—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2017/SC-A/08
އިސްތިއުނާފު ކުރާ ފަރާތް:
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑު
އިސްތިއުނާފު ރައްދުވާ ފަރާތް:
ގްލޯބް އެއަރ ކާގޯ ސިސްޓަމް
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
18 އޮކްޓޯބަރ 2016ރަޖިސްޓްރީ ކުރެވުނު ތާރީޚު:
28 އޮކްޓޯބަރ 2017ނިމުނު ތާރީޚު:
16 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2013/HC-A/280
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
13 ސެޕްޓެމްބަރ 2013ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
15 ޖުލައި 2016
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގެ ހުކުމާ މެދު ހިތް ހަމަނުޖެހިގެން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C-162/98) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގްލޯބް އެއަރ ކާގޯ ސިސްޓަމް (ރަޖިސްޓަރީ ނަންބަރު325 845 055 R.C.S BOBIGNY) އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
މި މައްސަލައަކީ ގްލޯބް އެއަރ ކާގޯ ސިސްޓަމްގެ ފަރާތުން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން 'އިނަރ މޯލްޑިވްސް') ގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައެކެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 214/Cv-C/2010 (2245/MC/2009) ގަޒިއްޔާ އިންނެވެ.
ގްލޯބް އެއަރ ކާގޯ ސިސްޓަމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކުރި ދައުވާގައި ބުނެފައިވަނީ ގްލޯބް އެއަރ ކާގޯ ސިސްޓަމް އާއި އިނަރ މޯލްޑިވްސްއާ ދެމެދު 22 ނޮވެމްބަރު 2007 ގައި "ސްޓޭންޑަޑް ކާގޯ އެޖެންސީ އެގްރިމަންޓް" ގައި ސޮއިކުރި ކަމަށާއި، އެ އެގްރިމަންޓުގެ ދަށުން މާލެ އާއި ޕެރިސް އާދެމެދު 2008 ވަނަ އަހަރު އެޕްރީލް، މެއި، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި ވައިގެ މަގުން ކުރެވުނު ކާގޯ އުފުލުމުގެ ދަތުރުތަކާ ގުޅިގެން އިނަރ މޯލްޑިވްސްގެ ފަރާތުން އެ ކުންފުންޏަށް ދޭންޖެހޭ 153,874.85 US$ (އެއްލައްކަ ފަންސާސްތިންހާސް އަށްސަތޭކަ ހަތްދިހަހަތަރު ޑޮލަރު އަށްޑިހަފަސް ސެންޓް) ދައްކާފައި ނުވާ ކަމަށާއި އެހެން ކަމުން އެ ފައިސާ ހޯދަން އެދޭ ކަމަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 214/Cv-C/2010 ހުކުމުގައި ބުނެފައިވަނީ އެ ގަޒިއްޔާގައި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކަށް ރިއާޔަތްކޮށް ބެލިއިރު، އިނަރ މޯލްޑިވްސް އާއި ގްލޯބް އެއަރ ކާގޯ ސިސްޓަމް އާއި ދެމެދު "ސްޓޭންޑަޑް ކާގޯ އެގްރިމަންޓް" އެއްގައި ސޮއިކޮށްފައިވާކަން ހުށަހެޅުނު ލިޔުންތަކުން ސާބިތުވާ ކަމަށާއި، މި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ މި އެގްރިމަންޓުގެ ދަށުން ކުރެވިފައިވާ މުއާމަލާތްތަކެއްގެ އަގަށް އިނަރ މޯލްޑިވްސް އިން ދައްކަންޖެހޭ ފައިސާކަމަށް ބުނެ ގްލޯބް އެއަރ ކާގޯ ސިސްޓަމް އިން ހޯދަން އެދިފައިވާ ފައިސާއަކީ އެކްސް އެލް އެއަރވޭޒްގައި ރާއްޖެއަށް ކޮށްފައިވާ ދަތުރުތަކެއްގައި އެއަރވޭ ބިލްތަކުގައި ހިމެނޭ ފައިސާކަން ހުށަހެޅިފައިވާ އެއަރވޭ ބިލްތަކާއި އިންވޮއިސްތަކުން އެނގެން އޮންނަ އިރު މި ދައުވާގައި ހިމެނޭ އެއަރވޭ ބިލްތަކުގައިވާ ދަތުރުތައް ކުރެވިފައިވަނީ އިނަރ މޯލްޑިވްސްގެ އެޖެންޓުކަމުގެ ދަށުންކަން އެ އެއަރވޭ ބިލްތަކުން އެނގޭ ކަމަށާއި،
