ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2023] SC 13 · 2022/SC-A/79

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ވ. ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 އޭޕްރީލް 2023ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
B1/CHT/2022/4248-95
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ވަގުތީ އަމުރު ނުނެރުމުން ވޯޓަރ ފްރޮންޓް ހައިކޯޓަށް އިސްތިއުނާފުކޮށް، އިސްތިއުނާފަށް ގޮތެއް ނިންމަންދެން ސިޓީއަށް ޢަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރަކަށް އެދުނެވެ؛ ސިޓީގެ 30 ދުވަސް ހަމަވެ ޙާލަތު ބަދަލުވެދާނެތީ ހައިކޯޓުން އެ އަމުރު (21 ސެޕްޓެންބަރު 2022) ނެރެދިނެވެ.
ވާޤިޢާ
ހުޅުމާލޭގައި ވޯޓަރ ތީމް ޕާކާއި ހޮޓަލެއް ތަރައްޤީކުރުމަށް ވޯޓަރ ފްރޮންޓާ ވެފައިވާ އެއްބަސްވުން 22 އޮގަސްޓް 2022 ގައި އެޗް.ޑީ.ސީއިން ބާޠިލުކުރިއެވެ. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުގައި ހިނގަމުންދާ މައްސަލައެއްގެ ތެރެއިން އެ ސިޓީއަށް ޢަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވޯޓަރ ފްރޮންޓް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުނެރުމާމެދު ހުށަހެޅުނު އިސްތިއުނާފެއްގައި، އިސްތިއުނާފުގައި އެދޭ ފަރުވާއާ އެއް ފަރުވާއެއް ދޭ ވަގުތީ އަމުރެއް އިސްތިއުނާފަށް ގޮތެއް ނިންމުމުގެ ކުރިން ހައިކޯޓުން ނެރެދީފައިވަނީ ނެކްސްބިޒް މައްސަލައިގެ އުޞޫލުތަކާ އެއްގޮތަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އެޗް.ޑީ.ސީ ބުނީ އަމުރުން ހައިކޯޓުގެ ކުރިމަތީގައިވާ އިސްތިއުނާފަށް ދުރާލައި ފައިސަލާކޮށް، ނެކްސްބިޒްގެ އުޞޫލާ ޚިލާފަށް ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ދީފައިވާ ކަމަށެވެ. ވޯޓަރ ފްރޮންޓް ބުނީ ނެކްސްބިޒްގެ ތިން ޝަރުޠު ފުރިހަމަވާކަމަށާއި، އަމުރު ނެރުނީ ސްޓޭޓަސް ކުއޯ ދެމެހެއްޓުމަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުގައި އެދުނު ފަރުވާއާއި ވަގުތީ އަމުރުގައި އެދުނު ފަރުވާއަކީ އެއް ފަރުވާއެއް ކަމުން، އިސްތިއުނާފަށް ގޮތެއް ނިންމުމެއްނެތި އަމުރު ނެރުމަކީ ނެކްސްބިޒްގެ އުޞޫލުތައް ދެމެހެއްޓިފައިނުވާ ކަމެކެވެ؛ ހައިކޯޓުން ކުރަންވީ އިސްތިއުނާފު އަވަހަށް ނިންމުމެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ވަގުތީ އަމުރު ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓާއި ސުޕްރީމް ކޯޓުން ޢާންމުގޮތެއްގައި ވަގުތީ އަމުރު ނެރެދެނީ ދެ ޙާލަތެއްގައެވެ: މައުޟޫޢީ މައްސަލަ ދަށު މަރުޙަލާއިން ނިމި އިސްތިއުނާފުކުރުމަށްފަހު ވަގުތީ އަމުރަކަށް އެދޭ ޙާލަތާއި، މައުޟޫޢީ މައްސަލަ ނިމުމުގެ ކުރިން ނެރެދޭ ވަގުތީ އަމުރެއް ވަކިން އިސްތިއުނާފުކުރާ ޙާލަތެވެ.

