ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) ވ. ގަސްވެލި އައިލެންޑްސް ޕވޓ ލޓޑ، އަދި އިތުރު 5 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B14/VM/2023/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ޙުކުމް ތަންފީޛުކުރުމުގެ 1311/Cv-C/2021 މައްސަލައިގައި، ނިޔާވި ގެރެންޓަރެއްގެ މުދަލުން މުޢާމަލާތްކުރުން މަނާކޮށް ނެރުނު 144-B14/VA/2022/01 ވަގުތީ އަމުރު، 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިން އެއްކޮށް ބާޠިލުކުރިއެވެ.
- ވާޤިޢާ
- ސިވިލް ކޯޓުގެ 289/Cv-C/2012 ޙުކުމުން ލޯނުގެ ދަރަނި ބޭންކަށް ދެއްކުމަށް ކުންފުންޏާއި ގެރެންޓަރުންގެ މައްޗަށް ޙުކުމްކުރިއެވެ. ތަންފީޛީ މައްސަލައިގައި ބޭންކުގެ އެދުމުން ނިޔާވި ގެރެންޓަރުގެ މުދަލުން މުޢާމަލާތްކުރުން މަނާކުރި ވަގުތީ އަމުރު ނެރުނެވެ. ފަހުން ވާރިޘުން މުދާ ވިއްކުމުގެ ޙައްޤަށް ވަގުތީ އަމުރަކަށާއި، ބޭންކުގެ ނޯ އޮބްޖެކްޝަން ލެޓަރަށް ބިނާކޮށް ދެ ރިޒޯޓެއްގެ ލީސް ވިއްކުމުގެ ހުއްދައަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ނެރެފައިވާ ވަގުތީ އަމުރެއް (ނިޔާވި ގެރެންޓަރުގެ މުދަލުން މުޢާމަލާތްކުރުން މަނާކުރި އަމުރު) ހަމަ އެކޯޓަކަށް މުރާޖަޢާކޮށް ބާޠިލުކުރެވިދާނެތޯއާއި، މި މައްސަލައިގައި ސިވިލް ކޯޓުން އެ އަމުރު ބާޠިލުކުރީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ބޭންކުން ބުނީ، މަދަނީ އިޖުރާއަތުގެ ޤާނޫނާއި ސިވިލް ކޯޓުގެ ގަވާއިދުގައި ވަގުތީ އަމުރު މުރާޖަޢާ ކުރެވެނީ ފައިސާ ދެއްކުމުގެ އަމުރާއި ޣައިރު ޙާޟިރުގައި ނެރޭ އަމުރު ކަމަށާއި، ޙުސައިން ޙަމްދާން ޤަޟިއްޔާގެ ޙާލަތްތަކެއް ވެސް ނުވާތީ އަދި އަމުރު ބާޠިލުކުރަން ފަރާތަކުން ނޭދޭތީ ބާޠިލުކުރުމަކީ ޚިލާފު ކަމަށެވެ. ވާރިޘުން ބުނީ ވަގުތީ އަމުރަކީ ދާއިމީ އަމުރެއް ނޫން ކަމަށާއި ބަދަލުތަކާ ގުޅިގެން މުރާޖަޢާ ކުރެވެންޖެހޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ވަގުތީ އަމުރު ނެރެނީ ދަރަނި ޚަލާޞްކުރުމަށް ބޭނުންވާ މިންވަރަށް ކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 އަދި 243 ވަނަ މާއްދާގައި ވަގުތީ ފިޔަވަޅު ބަދަލުކުރުން މުޠްލަޤަށް މަނާ ނުކުރާތީ، ޙާލަތު ބަދަލުވުން ފަދަ ސަބަބުތަކަށް ބިނާކޮށް ދަށު ކޯޓަށް ނިންމުން ބަދަލުކުރެވޭނެ ކަމަށް ކޯޓުން ބުންޏެވެ. ނަމަވެސް ވިއްކުމުގެ ހުއްދައަށް އެދުނު ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، އަސާސް ސާފުނުވާ ގޮތަށް ވަގުތީ އަމުރު އެއްކޮށް ބާޠިލުކުރުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ނިންމުމެއް ނޫނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުސިވިލް ކޯޓުގެ 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކޮށް، މުދާ ވިއްކުމުގެ ހުއްދައަށް އެދުނު ހުށަހެޅުމާއި ވަގުތީ އަމުރަށް އެދުނު ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅިފައިނުވާނަމަ ކަނޑައެޅުމަށް އަންގައި މައްސަލަ ސިވިލް ކޯޓަށް ފޮނުވި (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާއަކީ، ދަރަނިވެރިޔާގެ މުދަލާއި މާލީ ޙާލަތު ކޯޓުން ގާތުން ބަލައި މުދާ ކޯޓުން ހިފަހައްޓާ، ހިފަހައްޓާ މުދަލުގެ ބެލެނިވެރިކަން ޙަވާލުކޮށް ކޯޓުން އެމުދާ ވިއްކާ، ދަރަނިވެރިޔާ އަމިއްލައަށް މުދާ ވިއްކާލުމުގެ ހުއްދަދީ، ޤާނިޝީއެއްގެ ފަރާތުން ޙުކުމްގައި ބަޔާންކުރާ ފައިސާ ހޯދުން ފަދަ ޙުކުމް ތަންފީޛުކުރުމަށް ފަހިކޮށްދޭނެ ތަފާތު ފިޔަވަޅު އެޅުމުގެ އިޖުރާއަތު ބަޔާންކުރާ މަރުޙަލާއެކެވެ. މިމަރުޙަލާގައި ކޯޓުން ވަގުތީ އަމުރެއް ނެރޭނީ ދަރަނި ޚަލާޞްކުރުމަށްޓަކައި އެހިނދަށް ކޮންމެހެން ބޭނުންވާ މިންވަރަށް އަރަނިވެރިޔާއާ ދަރަނިވެރިޔާގެ މަސްލަހަތު ޙިމާޔަތްކުރެވޭގޮތަށެވެ.
HN2 ދަރަނިވެރިޔާގެ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ކޯޓުން ނެރެދީފައިވަނިކޮށް، ޙުކުމް ތަންފީޛުކުރުމަށްޓަކައި ދަރަނިވެރިޔާގެ މުދަލުގައި ހިމެނޭ ވަކި މުދަލެއް ވިއްކާލުމުގެ ހުއްދައަކަށް އެދި ހުށަހަޅާ ހުށަހެޅުމަކާ މެދު ނިމޭ ގޮތަކީ މުދާ ވިއްކާލުމުގެ ހުއްދަދިނުން ކަމުގައިވާނަމަ ކުރިން ނެރެވިފައިވާ ވަގުތީ އަމުރަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައީ އެވެ.
HN3 ވަގުތީ އަމުރަކީ އޭގެ ޒާތުގައިވެސް ކޯޓުން އެހެން ގޮތަކަށް އަމުރުކުރުމާ ހަމައަށް ދެވޭ ވަގުތީ ފަރުވާއެއް ކަމުން، ޙުކުމް ތަންފީޛު މަރުޙަލާގައި އެޅޭ މިފަދަ ފިޔަވަޅުތަކަށް ބަދަލެއް ނުގެނެވޭނެ ކަމުގެ ހުއްޖަތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާ އަދި 243 ވަނަ މާއްދާ ފުދޭ ކަމުގައި ނުދެކެމެވެ. އެހެނީ، މިއިން އެއްވެސް މާއްދާއެއްގައި ވަގުތީ އަމުރަކުން އަޅާފައިވާ ފިޔަވަޅެއް ބަދަލުކުރުމުގެ އިޚްތިޔާރު މުޠްލަޤަށް މަނާކުރާ ނައްސެއް ނެތުމުންނެވެ.
