ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 37 · 2020/SC-A/49ސުޕްރީމް ކޯޓު · 31 މާރިޗު 2021

ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
8 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 31 މާރިޗު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/49

ޝަރީޢަތް ނިމުނުގޮތް

ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު

31 މާރޗް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2014/HC-A/258

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދިވެހި ރައްޔިތުންގެ ޕާޓީ

ޤާނޫނީ ވަކީލު: ޢަބްދުﷲ ނަޞީރު މުޙައްމަދު (ލީގަލް އެއިޑް އެލް.އެލް.ޕީ) ބަދަލުގައި: ޢަބްދުﷲ ޖާބިރު،

އިބްރާހީމް ޝިހާމް

ފޯރުކޮށްދީފައިވާ ޚިދުމަތްތަކަކަށް ލިބެންޖެހޭ ފައިސާ ހޯދުން، ސާބިތުކުރުމުގެ ބުރަ، (onus probandi) ހެކިންގެ ހެކިބަސް ޢަދުލުވެރިވުން

ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހި ރައްޔިތުންގެ ޕާޓީން އެދިގެން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށާއި ވަކީލު ފީ ލިބިގަތުމަށްޓަކައި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީގެ މައްޗަށް ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުން މި މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 628/Cv-C/2012 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ދަޢުވާގައިވާ އިންވޮއިސްތަކުގެ ޖުމްލަ އަދަދަކީ ދިވެހި ރައްޔިތުންގެ ޕާޓީން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއާއި ވަކީލު ފީ ނަގައިދެވޭނެ ހަމައެއް ނެތްކަމަށެވެ. ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2014/HC-A/258 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/258 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/19ގަޒިއްޔާއިންނެވެ. ނަމަވެސް އެ ގަޒިއްޔާއާ ގުޅިގެން 16 ޖަނަވަރީ 2020 ގައި ބޭއްވުނު އަޑުއެހުމަށް މައްސަލަ ހުށަހެޅި ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ހާޒިރުވެފައިނުވާތީ، އެ މައްސަލައިގެ ދަޢުވާ ފޯމު އެދުވަހުގައި ބާޠިލުކުރެވުނެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/258 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުގެ ނަންބަރު 628/Cv-C/2012 ގަޒިއްޔާގައި ނިންމާފައިވަނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިންވޮއިސްތަކުގެ ޖުމްލަ އަދަދަކީ ދިވެހި ރައްޔިތުންގެ ޕާޓީން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއާއި ވަކީލު ފީ ނަގައިދެވޭނެ ހަމައެއްނެތްކަމަށެވެ. ސިވިލް ކޯޓުން މި ނިންމުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) ދަޢުވާ ބިނާކޮށްފައިވާ 57 އިންވޮއިސްގެ ތެރެއިން ހުރިހާ އިންވޮއިސްއެއްގެ ޚިދުމަތް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިދީފައިވާކަމާއި، ދިވެހި ރައްޔިތުންގެ ޕާޓީން އިންކާރުކުރަނީ ހުށަހެޅިފައިވާ އިންވޮއިސްތަކުގެ ތެރެއިން 10 އިންވޮއިސްގެ އަގާމެދު އެކަނިކަން ދިވެހި ރައްޔިތުންގެ ޕާޓީގެ ބަހުން އެނގެން އޮތުން؛

(ށ) އިންވޮއިސްތަކުގައިވާ ޚިދުމަތް ލިބިގަނެފައިވާކަން ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމާއެކު، މި އިންވޮއިސްތައް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބި ގިނަ ދުވަސް ފާއިތުވެ، ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށްވެސް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އިންކާރުކޮށްފައިނުވާކަން؛

(ނ) މި މައްސަލައިގެ ޚުޞޫމަތް އުފެދުމުގެ ކުރިން މުޢާމަލާތްކުރެވެމުން ދިޔަ ގޮތަށް ބަލާއިރު، އަގު ކަނޑައެޅުމުގެ ކުރިން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް އިންވޮއިސް ހުށަހެޅުމުން ދިވެހި ރައްޔިތުންގެ ޕާޓީން ފައިސާ ދޫކޮށްފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުން؛

