ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. ޚަދީޖާ އިބްރާހީމް ދީދީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. ޚަދީޖާ އިބްރާހީމް ދީދީ
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/504 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0528/2010) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އެމް.ސީ.ބީ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2021/SC-A/93 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޚަދީޖާ އިބްރާހީމް ދީދީ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޚަދީޖާ އިބްރާހީމް ދީދީ") ގެ މައްޗަށެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
މ.ޖަވާހިރުވާދީ، މާލެ، ޢިލްމާއު ޙުސައިން އިބްރާހީމް އަށް ލޯނެއް ދޫކުރުމަށްޓަކައި، ޢިލްމާއު ޙުސައިން އިބްރާހީމް އާއި އެމް.ސީ.ބީއާ ދެމެދު 3 އޮކުޓޫބަރު 2013 ގައި ފެސިލިޓީ ލެޓަރ އެއްގައި ސޮއިކުރިއެވެ. އަދި މި ފެސިލިޓީ ލެޓަރ ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނަށް ޔަޤީންކަން ދިނުމުގެ ގޮތުން، ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައިވާ "މ.ރަންނާ" (ރަޖިސްޓްރީ ނަންބަރު އ. 3610) އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ރަހުނުކޮށް، އެމް.ސީ.ބީ އަދި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން، 3 އޮކްޓޫބަރު 2013 ގައި ރަހުނު އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
ބަޔާންކުރެވުނު ފެސިލިޓީ ލެޓަރގެ ދަށުން އެމް.ސީ.ބީގެ ފަރާތުން ޢިލްމާއު ޙުސައިން އިބްރާހީމްއަށް ދޫކޮށްފައިވާ ލޯނު ފައިސާ، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާތީ، 12 ފެބުރުވަރީ 2018 އާ ހަމައަށް ދޫކޮށްފައިވާ ޕްރިންސިޕަލް އަދަދާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 2,303,992/74ރ. (ދެ މިލިއަން ތިން ލައްކަ ތިން ހާސް ނުވަ ސަތޭކަ ނުވަދިހަ ދޭއް ރުފިޔާ ހަތްދިހަ ހަތަރު ލާރި) އަދި ޤާނޫނީ މަސައްކަތުގެ ފީއަށްވާ 82,079/85ރ. (އަށްޑިހަ ދެހާސް ހަތްދިހަ ނުވަ ރުފިޔާ އަށްޑިހަ ފަސްލާރި) އާއި އެހެނިހެން ޚަރަދާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި، އެމް.ސީ.ބީގެ ފަރާތުން ޢިލްމާއު ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމް ދީދީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުގެ ނިންމުން
ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި، އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢިލްމާއު ޙުސައިން އިބްރާހީމް ފައިސާ ދައްކާފައިނުވާތީ، 12 އޮގަސްޓު 2018 އާ ހަމައަށް 2,436,828/73ރ.(ދެ މިލިއަން ހަތަރު ލައްކަ ތިރީސް ހަ ހާސް އަށް ސަތޭކަ އަށާވީސް ރުފިޔާ ހަތްދިހަ ތިން ލާރި) ލޯނުގެ ބާކީގެ ގޮތުގައި ދައްކަންޖެހި ނުދައްކައިވާކަމާއި، މި އެއްބަސްވުންތަކުގެ ދަށުން އެމް.ސީ.ބީއިން ކުރަންޖެހުނު ޤާނޫނީ ޚަރަދުތަކަށް ޢިލްމާއު ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމް ދީދީ ޒިންމާވާންޖެހޭނެ ކަމާއި، މި އެއްބަސްވުންތަކުގައި ލޯނު ފައިސާއަށް ޢިލްމާއު ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމް ދީދީ ވަކިވަކިން ޒިންމާވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާތީ، ލޯނު ފައިސާއަށް އެ ދެ ފަރާތް ވަކިވަކިން ޒިންމާކޮށްދެވެން ނެތްކަމަށާއި، މި މުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާ ޖޫރިމަނާއާއެކު މި އެންމެހައި ފައިސާ އެމް.ސީ.ބީއަށް ލިބިދިނުމަށްޓަކައި، 23 ޖުލައި 2019 އިން ފެށިގެން 07 (ހަތެއް) މަސް ދުވަހުގެ ތެރޭގައި، އެ ފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރުމަށް ޚަދީޖާ އިބްރާހީމް ދީދީ އަށާއި، ޣައިރު ޙާޟިރުގައި ޢިލްމާއު ޙުސައިން އިބްރާހީމްއަށް އަންގައި، ދެވިފައިވާ މުއްދަތުގައި ފައިސާ އެއްކޮށް ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯއްޗާއި އިމާރާތް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވިއްކާލުމުގެ ހުއްދަ އެމް.ސީ.ބީއަށް ލިބިގެންވާ ކަމަށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މި މައްސަލައިގައި ހިމެނޭ ލޯނަކީ ޚަދީޖާ އިބްރާހީމް ދީދީއަށް ކުރިން އެނގިފައިވާ ލޯނެއް ނޫންކަމަށާއި އަދި މި ލޯނަށް ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މ.ރަންނާ" އެވެ ކިޔުނު ގޯތި ރަހުނުކުރުމަށްޓަކައި މުބާޙު މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓަރނީއެއް ދީފައިނުވާނެ ކަމަށް ޚަދީޖާ އިބްރާހީމް ދީދީ ބުނެފައިވީނަމަވެސް، މި މައްސަލައިގައި ހިމެނޭ ރަހުނު އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމެއްކަމާއި، އަދި އެ އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.ރަންނާ" އެވެ ކިޔުނު ގޯތި ރަހުނުކުރުމަށްޓަކައި ޚަދީޖާ އިބްރާހީމްގެ ފަރާތުން 22 ޖަނަވަރީ 2013 ގައި ސޮއިކޮށްފައިވަނީ ޚަދީޖާ އިބްރާހީމް ދީދީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ދީފައިވާ ޕަވަރ އޮފް އެޓަރނީއެއްގެ މައްޗަށް ބިނާކޮށްކަން.
