ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 66 · 2020/SC-A/69ސުޕްރީމް ކޯޓު · 24 ޖޫން 2021

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕލކ ވ. ޝަރޫ ލޯންޗް ސަރވިސަސް ޕވޓ ލޓޑ

ސުޕްރީމް ކޯޓު
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ޖޫން 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

[2021] SC 01

2020/SC-A/69

ޝަރީޢަތް ނިމުނުގޮތް

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

30 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2017/HC-A/405

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް

ބަދަލުގައި: އަލްއުސްތާޛް ޢަބްދުﷲ ނަސީރު މުޙައްމަދު، ބޯޅަދަނޑުގެ، ގދ. ގައްދޫ ބަދަލުގައި: ޢަލީ އާމިރު، ޗެމްބާސް އިން (ކޯޕަރޭޓް އެންޑް ބިޒްނަސް ލޯ ފާމް)

މަދަނީ – ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ - މެޓީރިއަލް ފެކްޓް – ހާމަކުރުމުގެ ޒިންމާ – ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު – ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލުގެ މައްޗަށް އިތުބާރުކުރުން – ކޮންޓްރެކްޓް ނިމުކަކަށް ގެނައުން – ކޮންޓްރެކްޓްގެ ކުރިން ތިބި ޙާލަތަށް ރުޖޫޢަވުން

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް

[2021] SC 779

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/405 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0315/2005) ގެ (މީގެ ފަހުން އަމާނާ ތަކަފުލް) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-550/2008) ގެ (މީގެ ފަހުން ޝަރޫ ލޯންޗް) މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ޝަރޫ ލޯންޗްގެ އުޅަނދެއް ކަމުގައިވާ "ޝަރޫ-5" ނަމަކަށް ކިޔާ ލޯންޗް (ރަޖިސްޓްރީ ނަންބަރު C2246B-0210-T) އިންޝުއަރެންސް ކުރުމަށްޓަކައި، އަމާނާ ތަކަފުލްއަށް 2012 އޮކްޓޯބަރ 10 ގައި ޝަރޫ ލޯންޗްގެ ފަރާތުން "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް"ގެ ނަމުގައި ޕްރޮޕޯސަލެއް ހުށަހެޅިއެވެ.

ޝަރޫ ލޯންޗްގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލް ބަލައިގަނެ، އަމާނާ ތަކަފުލްއިން 2012 އޮކްޓޯބަރު 14 ވަނަ ދުވަހު އެ އުޅަނދު އިންޝުއަރެންސްކޮށް، އެ އުޅަނދަށް HHL/2012/000055/TM1 ނަންބަރު ސެޓްފިކެޓް ދޫކޮށްފައި ވެއެވެ.

އަމާނާ ތަކަފުލްއިން ޝަރޫ-05 ލޯންޗް އިންޝުއަރެންސް ކޮށްފައިވަނީ، 10 އޮކްޓޯބަރ 2012 އިން ފެށިގެން 09 އޮކްޓޯބަރ 2013 ގެ ނިޔަލަށެވެ. މި އިންޝުއަރެންސްގެ ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްގެ ގޮތުގައި ކަނޑައަޅާފައިވަނީ $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) އެވެ. މި އިންޝުއަރެންސް ޕެކޭޖުގައި އަލިފާނުގެ ހާދިސާތަކުން އުޅަނދަށް ލިބޭ ގެއްލުންވެސް ހިމެނެއެވެ.

ޝަރޫ-05 ލޯންޗް އިންޝުއަރެންސްގެ މުއްދަތު ހަމަވުމަށް 04 (ހަތަރެއް) ދުވަހަށް ވެފައިވަނިކޮށް، 05 އޮކްޓޯބަރ 2013 ގައި އެ ލޯންޗް ލ. އަތޮޅަށް ކުރި ދަތުރެއްގައި ކަނޑުމަތީގައި އެ ދުވަހު 08:15 އެހައިކަށްހައިއިރު، ލޯންޗްގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަދި މި ހާދިސާގައި ލޯންޗް އަނދާ ހުލިވެ ކަނޑުގެ އަޑިއަށް ދިޔަކަމަށް ޝަރޫ ލޯންޗްގެ ފަރާތުން ބުނެއެވެ.

ޝަރޫ-05 ލޯންޗަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން އިންޝުއަރެންސް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޝަރޫ ލޯންޗަށް ލިބެންޖެހޭ އިންޝުއަރެންސް ފައިސާ ހޯދުމަށް އަމާނާ ތަކަފުލްއަށް ޝަރޫ ލޯންޗުން ހުށަހެޅިއެވެ. ނަމަވެސް އަމާނާ ތަކަފުލްއިން ތަފާތު 11 ސަބަބެއް ބަޔާންކޮށް، ޝަރޫ ލޯންޗްގެ ފަރާތުން އެދިފައިވާ ފަދައިން އިންޝުއަރެންސް ފައިސާ ދޫކުރުމަށް ދެކޮޅު ހަދާފައިވެއެވެ. މި ސަބަބުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ސަބަބަކީ، އިންޝުއަރެންސް ސެޓްފިކެޓް ހޯދުމަށް ޝަރޫ ލޯންޗްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި އުޅަނދު ބަނދެ ނިމިފައިވާ އަހަރުގެ ހަގީގަތް އޮޅުވާލައިގެން ހުށަހަޅާފައިވުމެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

އަމާނާ ތަކަފުލްއިން ޝަރޫ ލޯންޗަށް އިންޝުއަރެންސް ފައިސާ ދިނުމަށް ދެކޮޅު ހެދުމުން، އެ ފައިސާ ހޯދުމަށްޓަކައި، ޝަރޫ ލޯންޗްގެ ފަރާތުން ސިވިލް ކޯޓުގައި އަމާނާ ތަކަފުލްގެ މައްޗަށް ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުގައި ޝަރޫ ލޯންޗްގެ ފަރާތުން ކުރި ދަޢުވާއަށް އަމާނާ ތަކަފުލްއިން އިންކާރު ކޮށްފައިވެއެވެ. އަދި ދަޢުވާއަށް އިންކާރު ކުރާ ސަބަބުތަކުގެ ތެރޭގައި، ލޯންޗް އިންޝުއަރެންސް ކުރުމަށްޓަކައި ޝަރޫ ލޯންޗްގެ ފަރާތުން ހުށަހެޅި "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް" ފޯމުގައި ލޯންޗް ބަނދެ ނިމުނު އަހަރަކީ 2010 ވަނަ އަހަރު ކަމުގައި ޝަރޫ ލޯންޗްގެ ފަރާތުން ބުނެ ދީފައިވަނީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްކަމަށް ބުނެފައިވެއެވެ. އަދި ލޯންޗް ބަނދެ ނިމިފައިވާ އަހަރަކީ 1998 ވަނަ އަހަރުކަން މި ހާދިސާ ހިނގިފަހުން އެ ކުންފުނީގެ ފަރާތުން ބެލި ބެލުންތަކުން އެނގިފައިވާއިރު، މި މަޢުލޫމާތު ކުރިން ލިބުނުނަމަ، ލޯންޗް އިންޝުއަރެންސް ނުކޮށްދިނުން ނުވަތަ ވަރަށް ދަށް އަގެއްގައި އިންޝުއަރެންސް ކޮށްދިނުމުގެ އިހުތިމާލު އޮތްކަމުގައި އަމާނާ ތަކަފުލްއިން ބުނެފައިވެއެވެ.

ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ޝަރޫ ލޯންޗާ އެއްކޮޅަށެވެ. މިފަދައިން ނިންމުމުގައި އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.

05 އޮކްޓޯބަރ 2013 ގައި ލޯންޗް އަޑިއަށް ދިޔަ ހާދިސާއަކީ ޝަރޫ ލޯންޗްގެ ފަރާތުން ގަސްތުގައި ހިންގާފައިވާ އަލިފާނުގެ ހާދިސާއެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ލިބިފައިނުވާކަން.

މި ހާދިސާއަކީ އިންޝުއަރ ކޮށްފައިވާ ލޯންޗްގެ ޓޯޓަލް ލޮސްއެއްކަމާއި، މި ހާލަތުގައި މި ލޯންޗްގެ ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްކަމުގައިވާ $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) އަކީ ޝަރޫ ލޯންޗަށް ލިބުން ހައްޤު ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަން.

ޓޯޓަލް އިންޝުއަރެންސް ކަވަރޭޖް ދޭން ނުޖެހޭކަމަށް އަމާނާ ތަކަފުލްއިން ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ޝަރީޢަތުން ބުރަވެވެން ނެތްކަން.

ޝަރޫ ލޯންޗަށް އިންޝުއަރެންސް ފައިސާ ލިބިދިނުމުގެ ގޮތުން 15 މެއި 2017 އިން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭ އަދަދު އެ މަހަކު ސިވިލް ކޯޓަށް ދައްކަމުންގޮސް މީލާދީ 03 މަސްދުވަހުގެ ތެރޭގައި $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) ދައްކައި ޚަލާޞް ކުރުމަށް އަމާނާ ތަކާފުލްއަށް އަންގާފައިވާކަން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ހަތަރު ނުކުތާއެއް ފާހަގަކޮށް، އަމާނާ ތަކަފުލްއިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/405 ޤަޟިއްޔާ އިންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި އަމާނާ ތަކަފުލްއިން ފާހަގަ ކޮށްފައިވާ އިސްތިއުނާފީ ނުކުތާތައް ތިރީގައި މި ވަނީއެވެ.

ޝަރޫ-5 ލޯންޗަކީ 1998 ވަނަ އަހަރު ބަނދެ ނިމިފައިވާ އުޅަނދެއްކަން، ލޯންޗް އަނދައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން ބެލި ބެލުންތަކުން އެނގޭއިރު، އެ އުޅަނދު އިންޝުއަރެންސް ކުރުމަށް ޝަރޫ ލޯންޗްގެ ފަރާތުން ހުށަހެޅި "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް" ފޯމުގައި ލޯންޗް ބަނދެ ނިމުނު އަހަރަކީ 2010 ވަނަ އަހަރު ކަމުގައި ބުނެ، 14 އަހަރުވެފައިވާ އުޅަނދެއް 02 އަހަރުވީކަމަށް ދައްކައި ޙަޤީޤަތް އޮޅުވާލައިގެން އިންޝުއަރެންސް ކޮށްފައިވާކަން ސާފުކޮށް އެނގެން އޮތްއިރު، ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި، އުޅަނދުގެ ރަޖިސްޓްރީގައި އުޅަނދު ބަނދެ ނިމުނު ތާރީޚުކަމުގައި 1998 ކަން އެނގެން އޮތްކަމަށް ނިންމާފައިވަނީ މައްސަލައިގެ ލިޔުންތައް ރަނގަޅަށް ދިރާސާނުކޮށްކަން ސާފުކޮށް އެނގޭކަމާއި، މިހެންކަމުން ސިވިލް ކޯޓުގެ ޙުކުމަކީ ޢަދުލުވެރި ޙުކުމެއްކަމުގައި އެ ކުންފުނިން ނުދެކޭކަން.

ޝަރޫ ލޯންޗްގެ ފަރާތުން މި މައްސަލައިގައި ހުށަހެޅި "ޕްރޮޕޯސަލް ފޯރޮރ ހަލްތަކަފުލް" ފޯމުގައި ލޯންޗްގައި 01 ކެޕްޓަނާއި 03 ފަޅުވެރިން ތިބޭނެކަމަށް ބަޔާންކޮށްފައި އޮތްއޮތުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ފަދައިން އަމާނާ ތަކަފުލްއިން އެކަމަށް ލުޔެއް ނުދޭހައި ހިނދަކު، ހުރިހާ ހާލަތެއްގައިވެސް އެ ޝަރުޠާއެއްގޮތަށް ޢަމަލުކުރުން ޝަރޫ ލޯންޗްގެ މައްޗަށް ލާޒިމު ޝަރުޠެއްކަމުގައިވާއިރު، އުޅަނދުގައި ފަޅުވެރިން ތިބެންޖެހޭ ޢަދަދަކީ އެ އުޅަނދުގެ މައްޗަށް އޮތް އިންޝުއަރެންސް ދެމިއޮތުމަށް އިންޝުއަރެންސް އެއްބަސްވުމުގައި ހިމަނާފައިވާ ޝަރުޠެއް ނޫންކަމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި އެކުންފުނިން ނުދެކޭކަން.

އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ވޮރެންޓީތަކުގެ ތެރެއިން ވޮރެންޓީއަކާ ޚިލާފުވުމަކީވެސް އިންޝުއަރެންސް ފައިސާ ދޭންނުޖެހޭ ސަބަބެއްކަމުގައިވީނަމަވެސް، ޝަރޫ ލޯންޗްގެ ފަރާތުން އިންޝްއަރެންސް ޕޮލިސީއާ ޚިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކުރި ނަމަވެސް އެކަންކަމަށް އެކަށީގެންވާ މިންވަރަށް ނުބަލައި މައްސަލަ ނިންމާފައިވާކަން.

ޝަރޫ-5 ލޯންޗްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބައެއްގެ ނުރަނގަޅު ޢަމަލެއްގެ ސަބަބުން ނޫންކަން ސާބިތުކުރުމަށްޓަކައި ޝަރޫ ލޯންޗްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިޕޯޓާއި ލޯންޗްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ތިބި ފަޅުވެރިންގެ ހެކިބަހަކީ އެކަން ސާބިތުކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ނޫންކަން.