(ރ) ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީއަށް ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާކަމާއި، ޚިދުމަތްތަކުގެ އަގާމެދު އެއްބަސްވެފައިވާ ލިޔުމެއް ނެތްކަމުގައި ވިޔަސް، ޚިދުމަތް ފޯރުކޮށްދިނުމަށްފަހު ހުށަހަޅާ އިންވޮއިސްތަކަށް ދިވެހި ރައްޔިތުންގެ ޕާޓީން ފައިސާ ދޫކުރަމުން ގޮސްފައިވާކަން؛

(ބ) މި މުޢާމަލާތުގައި ވަކީލު ފީ ނެގުމާގުޅޭގޮތުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދިވެހި ރައްޔިތުންގެ ޕާޓީއާ ދެމެދު އެއްބަސްވުމެއް ނެތުމާއެކު، މި ޙާލަތުގައި ވަކީލުފީ ނަގައިދިނުމަކީ އެންމެ އިންޞާފުވެރިގޮތް ނޫންކަން؛

(ޅ) ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކުގެ ޖުމްލަ އަގަކީ 718,431/-ރ. (ހަތްލައްކަ އަށާރަހާސް ހަތަރު ސަތޭކަ ތިރީސް އެއްރުފިޔާ) ކަން ހުށަހެޅިފައިވާ އިންވޮއިސްތަކާއި އިންވޮއިސްތަކުގެ ޖުމްލަ ދައްކުވައިދޭ ސްޓޭޓްމަންޓުން އެނގެން އޮތުން؛

މި ސަބަބުތަކުގެ މައްޗަށް ބުރަވެ، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކުގެ ޖުމްލަ އަގުކަމުގައިވާ 718,431/-ރ. (ހަތްލައްކަ އަށާރަހާސް ހަތަރު ސަތޭކަ ތިރީސް އެއްރުފިޔާ) އަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 628/Cv-C/2012 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2014/HC-A/258 ގަޒިއްޔާއިންނެވެ.

ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ހައިކޯޓުގައި ހުށަހެޅި ނުކުތާއަކީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށަހަޅާފައިވާ 57 އިންވޮއިސްގެ ތެރެއިން 10 އިންވޮއިސްއަކީ ޞައްޙަ އިންވޮއިސްތަކެއްކަމަށް ނުވާއިރު، އެ އިންވޮއިސްތަކަކީ ޞައްޙަ އިންވޮއިސްތަކެއްކަމަށް ބަލައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަމަށެވެ. ހައިކޯޓުގެ ނަންބަރު 2014/HC-A/258 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) ދަޢުވާގައި ހިމެނޭ އިންވޮއިސްތަކުގެ ޚިދުމަތްތައް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަމާއި އަދި އެ މަސައްކަތްތައް ކޮށްދީފައިވާކަމަށް 8 އެޕްރީލް 2014 ގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދިވެހި ރައްޔިތުންގެ ޕާޓީއިން ބުނެފައިވާތީ، އެ ޚިދުމަތްތައް ފޯރުކޮށްދީފައިވާކަމުގެ މައްޗަށް ދިވެހި ރައްޔިތުންގެ ޕާޓީގެ އިޢުތިރާފު ލިބިފައިވާކަން؛

(ށ) މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހެކީންގެ ހެކިބަހަށް ބަލާއިރު، ދިވެހި ރައްޔިތުންގެ ޕާޓީއިން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚިދުމަތް ހޯދަނީ ޚިދުމަތުގެ ރިކުއެސްޓް ފޮނުވައިގެންކަމާއި، ނަމަވެސް ބައެއް ފަހަރު ޚިދުމަތް ހޯދުމަށްފަހުވެސް ރިކުއެސްޓް ފޮނުވާކަމާއި، އަދި ލިޔުން ނެތިވެސް ދިވެހި ރައްޔިތުންގެ ޕާޓީން ހޯދާ ޚިދުމަތްތަކަށް ފައިސާ ދައްކަމުން ގޮސްފައިވާކަމާއި، ޕީ.އޯ ނަންބަރު ނެތް މިނޫން އެހެން އިންވޮއިސްތަކެއްވެސް ބަލައިގަނެ ޤަބޫލުކޮށްފައިވާކަމާއި، އެއީ އެ އިންވޮއިސްތަކުގައިވާ ޚިދުމަތްތައް ލިބިފައިވާތީކަމަށް ދިވެހި ރައްޔިތުންގެ ޕާޓީން ބުނެފައިވާކަން؛

