ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 66 · 2021/SC-A/70ސުޕްރީމް ކޯޓު · 24 އޮކްޓޫބަރު 2022

އަޙްމަދު ޝިފާއު، ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 އޮކްޓޫބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އަޙްމަދު ޝިފާޢު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

[2022] SC 67

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/263 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އަޙްމަދު ޝިފާޢު (މީގެ ފަހުން "އަޙްމަދު ޝިފާޢު" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2021/SC-A/70 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.

މައްސަލައިގެ ފަސްފަހަތް

މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ އަކީ، އަޙްމަދު ޝިފާޢު މީރާގެ ކޯޕަރޭޓް ބިޒްނަސް ޑިޕާޓްމަންޓުގެ މެނޭޖަރެއްގެ ވަޒީފާ އިން ވަކިވުމަށްޓަކައި 11 ޖޫން 2016 ގައި 30 ދުވަހުގެ ނޯޓިހެއް މީރާއަށް ދީފައިވެއެވެ. އޭގެ ފަހުން، ނޯޓިސްގެ މުއްދަތު ހަމަވެ 12 ޖުލައި 2016 ގައި މީރާގެ ވަޒީފާ އިން އޭނާ ވަކިވި އެވެ.

އަޙްމަދު ޝިފާޢު ވަޒީފާ އިން ވަކިކުރުމުގައި މީރާ އިން ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް އަޙްމަދު ޝިފާޢު 15 ނޮވެންބަރު 2016 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންނަނިވި 02 (ދޭއް) ކަމުގެ މައްޗަށް ބިނާކޮށް ޝަކުވާ ހުށަހެޅި އެވެ.

(ހ) ފުރަތަމަ ކަމަކީ، ވަޒީފާ އިން ވަކިކުރިކަމުގެ ލިޔުން ނުވަތަ ލެޓަރ އޮފް ޓަރމިނޭޝަން ("މީގެ ފަހުން "ލެޓަރ އޮފް ޓަރމިނޭޝަން" މިހެން އިޝާރަތްކޮށްފައިވާ) ދޫކުރިއިރު އެ ލިޔުމުގައި އޭނާ އަދާކުރި މަޤާމުގެ ގޮތުގައި ޑެޕިއުޓީ މެނޭޖަރު ކަމުގައި ޖަހާފައި އޮތުމުން އެކަން އިޞްލާޙުކޮށް، އޭނާ ވަޒީފާ އިން ވަކިވިއިރު ހުރި މަޤާމަކީ މެނޭޖަރެއްގެ ވަޒީފާ ކަމަށް ނިންމަވައި ދެއްވައި، އަދި ލެޓަރ އޮފް ޓަރމިނޭޝަން ހޯދުމާއި އަދި އެ ލިޔުން އަޙްމަދު ޝިފާޢުގެ ޕަރސަނަލް ފައިލަށް ލުމެވެ.

(ށ) ދެވަނަ ކަމަކީ، އަޙްމަދު ޝިފާޢު ފުރިހަމަ ކުރަންޖެހޭ ބޮންޑުގެ މުއްދަތަށް ދައްކަންޖެހޭ ފައިސާ އޮތްކަމަށް ބުނެ ވަޒީފާ އިން ވަކިވުމަށް ނޯޓިސް ދިން މަސް ކަމުގައިވާ 2016 ވަނަ އަހަރުގެ ޖޫން މަހުގެ މުސާރަ އިން އުނިކޮށްފައިވާތީވެ އެ ފައިސާ ހޯދުމެވެ.

މި މައްސަލަ ވަޒިފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ އަޙްމަދު ޝިފާޢު އާ ދެކޮޅަށެވެ. އެ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައި ވަނީ އަންނަނިވި ފަދައިންނެވެ.

