ފާޠިމަތު ޢަބްދުލްޣަފޫރު ވ. ޙަސަން ޝާކިރު މުޙައްމަދު އަދި މާލޭ ސިޓީ ކައުންސިލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 114-B16/VA/2024/03
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން، ގޯޅީގެ ވެރިފަރާތާއި ބާވަތާ މެދު ޚުސޫމާތެއް އޮތްކަމަށް ޤަބޫލުކޮށް، މައްސަލަ ނިމެންދެން ސްޓޭޓަސް ކޯ ދެމެހެއްޓުމަށް، ފިޔަވަޅު އެޅުމުގެ ކުރިން ވަދެނިކުމެ އުޅުނު ގޮތަށް ގޯޅިމަގު ހަމަޖައްސައި ޢިމާރާތް ޙަވާލުކުރުމަށާއި އިތުރު ފިޔަވަޅު ނޭޅުމަށް ސިޓީ ކައުންސިލަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ބަންޑާރަ ގޯއްޗެއްގެ ގޯޅިއަކާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކުރުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދަޢުވާއެއް ހުށަހެޅި، އެ ދަޢުވާއާއެކު ފިޔަވަޅު އެޅުމުގެ ކުރިން އޮތް ޙާލަތަށް ރުޖޫޢަކުރުމަށް ވަގުތީ އަމުރަކަށް އެދުނެވެ. އެ ގޯތީގެ ބަޔެއްގެ ވާރިޘުން ވަގުތީ އަމުރު ހައިކޯޓަށް އިސްތިއުނާފުކުރި ނަމަވެސް، އިސްތިއުނާފު ހިނގަމުންދަނިކޮށް ސިވިލް ކޯޓުގެ މައުޟޫޢީ މައްސަލައިގައި ޣައިރު ޙާޟިރު ޙުކުމެއް ކޮށް މައްސަލަ ނިމުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައުޟޫޢީ މައްސަލައެއްގެ ތެރެއިން ނެރުނު ވަގުތީ އަމުރެއްގެ އިސްތިއުނާފު ހައިކޯޓުގައި ހިނގަމުންދަނިކޮށް މައުޟޫޢީ މައްސަލަ ޙުކުމްކޮށް ނިމުމުން ވަގުތީ އަމުރު ނިމުމަކަށް އަންނައިރު، ބަނީ ހޯލްޑިންގްސް ޤަޟިއްޔާގެ އުޞޫލުން އިސްތިއުނާފު ކުރިއަށް ގެންދަންޖެހޭތޯ؛ އަދި ވަގުތީ އަމުރު ކުރީގެ ޙުކުމަކާ ޚިލާފުތޯއާއި މައުޟޫޢީ ފަރުވާ ލިބިދީފައިވޭތޯ މައުޟޫޢަށް ނުވަދެ ކަނޑައެޅޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ، ވަގުތީ އަމުރަކީ ކުރިން ނިހާއީވެފައިވާ ޤަޟިއްޔާއެއްގެ ނިންމުމާއި ޤާނޫނުއަސާސީއާ ޚިލާފު، މައުޟޫޢީ ފަރުވާ ލިބިދޭ އަމުރެއް ކަމަށާއި، މައުޟޫޢީ މައްސަލަ ނިމުނު ނަމަވެސް ބަނީ ހޯލްޑިންގްސް ޤަޟިއްޔާގެ އުޞޫލުން ޤާނޫނީ ނުކުތާއާ މެދު ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނީ، މައުޟޫޢީ މައްސަލަ ޙުކުމްކޮށް ނިމުމުން ވަގުތީ އަމުރުގެ ފާއިލިއްޔަތު ނިމިފައިވާތީ ހައިކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ވަގުތީ އަމުރު ކުރީގެ ޙުކުމަކާ ޚިލާފުތޯއާއި ވަކި ފަރާތެއްގެ ޙައްޤު އޮތްގޮތް މައުޟޫޢަށް ނުވަދެ ކަނޑައެޅޭނެ ކަމުގައި ނުދެކޭ ކަމަށާއި، ފިޔަވަޅުތައް ބާޠިލުކުރުމާއި ބަދަލު ހޯދުމުގެ ދަޢުވާއެއްގައި މައުޟޫޢީ ފަރުވާއާ ވަގުތީ ފަރުވާ އެއްގޮތްވާކަމުގެ ބަޙުޘު ސާފެއް ނޫން ކަމަށް ކޯޓުން ބުންޏެވެ. ބަނީ ހޯލްޑިންގްސް ޤަޟިއްޔާއާ ތަފާތުކޮށް، މައްސަލަ ނިމުމުން ވަގުތީ ފިޔަވަޅު ނިމުމަކަށް އައިސްފައިވާތީއާއި މައުޟޫޢަށް ނުވަދެ ކަނޑައެޅޭނެ ޤާނޫނީ ބަޙުޘެއް ނެތީތީ އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމިއެވެ.