(ނ) ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިންވޮއިސްތައް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަމާމެދު ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި، އެ އިންވޮއިސްތަކުގައި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށް މުއްދަތެއް އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާއިރު، އެ އިންވޮއިސްތަކުގައި މައްސަލައެއް ހުރިކަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ފާހަގަކޮށްފައިނުވާކަން؛

މިސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/258 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މި ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހެޅި މައިގަނޑު ނުކުތާއަކީ، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީއަށް ދީފައިވާކަން އެނގެން ނެތް ޚިދުމަތްތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަދި ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަން އެނގެން ނެތް ޞައްޙަނޫން 10 (ދިހައެއް) އިންވޮއިސްއަކަށް ރިޢާޔަތްކޮށްފައިވުމާއި، އަދި ހެކިންގެ ހެކިބަސް ޢަދުލުވެރިނުވާއިރު، އެ ހެކިބަހަށް ރިޢާޔަތްކޮށް މައްސަލައިގައި ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދަށުކޯޓުން ކަށަވަރުވާ ޙަޤީޤަތްތައް

ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދިން ޚިދުމަތްތަކަކަށް ފައިސާ ނުދީގެން އެ ފައިސާ ހޯދުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ މައްޗަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި، ދިވެހި ރައްޔިތުންގެ ޕާޓީ ތަމްސީލުކުރީ ސ. ހިތަދޫ، އާޒާދީގެ ޢަލީ ޞާލިޙްއެވެ.

މި ދަޢުވާއާ ގުޅިގެން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކަކީ ސައްޙަ ޑޮކިއުމަންޓްކަން ސާބިތުކޮށްދިނުމަށް ހެކިންގެ ގޮތުގައި ސިވިލް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވަނީ، މި މުޢާމަލާތް ކުރެވުނުއިރު ދިވެހި ރައްޔިތުންގެ ޕާޓީގެ ޕަބްލިކް ރިލޭޝަން ޑައިރެކްޓަރެއްގެ މަޤާމުގައި ހުރި ގ. ފަހިވާގެ، ޢަދީލް ޖަލީލް އާއި، އެ ޕާޓީގެ ޓްރެޝަރަރގެ މަޤާމު އަދާކުރި މ. މޯނިންގ ވިލެޖް، އަޙްމަދު ޒުބައިރުއެވެ.

ސިވިލް ކޯޓުގެ ނަންބަރު 628/Cv-C/2012 ގަޒިއްޔާއަށް ބަލާއިރު، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ލިބިފައިނުވާކަމަށް ބުނެ ދަޢުވާ ބިނާކުރީ 57 (ފަންސާސް ހަތެއް) އިންވޮއިސްއެއްގެ މައްޗަށެވެ. އަދި މި އިންވޮއިސްތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އިންކާރުކޮށްފައިވަނީ 10 (ދިހައެއް) އިންވޮއިސްއަކަށެވެ. މި އިންވޮއިސްތަކަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ސިވިލް ކޯޓުގައި އިންކާރުކޮށްފައިވަނީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބުރަވެއެވެ. އެއީ، ފުރަތަމަ ކަމަކަށް، ބައެއް އިންވޮއިސްތަކުގައި ޕީ.އޯ ނަންބަރު ނެތުމާއި، އަދި ދެވަނަ ކަމަކަށް، އިންވޮއިސްގައިވާ އަދަދަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ޤަބޫލުކުރާ އަދަދުނޫންކަމަށް ބުނެއެވެ.

