ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 51 · 2022/SC-A/15

އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ކުންފުނި ވ. އިބްރާހީމް ރަޝީދު ޙުސައިން

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 ސެޕްޓެމްބަރު 2024ދަށު ކޯޓު: ހައިކޯޓު 2017/HC-A/356,357,358ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2017/HC-A/356، 2017/HC-A/357، 2017/HC-A/358
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ، ހިއްސާގެ އަގު ނުދެއްކުމުން ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ބޯޑުން ހިއްސާ ނެގީ ޞައްޙަ ގޮތުގައި ކަމަށާއި އިބްރާހީމް ރަޝީދު ޙުސައިނަކީ ހިއްސާދާރެއް ނޫން ކަމަށެވެ. ހައިކޯޓުން އެ ޙުކުމްތައް ބާޠިލުކުރީ، އަގު ދައްކަން އެންގި ހިއްސާތަކަކީ އޭނާ ގަތުމަށް އެއްބަސްވި ހިއްސާ ނޫންކަމަށާއި ހެޔޮ ނިޔަތެއް ނެތްކަމަށް ބުނެއެވެ.
ވާޤިޢާ
ތިން ކުންފުންޏެއްގެ ހިއްސާދާރަކު ކުންފުނި އުވާލުމަށް ކޯޓަށް ދިޔުމުން، 2016 މެއި 8 ގައި ހިއްސާގެ އަގު ދެއްކުމަށް އޭނާއަށް އެންގިއެވެ. އޭނާ ބައިވެރިނުވި ޖަލްސާތަކުން ހިއްސާގެ އަދަދު އިތުރުކޮށް، 12 ދުވަހުގެ ތެރޭގައި 2,980,000 ރުފިޔާ ދެއްކުމަށް އެންގިއެވެ. ފައިސާ ނުދެއްކުމުން ބޯޑުން އޭނާގެ ހުރިހާ ހިއްސާއެއް ނެގުމަށް ނިންމައި، އޭނާއަކީ ހިއްސާދާރެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ހިއްސާ ނެގުމަށް އެއީ މެމްބަރު ގަތުމަށް އެއްބަސްވި ހިއްސާއަކަށް ވާންޖެހޭތޯ، ހައިކޯޓުން އެކަމާއި ޑިރެކްޓަރުންގެ ހެޔޮ ނިޔަތާމެދު ނިންމީ ނުކުތާގެ އިމުން ބޭރުންތޯ، ހެއްކެއް ނެތި ހެޔޮ ނިޔަތެއް ނެތްކަމަށް ނިންމުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުތޯ، އަދި ހައިކޯޓުގެ ޙުކުމުގެ ނަތީޖާ ސާފުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިތަކުން ބުނީ، ހައިކޯޓުން ނިންމީ ނުކުތާގެ އިމުން ބޭރުން ކަމަށާއި، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ މާނަކުރި ގޮތުން ރައުސްމާލު އިތުރުކުރުމަށް ހުރިހާ ހިއްސާދާރުންގެ ރުހުން ބޭނުންވާނެ ކަމަށާއި، ހެއްކެއް ނެތި ހެޔޮ ނިޔަތެއް ނެތްކަމަށް ނިންމީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ޙުކުމުގެ ނަތީޖާ ސާފުނޫން ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ހައިކޯޓުން ނިންމީ ނުކުތާގެ ތެރެއިން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއަކީ މުޅި މައްސަލަ ބަރޯސާވި މާއްދާ ކަމުން، އޭގެ ޝަރުޠު ފުރިހަމަވޭތޯ ބެލުމަކީ ނޭދޭ ކަމަކަށް ފަރުވާދިނުމެއް ނޫނެވެ. ހައިކޯޓުގެ މާނަކުރުމަކީ ހުރިހާ ހިއްސާދާރުންގެ ރުހުން ލާޒިމުކުރާ ކަމެއް ނޫނެވެ. ހިއްސާ ނެގުމުގެ ބާރު ބޭނުންކުރަންވާނީ ހެޔޮ ނިޔަތުގައި ކުންފުނީގެ ލާބައަށެވެ. ކުންފުނިތަކުގެ އަމިއްލަ ލިޔުންތަކަށް ބިނާކޮށް ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފެއް ނޫނެވެ. ދަށު މަރުޙަލާތަކުގައި ނުކުރި ފަރަގެއް ނެތުމަކީ ހައިކޯޓުގެ ޙުކުމުގައިވާ އައިބެއް ނޫނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ 2017/HC-A/356، 2017/HC-A/357 އަދި 2017/HC-A/358 ޤަޟިއްޔާތަކުގައި ކުރި ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ޤާއިމްކުރެވުނެވެ (އިއްތިފާޤުން).

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޚަޞްމުން ޝަރުޢީ ހުރިހާ މަރުޙަލާއެއްގައި ބަހުސްކޮށް، ދަޢުވާ ބިނާކޮށް، މުޅި މައްސަލަ ބަރޯސާވެގެން ކުރިއަށް ގެންދެވިފައިވާ ޤާނޫނީ މާއްދާއެއް އިސްތިއުނާފު ކޯޓުން މާނަކޮށް ތަޠުބީޤުކުރުމަކީ، ޚަޞްމެއްގެ ފަރާތުން ހުށަހެޅުމެއް ނެތި ނުވަތަ އިސްތިއުނާފީ ނުކުތާގެ އިމުން ބޭރުން ގޮތެއް ނިންމުމެއް ނޫނެވެ. މައްސަލައާ ގުޅިލާމެހިފައިވާ ޤާނޫނީ މާއްދާއެއްގެ ޝަރުޠު ފުރިހަމަވޭތޯ ކަނޑައެޅުމަކީ، ހުށަހެޅިފައިވާ މައިގަނޑު ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ޤާނޫނު ލާޒިމުކުރާ ކަމެއް ކަމުން، އެއީ ނޭދޭ ކަމަކަށް ފަރުވާދިނުމެއް ނޫނެވެ.

HN2 ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ހިއްސާގެ އަގު ނުދެއްކުމުގެ ސަބަބުން މެމްބަރެއްގެ ހިއްސާ ކުންފުންޏަށް ނެގޭނީ، އެ ހިއްސާއަކީ އެ މެމްބަރަކު އެ ކުންފުނިން ގަތުމަށް އެއްބަސްވެފައިވާ ހިއްސާއެއް ކަމުގައިވާނަމައެވެ. ހިއްސާއެއްގެ އަގު ނުދައްކާ އޮތުން އެކަނި ހިއްސާ ނެގުމުގެ ސަބަބަކަށް ނުވާނެއެވެ؛ ހިއްސާ ނެގޭނީ 39 ވަނަ މާއްދާގައި ބުނާ އިޖުރާއަތު ފުރިހަމަވުމުންނެވެ. ކުންފުނިން އަގު ދެއްކުމަށް އަންގާ އެންގުމެއް ވާންވާނީ މެމްބަރު ގަތުމަށް އެއްބަސްވެފައިވާ ހިއްސާއަކާ ގުޅިގެން އަންގާ އެންގުމަކަށެވެ.