މި މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔެކިޔުންތަކަށް ބެލުމަށްފަހު ސިވިލް ކޯޓުގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދު ކޮށްފައިވެއެވެ. އަދި މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ޝަރޫ ލޯންޗްގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލް ފޮރ ހަލް ތަކަފުލް ފޯމުގައި ލޯންޗް ބަނދެފައިވާ ތާރީޚަކީ 2010 ކަމަށް ލިޔެވިފައިވީނަމަވެސް، އެ ފޯމާއެކު ހުށަހެޅި ލޯންޗްގެ ރަޖިސްޓްރީގައި އުޅަނދު ބަނދެ ނިމު ތާރީޚު ލިޔަން އޮތްތަނުގައި އެއްވެސް ތާރީޚެއް ޖަހާފައިނުވާކަން.

ޕްރޮޕޯސަލް ފޮރ ހަލް ތަކަފުލް ފޯމާއެކު ލޯންޗްގެ ރަޖިސްޓްރީ ހުށަހަޅާފައިވާއިރު، އެ ފޯމުގައި ހިމަނާފައިވާ ބައެއް މައުލޫމާތު ތަކަކީ ލޯންޗްގެ ރަޖިސްޓްރީން ކަށަވަރުވާ މަޢުލޫމާތު ތަކެއްކަން އެނގެން އޮންނަކަން. އަދި އެ ފަދަ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަކީ އަމަނާ ތަކަފުލްއިން އުފުލަންޖެހޭ ޒިންމާއެއްކަން. އަދި ކަށަވަރު ކުރަންޖެހޭ މަޢުލޫމާތުތައް ކަށަވަރު ކުރުމަކާނުލައި ލޯންޗް އިންޝުއަރެންސް ކޮށްދީފައިވަނީ އަމާނާ ތަކަފުލް އިން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށްކަން އެނގޭކަން.

ޕްރޮޕޯސަލް ފޮރ ހަލް ތަކަފުލްގެ 05 ވަނަ ނަންބަރުގައި ލޯންޗްގައި 01 ކެޕްޓަނާއި 03 ފަޅުވެރިން ތިބޭނެކަމަށް ބަޔާންކުރި ނަމަވެސް، އަމާނާ ތަކަފުލްއިން ލޯންޗް އިންޝުއަރެންސް ކުރުމަށްފަހު ދޫކޮށްފައިވާ މެރިން ހަލް އިންޝުއަރެންސް ޕޮލިސީގައި އިންޝުއަރެންސް ދެމެހެއްޓުމަށްޓަކައި ވޮރެންޓީތަކެއް ކަނޑައަޅާފައި ވީނަމަވެސް، އެ ފަދަ ވޮރެންޓީތަކުގެ ތެރޭގައި ލޯންޗްގައި ތިބޭނެ ފަޅުވެރިންގެ ޢަދަދު ކަނޑައަޅާފައި ނުވާކަމަށާއި، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދު"ގެ 8.12 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ލޯންޗްގައި ރޯވި ހާދިސާ ހިނގިއިރު، ރައްކާތެރި އަމާން ދަތުރަކަށް އެކަށޭނެ މިންވަރަށް ލޯންޗްގައި ފަޅުވެރިން ތިބިކަން.

ޝަރޫ-5 ލޯންޗްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބައެއްގެ ނުރަނގަޅު ޢަމަލެއްގެ ސަބަބުން ނޫންކަން ސާބިތުކުރުމަށްޓަކައި ޝަރޫ ލޯންޗްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިޕޯޓު ބަލައި ނުގަންނަންޖެހޭ ސަބަބެއް ނެތްކަމަށާއި، މި ހާދިސާ ހިނގިއިރު ތިބި ފަޅުވެރިންގެ މައްޗަށް އެއްވެސް ތުހުމަތެއް މި ހާދިސާގައި ކުރެވިފައިނުވާއިރު، އެ ފަރާތްތަކަކީ ހާދިސާ ހިނގިއިރު، އެ ތަނުގައި ތިބި ފަރާތްތައްކަމުގައި ވުމުން އެ ފަރާތްތަކުގެ ހެކިބަސް ޤަބޫލު ނުކޮށް އެއްފަރާތް ކުރަންޖެހޭ ސަބަބެއް ނެތްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2017/HC-A/405 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އަމާނާ ތަކަފުލްއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަންނަނިވި ނުކުތާތައް ފާހަގަ ކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، ޝަރޫ ލޯންޗްގެ ފަރާތުން އެ ކުންފުނީގެ ލޯންޗެއް ކަމުގައިވާ "ޝަރޫ-5" އަމާނާ ތަކަފުލްގައި އިންޝުއަރެންސް ކޮށްފައިވަނީ އެ އުޅަނދު ބަނދެ ނިމުނު އަހަރަކީ 2010 ކަމުގައި ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި ބަޔާންކޮށް އެ ގޮތަށް މަޢުލޫމާތު ދީގެން ނަމަވެސް، 05 އޮކްޓޯބަރ 2013 ގައި އެ ލޯންޗްގައި ރޯވެ، އަޑިއަށް ދިޔަ ހާދިސާ ތަޙްޤީޤުކުރިއިރު، އެ އުޅަނދަކީ 1998 ގައި ބަނދެނިމި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްކަން އެނގިފައިވާއިރު، އެ ޙަޤީޤަތެއްގެ މައްޗަށް ކޮންޓްރެކްޓް ކުރެވުނު ޙަޤީޤަތް ބަދަލުވެފައިވާކަން އެއްވެސް ޝައްކެން ނެތް މިންވަރަށް ކަށަވަރުވެފައިވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު މިފަދަ ކޮންޓްރެކްޓްތައް ވާނީ ބާޠިލު އެއްޗަކަށްކަން އެނގެން އޮތްނަމަވެސް، އެކަމަށް ރިޢާޔަތް ނުކުރައްވައި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ޝަރޫ ލޯންޗްގެ ފަރާތުން "ޝަރޫ-05 އަމާނާ ތަކަފުލްގައި އިންޝުއަރެންސް ކޮށްފައިވަނީ އިންޝުއަރެންސް ކުރިއިރު، ބަނދެ ނިމުނުތާ 14 އަހަރު ވެފައިވާ އުޅަނދެއް 02 އަހަރު ވެފައިވާކަމަށް ދައްކައިގެން ޙަޤީޤަތް އޮޅުވާލައިގެންކަން އެނގެން އޮންނައިރު، ޝަރޫ ލޯންޗްގެ މި ޢަމަލަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާފަދަ ޢަމަލެއް ނަމަވެސް، މި ކަމަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ޝަރޫ-05 ލޯންޗްގެ ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްކަމުގައި $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) ކަނޑައަޅާފައިވަނީ، އިންޝުއަރެންސް ކުރަން ހުށަހެޅިއިރު، ބަނދެ ނިމުނުތާ 02 އަހަރުވެފައިވާ އުޅަނދެއްކަމުގައި ބަލައިގެން ނަމަވެސް، އެ އުޅަނދު އިންޝުއަރެންސް ކުރިއިރު، ބަނދެނިމުނުތާ 14 އަހަރު ވެފައިވާކަން ސާބިތުވެފައިވާއިރު، އަދި އެކަމަށް ޝަރޫ ލޯންޗްގެ ފަރާތުން އިންކާރުވެސް ކޮށްފައިނުވާއިރު، މި ހާދިސާއާ ގުޅިގެން ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްކަމުގައި ކަނޑައަޅާފައިވާ $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) ދިނުމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ޢަދުލުވެރި ޙުކުމެއް ނޫން ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ކޮންޓްރެކްޓެއް ކުރެވެނީ އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުންކަމަށް ބުނެފައިވާކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާގައި، އެ ފަދަ ހުށަހެޅުމަކީ، އޮޅުން ނުފިލާ ގޮތަކަށް ނުވަތަ ޔަޤީން ނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި، އެ ހުށަހެޅުން ވާންވާނީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށް ކަމުގައި ބުނެފައި އޮންނައިރު، "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމް" އަކީ އިންޝުއަރެންސް ކުރުމަށް ބޭނުންވާ ފަރާތުން އެކަން ހުށަހެޅުމަށް އޮންނަ ފޯމުކަމަށްވާއިރު، މި ހާދިސާގައި އެ ފޯމުގެ 05 ވަނަ ނަންބަރުގައި ލޯންގައި ތިބޭނެ ކްރޫންގެ މަޢުލޫމާތު ބަޔާންކުރަން އޮންނަ ތަނުގައި 01 ކެޕްޓަނާއި 03 ފަޅުވެރިން ތިބޭނެކަމަށް ބަޔާންކޮށްފައި އޮތް ހިނދު، އެ ހުށަހެޅުންތައް ޤަބޫލުކޮށްގެން ވުޖޫދަށް އައި ކޮންޓްރެކްޓެއްގެ ދަށުން ފަޅުވެރިން ތިބެންޖެހޭނީ އެ މިންވަރަށް ކަމާއި، އެކަމަށް ލުޔެއް ލިބޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއިވާ ގޮތުގެމަތިން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ކަމުގައިވީއިރު، މި މައްސަލަ ނިންމުމުގައި މި ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ފަސްވަނަ ނުކުތާއަކީ، އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ވޮރަންޓީސްތަކުގެ ތެރެއިން ވޮރަންޓީއަކާ ޚިލާފުވުމަކީވެސް އިންޝުއަރެންސް ފައިސާ ދޭން ނުޖެހޭނެ ސަބަބެއްކަމުގައިވާއިރު، ޝަރޫ ލޯންޗްގެ ފަރާތުން އިންޝުއަރެންސް ޕޮލިސީއާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު، އެ ކަންތައްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާގައި މައިގަނޑު ގޮތެއްގައި އަމާނާ ތަކަފުލްއިން ފާހަގަ ކޮށްފައިވަނީ އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ޑޮކިއުމެންޓޭޝަން ވޮރެންޓީގެ ދަށުން ޓްރާންސްޕޯޓު އޮތޯރިޓީން ދޫކޮށްފައި އޮންނަ މުއްދަތު ހަމަނުވާ ސަލާމަތާބެހޭ ސެޓްފިކެޓާއި ފަސިންޖަރުން އުފުލުމުގެ ސެޓްފިކެޓްފަދަ ސެޓްފިކެޓްތައް ހަމައަށް ހުންނަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، މި ހާދިސާ ހިނގުމުން އެ ސެޓްފިކެޓްތައް ހުށަހެޅުމަށް އެންގުމުން ޝަރޫ ލޯންޗްގެ ފަރާތުން ހުށަހަޅާފައިވަނީ 30 މެއި 2013 އަށް މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތަކެއްކަމަށާއި، އަދި މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ހިނގަމުން ދިޔައިރު، ޝަރޫ ލޯންޗްގެ ފަރާތުން ހުށަހަޅާފައިވާ ސެޓްފިކެޓްތަކަކީ އޭގެ ސައްހަކަމާމެދު ސުވާލު އުފެދޭ ސެޓްފިކެޓްތަކެއް ކަމެވެ.

މި ނުކުތާތައް ފާހަގަ ކުރުމަށްފަހު، އަމާނާ ތަކަފުލްއިން އެދިފައިވަނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓާއި، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށެވެ.

އަމާނާ ތަކަފުލްއިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން އަންނަނިވި ކަންކަން ޝަރޫ ލޯންޗްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާގައި އަމާނާ ތަކަފުލްއިން ފާހަގަކޮށްފައިވާ ކަންކަމަކީ، މި މައްސަލަ އެ ކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، އެ ފަދައިން ފާހަގަކޮށް ވާހަކަ ދައްކާފައިވާ ކަންތައްތަކެއް ކަމުގައި ނުވާތީ، އެ ކަންކަމަކީ އަމާނާ ތަކަފުލްގެ ފަރާތުން ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި އެ ކަންކަން ފާހަގަކޮށް އެ ކަންކަމުގެ މައްޗަށް ވާހަކަ ދެއްކޭނެ ކަންތައްތަކެއް ނޫންކަން.