HN4 ވަގުތީ ގޮތެއްގައި އަޅާފައިވާ ފިޔަވަޅެއްގެ ޙާލަތު ބަދަލުވެގެން ނުވަތަ ކުރިން ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާނެ ފަދަ އިތުރު ކަމެއް ނުވަތަ ސަބަބެއް އޮތްކަމުގެ ހެކި ހުރެއްޖެނަމަ، އެކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، ދަށު ކޯޓުން ކުރިން ނިންމާފައިވާ ނިންމުން އެކޯޓުން ބަދަލުކުރުމަކީ ކުރެވިދާނެކަމެކެވެ.
HN5 ވަގުތީ އަމުރަކުން މުދަލުން ތަސައްރުފުކުރުން މަނާކުރެވިފައިވާއިރު، އޭގެ ތެރެއިން ވަކި މުދަލެއް ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެހުށަހެޅުމާ މެދު ގޮތެއް ނިންމުމުގެ ބަދަލުގައި ކުރިން ނެރުނު ވަގުތީ އަމުރު އެއްކޮށް ބާޠިލުކޮށް، ވަގުތީ އަމުރު ބާޠިލުކޮށްފައިވާ އަސާސް ސާފުނުވެ، ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅިފައިނުވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު މުރާދު، މޫސާ ފާރިޝް އަޙްމަދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު އަޒުމީ، މުޢައްވިޒު ރަޝީދު، އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު، ޕްރިމިއަރ ޗެމްބާރސް އެލް.އެލް.ޕީ
- ބެންޗު
- ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2023/HC-A/165
އިސްތިއުނާފުކުރި ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް)
އިސްތިއުނާފު ރައްދުވި ފަރާތްތައް: 1- ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް، 2- ޢަބްދުﷲ އިޝާން […] ކ.މާލެ، 3- މުސްލިމާ ޢަބްދުލްޤައްޔޫމް […] ކ.މާލެ، 4- ޢާއިޝަތު އިއުފާ މުޙައްމަދު […] ކ.މާލެ، 5- މުޙައްމަދު ޔޫސުފް މޫސާ […] ([…] )، ކ.މާލެ، 6- އިބްރާހީމް މުޙައްމަދު […] ކ.މާލެ
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ނިމުނު ތާރީޚް: 12 ޝައްވާލް 1446 / 10 އޭޕްރީލް 2025
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޛުލްޤަޢިދާ 1444 / 09 މެއި 2023
އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 144-B14/VM/2023/01؛ ނިންމި ތަން: ސިވިލް ކޯޓު؛ ބާވަތް: ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް؛ ހުށަހެޅުނު ތާރީޚް: -؛ ނިމުނު ތާރީޚް: 10 އޭޕްރީލް 2023
ހައިކޯޓުގެ ނަންބަރު 2023/HC-A/165 ޤަޟިއްޔާ
އިސްތިއުނާފުކުރި ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) — ޤާނޫނީ ވަކީލު: އޒ.އަޙްމަދު މުރާދު، ޤާނޫނީ ވަކީލު: އޒ.މޫސާ ފާރިޝް އަޙްމަދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް
އިސްތިއުނާފު ރައްދުވި ފަރާތްތައް: 1-ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް؛ 2-ޢަބްދުﷲ އިޝާން، 3-ޢާއިޝަތު އިއުފާ މުޙައްމަދު — ޤާނޫނީ ވަކީލު: އޒ.މުޙައްމަދު އަޒްމީ، ޕްރީމިއަރ ޗެމްބަރސް؛ 4-މުސްލިމާ ޢަބްދުލްޤައްޔޫމް، 5-އިބްރާހީމް މުޙައްމަދު — ޤާނޫނީ ވަކީލު: އޒ.މުޢައްވިޒް ރަޝީދު؛ 6-މުޙައްމަދު ޔޫސުފް މޫސާ — ޤާނޫނީ ވަކީލު: އޒ.އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު
މަދަނީ- ވަގުތީ އަމުރު މުރާޖަޢާކުރުން
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިސްތިއުނާފުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) (މީގެ ފަހުން "އެސް.ބީ.އައި" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް އާއި، ކ.މާލެ، […] ޢަބްދުﷲ އިޝާން އަދި ޢާއިޝަތު އިއުފާ މުޙައްމަދު އާއި، ކ.މާލެ، […] މުސްލިމާ ޢަބްދުލްޤައްޔޫމް އާއި، ކ.މާލެ، […] ([…] ) މުޙައްމަދު ޔޫސުފް މޫސާ އާއި، ކ.މާލެ، […] އިބްރާހީމް މުޙައްމަދު އެވެ. (ޖުމްލަ ގޮތެއްގައި "އިސްތިއުނާފު ރައްދުވާ ފަރާތްތައް" މިފަދައިން މުޚާތަބު ކުރެވޭ)
މައްސަލައިގެ ފަސްފަހަތް
3ސިވިލް ކޯޓުގެ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އަކީ އެކޯޓުގެ ނަންބަރު 1311/Cv-C/2021 ޤަޟިއްޔާ (ތަންފީޛީ ޤަޟިއްޔާ) ގައި ނެރެވިފައިވާ ވަގުތީ އަމުރެކެވެ.
4ބުނެވުނު ތަންފީޛީ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ 289/Cv-C/2012 ޤަޟިއްޔާއިން ސާބިތުކޮށްފައިވާ ދަރަނި އަދާނުކޮށްގެން އެޙުކުމް ތަންފީޛުކުރުމަށް ހުށަހެޅި ހިނގަމުންދާ ޤަޟިއްޔާއެކެވެ. މި ދަރަންޏަކީ، އެސް.ބީ.އައި މާލެ ބްރާންޗުންނާއި އެސް.ބީ.އައި (މޮރިޝަސް) ބްރާންޗްއިން ގަސްވެލި (މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތެއް) ނަގާފައިވާ ޓަރމް ލޯނުތަކަކާއި ގުޅިގެން އެލޯނުތަކަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށް ގަސްވެލިއާއި ލޯނުގެ ގެރެންޓަރުންގެ މައްޗަށް ކޮށްފައިވާ ޙުކުމެކެވެ. ބުނެވުނު ގެރެންޓަރުންގެ ތެރޭގައި މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ކ.މާލެ، […] މުޙައްމަދު ޔޫސުފް މޫސާއާއި، ކ.މާލެ، […] އިބްރާހީމް މުޙައްމަދު ހިމެނެއެވެ.