HN3 ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ މިގޮތަށް މާނަކުރުމަކީ، 19 ވަނަ މާއްދާގެ ދަށުން ޢާންމު ޖަލްސާއަކުން ފާސްކުރާ ޚާއްޞަ ޤަރާރަކުން އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބަދަލުކޮށް ޝެއަރ ކެޕިޓަލް ބަދަލުކުރުމަށް، ނުވަތަ 40 ވަނަ މާއްދާގެ ދަށުން ރައުސްމާލު އިތުރުކުރުމަށް، ނުވަތަ ޢާންމު ޖަލްސާއެއްގައި ކަމެއް ނިންމުމަށް ޤާނޫނުގައިވާ އުސޫލަކަށް ހުރަހެއް އަޅާ ކަމެއް ނޫނެވެ. އަދި އެއީ ކުންފުންޏަކުން ނިންމާ ކޮންމެ ނިންމުމެއްގައި ހުރިހާ ހިއްސާދާރުންގެ ރުހުން ލާޒިމުކުރާ މާނަކުރުމެއް ނޫނެވެ.

HN4 ކުންފުނީގެ ޑިރެކްޓަރުންނަކީ ކުންފުނީގެ މަޞްލަޙަތުގައި ކުންފުނީގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ޒިންމާ އޮންނަ ބައެކެވެ. ހިއްސާދާރުންނަށް އެކަށައެޅިފައިވާ ހިއްސާތައް އަނބުރާ ކުންފުންޏަށް ނެގުމަށް ޑިރެކްޓަރުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރަކީ ކުންފުންޏާއި ކުންފުނީގެ އަރަނިވެރިންގެ ލާބައަށް ބޭނުންކުރުމަށް ލިބިދީފައިވާ ބާރަކާއި އިޚްތިޔާރެކެވެ.

HN5 ކުންފުންޏަކުން ހިއްސާދާރެއްގެ ހިއްސާތައް އަނބުރާ ކުންފުންޏަށް ނެގުން ޞައްޙަވާނީ: (ހ) ކުންފުނީގެ ދުސްތޫރާ އެއްގޮތަށް ފާސްކުރި ޑިރެކްޓަރުންގެ ބޯޑުގެ ޞައްޙަ ޤަރާރަކުން، ދައްކަންވީ އަދަދާއި ތާރީޚާއި ދައްކަންވީ ތަން ބަޔާންކޮށް، ހިއްސާގެ އަގު އަދާކުރުމަށް ހިއްސާދާރަށް އަންގާފައިވާނަމަ؛ (ށ) އެ ނިންމުމުގައި ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުތަކެއްގެ މަތިން އެކަން ކޮށްފައިވާނަމަ؛ އަދި (ނ) ހިއްސާގެ އަގު އަދާކުރަން އަންގާފައިވަނީ ހެޔޮ ނިޔަތުގައި، ކުންފުންޏަށް ޙަޤީޤަތުގައިވެސް ފައިސާ ބޭނުންވެގެން، ވަކި ޑިރެކްޓަރުންގެ ބާރު ނަހަމަގޮތުގައި ހިފައި އެ ޑިރެކްޓަރުންގެ ޒާތީ މަޞްލަޙަތަށްޓަކައި ނޫންނަމައެވެ.

HN6 ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހަޅާ ލިޔުންތަކާމެދު ދަޢުވާލިބޭ ފަރާތަށް ބަހުސްކޮށް ސުވާލު އުފެއްދުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އެ ލިޔުންތައް ހުށަހެޅި ފަރާތާ ދެކޮޅަށް އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ޝަރީޢަތުން ވަކި ކަމެއް ނިންމިދާނެއެވެ. ވުމާއެކު، ދަޢުވާކުރި ކުންފުނިތަކުން ހުށަހެޅި ޖަލްސާތަކުގެ ނޯޓިސްތަކާއި ނިންމުންތަކަށް ބިނާކޮށް، ދަޢުވާލިބޭ ފަރާތުން ހެއްކެއް ހުށަހެޅުމެއް ނެތި ޑިރެކްޓަރުންގެ ނިންމުމުގައި ހެޔޮ ނިޔަތެއް ނެތްކަމަށް ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ.

HN7 ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތުންނެވެ. ދަޢުވާލިބޭ ފަރާތުގެ ދަފްޢުތައް ސާބިތުކުރުމުގެ ބުރަ އެ ފަރާތަށް ފުރޮޅިގެން އަންނާނީ ދަޢުވާކުރާ ފަރާތަށް ދަޢުވާ ސާބިތުކޮށް ދެވުމުންނެވެ. ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުން ނެރެވޭ ދޭހައިގެ ސަބަބުން ދަޢުވާ ސާބިތުނުވާ ހާލަތުގައި، ދަޢުވާލިބޭ ފަރާތަށް ވަކި ދަފްޢެއް ސާބިތުކުރުމުގެ ބުރައެއް އުފަންނުވާނެއެވެ.

HN8 ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން ފާހަގަކޮށް ޙުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންޞާފުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤުގެ މައިގަނޑު ޢުންޞުރެކެވެ. ސަބަބުތައް ބަޔާންނުކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން ލިބޭނެ ކަމެކެވެ. ޚުޞޫމަތަށް ނިމުމެއް ނުގެނެވޭ ފަދަ، އިތުރު ސުވާލު އުފެދޭ ގޮތަށް ޙުކުމް އިއްވުމަކީ އަދުލުއިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމެއް ނޫނެވެ.

HN9 ދަށު ދެ މަރުޙަލާގައި ގޮތެއް ކަނޑައެޅިފައިނުވާ، އަދި ދަޢުވާކުރި ފަރާތުން ދަޢުވާގައި ނުވަތަ އެދުމުގައި ސަމާލުކަން ދީފައިނުވާ ފަރަގެއް ހައިކޯޓުގެ ނިންމުމުގައި ނެތުމަކީ އެ ނިންމުމުގައިވާ އައިބެއް ނޫނެވެ. އަދި އެފަދަ ކަމަކާމެދު ސުޕްރީމް ކޯޓުގެ މަރުޙަލާގައި ފުރަތަމަ ފަހަރަށް ގޮތެއް ނިންމައެއް ނުދެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙަސަން ފަލާޙް، އެޑްވޮކެސީ ޗެމްބަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނާޒިމް މުޙައްމަދު
ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

[2024] SC 51

2022/SC-A/15

ޝަރީޢަތް ނިމުނުގޮތް

އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ކުންފުނި ވ. އިބްރާހީމް ރަޝީދު ޙުސައިން

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު

ފަނޑިޔާރު ޙުސްނުއް ސުޢޫދު

ނިމުނު ތާރީޚު

26 ސެޕްޓެމްބަރ 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2017/HC-A/356,357,358

