ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/53ސުޕްރީމް ކޯޓު · 12 ފެބުރުއަރީ 2020

—

ސުޕްރީމް ކޯޓު
32 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 ފެބުރުއަރީ 2020ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/53

ދަޢުވާކުރާ ފަރާތް: ޢަލީ މޫސާ

ދަޢުވާ ލިބޭ ފަރާތް: އާސިޔަތު ނިޒާރު

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 19 ނޮވެންބަރު 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 ޑިސެންބަރު 2013

ނިމުނު ތާރީޚް: 12 ފެބްރުއަރީ 2020

މައްސަލަ ނިންމި ގަޑި: 09:34

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު،ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2010/HC-A/222

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 އޮކްޓޫބަރު 2010

ނިމުނު ތާރީޚް: 04 ޖުލައި 2013

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރަޢުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދުކުރައްވާފައި)

ތަޢާރުފު

ދަފްތަރު ނަންބަރު 1725، އާސިޔަތު ނިޒާރު، މޯލްޑިވްސް ދޯނި ސަރވިސަސްގެ މަސްއޫލުވެރި ފަރާތް ކަމުގައިވާ ޢަލީ މުސާއަށް އަނބުރާ ދައްކާގޮތަށް އެކިފަހަރު މަތިން 616,900/-ރ. (ހަލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) ދީފައިވެއެވެ. މި ފައިސާ އަނބުރާ އަދާކުރުމުގެ ގޮތުން، އާސިޔަތު ނިޒާރުއަށް ޢަލީ މޫސާ ދީފައިވާ 20 (ވިހި) ޑޭޓެޑް ޗެކު، އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ބައުންސް ވެފައިވާތީއާއި، ޗެކު ތަކުގައިވާ ފައިސާ ދިނުމަށް އެކި ފަހަރުމަތިން އެދުމުންވެސް އެ ފައިސާ ދީފައިނުވާތީ، އެ ޗެކުތަކުގައިވާ ފައިސާ ހޯދުމަށް އާސިޔަތު ނިޒާރުގެ ފަރާތުން މޯލްޑިވްސް ދޯނި ސަރވިސަސްގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 2243/MC/2009 ޤަޟިއްޔާއިން ދަޢުވާކޮށްފައިވެއެވެ.

މި ދަޢުވާއަށް ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގައި އިންކާރުކޮށްފައިވެއެވެ. އަދި އާސިޔަތު ނިޒާރުގެ އަތުން އެއްވެސް އިރެއްގައި އެއްވެސް ކަމަކަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ނަގާ އެފައިސާ އަނބުރާ ދައްކާގޮތަށް އެއްވެސް ބާވަތެއްގެ ޗެކެއް ދީފައިނުވާނެކަމަށާއި، ދަޢުވާގައި ބުނެފައިވާ ޗެކުތަކަކީ ޢަލީ މޫސާ ލިޔެފައިވާ ޗެކުތަކެއް ނޫންކަމަށާއި، އެއީ ގެއްލިފައިވާ ޗެކުތަކެއްކަމަށް ޢަލީ މޫސާ މަދަނީ ކޯޓުގައި ބުނެފައިވެއެވެ. އަދި އެ ޗެކުތައް ވަގަށް ނަގާފައިވާކަން އެނގުނީ އެ މައްސަލަ މަދަނީ ކޯޓަށް ހުށަހެޅުމުންކަމަށާއި، އެ ޗެކުތަކުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިހާރު ހުށަހަޅާފައިވާކަމަށް ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގައި ބުނެފައިވެއެވެ.

މަދަނީ ކޯޓުން މައްސަލަ ނިންމި ގޮތް

މޯލްޑިވްސް ދޯނި ސަރވިސްގެ ނަމުގައި ޖުމްލަ 616,900/-ރ. (ހަލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) ގެ 20 (ވިހި) ޗެކެއް ޢަލީ މޫސާ އާސިޔަތު ނިޒާރުއަށް ދޫކުރިކަމަށާއި، އަދި އެކައުންޓުގައި ފައިސާ ނެތިގެން އެ ޗެކުތައް ބައުންސްވެފައިވާކަން ލިޔެކިއުމުން އެނގޭކަމަށް މަދަނީ ކޯޓުން ކަނޑައެޅުއްވިއެވެ. އެހެންނަމަވެސް، އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރުމުގެ ސަބަބުން އެޗެކުތައް ބައުންސްވުމަކީ އެކަމުގެ ސަބަބުން ޤާނޫނީ ކުށެއް އުފެދޭކަމެއްކަމުގައި ވީނަމަވެސް، ޗެކަކީ އޭގެ ޒާތުގައި ހާދިސާ ސާބިތުކޮށްދޭ ހެއްކެއް ނޫންކަމަށާއި، މި މައްސަލައިގައި ހާދިސާ ސާބިތުވާން ނެތި، ބައުންސްވެފައިވާ ޗެކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެކަމެއްކަމުގައި ނުވާތީ، ދަޢުވާ ކުރާ ފަރާތުން ދަޢުވާ ސާބިތުކުރަންޖެހޭކަމަށް އެ ކޯޓުން ކަނޑައެޅިއެވެ. ދަޢުވާގައި ޢަލީ މޫސާގެ ކިބައިން ހޯދަން އެދިފައިވާ 616,900/-ރ. (ހައްލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) ޢަލީ މޫސާގެ ފަރާތުން އާސިޔަތު ނިޒާރަށް ދޭންޖެހޭ ސަބަބު ނުވަތަ މިކަމުގެ ހާދިސާ އާސިޔަތު ނިޒާރަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، ދަޢުވާގައި އެދިފައިވާ ފައިސާ ޢަލީ މޫސާގެ ކިބައިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މަދަނީ ކޯޓުގެ ނަންބަރު 2243/MC/2009 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

މަދަނީ ކޯޓުގެ ނަންބަރު 2243/MC/2009 ޤަޟިއްޔާ އާސިޔަތު ނިޒާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން އެ މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 2010/HC-A/222 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ހައިކޯޓުން ކަނޑައެޅި މައިގަނޑު ކަންކަމަކީ:

(ހ) އެކައުންޓްގައި ފައިސާ ނެތި ޗެކު ދޫކުރުމުގެ ސަބަބުން އެ ޗެކު ބައުންސްވެގެން ޗެކުގައިވާ ޢަދަދަށް ފައިސާ ހޯދުމަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި، ހަމައެކަނި ޗެކެއް އޮތުމަކީ އޭގެ ޒާތުގައި ހާދިސާ ސާބިތުކޮށްދިނުމަށް ފުދޭ ހެއްކެއްކަމުގައި ނުބެލުނު ނަމަވެސް، މިފަދަ ޗެކެއް އޮތުމަކީ ފައިސާ ދައްކަންޖެހޭ ކަމުގެ މައްޗަށް އޮތް ހަރުދަނާ ޤަރީނާއެއްކަމުގައި ބެލެވޭނެ ކަމެއްކަމާއި، މިފަދަ ޗެކުތަކެއް ހުރެ އެކަމަށް ބާރު ލިއްބައިދޭ އިތުރު ހަރުދަނާ ޤަރީނާތަކެއް ހުރެއްޖެނަމަ، އެކަމަށް ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭނެ ކަމެވެ. އެގޮތުން އާސިޔަތު ނިޒާރުގެ ފަރާތުން ހުށަހަޅާފައިވަނީ ހަމައެކަނި ބައުންސްވެފައިވާ ޗެކުތަކެއް ނޫންކަމަށާއި، ޢަލީ މޫސާއާއި އާސިޔަތު ނިޒާރުއާ ދެމެދު ފައިސާގެ މުޢާމަލާތުތަކެއް ހިނގިކަން ސާބިތުކޮށްދިނުމަށް އާސިޔަތު ނިޒާރުގެ އަމިއްލަ އެކައުންޓުންނާއި، އޭނާ ޙިއްސާވާ ކުންފުންޏެއްގެ އެކައުންޓުން ފައިސާ ދިންކަން ސާބިތުކުރުމަށް ލިޔެކިޔުން ހުށަހަޅައި އެކަން ދަންނާނެ ހެކިން ހުށަހަޅާފައިވާކަން؛

