ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 37 · 2018/SC-A/29

ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް)

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ޖޫން 2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HC-A/374
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން (2015/Cv-C/1024) މެޖޯރިޓީ ހިއްސާދާރުން ކުންފުންޏަށް ގެއްލުންވާގޮތަށް ޢަމަލުކުރިކަން ސާބިތުނުވާތީ އެދުނު ގޮތަށް ފައިސަލާ ނުކުރެވޭނެކަމަށް ނިންމި. ހައިކޯޓުން (2016/HC-A/374) ނޯޓިސް ނުފޮނުވުމަކީ އިދާރީ އިހުމާލެއް ނަމަވެސް ނިންމުމަށް ބަދަލެއް ނާންނާނެކަމަށާއި، ލޯނު ނެގީ އަސާސީ ގަވާއިދާ އެއްގޮތަށްކަމަށް ބުނެ ސިވިލް ކޯޓުގެ ޙުކުމް ޤާއިމްކުރި.
ވާޤިޢާ
ބްލޫ ލެގޫންގެ 3 ޑިރެކްޓަރުން/ހިއްސާދާރުންގެ ތެރެއިން 2 ޑިރެކްޓަރުން 2010 ނޮވެންބަރު 7 ގައި ބޭއްވި ބޯޑު ޖަލްސާއިން، މަޑޫގަލީގެ ހެޑް-ލީސް ރަހުނުކޮށް ބޭންކް އޮފް ސިލޯނުން 3,700,000 ޑޮލަރުގެ ލޯނެއް ނެގުމަށް ނިންމި. ޖަލްސާގެ ނޯޓިސް ނުލިބުނުކަމަށާއި ކުންފުނި ދަރަނިވެރިވީ އެ ދެ ޑިރެކްޓަރުންގެ ޢަމަލުތަކުން ކަމަށް ބުނެ، މައިނޯރިޓީ ހިއްސާދާރު ޙުސައިން ޝަރީފް ކުންފުނީގެ މުދާ އަގުކޮށް ދަރަނި ހިސާބުކޮށް، ދަރަންޏަށް ޖާމިނުވުމުގެ މުޤާބިލުގައި މަޑޫގަލީގެ ލީސް ޙައްޤުތައް އޭނާއަށް ބަދަލުކޮށްދިނުމަށް ދަޢުވާކުރި.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބޯޑު ޖަލްސާއަށް ނޯޓިސް ނުލިބި ކުންފުނީގެ އަޣުލަބިއްޔަތު ޑިރެކްޓަރުން ނެގި ލޯނާއި ރަހުނާ ގުޅިގެން، މައިނޯރިޓީ ހިއްސާދާރަކު ކުރި ދަޢުވާގައި ކުންފުނީގެ މުދާ އޭނާގެ ނަމަށް ބަދަލުކޮށްދެވޭތޯ؛ އަދި ޑިރެކްޓަރުންގެ ވާޖިބާއި ކުންފުނީގެ ޙައްޤުތަކާ ގުޅޭ ނުކުތާތައް ވަކިކޮށް ކަނޑައަޅައި ވާޤިޢާތައް ކަށަވަރުނުކޮށް ދަށު ކޯޓުތަކުން މައްސަލަ ނިންމުން ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޙުސައިން ޝަރީފް ބުނީ ދަށު ކޯޓުތަކުން ކުންފުނި ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ލިބޭ ޙައްޤާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ރިޢާޔަތްނުކޮށް، ހެކި ވަޒަންނުކޮށް، ބައެއް ނުކުތާތަކާމެދު ހައިކޯޓުން ގޮތެއް ނުނިންމާ، ސިވިލް ކޯޓުން ޙުކުމްކުރުމަށްފަހު ރިޕޯޓަށް ބަދަލު ގެނައިކަމަށެވެ. ބްލޫ ލެގޫން ބުނީ ލޯނު ނެގީ ކޯރަމް ހަމަވާ ބޯޑު ޖަލްސާއަކުން ހުއްދަތައް ހޯދައިގެންކަމަށާއި، ތިންވަނަ ފަރާތުގެ ޙައްޤު އެކުލެވިފައިވާކަމަށެވެ. ދައުލަތުން ބުނީ މިއީ މައުޟޫޢީ ގޮތުން ޖަވާބުދާރީވާ މައްސަލައެއް ނޫންކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣުލަބިއްޔަތު ރައުޔުގައި ކުންފުނީގެ މުދާ ހިއްސާދާރަކަށް ބަދަލުނުކުރެވޭނެކަން ޤަބޫލުކުރި ނަމަވެސް، ދަޢުވާގައި ހިއްސާދާރުގެ އަމިއްލަ ޙައްޤާއި ކުންފުނީގެ ޙައްޤު އެއްކޮށްލެވިފައިވާއިރު ދަށު ކޯޓުތަކުން ޤާނޫނީ ނުކުތާތައް ވަކިކޮށް ކަނޑައަޅައި، ޑިރެކްޓަރުންގެ ވާޖިބާ ގުޅޭ ވާޤިޢާތައް ކަށަވަރުނުކޮށް މައްސަލަ ނިންމި. އެ ނިންމުން ޤާއިމްކޮށްފިނަމަ ކުންފުނީގެ ނަމުގައި ކުރެވިދާނެ ދަޢުވާއަކަށް ވާޤިޢާތައް ނިހާއީވެގެންދާތީ ދެ ކޯޓުގެ ޙުކުމް ބާޠިލުކޮށް، ކުންފުނީގެ ޙައްޤުގައި ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހެޅިދާނެކަމަށް ބުނެފައިވެއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެއް ކަމަށްވާތީ، ކުންފުނީގެ އެސެޓްތައް ކުންފުނީގެ ކިބައިން ވަކިކޮށް ވަކި ހިއްސާދާރެއްގެ އަމިއްލަ ނަމަށް ބަދަލުނުކުރެވޭނެއެވެ؛ ކުންފުނީގެ މުދަލުގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޤާނޫނު ހުއްދަކުރާ ގޮތަކަށް މެނުވީ ނޫނެވެ.

HN2 ކުންފުނި ހިންގަންވާނީ ޤާނޫނާއި ހިންގާ ގަވާއިދާ އެއްގޮތަށް ޑިރެކްޓަރުންގެ ބޯޑުންނެވެ. ހިންގާ ގަވާއިދުން ޑިރެކްޓަރުންގެ ބޯޑަށް ދޭ ބާރުތަކަކީ ހަމައެކަނި ބޯޑަށް ލިބިދޭ ބާރުތަކެއް ކަމަށްވާތީ، ހިއްސާދާރުންނަށް، އަރަނިވެރިންނަށް ނުވަތަ ވަކިވަކި ޑިރެކްޓަރުންނަށް އޮތް ބާރެއް ނޫނެވެ. ކުންފުނި ހިންގާގޮތާމެދު ހިއްސާދާރުން ހިތްހަމަނުޖެހޭނަމަ ޚާއްޞަ ޤަރާރަކުން ޑިރެކްޓަރުން ވަކިކުރެވިދާނެއެވެ.

ޕެރ. 26-29؛ އަޣުލަބިއްޔަތު ރައުޔުގެ ޕެރ. 112 ގައި ތާއީދުކޮށްފައިމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN3 ޑިރެކްޓަރުންގެ މައްޗަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތްކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބު އޮވެއެވެ. ފިޑިއުޝަރީ ވާޖިބު އޮންނަނީ ހަމައެކަނި ކުންފުންޏަށެވެ؛ ހިއްސާދާރުންނަށް ނުވަތަ އަރަނިވެރިންނަށް ނޫނެވެ. ޑިރެކްޓަރަކު ވާޖިބު އަދާކޮށްފައިވޭތޯ ބަލަނީ ސަބްޖެކްޓިވް މިންގަނޑުން، އެއީ ހެޔޮ ނިޔަތުގައި ކުންފުންޏަށް އެންމެ ފައިދާހުރި ގޮތްކަމަށް އޭނާއަށް ޤަބޫލުކުރެވޭ ގޮތަށް ޢަމަލުކޮށްފައިވޭތޯއެވެ؛ ކޯޓަށް ފެންނަ ގޮތެއް ނޫނެވެ. ކުންފުނީގެ މަޞްލަޙަތަށް ވިސްނާފައިވާކަމުގެ ހެކި ނެތް ޙާލަތުގައި އޮބްޖެކްޓިވް މިންގަނޑު ބޭނުންކުރެވިދާނެއެވެ.

ޕެރ. 30-35، 42؛ ޕެރ. 112 ގައި ތާއީދުކޮށްފައިމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN4 މަކަރާއި ޙީލަތް ހެދުން، ނުނިޔަތުގައި ކަންކުރުން ނުވަތަ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުން ލިބިދޭ ބާރުގެ ބޭރުން ކަންކުރުން ފިޔަވައި، ހެޔޮ ނިޔަތުގައި އިޚްލާޞްތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި ޑިރެކްޓަރަކު ކުރާ ކަމެއްގެ ސަބަބުން އެ ޑިރެކްޓަރަކު ކުށްވެރިއެއް ނުވާނެއެވެ.

ޕެރ. 41؛ ޕެރ. 112 ގައި ތާއީދުކޮށްފައިމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި
މަދަނީ › މަދަނީ – ކުންފުނި (ޑިރެކްޓަރުންގެ ވާޖިބު، މައިނޯރިޓީ ހިއްސާދާރުންގެ ޙައްޤު)

HN5 އިންޑޯ މެނޭޖްމަންޓް ރޫލްގެ ދަށުން، ކުންފުންޏާ މުޢާމަލާތްކުރާ ފަރާތްތަކަށް ކުންފުނީގެ ނިންމުންތަކަކީ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އިފްތިރާޟުކުރުން ހުއްދައެވެ؛ މި ގަވާއިދުގެ އިސްތިސްނާތައް 2017/SC-A/40 ގައި ބަޔާންކޮށްފައިވެއެވެ.

ޕެރ. 43؛ ޕެރ. 112 ގައި ތާއީދުކޮށްފައިމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN6 ކުންފުނި ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކޯޓަށް ނެރެވޭނީ ކުންފުނީގެ ކަންތައްތައް ވަކި ގޮތަކަށް ހިންގުމުގެ، ޝަކުވާކުރާ ކަމެއް ރަނގަޅުކުރުމުގެ ނުވަތަ ހުއްޓުވުމުގެ، އަދި އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގެ އަމުރެވެ. އެ މާއްދާގެ ދަށުން ކުންފުނި އުވާލުމަށް، ކުންފުނީގެ މުދާ ވިއްކުމަށް ނުވަތަ މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމަށް އަމުރެއް ނުކުރެވޭނެއެވެ.

ޕެރ. 44-45؛ ޕެރ. 112 ގައި ތާއީދުކޮށްފައިމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN7 ޑިރެކްޓަރުން އަމިއްލަ މަޞްލަޙަތު ކުރިއަށް ނެރެގެން ކުންފުނި ހިންގާނަމަ ކުންފުނި ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (6) ގެ ދަށުން ކުންފުނި އުވާލުމަށް އެދެވިދާނެއެވެ؛ ނަމަވެސް ހިއްސާ ގަތުން ފަދަ އެހެން ހައްލެއް ނެތްކަން ދަޢުވާކުރާ ފަރާތުން ސާބިތުކުރަންޖެހޭނެއެވެ.

ޕެރ. 46؛ ޕެރ. 112 ގައި ތާއީދުކޮށްފައިމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN8 ޑިރެކްޓަރުންގެ ވާޖިބުތަކާ ޚިލާފުވުމާ ގުޅޭ ދަޢުވާ ކުރެވޭނީ ކުންފުންޏަށެވެ. ނަމަވެސް ޤާނޫނެއްގައި ޙައްޤެއް ހިމާޔަތްކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ޙައްޤު ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ؛ ކުންފުނީގެ އަޣުލަބިއްޔަތު އޮތް ފަރާތްތަކުން ކުންފުންޏާ ދެކޮޅަށް ޢަމަލުކުރާ ޙާލަތުގައި، ކޯޓުގެ ހުއްދައާއެކު ކުންފުނީގެ ފަރާތުން މައިނޯރިޓީ ހިއްސާދާރަށް ދަޢުވާކުރުމުގެ ފުރުޞަތު ލިބެންޖެހޭނެއެވެ.

HN9 މައިނޯރިޓީ ހިއްސާދާރަކު ކުންފުނީގެ ފަރާތުން ކުރާ ދަޢުވާއެއް މައުޟޫޢީ ގޮތުން ބެލުމުގެ ކުރިން، (1) ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް އޮތް ފަރާތްތަކުން ކުންފުނީގެ ނަމުގައި ދަޢުވާކުރުން ހުއްޓުވާނެކަމާއި، (2) ދަޢުވާ ހުށަހަޅަނީ ހެޔޮ ނިޔަތުގައި ކުންފުނީގެ މަޞްލަޙަތަށްކަމާއި، (3) މަދަނީ މިންގަނޑުން އެކަށީގެންވާ ހެކި ނުވަތަ ޕްރިމާ ފޭޝީ ކޭހެއް އޮތްކަން ކޯޓުން ކަނޑައެޅިދާނެއެވެ؛ މި ކަންކަން ފުރިހަމަވާނަމަ ކޯޓުން މައްސަލަ މައުޟޫޢީ ގޮތުން ބަލައި ހައްލެއް ކަނޑައަޅަންވާނެއެވެ.

HN10 ޑިރެކްޓަރަކު ވާޖިބަކާ ޚިލާފުވެފައިވޭތޯ ބެލުމުގައި ވާޖިބުން ވާޖިބަށް ބަލަންޖެހޭ ކަންކަމާއި މިންގަނޑު ތަފާތުވެއެވެ؛ ވާޖިބަކާ ގުޅިގެން ޑިރެކްޓަރެއްގެ ނިޔަތް ކަނޑައަޅަންޖެހިއްޖެނަމަ އެ ޑިރެކްޓަރުގެ ބަސް ޝަރީޢަތުން ހޯދަންވާނެއެވެ.

HN11 ހެކި ވަޒަންކުރުމަކީ މައްސަލަ ބަލާ ކޯޓުގެ ތަޤްދީރީ ބާރެއް ނަމަވެސް (2010/SC-A/02)، އެއީ މުޠުލަޤު ބާރެއް ނޫނެވެ؛ ހެކި ވަޒަންކުރީ ރަނގަޅަށްތޯ އިސްތިއުނާފީ ކޯޓަކަށް ކަނޑައެޅިދާނެއެވެ (2018/SC-A/49). ހެކި ބަލައިގަތުމާއި ވަޒަންކުރުމުގެ ނިންމުމަކީ ސަބަބު ބަޔާންކުރާ، ޤާނޫނީ ބުރަދަން ހުރި ސަބަބުތަކެއްގެ މައްޗަށް ބިނާވާ ނިންމުމަކަށް ވާންޖެހޭނެއެވެ (2017/SC-A/26).

HN12 2008 ގެ ޤާނޫނުއަސާސީގެ ދަށުން ކޯޓެއްގެ ޙުކުމެއް ބަދަލުކުރެވޭނީ އިސްތިއުނާފުގެ ނިޒާމުގެ ތެރެއިންނެވެ؛ ޙުކުމް ބަދަލުކުރުމާ ގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6 ގެ 107 ވަނަ މާއްދާ މިހާރު ތަޠުބީޤު ނުކުރެވޭނެއެވެ. ނަތީޖާއަށް ބަދަލު ނާންނަ އިމްލާ، ހިސާބު، ތާރީޚު ނުވަތަ ނަން ފަދަ ކުދި ކުށްތައް (2019/SC-A/54 ގައިވާ ގޮތަށް) ޙުކުމްކުރި ކޯޓަށް ދެފަރާތުގެ ޙާޟިރުގައި އިޞްލާޙުކުރެވިދާނެއެވެ؛ އެ އިޞްލާޙުގައި ފަނޑިޔާރުގެ ސޮއި އޮންނަންޖެހޭ ނަމަވެސް، ސޮއި ނެތުމަކީ ހަމައެކަނި އެ ސަބަބަށް މުޅި މައްސަލަ ބާޠިލުކުރަންޖެހޭ ސަބަބެއް ނޫނެވެ.

HN13 ޤާނޫނީ ގޮތުން އޮޅުންބޮޅުން އަރާ ދަޢުވާއެއްގައި ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ނުކުތާތައް ވަކިކޮށް ކަނޑައެޅުމާއި ވާޤިޢާތައް ކަށަވަރުކުރުމެއްނެތި ކޯޓުން ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ބޭނުމަށް ޝަރީޢަތެއް ކުރުން ނޫނެވެ. ކުންފުނީގެ މަޞްލަޙަތު ހިމެނޭ ވާޤިޢާތަކާމެދު ކަނޑައެޅި ނިންމުން ޤާއިމްވެއްޖެނަމަ މުސްތަޤުބަލުގައި ކުންފުނީގެ ނަމުގައި ކުރެވޭ ދަޢުވާއަކަށް ނިހާއީ ޙުކުމެއްގެ ބާރު ލިބޭތީ، އެފަދަ ޙުކުމް ބާޠިލުކުރަންޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް
މި ކޯޓުގައި
ހުށަހެޅުނީ 18 ފެބުރުއަރީ 2018 · ރަޖިސްޓްރީކުރީ 25 ޖޫން 2018 · ނިމުނީ 23 ޖޫން 2022 (47.9 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

` ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް)

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/374 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙުސައިން ޝަރީފް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: (މީގެ ފަހުން "ޙުސައިން ޝަރީފް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ 2 (ދޭއް) ފަރާތެއްވެއެވެ. ފުރަތަމަ ފަރާތަކީ ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު: 83/13-C) (މީގެ ފަހުން "ބްލޫ ލެގޫން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ދެވަނަ ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް (މީގެ ފަހުން "ޓޫރިޒަމް") އެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1024/Cv-C/2015 ޤަޟިއްޔާއިންނެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ބްލޫ ލެގޫން އަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެކެވެ. މި ކުންފުނީގެ ޙިއްޞާދާރުން އަދި ޑިރެކްޓަރުންނަކީ ޙުސައިން ޝަރީފްގެ އިތުރުން މޫސާ ޙަސަން އާއި ޙަސަން ޢަފީފުއެވެ.

މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް 2010 ނޮވެންބަރު 07 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި ޖަލްސާއަށް ހާޒިރުވިކަމަށް ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމުގައި ވަނީ ބްލޫ ލެގޫންގައި ހިމެނޭ 03 (ތިނެއް) ޑިރެކްޓަރުންގެ ތެރެއިން 02 (ދޭއް) ޑިރެކްޓަރުން ކަމަށްވާ މޫސާ ޙަސަން އާއި ޙަސަން އަފީފެވެ. ޖަލްސާއަށް ހާޒިރުވެފައި ނުވަނީ ޙުސައިން ޝަރީފް އެވެ. މި ޖަލްސާއަށް ޙުސައިން ޝަރީފް ހާޒިރުވެފައިނުވަނީ ޖަލްސާއަށް ހާޒިރުވުމުގެ ނޯޓިސް އޭނާއަށް ލިބިފައިނުވާތީ ކަމަށް ޙުސައިން ޝަރީފް ބުނެއެވެ.

ޖަލްސާ އިން ނިންމީ ބޭންކް އޮފް ސިލޯން އިން US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރުގެ( ލޯނެއް ނެގުމަށެވެ. ބްލޫ ލެގޫން އިން ނަގާ ލޯނުގެ ބޭނުމަކީ ނ. ރާފުށި ނަމަކަށްކިޔާ ރަށެއްގެ ކުލީގެ އެގްރީމަންޓް (Lease Agreement) ހޯދުމަށް ފައިސާ ދެއްކުންކަން ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަށް ބެލުމުން އެނގެއެވެ. ލޯނު ނެގުމަށް ރަހުނުކުރީ ޓޫރިޒަމް އިން ބްލޫ ލެގޫނަށް ކުއްޔަށް ދޫކޮށްފައިވާ އަރިއަތޮޅު މަޑޫގަލީގެ ހެޑް-ލީސް (Head-Lease) އެވެ.

ބްލޫ ލެގޫންގެ ދެ ޑިރެކްޓަރުން ކަމަށްވާ މޫސާ ޙަސަން އާއި ޙަސަން އަފީފުގެ ޢަމަލުތަކުގެ ސަބަބުން ބްލޫ ލެގޫން ދަރަނިވެރިވެ، ކުންފުނީގެ ހަމައެކަނި އެސެޓްކަމުގައިވާ މަޑޫގަލި ޓޫރިސްޓް ރިސޯޓު ކުންފުނީގެ ކިބައިން ވަކިވުމުގެ އިޙްތިމާލު އަދި ކުންފުނީގެ ދަރަނިތައް އަދާކުރުމަށްޓަކައި ކުންފުނީގައި އޮތް ހަމައެކަނި އެސެޓް ކަމަށްވާ މަޑޫގަލި ޓޫރިސްޓް ރިސޯޓް ވިއްކާލުމުގެ އިޙްތިމާލު އޮތްކަމަށް ޙުސައިން ޝަރީފު ބުނެއެވެ.

މީގެ އިތުރަށްވެސް، ބްލޫ ލެގޫންގެ ދެ ޑިރެކްޓަރުންކަމަށްވާ ޙަސަން ޢަފީފު އަދި މޫސާ ޙަސަންގެ މައްޗަށް އިތުރު ތުހުމަތުތަކެއްކޮށް ޝަރީޢަތުގައި ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް މި ދެފަރާތަކީ ހުށަހެޅުނު ޤަޟިއްޔާގައި ދަޢުވާލިބޭ ދެފަރާތްކަމަށް ނުވާތީވެ އެ ތުހުމަތުތައް ޝަރީޢަތުން ބަލާފައެއް ނުވެއެވެ.

ޙުސައިން ޝަރީފްގެ ފަރާތުން ބްލޫ ލެގޫން އަދި ޓޫރިޒަމްގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ކުރި ދަޢުވާގައި އެދެނީ ބްލޫ ލެގޫންގެ ހަމައެކަނި އެސެޓުކަމުގައިވާ މަޑޫގަލި ޓޫރިސްޓް ރިސޯޓު ކުންފުނީގެ ކިބައިން ވަކިވުމުގެ އިޙްތިމާލު އަދި ކުންފުނީގެ ދަރަނިތައް އަދާކުރުމަށްޓަކައި މަޑޫގަލި ޓޫރިސްޓް ރިސޯޓް ވިއްކާލުމުގެ އިޙްތިމާލު އޮތަތީ، ޙުސައިން ޝަރީފުގެ ޙައްޤުތަކާއި މަޞްލަޙަތަށް ލިބޭ އުނިކަން ހިމާޔަތްކުރުމަށްޓަކައި، މަޑޫގަލި ޓޫރިސްޓް ރިސޯޓު ހިމެނޭގޮތަށް، ކުންފުނީގެ މުދައު ކޯޓުން އަގުކޮށްދިނުމަށާއި ކުންފުނީގެ ދަރަނިތައް ޝަރީޢަތުން ހިސާބުކޮށްދިނުމަށާއި، ކުންފުނީގެ ދަރަނިތަކާ ޙުސައިން ޝަރީފް ޖާމިނުވެ، އެ ދަރަނިތައް އަދާކުރުމުން، އޭގެ މުޤާބިލުގައި މަޑޫގަލި ޓޫރިސްޓް ރިސޯޓުގެ ހެޑް-ލީސް (Head-Lease) ގެ ދަށުން ބްލޫ ލެގޫން އަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ޙުސައިން ޝަރީފަށް ލިބި ދިނުމަށާ އަދި މިކަން ތަންފީޛު ކޮށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ކޯޓުން އަމުރުކޮށް ދިނުމަށެވެ.

ސިވިލް ކޯޓުގެ ނިންމުން

ސިވިލް ކޯޓަށް ޙުސައިން ޝަރީފް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ޙުސައިން ޝަރީފް އެދުނު ފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ: "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކު ގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބެލިއިރު، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ޝަރީފް ހުށަހަޅާފައިވާ މައްސަލައިގައި، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުންވާގޮތަށް އެކުންފުނީގެ މެޖޯރިޓީ ޙިއްޞާދާރުން ޢަމަލުކޮށްފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާތީ، އެ ކުންފުނީގެ މައިނޯރިޓީ ޙިއްޞާދާރުކަމުގައިވާ ޙުސައިން ޝަރީފް ދަޢުވާގައި އެދިފައިވާ ފަދައިން ފައިސަލާކޮށްދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

ހައިކޯޓުގައި ކުރި އިސްތިއުނާފް

ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ޤަޟިއްޔާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީވެ ޙުސައިން ޝަރީފްގެ ފަރާތުން 6 (ހައެއް) ނުކުތާއެއް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ޙުސައިން ޝަރީފުގެ ފަރާތުން ހައިކޯޓުގައި ކުރި އިސްތިއުނާފުގެ ޚުލާޞާއަކީ، ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާއާއި 74 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި، އަދި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) އާއި (ޅ) ގައި ކަނޑައަޅާފައިވާ އުޞޫލާއި، ސުޕްރީމް ކޯޓުގެ ލިންކް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ކަނޑައަޅާފައިވާ އުޞޫލާއި ހައިކޯޓުގެ އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 02 ވަނަ ނަންބަރުގެ (ނ) ގައި ކަނޑައަޅާފައިވާ އުޞޫލާއި ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 38 ވަނަ މާއްދާއާއި، 49 ވަނަ މާއްދާއާއި 107 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ. އަދި ސިވިލް ކޯޓުގެ ނިންމުމުގެ ސަބަބުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޙުސައިން ޝަރީފަށް ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރުމުގެ ޙައްޤަށް އުނިކަންލިބޭ ކަމަށްބުނެ ކުރި އިސްތިއުނާފުއެވެ.

