ޒީނަތު ޙަސަން ވ. އައްޑޫސިޓީ ކައުންސިލް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/80
ޝަރީޢަތް ނިމުނުގޮތް
ޒީނަތު ޙަސަން ވ. އައްޑޫސިޓީ ކައުންސިލް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
02 ސެޕްޓެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2020/HC-S-A/04
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
އައްޑޫސިޓީ ކައުންސިލް
ޒީނަތު ޙަސަން، ރިވަރސައިޑް
ބަދަލުގައި:
ޤާނޫނީ ވަކީލު:
ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް،
ހެވި އަޙްމަދު މުޢިއްޒު
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން، ރަޖިސްޓްރީކުރެވިފައިވާ ބިމަކާމެދު ސުވާލު އުފެދުން، އިންޑިފީސިބިލިޓީ އޮފް ޓައިޓްލް (indefeasibility of title)، ސާބިތުކުރުމުގެ ބުރަ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 11 އަދި 12 ވަނަ މާއްދާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 13 އަދި 14 ވަނަ މާއްދާ
ޒީނަތު ޙަސަން ވ. އައްޑޫސިޓީ ކައުންސިލް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ޒީނަތު ޙަސަން އަށް އައްޑޫސިޓީ، ހިތަދޫގެ "އޮޑައްސައު" ސަރަހައްދުން ދޫކޮށްފައިވާ 243 ނަންބަރު ބަންޑާރަ ގޯތީގެ ވަގުތީ ރަޖިސްޓަރީ ބާޠިލުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅުމާއި ގުޅިގެން ދެފަރާތު ދެމެދު އުފެދުނު ޚުޞޫމާތާ ގުޅޭ މައްސަލައެކެވެ.
މި ރަޖިސްޓަރީ ބާޠިލުކުރުމަށް އައްޑޫސިޓީ ކައުންސިލުގެ ފަރާތުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އެ ކޯޓުގެ ނަންބަރު 130/S2C/2019 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ގޯތީގެ ވަގުތީ ރަޖިސްޓަރީ ބާޠިލުކުރާނެ ތަނެއްނެތްކަމަށް ކަނޑައަޅައި އެވެ. އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 130/S2C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާގައި ޙުކުމްކުރީ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލުކޮށެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޒީނަތު ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ. މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ކަނޑައަޅަންޖެހެނީ ބިމެއް ނުވަތަ ގޯއްޗެއް އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓަރީކުރުމަށް ފަހު، އެ ރަޖިސްޓަރީކުރެވުނު ގޮތާ މެދު ސުވާލު އުފެއްދި ނަމަވެސް، އެ ބިމަކީ ރަޖިސްޓަރީކޮށްފައިވާ ބިމެއްކަމުން، އެ ބިމުގެ މިލްކުވެރިފަރާތަކީ ރަޖިސްޓަރީކޮށްފައިވާ ފަރާތްކަމާއި ބިމުގެ ރަޖިސްޓަރީއަކީ ބިމުގެ މިލްކުވެރިކަމާބެހޭ ފަހުބަސް ބަޔާންކުރާ ލިޔުންކަން (indefeasibility of title) ބަލަންޖެހޭކަމަށް އޮންނަ އޮތުމަކީ އެއްވެސް އިސްތިސްނާއެއްނެތި އޮތް އޮތުމެއްތޯއެވެ.
އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމި ގޮތް
ރަޖިސްޓަރީ ބާޠިލުކުރުމަށް އައްޑޫސިޓީ ކައުންސިލުގެ ފަރާތުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 130/S2C/2019 ގަޒިއްޔާއިން ޙުކުމްކުރީ ގޯތީގެ ވަގުތީ ރަޖިސްޓަރީ ބާޠިލުކުރާނެ ތަނެއްނެތްކަމަށް ކަނޑައަޅައި އެވެ. އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި ޙުކުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މި ގޯއްޗަކީ ޢަލީ ޚަލީލުއާ އާއި މުޙައްމަދު ލަޠީފު 05 އޯގަސްޓް 2018 ގައި ލޭންޑް ބިލްޑިންގް އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ދީފައިވާ ދޮގު ހެކިބަހުގެ މައްޗަށް ހަދާދީފައިވާ ރަޖިސްޓަރީއެއްކަމަށް ބުނާއިރު، މި ރަޖިސްޓަރީއަކީ މި ދެ ހެކިބަހުގެ މައްޗަށް ދޫކުރެވިފައިވާ ގޯއްޗެއްކަމަށް އެ ރަޖިސްޓަރީން އެނގެންނެތް އިރު އެކަން އެނގޭ ރަސްމީ އިތުރު ލިޔުމެއް ހުށަހެޅިފައިނުވާކަން.
(ށ) މި ގޯތި ދޫކޮށްފައިވަނީ ބިމާބެހޭ މުޢާމަލާތްކުރުމުގެ އިޚްތިޞާޞް އައްޑޫ ކައުންސިލްގެ އިދާރާއަށް ލިބިފައިވާ ދުވަސްވަރުކަން އެނގެން އޮންނައިރު، އެ އިދާރާއަށް ލިބިގެންވާ އިޚްތިޞާޞްގެ ތެރެއިން ކޮށްފައިވާ، މުޢާމަލާތާ ގުޅޭ ގޮތުން ސުވާލު އުފެދޭކަމެއް ހިނގައިފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލަށް ޤަބޫލުކުރެވުނުއިރު، އެކަމެއް ހިނގާފައިވާ ގޮތެއް ނުބަލައި، ތަޙުޤީޤުނުކޮށް އަދި އެކަމުގެ މައްޗަށް ޝަރީޢަތެއް ނުހިންގައި، ހަމައެކަނި ރަޖިސްޓަރީ ބާޠިލުކުރުމަށް އެދި ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އިން ޒީނަތު ޙަސަންއަށް ލިބިދީފައިވާ އަސާސީ ޙައްޤަކަށް އެޅޭ ހުރަހެއްކަން.
(ނ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައިވާ އުޞޫލުތަކާ ޚިލާފަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫނުކުރެވޭނެކަން އެނގެން އޮންނައިރު، މި ގޯއްޗަކީ މި އުޞޫލުތަކާއި ޚިލާފަށް ދޫކުރެވިފައިވާ ގޯއްޗެއްކަން ސާބިތުކޮށްދެވިފައިނުވާއިރު، ޒީނަތު ޙަސަންގެ ފަރާތުން ގުރުއަތެއްގައި ބައިވެރިނުވާކަމަށް ބުނުމުގެ ޖާގައެއްނެތްކަމާއި، އެ ނޫންގޮތަކަށް ސާބިތުނުވާހާ ހިނދަކު މި ގޯއްޗަކީ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ އުޞޫލުތަކުގެ މަތިން ދޫކުރެވިފައިވާ ގޯއްޗެއްކަމަށް ބަލަންޖެހޭކަން.