ނިންމުން
ވަގުތީ އަމުރު ނިމުމަކަށް އައިސްފައިވާތީ އިސްތިއުނާފީ ދަޢުވާ ކުރިއަށް…ވަގުތީ އަމުރު ނިމުމަކަށް އައިސްފައިވާތީ އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމި (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައްސަލައިގެ މައުޟޫޢު ތެރެއަށް ވަދެވިގެން މެނުވީ، ކުރިން ކޮށްފައިވާ ޤަޟިއްޔާއެއްގައި ނިންމާފައިވާ ނިންމުމާ ވަގުތީ އަމުރު ޚިލާފުތޯއާއި ޚުސޫމާތުގައި މަޞްލަޙަތު އޮތް ވަކި ފަރާތެއްގެ ޙައްޤު އޮތް ގޮތް ކަށަވަރުކޮށް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ.
HN2 ހުށަހެޅުނު މައްސަލައަކީ، ދައުލަތުގެ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކެއް ބާޠިލުކުރުމަށާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާއިރު، މައުޟޫޢީ ފަރުވާއާ ވަގުތީ އަމުރުން ދެވޭ ފަރުވާއާ އެއް ގޮތްކަމަށް އުފައްދާ ބަޙުޘު ސާފެއް ނޫނެވެ.
HN3 ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2016/SC-A/25) ޤަޟިއްޔާއާ ޚިލާފަށް، މައްސަލައެއްގައި ވަގުތީ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ އިސްތިއުނާފެއްގައި، މައްސަލަ ނިމުމުން އެފިޔަވަޅު ނިމުމަކަށް އަންނާތީއާއި، މައްސަލައިގެ މައުޟޫޢުގެ ތެރެއިން ބެލިގެން ނޫނީ ގޮތެއް ކަނޑައެޅޭނެ ފަދަ ޤާނޫނީ ބަޙުޘެއް އޮތް ކަމުގައި ނުބެލެވޭނަމަ، އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދާނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ﷲު ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 114-B16/VA/2024/03 "ވަގުތީ އަމުރު" އިސްތިއުނާފުކުރުމަށް […] ފާޠިމަތު ޢަބްދުލްޣަފޫރު އަދި […] އާމިނަތު ޢަބްދުލްޣަފޫރު (މީގެ ފަހުން ޖުމްލަ ގޮތެއްގައި "އިސްތިއުނާފު ކުރާ ފަރާތްތައް" މިފަދައިން މުޚާތަބް ކުރެވޭ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ޙަސަން ޝާކިރު މުޙައްމަދު […]، (މީގެ ފަހުން "ޙަސަން ޝާކިރު" ގެ ގޮތުގައި މުޚާތަބް ކުރެވޭ) އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާ (މީގެ ފަހުން "ސިޓީ ކައުންސިލް" ގެ ގޮތުގައި މުޚާތަބް ކުރެވޭ، އަދި ޖުމްލަ ގޮތެއްގައި މިދެ ފަރާތަށް "އިސްތިއުނާފު ރައްދުވާ ފަރާތްތައް" މިފަދައިން މުޚާތަބް ކުރެވޭ) އެވެ.
ސިވިލް ކޯޓު މަރުހަލާ
3އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 114-B16/VA/2024/03 "ވަގުތީ އަމުރު" އަކީ އެކޯޓުގެ ނަންބަރު 1858-CVC-2024 ޤަޟިއްޔާގައި ނެރެފައިވާ އަމުރެކެވެ. ސިވިލް ކޯޓުގެ މިޤަޟިއްޔާއަކީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ރައްދުވާ ގޮތަށް ޙަސަން ޝާކިރުގެ ފަރާތުން ހުށަހަޅާފައިވާ ޤަޟިއްޔާއެކެވެ.
4އިސްތިއުނާފު ކުރެވޭ ވަގުތީ އަމުރު ނެރެވިފައިވަނީ، މައުޟޫއީ މައްސަލަ ހުށަހެޅި ޕްރީ ޓްރައަލް މަރުޙަލާވެސް ނުނިމެނީސް ކަމުގައިވާއިރު، އިސްތިއުނާފު ކުރެވިފައިވާ އަމުރުންނާއި އަދި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އެންމެ ފުރިހަމައަށް ކަށަވަރުނުކުރެވެއެވެ.