ހައިކޯޓުގެ ނަންބަރު 2016/HC-A/374 ޤަޟިއްޔާގެ ނިންމުމުން އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

ކުންފުނީގެ ބައްދަލުވުންތަކުގެ ނޯޓިސް، ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންގެ ހުރިހާ މެންބަރުންނަށް ފޮނުވަން ޖެހޭކަމާއި، ޙުސައިން ޝަރީފަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ބްލޫ ލެގޫން އަށް ސާބިތުކޮށްދެވިފައިނުވާކަމާއި ބައްދަލުވުންތަކުގެ ނޯޓިސް ފޮނުވުމަކީ އިދާރީ ގޮތުން ކުރަންޖެހޭ ކަމެއްކަން އެނގެން އޮންނައިރު ނޯޓިސް ނުފޮނުވުމަކީ އިދާރީ އިހުމާލެއްކަމާއި، ބްލޫ ލެގޫން އިން ލޯނު ނަގާފައިވަނީ ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ބާއްވައި ކުންފުނީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުންފުނީގެ ބޯޑުން ފާސްކޮށްގެންކަމާއި، ޙުސައިން ޝަރީފަކީ މައިނޯރިޓީ ޙިއްޞާދާރެއްކަމުން ކުންފުނީގެ އަޣްލަބިއްޔަތުން ނިންމާފައިވާ ކަންތައްތައް ބަދަލު ކުރުމުގެ ބާރެއް ޙުސައިން ޝަރީފަށް ލިބިފައިނުވާތީ ޙުސައިން ޝަރީފް އެ ބައްދަލުވުމުގައި ބައިވެރިވި ނަމަވެސް އެ ނިންމުން ބަދަލުކުރުމުގެ ބާރު ޙުސައިން ޝަރީފަށް ލިބިފައިނުވާކަމާއި، ކުންފުނީގެ ކަންތައްތައް ނިންމުމުގެ ބާރު ލިބިދީފައިވަނީ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުނަށް ކަމުން ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ އަޣްލަބިއްޔަތުން ނިންމި ނިންމުން ޙުސައިން ޝަރީފަށް ބަދަލުކުރުމުގެ ބާރު ލިބިފައިނުވަނީސް ބްލޫ ލެގޫންގެ ފަރާތުން ލޯނު ނެގުމަށް ފާސްކުރި ބައްދަލުވުމަށް ޙުސައިން ޝަރީފަށް ޙާޟިރުނުވެވި ޙުސައިން ޝަރީފުގެ ފަރާތުން ދެކޭ ގޮތް ބުނުމުގެ ޙައްޤު ނުލިބުނު ކަމަށްޓަކައި ބްލޫ ލެގޫންގެ ފަރާތުން ނަގާފައިވާ ލޯނުގެ މުޢާމަލާތާ ގުޅިގެން އިތުރު ފަރާތްތަކެއްގެ ޙައްޤުތައް މިކަމުގައި ހިމެނިގެންވާއިރު، އެ ނިންމުން ނިންމި ދުވަސްވަރު ޙުސައިން ޝަރީފުގެ ފަރާތުން އިޢުތިރާޒް ކޮށްފައިވާކަން އެނގެން ނެތްއިރު އެ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ބެލެވެން ނެތްކަން.

ބްލޫ ލެގޫންގެ ވިޔަފާރި ސިޔާސަތުތައް ކަނޑައެޅުމަކީ އެކުންފުނީގެ އަމިއްލަ އިދާރީ ހިންގުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި ކުންފުނީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދާ އެއްގޮތަށް ކުންފުންޏަށް އެސެޓް އިތުރުކުރުމުގެ ގޮތުން ނުވަތަ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ކުންފުނީގެ ޑިރެކްޓަރުން ނިންމާ ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ގެއްލުމެއްލިބޭ ކޮންމެ ޙާލަތަކީ ކުންފުނީގެ ސިޔާސަތު ކަނޑައެޅި ފަރާތްތައް ޒިންމާދާރުވާންޖެހޭ ޙާލަތެއް ނޫންކަން ސެޕެރޭޓް ލީގަލް އެންޓިޓީގެ މަބްދަޢުއަށް ބަލާއިރު އެނގެން އޮންނަކަން.

ބްލޫ ލެގޫންގެ މެޖޯރިޓީ ޙިއްޞާދާރުން ލޯނުގެ ފައިސާ ޚަރަދު ކޮށްފައިވަނީ އެ ކުންފުނީގެ އެސެޓްތައް އިތުރުކުރުމުގެ ގޮތުންކަން އެނގޭކަމަށާއި ބްލޫ ލެގޫން އާއި އެގްޒޯޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޫ ލެގޫން އަށް އެގްޒޯޓިކް ޕްރޮޕަރޓީސް އިން ތަރައްގީ ކުރާ ރިސޯޓުގެ %30 (ތިރީސް އިންސައްތަ) ޙިއްޞާދިނުމަށް އެއްބަސްވެފައިވާކަން އެނގެން އޮންނަކަމާއި، ކުންފުންޏަށް އެސެޓް އިތުރުކުރުމުގެ ބާރު ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންނަށް ލިބިގެންވާއިރު ޙުސައިން ޝަރީފްގެ ދަޢުވާ ސާބިތުކުރުމަށް ޙުސައިން ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި ކުންފުނީގެ މެޖޯރިޓީ ޙިއްޞާދާރުންގެ ޢަމަލުތަކުން ކުންފުނި ދަރަނިވެރިވެފައިވާކަމަށް ބެލެވެން ނެތްކަން.

ހައިކޯޓުގެ ނަންބަރު 2016/HC-A/374 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް އެ ކޯޓުން ކޮށްފައިވާ ޙުކުމެއް ކަމަށްބުނެ ޙުސައިން ޝަރީފްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޙުކުމަށް ހައިކޯޓުން ބަދަލެއްގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު

ޙުސައިން ޝަރީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ހައިކޯޓުގައިވެސް އޭނާގެ ފަރާތުން އިސްތިއުނާފު ކުރި ނުކުތާތަކާ އެއްގޮތް ނުކުތާތަކެވެ.

ޙުސައިން ޝަރީފުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނެވެ. ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން އެ އަމުރު ނެރެދެވެން ނެތްކަމަށް ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގައި ޙުސައިން ޝަރީފް ކުރި އިސްތިއުނާފުގެ ޖަވާބުގައި ބްލޫ ލެގޫންގެ ފަރާތުން ބުނަނީ ބްލޫ ލެގޫންގެ ދަރަންޏާއި ޙުސައިން ޝަރީފް ޖާމިނުވުމުގެ މުޤާބިލުގައި މަޑޫގަލި ރިސޯޓް އަގުމަގުކޮށް ޙުސައިން ޝަރީފްގެ ނަމަށް އެ ރަށުގެ މިލްކުވެރިކަން ބަދަލު ކުރެވިދާނެފަދަ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ.

ސުޕްރީމް ކޯޓުގައި ޙުސައިން ޝަރީފް ކުރި އިސްތިއުނާފުގެ ޖަވާބުގައި ޓޫރިޒަމް އިން ބުނަނީ ބްލޫ ލެގޫންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ބްލޫ ލެގޫންގެ ޙިއްޞާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލަތަކަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ، އަދި މި މައްސަލައަކީ ޓޫރިޒަމްއިން މައުޟޫޢީ ގޮތުން ޖަވާބުދާރީވާން ޖެހޭފަދަ މައްސަލައެއްކަމަށް ނުވާތީ، އިސްތިއުނާފު ކުރެވިފައިވާ ނުކުތާތަކުގެ ރައްދުގައި ވަކި އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ.

ޙުސައިން ޝަރީފްގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާއަށާއި ހައިކޯޓަށް އަދި ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށާއި މި ތިން މަރުޙަލާގައި ބްލޫ ލެގޫން އަދި ޓޫރިޒަމް އިން ދެއްކި ވާހަކަތަކަށާއި ސިވިލް ކޯޓާއި ހައިކޯޓުގެ ރިޕޯޓަށް ބަލާއިރު، ޤާނޫނީ ގޮތުން އަހުރެން އެއްޗެއް ބުނަންޖެހޭ މައިގަނޑު ކަންކަމަކީ،

ބޭންކް އޮފް ސިލޯނުން ބްލޫ ލެގޫނަށް ނެގި US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯން ނަގާފައިވަނީ އަދި މަޑޫގަލި ރިސޯޓުގެ ހެޑް-ލީސް ރަހުނު ކޮށްފައިވަނީ ބްލޫ ލެގޫންގެ އަސާސީ ގަވާއިދާ ޚިލާފަށްތޯ؛

ބްލޫ ލެގޫން އާއެކު މުޢާމަލާތް ކުރާ އެކިއެކި ފަރާތްތަކުން ކުންފުންޏާއެކު މުޢާމަލާތް ކުރަނީ އެ ކުންފުންޏެއްގެ ނިންމުންތަކަކީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް އިފްތިރާޟު ކޮށްގެން ކަމަށްވާއިރު، ކުންފުންޏާއެކު މުޢާމަލާތްކުރާ ފަރާތްތަކުގެ ޙައްޤުތަކަށް ރިޢާޔަތް ކުރުމެއްނެތި މިފަދަ މައްސަލައެއް ނިންމިދާނެތޯ؛

ބްލޫ ލެގޫންގެ ޑިރެކްޓަރުން އެ ޑިރެކްޓަރުންނާ މަތިކުރެވިފައިވާ ފިޑިއުޝަރީ ވާޖިބުއާ ޚިލާފުވެފައިވޭތޯ؛ އަދި

ބްލޫ ލެގޫންގެ މިލްކިއްޔާތުގައި ހިމެނޭ މުދަލެއް އަގުކޮށް އެ މުދައު ވަކި ޙިއްޞާދާރަކަށް ބަދަލު ކުރުމަށް ކުންފުނީގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެތޯއެވެ.

ބްލޫ ލެގޫން އިން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ނިންމި ސަބަބު

ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމްވެގެންވުމާއި، ވަގުތީ އަމުރު ނެރުމަކާނުލާ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮންނަންޖެހޭނެކަމަށާއި، އަދި ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވާން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާތީ ޙުސައިން ޝަރީފް ކޮށްފައިވާ ދަޢުވާ ބިނާވެގެންވަނީ ކުންފުނީގެ ބޯޑުގެ ނިންމުންތައް ނިންމުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު ފުރިހަމަކޮށްފައި ނުވުމުން، އޭގެ ފަހުން އެ ނިންމުމާ ގުޅިގެން ހިނގާ ދިޔަ މުޢާމަލާތްތަކުގެ ޤާނޫނީ ޞައްޙަކަމާއި، ކުންފުންޏަށް އެންމެ މަޞްލަޙަތުހުރި ގޮތަކީ ކޮބައިކަމުގެ މައްޗަށް ކަމަށްވާއިރު، އެދިފައިވާ ވަގުތީ އަމުރު ބިނާވެގެންވަނީ ޙުސައިން ޝަރީފްގެ ފަރާތުން އެދިފައިވާ ފަރުވާތަކުގެ ތެރެއިން އެއް ކަމެއްގެ މައްޗަށްކަމާއި، ނަމަވެސް ޙުސައިން ޝަރީފް އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރުމުގެ މާނައަކީ، އެހެން ފަރާތްތަކެއްގެ މައްޗަށް ޝަރީޢަތް މެދުވެރިކޮށް އިތުރު ޤާނޫނީ އިލްތިޒާމްތަކެއް އެޅުވުން ކަމުގައިދެކޭތީވެ އަދި ޙުސައިން ޝަރީފް ކޮށްފައިވާ ދަޢުވާ އާއި، އެދިފައިވާ ފަރުވާ އާއި، އެދިފައިވާ ވަގުތީ އަމުރާ ސީދާ ގުޅުން އޮތް ގޮތެއް ދެއްކިފައިނުވާތީއެވެ.

މި ޤަޟިއްޔާއާ ގުޅޭ ޤާނޫނީ މަބާދިއުތައް

ދަރަންޏަށް ޒިންމާވާ ކުންފުނި ރަޖިސްޓަރީ ވުމުގެ ނަތީޖާ

ދަރަންޏަށް ޒިންމާވާ ކުންފުންޏަކީ އެ ކުންފުނީގެ މެންބަރުން ނުވަތަ ޙިއްޞާދާރުންނާ ވަކީން ޤާނޫނީ ގޮތުން އުފެދޭ އަމިއްލަ ޝަޚްޞެކެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު، ރަޖިސްޓަރީ ފީ އާއި އަހަރީ ފީ، ރަޖިސްޓްރާރ އޮފް ކޮމްޕެނީސް އަށް ހުށަހެޅުމުން، އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިސްލާމްދީނުގެ އުޞޫލަކާ ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނަކާ ޚިލާފުނުވާ ކަންކަންކަމުގައި ވަނީނަމަ ކުންފުނި ރަޖިސްޓްރީ ކުރެވެއެވެ. ކުންފުނި ރަޖިސްޓަރީ ވުމާއެކު، ކުންފުނި ރަޖިސްޓަރީ ވިކަން ބަޔާންކުރާ ސެޓްފިކެޓް އޮފް އިންކޯޕަރޭޝަން ރަޖިސްޓްރާރ އޮފް ކޮމްޕެނީސް އެ ކުންފުންނަކަށް ދެއެވެ. ސެޓިފިކެޓް އޮފް އިންކޯޕަރޭޝަނަކީ ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި ކުންފުނި އުފަންވެއްޖެ ކަމުގެ ލިޔުމެވެ.

ކުންފުނި ރަޖިސްޓަރީ ވުމުގެ ނަތީޖާއަކީ، އެ ކުންފުންޏަކީ، ކުންފުނީގެ ނަމުގައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންތައްތައް ކުރުމާއި ހިންގުމާއި، ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞްއަކަށް ވުމެވެ. މީގެ މާނައަކީ ކުންފުނި އުފެދުމާއެކު އެ ކުންފުނީގެ ނަމުގައި އެ ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ކަންކަން ކުރުމުގެ ހުއްދަ ލިބުނީއެވެ.

ޙިއްޞާދާރުންނާ ވަކިން އުފެދޭ ޤާނޫނީ ޝަޚްޞާ ގުޅޭގޮތުން، އިނގިރޭސި ވިލާތުގެ ހައުސް އޮފް ލޯޑްސްގެ ސޮލަމަން ވ ސޮލަމަން ޤަޟިއްޔާގައި ލޯޑް ހަލްސްބަރީ (Lord Halsbury) ވިދާޅުވެފައިވަނީ:

“Either the company was a legal entity or it was not. If it was, the business belonged to it and not Mr. Salomon. If it was not, there was no person and no thing to be an agent at all”

މިފަދައިންނެވެ. އަދި މި ޤަޟިއްޔާގައި ލޯޑް މެކްނޯޓަން (Lord Macnaghten) ވިދާޅުވަނީ:

“The company is at law a different person altogether from the subscribers to the memorandum; and, though it may be that after incorporation the business is precisely the same as it was before, and the same persons are managers, and the same hands receive the profits, the company is not in law the agent of the subscribers or trustees for them. Nor are the subscribers as members liable, in any shape or form, except to the extent and in the manner provided by the Act”

މި ދެ ފަނޑިޔާރުން ވިދާޅުވާ ވިދާޅުވުމުގެ މުރާދަކީ ޤާނޫނުގެ ކުރިމަތީގައި ކުންފުންޏަކީ ކުންފުނީގެ ޙިއްޞާދާރުންނާ ވަކިން އުފެދިފައިވާ ވަކި ޝަޚްޞެއްކަމަށެވެ. ކުންފުންޏަކީ ކުންފުނީގެ ޙިއްޞާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞަކަށް ވުމުން، ކުންފުނީގެ ވިޔަފާރި ވާނީ ހަމައެކަނި ކުންފުނީގެ ވިޔަފާރިއަށެވެ. ކުންފުނީގެ ޙިއްޞާދާރުންގެ ވިޔަފާރިއަކަށް ނޫނެވެ. އަދި ކުންފުންޏަކީ ކުންފުނީގެ ޙިއްޞާދާރުންގެ އެޖެންޓެއް ނުވަތަ ޓްރަސްޓީއެއް ނޫނެވެ. ކުންފުންޏާބެހޭ ޤާނޫނުގައި ވާގޮތުގެ މަތިން މެނުވީ ކުންފުނީގެ ޙިއްޞާދާރުން ކުންފުނީގެ ދަރަންޏަށް ފަރުދީގޮތުން ޒިންމާވާކަށްވެސް ނުޖެހޭނެކަމެވެ.

ކުންފުނީގެ ޙިއްޞާދާރުން ކުންފުނީގެ ދަރަންޏަށް ޒިންމާވުވާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ކަމަށް، ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން، އެ ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ޙާލަތެއްގައިވެސް އަދި ހުރިހާ ޝަރުޢީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ އެ މިންވަރަކަށެވެ. އަދި މި މާއްދާގެ (ށ) ގައި ބުނަނީ ކުންފުންޏެއް އުވާލާނަމަ، އެ ކުންފުންޏެއްގެ ކޮންމެ މެންބަރަކުވެސް އެ ކުންފުންޏަކަށް ދޭންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ މޫނުމަތީ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމަ، އެ މިންވަރެއް އެކަންޏެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 މާއްދާގެ ދަށުން އުފެދޭ ކޮންޓްރެކްޓް (މާއްދާ 15 ކޮންޓްރެކްޓް)

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގައި ބަޔާންކުރާގޮތުގެ މަތިން، ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ވުމާއެކު ކުންފުނީގެ މެންބަރުންނާއި މެމްބަރުންނާ ދެމެދު އަދި މެންބަރުންނާއި ކުންފުންޏާ ދެމެދު ކޮންޓްރެކްޓެއް (މާއްދާ 15 ކޮންޓްރެކްޓް) ވުޖޫދުވާނެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ ކޮންމެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ވުމުން، އެ ގަވާއިދުތަކުގައިވާ މާއްދާތަކަށް ޢަމަލު ކުރުމަކީ އެ ގަވާއިދެއްގައި ސޮއިކުރާ މެންބަރުން ފަދައިން، އެ ކުންފުންޏެއްގެ މައްޗަށާއި، އެ ކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފެދޭ ކޮންޓްރެކްޓްގެ މަފްޙޫމްއަކީ އެހެންވެސް ދީމިޤްރާޠީ ޖޫރިސްޑިކްޝަންތަކުގެ ކުންފުންޏާބެހޭ ޤާނޫނުތަކުގައިވެސް ހިމެނޭ މަފްޙޫމެކެވެ.

ކުންފުނި ހިންގުން

ކުންފުނި ހިންގުމުގެ ބައެއް ބާރުތައް ލިބިގެންވަނީ ކުންފުނީގެ ޙިއްޞާދާރުންނަށް ކުންފުނީގެ ޢާންމު ޖަލްސާތައް މެދުވެރިކޮށެވެ. އަނެއްބައި ބާރުތައް ލިބިގެންވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށެވެ. ޙިއްޞާދާރުންނަށް ލިބިގެންވާ ބާރު ބޭނުން ކުރެވޭނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރާގޮތެއްގެ މަތިން ބޭއްވޭ އަހަރީ ޢާންމު ޖަލްސާގައްޔާއި ޚާއްޞަ ގޮތުންބާއްވާ ޢާންމު ޖަލްސާގައެވެ.

ކުންފުނީގެ ވިޔަފާރި ހިންގަން މަތިކުރެވިފައިވާ ބަޔަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑެވެ. އެހެންނަމަވެސް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ޑިރެކްޓަރަކީ ނުވަތަ ޑިރެކްޓަރުންގެ ބޯޑަކީ ކުންފުނީގެ މެންބަރުންގެ އެޖެންޓުންނެއް ނުވަތަ ޓްރަސްޓީންނެއް ނޫނެވެ.

ކުންފުނި ހިންގުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައި ވަނީ، ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، ޑިރެކްޓަރުންގެ ބޯޑަކުންކަމަށެވެ. ކުންފުނި ހިންގަންވާނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގައި ބަޔާން ކޮށްފައިވާ ހަމަތަކާއި ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ކޮންމެ ކުންފުންޏެއްގައިވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން މީހަކު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ހުންނަންވާނެއެވެ.

ކުންފުނި ހިންގުމަށް ޑިރެކްޓަރުންގެ ބޯޑަށް ލިބިދޭ ބާރުތަކުގެ އިންތައް ކަނޑައެޅިފައި އޮންނާނީ ކުންފުނީގެ ހިންގާ ގަވާއިދުގައެވެ. ކުންފުނީގެ ހިންގާ ގަވާއިދުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިދޭ ބާރުތަކަކީ ހަމައެކަނި ޑިރެކްޓަރުންގެ ބޯޑަށް ލިބިދޭ ބާރުތަކެވެ. އެއީ ކުންފުނީގެ ޙިއްޞާދާރުންނަށް ނުވަތަ ކުންފުނީގެ ކްރެޑިޓަރުންނަށް ނުވަތަ އެ ނޫންވެސް ފަރާތަކަށް އޮތް ބާރެއް ނޫނެވެ. އަދި ވަކިވަކި ޑިރެކްޓަރުންނަށްވެސް އޮތް ބާރެއް ނުމެނޫން މެއެވެ. ކުންފުނި ހިންގުމުގައި ވަކިވަކި ޑިރެކްޓަރުންނާ އަދި/ނުވަތަ ކުންފުނީގެ މުއައްޒަފުންނާ ކަންކަން ޙަވާލު ކުރުމުގެ އިޚްތިޔާރު ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ.

ކުންފުނި ހިންގާގޮތާމެދު ޙިއްޞާދާރުން ހިތްހަމަނުޖެހޭނަމަ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން ފާސްކުރާ ޚާއްޞަ ޤަރާރަކުން ޑިރެކްޓަރަކު ނުވަތަ ޑިރެކްޓަރުން ވަކިކުރެވިދާނެއެވެ.

ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ކުންފުންޏަށް ޚިޔާނާތްތެރި ވެއްޖެނަމަ ނުވަތަ ކުންފުންޏަށް ގެއްލުންވާފަދަ ޢަމަލެއް ކޮށްފިނަމަ، ނުވަތަ އެފަދަ ޢަމަލެއް ކުރަން އުޅޭނަމަ، ކުންފުނީގެ ޢާންމު ޖަލްސާއަކުން ފާސްކުރާ ޚާއްޞަ ޤަރާރަކުން އެ މެންބަރަކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކި ކުރެވިދާނެއެވެ.

ޑިރެކްޓަރުންގެ ވާޖިބު

ކުންފުނިތަކުގެ ޑިރެކްޓަރުންނާ މަތިކުރެވިފައިވާ 2 (ދޭއް) ބާވަތެއްގެ ވާޖިބެއް ވެއެވެ. އެއީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ބެލުންތެރިކަމާއި ފަރުވާތެރިކަމާއެކު ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތް ކުރުމުގެ ވާޖިބާއި ފިޑިއުޝަރީ ވާޖިބެވެ. ޑިރެކްޓަރުންގެ ފިޑިއުޝަރީ ވާޖިބު އޮންނާނީ ހަމައެކަނި ކުންފުންޏަށެވެ. ޙިއްޞާދާރުންނަށް ނުވަތަ ކުންފުނީގެ އަރަނިވެރިންނަށް ނުވަތަ އެ ނޫން އެހެންވެސް ފަރާތަކަށް ނޫނެވެ. ޑިރެކްޓަރުން، އެމީހުންގެ ޑިރެކްޓަރުކަމުގެ ވާޖިބު އަދާކުރުމުގައި ބަލަންޖެހޭނީ ހެޔޮ ނިޔަތް ނުވަތަ "ގުޑް ފެއިތު" (good faith) ގައި އެ ޑިރެކްޓަރަކު ޤަބޫލުކުރާ ގޮތުގެ މަތިން، ކުންފުނީގެ މަޤްޞަދު ޙާޞިލްކުރުމުގައި މަސައްކަތް ކުރުމަށެވެ. ޑިރެކްޓަރުންގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާތަކާގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި، ޑިރެކްޓަރުންގެ ވާޖިބު ފުރިހަމައަށް އަދާކޮށްފައިވޭތޯ ބަލަންޖެހޭނީ ސަބްޖެކްޓިވް (subjective) މިންގަނޑުން ކަމުގައި އަހުރެން ދެކެމެވެ. އެއީ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުރި ފަރުދަށް އަމާޒުކޮށްގެން މައްސަލަ ބެލުމެވެ.

ޑިރެކްޓަރުންގެ ވާޖިބު ފުރިހަމައަށް އަދާކޮށްފައިވޭތޯ ބަލަންޖެހޭނީ ސަބްޖެކްޓިވް (subjective) މިންގަނޑުން ކަމަށް މި ބުނާ ސަބަބު ޚުލާޞާގޮތެއްގައި ބަޔާންކުރުން މުހިންމު ކަމަށް އަހުރެން ދެކެމެވެ. ސަބަބަކީ، ބައެއްފަހަރު، ސަބްޖެކްޓިވް (subjective) މިންގަނޑުގެ ތެރެއަށް އޮބްޖެކްޓިވް (objective) އުންސުރެއް ހިމެނިއްޖެނަމަ މައްސަލަބަލާ ފަނޑިޔާރަށް ލިބޭބާރު މިނަށްވުރެ ފުޅާވެ، އެކަމުގެ ސަބަބުން އިންޞާފަށް ވާޞިލުވުމުގައި ހުރަސް އެޅިދާނެކަމަށް އަހުރެން ދެކޭތީއެވެ.

ޑިރެކްޓަރުންނާ މަތިކުރެވިފައިވާ ވާޖިބުތައް އަދާކުރިގޮތް ވަޒަންކުރަންޖެހޭނީ ސަބްޖެކްޓިވް (subjective) މިންގަނޑުން ކަމުގައި ކަނޑައެޅި، އަދި އެ ޤަޟިއްޔާއަކަށް ކޯޓުތަކުން ނިންމާ އެފަދަ މައްސަލަތަކުގައި ގިނައިން ޙަވާލާދޭ އެއް ޤަޟިއްޔާއަކީ އިނގިރޭސި ވިލާތުގެ ރި ސްމިތް އެންޑް ފޯސެޓް ލިމިޓެޑް އެވެ. މި ޤަޟިއްޔާގައި ލޯޑް ގްރީން އެމްއާރު (Lord Green MR) ވިދާޅުވަނީ:

“[Directors must] exercise their discretion bona fide in what they consider – not what a court may consider – is in the interests of the company, and not for any collateral purpose.”