(ރ) ޤާނޫނީގޮތުން ކަނޑައެޅިފައިވާ ރޮނގު ހުރަސްކޮށް، ދައުލަތުގެ އިދާރާއަކުން ބިމެއް ލިބިގަތުމަށް ޒީނަތު ޙަސަންގެ ފަރާތުން އެއްވެސް ޢަމަލެއްކޮށްފައިވާކަމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ތުހުމަތެއްވެސް ކޮށްފައިނުވާތީ، މިއީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ނަހަމަގޮތުގައި އެފަރާތުން ލިބިގަތް ބިމެއްކަމުގައިވެސް ބަލާނެ ތަނެއް ނެތުމުން، އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ގޯތީގެ ރަޖިސްޓަރީ ހަދައި ނިމިފައިވަނީ ޤާނޫނީ އެންމެހާ އުޞޫލުތަކުގެ ތެރެއިންކަމަށް ބަލަންޖެހޭކަން.
(ބ) ޒީނަތު ޙަސަންއަށް ދޫކުރެވުނު ރަޖިސްޓަރީގެ އިތުރު ބަޔާނުގައި ލިޔެފައިވާ އިބާރާތަކީ، ގޯތީގެ ރަޖިސްޓަރީ ބާޠިލުކުރަން އެކަށީގެންވާ ޙުއްޖަތެއްކަމަށް ބެލެވޭނެ ޢިބާރާތެއްނޫންކަމާއި އެކަމަކީ އެއީ ގޯހެއްނަމަ އިޞްލާޙުކުރަންޖެހޭ ކަމެއްކަން.
(ޅ) ޒީނަތު ޙަސަންއަށް އޮޑައްސައު ސަރަހައްދުން ދޫކުރެވިފައިވާ 243 ނަންބަރު ގޯއްޗަކީ 1991 ގައި ޙަސަންދީދީއަށް ދޫކުރެވި، އެ ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަށް އަނބުރާ އޭނާގެ އަތުން އަތުލެވިފައިވާ ބިމެއްކަމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވުމުން، އެ ބިމުގެ މައްޗަށް ހަސަންދީދީގެ ޙައްޤެއް ނެތްކަމާއި، އެނޫން ފަރާތެއްގެ ހައްޤެއް އޮތްކަމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ބުނެފައި ނުވުމުން، މި ބިމުގެ މައްޗަށް ޒީނަތު ޙަސަން ފިޔަވައި އެހެން ފަރާތެއްގެ ޙައްޤެއް އޮތްކަމަށް ނުބެލެވޭކަން.
ހައިކޯޓުން މައްސަލަ ނިންމިގޮތް
އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާ އިސްއުނާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާގައި ޙުކުމްކުރީ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 130/S2C/2019 ގަޒިއްޔާ ބާޠިލުކޮށް، ޒީނަތު ޙަސަންގެ ނަމުގައި ހަދާދީފައިވާ ގޯތީގެ ވަގުތީ ރަޖިސްޓަރީއަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށް ހަދާފައިވާ ރަޖިސްޓަރީއެއްކަން ހުށަހެޅުނު ކިތާބީ ހެކިތަކުން ސާބިތުވާތީ، އެ ރަޖިސްޓަރީއަކީ އޭގެ އަޞްލުން ބާޠިލު ރަޖިސްޓަރީއެއްކަމަށް ކަނޑައަޅައެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މި ގޯއްޗަކީ 2009 ވަނަ އަހަރު ޤާނޫނާއި ގަވާއިދުގައިވާގޮތުގެ މަތިން ކުރެވުނު އިޢުލާނަކަށް ޒީނަތު ޙަސަން ދިން އިޖާބައެއްގެ ސަބަބުން ލިބުނު ގޯއްޗެއްކަން ބަޔާންކޮށްދޭންޖެހޭނީ ޒީނަތު ޙަސަން ކަމާއި، ޒީނަތު ޙަސަން ހުށަހަޅާ ވަގުތީ ރަޖިސްޓަރީއަކީ އޭގެ އަޞްލުގެ ޞައްޙަކަން ޠަޢުނުކުރެވޭ ލިޔުންކަމަށްވުމުން، އެއީ އޭގެ ޒާތުގައި ޒީނަތު ޙަސަންއަށް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާކަމުގެ ކާފީ ހެއްކެއް ކަމުގައި ބެލެވޭނެ ހެއްކެއް ނުވަތަ ޤަރީނާއެއް ނޫންކަން.
(ށ) ވަގުތީ ރަޖިސްޓަރީ ހެއްދުމުގެ ކުރިން ބަޔާންކުރާ ބަންޑާރަ ގޯއްޗަކީ ޒީނަތު ޙަސަންއަށް ދޫކުރެވިފައިވާ ގޯއްޗެއްކަން އެނގޭނެ މުސްތަގިއްލު ހެއްކެއް ނުވަތަ ދަލީލެއް ޒީނަތުގެ ޙަސަންގެ ފަރާތުން ހުށަހަޅާފައިނުވާކަން.
(ނ) މި ރަޖިސްޓަރީ ހަދާދީފައިވަނީ ޤާނޫނާ ޚިލާފަށްކަން އައްޑޫސިޓީ ކައުންސިލުން ހުށަހެޅި ކިތާބީ ހެކިތަކުން ސާބިތުވާން އޮންނައިރު، މި ރަޖިސްޓަރީ ހަދާދީފައިވަނީ ޤާނޫނާ އެއްގޮތަށްކަން ސާބިތުކުރުމަށް ޒީނަތު ޙަސަންގެ ފަރާތުން ދިފާޢީ ހެކި ހުށަހަޅަންޖެހޭ ކަމާއި، ނަމަވެސް، އެކަން ސާބިތުކުރުމަށް އޮތްހައިވެސް ހެއްކަކީ މި ވަގުތީ ރަޖިސްޓަރީކަމަށް ބެލުމަކީ ޤާނޫނީ ގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ބިނާވެގެންވާކަމެއް ނޫންކަން.