(ށ) އާސިޔަތު ނިޒާރު މަދަނީ ކޯޓަށް ހުށަހަޅާފައިވާ ޗެކުތަކަކީ ޢަލީ މޫސާގެ އަތުން ވަގަށް ނަގާފައިވާ ޗެކުތަކެއްކަމަށް ޢަލީ މޫސާ ބުނެފައިވީނަމަވެސް، އެ ޗެކުތަކުގައި ކޮށްފައިވާ ސޮޔާމެދު ޢަލީ މޫސާ އިންކާރުކޮށްފައިނުވާކަން؛

(ނ) ޢަލީ މޫސާގެ ފަރާތުން 8 ޖުލައި 2010، 31 އޯގަސްޓް 2010 އަދި 14 ސެޕްޓެމްބަރ 2010 ގައި މަދަނީ ކޯޓަށް ދީފައިވާ ބަޔާންތަކުން އާސިޔަތު ނިޒާރުގެ އަތުން އެއްވެސް މިންވަރަކަށް ފައިސާ ނެގުން ނަފީވެގެންގޮސްފައިނުވާ ކަމާއި، އަދި އާސިޔަތު ނިޒާރުގެ އަތުން އެއްވެސް ގޮތަކަށް ފައިސާ ލިބިފައިވާކަން ނަފީވެގެންގޮސްފައިނުވާ ކަން؛

(ރ) ޢަލީ މޫސާގެ އަތުން ގިނަ އަދަދެއްގެ ޗެކްތަކެއް ވަގަށް ގެންގޮސްފައިވާކަމަށް ބުނާއިރު، މި މައްސަލައިގައި ހިމެނޭ ޗެކުތަކުގެ ތާރީޚުތަކަށާއި އަދި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނު ތާރީޚަށް ބަލާއިރު، އެތައް މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އެކަން އެނގިފައި ނުވާކަމަށް ބުނުމަކީ ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭ މިންވަރަށް ވުރެ ދުރުކަމެއްކަން؛

(ބ) އާސިޔަތު ނިޒާރު ޢަލީ މޫސާއަށް ދަރަންޏަށް ފައިސާ ދިންކަމަށް ބުނާ ބައެއް ޗެކުތަކުގެ ކައުންޓަރ ފޮއިލް ކޮޕީ ހުށަހަޅާފައިވާކަމާއި، މީގެތެރެއިން 1 (އެކެއް) ޗެކަށް ފައިސާ ނަގާފައިވާކަމާއި، ދެން ހުރި ހުރިހާ ޗެކެއްވެސް ޖަމާވެފައިވަނީ އެ ބޭންކުގައިވާ ޢަލީ މުސާގެ ނަމުގައިވާ އެކައުންޓަށާއި، ޢަލީ މޫސާގެ މޯލްޑިވްސް ދޯނި ސަރވިސަސްގެ އެކައުންޓަށްކަން ބޭންކް އޮފް މޯލްޑިވްސް ގެ ނަންބަރު BML/LEGAL/2012/742 (31 މެއި 2012) ސިޓީން އެނގެން އޮންނަކަމާއި، އެ ކައުންޓަރ ފޮއިލް ކޮޕީތަކުގައި ލިޔެފައިވާ ފައިސާގެ ޖުމްލަ އަދަދު ބައުންސްވެފައިވާ ޗެކުތަކުގައިވާ ފައިސާގެ ޖުމްލަ އަދަދަށްވުރެ މާބޮޑަށް އިތުރުވާކަމާއި، މިހާ ގިނަ އަދަދެއްގެ ފައިސާ ޢަލީ މޫސާ އާއި މޯލްޑިވްސް ދޯނި ސަރވިސަސްގެ އެކައުންޓަށް ޖަމާކުރެވިފައިވާއިރު، އެއީ އަނބުރާ ދައްކަންނުޖެހޭ ގޮތަށް ދޫކުރެވިފައިވާ ފައިސާތަކެއްކަމަށް ބެލެވޭނެ ޙުއްޖަތެއް ޢަލީ މޫސާގެ ފަރާތުން ހުށަހަޅާފައިނުވާކަން؛

(ޅ) މައްސަލައިގައި ބުނާ ޗެކުތައް ބައުންސްވުމާ ގުޅިގެން 07 އޭޕްރިލް 2009 ގައި އާސިޔަތު ނިޒާރު ޢަލީ މޫސާއަށް ރަޖިސްޓްރީ ޕޯސްޓުން ސިޓީއެއް ފޮނުވިކަމަށާއި، އަދި 28 ޖޫން 2009 ގައި ސިޓީއެއް ލިޔެ ޢަލީ މޫސާ މާލޭގައި އުޅޭ ގެއަށް ގޮސް ޢަލީ މޫސާގެ ދަރިފުޅު، އައިމިނަތު ނަލީޝާއާ ސިޓީ ޙަވާލުކުރިކަމަށް އާސިޔަތު ނިޒާރު ބުނެފައިވާއިރު، މި ދެ ސިޓީއިން ކުރެ އެއް ސިޓީ ލިބުނުކަމަށް ސާފުކޮށް ޢަލީ މޫސާ އިންކާރުކޮށްފައިވާއިރު، އަނެއް ސިޓީ ލިބުނުކަމަށް އިންކާރުކޮށްފައިނުވާކަން؛

(ކ) އިސްވެ ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ޢަލީ މޫސާއަށް އާސިޔަތު ނިޒާރު ފައިސާ ދޫކޮށްފައިވާކަން އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ ޢަލީ މޫސާގެ އެކައުންޓުންނާއި، ޢަލީ މޫސާގެ މޯލްޑިވްސް ދޯނި ސަރވިސަސްގެ ނަމުގައި އޮންނަ އެކައުންޓުން އާސިޔަތު ނިޒާރުގެ ނަމުގައި ދޫކޮށްފައިވާ 20 (ވިހި) ޗެކަކީ ޢަލީ މުސާއާއި އާސިޔަތު ނިޒާރުއާއި ދެފަރާތު މެދުގައި ކުރެވިފައިވާ މުޢާމަލާތާއި ގުޅިގެން ޢަލީ މޫސާ އާސިޔަތު ނިޒާރުއަށް އަނބުރާ ފައިސާ ދިނުމުގެ ގޮތުން ދޫކޮށްފައިވާ ޗެކުތަކެއްކަމަށް މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ ލިބިދިނުމަށްޓަކައި 04 ޖުލައި 2013 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު 154,225/-ރ. (އެއްލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުން ގޮސް، ޖުމްލަ 616,900/-ރ. (ހައްލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް ޢަލީ މޫސާއަށް އަންގައި ޙުކުމް ކޮށްފައިވާކަން.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2010/HC-A/222 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހ. އާޝިޔާނާ، ޢަލީ މޫސާގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 06 (ހައެއް) ނުކުތާއަކީ؛