ޝަރޫ-05 ލޯންޗްގެ ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ އެކީގައި ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އެ ޢަދަދަކީ އަމާނާ ތަކަފުލްއިން އެ ލޯންޗް އިންޝުއަރެންސް ކުރުމަށްފަހު ދޫކޮށްފައިވާ މެރިން ހަލް އިންޝުއަރެންސް ޕޮލިސީގައި އެ ޢަދަދު އެ ގޮތަށް އޮތުމުން ކަމަށާއި، އެ ޕޮލިސީގައި ލޯންޗް ބަނދެ ނިމުނު ތާރީޚެއްގެ ގޮތުގައި 2010 އޮތުމުންކަމަށާއި، ލޯންޗް އިންޝުއަރެންސް ކުރުމަށް އެދި ހުށަހެޅި ފޯމުގައި 2010 ޖަހާފައިވަނީ އަމާނާ ތަކަފުލްގެ މުވައްޒަފެއްކަމަށާއި، އަދި ލޯންޗް އިންޝުއަރެންސް ކޮށްފައިވަނީ ހަމައެކަނި އިންޝުއަރެންސް ކުރުމަށް އެދި ހުށަހެޅި ޕްރޮޕޯސަލްގެ މައްޗަށް އެކަނި އަމާނާ ތަކަފުލްއިން ބަރޯސާވެގެން ނޫންކަމަށާއި، އެ ޕްރޮޕޯސަލާއެކު ލޯންޗްގެ ރަޖިސްޓްރީ ހުށަހެޅި ކަމަށާއި، އެ ރަޖިސްޓްރީގައި ލޯންޗް ބަނދެ ނިމުނު ތާރީޚު ލިޔެވިފައިނުވާއިރު، އެކަމާބެހޭ ގޮތުން އެއިރު އަމާނާ ތަކަފުލްއިން ސުވާލު އުފައްދާފައި ނުވާކަމަށާއި، އަދި އިންޝުއަރެންސް ކޮށްދިނުމުގެ ކުރިން އެ ކުންފުނީގެ ފަރާތުން ލޯންޗްގެ ސަރވޭއެއްވެސް ހެދިކަމަށާއި، މި ކަންކަން މިހެން ހުރިއިރު، ލޯންޗް ބަނދެ ނިމުނު ތާރީޚު ކަށަވަރު ނުކޮށް ލޯންޗް އިންޝުއަރެންސް ކޮށްދީފައިވަނީ އަމާނާ ތަކަފުލްއިން އުފުލަންޖެހޭ ޒިންމާ އަދާ ނުކޮށްކަން.

ޝަރޫ-5 ލޯންޗް އިންޝުއަރެންސް ކުރުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ޢަދަދަށް ލޯންޗުގައި އަލިފާނުގެ ހާދިސާ ހިނގިއިރު ފަޅުވެރިން ނެތްކަމަށް އަމާނާ ތަކަފުލްއިން ފާހަގަކުރި ނަމަވެސް، ލޯންޗުގައި ވަކި މިންވަރަކަށް ފަޅުވެރިން ތިބުމަށް އިންޝުއަރެންސް ވޮރެންޓީއެއްގެ ގޮތުގައި އިންޝުއަރެންސް ޕޮލިސީގައި ހިމަނާފައިނުވާކަމަށާއި، ލޯންޗްގައި އަލިފާނުގެ ހާދިސާ ހިނގިއިރު، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ލާޒިމުކުރާ މިންވަރަށް ފަޅުވެރިން ތިބިކަން.

ރަސްމީ މުސްތަނަދުން ގާއިމުވާ ހުއްޖަތަކީ "އެ މުސްތަނަދުގައިވާ ސޮޔާއި އޭގައި ވާރިދުވެގެންވާ ބަޔާންތަކާއި ވަޤާއިޢުތައް ފޯޖުކޮށްފައިވާކަމަށް ޠަޢުނު ނުކުރެވޭހައި ހިނދަކު އެ މުސްތަނަދުތަކާއި އޭގައިވާ ބަޔާންތަކާއި ވަޤާއިޢުތައް ޞައްޙަކަމުގައި ގާއިމުވާ ހުއްޖަތް" ކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/23 ޤަޟިއްޔާގައި ފާހަގަކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، މި މައްސަލައިގައި ޝަރޫ ލޯންޗްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސެޓްފިކެޓްތަކަކީ ފޯޖުކޮށްފައިވާ މުސްތަނަދުތަކެއްކަން އަމާނާ ތަކަފުލްއަށް ސާބިތުކޮށްދެވިފައި ނުވާކަން.

މަތީގައިވާ ކަންކަން ފާހަގަ ކުރުމަށްފަހު، ޝަރޫ ލޯންޗްގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގެ މުޢާމަލާތް ހިނގާފައިވާ ގޮތުގެ ތަރުތީބަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު އަހުރެންގެ ރައުޔު ހާމަކޮށް ގޮތް ކަނޑައަޅާނީ އަންނަނިވި ތަރުތީބުންނެވެ.

އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅާނީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތް ނުކޮށް މި މައްސަލަ ނިންމާފައިވާކަން ނުވަތަ ނޫންކަމާމެދުގައެވެ. އަދި މި ނުކުތާގައި ގޮތެއް ކަނޑައެޅިގެން އަންނައިރު، މި ހާދިސާއާ ގުޅިގެން ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްކަމުގައި ކަނޑައަޅާފައިވާ $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރު) ޝަރޫ ލޯންޗަށް ދޭންޖެހޭނެކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައެޅިގެންދާނެއެވެ. މިހައިރުން، އިސްތިއުނާފީ ދެވަނަ ނުކުތާއާއި ތިންވަނަ ނުކުތާއާމެދު ގޮތެއް ކަނޑައެޅިގެން ދާނެއެވެ.

ދެވަނަ އަށް ގޮތެއް ކަނޑައަޅާނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި، ހަތަރުވަނަ ނުކުތާއާއި، ފަސްވަނަ ނުކުތާއާ މެދުގައެވެ. ފުރަތަމަ ނުކުތާއަކީ، މި މައްސަލަ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ހަތަރުވަނަ ނުކުތާއާއި، ފަސްވަނަ ނުކުތާއަކީ، "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމް" ގައިވާ ޢަދަދަށް ލޯންޗްގައި ކްރޫން ތިބެން ޖެހޭނެކަމަށާއި، އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ޑޮކިއުމެންޓޭޝަން ވޮރެންޓީގެ ދަށުން ޓްރާންސްޕޯޓު އޮތޯރިޓީން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ސަލާމަތާބެހޭ ސެޓްފިކެޓާއި ފަސިންޖަރުން އުފުލުމުގެ ސެޓްފިކެޓާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަމާނާ ތަކަފުލްއިން ދެއްކި ވާހަކަތަކަށް އެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ދެ ނުކުތާއެވެ.

ނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ބެހޭ ގޮތުން އަމާނާ ތަކަފުލްއިން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއާމެދު ގޮތް ކަނޑައެޅުމުގައި އަމާނާ ތަކަފުލްއާ އެއްކޮޅަށް އެ ނުކުތާ ނިމިއްޖެނަމަ، މި ތިން ނުކުތާގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް ނޯންނާނެއެވެ.

ވާޤިޢާއާ ގުޅޭ ޤާނޫނު ތަޠުބީޤުކުރުން

އިސްތިއުނާފީ ދެވަނަ ނުކުތާގައި އަމާނާ ތަކަފުލްއިން ބުނެފައިވަނީ މި މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ.

މި ނުކުތާއާ ގުޅިގެން ޝަރޫ ލޯންޗްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޙަވާލާދީ އަމާނާ ތަކަފުލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވާތީ، ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި އެ މާއްދާ އެ ގޮތަށް ފާހަގަ ނުކުރެވޭނެ ކަމަށެވެ.

އަމާނާ ތަކަފުލްއިން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ފާހަގަ ކޮށްފައިވަނީ، އަމާނާ ތަކަފުލްއާއެކު ޝަރޫ ލޯންޗުން އިންޝުއަރެންސްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، 1998 ވަނަ އަހަރު ބަނދެ ނިމިފައިވާ އުޅަނދެއް 2010 ވަނަ އަހަރު ބަނދެ ނިމުނުކަމަށް ބުނެ ޙަޤީޤަތާ އޮޅުވާލުމުގެ ޢަމަލެއް ހިންގާފައިވާތީ، އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަ ކުރިނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް އެ ކޯޓުން ރިޢާޔަތް ނުކުރާކަމުގައި ބުނަމުންނެވެ.

ޝަރޫ ލޯންޗްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، އަމާނާ ތަކަފުލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ވާހަކަ ދައްކާފައިނުވެއެވެ. ނަމަވެސް، އެ މާއްދާ ތަޠުބީޤުކުރުމަށް އެ ކުންފުނީގެ ފަރާތުން އެދޭ ވާޤިޢާ ތަފުސީލުކޮށް ސިވިލް ކޯޓާއި ހައިކޯޓުގައި ފާހަގަކޮށް ވާހަކަ ދައްކާފައިވެއެވެ. ސުވާލަކީ، ދަށު މަރުޙަލާގައި ވާޤިޢާއެއް ކަށަވަރު ވެފައިވީނަމަވެސް، އެ ވާޤިޢާއާ ގުޅޭ ޤާނޫނީ މާއްދާއާ ޙަވާލާދީފައިނުވާނަމަ، ނުވަތަ ޤާނޫނީ މާއްދާގެ ވާހަކަ ދެކެވިފައިނުވާނަމަ، އެ ޤާނޫނީ މާއްދާ، އަލަށް ސުޕްރީމް ކޯޓުގައި ފާހަގަ ކުރެވިދާނެ ހެއްޔެވެ؟

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާއަށް ބެލުމުން ކޯޓުތަކުގެ އިސްތިއުނާފީ ހުށަހެޅުމެއް ބަލައިގަތުމުގައި މައިގަނޑު ގޮތެއްގައި ދެ ކަމެއް ސުޕްރީމް ކޯޓުން ކަށަވަރު ކުރަންޖެހެއެވެ. އެއް ކަމަކީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތް ނުވަތަ ވާޤިޢާތައް ދަށު މަރުޙަލާއިން ކަށަވަރު ކޮށްދީފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. ދެވަނަ ކަމަކީ، ކަންހިނގާފައިވާ ގޮތުގެ މައްޗަށް ނުވަތަ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނީ އުސޫލުތައް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމެވެ.

ބުނެވިދިޔަ ދެ ކަންތައް ކަށަވަރުކޮށް ވަޒަންކުރުމުގައި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭކަން ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ ވާޤިޢާތައް އަލުން ބަލަންޖެހޭކަން ފާހަގަ ކުރެވިއްޖެނަމަ، އެ ކަން ބެލުމަށް ސުޕްރީމް ކޯޓަށް އޮތް މަގަކީ، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވައިގެން ބެލުމެވެ. މި ފަދައިން ފޮނުވުމުގައި އެ މައްސަލަ އަލުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުމުގައި ޢަމަލު ކުރަންޖެހޭ ޤާނޫނީ އުސޫލު ސުޕްރީމް ކޯޓުން ކަނޑައަޅަންޖެހެއެވެ.

އެހެން ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައެއްގެ ވާޤިޢާއެއްގެ މައްޗަށް ޤާނޫނު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަން ފާހަގަ ކުރެވިއްޖެނަމަ، އެ ވާޤިޢާއެއްގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކުރުމުގެ ބާރަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރެކެވެ.

މަތީގައި ބަޔާންވެދިޔަ އުސޫލު ސްޓޭޓް ބޭންކް އޮފް އިންޑިއާ ވ. އަޙްމަދު ޙަމީދު މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ،

"ޢާންމު ޤާޢިދާއަކީ ސުޕްރީމް ކޯޓުގައި މައްސަލައެއް އިލްތިމާސްކުރުމަކީ، އެ މައްސަލައިގައި ވާޤިޢާތައް އަލުންބަލައި ރިވިއު ކުރުން ނޫންކަމާއި، އެހެނީ އިލްތިމާސްގެ މަގުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އިފްތިރާޟުކުރެވޭނީ އެ މަގުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢު ބެލި ކޯޓުތަކުން (ދަށު މަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުން) ބަލާފައިވާ ދަޢުވާގެ ވާޤިޢާތައް ބަޔާންކޮށްފައިވަނީ އުސޫލެއްގެ ގޮތުން ރަނގަޅަށް ކަމުގެ މައްޗަށް ކަމާއި، ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށް ދަށު މަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުން ކޮށްފައިވާ ޙުކުމަށް ޠަޢުނުކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ ދަޢުވާ ބެލުމުގެ މައިގަނޑު ދާއިރާ ބިނާވެފައިވަނީ ދަށު ކޯޓުންނާއި، އިސްތިއުނާފީ ކޯޓުން ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް ރިޤާބާކޮށް ބެލުމުގެ މައްޗަށް ކަމާއި،..." މި ފަދައިންނެވެ.

ވާޤިޢާއެއްގެ މައްޗަށް ޤާނޫނު ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ވަޒަންކުރުމުގައި ތަޠުބީޤު ކޮށްފައިވަނީ ތަޠުބީޤު ކުރަންޖެހޭ ޤާނޫނުކަން، ނުވަތަ ތަޠުބީޤު ނުކޮށް ދޫކޮށްލެވިފައިވަނީ އެ ޤާނޫނަކީ، އެ ޤާނޫނު ވާހަކަ ދެކެވޭ ވާޤިޢާއާ ގުޅިފައިވާލެއް ބޮޑުކަމުން ކޮންމެހެން ތަޠުބީޤު ކުރަންޖެހޭ ޤާނޫނުކަން ނުވަތަ ނޫންކަން ބެލުން ހިމެނޭނެއެވެ.