5އޭގެއިތުރަށް ހިމެނޭ ގެރެންޓަރަކީ ކ.މާލެ، […] މުޙައްމަދު މަނިކުއެވެ. ކ.މާލެ، […] މުޙައްމަދު މަނިކު 08 ސެޕްޓެމްބަރު 2018 ގައި ނިޔައުވެފައިވާއިރު، މަރްޙޫމްގެ ވާރިޘުންގެ ގޮތުގައި ހިމެނެނީ މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ކ.މާލެ، […] ޢަބްދުﷲ އިޝާން އާއި ކ.މާލެ، […] ޢާއިޝަތު އިއުފާ މުޙައްމަދު އާއި ކ.މާލެ، […] މުސްލިމާ ޢަބްދުލްޤައްޔޫމް އެވެ.
6މަރްޙޫމްގެ ތަރިކައިގެ މައްސަލައިގައި، މަރްޙޫމްގެ ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ހުރުމާއިއެކު، މަރްޙޫމްގެ މައްޗަށް އޮތް ދަރަނީގެ ޒިންމާ ވާރިޘުން އަމިއްލަ ހައިސިއްޔަތުން އުފުލަން ބޭނުންނުވާތީ މި ޤަޟިއްޔާގައި ނިންމާފައިވަނީ އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މައްޗަށް އޮތް ދަރަނިތައް ޚަލާޞްކޮށް ނިމުމަށްފަހު، މަރްޙޫމްގެ މުދަލެއް ހުރެއްޖެނަމަ، އެ މުދަލަކީ މަރްޙޫމްގެ ތަރިކަ ކަމުގައި ޙުކުމްކޮށެވެ.
ތަންފީޛީ މައްސަލައިގެ ތެރެއިން ނެރުނު ފުރަތަމަ ވަގުތީ އަމުރު (09 ފެބްރުއަރީ 2022)
7ސިވިލް ކޯޓުގެ ނަންބަރު 289/Cv-C/2012 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅި ތަންފީޛީ މައްސަލައިގައި ވަގުތީ އަމުރަކަށް އެސް.ބީ.އައި ގެ ފަރާތުން އެދިފައިވެއެވެ. އެގޮތުން އެފަރާތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދަރަނި ސާބިތުވެ ނިޔައުވެފައިވާ ގެރެންޓަރުގެ މުދަލުން ތަސައްރުފުކުރުން ފަސްކުރުމުގެ އަމުރަކަށެވެ. ސިވިލް ކޯޓުން ނެރުނު އަމުރުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"........ދެންނެވުނު ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ހިނގަމުންދާ މިޤަޟިއްޔާގެ މަޢުޟޫޢުގައި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މި އަމުރާއި މެދު ވަކިގޮތެއް ނިންމަންދެން؛
1. […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކުގެ އެއްވެސް މިލްކުވެރިކަން ބަދަލުވެދާނެފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށް މަރްޙޫމްގެ ވާރިޘުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށާއި،
2. […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކު އެއްވެސް ޙިއްޞާ އެއް ތަމްޘީލް ކުރުމުގެ ބާރު ވާރިޘުންނަށް ލިބިގެންނުވާކަމަށާއި،
3. […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކު ޑިރެކްޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ކުންފުންޏެއްގައި އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ނަމުގައި އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި،
4. އަލްމަރުޙޫމް މުޙައްމަދު މަނިކު ޙިއްޞާ އޮންނަ އެއްވެސް ކުންފުންޏެއްގެ ޙިއްސާއަށް ބަދަލު ގެނައުމުގެ ގޮތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ މައްޗަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށާއި،
5. […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކުގެ ޙިއްޞާ އޮންނަ ކުންފުނިތަކަށް ލިބިގެންވާ ރިޒޯޓްތަކުގެ ލީސް ހޯލްޑ ރައިޓްސް އެއްވެސް ފަރާތަކަށް ބަދަލުކުރެވޭނެފަދަ މުޢާމަލާތެއް ނުކުރުމަށް އަލްމަރުޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ މައްޗަށާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފީމެވެ."
ވަގުތީ އަމުރު އިސްތިއުނާފުކުރުން
8ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (9 ފެބްރުއަރީ 2022) "ވަގުތީ އަމުރު" ޢަބްދުﷲ އިޝާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުން ބަލާފައިވާ ނަންބަރު 2022/HC-A/103 ޤަޟިއްޔާގައި މިކޯޓުން ނިންމާފައިވަނީ ޢަބްދުﷲ އިޝާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.
ވާރިޘުންގެ ފަރާތުން ވަގުތީ އަމުރަކަށް އެދުން
9ސިވިލް ކޯޓުގެ ނަންބަރު 1311/Cv-C/2021 ޤަޟިއްޔާގައި ގެރެންޓަރު […] މުޙައްމަދު މަނިކުގެ ވާރިޘުންގެ ފަރާތުން ޢަބްދުﷲ އިޝާން، 06 ޑިސެންބަރު 2022 ގައި ވަގުތީ އަމުރަކަށް އެދި ފޯމެއް ހުށަހެޅިއެވެ. މިފޯމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރުގައި މަރްޙޫމްގެ އެއްވެސް މުދަލެއް/ ޙިއްސާއެއް/ ލީސް ހޯލްޑް ރައިޓްސް އެހެން އެއްވެސް ފަރާތަކަށް ބަދަލުނުކުރެވޭ ގޮތަށް އަމުރުކޮށްފައިވުމުން މަރްޙޫމްގެ މައްޗަށް އޮތް ދަރަނި ޚަލާސްކުރެވޭނެ މަގެއް ނެތްކަމަށާއި، މިކަމުގެ ސަބަބުން ގެއްލުންވާތީ ދަރަނިތައް ޚަލާސްކުރުމަށްޓަކައި ވާރިޘުންގެ ފަރާތުން ޕަވަރ އޮފް އެޓަރނީ ލިބިދީފައިވާ ޢަބްދުﷲ އިޝާން މެދުވެރިކޮށް ޤަޟިއްޔާގެ ޙުކުމްގައިވާ ގަސްވެލި، ދެކުނުބޮޑުވެލި، އަދި ކުޑައުސްފުށި ފިޔަވައި މަރްޙޫމްގެ ނަމުގައި ނަގާފައިވާ މުދާ ވިއްކުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށެވެ.
10އޭގެ ފަހުން 03 އޭޕްރީލް 2023 ގައި، ޢަބްދުﷲ އިޝާންގެ ވަކީލުންގެ ފަރާތުން ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީގައި އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ޙިއްސާ އޮންނަ އެއްލައިދޫ އާއި މާގާ ގެ ހެޑްލީސް ވިއްކާލުމަށް އެސް.ބީ.އައި އިން "ނޯ އޮބްޖެކްޝަން ލެޓަރ" ދީފައިވާތީއާއި، މިމުއާމަލާތް ކުރިއަށް ގެންދިޔުމަށް ދަރަނި ސާބިތުވެފައިވާ އެހެން ފަރާތްތަކުންވެސް އެއްބަސްވާތީ، މިދެ ރަށުގެ ލީސްހޯލްޑް ރައިޓްސް ވިއްކާލުމުގެ ހުއްދަ އަށް އެދި ހުށަހަޅާފައިވެއެވެ. އަދި، އެފަރާތުން 06 ޑިސެންބަރު 2022 ގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމައިދިނުމަށް އެދިފައިވެއެވެ.
