އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/461
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (2018/Cv-C/3433) ސާބިތުކުރުމުގެ ބުރަ ކުންފުނީގެ މައްޗަށް އޮތްއިރު، ޗެކުގައި މެނޭޖިންގ ޑިރެކްޓަރު ސޮއިކުރުމުން ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުނުވާތީ ދަޢުވާ ސާބިތުނުވާކަމަށް ނިންމި. ހައިކޯޓުގެ (2019/HC-A/461) އަޣުލަބިއްޔަތު ރައުޔުން އެ ނިންމުން ޤާއިމްކުރި؛ އަޤައްލިއްޔަތު ރައުޔުގައި ޗެކްތައް ދޫކުރި ބޭނުން ބަޔާންކުރުމުގެ ޒިންމާ އާދަމް ޢަބްދުލްޣަފޫރަށް ފުރޮޅިފައިވާކަމަށް ބުނެފައިވެއެވެ.
- ވާޤިޢާ
- އޯޝަން ހަރވެސްޓް ކުންފުނިން، 2015 ގައި މަޤާމުން ވަކިވި ކުރީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް ޢަބްދުލްޣަފޫރު މަޤާމުގައި ހުރެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކުރިކަމަށް ބުނެ، 2014 ގައި ހިނގި ޖުމްލަ 503,050.87 ޑޮލަރުގެ މުޢާމަލާތްތައް (ބޮމަސްދޫ ރިޒޯޓް ލައިސަންސަށް ނެގި ފައިސާއާއި އެކި ފަރާތްތަކަށް ދޫކުރި ޗެކްތައް) އަނބުރާ ހޯދުމަށް 2018 ގައި ސިވިލް ކޯޓުގައި ދަޢުވާކުރި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރީގެ މެނޭޖިންގ ޑިރެކްޓަރަކު ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކުރިކަމަށް ކުންފުނިން ކުރި ދަޢުވާގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކޮން ފަރާތަކުންތޯ؛ އަދި ޑިރެކްޓަރުންގެ ވާޖިބުތަކާ (ފިޑިއުޝަރީ ވާޖިބު) ޚިލާފުވިތޯ ބަލަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އޯޝަން ހަރވެސްޓް ބުނީ މުޢާމަލާތްތައް ކުރީ މެނޭޖިންގ ޑިރެކްޓަރުކަން ސާބިތުވާއިރު ކުންފުނީގެ މަޞްލަޙަތުގައިކަން ސާބިތުކުރުމުގެ ބުރަ އޭނާއަށް ފުރޮޅިފައިވާކަމަށާއި، ފިޑިއުޝަރީ ވާޖިބާ ޚިލާފުވިކަމަށެވެ. އާދަމް ޢަބްދުލްޣަފޫރު ބުނީ ކުންފުނި އުވާލުމުގެ މަރުޙަލާގައި ހުރުމުން އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެކަމަށާއި، ފިޑިއުޝަރީ ނުކުތާއަކީ ދަށު ކޯޓުތަކުގައި ނުނަގާ އައު ނުކުތާއެއް ކަމަށާއި، ސާބިތުކުރުމުގެ ބުރަ އޮތީ ކުންފުނީގެ މައްޗަށް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އިޖުރާއީ އިޢުތިރާޟު ބަލައިނުގަނެ، ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ޑިރެކްޓަރުންގެ ވާޖިބުތައް އޮތް ނަމަވެސް ސިވިލް ކޯޓުން އެ ވާޖިބުތަކާ ޚިލާފުވިތޯ ފުރިހަމައަށް ނުބަލާތީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ފިޑިއުޝަރީ ވާޖިބާ ޚިލާފުވިކަމުގެ ދަޢުވާ ޤާނޫނީ އުޞޫލުގެ ތަރަހައިގެ ތެރެއިން އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރި. ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވީ ދެ ޗެކާ ގުޅޭ ބުރަ އާދަމް ޢަބްދުލްޣަފޫރަށް ފުރޮޅިފައިވާތީ ހަމައެކަނި އެ ދެ ޗެކް އަލުން ބަލަން ފޮނުވަންޖެހޭކަމަށާއި، ފިޑިއުޝަރީ ނުކުތާ މި މަރުޙަލާގައި ނުބެލޭނެކަމަށެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު، ފިޑިއުޝަރީ ވާޖިބާ ޚިލާފުވިކަމުގެ ދަޢުވާ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 (އުއްތަމަ ފަނޑިޔާރުގެ ރައުޔު) ކުންފުނި އުވާލުމަށް ވިޔަފާރީގެ ވުޒާރާއިން އިޢުލާނުކުރީ ސިވިލް ކޯޓުގައި މައްސަލަ ހުށަހަޅައި ނިމެން ކައިރިވެފައިވާ ވަގުތެއްގައި ކަމަށްވާތީ، ކުންފުނި އުވާލުމުގެ މަރުޙަލާގައި ހުރުމުން އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެކަމަށް ނެގި އިޖުރާއީ އިޢުތިރާޟު ބަލައިނުގަނެވޭނެއެވެ.
HN2 ކޯޓުތަކުގެ ޤާނޫނުގެ 16 އަދި 18 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ގޮތް ކަނޑައަޅާނީ ދަށު ކޯޓުން ކަނޑައެޅި ވާޤިޢާތަކާއި ހައިކޯޓުގެ ނިންމުން އަސާސްކަމުގައި ބަލައިގެންނެވެ؛ ވާޤިޢާތައް އަލުން ބަލަންޖެހޭނަމަ މައްސަލަ ހައިކޯޓަށް ތަޙުވީލުކުރެވިދާނެއެވެ.
HN3 (އުއްތަމަ ފަނޑިޔާރުގެ ރައުޔު) ޑިރެކްޓަރަކު ކުންފުންޏަށް ޚިޔާނާތްތެރިވި ކަމަށް ކުންފުނިން ކުރާ ދަޢުވާއިން އުފެދޭނީ ޑިރެކްޓަރު ކުންފުނީގެ މައްޗަށް އޮތް ވާޖިބުތަކާ ޚިލާފުވެފައިވޭތޯ ބެލުމުގެ ބަހުސެވެ. ދަޢުވާ ފޯމުގައި 'ފިޑިއުޝަރީ' ލަފްޒު ބޭނުންކޮށްފައި ނެތް ނަމަވެސް، މެނޭޖިންގ ޑިރެކްޓަރު ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކުރިކަމަށް ހުށަހެޅޭ ދަޢުވާއެއްގައި ޑިރެކްޓަރުންގެ ވާޖިބާމެދު ބަހުސްކުރެވެންޖެހޭނެއެވެ.
HN4 (އުއްތަމަ ފަނޑިޔާރުގެ ރައުޔު) ޑިރެކްޓަރުންގެ މައްޗަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތްކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބު އޮވެއެވެ؛ ފިޑިއުޝަރީ ވާޖިބު އޮންނަނީ ހަމައެކަނި ކުންފުންޏަށެވެ. މަކަރާއި ޙީލަތް، ނުނިޔަތުގައި ކަންކުރުން ނުވަތަ ލިބިދީފައިވާ ބާރުގެ ބޭރުން ކަންކުރުމަކީ ވާޖިބާ ޚިލާފުވީކަމަށް ބެލެވޭ ޙާލަތްތަކެވެ. ކުރީގެ މެނޭޖިންގ ޑިރެކްޓަރަކު މަޤާމުގައި ހުރި މުއްދަތުގައި ވާޖިބަކާ ޚިލާފުވެފައިވާކަމަށް ކޯޓަށް ކަނޑައެޅޭނީ މަދަނީ މިންގަނޑުން އެކަން ސާބިތުކޮށްދެވިގެންނެވެ.
HN5 ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ؛ ދަޢުވާ ރައްދުވާ ފަރާތުން ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރަންޖެހޭނީ އެ ފަރާތުންނެވެ؛ ދަފްޢެއް ކުރިމަތިކުރާ ފަރާތަކުން އެ ދަފްޢު ސާބިތުކުރަންޖެހޭނެއެވެ (2010/SC-A/02 ގެ (ނ)).
HN6 (އުއްތަމަ ފަނޑިޔާރުގެ ރައުޔު) ޑިރެކްޓަރުގެ ވާޖިބުތަކާ ޚިލާފުވާކަމަށް ބުނެ ކުންފުނިން ދަޢުވާކުރާނަމަ، އެ ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮންނާނީ ކުންފުނީގެ މައްޗަށެވެ.
HN7 (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު) ހަމައެކަނި އެހެން ފަރާތަކަށް ދޫކޮށްފައިވާ ޗެކަކީ އެއިގެ ޒާތުގައި ޚިޔާނާތް ސާބިތުކުރުމަށް ފުދޭ ހެއްކެއް ނޫނެވެ. ނަމަވެސް މެނޭޖިންގ ޑިރެކްޓަރު ކުންފުނީގެ ފަރާތުން އޭނާގެ އަމިއްލަ ނަމަށް ނުވަތަ އޭނާ ހިއްސާދާރެއްގެ ގޮތުގައި ހުރި ކުންފުންޏަކަށް ޗެކް ދޫކޮށްފައިވާނަމަ، އެއީ ކުންފުނީގެ ހުއްދައާއެކު ޢާންމު ވިޔަފާރީގެ ތެރެއިން ހިނގި ޞައްޙަ މުޢާމަލާތެއްކަން ސާބިތުކުރުމުގެ ބުރަ ފުރޮޅިގެންދަނީ އެ ޑިރެކްޓަރަށެވެ.
HN8 (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު) ހައިކޯޓަށް ހުށަނާޅާ އައު ޤާނޫނީ ނުކުތާ ސުޕްރީމް ކޯޓުގައި ބަލައިނުގަނެވޭނެއެވެ؛ އިސްތިސްނާއަކީ ޢަދުލު އިންޞާފު ޤާއިމްކުރުމަށް ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއް ކަމަށްވުން، ނުވަތަ ހައިކޯޓުގެ ނިންމުމާ ސީދާ ގުޅޭ ނުވަތަ އިސްތިއުނާފާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއް ކަމަށްވުމެވެ (2019/SC-A/57).
HN9 (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު) ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުން ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ޑިރެކްޓަރުންގެ ބައެއް ވާޖިބުތަކާ ޚިލާފުވިކަން ސާބިތުކުރަން ބޭނުންވާ ހެއްކާ ތަފާތުވެއެވެ؛ ޑިރެކްޓަރުގެ ވާޖިބަކާ ޚިލާފުވިކަން ސާބިތުކުރުމަށް ޚިޔާނާތް ސާބިތުވުން ލާޒިމެއް ނޫނެވެ.