5ކ.މާލެ، […] އެވެ ކިޔާ ބަންޑާރަ ގޯތި ބެހެނިވެރިންގެ މެދުގައި ބަހައި އައްޔަންކުރުމުގައި ގިނަގުނަ ޚުސޫމާތްތައް އުފެދި ޝަރުއީ ކޯޓުތަކުންނާއި ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އެޅިފައިވެއެވެ. މައްސަލަ ހުށަހެޅުނުއިރު […] އެވެ ކިޔާ ގޯތި ރަޖިސްކޮށްފައިވަނީ ޙަސަން ޝާކިރުއާއި ޙައްވާ އިބްރާހީމް ގެ ނަންމަތީގައި ކަމަށް ބެލެވެއެވެ. މިދެފަރާތަށް ބިން އައްޔަނު ކުރެވިފައިވާއިރު ވަދެ ނިކުމެ ހެދުމަށް ބޭނުންކުރާ ގޯޅިތަކާ މެދު ޚުސޫމާތްތައް އުފެދިފައިވާ ކަން އެނގެއެވެ.
6މިގޮތުން، އެގޯތީގެ ދެކުނުން ހަދީބީ މަގާއިންވެގެން (ހަދީބީމަގުން ނިކުމެވޭގޮތަށް އޮތް ގޯޅި) ހަދާފައިވާ ގޯޅިގައި ރާނާފައިވާ ފާރެއްގެ ސަބަބުން ޙައްވާ އިބްރާހީމްގެ ބަޔަށް ވަދެ ނިކުތުމަށް ދަތިވުމުގެ ޝަކުވާ އުފެދި، އެޝަކުވާތަކާއި ގުޅިގެން އެޅުނު ފިޔަވަޅު ތެރޭގައި، 11 ޖުލައި 2024 ވަނަ ދުވަހުގެ ވަގުތެއްގައި އެގޯޅިގަނޑުގައި ރާނާފައިވާ ފާރެއް ތަޅާލައި، ދޮރެއް ކަނޑައި ގޯޅިއާ އިމާރާތުގެ ބައެއް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް ގޯއްޗާއި އަދި ރަޖިސްޓަރީތަކާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނިންމުންތަކެއް ނިންމާ ޙަސަން ޝާކިރަށް އެކަން އަންގާފައިވެއެވެ.
7މާލެ ސިޓީ ކައުންސިލުން އަންގާފައިވާ މިއެންގުންތައް ބާޠިލްކުރުމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި ދައުވާ އެކޯޓުން ބަލަމުން ގޮސްފައިވަނީ އެކޯޓުގެ ނަންބަރު 1858-CVC-2024 ޤަޟިއްޔާއިންނެވެ.
8މިދަޢުވާއާއެކު ޙަސަން ޝާކިރުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވެއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި އެދިފައިވާ ފަރުވާއަކީ، 11 ޖުލައި 2024 ގައި މާލޭ ސިޓީ ކައުންސިލުން ފިޔަވަޅު އެޅުމުގެ ކުރިން އޮތް ޙާލަތަށް ރުޖޫޢަކޮށް، އޭގެ ކުރިން މައްސަލައިގައި ހިމެނޭ ގޯތި ގެދޮރަށް ވަދެ ނިކުމެ އުޅެމުންދިޔަގޮތަށް މައްސަލައިގެ ޙާލަތު ބަދަލުކުރުމަށް އަންގައި އެގޯޅިއާއި އިމާރާތް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނަގައި ޙަސަން ޝާކިރުއާ ޙަވާލުކުރުމަށް އެންގުމަށެވެ.
9އެކޯޓުގެ ނަންބަރު 144-B16/VA/2024/03 ވަގުތީ އަމުރުގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
"ސިވިލް ކޯޓުގެ ނަންބަރު 1858-CVC-2024 ޤަޟިއްޔާގެ ޙުކުމްކޮށް ނިމުމާއި ހަމައަށް ނުވަތަ ޝަރީޢަތުން އެހެންގޮތަކަށް އަންގަންދެން، […] އެވެ ކިޔާ ގޯތީގެ އިރުމަތީގައިވާ ޙައްވާ އިބްރާހީމްގެ ޢިމާރާތަށް 2024 ޖުލައި 11 ވަނަ ދުވަހުގެ ކުރިން ވަދެ ނުކުމެ އުޅުނު ގޮތަށް، […] އާއި އިންވެގެން ދެކުނަށް އޮތް ގޯޅިމަގުން ވަދެނުކުމެވޭ ގޮތް މިއަދު 2024 އޯގަސްޓް 18 ވަނަ ދުވަހުގެ 14:35 އިން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ހަމަޖައްސަވައިދެއްވުމަށާއި، […] މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ނުކުމެ ޙަސަން ޝާކިރު މުޙައްމަދުއާ ޙަސަން ޝާކިރު މުޙައްމަދުގެ ޢިމާރާތް މިއަދު 2024 އޯގަސްޓް 18 ވަނަ ދުވަހުގެ 14:35 އިން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ޙަވާލުކުރުމަށް، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަންގައި އަމުރުކޮށް، […] އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާ ގުޅޭގޮތުން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަންގައި، އަމުރުކޮށްފީމެވެ."
