ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2026/HC-A/303ހައިކޯޓު · 1 އޮކްޓޫބަރު 2026 · އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް

ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، އަހްމަދު ޙަމްޒާ، މުޙައްމަދު ލަޠީފް، ޢަބްދުﷲ ޢަލީ، ޢަލީ ޝިޔާމް އަދި އިބްރާހީމް ޖިހާދު ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 31 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 1 އޮކްޓޫބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 3253/Cv-C/2021ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 19 އޭޕްރީލް 2026 ގައި ރަހުނު USD 9,000,000 އަށް ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީ، ބޭންކުގެ ވެބްސައިޓާއި މިހާރު ނޫހުގައި އިއުލާނުކުރުމަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުންކަމަށް ނުބެލެވޭނެކަމަށް ކަނޑައެޅިއެވެ.
ވާޤިޢާ
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޓަރމް ލޯނުތަކަށް ދޮޅިޔަދޫ އައިލެންޑް ރިސޯޓް ރަހުނުކޮށް، އެހެން އިސްތިއުނާފުކުރި ފަރާތްތަކުން ގެރެންޓީ ދީފައިވެއެވެ. ސިވިލް ކޯޓުގެ 26/Cv-C/2013 ގެ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅި 3253/Cv-C/2021 ގައި ދެފަރާތް އެއްބަސްވި ތިން އަގަކަށް ތިން ފަހަރު ރަހުނު ވިއްކާލުމުގެ ހުއްދަ ދިން ނަމަވެސް ރަހުނު ނުވިކުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުން ރަހުނު ވިއްކާލުމަށް ދިން ހުއްދަ އިސްތިއުނާފުކުރި މައްސަލައަކީ، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާތީ ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުށަހަޅާފައިވާތީ، 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) ގެ ދަށުން ބާޠިލުކުރަންޖެހޭ އިސްތިއުނާފެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ހުއްދައިގެ މުއްދަތު އިތުރުކުރީ ސިވިލް ކޯޓުގެ ގަވާއިދުގެ 164 (ހ) އާ ޚިލާފަށް، ބޭންކުގެ ފަރުވާކުޑަކަމުން ކަމަށެވެ. ބޭންކުން އިޖުރާއީ އިޢުތިރާޟުގައި ބުނީ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާކަމަށާއި، ތަންފީޒީ މަރުޙަލާ 5 އަހަރަށްވުރެ ދިގުލުވާގޮތަށް ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށެވެ. އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ޕްރައިމާ ފޭސީ ގޮތުން ގާނޫނީ ބަހުސެއް އޮތްކަމަށާއި ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބޭ ޙައްޤު ބޭނުންކުރީ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣުލަބިއްޔަތުން ދެކުނީ ކުރީގެ ތިން ހުއްދައިގައިވެސް ހަމަ އެ ގޮތަށް އިއުލާނުކުރިއިރު ޝަކުވާއެއް ނުކޮށް އެ ނިންމުންތައް އިސްތިއުނާފުނުކޮށް، އަގު ދަށްކުރުމުން ޝަކުވާކުރުމަކީ ހެޔޮނިޔަތުގައިކަން ބަލައިގަތުމަށް ދައްތަކަމަށާއި، މި އިސްތިއުނާފަކީ ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުން ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށެވެ. ފަނޑިޔާރު ޙުސައިން މަޒީދު ދެކެވަޑައިގަތީ މައުޟޫޢީ ބަހުސްގެ ކުރިން އެ އިޢުތިރާޟާމެދު ގޮތެއް ނުނިންމޭނެކަމަށެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3253/Cv-C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިޖުރާއީ އިޢުތިރާޟު ބަލައިގަނެ، ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން 421 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފު ބާޠިލުކުރި (އަޣުލަބިއްޔަތުން)

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އިސްތިއުނާފުކުރުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއްކަމަށްވާއިރު، މީހަކު މައްސަލައެއް އިސްތިއުނާފުކުރީ ވަގުތު ބޭކާރުކުރުމަށް ނުވަތަ މައުލޫއީ މައްސަލަ ބެލުން ލަސްކުރުމަށް ކަމުގެ މައްޗަށް ޝައްކެއް އުފައްދައި، މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 421 ވަނަ މާއްދާގެ ބޭނުން ހިފާނަމަ، ކޮންމެވެސް މިންވަރެއްގެ ހަގީގަތެއް ހުށަހަޅަންވާނެއެވެ. (ޕެރ. 26)

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފީ ހައްގު އިޖުރާއީ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ބޭނުންކުރުމަކީ އޭގެ ޒާތުގައި ނުބައި ނިޔަތެއް ފާޅުވާން ނެތި ނުވަތަ ޝައްކުގެ މަހައްލުނެތި، ޝަރީޢަތުގެ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންކުރެވޭ ކަމެއްގެ ގޮތުގައި ބެލެވިގެންވާނެކަމެއް ނޫނެވެ. (ޕެރ. 26)

ރަހުނު ވިއްކާލުމަށް ކޯޓުން ކުރިން ދިން ހުއްދަތަކާ ގުޅިގެން ހަމަ އެއް އިޖުރާއަތަކުން އަމަލުކޮށްފައިވާއިރު، އެ ފަހަރުތަކުގައި އިސްތިހާރުކޮށްފައިވަނީ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށް ބުނެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާއިރު، އަދި އެ ނިންމުންތައް ވެސް އިސްތިއުނާފުކޮށްފައި ނުވާއިރު، ރަހުނު ކުޑައަގަކަށް ވިއްކާލުމުގެ ހުއްދަ ކޯޓުން ދިނުމުން، އެކަށީގެންވާ ވަރަށް މަސައްކަތެއް އަދި އިސްތިހާރެއް ނުކުރެޔޭ ބުނެ ޝަކުވާކުރުމަކީ ހެޔޮނިޔަތުގައިކަން ބަލައިގަތުމަށް ދައްޗެވެ. އެފަދަ އިއުލާނުކުރުމަކީ ރަހުނު ވިއްކާލުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުންކަމަށް ވާނަމަ، އެ ޝަކުވާ މާކުރިން ހުށަހަޅާފައި، ނުވަތަ ރަހުނު ވިއްކާލުމަށް ފުރަތަމަ ދިން ހުއްދައާ މެދު ހިތްހަމަ ނުޖެހިގެން، އެ ނިންމުން އިސްތިއުނާފުކޮށްފައިވާނެކަމަށް ބެލެވޭނެއެވެ. (ޕެރ. 31)

ރަހުނު ވިއްކާލުމަށް މަތީ އަގަކަށް ކުރި އިއުލާނަކީ ފަރުވާކުޑަކޮށް ނުވަތަ އެކަށީގެންވާ މަސައްކަތެއް ނުކޮށް ކޮށްފައިވާ އިއުލާނަކަށް ނުވާނަމަ، ދަށް އަގަކަށް ރަހުނު ވިއްކާލުމަށް ހަމަ އެ މަންސާތަކުގައި އެއްވެސް ތަފާތެއް ނެތި ކޮށްފައިވާ އިއުލާނަކީ ބޭންކުގެ ފަރުވާކުޑަ އަމަލެއްކަމަށް ނުވަތަ ރަހުނު ވިއްކާލުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް ކޮށްފައިވާ އަމަލެއްކަމުގައި ބަލާނެ އެއްވެސް ހަމައެއް ބުއްދީގެ ހަމަތަކުން ވިސްނާއިރު ނެތެވެ. (ޕެރ. 31)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 421 ވަނަ މާއްދާ، (ށ) އަދި (ރ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 285 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 282 ވަނަ މާއްދާގެ (ހ) އާއި (ނ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
  • ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2022/R-105) ގެ 164 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖްރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާ އަދި 31 ވަނަ މާއްދާ
  • ސުޕްރީމް ކޯޓު: އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2019/SC-L/91)
  • ހައިކޯޓު: ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އިންޑޮވޭޝަން އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑް (އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތް)
  • ހައިކޯޓު: ސިވިލް ސަރވިސް ކޮމިޝަން ވ. ޙައްވާ ސަނާ (އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތް)
  • ހައިކޯޓު: އިބްރާހީމް ޢަލީ ވ. މުޙައްމަދު ޢަލީ (އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތް)
  • ހައިކޯޓު: އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ވ. ހާޝަން ޕްރަގީތް ޓީއެސްއޯ (އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތް)
  • ހައިކޯޓު: ޢާއިޝަތު އާޒިމާ ޝަކޫރު ވ. މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ (އިޖުރާއީ ނިންމުން)
  • ހައިކޯޓު: ސިވިލް ސަރވިސް ކޮމިޝަން ވ. ޙަސަން ޝިޔާމް (2021/HC-A/198)
  • ހައިކޯޓު: ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އިސްމާޢީލް ޝަފީޤް (2023/HC-A/105,196)

ފަނޑިޔާރުން

ބެންޗު
އިސްމާޢީލް ޝަފީޢު (ރިޔާސަތު)، ޙުސައިން މަޒީދު، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް

ޤަޟިއްޔާ ނަންބަރު:

2026/HC-A/303

އިސްތިއުނާފުކުރި ފަރާތްތައް:

1. ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

2. އަހްމަދު ޙަމްޒާ

3. މުޙައްމަދު ލަޠީފް

4. ޢަބްދުﷲ ޢަލީ

5. ޢަލީ ޝިޔާމް

6. އިބްރާހީމް ޖިހާދު

އިސްތިއުނާފު ރައްދުވި ފަރާތް:

ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)

މައްސަލައިގެ ބާވަތް:

