ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 65 · 2021/SC-A/66

މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އިބްރާހީމް ޢަބްދުއްލަޠީފް، ޢާޞިމާ ޙަސަން، ސީމާ އަޙްމަދު، ޢަލީ އަހްރޫޝް އިބްރާހީމް އަދި އާމިނަތު ޢަރޫޝާ އިބްރާހީމް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް)

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
14 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 އޮކްޓޫބަރު 2022ދަށު ކޯޓު: ހައިކޯޓު 2018/HC-A/269ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/269، 1606/Cv-C/2017، 1228/Cv-C/2011
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ރަހުނު ވިއްކުމުގެ މަސައްކަތް ބޭންކުން ކުރަނީ ތަންފީޛީ އިޖުރާއަތުގެ ބޭރުންކަމަށް ބުނެ ހުށަހެޅި ދަޢުވާގައި، ވިއްކުމުގެ ހުއްދަ 1228/Cv-C/2011 ޙުކުމުން ލިބިފައިވާތީ އިތުރު ތަންފީޛީ މައްސަލައެއް ނުޖެހޭކަމަށް ސިވިލް ކޯޓުން ނިންމިއެވެ. ހައިކޯޓުން އެ ނިންމުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކުންފުންޏަކަށް ދޫކުރި ލޯނުތަކުގައި މާލޭގެ ދެ ގޯތި ރަހުނުކޮށް، ބައެއް ފަރާތްތަކުން ގެރެންޓީ ދިނެވެ. 2012 ގައި ސިވިލް ކޯޓުން ދައްކަންޖެހޭ ޢަދަދު ކަނޑައަޅައި، 12 މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ ގޯތިތައް ވިއްކުމުގެ ހުއްދަ ބޭންކަށް ދިނެވެ. ފައިސާ ނުދެއްކުމުން އަހަރުތަކެއް ފަހުން ބޭންކުން ގޯތިތައް ވިއްކުމުގެ މަސައްކަތް އަމިއްލައަށް ފެށުމުން، ދަރަނިވެރިން އެކަމާ ދެކޮޅަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަހުނު ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުގެ ޙުކުމަކުން ދީފައިވާ ހާލަތުގައި، ޙުކުމް ތަންފީޛުކުރުމުގެ ވަކި ގަޟިއްޔާއެއް ކޯޓަށް ހުށަހެޅުމެއް ނެތި ރަހުނު ހިފި ފަރާތަށް އަމިއްލައަށް ރަހުނު ވިއްކާލެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި ރަހުނުކުރުމާބެހޭ ޤަވާޢިދުގެ 10 ވަނަ މާއްދާއާ ޚިލާފަށް ތަންފީޛީ އިޖުރާއަތުގެ ބޭރުން ރަހުނު ވިއްކުމުގެ ހުއްދަ ހައިކޯޓުން ދިންކަމަށާއި، ގޯއްޗެއް ރަހުނުކުރެވިފައިވާކަމަށް ހައިކޯޓުން ކަނޑައެޅީ ޙުކުމުން ބޭރުންކަމަށް އިސްތިއުނާފުކުރި ފަރާތްތަކުން ބުންޏެވެ. ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށާއި، ހައިކޯޓުގައި ނުކުރާ ބަހުސެއް ސުޕްރީމް ކޯޓުގައި ނުކުރެވޭނެކަމަށް ބޭންކުން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނީ ހައިކޯޓުން ހެދި ޤާނޫނީ ނުވަތަ އިޖުރާއީ ގޯހަކަށްކަމުން، ހައިކޯޓުގައި ނުދެކެވޭ އައު ބަހުސާއި ނިހާއީ ޙުކުމެއްގެ އިބާރާތް މާނަކޮށްދިނުމަށް އެދުން ކޯޓުން ބަލައިނުގަތެވެ. ނަމަވެސް ރަހުނު ތަންފީޛުކުރާނަމަ މިހާރު ޢަމަލުކުރާ މަދަނީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ތަންފީޛީ މައްސަލަ ވަކިން ހުށަހަޅަންޖެހޭތީއާއި، އެކަމުގައި ދެފަރާތަށް ބަސްބުނުމުގެ ފުރުޞަތު ދިނުމަށްފަހު، ދަށު ކޯޓުތަކުގެ ޙުކުމްތައް ބާޠިލުކުރެވުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ 2018/HC-A/269 ޙުކުމާއި އެ ޙުކުމުން ތާއީދުކުރި ސިވިލް ކޯޓުގެ 1606/Cv-C/2017 ޙުކުމް ބާޠިލުކުރެވުނެވެ. އިސްތިއުނާފުކުރި ފަރާތްތަކުގެ ތިން ނުކުތާވެސް (ހައިކޯޓުގައި ނުދެކެވޭ އައު ޤާނޫނީ ބަހުސްކަމަށާއި، ނިހާއީވެފައިވާ ޙުކުމެއްގެ އިބާރާތް މާނަކޮށްދިނުމަށް އެދުމެއްކަމަށް ބުނެ) ބަލައިނުގަނެ، ރަހުނު ތަންފީޛުކުރާނަމަ މިހާރު ޢަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ކޯޓަށް ވަކިން ހުށަހަޅައިގެން ކުރަންވާނެ ކަމުގެ ސަބަބުން ދަށު ކޯޓުތަކުގެ ޙުކުމްތައް ބާޠިލުކުރެވުނެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭ ހާލަތްތައް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ބުނެވުނު މާއްދާގެ ސަރީޙަ ނައްސުން ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމަކީ ޤާނޫނާ ޚިލާފު ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގަޔާއި މާނަކުރުމުގައި ގޯހެއް ހެދިފައިއޮތް ނިންމުމެއް ނުވަތަ ޙުކުމަކަށްވާންޖެހެއެވެ. ހަމަ އެފަދައިން ހައިކޯޓުގެ ޙުކުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ އައިބެއްގެ ސަބަބުން އެ ޙުކުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތަކަށްވާންޖެހެއެވެ.