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް
10ސިވިލް ކޯޓުގެ ނަންބަރު 144-B16/VA/2024/03 "ވަގުތީ އަމުރު" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފު ކުރާ ފަރާތްތަކުން އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
10.1. ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 144-B16/VA/2024/03 ވަގުތީ އަމުރުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ކޮށްފައިވާ އަމުރަކީ ކޯޓު ނަންބަރު 2 އިން ބަލާފައިވާ ޤަޟިއްޔާ ނަންބަރު 35/J.C.8/82 މައްސަލައިގައި ނިންމާފައިވާ ނިންމުން ނިހާއީ ޙުކުމަކަށް ބަދަލުވެފައިވަނިކޮށް އެޙުކުމާއި ޚިލާފަށް އަދި ޤާނޫނުއަސާސީގައި ގޯތި ގެދޮރާމެދު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމާއިވެސް ޚިލާފަށް ނިންމާފައިވާ ވަގުތީއަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10.1.1. މިނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، ކޯޓު ނަންބަރު 2 ގެ ޤަޟިއްޔާ ނަންބަރު 35/J.C.8/82 އިން […] ގޯތީގެ ބޮޑުމިނަކީ 3970 އަކަފޫޓުކަމާއި، އެގޯތި ވަނީ އިބްރާހީމް އަޙްމަދު އަށާއި ޢަބްދުލްޣަފޫރަށް ހަމަހަމައަށް ބަހާދީފައިވާކަން އެނގޭކަމަށާއި، އިބްރާހީމް އަޙްމަދަށް ލިބުނު ބަޔަށް ވަދެނިކުމެ ހަދަނީ ހަދީބީމަގުންކަމާއި، ޢަބްދުލްޣަފޫރަށް ލިބިފައިވާ ބަޔަށް ވަދެނިކުމެ ހެދުމުގެ ގޮތުން އެފަރާތަށް ލިބިފައިވާ ބައިން އެފަރާތުން އަމިއްލައަށް ގޯޅިއެއްކަނޑާފައިވާކަމާއި، އަދި މިގޯޅީގެ ސަބަބުން އިބްރާހީމް އަޙްމަދުގެ ބަޔަށް އެއްވެސް އުނިކަމެއް އައިސްފައިނުވާކަމަށާއި، ނަމަވެސް ސިވިލް ކޯޓުގެ ވަގުތީ އަމުރުގެ ސަބަބުން މައްސަލައާއި އެއްވެސް ގުޅުމެއް ނެތް ޢަބްދުލްޣަފޫރުގެ ވާރިޘުންގެ މުދަލަށް ގެއްލުންވާގޮތަށް މުދަލުގެ މިލްކުވެރިކަމަށް ބުރޫ އަރާގޮތަށް […] އަށް ދޮރެއްކަނޑައި […] ދިރިއުޅޭ ފަރާތްތަކަށް ވަދެ ނިކުމެވާގޮތަށް އަމުރު ކޮށްފައިވުމަކީ ޤާނޫނުއަސާސީން ޢަބްދުލްޣަފޫރުގެ ވާރިޘުންނަށް ލިބިދީފައިވާ މުދާ ވާރުތަކުރުމުގެ ޙައްޤަށް އުނިކަން ގެނެސްފައިވާ ޣައިރު ޤާނޫނީ އަމުރެއްކަމުގައި ދެކޭކަމަށެވެ.
10.2. ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 144-B16/VA/2024/03 ވަގުތީއަމުރު ނެރެދީފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1858-CVC-2024 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށްވާއިރު، މިޤަޟިއްޔާއަކީ […] އާއި މެދު އުފެދިފައިވާ ޚުސޫމަތެއްގެ މައްޗަށް އެގޭގެ ވެރިފަރާތުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ކޮށްފައިވާ ދައުވާއަކާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައަކަށްވެފައި، މައްސަލައިގައި ނެރެފައިވާ އަމުރުގެ ސަބަބުން މައްސަލައާއި އެއްވެސް ގުޅުމެއްނެތް […] ގޯތި ތެރެއަށް ވަދެނިކުމެ ހެދޭގޮތަށް އަމުރުކޮށް އެގޯތީގެ އިންފާރު ތަޅާލުމަށް އަމުރުކޮށްފައިވުމަކީ އެގޭގައި ދިރިއުޅޭ މީހުނަށް ޤާނޫނީ ގޮތުން ލިބިދީފައިވާ ދިރިއުޅުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ޤާނޫނީ ގޮތުން ވަގުތީ އަމުރެއް ނެރެދޭންޖެހޭ އުޞޫލުތަކާއި ޚިލާފަށް، އަސްލު މައުޟޫއީ ދައުވާގެ ތެރެއިން ހޯދުމަށް އެދިފައިވާ ފަރުވާ އެމައުޟޫގައި ނެރެފައިވާ ވަގުތީ އަމުރުގެ ޒަރީޢާއިން ހައްލު ލިބޭނެގޮތަށްވުމަކީ ވަގުތީ އަމުރު ނެރެދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ނިންމާފައިވާ ނިންމުންތަކާއި އިސްތިޤުރާރުވެފައިވާ ޢާންމު އުޞޫލުތަކާއި ވަގުތީ އަމުރު ނެރުމުގައި ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10.2.1. މިނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރުގެ ސަބަބުން އަސްލު މައުޟޫއީ ދަޢުވާއަށް ފަރުވާ ލިބިގެން ގޮސްފައިވާކަމަށާއި، އަމުރަށް އެދި ހުށަހެޅި ފަރާތަކީ އަމުރަށް އެދުމުގެ 3 ސިފައިންކުރެ އެއްވެސް ސިފައެއް ހިމެނޭ ފަރާތެއް ނޫންކަމަށާއި، އަމުރުގައި ދޮރު ކެނޑުމަށް އަމުރުކޮށްފައިވާ ތަނަކީ އެހެން ފަރާތެއްގެ މިލްކުގައިވާ ތަނެއްކަން އެނގެން އޮތުމުން، މިއަމުރަކީ ޣައިރު ޤާނޫނީ އަމުރެއްކަމަށް ދެކޭ ކަމަށެވެ.