އިސްވެ ބަޔާންކުރެވުނު އެއަރވޭ ބިލްތަކުގައިވާ ދަތުރުތައް ކުރެވިފައިވާ މުއްދަތުގައި އެކްސް އެލް އެއަރވޭޒްގެ އެއަރ ޓްރާންސްޕޯޓް ސޭލްސް އެޖެންޓެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމުގެ ހުއްދަދީފައިވަނީ ހަމައެކަނި އިނަރ މޯލްޑިވްސް އަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، އެކްސް އެލް އެއަރވޭޒް ގެ ބަޔާންވެދިޔަ އެއަރވޭ ބިލްތަކުގައިވާ ދަތުރުތަކަކީ މި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ "ސްޓޭންޑަޑް ކާގޯ އެގްރިމަންޓް" ފިޔަވައި އެހެން ފަރާތަކާ އެކު އިނަރ މޯލްޑިވްސްއާ އެކު ކުރެވިފައިވާ މުއާމަލާތެއްގެ ދަށުން އެކްސެ އެލް އެއަރވޭޒްގައި ރާއްޖެއަށް ކުރެވިފައިވާ ކާގޯ އުފުލުމުގެ ދަތުރުތަކެއްކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައި ނުވާތީ، މި ދައުވާގައި ހިމެނޭ އެއަރވޭ ބިލްތަކުގައި ހިމެނޭ އެކްސް އެލް އެއަރވޭޒް ގައި ރާއްޖެއަށް ކުރެވިފައިވާ ދަތުރުތަކަކީ މި ދައުވާގައި ބަޔާންކޮށްފައިވާ "ސްޓޭންޑަޑް ކާގޯ އެގްރިމަންޓް" ގެ ދަށުން ކުރެވިފައިވާ ދަތުރުތަކެއް ނޫންކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތުމުން،
މި ދައުވާގައި ހިމެނޭ އިންވޮއިސްތަކުގައި ހިމެނޭ 153,874.85 US$ (އެއްލައްކަ ފަންސާސްތިންހާސް އަށްސަތޭކަ ހަތްދިހަހަތަރު ޑޮލަރު އަށްޑިހަފަސް ސެންޓް) އަކީ އިނަރ މޯލްޑިވްސްގެ ފަރާތުން ގްލޯބް އެއަރ ކާގޯ ސިސްޓަމް އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 214/Cv-C/2010 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގައި ހުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 214/Cv-C/2010 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އިނަރ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބަލައި އެ ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށެވެ.
ހައިކޯޓުން ބެލި ނަންބަރު 2013/HC-A/280 ގަޒިއްޔާގެ ހުކުމަށް ހައިކޯޓުގެ ފަނޑިޔާރުން ވާސިލުވެފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައިކަން އެ ހުކުމަށް ބެލުމުން އެނގެއެވެ.
(ހ)މި ދައުވާގައި ބަޔާންކޮށްފައިވާ "ސްޓޭންޑަޑް ކާގޯ އެގްރިމަންޓް" އަކީ ސައްހަ އެގްރިމަންޓެއް ކަމަށް ސާބިތުވާކަން.
(ށ)ގްލޯބް އެއާރ ކާގޯ ސިސްޓަމް އަކީ " އެކްސް އެލް އެއަރވޭޒް" ގެ ކާގޯ ސަރވިސް އެޖެންޓު ކަމާއި އެގޮތުން އެކްސް އެލް އެއަރވޭޒް އާއި ގްލޯބް އެއަރ ކާގޯ ސިސްޓަމްއާ ދެމެދު30 އޮގަސްޓް 2007 ގައި ކާގޯ ޖެނެރަލް ސޭލްސް އެންޑް ސަރވިސް އެޖެންސީ އެގްރިމަންޓް" ގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާކަން.
(ނ)އިނަރ މޯލްޑިވްސްގެ ފަރާތުން އެކްސް އެލް އެއަރވޭޒް ނަމަކަށް ކިޔާ ކުންފުންޏަކާއި މުއާމަލާތް ކޮށްފައިވާ އިރު، ގްލޯބް އެއަރ ކާގޯ ސިސްޓަމް ކިޔާ ކުންފުންޏަކާ އެކުވެސް ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައިވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމާއި، އިނަރ މޯލްޑިވްސް އާއި ގްލޯބް އެއަރ ކާގޯ ސިސްޓަމްއާ ދެމެދު ކުރެވުނު ވިޔަފާރީގެ ބައެއް މުއާމަލާތްތަކަށް އިނަރ މޯލްޑިވްސްގެ ފަރާތުން ގްލޯބް އެއަރ ކާގޯ ސިސްޓަމަށް ފައިސާ ފޮނުވާފައިވާކަން ހުށަހެޅުނު ލިޔުންތަކުން އެނގެން އޮންނަކަމާއި، އެހެން ކަމުން، ސިވިލް ކޯޓުގެ ނަންބަރު 214/Cv-C/2010 ގަޒިއްޔާގައި ގްލޯބް އެއަރ ކާގޯ ސިސްޓަމް އިން ހޯދުމަށް އެދިފައިވާ ފައިސާއަކީ އިނަރ މޯލްޑިވްސްގެ ފަރާތުން ގްލޯބް އެއަރ ކާގޯ ސިސްޓަމް އަށް ދައްކަން ޖެހޭ ފައިސާއެއް ކަމާއި، އަދި އެ ފައިސާ ދައްކާފައި ނުވާކަން ދެ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަން.
އިނަރ މޯލްޑިވްސްގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާ ތަކެވެ.
(ހ)އިނަރ މޯލްޑިވްސް އާއި ގްލޯބް އެއަރ ކާގޯ ސިސްޓަމް އާ ދެމެދު އެގްރިމަންޓެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައިވާއިރު އެކަމުގެ މައްޗަށް ބަލާފައި ނެތުން.
(ށ)އިނަރ މޯލްޑިވްސް އިން މުއާމަލާތު ކޮށްފައިވަނީ އެކްސް އެލް އެއަރވޭޒް ނަމަކަށް ކިޔާ ބަޔަކާ ކަން ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން އޮތް އިރު އެކަމަށް ބަލާފައި ނެތުން.
(ނ)އިނަރ މޯލްޑިވްސް އާއެކު މުއާމަލާތު ކޮށްފައިވަނީ އެކްސް އެލް އެއަރވޭޒް ނަމަކަށް ކިޔާ ބަޔަކާއެކު ކަމަށްވުމުން އެ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާ ކުރިއަށް ދައްކައި ޚަލާސްކޮށްފައިވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން އޮތް އިރު އެކަމުގެ މައްޗަށް ބަލާފައި ނެތުން.
އެގްރިމަންޓެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައިވާ ނުކުތާ
މި ނުކުތާގައި އިނަރ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ އިނަރ މޯލްޑިވްސް އާއި ގްލޯބް އެއަރ ކާގޯ ސިސްޓަމް އާ ދެމެދު އެގްރިމަންޓެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައިވާއިރު އެކަމުގެ މައްޗަށް ބަލާފައި ނެތް ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) ގައި އެ ނުކުތާއަށް ހައިކޯޓުން ބަލާފައިވާކަން އެނގެއެވެ. އިނަރ މޯލްޑިވްސް އާއި ގްލޯބް އެއަރ ކާގޯ ސިސްޓަމް އާ ދެމެދު އެގްރިމަންޓެއް ކޮށްފައި އޮތްކަން ސާބިތުވި ގޮތް ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ.
މުއާމަލާތު ކޮށްފައިވަނީ އެކްސް އެލް އެއަރވޭޒްއާ އެކުގައި ކަމަށް ބުނާ ނުކުތާ
މި ނުކުތާގައި އިނަރ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ އިނަރ މޯލްޑިވްސް އިން މުއާމަލާތު ކޮށްފައިވަނީ އެކްސް އެލް އެއަރވޭޒް ނަމަކަށް ކިޔާ ބަޔަކާއެކު ކަން ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން އޮތްއިރު އެކަމަށް ބަލާފައި ނެތް ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ނަންބަރު2013/HC-A/280 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) އިން އެ ނުކުތާއަށް ހައިކޯޓުން ބަލާފައިވާކަން އެނގެއެވެ.
އެކްސް އެލް އެއަރވޭޒް އަށް ފައިސާ ދައްކާފައިވާ ކަމަށް ބުނާ ނުކުތާ
މި ނުކުތާގައި އިނަރ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ އިނަރ މޯލްޑިވްސް އާއެކު މުއާމަލާތު ކޮށްފައިވަނީ އެކްސް އެލް އެއަރވޭޒް ނަމަކަށް ކިޔާ ބަޔަކާއެކު ކަމަށްވުމުން އެ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާ ކުރިއަށް ދައްކައި ޚަލާސްކޮށްފައިވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން އޮތްއިރު އެކަމުގެ މައްޗަށް ބަލާފައި ނެތް ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) އިން އެ ނުކުތާއަށް ހައިކޯޓުން ބަލާފައިވާކަން އެނގެއެވެ.
މި މައްސަލައިގައި ދަށު ކޯޓަށާއި ހައިކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ދެ ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، މި ދައުވާގައި ބަޔާންކޮށްފައިވާ "ސްޓޭންޑަޑް ކާގޯ އެގްރިމަންޓް" އަކީ އިނަރ މޯލްޑިވްސްއާ ގްލޯބް އެއަރ ކާގޯ ސިސްޓަމް އާ ދެމެދު ވެވިފައިވާ ސައްހަ އެއްބަސްވުމެއް ކަމަށް ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާ ބެއްލެވި ފަނޑިޔާރުން ނިންމެވި ސަބަބުތަކަށް އަހުރެންނަށް ތާއީދުކުރެވެއެވެ.