ރަހުނު އެއްބަސްވުމުގައި ސޮއިކުރި ދުވަސްވަރު ޚަދީޖާ އިބްރާހީމް ދީދީ ދިރިއުޅެމުން ދިޔައީ މެލޭޝިޔާގައިކަން ޚަދީޖާ އިބްރާހީމް ދީދީގެ ބަޔާނުން އެނގެން އޮންނަކަމާއި، ޕަވަރ އޮފް އެޓަރނީގައި އިމްލާ ބައެއް ކުށްތައް ހުރިކަމުގައިވިޔަސް، ޕަވަރ އޮފް އެޓަރނީގައި މި ބާރު ދިން ފަރާތާއި ލިބުނު ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުތައް ލިޔެފައިވާތީ، އެ ލިޔުމުގައިވާ ފަރާތްތަކަކީ ކޮން ފަރާތްތަކެއް ކަމާމެދު އޮޅުމެއް ނެތްކަމަށާއި، ޕަވަރ އޮފް އެޓަރނީ ދީފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައިވާ ގޯތި ރަހުނުކުރުމަށް ކަމުގައިވާތީ، މި ޕަވަރ އޮފް އެޓަރނީގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު Cv-C/C-28/2013 އެއްބަސްވުމުގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީ އުފުލަންޖެހޭ ޒިންމާތަކުން ބަރީޢަކޮށްދެވެން ނެތްކަން.
ޢިލްމާއު ޙުސައިން އިބްރާހީމްގެ އެދުމަކަށް އެމް.ސީ.ބީގެ ފެސިލިޓީ ލެޓްރގެ ދަށުން 2,000,00/00ރ. (ދެ މިލިއަން ރުފިޔާ) ގެ މީޑިއަމް ޓަރމް ލޯނެއް ޢިލްމާއު ޙުސައިން އިބްރާހީމްއަށް ދޫކޮށްފައިވާކަމާއި، އަދި މި ފެސިލިޓީއާ ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި ރަޖިސްޓްރީ ނަންބަރު އ.3610) ރަހުނުކޮށްފައިވާކަން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު Cv-C/C-523/2013 އެއްބަސްވުމުން އެނގޭކަން.
ފެސިލިޓީ ލެޓްރއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ލޯނުގެ ބާކީގެ ގޮތުގައި 12 އޮގަސްޓު 2018 އާ ހަމައަށް 2,436,828/73ރ. (ދެ މިލިއަން ހަތަރު ލައްކަ ތިރީސް ހަ ހާސް އަށް ސަތޭކަ އަށާވީސް ރުފިޔާ ހަތްދިހަ ތިން ލާރި) ދައްކަންޖެހި ނުދައްކައިވާކަން އެމް.ސީ.ބީގެ ސްޓޭޓްމެންޓުން އެނގެން އޮންނަކަން.
މައްސަލައިގައި ދަޢުވާލިބޭ ޢިލްމާއު ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމް ދީދީމި ދަރަންޏަށް ވަކިވަކިން (severally) އަދި އެކުގައި (jointly) ޒިންމާވާންޖެހޭނެ ކަމަށް އެމް.ސީ.ބީއިން ބުނެފައިވާ ނަމަވެސް، މި މައްސަލައިގައި އެމް.ސީ.ބީއިން ހުށަހަޅާފައިވާ އެއްބަސްވުންތަކުގަ ތެރެއިން “joint” އަދި “several” މި ދެ ލަފުޒު އައިސްފައިވަނީ ރަހުނު އެއްބަސްވުމުގެ 3.1 ވަނަ މާއްދާގެ ދަށުން "ސެޓް- އޮފް" އަދި "ލިއެން" މި ސުރުޚީގެ ދަށުން ރަހުނު ބެހެއްޓި ފަރާތުގެ އެކައުންޓަތައް ސެޓްލްކުރުމާ ގުޅޭގޮތުންކަމާއި، އެ މާއްދާއަކީ ޢިލްމާއު ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމް ދީދީ ވަކިވަކިން އަދި އެކުގައި ލޯނަށް ޒިންމާވާންޖެހޭނެކަމަށް ބަޔާންކުރާ މާއްދާއެއް ނޫންކަން، އެ މާއްދާގައިވާ ޢިބާރާތުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތަށް ބުރަވެވޭކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، ޚަދީޖާ އިބްރާހީމްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/504 ޤަޟިއްޔާއިން، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި ހަވާލާދީފައިވާ ލޯނަށް ޚަދީޖާ އިބްރާހީމް ދީދީ ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމުގެ އެ ބަޔާއި، ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި ބޭންކުގައި ރަހުނުކުރެވިފައިވާ ކަމަށް ކަނޑައަޅައި މި ލޯނާ ގުޅިގެން ރަހުނުކުރެވިފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯއްޗާއި ޢިމާރާތް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވިއްކާލުމުގެ ހުއްދަ، އެމް.ސީ.ބީއަށް ލިބިގެންވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމްގެ އެ ބައިތައް ބާޠިލުކޮށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
އެމް.ސީ.ބީގެ ފަރާތުން ހުށަހަޅާފައިވާ، 22 ޖަނަވަރީ 2013 ގައި ޚަދީޖާ އިބްރާހީމް ދީދީ ސޮއިކޮށްފައިވާ ކަމަށް ބުނާ ޕަވަރ އޮފް އެޓަރނީއަކީ، ސިވިލް ކޯޓުގެ ނަންބަރު Cv-C/C-523/2013 އެގްރިމެންޓު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމަކަށް ނުވާތީ، އެ ލިޔުމަކީ އެމް.ސީ.ބީގެ ފަރާތުން މި މައްސަލައިގައި ހަވާލާދޭ މުޢާމަލާތް ކަމުގައިވާ، ޢިލްމާއު ޙުސައިން އިބްރާހީމްއަށް އެމް.ސީ.ބީއިން ދޫކުރި ލޯނާއި އެއްވެސް ގުޅުމެއް އޮތް ލިޔުމެއް ނޫންކަން.
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަށް ބަލާއިރު، އެ ޕަވަރ އޮފް އެޓަރނީއިން އެނގެން އޮތީ، ޕްރޮމިނެންޓް ރިސޯސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މ.އަޙުމަދީއާބާދު، މާލެ، މުބާޙު މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓަރނީއެއް ދޭކަމުގައެވެ. 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީގެ އެއްވެސް ތަނެއްގައި ޢިލްމާއު ޙުސައިން އިބްރާހީމް ބޭންކުން ނަގާ ލޯނަކަށް ޚަދީޖާ އިބްރާހީމް ދީދީ ޒިންމާ ވާގޮތަށް އަދި ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި ބޭންކުގައި ރަހުނުކުރެވޭ ގޮތަށް ސޮއިކުރެވޭ އެއްވެސް ލިޔުމެއްގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް އޭނާގެ އަމިއްލަ ޙައިޞިއްޔަތުގެ މައްޗަށް ޕަވަރ އޮފް އެޓަރނީއެއް ދީފައި އޮތްކަން ސާބިތުވާވަރުގެ އެއްވެސް ކަމެއް ފާހަގަވާން ނެތްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/504 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އެމް.ސީ.ބީއިން 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، އެމް.ސީ.ބީއިން ލޯނު ނެގުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި މޯގޭޖް ކުރުމަށްޓަކައި، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާހު މުޙައްމަދު ޒަކީ ސޮއިކޮށްފައިވަނީ، ސޮއިކުރުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ޕަވަރ އޮފް އެޓަރނީއެއް ލިބިގެންކަން ފާޅުކަން ބޮޑު ގޮތެއްގައި ޝަރީޢަތަށް ސާބިތުވާން އޮތްއިރު، އެކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާއާ، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބު.