10.2.2. މީގެ އިތުރުން ފާހަގަކޮށްފައިވަނީ، މިވަގުތީ އަމުރާގުޅޭ މައުޟޫއީ މައްސަލަ ނިމިފައިވާކަމަށާއި، މައުޟޫއީ މައްސަލަ ނުބަލާ ވަގުތީ އަމުރުގައި ފާހަގަކުރާ ކަންކަމާމެދު ގޮތެއް ނުނިންމޭނެކަމަށާއި، ނަމަވެސް އެދެނީ މިވަގުތީ އަމުރު އިސްތިއުނާފުކުރިއިރު އޮތް ޙާލަތަށް ރިޢާޔަތްކޮށް މިމައްސަލައާއެކު ގޮތެއް ކަނޑައަޅައިދިނުމަށްކަމަށާއި، ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގެ 23 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މިމައްސަލައިގެ މައުޟޫއީ މައްސަލަ ނިމުނުކަމުގައިވީނަމަވެސް، މައްސަލައިގައި ޤާނޫނީ އެއްވެސް ގޯހެއް ހަދާފައިވާކަމަށް ޤަބޫލުކުރެވޭނަމަ އެކަމަކާ ދޭތެރޭގައި ކޯޓުން ގޮތެއް ކަނޑައަޅައި ދޭންވާނެކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވާހަކަ
11އިސްތިއުނާފު ރައްދުވާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ކުރެވޭ ވަގުތީ އަމުރަކީ ސިވިލް ކޯޓުގެ މައުޟޫއީ ދައުވާގައި ގޮތެއް ކަނޑައަޅަންދެން ނުވަތަ ޝަރީޢަތުން ވަކި ގޮތެއް އަންގަންދެން ނެރެފައިވާ އަމުރެއްކަމާއި، ސިވިލް ކޯޓުގެ މައުޟޫއީ ދަޢުވާ 13 އޮކްޓޯބަރު 2024 ދުވަހު ޙުކުމްކޮށްފައިވާތީ، މިވަގުތީ އަމުރަކީ މިހާރު ބޭނުންކުރެވޭނެ އަމުރެއް ނޫންކަމަށްވާތީ މިއަމުރާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ.
12އިސްތިއުނާފު ރައްދުވާ ޙަސަން ޝާކިރުގެ ފަރާތުން ބުނެފައިވަނީ، މިމައްސަލައަކީ މާލޭ ސިޓީ ކައުންސިލުގެ ނިންމުންތަކެއް ބާޠިލުކޮށްދިނުމަށް އެދި ޙަސަން ޝާކިރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން މައުޟޫވީގޮތުންނާ އަދި ވަގުތީ ފަރުވާއެއްގެ ގޮތުން އެ ޤަޟިއްޔާ ތެރޭގައި ނިންމަވާފައިވާ ނިންމެވުމެއްކަމަށާއި، މި އިސްތިއުނާފަކީ އެ ޤަޟިއްޔާގެ ތެރޭގައި ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި އޮތް މައްސަލައެއް ކަމަށާއި، އެ ވަގުތީ އަމުރު ނެރެފައި ވަނީ އެ މައްސަލައިގެ މައުޟޫއުގައި ވަކިގޮތެއް ކަނޑައެޅެންދެން ނުވަތަ ކޯޓުން އެހެންގޮތަކަށް ކަނޑައަޅަންދެންކަމަށާއި، މިމައްސަލަ މައުޟޫވީގޮތުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެހެންކަމުން މި މިއަމުރުގެ ފާއިލިއްޔަތު މިހާރު ނިމި ގޮސްފައިވާކަމަށާއި، އެހެންވީމާ މި އަމުރު އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަކަށް ނުދެކޭކަމަށެވެ.