11އިސްތިއުނާފުން ބެލެވެމުންދާ ސިވިލް ކޯޓުގެ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ގައި ކުރިން ނެރެފައިވާ އަމުރުގައިވާ ކަންތައްތައް ނަކަލުކުރުމަށްފަހު އެކޯޓުން ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ.
"......މިތަންފީޛު ޤަޟިއްޔާ ރައްދުވާ ހުރިހާ ފަރާތްތަކުންވެސް މިވަގުތީ އަމުރު ނެރުނުއިރުވެސް ދަޢުވާކުރާ ފަރާތުން އެދިފައިވާގޮތަށް އަމުރު ނެރެއްޖެނަމަ ދަޢުވާލިބޭ ފަރާތްތަކުން ދަރަނި އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެތީ، ވަގުތީ އަމުރު ނެރެދެއްވުން ނެތްކަމަށް ކަނޑަ އަޅައި ދިނުމަށް އެދިފައިވާކަން އެނގެން އޮންނަކަމާއި،
އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ ފަރާތުން ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ޢަބްދުﷲ އިޝާންގެ ފަރާތުންވެސް މިޤަޟިއްޔާގައި ނެރެފައިވާ ވަގުތީ އަމުރާއި ބައެއް ކަންކަން ބާޠިލުކުރުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދިފައިވާ ވާކަމާއި، މިއަމުރުގައި "އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މައްޗަށް އޮތް ދަރަނިތައް ޚަލާޞް ކުރުމަށްޓަކައި، ހުރިހާ ވާރިޘުންގެ ފަރާތުން ތަމްޘީލްކުރާނެ ފަރާތެއްގެ ގޮތުގައި […] ޢަބްދުﷲ އިޝާން ހަމަޖައްސާ ދީފައިވާ ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ޤަޟިއްޔާ ނަންބަރު 289/Cv-C/2012 ޙުކުމުގައި ގަސްވެލި، ދެކުނު ބޮޑުވެލި، އަދި ކުޑައުސްފުށި (ރިޒޯޓް) ފިޔަވައި އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ނަމުގައިވާ މުދަލެއް ވިއްކުމުގެ ޙައްޤު ޢަބްދުﷲ އިޝާން އަށް ދީފީމެވެ." މިގޮތަށް އެދިފައިވާކަމާއި،
އަލްމަރްޙޫމް މުޙައްމަދު މަނިކު ޙިއްސާ އޮންނަ ދެ ރިޒޯޓް ކަމުގައިވާ އެއްލައިދޫއާއި މާގާ ގެ ހެޑްލީސް ވިއްކާލުމުގެ "ނޯ އޮބްޖެކްޝަން ލެޓަރ" ދަޢުވާކުރާ ފަރާތުން ކޯޓަށް އެންގުމަކާއި ނުލައި ދަޢުވާލިބޭ އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ ފަރާތުން ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ޢަބްދުﷲ އިޝާނަށް ދީފައިވާ އޮންނަކަމާއި،
މަތީގައި ފާހަގަކުރެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ދަޢުވާކުރާ ފަރާތް އެދިގެން ނެރެފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބުރުއަރީ 2022) ވަގުތީ އަމުރު ބާޠިލުކޮށް، މިކަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އާއި އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންނަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި، ކަމާއި ގުޅުން ހުރި އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގައި މިގޮތުގެ މަތީން ކަނޑައަޅައިފީމެވެ."
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް
12ސިވިލް ކޯޓުގެ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެސް.ބީ.އައި (މާލެ ބްރާންޗް) ގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާއެވެ. އެއީ؛
12.1. ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 "ވަގުތީ އަމުރު" (09 ފެބްރުއަރީ 2022) މުރާޖަޢާކުރުމުގެ ގޮތުން ސިވިލް ކޯޓުން ނިންމެވި ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" (10 އޭޕްރީލް 2023) ނިންމާފައިވަނީ އިޖުރާޢަތުގެ ޤާނޫނާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާޢަތުގެ ގަވާއިދާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12.1.1. މިނުކުތާގެ ތަފްސީލުގައި އެސް.ބީ.އައިގެ ފަރާތުން ފާހަގަކޮށްފައިވަނީ، މިހާރު ވަގުތީ އަމުރާގުޅޭ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންކަމަށާއި، އެކަން ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ އަދި އިތުރު ފަސް ފަރާތެއް ޤަޟިއްޔާއިން އިނގެން އޮންނަކަމަށެވެ. ވަގުތީ އަމުރު ނެރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގައި ކަމަށާއި، ވަގުތީ އަމުރަކަށް އެދެވޭނެ ވަގުތު އެޤާނޫނުގެ 243 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، ވަގުތީ އަމުރަށް އެދެވޭނެ ގޮތް އެޤާނޫނުގެ 244 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 248 ވަނަ މާއްދާގެ (ށ) ގައި ވަނީ ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ބަދަލުކުރުމަށް ނުވަތަ ބާޠިލްކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރަކީ ފައިސާ ދެއްކުމުގެ ވަގުތީ އަމުރަކަށްނުވާތީ، މިމާއްދާ މިމައްސަލައަށް ތަތުބީޤު ނުކުރެވޭނެކަމަށެވެ. ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި ވަގުތީ އަމުރު މުރާޖަޢާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ދެ ޙާލަތަކީ، 1-ފައިސާ ދެއްކުމަށް ނެރޭ ވަގުތީ އަމުރުތަކާއި؛ 2-ޚަސްމެއްގެ ޣައިރު ޙާޟިރުގައި ނެރެވޭ ވަގުތީ އަމުރުކަމަށެވެ. މިފަދަ ޙާލަތެއް ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރުގައި އުފަންނުވަނީސް އެކޯޓުގެ ނަންބަރު 144-B14/VM/2023/01 ނިންމުމުން މިވަގުތީ އަމުރު ބާތިލްކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދާ ޚިލާފަށްކަމުގައި ފާހަގަކުރާކަމަށެވެ.