ޗެކެއް ވަކި ފަރާތަކަށް ދޫކޮށްފައި އޮންނަ އޮތުމަކީ އޭގެ ޒާތުގައި ހާދިސާ ސާބިތުކޮށްދިނުމަށް ފުދޭ ހެއްކެއް ކަމުގައި ނުބެލުނު ނަމަވެސް މިފަދަ ޗެކެއް އޮތުމަކީ ފައިސާ ދައްކަންޖެހޭކަމުގެ މައްޗަށް އޮތް ހަރުދަނާ ޤަރީނާއެއްކަމުގައި ބެލެވޭނެކަމަށާއި، މިގޮތުން މިފަދަ ޗެކުތަކެއް ހުރެ އެކަމަށް ބާރު ލިއްބައިދޭ އިތުރު ހަރުދަނާ ޤަރީނާތަކެއް ހުރެއްޖެނަމަ އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭނެކަމަށް އިސްތިއުނާފުކުރާ ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށާއި، އެހެންނަމަވެސް، އާސިޔަތު ނިޒާރުގެ 1 (އެކެއް) އިންސައްތަ ޙިއްސާވާ ކުންފުންޏަކުންނާއި، އާސިޔަތު ނިޒާރުގެ އަމިއްލަ އެކައުންޓުން ދީފައިވާ ޗެކުތަކެއް ޢަލީ މޫސާގެ ބޭންކް އެކައުންޓަށް ނުވަތަ މޯލްޑިވްސް ދޯނި ސަރވިސަސްގެ ބޭންކް އެކައުންޓަށް ޖަމަޢަވެފައިވުމަކީ އޭގެ ޒާތުގައި ދަރަންޏަށް ފައިސާ ދިންކަމުގެ ހެއްކެއް ނޫންކަމަށް ދެކޭކަމަށާއި، ޢަލީ މޫސާގެ ބޭންކް އެކައުންޓަށާއި، މޯލްޑިވްސް ދޯނި ސަރވިސަސްގެ ބޭންކް އެކައުންޓަށް ޖަމަޢަވެފައިވާ ފައިސާއަކީ އާސިޔަތު ނިޒާރުގެ ފަރާތުން ޢަލީ މޫސާއަށް ދޭންޖެހި، އެކިފަހަރުމަތިން އާސިޔަތު ނިޒާރު ދައްކާފައިވާ ފައިސާއެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިސްތިއުނާފުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި އާސިޔަތު ނިޒާރުގެ ފަރާތުން ދަޢުވާއާ އެކު ހުށަހަޅާފައިވާ ބޭންކް އެކައުންޓުގެ ޗެކުތަކުގައި ކުރެވިފައިވާ ސޮޔާއިމެދު ޢަލީ މޫސާ އިންކާރުކޮށްފައިނުވާކަމީ، އާސިޔަތު ނިޒާރުގެ ދަރަނީގެ ދަޢުވާ ޢަލީ މޫސާގެ މައްޗަށް ސާބިތުކުރެވޭ ނުކުތާއެއްގެގޮތަށް ބަޔާންކޮށްފައިވާއިރު، އާސިޔަތު ނިޒާރުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއާއެކު އެޓޭޗްކުރެވިފައިވާ ޗެކުތަކަކީ ޢަލީ މޫސާ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިޔައިރު، މޯލްޑިވްސް ދޯނި ސަރވިސަސްގެ ވިޔަފާރީގެ ބޭނުމަށްޓަކައި ސޮއިކޮށްފައިވާ ބްލޭންކް ޗެކުތަކެއްކަމާއި، މި ޗެކުތަކަކީ އާސިޔަތު ނިޒާރު ވަގަށް ނަގާފައިވާ ޗެކުތަކެއްކަމަށްވާއިރު، އެ ޗެކުތަކުގައިވާ ސޮޔަކީ ޢަލީ މޫސާގެ ސޮޔެއްކަމަށް އިންކާރު ނުކުރުމަކީ މިޙާލަތުގައި ދަރަނީގެ މުޢާމަލާތެއްވެފައިވާކަން ސާބިތުކުރެވޭނެވަރުގެ، އަދި އެކަމާއި އެއްވެސް ވަރަކަށް ގުޅުންހުރި ހެއްކެއް ނޫންކަމަށާއި، އާސިޔަތު ނިޒާރު ހުށަހަޅާފައިވާ ޗެކުތަކުގައިވާ އަތުލިޔުމަކީ ޢަލީ މޫސާގެ އަތުލިޔުމެއް ނޫންކަމަށާއި އެއީ އާސިޔަތު ނިޒާރުގެ ނުވަތަ އޭނާއާ ގުޅުންހުރި ފަރާތެއްގެ އަތުލިޔުމެއްކަމަށާއި އާސިޔަތު ނިޒާރަށް ލިބިފައިވާ ހުރިހާ ޗެކުތަކަކީ ވަގަށް ގެންގޮސްފައިވާ ބްލޭންކް ޗެކުތަކެއްކަން ސާބިތުކުރުމަށްޓަކައި، އެ ޗެކުތަކުގައި ލިޔެފައިވާ އަތުލިޔުމާމެދު ޢަލީ މޫސާގެ ފަރާތުން ސުވާލު އުފައްދާ ޙާލު، މިއީ ދަށުކޯޓެއްގައި ކަމާއިބެހޭ ޚަބީރުން މެދުވެރިކޮށް ބަލަންޖެހޭ ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިސްތިއުނާފު ކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ޢަލީ މޫސާގެ ފަރާތުން ދަށުކޯޓުގައި ދީފައިވާ ބަޔާނުގައިވާ ބައެއް ޖުމްލަތަކުގައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ދަރަންޏަށް ފައިސާ ނެގިކަމަށް ޢަލީ މޫސާގެ ބަހުން އިއުތިރާފުވެވޭކަމުގެ މާނައިގައި ނުވަތަ ދަރަންޏަށް އިންކާރު ނުކުރެވޭނެކަމުގެ މާނައިގައި ހައިކޯޓުން އެ ޖުމްލަތަކުގެ މާނަކޮށްފައިވަނީ ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާއަށް ކޮށްފައިވާ އިންކާރަށާއި، ދައްކާފައިވާ އެހެނިހެން ވާހަކަތަކާއި ސީދާ ތަޢާރުޟުވާގޮތަށްކަމަށާއި، ޢަލީ މޫސާގެ ފަރާތުން މައްސަލައަށް އެއްވެސް ގޮތަކަށް އިޢުތިރާފުވެފައިނުވާއިރު، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ މިބާވަތުގެ އެހެން މައްސަލަތަކުގައި އެ ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބައެއް ނުކުތާތަކަކީ ކުރެވޭ ހީއެއް ނުވަތަ އެސަމްޕްޝަނެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން ބަޔާންކޮށްފައިވާ ނުކުތާތަކެއްކަމަށާއި، މިގޮތުން ޗެކު ބައުންސްވިކަން އަންގައި އާސިޔަތު ނިޒާރުގެ ފަރާތުން ޢަލީ މޫސާއަށް ފޮނުވާފައިވާކަމަށް ބުނާ 2 ސިޓީގެ ތެރެއިން 1 ސިޓީއަށް ޢަލީ މޫސާގެ ފަރާތުން އިންކާރުކޮށްފައިވާއިރު، އަނެއް ސިޓީއަށް އިންކާރުކޮށްފައިވާކަން އެނގެން ނެތުމަކީ އާސިޔަތު ނިޒާރުގެ ދަޢުވާ ސާބިތުކުރުމުގައި އާސިޔަތު ނިޒާރާއި އެއްކޮޅަށް ބެލެވޭ ނުކުތާއެއްކަމަށް ފަނޑިޔާރުން ބަލާފައިވާއިރު، މުޅި ދަޢުވާއަށާއި، ދަޢުވާ ވުޖޫދުކޮށްފައިވާ ޗެކުތަކަށް ޢަލީ މޫސާގެ ފަރާތުން އިންކާރުކޮށްފައިވާކަމަށާއި ވަކި ސިޓީއެއް ލިބިފައިވާކަމަށް އިންކާރު ކުރިކަން އެނގެން ނެތުމަކީ މުޅި މައްސަލައަށާއި، ދަޢުވާ އުފަންކުރުމުގެ އަސާސްކަމުގައިވާ ޗެކުތަކުގެ މައްޗަށް ވެފައިވާ އިންކާރުން ނަފީކުރެވޭނެ ކަމެއް ނޫންކަމަށާއި، މަދަނީ ޚުޞޫމާތްތަކުގައި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކުން ދަޢުވާ ސާބިތުކުރުމުގައި ވަޒަންކުރަންޖެހޭނީ ޔަޤީނީ ހެކިތަކެއްކަމަށްވާތީ، ހައިކޯޓުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ ބަލާފައިވާ މިންގަނޑަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ބަލާފައިވާ މިންގަނޑެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދަށުކޯޓުން ބަލާފައިވާ މައްސަލައެއްގައި ބަލަންޖެހޭ އެންމެހައި ކަންތައްތަކަށް ނުބެލިވާނަމަ، ހައިކޯޓުން ޢަމަލުކުރަމުންދާ އުޞޫލަކީ ދަށުކޯޓުން އެ ނުބެލިވާކަމެއް އަލުން ބަލައި، މައްސަލައިގައި އިންސާފުވެރިވެ ނިޔާއެއް ކަނޑައެޅުމަށްޓަކައި ދަށުކޯޓަށް މައްސަލަ ތަޙުވީލުކުރުންކަމަށްވެފައި، އެ އުސޫލާއި ޚިލާފަށް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އާސިޔަތު ނިޒާރުގެ ފަރާތުން ދަށުކޯޓަށް ހުށައެޅި ބައެއް ހެކި ވަޒަންކޮށް އަނެއްބައި ހެކިތަކަށް ބެލުމެއްނެތިކަމަށާއި، އަދި ދިފާޢީ ދަފްޢު ސާބިތުކުރުމަށްޓަކައި ޢަލީ މޫސާއަށް ފުރުޞަތު ލިބިފައިނުވާތީ، މި މައްސަލައަކީ އަލުން ދަށުކޯޓުގައި ބަލަންޖެހޭނެ މައްސަލައެއްކަމަށާއި، އެހެންކަމުން، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފީ އެއް މަރުޙަލާއިން ޢަލީ މޫސާ މަޙްރޫމް ކުރެވޭތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ މި ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ޢަލީ މޫސާ ދީފައިވާ ޗެކުތަކެއްކަމަށް އާސިޔަތު ނިޒާރުގެ ފަރާތުން ބުނެފައިވާ ޗެކުތަކަކީ ވަގަށް ނަގާފައިވާ ޗެކުތަކެއްކަމަށް ޢަލީ މޫސާގެ ފަރާތުން ބުނާއިރު، އެއީ ހަމަ ޙަޤީޤަތަށްވެސް ޢަލީ މޫސާގެ ފަރާތުން ދީފައިވާ ޗެކުތަކެއްކަން މިޙާލަތުގައި އާސިޔަތު ނިޒާރުގެ ފަރާތުން ސާބިތުކުރަންޖެހޭކަމަށާއި، ނަމަވެސް ދަށުކޯޓުގައި އާސިޔަތު ނިޒާރަށް ހެކި ހުށަހަޅައި، އެކަން ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި މިނުކުތާއަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ޙާދިސާ ސާބިތުކުރުމަށް ރިޢާޔަތް ކުރެވުނު ހެކި

އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ނުވަތަ ޗެކެއް ދީފައިވާކަން ސާބިތުވާ ކޮންމެ ޙާލަތަކީ އިތުރު އެހެނިހެން ޤަރީނާތަކާ ނުލައި އެ ޗެކަކީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ ޗެކެއްކަމަކަށްވެސް އަދި ހަމަ އެފަދައިން، އެއީ އިތުރު ޤަރީނާތަކާ ނުލައި އެ ޗެކު ލިބުނު ފަރާތުގެ މައްޗަށް އެ ޗެކުގައިވާ އަދަދަށް ދަރަނި ސާބިތުވެއްޖެކަމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ބެލެވެންޖެހޭ ފަދަ ހަރުދަނާ އަސާސެއް ނޫންކަމަށް، މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އެހެންކަމުން، ޗެކެއް އޮންނަ އޮތުމަކުން ދެފަރާތު ދެމެދު ވަކި މުޢާމަލާތެއް ހިނގިކަން ސާބިތުނުވާނެއެވެ. އެކަމަކު، އިތުރު ޤަރީނާތަކާ އެކު ޗެކެއް އޮންނަ އޮތުމުން ދެފަރާތު ދެމެދު މުޢާމަލާތެއް ހިނގިކަން ސާބިތުކުރެވިދާނެއެވެ.

މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އަކީ ޢާންމު އުޞޫލެއްގެ ގޮތުގައި، ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއް ކަމާއި، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި އުފުލާ "ދަފްޢު" (plea) ނުވަތަ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ އިލްތިޒާމެކެވެ. އެހެންކަމުން، ދަޢުވާއެއްގައި އެއް ޚަޞްމަކު އަނެއް ޚަޞްމަކާ ކުރިމަތި ކުރުވާ ދަފްޢު ސާބިތުކުރުމަކީ އެ ދަފްޢެއް ކުރާ ފަރާތުގެ އިލްތިޒާމެކެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި، އާސިޔަތު ނިޒާރުގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާ ކުރީ މޯލްޑިވްސް ދޯނި ސަރވިސަސްއަށް ދީފައިވާ 616,900/-ރ. (ހަލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) އަދާކުރުމުގެ ގޮތުން، އާސިޔަތު ނިޒާރަށް މޯލްޑިވްސް ދޯނި ސަރވިސަސްގެ މަސްއޫލުވެރި ފަރާތް ކަމުގައިވާ ޢަލީ މޫސާ، ދީފައިވާ 20 (ވިހި) ޗެކެއް، އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ބައުންސްވެފައިވާތީ، މި ޗެކުތަކުގައިވާ ފައިސާ ހޯދުމަށްކަން އެނގެއެވެ. މަދަނީ ކޯޓުގައި، އާސިޔަތު ނިޒާރަށް ފައިސާ ދައްކަންޖެހޭ ކަމަށް ޢަލީ މޫސާގެ ފަރާތުން އިންކާރު ކުރިއެވެ. އަދި މިދެ ފަރާތު ދެމެދުގައި އެއްވެސް އިރެއްގައި އެއްވެސް ފައިސާގެ މުޢާމަލާތެއް ހިނގާފައި ނުވާނެކަމަށް ޢަލީ މޫސާގެ ފަރާތުން ބުނެފައިވެއެވެ.

ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން އާސިޔަތު ނިޒާރަށް ދީފައިވާ ޗެކުތަކުގެ ކޮޕީ މަދަނީ ކޯޓަށް ހުށަހެޅުނެވެ. ނަމަވެސް މުޢާމަލާތެއް ހިނގާފައި ނުވާނެކަމަށް ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގައި ބުނުމުން، އާސިޔަތު ނިޒާރުގެ ފަރާތުން އާސިޔަތު ނިޒާރާއި އާސިޔަތު ނިޒާރުގެ ހިއްސާ އޮންނަ ނިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢަލީ މޫސާއަށް ދޫކޮށްފައިވާ ޗެކުތަކެއްގެ ކައުންޓަރ ފޮއިލް ކޮޕީއާއި، ޢަލީ މޫސާއަށް ދޫކުރި ބައެއް ޗެކުތަކުގެ ނަންބަރާއި، އާސިޔަތު ނިޒާރުގެ ބޭންކު އެކައުންޓުތަކުގެ ތަފްޞީލާއި ނިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓު ނަންބަރާއި ފައިސާ ދޫކުރިގޮތުގެ ތަފްޞީލު ހިމެނޭ ލިޔުމެއް މަދަނީ ކޯޓަށް ހުށަހެޅުނުކަން، އާސިޔަތު ނިޒާރުގެ ފަރާތުން އެ ކޯޓަށް ހާޒިރުވި ފަރާތްތަކުން 23 ޖޫން 2010 ގައި ދީފައިވާ ބަޔާނުން އެނގެއެވެ. ނަމަވެސް މަދަނީ ކޯޓުގެ ނަންބަރު 2243/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި މީގެން އެއްވެސް ލިޔުމެއް ހިމެނިފައިނުވެއެވެ.

އިސްވެ ޙަވާލާ ދެވުނު ލިޔުންތަކަށް މަދަނީ ކޯޓުން ރިޢާޔަތް ނުކުރުމުން، އެކަން އިސްތިއުނާފީ ނުކުތާއެއް ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އާސިޔަތު ނިޒާރުގެ ފަރާތުން ހުށަހެޅިއެވެ. އެގޮތުން، އެ ލިޔުންތައް ހައިކޯޓަށް ގެނެވި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

އާސިޔަތު ނިޒާރުގެ ފަރާތުން ހުށަހެޅުނު ލިޔުންތަކާ ގުޅިގެން ހައިކޯޓުން ބޭންކް އޮފް މޯލްޑިވްސްއަށް ލިޔެގެން އާސިޔަތު ނިޒާރާއި ނިއު ކޮންސްޓްރަކްޝަން ކޮމްޕެނީގެ އެކައުންޓުތަކުން ދޫކުރި ޗެކުތައް ޖަމާކޮށްފައިވާ އެކައުންޓުތައް އެނގޭނެ ލިޔުމެއް ހޯދިއެވެ. އަދި އެ ލިޔުމުގައި ފައިސާ ޖަމާވެފައިވަނީ ޢަލީ މޫސާގެ އަމިއްލަ އެކައުންޓަށާއި ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްގެ އެކައުންޓަށްކަން އެނގެއެވެ. ވީމާ އާސިޔަތު ނިޒާރާއި ޢަލީ މޫސާއާ ދެމެދު ފައިސާގެ މުޢާމަލާތްތަކެއް ކުރެވުނުކަން އެނގޭ ހެކި އާސިޔަތު ނިޒާރު ހުށަހަޅާފައިވެއެވެ. އަދި ޢަލީ މޫސާގެ ބައުންސްވެފައިވާ ޗެކުތަކުގައިވާ ފައިސާއަކީ އާސިޔަތު ނިޒާރު ޢަލީ މޫސާއަށް އޭގެ ކުރިން ދީފައިވާ ފައިސާ އަނބުރާ ރައްދުކުރުމުގެ ގޮތުން ދީފައިވާ ޗެކުތަކެއްކަމަށް ބުރަވެވެއެވެ.

ޢަލީ މޫސާގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާތަކުގެ ފުރަތަމަ ނުކުތާގައި، އާސިޔަތު ނިޒާރުގެ 1 (އެކެއް) އިންސައްތަ ޙިއްސާވާ ކުންފުންޏަކުންނާއި، އާސިޔަތު ނިޒާރުގެ އަމިއްލަ އެކައުންޓުން ދީފައިވާ ޗެކުތަކެއް ޢަލީ މޫސާގެ ބޭންކް އެކައުންޓަށް ނުވަތަ މޯލްޑިވްސް ދޯނި ސަރވިސަސްގެ ބޭންކް އެކައުންޓަށް ޖަމާވެފައިވުމަކީ އޭގެ ޒާތުގައި ދަރަންޏަށް ފައިސާ ދިންކަމުގެ ހެއްކެއް ނޫންކަމަށް ބުނެފައިވެއެވެ. ޢަލީ މޫސާގެ ފަރާތުން ފާހަގަކުރާ ފަދައިން، އެ މުޢާމަލާތަށް އެކަނި ބަލައިފިނަމަ، މައްސަލާގެ ޙާދިޞާ ސާބިތެއްނުވެއެވެ. ނަމަވެސް، އާސިޔަތު ނިޒާރާއި އޭނާ ޙިއްޞާވާ ކުންފުންޏަކުން ޢަލީ މޫސާއަށް ބޮޑު އަދަދެއްގެ ފައިސާ ދީފައިވާއިރު، ފަހުން ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްއިން އާސިޔަތު ނިޒާރަށް ދީފައިވާ ޗެކުތަކުން، އާސިޔަތު ނިޒާރު ޢަލީ މޫސާއަށް ދަރަންޏަށް ފައިސާ ދިންކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށެވެ. އަދި ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ އާސިޔަތު ނިޒާރުގެ ފަރާތުން ޢަލީ މޫސާއަށް ދޭންޖެހި، އެކިފަހަރުމަތިން އާސިޔަތު ނިޒާރު ދައްކާފައިވާ ފައިސާއެއްކަމަށް ޢަލީ މޫސާ ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ބުރަ ދެން އުފުލަންޖެހޭނީ ޢަލީ މޫސާއެވެ. އަދި ޢަލީ މޫސާ ބުނާ ބުނުން ސާބިތުކޮށްދިނުމުގެ ގޮތުން އިތުރު އެއްވެސް ހެއްކެއް މަދަނީ ކޯޓަށްވެސް އަދި ހައިކޯޓަށްވެސް ހުށަހަޅާފައިނުވެއެވެ.

އެހެންކަމުން، ޢަލީ މޫސާގެ ފަރާތުން އާސިޔަތު ނިޒާރަށް ފައިސާދޭންޖެހޭކަމަށް ކަނޑައެޅުމުގައި، ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްއަށް އާސިޔަތު ނިޒާރާއި ނިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ފައިސާތަކެއް ދިނުމާއި އަދި އެއީ އަނބުރާ ދައްކަންނުޖެހޭ ފައިސާއެއްކަން ޢަލީ މޫސާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިނުވާކަން ފާހަގަކޮށް، މި މައްސަލާގެ ހާދިސާ ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށެވެ.