HN10 (ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު) ސިވިލް ކޯޓުން ދަޢުވާގެ މައިގަނޑު ނުކުތާ ކަމަށްވާ ފިޑިއުޝަރީ ވާޖިބާ ޚިލާފުވިކަމުގެ މައްޗަށް ޙުކުމްކޮށްފައި ނުވާތީ، އެ ނުކުތާ ދަށު ކޯޓުގައި އަލުން ބަލަންވާނެއެވެ؛ އަދި ޑިރެކްޓަރުންގެ ފިޑިއުޝަރީ ވާޖިބު ސާބިތުކުރުމުގައި ބޭނުންކުރަންވާނީ ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން [2022] SC 37 ގެ އަޣުލަބިއްޔަތު ރައުޔުގައިވާ އޮބްޖެކްޓިވް ޓެސްޓެވެ؛ ސަބްޖެކްޓިވް ޓެސްޓެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- އެބައޮތް
- މި ކޯޓުގައި
- ހުށަހެޅުނީ 29 ޖޫން 2021 · ރަޖިސްޓްރީކުރީ 20 ސެޕްޓެމްބަރު 2021 · ނިމުނީ 12 ސެޕްޓެމްބަރު 2022 (11.7 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު[2022] SC 54
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/461 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0345/2000) (މީގެފަހުން: "އޯޝަން ހަރވެސްޓް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އާދަމް ޢަބްދުލް ޣަފޫރު (މީގެ ފަހުން: "އާދަމް ޢަބްދުލްޣަފޫރު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާއިންނެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
އޯޝަން ހަރވެސްޓް އަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. ކުންފުނި ރަޖިސްޓަރީ ކުރެވިފައިވަނީ 20 ނޮވެންބަރު 2000 ގައެވެ. މި ކުންފުނީގައި ތިބެނީ 02 (ދޭއް) ޑިރެކްޓަރުންނެވެ. އެއީ ރަޝިޔާގެ ރައްޔިތެއް ކަމަށްވާ އެލެކްޒީ ބެރެޝަނިކޯވް އާއި ދިވެހި ރައްޔިތެއް ކަމަށްވާ އާދަމް ޢަބްދުލްޣަފޫރެވެ. އިސްތިއުނާފު ރައްދުވާ، އާދަމް ޢަބްދުލްޣަފޫރު އަކީ އޯޝަން ހަރވެސްޓް ރަޖިސްޓަރީ ކުރިއިރު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އާދަމް ޢަބްދުލްޣަފޫރު އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިވެފައިވަނީ 2015 ވަނަ އަހަރުއެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު، އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އޯޝަން ހަރވެސްޓްގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި ބުނަނީ އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި އާދަމް ޢަބްދުލްޣަފޫރު ހުރެ އެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައި ވާކަމަށެވެ. އަދި މި ކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުން ޝަރީޢަތް މެދުވެރިކޮށް އާދަމް ޢަބްދުލްޣަފޫރުގެ އަތުން އަނބުރާ ނަގައިދިނުމަށެވެ. މި ދަޢުވާކުރީ 01 އޮގަސްޓު 2018 ގައެވެ.
އޯޝަން ހަރވެސްޓްއަށް ލިބިފައިވާ ގެއްލުން ހިސާބުކުރެވިފައި ވާގޮތުގެ ތަފްޞީލްގައި، އެ ކުންފުނިން ސިވިލް ކޯޓުގައި ބަޔާންކުރި ފައިސާގެ އަދަދުތަކަކީ:
ކުންފުނިން ނ. ބޮމަސްދޫގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ކަމަށްބުނެ ނެގި (ރިޒޯޓް ލައިސަންސް) - USD200,000.00 (ދެ ލައްކަ ޔޫއެސް ޑޮލަރު)؛
ސޮނީ ހާޑްވެއަރ އަށް ދޫކޮށްފައިވާ ޗެކް – USD31,050.87 (އެއްތިރީސްހާސް ފަންސާސް ޑޮލަރު އަދި އައްޑިހަ ހަތް ސެންޓް)؛
އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކުއާ ސަން ހޮލިޑޭސް ޕވޓ ލޓޑ އަށް ދޫކޮށްފައިވާ ޗެކް – USD20,000.00 (ވިހިހާސް ޔޫއެސް ޑޮލަރު)؛
މޫސާ މުޙައްމަދު ފުޅު ކިޔާ އަމިއްލަ ފަރާތަކަށް ދޫކުރި ޗެކް – USD32,000.00 (ބައްތިރީސް ހާސް ޔޫއެސް ޑޮލަރު)؛
އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި ދޫކުރި ޗެކް – USD50,000.00 (ފަންސާސް ހާސް ޔޫއެސް ޑޮލަރު)؛
އިބްރާހީމް ޚަލީލް ކިޔާ އަމިއްލަ ފަރާތަކަށް ދޫކުރި ޗެކް – USD150,000.00 (އެއްލައްކަ ފަންސާސް ހާސް ޔޫއެސް ޑޮލަރު)؛
ސްމާޓް ސޮލިއުޝަން ޕވޓ ލޓޑ އަށް ދޫކުރި ޗެކް – USD20,000.00 (ވިހިހާސް ޔޫއެސް ޑޮލަރު)؛
ޖުމްލަ: USD503,050.87 (ފަސްލައްކަ ތިންހާސް ފަންސާސް ޔޫއެސް ޑޮލަރު އަދި އައްޑިހަ ހަތް ސެންޓު)؛ މިއެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ޑޮކިއުމަންޓްތައް
އޯޝަން ހަރވެސްޓްގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 03 (ތިނެއް) ޑޮކިއުމަންޓްއެކެވެ. އެ 03 (ތިނެއް) ޑޮކިއުމަންޓް އަކީ:
ޑޮކިއުމަންޓް 1 – މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދިން ކަމަށް ބުނާ ސިޓީ (މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދިން ކަމަށްބުނެ ސިޓީއަށް ޙަވާލާދީ ކުންފުނިން ފައިސާ ނެގިކަން ސާބިތުކޮށްދިނުމަށް)
ޑޮކިއުމަންޓް 2 – ކުންފުނީގެ ޚަރަދުތަކުގެ ރިޕޯޓް (ރިޒޯޓް ލައިސަންސް ނެގުމަށް ކަމަށް ބުނެ ކުންފުނިން ފައިސާ ނަގާފައިވާކަން ސާބިތުކުރުމަށް)
ޑޮކިއުމަންޓް 3 – ދަޢުވާލިބޭ ފަރާތުން ދޫކޮށްފައިވާ ޗެކްތައް (ގޮތްނޭނގޭ ޗެކްތަކެއް ދަޢުވާ ލިބޭ ފަރާތުން ސޮއިކޮށް ދޫކޮށްފައިވާކަން ސާބިތުކުރުމަށް)
ސިވިލް ކޯޓުގެ ނިންމުން
ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި ވަނީ،
"... އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ޙަވާލާދީފައިވާ މުޢާމަލާތްތަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢަބްދުލްޣަފޫރު ފަރުދީ ގޮތުން ޒިންމާވާންޖެހޭނެކަން ޝަރީޢަތަށް ސާބިތުނުވާތީ، އެ މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ފައިސާ އާދަމް ޢަބްދުލްޣަފޫރުގެ ކިބައިން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމާތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ (ނ) އިން އެނގެން އޮންނަކަން.
މި މައްސަލައިގައި ބަޔާންކޮށްފައިވާ ފައިސާގެ މުޢާމަލާތްތަކަކީ 2014 ވަނަ އަހަރު ހިނގާފައިވާ މުޢާމަލާތްތަކެއް ކަމުގައިވާތީ، އެ ތާރީޚުން ފެށިގެން މި މައްސަލަ ކޯޓަށް ހުށަހެޅުމާ ހަމަޔަށް ހިނގާފައިވާ މުއްދަތަށް ރިޢާޔަތްކުރާއިރު، މި މުޢާމަލާތްތަކަކީ އޯޝަން ހަރވެސްޓް އަށް ދެނަގަތުމަށް އެކަށީގެންވާ ފުރުޞަތު ލިބިފައިވާ މުޢާމަލާތްތަކެއް ކަމުން، މި ފައިސާގެ މުޢާމަލާތްތަކުގެ ޞައްޙަކަމާމެދު އޯޝަން ހަރވެސްޓް އަށް ސުވާލު އުފެދޭނަމަ، އެކަން މިނިވަން އޮޑިޓަރެއް މެދުވެރިކޮށް ބެލުމުގެ ފުރުޞަތު އޯޝަން ހަރވެސްޓް އަށް ލިބިފައިވިއަސް އޯޝަން ހަރވެސްޓްގެ ފަރާތުން އެފަދައިން ޢަމަލުކޮށްފައި ނުވާކަން އެނގެން އޮންނަކަން.
އާދަމް ޢަބްދުލްޣަފޫރުއަކީ، އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ނުވާތީ، އެ ފަރާތަށް މި މުޢާމަލާތާ ގުޅުން ހުރި ލިޔުންތައް ލިބުމުގެ ފުރުޞަތު މިހާރު ގެއްލިފައިވާނެކަން.
އޯޝަން ހަރވެސްޓްގެ ޗެކެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކޮށްފައި އޮތުމަކީ، މެނޭޖިންގ ޑިރެކްޓަރު އެ ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވާކަމެއް ނޫންކަން.
ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައި ބަޔާންކުރާ ފައިސާގެ މުޢާމަލާތްތަކަކީ ޞައްޙަ މުޢާމަލާތްތަކެއް ނޫންކަމަށް އޯޝަން ހަރވެސްޓް އިން ބުނާނަމަ އެކަން ސާބިތުކޮށްދިނުމަކީ އޯޝަން ހަރވެސްޓްގެ ޒިންމާއެއްކަމާއި، އެކަން އޯޝަން ހަރވެސްޓްއަށް ސާބިތުކޮށް ދެވިފައި ނުވާކަން.
ހައިކޯޓުގައި ކުރި އިސްތިއުނާފު
އޯޝަން ހަރވެސްޓްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/461 ޤަޟިއްޔާއިންނެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ އިސްތިއުނާފީ 01 (އެކެއް) ނުކުތާއެވެ. އެ ނުކުތާގައި ބަޔާންކޮށްފައިވަނީ: "އިސްތިއުނާފު ރައްދުވާ ފަރާތް (އާދަމް ޢަބްދުލްޣަފޫރު) އަކީ ތުހުމަތުކުރެވޭ މުޢާމަލާތްތައް ކުރިއިރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި ފަރާތެއްކަމަށްވާއިރު، ތުހުމަތު ކުރެވޭ މުޢާމަލާތްތަކަކީ އެ ކުންފުނީގެ ބޭނުމަށް ޚަރަދުކުރި ފައިސާކަން އެނގޭ އެއްވެސް ލިޔެކިޔުމެއް ދެއްކިފައި ނުވާއިރު، އަދި ތުހުމަތު ކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން ދެ މުޢާމަލާތަކީ ސީދާ އިސްތިއުނާފު ރައްދުވާފަރާތް (އާދަމް ޢަބްދުލްޣަފޫރު) ގެ ޙިއްޞާއޮންނަ އެހެން ދެ ކުންފުންޏަކަށް ޖަމާކޮށްފައިވާ ފައިސާކަން ސާބިތުވާއިރު، ސާބިތު ކުރުމުގެ ބުރަ އިސްތިއުނާފު ކުރާފަރާތް (އޯޝަން ހަރވެސްޓް) އަށް އޮތްކަމަށް ބުނެފައިވަނީ ސާބިތުކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 )މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މަފްޙޫމާ ޚިލާފަށް ކަމުގައިވުން." މިފަދައިންނެވެ.
މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ދެ ރައުޔެއް ވެއެވެ. އެއީ، އަޣްލަބިއްޔަތު ރައުޔަކާއި އަޤައްލިއްޔާ ރައުޔުއެކެވެ.
ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔު
ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުއިން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-MBR/PRIV/2014/195 ސިޓީއަކީ އެ މިނިސްޓްރީން ފޮނުއްވާފައިވާ ސިޓީއެއް ނޫންކަމަށް އޯޝަން ހަރވެސްޓްގެ ފަރާތުން ބުނިނަމަވެސް، އެކަން ސާބިތުކުރުމަށް އޯޝަން ހަރވެސްޓްއިން ބުނާބުނުން ފިޔަވައި އިތުރު ހެއްކެއް ހުށަ ހަޅާފައިނުވާކަން.
މި މައްސަލައިގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އޯޝަން ހަރވެސްޓްކަން އެނގެނީ އާދަމް ޢަބްދުލްޣަފޫރަކީ 2015 އިން ފެށިގެން އެ ކުންފުނިން ވަކިވެފައިވާ ފަރާތެއްކަން އެނގެން އޮންނަ އޮތުމުންނާއި އާދަމް ޢަބްދުލްޣަފޫރަށް އޯޝަން ހަރވެސްޓްއިން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އަދި އެ ލިޔެކިޔުންތަކަށް ބާރުލިބިދޭ އިތުރު އެހެނިހެން ލިޔެކިޔުންތަކަށް ވާޞިލުވުމުގެ ދޮރު ބަންދުކުރެވިފައިވާތީކަން.
ތުހުމަތުކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އޯޝަން ހަރވެސްޓްގެ ބޭނުމަށް ޚަރަދު ކުރެވުނު ފައިސާކަން އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ޙުއްޖަތެއް އެ ކުންފުންޏަށް ބުނެދެވިފައިނުވާކަން.