12.2. ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރު މުރާޖަޢާކުރުމުގެ ގޮތުން ސިވިލް ކޯޓުގެ ނިންމެވި ނަންބަރު 144-B14/VM/2023/01 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް (10 އޭޕްރީލް 2023) ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުސައިން ޙަމްދާން ވ. މުޙައްމަދު ޒިޔާދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12.2.1. މިނުކުތާގެ ތަފްސީލްގައި އެސް.ބީ.އައި ގެ ފަރާތުން ފާހަގަކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ނެރެވޭ ވަގުތީ އަމުރުތައް އެއަމުރެއް ނެރުނު ކޯޓެއްގައި މުރާޖަޢާ ކުރެވޭނެ ޙާލަތްތައް ހައިކޯޓުގެ ޙުސައިން ޙަމްދާން ވ. މުޙައްމަދު ޒިޔާދު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި، ބަހުސްގެ ބޭނުމަށް މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލު މަދަނީ އިޖުރާއަތުގެ ޤާނޫނަށްފަހުވެސް ތަތުބީޤު ކުރެވޭނެކަމަށް ބެލިނަމަވެސް، އެޤަޟިއްޔާގައިވާ ޙާލަތެއް މިމައްސަލައިގައި ކުރިމަތިވެފައިނުވާކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރު މުރާޖަޢާކުރުމަށް އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ ފަރާތުން އެދިފައިނުވަނީސް، ޢަބްދުﷲ އިޝާންގެ ފަރާތުން އެދިފައިވަނީ ވަގުތީ އަމުރެއް ނެރެދިނުމަށްކަމަށާއި، އެހެންކަމުން އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ފަރާތުން ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅާފައި ނުވަނީސް ޝަރީޢަތުން އަމިއްލައަށް ވަގުތީ އަމުރު މުރާޖަޢާ ކުރުމުގެ ބާރު ލިބިގެން ނުވާކަމަށެވެ. ޢަބްދުﷲ އިޝާންގެ ފަރާތުން އެދުނު ވަގުތީ އަމުރުގައި އެދިފައިވާ ބައެއް ކަންތަކުގެ ނަތީޖާއަކީ ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރަށް ބަދަލު އައުންކަމުގައި ވީނަމަވެސް، ޢަބްދުﷲ އިޝާންގެ ފަރާތުން އަމުރުގެ ބައެއްކަންކަން ބާޠިލްކުރުމަށް އެދިފައިވާކަމަށް ބުނެވޭނެ ޤާނޫނީ ހަމައެއްނެތްކަމަށެވެ. މީގެ އިތުރުން ބޭންކުގެ ފަރާތުން ޢަބްދުﷲ އިޝާނަށް ދީފައިވާ "ނޯ އޮބްޖެކްޝަން ލެޓަރ" ގައި ބަޔާންކޮށްފައިވާ ގޮތުން އެއްލައިދޫ އަދި މާގާ ގެ ހެޑްލީސް ރައިޓްސް ވިއްކާލެވޭނީ ތަންފީޛީ ޤަޟިއްޔާގައި ޝަރީޢަތުން ހުއްދަ ހޯދައިގެންކަމުގައި ބަޔާންކޮށްފައިވާނެކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވާހަކަ
13އިސްތިއުނާފު ރައްދުވާ މުޙައްމަދު ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޙައްމަދު ޔޫސުފް އަކީ މައްސަލައިގައި ގެރެންޓަރ އެއް ކަމަށާއި، އެދެނީ ގެރެންޓަރ އެއްގެ ފަރާތުން ޖެހޭ އިލްތިޒާމުތައް ކުރިމަތިނުކޮށް މައްސަލަ ނިންމަންކަމަށާއި، އޭގެ ތެރެއިން އިސްތިއުނާފު ކުރާ އެސް.ބީ.އައި ގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގެ ނަންބަރު 7.1.1.12 ގައި ބަޔާންކޮށްފައިވަނީ، "މުދާތައް ވިއްކާލިކަމުގައި ވީނަމަވެސް ދަރަނި އެކުގައި ޚަލާޞް ނުކުރެވޭނެތީ އެ ޙާލަތުގައި ދަރަނި ޚަލާޞްކުރުމަށް ދެން އޮތް މަގަކީ އަލްމަރުޙޫމް މުޙައްމަދު މަނިކު ހިމެނޭހެން ގެރެންޓީ ދިން އެހެން ފަރާތްތަކުގެ މުދާ ވެސް ވިއްކާލުމަށްކަމަށް ވާތީ، އެކަން އެ މަގުން ހިނގުމުގެ ކުރިން އަލްމަރުޙޫމް މުޙައްމަދު މަނިކުގެ މުދާ ވިއްކާލުމުގެ ބިރު އޮތްކަމަށެވެ." މިފަދައިންކަމަށާއި، އެހެންކަމުން، މި ބިރު އޮތް ކަމުގައިވާނަމަ އެދެނީ އިސްތިއުނާފު ކޮށްފައިވާ ފަރާތުން އެދޭ ގޮތަށް މި މައްސަލަ ނިންމައި ދިނުމަށްކަމަށާއި،އެއީ މިވަގުތީ އަމުރު ބާޠިލްކޮށްދިނުމަށްކަމަށެވެ.
14އިސްތިއުނާފު ރައްދުވާ ޢަބްދުﷲ އިޝާން އަދި ޢާއިޝަތު އިއުފާ މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރަކީ ވަކި ކަމެއް ކުރުމަށް އޮންނަ ދާއިމީ އަމުރެއް ނޫންކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ވަގުތީ އަމުރު މުރާޖަޢާ ނުކުރެވޭނެއޭ ބަޔާންކޮށްފައި ނެތްނަމަވެސް، ކޯޓުގައި އެފަދައިން އެދުމުން މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުން އެކަން ކުރަމުންދާކަމަށާއި، ވަގުތީ އަމުރު މުރާޖަޢާ ނުކުރެވޭނަމަ، އަންނަ ބަދަލުތަކާ ގުޅިގެން ލިބޭނެ ރިލީފެއް ނޯންނާނެކަމަށެވެ. މައްސަލައިގައި ރަހުނު ކުރެވުނީ ގަސްވެލި އައިލެންޑްސް ޕވޓ ލޓޑ ކަމަށާއި، ނަމަވެސް އެއްލައިދޫ އަދި މާގާ ވިއްކާލަންޖެހެނީ އެސް.ބީ.އައި ގެ ހުއްދައާއެކު ކަމަށާއި، މިދެ ރަށްވަނީ އެހެން ދެ ބޭންކެއްގައި ރަހުނުކޮށްފައިކަމުން އެސް.ބީ.އައި ގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނީ ބަހުސް ހަމަނުޖެހޭކަމަށެވެ.
15އިސްތިއުނާފު ރައްދުވާ މުސްލިމާ ޢަބްދުލްޤައްޔޫމް އަދި އިބްރާހީމް މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، މިމައްސަލައިގައި ވަކިކަމެއް ފާހަގަކޮށްލަން ނެތްކަމަށާއި، ސަބަބަކީ، މިމައްސަލައިގެ މައުޟޫޢުގައި ހިމެނޭ މައްސަލައަކީ އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މުދަލާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކާއި ގުޅޭ ގޮތުން ނިންމާފައި ނިންމުމެއްގެ އިސްތިއުނާފު ކަމަށާއި، މިމައްސަލައާއި މިމުދަލާއި ގުޅޭ ސީދާ ގުޅުމެއް ނެތްކަމަށާއި، އަދި ރަހުނު ވިއްކާލުމަށްފަހު ލޯނު އަދާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާކަމަށެވެ.