މިފަދައިންނެވެ.

މި ބުނުމުގެ މުރާދަކީ؛ ޑިރެކްޓަރުންނަށް ލިބިދީފައިވާ އިޚްތިޔާރީ ބާރު ބޭނުންކުރަންޖެހޭނީ ހެޔޮނިޔަތުގައި އަދި ކުންފުންޏަށް އެންމެ ފައިދާހުރި ގޮތްކަމަށް އެމީހުންނަށް ޤަބޫލުކުރެވޭ ގޮތަށް ކަމަށެވެ. އެއީ އެންމެ މަޞްލަޙަތު ހުރިގޮތްކަމަށް ކޯޓަށް ދެނެގަނެވޭގޮތް ނޫންކަމަށެވެ. އިނގިރޭސި ވިލާތުގެ 2001 ވަނަ އަހަރުގެ ޤަޟިއްޔާއެއްކަމަށްވާ ރީޖަންޓްކްރެސްޓް ޕލސ (އިން ލިކުއިޑޭޝަން) ވ. ކޯހެން ޤަޟިއްޔާގައި ޖޮނަތަން ޕާރކަރ ޖޭ (Jonathan Parker J) ވަނީ މަތީގައި ބަޔާންކުރި ރި ސްމިތް އެންޑް ފޯސެޓް ލިމިޓެޑް ޤަޟިއްޔާގައި ލޯޑް ގްރީން އެމްއާރު (Lord Green MR) ކަނޑައެޅުއްވި ސަބްޖެކްޓިވް (subjective) މިންގަނޑު ނަގަހައްޓަވާފައެވެ. ރީޖަންޓްކްރެސްޓް ޕލސ (އިން ލިކުއިޑޭޝަން) ވ. ކޯހެން ޤަޟިއްޔާގެ ޕެރެގްރާފް 120 ގައި ޖަސްޓިސް ޖޮނަތަން ޕާރކަރ ޖޭ (Jonathan Parker J) ވިދާޅުވެފައިވަނީ:

The duty imposed on directors to act bona fide in the interests of the company is a subjective one (see Palmer’s Company Law para 8.508). The question is not whether, viewed objectively by the court, the particular act or omission which is challenged was in fact in the interests of the company; still less is the question whether the court, had it been in the position of the director at the relevant time, might have acted differently. Rather, the question is whether the director honestly believed that his act or omission was in the interests of the company. The issue is as to the director’s state of mind. No doubt, where it is clear that the act or omission under challenge resulted in substantial detriment to the company, the director will have a harder task persuading the court that he honestly believed it to be in the company’s interest; but that does not detract from the subjective nature of the test.

މިފަދައިންނެވެ. އަދި މިނޫނަސް އިނގިރޭސި ވިލާތުގެ "ކޭސް ލޯ" (case law) ތަކުގައި ކަނޑައަޅާފައިވަނީ ޑިރެކްޓަރުންގެ ޑިއުޓީ ވަޒަންކުރާނީ ސަބްޖެކްޓިވް (subjective) މިންގަނޑުކަމަށެވެ.

މިފަހުން، 2018 ގައި އިނގިރޭސި ވިލާތުގެ ކޯޓް އޮފް އެޕީލްއިން ނިންމި ލެހްޓިމަކި ވ. ދި ޗިލްޑްރެންސް އިންވެސްޓްމަންޓް ފަންޑް ފައުންޑޭޝަން (ޔޫކޭ) ޤަޟިއްޔާގައި ރީޖަންޓްކްރެސްޓް ޕލސ (އިން ލިކުއިޑޭޝަން) ވ. ކޯހެން ޤަޟިއްޔާގައި، ޑިރެކްޓަރުންގެ ވާޖިބު ވަޒަންކުރަންޖެހޭނީ ސަބްޖެކްޓިވް (subjective) މިންގަނޑުންކަމަށް ޖަސްޓިސް ޖޮނަތަން ޕާރކަރ ޖޭ (Jonathan Parker J) ކަނޑައެޅުއްވި ކަނޑައެޅުއްވުންވަނީ ބަލައިގަނެ ނަގަހައްޓާފައެވެ.

ބައެއް ފަރާތްތަކަށް، ސަބްޖެކްޓިވް (subjective) މިންގަނޑުގެ ޓެސްޓުގެ ތެރޭގައި އޮބްޖެކްޓިވް (objective) އުންސުރު (objective evidentiary tool) އެއް ހިމެނޭކަމަށް ޤަބޫލުކުރެވި އޮޅުންއެރި އެއް ސަބަބަކީ، ކުރީގެ އިނގިރޭސި ކޭސް ލޯގައި "ބޯނާ ފީޑޭ" (bona fide) މި ދެ ލެޓިން ލަފްޒު ބޭނުންކުރެވިފައި ވުމުންކަމަށް އަހުރެންނަށް ޤަބޫލު ކުރެވެއެވެ. އަނެއް ސަބަބަކީ، އިނގިރޭސި ވިލާތުގެ ޗާރޓަރބްރިޖް ކޯޕަރޭޝަން ލިމިޓެޑް ވ. ލޮއިޑްސް ބޭންކް ލިމިޓެޑް ޤަޟިއްޔާގައި ޑިރެކްޓަރުންނަށް ލިބިދޭ އިޚްތިޔާރީ ބާރުގެ ބޭނުން ކޮށްފައިނުވާ ޙާލަތުގައި "ވިސްނުންތެރި އަދި ތެދުވެރި އިންސާނެއް" (“an intelligent and honest man”) ގެ އޮބްޖެކްޓިވް (objective) ވިސްނުންހިމަނައި ޑިރެކްޓަރުންގެ ވާޖިބު ފުރިހަމަޔަށް އަދާކޮށްފައިވޭތޯ ވަޒަންކުރެވިދާނެފަދަ އިބާރާތެއް އޮތުމުންކަމަށް ދެކެމެވެ.

ރި އެޗްއެލްސީ އެންވައިރަމެންޓަލް ޕްރޮޖެކްޓްސް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރަނީ ސަބްޖެކްޓިވް (subjective) ޓެސްޓު ތަޠުބީޤުކުރާނީ ޑިރެކްޓަރުންގެ ވާޖިބު އަދާކުރުމުގައި ކުންފުނީގެ މަޞްލަޙަތުގައި ކުރި މަސައްކަތާގުޅޭ ނުވަތަ ނުކޮށްދޫކޮށްލި ކަމަކާ ގުޅޭގޮތުން ހެކި ވަޒަންކުރެވެން ހުރި މައްސަލަތަކުގައެވެ. މިފަދަ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާ ޙާލަތުގައި ޗާރޓަރބްރިޖް ކޯޕަރޭޝަން ލިމިޓެޑް ވ. ލޮއިޑްސް ބޭންކް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ އޮބްޖެކްޓިވް (objective) މިންގަނޑު ބޭނުން ކުރެވިދާނެކަމަށެވެ.

އިނގިރޭސި ވިލާތުގެ ކުންފުންޏާބެހޭ ޤާނޫނު (2006) ފާސްވެ ޢަމަލުކުރަން ފެށިފަހުން، އެ ޤާނޫނުގައި ވަރަށް ސާފުކޮށް ޑިރެކްޓަރުންގެ ވާޖިބު އަދާކޮށްފައިވާގޮތް ތަޠުބީޤުކުރަންޖެހޭނީ ސަބްޖެކްޓިވް (subjective) މިންގަނޑުންކަން އެއްވެސް އޮޅުމެއްނެތި އެނގެއެވެ.

އިނގިރޭސި ވިލާތުގެ ކުންފުންޏާބެހޭ ޤާނޫނު 2006 (UK Companies Act 2006) އަށް ބަލާއިރު ކުންފުނީގެ ޑިރެކްޓަރުންގެ ވާޖިބުތައް މިހާރު މިވަނީ ޤާނޫނުގައި ހިމަނާފައެވެ. މި ހިމެނުން ނުވަތަ ކޯޑިފައި ކުރުމުގައި ޑިރެކްޓަރުންގެ ޑިއުޓީއާގުޅޭ "ކޮމަން ލޯ ރޫލްސް" (common law rules) އަދި "އިކުއިޓަބަލް ޕްރިންސިޕަލް" (equitable principles) ގެ "ޖެނެރަލް ޑިއުޓީސް" (general duties) ތައް ހިމަނާފައިވެއެވެ. މި ބުނި ކުންފުންޏާބެހޭ ޤާނޫނު 2006 (UK Companies Act 2006) ގެ 172 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރަނީ:

172 Duty to promote the success of the company

(1) A director of a company must act in the way he considers, in good faith, would be most likely to promote the success of the company for the benefit of its members as a whole, and in doing so have regard (amongst other matters) to—

(a) the likely consequences of any decision in the long term,

(b) the interests of the company's employees,

(c) the need to foster the company's business relationships with suppliers, customers and others,

(d) the impact of the company's operations on the community and the environment,

(e) the desirability of the company maintaining a reputation for high standards of business conduct, and

(f) the need to act fairly as between members of the company.

(2) Where or to the extent that the purposes of the company consist of or include purposes other than the benefit of its members, subsection (1) has effect as if the reference to promoting the success of the company for the benefit of its members were to achieving those purposes.

(3) The duty imposed by this section has effect subject to any enactment or rule of law requiring directors, in certain circumstances, to consider or act in the interests of creditors of the company.

މިފަދައިންނެވެ.

އިނގިރޭސި ވިލާތުގެ ކުންފުންޏާބެހޭ ޤާނޫނު (UK Companies Act 2006) ގެ 172 ވަނަ މާއްދާގެ (1) އަށް ބަލާއިރު ޑިރެކްޓަރުންގެ ވާޖިބާގުޅިގެން ބަލާ މައްސަލަތަކުގައި ގެންގުޅެންޖެހޭ މިންގަނޑަކީ ސަބްޖެކްޓިވް މިންގަނޑުކަން ވަރަށް ސާފެވެ. އެ މާއްދާގެ އިބާރާތަށް ބަލާއިރު، އެ އިބާރާތުގައިވަނީ؛

A director of a company must 'act in the way he considers, in good faith, would be most likely to promote the success of the company for the benefit of its members as a whole'.

މި ފަދައިންނެވެ.

ޑިރެކްޓަރުންގެ ވާޖިބު އަދާކޮށްފައިވޭތޯ ތަޠުބީޤުކުރުމުގައި ހެޔޮ ނިޔަތް ނުވަތަ "ގުޑް ފެއިތު" (good faith) އަށް ބަލަންޖެހޭނެކަމަށް އޮތްއޮތުމުން ޑިރެކްޓަރުންގެ ވާޖިބު އަދާކޮށްފައިވޭތޯ ބަލަންޖެހޭނީ ސަބްޖެކްޓިވް (subjective) މިންގަނޑުންކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި ސަބްޖެކްޓިވް މިންގަނޑުން ބަލާބެލުމަކީ ރަޖުޢީ ނަތީޖާއެއް ނުކުންނާނެ ޓެސްޓެއް ވެސް ނޫނެވެ. ރަޖުޢީ ނަތީޖާ ނުކުމެދާނެ ބާރެއް އެއްވެސް ފަރާތަކަށް ދިނުން ރަނގަޅު ނޫންކަމަށް އަހުރެން ދެކެމެވެ. އަދި ޤާނޫނު ކަނޑައެޅިގެން ބަޔާން ނުކުރާހާ ހިނދަކު ރަޖުޢީ ނަތީޖާއެއް ނުކުމެދާނެ ޙުކުމެއްވެސް ކޮށްގެންނުވާނެއެވެ.

"ބޯނާ ފީޑޭ" (bona fide) ގެ ބަދަލުގައި ހެޔޮ ނިޔަތް ނުވަތަ "ގުޑް ފެއިތު" (good faith) ބޭނުންކުރުމުން ޑިރެކްޓަރުންގެ ވާޖިބު އަދާކޮށްފައިވޭތޯ ބެލުމުގައި އޮބްޖެކްޓިވް (objective) އުންސުރެއް ނެތްކަން އެނގެއެވެ.

މަކަރާއި ޙީލަތް ހެދުން ނުވަތަ ނުނިޔަތުގައި ކަން ކުރުން ނުވަތަ ޑިރެކްޓަރަކަށް ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުން ލިބިދޭ ޤާނޫނީ ބާރުގެ ބޭރުން ކަންކުރުން ފިޔަވައި، ހެޔޮ ނިޔަތުގައި، އިޚްލާޞްތެރިކަމާއެކު ކުންފުނީގެ މަސްލަޙަތުގައި ޑިރެކްޓަރަކު ކުރާ ކަމެއްގެ ސަބަބުން އެ ޑިރެކްޓަރަކު ކުށްވެރިވިގެން ނުވާނެއެވެ.

ޑިރެކްޓަރުންނާ މަތިކުރެވިފައިވާ ވާޖިބު އަދާކޮށްފައިވޭތޯ ކޯޓުން ބެލުމުގައި، ބަލަންޖެހޭނީ ހެޔޮ ނިޔަތުގައި، އެ ޑިރެކްޓަރަކު ޤަބޫކުރާ ގޮތުގެ މަތިން، ކުންފުނީގެ މަޤްޞަދު ޙާޞިލްކުރުމުގައި މަސައްކަތްކޮށްފައިވޭތޯ ކަމަށް އަހުރެން ދެކެމެވެ. މިއީ ސަބްޖެކްޓިވް (subjective) މިންގަނޑެވެ.

އިންޑޯ މެނޭޖްމަންޓް ރޫލް

އިންޑޯ މެނޭޖްމަންޓް ރޫލް އަކީ ކުންފުންޏާއެކު މުޢާމަލާތްކުރާ ފަރާތްތަކުން ކުންފުންޏާއެކު މުޢާމަލާތްކުރުމުގައި، ކުންފުނީގެ ނިންމުންތަކަކީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިފްތިރާޟްކުރުން ހުއްދަކުރާ ގަވާއިދެކެވެ. ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޤަޟިއްޔާގެ 41 ވަނަ ޕެރެގްރާފްގައި ފަނޑިޔާރު ޙުސްނުއް ސުޢޫދު، އިންޑޯ މެނޭޖްމަންޓް ގަވާއިދަކީ ކޮބައިކަމާއި މި ގަވާއިދުން އިސްތިސްނާވާ ޙާލަތްތައް ބަޔާންކުރައްވާފައިވެއެވެ. މި ގަވާއިދުން އިސްތިސްނާވާ ޙާލަތަތަކުގެ ތެރޭގައި، "ކަން އޮތްގޮތް އެނގެންވާނެ ކަމަށް ގާނޫނު ގަބޫލުކުރާ ހާލަތްތަކާއި، ކަން އޮތްގޮތް އެނގޭ ހާލަތްތަކާއި، ހޯދައި ބަލައި ދެނެގަތުން ލާޒިމުވާ ހާލަތްތަކާއި، ވަގު ލިޔުން އުފައްދާ ހާލަތާއި ވަގު ސޮއިކުރާ ހާލަތު" ހިމެނޭކަމަށް ބަޔާން ކުރައްވާފައިވެއެވެ.

ކުންފުނީގެ ޙިއްޞާދާރެއްގެ މަޞްލަޙަތަށް އުނިކަން އަންނަ ޙާލަތުގައި ކޯޓު އަމުރަކަށް އެދުން

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ކުންފުންޏެއްގެ މެންބަރެއްގެ މަޞްލަޙަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ، ކުންފުނީގެ މެންބަރުންގެ ނުވަތަ މެންބަރުންގެ ތެރެއިން ބައެއްގެ ނުވަތަ މެންބަރެއްގެ މަޞްލަޙަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައި ވަނީނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް އެދި އެ ކުންފުންޏެއްގެ މެންބަރުންނަށް ނުވަތަ މެންބަރަކަށް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މި މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ މެންބަރަކު ނުވަތަ މެންބަރުން ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކީ، ކޯޓުގެ ނަޒަރުގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތެއްގެ މަޞްލަޙަތަކަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބޭ ފަދަ ކަމެއްކަމުގައި ވަނީނަމަ، ތިރީގައި ބަޔާން ކޮށްފައިވާ ފަދަ އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށެވެ.

މެންބަރެއްގެ މަޞްލަޙަތަކަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބޭކަމަށް ހުށަހަޅާ ކަމަކާ ގުޅޭ، ކުންފުނީގެ ކަންތައްތައް ވަކިގޮތަކަށް ހިންގުމަށް ކަނޑައަޅާފައިވާ އަމުރެއް.

މެންބަރަކު ނުވަތަ މެންބަރުން އެފަރާތުގެ ޙައްޤަކަށް އުނިކަމެއް ލިބޭކަމަށް ހުށަހެޅި ކަންތައް ރަނގަޅު ކުރުވުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރެއް.

ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގެ އަމުރެއް.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގައި ބުނާ ޙާލަތެއް މެދުވެރިވެއްޖެނަމަ ކޯޓަށް ކުރެވޭނެ ކަމަކީ އެ މާއްދާގެ (ށ) ގައި ބަޔާންކުރާ އަމުރެއް ނެރުމެވެ. މި މާއްދާގެ ދަށުން ކުންފުނި އުވާލުމަކަށް ނުވަތަ ކުންފުނީގެ މުދަލެއް ވިއްކުމަކަށް ނުވަތަ ކުންފުނީގެ މުދަލެއްގެ މިލްކުވެރިކަން ބަދަލު ކުރުމަކަށް ނުއެއް އެންގޭނެ އެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާ ގެ (ށ) ގެ ދަށުން ކުންފުނީގެ މެންބަރުންނަށް ލިބިދޭ ފަރުވާގެ އިތުރުން އެ ކުންފުންޏެއްގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ވިޔަފާރި ކުރަމުން ގެންދަނީ އެ ކުންފުންޏެއްގެ ހުރިހާ މެންބަރުންގެ މަޞްލަޙަތަށްވުރެ ޑިރެކްޓަރުންގެ އަމިއްލަ މަޞްލަޙަތު ކުރިއަށް ނެރެގެން ކަމުގައިވަނީނަމަ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ކުންފުނި އުވާލުމުގެ އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ. މިފަދަ ޙާލަތެއްގައި ކުންފުނި އުވާލުމަށް ކޯޓަށް އަމުރުވެސް ކުރެވިދާނެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން ކުންފުނި އުވާލަން އެދޭ ޤަޟިއްޔާއެއްގައި، ކުންފުނި އުވާލުން ފިޔަވައި، ކުންފުނީގެ ޙިއްޞާދާރަކު އަނެއް ޙިއްޞާދާރުގެ ޙިއްޞާ ގަތުން ފަދަ އެހެން އެއްވެސް ހައްލެއް ލިބެން ނެތްކަން ދަޢުވާ ކުރާފަރާތުން ސާބިތުކޮށްދޭން ޖެހޭނެއެވެ.

މައްސަލައިގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރުން

ޙުސައިން ޝަރީފުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅީ، މަޑޫގަލި ޓޫރިސްޓް ރިސޯޓު ހިމެނޭގޮތުން ކުންފުނީގެ މުދައު އަގުކޮށްދިނުމަށާއި، ކުންފުނީގެ ދަރަނިތައް ޝަރީޢަތުން ހިސާބުކޮށް ދިނުމަށާއި، ކުންފުނީގެ ދަރަނިތަކާ ޙުސައިން ޝަރީފް ޖާމިނުވެ، އެ ދަރަނިތައް އަދާކުރުމުން، އޭގެ މުޤާބިލުގައި މަޑޫގަލި ޓޫރިސްޓް ރިސޯޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ބްލޫ ލެގޫނަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ޙުސައިން ޝަރީފަށް ލިބިދިނުމަށާއި، އަދި މިކަން ތަންފީޛުކޮށްދިނުމަށް ޓޫރިޒަމްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. މި ދަޢުވާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

ބްލޫ ލެގޫން އަށް ބޭންކް އޮފް ސިލޯން އިން ނެގި US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯން ނަގާފައިވަނީ އަދި މަޑޫގަލި ރިސޯޓުގެ ހެޑް-ލީސް ރަހުނު ކޮށްފައިވަނީ ބްލޫ ލެގޫންގެ އަސާސީ ގަވާއިދާ ޚިލާފަށްތޯ ބެލުން.

ޙުސައިން ޝަރީފްގެ ފަރާތުން ޝަރީޢަތުގައި ބުނަނީ 7 ނޮވެންބަރު 2010 ގައި ބޭއްވި ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ނޯޓިސް އޭނާއަށް ފޮނުވާފައިނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޭންކް އޮފް ސިލޯން އިން US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ނެގުމަށް ފާސްކުރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ޞައްޙަކަމާމެދު ސުވާލު އުފައްދައެވެ.

ބްލޫ ލެގޫންއަކީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުންޏަކަށްވާތީ، އެ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ވުމުން، އެ ގަވާއިދުތަކުގައިވާ މާއްދާތަކަށް ޢަމަލު ކުރުމަކީ އެ ކުންފުނީގެ މައްޗަށާއި، ކުންފުނީގެ ޙިއްޞާދާރުން ކަމަށްވާ، ޙުސައިން ޝަރީފާއި ޙަސަން ޢަފީފާއި މޫސާ ޙަސަންގެ މައްޗަށް ލާޒިމް ކަމެކެވެ.

ބްލޫ ލެގޫންގެ އަސާސީ ގަވާއިދުގެ 15 ވަނަ މާއްދާއަށް ބަލާއިރު، ކުންފުނި ހިންގުމުގެ މަސްއޫލިއްޔަތު، މަތިކުރެވިފައިވަނީ ޑިރެކްޓަރުންގެ ބޯޑަށެވެ. އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކުރަނީ ކުންފުންޏަށް ބޭނުންވާ ފައިސާ ހޯދުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަންކަން ނިންމާނީ އެ ބޯޑުގެ އަޣްލަބިއްޔަތުންކަމަށްވެސް ބްލޫ ލެގޫންގެ ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ ކޯރަމްއަކީ 2 (ދޭއް) ޑިރެކްޓަރުން ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

ބްލު ލެގޫންގެ ޑިރެކްޓްރުންގެ ބޯޑުގެ ޖަލްސާއެއް 2010 ނޮވެންބަރު 07 ގައި ބޭއްވިއެވެ. މި ޖަލްސާއަށް ހާޒިރުވީ ކުންފުނީގެ 3 (ތިނެއް) ޑިރެކްޓަރުންގެ ތެރެއިން 2 (ދޭއް) ޑިރެކްޓަރުންނެވެ. ހާޒިރުވި ޑިރެކްޓަރުންނަކީ ޙަސަން ޢަފީފާއި މޫސާ ޙަސަންއެވެ. ހާޒިރުވެފައި ނުވަނީ ޙުސައިން ޝަރީފްއެވެ. ޙުސައިން ޝަރީފް ބުނަނީ ޙުސައިން ޝަރީފަށް ޙާޒިރު ނުވެވުނީ އެ ޖަލްސާއަށް ހާޒިރުވުމުގެ ނޯޓިސް ލިބިފައި ނުވާތީކަމަށެވެ. މި ޖަލްސާއިން ނިންމީ ބޭންކް އޮފް ސިލޯން އިން US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނެއް ނެގުމަށެވެ. ލޯނަށް ރަހުނުކުރީ ޓޫރިޒަމް އިން ބްލޫ ލެގޫނަށް ކުއްޔަށް ދޫކޮށްފައިވާ އަރިއަތޮޅު މަޑޫގަލި ރިސޯޓުގެ ހެޑް-ލީސް (Head-Lease) އެވެ. ބްލޫ ލެގޫން އިން ނެގި ލޯނުގެ ބޭނުމަކީ ނ. ރާފުށީ ނަމަކަށްކިޔާ ރަށެއްގެ ކުލީގެ އެގްރީމަންޓް ހޯދުމަށް ފައިސާ ދެއްކުންކަން ޑައިރެކްޓަރުންގެ ބޯޑުގެ ނިންމުމަށް ބެލުމުން އެނގެއެވެ.

ކުންފުނީގެ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ޑިރެކްޓަރުންގެ ބޯޑުގެ ޒިންމާއެއް ކަމަށް ކުންފުނީގެ އަސާސީ ގަވާއިދު ބުނެއެވެ. މިއީ ކުންފުނީގެ މެނޭޖްމަންޓް ފަންކްޝަންގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބޭންކް އޮފް ސިލޯން އިން US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ނެގުމަށް ފާސްކުރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ކޯރަމް ހިންގާ ގަވާއިދުގައި ކަނޑައަޅާފައިވާގޮތަށް ހަމަވެއެވެ. އެއީ ކުންފުނީގެ 2 (ދޭއް) ޑިރެކްޓަރުންނެވެ. ކުންފުނި ހިންގުމުގެ މަސްއޫލިއްޔަތަކީ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތަކަށް ވާއިރު، އަދި ކުންފުނީގެ ހިންގާ ގަވާއިދުގައި ކުންފުނި ހިންގުމަށް ފައިސާ ހޯދުން މަތިކުރެވިފައިވަނީ ޑިރެކްޓަރުންގެ ބޯޑަށް ކަމަށްވާއިރު، ކުންފުނީގެ ހިންގާ ގަވާއިދުގައި ވާގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުގެ ކޯރަމް ހަވަމާ ޖަލްސާއެއް ބާއްވައި، ބޭންކް އޮފް ސިލޯނުން ލޯނެއް ނަގަން ފާސްކޮށް އެ ލޯނު ނެގުމުގެ ކަންކަން ތަރުތީބުކޮށް، އެ ލޯނު ނެގުމުގެ އިޖުރާއަތުގައި ކުންފުނީގެ އަސާސީ ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިންގާފައިވާކަމެއް އަހުރެންނަށް ފާހަގައެއް ނުކުރެވެއެވެ.

ބްލޫ ލެގޫން އާއެކު މުޢާމަލާތް ކުރާ އެކިއެކި ފަރާތްތަކުން ކުންފުންޏާއެކު މުޢާމަލާތް ކުރަނީ އެ ކުންފުންޏެއްގެ ނިންމުންތަކަކީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއް ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް އިފްތިރާޟު ކޮށްގެން ކަމަށްވާއިރު، އެ ކުންފުންޏާއެކު މުޢާމަލާތްކުރި ފަރާތްތަކުގެ ޙައްޤުތަކަށް ރިޢާޔަތް ކުރުމެއްނެތި މިފަދަ މައްސަލައެއް ނިންމިދާނެތޯ ބެލުން.