ހައިކޯޓުގެ އަޤައްލިއްޔާ ރައުޔު
ހައިކޯޓުގެ އަޤައްލިއްޔާ ރައުޔުއިން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، އާދަމް ޢަބްދުލްޣަފޫރު އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ އެކިއެކި ފަރާތްތަކަށް ޗެކްތަކެއް ދޫކުރިކަން.
އެ ޗެކްތައް ދޫކުރެވުނީ އޯޝަން ހަރވެސްޓްގެ ކޮން ބޭނުމެއްގައިކަން ބަޔާންކޮށް ދިނުމުގެ ޒިންމާ އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ފުރޮޅިގެންގޮސްފައިވާކަން.
ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބަލާއިރު، ހަމައެކަނި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން އިންކާރު ކުރާ ކުރުމަކުން އާދަމް ޢަބްދުލްޣަފޫރުގެ ޒިންމާ ބަރީއަވެގެން ނުދާކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2019/HC-A/461 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އޯޝަން ހަރވެސްޓްގެ ފަރާތުން 02 (ދޭއް) ނުކުތާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އޯޝަން ހަރވެސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި 02 (ދޭއް) ނުކުތާއަކީ:
ފުރަތަމަ ނުކުތާއަކީ؛ އާދަމް ޢަބްދުލްޣަފޫރުއަކީ އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރކަން ސާބިތުވާކަމަށާއި ސުވާލު އުފެދިފައިވާ ފައިސާތައް އޯޝަން ހަރވެސްޓްގެ ނަމުގައި ދޫކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރު (އާދަމް ޢަބްދުލްޣަފޫރު) ކަން ސާބިތުވާކަމަށެވެ. އަދި މި ފައިސާ ދޫކުރީ އޯޝަން ހަރވެސްޓްގެ މަޞްލަޙަތުގައި ނޫންކަމަށްބުނެ ކޮށްފައިވާ ތުހުމަތަށް އާދަމް ޢަބްދުލްޣަފޫރު މުޠުލަޤަށް އިންކާރުކޮށްފައި ނުވާއިރު، އެ ފައިސާ ދޫކޮށްފައިވަނީ އޯޝަން ހަރވެސްޓްގެ މަޞްލަޙަތުގައިކަން ސާބިތުކޮށް ދިނުމަކީވެސް އޯޝަން ހަރވެސްޓްގެ ޒިންމާއެއްކަން ދޭހަވާގޮތަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، އަދި އެ ފައިސާ ދޫކޮށްފައިވަނީ އޯޝަން ހަރވެސްޓްގެ މަޞްލަޙަތުގައިކަން ސާބިތުކޮށްދިނުމުގެ ބުރަ އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން އުފުލަން ނުޖެހޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، އަދި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ދޫކުރި ފައިސާ ދޫކޮށްފައިވަނީ އޯޝަން ހަރވެސްޓްގެ މަޞްލަޙަތުގައި ނޫންކަން ސާބިތުނުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ކުންފުނި ހިންގުމުގައި ކުންފުންޏަށް އަމާނާތްތެރިވުމާއި ފަރުވާތެރިވުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮތް އަމާނާތްތެރިކަމުގެ ޒިންމާއެއް "Fiduciary Duty" ގެ ޤާނޫނީ މަބްދަޢާ ޚިލާފަށް އަދި ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮތް އަމާނާތްތެރިކަމުގެ ޒިންމާއާ އާދަމް ޢަބްދުލްޣަފޫރު ޚިލާފުވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުކޮށްދެވިފައިވަނިކޮށް، ސުޕްރީމް ކޯޓްގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި މަދަނީ މައްސަލަތައް ސާބިތުކުރުމުގެ ބުރަ ދަޢުވާ ރައްދުވާ ފަރާތަށް ފުރޮޅިގެންދާކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި ބަޔާންކުރަނީ، ހައިކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ކުރާ ފަރާތަކީ މިހާރު އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުރި މީހެއް ނޫންކަމުން، އެފަރާތުން މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުރެ ހިންގާފައިވާ މުޢާމާލާތްތަކެއް ހިންގާފައިވަނީ ކުންފުނީގެ މަޞްލަޙަތުގައިކަން ސާބިތުކޮށް ނުދެވޭނެކަމަށް ކަނޑައަޅައި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ޤާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރިކަން ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތުން އާދަމް ޢަބްދުލްޣަފޫރު ބަރީޢަކޮށްފައިވަނީ ޤާނޫނީ އެއްވެސް އަސާސަކަށް ރިޢާޔަތް ކުރުމެއްނެތި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ހ) ޚިލާފަށްކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތް (އާދަމް ޢަބްދުލްޣަފޫރު) ހުށަހެޅި އިޖުރާއީ އިޢުތިރާޟް
އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟްގައި ބުނަނީ:
އޯޝަން ހަރވެސްޓްއަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައެޅި 523 (ފަސްސަތޭކަ ތޭވީސް) ކުންފުނީގެ ތެރޭގައި ހިމެނިފައިވާ ކުންފުންޏެއް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން 20 ޖޫން 2019 ގައި ކުރި އެ މިނިސްޓްރީގެ ނަންބަރު (IUL)101-BR/1/2019/212 އިޢުލާނު އިން އެނގޭ ކަމަށާއި އެ އިޢުލާނުގައި ޝަކުވާ ހުށަހެޅުމަށް ބަޔާންކޮށްފައިވާ 14 (ސާދަ) ދުވަހުގެ މުއްދަތަށްފަހު، ރުޖޫޢަކޮށްފައި ނުވާ ކުންފުނިތައް އުވާލާގޮތަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ނިންމާފައިވާ ކަމަށާއި އޯޝަން ހަރވެސްޓް ރުޖޫޢަކޮށްފައިނުވާ ކަމަށެވެ.
އޯޝަން ހަރވެސްޓް އުވާލުމުގެ މަރުޙަލާގައި އޮތްއިރު، ކުންފުނީގެ ދަފްތަރުން އޯޝަން ހަރވެސްޓް އުނިކުރަންދެން އެ ކުންފުންޏަށް އޮޕަރޭޓް ކުރެވޭނީ ހަމައެކަނި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވާއިރު، އޯޝަން ހަރވެސްޓްއަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ކުންފުންޏަށާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންނުވާކަން އެ މާއްދާއިން އެނގޭކަމަށެވެ.
ކުންފުނީގެ ދަފްތަރުގައި އޯޝަން ހަރވެސްޓް ހިމެނިފައި މިހާރު އެއޮތީ ހަމައެކަނި އިދާރީގޮތުން އެ ކުންފުންޏާ ދެކޮޅަށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައިވާ ހުށަހެޅުމެއް އޮތްނަމަ އެކަން ނިމުމާ ހަމަޔަށް ކަމަށްވާއިރު، އޯޝަން ހަރވެސްޓް އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް، ކުންފުނި އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޙާލަތުގައި، އެ ކުންފުނި އަލުން ރުޖޫޢަކުރުމެއްނެތި އެހެން ފަރާތެއްގެ މައްޗަށް ދަޢުވާއެއް ކުރެވިދާނެކަމީ ޤާނޫނީގޮތުން ނެތްކަމަކަށްވާތީ، ހުށަހެޅިފައިވާ ގޮތަށް މި އިސްތިއުނާފު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތް (އާދަމް ޢަބްދުލްޣަފޫރު) ދިން ޖަވާބު
އޯޝަން ހަރވެސްޓްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ބުނަނީ:
އޯޝަން ހަރވެސްޓްގެ ދަޢުވާއަށް އާދަމް ޢަބްދުލްޣަފޫރު އިންކާރުކުރާ ކަމަށެވެ.
ހައިކޯޓުގެ ގެ ނަންބަރު 2019/HC-A/461 ޤަޟިއްޔާގެ ނިންމުން، ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ އޯޝަން ހަރވެސްޓްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާއެއް ކަމަށްވާތީ، ސުޕްރީމް ކޯޓުގެ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. ގްލޯބް އެއަރ ކާގޯ ސިސްޓަމް ޤަޟިއްޔާގެ އަދި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޑެޓް ޤަޟިއްޔާގެ ނިންމުމަށް ރިޢާޔަތްކޮށް، މިއީ ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއްނޫން ކަމަށެވެ.
އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަޤާމުގައި އާދަމް ޢަބްދުލްޣަފޫރު ހުރި މުއްދަތުގައި އެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުން ކޮށްފައިވާ ކަމަށް އޯޝަން ހަރވެސްޓްގެ ފަރާތުން ބުނާނަމަ އެ ދަފްޢު ސާބިތުކުރުމަކީ އޯޝަން ހަރވެސްޓްގެ ޒިންމާއެއް ކަމަށާއި އާދަމް ޢަބްދުލްޣަފޫރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އެހެން ޑިރެކްޓަރުންނާއެކު ޗެކްގައި ސޮއިކޮށްފައި އޮތުމަކީ، މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވާނެ ކަމެއް ނޫންކަމަށާއި އޯޝަން ހަރވެސްޓްގެ ފަރާތުން ނަގާފައިވާ ދަފްޢު ސާބިތު ކުރުމެއްނެތި، އެނޫންގޮތަކަށް އެކަން އޮންނަކަން ސާބިތުކުރުމުގެ ބުރަ އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ފުރޮޅިފައިވާ ކަމަށް ބެލެވޭނެ ހަމައެއްނެތް ކަމަށެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮންނަ ފިޑިއުޝަރީ ޑިއުޓީގެ ޤާނޫނީ މަބްދަޢުއާ ޚިލާފަށް އަދި ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮތް އަމާނާތްތެރިކަމުގެ ޒިންމާއާ އާދަމް ޢަބްދުލްޣަފޫރު ޚިލާފުވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުކޮށްދެވިފައި ވާކަމަށް އޯޝަން ހަރވެސްޓްގެ ފަރާތުން ބުނާއިރު، މި ނުކުތާއަކީ ސިވިލް ކޯޓުގައި ބަހުސްކުރެވި، ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާއެއް ނޫންކަމަށްވާތީ، ސުޕްރީމް ކޯޓުގެ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މަޝޭ އިންވެސްޓްމަންޓް ލިމިޓެޑް ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ އެޓާރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގެ ނިންމުމަށް ރިޢާޔަތްކޮށް މިއީ ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއް ނޫންކަމަށެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ބުނަނީ:
މައްސަލައެއް ނިންމާފައިވަނީ ޤާނޫނަކާ ޚިލާފަށްކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުފުދޭނެ ކަމަށެވެ. އެކަމުގެ ތަފްޞީލް ބަޔާންކޮށްދޭން ޖެހޭނެކަން ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބެލުމުން އެނގޭކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ނެގި އިޖުރާއީ އިޢުތިރާޟް އާމެދު އަހުރެން ދެކޭގޮތްމި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅިފައިވަނީ 01 އޮގަސްޓު 2018 ގައެވެ. އަދި އެ ޤަޟިއްޔާ ނިމިފައިވަނީ 27 ޖުލައި 2019 ގައެވެ.
އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟްގައި ބަޔާންކުރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިޢުލާނު ނަންބަރު (IUL)101-BR/1/2019/212 ގެ ތާރީޚަކީ 20 ޖޫން 2019 އެވެ.