ޞައްޙަ ނޫން އިންވޮއިސްތަކަކަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނާބުނުން

މި މައްސަލައިގައި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި 57 (ފަންސާސް ހަތެއް) އިންވޮއިސްގެ ތެރެއިން 10 (ދިހައެއް) އިންވޮއިސްއަކަށް ރިޢާޔަތްކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށާއި، އެކަމަކު މި 10 އިންވޮއިސްގައި ބުނާ ޚިދުމަތްތައް ފޯރުކޮށްދީފައިވާކަން ވަކިން ސާބިތުވާން ނެތްކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ބުނެފައިވެއެވެ.

އެގޮތުން، މި 10 އިންވޮއިސްގެ ތެރެއިން 9 އިންވޮއިސްއަކީ ޕީ.އޯ ނަންބަރު ނެތް ޞައްޙަ ނޫން އިންވޮއިސްކަމަށާއި، މި 10 އިންވޮއިސްވެސް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަން އެއްވެސް ލިޔުމަކުން އެނގެން ނެތްކަމަށާއި، އަދި ރައްދުކޮށްފައިވާކަން އެއްވެސް ލިޔުމަކުން އެނގެން ނެތުމުން މި އިންވޮއިސްތަކުގައިވާ ފައިސާއަށް އިންކާރުކުރާކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ބުނެފައިވެއެވެ.

މިނުކުތާގެ ރައްދުގައި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން 10 އިންވޮއިސްއަށް އިންކާރުކުރަނީ އެ އިންވޮއިސްތަކުގައި ޕީ. އޯ ނަންބަރު ނެތުމުންނާއި، އިންވޮއިސްގައިވާ ތާރީޚުތަކުގައި ޚިދުމަތް ދީފައިވާކަން ސާބިތުނުވާކަމަށް ބުނެކަމަށެވެ. ނަމަވެސް، މި މުޢާމަލާތަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އިންކާރުކޮށްފައިނުވާކަމަށާއި، އިންވޮއިސްތަކުގައި ބަޔާން ކޮށްފައިވާ މަސައްކަތްތަކަކީ ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާ ޚިދުމަތްތަކެއްކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އިޢުތިރާފު ވެފައިވާކަމަށެވެ.

2014 އެޕްރީލް 8 ވަނަ ދުވަހު ދިވެހި ރައްޔިތުންގެ ޕާޓީގެ ބަދަލުގައި ސިވިލް ކޯޓަށް ހާޒިރުވި ޢަލީ ޞޯލިޙް ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ދަޢުވާގައިވާ އިންވޮއިސްތަކުގެ ޚިދުމަތް ލިބިފައިވާކަމަށާއި އަދި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެ މަސައްކަތް ކޮށްދީފައިވާ ކަމަށެވެ. އަދި ސުވާލު އުފެދިފައިވަނީ އަގާމެދުކަމަށް ޢަލީ ޞޯލިޙް އިތުރަށް ބުނެފައިވެއެވެ.

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާއަށް ބަލާއިރު، ޞައްޙަނޫން 10 އިންވޮއިސްއަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާކަމަށް ބުނެ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ހައިކޯޓުގައިވެސް އިސްތިއުނާފުކުރި މައިގަނޑު ނުކުތާއަކީ މިއީކަން އެނގެއެވެ. އަދި މިނުކުތާއަށް ހައިކޯޓުގެ ރިޕޯޓުގައި ޖަވާބުދީފައިވެއެވެ. އެގޮތުން، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ އިންވޮއިސްތަކުގެ ޚިދުމަތްތައް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާ ކަމަށާއި، އެ މަސައްކަތްތައް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްދީފައިވާކަމަށް 2014 އެޕްރީލް 8 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދިވެހި ރައްޔިތުންގެ ޕާޓީ ތަމްސީލުކުރި ޢަލީ ސޯލިޙް ދިން ބަޔާނުގައި ބުނެ، އެ ޚިދުމަތްތައް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީއަށް ފޯރުކޮށްދީފައިވާކަމުގެ މައްޗަށް ދިވެހި ރައްޔިތުންގެ ޕާޓީގެ އިޢުތިރާފު ލިބިފައިވާކަމަށް އެ ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ. އަދި މި އިންވޮއިސްތައް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަމާމެދު ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އިންކާރުނުކުރާކަމަށާއި، އިންވޮއިސްގައި މައްސަލައެއް ހުރިނަމަ އެކަން ބަޔާންކުރުމަށް ދީފައިވާ މުއްދަތުގައި އެކަން އަންގާފައިނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މިކަންކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގައިވެސް ފާހަގަކޮށްފައިވެއެވެ.