ޙުސައިން ޝަރީފްގެ ފަރާތުން ޝަރީޢަތުގައި ބުނަނީ 7 ނޮވެންބަރު 2010 ގައި ބޭއްވި ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަށް ޙުސައިން ޝަރީފްއަށް ޙާޒިރުވުމުގެ ނޯޓިސް ފޮނުވާފައި ނުވާތީ އަދި ނޯޓިސް ފޮނުވި ނަމަ، އެ ނޯޓިސް ފޮނުވިކަން ބްލޫ ލެގޫން އަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ ބޭންކް އޮފް ސިލޯން އިން US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ނެގުމަށް ފާސްކުރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ނިންމުން ޞައްޙަނުވާނެ ކަމަށެވެ.

ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ނޯޓިސް އެ ކުންފުނީގެ ހުރިހާ ޑިރެކްޓަރުންނަށް ފޮނުވުމަކީ އިދާރީ ގޮތުން ކުންފުނިން ކުރަންޖެހޭނެ ކަމެކެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ނޯޓިސް ފޮވާފައިނުވާނަމަ، އެއީ ވެފައިވާ އިޙްމާލެކެވެ. ޙުސައިން ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 7 ޖުލައި 2015 ގައެވެ. އެއީ ބޭންކް އޮފް ސިލޯން އިން އަރިއަތޮޅު މަޑޫގަލި ރިސޯޓުގެ ހެޑް-ލީސް ރަހުނުކޮށް ބޭންކް އޮފް ސިލޯން އިން US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނު ނަގަން ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރިތާ 4 (ހަތަރެއް) އަހަރާ 4 (ހަތެއް) މަސް ފަހުގެ ތާރީޚެއްގައިކަން އެނގެއެވެ.

ބްލޫ ލެގޫންގެ ހިންގާ ގަވާއިދުގައި ބަޔާންކުރަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ކޯރަމްއަކީ 2 (ދޭއް) ޑިރެކްޓަރުން ކަމަށެވެ. ބޭންކް އޮފް ސިލޯން އިން އަރިއަތޮޅު މަޑޫގަލި ރިސޯޓުގެ ހެޑް-ލީސް ރަހުނުކޮށް ބޭންކް އޮފް ސިލޯން އިން US$3,700,000.00 (ތިން މިލިއަން ހަތްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނެއް ނެގުމަށް 7 ނޮވެންބަރު 2010 ގައި ބޭއްވި ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ކޯރަމް ހަމަވެއެވެ. ޑިރެކްޓަރުންގެ ތެރެއިން ޙަސަން ޢަފީފާއި މޫސާ ޙަސަން ވަނީ އެ ޖަލްސާއަށް ހާޒިރުވެފައެވެ. އެ ޖަލްސާގައި ބައިވެރިވެފައިނުވަނީ ހަމަ އެކަނި ޙުސައިން ޝަރީފްއެވެ. ދެން ޖަވާބު ހޯދަންޖެހޭ ސުވާލަކީ އެ ޖަލްސާގައި ޙުސައިން ޝަރީފް ބައިވެރިވިނަމަ އެ ޖަލްސާއިން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް އަންނާނެތޯއެވެ؟ އެ ސުވާލުގެ ޖަވާބަކީ އެ ޖަލްސާގައި ޙުސައިން ޝަރީފް ބައިވެރިވިކަމުގައިވިއަސް އެ ޖަލްސާއިން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ސަބަބަކީ އެ ޖަލްސާގެ ނިންމުން ނިންމާފައިވަނީ އެ ޖަލްސާގައި ބައިވެރިވި 2 (ދޭއް) ޑިރެކްޓަރުންގެ އިއްތިފާޤުން ކަމަށްވާތީއެވެ. އަދި ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ 3 (ތިނެއް) ޑިރެކްޓަރުންކަމަށް ވާތީއެވެ.

ބޭންކް އޮފް ސިލޯންއާ މި ދަޢުވާއާ ސީދާ ގުޅުމެއް ނެތްނަމަވެސް، ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ބޯޑު އިން 7 ނޮވެންބަރު 2010 ގައި ބޭއްވި ޖަލްސާ އިން ނިންމި ނިންމުމުގެ ޞައްޙަކަން ގެއްލިއްޖެނަމަ، ބޭންކް އޮފް ސިލޯންއިން ބްލޫ ލެގޫން ނެގި ލޯންގެ ޞައްޙަކަމާމެދު ސުވާލު އުފެދޭނެއެވެ.

ކުންފުނިތަކާއެކު މުޢާމަލާތްކުރާ ފަރާތްތަކުން އެ ކުންފުނިތަކާއެކު މުޢާމަލާތްކުރުމުގައި، އެ ކުންފުނިތަކުގެ ނިންމުންތަކަކީ އެ ކުންފުނިތަކުގެ އެތެރޭގެ ގަވާއިދުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އިފްތިރާޟްކުރުން ހުއްދައެވެ. ބްލޫ ލެގޫން އިން ބޭންކް އޮފް ސިލޯންއިން ލޯނު ނަގާފައިވަނީ ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ބާއްވައި ކުންފުނީގެ އަސާސީ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ބޭންކްތަކުން ލޯނު ދޫކުރަނީ ލޯނު ނެގުމުގައި ކުންފުނީގެ އެތެރޭގެ ނިންމުންތަކުގެ ޞައްޙަ ކަމުގެ މައްޗަށް އިފްތިރާޟް ކޮށްގެންނެވެ. މިގޮތަށް އިފްތިރާޟް ކޮށްގެން ކުރާ ވިޔަފާރިތައް ރޫޅާލުމަކީ މަޞްލަޙަތެއްކަމުގައި އަހުރެން ނުދެކެވެ.

ބްލޫ ލެގޫންގެ ޑިރެކްޓަރުން އެ ޑިރެކްޓަރުންނާ މަތިކުރެވިފައިވާ ފިޑިއުޝަރީ ވާޖިބުއާ ޚިލާފުވެފައިވޭތޯ ބެލުން

ޙުސައިން ޝަރީފްގެ ފަރާތުން ޝަރީޢަތުގައި ބުނަނީ ބްލޫ ލެގޫންގެ ޙިއްޞާދާރުން އަދި ޑިރެކްޓަރުންގެ ތެރެއިން ޙަސަން ޢަފީފާއި މޫސާ ޙަސަންގެ އަމިއްލަ މަޞްލަޙަތު އިސްކޮށް ކުންފުނީގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ހައިސިއްޔަތުން ޙަސަން ޢަފީފާއި މޫސާ ޙަސަންގެ މައްޗަށް އޮތް ވާޖިބުތައް، ނުވަތަ “directors fiduciary duties” އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

ކުންފުންޏާބެހޭ ޤާނޫނު ތަރުތީބު ވެފައިވާގޮތަށް ބަލާއިރު، ބްލޫ ލެގޫންގެ ޑިރެކްޓަރުންގެ ފިޑިއުޝަރީ (fiduciary) ވާޖިބު އޮންނާނީ ހަމައެކަނި ބްލޫ ލެގޫނަށެވެ. އެ ޒިންމާއަކީ ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެންބަރުން އެކަކު އަނެކެއްގެ މައްޗަށް ފަރުދީގޮތުން އަދާކުރަންޖެހޭ ގޮތަށް އޮންނަ ޒިންމާއެއް ނޫނެވެ. ޑިރެކްޓަރުކަމުގެ ޒިންމާ ފުރިހަމައަށް އަދާކޮށްފައިވޭތޯ ބަލަންޖެހެނީ ސަބްޖެކްޓިވް (subjective) މިންގަނޑުންނެވެ.

ބްލޫ ލެގޫންގެ ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމާއި ވިޔަފާރި ހިންގުމަކީ ޑިރެކްޓަރުންގެ ބޯޑުގެ ކަމެކެވެ. ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ވާގޮތުގެ މަތިން، ޑިރެކްޓަރުންނަށް ލިބޭ ބާރުގެ ދަށުން، ޑިރެކްޓަރުން ކުރާ ކަމަކުން ކުންފުންޏަށް ލިބޭ ކޮންމެ ވިޔަފާރީގެ ގެއްލުމަކީ ޑިރެކްޓަރުންގެ ފަރާތުން ކުންފުންޏަށް އޮންނަ ފިޑިއުޝަރީ (fiduciary) ވާޖިބާ ޚިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ. އަދި ކުންފުންޏަށް ވިޔަފާރި ކުރުމުގައި މަކަރާ ހީލަތް ނުވަތަ ނުނިޔަތެއް ނެތި ކުރާކަމަކުން ކުންފުންޏަށް ގެއްލުންލިބޭ ކޮންމެ ޙާލަތަކީ ކުންފުނީގެ ސިޔާސަތު ކަނޑައެޅި ނުވަތަ ވިޔަފާރި ފަރުމާކޮށް ހިންގި ޑިރެކްޓަރުން އެކަމުގެ ޒިންމާ ފަރުދީގޮތުން އަދާކުރަންޖެހޭ ޙާލަތެއް ވެސް ނުމެނޫންމެއެވެ.

ބްލޫ ލެގޫންގެ ދެ ޑިރެކްޓަރުން ކަމަށްވާ ޙަސަން ޢަފީފާއި މޫސާ ޙަސަންގެ ފަރާތުން މަކަރާއި ހީލަތް ހަދާފައިވާކަން ނުވަތަ ނުނިޔަތުގައި ކަމެއް ކޮށްފައިވާކަން މި ޝަރީޢަތުގައި ބަލާފައެއްނުވެއެވެ. އަދި ޙުސައިން ޝަރީފުގެ ފަރާތުން ހުށަހެޅި ދަޢުވާއަށާއި ހުށަހެޅުނު ލިޔެކިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކަށް ރިޢާޔަތްކުރާއިރު، ކުންފުނީގެ ދެ ޑިރެކްޓަރުންކަމަށްވާ ޙަސަން އަފީފާއި މޫސާ ޙަސަން، ކުންފުނީގެ މައްޗަށް އޮތް ފިޑިއުޝަރީ (fiduciary) ވާޖިބާ ޚިލާފުވެވައިވާކަމަށް މި ދަޢުވާގައި ސާބިތުކޮށްދެވިފައި ނުވެއެވެ.

ބްލޫ ލެގޫންގެ މިލްކިއްޔާތުގައި ހިމެނޭ މުދަލެއް އަގުކޮށް އެ މުދައު ވަކި ޙިއްޞާދާރަކަށް ބަދަލު ކުރުމަށް ކުންފުނީގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެތޯ ބެލުން

ޙުސައިން ޝަރީފްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ބްލޫ ލެގޫންގެ ހަމައެކަނި އެސެޓުކަމުގައިވާ މަޑޫގަލި ޓޫރިސްޓް ރިސޯޓު އެ ކުންފުނީގެ ދަރަނިތައް އަދާކުރުމަށްޓަކައި ވިއްކާލުމުގެ އިޙްތިމާލު އެބައޮތް ކަމަށެވެ. އެހެންކަމުން، ޙުސައިން ޝަރީފުގެ ޙައްޤުތަކާއި މަޞްލަޙަތަށް ލިބޭ އުނިކަން ހިމާޔަތްކުރުމަށްޓަކައި، މަޑޫގަލި ޓޫރިސްޓް ރިސޯޓު ހިމެނޭގޮތަށް، ކުންފުނީގެ މުދާ ކޯޓުން އަގުކޮށްދިނުމަށާއި ކުންފުނީގެ ދަރަނިތައް ޝަރީޢަތުން ހިސާބުކޮށްދިނުމަށެވެ. އަދި ކުންފުނީގެ ދަރަނިތަކާ ޙުސައިން ޝަރީފް ޖާމިނުވެ، އެ ދަރަނިތައް އަދާކުރުމުން، އޭގެ މުޤާބިލުގައި މަޑޫގަލި ޓޫރިސްޓް ރިސޯޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ބްލޫ ލެގޫން އަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ޙުސައިން ޝަރީފަށް ލިބި ދިނުމަށާއި މިކަން ތަންފީޛު ކޮށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ކޯޓުން އަމުރުކޮށް ދިނުމަށެވެ.

ބްލޫ ލެގޫން އަކީ މި ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ލިމިޓެޑް ލައިބިލިޓީ ކުންފުންޏެކެވެ. ލިމިޓެޑް ލައިބިލިޓީ ކުންފުނި ރަޖިސްޓަރީވުމުގެ ނަތީޖާއަކީ ކޮބައިކަން މި ރިޕޯޓުގެ ޕެރެގްރާފް 19 އިން 22 އަށް ބުނެދީފައިވާނެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ތަރުތީބު ކުރެވިފައިވާ ގޮތުން، ކޮންމެ ކުންފުންޏެއްމެ ރަޖިސްޓަރީ ވުމާއެކު، އެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޙްޞަކަށްވެގެންދާނެއެވެ. އެއަށްފަހު، ކުންފުނީގެ މުދަލާ މެދު ގޮތެއް ކަނޑައެޅޭނީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާންކުރާގޮތެއްގެ މަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ކުންފުނީގެ އާންމު މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ.

ކުންފުނީގައިވާ އެއްވެސް މުދަލެއްގެ މައްޗަށް ޙިއްޞާދާރެއްގެ ޙިއްޞާގެ ނިސްބަތުން އެއްވެސް ޙައްޤެއް އޮންނާނެ ހަމައެކަނި ހާލަތަކީ ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ ފަރާތެއް ޢައްޔަނުކޮށް އެފަރާތުން ކުންފުނި އުވާލުމުގެ މަސައްކަތްކޮށް ކުންފުނީގައި ހުރިނަމަ ހުރި ދަރަންޏެއް އަދާކުރުމަށްފަހު ކުންފުނީގެ ޙިއްޞާދާރުންގެ މެދުގައި ބަހާނޭ އެއްވެސް މުދަލެއް ބާކީ ހުރިނަމަ އެމުދަލެއްގެ މައްޗަށް އެ ޙިއްޞާދާރެއްގެ ޙިއްޞާގެ ނިސްބަތުން ޙައްޤު އޮންނަ ހާލަތުގައި ކަމަށް ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު ޤަޟިއްޔާގެ ޕެރެގްރާފް 14 ގައި ބަޔާންކޮށްފައިވެއެވެ. އަދި މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބުނަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނާ އެއްގޮތަށް ކުންފުންޏެއް އުވާނުލައި، ކުންފުންޏެއްގެ މިލްކިއްޔާތުގައި ހިމެނޭ މުދަލެއް އެ ކުންފުނީގެ ޙިއްޞާދާރެއްގެ ނުވަތަ ޙިއްޞާދާރުންގެ ޙިއްޞާގެ ނިސްބަތުން އެ ކުންފުނިން ވަކިކޮށް އެ މުދާ ކޯޓުން ޙިއްޞާދާރަކަށް ނުވަތަ ޙިއްޞާދާރުންގެ ނަމަށް ކޯޓުން ބަދަލުކޮށް ދިނުމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުން ހުއްދަ ނުކުރަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

(ހ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުން ކުންފުންޏަކީ ކުންފުނީގެ ޙިއްޞާދާރުންނާ ވަކީން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚުސެއް ކަމަށްވުން؛

(ށ) އެ ޝަޚުސަކީ ޤާނޫނީ ޝަޚުސަކަށްވިޔަސް އަދި ތަބީއީ ޝަޚުސަކަށް ވިޔަސް، ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން މެނުވީ އެއްވެސް ޝަޚުސެއްގެ މުދަލުގެ މިލްކުވެރިކަން އެހެން ޝަޚުސެއްގެ މައްޗަށް ބަދަލުކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމަކަށް ނުވުން؛

(ނ) އެ ޝަޚުސަކީ ޤާނޫނީ ޝަޚުސަކަށް ވިޔަސް އަދި ތަބީއީ ޝަޚުސަކަށް ވިޔަސް، ކޮންމެ ޝަޚުސެއްގެ މިލްކުވެރި ކަމުގެ ޙައްޤު ވެސް ގާނޫނުއަސާސީ އިން ހިމާޔަތް ކޮށްދޭކަން؛

(ރ) ހިނގަހިނގާ ހުންނަ ކުންފުންޏެއްގެ މުދާ ގާނޫނާ ޚިލާފަށް އެ ކުންފުންޏަކުން ވަކިކުރެވޭނަމަ އެ ކުންފުންޏަކާއެކު މުއާމަލާތުކުރާ އެ ކުންފުނީގެ އަރަނި ވެރީންގެ ހައްގުތައް ގެއްލި ކުންފުނީގެ ވަކި ޤާނޫނީ ޝަޚްސުގެ މަފްހޫމާއި ލިމިޓެޑް ލަބިލިޓީ ކުންފުނީގެ ޤާނޫނީ މަފްހޫމު ނެތިގެންދާކަން.

ކުންފުނީގެ ޙިއްޞާދާރެއްގެ މަޞްލަޙަތައް އުނިކަން އަންނަ ޙާލަތުގައި ޢަމަލުކުރެވޭ އެއްގޮތަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާ ގެ (ހ) ގައި ބަޔާންކުރާ ގޮތަށް ކޯޓު އަމުރަކަށް އެދުމެވެ. އަދި މި މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ މެންބަރަކު ނުވަތަ މެންބަރުން ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކީ، ކޯޓުގެ ނަޒަރުގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތެއްގެ މަސްލަޙަތަކަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބޭ ފަދަ ކަމެއްކަމުގައި ވަނީނަމަ، މި މާއްދާގައި ބުނާ ފަދަ އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާ ދަށުން ކޯޓަށް ކުރެވޭނީ އެ މާއްދާގެ (ށ) ގައި ބުނާ 3 (ތިނެއް) ބާވަތުގެ އަމުރެވެ. ކުންފުނި އުވާލުން ނުވަތަ ކުންފުނީގެ މުދާ ވަކިފަރާތަކަށް ދިނުމުގެ ނުވަތަ ބަދަލު ކުރުމުގެ އަމުރެއް މި މާއްދާގެ ދަށުން ކޯޓަށް ނުކުރެވޭނެއެވެ.

ކުންފުންޏެއްގެ ޙިއްޞާދާރުންނަށް ވުރެ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ އަމިއްލަ މަސްލަޙަތު އިސްކުރާ ޙާލަތުގައި ޢަމަލު ކުރާނެ ގޮތް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިތަފްޞީލް މަތީގައިވާ ޕެރެގްރާފް 46 ގައި ބަޔާންކޮށްފައިވާނެއެވެ.

ނިންމުން

ޙުސައިން ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ވަނީ:

"ޙުސައިން ޝަރީފްގެ ފަރާތުން ބްލޫ ލެގޫން އިންވެސްޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް މިކުރާ ދަޢުވާއަކީ، ކުންފުނީގެ ޙިއްސާދާރުންގެ ތެރެއިން، ޙަސަން އަފީފާއި މޫސާ ޙަސަންގެ ޢަމަލުތަކުގެ ސަބަބުން، ކުންފުނި ދަރަނިވެރިވެ، ކުންފުނީގެ ހަމައެކަނި އެސެޓް ކަމުގައިވާ މަޑޫގަލި ޓޫރިސްޓް ރިޒޯޓް ކުންފުނީގެ ކިބައިން ވަކިވުމުގެ އިޙްތިމާލު އޮތުމާއި، ކުންފުނީގެ ދަރަނިތައް އަދާކުރުމަށްޓަކައި މަޑޫގަލި ޓޫރިސްޓް ރިޒޯޓު ވިއްކާލުމުގެ އިޙްތިމާލު އޮތަތީއާއި، މިކަމުގެ ސަބަބުން ދަޢުވާކުރާ ފަރާތުގެ ޙައްޤުތަކާއި މަޞްލަޙަތަށް އުނިކަން ލިބޭތީ، ދަޢުވާކުރާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި، މަޑޫގަލި ޓޫރިސްޓް ރިޒޯޓް ހިމެނޭގޮތުން ކުންފުނީގެ މުދާ އަގުކޮށްދެއްވައި ކުންފުނީގެ ދަރަނިތައް ޝަރީޢަތުން ހިސާބު ކޮށްދެއްވައި، ކުންފުނީގެ ދަރަނިތަކާ ދަޢުވާކުރާ ފަރާތުން ޖާމިނުވެ، އެދަރަނިތައް އަދާކުރުމުން، އޭގެ މުޤާބިލުގައި މަޑޫގަލި ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ކުންފުންޏަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ދަޢުވާކުރާ ފަރާތަށް ލިބިގަތުމަށާ، އަދި މިކަން ތަންފީޒު ކޮށްދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އަމުރު ކޮށްދެއްވުން އެދި ދަޢުވާކުރާ ފަރާތުން ހުށަހަޅާ ދަޢުވާއެކެވެ." (ސަމާލުކަމަށް ގެނައުމުގެގޮތުން ރޮނގު ދަމާފައި)

މިފަދައިންނެވެ. އަދި ޙުސައިން ޝަރީފު އެދިފައިވަނީ އަންނަނިވި ކަންކަމަށެވެ.

"ޢަމަލީގޮތުންގޮތުން ކުންފުނި ހިންގުމުގައި އިސްވެ ތިއްބެވި ދެ ޑިރެކްޓަރުން ކަމުގައިވާ ޙަސަން ޢަފީފާއި މޫސާ ޙަސަން ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށް ކުރެއްވި ޢަމަލުތަކުގެ ސަބަބުން، ކުންފުނި ދަރަނިވެރިވެ ކުންފުނީގެ ފަރާތުން ހިންގާ މަޑޫގަލި ޓޫރިސްޓް ރިޒޯޓު ހިންގުން ހުއްޓި، މި ކަންކަމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް އިޢާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިފައިވާތީ، ދަޢުވާކުރާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ލިބިފައިވާކަމަށް ކަނޑައަޅުއްވައިދެއްވައި؛

މަޑޫގަލި ޓޫރިސްޓް ރިޒޯޓު ހިމެނޭގޮތުން ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މުދާ ޝަރީޢަތުން އަގުކޮށްދެއްވުމަށާއި، މަޑޫގަލި ޓޫރިސްޓް ރިޒޯޓު ޝަރީޢަތުން އަގު ކުރެއްވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރެއްވުމަށާއި؛

ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ މަޑޫގަލި ޓޫރިސްޓް ރިޒޯޓުގެ ކުލީގެ މުއްދަތުގެ ތެރެއިން މިހާރު ބާކީ އޮތް މުއްދަތު ކުރުކަމާއި، ކުލީގެ މުއްދަތު އިތުރުކުރުމަށް ލިބިފައިވާ ފުރުޞަތު ކުންފުނީގައި ފައިސާ ނެތުމުގެ ސަބަބުން ގެއްލިފައިވުން؛

ބްލޫލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ މަޑޫގަލި ޓޫރިސްޓް ރިޒޯޓުގައި މިހާރު ހުރި ޢިމާރާތްތައް ވީރާނާވެ ހަލާކުވެ، މަޑޫގަލި ޓޫރިސްޓް ރިޒޯޓަކީ މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އޮތް ރިޒޯޓެއް ނޫންކަމުން، ރިޒޯޓު ހިންގުމުގެ ހުއްދަ ސަސްޕެންޑް ކޮށްފައި އޮތުން؛

މަޑޫގަލި ޓޫރިސްޓް ރިޒޯޓު މަރާމާތުކޮށް އަލުން ތަރައްޤީކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢިމާރާތްކޮށް މަރާމާތު ކުރުމަށް ގާތްގަނޑަކަށް USD 30,000,000.00 (ތިރީސް މިލިއަން އެމެރިކާ ޑޮލަރ) ޚަރަދުވާނެކަމަށް ކުންފުނިން ބުނެފައިވުން.

ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަރަނިތަކާއި، ކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެންމެހައި ފައިސާއާއި، ކުންފުނީގެ މުވައްޒަފުންނަށް މިހާތަނަށް ދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ޝަރީޢަތުން ހިސާބުކޮށްދެއްވައި، އެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދުތައް ކަނޑައަޅުއްވައި ދެއްވުމަށާއި؛

މަޑޫގަލި ޓޫރިސްޓް ރިޒޯޓު ހިމެނޭގޮތުން ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މުދާ ޝަރީޢަތުން އަގުކުރައްވައި ކުންފުނީގެ ދަރަނިތައް ޝަރީޢަތުން ހިސާބު ކޮށްދެއްވައި، ކުންފުނީގެ އެންމެހައި ދަރަންޏާ ދަޢުވާކުރާ ފަރާތުން ޖާމިނުވެ، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަރަނި އަދާކުރުމުގެ މުޤާބިލުގައި؛

އއ. މަޑޫގަލި ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ދަޢުވާކުރާ ފަރާތުގެ ނަމަށް ބަދަލުކޮށްދެއްވައި،

މަޑޫގަލި ޓޫރިސްޓް ރިޒޯޓު ހިމެނޭގޮތުން ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މުދާ އަގުކުރައްވައި ކުންފުނީގެ ދަރަނި ހިސާބުކުރެއްވުމުން ތަފާތުވާ އަދަދު ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވައި، އެ އަދަދަށް ޒިންމާވާންޖެހޭ ފަރާތެއް ކަނޑައަޅުއްވައިދެއްވައި،

މިގޮތުން، މަޑޫގަލި ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ކުންފުންޏަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ދަޢުވާކުރާ ފަރާތަށް ބަދަލުކުރުމަށް ޝަރީޢަތުން ކުރައްވާ އަމުރު ތަންފީޒު ކޮށްދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އަމުރުކޮށްދެއްވައި، މި މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ކޮށްދެއްވައި، ވެވަޑައިގަތް އެންމެ އަވަސް ފުރުޞަތެއްގައި މައްސަލަ ނިންމަވައިދެއްވުމެވެ."