ރަހުނު ވިއްކާލުމުގެ ހުއްދަ

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު އިސްމާޢީލް ޝަފީޢު

ފަނޑިޔާރު ޙުސައިން މަޒީދު

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ނިމުނު ތާރީޚް:

20 ރަބީޢުލްއަޚިރް 1448

01 އޮކްޓޫބަރު 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:

23 މުޙައްރަމް 1448

08 ޖުލައި 2026

އިސްތިއުނާފުކުރެވުނު ނިންމުން:

ޤަޟިއްޔާ ނަންބަރު:

‎3253/Cv-C/2021‎ ގަޒިއްޔާއާއި ގުޅިގެން ނެރުނު "ރަހުނު ވިއްކާލުމުގެ ހުއްދަ" (19 އޭޕްރީލް 2026)

ނިންމި ކޯޓު:

ސިވިލް ކޯޓު

ބާވަތް:

ރަހުނު ވިއްކާލުމުގެ ހުއްދަ

ރަޖިސްޓްރީކުރެވުނު ތާރީޚް:

15 އޭޕްރީލް 2025

ނިމުނު ތާރީޚް:

19 އޭޕްރީލް 2026

* މަދަނީ - އިޖުރާއީ އިއުތިރާޒް - ގާނޫނީ ބަހުސް އަދި އިސްތިއުނާފީ އޮޅިގަނޑު - ޝަރީޢަތުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކުރުން

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު

ތަޢާރަފު:

1. މިއީ، ސިވިލް ކޯޓުގެ ނަންބަރު ‎3253/Cv-C/2021‎ ގަޒިއްޔާއާ ގުޅިގެން ނެރުނު "ރަހުނު ވިއްކާލުމުގެ ހުއްދަ" (19 އޭޕްރީލް 2026) ނިންމާފައިވަނީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ދޮޅިޔަދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް، އަޙްމަދު ޙަމްޒާ، މުޙައްމަދު ލަޠީފް، ޢަބްދުﷲ ޢަލީ، ޢަލީ ޝިޔާމް އަދި އިބްރާހީމް ޖިހާދު (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތްތައް" ކަމަށް ބަޔާންކުރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބަލަމުންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2026/HC-A/303‎ ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)، (މީގެ ފަހުން "އެސް.ބީ.އައި" ކަމަށް ބަޔާންކުރާ) ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ނިންމި ގޮތެވެ.

ސިވިލް ކޯޓުގެ މަރުހަލާ:

ސިވިލް ކޯޓުގެ ނަންބަރު ‎26/Cv-C/2013‎ ގަޒިއްޔާ

2. ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް އެސް.ބީ.އައި އިން 2 ޖުލައި 2006 ގައި ނަންބަރު ‎ADV/196‎ ސެންކްޝަން ސިޓީގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް އެއްބަސްވެގެން ‎USD 10,000,000.00‎ (ދިހަ މިލިއަން ޔޫ.އެސް ޑޮލަރު)ގެ ޓަރމް ލޯނެއް އެ ކުންފުންޏަށް ދޫކުރިއެވެ.

އަދި 17 އޮގަސްޓް 2008 ގައި ނަންބަރު ‎ADV/291‎ ސެންކްޝަން ސިޓީގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް އެއްބަސްވެގެން ‎USD 4,000,000.00‎ (ހަތަރު މިލިއަން ޔޫ.އެސް ޑޮލަރު) އަދި -/380,400,000.00 (ތިރީސް އަށްމިލިއަން ހަތަރުލައްކަ ރުފިޔާ)ގެ ޓަރމް ލޯނެއް ވެސް ދޫކުރިއެވެ.

3. ނަމަވެސް މި ލޯނު އެއްބަސްވުންތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ގޮތަށް ދައްކާފައި ނުވާތީ، އިންޓްރެސްޓާއި ޖޫރިމަނާއާއެކު އެއްފަހަރާ ލިބިގަތުމަށް އެދި ދޮޅިޔަދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގައި އެސް.ބީ.އައިއިން ދައުވާކުރިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު ‎26/Cv-C/2013‎ ގަޒިއްޔާއިންނެވެ.

4. މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އަންނަނިވި ކަންކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމްކުރިއެވެ.

4.1. އެސް.ބީ.އައި އިން 2 ޖުލައި 2006 ގައި ނަންބަރު ‎ADV/196‎ ސެންކްޝަން ސިޓީގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްބަސްވެގެން ‎USD 10,000,000.00‎ (ދިހަ މިލިއަން ޔޫ.އެސް ޑޮލަރު)ގެ ޓަރމް ލޯނަކާއި 17 އޮގަސްޓް 2008 ގައި ނަންބަރު ‎ADV/291‎ ސެންކްޝަން ސިޓީގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްބަސްވެގެން ‎USD 4,000,000.00‎ (ހަތަރު މިލިއަން ޔޫ.އެސް ޑޮލަރު) އަދި -/380,400,000.00 (ތިރީސް އަށްމިލިއަން ހަތަރުލައްކަ ރުފިޔާ)ގެ ޓަރމް ލޯނެއް ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާކަން ސާބިތުވާކަން؛

4.2. މި ޓަރމް ލޯންތަކާ ގުޅިގެން ދޮޅިޔަދޫ އައިލެންޑް ރިސޯޓް (މީގެ ތެރޭގައި އެތަނުގައިވާ އެންމެހައި ޢިމާރާތްތަކާއި ބިނާތަކާއި، ޚިދުމަތްދޭ ވަސީލަތްތަކާއި، މެޝިނަރީއާއި އިކުއިޕްމެންޓްއާއި، މަސައްކަތު ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށި، ތެލި، ސަމުސަލާއި، ފޮތީގެ ސާމާނާއި، ސްޓޮކުގައި ހުރިތަކެއްޗާއި، ލިބެންވާ ފައިސާއާއި، އަދި މިނޫނަސް މުދަލުގެ ތެރޭގައި އެޓޫރިސްޓް ރިސޯޓުގައިވާ، އަދި އެތަނާއި ގުޅިފައިވާ އެތަނުގައި ބޭނުންކުރެވޭ އެންމަހައި ތަކެތި ހިމެނޭ ގޮތުން) ރަހުނު ކުރެވިފައިވާކަން؛

4.3. މި ޓަރމް ލޯންތަކަށް އަމިއްލަ ހައިސިއްޔަތުން ޢަބްދުﷲ ޢަލީ އާއި މުޙައްމަދު ލަޠީފް އާއި އަޙްމަދު ޙަމްޒާ އާއި ޢަލީ ޝިޔާމް އަދި އިބްރާހީމް ޖިހާދު ގެރެންޓީދީފައިވާކަން؛

4.4. ނަންބަރު ‎ADV/196‎ ސެންކްޝަން ސިޓީގެ ދަށުން ދޫކޮށްފައިވާ ޓަރމް ލޯނަށް 28 އޭޕްރީލް 2014 ގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާއާއެކު ޖުމްލަ ‎USD 11,112,119.91‎ (އެގާރަ މިލިއަން އެއްލައްކަ ބާރަހާސް އެއްސަތޭކަ ނަވާރަ އެމެރިކާ ޑޮލަރު ނުވަދިހަ އެއް ސެންޓް) ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނާއި މި ލޯނަށް ގެރެންޓީ ދިން ފަރާތްތަކުން އެސް.ބީ.އައި ދައްކަންޖެހި ނުދައްކާ އޮތްކަން؛

4.5. ނަންބަރު ‎ADV/291‎ ސެންކްޝަން ސިޓީގެ ދަށުން ‎USD 2,927,997.05‎ (ދެ މިލިއަން ނުވަސަތޭކަ ހަތާވީސްހާސް ނުވަސަތޭކަ ނުވަދިހަ ހަތެއް އެމެރިކާ ޑޮލަރު ފަހެއް ސެންޓް ) އާއި -/319,749,817.82 ރ (ތިރީސް ނުވަމިލިއަން ހަތްސަތޭކަ ސާޅީސް ނުވަހާސް އަށްސަތޭކަ ސަތާރަ ރުފިޔާ އަށްޑިހަ ދެލާރި) ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނާއި މި ލޯނަށް ގެރެންޓީ ދިން ފަރާތްތަކުން އެސް.ބީ.އައި އަށް ދައްކަންޖެހި ނުދައްކާ އޮތްކަން؛

4.6. މި ފައިސާ 15 މާރިޗް 2015 އިން ފެށިގެން މީލާދީ 10 (ދިހައެއް) މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭކަން؛

4.7. މި މުއްދަތުގެ ތެރޭގައި މިފައިސާ ދައްކާ ޙަލާސްކޮށްފައިނުވާނަމަ މި ޓަރމް ލޯންތަކާއި ގުޅިގެން ރަހުނު ކޮށްފައިވާ ދޮޅިޔަދޫ އައިލެންޑް ރިސޯޓް ވިއްކާލުމުގެ ހުއްދަ އެސް.ބީ.އައި އަށް ލިބިގެންވާކަން؛

4.8. މި ފައިސާ އަދާކޮށް ލޯނު އެކައުންޓް ބަންދު ކުރެވެންދެން މި ލޯނާ ގުޅިގެން ވެފައިވާ ރަހުނު އެއްބަސްވުންތަކުގެ ދަށުން ބޭންކަށް ލިބިގެންވާ އެންމެހައި ހައްޤުތަކާއި ބާރުތައް ބާޠިލްނުވެ ދެމި އޮންނާނެކަން؛

4.9. މި ޓަރމް ލޯންތަކާއި ގުޅިގެން ޚަރަދުވި ގާނޫނީ ފީ އަށް ލޯނު ދޫކުރި ފަރާތުންނާއި ގެރެންޓީ ދިން ފަރާތްތަކުން ޒިއްމާވަންޖެހޭނެކަން.