(ރ) 1991 ވަނަ އަހަރު އަދި 2002 ވަނަ އަހަރު ގޯއްޗަށް އެދި ޒީނަތު ޙަސަން ހުށަހަޅާފައިނުވާކަން އޭނާގެ އިއުތިރާފުން އެނގެން އޮންނަކަމާއި، ޒީނަތު ޙަސަން ގޯއްޗަށް އެދި ހުށަހެޅީ 2009 ވަނަ އަހަރުކަމާއި، 2009 ވަނަ އަހަރު އޮޑައްސައު ސަރަހައްދުން ގޯތި ދޫކުރުމަށް އިޢުލާންކޮށްފައި ނުވާނެކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފައިވާކަން.
(ބ) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓްގެ "އަމިއްލަ މީހުން ފޮނުވާ ގޯތީގެ އިން ވަކިކުރުމަށް އެދޭ ފޯމްގެ ޖަވާބު" ގައި އެ ޑިޕާޓްމަންޓުގައި ހުރި ލިޔުންތަކުން ޒީނަތު ޙަސަންއަށް ގޯއްޗެއް ލިބިފައިވާކަން އެނގެން ނެތްކަމަށާއި، ގޯތި ޙަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ގުރުއަތު ނަންބަރެއް އޮތްނަމަ ހުށަހެޅުމަށް އަންގާފައި އޮތްއިރު، މިފަދަ ލިޔުމެއް ގެނައުމަކާއި ނުލައި 2018 ސެޕްޓެމްބަރު 2 ގައި ދެމީހެއްގެ ބަޔާން ނެގުމަށްފަހު ހަދާދީފައިވާ ވަގުތީ ރަޖިސްޓަރީއަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާގޮތުގެ މަތިން ރަސްމީކޮށް ކުރެވިފައިވާ ރަޖިސްޓަރީއެއްކަމަށް ބެލެވެން ނެތްކަން.
(ޅ) "ބަންޑާރަ ގޯއްޗާއި ޢިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު" ގެ 4 ވަނަ މާއްދާގައި "ގޯތި ދޫކުރި ތާރީޚް" ބަޔާންކުރަން އޮންނައިރު، ޒީނަތު ޙަސަންއަށް ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީގައި އެ ތާރީޚް ނެތްކަމާއި، ރަޖިސްޓަރީގައި "ގޯތީގެ ޗާޓު" ގެ ތިރިން ލިޔެފައިވާ ބަޔާނުގައިވާ ވާހަކަތަކަކީ އޭގެ ޒާތުން ޞައްހަ ވާހަކަތަކެއް ނޫންކަން.
(ކ) ތަޙުޤީޤެއް ކުރުމަކާއި ނުލައިވެސް ރަޖިސްޓަރީއެއްގެ ޞައްޙަކަމާމެދު ކޯޓަށް ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބުރަވެ މަދަނީ މިންގަނޑުން ގޮތެއް ނިންމިދާނެކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ޒީނަތު ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މައިގަނޑު 02 (ދޭއް) އިސްތިއުނާފީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ؛
6.1 ޒީނަތު ޙަސަންއަށް ހަދާދީފައިވާ ގޯތީގެ ރަޖިސްޓަރީއަކީ ބާޠިލު ރަޖިސްޓަރީއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ބިމާބެހޭ ޤާނޫނުތަކުގައި ބަލައިގެންފައިވާ indefeasibility of title ގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ، އަދި،
6.2 އައްޑޫސިޓީ ކައުންސިލަށް ދަޢުވާ ސާބިތުކޮށްދެވިފައި ނުވަނީސް، ސާބިތުކުރުމުގެ ބުރަ burden of proof (onus probandi) އިސްތިއުނާފުކުރާ ފަރާތަށް ފުރޮޅާލާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިންޑިފީސިބިލިޓީ އޮފް ޓައިޓްލް (indefeasibility of title)
މި ނުކުތާއާ ގުޅިގެން ޒީނަތު ޙަސަންގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓުން އޭނާއަށް ދޫކޮށްފައިވާ އައްޑޫ ހިތަދޫ އޮޑައްސައު ސަރަހައްދުގެ 243 ނަންބަރު ގޯތީގެ ވަގުތީ ރަޖިސްޓަރީ ނަންބަރު GVR-319/2018 އަކީ ޞައްޙަ ރަޖިސްޓަރީއެއްކަމަށާއި އަދި އެއީ ޒީނަތު ޙަސަން އަމިއްލައަށް ހަދާފައިވާ ރަޖިސްޓަރީއެއް ނޫންކަމަށެވެ. އަދި އެ ގޯތީގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ އިތުރު ފަރާތެއް ނެތްއިރު، އެ ގޯއްޗަކީ ޒީނަތު ޙަސަން ފިޔަވައި އިތުރު ފަރާތަކަށް ދޫކޮށްފައިވާ ތަނެއްވެސް ނޫންކަމަށެވެ. ޒީނަތު ޙަސަންގެ ނަމުގައި އެ ގޯތި ރަޖިސްޓަރީ ކޮށްފައިވާއިރު، ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާއި، އިންޑިފީސިބިލިޓީ އޮފް ޓައިޓަލް (indefeasibility of title) ގެ މަބްދަޢުއަށް ރިޢާޔަތްކުރުމާއެކު، އެ ގޯއްޗަކީ ޒީނަތު ޙަސަންގެ ގޯއްޗެއްކަމަށް ޤާނޫނީ ހަމަތަކުން ބަލަންޖެހޭކަމަށެވެ.
މި ނުކުތާގެ ރައްދުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާގައި އިންޑިފީސިބިލިޓީ އޮފް ޓައިޓަލް (indefeasibility of title) އާ ޚިލާފުވާގޮތް ޒީނަތު ޙަސަންއަށް ބުނެދެވިފައިނުވާކަމަށާއި، އަދި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަދާ ރަޖިސްޓަރީއަށް މި އުސޫލު ތަޠުބީޤު ނުކުރެވޭނެކަމަށެވެ.