އިސްތިއުނާފުކުރާ ފަރާތް

1- އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

2- އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

3- އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑް

ޤާނޫނީ ވަކީލު: ޙަސަން ފަލާޙް، އެޑްވޮކެސީ ޗެމްބަރސް އެލްއެލްޕީ

އިސްތިއުނާފު ރައްދުވާ ފަރާތް

އިބްރާހީމް ރަޝީދު ޙުސައިން، ޖަވާހިރުވާދީ، ކ. މާލެ

ޤާނޫނީ ވަކީލު: އަޙްމަދު ނާޒިމް މުޙައްމަދު، ނާރެސް، ގއ. ދެއްވަދޫ

މަދަނީ – ކުންފުންޏާބެހޭ – ރައުސްމާލު އިތުރުކުރުން – ހިއްސާ ގަތުމަށް އެއްބަސްވުން – ކުންފުނީގެ ޑިރެކްޓަރުންގެ ހެޔޮ ނިޔަތް – މައްސަލަ ސާބިތުކުރުމުގެ ބުރަ – ހިއްސާއަށްވާ ފައިސާ ދެއްކުމުގެ މުއްދަތުގައި ފައިސާ ނުދެއްކުން – ފްރޯޑް – މެޖޯރިޓީ ހިއްސާދާރުން އަދި މައިނޯރިޓީ ހިއްސާދާރުން – ހިއްސާދާރުން ވަކިކުރުން – އިސްތިއުނާފީ ނުކުތާތަކުގެ އިމުގެ ބޭރުން މައްސަލައިގައި ގޮތް ނިންމުން – ހެޔޮ ނިޔަތް

އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ކުންފުނި ވ. އިބްރާހީމް ރަޝީދު ޙުސައިން

[2024] SC 51

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި، އެކްސްޕަރޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއް ކަމުގައިވާ އިބްރާހީމް ރަޝީދު ޙުސައިންގެ އަތުގައި އޮތް އެ ކުންފުނިތަކުގެ ހިއްސާތަކަށް ދައްކަންޖެހޭ ފައިސާ، އެ ކުންފުނިތަކަށް ދެއްކުމަށް އެ ތިން ކުންފުނިން އިބްރާހީމް ރަޝީދު ޙުސައިން އަށް އަންގާފައިވެއެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް އިބްރާހީމް ރަޝީދު ޙުސައިން އެ ފައިސާ އެ ކުންފުނިތަކަށް ދައްކާފައިނުވެއެވެ. ކަންމިހެން ވުމުން އެ ކުންފުނިތަކުގެ ހިއްސާދާރުކަމުން އިބްރާހީމް ރަޝީދު ޙުސައިން ވަކި ކުރުމަށް އެ ތިން ކުންފުނިން ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ. މި ތިން ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވަކިވަކިންނެވެ. އަދި އެ ކޯޓުން ތިން މައްސަލަ ނިންމާފައިވަނީ ވެސް ވަކިވަކިން ތިން ޤަޟިއްޔާ އެއްގައެވެ.

2ސިވިލް ކޯޓުން ތިން މައްސަލަ ނިންމާފައިވަނީ ކުންފުނިތަކާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިމުނު ގޮތާމެދު ހިތްހަމަ ނުޖެހިގެން އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ތިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

3ސިވިލް ކޯޓުން ވަކިވަކިން ނިންމި ތިން މައްސަލަ ހައިކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އެކުއެކީގައެވެ. އަދި ހައިކޯޓުން މި މައްސަލަ ކާމިޔާބު ކޮށްފައިވަނީ އިބްރާހީމް ރަޝީދު ޙުސައިންއެވެ.

4މިއީ ހައިކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި، އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.

ކަންހިނގާފައިވާ ގޮތް

5އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި، އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑް، މި ތިން ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބީ އިބްރާހީމް ރަޝީދު ޙުސައިން އާއި، ޢަބްދުލްޙަންނާން އަބޫބަކުރު އާއި، މުޙައްމަދު ޙަމީދު ޙަސަންއެވެ. އަދި މިއިން ކޮންމެ ކުންފުންޏެއްގައި އިބްރާހީމް ރަޝީދު ޙުސައިންގެ 33 ހިއްސާ އޮވެއެވެ. މިއީ މި ތިން ކުންފުނި އުފެދުނުއިރު އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުގައި ހިއްސާތައް އެކަށައެޅިފައި ހުރި ގޮތެވެ.

6ޢަބްދުލްޙަންނާން އަބޫބަކުރު އާއި މުޙައްމަދު ޙަމީދު ޙަސަންގެ ހިއްސާތަކަށް ބަލާއިރު، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގައި މިއިން ކޮންމެ މީހަކަށް 33 ހިއްސާ އެކަށައެޅިފައި އޮތެވެ. އަދި އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުލްޙަންނާން އަބޫބަކުރުގެ 33 ހިއްސާ އޮތް އިރު، އެ ކުންފުނީގައި މުޙައްމަދު ޙަމީދު ޙަސަން އަށް އެކަށައަޅާފައި އޮތީ 34 ހިއްސާއެވެ. އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުލްޙަންނާން އަބޫބަކުރުގެ 34 ހިއްސާ އޮތް އިރު، އެ ކުންފުނީގައި މުޙައްމަދު ޙަމީދު ޙަސަންއަށް އެކަށައަޅާފައި އޮތީ 33 ހިއްސާއެވެ.

7މި ތިން ކުންފުނި އުފެދުނުއިރު ކުންފުނިތަކުގެ ރައުސްމާލަށް ބަލާއިރު، އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ރައުސްމާލަކީ 1000 (އެއްހާސް) ރުފިޔާގެ 100 (ސަތޭކަ) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100000 (އެއްލައްކަ) ރުފިޔާއެވެ. އަދި އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ރައުސްމާލަކީ 1000 (އެއްހާސް) ރުފިޔާގެ 99 (ނުވަދިހަ ނުވަ) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 99000 (ނުވަދިހަ ނުވަހާސް) ރުފިޔާއެވެ.

8ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިނަށް ތިން ފަހަރެއްގެ މަތިން އަންގާފައިވެއެވެ. މި ގޮތުން އެންމެ ފުރަތަމަ ފައިސާ ދެއްކުމަށް އަންގާފައިވަނީ ކުންފުނިތަކުގެ ޝެއަރ ކެޕިޓަލް އިތުރު ކުރުމަށް އެންގުމުގެ ކުރިން 08 މެއި 2016 ގައެވެ. މި ދުވަހު އެ ފައިސާ 15 މެއި 2016 ގެ ކުރިން ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިނަށް އެ ތިން ކުންފުނިން އަންގާފައިވެއެވެ.

9މިއީ މި ފަދައިން ކުންފުނިތަކުން އަންގާފައިވާ ފުރަތަމަ އެންގުމެވެ. މި ކުންފުނިތަކުން ވަކިވަކިން މި އެންގުން އަންގައި، އިބްރާހީމް ރަޝީދު ޙުސައިންއަށް ފޮނުވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރު، "ކުންފުނި އުވާލުމަށް އެދި ތިޔަ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށް އެދުނު އަމުރު އެއީ ކުންފުނީގެ ވިޔަފާރި ހުއްޓުމަކަށް ގެނެސް ކުންފުންޏަށް ގަސްތުގައި ގެއްލުން ދިނުމަށްޓަކައި ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ޤާނޫނީ ފިޔަވަޅު ކުންފުނީގެ ފަރާތުން އަޅާނެކަން" ބަޔާންކޮށްފައިވެއެވެ. އަދި އެ ސިޓީތަކުގައި "ތިޔަ ފަރާތުން ކުންފުނި އުވާލުމަށް މަސައްކަތް ކުރުމުން ދޭހަވަނީ ކުންފުނީގެ މަސްލަހަތާމެދު ތިޔަފަރާތުން ނުވިސްނާކަމެވެ. އަދި އެ ފަދައިން ތިޔަ ފަރާތުގެ ޢަމަލުތައް ހުރުމުން ކުންފުނިން ތިޔަ ފަރާތަށް ދޫކޮށްފައިވާ ފައިސާ އާއި މުދަލުގެ އިތުރުން އެ ނޫންވެސް ގޮތް ގޮތުން ތިޔަ ފަރާތުން ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ތިޔަ ފަރާތުން ނުދެއްކުމުގެ ބިރު އޮތްކަމަށް ގަބޫލުކުރެވެއެވެ." މި ފަދައިން ބަޔާންކޮށްފައިވެއެވެ.