HN2 ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނިންމުމެއް ނުވަތަ ޙުކުމެއް އިސްތިއުނާފުކުރުން ހުއްދަވެގެންވަނީ، ހައިކޯޓުން އެ މައްސަލައަކާ ގުޅިގެން ހަދާފައިވާ ޤާނޫނީ ގޯހެއް ނުވަތަ އިޖުރާއީ ގޯހެއްގެ މައްޗަށް ބިނާވެއެވެ. ހައިކޯޓުގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ކޯޓުތަކުގެ ޤާނޫނު ހުއްދަނުކުރެއެވެ. އަދި އެފަދަ ކަންކަމަކީ އިސްތިއުނާފުކުރުމުގެ އާންމު މަފްހޫމާވެސް ޚިލާފުކަމެކެވެ. އެހެނީ، އިސްތިއުނާފު މަރުހަލާތައް ބިނާވަނީ އެއަށް ވުރެ ދަށު މަރުހަލާއިން ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުމަށް ކަމުގައިވާތީއެވެ.

HN3 ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް، މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު ވުޖޫދުގައިވާ ޤާނޫނަކާއި ގަވާއިދަކާ ގުޅޭ ނުކުތާއެއް ދަށު ކޯޓުތަކުގައި ނުދެކެވި ހުރެ، ސުޕްރީމް ކޯޓަށް ހުށަހަޅާ އައު ބަހުސަކަށް އިސްތިއުނާފީ މަރުހަލާގައި ޖަވާބުދިނުންވާނީ ކޯޓުތަކުގެ ޤާނޫނާ ޚިލާފުކަމަކަށެވެ.

HN4 އިސްތިއުނާފީ އެންމެ ފަހު މަރުހަލާގައި މިހާރު ނިހާއީވެފައިވާ އެހެން ޙުކުމެއްގެ އިބާރާތްތަކާއި ލަފްޒުތައް މާނަކޮށްދިނުމަށް އެދި ހުށަހެޅުމަކީ ކޯޓުތަކުގެ ޤާނޫނުގެ ރޫހާ ޚިލާފުކަމެކެވެ.

HN5 އެއިރެއްގައި ޢަމަލުކުރެވޭ ޤާނޫނަކީ ނުވަތަ ޤާނޫނެއްގެ ބަޔަކީ ވަކި ކަމަކަށް ނުވަތަ މުޢާމަލާތަކަށް ތަޠުބީޤުވާނެ ޤާނޫނެއްނަމަ، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުން މައްސަލައިގެ އެންމެހައި ފަރާތްތަކަށް ލާޒިމުވެއެވެ. ޤާނޫނުގައި ބަޔާންވެފައިވާ ގޮތްނޫން އެހެން ގޮތަކަށް ޢަމަލުކުރުމުގެ ނަތީޖާއަކީ، މުޅި މުޢާމަލާތުގެ ޞައްޙަކަމާމެދު ފަހުން ސުވާލު އުފައްދައި، ޝަރީޢަތަށް އިތުރު މައްސަލަތައް ހުށަހެޅި، އެ މުޢާމަލާތް ރޫޅާލުމުގެ ފުރުސަތު ބޮޑުވެގެން ދިޔުމެވެ.