ޗެކުތައް ދިން ދިނުމަށް އިންކާރު ކުރުމާއި ހާދިސާ ސާބިތުކުރާ މިންގަނޑު

ޢަލީ މޫސާ އާސިޔަތު ނިޒާރަށް ޗެކުތަކެއް ދީފައިނުވާނެކަމަށާއި، އަދި އެ ޗެކުތަކަކީ ޢަލީ މޫސާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔައިރު، މޯލްޑިވްސް ދޯނި ސަރވިސަސްގެ ވިޔަފާރި ބޭނުމަށްޓަކައި ސޮއިކޮށްފައިވާ ބްލޭންކު ޗެކުތަކެއް ކަމަށާއި، އަދި މި ޗެކުތަކަކީ އާސިޔަތު ނިޒާރު ވަގަށް ނަގާފައިވާ ޗެކުތަކެއްކަމަށްވާއިރު، އެ ޗެކުތަކުގައިވާ ސޮޔަށް ޢަލީ މޫސާ އިންކާރު ނުކުރުމަކީ ދަރަނީގެ މުޢާމަލާތް ސާބިތުކުރެވޭނެވަރުގެ ހެއްކެއް ނޫންކަމަށް ޢަލީ މޫސާގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

އަދި ޢަލީ މޫސާގެ ފަރާތުން ދަށުކޯޓުގައި ދީފައިވާ ބަޔާނުގައިވާ ބައެއް ޖުމްލަތަކުގައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ދަރަންޏަށް ފައިސާ ނެގިކަމަށް ޢަލީ މޫސާގެ ބަހުން އިޢުތިރާފުވެވޭކަމުގެ މާނައިގައި ނުވަތަ ދަރަންޏަށް އިންކާރު ނުކުރެވޭނެކަމުގެ މާނައިގައި ހައިކޯޓުން އެ ޖުމްލަތައް މާނަކޮށްފައިވަނީ ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާއަށް ކޮށްފައިވާ އިންކާރަށާއި، ދައްކާފައިވާ އެހެނިހެން ވާހަކަތަކަށް ސީދާ ތަޢާރުޟުވާ ގޮތަށްކަމަށް ޢަލީ މޫސާގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އާސިޔަތު ނިޒާރު ފޮނުވި ސިޓީތަކުގެ ތެރެއިން އެއް ސިޓީ ލިބުނުކަމަށް އިންކާރުކޮށްފައިވާކަން އެނގެން ނެތުމަކީ އާސިޔަތު ނިޒާރުގެ ދަޢުވާ ސާބިތުކުރުމުގައި އާސިޔަތު ނިޒާރާއި އެއްކޮޅަށް ބެލެވޭ ނުކުތާއެއްކަމަށް ހައިކޯޓުން ބަލާފައިވާކަމަށާއި، މަދަނީ ޚުޞޫމާތްތަކުގައި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކުން ދަޢުވާ ސާބިތުކުރުމުގައި ވަޒަންކުރަންޖެހޭނީ ޔަޤީނީ ހެކިތަކަށްކަމަށް، ޢަލީ މޫސާގެ ފަރާތުން ބުނެފައިވެއެވެ.

މި މައްސަލައިގައިވާ ހާދިސާ ސާބިތުކުރުމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ ހަމައެކަނި އެންމެ ކަމަކަށް ނޫންކަން އެނގެއެވެ. އެގޮތުން، ބައުންސްވެފައިވަނީ ހަމައެކަނި މޯލްޑިވްސް ދޯނި ސަރވިސަސް އިން ދޫކުރި ޗެކުތަކެއް ނޫންކަމާއި، ޢަލީ މޫސާގެ އަމިއްލަ އެކަންޓުން ދޫކުރި ޗެކުތަކެއްވެސް ބައުންސްވި ޗެކުތަކުގެ ތެރޭގައި ހިމެނޭކަމާއި، އާސިޔަތު ނިޒާރު އަތުގައި ހުރީ އޭނާ ވަގަށް ގެންދިޔަ ޗެކުތަކެއް ކަމަށް ޢަލީ މޫސާ ބުނާއިރު، އެހާ ގިނަ ޗެކުތަކެއް ވަގަށް ގެންދިޔަކަން އެނގުނީ އާސިޔަތު ނިޒާރު ޗެކު ބައުންސްވި މައްސަލަ މަދަނީ ކޯޓަށް ހުށަހެޅި ފަހުން، ޗެކުތަކުގައިވާ ތާރީޚުތައްވެސް ފާއިތުވިތާ އެތައް މަހެއް ވީފަހުންކަމާއި އަދި މިއީ ބުއްދީގެ ހަމަތަކުން ޤަބޫލު ކުރެވޭ މިންވަރަށްވުރެ ދުރުކަމެއްކަމަށް ކަނޑައަޅައި، އާސިޔަތު ނިޒާރު ޢަލީ މޫސާއަށް ފައިސާ ދޫކުރި ޗެކުތަކުގެ ކައުންޓަރފޮއިލް އަދި މި އަދަދަކީ ޢަލީ މޫސާ އަތުން ހޯދަން ދަޢުވާކުރާ އަދަދަށްވުރެ ބޮޑު އަދަދަކަށް ވުމުގެ އިތުރުން، ކައުންޓަރފޮއިލްގައިވާ ޗެކުތަކުގެ ފައިސާ ޢަލީ މޫސާގެ އަމިއްލަ ބޭންކު އެކައުންޓަށާއި ދޯނި ސަރވިސަސްގެ އެކައުންޓަށް ޖަމާވެފައިވާކަން، އަދި ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްއިން ދޫކުރި ޗެކުތައް ބައުންސްވުމާ ގުޅިގެން އާސިޔަތު ނިޒާރު ޢަލީ މޫސާއަށް މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކުރީގެ ތާރީޚެއްގައި ފޮނުވި ދެ ސިޓީން ކުރެ އެއް ސިޓީ ނުލިބޭކަމަށް ޢަލީ މޫސާ ކަނޑައެޅިގެން އިންކާރުނުކުރާކަމާއި، މި އެންމެހައި ޤަރީނާތަކަަށް ރިޢާޔަތް ކުރެވިގެންނެވެ. އަދި އާސިޔަތު ނިޒާރު ޢަލީ މޫސާގެ އަތުން ޗެކުތަކެއް ވަގަށް ގެންދިޔައީކަމަށް ބުނެ އެ މައްސަލަ ތަޙުޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހެޅުނުކަމަށް ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ހަމައަށްވެސް، އާސިޔަތު ނިޒާރު ޗެކުތަކެއް ވަގަށް ގެންދިޔަކަމަށް ޢަލީ މޫސާ ބުނާ ބުނުމަށް ބާރުލިބިދޭ އިތުރު އެއްވެސް ހެއްކެއް ޢަލީ މޫސާގެ ފަރާތުން ހުށަހަޅާފައިނުވެއެވެ.

މަދަނީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލާ ފަރާތަކީ ދަޢުވާ ކުރާ ފަރާތްކަމުގައިވާ ހިނދު، ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މި މައްސަލައިގައި އާސިޔަތު ނިޒާރު ކުޅަ ދަޢުވާ ސާބިތުކުރުމަށްޓަކައި އާސިޔަތު ނިޒާރާއި ޢަލީ މޫސާއާ ދެމެދު ފައިސާގެ މުޢާމަލާތެއް ކުރެވުނުކަން ދަލީލުކޮށްދޭ އެކި ހެއްކާއި ޤަރީނާ ހުށަހަޅާފައިވެއެވެ. އަދި އާސިޔަތު ނިޒާރުގެ ފަރާތުން ހުށަހެޅުނު ހެއްކާމެދު ޢަލީ މޫސާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވެއެވެ. އަދި އެ ހެކި ތަޢުނުކުރުމުގެ ފުރުޞަތު ޢަލީ މޫސާއަށް ލިބިދެވިފައިވާކަން އެނގެން އޮވެއެވެ.

ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑުކަމުގައިވާ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" (beyond reasonable doubt) އާ ޚިލާފަށް، ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމަށް މަދަނީ މައްސަލަތަކުގައި ބަލާނީ "ބޮޑަށް ބުރެވެވޭ ގޮތަށް" (balance of probabilities) އަށެވެެ. މި މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރު ކަނޑައެޅޭ މިންގަނޑަށް ވުރެ ލުއި މިންގަނޑެކެވެެ. އަދި މިހާ ތަނަށް ދިވެހިރާއްޖޭގެ މަތީ މަރުހަލާ ކޯޓުތަކުން މަދަނީ މައްސަލަތަކުގައި ހާދިސާ ސާބިތުކުރުމަށް ބަލައިގެންފައިވާ މިންގަނޑެއްވެސްމެއެވެ. އެގޮތުން، ހިނގާފައިވާ ވަކި ހާދިސާއެއް އެއީ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައެޅުމަށްޓަކައި، ހާދިސާއަކާ ގުޅުންހުރި އިތުރު ހެއްކާއި ޤަރީނާތަކަށް ރިޢާޔަތް ކުރުމާއެކު، އެ ހާދިސާއަކީ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައަޅަނީ އެ ޙާދިސާއަކީ ނުހިނގާކަމަކަށްވުރެ ބޮޑަށް ހިނގިކަމެއްކަމަށް ފަނޑިޔާރަށް ބުރަވެވުމުންނެވެ.

އާސިޔަތު ނިޒާރަށް ޗެކުތަކެއް ދޫނުކުރާކަމަށް ޢަލީ މޫސާ ބުނެފައިވާއިރު، މިދެފަރާތު ދެމެދު 2006 ވަނަ އަހަރުން ފެށިގެން ފައިސާގެ މުޢާމަލާތްތަކެއް ހިނގާފައިވާކަން ބޭންކް އޮފް މޯލްޑިވްސް ޕލސ އިން ކަށަވަރުކޮށްދީފައިވެއެވެ. ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްގެ ބޭންކް އެކައުންޓަށް އާސިޔަތު ނިޒާރާއި އޭނާގެ ޙިއްޞާ އޮންނަ ނިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފައިސާ ޖަމާކޮށްފައިވަނީ އެފަރާތްތަކުން ޢަލީ މޫސާއަށް އަނބުރާ ދައްކަންޖެހޭ ފައިސާއަކަށްވާތީ ކަމަށް ޢަލީ މޫސާ ބުނާއިރު، ޢަލީ މޫސާގެ މި ބުނާ ބުނުން (ދިފާޢީ ދަފްޢު) ސާބިތުކުރުމަށްޓަަކައި އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ހުށަހަޅާފައިނުވެއެވެ.

މީގެ އިތުރުން، އާސިޔަތު ނިޒާރު ވަގަށް ގެންދިޔަ ކަމަށް ބުނާ ތަފާތު ދެ އެކައުންޓެއްގެ ޗެކުތައް ނެތްކަންވެސް ޢަލީ މޫސާއަށް އެނގުނީ ޗެކު ބައުންސްވެގެން އެ ފައިސާ ހޯދަން އާސިޔަތު ނިޒާރު މަދަނީ ކޯޓުގައި ދަޢުވާ ކުރުމުން ކަމުގައިވާއިރު، ބައުންސްވި 20 (ވިހި) ޗެކަކީ ޖެނުއަރީ 2009 އިން ފެށިގެން ޖޫން 2009 އަކާ ހަމައަށް އެކި ތާރީޚު ޖަހައި، އެކި ދުވަސް މަތިން، އެކި ޢަދަދުތަކަށް ޢަލީ މޫސާގެ އަމިއްލަ އެކައުންޓުގެ އިތުރުން މޯލްޑިވްސް ދޯނި ސަރވިސަސްގެ އެކައުންޓުންވެސް ދޫކޮށްފައިވާ ޗެކުތަކެކެވެ. އަދި މަދަނީ ކޯޓުގެ ޝަރީޢަތް ހިނގަމުން ދިޔައިރު މިއީ ވަގަށް ނަގާފައިވާ ޗެކްތަކެއްކަަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހެޅިފައިވާނެކަމަށް ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓުގައި ބުނެފައިވާއިރު، ޢަލީ މޫސާގެ ފަރާތުން ނަގާފައިވާ މި ދިފާއީ ދަފްޢު ސާބިތުކޮށްދިނުމަކީ ޢަލީ މޫސާގެ މައްޗަށް އޮތް ބުރައެކެވެ. ނަމަވެސް، ޢަލީ މޫސާ ބުނާ ބުނުންތަކަށް ބާރު ލިބިދޭ ފަދަ އެއްވެސް ހެއްކެއް މި މައްސަލަ ކޯޓުތަކުގައި އޮތް ތިން މަރުހަލާގައިވެސް ހުށަހަޅާފައިނުވެއެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާކަމީ ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ރިޢާޔަތް ކުރާއިރު، ހަމައެކަނި ޢަލީ މޫސާ ބުނާ ބުނުމެކެވެ.

އެހެންކަމުން، ހައިކޯޓުގެ މި މައްސަލަ ނިންމި 2010/HC-A/222 ޤަޟިއްޔާގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) އިން (ކ) އަށް ފާހަގަކޮށްފައިވާ ކަންކަމަކީ އާސިޔަތު ނިޒާރު ކުޅަ ދަޢުވާއަށް ބާރު ލިބިދޭ އިތުރު ހެއްކާއި ޤަރީނާއެވެ. އަދި ބައުންސްވި 20 (ވިހި) ޗެކަކީ، އެކި ތާރީޚުތަކުގައި، އެކި އަދަދުތަކަށް ޢަލީ މޫސާއާއި މޯލްޑިވްސް ދޯނި ސަރވިސަސްއިން އާސިޔަތު ނިޒާރަށް ދޫކޮށްފައިވާ ޗެކުތަކެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، މަދަނީ މައްސަލަތައް ސާބިތުކުރާ ކުރުމުގައި ބަލާ ބޮޑަށް ބުރަވެވޭ މިންގަނޑުގެ ދަށުން ހެކި ވަޒަންކުރާ ގޮތާ އެއްގޮތަށެވެ.

މައްސަލަ ތަހުވީލު ކުރުން

ހައިކޯޓުން މި މައްސަލަ ނިންމިއިރު ދަށު ކޯޓުގައި ރިޢާޔަތް ނުކުރާ ބައެއް ހެކިތަކަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަމަށް ޢަލީ މޫސާ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި އެ ހެކިތަކާ ގުޅޭ ގޮތުން ދިފާޢީ ދަފްޢު ސާބިތުކުރުމުގެ ފުރުޞަތު އޭނާއަށް ގެއްލިފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ޢަލީ މޫސާ ދެކޭ ގޮތުގައި، ދަށު ކޯޓުގައި ރިޢާޔަތް ނުކުރާ ހެކިތަކަށް ހައިކޯޓުން ރިޢާޔަތް ކުރަން ފެނިއްޖެ ހިނދެއްގައި، އެފަދަ މައްސަލަތަކުގައި ދެން ޢަމަލުކުރަން ޖެހޭނެ ގޮތަކީ ދަށު ކޯޓަށް އަލުން އެ މައްސަލަ ބަލަން އަނބުރާ ފޮނުވާލުން، ނުވަތަ ތަޙުވީލު ކުރުމެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 46 ވަނަ މާއްދާގައި ހައިކޯޓުން މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ޢަމަލުކުރާނެ އުޞޫލު ބަޔާންކުރެވިފައިވެއެވެ. އެގޮތުން، އެ މާއްދާގެ (ހ) ގައި އެ މައްސަލައަކީ މައުޟޫޢީ ގޮތުން ބެލެން އޮތް މައްސަލައަކަށްވެފައި، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު ކަނޑައަޅައި، އެ މައްސަލަ ހައިކޯޓަށް ނިންމިދާނެކަމަށް ބަޔާންކުރެވިފައި އޮވެއެވެ.