16އެސް.ބީ.އައި ގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލެވެމުންމިދާ މައްސަލައިގައި އެސް.ބީ.އައި ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދަޢުވާ ފޯމުގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި "ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް" ހިމަނާފައިވެއެވެ. ނަމަވެސް މިމައްސަލައިގެ އަޑުއެހުންތަކަށް މިކުންފުނީގެ ފަރާތުން އެއްވެސް ފަރާތެއް ޙާޟިރުވެފައިނުވެއެވެ. އެހެންކަމުން، މިކުންފުނީގެ ސްޓޭޓަސް އަކީ ކޮބައިތޯ މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ އިޝާން އާއި ޝަރީޢަތުން ސުވާލުކުރުމުން ބުނެފައިވަނީ، ގަސްވެލި އޮތީ ނޮން-އޮޕަރޭޝަނަލް ސްޓޭޓަސް އެއްގައި ކަމަށާއި، އެއީ ބޯޑުގެ ދެ މެންބަރުންގެ ތެރެއިން މެޖޯރިޓީ ޝެއަރ ހޯލްޑަރ އަލްމަރްޙޫމް މުޙައްމަދު މަނިކު ނިޔާވެފައިވާތީކަމަށާއި، މެމްބަރުން ހަމަނުވާތީއާއި، މިހާރު އޮތް ގޮތުން ކުންފުނި ތަމްސީލް ކުރުމަށް ރެޕްރެސެންޓޭޓިވް އެއް އައްޔަން ނުކުރެވޭނެ ކަމަށާއި، ދަރަނި ޚަލާސްކުރެވިގެން ނޫނީ ޙިއްސާ ބެހެން ނެތްކަމަށާއި، މިހާރު ބާކީ ހުރީ އެންމެ ޙިއްސާދާރެއްކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
ޝަރީޢަތުގެ ކުރިމަތީގައި އޮތް ބަހުޘް
17ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މިކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ، ކޯޓަކުން ނެރެފައިވާ ވަގުތީ އަމުރެއް ހަމައެކޯޓަށް މުރާޖަޢާ ކުރެވިދާނެތޯ އާއި މިމައްސަލައިގައި ހިމެނޭ ނަންބަރު 144-B14/VA/2022/01 (9 ފެބްރުއަރީ 2022) "ވަގުތީ އަމުރު"، އިސްތިއުނާފު ކުރެވޭ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިން ބާޠިލްކުރެވިފައިވަނީ މަތީ މަރުޙަލާގެ ނިންމުންތަކާ އެއްގޮތަށް ތޯއެވެ.
18އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އެސް.ބީ.އައި ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގައި ވަގުތީ އަމުރަށް އެދެވޭނެ ޙާލަތާއި ވަގުތު ބަޔާންކޮށްފައިވާކަމަށާއި، ވަގުތީ އަމުރެއް މުރާޖަޢާ ކުރެވޭނެ ޙާލަތްތައްވެސް އެޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނާއި މަދަނީ އިޖުރާއަތުގެ ޤަވާއިދު މިހާރު ފަރުމާ ކުރެވިފައިވާ ގޮތުން، މަދަނީ މައްސަލައަކާއި ގުޅިގެން ކޯޓަކުން ނެރެފައިވާ ވަގުތީ އަމުރެއް އެކޯޓަކުން ބަދަލުކޮށް ބާޠިލުކުރުމުގެ ބާރު އެޤާނޫނުން ލިބިދީފައިވަނީ ދެޙާލަތެއްގައި ކަމަށެވެ. އެއީ އެޤާނޫނުގެ 248 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ފައިސާ ދެއްކުމުގެ ވަގުތީ އަމުރު މުރާޖަޢާކުރުމުގެ ޙާލަތާއި އަދި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ޣައިރު ޙާޟިރުގައި ނެރެވޭ ވަގުތީ އަމުރުތަކަށް ކަމަށެވެ. އަދި، މިދެބާވަތުގެ ވަގުތީ އަމުރު ފިޔަވައި އެހެނިހެން ވަގުތީ އަމުރުތައް ބާޠިލްކޮށް ބަދަލުކުރުމުގެ ބާރު އަމުރު ނެރުނު ކޯޓަށް ލިބިގެންނުވާކަމަށެވެ.
19މިމައްސަލައިގައި ނެރެފައިވާ ފުރަތަމަ ވަގުތީ އަމުރަށް ބަލާއިރު، މިއަމުރަކީ ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި މައްސަލަ ކުރިއަށް ދަނިކޮށް ދަރަނިވެރިޔާ […] އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ މަޤްސަދުގައި ނެރެވިފައިވާ އަމުރެއްކަން އެނގެއެވެ.
20HN1މަދަނީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާއަކީ، ދަރަނިވެރިޔާގެ މުދަލާއި މާލީ ޙާލަތު ކޯޓުން ގާތުން ބަލައި މުދާ ކޯޓުން ހިފަހައްޓާ، ހިފަހައްޓާ މުދަލުގެ ބެލެނިވެރިކަން ޙަވާލުކޮށް ކޯޓުން އެމުއްދާ ވިއްކާ، ދަރަނިވެރިޔާ އަމިއްލައަށް މުދާ ވިއްކާލުމުގެ ހުއްދަދީ، ޤާނިޝީއެއްގެ ފަރާތުން ޙުކުމްގައި ބަޔާންކުރާ ފައިސާ ހޯދުން ފަދަ ޙުކުމް ތަންފީޛުކުރުމަށް ފަހިކޮށްދޭނެ ތަފާތު ފިޔަވަޅު އެޅުމުގެ އިޖުރާއަތު ބަޔާންކުރާ މަރުޙަލާއެކެވެ. މިމަރުޙަލާގައި ކޯޓުން ވަގުތީ އަމުރެއް ނެރޭނީ ދަރަނި ޚަލާޞްކުރުމަށްޓަކައި އެހިނދަށް ކޮންމެހެން ބޭނުންވާ މިންވަރަށް އަރަނިވެރިޔާއާ ދަރަނިވެރިޔާގެ މަސްލަހަތު ޙިމާޔަތްކުރެވޭގޮތަށެވެ.
21HN2މިމައްސަލައިގައި އެންމެ ފުރަތަމަ ވަގުތީ އަމުރަކަށް އެދިފައިވަނީ، އިސްތިއުނާފުކުރާ އެސް.ބީ.އައި ގެ ފަރާތުންނެވެ. އެއީ ދަރަނިވެރިޔާގެ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިއެވެ. މިއަމުރު ކޯޓުން ނެރެދީފައިވަނިކޮށް، ޙުކުމް ތަންފީޛުކުރުމަށްޓަކައި ދަރަނިވެރިޔާގެ މުދަލުގައި ހިމެނޭ ވަކި މުދަލެއް ވިއްކާލުމުގެ ހުއްދައަކަށް އެދި ހުށަހަޅާފައިވަނީ ދަރަނިވެރިޔާގެ ވާރިޘުންގެ ފަރާތުންނެވެ. އެފަދަ ހުށަހެޅުމަކާ މެދު ނިމޭ ގޮތަކީ މުދާ ވިއްކާލުމުގެ ހުއްދަދިނުން ކަމުގައިވާނަމަ ކުރިން ނެރެވިފައިވާ ވަގުތީ އަމުރަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައީ އެވެ.
22HN3މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޙުކުމް ތަންފީޛުކުރުމުގެ ބާބަށް ބަލާއިރު، އެބާބުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް މުރާޖަޢާކުރެވޭނެ އެކިއެކި ޙާލަތްތައް އެޤާނޫނުގައި ބަޔާންކުރެއެވެ. ވަގުތީ އަމުރަކީ އޭގެ ޒާތުގައިވެސް ކޯޓުން އެހެން ގޮތަކަށް އަމުރުކުރުމާ ހަމައަށް ދެވޭ ވަގުތީ ފަރުވާއެއް ކަން އެނގޭއިރު، ޙުކުމް ތަންފީޛު މަރުޙަލާގައި އެޅޭ މިފަދަ ފިޔަވަޅުތަކަށް ބަދަލެއް ނުގެނެވޭނެ ކަމުގެ ހުއްޖަތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާ އަދި 243 ވަނަ މާއްދާ ފުދޭ ކަމުގައި ނުދެކެމެވެ. އެހެނީ، މިއިން އެއްވެސް މާއްދާއެއްގައި ވަގުތީ އަމުރަކުން އަޅާފައިވާ ފިޔަވަޅެއް ބަދަލުކުރުމުގެ އިޚްތިޔާރު މުޠްލަޤަށް މަނާކުރާ ނައްސެއް ނެތުމުންނެވެ.