HN6 ދައްކަންޖެހޭ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ރަހުނު ތަންފީޛުކުރާނަމަ، އެކަން ކުރަންވާނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންނެވެ. ޙުކުމް ތަންފީޛުކުރުމާ ގުޅޭ މައްސަލަތަކަކީ ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ދަށުން މިހާރު ކޯޓަށް ވަކިން ހުށަހަޅަންޖެހޭ މައްސަލައެވެ. އަދި ދަރަންޏާގުޅޭ މައްސަލަތަކާގުޅޭ ވަކި އުސޫލުތަކެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޝިފާޒް އެންޑް ޕާރޓްނަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ ސިޔާޒް، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި (މީގެ ފަހުން "މޯލްޑިވްސް މެރިން ކޮންޓްރެކްޓިން ކޮމްޕެނީ")، މއ. އަތަމާގެ، އިބްރާހީމް ޢަބްދުއްލަޠީފްއާއި، މ. ކްރޯޓްން، ޢާޞިމާ ޙަސަންއާއި، ހ. ސީމާވިލާ، ސީމާ އަޙްމަދުއާއި، މ. މެޑޯޒް، ޢަލީ އަހްރޫޝް އިބްރާހީމްއާއި އަދި މ. މެޑޯޒް، އާމިނަތު އަރޫޝާ އިބްރާހީމް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތްތައް") ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ރައްދުވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) (މީގެ ފަހުން "ސްޓޭޓް ބޭންކް އޮފް އިންޑިޔާ") އަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2މި މައްސަލައިގައި މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީއަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ލޯނުތަކެއް ދޫކޮށް، ހ. އަތަގަސްދޮށުގެ އާއި މ. މެޑޯޒް ރަހުނުކުރިއެވެ. ސީމާ އަޙްމަދާއި، ޢަލީ އަހްރޫޝް އިބްރާހީމާއި، އާމިނަތު އަރޫޝާ އިބްރާހީމާއި، އަޙްމަދު ސިޔާމް މުޙައްމަދާއި، އިބްރާހީމް ޢަބްދުއްލަޠީފްއަކީ އެ ލޯނު ފެސިލިޓީތަކަށް ޔަޤީންކަންދިން ފަރާތްތަކެވެ. މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީއަށް ލޯނު ފައިސާ ނުދެއްކުމުން، އެ ފައިސާ ހޯދުމަށާއި އެ ފައިސާ ނުދެެއްކޭނަމަ ރަހުނު ތަންފީޒުކުރުމަށް އެދި 5 ޖޫން 2011 ގައި ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ލޯނުތަކަށް ގެރެންޓީދިން ފަރާތްތަކުގެ މައްޗަށް ދަޢުވާކުރިއެވެ.

3ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ލޯނުތަކަށް ގެރެންޓީދިން ފަރާތްތަކުން ދައްކަންޖެހޭ ޢަދަދު ކަނޑައަޅައި، އެ ޢަދަދު ދައްކައި ޚަލާސްކުރުމަށް 12 (ބާރަ) މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ސިވިލް ކޯޓުން 15 އޮކްޓޯބަރު 2012 ގައި ޙުކުމްކުރިއެވެ. އަދި އެ ޢަދަދު ނުދެއްކޭނަމަ، ރަހުނުކުރެވިފައިވާ ހ. އަތަގަސްދޮށުގެ އާއި މ. މެޑޯޒް ވިއްކާލުމުގެ ހުއްދަ އެ ގަޒިއްޔާއިން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދީފައިވެއެވެ.

4އަހަރުތަކެއް ފަހުން، މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ލޯނުތަކަށް ގެރެންޓީދިން ފަރާތްތަކުން ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް ލޯނު ފައިސާ ނުދެއްކުމުން، ރަހުނުކޮށްފައިވާ ގޯތިތައް ވިއްކާލުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ފެށިއެވެ. މިއާ ވިދިގެން، 1 ޖޫން 2017 ގައި، މިހާރު ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން (އެއީ، މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީއާއި، އިބްރާހީމް ޢަބްދުއްލަޠީފްއާއި، ޢާޞިމާ ޙަސަންއާއި، ސީމާ އަޙްމަދުއާއި، ޢަލީ އަހްރޫޝް އިބްރާހީމްއާއި އަދި އާމިނަތު އަރޫޝާ އިބްރާހީމް)

ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާ

އިން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މައްޗަށް ދަޢުވާކުރިއެވެ. މި ދަޢުވާގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ މައިގަނޑު ޝަކުވާއަކަށްވީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ކޮށްފައިވާ ޙުކުމުގައިވާ ދެ ގޯތި ވިއްކުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކުރަމުން ދިޔައީ ޝަރީޢަތުގެ ތަންފީޒީ ގަޒިއްޔާއެއްގެ ބޭރުން، ތަންފީޒީ އިޖުރާއަތުތައް ފުރިހަމަކުރުމެއް ނެތިކަމަށް ބުނެއެވެ.

5ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާގައި ޙުކުމްކުރީ މ. މެޑޯޒް އެވެ ކިޔާ ގޯއްޗާއި ހ. އަތަގަސްދޮށުގެ އެވެ ކިޔާ ގޯތި ވިއްކުމާގުޅޭ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ކުރަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ހުއްދަ ލިބިގެންކަމަށެވެ. އެހެން އިބަރާތަކުންނަމަ، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ރަހުނު ތަންފީޒުކުރުމަށްޓަކައި، ޙުކުމް ތަންފީޒުކުރުމުގެ ވަކި މައްސަލައެއް ކޯޓަށް ހުށަހަޅަން ނުޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާއިން ކަނޑައެޅިއެވެ.

6ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅި ފަރާތްތަކުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާގައި ޙުކުމް ކުރީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.