ސިވިލް ކޯޓުގެ ނަންބަރު ‎3253/Cv-C/2021‎ ގަޒިއްޔާ (ތަންފީޒީ ގަޒިއްޔާ)

5. ސިވިލް ކޯޓުގެ ނަންބަރު ‎26/Cv-C/2013‎ ގަޒިއްޔާގެ ހުކުމާ އެއްގޮތަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ފައިސާ ދައްކަމުން ނުދާތީ، އެ ގަޒިއްޔާގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އެސް.ބީ.އައި އިން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު ‎3253/Cv-C/2021‎ ގަޒިއްޔާއިންނެވެ.

6. މި ތަންފީޒީ ގަޒިއްޔާގައި މި ޓަރމް ލޯނުތަކާ ގުޅިގެން ރަހުނު ކޮށްފައިވާ "ދޮޅިޔަދޫ އައިލެންޑް ރިސޯޓް" ވިއްކާލުމުގެ އަގެއްގެ ގޮތުގައި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ މެދުގައި ތިން އަގެއް ގެ މައްޗަށް އެއްބަސްވުމަކަށް އާދެވި ތިން ފަހަރެއްގެ މަތިން ތިން އަގަށް ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދި އެސް.ބީ.އައި އިން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، މި ތިންފަހަރުވެސް މި އަގުތަކަށް މި ރަހުނު ވިކިފައެއް ނުވެއެވެ.

7. އެހެންކަމުން، ހަތަރު ވަނަ ފަހަރަށް މި ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދި އެސް.ބީ.އައި އިން ހުށަހެޅުމުން، 19 އޭޕްރީލް 2026 ގައި މި ރަހުނު ‎USD 9,000,000.00‎ (ނުވަމިލިއަން ޔޫ.އެސް.ޑޮލަރު) އަށް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެސް.ބީ.އައި އަށް ދިނެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން މި ކޯޓުގައި އިސްތިއުނާފުކޮށްފައިމިވަނީ މި ނިންމުމެވެ.

ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުން

8. ސިވިލް ކޯޓުގެ ނަންބަރު ‎3253/Cv-C/2021‎ ގަޒިއްޔާއާއި ގުޅިގެން 19 އޭޕްރީލް 2026 ދުވަހު ރަހުނު ވިއްކާލުމަށް ދީފައިވާ ހުއްދައާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.

8.1 ސިވިލް ކޯޓުގެ ނަންބަރު ‎3253/Cv-C/2021‎ ގަޒިއްޔާއާ ގުޅިގެން ނެރުނު ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) އާ ހިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.

އެސް.ބީ.އައި އިން ހުށަހެޅި އިޖުރާއީ އިއުތިރާޒު

9. އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފުކޮށްފައިވާ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމަށް ފަހު، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެސް.ބީ.އައިއަށް އެންގުމުން، މި އިސްތިއުނާފު ބާތިލުކޮށްދިނުމަށް އެދި، މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (‎i‎) އާ ޙަވާލާދީ އެސް.ބީ.އައިއިން އިޖުރާއީ އިއުތިރާޒެއް ހުށަހެޅިއެވެ.

10. އެސް.ބީ.އައިގެ އިޖުރާއީ އިއުތިރާޒު ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ މި މައްސަލައިގެ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާކަމުގެ މައްޗަށާއި، މި އިސްތިއުނާފު ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ މައްޗަށެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

10.1 މި މައްސަލައިގައި އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާކަމަށް ބުނެ އެސް.ބީ.އައިއިން ހުށަހަޅާފައިވާ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ދަށު ކޯޓުން ހަދާފައިވާ ގޯހަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތްތަކަށް ބުނެދެވިފައި ނުވާކަމަށެވެ. ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ހަދާފައިވާ ގޯހެއް އިސްތިއުނާފުކުރާ ފަރާތްތަކަށް ބުނެދެވިފައިނުވާކަމަށެވެ. ކަނޑައެޅިގެން ފައިސާ ދައްކަންޖެހޭ ފަރާތަށް ފައިސާ ދެއްކުން ލަސްކުރުމުގެ ބޭނުމުގައި ނުވަތަ ދަށު ކޯޓުން ކުރަން އަންގާފައިވާ ކަމެއް ނުކޮށް ލަސްކުރުމުގެ ބޭނުމުގައި އިސްތިއުނާފީ މަރުހަލާގެ ބޭނުން ތައައްސުފީ ގޮތެއްގައި ބޭނުންކޮށް އަނެކުންނަށް ގެއްލުން ކުރުމުގެ ނިޔަތުގައި އެކަން ކުރުން ހުއްޓުވައި އިންސާފުގެ ރާސްތާ ކުރުކުރުމަކީ 12"މަދަނީ މައްސަލައާ ގުޅިގެން އަންގާ އެންގުން" އެސް.ބީ.އައިއަށް 19 ޖުލައި 2026 ގައި ފޮނުވާފައިވޭ. އަދި މިއެންގުމާއި ހަމަ އެދުވަހު އެސް.ބީ.އައި އިންހަވާލުވެފައިވޭ ކޯޓުތަކުގެ ޒިއްމާއެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގަޒިއްޔާގައި ކަނޑައަޅާފައިވުމުން، މިފަދަ މެރިޓެއް ނެތް މައްސަލައެއް ހައިކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެކަމަށް ނުދެކޭކަމަށް އެސް.ބީ.އައިއިން ފާހަގަކޮށްފައި ވެއެވެ.

10.2. މި އިސްތިއުނާފު ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުންކަމަށް ބުނެ އެސް.ބީ.އައިއިން ފާހަގަކޮށްފައިވާ ނުކުތާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުގެ އަމަލުތައް މިހާތަނަށް ހުރިގޮތް ބަލާއިރު، ޝަރީޢަތުގެ ބޭރުން މުއާމަލާތް ކުރާއިރު ވަކި ގޮތަކަށް ވާހަކަތައް ދެއްކުމަށްފަހު ޝަރީއަތުގެ އަޑުއެހުންތަކުގައި އެއީ އެ ފަރާތްތަކަށް އެނގިފައިވާ މައުލޫމާތެއް ނޫންކަމަށް ނުވަތަ ޝަރީއަތުގެ ބޭރުން އެއްބަސްވެވުނު އަގަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސް ނުވާނެކަމަށް ބުނުން ފަދަ ކަންކަން ހިނގާފައިވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތްތަކުގެ މި އަމަލުތަކުގެ ސަބަބުން ތަންފީޒީ މަރުހަލާ 5 (ފަހެއް) އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގައި ސިވިލް ކޯޓުން ހަދާފައިވާ ގޯހެއް އިސްތިއުނާފުކުރާ ފަރާތްތަކަށް ބުނެދެވިފައިނުވުމާއި، ރަހުނު ވިއްކާލުމާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު އެތަކެއް މަޝްވަރާތަކެއް ކުރެވިގެން ރަހުނު ވިއްކާލުމުގެ ހުއްދަ ދެވިފައިވާއިރު، ރަހުނު ވިއްކާލުމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުން ވަކި ގޮތެއް ފާހަގަކޮށްފައި ނުވުމާއި އަދި މި މައްސަލައިގައި ހިމެނޭ ފެސިލިޓީތަކަށް އެއްވެސް ވަރަކަށް ފައިސާ ދެއްކުމެއް ނެތި އެއްވެސް އަސާސެއް ނެތި ރަހުނު ވިއްކާލުމުގެ ކަންކަމަށް ހުރަސް އެޅުމަކީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ އަމަލުތައް ކަމަށެވެ.

10.3. އެހެންކަމުން، އެސް.ބީ.އައިއިން އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (‎i‎) ގެ ދަށުން މި އިސްތިއުނާފު ބާތިލު ކޮށްދެއްވުމަށެވެ.

އިޖުރާއީ އިއުތިރާޖުގެ ޖަވާބު

11. އެސް.ބީ.އައިއިން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޖުގެ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މި އިސްތިއުނާފު ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބަދަލުވެދާނެ ފަދަ ގާނޫނީ ބަހުސެއް އޮތުމުންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާ ގާނޫނީ ބަހުސަކީ ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އޮތް ގާނޫނީ ބަހުސެއް ކަމަށެވެ. އެއީ ބޭންކުން ރަހުނު ވިއްކާލުމުގެ ގޮތުން ހަމައެކަނި މިހާރު ނޫސް އަދި ބޭންކުގެ ވެބްސައިޓްގައި ޝާއިއުކުރިކުރުމަކީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 164 ވަނަ މާއްދާ އާ ހަވާލާދީ އެސް.ބީ.އައި އިން ފަރުވާކުޑަކުރީކަމަށް ކަނޑައެޅިދާނެތޯ ނުވަތަ ނޫންތޯއެވެ. އެހެންކަމުން މި ނުކުތާގައި ހައިކޯޓުން ކަނޑައަޅާ ކަނޑައެޅުމުގެ މައްޗަށް ސިވިލް ކޯޓުގެ ނިންމުން ބަދަލުވުމުގެ ފުރުސަތު އޮތްކަމަށާއި، މިއީ ޕްރައިމާ ފޭސީ (‎prima facie‎) މިންގަނޑުން ބަލާއިރު ގާނޫނީ ބަހުސެއް އަދި ސިވިލް ކޯޓުގެ ނިންމުން ބަދަލުވެދާނެ ފަދަ ބަހުސެއް އޮތް ނުކުތާއެއް ކަމަށެވެ.