10ތިން ކުންފުންޏާއި އިބްރާހީމް ރަޝީދު ޙުސައިނާ ދެމެދު ބަދަލު ކުރެވިފައިވާ ލިޔުންތަކަށް ބަލާއިރު، 08 މެއި 2016 ގައި، 28 މެއި 2016 ގައި އޮންނަ އެ ތިން ކުންފުނީގެ ހިއްސާދާރުންގެ ޚާއްޞަ ބައްދަލުވުމެއްގެ ނޯޓިސް ސިޓީއަކާއެކު ފޮނުވިފައިވެއެވެ. މި ނޯޓިހުގައި އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިވަނީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ، ކުންފުނީގެ ހިންގާ ގަވާއިދަށް ގެންނަ ބަދަލުތަކާމެދު ގޮތެއް ނިންމުމެވެ. ދެވަނަ ކަމަކަށް އޮތީ އެހެނިހެން ކަންކަމެވެ. މި ނޯޓިހާ އެއްގޮތަށް 28 މެއި 2016 ގައި އެ ތިން ކުންފުނީގެ ސްޕެޝަލް ޖެނެރަލް މީޓިންގ ބާއްވައި ކޮންމެ ކުންފުންޏެއްގެ ޖުމުލަ ހިއްސާގެ އަދަދު 30000 (ތިރީސް ހާސް) އަށް ބަދަލުކޮށް، ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގަކީ 100 (ސަތޭކަ) ރުފިޔާ ކަމުގައި ހަމަޖައްސާފައިވެއެވެ. މި ގޮތުން ކޮންމެ ކުންފުންޏެއްގެ ހުއްދަކުރެވިފައިވާ ހިއްސާގެ ރައުސްމާލުގެ އަގަކީ 3000000 (ތިން މިލިޔަން) ރުފިޔާ ކަމުގައި ކަނޑައަޅާފައިވެއެވެ. މި އިތުރު ކުރެވުނު ޖުމުލަ ހިއްސާގެ އަދަދަކީ، ކުރިން ކުންފުނިތަކުގައި އެކަށައެޅިފައިވާ ހިއްސާތަކުގެ އިތުރަށް އެކަށައެޅުނު ޖުމުލަ ހިއްސާގެ ޢަދަދެވެ. އަދި މި ގެނެވުނު ބަދަލުތަކަށް ޢަމަލު ކުރާނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީސް މި ބަދަލުތައް ގެނައުމަށް ހުއްދަ ދިނުމުންކަމުގައި ވެސް 28 މެއި 2016 ގެ މި ބައްދަލުވުމުގައި ކަނޑައަޅާފައިވެއެވެ. މި ބައްދަލުވުމުގައި އިބްރާހީމް ރަޝީދު ޙުސައިން ބައިވެރިވެފައި ނުވެއެވެ.

11ދެވަނަ ފަހަރަށް ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް އަންގާފައިވަނީ، 31 މެއި 2016 ގައެވެ. މި ދުވަހު 09 ޖޫން 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހިއްސާގެ އަގަށްވާ ފައިސާ ކުންފުނިތަކަށް ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިނަށް އަންގާފައިވެއެވެ. އަދި މި ދުވަހު ދެއްކުމަށް އަންގާފައިވަނީ 08 މެއި 2016 ގެ ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން، ކުންފުނިތަކުގެ ޝެއަރ ކެޕިޓަލް އިތުރު ކުރުމަށް ނިންމުމުގެ ކުރިން ކުންފުނިތަކުގައި އެކަށައެޅިފައި ހުރި ހިއްސާތަކުގެ އަގަށްވާ ފައިސާއެވެ.

1231 މެއި 2016 ގައި ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް އެންގުމަށް ފަހު، ހަމަ އެ ދުވަހު 18 ޖޫން 2016 ގައި ކުންފުނިތަކުގެ ހިއްސާދާރުންގެ ޚާއްޞަ ބައްދަލުވުމެއް ތާވަލު ކުރެވިފައިވާ ވާހަކަ ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިންއަށް އަންގާފައިވެއެވެ. އަދި އެ ބައްދަލުވުމާ ގުޅިގެން ފޮނުވުނު ނޯޓިހުގައި ހިމެނިފައިވަނީ ކުރީގެ ބައްދަލުވުމެކޭ އެއްގޮތަށް ކުންފުނިތަކުގެ ހިންގާ ގަވާއިދަށް ގެންނަ ބަދަލުތަކާމެދު ގޮތް ނިންމުމާއި، އެހެނިހެން ކަންކަން ކުރުމެވެ.

1318 ޖޫން 2016 ގައި ބޭއްވި ކުންފުނިތަކުގެ ހިއްސާދާރުންގެ ޚާއްޞަ ބައްދަލުވުމުގައި ކުންފުނިތަކުގެ ހިންގާ ގަވާއިދު ބަދަލު ކޮށްފައިވެއެވެ. މި ބައްދަލުވުމުގައި އިބްރާހީމް ރަޝީދު ޙުސައިން ބައިވެރިވެފައި ނުވެއެވެ. އަދި މި ބައްދަލުވުމުގައި، ކުންފުނިތަކުގެ ހުއްދަކުރެވިފައިވާ ހިއްސާގެ އަދަދު އިތުރު ކުރުމަށް ނިންމުމުގެ ކުރިން ހިއްސާދާރުންނަށް ދޫކޮށްފައިވާ ހިއްސާތަކަށް ފައިސާ ދައްކާފައިވާ ދެ ހިއްސާދާރުން ކަމުގައިވާ ޢަބްދުލްޙަންނާން އަބޫބަކުރާއި، މުޙައްމަދު ޙަމީދު ޙަސަން ފައިސާ ދައްކާފައިވާތީ، ހުއްދަ ކުރެވިފައިވާ ހިއްސާގެ އަދަދު އިތުރު ކުރުމުން އެ ދެ ހިއްސާދާރުންނަށް އިތުރަށް އެކަށައެޅުނު ހިއްސާތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެ ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ. އަދި ކުންފުނިތަކުގެ ހުއްދަކުރެވިފައިވާ ހިއްސާގެ އަދަދު އިތުރު ކުރުމަށް ނިންމުމުގެ ކުރިން އިބްރާހީމް ރަޝީދު ޙުސައިންއަށް ދޫކޮށްފައިވާ ހިއްސާތަކަށް ދައްކަންޖެހޭ ފައިސާ އާއި ހިއްސާގެ އަދަދު އިތުރު ކުރުމަށް ނިންމައި، އެ އިތުރު ކުރި ނިސްބަތުން އިބްރާހީމް ރަޝީދު ޙުސައިންއަށް އިތުރަށް ދީފައިވާ ހިއްސާތަކަށް އިބްރާހީމް ރަޝީދު ޙުސައިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް އެންގުމަށް ވެސް އެ ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ. އަދި ހުރިހާ ހިއްސާދާރުން މި ފައިސާ ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2016 ގެ 14:00 ކުރިން ކަމުގައި ވެސް އެ ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ.