އިސްވެ ޙަވާލާދެވުނު މާއްދާގެ (ށ) ގައި، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއް ނަމަ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓުން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލު ކުރެވިދާނެއެވެ.

ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އަލުން ބަލަން ތަޙުވީލުކުރާ މައްސަލަތައް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައުޟޫޢީ ގޮތުން ބަލަންވާނީ އެ ޤަޟިއްޔާގައި ހައިކޯޓުން ޙުކުމްކުރި ނުކުތާގެ ތަރަހައިގެ ތެރެއިންނެވެ.

ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ ހައިކޯޓުން ތަޙުވީލު ކުރުމުގެ އުޞޫލަށް ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައެއް ތަޙުވީލު ކުރާނީ އެ މައްސަލައިގެ ކަންހިނގާފައިވާ ގޮތް ނުވަތަ ފެކްޓްސް ކަށަވަރުކުރަން ޖެހިއްޖެ ޙާލަތެއްގައެވެ. އެހެންގޮތަކުންނަމަ، މައްސަލައާ ގުޅިގެން އައު ހެކިން ހާޒިރުކުރަންޖެހޭ ނަމަ، އެކަންކުރަންވާނީ ދަށު ކޯޓުންނެވެ. ނުވަތަ އެ ކޯޓުން މައްސަލަ ބެލިއިރު، އެކަށީގެންވާ ވަރަށް ކަންކަން ސާފުނުކޮށް ރިޢާޔަތް ކުރަންޖެހޭ، އެކަމަކު ނުކުރެވި އޮތް އައު ކަމެއް އޮތް ނަމަ، އެކަމާ ގުޅޭ ގޮތުން ހެކި ހުށަހެޅުމަށް ފުރުޞަތު ދެވި، ކަމާބެހޭ ތަންތަނުން ހޯދަންޖެހޭ ލިޔުންތަކާއި، އައު މަޢުލޫމާތު ހޯދުމަށްފަހު، ލިބުނު ހެއްކާއި ޤަރީނާ ވަޒަންކުރުމަށްފަހު ގޮތެއް ކަނޑައަޅަންވާނީ ދަށު ކޯޓުންނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އިން މިކަމަށް އިތުރަށް ބާރު ލިބިދެއެވެ. ބުނެވުނު މާއްދާގެ ދަށުން، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އެހެންކަމުން، ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ހުށަނާޅާ އައު ހެކިތަކެއް ނުވަތަ އައު ނުކުތާތަކެއް އިސްތިއުނާފީ މަރުޙަލާގައި ހުށަނޭޅޭނެއެވެ.

ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ހައިކޯޓަށް އިސްތިއުނާފު ކުރެވޭ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރެވިފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން، ޙުކުމްތަކާއި ނިންމުންތައް އިސްތިއުނާފު ކުރެވޭނީ އެފަދަ ޙުކުމެއް ނުވަތަ ނިންމުމެއް ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވުމުން، ނުވަތަ ޤާނޫނު ތަޠުބީޤު (apply) ކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވުމުން، ނުވަތަ ޙުކުމެއް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި އެ ޤާނޫނުގައި ބަޔާންކުރާ ބާވަތުގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެެއް ކަމުގައިވުމުންނެވެ. އެހެންކަމުން، ހައިކޯޓުން ޙުކުމެއް ނުވަތަ ނިންމުމެއް ބާޠިލުކަަމަށް ކަނޑައެޅޭނީ، އިސްވެ ބަޔާންކުރެވުނު ސަބަބުތަކުން ސަބަބެއް މެދުވެރިވާ ޙާލަތުގައެވެ.

އާސިޔަތު ނިޒާރުގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 2243/MC/2009 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަށް ބެލިއިރު، މައިގަނޑު ގޮތެއްގައި ޝަކުވާކޮށްފައިވަނީ މަދަނީ ކޯޓަށް ހުށަހެޅުނު ބައެއް ހެކިތަކަށް އެ ކޯޓުން ރިޢާޔަތް ނުކުރުމުގެ އިތުރުން، އެ ކޯޓުން ރިޢާޔަތް ކުރި ބައެއް ހެކިތައް ޝަރީޢަތުން ވަޒަންކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެއެވެ.

ހައިކޯޓުގެ ނަންބަރު 2010/HC-A/222 ޤަޟިއްޔާ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ އާސިޔަތު ނިޒާރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ އިމުގެ ތެރެއިން، މަދަނީ ކޯޓަށް ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބަރޯސާވެހުރެއެވެ. އޭގެ ތެރެއިން، އާސިޔަތު ނިޒާރާއި އޭނާ ޙިއްޞާވާ ނިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަލީ މޫސާއަށް ކުރިން ދޫކުރި ޗެކުތަކުގެ ތަފްޞީލު މަދަނީ ކޯޓުގެ ނަންބަރު 2243/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިނުވި ނަމަވެސް، އެ ލިޔުންތައް ކޯޓަށް ހުށަހެޅުނުކަމާއި އަދި އެކަމާ ގުޅޭ ގޮތުން ތަފްޞީލުކޮށް މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އާސިޔަތު ނިޒާރުގެ ފަރާތުން ވާހަކަ ދައްކާފައިވާކަން، މަދަނީ ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ބަޔާންތަކަށް ބެލުމުން އެނގެއެވެ.

އެހެންކަމުން، ހައިކޯޓުން މި މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ މަދަނީ ކޯޓުން ހެކި ވަޒަންކުރުމުގައި ބުރަދަން ނުދީ ހުރި ކަންކަމަށެވެ. އަދި މި ކަންކަމާ ގުޅޭ ގޮތުން ހައިކޯޓުގައި ޢަލީ މޫސާގެ ފަރާތުން ޝަރީޢަތަށް ހާޒިރުވި ފަރާތަށް ތަޢުނު ކުުރުމުގެ ފުރުޞަތު، ނުވަތަ ދިފާޢީ ދަފްޢު ސާބިތުކުރުމުގެ ފުރުޞަތު ލިބިދެވުނުކަން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ބަޔާންތަކަށް ބެލުމުން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ ތަޙުވީލު ކުރުމަށް މެދުވެރިވާ ފަދަ ޙާލަތެއް މި މައްސަލައިގައި މެދުވެރިވެފައިވާކަން ޢަލީ މޫސާއަށް ސުޕްރީމް ކޯޓުގައި ދެއްކިފައިނުވެއެވެ.

ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު:

މިމައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއް ސުޢޫދު:

މިމައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ޢަލީ މުސާ، ދަފްތަރު ނަންބަރު 1725، އާސިޔަތު ނިޒާރުއަށް ދޫކޮށްފައިވާ 20 (ވިހި) ޗެކު ބައުންސްވެފައިވުމުން، މި ޗެކުތަކުގައިވާ ޖުމްލަ 616,900/-ރ. (ހަލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) އަކީ ޢަލީ މޫސާ އާސިޔަތު ނިޒާރުއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/222 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް، ޢަލީ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ އަސާސެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއް ސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