12. އެސް.ބީ.އައިއިން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޖުގެ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އިސްތިއުނާފުކުރުމުގެ ހައްގަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ހައްގެއްކަމަށާއި، މި އިސްތިއުނާފު ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބަދަލުވެދާނެ ފަދަ ގާނޫނީ ބަހުސެއް އޮތުމުންކަމާއި އެހެންކަމުން، މި މައްސަލައަކީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުށަހަޅާފައިވާ އިސްތިއުނާފެއްކަމުގައި ނުދެކޭކަމަށެވެ. އަދި، އިސްތިއުނާފުކުރާ ފަރާތްތަކުން މި މައްސަލައިގައި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ގޮތެއް އެސް.ބީ.އައިއަށް ބުނެދެވިފައި ނުވާކަމަށެވެ.

13. އެހެންކަމުން، މި އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 287 ވަނަ މާއްދާގެ ދަށުން ބާތިލްކުރަންޖެހޭ އިސްތިއުނާފެއް ނޫންކަމުގައި ކަނޑައަޅާދެއްވައި، އެސް.ބީ.އައިއަށް ޖަވާބު ހުށަހެޅުމަށް އަމުރުކޮށްދެއްވުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭކަމަށެވެ.

ފާހަގަކުރެވުނު ކަންކަން

އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފީ ނުކުތާއެއްތޯ ބެލުން

14. މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (‎i‎) ގައި ބަޔާންކުރަނީ އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20 (ވިހި) ދުވަހުގެ ތެރޭގައި އެ ފަރާތަށް އެދެވިދާނެ ކަންކަމެވެ. މި ގޮތުން އެއް ކަމަކީ، އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންނުވާ ފަރާތަކުން އިސްތިއުނާފު ހުށަހަޅާފައިވާނަމަ ނުވަތަ މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 285 ވަނަ މާއްދާއާ ހިލާފަށް އިސްތިއުނާފެއް ހުށަހަޅާފައިވާނަމަ، އިސްތިއުނާފުގެ މައްސަލަށް ބާތިލުކުރުމަށް އެދުމެވެ.

15. މައްސަލަތަކުގައި ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ، އެ ނިންމުމެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ހިލާފުވެގެން ނުވަތަ އެ ނިންމުމެއްގައި ކޯޓުން ގާނޫނު މާނަކޮށްފައިވަނީ ނުވަތަ ގާނޫނު ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެފައި، އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރުކޮށްފައިވާނަމަ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 282 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެއެވެ.

މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 43 ވަނަ މާއްދާގެ (ހ) ގައި ވެސް ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ހާލަތްތައް ކަމުގައި ބަޔާންކުރާ ހާލަތްތަކެވެ.

16. މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (‎i‎) އާއި މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 282 ވަނަ މާއްދާގެ (ހ) އާއި 285 ވަނަ މާއްދާގެ (ށ) އާ އެކުއެކީގައި ކިޔުމުން، އިސްތިއުނާފުކުރުމުގެ ގާނޫނީ އޮޅިގަނޑު ގިރާކޮށްފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭނަމަ، އެކަމާމެދު މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން އިސްތިއުނާފު ރައްދުވާ ފަރާތަށް އިޖުރާއީ އިއުތިރާޒެއް ނެގިދާނެކަމަށް ދޭހަވާކަމަށް ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އިންޑޮވޭޝަން އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވެއެވެ.

17. އެހެންނަމަވެސް، މި މަރުހަލާގައި ޝަރީއަތުން މައްސަލައިގައި ބަލަންވާނެ މިންގަނޑަކީ، ދެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ފެންނަންހުރި ކަންކަމުގެ މައްޗަށް، މައްސަލައިގެ މައުލޫއުގައި ގާނޫނީ ސަބަބުތައް ހުށަހަޅައި، އަދި ގާނޫނީ ބަހުސެއް އޮތްތޯކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން ވ. ޙައްވާ ސަނާ ގަޒިއްޔާގެ އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވެއެވެ.

18. މިމަރުހަލާއަކީ މައުލޫއީ މައްސަލަ ބެލުމުގެ ކުރިން އަދި މައްސަލައިގެ މައުލޫއުގައި ވާހަކަދެއްކުމުގެ ކުރިން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކީ މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 285 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ހަމަތަކާ އުސޫލުތަކާއި އެއްގޮތަށް ހުށަހެޅިފައިނުވާ މައްސަލައެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމަށް އިޖުރާއީ ނަޒަރަކުން ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މަރުހަލާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޢަލީ ވ. މުޙައްމަދު ޢަލީ ގަޒިއްޔާގެ އިޖުރާއީ އިއުތިރާޒާ މެދު ނިންމި ގޮތުގައި ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

19. އެހެންކަމުން، މި މަރުހަލާގައި ގޮތެއް ކަނޑައަޅަންޖެހޭނީ ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް މައްސަލައިގެ މައުލޫއުގައި މައްސަލަ ބެލުމުގެ ކުރިންނެވެ. މި މަރުހަލާގައި ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި ގުޅޭ ގޮތުން ޝަރީޢަތުން ބަލަންވާނެ މިންގަނޑަކީ ދެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ފެންނަން ހުރި ކަންކަމުގެ މައްޗަށް ނުވަތަ ޕްރައިމާ ފޭސީ (‎prima facie‎) މިންގަނޑުން ބަލާއިރު، މައްސަލައިގެ މައުލޫއުގައި ގާނޫނީ ސަބަބުތައް ހުށަހަޅައި އަދި އެކަމުގައި ގާނޫނީ ބަހުސެއް ޝާމިލުވޭތޯއެވެ.

20. މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 285 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންކަމުގެ އަލީގައި އިސްތިއުނާފުކުރާ ފަރާތްތަކުން ނަގާފައިވާ އިސްތިއުނާފީ ނުކުތާއަށް ނަޒަރަކުރާއިރު، މި ނުކުތާގައި މައިގަނޑު ގޮތެއްގައި ބަޔާންކުރަނީ ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ 19 އޭޕްރީލް 2026 ގައި ދީފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) އާ ހިލާފަށްކަމަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަހުނު ވިއްކާލުމުގެ މުއްދަތު އިތުރުކޮށްދޭންވާނީ ރަހުނު ވިއްކުމުގެ ހުއްދަ ދެވުނު ފަރާތުގެ ފަރުވާ ކުޑަކަމުން ނުވަތަ އިހުމާލުންކަމުގައި ނުވާނަމަކަމަށް މި މާއްދާއަށް ބެލުމުން އެނގެން އޮންނަކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކުރެއެވެ. އަދި ބޭންކުން ރަހުނު ވިއްކާލުމުގައި އަމަލުކުރަންޖެހޭނީ ރަހުނުކޮށްފައިވާ ރިސޯޓު ވިއްކާލެވޭ އެންމެ ބޮޑު އަގެއްގައި ވިއްކާލުމަށްކަމާއި، އަދި ވިއްކާލުމަށްޓަކައި އެކަށީގެންވާ ވަރަށް އިސްތިހާރު ކުރަންޖެހޭކަމަށް މިނުކުތާގެ ތަފްސީލްގައި ބަޔާންކުރެއެވެ. އެހެންކަމުން، މި ނުކުތާގައި ހައިކޯޓުން ކަނޑައަޅާ ކަނޑައެޅުމުގެ މައްޗަށް ސިވިލް ކޯޓުގެ ނިންމުން ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކުރެއެވެ.

21. އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް މަތިމަތިން ފެންނަން ހުރި ކަންކަމުގެ މައްޗަށް ނުވަތަ ޕްރައިމާ ފޭސީ (‎prima facie‎) މިންގަނޑުން ބަލާއިރު، ސިވިލް ކޯޓުގެ ނިންމުން ގާނޫނީ އުސޫލުތަކާއި ހިލާފުވާކަމަށް ދެކޭ ސަބަބުތަކާއި، އެ ނިންމުމަށް ވާސިލުވެފައިވާ ގޮތް ގޯސްކަމަށް ދެކޭ ސަބަބުތައް އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 285 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މިންގަނޑަށްފެތޭ، ޝަރީއަތުގެ ތެރެއިން އިތުރަށް ބަލައިގެން މެނުވީ ގޮތެއް ނުނިންމޭނެ ހާލަތެއް ވުޖޫދުގައި އޮތުމުގެ އިހުތިމާލު އޮތް އިސްތިއުނާފެއްކަމުގައި ބެލެވެއެވެ. އަދި މައްސަލައިގެ މައުލޫއުގެ ތެރެއިން އިސްތިއުނާފީ އޮޅިގަނޑާމެދު ނުވަތަ މައްސަލައިގެ މައުލޫއާގުޅޭ ގޮތުން ޝަރީޢަތުން ގޮތެއް ނިންމަންޖެހޭނީ، އިސްތިއުނާފީ ނުކުތާއާ ގުޅޭ ގޮތުން ވާހަކަދައްކައި އެއަށް ރައްދު ދިނުމުގެ ފުރުސަތުދެވި، ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބިނާކޮށްގެން ކަމުގައި ދެކެމެވެ. މި ބަހުސަކީ މައްސަލައިގެ މައުލޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ބަހުސެއްކަމުގައިވާތީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފީ ނުކުތާއެއް ނޫންކަމަށް މި މަރުހަލާގައި ކަނޑައެޅޭނެ ފަދަ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުން

22. ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓެއްގައި އުފުލޭ ދައުވާއެއް ކޯޓަށް ހުށަހެޅުމުގައި ނުވަތަ އެފަދަ ދައުވާއެއް ކޯޓުގައި ހިންގުމުގެ މަރުހަލާގައި މައްސަލައިގެ ހަސްމަކު ނުވަތަ ހަސްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުމެވެ.

23. ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލުތަކުގެ ތެރޭގައި ސަބަބެއް ނުވަތަ ބޭނުމެއްނެތި ކުރާ އަމަލުތަކާއި އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ އަމަލުތަކާއި، ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއްނެތި އެހެން ފަރާތަކަށް ގެންލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުމާއި، އާންމު މަޝްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ އަމަލުތަކާއި އަދި މި ނޫންވެސް އިންސާފުގެ ހަގީގީ މަގްސަދު ގެއްލޭގޮތަށް ޝަރީޢަތުގެ ނިޒާމު ބޭނުންކޮށްފައިވާކަމަށް ބެލެވޭ އަމަލުތައް ހިމެނެއެވެ.

24. ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ ކޯޓަށް ހުށަހެޅި ހުށަހެޅުން ބާޠިލުކުރުމަކީ ކޯޓަށް ލިބިދޭ އިހްތިޔާރެއްކަމަށްވާއިރު، ކޯޓުން މި އިހްތިޔާރު ބޭނުންކުރުމުގައި ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ކުޅަ އަމަލަކީ ކޮބައިކަން ބަލަންވާނީ، ހުށަހެޅިފައިވާ ހުށަހެޅުމުގެ ތަރަހައިގެ ތެރެއިންނެވެ. މިކަން ބެލުމުގެ ތެރޭގައި ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށް ކުޅަ އަމަލަކީ ކޮބައިކަން ސާފުކޮށް ބުނެދެވިފައިވޭތޯ އާއި، އެކަމުގައި އެއްވެސް އަސާސެއް ހިމެނޭތޯ ދެނެގަންނަންޖެހެއެވެ.

25. ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ކަނޑައަޅަންޖެހޭނީ އެކަން ސާފުކޮށް ފާޅުވާނަމައެވެ. މައްސަލައެއްގެ ގާނޫނީ ނުކުތާތައް ބަލިކަށިވުމަކީ، ނުވަތަ އެ މައްސަލައެއް ކާމިޔާބުވާނެކަމުގެ ފުރުސަތު ހަނިވުމަކީ އާންމު އުސޫލުން ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، މައްސަލަ ބާތިލްކުރެވޭނެ ސަބަބެއްނޫންކަމާއި، ދައުވާ ފޯމުގައި ޚުސޫމާތެއް އުފައްދާފައިވާނަމަ، އަދި އެ ދަފްޢަކީ ފަނޑިޔާރެއް ގޮތެއް ކަނޑައަޅަންޖެހޭފަދަ ދަފްޢެއްނަމަ ހުސޫމަތު ކާމިޔާބުވުން ހަނިވުމުގެ މައްޗަށް ބަލައި، މައްސަލަ ހުށަހެޅުމުގައި އިންސާފަށް ހުރަސްއަޅާފައިވާކަމަށް ބަލައިގެން ނުވާނެކަމާއި ނުވަތަ އެކަމަކީ ވަގުތު ބޭކާރު ކުރުމުގެ ބޭނުމުގައި ކޮށްފައިވާ އަމަލެއްކަމަށްވެސް ބަލައިގެން ނުވާނަކެމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ވ. ހާޝަން ޕްރަގީތް ޓީއެސްއޯ ގަޒިއްޔާގެ އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލަ ހުށަހަޅާ ފަރާތުގެ ދައުވާ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދީ އިޖުމާލީ ގޮތެއްގައި ދައުވާކުރާ ފަރާތުން ކުޅަ ދައުވާއަށް ނަޒަރުކޮށް، އެ މައްސަލަ ހުށަހަޅާފައިވަނީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށްކަމަށް ނިންމާ، އެ މައްސަލަ ބާތިލްކުރުމަކީ ޝަރީއަތަށް ލިބިދޭ އިހްތިޔާރު ހަރުކަށިގޮތެއްގައި ބޭނުންކުރުންކަމުގައި ބެލެވިދާނެކަމަށްވެސް ބުނެވުނު ގަޒިއްޔާގެ އިޖުރާއީ އިއުތިރާޒާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވެއެވެ.

26. މި ކޯޓުގެ ޢާއިޝަތު އާޒިމާ ޝަކޫރު ވ. މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ ގަޒިއްޔާގެ އިޖުރާއީ ނިންމުމުގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ފާހަގަކުރައްވާފައިވާ ފަދައިން، އިސްތިއުނާފުކުރުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއްކަމަށްވާއިރު، މީހަކު މައްސަލައެއް އިސްތިއުނާފުކުރީ ވަގުތު ބޭކާރުކުރުމަށް ނުވަތަ މައުލޫއީ މައްސަލަ ބެލުން ލަސްކުރުމަށް ކަމުގެ މައްޗަށް ޝައްކެއް އުފައްދައި، މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 421 ވަނަ މާއްދާގެ ބޭނުން ހިފާނަމަ، ކޮންމެވެސް މިންވަރެއްގެ ހަގީގަތެއް ހުށަހަޅަންވާނެ ކަމަށް އަހުރެންނަށްވެސް ގަބޫލުކުރެވެއެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފީ ހައްގު އިޖުރާއީ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ބޭނުންކުރުމަކީ އޭގެ ޒާތުގައި ނުބައި ނިޔަތެއް ފާޅުވާން ނެތި ނުވަތަ ޝައްކުގެ މަހައްލުނެތި، ޝަރީޢަތުގެ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންކުރެވޭ ކަމެއްގެ ގޮތުގައި ބެލެވިގެންވާނެކަމެއް ނޫންކަމަށް އަހުރެންވެސް ދެކެމެވެ.

27. މި މައްސަލައަކީ ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމުގެ ގޮތުން ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށް އެސް.ބީ.އައިއިން ހުށަހަޅާފައިވާ ސަބަބަކީ އިސްތިއުނާފުކުރާ ފަރާތްތަކުން އެސް.ބީ.އައިއާ އެކު ޝަރީޢަތުން ބޭރުން މުއާމަލާތް ކުރާއިރު ވަކި ގޮތަކަށް ވާހަކަތައް ދެއްކުމަށްފަހު ޝަރީއަތުގެ އަޑުއެހުންތަކުގައި އެއީ އެފަރާތްތަކަށް އެނގިފައިވާ މައުލޫމާތެއް ނޫންކަމަށް ނުވަތަ ޝަރީއަތުން ބޭރުން އެއްބަސްވެވުނު އަގަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްނުވާނެކަމަށް ބުނުން ފަދަ ކަންކަން ހިންގާފައިވާތީ އިސްތިއުނާފުކުރާ ފަރާތްތަކުގެ މި އަމަލުތަކުގެ ސަބަބުން ތަންފީޒީ މައްސަލަ 5 (ފަހެއް) އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާތީކަމަށް އެސް.ބީ.އައި އިން ފާހަގަކޮށްފައި ވެއެވެ. އަދި މި އިސްތިއުނާފަކީ މި މައްސަލައިގައި ހިމެނޭ ފެސިލިޓީތަކަށް އެއްވެސް ވަރަކަށް ފައިސާ ނުދައްކާ އެއްވެސް އަސާސެއްނެތި ރަހުނު ވިއްކާލުމަށް ހުރަސް އަޅައި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުން ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށް އެސް.ބީ.އައި އިން ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކަށް ސިވިލް ކޯޓުގެ ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގައި ސިވިލް ކޯޓުން ހަދާފައިވާ ގޯހެއް ބުނެދެވިފައިނުވާތީއާއި، ރަހުނު ވިއްކާލުމަށް ވަކި ގޮތަކަށް އިއުލާނުކުރުމާއި ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތްތަކުން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީކަމަށް އެސް.ބީ.އައި އިން ބުނެއެވެ.

28. މިކަންކަމަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ ރަހުނު ވިއްކާލުމަށް އިސްތިއުނާފުކުރާ ފަރާތްތަކާއި އެސް.ބީ.އައިއާ ދެމެދު އެއްބަސްވެފައިވާ ގޮތަކީ ފުރަތަމަ އަގަކަށް ‎USD 15,000,000.00‎ (ފަނަރަ މިލިއަން ޔޫ.އެސް ޑޮލަރު)، ދެވަނަ އަގަކަށް ‎USD 12,000,000.00‎ (ބާރަ މިލިއަން ޔޫ.އެސް.ޑޮލަރު)، ތިންވަނަ އަގަކަށް ‎USD 10,000,000.00‎ (ދިހަ މިލިއަން ޔޫ.އެސް. ޑޮލަރު) ކޮންމެ 45 (ސާޅީސް ފަހެއް) ދުވަހުން އަގު ދަށްކުރަމުން ދާ ގޮތަށެވެ.

29. ބުނެވުނު އަގުތަކަށް އެސް.ބީ.އައިން ތިން ފަހަރެއްގައި މަސައްކަތްކޮށްގެން ވެސް ރަހުނު ވިއްކާލެވިފައި ނުވާތީ އަލުން ދެފަރާތަށް ވެސް އެއްބަސްވެވޭ އަގެއް ކަނޑައެޅުމަށްޓަކައި، އެސް.ބީ.އައިއިން ހަތަރުވަނަ ފަހަރަށް ސިވިލް ކޯޓުގައި ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދުނެވެ. މި ފަހަރު ‎USD 9,000,000.00‎ (ނުވަ މިލިއަން ޔޫ.އެސް. ޑޮލަރު) އަގު ކަނޑައަޅާފައިވަނީ ދެފަރާތުން އެއްބަސްވި އެންމެ ކުޑަ އަގަށް ރިއާޔަތްކުރުމަށްފަހު ސިވިލް ކޯޓުންނެވެ.