7މިއީ ބުނެވުނު ހައިކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، މއ. އަތަމާގެ، އިބްރާހީމް ޢަބްދުއްލަޠީފްއާއި، މ. ކްރޯޓްން، ޢާޞިމާ ޙަސަންއާއި، ހ. ސީމާވިލާ، ސީމާ އަޙްމަދުއާއި، މ. މެޑޯޒް، ޢަލީ އަހްރޫޝް އިބްރާހީމްއާއި މ. މެޑޯޒް، އާމިނަތު އަރޫޝާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ.

8މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަށް ދިޔުމުގެ ކުރިން، ދަށު ކޯޓާއި ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތާއި އެ ނިންމުން ބިނާވާ ސަބަބުތައް ތިރީގައި ޚުލާސާކުރެވިފައިވާނެއެވެ.

9ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާމ. މެޑޯޒް އެވެ ކިޔާ ގޯއްޗާއި ހ. އަތަގަސްދޮށުގެ އެވެ ކިޔާ ގޯތި ވިއްކުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ކުރަމުންދިޔައީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ހުއްދަ ލިބިގެންކަމަށް، ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. ސިވިލް ކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގެ ޙުކުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފައިސާދައްކައި ޚަލާޞްކޮށްފައިނުވާކަމާމެދު އިސްތިއުނާފުކުރާ ފަރާތްތަކުން އިންކާރުނުކުރާކަމާއި، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކޮށްފައިނުވާނަމަ އެ ޙާލަތުގައި ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ލިބިދީފައިވާ ހުއްދައާ އެއްގޮތަށް ރަހުނު ވިއްކާލުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ފެށިދާނެކަމާއި، އަދި ރަހުނު ވިއްކާލުމުގެ ހުއްދަ ޝަރީޢަތުން ދީފައި އޮންނަ ޙާލަތުގައި، އެ ރަހުނެއް ވިއްކާލުމަށްޓަކައި އިތުރު ހުއްދައެއް ހޯދުމަށް ޝަރީޢަތަށް ހުށަހަޅަން ނުޖެހޭނެކަން "ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާއިދު" ގެ 11 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނާތީ، މި ދެގޯތި ވިއްކުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ކުރަމުންދަނީ އެކަން ކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތު ފުރިހަމަނުކޮށްކަމުގައި ބެލެވެން ނެތްކަން؛

ޙުކުމާ އެއްގޮތަށް ފައިސާ ދައްކާ ޚާލާޞްކޮށްފައިވާނަމަ، އެ ޙާލަތަކީ ރަހުނު ވިއްކާލުން މަނާކުރުމުގެ އަމުރަކަށް ރަހުނު ބެހެއްޓި ފަރާތުން އެދެވިދާނެ ޙާލަތެއްކަމުގައި ވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ 15 އޮކްޓޯބަރު 2012 ގައި ކޮށްފައިވާ ޙުކުމަކަށް ވެފައި، އެ ޙުކުމުގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް ދެވުނު މުއްދަތު ފާއިތުވެގޮސްފައިވާކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ރަހުނު ވިއްކާލުން މަނާކުރުމުގެ އަމުރަކަށް އެދިފައިވަނީ މި ބުނެވުނުފަދަ ސަބަބަކާއިލައިގެން ނޫންކަން؛

ރަހުނު ވިއްކާލުން މަނާކުރަންޖެހޭ ސަބަބެއްކަމުގައި ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2016/161 އަމުރުގައި ބަޔާންކޮށްފައިވާ ސަބަބުތައް ފާހަގަކޮށްފައި ވީނަމަވެސް، އެ އަމުރުގައި ބަޔާންކޮށްފައިވާ ވާގިއާތަކާއި، މި މައްސަލައިގައި ހިމެނޭ ވާގިއާ ތަފާތުކަން އެނގެންއޮންނަ ސަބަބަށްޓަކައި، މި މައްސަލައިގައި އެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވެން ނެތްކަން؛

މި ސަބަބުތަކުގެ މައްޗަށް ބުރަވެ ސިވިލް ކޯޓުން ޙުކުމްކުރީ މ. މެޑޯޒް އެވެ ކިޔާ ގޯއްޗާއި ހ. އަތަގަސްދޮށުގެ އެވެ ކިޔާ ގޯތި ވިއްކުމާ ގުޅޭ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ކުރަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ހުއްދަ ލިބިގެންކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

10ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓަށް ހުށަހެޅީ މައިގަނޑު 2 (ދޭއް) އިސްތިއުނާފީ ނުކުތާއެވެ. އެއީ، ފުރަތަމަ ކަމަކަށް، ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2016/161 އަމުރުގައިވާ ކަންކަމަށް ރިޢާޔަތްކުރަންނުޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށްކަމަށާއި، އަދި ދެވަނަ ކަމަކަށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ އެއްބާވަތެއްގެ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި އޮންނަ އުސޫލާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާތަކެވެ. ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގެ ޙުކުމަށް ބެލުމުން، ރަހުނުގެ ގޮތުގައި ދެ ގޯތި އޮތްކަން ސާބިތުވެފައިވާކަމާއި، ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާވާކަން އެނގެން އޮންނަކަމާއި، ނުދައްކައިވާ ފައިސާގެ ޢަދަދު ސާބިތުކޮށްފައިވާކަމާއި، އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް މުހުލަތެއް ދީފައިވާކަމާއި، އަދި އެ މުހުލަތުގައި ފައިސާ ދައްކާ ޚަލާޞްނުކޮށްފިނަމަ، މުޢާމަލާތާ ގުޅިގެން ރަހުނުކުރެވިފައިވާ ދެ ގޯތި ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދީފައިވާކަން އެނގެން އޮންނަކަން؛

ރަހުނު ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ދީފައިވާކަން އެނގެން އޮންނާތީ، ރަހުނު ވިއްކުމުގެ މުޢާމަލާތް ނުކުރެވޭނެކަމަށް ކަނޑައަޅާދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާގައި ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި، އެއް މަރުޙަލާއެއްގެ ކޯޓުން ނިންމާފައިވާ ނިންމުމެއްގެ މައުލޫއު ހަމަ އެ މަރުހަލާގައި ދެވަނަ ފަހަރަށް ބެލުމަކީ ޝަރީޢަތުގައި ޢަމަލުކުރަމުން އަންނަ އުޞޫލުނޫންކަމާއި، ރަހުނު ވިއްކާލުމުގެ ހުއްދަ ރަހުނު ހިފިފަރާތަށް ޝަރީޢަތުން ދީފައި އޮންނަ ޙާލަތުގައި، އެ ރަހުނެއް ވިއްކާލުމަށްޓަކައި އިތުރު ހުއްދައެއް ހޯދުމަށް ޝަރީޢަތަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރާ ޤާނޫނީ ނައްޞެއް ނެތްކަން؛

ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާ ނިންމުމުގައި ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2016/161 ކޯޓު އަމުރަށް ރިޢާޔަތްކޮށް، އެ ދެ މައްސަލަ ތަފާތުވާ ސަބަބު އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާކަމާއި، އަދި އެ އަމުރުގައި އޮތްގޮތަށް ޢަމަލުކުރެވެން ނެތް ސަބަބު ބަޔާންކޮށްފައިވާކަން؛

ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2016/161 ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ އުޞޫލަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގެ ފަހުން ވުޖޫދުވި އުޞޫލަކަށްވާތީ، މި މައްސަލައިގައި އެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވިދާނެކަމަށް ނުފެންނަކަން؛

ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ދީފައިވާ ހުއްދައާ އެއްގޮތަށް ރަހުނު ވިއްކާލުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ކުރެވިދާނެކަމާއި، އަދި ރަހުނު ވިއްކާލުމުގެ ހުއްދަ ރަހުނު ހިފި ފަރާތަށް ޝަރީޢަތުން ދީފައި އޮންނަ ޙާލަތުގައި، އެ ރަހުނެއް ވިއްކާލުމަށް ހުރަހެއް އޮތްކަން އެނގެން ނެތަތީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން މ. މެޑޯޒް އެވެ ކިޔާ ގޯއްޗާއި، ހ. އަތަގަސްދޮށުގެ އެވެ ކިޔާ ގޯތި ވިއްކާލުމަށް މަސައްކަތް ކުރަމުން ގެންދަނީ އެކަން ކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތު ފުރިހަމަނުކޮށްކަމަށް ބެލެވިދާނެ ހަމައެއްއޮތްކަމަށް ޤަބޫލުނުކުރެވޭކަން؛

މި ސަބަބުތަކުގެ މައްޗަށް ބުރަވެ، ހައިކޯޓުން ޙުކުމްކޮށްފައިވަނީ މ. މެޑޯޒް އެވެ ކިޔާ ގޯއްޗާއި، ހ. އަތަގަސްދޮށުގެ އެވެ ކިޔާ ގޯތި ވިއްކުމާގުޅޭ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ކުރަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ހުއްދަ ލިބިގެންކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

11ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓަށް 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާމެދު ވާހަކަދައްކާފައިވެއެވެ.

ހ. އަތަގަސްދޮށުގެއާއި މ. މެޑޯޒް ވިއްކުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދީފައިވާކަމަށާއި، ލޯނުތަކާއި ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ރިކަވަރކުރަންޖެހޭ ފައިސާއެއް ހޯދުމަށްޓަކައި ސިވިލް ކޯޓުގެ ތަންފީޒީ އިޖުރާއަތުގެ ބޭރުން، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ބުނެވުނު ގޯތިތައް ވިއްކާލެވިދާނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ އާއި، "ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދު" ގެ 10 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ބުނެވުނު ޙުކުމުން، ބިމާބެހޭ ޤާނޫނާއި ޤަވާޢިދުގައި ބަޔާންކުރާ ހަވާލާދީފައިވާ ޤާނޫނީ އަސާސްތައް ނަގާލެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ.