HN2 މައުޟޫޢީ މައްސަލަ ނިމުމުގެ ކުރިން ވަގުތީ އަމުރު އެކަނި އިސްތިއުނާފުކުރުމަށް ނުވަތަ އެ އިސްތިއުނާފަށް ގޮތެއް ނިންމުމުގެ ކުރިން ވަގުތީ އަމުރަކަށް އެދުމަށް ޤާނޫނީ ހުރަހެއް ނެތެވެ؛ ނަމަވެސް އެ ޙާލަތުގައި މައުޟޫޢީ މައްސަލައިގެ ތަފުސީލު އިސްތިއުނާފީ ކޯޓަށް ސާފުނުވާނެއެވެ.

HN3 ވަގުތީ އަމުރެއްގެ އިސްތިއުނާފުގައި އެދޭ ފަރުވާއާއި، އެ އިސްތިއުނާފަށް ގޮތެއް ނިންމުމުގެ ކުރިން އިސްތިއުނާފީ ކޯޓުގައި އެދޭ ވަގުތީ އަމުރުގެ ފަރުވާއަކީ އެއް ފަރުވާއަކަށް ވެއްޖެނަމަ، ވަގުތީ އަމުރާމެދު ނިންމުމަކީ އިސްތިއުނާފުގައި ދުރާލައި ގޮތެއް ކަނޑައެޅުން ކަމުގައި ބެލުމުގެ ޖާގަ އޮންނާނެއެވެ؛ އަދި ދަށު މަރުޙަލާގައި ހިނގަމުންދާ މައްސަލައިގެ ޙާލަތު އިސްތިއުނާފީ ކޯޓުން ވަޒަންކުރުމަކީ ޢާންމު އުޞޫލުން ރައްކާތެރި ކަމެއް ނޫނެވެ.

HN4 އެފަދަ ޙާލަތެއްގައި އެންމެ އިންސާފުވެރި ގޮތަކަށް ވާނީ ވަގުތީ އަމުރެއް ނެރުމުގެ ބަދަލުގައި، ހުށަހެޅިފައިވާ އިސްތިއުނާފު އަވަސް ގޮތެއްގައި އަޑުއަހައި އެއަށް ގޮތެއް ކަނޑައެޅުމެވެ؛ އެނޫންނަމަ ކޯޓުގެ އިޖުރާއަތު ފަށްފަށްވެ، މުނާސަބު ވަގުތުގައި ވަގުތީ ފަރުވާ ފޯރުކޮށްދިނުމަށް ހުރަސް އެޅިގެންދާނެއެވެ.

HN5 ވަގުތީ އަމުރުގައި އަސްލު މައްސަލައިގެ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދުރާލައި ދާއިމީ ހިމާޔަތް ނުދެވޭނެކަމަށް ނެކްސްބިޒް މައްސަލައިގައިވާ އުޞޫލާ ޚިލާފަށް، އިސްތިއުނާފަށް ގޮތެއް ނިންމުމެއްނެތި އިސްތިއުނާފުގައި އެދޭ ހަމަ އެ ފަރުވާ ދޭ ވަގުތީ އަމުރެއް ނެރުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމެއް ނޫނެވެ؛ އެފަދަ އަމުރަކީ ބާޠިލު އަމުރެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙުސައިން ސިރާޖް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ މުޢިއްޒު
ބެންޗު
މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 4 އޮކްޓޫބަރު 2022 · ރަޖިސްޓްރީކުރީ 10 އޮކްޓޫބަރު 2022 · ނިމުނީ 13 އޭޕްރީލް 2023 (6.1 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވ. ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B1/CHT/2022/4248 ވަގުތީ އަމުރު އެ ކޯޓުން ނެރެފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ، އެ ނިންމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން (މީގެ ފަހުން "އެޗް.ޑީ.ސީ") އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ. މި އިސްތިއުނާފު ރައްދުވަނީ ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ވޯޓަރ ފްރޮންޓް") އަށެވެ.

ކަންހިނގާފައިވާ ގޮތް

ވޯޓަރ ފްރޮންޓް އާއި އެޗް.ޑީ.ސީ އާ ދެމެދު، ހުޅުމާލޭގައި ވޯޓަރ ތީމް ޕާކްއަކާއި، ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށް 13 ޖުލައި 2017 ގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވެއެވެ. މި އެއްބަސްވުމުގެ ޖައުހަރީ މާއްދާތަކާ ވޯޓަރ ފްރޮންޓް އިން ޚިލާފުވެފައިވާ ކަމުގައި ބުނެ، 2022 އޮގަސްޓް 22 ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުން އެޗް.ޑީ.ސީ އިން ބާތިލުކޮށް، އެކަން ވޯޓަރ ފްރޮންޓަށް އަންގައި ސިޓީއެއް ފޮނުވާފައިވެއެވެ.