ދެވަނަ ސަބަބަކީ، 22 ޖަނަވަރީ 2013 ވަނަ ދުވަހު ސޮއިކުރެވުނު ޕަވަރ އޮފް އެޓަރނީއާ މި މައްސަލައިގައި ހަވާލާދޭ މުޢާމަލާތާ ގުޅުމެއް ނެތް ކަމަށް ބުނެ، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބު.
މި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ދެ ނުކުތާ ވެސް ބިނާވަނީ، އެމް.ސީ.ބީގެ ފަރާތުން ހަވާލާދޭ، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަށް ޝަރީޢަތުން ބުރަދަން ނުދިނުމުގެ މައްޗަށް ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓުގެ 13 ވަނަ ނުކުތާގައި، އެ ލިޔުމަށް ޝަރީޢަތުން ބުރަދަން ދީފައިނުވާ ސަބަބު ބަޔާންކޮށްފައިވާތީ، ހައިކޯޓުގެ މި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާ ޚިލާފުވާ ނިންމުމެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
އިސްވެ ބަޔާންކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި، އޭގެ ރައްދުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ސުޕްރީމް ކޯޓުގެ ފަރާތުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމުގެ މައްޗަށް ކަމުގައި ދެކެމެވެ.
"މ.ރަންނާ" އެވެ ކިޔާ ގޯތި މޯގޭޖް ކުރުމަށްޓަކައި، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާހު މުޙައްމަދު ޒަކީ ސޮއިކޮށްފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ ޕަވަރ އޮފް އެޓަރނީއެއް ލިބިގެންކަން ނުވަތަ ނޫންކަން.
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއާ މި މައްސަލައިގައި ހަވާލާދޭ މުޢާމަލާތާ ގުޅުމެއް އޮތްކަން ނުވަތަ ނެތްކަން.
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއާ ރަހުނު އެއްބަސްވުމާ ގުޅުމެއް ނެތްނަމަ، އެ ރަހުނު އެއްބަސްވުމުގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީ އުފުލަންޖެހޭ އިލްތިޒާމުތަކުން އޭނާ ބަރީޢަވާކަން ނުވަތަ ނޫންކަން.
ރަހުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަން ކުރުމުގެ ބާރު ލިބިދީގެންކަން ނުވަތަ ނޫންކަން
އެމް.ސީ.ބީއިން ބުނާގޮތުގައި، ލޯނު ފައިސާ ދޫކުރުމަށްޓަކައި 03 އޮކްޓޫބަރު 2013 ގައި ފެސިލިޓީ ލެޓަރގައި ސޮއިކޮށް، އެ ލޯނު ފައިސާ ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ހަމަ އެދުވަހު "މ.ރަންނާ" އެވެ ކިޔާ ގޯތި ރަހުނު ކުރުމަށްޓަކައި ސިވިލް ކޯޓުގައި ރަހުނު އެއްބަސްވުމުގައި މުބާހު މުޙައްމަދު ޒަކީ ސޮއިކޮށްފައިވަނީ ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޕަވަރ އޮފް އެޓަރނީއެއް މެދުވެރިކޮށް މުބާހު މުޙައްމަދު ޒަކީއަށް އެބާރު ލިބިދީގެންނެވެ. އަދި އެކަން ރަހުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެމް.ސީ.ބީއިން ބުނެއެވެ. މީގެ އިތުރުން، ސިވިލް ކޯޓުގައި އެއްބަސްވުން ރަޖިސްޓަރީ ކުރާއިރު، އެއްބަސްވުމުގެ ބައިވެރިއެއް ނޫން އެހެން ފަރާތަކުން އެއްބަސްވުމުގައި ސޮއިކުރާނަމަ، އެއްބަސްވުމުގެ ބައިވެރިޔާގެ ބަދަލުގައި ސޮއިކުރުމުގެ ބާރު އެއްބަސްވުމުގައި ސޮއިކުރާ ފަރާތަށް ލިބިފައިވާކަން އަންގައިދޭ ލިޔުން ކޯޓަށް ހުށަހެޅުމުން މެނުވީ އެއްބަސްވުން ރަޖިސްޓަރީކޮށް ނުދޭކަމުގައާއި، އެއީ އެ ކޯޓުން އަމަލުކުރާ އިޖުރާއަތު ކަމުގައި އެމް.ސީ.ބީއިން ބުނެއެވެ. އަދި ހަމަ މިއާއެކު،ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/504 ޤަޟިއްޔާ ނިންމުނު ގޮތުގެ ރިޕޯޓުގެ 10 ވަނަ ސަފުހާގެ ފުޓް ނޯޓް 1 ގައި، ސިވިލް ކޯޓު މެދުވެރިކޮށް އެ ކޯޓުން ހޯދާފައިވާ ލިޔެކިޔުންތައް 10 ނޮވެންބަރު 2020 ގައި މައްސަލައިގެ ޚަސްމުންނާ ހިއްސާކޮށްފައިވާކަން ފާހަގަކޮށް، އެ ލިޔުންތަކުގެ ތެރޭގައި "ޕަވަރ އޮފް އެޓަރނީ މުބާޙު މުޙައްމަދު ޒަކީއަށްމ. އަހުމަދީ އާބާދު ރަސްމީކޮށް ދިންކަން އެންގުން" މި ސުރުޚީގައި އޮތް ލިޔުމެއް ހިމަނާފައިވާކަމުގައި އެމް.ސީ.ބީއިން ބުނެއެވެ. އަދި އެ ލިޔުމަކީ ރަހުނު އެއްބަސްވުން ރަޖިސްޓަރީ ކުރިއިރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް ކަމާއި، އެ ލިޔުމުގެ އިބާރާތުން އިލްމާޢު ޙުސައިން އިބްރާހީމްގެ ނަމުގައި ލޯނެއް ނެގުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ސޮއިކުރާނީ މުބާޙު މުޙައްމަދު ޒަކީ ކަމުގައި ބަޔާންކޮށްފައިވުމުން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ސޮއިކުރުމުގެ ބާރު މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާކަން އެނގޭކަންވެސް އެމް.ސީ.ބީއިން ފާހަގަކުރެއެވެ.