މި އުސޫލަށް ބަލާއިރު، ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއްގެ މައްޗަށް އިތުބާރުކޮށްގެން އެއްބަސްވުމެއްގެ ވަކި ފަރާތަކުން ބައިވެރި ކުރުވިކަމަށް ބެލެވޭ ވާޤިޢާއެއް ޝަރީޢަތުގައި ފާހަގަކުރެވޭއިރު، އެ ވާޤިޢާއާ ގުޅިލާމެހިފައިވާ މާއްދާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ވުމުން، އެ ވާޤިޢާއާމެދު ގޮތެއް ކަނޑައެޅުމުގައި އެ މާއްދާއަށް ރިޢާޔަތް ކުރެވެންޖެހޭނެއެވެ. އެއީ އެ މާއްދާގެ ވާހަކަ މައްސަލައިގެ ޚަޞްމުން ފާހަގަ ނުކުރިނަމަވެސް މެއެވެ. ކަންމިހެން އޮތުމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ގުޅިގެން އަމާނާ ތަކަފުލްއިން ފާހަގަކުރާ އިސްތިއުނާފީ ނުކުތާ ބަލައިގަނެ އެ ނުކުތާއާމެދު ގޮތެއް ނިންމަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

އުޅަނދު ބަނދެ ނިމުނު ތާރީޚު ބަޔާންކުރުމުގައި ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ހިންގާފައިވާކަން ނުވަތަ ނޫންކަން

އަމާނާ ތަކަފުލްއިން ބުނާ ގޮތުގައި ޝަރޫ ލޯންޗްގެ ފަރާތުން، ޝަރޫ-5 ލޯންޗް އިންޝުއަރެންސް ކުރުމަށްޓަކައި ހުށަހެޅި "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް" ފޯމުގައި ލޯންޗް ބަނދެ ނިމުނު އަހަރަކީ 2010 ވަނަ އަހަރު ކަމުގައި ބުނެ ދީފައިވަނީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެކެވެ. އަދި ލޯންޗް އަޑިއަށް ދިޔަ ހާދިސާ ތަޙްޤީޤުކޮށް ބެލުމުން ބަނދެ ނިމިފައިވާ އަހަރަކީ 1998 ވަނަ އަހަރުކަން އެނގިފައިވާ ކަމަށާއި، މި މަޢުލޫމާތު ކުރިން ލިބުނުނަމަ، ލޯންޗް އިންޝުއަރ ނުކޮށްދިނުން ނުވަތަ ވަރަށް ދަށް އަގެއްގައި އިންޝުއަރެންސް ކޮށްދިނުމުގެ އިހުތިމާލު އޮތްކަމުގައި އަމާނާ ތަކަފުލްއިން ބުނެފައިވެއެވެ.

މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމާއެކު ލޯންޗްގެ ރަޖިސްޓްރީ ހުށަހަޅާފައިވާއިރު، އެ ފޯމުގައި ހިމަނާފައިވާ ބައެއް މައުލޫމާތު ތަކަކީ ލޯންޗްގެ ރަޖިސްޓްރީން ކަށަވަރުވާ މަޢުލޫމާތު ތަކެއްކަން އެނގެން އޮންނަކަމާއި، އަދި އެ ފަދަ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަކީ އަމަނާ ތަކަފުލްއިން އުފުލަންޖެހޭ ޒިންމާއެއްކަމާއި، އަދި ކަށަވަރު ކުރަންޖެހޭ މަޢުލޫމާތުތައް ކަށަވަރު ކުރުމަކާނުލައި، "ޝަރޫ-5" ލޯންޗް އިންޝުއަރެންސް ކޮށްދީފައިވަނީ އަމާނާ ތަކަފުލްއިން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށްކަން އެނގެން އޮންނަ ކަމަށެވެ."

މަތީގައިވާ ފަދައިން ލޯންޗް ބަނދެ ނިމުނު އަހަރާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި އަމާނާ ތަކަފުލްއިން ބުނެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި އޮންނަނީ،

"ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެއެވެ." މި ފަދައިންނެވެ.

ކޮންޓެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބަލާއިރު ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ފުރިހަމަވުމުގައި އަންނަނިވި ދެ ކަންތައް ފުރިހަމަވާންޖެހޭނެއެވެ.

ފުރަތަމަ ކަމަކީ، ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެ މީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުން ނުވަތަ ވަކާލާތު ކުރުމެވެ.

ދެވަނަ ކަމަކީ، އެ ފަދައިން ދެއްކުމުން ނުވަތަ ވަކާލާތު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވުމެވެ.

ސުވާލަކީ، މި މައްސަލައިގައި ލޯންޗް ބަނދެ ނިމުނު ތާރީޚެއްގެ ގޮތުގައި ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލްގައި 2010 ވަނަ އަހަރު ޝަރޫ ލޯންޗްގެ ފަރާތުން ލިޔެފައި އޮތް އޮތުމަކީ އެ ކުންފުނީގެ ފަރާތުން އަމާނާ ތަކަފުލްއާއެކު އިންޝުއަރެންސް އެއްބަސްވުމަކަށް އައުމަށްޓަކައި، އެ ކުންފުންޏަށް އެނގިހުރެ، ހިންގާފައިވާ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ހެއްޔެވެ؟ އަދި އަމާނާ ތަކަފުލްއިން އިންޝުއަރެންސް އެއްބަސްވުމުގައި ބައިވެރިވީ އެ ޢަމަލުގެ މައްޗަށް ބަރޯސާވެގެން ހެއްޔެވެ؟

މި ސުވާލުތަކަށް ޖަވާބު ހޯދުމުގައި ޙަޤީޤަތް ހާމަކުރުމުގެ ޒިންމާއެއް ޝަރޫ ލޯންޗްގެ މައްޗަށް އޮތްކަން ނުވަތަ ނޫންކަމާއި، މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިއިރު، އުޅަނދު ބަނދެ ނިމުނު ތާރީޚަކީ 2010 ކަމުގައި ޝަރޫ ލޯންޗްގެ ފަރާތުން ބަޔާންކޮށްފައި އޮތް އޮތުމަކީ އެ ކުންފުނިން ހެޔޮ ނިޔަތުގައި ކޮށްފައިވާ ޢަމަލެއްކަން ނުވަތަ ނޫންކަމާއި، އަދި އެއީ ގަސްތުގައި ކޮށްފައިވާ ކަމެއްނަމަ އެކަމުގެ މައްޗަށް ޤާނޫނީ ގޮތުން ތަރުތީބުވެގެން އަންނަ ނަތީޖާތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.

ޙަޤީޤަތް ހާމަކުރުމުގެ ޒިންމާ

އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގެ އިންޝުއަރެންސް މުޢާމަލާތު ހިނގާފައިވާ ގޮތުގެ ތަރުތީބަށް ބަލާއިރު، އިންޝުއަރެންސް ކޮށްދިނުމަށް އެދި ޝަރޫ ލޯންޗްގެ ފަރާތުން އަމާނާ ތަކަފުލްއަށް "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް" ގެ ނަމުގައި ޕްރޮޕޯސަލެއް ހުށަހެޅިއެވެ. މި ޕްރޮޕޯސަލްގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން މަޢުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން މުހިންމު ޢިބާރާތެއް "ވަރަށް މުހިންމު" މި ސުރުޚީގެ ދަށުން ބޮޑުއަކުރުން ލިޔެފައިވެއެވެ. ތިރީގައި މިވަނީ އެ ޢިބާރާތެވެ.

You are reminded of the need to disclose any facts which the company would take into account in the assessment and acceptance of this proposal. If you have any doubts as to whether certain facts are relevant, please ask your insurance/takaful broker or agent or amana takaful office. Failure to disclose all relevant facts may invalidate your certificate or may result in your certificate not operating fully.

"މި ޕްރޮޕޯސަލްގައިވާ ކަންކަން ބަލައި، މި ޕްރޮޕޯސަލް ގަބޫލުކުރުމުގައި މި ކުންފުންޏަށް މުހިންމު ވެދާނެ ކޮންމެ ކަމެއް ހާމަކުރަންޖެހޭނެކަން ތިޔަފަރާތަށް ހަނދާންކޮށްދެމެވެ. މި ޕްރޮޕޯސަލާ ގުޅުންހުރި އެއްވެސް ކަމެއް ހާމަކުރަންޖެހޭ ކަމާމެދު ޝައްކު އުފެދޭނަމަ، ތިޔަ ފަރާތުގެ އިންޝުއަރެންސް/ތަކަފުލް ބްރޯކަރު، ނުވަތަ އެޖެންޓު ނުވަތަ އަމާނާ ތަކަފުލް އޮފީހުން މައުލޫމާތު ސާފުކުރާށެވެ. ގުޅުންހުރި ހުރިހާކަމެއް ހާމަނުކުރެވިއްޖެނަމަ، ދޫކުރެވޭ ސެޓްފިކެޓް ބާޠިލުވެދާނެއެވެ. ނުވަތަ އެ ސެޓްފިކެޓް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކޮށްފާނެއެވެ."

މި ޢިބާރާތަށް ބަލާއިރު، އިންޝުއަރެންސް ކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެން، އެ ހުށަހެޅުން ދިރާސާކޮށް، އެ ހުށަހެޅުން ޤަބޫލު ކުރުމުގައި މުހިންމު ވެދާނެ ކޮންމެ ކަމެއް ހާމަކުރުމަކީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ. މި ޢިބާރާތުގެ ފަހަތުގައި، މި ކަމާ ގުޅުންހުރި މުހިންމު ދެތިން ކަމަކަށް ޝަރޫ ލޯންޗްގެ ފަރާތުން އިގުރާރުވެފައިވެއެވެ. މި ގޮތުން އިޤުރާފުވެފައިވާ؛

ފުރަތަމަ ކަމަކީ، ޕްރޮޕޯސަލް ފޯމުގައި އެ ކުންފުނިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަކީ، އެ ކުންފުންޏަށް އެނގިފައިވާ ޞައްޙަ ތެދު މަޢުލޫމާތު ކަމަށާއި، އެ ކުންފުނިން ވަންހަނާކޮށްފައިވާ ނުވަތަ ޙަޤީޤަތް އޮޅުވާލާފައިވާ ނުވަތަ ޙަޤީޤަތާ ޚިލާފަށް ބަޔާންކޮށްފައިވާ އެއްވެސް މުހިންމު ކަމެއް (Material Fact) އެ ޕްރޮޕޯސަލްގައި ނުވާނެ ކަމެވެ.

އިޤުރާރުވެފައިވާ ދެވަނަ ކަމަކީ، މި ޕްރޮޕޯސަލްގައި ހިމެނިފައިވާ މަޢުލޫމާތުތަކާއި، އިޤުރާރަކީ، ކުންފުންޏާއެކު ވެވޭ ތަކާފުލް އެއްބަސްވުމުގެ އަސާސްކަމަށާއި، މި ހުށަހެޅުން ބެލެވޭނީ މި އެއްބަސްވުމުގައި ހިމެނޭ ބައެއްގެ ގޮތުގައި ކަމެވެ.

އިޤުރާރުވެފައިވާ ތިންވަނަ ކަމަކީ، އަމާނާ ތަކަފުލްއާއެކު މި ވެވޭ އެއްބަސްވުމަކީ އިސްލާމީ އިންޝުއަރެންސް ނުވަތަ ޢާންމު ބަހުރުވައިންނަމަ ތަކާފުލްގެ އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމުގައިވާ ގޮތުގެމަތިން ތަކާފުލް ސްކީމުގައި ބައިވެރިވުމަށްޓަކައި ޝަރޫ ލޯންޗްގެ ފަރާތުން ތަކާފުލް ފަންޑަށް ޖަމާކުރުމަށްޓަކައި ތަކާފުލް ކޮންޓްރިބިއުޝަން ގަވާއިދުން އަމާނާ ތަކަފުލްއަށް ދައްކަން ޖެހޭނެކަމަށާއި، މިއީ ތަބައްރުޢުގެ އުސޫލުން ޖަމާކުރާ ކޮންޓްރިބިއުޝަނެއްކަމަށާއި، މިފަދައިން ކޮންޓްރިބިއުޝަން ޖަމާކުރާ ތަކާފުލް ފަންޑުން އިންވެސްޓްކޮށްގެން ލިބޭ ފައިދާ ފަންޑުގައި ބައިވެރިވާ ފަރާތާ ހިއްސާކުރާނީ މުޟާރަބާގެ އުސޫލުން ކަމަށެވެ.

ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ހައިސިއްޔަތުން ޝަރޫ ލޯންޗަށް ދެވިފައިވާ އިރުޝާދު ތަކާއި އެ ކުންފުނިން އިޤުރާރުވެފައިވާ ކަންކަމަށް ބަލާއިރު، އެ ޕްރޮޕޯސަލްގައި އިންޝުއަރެންސް އެއްބަސްވުމެއް އުފެދުމަށްޓަކައި މުހިންމު ވެދާނެ ކޮންމެ ކަމެއް ހާމަކުރުމަކީ، ޝަރޫ ލޯންޗްގެ މައްޗަށް އޮތް ޒިންމާއެއްކަން ސާފުކޮށް އެނގެއެވެ.