ހައިކޯޓުގެ ޙުކުމްތައް ނުވަތަ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ޙާލަތްތައް ބަޔާން ކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ޙާލަތަކީ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމެވެ. އަދި ދެވަނަ ޙާލަތަކީ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތަކީ އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އައިބުތަކުގެ ތެރެއިން އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވާފަދަ އިޖުރާއަތެއް މެދުވެރިވާ ޙާލަތެވެ.

ކޯޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ މައުޟޫޢީގޮތުން ބެލެން އޮތް މައްސަލައަކަށްވެފައި އެ މައްސަލައިގެ ވާޤިޢާތައް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް އަދި ޞައްޙަކޮށްކަމަށް ވަނީނަމަ، އެ މައްސަލަގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލު ކަނޑައަޅައި އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިދާނެ ކަމަށެވެ. އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ މައްސަލައިގެ ވާޤިޢާތައް އަލުން ބަލަންޖެހޭނަމަ އެ މައްސަލައެއް އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރެވިދާނެ ކަމަށެވެ.

ކޮންމެ މަދަނީ މައްސަލައެއްގައިމެ ޙުކުމް ކުރަންވާނީ ހުށަހެޅިފައިވާ ދަޢުވާއަށާއި، ދިފާޢުއަށާއި ހުށަހެޅުނު ހެއްކަށް ރިއާޔަތްކުރުމަށް ފަހުއެވެ. ޤާނޫނީ ބަހުސެއް އުފެދޭކަމެއް މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަކުރެވޭނަމަ އެކަމެއް ފާހަގަކުރުމަށްފަހު އެކަމާމެދު ފަނޑިޔާރުދެކޭގޮތް އޭނާގެ ރަޢުޔުގައި ބަޔާންކުރަންޖެހޭނެއެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއްގެ އަސްލު ދަޢުވާއާ ގުޅިގެން ރައްދު ދަޢުވާއެއް ކޮށްފިނަމަ ނުވަތަ އިތުރު ދަޢުވާއެއް ކުރުމުގެ ހުއްދަދީފައިވާނަމަ، އެ ކަމެއް ފާހަގަކޮށް އެކަމަކާމެދު ވެސް އެއްޗެއް ބުނަންޖެހޭނެއެވެ. ރައްދު ދަޢުވާއެއްކުރިނަމަ ނުވަތަ އިތުރު ދަޢުވާއެއްކުރުމުގެ ހުއްދަ ދީފައިވާނަމަ، އެ ދަޢުވާއެއްކުރުމުގެ ހުއްދަ ދެވިފައިވާކަން ލިޔުމުން ފެންނަން އޮންނަންވާނެއެވެ. ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކައަކަށް އެކަނި ބަލައި ރައްދު ދަޢުވާއެއްކުރިކަން ނުވަތަ އިތުރު ދަޢުވާއެއްކުރިކަން ދެނެއެއް ނުގަނެވޭނެއެވެ. ރައްދު ދަޢުވާއެއްކުރިކަން ނުވަތަ އިތުރު ދަޢުވާއެއްކުރިކަން މައްސަލައިގައި ހިމެނޭ ހުރިހާފަރާތަކަށް ވަރަށް ސާފުކޮށް އެނގި އެ ދަޢުވާއަށް ޖަވާބު ދިނުމުގެ ފުރުޞަތުދެވިފައި އޮންނަންވާނެއެވެ. ޝަރީޢަތުން ރިޢާޔަތްކުރާނީ ދަޢުވާއަށާއި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކަށެވެ. އަދި ރައްދު ދަޢުވާއެއް ކޮށްފައިވާނަމަ އެ ދަޢުވާއަށާއި އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކަށެވެ.

މި ރައުޔުގައި އަހުރެން ފާހަގަކުރި ކަންކަން އަދި ޙުސައިން ޝަރީފު ކުރި ދަޢުވާއަށާއި އޭނާ އެދުނު ކަންކަމަށާއި ހުށަހެޅި ހެކިތަކަށް ބަލާއިރު، މަޑޫގަލި ޓޫރިސްޓް ރިސޯޓު ހިމެނޭގޮތަށް، ކުންފުނީގެ މުދާ ކޯޓުން އަގުކޮށް އަދި ކުންފުނީގެ ދަރަނިތައް ޝަރީޢަތުން ހިސާބުކޮށް ކުންފުނީގެ ދަރަނިތަކާ ޙުސައިން ޝަރީފް ޖާމިނުވެ، އެ ދަރަނިތައް އަދާކުރުމުން، އޭގެ މުޤާބިލުގައި މަޑޫގަލި ޓޫރިސްޓް ރިސޯޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ބްލޫ ލެގޫން އަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ޙުސައިން ޝަރީފަށް ލިބިގެން ވާކަމަށް ކަނޑައެޅުމަކީ އަދި މިކަން ތަންފީޛު ކޮށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ކޯޓުން އަމުރެއް ކުރުމަކީ ގާނޫނީ ގޮތުން ދިވެހިރާއްޖޭގެ ކޯޓަކަށް ކުރެވޭނެ ކަމެއް ކަމަކަށް އަހުރެން ނުދެކެމެވެ.

މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތަށް ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ޤަޟިއްޔާގައި "]ބްލޫ ލެގޫންގެ[ މައިނޯރިޓީ ޙިއްޞާދާރުކަމުގައިވާ ޙުސައިން ޝަރީފް ދަޢުވާގައި އެދިފައިވާ ފަދައިން ފައިސަލާކޮށްދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/374 ޤަޟިއްޔާ ނިންމާފައިވަނީ ރަނގަޅަށްކަމުގައި އަހުރެން ދެކެމެވެ. އަދި ސުޕްރީމް ކޯޓުގައި ޙުސައިން ޝަރީފުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު އަހުރެން ބަލައެއް ނުގަންނަމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ޙުސައިން ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކަކީ ކޮބައިކަން ތަފްސީލުކުރުން މުހިންމުކަމުގައި ދެކެމެވެ. އެގޮތުން ޙުސައިން ޝަރީފްގެ ފަރާތުން އިސްތިއުނާފީ މައިގަނޑު 6 ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ؛

ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން (މީގެ ފަހުން "ބްލޫ ލެގޫން" ނުވަތަ "ކުންފުނި") 7 ނޮވެންބަރު 2010 ގައި USD 3,700,000.00 (ތިން މިލިއަން ހަތްލައްކަ އެމެރިކާ ޑޮލަރު) ނެގުމަށްޓަކައި ކުންފުނިން ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަށް ނޯޓިސް ނުފޮނުވުމަކީ އިދާރީ އިހުމާލެއްކަމަށާއި، ޙުސައިން ޝަރީފްއަކީ މައިނޯރިޓީ ހިއްސާދާރުކަމުން ކުންފުނީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަންތައްތައް ބަދަލުކުރުމުގެ ބާރެއް ޙުސައިން ޝަރީފަށް ލިބިފައިނުވަނީސް، އެ ލޯނު ނެގި ބައްދަލުވުމަށް ޙުސައިން ޝަރީފަށް ހާޒިރުނުވެވި ޙުސައިން ޝަރީފްގެ ފަރާތުން ދެކޭގޮތް ބުނުމުގެ ޙައްޤު ނުލިބުނު ކަމަށްޓަކައި، ކުންފުނިން ނަގާފައިވާ ލޯނުގައި އިތުރު ފަރާތްތަކުގެ ޙައްޤު އެކުލެވޭއިރު، އެ ނިންމުން ނިންމި ދުވަސްވަރު ޙުސައިން ޝަރީފް އެކަންކަމަށް އިއުތިރާޒުކޮށްފައިނުވާތީ، ކުންފުނީގެ ބޯޑުގެ ނިންމުން ބަދަލުކުރަންޖެހޭކަމަށް ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ޙުސައިން ޝަރީފަށް ލިބިގެންވާ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކުރުމުގެ އުސޫލާއި، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށްވުން

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ނ) ގައި، ކުންފުންޏެއްގެ ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަކީ އެ ކުންފުނީގެ އަމިއްލަ އިދާރީ ހިންގުމުގެ ތެރޭގައި ހިމެނޭ ކަންކަންކަމާއި، ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް ކުންފުންޏަށް އެސެޓް އިތުރުކުރުމަށާއި ވިޔަފާރި ކުރިއެރުވުމަށް ޑިރެކްޓަރުން ނިންމާ ނިންމުމެއްގެ ސަބަބުން ގެއްލުމެއް ލިބޭ ކޮންމެ ހާލަތަކީ ކުންފުނީގެ ސިޔާސަތު ކަނޑައެޅި ފަރާތުން ޒިންމާވާންޖެހޭ ހާލަތެއް ނޫންކަމަށާއި، ކުންފުނިން ލޯނު ނަގާފައިވަނީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ޚިލާފަށް ނޫންކަމަށާއި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންގެ ޢަމަލުތަކުގެ ސަބަބުން ކުންފުނި ދަރަނިވެރިވެފައިވާކަމަށް ބެލެވެން ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުން މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކުރުމުގެ އުސޫލާއި، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި ކަނޑައަޅާފައިވާ އުސޫލާއި، ސުޕްރީމް ކޯޓުގެ ވޯލްޑް ލިންކް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ގަޒިއްޔާގެ (ނ) ގައި ކަނޑައަޅާފައިވާ އުސޫލާއި، ހައިކޯޓުގެ ނަންބަރު 2007/HC-A/192 ގަޒިއްޔާގައި ކުންފުނީގެ މެންބަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެންކަން ނުވަތަ ނޫންކަން ބެލުމުގައި ރިއާޔަތްކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ޙުސައިން ޝަރީފަށް ލިބިގެންވާ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް އަދި އެ ޤާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮންނަ ޒިންމާތައް ތަޠުބީޤުކުރުމަކާ ނުލައިކަމުގައިވުން

ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 3.5 ގައި ފާހަގަކޮށްފައިވާ ކަންކަމާމެދު، ކުންފުނީގެ ވިޔަފާރިތަކާއި ސިޔާސަތުތަކާއި، ހިންގުމަކީ އެ ކުންފުންޏަކަށް ލިބިގެންވާ ބާރެއްކަމަށްވާތީ، ގަސްތުގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން ޢަމަލުކުރަމުން ނުދާ ހާލަތުގައި، ކުންފުނީގެ ވިޔަފާރި ހިންގުމުގެ ތެރެއިން ކުންފުނިން އިޚްތިޔާރު ކުރަންވީ ކަންކަން ކަނޑައެޅުމަކީ ޝަރީޢަތުގެ ދައުރެއް ނޫންކަމަށް ކަނޑައަޅާފައިވަނީ ބްލޫ ލެގޫންގެ މެޖޯރިޓީ ހިއްސާދާރުން ކުންފުނީގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްފައިވާކަން ހާމަވާ ހެކި ހުށަހަޅާފައިވާއިރު އެކަންކަމަށް ރިޢާޔަތްނުކޮށް، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) އަދި (ނ) ގައި ކަނޑައަޅާފައިވާ އުސޫލާއި، ހައިކޯޓުގެ ނަންބަރު 2010/HC-A/47 ގަޒިއްޔާގެ 2 ވަނަ ނަންބަރު ގެ (ނ) އާއި ސުޕްރީމް ކޯޓުގެ ވޯލްޑް ލިންކް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ގަޒިއްޔާގެ (ނ) ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށްބުނެ ހައިކޯޓުގެ ނަންބަރު 2016/HC-A/374 ގަޒިއްޔާގެ އިސްތިއުނާފު ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާއާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވަނީ އެ ކޯޓުގެ ނަންބަރު 2010/HC-A/47 ގަޒިއްޔާގެ 2 ވަނަ ނަންބަރުގެ (ނ) ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށްވުން

ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގެ ޝަރީޢަތް ނިމުމުގޮތުގެ ޚުލާޞާ ރިޕޯޓުގެ 3.6 ގައި، މަޑޫގަލި ޓޫރިސްޓު ރިޒޯޓުގެ މުވައްޒަފުންނަށް ލިބެންޖެހޭ ސަރވިސް ޗާޖާއި، ޕެންޝަން ފައިސާއާއި މުސާރައާއި އެހެނިހެން އިނާޔަތްތައް ހޯދައިދިނުމަކީ ޙުސައިން ޝަރީފްގެ ޒިންމާއެއް ނޫންކަމަށާއި، ޙުސައިން ޝަރީފްގެ ދަޢުވާގައި އެ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ ހިސާބުކުރުމަށް އެދިފައިވާހިނދު، އެފަދައިން އެދުމުގެ ސިފަތު ޙުސައިން ޝަރީފަށް ލިބިގެންނުވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާއިރު، ޙުސައިން ޝަރީފުގެ ދަޢުވާގައި މަޑޫގަލި ޓޫރިސްޓު ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން ފައިސާ ހޯދުމަށް އެދިފައިނުވާތީއާއި، ޙުސައިން ޝަރީފުގެ ދަޢުވާ ސާބިތުވެއްޖެ ހިނދެއްގައި، ޙުސައިން ޝަރީފް ކުންފުނީގެ ދަރަންޏަށް ޖާމިނުވުމަށްޓަކައި ކުންފުނީގެ ދަރަނި ޝަރީޢަތުން ހިސާބުކުރުމަށް އެދިފައިވާއިރު، ޙުސައިން ޝަރީފްގެ ދަޢުވާގައި އެދިފައިނުވާކަމަކަށް އޭނާ އެދިފައިވާކަމަށާއި، އެކަމަށް އެދުމުގެ ސިފަތު ނެތްކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި ހައިކޯޓުގެ ނަންބަރު 2010/HC-A/47 ގަޒިއްޔާގެ 2 ވަނަ ނަންބަރުގެ (ނ) އާއި ޚިލާފަށްކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، ހައިކޯޓުން އެ ނުކުތާއާމެދު ގޮތެއް ކަނޑައަޅާފައިނުވުން

ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގެ 3.7 ގައި، ޙުސައިން ޝަރީފް ހާޒިރުކޮށްދިނުމަށް އެދިފައިވާ ހެކިންނަކީ ޙަސަން އަފީފްއާއި މޫސާ ޙަސަން ބްލޫ ލެގޫން ހިންގި ދުވަސްވަރުގައި މަޑޫގަލި ޓޫރިސްޓު ރިޒޯޓުގެ ފެންވަރު ދަށްވެ، މުވައްޒަފުންނަށް ދޭންޖެހޭ ސާރވިސް ޗާޖާއި، ޕެންޝަން ފައިސާއާ މެދު ޢަމަލުކުރެވުނު ގޮތް ސާބިތުކުރުމަށްޓަކައި ހާޒިރުކޮށްދިނުމަށް އެދިފައިވާ ހެކިންކަމުގައިވާތީ، ޝަރީޢަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން 3.5 އަދި 3.6 ގައި ފާހަގަކޮށްފައިވާ ކަންކަން އެހެން ހުރުމުން، މައްސަލައިގެ މައުލޫއާމެދު ޝަރީޢަތުން ފައިސަލާކުރުމަށްޓަކައި ހެކިން ހާޒިރުކުރަން ނުޖެހޭކަމަށް ނިންމާފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމެއްނެތި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި، ހައިކޯޓުގެ ނަންބަރު 2010/HC-A/47 ގަޒިއްޔާގެ 2 ވަނަ ނަންބަރުގެ (ނ) އާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ ނުކުތާއާމެދު ގޮތެއް ކަނޑައަޅާފައިނުވުން

ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގެ ޚުލާޞާ ރިޕޯޓު އިޞްލާޙުކޮށްފައިވަނީ ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 38 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި 107 ވަނަ މާއްދާގައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޙުސައިން ޝަރީފަށް ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށްކަމަށްބުނެ ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކާ މެދު ގޮތް ކަނޑައެޅުމުގައި ބަހާލެވިފައިވާގޮތް

ޙުސައިން ޝަރީފްގެ މައިގަނޑު ޝަކުވާތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅި ބައެއް އިސްތިއުނާފީ ނުކުތާތަކަށް އެ ކޯޓުން ޖަވާބު ނުދޭކަން ފާހަގަކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުންވެސް ހައިކޯޓުންވެސް މި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ފާހަގަކޮށް، މައްސަލައިގެ މައުލޫއާމެދު ބައެއް ކަންކަން ޙުސައިން ޝަރީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި ޙުސައިން ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް އިސްތިއުނާފީ ނުކުތާތަކުގައި އެއް ވާހަކަތަކެއް ތަކުރާރުކޮށްފައިވެއެވެ. ވުމާއެކު، އިސްތިއުނާފީ ނުކުތާތަކާމެދު ގޮތް ކަނޑައެޅުމުގައި އަންނަނިވި މައުލޫއުތަކަށް ބަހާލާނަމެވެ.

(ހ)

ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތައް

(ށ) ކުންފުނީގެ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ ހިސާބުކުރުން

(ނ) ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ގޮތް ކަނޑައެޅުން

(ރ) ޙުކުމްކުރުމަށްފަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަދަލު ގެނައުން

ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތައްޙުސައިން ޝަރީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފުރަތަމަ ދެ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރާ މައިގަނޑު ޝަކުވާއަކީ ސިވިލް ކޯޓުންނާއި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ޙުސައިން ޝަރީފަށް ލިބޭ ޙައްޤަށް އުނިކަން އަންނަފަދަ ގޮތަކަށްކަމަށާއި، އެހެން ޖުރިސްޑިކްޝަންތަކުގައި ޑިރެކްޓަރުންގެ ޒިންމާތައް އަދާކުރާ ގޮތަށް ރިޢާޔަތްކުރަންވާނެކަމަށެވެ. އެގޮތުން، ކުންފުނީގެ ބޯޑު ބައްދަލުވުމަކަށް ހާޒިރުވުމަށް ކުންފުނީގެ ވަކި ޑިރެކްޓަރަކަށް ނޯޓިސް ނުފޮނުވައި، ކުންފުނީގެ ބޯޑުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުންތައް ސައްޙަވާނީ އެ ނޯޓިސް ފޮނުވުމުގެ ޒިންމާ އޮތް ޑިރެންޓަރުންގެ ހެޔޮ ނިޔަތް ނުވަތަ bona fide intent ސާބިތުކޮށްދެވޭ ޙާލަތްތަކުގައިކަމަށެވެ.

ޙުސައިން ޝަރީފްގެ ބައިވެރިވުމެއް ނެތި ބްލޫ ލެގޫންގެ އަޣުލަބިއްޔަތު އޮތް ޑިރެކްޓަރުން އެ ކުންފުނީގެ ނަމުގައި ނަގާފައިވާ ލޯނުގެ ސަބަބުން ބްލޫ ލެގޫންގެ ހަމައެކަނި އެސެޓްކަމުގައިވާ މަޑޫގަލި ޓޫރިސްޓު ރިޒޯޓުން ލިބޭ ފައިސާގެ ބޮޑުބައެއް ޚަރަދުވަނީ އެ ލޯނު އަދާކުރުމަށްކަމަށާއި، އެހެންކަމުން ރިޒޯޓު މަރާމާތުކުރުމަށް ފައިސާ ނެތުމުގެ ސަބަބުން ރިޒޯޓު ބަންދުކުރަންޖެހި ބްލޫ ލެގޫން ދަރަނިވެފައިވާކަމަށެވެ.

ޙުސައިން ޝަރީފްގެ ފަރާތުން ތުހުމަތުކުރަނީ ބްލޫ ލެގޫންގެ އަނެއް ދެ ޑިރެކްޓަރުން އަދި ހިއްސާދާރުން ޝާމިލުވާ ކުންފުންޏެއްކަމުގައިވާ އެގްޒޯޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްއަށް ފައިސާ ހޯދުމަށްޓަކައި، ބްލޫ ލެގޫންއިން މަޑޫގަލި ރަހުނުކުރުމަށްފަހު، އެގްޒޯޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްގެ ފައިދާއަށްޓަކައި ލޯނެއް ނަގާފައިވަނީ ޑިރެކްޓަރުންގެ ފައިޑިޔުޝަރީ ޑިޔުޓީ (fiduciary duty) އާ ޚިލާފަށްކަމަށެވެ. އަދި މި ދެ ޑިރެކްޓަރުން ނިންމާފައިވާ ނިންމުމަކީ ކުންފުނީގެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދުގައި ޖަލްސާތަކަށް ނޯޓިސް ފޮނުވުމަށް އޮންނަ ޒިންމާއާ ޚިލާފަށް އަދި ނުނިޔަތުގައި އެ ދެ ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްޓަކައި ހިންގާފައިވާ ޢަމަލެއްކަމަށެވެ.

މި މައްސަލައަކީ ދައުލަތުގެ ފަރާތުން މައުލޫއީ ގޮތުން ޖަވާބުދާރީވާންޖެހޭ މައްސަލައެއް ނޫންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.

ބްލޫ ލެގޫންގެ ފަރާތުން ބުނެފައިވަނީ ކުންފުނީގެ އެކި އެކި ކަންކަމަށް ދަރަނި ނެގުމަކީ ވިޔަފާރީގެ ޢާންމު އުސޫލެއްކަމަށާއި، ބްލޫ ލެގޫންއިން ލޯނެއް ނެގުމަކީ ޙުސައިން ޝަރީފްގެ މަސްލަހަތަށް އުނިކަމެއް އަންނަންޖެހޭކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނޫންކަމަށެވެ. އަދި މަޑޫގަލި ރިޒޯޓު ރަހުނުކޮށް ބޭންކް އޮފް ސިލޯނުން ލޯނު ނަގާފައިވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ކުންފުނީގެ ބޯޑުން ފާސްކޮށްގެންކަމަށެވެ. އަދި ބޯޑު ބައްދަލުވުމެއްގެ ކޯރަމް އަކީ ދެ ޑިރެކްޓަރުން ކަމުގައިވާއިރު، ލޯނު ނަގާފައިވަނީ ހާޒިރުވި ދެ ޑިރެކްޓަރުންގެ އިއްތިފާޤުންކަމަށެވެ. އަދި އެ ނިންމުން ނަފީ ނުވާނެކަމަށާއި އެ ބޯޑު ބައްދަލުވުމަށް ޙުސައިން ޝަރީފް ހާޒިރުވިނަމަވެސް، އެ ނިންމުން ނަފީކުރާނެ ބާރެއް އޭނާއަކަށް ނޯންނާނެކަމަށެވެ. އަދި މިހާރު ތިންވަނަ ފަރާތެއްގެ ޙައްޤު މި މައްސަލައިގައި އެކުލެވިގެންވާކަމަށެވެ.

ކުންފުނީގެ ދެ ޑިރެކްޓަރުން އެމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ޚިލާފުވެފައިވާކަމަށް ބުނާ ބުނުމާ ގުޅިގެން ބްލޫ ލެގޫންގެ ފަރާތުން ބުނެފައިވަނީ ކުންފުނީގެ އެ ދެ ޑިރެކްޓަރުން/ހިއްސާދާރުން އެ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް މިހާތަނަށް އެއްވެސް އިދާރާއަކުން ނުވަތަ ޝަރުޢީ ކޯޓަކުންވެސް ނިންމާފައިނުވާކަމަށެވެ. އަދި ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކުރާ އެއްވެސް ކަމެއް އެ ދެ ޑިރެކްޓަރުން ކޮށްފައިނުވާކަމަށެވެ.

ބްލޫ ލެގޫންއިން ނެގި ލޯނަކީ އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނިން ކުއްޔަށްހިފި ނ. ރާފުށީގެ ލީޒް އެކުއިޒިޝަން ދެއްކުމަށް ނެގި ލޯނެއްކަމަށާއި، އެ ލޯނު ނަގާފައިވަނީ ބްލޫ ލެގޫންއަށް ނ. ރާފުށީގެ ބިޑު ނާކާމިޔާބުވުމުން، ދެން އެ އިންވެސްޓްމަންޓުގެ ހިއްސާ ބްލޫ ލެގޫންއަށް ހޯދުމުގެ ބޭނުމުގައިކަމަށެވެ. އަދި އެ ލޯނު ބްލޫ ލެގޫންއިން އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވަނީ ކޮމިޝަނާއެކު އަނބުރާ ދައްކާ އުސޫލުގެ އިތުރުން ނ. ރާފުށީގެ 30% (ތިރީސް އިން ސައްތަ) ހިއްސާ ބްލޫ ލެގޫންއަށް ދޭ ގޮތަށްކަމަށެވެ.

(ހ) ދިވެހިރާއްޖޭގައި ޑިރެކްޓަރުންގެ ވާޖިބާއި މައިނޯރިޓީ ހިއްސާދާރު

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައި ޑިރެކްޓަރުންނަށް މަތިކުރެވިފައިވާ ބައެއް މަސްއޫލިއްޔަތުތަކުގެ ވާހަކަ ދައްކާފައިވެއެވެ. އެހެންނަމަވެސް އެ މަސްއޫލިއްޔަތުތަކާއި ކުންފުނީގެ އެހެނިހެން ކަންކަން ކުރުމުގައި ނުވަތަ ނިންމުން ނިންމުމުގައި ޑިރެކްޓަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތާ މެދު ވަކި އެއްޗެއް ޤާނޫނުގައި ބަޔާންކޮށްފައިނުވެއެވެ.

ހަމަ އެފަދައިން، މައިނޯރިޓީ ހިއްސާދާރުންގެ ޙައްޤުތަކަށް ބަލާއިރު، ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކުންފުނީގެ މެންބަރެއްގެ މަސްލަހަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ، ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ ކުންފުނީގެ މެންބަރެއްގެ ނުވަތަ މެންބަރުންގެ ތެރެއިން ބައެއްގެ މަސްލަހަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައިވާނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ބާވަތްތަކުގެ އަމުރު ނެރުމުގެ ބާރު ކޯޓަށްއޮވެއެވެ. އެ މާއްދާގެ ދަށުން އަމުރުތައް ނެރުމުގެ ހާލަތުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނި ވަކި ގޮތަކަށް ހިންގުމަށް ނެރޭ އަމުރާއި، ކަމެއް ރަނގަޅުކުރުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރާއި، އަދި ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލުގެނައުމުގެ އަމުރެވެ. މިއީ ކުންފުނީގެ މެންބަރެއްގެ ޙައްޤަކަށް އުނިކަމެއް އަންނަނަމަ ކޯޓުގައި އެދެވިދާނެ ފަރުވާތަކެވެ. ކުންފުނީގެ ޙައްޤުގައި މައިނޯރިޓީ ހިއްސާދާރަކަށް ނުވަތަ ކުންފުނީގެ މެންބަރަކަށް އެޅިދާނެ ފިޔަވަޅުތައް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނުވެއެވެ.