23HN4ވަގުތީ ގޮތެއްގައި އަޅާފައިވާ ފިޔަވަޅެއްގެ ޙާލަތު ބަދަލުވެގެން ނުވަތަ ކުރިން ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާނެ ފަދަ އިތުރު ކަމެއް ނުވަތަ ސަބަބެއް އޮތްކަމުގެ ހެކި ހުރެއްޖެނަމަ، އެކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، ދަށު ކޯޓުން ކުރިން ނިންމާފައިވާ ނިންމުން އެކޯޓުން ބަދަލުކުރުމަކީ ކުރެވިދާނެކަމެއް ކަން މިކޯޓުގެ ޙުސައިން ހަމްދާން ވ. މުޙައްމަދު ޒިޔާދު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އަދި މިއީ މިމައްސަލައިގެ އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާ ކުރާ މަސްދަރުވެސް މެއެވެ.
24މިގޮތުން، މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާކަމަކީ، ޙުސައިން ހަމްދާން ވ. މުޙައްމަދު ޒިޔާދު ޤަޟިއްޔާގައި ވަގުތީ އަމުރެއް މުރާޖަޢާކުރެވޭނެ ތިން ޙާލަތުގެ ތެރޭގައި، ޙާލަތު ބަދަލުވުމާއި ނުވަތަ އައު ހެކި ހުށަހަޅާފައިވުމާއި ނުވަތަ ޣައިރު ހާޟިރުގައި ނެރެވިފައިވާ އަމުރެއް ކަމުގައިވުން ކަމަށް ކަނޑައެޅިފައިވާއިރު، މިފަދަ ޙާލަތެއް މިމައްސަލައިގައި އުފަންވެފައިނުވާކަމަށެވެ. އެގޮތުން މައްސަލައިގައި އޮތް ޙާލަތު ބަދަލުވެގެން އަމުރު މުރާޖަޢާކުރުމަށް އެއްވެސް ފަރާތަކުން އެދިފައިނުވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކުން އެދިފައިވަނީ ދަރަނިވެރިޔާގެ މުދަލުގެ ތެރެއިން މުދަލެއް ވިއްކާލުމުގެ ހުއްދައަށް ކަމަށާއި، މިއަމުރާ މެދު ގޮތެއް ކަނޑައެޅުމުގެ ތެރޭގައި ކުރިން ނެރެފައިވާ ވަގުތީ އަމުރު ބާޠިލުކުރަން ޖެހުނު ސަބަބު ސާފުނުވާކަމަށެވެ.
25HN5މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރުން އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މުދަލުން ތަސައްރުފުކުރުން ހުއްޓުވާފައިވަނީ، އެސް.ބީ.އައި ގެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށެވެ. މިވަގުތީ އަމުރު މިހެން އޮއްވައި ދަރަނިވެރިޔާގެ ވާރިޘުންގެ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވަނީ މިމުދަލުގެ ތެރޭގައި ހިމެނޭ ދެރިސޯޓެއްގެ ލީސް ހޯލްޑްސް ރައިޓްސް ވިއްކުމާ ގުޅޭގޮތުން އަރަނިވެރިޔާއާއި ދަރަނިވެރިޔާއަށް އެއްބަސްވުމަކަށް އާދެވި މުދާ ވިއްކުމުގެ އިއުތިރާޟެއް ނެތް ކަމުގެ ސިޓީ އަރަނިވެރިޔާ ދިނުމުން އެސިޓީގެ މައްޗަށް ބިނާކޮށް މުދައު ވިއްކުމުގެ ހުއްދައަކަށް އެދިއެވެ. މިހުއްދަ އަށް އެދުމުން، އެހުށަހެޅުމާ މެދު ގޮތެއް ނިންމުމުގެ ބަދަލުގައި ކުރިން ނެރެފައިވާ ވަގުތީ އަމުރު ކޯޓުން ބާޠިލުކޮށްފައިވެއެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރު ނެރުނުއިރު ވެސް ދަރަނި ޚަލާސްކުރުމަށް ހުރަސް އެޅޭނެ ކަމަށް ދަރަނިވެރިން ބުނެފައިވުމާއި، ކޯޓަށް އެނގުމެއް ނެތި މުދާ ވިއްކުމަށް އިއުތިރާޟެއް ނެތް ކަމުގެ ސިޓީއެއް އަރަނިވެރިޔާގެ ފަރާތުން ދީފައިވުމެވެ.
26ސިވިލް ކޯޓުގެ މިނިންމުމަށް ބަލާއިރު، ކުރިން ނެރުނު އަމުރު ބާޠިލްކުރުމަށް ޢަބްދުﷲ އިޝާންގެ ފަރާތުން އެދިފައިނުވާކަމާއި، އެފަރާތުން އެދިފައިވަނީ، ތަސައްރުފުކުރުން މަނާކުރެވިފައިވާ މުދަލުގެ ތެރެއިން ވަކި މުދާ ތަކެއް (ގަސްވެލި، ދެކުނުބޮޑުވެލި، އަދި ކުޑައުސްފުށި) ފިޔަވައި މަރްޙޫމްގެ ނަމުގައި ހުރި މުދާ ވިއްކުމުގެ ޙައްޤުއޮތް ކަމަށް ކަނޑައަޅާ ދިނުމަށެވެ. އަދި އޭގެ ފަހުން 03 އޭޕްރީލް 2023 ގައި ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ މަރްޙޫމްގެ ޙިއްސާ އޮންނަ އެއްލައިދޫއާއި މާގާ ގެ ހެޑްލީސް ވިއްކާލުމުގެ ފުރުސަތު ލިބިފައިވާތީ، އެކަމަށް މަގުފަހިކޮށް ދިނުމަށާއި، އަދި މިމަޝްވަރާގައި އިސްތިއުނާފުކުރާ އެސް.ބީ.އައިގެ ފަރާތުން ބަހެއް ހޯދާ ނޯ އޮބްޖެކްޝަން ސިޓީއެއް ދީފައިވާތީ، މިދެރިސޯޓުގެ ހެޑްލީސް ވިއްކާލުމުގެ ހުއްދައަކަށް އެދިއެވެ.