މި ނުކުތާއާ ގުޅިގެން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/504 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގެ 10 ވަނަ ނަންބަރަށް ހަވާލާދީ، ރަހުނު އެއްބަސްވުން ރަޖިސްޓަރީކުރަން އެދި ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ހިމަނާފައި ނުވާކަން ސިވިލް ކޯޓުން ހައިކޯޓަށް މައުލޫމާތު ދީފައިވާކަން ފާހަގަކުރެއެވެ. އަދި ރަހުނު އެއްބަސްވުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި އޮތީ 01 އޮކްޓޫބަރު 2013 ގެ ތާރީޚުގެ ޕަވަރ އޮފް އެޓަރނީ ކަމަށާއި، މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، އެމް.ސީ.ބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީކަމުން، ހައިކޯޓުން މައްސަލަ ނިންމުމުގައި 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަށް ރިއާޔަތްކޮށްފައި ނުވަނީ ކަމުގައިވެސް ޚަދީޖާ އިބްރާހީމް ދީދީ ބުނެއެވެ.
ހައިކޯޓުން މައްސަލަ ހިންގުމުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް ހޯދާފައިވާ އިސްވެ ބަޔާންކުރެވުނު ލިޔުންތައް މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައި ނުވާތީ، އެ ލިޔުންތައް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓު އަދި ސިވިލް ކޯޓު މެދުވެރިކޮށް ހޯދާފައެވެ. އަދި ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން މި މުޢާމަލާތާއި ގުޅިގެން މ.ރަންނާ ރަހުނުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގެ ތެރޭގައި 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ހިމެނިފައިނުވެއެވެ. އެ ލިޔެކިޔުންތަކާއެކު ހިމަނާފައިވަނީ "ޕަވަރ އޮފް އެޓަރނީ މުބާޙު މުޙައްމަދު ޒަކީއަށްމ. އަހުމަދީ އާބާދު ރަސްމީކޮށް ދިންކަން އެންގުން" މި ސުރުޚީޖަހާފައި އޮތް، ޚަދީޖާ އިބްރާހީމް ދީދީ 01 އޮކްޓޫބަރު 2013 ގައި ސޮއިކޮށްފައިވާ ލިޔުމެކެވެ (މީގެ ފަހުން "01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީ").
އެހެންކަމުން، އުފެދޭ ސުވާލަކީ، 01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީގެ ދަށުން ރަޖިސްޓަރީކުރި ރަހުނު އެއްބަސްވުމަކާއި ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ތެރެއިން 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ހުށަހަޅާފައިވުމުން، އޭގެން ނިކުންނަނީ ކޮން ނަތީޖާއެއް ކަމާމެދު އުފެދޭ ސުވާލެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން އެމް.ސީ.ބީއިން ހުށަހަޅާފައިވަނީ 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ކަމުގައިވާތީ، އެންމެ ފުރަތަމަ، އެ ޕަވަރ އޮފް އެޓަރނީއަށް، އަދި އެ ޕަވަރ އޮފް އެޓަރނީ މައްސަލައަށް ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާއަށް ބެލުން މުހިންމެވެ. އެއަށްފަހު، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއެކު ރަހުނު އެއްބަސްވުން އެ ޕަވަރ އޮފް އެޓަރނީއަށް ބިނާކޮށް ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްދިން 01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީއަށް، އަދި އެ ޕަވަރ އޮފް އެޓަރނީ މައްސަލައަށް ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާއާމެދު އަހުރެން ދެކޭގޮތް ބަޔާންކުރާނަމެވެ.
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މ. ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނުކުރުމަށް ޕްރޮމިނަންޓް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރ މުބާޙު މުޙައްމަދު ޒަކީއަށް ބާރު ދިނުމުގެ ގޮތުން އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދީފައިވާ ޕަވަރ އޮފް އެޓަރނީއެކެވެ. އެ ޕަވަރ އޮފް އެޓަރނީއަށް ބެލުމުން ޚަދީޖާ އިބްރާހީމް ދީދީ އޭގައި ސޮއިކޮށްފައިވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ހާޟިރުވެކަން އެނގެން އޮވެއެވެ. އަދި އެ ލިޔުމުގައި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ތައްގަނޑު ޖަހައި، އެ ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ފާޠިމަތު ރީނާ ސޮއިކޮށްފައިވެސް ވެއެވެ.
އެހެންކަމުން، ލިޔުމުގެ މޫނުމައްޗަށް ބެލުމުން (prima facie)، އެއީ ރަސްމީ އިދާރާއަކަށް ހާޟިރުވެ، ޚަދީޖާ އިބްރާހީމް ދީދީ ސޮއިކޮށްފައިވާ ޞައްޙަ ޤާނޫނީ ލިޔުމެއް ކަމުގައި ބަލަންޖެހެއެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއެކު އެންމެ ފުރަތަމަ އެމް.ސީ.ބީއިން ޕަވަރ އޮފް އެޓަރނީ ލިޔުން ހުށަހަޅާފައި ނުވެއެވެ. އެ ލިޔުން އެމް.ސީ.ބީގެ ފަރާތުން ހުށަހަޅާފައިވަނީ މުޢާމަލާތާގުޅޭ އެއްވެސް މަޢުލޫމާތެއް ޚަދީޖާ އިބްރާހީމް ދީދީއަށް އެނގިފައި ނުވާ ކަމަށާއި، ދޫކުރެވުނު ލޯނާގުޅޭ މަޢުލޫމާތު އެފަރާތަށް އަލަށްވެސް ލިބުނީ ޤާނޫނީ ވަކީލުން އެކަމާ ގުޅިގެން އޭނާއާ މުޢާމަލާތްކުރުމުން ކަމުގައި ބުނެ، ޕަވަރ އޮފް އެޓަރނީ ފެނުމަކާއި ނުލައި އެއާމެދު އެއްޗެއް ބުނަން ނޭނގޭކަމުގައި ޚަދީޖާ އިބްރާހީމް ދީދީ ސިވިލް ކޯޓުގައި ބުނުމުންނެވެ.
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ލިޔުމަކީ އިސްވެ ބަޔާންކުރި ފަދައިން ޚަދީޖާ އިބްރާހީމް ދީދީ ރަސްމީ އިދާރާއަކަށް ހާޟިރުވެ ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައިވާ ނަމަވެސް، އެ ލިޔުމުގެ ޞައްޙަކަމާމެދު ޚަދީޖާ އިބްރާހީމް ދީދީ ސުވާލު އުފެއްދިއެވެ. އަދި މިގޮތުން، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީގައި ހުރި އިބާރާތްކުރުމުގެ ކުށްކުށާއި އިމްލާއެކި ކުށް ދައްކައި، އެ ލިޔުމަކީ ބަލައިގަނެވިގެންވާނެ ލިޔުމެއް ނޫންކަމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނެފައިވެއެވެ.