ދިވެހިރާއްޖޭގައި އިންޑިފީސިބިލިޓީ އޮފް ޓައިޓަލް (indefeasibility of title) ނުވަތަ ބިމުގެ ރަޖިސްޓަރީއަކީ ބިމުގެ މިލްކުވެރިކަމާބެހޭ ފަހުބަސް ބަޔާންކުރާ ލިޔުންކަން ބެލުމުގެ މަފްހޫމަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލަކީ، ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ފަރާތެއްގެ ނަމުގައި ބިމެއް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ބިމާއި އެ ބިމުގެ މިލްކުވެރިފަރާތުގެ މައްޗަށް ޤާނޫނުން ލިބިދެވޭ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުވެގެންދިއުމެވެ. އެހެންނަމަވެސް، މި ޢާންމު އުސޫލަކީ އިސްތިސްނާއެއް ނެތި އޮންނަ އުސޫލެއް ނޫނެވެ. އެގޮތުން، އެއްވެސް ފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވޭ ބިމެއް އެއީ ކަމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިންނޫން ގޮތަކަށް ރަޖިސްޓަރީ ކޮށްފައިވާ ބިމެއްނަމަ، އެ ބިމުގެ ރަޖިސްޓަރީ ބާޠިލުވުމުގެ ފުރުސަތު އޮތްކަން މިހާތަނަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުން އައި ގޮތުން އެނގެއެވެ. އެއީ މަކަރާއި ހީލަތުން ކޮށްފައިވާކަމަކަށް ވިޔަސް ނުވަތަ އެއްވެސް ފަރާތެއްގެ ނުބައި ނިޔަތެއް ނެތްނަމަވެސް، ޤާނޫނު ބުނާ އިޖުރާއާތްތަކާ ޚިލާފަށް ކޮށްފައިވާކަމެއްނަމަ، މީހެއްގެ ނަމުގައި އޮތް ރަޖިސްޓަރީއަކީ ބާޠިލު ރަޖިސްޓަރީއެއްކަން ކަނޑައެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ.
ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަދާފައިވާ ރަޖިސްޓަރީއެއްކަން ސާބިތުކުރުމުގެ ބުރަ
ޒީނަތު ހަސަންގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި ޒީނަތު ޙަސަންއަށް ދޫކޮށްފައިވާ ރަޖިސްޓަރީއަކީ ޞައްޙަ ރަޖިސްޓަރީއެއްކަން ސާބިތުކޮށްދިނުމުގެ ބުރަ ޒީނަތު ހަސަންއަށް ފުރޮޅިފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެފައިވެއެވެ. އެގޮތުން ޒީނަތު ޙަސަންގެ މައިގަނޑު ޝަކުވާއަކީ އައްޑޫސިޓީ ކައުންސިލުން ދަށު ކޯޓުގައި ކޮށްފައިވާ މައިގަނޑު ދަޢުވާކަމުގައިވާ ޒީނަތު ޙަސަންއަށް ހަދާދީފައިވާ ނަންބަރު GVR-319/2018 "ގޯތީގެ ވަގުތީ ރަޖިސްޓަރީ" އަކީ އަސްލެއްގެ މައްޗަށް ބިނާނުކޮށް ބިމާބެހޭ ޤާނޫނާ ޚިލާފަށް ހަދާދީފައިވާ ރަޖިސްޓަރީއަކަށްވާތީ، އެ ރަޖިސްޓަރީއަކީ ބާޠިލު ރަޖިސްޓަރީއެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ކައުންސިލުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ކައުންސިލަށް ކަމުގައިވާއިރު، އައްޑޫސިޓީ ކައުންސިލްގެ ދަޢުވާ އެ ކައުންސިލަށް ސާބިތުކޮށްނުދެވެނީސް، ޒީނަތު ޙަސަންއަށް ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއަކީ ޞައްޙަ ރަޖިސްޓަރީއެއްކަމަށް ޒީނަތު ޙަސަން ސާބިތުކޮށްދޭންޖެހޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށެވެ. ރަޖިސްޓަރީއަކީ ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓަރީއެއް ކަމުގައިވާއިރު، ޒީނަތު ޙަސަން 2009 ވަނަ އަހަރުގައި ގޯއްޗަކަށް އެދި ފޯމު ހުށަހެޅީ އައްޑޫސިޓީ ކައުންސިލުން ބުނެގެންކަމަށާއި، އައްޑޫސިޓީ ކައުންސިލުން ގޯތި ދޫކުރަމުން ދިޔައީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަށަވަރުކުރަންޖެހޭކަމަށް ޒީނަތު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
މި ނުކުތާގެ ޖަވާބުގައި އައްޑޫސިޓީ ކައުންސިލުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ ޒީނަތު ޙަސަންއަށް ހަދާދީފައިވާ ވަގުތީ ރަޖިސްޓަރީ ހަދާދީފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ނޫންކަމަށާއި، އަދި މި މައްސަލާގައި ކަން ހިނގާފައިވާގޮތަށާއި، ޒީނަތު ޙަސަންގެ ބަހުންވެސް، އޭނާއަށް ގޯތީގެ ރަޖިސްޓަރީ ހަދާދީފައިވަނީ ގޯތި ދޫކުރުމަށް އެއްވެސް އިޢުލާނުކުރުމެއް ނެތިކަމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2011) ގަޒިއްޔާގައި، މަދަނީ ޚުޞޫމާތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދަޢުވާކުރާ ފަރާތަށް ދަޢުވާ ސާބިތުކޮށްދެވިއްޖެނަމަ، ދަޢުވާ ލިބޭ ފަރާތުގެ ދަފްޢު ސާބިތުކުރުމުގެ ބުރަ، އެފަރާތަށް ފުރޮޅިގެންދާނެއެވެ.
އެގޮތުން، ހުށަހެޅިފައިމިވާ މައްސަލައިގައި، ޒީނަތު ޙަސަންގެ ނަމުގައި ހަދާދީފައިވާ ވަގުތީ ރަޖިސްޓަރީއަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަދާދީފައިވާ ރަޖިސްޓަރީއެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އައްޑޫސިޓީ ކައުންސިލަށެވެ. އެ ރަޖިސްޓަރީއަކީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ބިން ދޫކުރެވި، ހަދާދީފައިވާ ރަޖިސްޓަރީއެއްނޫންކަން އައްޑޫސިޓީ ކައުންސިލަށް ސާބިތުކޮށްދެވިއްޖެނަމަ، ޒީނަތު ޙަސަންގެ ދިފާޢުގައި، އެއީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަދާފައިވާ ރަޖިސްޓަރީއެއްކަން ބުނާ ބުނުން، ޒީނަތު ޙަސަން ސާބިތުކޮށްދޭންޖެހޭނެއެވެ.
ދިވެހިރާއްޖޭގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން
ދިވެހިރާއްޖޭގައި ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާގުޅޭ އެންމެހައި ކަންކަން ތަންޒީމު (regulate) ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުންނާއި އެ ޤާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުގެ ދަށުންނެވެ. ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަންވާނީ އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގައި ގޯއްޗަށް އެދޭ ގޮތް ތަފްސީލުކޮށްފައިވާއިރު، ގޯއްޗަކަށް އެދެވޭނީ އެ ސަރަހައްދަކުން ގޯތި ދޫކުރުމަށް ހަމަޖެހިއްޖެކަމާއި،ގޯއްޗަށް އެދި ހުށަހެޅުމަށް ޢާންމުކޮށް އިޢުލާނު ކުރުމުން، ގޯއްޗަށް އެދޭ މީހާ ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް، ގޯތި ދޫކުރަން އިޢުލާނުކުރި އޮފީހަށް ހުށަހެޅުމުންނެވެ. އަދި އެ ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކޮންމެ މީހަކަށް ގޯއްޗަކަށް އެދި ހުށަހެޅިދާނެއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި، ގޯތި ދޫކުރާކަން ދައުލަތުގެ ކަމާބެހޭ އިދާރާއިން ޢާންމުކޮށް، އިޢުލާނުކުރާއިރު، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މަޢުލޫމާތު ހިމެނުން ލާޒިމުކުރެއެވެ. އެގޮތުން، ގޯއްޗަކަށް އެދުމުގެ ފުރުސަތު ހުޅުވާލެވުނުކަމާއި، ގޯއްޗަށް އެދޭ ފަރާތުން ޢަމަލުކުރަންވީ ގޮތާއި، ގޯތި ދޫކުރާ ސަރަހައްދު، ގޯތީގެ އަދަދު، ބޮޑުމިން ފަދަ އެނޫންވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަޢުލޫމާތު އިޢުލާނުގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި، އެ ގަވާއިދުގެ ދަށުން ގޯއްޗަކަށް އެދުނީ ކަމަށް ބެލެވޭނީ، އެ ސަރަހައްދަކުން ގޯތި ދޫކުރަން ހަމަޖެހިއްޖެކަމާއި، ގޯއްޗަށް އެދި ހުށަހެޅުމަށް ޢާންމުކޮށް އިޢުލާނުކުރުމުން، ގޯއްޗަށް އެދޭ މީހާ ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް، ގޯތި ދޫކުރަން އިޢުލާނުކުރި އޮފީހަކަށް ހުށަހެޅުމުންނެވެ.
އެހެންކަމުން، ދިރިއުޅުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާއިން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައި ބަޔާންކުރާގޮތުގެ މަތިންނެވެ.
ހުށަހެޅިފައިވާ މައްސަލައަށް އުސޫލުތައް ތަޠުބީޤުކުރުން
ހުށަހެޅިފައިމިވާ މައްސަލާގައި، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 130/S2C/2019 ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ، ޒީނަތު ޙަސަންއަށް ހަދާދީފައިވާ ނަންބަރު GVR-319/2018 "ގޯތީގެ ވަގުތީ ރަޖިސްޓަރީ" އަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ޚިލާފަށް ހަދާދީފައިވާ ރަޖިސްޓަރީއެއްކަމުން، އެ ރަޖިސްޓަރީއަކީ ބާޠިލު ރަޖިސްޓަރީއެއްކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށް އެދިއެވެ.
ޒީނަތު ޙަސަންއަށް ހަދާދީފައިވާ ނަންބަރު GVR-319/2018 "ގޯތީގެ ވަގުތީ ރަޖިސްޓަރީ" އަކީ ޤާނޫނާ ޚިލާފަށް ހަދާދީފައިވާ ރަޖިސްޓަރީއެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އައްޑޫސިޓީ ކައުންސިލްއެވެ.
ނަންބަރު GVR-319/2018 "ގޯތީގެ ވަގުތީ ރަޖިސްޓަރީ" ގައި، ޒީނަތު ޙަސަންއާ ގޯތި ޙަވާލުކުރެވުނު ތާރީޚުކަމަށް ބަޔާންކޮށްފައިވަނީ އެ ރަޖިސްޓަރީވެސް ހައްދައިދިން ތާރީޚުކަމުގައިވާ 2 ސެޕްޓެމްބަރު 2018 އެވެ. އަދި އެ ރެޖިސްޓްރީގައި؛
މިއީ 2002 ވަނަ އަހަރު ހިތަދޫ މާމެންދޫ ސަރަހައްދުން ހިތަދޫ ރިވަރސައިޑް ޒީނަތު ޙަސަންއަށް ދޫކުރެވިފައިވާ 243 ނަންބަރު ގޯތި 2011 ވަނަ އަހަރު، އޭރުގެ ސަރުކާރުން ވަކިކޮށްފައިވާތީ، ވަކިކުރެވުނު ގޯތިތައް އަލުން ދޫކުރުމަށް ނިންމެވުމާ ގުޅިގެން 02.09.2018 ގައި ޒީނަތު ޙަސަނުއާއި ގޯތި ޙަވާލުކުރުމަށްފަހު ހަދައިދެވޭ ގޯތީގެ ވަގުތީ ރަޖިސްޓަރީއެކެވެ.
މިހެން ބަޔާންކޮށްފައިވެއެވެ.
އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އަންނަނިވި ކަންކަން ދަށު ކޯޓުގައި ފާހަގަކޮށްފައިވެއެވެ؛
(ހ) ޒީނަތު ޙަސަންއަށް އެއްވެސް އިރެއްގައި ގޯއްޗެއް ދޫކުރިކަން އެނގޭނެ އެއްވެސް ލިޔުމެއް އައްޑޫސިޓީ ކައުންސިލުގައިވެސް ނެތްކަމަށާއި، އަދި އެފަދަ ލިޔުމެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓުމަންޓުގައިވެސް ނެތްކަން އެ އިދާރާއިން ޒީނަތު ޙަސަންއަށް 16 ފެބްރުއަރީ 2017 ގައި ފޮނުވި ނަންބަރު (OTHER)138-LDS4/INDIV/2017/153 "އަމިއްލަ މީހުން ފޮނުވާ ގޯތީގެ އިންވަކިކުރުމަށް އެދޭ ފޯމުގެ ޖަވާބު" އިންވެސް އެނގެން އޮންނަކަން.