27އެހެންކަމުން، މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ވަގުތީ އަމުރަކުން މުދަލުން ތަސައްރުފުކުރުން މަނާކުރެވިފައިވާއިރު، އޭގެ ތެރެއިން ވަކި މުދަލެއް ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅުމަކާއި ގުޅިގެން ކުރިން ނެރުނު ވަގުތީ އަމުރު އެއްކޮށް ބާޠިލްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅުން
28އިސްތިއުނާފުން ބެލެވެމުން މިދާ މައްސަލައިގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅައިފައިވެއެވެ. މިއަމުރަށް އެދި ހުށަހެޅި މައިގަނޑު ސަބަބަކީ، […] އަލްމަރްޙޫމް މުޙައްމަދު މަނިކު ނިޔާވިއިރު، އަލްފާ-ކިނާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް މަރްޙޫމްގެ ޙިއްސާއަށް 27 ޖަނަވަރީ 2025 ދުވަހު ބަދަލު ގެނެސްފައިވާތީ، އެކަމުގެ ސަބަބުން މަރްޙޫމްގެ ތަރިކައިގައި ހިމެނޭ މުދަލެއްގެ އަގު ނެތިގެންގޮސް، ދަރަނިތައް އަދާކުރުމަށް ހުރަސް އެޅި އަރަނިވެރިޔެއްގެ ޙައިސިއްޔަތުން އެސް.ބީ.އައި ގެ ޙައްޤަށް އުނިކަމެއް އަތުވެދާނެތީކަމަށް ބޭންކުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
29އެސް.ބީ.އައި ގެ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވަނީ، މިމައްސަލައިގެ އަޑުއެހުންތައް ނިމި މައްސަލަ ޙުކުމް ކުރުމަށް ތައްޔާރު ވެފައިވަނިކޮށްކަމުން، މިމައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމުމުގެ ބަދަލުގައި، ހުށަހެޅިފައިވާ އިސްތިއުނާފީ ދަޢުވާއަށް އަވަސްގޮތެއްގައި ގޮތެއް ކަނޑައެޅުމީ އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މަސްލަޙަތުގައި އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ، މައްސަލަ އަވަހަށް ނިންމުމަށް އިސްކަން ދިނުމުގެ ގޮތުން އެސް.ބީ.އައި ގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅިފައިނުވާނެއެވެ.
ނިންމަން ފެންނަ ގޮތް
30އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިން ކުރިން ނެރެފައިވާ އެކޯޓުގެ ނަންބަރު 144-B14/VA/2022/01 (9 ފެބްރުއަރީ 2022) "ވަގުތީ އަމުރު" ބާޠިލްކޮށްފައިވާ އަސާސް ސާފުނުވާތީ އާއި، 03 އޭޕްރީލް 2023 ގައި ޢަބްދުﷲ އިޝާންގެ ފަރާތުން މުދައު ވިއްކުމުގެ ހުއްދަ އަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅިފައިނުވާތީ، އިސްތިއުނާފު ކުރެވިފައިވާ ނަންބަރު 144-B14/VM/2023/01 ނިންމުން ނިންމާފައިވަނީ، ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ނުދެކެމެވެ. ވުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލްކޮށް، 03 އޭޕްރީލް 2023 ގައި ޢަބްދުﷲ އިޝާންގެ ފަރާތުން މުދައު ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމާއި، 06 ޑިސެންބަރު 2022 ގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާމެދު މިހިނދަށް ގޮތެއް ކަނޑައެޅިފައިނުވާނަމަ، އެހުށަހެޅުންތަކާމެދު ގޮތެއް ކަނޑައެޅުމަށް އަންގައި، މައްސަލަ ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށް ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
31ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢުގެ ރައުޔު
32ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
33މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެފަދައިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 144-B14/VM/2023/01 "ވަގުތީ އަމުރު މުރާޖައާކޮށް ނިންމިގޮތް" ބާޠިލްކޮށް، […] އިޝާންގެ ފަރާތުން 03 އޭޕްރީލް 2023 ގައި މުދައު ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމާއި، 06 ޑިސެންބަރު 2022 ގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާމެދު މިހިނދަށް ގޮތެއް ކަނޑައެޅިފައިނުވާނަމަ، އެހުށަހެޅުންތަކާމެދު ގޮތެއް ކަނޑައެޅުމަށް އަންގައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން، ސިވިލް ކޯޓަށް ފޮނުވުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ފުޓްނޯޓު
- މީގެ ފަހުން "ގަސްވެލި" ގެ ގޮތުގައި މުޚާތަބު ކުރެވޭ
- ސިވިލް ކޯޓުގެ ނަންބަރު 289/Cv-C/2012 ޤަޟިއްޔާއިން 28 މާރިޗް 2018ގައި ކޮށްފައިވާ ޙުކުމް
- ސިވިލް ކޯޓުގެ ނަންބަރު 1050/Cv-C/2019 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 1050/Cv-C/2019 ޤަޟިއްޔާ
- ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 "ވަގުތީ އަމުރު" (09 ފެބްރުއަރީ 2022)
- ސިވިލް ކޯޓުގެ ނަންބަރު 289/Cv-C/2012 ގެ ތަންފީޛީ ޤަޟިއްޔާ
- އިސްތިއުނާފު ފޯމާއެކު އެޓޭޗް ކޮށްފައިވާ ޑޮކިއުމެންޓް 10- ފޯމު 32
- ސެގަސިޓީ ޕާރޓްނަރސްގެ ނަންބަރު 2023/SP/AD/13 (02 އޭޕްރީލް 2023) ސިޓީ
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66
- ހައިކޯޓުގެ ނަންބަރު 2015/HC-S-A/15
- ޙާލަތްތަކަކީ 1-ވަގުތީ އަމުރަށް އެދި ހުށަހެޅުނު ޙާލަތު ބަދަލުވެއްޖެނަމަ ނުވަތަ 2-އައު ހެއްކެއް ވުޖޫދުވެފައިވާނަމަ، ނުވަތަ 3-ވަގުތީ އަމުރެއް ނެރެފައިވަނީ ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ބަހެއްނެތި ކަމުގައިވާނަމަ، އެފަދަ އަމުރެއް ނެރުނުކަން އަމުރު ރައްދުވާ ފަރާތަށް އެނގޭތާ އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެފަރާތުގެ ބަސް އަޑުއެހުމަށްފަހު އެއަމުރު މުރާޖަޢާ ކޮށްދިނުމަށް އެއަމުރު ނެރުނު ކޯޓުގައި އެދެވިދާނެކަމަށް
- ހައިކޯޓުގެ ނަންބަރު 2015/HC-S-A/15
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
- 2022/R-105 ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު
- ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2022/01 (09 ފެބްރުއަރީ 2022) ވަގުތީ އަމުރު
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 382 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 375 ވަނަ މާއްދާ
- 2019/HC-S-A/15
- 2019/HC-S-A/15
- ހައިކޯޓަށް ހުށަހެޅީ 19 މާރިޗު 2025 ގައި
- އެސް.ބީ.އައި (މާލެ ބްރާންޗް) ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމް" ގައި ތަފްސީލް ކޮށްފައިވޭ
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/79
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 242، 243 އަދި 244 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 248 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 369، 375 އަދި 382 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 32 ވަނަ މާއްދާގެ (ނ)
- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު (2022/R-105)
- ހައިކޯޓުގެ 2019/HC-S-A/15 (ޙުސައިން ޙަމްދާން ވ. މުޙައްމަދު ޒިޔާދު)
- ހައިކޯޓުގެ 2022/HC-A/103
- ސުޕްރީމް ކޯޓުގެ 2021/SC-A/66 (މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ އަދި އިތުރު ފަސް ފަރާތެއް)
- ސުޕްރީމް ކޯޓުގެ 2022/SC-A/79
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.