1418 ޖޫން 2016 ގެ ބައްދަލުވުމުގެ ނިންމުންތައް ތަންފީޒުކުރުމުގެ ތެރެއިން، ތިންވަނަ ފަހަރަށް ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިނަށް އަންގާފައިވަނީ 19 ޖޫން 2016 ގައެވެ. މި ތާރީޚުގައި ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިންއަށް ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު، ކުންފުނިތަކުގެ ހުއްދަކުރެވިފައިވާ އާދައިގެ ހިއްސާ އިތުރު ކުރެވުނުކަން އެ ސިޓީތަކުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިން އަށް ދޫކޮށްފައިވާ ހިއްސާތަކަށް ދައްކަންޖެހޭ ފައިސާ ކުރިން އިޝާރާތް ކުރި ތާރީޚުގައި؛ 30 ޖޫން 2016 ގެ 14:00 ކުރިން ކުންފުނިތަކަށް ދެއްކުމަށް އަންގާފައިވެއެވެ.

1530 ޖޫން 2016 ގެ ކުރިން ފައިސާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް އެންގުމަށްފަހު، 19 ޖޫން 2016 ގައި 30 ޖޫން 2016 ވަނަ ދުވަހު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ތާވަލު ކުރެވިފައިވާކަން އަންގައި ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިންއަށް ސިޓީ ފޮނުވާފައިވެއެވެ. އަދި 30 ޖޫން 2016 ވަނަ ދުވަހު ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިނަށް އެކަށައަޅާފައިވާ ހިއްސާތަކަށް ފައިސާ ދައްކާފައިނުވާތީ، އެ ހިއްސާތައް ކުންފުނިތަކަށް ނެގުމަށް 30 ޖޫން 2016 ގައި އޮތް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ނިންމާފައިވެއެވެ.

16މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ކުންފުނިތަކުގެ ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް އަންގައި ކުންފުނިތަކުން ފޮނުވި ސިޓީތަކަށާއި، އަދި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކަށް ދެވުނު ދައުވަތުތަކަށް އިބްރާހީމް ރަޝީދު ޙުސައިން އިޖާބަދީފައިވާކަން އެނގެން ނެތެވެ. އަދި ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް އެންމެ ފަހުން އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން ދިން މުއްދަތު ހަމަވި ތާރީޚު ކަމުގައިވާ 2016 ޖޫން 30 ވަނަ ދުވަހު، އެ ފައިސާ އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިތަކަށް ދައްކާފައި ނުވާތީ، އިބްރާހީމް ރަޝީދު ޙުސައިންއަށް އެ ކުންފުނިތަކުން ކަނޑައަޅާފައިވާ ހިއްސާ އަނބުރާ ނެގުމަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެއެވެ.

17އަދި އެއަށްފަހު، އިބްރާހީމް ރަޝީދު ޙުސައިންއަކީ ކުންފުނިތަކުގެ ހިއްސާދާރެއް ނޫންކަމުގައި ކަނޑައަޅައި ދިނުމަށް އެދި އެ ތިން ކުންފުނިން 10 ނޮވެމްބަރ 2016 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

18ސިވިލް ކޯޓުގައި އިބްރާހީމް ރަޝީދު ޙުސައިންގެ މައްޗަށް ތިން ކުންފުނިން ކުރި ދަޢުވާގައި އެދިފައިވަނީ، ހިއްސާގެ އަގަށްވާ ފައިސާ އިބްރާހީމް ރަޝީދު ޙުސައިން ދައްކާފައިނުވާތީ، އިބްރާހީމް ރަޝީދު ޙުސައިންއަކީ އެ ކުންފުނިތަކުގެ ހިއްސާދާރެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ.

19ސިވިލް ކޯޓުން މި މައްސަލައިގައި އެ ތިން ކުންފުނިން އެދުނު ފަދައިން އިބްރާހީމް ރަޝީދު ޙުސައިންއަކީ އެ ކުންފުނިތަކުގެ ހިއްސާދާރެއް ނޫންކަމުގައި ކަނޑައަޅާފައިވެއެވެ. މި ނިންމުމަށް ވާސިލުވުމުގައި އެ ކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

19.1- ހިއްސާގެ އަގަށްވާ ފައިސާ ކުންފުނިތަކަށް ދައްކާފައި ނުވާތީ، އެ ފައިސާ ދެއްކުމަށް ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިންއަށް އަންގާފައިވާކަން.

19.2- ކުންފުނިތަކުގެ އެ އެންގުމާ ގުޅިގެން އިބްރާހީމް ރަޝީދު ޙުސައިން އެ ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިވާކަން އެނގެން ނެތްކަން.

19.3- އަދި އެ އެންގުމާ ގުޅިގެން އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އެއިން ކުންފުންޏަކަށް އެއްވެސް އެންގުމެއް އަންގައި ޖަވާބެއް ދީފައިވާކަން އެނގެން ނެތްކަން.

19.4- ކުންފުނިތަކުން ދިން މުއްދަތުގައި އިބްރާހީމް ރަޝީދު ޙުސައިން ފައިސާ ދައްކާފައިނުވާތީ، އެ ކުންފުނިތަކުގައި އޮތް އިބްރާހީމް ރަޝީދު ޙުސައިންގެ ހިއްސާ ކުންފުނިތަކަށް ނެގުމަށް 30 ޖޫން 2016 ގައި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްކަން. އަދި އެ ނިންމުންތަކަކީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާއިންނާއި، ކޮންމެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގެ 6.1 ވަނަ މާއްދާއިން އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ނިންމާފައިވާ ނިންމުމެއްކަން.

ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

20އިބްރާހީމް ރަޝީދު ޙުސައިންގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅުނު ތިން މައްސަލަ އިބްރާހީމް ރަޝީދު ޙުސައިންއާ ދެކޮޅަށް އެ ކޯޓުން ނިންމުމުން، އެ ތިން މައްސަލަ އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ފާހަގަ ކުރާ ތިން ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އެ ތިން ނުކުތާ ތިރީގައި މި ވަނީއެވެ.

20.1- ހިއްސާގެ އަގަށްވާ އެންމެހައި ފައިސާ ދައްކާފައިވާކަމުގެ ކިތާބީ ހެކި މަދަނީ މިންގަނޑަކުން ސާބިތުކޮށްދީފައި ވަނިކޮށް އެފަދަ ހެއްކެއް ހުށަހަޅާފައި ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވުން.