މި ތާރީޚުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު (IUL)101-BR/1/2019/212 އިޢުލާނުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު3433/Cv-C/2018 ޤަޟިއްޔާ އެ ކޯޓަށް ބަލައިގަނެ މައްސަލަ ހިންގައި ނިމެން ކައިރިވެފައި ވަނިކޮށެވެ. މިހެންކަމުން، އާދަމް ޢަބްދުލްޣަފޫރުގެ މި އިޖުރާއީ އިޢުތިރާޟް އަހުރެން ބަލައެއް ނުގަންނަމެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަށް ޤާނޫނު ތަޠުބީޤުކުރުން
އޯޝަން ހަރވެސްޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ 2 (ދޭއް) ނުކުތާއަށާއި، އެ 2 (ދޭއް) ނުކުތާއާ ގުޅިގެން އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދިން ޖަވާބަށް ބަލާއިރު، ސުޕްރީމް ކޯޓުން އެ މައްޗަށް އެއްޗެއް ބުނަންޖެހޭ އަދި ޤާނޫނީ ބަހުސެއް އޮތް ދެ ކަމެއް އަހުރެންނަށް ފާހަގަކުރެވެއެވެ.
ކުންފުނީގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތް ކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބު.
ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮތީ މައްސަލައިގައި ހިމެނޭ ދެ ޚަޞްމުން ކުރެ ކޮން ޚަޞްމެއްގެ މައްޗަށްތޯ ބެލުމާ މެދު އުފެދޭ ޤާނޫނީ ބަހުސް.
ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތް ކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބުއޯޝަން ހަރވެސްޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮތް ފިޑިއުޝަރީ ވާޖިބާ އާދަމް ޢަބްދުލްޣަފޫރު ޚިލާފުވެފައިވާކަމަށް އޯޝަން ހަރވެސްޓްއިން ބުނާބުނުގެ ރައްދުގައި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ބުނަނީ ފިޑިއުޝަރީ ވާޖިބާ ގުޅޭ މި ނުކުތާއަކީ ސިވިލް ކޯޓުގައި ބަހުސްކޮށް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާއަކަށް ނުވާތީ، ސުޕްރީމް ކޯޓުގެ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މަޝޭ އިންވެސްޓްމަންޓް ލިމިޓެޑް ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ އެޓާރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގެ ނިންމުމަށް ރިޢާޔަތްކުރާއިރު، ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއް ނޫންކަމަށެވެ.
ދަށު ކޯޓުގެ ޙުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ޙާލަތްތައް ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށެވެ. އަދި ކޯޓަކުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅޭނެ ހާލަތްތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައެވެ.
ހައިކޯޓުގެ ޙުކުމްތައް ނުވަތަ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ޙާލަތްތައް ބަޔާން ކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ޙާލަތަކީ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމެވެ. އަދި ދެވަނަ ޙާލަތަކީ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތަކީ އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އައިބުތަކުގެ ތެރެއިން އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވާފަދަ އިޖުރާއަތެއް މެދުވެރިވާ ޙާލަތެވެ.
ކޯޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ މައުޟޫޢީގޮތުން ބެލެން އޮތް މައްސަލައަކަށްވެފައި އެ މައްސަލައިގެ ވާޤިޢާތައް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް އަދި ޞައްޙަކޮށްކަމަށް ވަނީނަމަ، އެ މައްސަލަގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލު ކަނޑައަޅައި އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިދާނެ ކަމަށެވެ. އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ މައްސަލައިގެ ވާޤިޢާތައް އަލުން ބަލަންޖެހޭނަމަ އެ މައްސަލައެއް އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރެވިދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ އަދި 18 ވަނަ މާއްދާއަށް ބަލާއިރު އެއްކަމެއް ވަރަށް ސާފެވެ. އެއީ ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ގޮތްކަނޑައަޅާނީ ދަށުކޯޓުން ކަނޑައެޅި ވާޤިޢާތަކާއި ހައިކޯޓުގެ ނިންމުން އެއީ އަސާސްކަމުގައި ބަލައިގެންކަމެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެ ކުންފުނީގެ ފައިސާއަށް ޚިޔާނަތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުން ކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ކުންފުނީގެ ޑިރެކްޓަރަކު ކުންފުންޏަށް ޚިޔާނާތްތެރިވެފައި ވާކަމަށް ބުނެ އެ ކުންފުންޏަކުން ކުރާ ދަޢުވާއިން އުފެދޭ ޤާނޫނީ ބަހުސަކީ އެ ކުންފުނީގެ ޑިރެކްޓަރަކު އެ ކުންފުނީގެ މައްޗަށް އޮންނަ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތް ކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބާ ޚިލާފުވެފައިވޭތޯ ބެލުމުގެ މައްޗަށް އުފެދޭ ބަހުސެވެ. ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮންނަ ވާޖިބުތަކަކީ، ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި، މިފަދަ މައްސަލަތަކުގައި ރިޢާޔަތްކުރަންޖެހޭނެ ޤާނޫނީ ނުކުތާއެކެވެ. އަދި އެފަދަ ނުކުތާއަކީ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއް ވެސް މެއެވެ.
އޯޝަން ހަރވެސްޓްއަކީ ދަރަންޏަށް ޒިންމާވާގޮތަށް ރަޖިސްޓަރީ ކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ، ކުންފުނީގެ ނަމުގައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންތައްތައް ކުރުމާއި ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞްއެކެވެ. ކުންފުނި ހިންގުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައި ވަނީ، ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، ޑިރެކްޓަރުންގެ ބޯޑަކުންކަމަށެވެ. ކުންފުނި ހިންގަންވާނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގައި ބަޔާން ކޮށްފައިވާ ހަމަތަކާއި ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ކޮންމެ ކުންފުންޏެއްގައިވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން މީހަކު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ހަމަޖައްސާފައި ހުންނަންވާނެކަމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގެ ދަޢުވާ ފޯމުގައި އަދި މަޙްޟަރު ބަޔާންތަކުގައި "ފިޑިއުޝަރީ" މި ލަފްޒު ބޭނުންކޮށްފައި ނެތްނަމަވެސް، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި އާދަމް ޢަބްދުލްޣަފޫރު ހުރެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުން ކޮށްފައިވާ ކަމަށް ބަޔާންކޮށް ހުށަހެޅި މައްސަލައަކަށްވާތީ ޑިރެކްޓަރުންގެ ފަރާތުން ކުންފުނީގެ މައްޗަށް އޮއްނަ ވާޖިބާ މެދު ބަހުސް ކުރެވެންޖެހޭނެއެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންނާ މަތިކުރެވިފައިވާ 2 (ދޭއް) ބާވަތެއްގެ ވާޖިބެއް ވެއެވެ. އެއީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތް ކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބެވެ. ޑިރެކްޓަރުންގެ ފިޑިއުޝަރީ ވާޖިބު އޮންނާނީ ހަމައެކަނި ކުންފުންޏަށެވެ. ޙިއްޞާދާރުންނަށް ނުވަތަ ކުންފުނީގެ އަރަނިވެރިންނަށް ނުވަތަ އެ ނޫން އެހެންވެސް ފަރާތަކަށް ނޫނެވެ. ޑިރެކްޓަރުން، އެމީހުންގެ ޑިރެކްޓަރުކަމުގެ ވާޖިބު އަދާކުރުމުގައި ބަލަންޖެހޭނީ ހެޔޮ ނިޔަތް ނުވަތަ "ގުޑް ފެއިތު" (good faith) ގައި އެ ޑިރެކްޓަރަކު ޤަބޫކުރާ ގޮތުގެ މަތިން، ކުންފުނީގެ މަޤްޞަދު ޙާޞިލްކުރުމުގައި މަސައްކަތް ކުރުމަށެވެ. ޑިރެކްޓަރުންގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާތަކާގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި، ޑިރެކްޓަރުންގެ ވާޖިބު ފުރިހަމައަށް އަދާކޮށްފައިވޭތޯ ބަލަންޖެހޭނީ ސަބްޖެކްޓިވް (subjective) މިންގަނޑުން ކަމުގައި އަހުރެން ދެކެމެވެ. އެއީ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުރި ފަރުދަށް އަމާޒުކޮށްގެން މައްސަލަ ބެލުމެވެ.
މަކަރާއި ޙީލަތް ހެދުން ނުވަތަ ނުނިޔަތުގައި ކަން ކުރުން ނުވަތަ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ދަށުން ޑިރެކްޓަރުންނަށް ލިބިދޭ ޤާނޫނީ ބާރުގެ ބޭރުން ކަންކުރުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ވާޖިބާ ޚިލާފުވީކަމަށް ބެލެވޭނެ ޙާލަތްތަކެވެ.
ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮތީ މައްސަލައިގައި ހިމެނޭ ދެ ޚަޞްމުން ކުރެ ކޮން ޚަޞްމެއްގެ މައްޗަށްތޯ ބެލުންސިވިލް ކޯޓާއި ހައިކޯޓު ގައި އަދި ސުޕްރީމް ކޯޓުގައިވެސް ބަހުސް ކުރެވިފައިވަނީ، ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާއަށް ޙަވާލާދީ، ސާބިތު ކުރުމުގެ ބުރައާ ގުޅޭގޮތުންނެވެ. އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރަކަށް އާދަމް ޢަބްދުލްޣަފޫރު ހުރިއިރު އެ ކުންފުނިން ދޫކުރި ޗެކްތައް ދޫކުރުމުގެ ސަބަބުން އާދަމް ޢަބްދުލްޣަފޫރު އެ ކުންފުންޏަށް ޚިޔާނާތްތެރިވެފައިވޭތޯ ބެލުމުގެ ބަހުސެވެ.
އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނަނީ މި ނުކުތާއަކީ އޯޝަން ހަރވެސްޓްގެ ފަރާތުން ހައިކޯޓުގައިވެސް އިސްތިއުނާފު ކޮށްފައިވާ ނުކުތާއަކަށްވާތީ ސުޕްރީމް ކޯޓުގެ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. ގްލޯބް އެއަރ ކާގޯ ސިސްޓަމް ޤަޟިއްޔާގެ އަދި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޑެޓް ޤަޟިއްޔާގެ ނިންމުމަށް ރިޢާޔަތްކޮށް، މިއީ ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއްނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. ގްލޯބް އެއަރ ކާގޯ ސިސްޓަމް ޤަޟިއްޔާ ނިންމާފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި ތިން ނުކުތާއަކީ ހައިކޯޓަށްވެސް ހުށަހެޅި ތިން ނުކުތާ ކަމަށްވާތީ އެ ތިން އިސްތިއުނާފީ ނުކުތާ ސުޕްރީމް ކޯޓުން އިތުރަށް ބަލަން ނުޖެހޭނެކަމަށް ކަނޑައަޅައެވެ. އަދި އަހްމެޓް އައިޑެނިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޑެޓް ޤަޟިއްޔާގައި ނިންމާފައިވަނީ އިސްތިއުނާފު ކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ 2 (ދޭއް) ނުކުތާއަކީ އިސްތިއުނާފު ކުރި ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި 2 (ދޭއް) ނުކުތާގެ ނަކަލުކަން ފާހަގަކުރެވޭތީ އަދި އެ 2 (ދޭއް) ނުކުތާއަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ވާތީ އަދި ހައިކޯޓުގެ ނިންމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ހެއްދެވިފައިވާ ޤާނޫނީ ގޯހެއް ނުވަތަ އައިބެއް ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ބުނެދެވިފައި ނުވާތީ އެ 2 (ދޭއް) ނުކުތާ ބަލައި ނުގަތުމަށެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި، ދަޢުވާ ސާބިތުކުރުމާ ގުޅޭގޮތުން އުފައްދާފައިވާ ޤާނޫނީ ބަހުސަކީ އޯޝަން ހަރވެސްޓްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާގައިވެސް އުފެއްދި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމާގުޅޭ ޤާނޫނީ ބަހުސެވެ. ހައިކޯޓު އަދި ސުޕްރީމް ކޯޓުގައިވެސް ޙަވާލާދެނީ ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ (ނ) އަށެވެ.
ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ (ނ) ގައި ބަޔާންކުރަނީ:
"ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޡާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަ އޮތުމެވެ."
މިފަދައިންނެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2019/HC-A/461 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތް ގެ 10 ވަނަ ޕެރެގްރާފްގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ކަން ބަޔާންކޮށް ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައިވަނީ:
"އާންމު އުޞޫލުން މަދަނީ ޚުޞޫމާތުތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަން އެނގެއެވެ. މި މައްސަލައިގައި ދަޢުވާ ޘާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްކަން މި ޙާލަތަށް ބަލާއިރު އެނގެއެވެ. އެކަން އެނގެނީ އާދަމް ޢަބްދުލްޣަފޫރަކީ 2015 އިން ފެށިގެން އެ ކުންފުނިން ވަކިވެފައިވާ ފަރާތެއްކަން އެނގެން އޮތުމާއި، އެ ފަރާތަށް މިހާރު ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އަދި އެ ލިޔެކިޔުންތަކަށް ބާރުލިބިދޭ ލިޔެކިޔުންތަކަށް ވާޞިލްވުމުގެ ދޮރު ބަންދުވެފައިވާތީއެވެ. އަދި މި ޙާލަތުގައި އިސްތިއުނާފް ރައްދުވާ ފަރާތުން ތުޙުމަތުކުރެވޭ މުޢާމަލާތްތަކާއި ގުޅިގެން ކުންފުނީގެ ބޭނުމަށް ޚަރަދު ކުރެވުނު ފައިސާކަން ޝަރީޢަތަށް ޘާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ޙުއްޖަތެއް އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގައި ބުނެދެވިފައި ނުވެއެވެ."
މިފަދައިންނެވެ.
ސާބިތުކުރުމުގެ ބުރައާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިފަހުން ނިންމި ނިންމުންތަކަށް ބަލައިލުން މުހިންމު ކަމުގައި އަހުރެން ދެކެވެ. މިގޮތުން، ސުޕްރީމް ކޯޓުގެ 3 (ތިނެއް) ޤަޟިއްޔާއެއްގެ ނިންމުމަށް ބަލައިލާނަމެވެ.
ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ޕެރެގްރާފް 53 ގައި ބަޔާންކުރަނީ:
"ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާ ކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތްކަމަށް ކަނޑައަޅާފައިވެއެވެ."
މިފަދައިންނެވެ.
ސުޕްރީމް ކޯޓުގެ ދިވެހިރައްޔިތުންގެ ޕާޓީ ވ. ހަބްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ޕެރެގްރާފް 19 ގައި ބަޔާންކުރަނީ:
"އިންވޮއިސްތަކުގައިވާ އަގަކީ އެއްބަސްވެފައިވާ އަގު ނޫންކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2011) ގަޒިއްޔާގައި، ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ(onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމުގައި ވިޔަސް، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތްކަމަށް ކަނޑައަޅާފައިވެއެވެ."
މިފަދައިންނެވެ.
ސުޕްރީމް ކޯޓުގެ ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ ޤަޟިއްޔާގެ ޕެރެގްރާފް 12 ގައި ބަޔާންކުރަނީ:
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2011) ގަޒިއްޔާގައި، މަދަނީ ޚުޞޫމާތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދަޢުވާކުރާ ފަރާތަށް ދަޢުވާ ސާބިތުކޮށްދެވިއްޖެނަމަ، ދަޢުވާ ލިބޭ ފަރާތުގެ ދަފްޢު ސާބިތުކުރުމުގެ ބުރަ، އެފަރާތަށް ފުރޮޅިގެންދާނެއެވެ."
މިފަދައިންނެވެ.
ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ (ނ) އިން ކަނޑައެޅި އުޞޫލާއި އެ އުޞޫލަށް ރިޢާޔަށްކޮށް ސުޕްރީމް ކޯޓުން މި ފަހުން ނިންމި، މަތީގައިވާ ޕެރެގްރާފް 37 ގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ޤަޟިއްޔާއަށް ބަލާއިރު، ސާފުވާކަމަކީ ދަފްޢުއެއް ކުރިމަތިކުރުވާ ފަރާތަކުން އެ ދަފްޢުއެއް ސާބިތުކުރަންޖެހޭނެ ކަމާއި ދަޢުވާ ކުރާ ފަރާތުން ކުރިމަތިކުރުވާ ދަޢުވާ ސާބިތުކޮށްދޭންޖެހޭނީ ދަޢުވާ ކުރާ ފަރާތުން ކަމާއި ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމެވެ.
ނިންމުންއާދަމް ޢަބްދުލްޣަފޫރަކީ އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުފުރި މީހަކަށްވާތީ، އޭނާ އެ މަޤާމުގައި ހުރި މުއްދަތުގައި އޭނާގެ މައްޗަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތް ކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބު އޮންނާނެއެވެ. އަދި މިއިން ވާޖިބަކާ ޚިލާފުވެފައިވާނަމަ، ޚިލާފުވެއްޖެކަމަށް ކޯޓަށް ކަނޑައެޅޭނީ މަދަނީ މިންގަނޑުން އެކަން ސާބިތުކޮށްދެވިގެންއެވެ.
އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް އޮތް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތްކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބާ ޚިލާފުވާކަމަށް ބުނެ އޯޝަން ހަރވެސްޓްގެ ފަރާތުން ދަޢުވާކުރާނަމަ އެ ދަޢުވާ ސާބިތު ކުރުމުގެ ބުރަ އޮންނާނީ އޯޝަން ހަރވެސްޓްގެ މައްޗަށެވެ. މިކަމަށް ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާގައި ފުރިހަމައަށް ބަލާފައެއް ނުވެއެވެ.
އިސްވެ ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރާއިރު، އަހުރެންނަށް ބުރަވެވެނީ އޯޝަން ހަރވެސްޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާގައި ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮތް ވާޖިބަށް ރިޢާޔަތްކުރުމާއި އެކު މި މައްސަލަ އަލުން ބަލަންޖެހޭނެ ކަމަށެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުއޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އޯޝަން ހާވެސްޓް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކަށް ރިއާޔަތްކުރާއިރު، އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ސިވިލް ކޯޓާއި ހައިކޯޓުގައި އޮތް ޤާނޫނީ ބަހުސްމި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ގަޒިއްޔާގައި ކުރި ދަޢުވާގެ ތަފްސީލު އުއްތަމަ ފަނޑިޔާރުގެ ރައުޔުގެ 3 ވަނަ ޕެރެގްރާފްގައިވެއެވެ. އެގޮތުން، އޯޝަން ހާވެސްޓްގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި ބުނަނީ އޯޝަން ހާވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި އާދަމް ޢަބްދުލްޣަފޫރު ހުރެ އެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައިވާކަމަށެވެ. އޯޝަން ހާވެސްޓްގެ މި ތުހުމަތު ބިނާވަނީ އާދަމް ޢަބްދުލްޣަފޫރު އޯޝަން ހާވެސްޓްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރިއިރު، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދީފައިވާ ސިޓީއަކާ ހަވާލާދީ، އޯޝަން ހާވެސްޓްގެ ފަރާތުން ހިންގަމުން ދިޔަ ނ. ބޮމަސްދޫގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށްކަމަށްބުނެ US$200,000.00 (ދެ ލައްކަ އެމެރިކާ ޑޮލަރު) ނަގާފައިވާކަމަށާއި، ނަމަވެސް އެއީ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރި ސިޓީއެއް ނޫންކަމަށާއި އަދި އެ މިނިސްޓްރީއަށް އެ ފައިސާ ލިބިފައިނުވާކަމަށެވެ. މީގެ އިތުރުން، އާދަމް ޢަބްދުލްޣަފޫރުވަނީ ކުންފުނީގެ ފަރާތުން ގޮތް ނޭނގޭ އެތައް ޗެކުތަކެއް ދޫކޮށްފައިކަމަށެވެ. މި ޗެކުތަކުގެ ތަފްސީލް އުއްތަމަ ފަނޑިޔާރުގެ ރައުޔުގެ 4 ވަނަ ޕެރެގްރާފްގައި ބަޔާންކުރައްވާފައިވެއެވެ.
ހަމަ އެފަދައިން ބުނެވުނު ކަންކަން ސާބިތުކުރުމަށްޓަކައި އޯޝަން ހާވެސްޓްއިން ހުށަހެޅި ހެކިތަކުގެ ތަފްސީލު އުއްތަމަ ފަނޑިޔާރުގެ ރައުޔުގެ 5 ވަނަ ޕެރެގްރާފްގައި ބަޔާންކުރައްވާފައިވެއެވެ. ކުރުކޮށް ބުނާނަމަ، އެއީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދިން ކަމަށް ބުނާ ސިޓީއާއި، ކުންފުނީގެ ޚަރަދުތަކުގެ ރިޕޯޓްއާއި އަދި އޯޝަން ހާވެސްޓްއިން ދޫކޮށްފައިވާ ޗެކުތަކެކެވެ.
ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ގަޒިއްޔާގައި ޙުކުމްކުރީ އޯޝަން ހާވެސްޓްއިން ކުރި ދަޢުވާ ސާބިތުނުވާކަމަށެވެ. އެހެންގޮތަކަށް ބުނާނަމަ، އޯޝަން ހާވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި އާދަމް ޢަބްދުލްޣަފޫރު އެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައިވާކަން ސާބިތުނުވާކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
މި ނިންމުން ހައިކޯޓުގައި އޯޝަން ހާވެސްޓްގެ ފަރާތުން އިސްތިއުނާފުކުރިއެވެ. އަދި މުޅި އިސްތިއުނާފު ބިނާވީ އެންމެ ނުކުތާއަކަށެވެ. އެއީ، ސިވިލް ކޯޓުން މައްސަލަ ސާބިތުނުވާކަމަށް ކަނޑައެޅީ ސާބިތުކުރުމުގެ ބުރަ އުފުލުމުގެ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާގައި އޯޝަން ހާވެސްޓްއިން ހައިކޯޓުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މުޢާމަލާތްތަކަކީ އެ ކުންފުނީގެ ބޭނުމަށް ޚަރަދުކުރި ފައިސާކަން އެނގޭ އެއްވެސް ލިޔެކިޔުމެއް ދެއްކިފައި ނުވާއިރު، އަދި ތުހުމަތު ކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން ދެ މުޢާމަލާތަކީ ސީދާ އާދަމް ޢަބްދުލްޣަފޫރުގެ ހިއްސާ އޮންނަ އެހެން ދެ ކުންފުންޏަކަށް ޖަމާކޮށްފައިވާ ފައިސާކަން ސާބިތުވާއިރު، ސާބިތުކުރުމުގެ ބުރަ އޯޝަން ހާވެސްޓްއަށް އޮތްކަމަށް ބުނެފައިވަނީ ސާބިތުކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ގަޒިއްޔާގައިވާ މަފްހޫމްއާ ޚިލާފަށް ކަމަށެވެ.
ހައިކޯޓުގެ އަޣުލަބިއްޔަތުން ޙުކުމްކުރީ ސާބިތުކުރުމުގެ ބުރައާމެދު ސިވިލް ކޯޓުން ކަނޑައެޅީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށެވެ. އެއީ އޯޝަން ހާވެސްޓްއިން ކުރި ދަޢުވާ އެ ކުންފުންޏަށް ސާބިތުކޮށްނުދެވޭކަމަށެވެ.
މިހާރު ބަލަމުންދާ މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާސުޕްރީމް ކޯޓަށް އޯޝަން ހާވެސްޓްގެ ފަރާތުން ހުށަހެޅި ދެ ނުކުތާވެސް ބިނާވަނީ ސާބިތުކުރުމުގެ ބުރައާމެދު ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއީދުކުރިކުރުމަށެވެ. އެހެންކަމުން، މި މަރުހަލާގައިވެސް، މުޅި ބަހުސް ބިނާވަނީ ސާބިތުކުރުމުގެ ބުރަ ނުވަތަ burden of proof މި މައްސަލައިގައި ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމާމެދުގައެވެ.