ދެފަރާތުން އެދޭގޮތް
13އިސްތިއުނާފު ކުރާ ފަރާތްތަކުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 144-B16/VA/2024/03 އަމުރަކީ ބާޠިލް އަމުރެއްކަމުގައި ކަނޑައަޅައިދިނުމަށެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 144-B16/VA/2024/03 ވަގުތީ އަމުރަކީ މިހާރު ޢަމަލުކުރެވިދާނެ އަމުރަކަށް ނުވާއިރު، މިއަމުރާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.
އިސްތިއުނާފުކުރާ ފަރާތްތަކުން ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅުން
15އިސްތިއުނާފުން ބެލެވެމުން މިދާ މައްސަލައިގައި އިސްތިއުނާފު ފޯމާއެކު، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅައިފައިވެއެވެ. މިގޮތުން އެދިފައިވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރު ތަންފީޛުކުރުން ފަސްކުރުމުގެ އަމުރަކަށެވެ. މިމައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމުމުގެ ބަދަލުގައި، ހުށަހެޅިފައިވާ އިސްތިއުނާފީ ދަޢުވާއަށް އަވަސްގޮތެއްގައި ގޮތެއް ކަނޑައެޅުމީ އިސްތިއުނާފު ކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މަސްލަޙަތުގައި އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ، މައްސަލަ އަވަހަށް ނިންމުމަށް އިސްކަންދީ އަޑުއެހުން ތާވަލްކުރެވުނެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ މާލޭ ސިޓީ ކައުންސިލަށް ހާޒިރުނުވެވިގެން އަޑުއެހުން ކެންސަލްކުރެވިފައިވާއިރު، މިއަޑުއެހުމުގެ ކުރިން މައުޟޫއީ މައްސަލަ ނިމިފައިވާތީ، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅިފައިނުވާނެއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
16ބަލަމުންދާ މިއިސްތިއުނާފަކީ ސިވިލް ކޯޓުގެ ނަންބަރު 1858-CVC-2024 ޤަޟިއްޔާގައި ނެރެފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފެކެވެ. މިއިސްތިއުނާފު މިކޯޓުގައި ހިނގަމުން ދަނިކޮށް ސިވިލް ކޯޓުގެ މައުޟޫއީ މައްސަލައިގައި މައްސަލަ ރައްދުވި ފަރާތް ހާޟިރުނުވެގެން އެމައްސަލައިގައި ޣައިރު ހާޒިރު ޙުކުމެއް ކޮށް މައްސަލަ ނިމިފައިވެއެވެ.
17އެހެންކަމުން، މިއީ ވަގުތީ އަމުރެއްގެ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި އޮތް މައްސަލައެއް ކަމަށާއި، އެވަގުތީ އަމުރު ނެރެފައި ވަނީ އެމައްސަލައިގެ މައުޟޫއުގައި ވަކިގޮތެއް ކަނޑައެޅެންދެން ނުވަތަ ކޯޓުން އެހެންގޮތަކަށް ކަނޑައަޅަންދެންކަމަށާއި، މިމައްސަލަ މައުޟޫއީގޮތުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، މި މިއަމުރުގެ ފާއިލިއްޔަތު މިހާރު ނިމި ގޮސްފައިވާ ކަމަށާއި، އެހެންކަމުން މި މައްސަލަ މިހާރު ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޮތް ކަމުގައި ނުދެކޭ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
18އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގެ 23 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މިމައްސަލައިގެ މައުޟޫއީ މައްސަލަ ނިމުނުކަމުގައި ވީނަމަވެސް، މައްސަލައިގައި ޤާނޫނީ އެއްވެސް ގޯހެއް ހަދާފައިވާކަމަށް ޤަބޫލުކުރެވޭނަމަ އެކަމަކާ ދޭތެރޭގައި ކޯޓުން ގޮތެއް ކަނޑައަޅައި ދިނުމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން އެދިފައިވެއެވެ.
19ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ނުގެންދާނަމަ، މިފަދަ (މަޙައްލު ގެއްލިފައިވާކަމަށް ބެލެވޭ) ޙާލަތްތަކުގައިވެސް، ކޯޓަށް ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއަށް ގޮތް ކަނޑައެޅުމަކީ ކޯޓުގެ ޒިންމާއެކެވެ. އެހެނީ، އަހުރެން ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު އިސްތިޤުރާރު ވެފައިވާ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/258 ޤަޟިއްޔާގެ ޙުކުމަކީ އިޖުރާއީ ގޮތުން ނުވަތަ ޤާނޫނީގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމުގައި އެ މައްސަލައިގައި ހިމެނޭ ފަރާތަކުން ފަރާތެއް ދެކޭނަމަ، އެފަދައިން ދެކޭ ފަރާތަކަށް އޮންނަ ޙައްލަކީ، އެ ނިންމުމެއް، ނުވަތަ ނިންމުމުގެ ބައެއް އިސްތިއުނާފު ކުރުންކަމުގައި ވާތީއެވެ. އަދި، ކޯޓުތަކުން ޤާނޫނު ތަޠުބީޤުކޮށް މާނަ ކުރަންޖެހެނީ ހާދިސާ ހިނގިއިރު ކަން އޮތްގޮތުގެ މައްޗަށް ކަމުގައިވާތީއާއި، އެކަމުގެ މައްޗަށް ނުވަތަ އެކަމާއި ގުޅިގެން ފަހުން ހިނގާ ކަންތައްތަކަކީ، އެ ކަންކަމާމެދު ގޮތެއް ކަނޑައަޅާދިނުން އެދި ދަޢުވާގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކޯޓަށް ހުށަހަޅައި އެކަން ކޯޓުން ބަލައިގެންފައި ނުވާނަމަ، އެކަންކަމުގެ މައްޗަށް ކޯޓުން ނަޒަރުކުރަންޖެހޭ، އަދި އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް އަސަރުކޮށްގެންވާނެ ކަންކަން ކަމުގައި ބަލަންޖެހޭ ޤާނޫނީ ހުއްޖަތެއް އޮތްކަމުގައި އަހުރެން ނުދެކޭތީއެވެ.".
20އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ވަގުތީ އަމުރުގެ ސަބަބުން، ޤަޟިއްޔާ ނަންބަރު 35/J.C.8/82 މައްސަލައިގައި ނިންމާފައިވާ ނިންމުން، ނިހާއީ ޙުކުމަކަށް ބަދަލުވެފައިވަނިކޮށް، އެޙުކުމާ ޚިލާފަށް، އަދި ޤާނޫނުއަސާސީގައި ގޯތި ގެދޮރާމެދު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމާއި، ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ބުނެފައިވަނީ، އެޤަޟިއްޔާގައި ގޯތި ދެބަޔަށް ހަމަހަމައަށް ބަހާދީފައިވާކަމަށެވެ. އަދި ގޯޅި މަގު ނަގާފައިވަނީ، ބެހެނިވެރިންގެ ތެރެއިން ޢަބްދުލްޣަފޫރަށް ލިބޭ ބައިން އުނިކޮށްކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ އަމުރުގެ ސަބަބުން ޢަބްދުލްޣަފޫރުގެ ވާރިޘުންނަށް ލިބިފައިވާ ޙައްޤު ގެއްލޭކަމަށެވެ. ދެވަނަ ނުކުތާގައިވެސް ފާހަގަކޮށްފައިވަނީ، އަމުރުގެ ސަބަބުން ޢަބްދުލްޣަފޫރުގެ ވާރިޘުންނަށް ލިބިދީފައިވާ ދިރިއުޅުމުގެ ޙައްޤަށް އުނިކަން ލިބިފައިވާ ކަމަށާއި، މިއަމުރުގެ ސަބަބުން މައުޟޫއީ މައްސަލައިގެ އެދޭ ފަރުވާ ލިބިދެވޭ ކަމަށެވެ.
21ވަގުތީ އަމުރު ނެރުމުގައި ސިވިލް ކޯޓުން ފާހަގަކޮށްފައިވަނީ، މިމައްސަލައިގައި އުފެދިފައިވާ ޚުސޫމާތަކީ، އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރާ މިގޯޅިއަކީ ކޮން ފަރާތެއް ކޮން ބާވަތެއްގެ ގޯޅިމަގެއްތޯއާ މެދުކަމަށެވެ. މައްސަލައިގައި ހިމެނޭ ގޯޅީގެ ވެރިފަރާތާއި ބާވަތާ މެދު ޚުސޫމާތެއް އޮތް ކަމަށް އެކޯޓަށް ޤަބޫލުކުރެވުނު ހިނދު، ވަގުތީ އަމުރު ނެރުމުގައި ކޯޓުން މައިގަނޑު ގޮތެއްގައި ރިޢާޔަތްކޮށްފައިވަނީ، މައްސަލައިގެ ޚުސޫމާތު (11 ޖުލައި 2024 ގައި މާލޭ ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް އެޅުމުގެ ކުރިން) އޮތް ޙާލަތަށް މައްސަލަ ނިމެން ދެން ސްޓޭޓަސް ކޯ ދެމެހެއްޓުމަށެވެ.
22HN1HN2އެހެންކަމުން، މިމައްސަލައިގެ މައުޟޫއު ތެރެއަށް ވަދެވިގެން މެނުވީ އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރާ ފަދައިން ސިވިލް ކޯޓުގެ ނަންބަރު 35/J.C.8/82 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމާ މިއަމުރު ޚިލާފުތޯ އާއި ޚުސޫމާތުގައި މަސައްލަހަތު އޮތް ވަކި ފަރާތެއްގެ ޙައްޤު އޮތް ގޮތް ކަށަވަރުކޮށް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައަކީ، މާލޭ ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅު ތަކެއް ބާޠިލުކުރުމަށާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާއިރު، މައުޟޫއީ ފަރުވާއާ ވަގުތީ އަމުރުންދެވޭ ފަރުވާއާ އެއް ގޮތްކަމަށް އުފައްދާ ބަހުޘު ސާފެއް ނޫނެވެ.