(ށ) ޒީނަތު ޙަސަންއަށް ހަދާދިން ވަގުތީ ރަޖިސްޓަރީގައި، 2002 ވަނަ އަހަރު ހިތަދޫ މާމެންދޫ ސަރަހައްދުން ޒީނަތު ޙަސަންއަށް 243 ނަންބަރު ގޯތި ދޫކުރެވުނުކަމަށާއި، އަދި އެތަން އޭނާގެ ކިބައިން 2011 ވަނަ އަހަރު ވަކިކުރެވުނުކަމަށް ބުނާއިރު، 2002 ވަނަ އަހަރު ނެގުނު ގުރުއަތުން ހިތަދޫ މާމެންދޫ ސަރަހައްދުގެ 243 ނަންބަރު ގޯތި ދޫކުރެވިފައިވަނީ ހިތަދޫ / ބޮކަރުމާގޭ ޙުސައިން އަޙްމަދަށްކަމަށާއި، މި ގޯއްޗަކީ އެއްވެސް އިރެއްގައި ދައުލަތަށް ނަގާފައިވާ ގޯއްޗެއް ނޫންކަމަށާއި އަދި މިހާރުވެސް އެ ގޯތީގައި ޢިމާރާތްކޮށް، މީހުން ދިރިއުޅެމުންދާކަން. މިކަން ސާބިތުކޮށްދިނުމުގެ ގޮތުން މާމެންދޫ ސަރަހައްދުން ގޯތި ދޫކުރި ގުރުއަތު ފޮތުގެ ކޮޕީއާއި އެ ގޯތި ހިމެނޭ ޗާޓު އައްޑޫސިޓީ ކައުންސިލުން ދަށު ކޯޓަށް ހުށަހަޅާފައިވެއެވެ.
(ނ) ޒީނަތު ޙަސަންއަށް ވަގުތީ ރަޖިސްޓަރީ ހައްދަދީފައިވަނީ އޮޑައްސައު ސަރަހައްދުގެ 243 ނަންބަރު ގޯތިންކަމުގައިވާއިރު، އޮޑައްސައު ސަރަހައްދުން ދޫކޮށްފައިވާ ގޯތީގެ ގުރުއަތު ފޮތުގައި އެ ސަރަހައްދުގެ 243 ނަންބަރު ގޯތި ދޫކޮށްފައިވަނީ ހިތަދޫ / ދިލްދާރުގޭ ޙަސަން ދީދީއަށްކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި މިސްކިތް ބިނާކުރުމަށް އޭނާގެ ގޯތި ފަހުން ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިކަން. މިކަން ސާބިތުކޮށްދިނުމުގެ ގޮތުން އޮޑައްސައު ސަރަހައްދުގެ ގުރުއަތު ފޮތުގެ ކޮޕީއަކާއި އެ ސަރަހައްދުގެ ޗާޓުގެ ކޮޕީއެއް އައްޑޫސިޓީ ކައުންސިލުން ދަށު ކޯޓަށް ހުށަހަޅާފައިވެއެވެ.
(ރ) އައްޑޫސިޓީ ކައުންސިލްގައި ހުރި ޗާޓުގައި އޮޑައްސައު ސަރަހައްދުގެ 243 ނަންބަރު ގޯތީގައި ޒީނަތު ޙަސަންގެ ނަން ޖަހާފައިވީ ނަމަވެސް، މިއީ ކޮން ދުވަސްވަރެއްގައި ހިނގިކަމެއްކަން އަދި ހިނގީ ކޮން ސަބަބަކާ ހުރެކަން އެނގޭނެ އެއްވެސް ލިޔުމެއް ކައުންސިލް އިދާރާއިން ފެންނަން ނެތްކަން.
ޒީނަތު ޙަސަންގެ ނަމުގައި ގޯތީގެ ވަގުތީ ރަޖިސްޓަރީ ހެއްދުނު ގޮތަށް ބަލާއިރު، ބިމުގެ ކަންކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓުމަންޓުގެ ދަށުން ބަލަހައްޓަމުން ދިޔަ ދުވަސްވަރު، 16 ފެބްރުއަރީ 2017 ގައި އެ ޑިޕާޓްމަންޓުން ޒީނަތު ޙަސަންއަށް ފޮނުވި ޖަވާބުގައި، ޒީނަތު ޙަސަންގެ ނަމުގައި ގޯއްޗެއް ލިބިފައިވާކަން އެނގެން ނެތްކަމަށް ބަޔާންކުރުމަށްފަހު، ގޯތި ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ގުރުއަތު ނަންބަރު ނަމަވެސް އޮތްނަމަ، އެ ޑިޕާޓްމަންޓަށް ހުށަހެޅުމަށް ޒީނަތު ޙަސަންއަށް އަންގާފައިވެއެވެ.
އޭގެ ފަހުން، 5 އޮގަސްޓް 2018 ގައި، ސ. ހިތަދޫ ސަރަންދީބުގެ / މުޙައްމަދު ލަޠީފުއާއި ޢަލީ ޚަލީލުއާ ދެ މީހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓުމަންޓަށް ބަޔާނެއް ދީފައިވެއެވެ. އެ ބަޔާނުގައި، މާމެންދޫ ސަރަހައްދުގެ 243 ނަންބަރު ގޯތި ޒީނަތު ޙަސަންއަށް ލިބުނުކަމަށް އެމީހުންނަށް އެނގޭކަމަށާއި، އަދި ފަހުން އެ ބިން ދައުލަތަށް ނެގިކަމަށް ބުނެ ބަޔާންދީފައިވެއެވެ.
ޒީނަތު ޙަސަންއަށް ހަދައިދިން ގޯތީގެ ވަގުތީ ރަޖިސްޓަރީ ހަދާދީފައިވަނީ 2 ސެޕްޓެމްބަރު 2018 ގައި މި ބަޔާންތަކުގެ މައްޗަށް ބުރަވެ ހުރެ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓުމަންޓުންނެވެ.
އައްޑޫސިޓީ ކައުންސިލުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، 1991 ވަނަ އަހަރާއި އަދި 2002 ވަނަ އަހަރުގައި އޮޑައްސައު ސަރަހައްދުންނާއި މާމެންދޫ ސަރަހައްދުން ގޯތި ދޫކުރިއިރު، ޒީނަތު ޙަސަން ގޯއްޗަކަށް އެދިފައިނުވާނެކަމަށް ޒީނަތު ޙަސަންވެސް އިޢުތިރާފުވެއެވެ. އަދި ސުޕްރީމް ކޯޓުގައިވެސް ބުނެފައިވަނީ ޒީނަތު ޙަސަންގެ ބައްޕަ އޮޑައްސައު ސަރަހައްދުގެ 243 ނަންބަރު ގޯތި އޮޅު ހައްދަން ބޭނުންކުރަމުން ދިޔަކަމަށާއި، އެ ބިމާ އިންވެގެން އޮންނަ ބިމުގައި އޮޅު ހައްދަމުން ދިޔަ ޒީނަތު ޙަސަންގެ ބޮޑުބޭބެއާއި އޭނާގެ ބައްޕައާ ދެމެދު މައްސަލަ ޖެހެން ފެށުމުން، އެ މައްސަލަ ހައްލުކުރަން ސ. ހިތަދޫ އޮފީހަށް ހުށަހެޅުނުކަމަށާއި، އެ އޮފީހުން އޭރު ލަފާދިނީ އެ ބިން ގޯއްޗެއްގެ ގޮތުގައި ހޯދުމަށް އެދި ހުށަހެޅުމަށްކަމަށެވެ. އެގޮތުގެ މަތިން، އެ ބިން ގޯއްޗެއްގެ ގޮތުގައި ހޯދުމަށް 2009 ވަނަ އަހަރު ޒީނަތު ޙަސަންގެ ފަރާތުން އެދުމުން، އެ ބިން އޭނާއަށް ދޫކޮށް، ބިން ކަނޑައި، އިން ވަކިކޮށްދީފައިވާކަމަށެވެ. 2011 ވަނަ އަހަރު އެ ބިމުގައި ޢިމާރާތްކުރަން ބެލިއިރު، ގޯއްޗާބެހޭ ލިޔެކިއުންތައް އަތުގައި ނެތުމުން، ގޯތީގެ ރަޖިސްޓަރީ ހޯދުމަށް އައްޑޫސިޓީ ކައުންސިލަށް ހުށަހެޅުނުކަމަށާއި، ކައުންސިލުން މަޢުލޫމާތު ދީފައިވަނީ އެ ބިން ގޯއްޗެއްގެ ގޮތުގައި ދޫކުރެވެން ނެތްކަމަށެވެ.
ޒީނަތު ޙަސަންއަށް އެ ގޯތީގެ ވަގުތީ ރަޖިސްޓަރީ ހައްދަދީފައިވަނީ ސެޕްޓެމްބަރު 2018 ގައި ބިން ދޫކުރުމުގެ ކަންކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުގައި އޮތް ދުވަސްވަރުއެވެ. މި މައްސަލައިގައި ހިތަދޫ މާމެންދޫ ސަރަހައްދުންނާއި އޮޑައްސައު ސަރަހައްދުން ބިން ދޫކުރެވުނު ގޮތުގެ ރިކޯޑުތައް އައްޑޫސިޓީ ކައުންސިލުގައި ހުރި ލިޔެކިއުންތަކުން ފެންނަންހުރި އިރު، ޒީނަތު ޙަސަންއަށް ބިން ދޫކޮށްފައިވަނީ ކިތާބީ ހެކިން އެނގެންހުރި ކަންތައްތަކާ ޚިލާފަށް، ޒީނަތު ޙަސަންއަށް މާމެންދޫ ސަރަހައްދުން 2002 ވަނަ އަހަރުގައި ގޯއްޗެއް ދޫކުރިކަމަށް ބުނެ ޙަޤީޤަތާ ޚިލާފަށް ދެ މީހަކު ދީފައިވާ ހެކިބަހުގެ މައްޗަށް ބިނާކޮށެވެ. ޚުދު ޒީނަތު ޙަސަންގެ އިޢުތިރާފުންވެސް 2002 ވަނަ އަހަރުގައި އޭނާ ގޯއްޗަކަށް އެދިފައިނުވާކަން އެނގެއެވެ.
ދައުލަތުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން އޮޅުމަކުން ދޫކުރެވޭ ލިޔުމެއް ނުވަތަ އެނޫން ގޮތަކަށް ދޫކުރާ ލިޔުމަކީ، ނުވަތަ އެ ލިޔުމުން ބާރުދޭ މުޢާމަލާތަކީ، ޤާނޫނުގައި ވަކިގޮތަކަށް ޢަމަލުކުރުމަށް ލާޒިމުކޮށްފައިވާ ކަމެއްގައި، އެ ނޫން ގޮތަކަށް ޢަމަލުކޮށްފައިވާނަމަ، އެ ލިޔުމުގެ ޤާނޫނީ ޞައްޙަކަން ނުވަތަ އެ ލިޔުމުން ބާރުދޭ މުޢާމަލާތުގެ ޞައްޙަކަން ގެއްލިގެންދާނެކަމެކެވެ. ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ އެ ލިޔުމަށްކަމަށް ބަޔާންވެ އޮންނަ އޮތުމަކީ، އެފަދަ ލިޔުމެއް ވުޖޫދުވެފައިވާ ގޮތަކީ އިތުރަށް ބެލުމަށް އަދި ޖަދަލުކުރުމަށް އޮތް ހުރަހެއްނޫނެވެ. އެހެނީ، ޤާނޫނު ހިމާޔަތްކޮށްދޭނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ހިނގާ މުޢާމަލާތްތަކެވެ. ޤާނޫނާ ޚިލާފަށް ހިނގާފައިވާ މުޢާމަލާތެއްގައި ދުރާލާ އެންގުމެއްނެތި، މުޢާމަލާތް ރޫޅިގެން ދިއުމުގެ ފުރުސަތު ބޮޑުއިރު، ރަޖިސްޓަރީއެއްފަދަ ޤާނޫނު ލާޒިމުކުރާ ލިޔުމަކުން، ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރެވޭ މުޢާމަލާތްތަކަށް ލިބިދެވޭ ރައްކާތެރިކަން، ޤާނޫނާ ޚިލާފަށް ހިނގާ މުޢާމަލާތްތަކަށް ދެމިނޯންނާނެއެވެ. ޤާނޫނު ހިމާޔަތްކޮށްދޭނީ ޤާނޫނުގައިވާ ކަންކަމެވެ. ޤާނޫނުގެ ބާރު ކެނޑޭ މޭރުމުން ހިނގާ ޢަމަލުތަކެއްނޫނެވެ.