ސާބިތުކުރުމުގެ ބުރަކުރުކޮށް ބުނާނަމަ، ދަޢުވާއެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތަށެވެ. އުއްތަމަ ފަނޑިޔާރުގެ ރައުޔުގެ ޕެރެގްރާފް 37 ގައި ފާހަގަކުރައްވާފައިވާ، އަހުރެންގެ ރައުޔު ބަޔާންކުރާ 3 ގަޒިއްޔާއެއްގެ އިތުރުން، މި ކޯޓުގެ ކިތަންމެ ގަޒިއްޔާއެއްގައި މި އުސޫލު ނަގަހައްޓާފައިވެއެވެ. އަދި ކިއެއްތަ؟ ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުން މިހައިތަނަށް ޢަމަލުކުރަމުން އައި ގޮތަކީވެސް ދަޢުވާކުރާ ފަރާތުން އެ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމެވެ. މިއީ ބަހުސެއް އޮތް ކަމެއް ނޫނެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި އުފެދިފައިވާ ސުވާލަކީ ދަޢުވާކުރާ އޯޝަން ހާވެސްޓްއިން އެ ކުންފުނީގެ ފަރާތުން ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވޭތޯއެވެ.
ސިވިލް ކޯޓުގައި މި މައްސަލައާ ގުޅިގެން ހިނގި ޝަރީޢަތަށް ބަލާއިރު، އޯޝަން ހާވެސްޓްގެ ފަރާތުން އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށްކުރާ ތުހުމަތުތައް ދެ ބަޔަކަށް ބަހާލެވެއެވެ. އެއީ؛
މިނިސްޓްރީ އޮފް ޓޫރިޒަމަށް ދޭންކަމަށް ބުނެ ނެގި ފައިސާ
އެކީ މީސްމީހުންނަށާއި ކުންފުނިތަކަށް ދޫކޮށްފައިވާ ޗެކުތައް
(1)މިނިސްޓްރީ އޮފް ޓޫރިޒަމަށް ދޭންކަމަށްބުނެ ނެގި ފައިސާނ. ބޮމަސްދޫގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށްކަމަށްބުނެ އާދަމް ޢަބްދުލްޣަފޫރު US$200,000.00 (ދެ ލައްކަ އެމެރިކާ ޑޮލަރު) ނެގިކަމަށް ބުނާ ބުނުން ސާބިތުކުރުމުގެ ގޮތުން އޯޝަން ހާވެސްޓްއިން ހުށަހެޅީ އެއިރުގެ މިނިސްޓަރ އޮފް ޓޫރިޒަމް ސޮއިކޮށްފައިވާ ސިޓީއެކެވެ. މި ސިޓީގައިވަނީ ނ. ބޮމަސްދޫއަކީ އެގްރިކަލްޗަރ އެގްރިމެންޓެއްގެ ދަށުން އޯޝަން ހާވެސްޓްއަށް ދޫކޮށްފައިވާ ރަށެއް ކަމުގައިވާއިރު، އެ ރަށުގެ ވަކި ތަންކޮޅެއް ޓޫރިސްޓް ހޮޓަލެއްގެ ގޮތުގައި ތަރައްޤީކުރުމާބެހޭ ގޮތުން ހުރި ތަފްސީލެވެ. މި ލިޔުމުގައި އެއްވެސް ފައިސާއެއް އޯޝަން ހާވެސްޓްއިން ދެއްކިކަން އެނގޭކަށް ނެތެވެ.
އަދި "ބޮމަސްދޫ ޑަބްލިޔު.އައި.ޕީ އެކްސްޕެންސަސް" މި ނަމުގައި ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅި ލިޔުމުގައި ރިޒޯޓު ލައިސަންސް ލިޔެފައި، US$200,000.00 (ދެ ލައްކަ އެމެރިކާ ޑޮލަރު) ބަޔާންކޮށްފައިއޮވެއެވެ. މި ލިޔުމުންވެސް އާދަމް ޢަބްދުލްޣަފޫރު އެބުނާ ފައިސާއެއް ނަގާފައިވާކަން އެނގޭކަށްނެތެވެ.
އޯޝަން ހާވެސްޓްއިން އާދަމް ޢަބްދުލްޣަފޫރު މި މުއާމަލާތާ ގުޅިގެން US$200,000.00 (ދެ ލައްކަ އެމެރިކާ ޑޮލަރު) ނެގިކަމަށްބުނާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފޮނުވިކަމަށް ބުނާ ސިޓީއިންނާއި، "ބޮމަސްދޫ ޑަބްލިޔު.އައި.ޕީ އެކްސްޕެންސަސް" މި ލިޔުމުން، އާދަމް ޢަބްދުލްޣަފޫރު ކުންފުންޏަށް ޚިޔާނާތްތެރިވެ، މަޤާމުގެ ނުހައްޤު ބޭނުންކޮށް އަދި އެ ކުންފުނީގެ އެއްވެސް ފައިސާއެއް ނަގާފައިވާކަން އޯޝަން ހާވެސްޓްއަށް ދެއްކިފައިނުވެއެވެ. ވުމާއެކު، މި ނުކުތާއާ މެދު ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް އޯޝަން ހާވެސްޓްއިން ކުރި ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމުގައި އަހުރެން ދެކެމެވެ.
(2) އެކި މީސްމީހުނަށާއި ކުންފުނިތަކަށް ދޫކޮށްފައިވާ ޗެކުތައްއާދަމް ޢަބްދުލްޣަފޫރު ސޮއިކޮށް އޯޝަން ހާވެސްޓްގެ ފަރާތުން ގޮތްނޭނގޭ އެތައް ޗެކުތަކެއް އެކި ފަރާތް ފަރާތަށް ދޫކޮށްފައިވާކަމަށް އޯޝަން ހާވެސްޓްގެ ފަރާތުން ތުހުމަތުކުރެއެވެ. މި ޗެކުތަކުގެ ތަފްސީލު އުއްތަމަ ފަނޑިޔާރުގެ ރައުޔުގެ 4 ވަނަ ޕެރެގްރާފްގައި ބަޔާންކުރައްވާފައިވެއެވެ. ބައެއް ޗެކުތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާއިރު، އަނެއްބައި ޗެކުތައް އެކި ކުންފުނިތަކަށް ދޫކޮށްފައިވެއެވެ.
އޯޝަން ހާވެސްޓްއިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއަށް US$20,000.00 (ވިހިހާސް އެމެރިކާ ޑޮލަރު) ދޫކުރިކަމަށްބުނެ، އެ ޗެކުގެ ކޮޕީއެއް ހުށަހަޅާފައިވާއިރު، އެ ކުންފުންޏަކީ އާދަމް ޢަބްދުލްޣަފޫރުގެ ހިއްސާ އޮތް ކުންފުންޏެއްކަމަށް އޯޝަން ހާވެސްޓްއިން ތުހުމަތުކުރެއެވެ.
ހަމަ އެފަދައިން، އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ޗެކުތަކުގެ ތެރެއިން ޢާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި US$50,000.00 (ފަންސާސް ހާސް އެމެރިކާ ޑޮލަރު) ގެ ޗެކެއް ދޫކޮށްފައިވާކަމަށާއި، އެ ޗެކުގެ ކޮޕީއެއް ދަށު ކޯޓަށް އޯޝަން ހާވެސްޓްއިން ހުށަހަޅާފައިވެއެވެ.
އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި ދަޢުވާގައި، މި އެންމެހައި ކަންކަމާގުޅިގެން އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ދަށު ކޯޓުގައި ބުނެފައިވަނީ އޯޝަން ހާވެސްޓްއަށް އެ ކުންފުނިން ކުރި ދަޢުވާ ސާބިތުކޮށްނުދެވޭކަމަށެވެ. ޗެކުތަކާ ގުޅިގެން ބުނެފައިވަނީ އެ ޗެކުތަކަކީ ކުންފުނީގެ ބޭނުމަށް ދޫކޮށްފައިވާ ޗެކުތަކެއް ނޫންކަން ނުވަތަ މިއީ އާދަމް ޢަބްދުލްޣަފޫރު ކޮށްފައިވާ ޚިޔާނާތެއްކަން ސާބިތުކޮށްދެވޭވަރުގެ އެއްވެސް ލިޔުމެއް އޯޝަން ހާވެސްޓްއިން ސިވިލް ކޯޓަށް ހުށަހަޅާފައިނުވާކަމަށެވެ. އަދި ކުންފުނީގެ ބޭނުމުގައި ދޫކޮށްފައިވާ ޗެކުތަކެއްނަމަ، ކުންފުނީގެ އޮޑިޓް ރިޕޯޓުން މިކަން ދައްކާނެކަމަށެވެ. އަދި މިފަދަ އޮޑިޓް ރިޕޯޓެއް އޯޝަން ހާވެސްޓްއިން ހުށަހަޅާފައިނުވާއިރު ކުންފުނީގެ އޮޑިޓް ރިޕޯޓަކީ ކުންފުންޏަށް ހޯދޭނެ ލިޔެކިއުންކަމަށް ބުނެފައިވެއެވެ.
ތެދެކެވެ. ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރަކު އެ މަޤާމުގައި ހުންނަހާ ދުވަހަކު އެކި ފަރާތްފަރާތާ އެކު މުޢާމަލާތް ކުރާނެއެވެ. އަދި ކުންފުނީގެ އޮޑިޓް ރިޕޯޓުތައް ފަދަ ލިޔެކިއުންތަކުން އެކި މުޢާމަލާތް ހިނގާފައިވަނީ ކޮން ބޭނުމަކުކަން ދެނިގަނެވޭނެއެވެ. އެހެންކަމުން، ހަމައެކަނި އެހެން ފަރާތަކަށް ދޫކޮށްފައިވާ ޗެކަކީ އެއިގެ ޒާތުގައި ޚިޔާނާތް ސާބިތުކުރުމަށް ފުދޭ ހެއްކެއް ނޫނެވެ.
އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުފޫޒު ބޭނުންކުރުމުގެ ދަޢުވާކަމުގައިވާއިރު، އޯޝަން ހާވެސްޓްގެ ފަރާތުން ހުށަހެޅި ހެކިތަކުން މިކަން ސާބިތުވޭ ހެއްޔެވެ؟
އޯޝަން ހާވެސްޓްގެ ފަރާތުން ހުށަހެޅި ޗެކުތަކުގެ ތެރެއިން އެއް ޗެކަކީ ސީދާ އާދަމް ޢަބްދުލްޣަފޫރަށް ދޫކުރެވުނު ޗެކެކެވެ. ސިވިލް ކޯޓަށް ހުށަހެޅުނު އެއްވެސް ޗެކެއް އެއީ އާދަމް ޢަބްދުލްޣަފޫރު ސޮއިކޮށްފައިވާ ޗެކެއް ނޫންކަމަށް އާދަމް އަބްދުލްޣަފޫރުގެ ފަރާތުން ބުނެފައިނުވެއެވެ. އޯޝަން ހާވެސްޓްގެ ފަރާތުން ތުހުމަތު ކުރަނީ އެއީ ގޮތް ނޭނގޭގޮތަށް ދޫކޮށްފައިވާ ޗެކެއްކަމުގައިވާއިރު، އެ ޗެކަކީ އާދަމް ޢަބްދުލްޣަފޫރު އަމިއްލައަށް ސޮއިކޮށް، އަމިއްލައަށް ހޯދި ފައިސާއެއްކަން ޝަރީޢަތަށް ހުށަހެޅި ޗެކުން އެނގެން އޮންނަކަމަށެވެ.