މި ނުކުތާއާ ގުޅިގެން، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއިން، އެ ޕަވަރ އޮފް އެޓަރނީ ދިން ފަރާތާއި، ލިބުނު ފަރާތް ސާފުވާން އޮތްކަމާއި، އެ ޕަވަރ އޮފް އެޓަރނީއަކީ ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި އޮތް (މ. ރަންނާ އެވެ ކިޔާ) ގޯތި ރަހުނުކުރުމަށްޓަކައި އެކުލަވާލާފައިވާ ލިޔުމެއްކަން ސާފުކޮށް އެނގެން އޮތުމުން، ރަހުނު އެއްބަސްވުމުގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން އުފުލަންޖެހޭ ޒިންމާތަކުން އޭނާއަށް ބަރީއަކޮށްދެވެން ނެތްކަން ފާހަގަކޮށްފައިވެއެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި އޮތް މ. ރަންނާ އެވެ ކިޔާ ގޯތި ރަހުނުކުރުމުގެ ބާރު މުބާޙު މުޙައްމަދު ޒަކީއަށް ލިބިދީފައި ނުވާނެ ކަމުގައާއި، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ ޞައްޙަ ޕަވަރ އޮފް އެޓަރނީއެއް ނޫންކަމުގައި ތަކުރާރު ކުރިއެވެ. އަދި މިހެންކަމުން، ހައިކޯޓުން ސިވިލް ކޯޓުގައި އެދިގެން ރަހުނު އެއްބަސްވުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުނު ލިޔެކިޔުންތައް ހޯދިއެވެ.
ކަން މިފަދައިން ހިނގާ ދިޔަނަމަވެސް، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތީ އެންމެ ނުކުތާއެއްކަން، އަދި އެއީ ސިވިލް ކޯޓުގެ ނިންމުން ލޯ އޮފް ކޮންޓްރެކްޓާއި ލޯ އޮފް އޭޖަންސީގެ އަސާސްތަކަށް ރިއާޔަތްނުކޮށް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮވެއެވެ.
ބުނެވުނު ލިޔުންތައް ހައިކޯޓަށް ލިބުމުން، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ ރަހުނު އެއްބަސްވުމާއި ގުޅުމެއް ނެތް ލިޔުމެއް ކަމަށް އެ ކޯޓުން ކަނޑައެޅިއެވެ. އަދި ރަހުނު އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙް މުޙައްމަދު ޒަކީ ސޮއިކޮށްފައިވަނީ 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއިން ބާރު ލިބިގެން ކަމުގައި ބަލައިގެން އެ ލޯނަށް ޚަދީޖާ އިބްރާހީމް ދީދީ ޒިންމާ ނުކުރުވޭނެ ކަމުގައި ހައިކޯޓުން ކަނޑައެޅިއެވެ.
މި ރައުޔުގެ 15 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަށް ބަލާއިރު، އެ ޕަވަރ އޮފް އެޓަރނީގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މ.ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނުކުރުމުގެ ބާރު މުބާޙު މުޙައްމަދު ޒަކީއަށް ލިބިދީފައިވެއެވެ. އަދި އެ ބާރު ލިބިދީފައިވަނީ ވަކި މުއްދަތަކަށް ނުވަތަ ވަކި މުޢާމަލާތަކާއި ގުޅިގެންކަން އެ ލިޔުމުގައި ބަޔާންކޮށްފައި ނުވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ޕަވަރ އޮފް އެޓަރނީ އެކުލަވާލުމާ ގުޅޭ ވަކި ޤާނޫނެއް ވުޖޫދުވެގެން ނުވާތީ، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގެ އަލީގައި، ރާއްޖޭގެ ޤާނޫނާ ޚިލާފުނުވާނެ ގޮތެއްގެ މަތިން، ކޮންމެ ބާވަތެއްގެ ޕަވަރ އޮފް އެޓަރނީއެއްވެސް އެކުލަވާލުމުގެ ފުރުސަތު އޮވެއެވެ. އަދި ދުނިޔޭގައި އާންމު އުސޫލުން އެކުލަވާލެވޭ ޕަވަރ އޮފް އެޓަރނީގެ ބާވަތްތަކާ އަޅާ ބަލާއިރު، 22 ޖެނުއަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް މ.ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީއަށް ރަހުނު ކުރުމުގެ ބާރު ލިބިދޭ އާންމު (ޖެނެރަލް) ޕަވަރ އޮފް އެޓަރނީ އެކެވެ. އެ ޕަވަރ އޮފް އެޓަރނީއަކީ ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ބުނާ ފަދައިން މ.ރަންނާ އެވެ ކިޔާ ގޯތި އިމާރާތްކުރުމަށް ޚަދީޖާ އިބްރާހީމް ދީދީއާއި ޕްރޮމިނަންޓް ރިސޯސަސްއާމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ބާރު ލިބިދީފައިވާ ޕަވަރ އޮފް އެޓަރނީ އެއް ކަމުގައިވާނަމަ، އެ ޕަވަރ އޮފް އެޓަރނީގައި އެ މަޢުލޫމާތު ހިމަނައި، އެ ޕަވަރ އޮފް އެޓަރނީ އެކުލަވާލަން ޖެހޭނީ ވަކި ކަމަކަށް ޚާއްޞަ (ލިމިޓެޑް ނުވަތަ ސްޕެޝަލް) ޕަވަރ އޮފް އެޓަރނީއެއްގެ ގޮތުގައެވެ.
01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީ01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ ޢިލްމާއު ޙުސައިން އިބްރާހީމްގެ ނަމުގައި 2,000,00/00ރ. (ދެ މިލިއަން ރުފިޔާ) ގެ ލޯނެއް ހޯދުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މ. ރަންނާ އެވެ ކިޔާ ގޯތި ރަހުނުކުރުމަށް (ޚަދީޖާ އިބްރާހީމް ދީދީގެ ފިރިމީހާ) މުބާޙު މުޙައްމަދު ޒަކީއަށް ބާރު ދިނުމުގެ ގޮތުން ދީފައިވާ ޕަވަރ އޮފް އެޓަރނީއެކެވެ. އެ ޕަވަރ އޮފް އެޓަރނީގައި މުބާޙު މުޙައްމަދު ޒަކީއަށް މި ލޯނާ ގުޅޭ ހުރިހާ ޑޮކިއުމަންޓެއްގައި އަދި އެމް.ސީ.ބީގެ ލޯނު ޑޮކިއުމަންޓް އަދި އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ ބާރު ލިބިދީފައިވާކަން ފާހަގަވެއެވެ. 01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީއަށް ބެލުމުން ޚަދީޖާ އިބްރާހީމް ދީދީ އޭގައި ސޮއިކޮށްފައިވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ހާޟިރުވެކަން އެނގެން އޮވެއެވެ. އަދި އެ ލިޔުމުގައި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ތައްގަނޑު ޖަހައި، އެ ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ޙަސަން އައިމަން ސޮއިކޮށްފައިވެސް ވެއެވެ.