ރަހުނެއް ވިއްކާލުމުގެ ހުއްދަ ރަހުނު ހިފިފަރާތަށް ޝަރީޢަތުން ދީފައި އޮންނަ ހާލަތުގައި، އެ ރަހުނެއް ވިއްކާލުމަށްޓަކައި އިތުރު ހުއްދައެއް ހޯދުމަށް ޝަރީޢަތަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރާ ޤާނޫނީ ނައްސެއްނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ "ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދު" ގެ 10 ވަނަ މާއްދާއާ ޚިލާފަށްކަން އަދި އެނިންމުމުން ބުނެވުނު ގަވާއިދުގެ ހަވާލާދެވުނު މާއްދާގެ މަޤްޞަދު އެކުގައި ނަގާލެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ.

ހ. އަތަގަސްދޮށުގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ދީފައިވާކަމަށާއި، އެ ގަޒިއްޔާގައި ޙުކުމްކުރި އިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ނުދައްކާ އޮތް ލޯނު ފެސިލިޓީއެއްގައި ހ. އަތަގަސްދޮށުގެ ޞައްޙަގޮތުގައި ރަހުނުކުރެވިފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގައި ކަނޑައަޅާފައިވާކަމަށް ހައިކޯޓުގެ ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކުގެ 20 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގެ ޙުކުމުން އެފަދަ ނިންމުމެއް އަދި އެފަދަ ނަތީޖާއެއް އަންނަ ޙުކުމެއް ކޮށްފައިނުވަނީސްކަން، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިންސާފުން ޝަރީޢަތްކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ޝަރީޢަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ދުސްތޫރީ އަސާސްތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

12ފުރަތަމަ ދެ ނުކުތާގެ ރައްދުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ މިހާރު ނިހާއީވެފައިވާ ޙުކުމެއްކަމަށާއި، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބިމާބެހޭ ޤާނޫނު އާއި "ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދު" އާ ފުށުއަރާ ޙުކުމެއްނަމަ، އެ ޙުކުމް އިސްތިއުނާފުކޮށްފައިނުވާކަމަށާއި، އެ ގަޒިއްޔާގައި ޙުކުމްކުރިއިރު ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2016/161 ކޯޓު އަމުރު ވުޖޫދުވެފައިނުވާކަމަށެވެ. އަދި އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ހައިކޯޓު މަރުހަލާގައި ނުކުރެވޭ ޤާނޫނީ ބަހުސެއް ސުޕްރީމް ކޯޓުގައި ނުކުރެވޭނެކަމަށާއި، އަދި މިއީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށެވެ.

އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާ

13އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ފުރަތަމަ ދެ ނުކުތާގައި ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި، "ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު" ގެ 10 ވަނަ މާއްދާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކެކެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާގައި މި މައުލޫއުއާ ގުޅޭ އެއްވެސް ވާހަކަތަކެއް ދައްކާފައިނުވެއެވެ.

14HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭ ހާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ (މީގެ ފަހުން "ކޯޓުތަކުގެ ޤާނޫނު") 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ބުނެވުނު މާއްދާގެ ސަރީޙަ ނައްސުން ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމަކީ ޤާނޫނާ ޚިލާފު ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގަޔާއި މާނަކުރުމުގައި ގޯހެއް ހެދިފައިއޮތް ނިންމުމެއް ނުވަތަ ޙުކުމަކަށްވާންޖެހެއެވެ. ހަމަ އެފަދައިން ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތަކަށްވާންޖެހެއެވެ.

15HN2އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނިންމުމެއް ނުވަތަ ޙުކުމެއް އިސްތިއުނާފުކުރުން ހުއްދަވެގެންވަނީ، ހައިކޯޓުން އެ މައްސަލައަކާ ގުޅިގެން ހަދާފައިވާ ޤާނޫނީ ގޯހެއް ނުވަތަ އިޖުރާއީ ގޯހެއްގެ މައްޗަށް ބިނާވެއެވެ. ހައިކޯޓުގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ކޯޓުތަކުގެ ޤާނޫނު ހުއްދަނުކުރެއެވެ. އަދި އެފަދަ ކަންކަމަކީ އިސްތިއުނާފުކުރުމުގެ އާންމު މަފްހޫމާވެސް ޚިލާފުކަމެކެވެ. އެހެނީ، އިސްތިއުނާފު މަރުހަލާތައް ބިނާވަނީ އެއަށް ވުރެ ދަށު މަރުހަލާއިން ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުމަށް ކަމުގައިވާއިރު، ކޮންމެ އިސްތިއުނާފީ މަރުހަލާއެއްގައި އައު ވާހަކަތައް ދެކެވި އައު ޤާނޫނީ ބަހުސްތައް ހުށަހެޅުމުން ކޯޓުތަކުގެ ޤާނޫނުގައި ތަސައްވުރު ކުރެވިފައިވާ އިސްތިއުނާފީ ނިޒާމްގެ މަޤުސަދު ހާސިލުނުވެއެވެ.