ދިވެހިރާއްޖޭގައިވެސް ޒަމާނާއެކު އަންނަ ބަދަލުތަކާއެކު، އަދި ކުރިއަރާފައިވާ މުޖްތަމައުތަކުގައި ގެންގުޅޭ އުސޫލުތަކާ އެއްހަމަ ކުރާނަމަ، ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާނެގޮތުގެ ވަކި އުސޫލުތަކެއް ބަޔާންވެފައި އޮތުން މުހިންމުކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ މި މައްސަލައިގައި ހިނގާފައިވާކަމަށް ބުނާ ހާލަތްތައް ފަދަ ހާލަތްތަކުގައި، ޑިރެކްޓަރުންގެ ޢަމަލުތައް ހަމަ ހަޤީޤަތުގައިވެސް ތުހުމަތު ކުރެވޭފަދަ ގޮތަކަށް ހުރިނަމަ، އަދި ޝަކުވާކުރަނީ މައިނޯރިޓީ ހިއްސާދާރެއްނަމަ، ޝަކުވާކުރާ ފަރާތުގެ ޝަކުވާއަށް ކޮންމެވެސް ހައްލެއް ލިބެންޖެހޭތީއެވެ.

(ށ) އިނގިރޭސިވިލާތުގައި ކުންފުންޏާއި ކުންފުނީގެ މެންބަރުންގެ މައްޗަށް ހިނގާ އުސޫލު

އިނގިރޭސި ވިލާތުގައި ޑިރެކްޓަރުންގެ ވާޖިބާއި ޒިންމާއަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލަން އަހުރެން ގަސްތުކުރަނީ އެފަދަ ވާޖިބުތަކާއި ޒިންމާތަކާބެހޭ ގޮތުން ޙުސައިން ޝަރީފްގެ ފަރާތުންވެސް އަލިއަޅުވާލުމުގެ އިތުރުން، އުއްތަމަ ފަނޑިޔާރުގެ ރައުޔުގައިވެސް މިކަންކަމާބެހޭ ބައެއް ތަފްސީލު ހުރުމުންނެވެ.

ކުރުކޮށް ބުނާނަމަ، އިނގިރޭސި ކޮމަން ލޯގައި އެތައް އަހަރެއްގެ ތަޖުރިބާއިން ޑިރެކްޓަރުން ކުންފުންޏެއްގައި އެ މީހުންގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމުގައި ގެންގުޅެންޖެހޭ ވަކި މިންގަނޑުތަކެއް އުފެދިފައިވެއެވެ. ކޮމަން ލޯއިން އުފެދިފައިވާ މި ވާޖިބުތައް މިހާރުވަނީ 2006 ގައި ޢަމަލުކުރަންފެށި އިނގިރޭސި ކުންފުންޏާބެހޭ ޤާނޫނުގައި ކޮންމެވެސް ވަރަކަށް ކޯޑިފައިކުރެވިފައެވެ. ޤާނޫނުގައި ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތައް ބަޔާންކޮށްފައިވީނަމަވެސް ޤާނޫނުގައިވާ މާއްދާތައް މާނަކުރުމުގައި ޢަމަލުކުރަންޖެހެނީ ޒަމާނުއްސުރެން ޢަމަލުކުރަމުންދިޔަ ކޮމަން ލޯ އާއި އެކުއިޓީގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(1) މައިނޯރިޓީ ފަރާތަށް ކުންފުނީގެ ނަމުގައި ދަޢުވާކުރުމުގެ ޙައްޤު

ޑިރެކްޓަރުން އެމީހުންގެ ވާޖިބުތައް އަދާކުރަނީ ކުންފުނީގެ މަސްލަހަތަށްޓަކައި ކުންފުންޏަށެވެ. ކުންފުނީގެ ހިއްސާދާރުންނަކަށް ނޫނެވެ. އެހެންކަމުން، ކުންފުންޏާ ދެކޮޅަށް ހަދާ ގޯސްތަކުގައި ނުވަތަ ހިންގާ ޢަމަލުތަކުގައި ދަޢުވާކުރުމުގެ ޙައްޤު އޮންނަނީ ކުންފުންޏަށެވެ. މިއީ ޢާންމު އުސޫލެވެ.

ނަމަވެސް މި އުސޫލާ އެއްގޮތަށް ޢަމަލުކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވަނީ ކުންފުނީގެ އަޣުލަބިއްޔަތު އޮތް ފަރާތްތަކުން ކުންފުންޏާ ދެކޮޅަށް، ކުންފުނީގެ މަސްލަހަތާ ޚިލާފަށް ކަންކަންކުރުމުންނެވެ. އެހާހިސާބުން ކުންފުންޏާ ދެކޮޅަށް ހިންގާފައިވާ ޢަމަލުތަކާ ގުޅިގެން ކުންފުނިން ދަޢުވާކޮށް، ފަރުވާއެއް ހޯދުން ހުއްޓުވަނީ ކުންފުނީގެ އަޣުލަބިއްޔަތު އޮތް ފަރާތްތަކުންނެވެ.

ކުންފުންޏާ ދެކޮޅަށް ހަދާ ގޯސްތަކަށް ނުވަތަ ހިންގާ ޢަމަލުތަކަށް ދަޢުވާކުރެވޭނީ ސީދާ ކުންފުންޏަށްކަމަށް އޮންނަ އޮތުމުގެ އިސްތިސްނާ ހާލްތަތަކެއް ކޮމަން ލޯގައިވެއެވެ. ހުށަހެޅިފައިމިވާ މައްސަލައިގެ ވާގިއާތަކުގެ އަލީގައި، ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުން ކުންފުނީގެ ނަމުގައި ދަޢުވާ ކުރެވިދާނެކަމަށް އޮންނަ އޮތުމަކީ ފާހަގަކޮށްލެވޭ އެއް ހައްލެވެ. މި ހައްލަކީ މިހާރު އިނގިރޭސި ކުންފުންޏާބެހޭ ޤާނޫނު 2006 ގައިވެސް ބަޔާންކުރެވިފައިވާ ހައްލެކެވެ.

ޑެރިވަޓިވް އެކްޝަން (derivative action) އެއްގައި ކުންފުނީގެ އެންމެ ހިއްސާދާރަކު ކުންފުނީގެ މަސްލަހަތުގައި ކުންފުނީގެ ފަރާތުން ދަޢުވާ ކުރެވިދާނެއެވެ. ތާރީޚީ ގޮތުން ކޮމަން ލޯގެ ދަށުން މިފަދަ ދަޢުވާއެއްކުރާނަމަ، ދަޢުވާކުރާ ފަރާތުން ނުވަތަ މައިނޯރިޓީ ހިއްސާދާރު އަންނަނިވި ކަންކަން ސާބިތުކޮށްދޭންޖެހެއެވެ.

މައިނޯރިޓީ އޮތް ފަރާތްތަކަށް މަކަރާއި ހީލަތް ހެދުން (fraud on the minority): "މަކަރާއި ހީލަތް" މިތަނުގައި މި ލަފްޒު ބޭނުންކުރެވުނު ނަމަވެސް، އިނގިރޭސި ކޯޓުތަކުން މި ލަފްޒު ބޭނުންކޮށްފައިވަނީ ވަރަށް ފުޅާ މާނައެއްގެ ތެރޭގައެވެ. އެގޮތުން މަކަރާއި ހީލަތް ނުވަތަ ފްރޯޑްކަމަށް ބަލަނީ ހަމައެކަނި ކޮމަން ލޯގައި ފްރޯޑްކަމަށް ބެލެވޭ ކަންކަމަށްނޫނެވެ. އެކުއިޓީގެ ހަމަތަކުންވެސް ފްރޯޑްކަމަށް ބެލެވިދާނެ ކަންކަން މި މާނައިގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ކުންފުނީގެ އަޣުލަބިއްޔަތު އޮތް ޑިރެކްޓަރުން އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި ކުންފުނީގެ ފައިސާއާއި މުދަލާއި އަދި ކުންފުންޏަށް ލިބޭ އެންމެހައި މަންފާތަކާއި ފުރުސަތުތައް އެމީހުންގެ އަމިއްލަ މަސްލަހަތުގައި ބޭނުންކުރުން ހިމެނެއެވެ. ފްރޯޑްއަށް ފުޅާ މާނައެއް ބޭނުންކޮށްފައިވާއިރު، ކުންފުނީގެ އަޣުލަބިއްޔަތު އޮތް ޑިރެކްޓަރުން ފަރުވާކުޑަކުރުމުގެ ސަބަބުން ކުރާ ދަޢުވާތަކުގައި، އެ މީހުންގެ އެ ޢަމަލުތަކުގެ ނަތީޖާއަކީ އެމީހުންގެ އަމިއްލަ މަންފާއަށް ކުރި ކަންތައްތަކެއް ކަމަށްވާންޖެހެއެވެ. އެހެންނަމަވެސް، މި އުސޫލު މިހާރުވަނީ ކުންފުންޏާބެހޭ ޤާނޫނު 2006 ގެ ދަށުން ބަދަލުވެފައެވެ. އެގޮތުން، ކުންފުނީގެ ޑިރެކްޓަރުން ކުރާކަމަކުން، ނުވަތަ ކުރަންއުޅޭ ކަމަކުން، ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން ދިމާވާ މައްސަލަތަކާ ގުޅިގެން މައިނޯރިޓީ ހިއްސާދާރަކަށް ކުންފުނީގެ ފަރާތުން ދަޢުވާކުރެވިދާނެއެވެ. އެހެންގޮތަކަށް ބުނާނަމަ، ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތަށްޓަކައި ކަމެއް ނުކުރިނަމަވެސް، ކުންފުނީގެ މަސްލަހަތާ ޚިލާފުކަމެއް ކޮށްފައިވާކަން މައިނޯރިޓީ ހިއްސާދާރަށް ސާބިތުކޮށްދެވޭނަމަ، ކުންފުނީގެ ފަރާތުން އޭނާއަށް ދަޢުވާ ކުރެވިދާނެއެވެ. ހަމައެފަދައިން، ކޮމަން ލޯ ގައި ފްރޯޑްއަކީ ޝަރުތެއްކަމުގައިވާއިރު، ކުންފުންޏާބެހޭ ޤާނޫނުގައި، ކުންފުނީގެ މަސްލަހަތުގައި ދަޢުވާކުރުމަށްޓަކައި ފްރޯޑެއް އޮތްކަން މިހާރު މައިނޯރިޓީ ހިއްސާދާރަށް ސާބިތުކޮށްދޭކަށްނުޖެހެއެވެ.

ކުންފުންޏާ ދެކޮޅަށް ގޯސް ހެދި މީހުންގެ ކޮންޓްރޯލް (wrongdoer control): މައިނޯރިޓީ ހިއްސާދާރު ސާބިތުކޮށްދޭންޖެހޭ ދެވަނަ ކަމަކީ، ކުންފުންޏާ ދެކޮޅަށް ހިނގާފައިވާ ކަންކަމުގައި ކުންފުނިން ހައްލު ހޯދުމަށްޓަކައި، އެ ކުންފުނީގެ ނަމުގައި ދަޢުވާކުރުން، ކުންފުނީގެ ގޯސްހެދި ފަރާތްތަކުގެ އަޣުލަބިއްޔަތުން ހުއްޓުވާނެކަމެވެ. އެހެންގޮތަކަށް ބުނާނަމަ، ކުންފުނީގެ ކޮންޓްރޯލް އޮތް ފަރާތްތަކުން އެ ކުންފުނީގެ ނަމުގައި ދަޢުވާކުރުން ހުއްޓުވާނެކަމެވެ. ނަމަވެސް މިކަމަކީވެސް މިހާރު ޢަމަލުކުރަމުންދާ ކުންފުންޏާބެހޭ ޤާނޫނު 2006 ގެ ދަށުން ސާބިތުކޮށްދިނުން ލާޒިމު ކަމެއްނޫނެވެ.

ކޮމަން ލޯ ގައި މައިނޯރިޓީ ހިއްސާދާރަކަށް ކުންފުނީގެ ފަރާތުން ދަޢުވާއެއް ކުރެވޭނީ ކޯޓުގެ ހުއްދައާއެކުގައެވެ. އެގޮތުން، މިފަދަ ދަޢުވާއެއްކުރުމަށް އެއްވެސް ފަރާތަކުން އިއުތިރާޒުކުރާނަމަ، މައްސަލަ ފެށުމުގެ ކުރިއަށް ޕްރެލިމިނަރީ އިޝޫއެއްގެ ގޮތުގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެއެވެ. ކުންފުންޏާބެހޭ ޤާނޫނު 2006 ގެ ދަށުންވެސް ކުންފުނީގެ ފަރާތުން ދަޢުވާކުރުމުގެ ހުއްދަ ކޯޓުން ހޯދަންޖެހެއެވެ.

(2) ޑިރެކްޓަރުންގެ ޢާންމު ވާޖިބުތައް

ކުރިންވެސް ފާހަގަކުރި ފަދައިން ޑިރެކްޓަރުންގެ ވާޖިބުތަކާއި ގުޅިގެން ކޮމަން ލޯ ގައި ޤާއިމުކުރެވިފައިވާ އުސޫލުތައް މިހާރުވަނީ އިނގިރޭސި ކުންފުންޏާބެހޭ ޤާނޫނު 2006 ގައި ކޮންމެވެސް ވަރަކަށް ކޯޑިފައިކުރެވިފައެވެ. އެގޮތުން، ޑިރެކްޓަރުންގެ ޢާންމު ވާޖިބުތަކާމެދު ކޯޓުތަކުން ގޮތް ކަނޑައަޅާއިރު، ޤާނޫނުގައި އެ ވާޖިބުތައް ބަޔާންކުރެވިފައިވީނަމަވެސް، ޤާނޫނު މާނަކުރުމުގައި ކޮމަން ލޯ އާއި އެކުއިޓީގެ އުސޫލުތަކަށް ކޯޓުތަކުން ރިއާޔަތްކުރަންޖެހެއެވެ.

ޑިރެކްޓަރުންގެ ޢާންމު ވާޖިބުތަކަކީ؛

އެމީހުންނަށް މަތިކުރެވިފައިވާ ބާރުތަކުގެ އިމުގެ ތެރެއިން މަސައްކަތްކުރުން: މި ހާލަތުގައި ކޯޓުތަކުން ބަލާނީ ޑިރެކްޓަރުން ޢަމަލުކޮށްފައިވަނީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންތޯ ނުވަތަ ނޫންތޯއެވެ. އަދި އެމީހުން ޢަމަލުކޮށްފައިވަނީ އެމީހުންނަށް ލިބިފައިވާ ބާރުތަކުގެ އިމުގެ ތެރެއިންތޯ ނުވަތަ ނޫންތޯއެވެ.

ކުންފުނީގެ ކާމިޔާބީއަށްޓަކައި މަސައްކަތްކުރުން: ކުންފުނީގެ ޑިރެކްޓަރަކު ޢަމަލުކޮށްފައިވަނީ ކުންފުނީގެ ކާމިޔާބީއަށްޓަކައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ބޭނުންކުރަނީ ސަބްޖެކްޓިވް ޓެސްޓެކެވެ. އެގޮތުން، ޑިރެކްޓަރުކުރި ކަމަކީ އޭނާގެ ނަޒަރުގައި ކުންފުނީގެ ކާމިޔާބީއަށްޓަކައިކުރި ކަމެއްކަން ކޯޓުން ކަނޑައަޅަންޖެހެއެވެ. އަދި މިގޮތަށް ކަނޑައެޅުމުގައި ބަލާނީ ޑިރެކްޓަރު ކުރިކަމެއް ނުވަތަ ނިންމި ނިންމުމެއް އެއީ ހެޔޮ ނިޔަތުގައި ނުވަތަ ގުޑް ފެއިތްގައި ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަމެވެ. އެހެންގޮތަކަށްބުނާނަމަ، ކުންފުނީގެ ޑިރެކްޓަރުގެ އަމަލަކީ ހެޔޮ ނިޔަތުގައި، އޭނާގެ ނަޒަރުގައި މުޅި ކުންފުނީގެ މަސްލަހަތަށްޓަކައި ނިންމާފައިވާ ނިންމުމެއްކަން ސާބިތުކޮށްދޭންޖެހެއެވެ. ޑިރެކްޓަރުކުރި ޢަމަލުގެ ސަބަބުން ނިކުތް ނަތީޖާއަކީ ފާޅުކަން ބޮޑު ގޮތެއްގައި ކުންފުންޏަށް ގެއްލުންހުރި ކަމެއްކަން އެނގެން އޮތްނަމަ، އެ ޑިރެކްޓަރަކު ޢަމަލުކުރީ އޭނާގެ ނަޒަރުގައި ހެޔޮ ނިޔަތުގައި ކުންފުނި ކުރިއެރުވުމަށްޓަކައިކަން ސާބިތުކުރަން އުނދަގޫވާނެއެވެ. ކުންފުންޏެއްގެ ކާމިޔާބު މިނެކިރުމުގައި އެ ކުންފުންޏެއްގެ ފައިނޭންޝަލް ވެލިޔު (financial value) އުފުލިގެން ދިޔުމަށް ރިޢާޔަތްކުރެވިދާނެއެވެ. ނަމަވެސް މިކަންކުރާނެ ގޮތެއް ކަނޑައަޅާނީ ޑިރެކްޓަރުންނެވެ. މީގެ އިތުރުން، ކުންފުނީގެ ކާމިޔާބީއަކީ ކުންފުނީގެ އެންމެހައި މެންބަރުންނަށް ރައްދުވާންޖެހޭ އެއްޗެކެވެ. މިސާލަކަށް ޑިރެކްޓަރަކު ކުރާ ކަމަކުން ކުންފުނީގެ ބައެއް ހިއްސާދާރުންނަށް ފައިދާވުމަކީ ކުންފުންޏަށާއި ކުންފުނީގެ އެންމެހައި މެންބަރުންނަށް ފައިދާވާ ކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

ވަކި ފަރާތަކަށް ބުރަނުވެ ނިންމުންތައް ނިންމުން: ވަކި ފަރާތަކަށްނުޖެހި ކުންފުނީގެ މަސްލަހަތަށްޓަކައި ޑިރެކްޓަރުން ނިންމުންތައް ނިންމަންވާނެއެވެ. ކޮމަން ލޯގައި މި އުސޫލު އުފެދިގެން އައީ ޑިރެކްޓަރެއްގެ އަމިއްލަ މަސްލަހަތާއި ކުންފުނީގެ މަސްލަހަތު ފުށުއެރުން ހުއްޓުވުމުގެ މަޤުސަދުގައެވެ. ކުންފުންޏެއްގެ ހިއްސާދާރުން ނިންމާ ނިންމުންތަކުގައި އެމީހުންގެ ޒާތީ މަސްލަހަތު އިސްކުރެވިދާނެއެވެ. ނަމަވެސް ކުންފުންޏެއްގެ ޑިރެކްޓަރަކަށް ޒާތީ މަސްލަހަތު އިސްނުކުރެވޭނެއެވެ. ޑިރެކްޓަރުގެ ވާޖިބު އަބަދުވެސް އޮންނާނީ ކުންފުނީގެ މަސްލަހަތު ކުރިއެރުވުމަށެވެ.

އެކަށީގެންވާވަރަށް ފަރުވާތެރިކަމާއި ހުނަރުވެރިކަމާއި ލަޔާގާތްތެރިކަމާއެކު މަސައްކަތްކުރުން: ޑިރެކްޓަރުންގެ ޒިންމާތައް އަދާކުރުމުގައި އެކަށީގެންވާވަރަށް ފަރުވާތެރިކަމާއި، ހުނަރުވެރިކަމާއި އަދި ލަޔާގާތްތެރިކަމާއެކު މަސައްކަތްކުރުން ލާޒިމުވެއެވެ. ތާރީޚީ ގޮތުން މި ވާޖިބަކީ ފައިޑޫޝަރީ ޑިޔުޓީތަކުގެ ތެރޭގައި ހިމެނޭ ވާޖިބެއްނޫނެވެ. ޑިރެކްޓަރަކު ޢަމަލުކޮށްފައިވަނީ އެކަށީގެންވާވަރުގެ ފަރުވާތެރިކަމާއި ހުނަރުވެރިކަމާއެކުކަން ކަނޑައެޅުމަށްޓަކައި ކޯޓުތަކުން ރިއާޔަތްކުރަނީ އޮބްޖެކްޓިވް/ސަބްޖެކްޓިވް ޓެސްޓަކަށެވެ. އެގޮތުން، ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ ސުވާލަކީ ކުންފުންޏެއްގެ ޑިރެކްޓަރަކު ޢަމަލުކޮށްފައިވަނީ އެފަދަ މަޤާމެއްގައި ހުންނަ އެކަށީގެންވާ ފަރުވާތެރި ޑިރެކްޓަރެއްގެ ކިބައިން ފެންނަންޖެހޭ ތަޖުރިބާއާއި ހުނަރާއި މައުލޫމާތު ހުރި ޑިރެކްޓަރަކު ޢަމަލުކުރާނެގޮތަށްތޯއާއި، މައްސަލަ ހުށަހެޅިފައިވާ ޑިރެކްޓަރުގެ ކިބައިގައިހުރި ތަޖުރިބާއާއި ހުނަރާއި މައުލޫމާތުއެވެ. މި ޓެސްޓުގެ ނަތީޖާއަކީ، ޑިރެކްޓަރަކު ނިންމި ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ގެއްލުންވާ ހާލަތުގައި، އެގޮތަށް ދިމާވާން މެދުވެރިވި ސަބަބަކީ އޭނާގެ ކިބައިގައި އެކަށީގެންވާވަރުގެ ތަޖުރިބާއާއި ހުނަރު ނެތުމުންކަމަށް ބުނެވުމުގެ ފުރުސަތު ނެތިދިޔުމެވެ. ޑިރެކްޓަރުންގެ ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ކަނޑައެޅުމުގައި އޮބްޖެކްޓިވް/ސަބްޖެކްޓިވް މިންގަނޑެއް ބޭނުންކުރެވުމުގެ މައިގަނޑު ސަބަބަކީ މި މިންގަނޑަކީ އިނގިރޭސި އިންސޮލްވެންސީ އެކްޓް 1986 ގެ 214 ވަނަ މާއްދާގައިވެސް ބަޔާންކޮށްފައިވާ މިންގަނޑުކަމުގައިވެފައި އަދި ކޮމަން ލޯ ބައެއް ގަޒިއްޔާތަކުގައިވެސް މި މިންގަނޑު ބޭނުންކޮށްފައިވާތީއެވެ.

މަސްލަޙަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުނުކުރުން:ޑިރެކްޓަރެއްގެ އަމިއްލަ މަސްލަހަތާއި ކުންފުނީގެ މަސްލަހަތާ ސީދާކޮށްވިޔަސް ނުސީދާކޮށްވިޔަސް ފުށުއަރާ ހާލަތެއްގައި، ޑިރެކްޓަރަކު ނިންމުންތައް ނިންމުމުގައި ނުވަތަ ކަމެއްކުރުމުން ދުރުހެލިވާންޖެހެއެވެ. އެގޮތުން އެއްވެސް ކަހަލަ މުދަލެއް، މަޢުލޫމާތެއް ނުވަތަ ފުރުސަތަކާ ގުޅިގެން ކުންފުނީގެ މަސްލަހަތާއި ޑިރެކްޓަރެއްގެ މަސްލަހަތު ފުށުއަރާނަމަ، އެ ޑިރެކްޓަރަކަށް ކުންފުންޏަށްޓަކައި ނިންމުންތައް ނުނިންމޭނެއެވެ. މިސާލަކަށް ކުންފުނީގެ ނަމުގައި ޑިރެކްޓަރަކު ނެގޯޝިއޭޓްކުރާ ކޮންޓްރެކްޓެއްގައި، އެ ކޮންޓްރެކްޓުގައި ސޮއިކުރާ މަރުހަލާއަށް ދިޔުމުން، އެ ޑިރެކްޓަރުގެ އަމިއްލަ ނަމުގައި ސޮއިނުކުރެވޭނެއެވެ. ހަމަ އެފަދައިން، މައި ކުންފުނީގައި ތިބި ޑިރެކްޓަރުންނަކީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނީގެވެސް ޑިރެކްޓަރުން ކަމުގައިވީ ހާލަތެއްގައި، ދެ ކުންފުނީގެ މަސްލަހަތު ފުށުއެރި ހިސާބުން، ދެ ކުންފުންޏަށްވެސް އެ ޑިރެކްޓަރުންގެ ވާޖިބުތައް އަދާނުކުރެވޭނެކަމަށް ކަނޑައެޅިގެންދިޔައެވެ. މަސްލަހަތު ފުށުއަރާ ހާލަތެއްގައި ޑިރެކްޓަރަކު ނިންމާފައިވާ ނިންމުމެއް އެއީ ސައްޙަ ނިންމުމެއްކަމަށް ފަހުން ކުންފުނީގެ އަޣުލަބިއްޔަތަށް ނިންމިދާނެއެވެ. ނަމަވެސް ކަމުގެ ހައްސާސްކަމަށް ބަލައި، އަދި އެކަމާމެދު ހިތްހަމަނުޖެހޭ މައިނޯރިޓީ ހިއްސާދާރުންތަކެއް ތިބިނަމަ، ކޯޓުން އެފަދަ ފުރުސަތެއް ނުދިނުން އެކަށީގެންވެއެވެ. މަސްލަހަތު ފުށުއަރާ ހާލަތެއްވާނަމަ، ޑިރެކްޓަރުން އެކަން ކުންފުންޏަށް އަންގަންޖެހެއެވެ. ކުންފުންޏެއްގެ ޑިރެކްޓަރަކު މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއްގައި ޢަމަލުކޮށްފައިވާކަން ކަނޑައެޅުމުގައި އެ ޑިރެކްޓަރަކު ގޯހެއް ހަދާފައިވާކަން، ނުވަތަ އެ ޑިރެކްޓަރަކު ނިންމި ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ގެއްލުމެއް ލިބިފައިވާކަން ކޯޓަށް ސާބިތުކޮށްދިނުން ލާޒިމުނުވެއެވެ. ހަމަ އެފަދައިން ކުންފުންޏަކުން ދޫކޮށްލާ ފުރުސަތެއްގެ ބޭނުން އެ ކުންފުނީގެ ޑިރެކްޓަރަކު ހިފުމަކީވެސް މަސްލަހަތު ފުށުއެރުމުގެ ހާލަތެއްކަމަށް ކަނޑައަޅާފައިވެއެވެ.