(ހ) ލެޓަރ އޮފް ޓަރމިނޭޝަންގައި ޑެޕިއުޓީ މެނޭޖަރެއްގެ ވަޒީފާ ޖަހާފައި ވަނީ އޭނާ ވަޒީފާ އިން ވަކިވިއިރު އަދާކުރަމުން ދިޔަ މަޤާމުގެ ގޮތުގައި ކަމަށެވެ. އަދި ޑެޕިއުޓީ މެނޭޖަރުގެ ގޮތުގައި ލެޓަރ އޮފް ޓަރމިނޭޝަންގައި ޖަހާފައި ވަނީ، ވަޒީފާ އިން ވަކިވުމަށް ނޯޓިސް ފޮނުވިފަހުން، 01 ޖުލައި 2016 ގައި މީރާގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

(ށ) މީގެ އިތުރުން އަޙްމަދު ޝިފާޢު ވަޒީފާ އިން ވަކިވުމަށް ނޯޓިސް ދިންއިރު ފުރިހަމަ ނުކޮށްވާ ބޮންޑެއް އޮތް ކަމަށާއި މީރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 30 ވަނަ މާއްދާގެ ދަށުން ވަޒީފާ އިން ވަކިވާއިރު ބޮންޑު ކުރެވިފައިވާ މުއްދަތަށް އެއްފަހަރާ ފައިސާ ދެއްކުމަށް ބަޔާންކޮށްފައިވާއިރު އެ ފައިސާ އަޙްމަދު ޝިފާޢުގެ ފަރާތުން ދައްކާފައި ނުވާތީވެ، ވަޒީފާއާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން މީރާއަށް ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުން އަޙްމަދު ޝިފާޢުގެ މުސާރަ އިން 21,706ރ. (އެކާވީސްހާސް ހަތްސަތޭކަ ހަރުފިޔާ) އުނިކުރުމަށްފަހު 5530.67ރ. (ފަސްހާސް ފަސްސަތޭކަ ތިރީސް ރުފިޔާ ފަސްދޮޅަސް ހަތްލާރި) އަޙްމަދު ޝިފާޢު އާ ޙަވާލު ކުރެވިފައިވާތީވެ، އޭނާ އެދިފައިވާ ފަދައިން މި މައްސަލައިގައި ގޮތެއް ކަނޑައެޅެން ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

އަޙްމަދު ޝިފާޢު އާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިމުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ އޭނާ އިސްތިއުނާފު ކުރި އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ ނިންމުން ބިނާކޮށްފައި ވަނީ އަންނަނިވި ގޮތުގެ މައްޗަށެވެ.

(ހ) އަޙްމަދު ޝިފާޢުގެ މުސާރަ މީރާ އިން ހިފަހައްޓާފައި ވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ނުކުތާގައި ނިންމާފައިވާ ބައި ބާޠިލުކޮށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ މުސާރަ އަޙްމަދު ޝިފާޢުއަށް 07 (ހަތެއް) ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށް މި މައްސަލައިގައި އޭނާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ފަދައިން މީރާއަށް އަންގައެވެ.

(ށ) ނަމަވެސް ލެޓަރ އޮފް ޓަރމިނޭޝަން ގައި އަޙްމަދު ޝިފާޢުގެ މަޤާމު، ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި ޖަހާފައި ވަނީ އައު އޮނިގަނޑާ އެއް ގޮތަށް ކަމުގައިވާތީވެ އެ ބަޔަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވެ އެވެ.

ބަޔާންވެދިޔަ ގޮތަށް މި މައްސަލަ ނިންމުމާ ވިދިގެން އަޙްމަދު ޝިފާޢު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރި އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އަޙްމަދު ޝިފާޢު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅީ އެންމެ ނުކުތާ އެކެވެ. އެ ނުކުތާގައި ވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާ އާއި 15 ވަނަ މާއްދާ އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާ އާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ އެވެ.

މި އިސްތިއުނާފުގެ ޖަވާބުގައި، މީރާ އިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގަ އެވެ.

އަޙްމަދު ޝިފާޢު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ އާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަހުސް ކުރެވިފައިވޭތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން އޭނާގެ ފަރާތުން ޖަވާބުދީފައި ވަނީ، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާ ތަކުގައިވާ ކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަހުސްކުރެވިފައި ނުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޢާންމު އުސޫލުތައް ބަޔާންވެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބަޔާންވެފައިވާ، މި ޢާންމު އުސޫލުތަކުގެ ޚުލާޞާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ، އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެ އެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެ އެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ހާލަތްތައް ތަފުސީލު ކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެތައް މައްސަލައެއްގައި އެއް ގޮތަކަށް އެ ކަންތައްތައް ފާހަގަކޮށްފައި ވާކަން ވެސް އެނގެ އެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބެލެވޭ ސަބަބުތައް ވާންޖެހޭނީ އެ ސަބަބުތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ވާހަކަ ދެކެވި އެ ކޯޓުގެ ފަނޑިޔާރުންނަށް އެ ސަބަބުތަކާމެދު އެއްޗެއް ބުނުމުގެ ފުރުސަތު ލިބިފައިވާ ސަބަބުތަކަށެވެ.