ޢަލީ ޞާލިޙް ދީފައިވާ މި ބަޔާނަކީ މައްސަލަ ބެލި ގާޒީ ކުރި ސުވާލަކަށް ދީފައިވާ ޖަވާބެއްކަމަށާއި، އެ ބަޔާނުގައި ބުނަނީ ޞައްޙަނޫން 10 އިންވޮއިސް ފިޔަވައި ދެން ހުރި އިންވޮއިސްތަކަށް އިންކާރުނުކުރާ ކަމަށާއި، އެ އިންވޮއިސްތަކުގައިވާ ޚިދުމަތް ލިބިފައިވާކަމަށާއި، ޞައްޙަނޫން 10 އިންވޮއިސްގައިވާ ތާރީޚުތަކުގައި ޚިދުމަތް ފޯރުކޮށްދިންކަން ސާބިތުކުރުމަކީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން، މި ބަޔާންކުރި ކުރުމަކީ މުޅި ދަޢުވާއަށް ވެފައިވާ އިޢުތިރާފެއްކަމަށް މާނަކުރުމަކީ ޢަދަލުވެރިގޮތް ނޫންކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން މިގޮތަށް ބުނި ނަމަވެސް، 08 އެޕްރީލް 2014 ގައި ޢަލީ ޞޯލިޙް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ދަޢުވާގައިވާ އިންވޮއިސްތަކުގައިވާ ޚިދުމަތްތައް ލިބިފައިވާކަމަށެވެ. އެގޮތުން، ވަކި އިންވޮއިސްތަކަކަށް ޚިދުމަތް ލިބިފައިނުވާކަމަށް ބުނެފައިނުވެއެވެ. އަދި އިންވޮއިސްތަކަށް އިންކާރުކުރާ ސަބަބުތަކުގެ ތަފުސީލު ސިވިލް ކޯޓުގައި ބަޔާންކުރި އިރުވެސް، އެ އިންވޮއިސްތަކުގައިވާ ޚިދުމަތް ލިބިފައިނުވާކަމަށް ނުބުނެއެވެ.

އިންވޮއިސްތަކުގައިވާ އަގަކީ އެއްބަސްވެފައިވާ އަގު ނޫންކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2011) ގަޒިއްޔާގައި، ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމުގައި ވިޔަސް، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތްކަމަށް ކަނޑައަޅާފައިވެއެވެ.

ހުށަހެޅިފައިވާ މައްސަލައިގައި، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީއަށް ޚިދުމަތްތަކެއް ދިންކަމަށް ބުނެ، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އިންވޮއިސްތަކެއް ހުށަހެޅިއެވެ. ޚިދުމަތްތަކެއް ލިބުނުކަމާމެދު ދިވެހި ރައްޔިތުންގެ ޕާޓީއިން އިންކާރުނުކުރެއެވެ. ނަމަވެސް އެ ޕާޓީން އިންކާރުކުރީ އެތަނުން 10 އިންވޮއިސްއެއްގައި ޕީ.އޯ ނަންބަރު ނެތުމާއި، އެ އިންވޮއިސްތަކުގައި ޖަހާފައިވާ އަގުތަކާމެދުގައެވެ. އޭގެ ކުރިންވެސް ދެފަރާތު ދެމެދު އެއްބަސްވެފައިވާ ވަކި އަގެއްނެތި، އެހެންނަމަވެސް ޚިދުމަތް ލިބިފައިވާ ކަންކަމަށް ފޮނުވާ ބިލްތަކަށް ފައިސާ ދައްކާފައިވާކަމަށް ދިވެހި ރައްޔިތުންގެ ޕާޓީން އެއްބަސްވެއެވެ. 10 އިންވޮއިސްއެއްގެ އަގުތަކާމެދު ސުވާލު އުފައްދާނަމަ، އެ އިންވޮއިސްތަކަށް ދެފަރާތުން ކުރިން އެއްބަސްވެފައިވާ އަގަކީ ކޮބައިކަމާއި އަދި އެގޮތަށް އެއްބަސްވެފައިވާކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ދިވެހި ރައްޔިތުންގެ ޕާޓީއަށެވެ. ދިވެހި ރައްޔިތުންގެ ޕާޓީއިން އެއްބަސްވީ ވަކި އަގުތަކަކަށް ކަމަށް ސާބިތުކުރުމަށްޓަކައި އެ ޕާޓީން އެއްވެސް ހެއްކެއް ދަށު ކޯޓަށް ހުށަހަޅާފައިނުވެއެވެ.