16HN3ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހަވާލާދޭ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި، "ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު" ގެ 10 ވަނަ މާއްދާއަކީ މި މައްސަލަ ސިވިލް ކޯޓުގައިވެސް ހިނގަމުން ދިޔައިރު، ވުޖޫދުގައިވާ ޤާނޫނެއް އަދި ގަވާއިދެއް ކަމުގައިވާއިރު، މި ޤާނޫނާއި ގަވާއިދަކީ އެކަށީގެންވާ ދިރާސާތަކެއް ކުރެވުނުނަމަ، ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ނުކުތާއެއް ކަމުގައި ދެކެމެވެ. ނަމަވެސް، ދަށު ކޯޓުގައިވެސް މިކަންކަމާބެހޭ އެއްވެސް ވާހަކައެއް ނުދެކެވި، އަދި ހައިކޯޓުގެ މުޅި އިސްތިއުނާފު ބިނާވީ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2016/161 އަމުރަށާއި، އެއްބާވަތެއްގެ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމް މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭކަމަށް ބުނާ ބުނުމަށް ކަމުގައިވާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އައު ބަހުސަށް މި މަރުހަލާގައި ޖަވާބުދިނުންވާނީ ކޯޓުތަކުގެ ޤާނޫނާ ޚިލާފުކަމެއްކަމުގައި އަހުރެން ދެކެމެވެ.

17ވުމާއެކު، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާ އަހުރެން ބަލައިނުގަންނަމެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާ

18އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ތުހުމަތުކުރަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ދެއްކުމަށް ކަނޑައަޅާފައިވާ އެއްވެސް ފައިސާއެއްގައި ހ. އަތަގަސްދޮށުގެ ރަހުނުކުރެވިފައިނުވާކަމަށެވެ. ނަމަވެސް ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގެ ޙުކުމަށް ބެލުމުން، ރަހުނުގެ ގޮތުގައި ދެ ގޯތި އޮތްކަން ސާބިތުވާކަމަށާއި، އަދި ފެސިލިޓީތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާވާނަމަ، ރަހުނު ކުރެވިފައިވާ ދެ ގޯތި ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދީފައިވާކަމަށެވެ. އެހެންކަމުން، ހައިކޯޓުން ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާއިން ކަނޑައަޅާފައިވާ ކަންތައްތަކުގެ އިތުރުކަމެއްކަމަށެވެ.

19ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާގެ ނުކުތާތަކުގެ 20 ވަނަ ނުކުތާގައި ބޭނުންކޮށްފައިވާ އިބާރާތަކީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގެ ޙުކުމުގައިވެސް ބޭނުންކޮށްފައިވާ އިބާރާތްކަން ފާހަގަކުރެވެއެވެ. އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގެ ޙުކުމުގައި، އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އެ މައްސަލައިގެ ޙުކުމްކުރި ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އަންގާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސް ނުކުރާނަމަ، "... މި މުޢާމަލާތްތަކާ ގުޅިގެން ރަހުނުކޮށްފައިވާ މ. މެޑޯޒް އެވެ ކިޔާ ގޯތި (ރަޖިސްޓްރީ ނަންބަރު: ބ. 12389) އާއި، ހ. އަތަގަސްދޮށުގެ އެވެ ކިޔާ ގޯތި (ރަޖިސްޓްރީ ނަންބަރު ބ. 13503) ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އަށް ދީ، ޙުކުމްކޮށްފީމެވެ." މި ޢިބާރާތް ބޭނުންކޮށްފައިވެއެވެ.

20HN4އިސްތިއުނާފުކުރާ ފަރާތްތަކުން ހައިކޯޓަށްވެސް އަދި ސިވިލް ކޯޓަށްވެސް ހުށަހެޅި ބަހުސަކީ މި މައްސަލައިގައި ރަހުނުގެ ގޮތުގައި ހިމެނޭ ގޯތިތައް ޙުކުމް ތަންފީޒުކުރުމުގެ ގަޒިއްޔާއެއް ހުށަހެޅުމެއްނެތި، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އަމިއްލައަށް ތަންފީޒުކުރެވިދާނެކަން ނުވަތަ ނޫންކަމާމެދުގައި ކަމުގައިވާއިރު، ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ގަޒިއްޔާގެ ޙުކުމުގައި ހަވާލާދީފައިވާ ދެ ގޯތި ވިއްކާލުމުގެ ހުއްދަ އެ ގަޒިއްޔާއިން ދީފައިވާކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، އެކަމުގެ މައްޗަށް މި މައްސަލައިގެ ތެރޭގައި ޤާނޫނީ ބަހުސެއް އުފެއްދޭނެކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. ހައިކޯޓަށް ހުށަހެޅުނު މުޅި މައްސަލައިގެ މައުލޫއުއަކީ މިހާރު މިދެކެވޭ ވާހަކަތަކާ މުޅިން ތަފާތު މައުލޫއުއެކެވެ. އިސްތިއުނާފީ އެންމެ ފަހު މަރުހަލާގައި މިހާރު ނިހާއީވެފައިވާ އެހެން ޙުކުމެއްގެ އިބާރާތްތަކާއި ލަފްޒުތައް މާނަކޮށްދިނުމަށް އެދި ހުށަހެޅުމަކީ ކުރިންވެސް ފާހަގަކުރިހެން، ކޯޓުތަކުގެ ޤާނޫނުގެ ރޫހާ ޚިލާފުކަމެއްކަމުން، މި ނުކުތާވެސް އަހުރެން ބަލައިނުގަންނަމެވެ.