މި މައްސަލައިގައި ދަށު ކޯޓަށާއި ހައިކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ދެ ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ދައުވާގައި ހިމެނޭ އެއަރވޭ ބިލްތަކުގައިވާ ދަތުރުތައް ކުރެވިފައިވާ މުއްދަތުގައި އެކްސް އެލް އެއަރވޭޒްގެ އެއަރ ޓްރާންސްޕޯޓް ސޭލްސް އެޖެންޓެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި އިނަރ މޯލްޑިވްސް އަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ. އެކްސް އެލް އެއަރވޭޒް އާއި ގްލޯބް އެއަރ ކާގޯ ސިސްޓަމްއާ ދެމެދު 30 އޮގަސްޓް 2007 ގައި ކާގޯ ޖެނެރަލް ސޭލްސް އެންޑް ސަރވިސް އެޖެންސީ އެގްރިމަންޓް" ގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާ އޮތް ގޮތުން ގްލޯބް އެއަރ ކާގޯ ސިސްޓަމް މެދުވެރިވެގެން ނޫންގޮތަކަށް މި ގަޒިއްޔާގައި ހިމެނޭ ބިލްތަކުގައިވާ ކަންކަން އިނަރ މޯލްޑިވްސް އަށް ކުރެވޭނެ ގޮތެއް ނެތް ހިނދު، ދައުވާގައި ހިމެނޭ އެއަރވޭ ބިލްތަކުގައިވާ ދަތުރުތަކަކީ އިނަރ މޯލްޑިވްސްއާ ގްލޯބް އެއަރ ކާގޯ ސިސްޓަމް އާ ދެމެދުގައި ސޮއިކުރެވިފައިވާ "ސްޓޭންޑަޑް ކާގޯ އެގްރިމަންޓް" ފިޔަވައި އެހެން ފަރާތަކާ އެކު އިނަރ މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާ އެގްރިމަންޓެއްގެ ދަށުން އެކްސް އެލް އެއަރވޭޒްގައި ރާއްޖެއަށް ކޮށްފައިވާ ކާގޯ އުފުލުމުގެ ދަތުރުތަކެއްކަން ޝަރީއަތަށް ސާބިތުވާފަދަ ހެއްކެއް އިނަރ މޯލްޑިވްސްގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ނެތެވެ.
ދައުވާގައި ހިމެނޭ އެއަރވޭ ބިލްތަކުގައިވާ ފައިސާ ގްލޯބް އެއަރ ކާގޯ ސިސްޓަމް އަށް އިނަރ މޯލްޑިވްސްގެ ފަރާތުން ދައްކާފައި ނުވާކަން އިނަރ މޯލްޑިވްސް އިން ޝަރީއަތުގައި ދެއްކި ވާހަކަތަކުން އެނގެއެވެ. އަދި ދައުވާގައި ހިމެނޭ އެއަރވޭ ބިލްތަކުގައިވާ ފައިސާ އިނަރ މޯލްޑިވްސްގެ ފަރާތުން ސީދާ އެކްސް އެލް އެއަރވޭޒް އަށް ދައްކާފައި ނުވާކަންވެސް އެނގެއެވެ.
ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އިނަރ މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓުގައިވެސް ތަކުރާރުކޮށްފައިވަނީ ސިވިލް ކޯޓުން ނިންމެވި މައްސަލަ ހައިކޯޓަށް ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ނުކުތާތައް ކަމަށްވާތީ އާއި އެނޫން އައު ކަމެއް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައި ނުވާތީ، ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ސާބިތުވާ ކަމަށް ކަނޑައެޅި ވާގިއީ ނުކުތާތަކުގައި އެ ކޯޓުގެ ފަނޑިޔާރުން ނިންމެވި ކަންކަމާ ދެ ބަސްވާނޭ ތަނެއް އަހުރެންނަކަށް ނުފެނުނެވެ.
އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކަކީ އަކުރުން އަކުރަށް ސިވިލް ކޯޓުގެ ނަންބަރު214/Cv-C/2010 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް ބިނާކުރެވިފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބަޔާންކުރާ، ނުވަތަ ހައިކޯޓުން ގާނޫނު ތަތުބީގު ކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ހައިކޯޓުން ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ހައިކޯޓުން ހުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާ ތަކުގައި ފާހަގަކޮށްފައި ނެތެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު2013/HC-A/280 ގަޒިއްޔާ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ތިން ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/280 ގަޒިއްޔާގެ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.