މަޢުލޫމާތު ހާމަކުރުމުގައި ހެޔޮ ނިޔަތް އޮތްކަން ނުވަތަ ނޫންކަން

އިންޝުއަރެންސްގެ އެއްބަސްވުންތަކަކީ، ޒަމާނުއްސުރެ، ޢާންމު ގޮތެއްގައި ބުނާ ބުނުންތަކަށް ބަރޯސާވެގެން އުފެދޭ އެއްބަސްވުންތަކެކެވެ. ސަބަބަކީ، އިންޝުއަރެންސަށް އެދޭ ފަރާތަށް މެނުވީ އިންޝުއަރެންސް ކޮށްދިނުމަށް އެދޭ މުދާ ނުވަތަ ކަންތަކުގެ ފުރިހަމަ ޙަޤީޤަތް ނޭނގޭނެއެވެ. އަދި އެ ޙަޤީޤަތްތައް ހާމަކުރުމުން މެނުވީ އިންޝުއަރެންސް ކޮށްދޭ ފަރާތަށް އެ ކަންކަން އެނގިގެން ނުދާނެއެވެ. މި ސަބަބަށްޓަކައި، ގިނަ ޤާނޫނީ ނިޒާމުތަކުގައި އިންޝުއަރެންސް ކޮށްދިނުމަށް އެދޭ ފަރާތަށް، އިންޝުއަރެންސް ކޮށްދޭ ފަރާތަށް ބޭނުންވާ ހުރިހާ މަޢުލޫމާތު ހާމަކޮށްދިނުމުގެ ޒިންމާމަތިކޮށް، އަދި އެ ޒިންމާ އަދާ ނުކޮށްފިނަމަ ނުވަތަ އަދާކުރުމުގައި ފަރުވާކުޑަވެއްޖެނަމަ އެކަމުގެ މައްޗަށް ނުކުންނާނެ ނަތީޖާތައް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އިންޝުއަރެންސް ކޮށްދިނުމަށް އެދި ހުށަހަޅާ ހުރިހާ މަޢުލޫމާތަކަކީ، ހެޔޮ ނިޔަތުގައި އެ ފަރާތަށް އެނގިހުރި މިންވަރަކުން ހާމަކޮށްފައިވާ ތެދު މަޢުލޫމާތެއްކަން ކަށަވަރު ކޮށްދިނުމަކީ އިންޝުއަރެންސް ކޮށްދިނުމަށް އެދޭ ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ. މި ޒިންމާ އެ ފަރާތުން އުފުލާފައި ނުވާކަން، ސާބިތުކޮށްދިނުމަށްޓަކައި، އިންޝުއަރެންސް ކޮށްދިން ފަރާތުން އަންނަނިވި ދެ ކަންތައް ސާބިތުކޮށްދޭންޖެހެއެވެ.

ފުރަތަމަ ކަމަކީ، ހާމަކޮށްފައިނުވާ މަޢުލޫމާތަކީ، އިންޝުއަރެންސް އެއްބަސްވުމަކަށް އައުމަށްޓަކައި މުހިންމު މަޢުލޫމާތެއްކަން (Material Fact) ނުވަތަ ނޫންކަން.

ދެވަނަ ކަމަކީ، މުހިންމު މަޢުލޫމާތެއް (Material Fact) އެއް ހާމަނުކުރުމުގެ ސަބަބުން، ނުވަތަ ހާމަކުރި ޙަޤީޤަތާ ޚިލާފު މަޢުލޫމާތުގެ މައްޗަށް ބުރަވެ އިންޝުއަރެންސް އެއްބަސްވުމުގައި ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން.

މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ލޯންޗް ބަނދެ ނިމުނު ތާރީޚަކީ މެޓީރިއަލް ފެކްޓެއްކަން ނުވަތަ ނޫންކަމާއި، އަމާނާ ތަކަފުލްއިން އިންޝުއަރެންސް އެއްބަސްވުމުގައި ބައިވެރިވުމުގައި ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައިވާ ލޯންޗް ބަނދެ ނިމުމު ތާރީޚަށް އިތުބާރުކޮށް، ބަރޯސާވިކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ.

މުހިންމު ކަމެއް ނުވަތަ މެޓީރިއަލް ފެކްޓް

ޝަރޫ ލޯންޗްގެ ފަރާތުން ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި އިޤުރާރުވެފައިވާ އެއްކަމަކީ، ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި އެ ކުންފުނިން ވަންހަނާ ކޮށްފައިވާ ނުވަތަ ޙަޤީޤަތް އޮޅުވާލާފައިވާ ނުވަތަ ޙަޤީޤަތާ ޚިލާފަށް ބަޔާންކޮށްފައިވާ އެއްވެސް މުހިންމު ކަމެއް (Material Fact) އެ ޕްރޮޕޯސަލްގައި ނުވާނެ ކަމަށެވެ. ސުވާލަކީ މެޓީރިއަލް ފެކްޓަކީ ކޮބައި ހެއްޔެވެ؟

މެޓީރިއަލް ފެކްޓަކީ ކޮބައިކަން ދެނެގަތުމަށް ބަލާއިރު، މިފަދަ އިޞްޠިލާޙެއް މާނަކޮށްފައިވާ އިންޝުއަރެންސާބެހޭ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތެވެ. މި ހާލަތުގައި، މި މައްސަލައިގައި ވާހަކަދެކެވޭ ފަދައިން އިންޝުއަރެންސް ކުންފުންޏާއެކުވެވޭ އިންޝުއަރެންސް އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު އެ އެއްބަސްވުމުގެ މައްޗަށް ހިނގާނެ އެއްބަސްވުމަކަށްވާތީ، މެޓީރިއަލް ފެކްޓަކީ ކޮބައިކަން ދެނެގަތުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ބޭނުން ހިފިދާނެ ކަމުގައި ދެކެމެވެ.

ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ "...އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރު ކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ" މި ޢިބާރާތަށް ބަލާއިރު، ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ ތެރެއިން އެ ކަމެއްގެ މައްޗަށް އިތުބާރުކޮށްގެން، ނުވަތަ ބަރޯސާވެގެން ކޮންޓްރެކްޓްގައި ބައިވެރިވާ ކޮންމެ ކަމަކީ މެޓީރިއަލް ފެކްޓެއް ކަމުގައި ބެލިދާނެއެވެ.

މެޓީރިއަލް ފެކްޓަކީ ކޮބައިކަން ދެނެގަތުމަކީ ވާޤިޢީ ކަމެކެވެ. ވުމާއެކު ކޮންމެ މައްސަލައެއްގައި މެޓީރިއަލް ފެކްޓް ބިނާވެގެންވާނީ އެ މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށެވެ. އިންޝުއަރެންސްގެ މައްސަލައެއްނަމަ، ހުށަހެޅޭ ޕްރޮޕޯސަލަށް ބަލައި، އިންޝުއަރެންސް ކޮށްދޭ ފަރާތަކުން، އިންޝުއަރެންސް ކޮށްދޭނެކަން ނުވަތަ ނޫންކަމާއި، އެ އިންޝުއަރެންސަށް އެ ފަރާތުން ކަނޑައަޅާނެ ޕްރިމިއަމް ފަދަ ކަންކަން ނިންމުމަށް އެ ޕްރޮޕޯސަލުން ބާރުލިބޭނެ ނުވަތަ އަސަރުކުރާނެ ކޮންމެ ކަމަކީ މެޓީރިއަލް ފެކްޓެކެވެ.

ކުރިމަތީގައި މި އޮތް މައްސަލައަށް ބަލާއިރު، އަމާނާ ތަކަފުލްގެ ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި އިންޝުއަރެންސަށް އެދޭ ފަރާތްތަކަށް "ވަރަށް މުހިންމު" ހަނދާން ކޮށްދިނުމެއްގެ ގޮތުން ލިޔެފައިވާ އިބާރާތަށް ބަލާއިރު އެ ޢިބާރާތުގައިވެސްވަނީ އެ ޕްރޮޕޯސަލްގައިވާ ކަންކަން ބަލައި، މި ޕްރޮޕޯސަލް ގަބޫލުކުރުމުގައި އެ ކުންފުންޏަށް މުހިންމު ވެދާނެ ކޮންމެ ކަމެއް ހާމަކުރަންޖެހޭނެކަން ޕްރޮޕޯސަލް ހުށަހަޅާ ފަރާތަށް ހަނދާންކޮށްދޭ ކަމަށެވެ. އަދި މީގެ އިތުރުން ޝަރޫ ލޯންޗްގެ ފަރާތުން އެ ޕްރޮޕޯސަލް ފޯމުގައި ވެފައިވާ އިޤުރާރުގައި އެއްބަސްވެފައިވަނީ، އެ ޕްރޮޕޯސަލްގައި އެ ކުންފުނިން ވަންހަނާކޮށްފައިވާ ނުވަތަ ޙަޤީޤަތް އޮޅުވާލާފައިވާ ނުވަތަ ޙަޤީޤަތާ ޚިލާފަށް ބަޔާންކޮށްފައިވާ އެއްވެސް މުހިންމު ކަމެއް (Material Fact) އެ ޕްރޮޕޯސަލްގައި ނުވާނެކަމަށެވެ.

ޝަރޫ ލޯންޗްގެ ފަރާތުން "ޝަރޫ-5" ލޯންޗް އިންޝުއަރެންސް ކޮށްދިނުމަށް އެދި ހުށަހެޅި ޕްރޮޕޯސަލްގައިވާ މަޢުލޫމާތުތަކުގެ ތެރެއިން އުޅަނދު ބަނދެ ނިމުނު ތާރީޚަކީ މެޓީރިއަލް ފެކްޓެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު، މި މައްސަލައިގައި އަމާނާ ތަކަފުލްއިން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކޮށްފައިވަނީ، އެ އުޅަނދަކީ، 1998 ވަނަ އަހަރު ބަނދެ ނިމިފައިވާ އުޅަނދެއްނަމަ، އެ އުޅަނދު އިންޝުއަރެންސް ކޮށްނުދޭނެ ކަމަށެވެ. ނުވަތަ އިންޝުއަރެންސް ކޮށްދޭނީ ދަށް އަގެއްގައި ކަމަށެވެ. އަމާނާ ތަކަފުލްގެ މި ބުނުމަށް ބަލާއިރު، އިންޝުއަރެންސް ކޮށްދިނުމަށް އެދޭ އުޅަނދަކީ ދުވަސްވެ ބާވެފައިވާ އުޅަނދެއްނަމަ، އެ އުޅަނދު އިންޝުއަރެންސް ކޮށްދީގެން އިންޝުއަރެންސް ކުރާ ފަރާތުން އުފުލަންޖެހޭ ރިސްކު ބޮޑުވެގެންދާނެ ކަމުގައި ދެކެމެވެ. މި ސަބަބަށްޓަކައި އިންޝުއަރެންސް ކޮށް ނުދިނުންވެސް އެކަށީގެންވެއެވެ. ކަންމިހެން އޮތުމުން މި މައްސަލައިގައި ވާހަކަ ދެކެވޭ އުޅަނދު ބަނދެ ނިމުނު ތާރީޚަކީ މެޓީރިއަލް ފެކްޓެއްކަމުގައި އަހުރެން ދެކެމެވެ.

އުޅަނދު ބަނދެ ނިމުނު ތާރީޚަށް އަމާނާ ތަކަފުލްއިން އިތުބާރު ކުރިކަން ނުވަތަ ނޫންކަން

އަމާނާ ތަކަފުލްއިން ބުނާ ގޮތުގައި ޝަރޫ-5 ލޯންޗް އިންޝުއަރެންސް ކޮށްދީފައިވަނީ، ޝަރޫ ލޯންޗްގެ ފަރާތުން ހުށަހެޅި އިންޝުއަރެންސް ޕްރޮޕޯސަލްގައިވާ މަޢުލޫމާތަށް އިތުބާރުކޮށްގެންނެވެ. މި ނުކުތާ އާ ގުޅިގެން ޝަރޫ ލޯންޗްގެ ފަރާތުން ފާހަގަ ކުރާ އެއްކަމަކީ، ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމާއެކު އެ ކުންފުނިން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހެޅިކަމަށާއި، އެ ލިޔެކިޔުންތައް ބަލައި، ޕްރޮޕޯސަލްގައިވާ މަޢުލޫމާތު ކަށަވަރު ކުރުމަކީ އަމާނާ ތަކަފުލްގެ ޒިންމާއެއް ކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ. އަދި ދެވަނަ ކަމެއްގެ ގޮތުން، މި ޕްރޮޕޯސަލް ހުށަހެޅުމުން އަމާނާ ތަކަފުލްއިން އެ ލޯންޗްގެ އިތުރު އެސެސްމަންޓެއް ހެދިކަމަށާއި، އިންޝުއަރެންސް ސެޓްފިކެޓް ދޫކޮށްފައިވަނީ، މި ހުރިހައި ކަމެއްގެ މައްޗަށް އަމާނާ ތަކަފުލްއިން ބަރޯސާވެގެން ކަމަށެވެ.

މި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ ޝަރޫ ލޯންޗާ އެއްކޮޅަށެވެ. މި ގޮތުން ޝަރޫ-05 ލޯންޗް ބަނދެ ނިމުނު ތާރީޚުގެ ގޮތުގައި ޕްރޮޕޯސަލް ފޯމުގައި ލިޔެފައިވާ 2010 އަށް އަމާނާ ތަކަފުލްއިން ބަރޯސާވުމުގައި އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަކީ އަމާނާ ތަކަފުލްގެ ޒިންމާއެއް ކަމުގައިއާއި، މި ހާދިސާގައި އެ ކުންފުނިން އެ ޒިންމާ އަދާކޮށްފައި ނުވާކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އިންޝުއަރެންސް އެއްބަސްވުމަކަށް އައުމަށްޓަކައި އިންޝުއަރެންސް ކޮށްދިނުމަށް އެދޭ ފަރާތުން ހާމަކުރާ ތެދު ނޫން މަޢުލޫމާތުގެ މައްޗަށް އިންޝުއަރެންސް ކޮށްދޭ ފަރާތުން ބަރޯސާވިކަން ސާބިތުކޮށްދިނުމަކީ، އިންޝުއަރެންސް ކޮށްދޭ ފަރާތުގެ ޒިންމާއެކެވެ. ޢާންމު ގޮތެއްގައި މިފަދައިން ބަރޯސާވިކަން ނުވަތަ ނޫންކަން ސާބިތުކުރުމުގައި ބަލާ މިންގަނޑަކީ، ޙަޤީޤީ މަޢުލޫމާތު ހާމަކުރިނަމަ، އިންޝުއަރެންސް ކޮށްދޭ ފަރާތުން އިންޝުއަރެންސް ކޮށްދޭނެކަން ނުވަތަ ނޫންކަމެވެ. އިންޝުއަރެންސްއަށް އެދޭ ފަރާތުން ހާމަކުރާ މަޢުލޫމާތުގެ ޞައްޙަކަމާމެދު ޝައްކު އުފެދުނު ނަމަވެސް، އެ މަޢުލޫމާތުގެ ޞައްޙަކަން އެނގިހާމަވިއިރު، އެކަމުގެ ސަބަބުން އިންޝުއަރެންސަށް އަސަރު ނުކުރާނަމަ، އެ މަޢުލޫމާތަކީ، އިންޝުއަރެންސް ކޮށްދިނުމުގައި އިންޝުއަރެންސް ކޮށްދިން ފަރާތުން ބަރޯސާވި މަޢުލޫމާތެއް ކަމުގައި ނުވާނެއެވެ.

މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު ޝަރޫ ލޯންޗްގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި ޝަރޫ-5 ލޯންޗަކީ 2010 ވަނަ އަހަރު ބަނދެ ނިމިފައިވާ އުޅަނދެއްކަމުގައި ބަޔާން ކޮށްފައިވެއެވެ. މި ޕްރޮޕޯސަލް އެ ކުންފުނިން އަމާނާ ތަކަފުލްއަށް ހުށަހަޅާފައިވަނީ، 10 އޮކްޓޯބަރު 2012 ގައެވެ. މި ތާރީޚާ ހަމައަށް މި އުޅަނދު ބަނދެ ނިމުނުތާ އެންމެ ގިނަވެގެން ވެފައިވާނީ 02 އަހަރާއި 09 މަހާއި 11 ދުވަހެވެ. މިއީ 2010 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު އެ އުޅަނދު ބަނދެ ނިމިފައިވާނަމަ އެވެ. އަމާނާ ތަކަފުލްއިން ބުނާ ގޮތުގައި އެ ކުންފުނިން މި އުޅަނދު އިންޝުއަރެންސް ކޮށްދީފައިވަނީ މި އުޅަނދަކީ 02 އަހަރެއްހައި ދުވަސްވެފައިވާ އައު އުޅަނދެއް ކަމުގައިވާތީއެވެ.

މި އުޅަނދުގެ ޢުމުރު ދެނެގަނެވިފައިވަނީ މި އުޅަނދުގައި ރޯވެ ކަނޑުވި ހާދިސާއާ ގުޅިގެން އަމާނާ ތަކަފުލްއިން ހޯދި ހޯދުން ތަކުންނެވެ. މި ހޯދުންތަކުން މި އުޅަނދަކީ 2010 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ އުޅަނދެއްކަމާއި، އޭގެ ކުރިން މި އުޅަނދަކީ "ރޮނީ ސޮއެކަމްޓޯ" ނަމަކަށް ކިޔާ މީހެއްގެ ނަމުގައި އިންޑޮނޭޝިއާގެ ޕޯޓް ލަބުހާންގައި "ޓާރގާ 02" ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަން އެނގިފައިވެއެވެ. އަދި މި އުޅަނދަށް ހަދައިދީފައިވާ ރަޖިސްޓްރީ 4 އޮކްޓޯބަރ 2010 ގެ ނިޔަލަށް މުއްދަތު ހަމަވާނެކަން އެނގިފައިވެއެވެ. އަދި މި ރަޖިސްޓްރީގައިވާ މަޢުލޫމާތަށް ބަލާއިރު، މި އުޅަނދު ބަނދެ ނިމިފައިވާ އަހަރު ކަމުގައި މި ރަޖިސްޓްރީގައިވަނީ 1998 ވަނަ އަހަރެވެ. މިހެން ކަމުން މި އުޅަނދު އިންޝުއަރެންސް ކުރުމަށް އެދި އަމާނާ ތަކަފުލްއަށް ޕްރޮޕޯސަލް ހުށަހެޅިއިރު، މި އުޅަނދަށް 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ.

ޝަރޫ-05 ލޯންޗް ބަނދެ ނިމިފައިވާ ތާރީޚުކަމުގައި ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލްގައި ބަޔާންކޮށްފައިވާ ތާރީޚަށް އަމާނާ ތަކަފުލްއިން ބަރޯސާވިކަން ނުވަތަ ނޫންކަމާމެދު ދެ މަރުޙަލާގައި ޝަރޫ ލޯންޗްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ކުންފުނިން ފާހަގަކޮށްފައިވަނީ ލޯންޗް އިންޝުއަރެންސް ކޮށްދިނުމުގައި އަމާނާ ތަކަފުލްއިން ލޯންޗް އިންޝުއަރެންސް ކޮށްފައިވަނީ ހަމައެކަނި އެ ފޯމަށް ބަލައިގެން ނޫންކަމާއި، އިންޝުއަރެންސް ކުރުމަށް އަމާނާ ތަކަފުލްއިން ސަރވޭއެއް ކޮށްފައިވާކަމާއި، އިންޝުއަރެންސް ކޮށްފައިވަނީ މި ދެ ކަންތަކުގެ މައްޗަށް ބަރޯސާވެގެން ކަމުގައި ބުނެފައިވެއެވެ.

އަމާނާ ތަކަފުލްގެ ފަރާތުން ލޯންޗް އިންޝުއަރެންސް ކުރުމުގެ ކުރިން ސަރވޭއެއް ހެދިކަމުގައި ޝަރޫ ލޯންޗްގެ ފަރާތުން ބުނާ ބުނުން ފިޔަވައި، އެއީ ކޮންތާރީޚެއްގައި ކޮން ފަރާތަކުން ކޮށްފައިވާ ސަރވޭއެއްކަން ޝަރޫ ލޯންޗްގެ ފަރާތުން ހާމަކޮށްފައި ނުވެއެވެ. އަދި މި ކަން ސާބިތުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ޝަރުޢީ އެއްވެސް މަރުޙަލާއެއްގައި ހެއްކެއް ހުށަހަޅާފައިނުވެއެވެ.

ސަރވޭ އަކާ ގުޅިގެން ޝަރޫ ލޯންޗްގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެމުން އިންޝުއަރެންސް ކުރުމުގެ ކުރިން އެ ފަދަ ސަރވޭއެއް އަމާނާ ތަކަފުލްއިން ކޮށްފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޝަރޫ ލޯންޗްގެ ފަރާތުން އިޝާރާތްކުރާ ސަރވޭއަކީ ޝަރޫ ލޯންޗްގެ ބޭނުމަށް 31 މާރޗް 2013 ގައި އޯޝަން ޓްރީ މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާ ސަރވޭއެއްކަމާއި، އެއީ 10 އޮކްޓޯބަރ 2012 ގައި އުޅަނދު އިންޝުއަރެންސް ކުރުމުގެ އެތައް ދުވަހެއް ފަހުން ކޮށްފައިވާ ސަރވޭއެއް ކަމުގައި އަމާނާ ތަކަފުލްއިން ބުނެއެވެ.

މި ނުކުތާއާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޝަރޫ ލޯންޗްގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި ލޯންޗް ބަނދެ ނިމުނު ތާރީޚުގެ ގޮތުގައި ޖަހާފައިވާ ތާރީޚަށް އިންޝުއަރެންސް އެއްބަސްވުމަކަށް އައުމަށްޓަކައި އަމާނާ ތަކަފުލްއިން އިތުބާރުކުރިކަން ނުވަތަ ބަރޯސާވިކަން އެނގެއެވެ.

ޙަޤީޤަތް ހާމަ ނުކުރުމުގެ ނިޔަތް

ކުރިން މި އިޝާރާތްކުރި ރަޖިސްޓްރީގެ ކޮޕީއާއި އެއިގެ ތަރުޖަމާ މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅިފައިވެއެވެ. އަދި މި މައްސަލައިގައި ދެ ފަރާތުން ޝަރުޢީ ހުރިހާ މަރުޙަލާތަކެއްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޝަރޫ ލޯންޗްގެ ފަރާތުން މި އުޅަނދު ބަނދެ ނިމިފައިވާ އަހަރަކީ 1998 ނޫންކަމުގައި ބުނެ އެ ވާޤިޢާއަށް އިންކާރު ކޮށްފައިނުވާކަން ފާހަގަވެއެވެ. މިފަދައިން އިންކާރު ކުރުމަކާ ނުލައި އެ ކުންފުނިން އިތުރަށް ދައްކާފައިވާ ވާހަކަތަކުން، އެ ލޯންޗް ބަނދެ ނިމިފައިވާ އަހަރަކީ ހަގީގަތުގައިވެސް 1998 ކަން އެ ކުންފުނިން ޤަބޫލުކުރާކަމަށް ދޭހަވާ ކަމެކެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.

އުޅަނދުގައި ރޯވެ އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން ޝަރޫ ލޯންޗްގެ ފަރާތުން އިންޝުއަރެންސް ފައިސާ ހޯދުމަށް އެދި ހުށަހެޅުމުން އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށްޓަކައި އުޅަނދު ގަތުމުގެ މުޢާމަލާތުގައި ޝަރޫ ލޯންޗަށް ދޫކޮށްފައިވާ ލޯންޗް ގަތްކަމުގެ ރަސީދުގެ ކޮޕީއާއި، އުޅަނދުގެ ޑީ-ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއާއި، އުޅަނދުގެ ބިލްޑާސް ސެޓްފިކެޓާއި، އުޅަނދު ވިއްކި ފަރާތާއި، އެ ފަރާތާ ގުޅޭނެ މަޢުލޫމާތުފަދަ މުހިންމު މަޢުލޫމާތު އަމާނާ ތަކަފުލްއަށް ހުށަހެޅުމަށްއެދި އެ ކުންފުނިން 21 އޮކްޓޯބަރ 2013 ގައި ޝަރޫ ލޯންޗަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގެ ޖަވާބުގައި ޝަރޫ ލޯންޗްގެ ފަރާތުން ބުނެފައިވަނީ، ޝަރޫ ލޯންޗްގެ އޮފީސް އިމާރާތް އައު އިމާރާތަކަށް ބަދަލު ކުރިއިރު އެ ޑޮކިއުމަންޓްތައް (އުޅަނދު ގަތުމުގެ މުޢާމަލާތުގައި ޝަރޫ ލޯންޗަށް ދޫކޮށްފައިވާ ލޯންޗް ގަތްކަމުގެ ރަސީދުގެ ކޮޕީއާއި، އުޅަނދުގެ ޑީ-ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއާއި، އުޅަނދުގެ ބިލްޑާސް ސެޓްފިކެޓާއި، އުޅަނދު ވިއްކި ފަރާތާއި، އެ ފަރާތާ ގުޅޭނެ މަޢުލޫމާތު) ބަދަލުކުރެވިފައިވާ ކަމާއި، އަދި އެ ބަދަލުކުރެވުނު އިމާރާތުގައި 06 ނޮވެމްބަރު 2011 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ލިޔުންތައް އެހެނިހެން ތަކެއްޗާއެކު އަނދާފައިވާތީ އެ ލިޔުންތައް ލިބެން ނެތުމުން ހުށަހެޅިފައި ނުވާކަމުގައެވެ.

ބުނެވިދިޔަ ލިޔުންތައް ނެތިގެން ގޮސްފައިވާކަމުގައި ޝަރޫ ލޯންޗްގެ ފަރާތުން ބުނެފައިވާ ތާރީޚަކީ މި އުޅަނދު އިންޝުއަރެންސް ކުރުމަށް ހުށަހެޅި ތާރީޚަށްވުރެ ކުރީގެ ތާރީޚެކެވެ. އަދި އުޅަނދާ ގުޅޭ މުހިންމު ހުރިހާ ލިޔެކިޔުމެއްހެން ނެތިގެން ދިޔައިރު، އުޅަނދަށް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީ ޝަރޫ ލޯންޗްގެ ފަރާތުން ހުށަހަޅާފައިވެއެވެ. މިފަދައިން ހުށަހެޅިއިރު، އެ ރަޖިސްޓްރީގައި ބަޔާންވެފައިނުވާ، އުޅަނދުގެ ބައެއް ތަފުސީލުތައް ޕްރޮޕޯސަލް ފޯމުގައި ހިމަނާފައިވެއެވެ. މި ގޮތުން އުޅަނދު ބަނދެފައިވަނީ އިޓަލީގައި ކަމާއި، އުޅަނދުގެ އިންޖީނުގެ ބާވަތާއި، އިންޖީނުގެ ނަމާއި، ސްޕީޑްފަދަ މަޢުލޫމާތު އެ ފޯމުގައި ހިމަނާފައިވެއެވެ. ކަންމިހެން ހުރުމުން، 06 ނޮވެމްބަރ 2011 ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އުޅަނދުގެ މުހިންމު ލިޔެކިޔުންތަކެއް ނެތިގެން ގޮސްފައިވާނަމަ، މި މަޢުލޫމާތު އެ ފޯމުގައި ހިމެނުމުގައި އެ ކުންފުނިން ބަރޯސާވެފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފެއްނުވެއެވެ.

އުޅަނދު ބަނދެ ނިމިފައިވާ އަހަރަކީ 1998 ކަމުގައި ޝަރޫ ލޯންޗްއިން ގަބޫލުކުރާކަން އިތުރަށް ކަށަވަރު ވެގެންދަނީ ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި ލޯންޗް ބަނދެ ނިމުނު ތާރީޚަކީ 2010 ކަމުގައި ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށާއި، އެއީ އުޅަނދުގެ ރަޖިސްޓްރީގައި ހުރި މައުލޫމާތު ޕްރޮޕޯސަލް ފޯމަށް ނަގުލު ކުރުމުގައި އަރާފައިވާ އޮޅުމެއްކަމުގައި އެ ކުންފުނިން ބުނަމުން އައިސްފައިވެއެވެ. މި ނުކުތާއަށް ބަލާއިރު، މިފަދަ މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ އެ ކުންފުނީގެ ޒިންމާއެކެވެ. އަދި މިކަމަށް އެ ކުންފުނިން އިޤުރާރުވެފައިވެއެވެ.

މީގެ އިތުރުން، ލޯންޗް ބަނދެ ނިމުނު ތާރީޚު ބަޔާންކުރުމުގައި، އެ ތާރީޚަކީ ޝަރޫ ލޯންޗަށް ކަށަވަރުވެފައިނުވާ ތާރީޚެއްކަމުގައިވާނަމަ، އަދި އެ ތާރީޚަކީ އުޅަނދުގެ ރަޖިސްޓްރީގައި ހިމެނިފައިނުވާ ތާރީޚެއްކަން އެނގޭއިރު، ޕްރޮޕޯސަލް ފޯމުގައި ލޯންޗް ބަނދެ ނިމުނު ތާރީޚުގެ ގޮތުގައި ވަކި ތާރީޚެއް ބަޔާންކުރުމުގެ ބޭނުމެއް އޮންނާނެ ކަމުގައި ނުބެލެވެއެވެ. އަދި މި ތާރީޚަކީ ކަށަވަރުވެފައިނުވާ ތާރީޚެއްނަމަ، އުޅަނދު ބަނދެދިން ފަރާތުގެ މަޢުލޫމާތުފަދަ ކަށަވަރުނުވާ އެހެނިހެން މަޢުލޫމާތުތައް އެ ފޯމުގައި ލިޔެފައިނުވާ ފަދައިން މި ތާރީޚުވެސް އެ ފޯމުގައި ހިމަނާނެ ކަމަކަށް ނުފެނެއެވެ.

ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައިވާ މަޢުލޫމާތުތަކަށް ބަލާއިރު މި އުޅަނދަކީ ރާއްޖެއަށް އިމްޕޯޓު ކޮށްފައިވާ އުޅަނދެއްކަމާއި، އެއަށްފަހު މި އުޅަނދު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާކަން އެނގެއެވެ. މި ދެ މަރުޙަލާއަކީވެސް، އުޅަނދާބެހޭ ތަފުސީލުތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން މެނުވީ ފުރިހަމަ ކުރެވޭނެ މަރުޙަލާތަކެއް ނޫނެވެ. މި އުޅަނދުގެ މުހިންމު ލިޔެކިޔުންތައް ނެތިގެން ދިއުމަށްފަހު، އުޅަނދު އިންޝުއަރެންސް ކުރުމަށް މަސައްކަތްކޮށް، އަދި އެ އަށްފަހު ކުރިމަތިވި ހާދިސާއަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދުމަށް މަސައްކަތް ކުރުމުގައި އުޅަނދާބެހޭ މުހިންމު ލިޔެކިޔުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ އެ ނޫންވެސް ފަރާތަކުން ހޯދައި ޕްރޮޕޯސަލް ފޯމުގައިވަނީ ތެދު މަޢުލޫމާތުކަން ސާބިތު ކޮށްދިނުމުގެ މަސައްކަތެއް ޝަރޫ ލޯންޗްގެ ފަރާތުން ކޮށްފައިވާކަން މި މައްސަލައިގެ ލިޔެކިޔުންތަކުން ފެންނަންނެތެވެ.

މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ބޭއްވުނު އިސްތިއުނާފީ އަޑުއެހުމުގައި މި އުޅަނދަކީ ކޮން ތަނެއްގައި ބަނދެފައިވާ އުޅަނދެއްކަން ސާފުކުރުމަށް ޝަރީޢަތުން ކުރި ސުވާލުގެ ޖަވާބު ދެމުން މި އުޅަނދަކީ އިޓަލީގައި ބަނދެފައިވާ އުޅަނދެއްކަމާއި، އެއަށްފަހު މި އުޅަނދު އެންމެ ފުރަތަމަ ރަޖިސްޓްރީ ކޮށްފައިވަނީ އިންޑޮނޭޝިއާގައި ކަމާއި، އިންޑޮނޭޝިއާއިން މި އުޅަނދު އެ ކުންފުނިން ގަނެފައިވަނީ 2010 އޮކްޓޯބަރ މަހުގައި ކަމުގައި ބުނެފައިވެއެވެ. އަދި މި އުޅަނދު ގަތުމުން އުޅަނދުގެ ޑީ-ރަޖިސްޓްރީ ސެޓްފިކެޓް ލިބުނު ކަމަށާއި، މި ލިޔުން އޮތީ އިންޑޮނޭޝިއާ ބަހުން ކަމުގައިވާތީ އެ ސެޓްފިކެޓްގެ އިނގިރޭސި ތަރުޖަމާވެސް އުޅަނދު ވިއްކި ފަރާތުން ފޯރުކޮށްދިން ކަމުގައި ބުނެފައިވެއެވެ. އެ އިނގިރޭސި ތަރުޖަމާގައި Manufactured Year ގެ ގޮތުގައި 1998 ވަނަ އަހަރު ލިޔެފައިވާކަމަށް ބުނެފައިވެއެވެ. މި ވާހަކަތައް މިފަދައިން ބަޔާން ކުރުމަށްފަހު މި ލިޔުންތައް ޝަރޫ ލޯންޗަށް ލިބިފައިވަނީ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ލިޔުންތަކާއެކުގައި ކަމުގައި ބުނެފައިވެއެވެ. އަދި އިތުރަށް ވާހަކަ ދައްކަމުން، އުޅަނދު ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ޑީ-ރަޖިސްޓްރީ ސެޓްފިކެޓާއި ކަސްޓަމްސްގެ ލިޔުންތައްފަދަ ލިޔުންތައް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅި ކަމަށާއި، ޑީ-ރެޖިސްޓްރޭޝަން ސެޓްފިކެޓަކީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ބޭނުންވާނެ ސެޓްފިކެޓެއް ނޫންކަމުގައި ބުނެފައިވެއެވެ.

ޝަރޫ ލޯންޗްގެ މި ވާހަކަތަކަށް ބަލާއިރު، ސާފުކޮށް އެނގިގެންދަނީ އުޅަނދުގެ ޑީ-ރަޖިސްޓްރީ ސެޓްފިކެޓްއިން އުޅަނދު ބަނދެފައިވާ އަހަރަކީ 1998 ކަމާއި، އުޅަނދާބެހޭ މުހިންމު މަޢުލޫމާތެއް އުޅަނދު ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރި އިރުވެސް، އަދި އުޅަނދު އިންޝުއަރެންސް ކުރުމަށް ހުށަހެޅި އިރުވެސް ޝަރޫ ލޯންޗަށް އެނގޭ ކަމެވެ. އަދި މި ވާހަކަތަކުގައި މި ލިޔުންތައް ޝަރޫ ލޯންޗަށް ލިބިފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން، އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި ލިޔުންތަކާއެކުގައި ކަމަށް ބުނި ނަމަވެސް، އެއީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. އެހެނީ، ޝަރޫ ލޯންޗްގެ ފަރާތުން ހަވާލާދޭ އިންޑޮނޭޝިއާއިން މި އުޅަނދަށް ހަދައިދީފައިވާ ރަޖިސްޓްރީއާއި، އެއިގެ އިނގިރޭސި ތަރުޖަމާއަކީ، މި މައްސަލައިގައި އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެކެވެ. އަދި މި ލިޔުން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެ ކޯޓުން ހިމަނާފައި ވެސް ވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައިވެސް މި ލިޔުން ހިމެނިފައި ވެއެވެ.

ކަންމިހެން އޮތްއިރު، ޝަރޫ ލޯންޗްގެ ފަރާތުން ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި އުޅަނދު ބަނދެ ނިމުނު ތާރީޚު ޖަހާފައިވަނީ، އެ ކުންފުނިން ބުނާފަދައިން ލިޔުމުގެ ކުށަކުންކަމުގައި އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝަރޫ ލޯންޗްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އުޅަނދު ރާއްޖެ އެތެރެކުރި މަރުޙަލާއިން ފެށިގެން އުޅަނދު ރާއްޖޭގައި ރަޖިސްޓްރީ ކުރުމާއި، އިންޝުއަރެންސް ކުރުމަށް ހުށަހެޅިއިރުވެސް، އުޅަނދު ބަނދެފައިވާ ތާރީޚާއި، އުޅަނދުގެ ޙަޤީޤީ މަޢުލޫމާތު އެ ކުންފުންޏަށް ރަނގަޅަށް އެނގޭކަމުގައްޔާއި، ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި އުޅަނދު ބަނދެ ނިމުނު އަހަރަކީ 2010 ކަމުގައި ލިޔެފައިވަނީ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި ކަމުގައި އަހުރެން ދެކެމެވެ.

ވުމާއެކު، ޝަރޫ ލޯންޗްގެ ފަރާތުން ލޯންޗް އިންޝުއަރެންސް ކުރުމަށްޓަކައި ކުރުމަށްޓަކައި އަމާނާ ތަކަފުލްއަށް މަޢުލޫމާތު ހާމަކުރުމުގައި ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ހިންގާފައިވާ ކަމާއި، ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި ޙަޤީޤީ ތެދު މަޢުލޫމާތު ހާމަކުރުމަށް ޝަރޫ ލޯންޗްގެ މައްޗަށް އޮތް ޒިންމާ އެ ކުންފުނިން އަދާކޮށްފައި ނުވާކަމުގައި އަހުރެން ދެކެމެވެ. އަދި މި މަޢުލޫމާތު ކަށަވަރު ނުކޮށް އިންޝުއަރެންސް ކޮށްދިނުމަކީ އެކަމުގެ ޒިންމާ އަމާނާ ތަކަފުލްއިން އުފުލަންޖެހޭނެ ކަމެއް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި އަހުރެންނަށް ނުފެނެއެވެ. މި ހިސާބުން އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ގޮތެއް ކަނޑައަޅައި ނިމުނީއެވެ.

ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލުގެ މައްޗަށް އަންނަ ނަތީޖާ

އިސްތިއުނާފީ ތިންވަނަ ނުކުތާގައި އަމާނާ ތަކަފުލްއިން ބުނެފައިވަނީ ޝަރޫ-05 ލޯންޗްގެ ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްކަމުގައި $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) ކަނޑައަޅާފައިވަނީ، އިންޝުއަރެންސް ކުރަން ހުށަހެޅިއިރު، ބަނދެ ނިމުނުތާ 02 އަހަރުވެފައިވާ އުޅަނދެއްކަމުގައި ބަލައިގެން ނަމަވެސް، އެ އުޅަނދު އިންޝުއަރެންސް ކުރިއިރު، ބަނދެ ނިމުނުތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ސާބިތުވެފައިވާއިރު، އަދި އެކަމަށް ޝަރޫ ލޯންޗްގެ ފަރާތުން އިންކާރުވެސް ކޮށްފައިނުވާއިރު، މި ހާދިސާއާ ގުޅިގެން ޓޯޓަލް އިންޝުއަރެންސް ކަވަރޭޖްކަމުގައި ކަނޑައަޅާފައިވާ $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) ދިނުމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ޢަދުލުވެރި ޙުކުމެއް ނޫން ކަމުގައެވެ.