01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީއަށް ބެލުމުން، ޢިލްމާއު ޙުސައިން އިބްރާހީމްގެ ނަމުގައި 2,000,00/00ރ. (ދެ މިލިއަން ރުފިޔާ) ގެ ލޯނެއް ހޯދުމަށްޓަކައި މ. ރަންނާ ރަހުނުކުރުމުގެ މުޢާމަލާތަކީ ޚަދީޖާ އިބްރާހީމް ދީދީ ސިވިލް ކޯޓުގައާއި ހައިކޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، އޭނާއަށް އެކަމުގެ މަޢުލޫމާތު ނުލިބި ހިނގާފައިވާ މުޢާމަލާތެއް ނޫންކަމާއި، އެ މުޢާމަލާތާ ގުޅިގެން މ. ރަންނާ ރަހުނުކޮށްފައިވަނީ އޭނާގެ އެނގުމާއި ފެނުމުގެ ތެރެއިންކަން ސާފެވެ.
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއާ މި މައްސަލައިގައި ހަވާލާދޭ މުޢާމަލާތާ ގުޅުމެއް އޮތްކަން ނުވަތަ ނެތްކަންހައިކޯޓުގެ އެދުމުގެ މަތިން ސިވިލް ކޯޓުން ފޮނުވި ލިޔުންތަކުގެ ތެރޭގައި ރަހުނު އެއްބަސްވުމުގައި މުބާޙް މުޙައްމަދު ޒަކީ އަށް ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ސޮއިކުރުމުގެ ބާރު ލިބިދީފައިވާ ލިޔުމެއްގެ ގޮތުގައި ހިމަނާފައިވަނީ 01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީއެވެ. ސިވިލް ކޯޓުގައި ރަހުނު އެއްބަސްވުން ރަޖިސްޓަރީ ކޮށްދީފައިވަނީ އެ ލިޔުމުގެ މައްޗަށް ބިނާކޮށެވެ.
އެހެންނަމަވެސް، އެމް.ސީ.ބީގެ ފަރާތުން ރަހުނު އެއްބަސްވުމުގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީ އުފުލަންޖެހޭ ޒިންމާތައް އަދާކުރަންޖެހޭނެ ކަމަށް ކަނޑައަޅާދިނުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެ މައްސަލައިގެ ތެރެއިން ހުށަހަޅާފައިވަނީ 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއެވެ.
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަށް ބެލުމުން، އޭގެން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މ. ރަންނާ ރަހުނުކުރުމުގެ ބާރު މުބާޙް މުޙައްމަދު ޒަކީއަށް ލިބިދީފައިވާކަން އެނގެން އޮންނަ ނަމަވެސް، އެއްބަސްވުން ރަޖިސްޓަރީ ކުރިއިރު ހުށަހަޅާފައިވާ ލިޔުންތަކާ ގުޅިގެން ސިވިލް ކޯޓުން ހައިކޯޓާއި ހިއްސާކޮށްފައިވާ މަޢުލޫމާތުގެ އަލީގައި، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ މި މައްސަލައިގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅޭ ލިޔުމެއް ކަމުގައި ބެލެވެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ޚަދީޖާ އިބްރާހީމް ދީދީ އުފުލަންޖެހޭ އިލްތިޒާމުތަކުން އޭނާ ބަރީޢަވާކަން ނުވަތަ ނޫންކަން22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ މި މައްސަލައިގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅޭ ލިޔުމެއް ކަމުގައި ނުވާތީ، އޭގެ ނަތީޖާއަކީ ރަހުނު އެއްބަސްވުމުގެ ދަށުން ޚަދީޖާ އިބްރާހީމް ދީދީ ބަރީޢަވުން ހެއްޔެވެ؟
22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ މި މައްސަލައިގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅޭ ލިޔުމެއް ނޫންކަން އެނގިގެން ދިޔައީ ހައިކޯޓުގެ އެދުމުގެ މަތިން ސިވިލް ކޯޓުން ރަހުނު އެއްބަސްވުން ރަޖިސްޓަރީކުރުމަށް ހުށަހެޅި ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވުމުންނެވެ. އެކަން ހައިކޯޓަށް ސާފުވެގެން ދިއުމުންވެސް، ސިވިލް ކޯޓުގައި ހިނގި މައްސަލައިގެ ތެރެއިން ހުށާހަޅާފައިވަނީ 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ކަމުގައިވާތީ އާއި، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން އެފަދަ ޕަވަރ އޮފް އެޓަރނީއެއް ދީފައިވާކަމާމެދު އިންކާރުކުރާތީ އާއި، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީގައި ޢިލްމާއު ޙުސައިން އިބްރާހީމް ނަގާ ލޯނަކާއި ގުޅިގެން އަދި މުބާޙު މުޙައްމަދު ޒަކީގެ އަމިއްލަ ހައިސިއްޔަތުގެ މައްޗަށް ޕަވަރ އޮފް އެޓަރނީއެއް ދީފައިވާކަން ސާބިތުނުވާކަމުގައި ކަނޑައަޅައި، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީގެ މައްޗަށް ބިނާކޮށް ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ލޯނަށް ޒިންމާވާންޖެހޭނެ ކަމުގައި ބަޔާންކުރާ ބަޔާއި، މ.ރަންނާ އެވެ ކިޔާ ގޯތި އެމް.ސީ.ބީގައި ރަހުނުކުރެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައި ހައިކޯޓުން ބާޠިލުކޮށްފައިވެއެވެ.
ހައިކޯޓުގެ މި ނިންމުމުގައި މ. ރަންނާ އެވެ ކިޔާ ގޯތި ރަހުނު ކުރުމުގެ ބާރު މުބާޙު މުޙައްމަދު ޒަކީއަށް ދީފައިވާ ކަމާމެދު އިންކާރު ކޮށްފައިވުމަށް ބުރަދަން ދީފައިވާއިރު، އެ ކޯޓުގެ ފަރާތުން ސިވިލް ކޯޓުން ގެނުވި ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ 01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީއިން، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ޝަރީޢަތުގައި ވާހަކަ ދައްކާފައިވަނީ ތެދުބަހުން ނޫންކަން ސާފުވެއެވެ.