މި ސިޓީ ފޮނުވިއިރު، ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ގުޅޭ މައްސަލައެއް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި ހިނގަމުން ދިޔައެވެ. އަދި އެ މައްސަލައިގެ ތެރެއިން އެއްބަސްވުން ބާތިލުކޮށް އެޗް.ޑީ.ސީ އިން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި، 25 އޮގަސްޓް 2022 ގައި ވޯޓަރ ފްރޮންޓްގެ ފަރާތުން ހުށަހެޅިއެވެ.

ވޯޓަރ ފްރޮންޓްގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނު ނަމަވެސް، އެ ކޯޓުން އެ އަމުރު ނެރެދީފައި ނުވެއެވެ. އަދި އެކަމުގެ ތަފުސީލު އެ ކޯޓުން "ވަގުތީ އަމުރާ މެދު ނިންމި ގޮތުގައި" ހިމަނާފައިވެއެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިނުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ އެ ނިންމުން ވޯޓަރ ފްރޮންޓްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި އިސްތިއުނާފުގައި އެ ކުންފުނީގެ ފަރާތުން އެދިފައިވަނީ، ވަގުތީ އަމުރު ނެރެނުދިނުމަށް ނިންނި ނިންމުން ބާޠިލު ކޮށްދިނުމަށާއި، ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ މައުޟޫޢާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމާ ހަމައަށް ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ބާޠިލު ކުރިކަން އަންގައި އެޗް.ޑީ.ސީން ފޮނުވާފައިވާ ސިޓީއަށް ޢަމަލު ނުކުރުމަށް އެޗް.ޑީ.ސީ އާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ސިވިލް ކޯޓުގެ ނިންމުން ވޯޓަރ ފްރޮންޓްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، އެ ކުންފުނީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން، އެޗް.ޑީ.ސީގެ ކުރިން އިޝާރާތް ކުރި ސިޓީއަށް ޢަމަލު ކުރުން ފަސްކުރުމަށް އެޗް.ޑީ.ސީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި، ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކުންފުނީގެ ފަރާތުން ހައިކޯޓުގައި އެދިފައިވެއެވެ.

ވޯޓަރ ފްރޮންޓްގެ ފަރާތުން އެދުނު ފަދައިން އެޗް.ޑީ.ސީ އިން އެއްބަސްވުން ބާޠިލުކޮށް، ވޯޓަރ ފްރޮންޓަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފައި ވެއެވެ. މި އަމުރު ހައިކޯޓުން ނެރެދީފައިވަނީ، ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައާމެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެޗް.ޑީ.ސީގެ ސިޓީގައި ދީފައިވާ މުއްދަތު (22 އޯގަސްޓް 2022 އިން ފެށިގެން 30 (ތިރީސް) ދުވަސް) ހަމަވެ، މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން މައްސަލައިގެ ހާލަތު ބަދަލުވެދާނެ ކަމަށް އެ ކޯޓަށް ގަބޫލު ކުރެވުމެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދީފައިވަނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް، ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައި ބުނެ، އެޗް.ޑީ.ސީގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މިއީ އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ހަމައެކަނި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާ ތަފުސީލު ކުރަމުން އެޗް.ޑީ.ސީގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނެކްސްބިޒް މައްސަލައިގައި ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރު ކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަން ސާފުކޮށް އެނގޭ ކަމުގައެވެ. އަދި އެ ފަދަ ބާރެއް ލިބިފައިވާ ކަމުގައި ބަލައި ވަގުތީ އަމުރެއް ނެރެދީފި ނަމަ، އެކަން ވެގެންދާނީ މައްސަލަ ބެލުމުގެ ކުރިން، އެ މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުންކަމުގައެވެ.