ވުމާއެކު، އަޙްމަދު ޝިފާޢު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ގޮތެއް ކަނޑައެޅުމުގެ ބަހުސެއް މި މައްސަލައިގައި ނެތެވެ.

މި މައްސަލައިގައި އަޙްމަދު ޝިފާޢު އެދިފައިވާ ފަރުވާ އަކީ ވަޒީފާ އިން ވަކިވިއިރު ހުރި މަޤާމަކީ މީރާގެ މެނޭޖަރެއްގެ ވަޒީފާގައި ކަން ކަނޑައަޅައި ދިނުމުގެ މައްޗަށެވެ. މި ކަމަކީ މި ޚުސޫމަތުގައި ފެށުނީއްސުރެ، ހުރިހާ މަރުޙަލާއެއްގައި ވާހަކަ ދެކެވިފައިވާ މި ރައުޔުގެ 2 ގައި ތަފްސީލު ދެވިފައިވާ އެއް ސުވާލެވެ. ނަމަވެސް މި ސުވާލުގެ ޖަވާބުގައި އޮތީ އިދާރީ ބަހުސެކެވެ. ޤާނޫނީ ބަހުސެއް ނޫނެވެ.

އަޙްމަދު ޝިފާޢު މީރާގައި އަދާކުރި މަޤާމުގެ ނަން ލެޓަރ އޮފް ޓަރމިނޭޝަންގައި ސާފުކޮށް ލިޔާނީ ކިހިނެއް ކަމާމެދު އޮތް ބަހުސެކެވެ. ލެޓަރ އޮފް ޓަރމިނޭޝަން ގައި "ޑެޒިގްނޭޝަން" ގެ ތަފުސީލުގައި ލިޔެފައި އޮތީ، "ޑެޕިއުޓީ މެނޭޖަރ، ކޯޕަރޭޓް ބިޒްނަސް (މެނޭޖަރ އެމް1)" މި ފަދައިންނެވެ. މި ޢިބާރާތުގައި އަޙްމަދު ޝިފާޢު ބޭނުންވާ ފަދައިން އަޙްމަދު ޝިފާޢު މީރާގައި އަދާކުރި މަޤާމުގެ ނަން އެބައޮތެވެ.

އެހެންކަމުން އަޙްމަދު ޝިފާޢު އަދާކުރި މަޤާމަކީ، މެނޭޖަރު ކަމުގައި އެ ޢިބާރާތުގެ ކުރީ ކޮޅުގައި ލިޔެފައި ބްރެކެޓެއްގައި ނުވަތަ އިތުރު ތަފުސީލެއްގައި އޮނިގަނޑަށް ބަދަލު އައުމުގެ ސަބަބުން އެކަން ބުނެދިނުމަށް ޑެޕިއުޓީ މެނޭޖަރ ލިޔެފައި އޮތްނަމަ، އަޙްމަދު ޝިފާޢުގެ ބޭނުމާއި، މީރާގެ ބޭނުން ވެސް ހާސިލުވީހެވެ. އަދި އަދާކުރި މަޤާމާއި، ވަޒީފާގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން މަޤާމުގެ ނަމަށް އައި ބަދަލުގެ ތަރުތީބު ވެސް، ލިޔުމުގައި އޮތް ޢިބާރާތުގައި ރީތިކޮށް، ސާފުކޮށް ތަރުތީބު ކުރެވުނީހެވެ. އަދި އަޙްމަދު ޝިފާޢުގެ މަސްލަހަތު އެ ޢިބާރާތުން އިސްވީހެވެ. އަދި މިހާރު، ލެޓަރ އޮފް ޓަރމިނޭޝަންގައި ޢިބާރާތުގައި ވެސް އަޙްމަދު ޝިފާޢު އަދާކުރި މެނޭޖަރުކަމުގެ ވަޒީފާގެ ވާހަކަ އޮތުމުން، ޤާނޫނީ ގޮތުން އެ ލިޔުމުގައި އައިބެއް އޮތްކަމުގައި ބަލައި ބަހުސްކުރާނެ ޖާގައެއް އަހުރެންނަށް ނުފެނެއެވެ.

ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަށް ނުދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/263 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