ދަށުން މުބާޙު މުޙައްމަދު ޒަކީއަށް ލިބިދީފައިވާ ބާރުގެ ހުދޫދުގެ ބޭރުންކަމުގައިވާތީ، ލޯނާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީ ޝަޚްސީ ގޮތުން ޒިންމާ އަދާކުރަން ނުޖެހޭކަމަށް؛ އަދި
ހައިކޯޓުން މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަބްދައު އާއި ލޯ އޮފް ކޮންޓްރެކްޓްއާއި ލޯ އޮފް އެޖެންސީގެ އަސާސީ އުސޫލުތަކާއި ޚިލާފުވެފައިވާ ކަމަށް ބެލެވެން ނެތް ކަމަށް؛
ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1587/Cv-C/2018 ޤަޟިއްޔާގައި މި ލޯނުގެ މުޢާމަލާތާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީ ޝަޚްސީ ގޮތުން ޖާމިނުވެ ޒިންމާ ވާންޖެހޭނެކަމަށް ކަނޑައަޅާފައިވާ ބަޔަށް ތާއިދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/503 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލުކޮށް، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/503 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެހެނިހެން ބައިތަކަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.