20.2- ހިއްސާގެ އަގު ދައްކާފައިވާކަން ސާބިތުކުރުމަށް 05 ފެބްރުއަރީ 2017 ގައި ހުށަހެޅި "ދަޢުވާލިބޭ ފަރާތުން ހުށަހަޅާ 03 ވަނަ ބަޔާން" މި ނަމުގައި ކޯޓަށް ހުށަހެޅި ލިޔުމުގައި 04 ހެއްކެއްގެ ނަން ހިމަނައި ޝަފަހީ ހެކި ނަގައިދިނުމަށް އެދި ހުށަހަޅާފައިވަނިކޮށް، ހެކި ނުނަގައި މައްސަލަ ނިންމާފައިވުން.

20.3- ކުންފުނިތަކުގެ މެޖޯރިޓީ ބޭނުންކޮށްގެން އިބްރާހީމް ރަޝީދު ޙުސައިން ފިޔަވައި ދެންތިބި ދެ ހިއްސާދާރުން އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިތަކުން ބޭރުކުރުމަށްޓަކައި، ކުންފުނިތަކުގެ ހިއްސާތަކަށް ދައްކާފައިވާ ފައިސާއެއް ނުދައްކާކަމަށް ހެދުމަށް މަސައްކަތް ކޮށްފައިވާކަމާއި ކުންފުނީގެ ނަމަށް ކުޑަ ބަދަލެއް ގެނެސް ކަސްޓަމަރުންނަށް އޮޅުވާލަން މަސައްކަތްކޮށް މެޖޯރިޓީގެ ނިވާފަތްގަނޑުގައި ތިބެ "ފުރޯޑް" ހަދާފައިވާކަން މަދަނީ މިންގަނޑުތަކުން ސާބިތުކޮށްދީފައިވަނިކޮށް އެކަމަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވުން.

21ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ އިބްރާހީމް ރަޝީދު ޙުސައިންއާ އެއްކޮޅަށެވެ. މި ގޮތަށް ނިންމުމުގައި އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

21.1- ކުންފުނިތަކުގެ ޝެއަރ ކެޕިޓަލް ބޮޑުކުރުމުގެ ފަހުން ކުންފުނިތަކަށް އެއްވެސް ފައިސާއެއް ދައްކާފައިވާ ކަމުގައި އިބްރާހީމް ރަޝީދު ޙުސައިން ބުނެފައިނުވާކަން. އަދި ކުންފުނިތައް އުފެދުނުއިރު ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިންއަށް ކަނޑައަޅާފައިވާ ހިއްސާގެ އަގު އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ކުންފުނިތަކަށް ދައްކާފައިވާކަން އެނގޭނެ ކިތާބީ ހެއްކެއް އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިނުވާކަން. އަދި ހިއްސާގެ މުގާބިލުގައި ފައިސާ ނޫން އެއްޗެއް ކަނޑައެޅުމަށް ކުންފުނިތަކުން ނިންމާފައިނުވާކަން.

21.2- ސިވިލް ކޯޓަށް ޝަފަހީ 4 ހެއްކެއް ހުށަހެޅި ނަމަވެސް އެ ހެކިން ހާޒިރުކުރަން ބޭނުންވާ ސަބަބެއް ސިވިލް ކޯޓުގައި އިބްރާހީމް ރަޝީދު ޙުސައިން ފާހަގަ ކޮށްފައިނުވާކަން.

21.3- ހިއްސާގެ އަގު ބޮޑު ކުރުމަށްފަހު ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް 19 ޖޫން 2016 ގައި ކުންފުނިތަކުން އެންގި ނަމަވެސް، އެ ހިއްސާތަކަކީ ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އިބްރާހީމް ރަޝީދު ޙުސައިން އެ ކުންފުނިތަކުން ގަތުމަށް އެ ކުންފުނިތަކުން އެއްބަސްވި ހިއްސާތަކެއް ނޫންކަން.

21.4- ކުންފުނިތަކުގެ ހިއްސާތަކުގެ އަދަދު އިތުރުކޮށް، ހިއްސާގެ އަގު ބޮޑު ކުރުމަށް ކަނޑައެޅި ބައްދަލުވުންތަކަށް ފޮނުވި ނޯޓިހުގައި ކުންފުނިތަކުގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް އެޖެންޑާކޮށްފައިވާކަން ބަޔާންކޮށްފައިނުވާކަން.

21.5- ޑިރެކްޓަރުންގެ ބޯޑުގެ ނިންމުންތަކުގައި މައިނޯރިޓީ ހިއްސާދާރުންގެ މަސްލަހަތަށް ރިޢާޔަތްކުރަންވާނެކަން. މި މައްސަލައިގައި ހިއްސާގެ އަގު ބޮޑު ކުރުމަށްފަހު، އެ އަގު ދެއްކުމަށް އެންމެ 12 ދުވަހުގެ ކުރު މުއްދަތެއް ދީފައި އޮތް އޮތުމަކީ، ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމުގައި އަދި، ހުރިހާ ހިއްސާދާރުންގެ ނުވަތަ މައިނޯރިޓީ ހިއްސާދާރުންގެ މަސްލަހަތަށް ރިޢާޔަތްކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫންކަން.

22މައިގަނޑު ގޮތެއްގައި މި ކަންކަން ފާހަގަ ކުރުމަށްފަހު، ސިވިލް ކޯޓުން މި ތިން ކުންފުނިން ހުށަހެޅި ތިން މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލު ކުރުމަށް ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް

23ހައިކޯޓުން ނިންމި މައްސަލަ ތިން ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ނުކުތާތަކެވެ.

23.1- ކުންފުނިތަކުގެ ރައުސްމާލު އިތުރުކުރުމަށްޓަކައި ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާގެ މޫނުމަތީ އަގު މަތި ކުރުމަށް ނިންމުމުން، އަގު މަތިކުރެވުނު ހިއްސާގެ އަގަށްވާ ފައިސާ ކުންފުނީގެ މެމްބަރަކު ދައްކަންވާނީ ހިއްސާގެ އަގު ދެއްކުމަށް އެ މެމްބަރަކު އެއްބަސްވުމުން ކަމުގައްޔާއި، ކުންފުނިތަކުގެ ރައުސްމާލު އިތުރު ކުރުމުގައި ހެޔޮ ނިޔަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ 03 ވަނަ ނުކުތާގެ އިމުން ބޭރުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާ ޚިލާފަށް ކަން. އަދި، ސުޕްރީމް ކޯޓުގެ ޢާއިޝަތު ޝަޒީން ހާޝިމް އަދި މުޙައްމަދު ބިނާޙް ވ. ހައި-ލައިން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި "ކޯޓަށް ހުށަހެޅޭ ކަންކަން ފިޔަވައި އިތުރު ކަންތައްތަކެއްގެ މައްޗަށް ޙުކުމް ކުރައްވައިގެން ނުވާނެކަމަށް" އޮންނަ އުސޫލާ ޚިލާފަށް ކަން.