މީގެ އިތުރުން، ދަޢުވާގައި ބުނާ އިންވޮއިސްތަކަށް ފައިސާ ނުލިބިގެން އެކިފަހަރުމަތިން ދިވެހި ރައްޔިތުންގެ ޕާޓީއަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، އިންވޮއިސްތަކާމެދު އިންކާރުކޮށްފައިނުވާކަމަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާއިރު، މިކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުންވެސް އިންކާރުކޮށްފައިނުވެއެވެ. އަދި މި އިންވޮއިސްތައް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަން އެ ފަރާތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

އެހެންކަމުން، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދިވެހިރައްޔިތުންގެ ޕާޓީއާ ދެމެދު އެއްބަސްވެވުނު ގޮތާ ޚިލާފަށް 10 އިންވޮއިސްއެއް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާކަން ސިވިލް ކޯޓުގައި ދިވެހި ރައްޔިތުންގެ ޕާޓީއަށް ސާބިތުކޮށްދެވިފައިނުވެއެވެ. އަދި އިންވޮއިސްތަކުގައި ބުނާ ޚިދުމަތް ނުލިބޭކަމަށް ބުނެ އިސްތިއުނާފުގެ މަރުޙަލާގައި ފެންމަތިކުރި ވާހަކައަކީ ސިވިލް ކޯޓުގައި އެއްވެސް މިންވަރަކަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ފާހަގަކުރެވެއެވެ.

ވުމާއެކު، ދިވެހިރައްޔިތުންގެ ޕާޓީން ވެފައިވާ މި އިޢުތިރާފަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޤާނޫނީ އުސޫލަކާ ޚިލާފަށްކަން ދިވެހި ރައްޔިތުންގެ ޕާޓީއަށް ސުޕްރީމް ކޯޓުގައި ބުނެދެވިފައިނުވެއެވެ.

ހެކިންގެ ހެކިބަސް ޢަދުލުވެރި ނޫންކަމަށް ބުނާ ބުނުން

ޚިދުމަތް ފޯރުކޮށްދިންކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް ސިވިލް ކޯޓާއި ހައިކޯޓުން ޙުކުމްކޮށްފައިވާއިރު، ދިވެހި ރައްޔިތުންގެ ޕާޓީއާ ދެކޮޅަށް ބަލައިގެންފައިވާ ހެކިންނަކީ ޢަދަލުވެރި ހެކިން ކަމުގައިނުވާކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރަމުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ އިންވޮއިސްތަކާއި، އިންވޮއިސްތަކުގައިވާ ޚިދުމަތްތަކަކީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކެއްކަން ސާބިތުކުރުމުގެ ގޮތުން އަޙްމަދު ޒުބައިރުއާއި ޢަދީލު ޖަލީލުގެ ހެކިބަސް ނަގާފައިވެއެވެ. މި މައްސަލައިގައި ހެކިންގެ ގޮތުގައި ހާޒިރުކުރެވުނު އަޙުމަދު ޒުބައިރުއާއި ޢަދީލު ޖަލީލުއަކީ މި ހާދިސާ ހިނގި ދުވަސްވަރު ދިވެހި ރައްޔިތުންގެ ޕާޓީގެ އިސް މަޤާމުތަކުގައި ތިބި ދެމީހުންނެވެ. އަޙްމަދު ޒުބައިރުއާއި ޢަދީލު ޖަލީލުއަކީ މި މުޢާމަލާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވި އަދި މުޢާމަލާތް ހިނގާދިޔަ ގޮތް އެނގޭ ދެމީހުންކަމަށްބުނެ، މި މުޢާމަލާތް ސާބިތުކޮށްދިނުމަށްޓަކައި ހެކިންގެ ގޮތުގައި މި ދެމީހުން ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުގައި އެދުނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