މިހާ ހިސާބުން އޯޝަން ހާވެސްޓްއިން ކުރާ ތުހުމަތުތަކަށް މި ޗެކު އޮތް އޮތުމުން ބާރުލިބިދެވެއެވެ. އެ ޗެކަކީ ޢާންމު ވިޔަފާރީގެ ތެރެއިން، އެއްވެސް ސަބަބަކާ ހުރެ ކުންފުނީގެ ހުއްދައާއެކު އާދަމް ޢަބްދުލެޣަފޫރަށް ލިބިފައިވާ ޗެކެއްނަމަ، އެކަން ސާބިތުކޮށްދިނުމުގެ ބުރަ ދެން އުފުލަންޖެހޭނީ އާދަމް ޢަބްދުލްޣަފޫރެވެ. އެހެން ގޮތަކަށް ބުނާނަމަ، ޚިޔާނާތާއި މަޤާމުގެ ނަހަމަ ބޭނުންކުރުމުގެ ތުހުމަތު ކޮށްފައިވާ ދަޢުވާއެއްގައި، އާދަމް ޢަބްދުލްޣަފޫރު ކުރިމައްޗަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އޭނާގެ އަމިއްލަ ނަމުގައި US$50,000.00 (ފަންސާސް ހާސް އެމެރިކާ ޑޮލަރު) ގެ ޗެކެއް ދޫކޮށްފައި އޮތް އޮތުން ކަމުގައިވާއިރު، އެއީ ކުންފުނީގެ ޢާންމު ވިޔަފާރީގެ ތެރެއިން ކުންފުނީގެ ހުއްދައާއެކު ހިނގާފައިވާ މުޢާމަލާތެއްނަމަ، އެކަން ސާބިތުކޮށްދިނުމުގެ ބުރަ ފުރޮޅިފައިވަނީ އާދަމް ޢަބްދުލްޣަފޫރަށެވެ.
ހަމަ އެފަދައިން އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ US$20,000.00 (ވިހިހާސް އެމެރިކާ ޑޮލަރު) ގެ ޗެކަށް ބަލާއިރު، އޯޝަން ހާވެސްޓްގެ ފަރާތުން ބުނެފައިވަނީ މި ކުންފުންޏަކީ އާދަމް ޢަބްދުލްޣަފޫރުގެ ހިއްސާ އޮތް ކުންފުންޏެއްކަމަށާއި، އެ ކުންފުންޏާއި އޯޝަން ހާވެސްޓްއާ ދެ ކުންފުނި ހިންގަމުން ގެންދިޔައީ އެއް އޮފީހެއްގައިކަމަށެވެ.
ސިވިލް ކޯޓަށް އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން އެނގޭ މަޢުލޫމާތުވަނީ ހުށަހަޅާފައެވެ. އެގޮތުން އާދަމް ޢަބްދުލްޣަފޫރަކީ 25 ނޮވެންބަރު 2015 ގެ ނިޔަލަށް އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ދެ ހިއްސާދާރުންގެ ތެރެއިން އެކަކެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި އޯޝަން ހާވެސްޓްގެ ފަރާތުން އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރި ޗެކުގެ ތާރީޚަކީ 25 އޯގަސްޓް 2014 އެވެ. މިއީ އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއްގެ ގޮތުގައި އާދަމް އަބްދުލްޣަފޫރު ހުރިއިރު ދޫކޮށްފައިވާ ޗެކެއްކަން އެނގެންއޮވެއެވެ.
ވުމާއެކު، މި ޗެކުންވެސް އޯޝަން ހާވެސްޓްއިން ކުރާ ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުން ހިފުމުގެ ތުހުމަތުތަކަށް ބާރު ލިބިގެންދެއެވެ. އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ހިއްސާ އޮތް ކުންފުންޏަކަށް އޯޝަން ހާވެސްޓްއިން ފައިސާ ދޫކޮށްފައިވާއިރު، އެއީ ވިޔަފާރީގެ ޞައްޙަ މުޢާމަލާތެއްކަން ސާބިތުކޮށްދިނުމުގެ ބުރަ ފުރޮޅިގެން ގޮސްފައިވަނީ އާދަމް ޢަބްދުލްޣަފޫރަށެވެ.
ދެން ހުރި މުޢާމަލާތްތަކަށް ބަލާއިރު، އާދަމް ޢަބްދުލްޣަފޫރު ޢަމަލުކޮށްފައިވަނީ މަޤާމުގެ ނުޙައްޤު ބޭނުންކޮށްގެން ޚިޔާނާތްތެރިވުމުގެ ގޮތުންކަން އޯޝަން ހާވެސްޓަށް ދެއްކިފައިނުވެއެވެ. އެއީ އިތުރު އެހެން ވާގިއާއެއް ނުވަތަ ބާރުދޭ ކަމެއް ނެތި ހަމައެކަނި ޗެކުތަކުގެ ކޮޕީއަކީ ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުންހިފިކަން ސާބިތުކުރުމަށް ފުދޭ ހެއްކަށްނުވާތީއެވެ.
ކަންމިހެން އޮތުމުން، އޯޝަން ހާވެސްޓްގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ޗެކުތަކަކީ އެ ކުންފުނިން އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭ ޗެކުތަކެއް ކަމުގައިވާއިރު، އެ ޗެކުތައް ދޫކޮށްފައިވަނީ ސައްޙަ މުޢާމަލާތެއްގެ ތެރެއިންކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އާދަމް ޢަބްދުލްޣަފޫރަށްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
އަދި އެހެންކަމުން، މި މައްސަލައިގައި ސާބިތުކުރުމުގެ ބުރަ އާދަމް ޢަބްދުލްޣަފޫރަށް ފުރޮޅިފައިވާކަމަށް ކަނޑައަޅާފައިނުވާ ހިނދު، މި މައްސަލައަކީ ބުނެވުނު ދާއިރާގެ ތެރެއިން އާދަމް އަބްދުލްޣަފޫރަށް އޭނާގެ ދިފާއީ ދަފްޢު ސާބިތުކުރުމުގެ ފުރުސަތު ލިބިދިނުމާއެކު، ސިވިލް ކޯޓުން އަލުން ޝަރީޢަތްކުރަންޖެހޭ މައްސަލައެއް ކަމުގައި އަހުރެންދެކެމެވެ. މި ފުރުސަތުގައި މި ޗެކުތަކުގައި އެހެން ފަރާތެއްވެސް ސޮއިކޮށްފައިވާކަން ފާހަގަކުރަމެވެ. ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް މިކަންކަމަށް އެއްވެސް ވަރަކަށް ބަލާފައިނުވެއެވެ.
އޯޝަން ހާވެސްޓްގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާއަށްވެސް ބުނެވިދިޔަ ކަންކަމުން ޖަވާބެއް ދެވިފައިވާކަމަށް ޤަބޫލުކުރަމެވެ.
ޑިރެކްޓަރުންގެ ފައިޑިޔުޝަރީ ޑިޔުޓީމި މައްސަލައިގައި ސާބިތުކުރުމުގެ ބުރަ ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމުގައި އޯޝަން ހާވެސްޓްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި، ދަށު ކޯޓުންނާއި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޑިރެކްޓަރުންގެ މައްޗަށް އޮތް އަމާނާތްތެރިކަމުގެ ޒިންމާއެއް ނުވަތަ fiduciary duty ގެ ޤާނޫނީ މަބްދަޢާ ޚިލާފަށްކަމަށް ބުނެފައިވެއެވެ.
އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ބުނެފައިވަނީ ޑިރެކްޓަރުންގެ މި ވާޖިބާއި ޒިންމާއާ ގުޅޭ ގޮތުން ދަށު އެއްވެސް މަރުހަލާއެއްގައި އޯޝަން ހާވެސްޓްގެ ފަރާތުން ވާހަކަ ދައްކާފައިނުވާކަމަށެވެ. އަދި މިއީ މި މަރުހަލާގައި ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއްނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.
ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގަޒިއްޔާގެ އަހުރެންގެ ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ހައިކޯޓުގައި ނިންމި ނިންމުން އެއީ އަސާސްކަމުގައި ބަލައިގެންނެވެ. އެހެންކަމުން، ހައިކޯޓަށް ހުށަނޭޅޭ އައު ޤާނޫނީ ނުކުތާ ސުޕްރީމް ކޯޓުގައި ބަލައިގަތުމަކީ މުސްތަހީލުކަމެކެވެ.
ނަމަވެސް މިކަމަށްވެސް އިސްތިސްނާ ހާލަތްތަކެއްވާކަން ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގަޒިއްޔާގައި އަހުރެންގެ ރައުޔުގައި ބަޔާންކޮށްފައިވާނެއެވެ.
އެގޮތުން، އައު ޤާނޫނީ ބަހުސަކަށް ފުރުޞަތު ހުޅުވާލެވިދާނެ 02 (ދޭއް) ހާލަތެއްވާކަން ފާހަގަކޮށްފައިވާނެއެވެ. އެ ދެ ހާލަތަކީ؛
ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން؛ ނުވަތަ
ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުން.
އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަންކަމަށް ފާހަގަކޮށްފައިވާނެއެވެ.
މި މައްސަލައިގައިވާ ސުވާލަކީ، ދަށު ކޯޓުގައާއި ހައިކޯޓުގައި އެއްވެސް ވަރަކަށް އަލިއަޅުވާނުލާ ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތަކާގުޅޭ ނުކުތާއާ މެދު މި މަރުހަލާގައި ގޮތެއް ކަނޑައެޅިދާނެ ހެއްޔެވެ؟ އަދި މިއީ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގަޒިއްޔާގައި ބަޔާންކޮށްފައިވާ ދެ އިސްތިސްނާ ހާލަތްތަކުންކުރެ ހާލަތަކަށް ފެތިދާނެ ނުކުތާއެއް ހެއްޔެވެ؟
ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތަކާގުޅޭ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ސަބަބުން އުފަންވެގެން އުޅޭ ނުކުތާއެއް ނޫނެވެ. ނުވަތަ ހައިކޯޓުގައި ހިނގި ބަހުސާ ގުޅިލާމެހިފައިވާ ނުކުތާއެއްވެސް ނޫނެވެ. އެހެނީ ހައިކޯޓުގައި ބަހުސް ކުރެވުނީ ސާބިތުކުރުމުގެ ބުރަ އުފުލުމުގެ މައުލޫއުގެ މައްޗަށެވެ. ވުމާއެކު ކަޕޫރުﷲ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ދެވަނަ ހާލަތަކަށް ނުފެތެއެވެ.
މި ނުކުތާއަކީ ކަޕޫރުﷲ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ފުރަތަމަ ހާލަތަށް ފެތޭ، އެއީ، ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއްތޯ ބަލާއިރު، ދަށު ކޯޓުގައި އޯޝަން ހާވެސްޓްއިން ކުރި ދަޢުވާއަކީ އާދަމް ޢަބްދުލްޣަފޫރު އޯޝަން ހާވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައިހުރެ އެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައިވާކަމުގެ ދަޢުވާއެވެ. ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުންކުރިކަން ސާބިތުކުރާ މިންގަނޑާއި ޑިރެކްޓަރުންގެ އެކި ވާޖިބުތަކާއި ޒިންމާތައް ސާބިތުކުރާ މިންގަނޑުތައް ތަފާތުވެދާނެއެވެ. ޑިރެކްޓަރުންގެ އެކި ވާޖިބުތަކާއި ޒިންމާތަކާއި އަދި އެ ވާޖިބުތައް ސާބިތުކުރާނެ މިންގަނޑުތައް ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، ޚިޔާނާތް ސާބިތުކުރުމަށް ފުދޭ ހެއްކާއި ޑިރެކްޓަރުންގެ ބައެއް ވާޖިބުތައް ސާބިތުކުރަން ބޭނުންވާ މިންވަރުގެ ހެކި ތަފާތުވުމުގެ އިހްތިމާލު އެބައޮތެވެ. އަދި ޑިރެކްޓަރުންގެ ބައެއް ވާޖިބުތައް ސާބިތުކުރުމަށް ފުދޭ ހެއްކަކީ ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުން ހިފިކަން ސާބިތުކުރުމަށް ފުދޭ ހެއްކަށްވުރެ ލުއިމިންވަރެއްގެ ހެއްކެއްކަން ފާހަގަކުރަމެވެ. މިސާލަކަށް ޑިރެކްޓަރުންގެ ވާޖިބަކާ ޚިލާފުވުމުގައި ކުންފުނީގެ މަސްލަހަތާ ޚިލާފަށް ޢަމަލުކުރުން ސާބިތުކުރުމުގައާއި، ޑިރެކްޓަރަކު ކުންފުންޏަށް ޚިޔާނާތްތެރިވިކަން ސާބިތުކުރުމަށްޓަކައި އޭނާގެ އަމިއްލަ ފައިދާއާއި މަންފާއަށްޓަކައި ޢަމަލުކުރުން ސާބިތުކުރުމުގައި ތަފާތުތަކެއްވާނެއެވެ. ވާޖިބަކާ ޚިލާފުވުން ސާބިތުކުރުމަށްޓަކައި ޚިޔާނާތް ސާބިތުވުން ލާޒިމެއްނޫނެވެ.