23.2- ކުންފުނިތަކުގެ ރައުސްމާލު އިތުރުކުރުމަށްޓަކައި ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާގެ މޫނުމަތީ އަގު މަތި ކުރުމަށް ނިންމުމުން، އަގު މަތިކުރެވުނު ހިއްސާގެ އަގަށްވާ ފައިސާ ކުންފުނީގެ މެމްބަރަކު ދައްކަންވާނީ ހިއްސާގެ އަގު ދެއްކުމަށް އެ މެމްބަރަކު އެއްބަސްވުމުން ކަމުގައްޔާއި، ކުންފުނިތަކުގެ ރައުސްމާލު އިތުރު ކުރުމުގައި ހެޔޮ ނިޔަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ 03 ވަނަ ނުކުތާގެ އިމުން ބޭރުން، އެ ކަންކަން އެ ފަދައިން ކަނޑައަޅައި ދިނުމަށް އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ހައިކޯޓުގައި އެދިފައި ނެތީސްކަން. އަދި އެއީ ސިވިލް ކޯޓަށް ވެސް އެ ފަރާތުން ހުށަހެޅި ކަމެއް ނޫންކަމުގައިވުމުން، ހައިކޯޓުން އެ ފަދައިން ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު ޤަޟިއްޔާގައި ކަނޑައަޅާފައިވާ "ނޭދޭ ކަންކަމަށް ފަރުވާ ދިނުމުގެ އުސޫލު" އާ ޚިލާފަށް ކަން.

23.3- ކުންފުނިތައް އުފެދުނު އިރު އެކަށައެޅުނު ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިތަކަށް ދައްކާފައިވާ ކަމަށް ބެލެވެން ނެތްކަމަށް ހައިކޯޓުން ނިންމުމުގެ ނަތީޖާއަކީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ހިއްސާ ކުންފުންޏަށް ނެގުން ކަމުގައިވާއިރު، އެ ނަތީޖާއަށް ވާސިލުނުވެވޭ ފަދައަކުން، ނުވަތަ އެ ނަތީޖާ ނުކުންނަކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައެޅުމެއް ނެތި ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ، އެ ޙުކުމުގެ ސަބަބު ސާފުނުވާ، ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގަގައިވާ ޙުކުމް ބިނާކުރާ ސަބަބުތައް ސާފުވާންޖެހޭނެ ކަމަށް އޮންނަ އުސޫލާ ޚިލާފު ޙުކުމެއްކަން.

23.4- ކުންފުނިތަކުން އަގު ބޮޑުކުރި ހިއްސާތަކަކީ، އެ ކުންފުނިތަކުން ގަތުމަށް އިބްރާހީމް ރަޝީދު ޙުސައިން އެއްބަސްވި ހިއްސާތަކެއް ނޫންކަމުގައި ހައިކޯޓުން ނިންމާފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ އާއި، 19 ވަނަ މާއްދާ އާއި، 29 ވަނަ މާއްދާ އާއި، 34 ވަނަ މާއްދާ އާއި، 40 ވަނަ މާއްދާ އާއި، 56 ވަނަ މާއްދާ އާއި 102 ވަނަ މާއްދާއާ ޚިލާފަށްކަން.

23.5- ހިއްސާގެ އަގު މަތިކުރުމަށް ކުންފުނިތަކުން ނިންމި ނިންމުމުގައި ހެޔޮ ނިޔަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، ހެޔޮ ނިޔަތެއް ނެތްކަމުގެ އެއްވެސް ހެއްކެއް އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ހުށަހަޅާފައި ނެތީސް، ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާ ޚިލާފަށްކަން.

24މި ކަންކަން ފާހަގަ ކުރުމަށްފަހު، ކުންފުނިތަކުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުގައި ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

25ކުންފުނިތަކުގެ ފަރާތުން މި މައްސަލައިގައި ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

25.1- ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާ އާއި، 43 ވަނަ މާއްދާއާ ޚިލާފުކަމުގައި ކުންފުނިތަކުން ފާހަގަ ކުރި ނަމަވެސް ހަވާލާދީފައިވާ މާއްދާތަކުގައި ހައިކޯޓުގެ ނިންމުމެއްގައި ފުރިހަމަވާންޖެހޭ ޢުންޞުރުތަކެއް ބަޔާންކޮށްފައިނުވާތީ، މިއީ ރަނގަޅު ނޫން ޤާނޫނީ މާއްދާތަކަކަށް ހަވާލާދީ ފަރުމާކޮށްފައިވާ އިސްތިއުނާފީ ނުކުތާއެއްކަން. މީގެ އިތުރުން ހައިކޯޓަށް އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ހުށަހެޅި 03 ވަނަ ނުކުތާއަކީ މި މާއްދާތަކާ ޚިލާފު ނުކުތާއެއް ކަމުގައި ކުންފުނިތަކުން ހައިކޯޓުގައި ފާހަގަ ކޮށްފައިނުވާކަން.

25.2- ކުންފުނިތަކުގެ ރައުސްމާލު އިތުރު ކުރުމުގައި ކުންފުނިތަކުގެ ހެޔޮ ނިޔަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ އެ ކޯޓަށް ހުށަހެޅުނު ކަންކަމުން ބޭރުން ނޭދޭ ކަންކަމަށް ފަރުވާ ދިނުމުގެ އުސޫލާ ޚިލާފަށް ކަމަށް ކުންފުނިތަކުން ފާހަގަ ކުރި ނަމަވެސް، އެ ފަދައިން ހައިކޯޓުން ނިންމާފައިވަނީ، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ 03 ވަނަ ނުކުތާގެ ތަރަހައިގެ ތެރޭގައިކަން. އެ ގޮތުން އެ ނުކުތާގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އެދިފައިވާނީ ކުންފުނިތަކުގެ ޤާނޫނީ ނިވާފަތްގަނޑު ބޭނުންކޮށްގެން އިބްރާހީމް ރަޝީދު ޙުސައިންގެ ޙައްޤުތައް ގެއްލޭ ގޮތަށް ކުންފުނިތަކުން ޢަމަލު ކޮށްފައިވާކަން ކަނޑައަޅައިދިނުމަށް ކަން.

25.3- އިސްތިއުނާފީ ތިންވަނަ ނުކުތާގައި ކުންފުނިތަކުން ފާހަގަ ކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގއަކީ ސުޕްރީމް ކޯޓުން އުވާލާފައިވާ ރޫލިންގއެއް ކަމުގައިވާތީ، އެ ރޫލިންގއަށް ބިނާކޮށް، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއެއްކަން.

25.4- ކުންފުނިތަކުން އަގު ބޮޑުކުރި ހިއްސާތަކަކީ، އެ ކުންފުނިތަކުން ގަތުމަށް އިބްރާހީމް ރަޝީދު ޙުސައިން އެއްބަސްވި ހިއްސާތަކެއް ނޫންކަމުގައި ހައިކޯޓުން ނިންމާފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ އާއި، 19 ވަނަ މާއްދާ އާއި، 29 ވަނަ މާއްދާ އާއި، 34 ވަނަ މާއްދާ އާއި، 40 ވަނަ މާއްދާ އާއި، 56 ވަނަ މާއްދާ އާއި 102 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ކުންފުނިތަކުގެ ފަރާތުން ބުނިނަމަވެސް، މިފަދައިން ބުނާ ބުނުމުގެ އިތުރަށް އެ މާއްދާތަކާ ހައިކޯޓުގެ ނިންމުން ޚިލާފުވާ ގޮތެއް އިސްތިއުނާފީ ނުކުތާގައި ބުނެދީފައި ނުވާކަން.