އިތުރަށް އެޗް.ޑީ.ސީގެ ފަރާތުން ބުނެފައިވަނީ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުގެ ކުރިމަތީގައި އޮތް މައުޟޫޢަކީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެނުދިން ސަބަބުތަކަށް ބަލައި، ސިވިލް ކޯޓުގެ ނިންމުން ބާޠިލު ކުރުމާމެދު ގޮތެއް ނިންމައި އަދި، ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައެޅެންދެން، އެޗް.ޑީ.ސީ އިން ފޮނުވާފައިވާ ސިޓީއަށް ޢަމަލު ނުކުރުމަށް އެ ކުންފުންޏަށާއި، ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަމުރު ކޮށްދިނުމާމެދު ގޮތެއް ކަނޑައެޅުން ކަމުގައެވެ. އަދި ވަގުތީ އަމުރުން ވެސް އެދިފައިވަނީ، ހަމަ އެ ސިޓީއަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ކަމުގައެވެ. އަދި ވޯޓަރ ފްރޮންޓްގެ ފަރާތުން އެދުނު ފަދައިން ވަގުތީ އަމުރު ނެރެދިނުމުން ފައިސަލާ އެ ކުރެވުނީ ހައިކޯޓުގެ ކުރިމަތީގައި އޮތް މައްސަލައަށް ކަމުގައްޔާއި، އަދި މި ހާލަތުގައި ކުރިއާލައި، ހައިކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތެއް ލިބިގެންދާނެ ކަމުގައެވެ. މިއީ ނެކްބިޒް މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމެއް ކަމުގައެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދު

އެޗް.ޑީ.ސީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ރައްދު ދެމުން ވޯޓަރ ފްރޮންޓްގެ ފަރާތުން ފާހަގަކުރާ އެއް ކަމަކީ، އެ އިސްތިއުނާފީ ނުކުތާގައި ވަގުތީ އަމުރު ނެރެދިނުމުގައި ކޯޓުތަކުން ރިޢާޔަތް ކުރަންޖެހޭނެ ކަމުގައި ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ ޢާންމު ތިން ޝަރުޠު ފުރިހަމަނުވާ ކަމުގައި ބުނެ އެ ކަމަށް އެޗް.ޑީ.ސީގެ ފަރާތުން އިޢުތިރާޟު ކޮށްފައިނުވާ ކަމުގައެވެ. އަދި އެ ތިން ޝަރުޠު މި މައްސަލައިގައި ފުރިހަމަވާ ކަމުގައެވެ.

ހައިކޯޓުން ވަގުތީ އަމުރު ނެރެދިން ސަބަބާމެދު އެޗް.ޑީ.ސީގެ ފަރާތުން އިޢުތިރާޟު ކޮށްފައިނުވާ ކަމުގައްޔާއި، ހައިކޯޓުން ވަގުތީ އަމުރު ނެރެދީފައިވަނީ މައްސަލައިގެ ޙާލަތު އޮތްގޮތް އެ ގޮތުގައި ދެމެހެއްޓުމަށް (ސްޓެޓަސް ކުއޯ ދެމެހެއްޓުމަށް) ކަމުގައެވެ. އަދި މި މައްސަލައިގައި ހައިކޯޓުގެ ކުރިމަތީގައި އޮތް މައްސަލައިގެ ޙާލަތަކީ، މި ޚުޞޫމަތް ޚަޞްމުންގެ މެދުގައި ފުރަތަމަ އުފެދުނުއިރު އޮތް ހާލަތު ކަމުގައެވެ. މީގެ އިތުރުން، ވަގުތީ އަމުރު ނެރެނުދީފި ނަމަ، މައުޟޫޢީ މައްސަލަ ދަށު މަރުޙަލާ އިން ނިމޭއިރު، އެ ނިންމުމުގެ މަޤުޞަދު ހާސިލުނުވާނެ ކަމުގައްޔާއި، ވަގުތީ އަމުރަކީ އެއިގެ މުނާސަބު މަޙައްލުގައި ނެރެންޖެހޭ އަމުރެއްކަން ސުޕްރީމް ކޯޓުގެ އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. ދިވެހި ފުލުހުންގެ ޚިދުމަތް މައްސަލައިން އެނގޭ ކަމުގައެވެ.