އެހެންކަމުން، ދަށު ކޯޓުގައާއި ހައިކޯޓުގައި ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުންހިފިކަމުގެ ދަޢުވާ ތަކުރާރުކޮށްފައިވާއިރު، އިސްތިއުނާފީ އެންމެ ފަހު މަރުހަލާގައި ޑިރެކްޓަރުންގެ ވާޖިބުތަކާމެދު ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރިގޮތް ކަމުގައި އަހުރެން ނުދެކެމެވެ. ސަބަބަކީ މިއީ އެންމެ ފުރަތަމަ އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި ދަޢުވާކަމުގައި ނުވެފައި، އަދި ޑިރެކްޓަރުންގެ ވާޖިބާއި ކުންފުނީގެ މަސްލަހަތުގެ މައުލޫއަށް ދާނަމަ، ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުން ހިފިކަން ސާބިތުކުރުމަށްވުރެ ލުއި މިންގަނޑެއް ބޭނުންކުރެވުމުގެ ފުރުސަތު އޮތަތީއެވެ.
ނަމަވެސް މި މައްސަލައިގައި އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި ދޫކުރި ޗެކާއި އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކުތަކުގެ މައްސަލައަކީ ދަށު ކޯޓުން އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް އަހުރެންނަށް ބުރަވެވޭހިނދު، އަދި ޑިރެކްޓަރުންގެ އެކި ވާޖިބުތައް ސާބިތުކުރުމުގެ އެކި މިންގަނޑުތަކެއް ވާއިރު، ޑިރެކްޓަރުންގެ ވާޖިބުގެ މައުލޫއުއަކީ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނު ޚިޔާނާތާއި މަޤާމުގެ ނުޙައްޤު ބޭނުން ހިފިކަމުގެ ދަޢުވާގެ ތަރަހައިގެ ތެރޭގައި ބެލެވިދާނެ ކަމެއްކަން ނުވަތަ ނޫންކަމާމެދު މައްސަލައިގެ ދެފަރާތުން ބަހުސްކޮށް، އެކަންކަމާމެދު ދަށު ކޯޓުން ގޮތެއް ކަނޑައެޅުމުގައި ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
އެހެންކަމުން، ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތަކުގެ މައުލޫއުއާ މެދު މި މަރުހަލާގައި ގޮތެއް ކަނޑައެޅުމަކީ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގަޒިއްޔާގައި ބަޔާންކުރާ ހާލްތަތްކުންކުރެ ހާލަތަކަށް ފެތޭ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/461 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ގަޒިއްޔާގައި ހަމައެކަނި އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި ދޫކުރި ޗެކާއި އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކާމެދު ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އެ ގަޒިއްޔާތަކުގައި ދެން ކަނޑައަޅާފައިވާ ކަންކަމަށް ތާއީދުކުރުމާއެކު، އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި ދޫކުރި ޗެކާއި އެކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކާމެދު ސާބިތުކުރުމުގެ ބުރަ ފުރޮޅިފައިވަނީ އާދަމް ޢަބްދުލްޣަފޫރަށްކަމުން، މިކަންކަން ސިވިލް ކޯޓުން އަލުން ބެލުމަށް މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހޭ ކަމުގައި އަހުރެންދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ރަޖިސްޓަރީ ކުރެވިފައިވަނީ 20 ނޮވެންބަރު 2000 ގައެވެ. މި ކުންފުނީގައި ތިބެނީ 2 ޑިރެކްޓަރުންނެވެ. އެއީ ރަޝިޔާގެ ރައްޔިތެއް ކަމަށްވާ އެލެކްޒީ ބެރެޝަނިކޯވް އާއި ދިވެހި ރައްޔިތެއް ކަމަށްވާ އާދަމް ޢަބްދުލްޣަފޫރެވެ. އާދަމް ޢަބްދުލްޣަފޫރު އަކީ 2015 ގެ ނިޔަލަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އާދަމް ޢަބްދުލްޣަފޫރު އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިވެފައިވަނީ 2015 ވަނަ އަހަރުއެވެ.
އޯޝަން ހަރވެސްޓްގެ ފަރާތުން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު، އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އޯޝަން ހަރވެސްޓްގެ ފަރާތުން 01 އޮގަސްޓް 2018 ގައި ސިވިލް ކޯޓުގައި ކުރި ދަޢުވާގައި ބުނަނީ އޯޝަން ހަރވެސްޓްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި އާދަމް ޢަބްދުލްޣަފޫރު ހުރެ އެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައި ވާކަމަށެވެ.
ދައުވާ އާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އޯޝަން ހާވެސްޓް އިން ޙަވާލާދީފައިވާ މުޢާމަލާތްތަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢަބްދުލްޣަފޫރު ފަރުދީ ގޮތުން ޒިންމާވާންޖެހޭނެކަން ޝަރީޢަތަށް ސާބިތުނުވާތީ، އެ މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް އޯޝަން ހާވެސްޓް އިން ހޯދުމަށް އެދިފައިވާ ފައިސާ އާދަމް ޢަބްދުލްޣަފޫރުގެ ކިބައިން ނަގައިދެވެން ނެތްކަމަށެވެ.
އާދަމް ޢަބްދުލްޣަފޫރު މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ އެ ކުންފުންޏަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައި ވާ ކަމަށް ބުނެފައިވަނީ އަންނަނިވި މުއާމަލާތުތަކާ ގުޅިގެންނެވެ.
ކުންފުނިން ނ. ބޮމަސްދޫގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ކަމަށްބުނެ ނެގި (ރިޒޯޓް ލައިސަންސް) - USD200,000.00 (ދެ ލައްކަ ޔޫއެސް ޑޮލަރު)؛
ސޮނީ ހާޑްވެއަރ އަށް ދޫކޮށްފައިވާ ޗެކް – USD31,050.87 (އެއްތިރީސްހާސް ފަންސާސް ޑޮލަރު އަދި އައްޑިހަ ހަތް ސެންޓް)؛
އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކުއާ ސަން ހޮލިޑޭސް ޕވޓ ލޓޑ އަށް ދޫކޮށްފައިވާ ޗެކް – USD20,000.00 (ވިހިހާސް ޔޫއެސް ޑޮލަރު)؛
މޫސާ މުޙައްމަދު ފުޅު ކިޔާ އަމިއްލަ ފަރާތަކަށް ދޫކުރި ޗެކް – USD32,000.00 (ބައްތިރީސް ހާސް ޔޫއެސް ޑޮލަރު)؛
އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި ދޫކުރި ޗެކް – USD50,000.00 (ފަންސާސް ހާސް ޔޫއެސް ޑޮލަރު)؛
އިބްރާހީމް ޚަލީލް ކިޔާ އަމިއްލަ ފަރާތަކަށް ދޫކުރި ޗެކް – USD150,000.00 (އެއްލައްކަ ފަންސާސް ހާސް ޔޫއެސް ޑޮލަރު)؛
ސްމާޓް ސޮލިއުޝަން ޕވޓ ލޓޑ އަށް ދޫކުރި ޗެކް – USD20,000.00 (ވިހިހާސް ޔޫއެސް ޑޮލަރު)؛
އޯޝަން ހާވެސްޓް އިން ކުރި ދައުވާގައި އޯޝަން ހާވެސްޓް އިން ތުހުމަތުކޮށްފައިވަނީ އާދަމް ޢަބްދުލްޣަފޫރު މެނެޖިންގ ޑިރެކްޓަރަކަށް ހުރެ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައި ކުންފުންޏަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އެހެންކަމުން ކުންފުނިން ކުރި ދައުވާގައި އެކުންފުނިން ތުހުމަތުކުރަނީ ކުންފުނީގެ މެނެޖިންގ ޑައިރެކްޓަރަކަށް ހުރެ އާދަމް ޢަބްދުލްޣަފޫރު އޭނާގެ ފައިޑިއުޝަރީ ވާޖިބާއި ޚިލާފުވެފައިވާ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ގަޒިއްޔާގެ ހުކުމުގައި ދައުވާގައި ހިމެނޭ މި މައިގަނޑު ނުކުތާގެ މައްޗަށް ހުކުމްކޮށްފައި ނެތެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބަށްޓަކައި އަޅުގަނޑުގެ ރައުޔަކީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރަކަށް ހުރެ އާދަމް ޢަބްދުލްޣަފޫރު އޭނާގެ ފައިޑިއުޝަރީ ވާޖިބާއި ޚިލާފުވެފައިވާ ކަމަށް އެކުންފުނިން ބުނާ ބުނުމުގެ މައްޗަށް ދަށު ކޯޓުގައި އަލުން ޝަރިއަތްކޮށް އެ ނުކުތާގެ މައްޗަށް ހުކުމްކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓު މެދުވެރިކޮށް ސިވިލް ކޯޓަށް ތަހުވީލުކުރުމަށެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރަކަށް ހުރެ އާދަމް ޢަބްދުލްޣަފޫރު އޭނާގެ ފައިޑިއުޝަރީ ވާޖިބާއި ޚިލާފުވެފައިވާ ކަމަށް އެކުންފުނިން ބުނާ ބުނުމުގެ މައްޗަށް ދަށު ކޯޓުގައި އަލުން ޝަރިއަތްކޮށް އެ ނުކުތާ ބެލުމުގައި ޑިރެކްޓަރުންގެ ފައިޑިއުޝަރީ ވާޖިބުތައް ސާބިތުކުރުމުގައި ބޭނުންކުރަންވާނީ ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވާ މައުލޫއީ ޓެސްޓު (އޮބްޖެކްޓިވް ޓެސްޓް) ބޭނުންކޮށްގެންނެވެ. ޣައިރު މައުލޫއީ (ސަބްޖެކްޓިވް ޓެސްޓް) އެއް ނޫނެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/461 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމް ބާޠިލް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާގައި ކުންފުނީގެ މެނެޖިންގ ޑައިރެކްޓަރަކަށް ހުރެ އާދަމް ޢަބްދުލްޣަފޫރު އޭނާގެ ފައިޑިއުޝަރީ ވާޖިބާއި ޚިލާފުވެފައިވާ ކަމަށް އެކުންފުނިން ބުނާ ބުނުމުގެ މައްޗަށް ޤާނޫނީ އުސޫލުގެ ތަރަހައިގެ ތެރެއިން އަލުން ބެލުމަށް މި މައްސަލަ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)، 44 ވަނަ މާއްދާ، 45 ވަނަ މާއްދާގެ (ބ)، 75 ވަނަ މާއްދާގެ (ހ) ގެ (3) އަދި (ށ) ގެ (2)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ، 18 ވަނަ މާއްދާގެ (ހ) އަދި (ށ)، 32 ވަނަ މާއްދާގެ (ހ) އަދި 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- UK Companies Act 2006, s 172
- 2010/SC-A/02 (މުޙައްމަދު/އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ)
- 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް)
- 2020/SC-A/49 (ދިވެހިރައްޔިތުންގެ ޕާޓީ ވ. ހަބްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)
- 2020/SC-A/80 (ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ)
- 2017/SC-A/08 (އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. ގްލޯބް އެއަރ ކާގޯ ސިސްޓަމް)
- [2021] SC 05 (2019/SC-A/55 - އަހްމެޓް އައިޑެނިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް)
- 2019/SC-A/133 (ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މަޝޭ އިންވެސްޓްމަންޓް ލިމިޓެޑް)
- 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2012/SC-A/27 (އެޓާރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ)
- 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- [2021] SC 09 (ޢިމާދު ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- 2019/SC-A/57 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
- [2022] SC 37 (2018/SC-A/29 - ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.