ޤާނޫނާ އެއްގޮތަށް ޢަމަލުކުރުން

21ހުށަހެޅިފައިމިވާ މައްސަލައަކީ ސިވިލް ކޯޓުން 2012 ވަނަ އަހަރުގައި ނިންމާފައިވާ މައްސަލައެއްގެ ޙުކުމް ތަންފީޒުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުންކުރާ މަސައްކަތާ ގުޅޭ މައްސަލައެކެވެ. ބުނެވުނު ގަޒިއްޔާގެ ޙުކުމަކީ އެ ޙުކުމްކުރި ތާރީޚުން ފެށިގެން 12 (ބާރަ) މަސް ފާއިތުވީފަހުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ލިބިދެވެންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ރަހުނު ތަންފީޒުކުރުމުގެ ފުރުސަތުތަކެއް އޮތް މައްސަލައެއްކަން ފާހަގަކުރަމެވެ.

22އެހެންނަމަވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ރަހުނުކުރެވިފައިވާ ގޯތިތައް ވިއްކާލުމުގެ މަސައްކަތް އަމިއްލައަށް ފަށާފައިވަނީ އެއިގެ އަހަރުތަކެއް ފަހުންނެވެ. އަދި މި މައްސަލަ އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި، މި ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން، މަދަނީ އިޖުރާއަތުގެ ޤާނޫނަށް މިހާރުވަނީ ޢަމަލުކުރަންފަށައިފައެވެ.

23HN5އެއިރެއްގައި ޢަމަލުކުރެވޭ ޤާނޫނަކީ ނުވަތަ ޤާނޫނެއްގެ ބަޔަކީ ވަކި ކަމަކަށް ނުވަތަ މުޢާމަލާތަކަށް ތަޠުބީޤުވާނެ ޤާނޫނެއްނަމަ، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުން މައްސަލައިގެ އެންމެހައި ފަރާތްތަކަށް ލާޒިމުވެއެވެ. ޤާނޫނުގައި ބަޔާންވެފައިވާ ގޮތްނޫން އެހެން ގޮތަކަށް ޢަމަލުކުރުމުގެ ނަތީޖާއަކީ، މުޅި މުޢާމަލާތުގެ ޞައްޙަކަމާމެދު ފަހުން ސުވާލު އުފައްދައި، ޝަރީޢަތަށް އިތުރު މައްސަލަތައް ހުށަހެޅި، އެ މުޢާމަލާތް ރޫޅާލުމުގެ ފުރުސަތު ބޮޑުވެގެން ދިޔުމެވެ.

24HN6އިސްތިއުނާފުކުރާ ފަރާތްތަކުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން، ރަހުނު ތަންފީޒުކުރާނަމަ، އެކަން މިހާރު ކުރަންވާނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންނެވެ.

25އެގޮތުން، ޙުކުމް ތަންފީޒުކުރުމާ ގުޅޭ މައްސަލަތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މިހާރު ކޯޓަށް ވަކިން ހުށަހަޅަންޖެހޭ މައްސަލައެވެ. އަދި ދަރަންޏާގުޅޭ މައްސަލަތަކާގުޅޭ ވަކި އުސޫލުތަކެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު މި މައްސަލައަށް ތަޠުބީޤުވުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ބަސްބުނުމަށް މައްސަލައިގެ ދެފަރާތަށްވެސް ފުރުސަތު ދެވުނެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނު މި މައްސަލައަށް ތަޠުބީޤުކުރަން ނުޖެހޭފަދަ ސަބަބުތަކެއް މައްސަލައިގެ އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވެއެވެ. ވުމާއެކު، މި ސަބަބުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާއާއި އެ ގަޒިއްޔާއިން ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާއަކީ ބާޠިލުކުރަންޖެހޭ ދެ ގަޒިއްޔާކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

26މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

27މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2018/HC-A/269 ގަޒިއްޔާއާއި އެ ގަޒިއްޔާއިން ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ގަޒިއްޔާ ބާޠިލުކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)

މަޙާޒު ޢަލީ ޒާހިރު

ޢަލީ ރަޝީދު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ
  • ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދުގެ 10 ވަނަ މާއްދާ
  • ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދުގެ 11 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ސިވިލް ކޯޓުގެ B5-CR1/CA/2016/161 އަމުރު

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