ހިތަދޫ އޮޑައްސައު ސަރަހައްދުގެ 243 ނަންބަރު ގޯތީގެ ވަގުތީ ރަޖިސްޓަރީ ހެދީ ޒީނަތު ޙަސަން އަމިއްލައަށް ނޫންކަމަށް އޭނާގެ ފަރާތުން ބުނެއެވެ. އެ ރަޖިސްޓަރީއަކީ ދައުލަތުގެ ކަމާބެހޭ އިދާރާއިން ހައްދަދީފައިވާ ރަޖިސްޓަރީއެއްކަމުން، އެ ރަޖިސްޓަރީގެ ޞައްޙަކަން ދެމި އޮންނާނެތޯ ބަލާއިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގައި ވިޔަސް، ލޯކަލް ކައުންސިލްއެއް ކަމުގައި ވިޔަސް، ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ކަމުގައި ވިޔަސް، ޤާނޫނަކީ އެންމެންގެ މައްޗަށް ހިނގާނެ އެއްޗެކެވެ. ޤާނޫނެއްގައި ވަކި ގޮތަކަށް ޢަމަލުކުރުން ލާޒިމުކޮށްފައިވާ ހިނދު، ޤާނޫނު ހުއްދަކުރާ ގޮތް ނޫން އެހެންގޮތަކަށް ދައުލަތުގެ ކަމާބެހޭ އިދާރާއަށް ޢަމަލުކުރުމުގެ ބާރެއްނެތެވެ. އެފަދަ އިދާރާއެއްގެ ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފެއްގެ ޢަމަލުތައް ޤާނޫނަށްވުރެ އިސްނުކުރެވޭނެއެވެ. ދައުލަތުގެ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ޤާނޫނާ ޚިލާފަށް ކުރާ ޢަމަލަކުން އެހެން ފަރާތަކަށް މަންފާ ލިބި، އެ ޢަމަލަކީ ދައުލަތުގެ އިދާރާއަކުން ކޮށްފައިވާ ޢަމަލެއްކަމަށާއި އަދި ޤާނޫނުގައި ކަން އޮންނަގޮތް ނޭނގޭކަމަށް އެ ފަރާތުން ބުނުމަކީ، ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމުން ބަރީއަވެވެން އޮތް ހުއްޖަތެއް ނޫނެވެ. އަދި ހަމަ އެފަދައިން، އެހެން އެތައް ބައެއްގެ މައްޗަށް މަންފާ ލިބޭނެ ގޮތަކަށް ޤާނޫނާ ޚިލާފަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފުން ކުރާ ޢަމަލަކީ، ދެން ތިބޭ މީހުންގެ މައްޗަށްވެސް އެފަދަ ޢަމަލެއް ހުއްދަވެގެންދާނެ ސަބަބެއްނޫނެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، ޒީނަތު ޙަސަންއަށް އައްޑޫސިޓީއިން ގޯއްޗެއް ދޫކުރެވުނުކަން އެނގޭކަށްނެތެވެ. 2002 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބަންޑާރަ ގޯތި ދޫކުރާނަމަ، އަދި އެފަދަ ގޯއްޗަކަށް އެދޭނަމަ، އެކަން ކުރެވޭނެ ވަކި ގޮތްތަކެއް ހަމަޖެހިފައިވެއެވެ. އައްޑޫސިޓީ ކައުންސިލުން، މި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިހުރި ލިޔެކިއުންތަކުން، ޒީނަތު ޙަސަންއަށް ގޯއްޗެއް ހަމަޖައްސަދީފައިވަނީ، އެ ކައުންސިލުގައި ހުރި ލިޔެކިއުންތަކުން ސާބިތުވާ ކަންކަމާ ޚިލާފަށެވެ. އަދި މީގެ އިތުރުން، ޒީނަތު ޙަސަންގެ އަމިއްލަ އިޢުތިރާފުންވެސް، ޤާނޫނުގައި ބަޔާންވެފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ގޯއްޗަކަށް އެދިފައިނުވާކަން އެނގެންއޮވެއެވެ.
މިހާ ހިސާބަށް އަންނައިރު، އައްޑޫސިޓީ ކައުންސިލުން ކުރި ދަޢުވާއަށް ބާރުދޭ ހެކި އެ ކައުންސިލުން ކޯޓަށް ހުށަހަޅާފައިވާއިރު، އަދި ކަން ހިނގާދިޔަގޮތް ޒީނަތު ޙަސަންގެ އިޢުތިރާފުންވެސް އެނގެން އޮންނައިރު، ޒީނަތު ޙަސަންއަށް ދޫކުރި ވަގުތީ ރަޖިސްޓަރީއަކީ ޤާނޫނީ އިމުގެ ތެރެއިން، ޤާނޫނުގައިވާ ގޮތުގެ މަތިން، ޤާނޫނު ބުނާ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކުރުމަށްފަހު، ހަދާދީފައިވާ ޞައްޙަ ރަޖިސްޓަރީއެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަން ޖެހޭނީ ޒީނަތު ޙަސަންއަށެވެ. އެއީ ޒީނަތު ޙަސަންގެ ދިފާޢީ ދަފްޢު ސާބިތުކޮށްދިނުމުގެ ބުރަ، ޒީނަތު ޙަސަންއަށް ފުރޮޅިގެން ދިއުމެވެ.
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މި މުޢާމަލާތުގެ ޞައްޙަކަން ޒީނަތު ޙަސަންއަށް ދެން ސާބިތުކޮށްދެވޭނީ މިއީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އޭނާއަށް ދޫކުރި ގޯއްޗެއްކަން ސާބިތުކޮށްދެވޭނަމައެވެ. މި މައްސަލައިގެ ޝަރުޢީ ތިން މަރުހަލާގައިވެސް، ޤާނޫނުގައިވާ ގޮތުގެ މަތިން ގޯއްޗަށް އެދުމަށް ފުރުސަތު ހުޅުވާލެވުމުން، ކުރިމަތިލާފައިނުވާނެކަމަށް ޒީނަތު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ. އަދި މިހާރު ވަގުތީ ރަޖިސްޓަރީ ހައްދަދީފައިވާ އޮޑައްސައު ސަރަހައްދުގެ 243 ނަންބަރު ގޯއްޗަކީ، 2009 ވަނަ އަހަރު އޭރުގެ ބިން ދޫކުރި އިދާރާއަށް ސިޓީއެއް ލިޔެގެން ހޯދުމަށް އެދުނު ބިމެއް ކަމުގައިވާއިރު، އެ ބިމަކީ އެއިރުވެސް ޒީނަތު ޙަސަންއަށް ދޫކުރެވުނު ގޯއްޗެއްކަން އެއްވެސް ލިޔެކިޔުމަކުން ސާބިތުނުވާއިރު، 2002 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން ދިޔަ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށް، ދެ މީހަކު މެދުވެރިކޮށް ޙަޤީޤަތާ ޚިލާފު ބަޔާންތަކެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓުމަންޓަށް ދިނުމަށްފަހު، ހޯދާފައިވާ ބިމެއްކަން އެނގެއެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަން އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާގައި ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާގައި ހުށަހަޅާފައިވާ ހެއްކަށް ރިޢާޔަތްކޮށް، ޒީނަތު ޙަސަންއަށް އޮޑައްސައު ސަރަހައްދުގެ 243 ނަންބަރު ގޯތީގެ ވަގުތީ ރަޖިސްޓަރީ ހައްދަދީފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށްކަމަށް އައްޑޫސިޓީ ކައުންސިލަށް ސާބިތުކޮށްދެވިފައިވާކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމުގައިވާތީ، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/04 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.