30. މި މައްސަލައިގައި ހިމެނޭ ރަހުނު ވިއްކާލުމަށްޓަކައި ސިވިލް ކޯޓުން ދިން 3 (ތިނެއް) ހުއްދަ އާ ގުޅިގެން ވެސް އެސް.ބީ.އައިއިން ރަހުނު ވިއްކާލުމަށްޓަކައި މަސައްކަތްކޮށްފައިވަނީ އެއް އިޖުރާއަތަކުންކަމާއި، މި ތިންފަހަރު ވެސް ރަހުނު ވިއްކާލުމުގެ އިއުލާން ޝާއިއުކޮށްފައިވަނީ އެސް.ބީ.އައި ވެބް ސައިޓް އަދި މިހާރު ނޫހުގައިކަން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ.

31. ތިންފަހަރު މަތިން ވެސް ސިވިލް ކޯޓުން އެސް.ބީ.އައިއަށް ދިން ހުއްދައާ ގުޅިގެން އެސް.ބީ.އައިއިން އަމަލުކޮށްފައިވަނީ އެއް އިޖުރާއަތަކުން ކަން އެނގެން އޮންނައިރު، އެ ތިން ފަހަރު ވެސް ރަހުނު ވިއްކާލުމަށް އެސް.ބީ.އައިއިން އިސްތިހާރުކޮށްފައިވަނީ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާއިރު، އަދި އެ ނިންމުންތައް ވެސް އިސްތިއުނާފުކޮށްފައި ނުވާއިރު، މިހާރު މި ރަހުނު ކުޑައަގަކަށް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދިނުމުން، އެސް.ބީ.އައިއިން އެކަށީގެންވާ ވަރަށް މަސައްކަތެއް އަދި އިސްތިހާރެއް ނުކުރެޔޭ ބުނެ ޝަކުވާކޮށްފައިވަނީ ހެޔޮނިޔަތުގައިކަން ބަލައިގަތުމަށް އަހުރެންނަށް ދައްޗެވެ. އިސްވެ ބަޔާންކުރި ފަދައިން، މި ރަހުނު ވިއްކާލުމަށް ދެ ފަރާތުން އެއްބަސްވެ ތިން ފަހަރެއްގެ މަތިން އެސް.ބީ.އައި ގެ ވެބްސައިޓްގަ އާއި މިހާރު ނޫހުގައި އިއުލާނުކޮށްގެން މަސައްކަތްކޮށްފައި ވެއެވެ. އިސްތިއުނާފުކުރެވޭ ރަހުނު ވިއްކާލުމުގެ ހުއްދައަކީ ވެސް ހަމަ އޭރު ވެސް ރަހުނު ވިއްކާލުމަށް އިއުލާނުކުރި ފަދައިން އެއްވެސް ތަފާތެއް ނެތި ކޮށްފައިވާ އިއުލާނެކެވެ. ތަފާތަކީ ހަމައެކަނި ރަހުނު ވިއްކާލުމަށް އިއުލާނުކުރެވުނު އަގެވެ. އެހެންކަމަށް ވާނަމަ، ‎USD 15,000,000.00‎ (ފަނަރަ މިލިއަން ޔޫ.އެސް ޑޮލަރު)އަށް ރަހުނު ވިއްކާލަށް އެސް.ބީ.އައި ގެ ވެބްސައިޓްގަ އާއި މިހާރު ނޫހުގައި ކުރި އިއުލާނަކީ ފަރުވާކުޑަކޮށް ނުވަތަ އެކަށީގެންވާ މަސައްކަތެއްކޮށްގެން ކޮށްފައިވާ އިއުލާނަކަށް ނުވާނަމަ، މިހާރު ‎USD 9,000,000.00‎ (ނުވަ މިލިއަން ޔޫ.އެސް. ޑޮލަރު)އަށް ރަހުނު ވިއްކާލުމަށް ހަމަ މި ދެ މަންސާގައި ކޮށްފައިވާ އިއުލާނަކީ ބޭންކުގެ ފަރުވާކުޑަ އަމަލެއްކަމަށް ނުވަތަ ރަހުނު ވިއްކާލުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް ކޮށްފައިވާ އަމަލެއްކަމުގައި ބަލާނެ އެއްވެސް ހަމައެއް ބުއްދީގެ ހަމަތަކުން ވިސްނާއިރު އަހުރެންނަކަށް އެއްވެސް މިންވަރަކަށް ގަބޫލެއް ނުކުރެވެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުގެ އަމަލުތަކުން އަހުރެންނަށް ނެރެވޭ ދޭހައަކީ ނުވަތަ ވާސިލުވެވޭ ނަތީޖާއަކީ ރަހުނު ވިއްކާލުމަށް ހަތަރުވަނަ ފަހަރަށް އިއުލާނުކުރެވޭ އަގާ މެދު އިސްތިއުނާފުކުރާ ފަރާތްތަކުން ހިތްހަމަނުޖެހޭތީ، މި މައްސަލަ އިސްތިއުނާފުކޮށްފައި އޮތް އޮތުމެވެ. އެހެން ނަމަވެސް، މި ދެންނެވުނު ސަބަބުތަކުގެ އަލީގައި އެސް.ބީ.އައި ގެ ވެބްސައިޓްގަ އާއި މިހާރު ނޫހުގައި އިއުލާނުކުރުމަކީ ރަހުނު ވިއްކާލުމަށް ބޭންކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުންކަމަށް ވާނަމަ، އެ ޝަކުވާ މާކުރިން ހުށަހަޅާފައި އޮތީހެވެ. ނުވަތަ ރަހުނު ވިއްކާލުމަށް ފުރަތަމަ ދިން ހުއްދައާ މެދު ހިތްހަމަ ނުޖެހިގެން، އެ ނިންމުން އިސްތިއުނާފުކޮށްފައިވާނެކަމަށް ބެލެވޭނެއެވެ.

32. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 421 ވަނަ މާއްދާގެ (ށ) ގައި ލިސްޓުކުރެވިފައިވާ އަމަލުތަކަށް ބަލާއިރު، ސަބަބެއް ނުވަތަ ބޭނުމެއް ނެތި ކުރާ އަމަލުތައް ނުވަތަ ވަގުތު ބޭކާރުކުރުމުގެ އަމަލުތައް ނުވަތަ އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ އަމަލުތަކަކީ ‎frivolous and vexatious claims‎ ގެ ގޮތުގައި ބެލެވޭ އަމަލުތަކެވެ. އަދި، ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާ ފަދަ ގޮތަކަށް އިޖުރާއަތުގެ ބޭނުންކުރުމަކީ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކުރުންކަމަށް ބަޔާންކުރާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތައް އަމަލުކޮށްފައިވާ ގޮތުން މި ޝަރުތުތައް ފުރިހަމަވާކަމަށް އިސްވެ ބަޔާންކުރެވުނު ސަބަބުތަކުގެ އަލީގައި އަހުރެންނަށް ގަބޫލުކުރެވެއެވެ.

ނިންމަން ފެންނަ ގޮތް

33. އިސްވެ ފާހަގަކުރި ކަންކަން އެހެން ހުރުމުން، އެސް.ބީ.އައިއިން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރެއިން، މި އިސްތިއުނާފަކީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުން ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށްވާތީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 421 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ މި އިސްތިއުނާފު ބާޠިލުކުރަންޖެހޭކަމުގައި ދެކެމެވެ.

ފަނޑިޔާރު ޙުސައިން މަޒީދު ރައުޔު

34. މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢު ފާހަގަކުރަށްވާފައިވާ ފަދައިން އެސް.ބީ.އައިގެ އިޖުރާއީ އިއުތިރާޒު ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ މި މައްސަލައިގެ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާކަމުގެ މައްޗަށާއި، މި އިސްތިއުނާފު ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ މައްޗަށެވެ.

35. މިގޮތުން އިޖުރާއީ ފުރަތަމަ ނުކުތާއަށް ބަލާއިރު، މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔުގެ 20 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް މަތިމަތިން ފެންނަން ހުރި ކަންކަމުގެ މައްޗަށް ނުވަތަ ޕްރައިމާ ފޭސީ (‎prima facie‎) ގޮތެއްގައި ބަލާއިރު، ސިވިލް ކޯޓުގެ ނިންމުން ގާނޫނީ އުސޫލުތަކާއި ހިލާފުވާކަމަށް ދެކޭ ސަބަބުތަކާއި، އެ ނިންމުމަށް ވާސިލުވެފައިވާ ގޮތް ގޯސްކަމަށް ދެކޭ ސަބަބުތައް އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 285 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މިންގަނޑަށްފެތޭ، ޝަރީޢަތުގެ ތެރެއިން އިތުރަށް ބަލައިގެން މެނުވީ ގޮތެއް ނުނިންމެނެ ހާލަތެއް ވުޖޫދުގައި އޮތުމުގެ އިހުތިމާލު އޮތް އިސްތިއުނާފެއްކަމުގައި ބެލެވެއެވެ. އަދި މައްސަލައިގެ މައުލޫއުގެ ތެރެއިން އިސްތިއުނާފީ އޮޅިގަނޑާމެދު ނުވަތަ މައްސަލައިގެ މައުލޫއާގުޅޭ ގޮތުން ޝަރީޢަތުން ގޮތެއް ނިންމަންޖެހޭނީ، އިސްތިއުނާފީ ނުކުތާއާ ގުޅޭ ގޮތުން ވާހަކަދައްކައި އެއަށް ރައްދު ދިނުމުގެ ފުރުސަތުދެވި، ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބިނާކޮށްގެން ކަމުގައި ދެކެމެވެ. މި ބަހުސަކީ މައްސަލައިގެ މައުލޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ބަހުސެއްކަމުގައިވާތީ، އިސްތިއުނާފްކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފީ ނުކުތާއެއް ނޫންކަމަށް މި މަރުހަލާގައި ކަނޑައެޅޭނެ ފަދަ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

36. މިފަދައިން އަޅުގަނޑަށްވެސް ޤަބޫލުކުރެވޭ ހިނދު، އިސްތިއުނާފީ ނުކުތާއަށް މައުޟޫއީގޮތެއްގައި ބަހުސްކޮށް މި ކޯޓުން ގޮތްކަނޑައެޅުމުގެ ކުރިން ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ މައްޗަށް ނަގާފައިވާ އިޢުރިރާޝާމެދު މިހިނދުގައި ގޮތެއް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ.

37. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2026/HC-A/303‎ ގަޒިއްޔާގެ އިސްތިއުނާފު މައްސަލަ މައުޟޫއީގޮތުން ބަލަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު

38. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2026/HC-A/303‎ ޤަޟިއްޔާގެ އިސްތިއުނާފު ބާޠިލްކޮށް ދިނުމަށް އެދި މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތުން އިޖުރާއީ އިޢުތިރާޒެއް ހުށަހަޅާފައިވަނީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އެއީ، މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓި ފަނޑިޔާރުގެ ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، މި މައްސަލަ އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާނުކުރުމާއި ޝަރީޢަތުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.

39. މި މައްސަލަ އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާނުކުރާކަމަށް ބުނެ އިޖްރާޢީ އިޢުތިރާޒު ނަގާފައިވަނީ މަދަނީ އިޖްރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަށް ދެކިގެންކަން އެނގެއެވެ.

40. މަދަނީ އިޖްރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފު ހުށަހަޅަންވީ ގޮތެވެ. އެގޮތުން އިސްތިއުނާފުކުރުމަށް މައްސަލައެއް ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމެއް މެދުވެރިކޮށް ކަމާއި އެހުށަހެޅުމުގައި އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާތަކާއި އޭގެ ޤާނޫނީ ސަބަބުތަކާއި އެފަރާތުން އެދެނީ ޙުކުމް ބާޠިލު ކުރަންކަން ނުވަތަ ޙުކުމް އިޞްލާޙް ކުރަންކަން ބަޔާންކުރަންވާނެ ކަމަށް އެމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ. މި މައްސަލައިގައި އިސްތިއުނާފު ހުށަހަޅާފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުން ކަމާއި އެ އިސްތިއުނާފު ބިނާކުރި ޤާނޫނީ ނުކުތާއާ ސަބަބު ބަޔާންކޮށްފައިވާ ކަމާއި އަދި ދަށު ކޯޓުގެ ނިންމުން ބާޠިލްކޮށް ދިނުމަށް އެދިފައިވާކަން އިސްތިއުނާފު ފޯމަށް ބެލުމުން އެނގެއެވެ.

41. މި މައްސަލަ އިސްތިއުނާފު ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާގައިވަނީ؛ ސިވިލް ކޯޓުގެ ނަންބަރު ‎3253/Cv-C/2021‎ ޤަޟިއްޔާގައި "ރަހުނު ވިއްކާލުމުގެ ހުއްދަ" އިގެ މުއްދަތު އިތުރުކޮށްފައިވަނީ، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު: ‎2022/R-105‎) ގެ 164 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ.

އެ މާއްދާގައި ވަނީ؛ ރަހުނު ވިއްކާލުމުގެ ހުއްދަ 164. (ހ) ރަހުނު ވިއްކާލުމުގެ ހުއްދަ ދިން މުއްދަތުގައި ރަހުނު ވިއްކައިލެވިފައި ނުވަނީ ދެވުނު މުއްދަތު އިތުރުކުރުން ރަހުނު ވިއްކުމުގެ ހުއްދަ ދެވުނު ފަރާތުގެ ފަރުވާކުޑަކަމުން ނުވަތަ އިހުމާލަކުން ކަމުގައި ނުވާނަމަ، ރަހުނުގެ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދޭ ހާލަތުގައި ރަހުނު ވިއްކައިލުމުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ވާނެއެވެ. މިފަދައިންނެވެ.

42. މި މައްސަލައިގައި ކޯޓުން ވިއްކާލުމުގެ ހުއްދަ ދީފައިވާ ރަހުނަކީ، އޭގެ ކުރިން 3 (ތިނެއް) ފަހަރެއްގެ މަތިން ވިއްކާލުމުގެ ހުއްދަ ބޭންކަށް ދިނުމުން ވިއްކާލެވިފައިނުވާ ރަހުނެއް ކަމާއި އެރަހުނު ވިއްކާލުމުގައި ބޭންކުން ޢަމަލުކޮށްފައިވަނީ، ރަހުނު ވިއްކާލުމުގެ އިޢުލާން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ވެބްސައިޓް (‎mv.statebank‎) ގައި އަދި "މިހާރު ނޫސް" (‎www.mihaaru.com‎) ގައި ޝާއިޢުކޮށްގެން ކަމާއި އެއީ ރަހުނު ވިއްކާލުމުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުން ކަމަށް ނުބެލެވޭނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކުރި ނުކުތާއާ ގުޅިގެން އެއީ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާކަމަށް ބެލެވެން ނެތްކަމަށް "ރަހުނު ވިއްކުމުގެ ހުއްދަ" (14 ވަނަ ނަންބަރު) ގައި ކަނޑައަޅާފައިވެއެވެ. މަދަނީ އިޖްރާއަތުގެ ޤާނޫނު ނުވަތަ ގަވާއިދުގައި ކޯޓުން ރަހުނު ވިއްކާލުމަށް ހުއްދަ ދިނުމުން ރަހުނު ވިއްކާލުމުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދެވޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތެއް ނުވަތަ އުޞޫލެއް ބަޔާންކޮށްފައި ނުވެއެވެ. އެކަން ދޫކޮށްލެވިފައިވަނީ ރަހުނު ވިއްކުމުގެ ހުއްދަދެވޭ ފަރާތުގެ އިޚްތިޔާރަށެވެ. އަދި މި ރަހުނު ވިއްކުމުގެ ހުއްދަ ދިން އަމުރުގައި ރަހުނު ވިއްކާލުމުގެ ކަންކަން (އިޢުލާން) ކުރަން ޖެހޭ ގޮތެއް ބަޔާންކޮށްފައިނުވެއެވެ. މި މައްސަލައިގެ ރަހުނު ވިއްކާލުމުގައި، އިސްތިއުނާފުރައްދުވާ ފަރާތުން ޢަމަލުކޮށްފައިވަނީ އެފަރާތުންނާއި އަދި ރާއްޖޭގެ އެހެން ބޭންކުތަކުންވެސް މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުންދާ ގޮތަށްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ.

43. ދަށު ކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު: ‎22/2010‎) ގެ 43 ވަނަ މާއްދާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ.

ދަށު ކޯޓުތަކަށާއި 43. މި ޤާނޫނުގެ 38 ވަނަ މާއްދާއާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ. ނިންމުންތައް (ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ އިސްތިއުނާފުކުރެވޭނެ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ޙާލަތްތައް ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.

(ނ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ ޢައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.

(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.

(2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.

(3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.

(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.

44. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު:‎32/2021‎) ގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ އަންނަނިވި ފަދައިންނެވެ.

އިސްތިއުނާފުކުރެވިދާނެ 282. (ހ) މި ޤާނޫނުގެ 280 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ނިންމުންތަކުގެ ތެރެއިން ނިންމުމެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ، އެ ނިންމުމެއް ޤާނޫނުއަސާސީއާއި، ނުވަތަ ޤާނޫނަކާ ޚިލާފުވެގެން ނުވަތަ އެ ނިންމުމެއްގައި ކޯޓުން ޤާނޫނު މާނަކޮށްފައިވަނީ ނުވަތަ ޤާނޫނު ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެފައި، އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރުކޮށްފައިވާނަމައެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޝަރީޢަތުގެ މަރުޙަލާގައި ކަނޑައަޅާފައިވާ އިޖުރާއަތާ ޚިލާފަށް ހިނގާފައިވާ ކަމެއް އެ ކޯޓުގައި ހިނގިއިރު ޚަޞްމަކު އެކަން ފާހަގަކޮށްފައިވީނަމަވެސް، ކޯޓުން މައްސަލަ ނިންމިއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާނަމަ އަދި އެކަމެއްގެ ސަބަބުން ސީދާ މައްސަލައިގެ ޙުކުމަށް އަސަރުކޮށްފައިވާކަމަށް ޚަޞްމަކަށް ޤަބޫލުކުރެވޭނަމަ ހައިކޯޓަށް އެ މައްސަލައެއް އިސްތިއުނާފުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

45. ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖްރާއަތުގެ ގަވާއިދުގައި ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ގޮތް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

އިސްތިއުނާފުކުރުން އަދި 31. (ހ) ޤާނޫނު ނަންބަރު ‎32/2021‎ (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ސައްބީސް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅިދާނެ ފަރާތްތައް ޙަދުވަލު 1 ގައިވާ ފޯމުންނެވެ.

(ށ) އާންމު އުސޫލެއްގެ ގޮތުން ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، އެ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނަށެވެ. ނަމަވެސް، ޙުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ޚަޞްމަކަށް ނުވިޔަސް، އެ ޙުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ރައްދުވާ ފަރާތަކަށް ނުވަތަ އެ ނިންމުމެއްގެ މަޞްލަޙަތު އޮތް ފަރާތަކަށް އެ ނިންމުމެއް އިސްތިއުނާފުކުރެވިދާނެއެވެ. މިގޮތުން، މަޞްލަޙަތު އޮތްކަން ހައިކޯޓަށް ސާބިތުކޮށްދިނުމަކީ އެ ނިންމުމެއް އިސްތިއުނާފުކުރަން އެދޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

46. ދަށު ކޯޓުން ނިންމާ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ހާލަތްތައް ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ.