ތިންވަނަ ފަރާތްތަކުން ލިބިދެވޭ މަންފާ ބަލައިނުގަތުން: ކުންފުނީގެ ޑިރެކްޓަރަކު މަޤާމުގެ ހައިސިއްޔަތުން ނުވަތަ ވަކި ކަމެއްކޮށްދިނުމުގެ މުޤާބިލުގައި ތިންވަނަ ފަރާތަކުން ދޭ މަންފާއެއް ލިބިގަތުމުން ދުރުހެލިވާންޖެހެއެވެ. މި "ނޮން-ޕްރޮފިޓް" ރޫލްގެ ދަށުން ތިންވަނަ ފަރާތަކުންދޭ ފައިސާއާއި، ފައިސާ ނުހިމެނޭ ގޮތުން ހަދިޔާއާއި، ދަތުރުތަކާއި އަދި މިނޫންވެސް އެހެނިހެން މަންފާތައް ހިމެނެއެވެ.

ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުޢާމަލާތެއްގައި މަސްލަހަތު ފުށުއަރާކަން ހާމަކުރުން: ކުންފުނިންކުރާ މުޢާމަލާތަކަށް އެ ކުންފުނީގެ ޑިރެކްޓަރެއްގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ސީދާކޮށްވިޔަސް ނުސީދާކޮށްވިޔަސް އޮތްނަމަ، މުޢާމަލާތް ހިނގުމުގެ ކުރިއަށް އެކަމެއް އެ ކުންފުނީގެ ދެން ތިބި ޑިރެކްޓަރުންނަށް ހާމަކުރަންޖެހެއެވެ.

(ނ) ބްލޫ ލެގޫންގެ މައްސަލަ

ޙުސައިން ޝަރީފްގެ ފަރާތުން ހުށަހަޅާފައިމިވާ މުޅި މައްސަލަ ބިނާވަނީ ބްލޫ ލެގޫންގެ ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންގެ އަޣުލަބިއްޔަތުން ޢަމަލުކޮށްފައިވަނީ ކުންފުނީގެ މަޞްލަހަތުގައިކަމުގައި ނޫންކަމަށްކުރާ ތުހުމަތުގެ މައްޗަށެވެ. ބްލޫ ލެގޫންގެ ތިން ޑިރެކްޓަރުންނަކީވެސް އެ ކުންފުނީގެ ތިން ހިއްސާދާރުންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގައި ޙުސައިން ޝަރީފްގެ ފަރާތުން ބްލޫ ލެގޫންގެ މައްޗަށް ކުރި ދަޢުވާ ބިނާވާގޮތާމެދު ވާހަކަ ދެކެވުނެވެ. އެގޮތުން، ޙުސައިން ޝަރީފްގެ ނަމުގައި ކުންފުނީގެ މައްޗަށް ދަޢުވާކުރެވިދާނެތޯ ބަލާއިރު، ހުށަހެޅިފައިމިވާ މައްސަލައިގައި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންގެ ހިމެނުމެއް ނެތި، ހަމައެކަނި ކުންފުންޏާ ދެކޮޅަށް ޙުސައިން ޝަރީފަށް ދަޢުވާ ނުކުރެވޭނެކަމަށް ބްލޫ ލެގޫންގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ކޯޓުން ކަނޑައަޅާފައިވަނީ ކުންފުންޏާ ދެކޮޅަށް ޙުސައިން ޝަރީފަށް ދަޢުވާ ކުރެވިދާނެކަމަށެވެ.

ޙަޤީޤަތުގައި ޙުސައިން ޝަރީފްގެ ފަރާތުން ދައްކާފައިވާ ވާހަކަތައް ދެބަޔަކަށް ބެހިގެންދެއެވެ. އެއްކޮޅުން ޙުސައިން ޝަރީފްއަށް ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަށް ހާޒިރުވުމަށް ނޯޓިސް ފޮނުވާފައިނުވާކަމަށް ޙުސައިން ޝަރީފް ފާހަގަކޮށްފައިވާއިރު، އަނެއްކޮޅުން ކުންފުނީގެ ޑިރެކްޓަރުން ކުންފުނީގެ މަސްލަހަތާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ޙުސައިން ޝަރީފް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ، އެއްކޮޅުން ސިވިލް ކޯޓުގައި ޙުސައިން ޝަރީފްގެ ފަރާތުން ކުރި ދަޢުވާއަކީ އޭނާގެ އަމިއްލަ ޙައްޤެއް ހޯދަންކުރި ދަޢުވާއަކަށްވާ ހިނދު، އަނެއްކޮޅުން، ކުންފުނީގެ ޙައްޤުތަކެއްވެސް އެ ދަޢުވާގައި ހިމެނިގެންވެއެވެ. މިސާލަކަށް، ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތަކުގެ ވާހަކަ ދައްކާނަމަ، ޑިރެކްޓަރުންގެ އެ އިލްތިޒާމް އޮންނާނީ ކުންފުންޏަށެވެ. ކުންފުނީގެ ދެންތިބި މެންބަރުންނަކަށް ނޫނެވެ. ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތަކާ ޚިލާފަށް ޑިރެކްޓަރުން ޢަމަލުކޮށްފައިވާނަމަ، އެފަދަ ކަމަކާ ގުޅޭ ދަޢުވާ ކުރެވޭނީ ކުންފުންޏަށެވެ.

ދިވެހިރާއްޖޭގައި މި މައްސަލައިގައިވާފަދަ ހާލަތެއްގައި ޢަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާފައިނުވެއެވެ. ޤާނޫނެއްގައި ޙައްޤެއް ހިމާޔަތްކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ޙައްޤެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ. ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުސެއް ކަމުގައިވާއިރު، ކުންފުނީގެ ޙައްޤުތައްވެސް ހިމާޔަތްކުރެވެންޖެހެއެވެ.

މިފަދަ ހާލަތެއްގައި، ކުންފުނީގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، ކޯޓުގެ ހުއްދައާއެކު، ކުންފުނީގެ ފަރާތުން މައިނޯރިޓީ ހިއްސާދާރު(ން) ދަޢުވާކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުސެއްކަމުގައިވާއިރު، ކުންފުނީގެ އަޣުލަބިއްޔަތު އޮންނަ ފަރާތްތަކުން ކުންފުންޏާ ދެކޮޅަށް ހިންގާ ޢަމަލުތައް ބަލައި، ފިޔަވަޅު އަޅައި، ފަރުވާއެއް ހޯދުމަށްޓަކައި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ކުންފުނީގެ މައިނޯރިޓީ އޮތް ފަރާތަށް އޮވެގެން މެނުވީ، ކުންފުނީގެ މެޖޯރިޓީ އޮންނަ ފަރާތްތަކުން ކުންފުނީގެ ނާޖާއިޒު ފައިދާ ނެގުން ނުހުއްޓުވޭނެތީއެވެ. އަހުރެންގެ ރައުޔުގައި ހަމައެކަނި އިނގިރޭސި ނިޒާމް މިސާލެއްގެ ގޮތުގައި ދިރާސާކޮށްފައިވީނަމަވެސް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އޮސްޓްރޭލިއާ، ނިޔު ޒީލެންޑް، ސިންގަޕޫރު، ކެނެޑާ އަދި މިނޫންވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި، ކުންފުނީގެ ޙައްޤުގައި މައިނޯރިޓީ ހިއްސާދާރު ނިކުތުމަކީ ބަލައިގަނެފައިވާ މަފްހޫމެކެވެ.

މައިނޯރިޓީ ހިއްސާދާރުން ކޯޓުގެ ހުއްދައާއެކު ކުރާ ދަޢުވާތައް އެއީ ހަމަ ޙަޤީޤަތުގައިވެސް ބަލަންޖެހޭ މައްސަލަތަކެއް ކަމުގައި ކަނޑައެޅުމުގައި، އެފަދަ ދަޢުވާއެއް މައުލޫއީ ގޮތުން ބެލުމުގެ ކުރިއަށް، ކޯޓަށް އަންނަނިވި ކަންކަން ކަނޑައެޅިދާނެއެވެ؛

ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް އޮންނަ ފަރާތްތަކުން ކުންފުނީގެ ނަމުގައި މިފަދަ ދަޢުވާއެއްކުރުން ހުއްޓުވާނެކަން ދަޢުވާކުރަން އެދޭ ފަރާތަށް ސާބިތުކޮށްދެވޭކަން

ދަޢުވާކުރަން އެދޭ ފަރާތުން މައްސަލަ ހުށަހަޅަނީ ހެޔޮ ނިޔަތުގައި، ހަމަ ޙަޤީޤަތުގައިވެސް ކުންފުނީގެ މަސްލަހަތުގައިކަން

މައްސަލަ ކުރިއަށް ގެންދިޔުމަށް މަދަނީ މިންގަނޑުން އެކަށީގެންވާ ވަރަށް ހެކިހުރިކަން ނުވަތަ ޕްރިމާ ފޭޝީ (prima facie) ކޭހެއް އޮތްކަން

މައްސަލަ މައުލޫއީ ގޮތުން ބެލުމުގެ ކުރިއަށް ބުނެވުނު ކަންކަން ފުރިހަމަވާނަމަ، ކޯޓުން އެ މައްސަލަ މައުލޫއީ ގޮތުން ބަލައި، ދަޢުވާގައިވާ ކަންކަން ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅައި، ހައްލެއް ދެވެން އޮތް ނަމަ، އެކަން ކަނޑައަޅަންވާނެއެވެ.

ޙުސައިން ޝަރީފްގެ ފަރާތުން މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ދަށު ކޯޓުން މި މައްސަލައިގައި ކަންހިނގާދިޔަ ގޮތް އެކަށީގެންވާވަރަށް ކަށަވަރުކޮށްފައިނުވެއެވެ.

ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތަކުގެ މައުލޫއަށް ބަލާއިރު، ބްލޫ ލެގޫންގެ އަޣުލަބިއްޔަތު އޮތް ދެ ޑިރެކްޓަރުން ޢަމަލުކޮށްފައިވަނީ އެމީހުންގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއްގައި، ކުންފުނީގެ މަސްލަހަތުގައި ނޫންކަމުގައި ޙުސައިން ޝަރީފް ބުނެއެވެ. އަދި މިވާހަކަތައް ސިވިލް ކޯޓުގައާއި ހައިކޯޓުގައިވެސް ޙުސައިން ޝަރީފްގެ ފަރާތުން ދައްކާފައިވެއެވެ. އެހެންނަމަވެސް، އެ ދެ ކޯޓުންވެސް ޑިރެކްޓަރުން އެމީހުންގެ ވާޖިބުތަކާއި ޒިންމާތައް އަދާކޮށްފައިވާގޮތާ މެދު ގޮތެއް ކަނޑައަޅާފައިނުވުމުގެ އިތުރުން، މި މައުލޫއާ ގުޅޭ ވާގިއާތައް ކަށަވަރުކޮށްފައިނުވެއެވެ.

އެގޮތުން، ނ. ރާފުށީގައި ޓޫރިސްޓު ރިޒޯޓެއް ތަރައްޤީކުރުމަށް ބްލޫ ލެގޫންއިން ބިޑު ހުށަހެޅިތޯ، ހުށަހެޅިނަމަ ބިޑު ޑޮކިޔުމަންޓްސް އެކުލަވާލީ ކޮންފަރާތަކުންތޯ، އެ ބިޑާ ބެހޭ މަޢުލޫމާތު އެނގޭނީ ބްލޫ ލެގޫންގެ ކޮން ޑިރެކްޓަރުންނަކަށްތޯ، އެ ދުވަސްވަރު އެގްޒޯޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނާއި ޑިރެކްޓަރުންނަކީ ކޮބައިތޯ، ބިޑުގެ ނަތީޖާއާބެހޭ ތަފްސީލު، ނ. ރާފުށީގެ ލީސް އެކުއިޒިޝަން ކޮސްޓް ދެއްކުމަށްޓަކައި ބްލޫ ލެގޫންއިން ލޯނެއް ނަގައި، މަޑޫގަލި ރަހުނު ކުރެވުނުތޯ، އަދި އެ ލޯނު ފައިސާ އެގްޒޯޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްއަށް ދިންކަމަށް ބުނާއިރު، މި މައްސަލަ އެންމެ ފުރަތަމަ ދަށު ކޯޓަށް ހުށަހެޅުމާ ހަމައަށް ބްލޫ ލެގޫންއިން އެ މުޢާމަލާތުގެ ސަބަބުން ލިބުނު މަންފާއަކީ ކޮބައިކަން، އެގޮތުން، މަންފާއެއްގެ ގޮތުގައި އެގްޒޯޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްގެ %30 (ތިރީސް އިން ސައްތަ) އަށްވާ ހިއްސާ ބްލޫ ލެގޫންއަށް ދިނުމަށް އިތުރު އެގްރިމެންޓެއް ކުރާނެކަމަށް ބުނެ އެކަމެއް ހިނގާފައިނުވާކަމަށް ޙުސައިން ޝަރީފްގެ ފަރާތުން ދައްކާ ވާހަކަތަކުގައި ހުރި ބުރަދަނަކީ ކޮބައިކަމާއި، ބުނެވިދިޔަ ވާގިއާތައް ކަށަވަރުވުމުން ޑިރެކްޓަރުންގެ މަސްލަހަތުގެ ފުށުއެރުމެއް އޮތް މިންވަރު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ކުންފުނީގެ ހިންގާ ގަވާއިދުގައި ބުނާ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮތް އެއްވެސް ޒިންމާއަކާ ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ، ޑިރެކްޓަރުން ކުންފުނީގެ ކާމިޔާބީއަށްޓަކައި މަސައްކަތް ނުކުރާކަމުގެ ތުހުމަތުވާނަމަ، ކުންފުނީގެ މާލީ ހާލަތު އުފުލިފައިވޭތޯއާއި، މަޑޫގަލި ރިޒޯޓު ނުހިނގަނީ އެ ރިޒޯޓު މަރާމާތުކުރުމަށްޓަކައި ލޯނެއް ނުނެގިގެންކަމަށާއި އަދި އެއީ ބްލޫ ލެގޫންގެ ނަމުގައި އެހެން ލޯނެއް ނަގައި، އެ ލޯނު ފައިސާ އެގްޒޯޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްއަށް ދިނުމުންކަމަށް ޙުސައިން ޝަރީފް ބުނާ ބުނުމުގައި އެއްވެސް ޙަޤީޤަތެއްވޭތޯއާއި، އަދި މި އެންމެހައި ކަންކަން ކަނޑައެޅުމުގައި ކުންފުނީގެ އަޣުލަބިއްޔަތު އޮތް ދެ ޑިރެކްޓަރުން މިކަންކަމާމެދު ބުނަނީ ކީކޭކަމާއި، އެ ދެ ޑިރެކްޓަރުންގެ ޢަމަލަކީ ހެޔޮ ނިޔަތުގައި، އެމީހުންގެ ނަޒަރުގައި ބްލޫ ލެގޫންގެ މަސްލަހަތަށްޓަކައި ނިންމާފައިވާ ނިންމުމެއްކަން އެ ދެ ޑިރެކްޓަރުންނަށް ސާބިތުކޮށްދެވޭކަން ނުވަތަ ނޫންކަން ދަށު ކޯޓުންވެސް އަދި ހައިކޯޓުންވެސް ކަނޑައަޅާފައިނުވެއެވެ.

މި މައްސަލައިގައި ޙުސައިން ޝަރީފްގެ ފަރާތުން ކަން ހިނގާދިޔަ ގޮތްކަމަށް ބުނެ ހުށަހެޅި ކަންކަމުން، ޑިރެކްޓަރުންގެ އެކި ވާޖިބުތަކާއި ޒިންމާތަކަށް އަލިއަޅުވާލެވެއެވެ. މިސާލަކަށް ކުންފުނީގެ ކާމިޔާބީއަށްޓަކައި މަސައްކަތްކުރުމުގެ ވާޖިބާއި ޑިރެކްޓަރުންގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއްގައި އަމަލުނުކުރުމުގެ ވާޖިބެވެ. މި ދެ ވާޖިބާ ޚިލާފަށް ޑިރެކްޓަރަކު ޢަމަލުކޮށްފައިވާނަމަ، އެއިގެން ކޮންމެ ކަމެއް ސާބިތުކުރުމުގައި ބަލަންޖެހޭ ކަންކަމާއި، މިންގަނޑު ތަފާތުވެއެވެ. އެއިގެން ވާޖިބަކާ ގުޅިގެން ޑިރެކްޓަރެއްގެ ނިޔަތް ކަނޑައަޅަންޖެހިއްޖެނަމަ، އެ ޑިރެކްޓަރެއްގެ ބަސް ޝަރީޢަތުން ހޯދަންވާނެއެވެ.

އިސްވެ ފާހަގަކުރެވުނު ކަންކަމުން އެނގިގެންދަނީ މި މައްސަލަ ދަށު ކޯޓުގައި ބެލެވުނުއިރު، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ކަންކަން ދަށު މަރުހަލާއިން ފާހަގަނުކުރެވި، ކުންފުންޏެއްގެ ޙައްޤަށް އުނިކަން އަންނަ ފަދަ މޭރުމުން އެ ކުންފުނީގެ އަޣުލަބިއްޔަތު އޮތް ޑިރެކްޓަރުން ޢަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ވާގިއާތައް އެއްވެސް ވަރަކަށް ކަށަވަރުކުރުމެއް ނެތި، ކޯޓުގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައަށް ޙައްލެއް ނުލިބި، މައްސަލަ ނިމިގެންދިޔަކަމެވެ.

ކުންފުނީގެ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ ހިސާބުކުރުން

މަޑޫގަލި ޓޫރިސްޓު ރިޒޯޓުގެ މުވައްޒަފުންނަށް ލިބެންޖެހޭ ސަރވިސް ޗާޖާއި، ޕެންޝަން ފައިސާއާއި މުސާރައާއި އެހެނިހެން އިނާޔަތްތައް ހޯދައިދިނުމަކީ ޙުސައިން ޝަރީފްގެ ޒިންމާއެއް ނޫންކަމަށާއި، ޙުސައިން ޝަރީފްގެ ދަޢުވާގައި އެ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ ހިސާބުކުރުމަށް އެދިފައިވާހިނދު، އެފަދައިން އެދުމުގެ ސިފަތު ޙުސައިން ޝަރީފަށް ލިބިގެންނުވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް ޙުސައިން ޝަރީފުގެ ދަޢުވާގައި އެދިފައިވަނީ މަޑޫގަލި ޓޫރިސްޓު ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން ފައިސާ ހޯދުމަށް ނޫންކަމަށާއި، އެދިފައިވަނީ ޙުސައިން ޝަރީފް ކުންފުނީގެ ދަރަންޏަށް ޖާމިނުވުމަށްޓަކައި ކުންފުނީގެ ދަރަނި ޝަރީޢަތުން ހިސާބުކުރުމަށްކަމަށް ޙުސައިން ޝަރީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ޙުސައިން ޝަރީފްގެ ފަރާތުން ދަޢުވާގައި އެދިފައިނުވާކަމަކަށް އޭނާ އެދިފައިވާކަމަށާއި، އަދި އެކަމަށް އެދުމުގެ ސިފަތު އޭނާގެ ކިބައިގައި ނެތްކަމަށް ބުނެއެވެ. އަދި މިކަމަކީ މިއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމެއްކަމަށްވާއިރު ހައިކޯޓުން މިކަމާމެދު ގޮތެއް ކަނޑައަޅާފައިނުވާކަމަށް ސުޕްރީމް ކޯޓުގައި ޙުސައިން ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މި ނުކުތާއާ ގުޅިގެން ބްލޫ ލެގޫންގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅުކަމަށާއި، މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާރޖް ހިސާބުކުރުމުގެ ސިފަތު ޙުސައިން ޝަރީފްއަށް ނެތްކަމަށާއި، އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެންމެ ބޮޑީ އެ ފައިސާ ޙައްޤުވާ މުވައްޒަފުންނަށްކަމަށާއި، އަދި އެފަދަ އެއްވެސް ދަޢުވާއެއް އެއްވެސް މުވައްޒަފަކު ކޮށްފައިނުވާކަމަށެވެ.

ޙުސައިން ޝަރީފްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގައި ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު، މަޑޫގަލި ރިޒޯޓުގައި މަސައްކަތްކުރި މުވައްޒަފުންގެ މުސާރަ އެ މުވައްޒަފުންނަށް ހޯދައިދިނުމަށް އެދިފައިނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެ ފޯމުގެ އެދޭ ކަންތައްތަކުގެ 12.3 ވަނަ ނުކުތާގައި، ކުންފުނީގެ ހިސާބުތައް ޝަރީޢަތުން ކަނޑައަޅައިދިނުމަށް އެދިފައިވާކަން ފާހަގަކުރެވެއެވެ.

ދަޢުވާ ފޯމުގެ 12.3 ގައި "ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަރަނިތަކާއި، ކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެންމެހައި ފައިސާއާއި، ކުންފުނީގެ މުވައްޒަފުންނަށް މިހައިތަނަށް ދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ޝަރީޢަތުން ހިސާބުކޮށްދެއްވައި، އެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް ކަނޑައަޅުއްވައި..." ދެއްވުމަށް އެދިފައިވެއެވެ.

އެހެންކަމުން، ދަޢުވާ ފޯމަށް ބެލުމުން، ޙުސައިން ޝަރީފްގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންނަށް ލިބޭ ފައިސާ ނަގައިދިނުމަށް ނޫންކަމާއި، އެހެންނަމަވެސް ކުންފުނީގެ މާލީ ހާލަތު ޝަރީޢަތުން ކަނޑައަޅައިދީ، ކުންފުނީގެ މުވައްޒަފުންނަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭނަމަ، އަދަދުތައް ކަނޑައަޅައިދިނުމަށެވެ. އަދި މިހެން އެދުމުގެ ސަބަބު ބިނާވަނީ ޙުސައިން ޝަރީފްގެ ފަރާތުން ބްލޫ ލެގޫންގެ ދަރަންޏަށް ޖާމިނުވެ، އެކަމުގެ މުޤާބިލެއްގެ ގޮތުގައި އެ ކުންފުނީގެ އޮތް ހަމައެކަނި އެސެޓް ކުންފުނީގެ ކިބައިން ވަކިކޮށް، ޙުސައިން ޝަރީފްގެ ނަމަށް ކޯޓު މެދުވެރިކޮށް ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމުގެ މައްޗަށެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔުގެ 62 ވަނަ ޕެރެގްރާފްއިން 64 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކުރައްވާފައިވާ ކަންތައްތަކަށް އަހުރެންވެސް ތާއިދުކުރަމެވެ. ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުސެއް ކަމުގައިވާއިރު، ކުންފުނީގެ އެސެޓުތައް ކުންފުނީގެ ކިބައިން ވަކިކޮށް، ވަކި ހިއްސާދާރެއްގެ އަމިއްލަ ނަމަށް ބަދަލުނުކުރެވޭނެއެވެ. އެހެނީ ބްލޫ ލެގޫންއަކީ ވަކި ޤާނޫނީ ޝަޚުސެއް ކަމުގައިވާއިރު، އެ ކުންފުނީގެ މުދަލުގެ މިލްކުވެރިކަން ޤާނޫނު ހުއްދަކުރާ ގޮތަކަށް މެނުވީ އެހެން ފަރާތަކަށް ބަދަލުނުކުރެވޭނެތީއެވެ.

އެހެންކަމުން، ޙުސައިން ޝަރީފްގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފީ ނުކުތާގައި ސިވިލް ކޯޓަށް އޮޅުންތަކެއް އަރާފައި އޮތްކަމަށް ބެލެވުނުކަމުގައިވީނަމަވެސް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ ތަރަހައިގެ ތެރެއިން، ހައިކޯޓުން ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ އެ ނިންމުމުގެ ސަބަބުން، މި ނުކުތާގައި ތަފާތު ނަތީޖާއެއް ނިކުމެދާނެކަމަކަށް ނުބެލެވެއެވެ.

ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ގޮތް ކަނޑައެޅުން

މި ނުކުތާގައި ޙުސައިން ޝަރީފްގެ މައިގަނޑު ޝަކުވާއަކީ ކުންފުނީގެ އަނެއް ދެ ޑިރެކްޓަރުން އަދި ހިއްސާދާރުން ކުންފުނީގެ މަސްލަހަތަށްވުރެ އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކޮށްފައިވާއިކަމަށާއި، އެކަމުގެ ސަބަބުން ކުންފުނި ދަރަނިވެރިވެފައިވާކަން ސާބިތުކުރުމުގެ ގޮތުން ހެކި ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނާބުނުމެވެ. އަދި ޑިރެކްޓަރުންގެ ޒިންމާތަކާއި ވާޖިބުތަކުގެ ވާހަކަ ދައްކާފައިވާއިރު، އެކަންކަމާމެދު ހައިކޯޓުންވެސް ގޮތެއް ކަނޑައަޅާފައިނުވާކަމަށެވެ.