23HN3ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާއާ ޚިލާފަށް، މި މައްސަލައަކީ މައްސަލައެއްގައި ވަގުތީ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ އިސްތިއުނާފެއް ކަމުގައިވާތީއާއި، މައްސަލަ ނިމުމުން އެފިޔަވަޅު ނިމުމަކަށް އައިސްފައިވާތީއާއި، އިސްތިއުނާފު ކުރާ ފަރާތްތަކުން ވެސް އެއްބަސްވާ ފަދައިން، މިއިސްތިއުނާފުގައި މައްސަލައިގެ މައުޟޫގެ ތެރެއިން ބެލިގެން ނޫނީ ގޮތެއް ކަނޑައެޅޭނެ ފަދަ ޤާނޫނީ ބަހުޘެއް އޮތް ކަމުގައި ނުބެލެވޭތީ މިއިސްތިއުނާފު އިތުރަށް ކުރިއަށް ގެންދާނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
24ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
25ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
26މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، […] އާމިނަތު ޢަބްދުލްޣަފޫރު އަދި […] ފާޠިމަތު ޢަބްދުލްޣަފޫރު ގެ ފަރާތުން ހުށަހަޅާފައިވާ މިއިސްތިއުނާފަކީ، މައުޟޫޢީ މައްސަލައެއްގެ ތެރެއިން ނެރެފައިވާ ސިވިލް ކޯޓުގެ ނަންބަރު 114-B16/VA/2024/03 "ވަގުތީ އަމުރު"ގެ އިސްތިއުނާފެއް ކަމަށްވާތީއާއި، މައުޟޫޢީ މައްސަލަ ނިމުމުން މިވަގުތީ އަމުރު ނިމުމަކަށް އައިސްފައިވާތީއާއި، މައްސަލައިގެ މައުޟޫގެ ތެރެއިން ބެލިގެން ނޫނީ ގޮތެއް ކަނޑައެޅޭނެ ފަދަ ޤާނޫނީ ބަޙުޘެއް މިއިސްތިއުނާފުގައި ހުށަހެޅިފައިވާކަމަށް ނުބެލެވޭތީ، މިއިސްތިއުނާފީ ދަޢުވާ މިހިނދުގައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ފާޠިމަތު ފަރުހީޒާ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ފުޓްނޯޓު
- ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުމުގައި ރިއާޔަތްކޮށްފައިވާ ކަންކަން ޕެރެގްރާފް 49.1
- މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު B5/E/2024/03 (11 ޖުލައި 2024) ނަންބަރު (MISL)425-B5/INDIV/2024/441 (14 ޖުލައި 2024) ގެ ސިޓީން ޝާކިރަށް އަންގާފައިވާ އެންގުމާއި އަދި މިނޫންވެސް ގުޅުން ހުރި އިތުރު ނިންމުންތަކެއް
- އެބ.
- ވަގުތީ އަމުރަށް އެދޭ ފޯމު – ވަގުތީ އަމުރު އޮންނަންވީ ގޮތް
- އިސްތިއުނާފު ކުރެވޭ ވަގުތީ އަމުރު ނަންބަރު 114-B16/VA/2024/03
- 2016/SC-A/25
- ސިވިލް ކޯޓުގެ ނަންބަރު 1858-CVC-2024 ޤަޟިއްޔާގެ
- އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފޯމުގެ ނަންބަރު 9- "އެދޭގޮތް"
- އިސްތިއުނާފު ރައްދުވާ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅި ޖަވާބު ފޯމުގެ ނަންބަރު 5- "އެދޭގޮތް"
- އިސްތިއުނާފު ފޯމާއެކު ވަގުތީ އަމުރަށް އެދި ފޯމް ހުށަހަޅާފައިވޭ
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/79
- 21 އޮކްޓޯބަރު 2024 އަށް ތާވަލްކުރެވުނު އަޑުއެހުން
- 144-B16/VA/2024/03
- ސިވިލް ކޯޓުގެ ނަންބަރު 1858-CVC-2024
- 2016/SC-A/25
- 2016/SC-A/25
- ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުމުގައި ރިއާޔަތްކޮށްފައިވާ ކަންކަން ޕެރެގްރާފް 49.2
- އެބ. ގެ ޕެރެގްރާފު 55
- 2016/SC-A/25
- މިކޯޓު މަހުޟަރު ބަޔާން
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2016/SC-A/25 (ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2022/SC-A/79
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.