ދަށުކޯޓުތަކާއި 27. މި ޤަވާޢިދުގެ 25ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.

ނިންމުންތައް

އިސްތިއުނާފްކުރެވޭނެ

ޙާލަތްތައް

(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤާބޫލުކުރެވޭނެ ކަންކަން ހުރުން (ރ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ ޢައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.

1. އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާގޮތާ ޚިލާފުވުން.

2. ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.

3. ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.

4. ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.

(ނ) ޙުކުމް ކުރުމުގެ ކުރިއަށް ނުވަތަ ނިންމުން، ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލު ކަމަށް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެ އިޖުރާއަތުގެ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއް ކޮށްފައިވާ ނުކުތާއަކަށްވެފައި، މައްސަލަ ބެލި ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި އެނުކުތާއެއް ފާހަގަ ކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާނަމައެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ދައުލަތުގެ އާންމު މަޞްލަޙަތާ ގުޅުންހުރި މައްސަލަތަކުގައި އިޖުރާއަތުގެ ނުކުތާ މައްސަލަ ބެލި ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ނަގާފައި ނުވިނަމަވެސް، އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާއެކު، އެ ނުކުތާ ފުރަތަމަ ފަހަރަށް ހައިކޯޓިގައި ނެގިދާނެއެވެ.

47. ކޯޓުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤު އެމައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާއިރު، އެޙައްޤު ކަށަވަރުކޮށްދީފައިވަނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޙާލަތްތަކާއި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެއީ އެއްވެސް ހުދޫދެއް، އިމެއް ނުވަތަ ގައިދެއްނެތި މުޠްލަޤަށް ދީފައިވާ ޙައްޤެއްނޫންކަން އިސްވެ ބަޔާންވެ ދިޔަ ޤާނޫނު އަދި ގަވާއިދުތަކުގެ މާއްދާތަކަށް ބެލުމުން އެނގެއެވެ. އަދި މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (‎2019/SC-L/91‎) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން ވ.ޙަސަން ޝިޔާމް (‎2021/HC-A/198‎) އާއި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ.އިސްމާޢީލް ޝަފީޤް (‎2023/HC-A/105,196‎) ޤަޟިއްޔާތަކުގައި ޤާއިމްކޮށްފައިވާ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރުމުގެ އުޞޫލަށް ބެލުމުން އިތުރަށް ސާފުވެއެވެ.

48. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަމަކީ، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ "ރަހުނު ވިއްކާލުމުގެ ހުއްދަ" އިގެ ނިންމުން ނިންމި ގޮތާމެދު ނުވަތަ އެނިންމުމުގެ ކުރިއަށް ހިންގުނު އިޖްރާއަތެއް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ނުވަތަ/އަދި އުޞޫލަކާ ޚިލާފުވާކަމަށް ބުނެ ހުށަހަޅާފައިވާ އިސްތިއުނާފެއް ނޫނެއެވެ. އެއާޚިލާފަށް މިއީ ކޯޓުން ދީފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައިގެ ދަށުން ރަހުނު ވިއްކާލުމުގައި އިސްތިއުނާފުރައްދުވާ ފަރާތުން ޢަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެން ނުވަތަ އެގޮތް އެކަށީގެންނުވާ ކަމަށް ދެކިގެން ހުށަހަޅާފައިވާ އިސްތިއުނާފެއްކަން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި އެކަންކަން ފާހަގަ ކުރުމުން، އެކޯޓުން ނިންމާފައިވަނީ ރަހުނު ވިއްކާލުމުގެ އިޢުލާން އިސްތިއުނާފުރައްދުވާ ފަރާތުގެ ވެބްސައިޓްގައި އަދި މިހާރު ނޫސްގައި ޝާއިޢު ކުރުމަކީ އިސްތިއުނާފުރައްދުވާ ފަރާތުން ރަހުނު ވިއްކާލުމުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްނުކުރުން ކަމަށް ބެލެވެންނެތް ކަމަށެވެ. އެބަހީ، ރަހުނު ވިއްކާލުމުގައި އިސްތިއުނާފުރައްދުވާ ފަރާތުން ޢަމަލުކޮށްފައިވަނީ އެކަށީގެންވާ ގޮތެއްގައި ކަމެވެ.

49. ރަހުނު ވިއްކާލުމަށް ދީފައިވާ ހުއްދައިގައި ރަހުނު ވިއްކާލެވޭނެ އެންމެ ދަށް އަގު ކަނޑައަޅާފައިވާއިރު، އެއަގާމެދު ނުވަތަ އެއަގު ކަނޑައެޅި ގޮތާމެދު އިސްތިއުނާފުކުރާ ފަރާތުން އިޢުތިރާޒެއް ނުކުރެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ނުކުތާއަކީ، ރަހުނު ވިއްކާލުމަށް ކޯޓުން ދީފައިވާ ހުއްދައިގެ ދަށުން ރަހުނު ވިއްކާލުމުގެ އިޢުލާން އިސްތިއުނާފުރައްދުވާ ފަރާތުގެ ވެބްސައިޓްގައި އަދި ރާއްޖޭގެ އޮންލައިން ނޫހެއްގެ ވެބްސައިޓްގައި ޝާއިޢު ކުރުމަކީ، ރަހުނު ވިއްކާލުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ބުނެކަން އެނގޭއިރު، އެކަމާގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ގޮތް މަތީގައި ބަޔާންކޮށްފައި އެވަނީއެވެ. މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުން ރަހުނު ވިއްކާލުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނިނަމަވެސް، އެކަމާގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނީ ގޮތުން ގޯސްވާ/ރަނގަޅުނުވާ ގޮތެއް އަދި ސަބަބެއް ބުނެދެވިފައިނުވެއެވެ. މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން، ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާޞިލުނުވެވޭ ކަމާއި، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ، ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމުގެ، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ، ނުވަތަ ޙައްޤުތައް ގެއްލިފައިވާ ކަމަށް ބުނާ ބުނުމުގެ، ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާކަމަށް ބުނާބުނުމުގެ އިތުރު ކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށް ދޭންވާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގައި ކަނޑައަޅާފައިވެއެވެ. އަދި އިސްތިއުނާފީ ނުކުތާތަކުގައި ހަމައެކަނި ޤާނޫނުތަކުގެ މާއްދާތަކެއް ލިޔެފައި އޮތުމަކުން ނުވަތަ ޤާނޫނީ މަސްދަރުތަކެއް ނުވަތަ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކެއް ހިމަނާފައިވުމަކުން ނުފުދޭކަމަށް މިކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އިސްމާޢީލް ޝަފީޤް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށް ނިންމި ނިންމުމުގައި، ޤާނޫނީ ގޮތުން ގޯސްހަދާފައިވާ ގޮތެއް އަދި އެނިންމުން ޤާނޫނީ ގޮތުން ގޯސްވަނީ ކޮން ގޮތަކަށްކަން އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާތީ، މި މައްސަލަ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު ގިރާކުރެވިފައިވާ ނުކުތާއެއް ކަމުގައި އަހުރެންނަކަށް ނުފެނެއެވެ.

50. މި މައްސަލައިގައި ޝަރީއަތުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އިޖްރާއީ އިޢުތިރާޒުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން، ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔުގެ 26 އިން ފެށިގެން 31 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ކަންކަމާއި ސަބަބުތަކަށް އަހުރެން ތާއީދު ކުރަމެވެ.

51. މިކަންކަން މިހެން ހުރުމުން، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުން ނަގާފައިވާ އިޖްރާއީ އިޢުތިރާޒަކީ ޤާނޫނީ ގޮތުން ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ނަގާފައިވާ އިޢުތިރާޒެއް ކަމަށް ފެންނާތީ އެއިޢުތިރާޒު ބަލައިގަނެ، މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކުރަން އަހުރެންނަށް ފެނެއެވެ.

ނިންމުން

ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު ‎3253/Cv-C/2021‎ ގަޒިއްޔާއާއި ގުޅިގެން ނެރުނު "ރަހުނު ވިއްކާލުމުގެ ހުއްދަ" (19 އޭޕްރީލް 2026) އިސްތިއުނާފުކުރުމަށް ދޮޅިޔަދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަޙްމަދު ޙަމްޒާއާއި، މުޙައްމަދު ލަޠީފްއާއި، ޢަބްދުﷲ ޢަލީއާއި، ޢަލީ ޝިޔާމް އަދި އިބްރާހީމް ޖިހާދު ހުށަހަޅާފައިވާ އިސްތިއުނާފަކީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން ހުށަހަޅާފައިވާ އިސްތިއުނާފެއްކަމުގައިވާތީ، ގާނޫނު ނަންބަރު ‎32/2021‎ (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 421 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2026/HC-A/303‎ ގަޒިއްޔާގެ އިސްތިއުނާފު މައްސަލަ ބާތިލުކުރުމަށް ކަނޑައަޅައި، މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އައްލަބިއްޔަތުން ނިންމައިފީމެވެ.

މިނިންމުން ނިންމާފައިވަނީ:

ފަނޑިޔާރު ޙުސައިން މަޒީދު

ފަނޑިޔާރު އިސްމާޢީލް ޝަފީޢު

(ރިޔާސަތު)

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