އަދި ހަމައެހެންމެ، ސިވިލް ކޯޓުގައި ހިނގި މައްސަލައިގެ ތެރެއިން ހުށާހަޅާފައިވަނީ 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ކަމުގައިވާތީ، އެ ބިނާގެ މައްޗަށް މި މުޢާމަލާތާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީ ޒިންމާ އުފުލަން ނުޖެހޭނެ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާއިރު، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ ވަކި މުޢާމަލާތަކަށް ހަވާލާ ނުދޭ އާންމު ޕަވަރ އޮފް އެޓަރނީއެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ވަކި ގޮތަކަށް ޕަވަރ އޮފް އެޓަރނީއެއް އޮތުން ލާޒިމުނުކުރާހާ ހިނދަކު، އާންމު އުސޫލުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކުލަވާލާ ކޮންމެ ބާވަތެއްގެ ޕަވަރ އޮފް އެޓަރނީއަކީވެސް ދިވެހިރާއްޖޭގައި އެ މައްޗަށް އަމަލުކުރެވިދާނެ ޕަވަރ އޮފް އެޓަރނީއެކެވެ. އަދި އެއިން ކޮންމެ ޕަވަރ އޮފް އެޓަރނީއަކީ ނޯޓަރައިޒް ކުރެވިފައިވާ ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ނުވަތަ އެ ނޫންވެސް އެ ޤައުމެއްގައި ގަބޫލުކުރާ ރަސްމީ ފަރާތެއްގެ ކުރިމަތީގައި ސޮއިކޮށްފައިވާ ލިޔުމެއްނަމަ، އެ ލިޔުމަކީ އޭޖަންޓަށް ލިބިފައިވާ ބާރުތަކާއި އޭގެ ދާއިރާ ދައްކުވާދިނުމުގެ ގޮތުން ކޯޓެއްގައި ބޭނުންކުރެވިދާނެ ލިޔުމެކެވެ.
ރާއްޖޭގައި ކަމާގުޅޭ ޤާނޫނީ އޮނިގަނޑެއް ނެތުމުން، މާލީ ނުވަތަ އެހެންވެސް އިދާރާއަކުން، އެ ތަނަކަށް ހުށަހަޅާ ޕަވަރ އޮފް އެޓަރނީއެއްގައި ވަކި މަޢުލޫމާތުތަކެއް ހުރުން ލާޒިމު ނުކުރާނަމަ، ވަކި ގޮތަކަށް ޕަވަރ އޮފް އެޓަރނީއެއް އޮންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. އާންމު ނުވަތަ ޖެނެރަލް ޕަވަރ އޮފް އެޓަރނީއެއް ދިނުމަށް މީހަކު އިޚްތިޔާރުކުރިނަމަ، އެއީ އޭނާ އެގޮތަށް ބޭނުންވެގެން ދީފައިވާ އަދި އޭނާ އޭގެން ނިކުމެދާނެ ނުރައްކަލަކަށް ޒިންމާވާނެ ޕަވަރ އޮފް އެޓަރނީއެއް ކަމުގައި ބަލަންޖެހެއެވެ.
ހަމަ މިފަދައިން، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީގައި ޢިލްމާއު ޙުސައިން އިބްރާހީމްގެ ނަން ނެތުމަކީ، ނުވަތަ ޢިލްމާއު ޙުސައިން އިބްރާހީމް ނަގާ ލޯނަކާއި ގުޅިގެން އަދި މުބާޙު މުޙައްމަދު ޒަކީގެ އަމިއްލަ ހައިސިއްޔަތުގެ މައްޗަށް ޕަވަރ އޮފް އެޓަރނީއެއް ދީފައިވާކަން ސާބިތުނުވުމަކީ އެ ޕަވަރ އޮފް އެޓަރނީއެއްގެ ޞައްޙަ ކަމާމެދު ސުވާލު އުފެއްދިދާނެ ސަބަބެއް ކަމުގައި ނުދެކެމެވެ. އެހެނީ، 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ އާންމު ޕަވަރ އޮފް އެޓަރނީއެއް ކަމުގައިވާތީއާއި، އެ ޕަވަރ އޮފް އެޓަރނީގައި މުބާޙު މުޙައްމަދު ޒަކީގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔެފައިވުމުން، އެ ބާރު ލިބިދެނީ ކާކަށްކަން ސާފުވާން އޮތުމުންނެވެ.
މީގެ އިތުރުން، އެނޫން ގޮތަކަށް ކަންހިނގާފައިވާކަން ސާބިތުވުމާ ހަމައަށް، ދައުލަތުގެ އިދާރާއެއްގައި ލިޔުމެއް ރަޖިސްޓަރީކޮށްފައި ވާނަމަ، އެ ލިޔުމަކީ ޞައްޙަ މަގުން ރަޖިސްޓަރީ ކޮށްފައިވާ ލިޔުމެއް ކަމުގައި ބަލަންޖެހެއެވެ. އަދި އެ ރަޖިސްޓަރީ ކުރި ކުރުމަކީ އެ މުޢާމަލާތް ހިނގާފައިވާކަމުގެ ހެއްކެކެވެ. މި އުސޫލުގެ ދަށުން ރަހުނު އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީވެފައި އޮތުމުން، އެއީ ޞައްޙަ މުޢާމަލާތެއްކަމުގައި ބަލަންޖެހެއެވެ.
ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ސިވިލް ކޯޓުގައި މައްސަލަ ހިނގިއިރު، އެންމެ ފުރަތަމަ ޕަވަރ އޮފް އެޓަރނީ ލިޔުން ހުށަހަޅާފައި ނުވެއެވެ. އެއީ ސިވިލް ކޯޓުގައި އެއްބަސްވުން ރަޖިސްޓަރީކުރާ އިޖުރާއަތެއް އެކުލަވާލާފައި އޮންނާތީއާއި، އެގޮތުގެ މަތިން އެއްބަސްވުމެއް ރަޖިސްޓަރީކޮށްފައިވާނަމަ، އެ އެއްބަސްވުމަކީ އެ އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުން، އެކަމުގެ ބާރު ލިބި ހުރި ހާލު ސޮއިކޮށްފައިވާ އެއްބަސްވުމެއްކަން އެ އެއްބަސްވުން ރަޖިސްޓަރީވެފައި ވުމުން ކަށަވަރުކޮށްދޭތީ ކަމުގައި ބެލެވެއެވެ.