ކަންމިހެން އޮތުމުން މި މައްސަލައިގައި ވަގުތީ އަމުރު ނެރެދިނުމުގައި ހައިކޯޓުން ޢަމަލު ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަން އެނގޭ ކަމުގައެވެ.

އިސްތިއުނާފީ މަރުޙަލާގައި ވަގުތީ އަމުރު ނެރެދިނުން

އިސްތިއުނާފީ މަރުޙަލާތަކުގައި ހައިކޯޓާއި ސުޕްރީމް ކޯޓުން ޢާންމު ގޮތެއްގައި ވަގުތީ އަމުރު ދެ ހާލަތެއްގައި ނެރެދެއެވެ. ފުރަތަމަ ޙާލަތަކީ، މައުޟޫޢީ މައްސަލަ ދަށު މަރުޙަލާގެ ކޯޓަކުން ނިމުމުން މައުޟޫޢީ މައްސަލަ އިސްތިއުނާފު ކުރުމަށްފަހު، ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމެވެ. ދެވަނަ ޙާލަތަކީ، މައުޟޫޢީ މައްސަލައިގައި ދަށު މަރުޙަލާއިން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ މައްސަލައާ ގުޅިގެން ނެރެދޭ ވަގުތީ އަމުރު ވަކިން ކޯޓެއްގައި އިސްތިއުނާފު ކުރުމެވެ.

މި އިޝާރާތްކުރި ދެ ހާލަތުގެ ތެރެއިން މައުޟޫޢީ މައްސަލަ އިސްތިއުނާފު ކުރުމަށްފަހު، އެ އިސްތިއުނާފު ހުށަހަޅާ ކޯޓުގައި އެ މައްސަލައާ ގުޅިގެން ވަގުތީ އަމުރަށް އެދޭއިރު، އިސްތިއުނާފީ ކޯޓަށް މައުޟޫޢީ މައްސަލަ ސާފުވާނެއެވެ. ވާޤިޢާތަށް ހުރިނެތް ގޮތާއި، ދަށު މަރުޙަލާގެ ކޯޓުން ހެކި ވަޒަން ކޮށްފައިވާ ގޮތާއި، މުޅި މައްސަލައިގެ ނިންމުމަށް ވާސިލު ވެފައިވާ ސަބަބުތައް ތަފުސީލުކޮށް އެނގޭނެއެވެ. މިއާ ޚިލާފަށް، މައުޟޫޢީ މައްސަލައިގައި ދަށު މަރުޙަލާއިން ގޮތެއް ކަނޑައެޅިފައި ނުވާ ހާލަތުގައި، އެ މައްސަލައާ ގުޅިގެން ނެރެދޭ ވަގުތީ އަމުރު އިސްތިއުނާފު ކުރެވޭއިރު، މައުޟޫޢީ މައްސަލައިގެ ތަފުސީލުތައް އިސްތިއުނާފީ ކޯޓަށް މުޅިން ސާފެއް ނުވާނެއެވެ. އެ މައްސަލައިގައި އޮތް ޚުޞޫމަތަކީ ކޮބައިކަމެއް، ޚަޞްމުން އެއްބަސްވާ ވާޤިޢާތަކާއި، ޚަޞްމުންގެ މެދުގައި ޚިލާފު އޮތް ވާޤިޢާތަކެއް ކަށަވަރެއް ނުވާނެއެވެ. އަދި މި ހާލަތުގައި ވަގުތީ އަމުރު ވަކިން އިސްތިއުނާފު ކުރުމަށް ޤާނޫނީ ގޮތުން ހުރަހެއް ވެސް ނޯންނާނެއެވެ.