ބްލޫ ލެގޫންގެ ފަރާތުން ބުނެފައިވަނީ މައްސަލައެއްގައި ހުށަހަޅާ ހެކިތައް ވަޒަންކުރުމަކީ މައްސަލަ ބަލާ ކޯޓެއްގެ ތަޤްދީރީ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ ގަޒިއްޔާގައި ކަނޑައަޅާފައިވާކަމަށެވެ. އަދި މި މައްސަލައިގައިވާ ހެކިތަކާ މެދު ޝަރީޢަތުންވަނީ ގޮތެއް ކަނޑައަޅާފައިކަމަށެވެ. އަދި ކުންފުނީގެ ބޯޑުން ނިންމާފައިވާ އެއްވެސް ނިންމުމަކީ ވަކި ހިއްސާދާރެއްގެ މަސްލަހަތު އިސްކޮށް ނިންމާފައިވާ ނިންމުމެއްކަން ސާބިތުކުރެވޭފަދަ ހެކި ޙުސައިން ޝަރީފަށް އެއްވެސް މަރުހަލާއެއްގައި ދެއްކިފައިނުވާކަމަށެވެ.

ބްލޫ ލެގޫންގެ ފަރާތުން މިހެން ބުނިނަމަވެސް، ޙުސައިން ޝަރީފް ފިޔަވައި ކުންފުނީގެ އަނެއް ދެ ޑިރެކްޓަރުން ޢަމަލުކޮށްފައިވަނީ ބްލޫ ލެގޫންއަށް އޮތް އެމީހުންގެ ވާޖިބުތަކާއި ޒިންމާތަކާ ޚިލާފަށް، އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކޮށް، ކުންފުނީގެ މަސްލަހަތުގައި ނޫންކަމާމެދު ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ވަކިގޮތެއް ކަނޑައަޅާފައިނުވެއެވެ.

ޝަރީޢަތުގެ ޢާންމު އުސޫލަކީ ކަމެއް ސާބިތުކުރުމަށް ހުށަހަޅާ ހެއްކަކުން އެކަމެއް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. އަދި ޝަރީޢަތަށް ހުށަހެޅޭ ވަކި ހެއްކެއް އެއީ ހުށަހެޅިފައިވާ މައްސަލައިގެ ބޭނުމަށްޓަކައި ބޭނުންތެރި ހެއްކެއް ނޫންކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި، އެ ހެއްކެއް ބަލައިނުގަތުމުގެ ނުވަތަ ހާޒިރުނުކުރަން ނިންމި ސަބަބު ބަޔާންކުރުމާއެކު މައްސަލައިގައި ގޮތެއް ކަނޑައެޅުމެވެ.

ހަމަ އެފަދައިން ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ ގަޒިއްޔާގައި ޝަރީޢަތަށް ހުށަހެޅޭ ހެކި ވަޒަން ކުރުމަކީ މައްސަލަ ބަލާ ކޯޓެއްގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޒިއްޔާގައި، ފަނޑިޔާރު ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓަކަށް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، މިއީ މުތުލަޤު ބާރެއް ނޫންކަން އެނގެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މައްސަލައާ ގުޅިގެން ބަލައިގަންނާނެ ހެކި، ނުވަތަ ބަލައިގަންނަ ހެއްކެއް ވަޒަންކޮށްފައިވާ ގޮތަކީ އެކަށީގެންވާ ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބުތަކެއްގެ މައްޗަށް ބިނާވާ ނިންމުމަކަށްވާންޖެހެއެވެ.

ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ޙުސައިން ޝަރީފް ފިޔަވައި ބްލޫ ލެގޫންގައި ދެން ތިބި ދެ ޑިރެކްޓަރުން ޢަމަލުކޮށްފައިވަނީ ބްލޫ ލެގޫންގެ މަސްލަހަތު އެއްފަރާތްކޮށް، އެ ދެ ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތުގައި ކަމަށް ޙުސައިން ޝަރީފް ބުނާ ބުނުމާމެދު ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ވަކި ގޮތެއް ކަނޑައަޅާފައިނުވެއެވެ. އެގޮތުން، ޙުސައިން ޝަރީފްގެ ފަރާތުން މި މައްސަލައިގައި ކަން ހިނގާދިޔަގޮތްކަމަށް ބުނެ ކަންތައްތަކެއް ހުށަހަޅާފައިވެއެވެ. ކުރުކޮށް ބުނާނަމަ، ބްލޫ ލެގޫންގެ ހަމައެކަނި އެސެޓްކަމުގައިވާ މަޑޫގަލި ރިޒޯޓަކީ މިވަގުތު އޮޕަރޭޓް ނުކުރާ ރިޒޯޓަކަށްވާއިރު، އެތަނުން ބްލޫ ލެގޫންއަށް ފައިދާވާނެ ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި، ކުންފުނީގެ އަނެއް ދެ ޑިރެކަޓަރުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބްލޫ ލެގޫންގެ ނަމުގައި ލޯނެއް ނެގުމަށްޓަކައި މަޑޫގަލި ރަހުނުކޮށް ލޯނު ފައިސާ ބޭނުންކުރަމުންދާ ކަމުގެ ތުހުމަތާގުޅޭ ގޮތުން ސިވިލް ކޯޓުން ވަކި ގޮތެއް ކަނޑައަޅާފައިނުވެއެވެ.

މި ނުކުތާއަކީ މުޅި މައްސަލައިގެ މައުލޫއުއެވެ. އެހެންނަމަވެސް، ޙުސައިން ޝަރީފްގެ ފަރާތުން ތުހުމަތުކުރާ ކަންތައްތަކުގެ ހައްލެއްގެ ގޮތުގައި އެދެނީ ބްލޫ ލެގޫންގެ މުދަލުގެ މިލްކުވެރިކަން ޙުސައިން ޝަރީފްގެ ނަމުގެ މައްޗަށް ބަދަލުކޮށްދިނުމަށެވެ.

ކަން މިހެން އޮތްއިރު، ސިވިލް ކޯޓުގެ ކުރިމައްޗަށް ހުށަހެޅި މައްސަލައާ މެދު އެކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމުގެ ނުވަތަ ނުވާކަމުގެ ސުވާލަށް ޖަވާބެއް ދޭން ބަލާއިރު، ޙުސައިން ޝަރީފްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޤާނޫނީ ގޮތުން އޮޅުންބޮޅުން އަރާ ދަޢުވާއެއްކަން ފާހަގަކުރެވެއެވެ. އެއް ކޮޅުން ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތައް އަދާނުކޮށް، މަސްލަހަތު ފުށުއަރާކަމަށް ބެލެވޭ، ހަމަ ޙަޤީޤަތުގައިވެސް ކުންފުނީގެ މަސްލަހަތާމެދު ކަންބޮޑުވުންތަކެއް އުފެދޭ ހާލަތްތަކެއްގެ ވާހަކަ ޙުސައިން ޝަރީފްގެ ފަރާތުން ދައްކާފައިވާއިރު، އަނެއްކޮޅުން ޙުސައިން ޝަރީފްގެ ފަރާތުން އެދިފައިވަނީ ޤާނޫނީ ގޮތުން ދެކޮޅުޖެހޭ ހައްލުތަކަކަށް ނޫނެވެ. ސިވިލް ކޯޓުން މި ޤާނޫނީ އޮޅުންބޮޅުން ވަކިކޮށް މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ނުކުތާތަކަކީ ކޮބައިކަން ކަނޑައެޅުމުގެ ބަދަލުގައި މި މައްސަލައަށް ޙުކުމެއްކޮށްފައިވަނީ ޙުސައިން ޝަރީފްގެ ފަރާތުން އެދިފައިވާ ގޮތަށް މައްސަލަ ނިންމައިދެވެން ނެތްކަމަށް ކަނޑައަޅައެވެ. އަދި އެ ގަޒިއްޔާގެ ދަޢުވާގައި ހުރި ކުންފުނީގެ މަސްލަހަތާ ގުޅުންހުރި ކަންތައްތަކާއި، ޙުސައިން ޝަރީފްގެ އަމިއްލަ މަސްލަހަތުގައި ފާހަގަކޮށްފައިވާ ކަންކަން، އެ ގަޒިއްޔާގައި ޙުކުމްކުރިއިރު ފަރަގުކޮށްފައިނުވެއެވެ. މިކަންކަމާގުޅޭ ނަތީޖާ އަހުރެންގެ ރައުޔުގެ "ޙައްލު" މި ސުރުޚީގެ ދަށުން ފަހުން ބަޔާންކުރާނަމެވެ.

ޙުކުމްކުރުމަށްފަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަދަލު ގެނައުން

މި ސުރުޚީގެ ދަށުން ޙުސައިން ޝަރީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގައި 28 އޭޕްރިލް 2016 ގައި ޙުކުމްކުރުމަށްފަހު، އެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާގެ 3 ވަނަ ނަންބަރުގައި، މައްސަލައިގެ ދެފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށާއި، ސިވިލް ކޯޓުގެ ނަންބަރު 975/Cv-C/2015 ގަޒިއްޔާގެ ލިޔުންތަކަށް އެ ކޯޓުން ރިއާޔަތްކުރިކަމަށް ބަޔާންކުރުމަށްފަހު، 2 މެއި 2016 ގައި ސިވިލް ކޯޓުގެ ނަންބަރު 975/Cv-C/2015 ގަޒިއްޔާގެ ލިޔުންތަކަށް ރިއާޔަތްކުރިކަމަށް އޮތް އޮތުން ސިވިލް ކޯޓުން އުނިކުރުމަށްފަހު، އައު ރިޕޯޓެއް އެ ކޯޓުން ޙުސައިން ޝަރީފަށް ޙަވާލުކުރިކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 975/Cv-C/2015 ގަޒިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގައި މައްސަލައިގެ އެއްވެސް ފަރާތަކުން ހަވާލާދިން ގަޒިއްޔާއެއް ނޫންކަމަށާއި، ނަމަވެސް މި ގަޒިއްޔާ އުނިކުރި ސަބަބު ސިވިލް ކޯޓުން ސާފުކޮށްދީފައިނުވާކަމަށެވެ. އަދި މިއީ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 38 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި 107 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށެވެ.

ބްލޫ ލެގޫންގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން އެންމެ ފުރަތަމަ ދޫކުރި އެ ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އެ ކޯޓުން އަނބުރާ ގެންދިޔައީ ލިޔުމުގެ ކުށެއް އިސްލާހުކުރަންކަން އެ ކޯޓުން އަންގާފައިވާކަމަށާއި، އަދި މި މައްސަލައިގައި ސިވިލް ކޯޓުން އިސްލާހުކުރި ކުށަކީ މައްސަލައިގެ ޙުކުމަށް ނުވަތަ ނަތީޖާއަށް ބަދަލު އަންނާނެފަދަ ކުށެއް ނޫންކަމަށެވެ.

ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 38 ވަނަ މާއްދާގައި ކޯޓުތަކުން ނިންމާ ގަޒިއްޔާތަކާބެހޭގޮތުން ކަން އޮތްގޮތް، ކަމާބެހޭ ފަރާތްފަރާތަށް ވީހާ ބޮޑަކަށް ސާފުކޮށްދޭންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ގަވާއިދުގެ 49 ވަނަ މާއްދާގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ކުށެއް އިސްލާހުކުރާނަމަ ކަމާބެހޭ ކޯޓުން އެތަނެއް އެނގޭނެހެން ކަނޑާލުމަށްފަހު ކޯޓުގެ ފަރާތުން ސޮއިކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގަވާއިދުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޙުކުމެއް ކުރުމަށްފަހު އެ ޙުކުމް ބަދަލުކުރުމާ ގުޅޭގޮތުންނެވެ. އަދި އެފަދައިން ޙުކުމެއް ބަދަލު ކުރެވޭނީ އެ ޙުކުމެއް ބަދަލުކުރަންޖެހުނު ސަބަބުތައް ތަފްސީލުކޮށް މިނިސްޓްރީ އޮފް ޖަސްޓިހަށް ލިޔެ އެ މިނިސްޓްރީގެ ހުއްދަ ލިބުމުންކަމަށެވެ.

ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 107 ވަނަ މާއްދާ އިޝާރާތްކުރަނީ ޙުކުމެއް ކުރުމަށްފަހު، ހަމަ އެ ކޯޓުން ޙުކުމުގެ ނަތީޖާއަށް ބަދަލު އަންނާނެފަދަ މޭރުމުން ޙުކުމް ބަދަލުކުރުމަށެވެ. ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ބާރު ލިބިގެން ޢަމަލުކުރަންފެށި ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގައިވެސް ހިމެނިފައިވާ ބައެއް މާއްދާތަކަކީ 2008 ގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ކުރިންވެސް ބާޠިލުކުރެވިފައިވާ މާއްދާތަކެކެވެ. އެހެންނަމަވެސް، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު ފާސްކުރުމާ ހަމައަށް، ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގައި ބާޠިލުކުރެވުނު މާއްދާތަކަކީ ކޮބައިކަން ސާފުކޮށް އެނގޭ މިންވަރަށް ކަމާބެހޭ އިދާރާތަކުން ރިކޯޑުތައް ބެލެހެއްޓިފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޤާނޫނުގެ ދަށުން ބާރު ދީފައިވާ ގަވާއިދަކީ އެއިރުގައި ޢަމަލުކުރަމުން ދިޔަ އެންމެ އަދާހަމަ ގަވާއިދު ނޫންކަން ފާހަގަކުރަމެވެ.

ކޮންމެ ގޮތެއް ވިޔަސް 2008 ގައި ޢަމަލުކުރަންފެށި ޤާނޫނުއަސާސީގެ ދަށުން، އެއް ކޯޓުން ކުރާ ޙުކުމެއް ބަދަލުކުރާނަމަ، އެކަމެއް ކުރެވެން އޮންނަނީ އިސްތިއުނާފުކުރުމުގެ ނިޒާމުގެ ތެރެއިންނެވެ. ވުމާއެކު، ޙުސައިން ޝަރީފްގެ ފަރާތުން ހަވާލާދޭ ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 107 ވަނަ މާއްދާއަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކާ ޚިލާފު މާއްދާއެއް ކަމުގައިވާއިރު، އަދި އެ މާއްދާއަކީ މައްސަލައެއްގެ މުޅި ޙުކުމާއި އެއިގެން ނިކުންނަ ނަތީޖާ ބަދަލުކުރުމާ ގުޅޭ މާއްދާއެއް ކަމުގައިވާއިރު، މިހާރު ހުށަހެޅިފައިވާ މައްސަލައަށް ތަޠުބީޤުކުރެވިދާނެ މާއްދާއެއްކަމުގައި އަހުރެން ނުދެކެމެވެ.

އެއާ ޚިލާފަށް ޙުކުމެއްކުރުމަށްފަހު މައްސަލައެއްގައި ހިމެނޭ ޚަސްމުންނަށް ދޫކުރާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހުންނަ މައްސަލައިގެ ނަތީޖާއަށް ބަދަލެއް ނާންނަ، އިމްލާ ކުށް ނުވަތަ ހިސާބުގެ އަދަދުތައް ޖެހުމުގައި އަންނަ ފަދަ ކުދިކުދި ކުށްތަކަކީ މިހާރުވެސް އެ ކޯޓަކަށް އިސްލާހުކުރެވިދާނެ ކުށްތަކެވެ. މިފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ މި ކޯޓުގެ ޢަލީ މުޙައްމަދު އަދި ޢަބްދުﷲ އާދަމް ވ. މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ. ލޓޑ ގަޒިއްޔާގެ 22 ވަނަ ޕެރެގްރާފްގައި، ކޯޓަކުން ކުރާ ޙުކުމެއްގައި ހުންނަ ހިސާބު ހެދުމުގެ ކުށްތަކާއި، ނުބައިކޮށް ލިޔެވިފައި ހުންނަ ހިސާބުގެ އަދަދާއި، ތާރީޚާއި، މީސްމީހުންގެ ނަމާއި ލިޔުމުގައި ހުންނަ އަތުކުށްތަކަކީ އެފަދަ ކުށްކުށް އިސްލާހުކުރުމަށް މަތީ ކޯޓަކަށް އިސްތިއުނާފުނުކޮށް، އެ ޙުކުމްކުރާ ކޯޓަކުން ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި، އެ ކޯޓަކަށް އިސްލާހުކުރެވިދާނެ ކުށްތަކެއްކަމަށެވެ. އަދި މިފަދަ ކުށްތައް އިސްލާހުކުރަންވާނީ މައްސަލައިގެ ދެފަރާތުގެވެސް ހާޒިރުގައި، އެ އިސްލާހުގެ ރިކޯޑު އެ ކޯޓުގައި ފައިލުކުރުމާއެކުކަމަށް ބަޔާންކޮށްފައިވެއެވެ.

ޙުކުމަކަށް ގެންނަ މިފަދަ އިސްލާހުތަކުގައި އެ މައްސަލަ ބެލި ފަނޑިޔާރުގެ ސޮއި އޮންނަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އެހެންނަމަވެސް ހުށަހެޅިފައިމިވާ މައްސަލައިގައި، ސިވިލް ކޯޓުގެ ގަޒިއްޔާއަށް ގެނައި އިސްލާހުގައި ކޯޓުގެ ސޮއި ނެތުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް މުޅި މައްސަލަ ބާޠިލުކުރަންޖެހޭ ސަބަބެއްނޫނެވެ.

ޙައްލު

މި މަރުހަލާގައި މި މައްސަލައަށް ސާފު ސަރީހަ ހައްލެއް ކަނޑައެޅުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. މި ހުރިހާ ގޮންޖެހުންތަކުގެ އަސާސަކީ މި މައްސަލައިގައި އެންމެ ފުރަތަމަ ހުށަހެޅި ދަޢުވާ ބައްޓަންކުރެވިފައިވާ ގޮތެވެ. އެއްކޮޅުން މައިނޯރިޓީ ހިއްސާދާރުގެ ޙައްޤުތަކެއްގެ ވާހަކަ ދައްކައި، ކުންފުނީގެ އެސެޓުތައް މައިނޯރިޓީ ހިއްސާދާރަށް ބަދަލުކުރާ ވާހަކަ ދައްކާއިރު، އަނެއްކޮޅުން ހަމަ ޙަޤީޤަތުގައިވެސް ކުންފުނީގެ ޑިރެކްޓަރުން ޢަމަލުކޮށްފައިވަނީ ކުންފުނީގެ މަސްލަހަތުގައިތޯ ސުވާލު އުފެދޭ ކަންތައްތަކެއް ޙުސައިން ޝަރީފްގެ ފަރާތުން ހުށަހަޅާފައިވެއެވެ. މި ދެ ކަންކަން ޙުސައިން ޝަރީފްގެ ފަރާތުން ހުށަހެޅުމުގެ ނަތީޖާއަކީ މައްސަލައިގައި ޙުސައިން ޝަރީފްގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމަށް ޖަވާބެއް ލިބުމެއްނެތި، މައްސަލައިގައި މައުލޫއީ ގޮތުން ކަންތައްތަކެއް ކަނޑައެޅިގެން ދިޔުމެވެ.

މި މަރުހަލާގައި ސިވިލް ކޯޓުގެ އަދި ހައިކޯޓުގެ ގަޒިއްޔާތަކަށް ތާއީދުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ޤާނޫނީ ގޮތުން އޮޅުންބޮޅުން އަރާ، ޤާނޫނީ މަފްހޫމްތައް މަސްހުނިކޮށްފައިވާ ދަޢުވާއަކަށް، އެކަންކަން ފާހަގަކުރުމެއްނެތި، ކޯޓުތަކުން ދީފައިވާ ޖަވާބު ނެގެހެއްޓިގެން ދިޔުމެވެ. އަދި މައްސަލައިގެ ބައެއް ވާގިއާތަކަކީ އެކަށީގެންވާވަރަށް ކަންކަން ކަށަވަރުކުރުމެއްނެތި ގޮތް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމުގައިވާއިރު، އެ ވާގިއާތައްވެސް ގަޒިއްޔާއެއްގެ ބާރުން ނިހާއީވެގެން ދިޔުމެވެ. މައްސަލަ ބަލަންޖެހޭވަރަށް ނުބަލައި މައްސަލައިގައި ގޮތް ކަނޑައެޅުމުން، މައްސަލައިގެ ބައެއް ޚަސްމުން އެކި ސިފަ ސިފައިގައި އެ މައްސަލައާ ގުޅޭ އެކި ދަޢުވާތައް އެތައް އަހަރުތަކެއްގެ ތެރޭގައި ކުރުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އައު ކަމެއް ނޫނެވެ. ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ފަނޑިޔާރުން ގޮތް ކަނޑައަޅަންވާނީ ޤާނޫނީގޮތުން ބުރަދަންހުރި ޤާނޫނީގޮތުން ދެކޮޅުޖެހޭގޮތަކަށެވެ. ޤާނޫނީގޮތުން އޮޅުންބޮޅުން އަރާ ދަޢުވާތަކުގައި ކޯޓުން ހަމަ ޙުކުމެއް ކުރުމުން މައްސަލައިގެ ދެފަރާތަށްވެސް ޤާނޫނީގޮތުން ބުރަދަންހުރި، ދާއިމީ ނިންމުމެއް ލިބިދިނުމުން މަހުރޫމްވެގެންދެއެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ބޭނުމަށްޓަކައި ޝަރީޢަތެއް ކުރެވިފައިވާ މައްސަލައެއް ކަމުގައި އަހުރެން ނުދެކެމެވެ.

ކުންފުންޏެއްގެ އަޣުލަބިއްޔަތު އޮތް ޑިރެކްޓަރުން، ކުންފުންޏެއްގެ ނާޖާއިޒު ފައިދާ ނަގައި، އެމީހުންގެ ވާޖިބުތަކާއި ޒިންމާތަކާ ޚިލާފުވާނަމަ، ކުންފުނީގެ ޙައްޤުގައި އެފަދަ މައްސަލަތައް ބެލެވެންޖެހޭނެކަމުގައި އަހުރެންދެކެމެވެ. ޤާނޫނުގައި ކުންފުނީގެ ޙައްޤު މައިނޯރިޓީ އޮތް ފަރާތަކަށް ހިމާޔަތްކުރެވިދާނެ މާ ގިނަ މަގުތަކެއް ދައްކާފައި ނުވިނަމަވެސް، އެފަދަ ހާލަތެއް އޮތްކަން އެކަށީގެންވާ މިންވަރަކަށް ކޯޓުގައި ސާބިތުކޮށްދެވޭނަމަ، ކުންފުނީގެ ފަރާތުން މައިނޯރިޓީ އޮތް ފަރާތަށް ދަޢުވާކުރުމުގެ ފުރުސަތު ލިބިދެވެންޖެހޭކަމުގައި ދެކެމެވެ. ކުންފުނީގެ ނަޒަރިއްޔާތުން ކުންފުނީގެ ޙައްޤުގައި މައްސަލަ ބެލެވިގެން މެނުވީ، ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތަކާ މެދު ގޮތެއް ކަނޑަނޭޅޭނެއެވެ.

ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުސެކެވެ. ކުންފުނީގެވެސް ޙައްޤުތަކެއް އެކުލެވިގެންވާއިރު، އެ ޙައްޤުތައް ހޯދުމަށްޓަކައި މި މައްސަލައިގައިވާ ފަދަ ހާލަތެއްގައި ކުންފުނީގެ ފަރާތުން ކުރާ ދަޢުވާއެއް ކުންފުންޏަށް ކާމިޔާބުކުރެވިއްޖެނަމަ، ކޯޓަށް ހައްލެއްވެސް ދެވޭނީ ޤާނޫނީ އިމުގެ ތެރެއިން، ޤާނޫނީ މަފްހޫމްތަކާއި މަބްދައުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޙުސައިން ޝަރީފްގެ ފަރާތުން އެދިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީގޮތުން އޮޅުންބޮޅުން ގިނަ ދަޢުވާއަކަށް ބިނާކޮށް، ކޮށްފައިވާ ފައިސަލާކުރަނިވި ޙުކުމެކެވެ. މި މައްސަލައިގައި ބްލޫ ލެގޫންގެ މަސްލަހަތު ހިމެނޭ ބައެއް ވާގިއާތަކާ މެދު ސިވިލް ކޯޓުން ގޮތް ކަނޑައަޅައި ހައިކޯޓުން އެކަންކަމަށް ތާއީދުކޮށްފައި އޮތުމުން، ބްލޫ ލެގޫންގެ ނަމުގައި ވަކި ދަޢުވާއެއް މުސްތަޤުބަލުގައި ޙުސައިން ޝަރީފްގެ ފަރާތުން ކުރާނަމަ، މި މައްސަލައާ ގުޅޭ ބައެއް ވާގިއާތަކަށް ނިހާއިވެފައިވާ ޙުކުމެއްގެ ބާރު ލިބިގެންދެއެވެ.

ވުމާއެކު، މި މައްސަލައިގައި ބްލޫ ލެގޫންގެ ދަރަންޏަށް ޙުސައިން ޝަރީފް ޖާމިނުވެ، އެއިގެ މުޤާބިލުގައި ކުންފުނީގެ އެސެޓްތައް ޙުސައިން ޝަރީފްގެ ނަމަށް ބަދަލުނުކުރެވޭނެކަމަށް އޮތް އޮތުމަށް އަހުރެން ތާއީދުކުރިނަމަވެސް، ބްލޫ ލެގޫންގެ އަޣުލަބިއްޔަތު އޮތް ޑިރެކްޓަރުން އެ ކުންފުނީގެ ޙައްޤުތަކަށް އުނިކަން އަންނަފަދަ ގޮތަކަށް ޢަމަލުކޮށްފައިވާނަމަ، އެފަދަ މައްސަލައެއް ބްލޫ ލެގޫންގެ ޙައްޤުގައި، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޙުސައިން ޝަރީފަށް ސިވިލް ކޯޓަށް ހުށަހެޅިދާނެކަމުގައި އަހުރެން ދެކެމެވެ.

ބުނެވިދިޔަ ސަބަބުތަކަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާއާއި ހައިކޯޓުގެ ނަންބަރު 2016/HC-A/374 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/374 ގަޒިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ނޫންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1024/Cv-C/2015 ގަޒިއްޔާއާއި ހައިކޯޓުގެ ނަންބަރު 2016/HC-A/374 ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން އަޣުލަބިއްޔަތުން ބާޠިލުކަމަށް ކަނޑައަޅައި، މި ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކުރެވިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން، ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޙައްޤުގައި މާލެ، ހ. މިރިހި، ޙުސައިން ޝަރީފްއަށް ދަޢުވާކުރެވިދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާން މަޙާޒު ޢަލީ ޒާހިރު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