މި ހެކިން ޢަދުލުވެރިނޫންކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ބުނަނީ ދިވެހި ރައްޔިތުންގެ ޕާޓީއާ ދެކޮޅަށް މި މައްސަލައިގައި ހެކިބަސް ދީފައިވާ ފަރާތްތަކަކީ ދިވެހި ރައްޔިތުންގެ ޕާޓީން ވަކިވުމަށްފަހު، ސިޔާސީ ގޮތުން ސިއްރާއި ފައުޅުގައި މަސައްކަތްކޮށް، އަދި ޕާޓީއާ އެންމެ ވާދަކުރާ ސިޔާސީ ޕާޓީއެއްގައި މަސައްކަތްކުރާ ފަރާތްތަކެއްކަމަށް ބުނެއެވެ. ނަމަވެސް، އަޙުމަދު ޒުބައިރުއާއި ޢަދީލު ޖަލީލު ފަހުން އެހެން ސިޔާސީ ޕާޓީއެއްގައި ވަޒީފާ އަދާކުރުމަކީ މި ދެމީހުންގެ ހެކިބަސް ޢަދުލުވެރި ނުވާނެކަމަށް ބަލަންޖެހޭ ސަބަބެއްނޫނެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މި މައްސަލައިގެ ދަޢުވާގައިވާ އިންވޮއިސްތަކުގައިވާ ޚިދުމަތް ލިބިފައިވާކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ އިޢުތިރާފު ލިބޭކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުގެ ރިޕޯޓުގައިވެސް ދަޢުވާގައިވާ އިންވޮއިސްތަކުގެ ޚިދުމަތް ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަމަށާއި އިންކާރުކުރަނީ އަގުތަކާމެދުކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ޚިދުމަތް ލިބިފައިވާކަން ސާބިތުވެފައިވަނީ މައްސަލައިގައި ހެކިން ދީފައިވާ ހެކިބަހަކުން ނޫނެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުންނެވެ. އެފަރާތުގެ އިޢުތިރާފުންނެވެ. އިންވޮއިސްތަކުގައިވާ ޚިދުމަތް ނުލިބޭކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އެއްވެސް ވަރަކަށް ސިވިލް ކޯޓުގައި ފާހަގަކޮށްފައި ނުވެއެވެ.

ވުމާއެކު، ހެކިބަސް ދިނުމުގައި އަޙުމަދު ޒުބައިރުއާއި ޢަދީލު ޖަލީލުގެ މަސްލަހަތެއް ނުވަތަ މަންފާއެއް ނުވަތަ ފައިދާއެއް އޮތްކަމަށް ބެލިކަމުގައި ވީނަމަވެސް، އެހެކިންގެ ހެކިބަހުން ސާބިތުވަނީ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން މިފަދަ މުޢާމަލާތްތަކުގައި ޢަމަލުކުރަމުން ދިޔަގޮތެވެ. އަދި ބައެއް ފަހަރު ޕީ.އޯ ނުފޮނުވާ ޚިދުމަތަށް އެދި، އެފަދަ ޚިދުމަތްތަކަށް ފައިސާ ދައްކާފައިވާނެކަމަށް ދިވެހި ރައްޔިތުންގެ ޕާޓީންވެސް ދަށު ކޯޓުގައި ބުނެފައިވާއިރު، ހެކިންގެ ހެކިބަހުން މި ވާހަކަތަކަށްވެސް ބާރުލިބިދޭކަން ފާހަގަކުރަމެވެ.

އެހެންކަމުން، ދަޢުވާގައިވާ އިންވޮއިސްތަކުގައިވާ ފައިސާއަކީ ދިވެހި ރައްޔިތުންގެ ޕާޓީން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން ދިވެހި ރައްޔިތުންގެ ޕާޓީގެ ބަހުން އެނގެން އޮންނަކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/258 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް، ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