މައްސަލަ ސިވިލް ކޯޓުގައި ހިނގަން ފެށިފަހުން އެމް.ސީ.ބީގެ ފަރާތުން 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ ޕަވަރ އޮފް އެޓަރނީއިންވެސް ރަހުނު އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީއަށް ސޮއިކުރުމުގެ ބާރު ލިބޭނަމަ، އެ ކޯޓުން އެނޫންގޮތަކަށް ގޮތް ކަނޑައަޅަންޖެހޭ ސަބަބެއް ނެތެވެ. އެއީ ރަހުނު އެއްބަސްވުމަކީ ރަޖިސްޓަރީކޮށްފައިވާ ލިޔުމެއް ކަމުގައިވެސް ވާތީއެވެ.
ހައިކޯޓުގެ އެދުމުގެ މަތިން ސިވިލް ކޯޓުން ފޮނުވި ލިޔުންތަކުގެ ތެރޭގައި 01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީ އޮވެމެ، އަދި އެއީ ރަހުނު އެއްބަސްވުން ރަޖިސްޓަރީ ކުރިއިރު ހުށަހަޅާފައިވާ ޕަވަރ އޮފް އެޓަރނީކަން އެނގެން އޮތް ހިނދު، އެ ޕަވަރ އޮފް އެޓަރނީއާ މެދު ހައިކޯޓުން ގޮތް ކަނޑައެޅުމުގައި އެއްވެސް ބަހެއް ބުނެފައި ނުވުމަކީ އެކަށީގެންވާ ގޮތެއް ކަމުގައި ނުދެކެމެވެ. އެއީ އެ ޕަވަރ އޮފް އެޓަރނީއަށް ބެލުމުން، 01 އޮކްޓޫބަރު 2013 ގެ ޕަވަރ އޮފް އެޓަރނީއަކީ ސީދާ މި މުޢާމަލާތާއި ގުޅުންހުރި ޕަވަރ އޮފް އެޓަރނީއެއްކަން ސާފުކޮށް އެނގެން އޮތް ހިނދު، އެމް.ސީ.ބީގެ ފަރާތުން ސިވިލް ކޯޓަށް 22 ޖަނަވަރީ 2013 ގެ ޕަވަރ އޮފް އެޓަރނީ ހުށަހަޅާފައިވަނީ ކަމުގައި ބުނެ، އެ މުޢާމަލާތުން ޚަދީޖާ އިބްރާހީމް ދީދީ މުޅިން މިންޖުކޮށްފައިވާތީއެވެ.
ރަހުނު އެއްބަސްވުން ރަޖިސްޓަރީކުރުމަށް ހުށަހެޅި ލިޔުންތައް ހައިކޯޓުގެ ފަރާތުން ހޯދާފައިވަނީ ހައިކޯޓުން ސިވިލް ކޯޓަށް ލިޔެގެން ކަމުގައިވާއިރު، އަދި މިއީ ކޯޓުގެ އިސްނެގުމުގައި ހޯދާފައިވާ ލިޔުންތަކެއް ކަމުގައިވާއިރު، ގޮތް ކަނޑައެޅުމުގައި އެ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްނުކުރާންވީ ސަބަބެއް ނެތެވެ.
ސިވިލް ކޯޓުން ލިޔުންތައް ހޯދިއިރު ޚަދީޖާ އިބްރާހީމް ދީދީ ބުނާ ފަދައިން އޭނާގެ ފަރާތުން މ.ރަންނާ ރަހުނު ކުރުމުގެ ބާރު ލިބިދީފައި ނުވާކަން އެނގެން އޮތްނަމަ، އޭގެ ނަތީޖާ ތަފާތުވީހެވެ. ނުވަތަ ރަހުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ހުށަހަޅާފައިވާ ޕަވަރ އޮފް އެޓަރނީއަކީ ނޯޓަރައިޒް ކުރެވިފައިވާ ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ނުވަތަ އެނޫންވެސް އެ ޤައުމެއްގައި ގަބޫލުކުރާ ރަސްމީ ފަރާތެއްގެ ކުރިމަތީގައި ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައި ނުވާނަމަވެސް، އޭގެ ނަތީޖާ ތަފާތުވީހެވެ.
އެހެންނަމަވެސް، ރަހުނު އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ ސޮއިކޮށްފައިވަނީ އެ ބާރާއި ހައިސިއްޔަތު ލިބިގެންކަން ޞަރީޚަކޮށް އެނގެން އޮތްހިނދު، ޚަދީޖާ އިބްރާހީމް ދީދީއަށް އޭނާގެ ޒިންމާއިން ބަރީޢަވެވޭނެކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަ ގޮތްއިސްވެ އަހުރެން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި:
އެމް.ސީ.ބީއިން ލޯނު ނެގުމަށްޓަކައި ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި މޯގޭޖް ކުރުމަށްޓަކައި، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާހު މުޙައްމަދު ޒަކީ ސޮއިކޮށްފައިވަނީ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުންކަން އެނގެން އޮންނާތީ؛ އަދި
22 ޖަނަވަރީ 2013 ވަނަ ދުވަހު ސޮއިކުރެވުނު ޕަވަރ އޮފް އެޓަރނީއާ މި މައްސަލައިގައި ހަވާލާދޭ މުޢާމަލާތާ ގުޅުމެއް ނެތް ކަމަށް ކަނޑައަޅައި، މައްސަލަ ނިންމާފައިވަނީ އެ ނުކުތާއާގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމަށް ފަހުކަން އެނގެން ނެތަތީ؛ އަދި
މި ރައުޔުގައި (32 އިން 42 ވަނަ ޕެރެގްރާފްގެ ނިޔަލަށް) ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، މި މައްސަލައިގައި ހަވާލާދޭ މުޢާމަލާތާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން އެމް.ސީ.ބީ.އަށް އަދާކުރަންޖެހޭ ޒިންމާއިން އޭނާ ބަރީޢަކުރެވެން އޮތްކަމުގައި ނުފެންނާތީ؛
ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/504 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން އެމް.ސީ.ބީއިން ފެސިލިޓީ ލެޓަރ ނަންބަރު SDW13/000562 (3 އޮކްޓޫބަރު 2013) ގެ ދަށުން ޢިލްމާއު ޙުސައިން އިބްރާހީމްއަށް ދޫކޮށްފައިވާ ލޯނަށް ޚަދީޖާ އިބްރާހީމް ދީދީ ޒިންމާވާންޖެހޭ ކަމުގައާއި، ބުނެވުނު ލޯނާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ދެވިފައިވާ މުއްދަތުގައި ޢިލްމާއު ޙުސައިން އިބްރާހީމްއާއި ޚަދީޖާ އިބްރާހީމް ދީދީއަށް ދައްކައި ޚަލާޞް ނުކުރެވުނުނަމަ، ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯއްޗާއި އިމާރާތް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވިއްކާލުމުގެ ހުއްދަ އެމް.ސީ.ބީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.