މައުޟޫޢީ މައްސަލަ ނިމުމުމުގެ ކުރިން ވަގުތީ އަމުރު އެކަނި އިސްތިއުނާފު ކުރެވޭ ޙާލަތުގައި، އެ ވަގުތީ އަމުރާމެދު އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ވަގުތީ އަމުރަކަށް އެދުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތެވެ. އަދި އެފަދަ އަމުރެއް ނެރެންޖެހޭ ހާލަތެއް ވެސް މެދުވެރި ވެދާނެއެވެ. ސުވާލަކީ މި ހާލަތުގައި އިސްތިއުނާފީ މަރުޙަލާގައި ކޯޓުގެ ކުރިމަތީގައިވާ އިސްތިއުނާފާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ނެރެދެވޭ ވަގުތީ އަމުރުން ފޯރުކޮށްދެވޭ ހައްލަކީ، އިސްތިއުނާފާމެދު ގޮތެއް ނިންމުމުން ވެސް ފޯރު ކޮށްދެވޭ ޙައްލު ކަމުގައިވާ ނަމަ، ނެކްސްބިޒް މައްސަލައިގައި ސުޕްރީމް ކޯޓުން އިޝާރާތް ކޮށްފައިވާ ފަދައިން މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ނުދެވޭނެ ހެއްޔެވެ؟ ކޯޓުގެ އިޖުރާއަތު ފަށްފަށް ވެގެން ނުދާނެ ހެއްޔެވެ؟

މައުޟޫޢީ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އަދި އެ މައްސަލަ އިސްތިއުނާފު ކުރުމެއް ނެތި، އެ މައްސަލައިގައި ނެރެފައިވާ ވަގުތީ އަމުރެއް އިސްތިއުނާފު ކުރުމަށްފަހު، އެ އިސްތިއުނާފުގައި އެދިފައިވާ ފަރުވާ އާއި، އެ އިސްތިއުނާފާމެދު ގޮތެއް ނިންމުމުގެ ކުރިން އިސްތިއުނާފު ކޯޓުގައި ނެރެދިނުމަށް އެދޭ ވަގުތީ އަމުރުގައި އެދޭ ފަރުވާއަކީ އެއް ފަރުވާ އަކަށް ވެއްޖެނަމަ، އެ ހާލަތުގައި އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި އޮންނަ މައްސަލައިގައި ދުރާލައި ގޮތެއް ކަނޑައެޅުނީ ކަމުގައި ބެލުމުގެ ޖާގަ އޮންނާނެއެވެ. އެހެނީ އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި މި ހާލަތުގައި މައުޟޫޢީ މައްސަލައެއް ނޯންނާނެއެވެ. އޮންނާނީ ހަމައެކަނި ވަގުތީ އަމުރާމެދު ކޮށްފައިވާ އިސްތިއުނާފެވެ. އެ އިސްތިއުނާފުގައި ޢާންމު ގޮތެއްގައި އެދޭނީ ދަށު މަރުޙަލާއިން އެ އަމުރާމެދު ނިންމާފައި އޮތް ގޮތް ބަދަލުކޮށް ދިނުމަށެވެ. އަދި ނެރެދޭ އަމުރުން ގޮތް ކަނޑައެޅިގެންދާނީ ވެސް އެ ބީދައިންނެވެ. އަދި އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި ވަޒަން ކުރުމަށް އޮންނާނެ ޙާލަތަކީ އެ ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ ޙާލަތެވެ. އަދި ދަށު މަރުޙަލާގައި ހިނގަމުންދާ މައްސަލައިގެ ޙާލަތު ނުވަތަ އެއިގެ ކުރީގެ ޙާލަތާ ގުޅޭ އެއްވެސް ކަމެއް އިސްތިއުނާފީ ކޯޓުން ވަޒަން ކުރުމަކީ ނުވަތަ އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި އޮތް މައްސަލައިގެ ހާލަތުކަމުގައި ބަލައި ކުރިއަށް ދިއުމަކީ ޢާންމު އުސޫލުން ރައްކާތެރި ކަމަކަށް ނުވާނެއެވެ. އެހެނީ އެ ކަމުގެ ސަބަބުން ދަށު މަރުޙަލާގެ ކޯޓުން މައްސަލަ ކުރިއަށް ގެންގޮސް ގޮތެއް ކަނޑައެޅުމަށް ދަތިތަކެއް ކުރިމަތި ވެދާނެއެވެ.