މި ނުކުތާ އިތުރަށް ތަފުސީލުކުރަމުން އަމާނާ ތަކާފުލްއިން ބުނެފައިވަނީ، ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއްގެ ތެރެއިން އިންޝުއަރެންސް އެއްބަސްވުމުގެ ތެރެއަށް އައުމުގެ ނަތީޖާއަކަށްވެގެންދާނީ، އެ އެއްބަސްވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިން ތިބި ހާލަތަށް ރުޖޫޢަވުންކަމުގައްޔާއި، އެހެންކަމުން ޝަރޫ ލޯންޗަށް އެއްވެސް ފައިސާއެއް ދޭންޖެހޭނެނަމަ، އެ ފައިސާއަކީ މި މުޢާމަލާތުގައި އެ ކުންފުނިން ދައްކާފައިވާ އިންޝުއަރެންސްގެ ތަކާފުލް ކޮންޓްރިބިއުޝަން ފައިސާ ކަމުގައެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާފަދަ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއްގެ ތެރެއިން ކޮންޓްރެކްޓެއްގައި ވަކި ފަރާތަކުން ބައިވެރިކޮށްފިނަމަ، އެ ފަދައިން ޙަޤީޤަތް އޮޅުވާލެވުނު ފަރާތަށް އެ ކޮންޓްރެކްޓް ބާޠިލުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި މި ފަދައިން ބާޠިލު ކުރުމުގައި ކޮންޓްރެކްޓްގެ ބައިވެރިން ކޮންޓްރެކްޓްގައި ބައިވެރިވުމުގެ ކުރިން ތިބި ޙާލަތަށް ރުޖޫޢަވާން ޖެހެއެވެ. މި ގޮތުން ކޮންޓްރެކްޓްގެ ބައިވެރިޔަކަށް އަނެއް ބައިވެރިޔާގެ ފަރާތުން މަންފާއެއް ލިބިފައިވާނަމަ އެ މަންފާއެއްވެސް ރުޖޫޢަކުރަން ޖެހޭނެއެވެ. އަދި މިފަދަ މަންފާއެއް އަނބުރާ ރުޖޫޢަކުރުމުގައި ދެ ފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމުގައި ވަކި ގޮތަކަށް އެއްބަސްވެފައިވާނަމަ، އެކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

މި މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައިވާ މަޢުލޫމާތަށް ބަލާއިރު، އެ ފޯމު ބަލައިގަނެ، ޤަބޫލުކުރުމުގައި އަމާނާ ތަކަފުލްއަށް މުހިންމު ވެދާނެ އެންމެހައި މަޢުލޫމާތު ހާމަކުރަން ޖެހޭނެކަމަށާއި، އެފަދަ މަޢުލޫމާތެއް ހާމަނުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ދޫކުރެވިފައިވާ އިންޝުއަރެންސް ސެޓްފިކެޓް ބާޠިލުވުން ނުވަތަ އެ ސެޓްފިކެޓް ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލު މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ޝަރޫ-5 ލޯންޗްގައި ރޯވެ އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، އެ ލޯންޗްގެ ހަލް ތަކަފުލް ސެޓްފިކެޓްގައިވާ ގޮތުގެމަތިން ލޯންޗަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޓޯޓަލް އިންޝުއަރެންސް ކަވަރޭޖް ކަމުގައިވާ $600,000.00 (ހަލައްކަ އެމެރިކާ ޑޮލަރ) އަމާނާ ތަކަފުލް އިން ހޯދުމަށް އެދި ހުށަހަޅާފައިވެއެވެ. ނަމަވެސް ތަކާފުލް ސެޓްފިކެޓް ހޯދާފައިވަނީ އެ ލޯންޗް ބަނދެފައިވާ އަހަރު އޮޅުވާލައިގެން ކަމުގައިވާތީ، އެ ފަދައިން ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ކަމުގައި އަމާނާ ތަކަފުލް އިން ޝަރޫ ލޯންޗަށް އަންގާފައިވެއެވެ.

މި ރައުޔުގެ 55 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ކަންކަން އެ ގޮތުގައި ހުރުމާއެކު، ޝަރޫ ލޯންޗްގެ ފަރާތުން ހޯދުމަށް އެދުނު ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ކަމަށް އަމާނާ ތަކަފުލް އިން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް އެފަދައިން ނިންމުމުގެ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމުގައި ދެކެމެވެ.

އަދި މި ހާލަތުގައި މި މުޢާމަލާތުގައި ޝަރޫ ލޯންޗްގެ ފަރާތުން އަމާނާ ތަކާފުލްއަށް ދައްކާފައިވާ ތަކާފުލް ކޮންޓްރިބިއުޝަންއާ މެދު ޢަމަލުކުރާނެ ވަކި ގޮތެއް ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި ބަޔާން ކޮށްފައިނުވާތީ، ޝަރޫ ލޯންޗްގެ ފަރާތުން އަމާނާ ތަކާފުލްއަށް ދައްކާފައިވާ ތަކާފުލް ކޮންޓްރިބިއުޝަން ފައިސާއަކީ އަމާނާ ތަކާފުލްއިން އަނބުރާ ޝަރޫ ލޯންޗަށް ރައްދު ކުރަންޖެހޭނެ ފައިސާއެއް ކަމުގައި ދެކެމެވެ.

ކޮންޓްރެކްޓްގެ ބައިވެރިންނަށް ނޭނގި ކޮންޓްރެކްޓްގެ ޙަޤީޤަތެއް ބަދަލުވުން

އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އަމާނާ ތަކަފުލްއިން ފާހަގަ ކޮށްފައިވަނީ، ޝަރޫ ލޯންޗްގެ ފަރާތުން އެ ކުންފުނީގެ ލޯންޗެއް ކަމުގައިވާ "ޝަރޫ-5" އަމާނާ ތަކަފުލްގައި އިންޝުއަރެންސް ކޮށްފައިވަނީ އެ އުޅަނދު ބަނދެ ނިމުނު އަހަރަކީ 2010 ކަމުގައި ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމުގައި ބަޔާންކޮށް އެ ގޮތަށް މަޢުލޫމާތު ދީގެންނަމަވެސް، 05 އޮކްޓޯބަރ 2013 ގައި އެ ލޯންޗްގައި ރޯވެ، އަޑިއަށް ދިޔަ ހާދިސާ ތަޙްޤީޤުކުރިއިރު، އެ އުޅަނދަކީ 1998 ގައި ބަނދެ ނިމި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްކަން އެނގިފައިވާއިރު، އެ ޙަޤީޤަތެއްގެ މައްޗަށް ކޮންޓްރެކްޓް ކުރެވުނު ޙަޤީޤަތް ބަދަލުވެފައިވާކަން އެއްވެސް ޝައްކެން ނެތް މިންވަރަށް ކަށަވަރުވެފައިވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު މިފަދަ ކޮންޓްރެކްޓްތައް ވާނީ ބާޠިލު އެއްޗަކަށްކަން އެނގެން އޮތްނަމަވެސް، އެކަމަށް ރިޢާޔަތް ނުކޮށް ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް މި މައްސަލަ ނިންމާފައިވާކަމަށެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާ ތިރީގައި މިވަނީއެވެ.

ޙަޤީޤަތެއް ބަދަލުވުން 11- (ހ) ކޮންޓްރެކްޓްކުރާ މީހުން އެޙަޤީޤަތެއްގެ މައްޗަށް އެކޮންޓްރެކްޓްކުރި ޙަޤީޤަތް ކޮންޓްރެކްޓްގައި ބައިވެރިވި އެއްވެސް މީހަކަށް ނޭނގި ނުވަތަ އެއްވެސް މީހެއްގެ ބާރެއްނެތި ބަދަލު ވެއްޖެނަމަ އެކޮންޓްރެކްޓް ވާނީ ބާޠިލު އެއްޗަކަށެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ޙަޤީޤަތް ބަދަލުވުމަކީ، އެ ކޮންޓްރެކްޓްގެ މުހިންމު ބައެއް ބަދަލުވުމެވެ.

މި މާއްދާއަށް ބަލާއިރު، މިއީ މި މައްސަލައިގެ މައްޗަށް ތަޠުބީޤު ކުރެވޭނެ މާއްދާއެއް ނޫނެވެ. ސަބަބަކީ، މި މައްސަލައިގެ ހާދިސާގައި "އެ ޙަޤީޤަތެއްގެ މައްޗަށް އެ ކޮންޓްރެކްޓްކުރި ޙަޤީޤަތެއް" ކޮންޓްރެކްޓްވީ ފަހުން ބަދަލުވެފައި ނުވެއެވެ. ނަމަވެސް މި މައްސަލައިގައި ބަހުސްކުރެވޭ ޙަޤީޤަތް އޮތީ ކޮންޓްރެކްޓްވިއިރު، ވަންހަނާވެފައި އޮތް ގޮތަށެވެ. އެ ޙަޤީޤަތް ހާމަވެފައިވަނީ ކޮންޓްރެކްޓްވީ ފަހުން ވަކި ހިސާބަކުންނެވެ. މި ހާލަތުގައި ތަޠުބީޤުވާނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއެވެ. ވުމާއެކު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާއަކީ މި މައްސަލައިގެ ވާޤިޢާއަކާ ގުޅުންހުރި މާއްދާއެއް ކަމުގައި ނުވާތީ، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ މި ނުކުތާ އަހުރެން ބަލައި ނުގަންނަމެވެ.

ލޯންޗްގެ ކްރޫންގެ ޢަދަދާއި، ޑޮކިއުމެންޓޭޝަން ވޮރެންޓީ

އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ "ޕްރޮޕޯސަލް ފޯރ ހަލް ތަކަފުލް ފޯމް" ގައިވާ ޢަދަދަށް ލޯންޗްގައި ކްރޫން ތިބެން ޖެހޭނެކަމަށް ބުނެ އަމާނާ ތަކަފުލްގެ ފަރާތުން ފާހަގަ ކުރި ނުކުތާއެކެވެ. އަދި ފަސްވަނަ ނުކުތާއަކީ އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ޑޮކިއުމެންޓޭޝަން ވޮރެންޓީގެ ދަށުން ޓްރާންސްޕޯޓު އޮތޯރިޓީން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ސަލާމަތާބެހޭ ސެޓްފިކެޓާއި ފަސިންޖަރުން އުފުލުމުގެ ސެޓްފިކެޓާ ގުޅިގެން ފާހަގަ ކުރި ނުކުތާއެކެވެ.

ލޯންޗް އިންޝުއަރެންސް ކުރުމުގެ މުޢާމަލާތް ހިނގާފައިވާ ގޮތުގެ ތަރުތީބަށާއި، ޠަބީޢަތަށް ބަލާއިރު، އިންޝުއަރެންސް ކުރުމުގެ އެއްބަސްވުމުގައި އަމާނާ ތަކަފުލް ބައިވެރިވެފައިވަނީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއްގެ މައްޗަށް އިތުބާރު ކޮށްގެންކަމުގައި ކަނޑައެޅިފައިވާތީއާއި، މި ކަމުގެ ސަބަބުން މި މުޢާމަލާތުގެ ބައިވެރިން އެއްބަސްވުމަކަށް އައުމުގެ ކުރިން ތިބި ޙާލަތަށް ރުޖޫޢަ ވާންޖެހޭނެކަމުގައި ކަނޑައެޅިފައިވާތީ، އިސްތިއުނާފީ މި ދެ ނުކުތާއާމެދު އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ.

އެހެނިހެން ކަންކަން

ބަޔާންވެ ދިޔަ ކަންކަމުގެ އިތުރުން މި އިންޝުއަރެންސް މުޢާމަލާތު ބިނާވެފައިވަނީ ޝަރުޢީ އުޞޫލުތަކެއްގެ މައްޗަށެވެ. މިކަން ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުން ސާފުކޮށް އެނގެއެވެ. މި ފަދަ ޝަރުޢީ މުޢާމަލާތްތަކުގައި، ޝަރުޢީ އުޞޫލުތަކުން ބަލާ ހަމަތަކަށް ނަޒަރު ކުރާއިރު އެ މުޢާމަލާތަކީ ޝަރުޢީ މިންގަނޑުން ބޭރުވެފައިވާ މުޢާމަލާތެއްކަމުގައި ބަލަންޖެހެއެވެ. މި ގޮތުން މި މައްސަލައިގައި ޝަރޫ ލޯންޗުގެ ފަރާތުން އިންޝުއަރެންސް އެއްބަސްވުމެއްގައި ބައިވެރިވުމަށްޓަކައި ޞައްޙަ ނޫން މަޢުލޫމާތެއް ހުށަހަޅައި، ހަޤީގަތް އޮޅުވާލުމަކީ، މި މުޢާމަލާތުގައި މުޢާމަލާތުގައި ޣަރަރެއް އޮތްކަމުގައި ބަލަންޖެހޭ ކަމެކެވެ. އަދި މި ފަދަ މަޢުލޫމާތެއް ފޯރުކޮށްދީގެން އެއްބަސްވުމުގައި ބައިވެރިވުމަކީ، އެއްބަސްވުމުގެ މަންފާއިން އެއްބަސްވުމުގެ ބައިވެރިން މަޙްރޫމުކުރެވޭ މުޢާމަލާތެއްކަން މި ފަދަ މުޢާމަލާތުތަކުގައި ގެންގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކުން އެނގެއެވެ.

އަދި މި ބާވަތުގެ އިންޝުއަރެންސް މުޢާމަލާތުތަކަކީ، މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އޮންނަ އިތުބާރާއި، ތެދުވެރިކަމުގެ އަސާސްގެ މައްޗަށް ބިނާވެފައިވާ މުޢާމަލާތުތަކެއް ކަމުގައިވާއިރު، މި އަސާސްތަކުގެ މައްޗަށް ފަރުވާލެއް ނުބަހައްޓައި ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއްގެ ތެރެއިން ޝަރޫ ލޯންޗްއިން މި އެއްބަސްވުމުގެ ތެރެއަށް ވަދެފައިވާތީ، ހަމައެކަނި އެކަމުގެ މައްޗަށް ބެލިކަމުގައިވިޔަސް އިންޝުއަރެންސް މުއާމަލާތެއް ސައްޙަ ނޫންކަމަށް ބެލުމުގެ ފުރުސަތު އޮންނަ ހިނދު، މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 380/Cv-C/2016 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/405 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކަމުގައި ކަނޑައެޅުމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން؛

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/405 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު 380/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި މި މުޢާމަލާތާ ގުޅިގެން ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑަށް ދައްކާފައިވާ ތަކާފުލް ކޮންޓްރިބިއުޝަން ފައިސާއަކީ، އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑުން އަނބުރާ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