މި ސަބަބަށްޓަކައި، މައުޟޫޢީ މައްސަލަ ދަށު މަރުޙަލާގެ ކޯޓުން ނުނިމެނީސް، އެ މައްސަލައާ ގުޅިގެން ނެރޭ ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށްފަހު، އިސްތިއުނާފީ މަރުޙަލާގައި، އިސްތިއުނާފީ މައްސަލަ ނިމުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ހާލަތުގައި، އިސްތިއުނާފީ ހުށަހެޅުމުގައި އެދޭ ފަރުވާ އާއި ވަގުތީ އަމުރުން ފޯރުކޮށްދެވޭނެ ފަރުވާ އެއްގޮތްވާ ހާލަތުގައި، އެންމެ އިންސާފުވެރި ގޮތަކަށް ވާނީ، ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލަ އަވަސް ގޮތެއްގައި އަޑުއަހައި އެ އިސްތިއުނާފާމެދު ކޯޓުން ގޮތެއް ކަނޑައެޅުމެވެ. އެ ނޫން ކަމުގައިވާ ނަމަ، ކޯޓުގެ އިޖުރާއަތު ފަށްފަށްވެ، މައްސަލަ މުނާސަބު ވަގުތުގައި ވަގުތީ ފަރުވާއެއް ފޯރުކޮށް ދިނުމަށް ހުރަސް އެޅިގެން ދާނެއެވެ.

އުސޫލުތައް ތަޠުބީޤު ކުރުން

މި މައްސަލަ ހައިކޯޓުގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު އިސްތިއުނާފު ކުރަމުން ހައިކޯޓުގައި ވޯޓަރ ފްރޮންޓްގެ ފަރާތުން އެދިފައިވަނީ، ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމި ގޮތް ބާޠިލު ކޮށްދިނުމަށެވެ. އަދި މައުޟޫޢީ ދަޢުވާއާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުމާ ހަމައަށް އެޗް.ޑީ.ސީން ފޮނުވާފައިވާ ސިޓީއަށް ޢަމަލު ނުކުރުމަށް އެ ކުންފުންޏަށާއި ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ. އަދި ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދެމުން ވޯޓަރ ފްރޮންޓްގެ ފަރާތުން އެދިފައިވަނީ، ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެޗް.ޑީ.ސީން ފޮނުވާފައިވާ ސިޓީއަށް ޢަމަލު ނުކުރުމަށް އެ ކުންފުނީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ވުމާއެކު، މި ހާލަތުގައި ހުށަހެޅިފައިވާ އިސްތިއުނާފުގައި އެދިފައިވާ ފަރުވާ އާއި، އެ އިސްތިއުނާފާ ވަކިން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގައި ވެސް އެދިފައިވަނީ އެއް ފަރުވާ އެއްކަން އެނގެއެވެ. އަދި ވަގުތީ އަމުރާމެދު ހައިކޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، އެ ހާލަތުގައި ހައިކޯޓުގެ ކުރިމަތީގައި އޮތް އިސްތިއުނާފާމެދު ވަކި ގޮތެއް ކަނޑައެޅީ ކަމުގައި ބެލުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ ނެކްސްބިޒް މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލު ތަސައްވުރު ކުރާ ކަމެއްކަމުގައި އަހުރެންނަށް ބުރަ ނުވެވެއެވެ.

އަދި މި ހާލަތުގައި ހައިކޯޓުގެ ކުރިމަތީގައި އޮތް އިސްތިއުނާފާމެދު ގޮތެއް ކަނޑައަޅައިފި ނަމަ، ކޯޓާއި ޚަޞްމުންގެ ވަގުތު ސަލާމަތްވެ، އިޖުރާއަތު ދިގުލައިގެން ދިއުމުގެ ފުރުސަތު ކުޑަވާނެއެވެ. އަދި ވަގުތީ އަމުރުގެ ޠަބީޢަތް ރައްކާތެރި ކޮށްދީ، ވަގުތީ ފަރުވާ އަވަހަށް ފޯރުކޮށް ދެވޭނެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

ކަންމިހެން އޮތުމުން އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައެޅުމެއް ނެތި، މި މައްސަލައިގައި ވަގުތީ އަމުރު ހައިކޯޓުން ނެރެދިނުމުގައި، ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތައް ދެމެހެއްޓިފައިވައި ނުވާތީ، ވަގުތީ އަމުރާމެދު ހައިކޯޓުން ނިންމި ގޮތް ބާޠިލު ކުރުމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B1/CHT/2022/4248 (21 ސެޕްޓެންބަރު 2022) ވަގުތީ އަމުރަކީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަމުން، އެ އަމުރަކީ، ބާޠިލު އަމުރެއް ކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