25.5- ހިއްސާގެ އަގު ބޮޑު ކުރުމަށް ކުންފުނިތަކުން ނިންމި ނިންމުމުގައި ހެޔޮ ނިޔަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، އެކަން އެ ގޮތަށް ސާބިތު ކުރުމަށް އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހެޅުމެއް ނެތި ކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރި ނަމަވެސް، ހައިކޯޓުގެ ނިންމުމުގެ 22 ވަނަ ޕެރެގްރާފުން ފެށިގެން 22.8 ވަނަ ޕެރެގްރާފްގެ ނިޔަލަށް ހައިކޯޓުން އެ ނިންމުމަށް ވާސިލުވުމުގައި ރިޢާޔަތްކުރި ކަންކަން ތަފުސީލުކޮށް ބަޔާންކޮށްފައިވާކަން. އެހެންކަމުން ހައިކޯޓުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކޭކަން.

ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

26މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އެ ނުކުތާތައް މައިގަނޑު ގޮތެއްގައި ދައުރުވަނީ ތިން ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، ކުންފުނިތަކުން އަލަށް އެކަށައެޅި ހިއްސާތަކަކީ، އެ ކުންފުނިތަކުން ގަތުމަށް އިބްރާހީމް ރަޝީދު ޙުސައިން އެއްބަސްވި ހިއްސާތަކެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެވެ. ދެވަނަ ކަމަކީ، ރައުސްމާލު އިތުރު ކުރުމުގައި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމަކީ އެކަމުގައި ހެޔޮ ނިޔަތެއް އޮވެގެން ކޮށްފައިވާ ކަމެއް ނޫންކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމެވެ. މި ކަންކަމުގެ މައްޗަށް ހަތަރު އިސްތިއުނާފީ ނުކުތާއެއް (ފުރަތަމަ ނުކުތާ އާއި ދެވަނަ ނުކުތާ އާއި، ހަތަރުވަނަ ނުކުތާ އާއި ފަސްވަނަ ނުކުތާ) ހުށަހަޅާފައި ވެއެވެ. އަހުރެން މި މައްސަލައިގައި އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅާނީ މި ނުކުތާތަކާ މެދުގައެވެ.

27އެއަށްފަހު، ދެން ގޮތެއް ކަނޑައަޅާނީ، އިސްތިއުނާފީ ތިންވަނަ ނުކުތާއާ މެދުގައެވެ. އެ ނުކުތާއަކީ، ހައިކޯޓުގެ ނިންމުމުގެ ނަތީޖާ ސާފު ނޫންކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ.

28އިސްތިއުނާފީ ނުކުތާތަކާމެދު ގޮތް ކަނޑައެޅުމުގެ ކުރިން ހައިކޯޓުގެ ނިންމުމާއި، މި ކޯޓަށް ދެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި "ހިއްސާގެ އަގު ބޮޑު ކުރުމަށް" ނުވަތަ "އަގު ބޮޑުކުރި ހިއްސާތައް" މި މޭރުމުން އިޝާރާތް ކޮށްފައިވަނީ ހިއްސާގެ އަދަދު އިތުރުކޮށް ކުންފުނިތަކުގެ ރައުސްމާލު އިތުރުކުރުމަށް ކުންފުނިތަކުން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރުމަށްކަން އެކަމާ ގުޅިގެން ނިންމާފައިވާ ނިންމުންތަކުން އެނގޭކަން ފާހަގަ ކުރަމެވެ. އަދި ކުންފުނިތަކުން އައު ހިއްސާތައް އެކަށައަޅައި ހިއްސާތަކުގެ އަދަދު އިތުރުކުރުމަށް ނިންމި ނިންމުމަށް ބަލާއިރު، ހިއްސާތަކުގެ މޫނުމަތީ އަގު (nominal value) އެންމެ ފުރަތަމަ ކުންފުނިތަކުގައި އެކަށައެޅުނު ހިއްސާތަކުގެ މޫނުމަތީ އަގަށްވުރެ ބޮޑުކޮށްފައިނުވާކަން އެ ނިންމުންތަކުން އެނގޭތީވެ، އަހުރެންގެ މި ރައުޔުގައި އެ ތަފާތު ފާހަގަ ކުރަން ގަސްދުކުރަމެވެ.

ހިއްސާ ގަތުމަށް އެއްބަސްވުމާއި، ޑިރެކްޓަރުންގެ ހެޔޮ ނިޔަތާމެދު

29އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި، ދެވަނަ ނުކުތާ އާއި، ހަތަރުވަނަ ނުކުތާ އާއި ފަސްވަނަ ނުކުތާގައި ކުންފުނިތަކުގެ ފަރާތުން މައިގަނޑު ދެ ކަމެއް ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން ފާހަގަ ކޮށްފައިވާ ކަންކަން ތިރީގައި މިވަނީއެވެ.

29.1- ފުރަތަމަ ކަމަކީ، ކުންފުނިތަކުގެ ހިއްސާ އިތުރުކޮށް، ރައުސްމާލު އިތުރު ކުރުމަށް ފަހު، ހިއްސާތަކަށް ޖެހޭ ފައިސާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިނަށް އަންގާފައިވާއިރު، އެ ހިއްސާތަކަކީ އިބްރާހީމް ރަޝީދު ޙުސައިން އެ ކުންފުނިތަކުން ގަތުމަށް އެއްބަސްވެފައިވާ ފައިސާއެއް ނޫންކަމުގައި ހައިކޯޓުން ނިންމާފައިވަނީ އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިން ބޭރުން ކަމުގައެވެ. އަދި މި ނިންމުން ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ އާއި، 19 ވަނަ މާއްދާ އާއި، 29 ވަނަ މާއްދާ އާއި، 34 ވަނަ މާއްދާ އާއި 40 ވަނަ މާއްދާ އާއި، 56 ވަނަ މާއްދާ އާއި، 102 ވަނަ މާއްދާއާ ޚިލާފު ކަމުގައި ކުންފުނިތަކުން ފާހަގަ ކުރެއެވެ.

29.2- ދެވަނަ ކަމަކީ، އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން ކަނޑައަޅާފައިވާ ހިއްސާ އަނބުރާ ނެގުމަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމުމުގައި ހެޔޮ ނިޔަތެއް ނެތްކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައެވެ. ސަބަބަކީ، އިސްތިއުނާފީ ނުކުތާއެއްގައި އެ ފަދައިން ކަނޑައަޅައި ދިނުމަށް އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ސިވިލް ކޯޓާއި ހައިކޯޓުގައި ވެސް އެދިފައިނުވެއެވެ.

30މި އިސްތިއުނާފީ ނުކުތާތަކުގައި ވާހަކަ ދެކެވޭ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ކުންފުނިތަކުގެ ހިއްސާގެ އަދަދު އިތުރުކޮށް، އެ ހިއްސާތަކަށް ޖެހޭ ފައިސާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް އަންގާފައިވާއިރު، އެ ހިއްސާތަކަކީ، އިބްރާހީމް ރަޝީދު ޙުސައިން އެ ކުންފުނިތަކުން ގަތުމަށް އެއްބަސްވި ހިއްސާތަކެއް ނޫންކަމުގައި ނިންމާފައިވެއެވެ. އަދި ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުންފުންޏެއްގެ މެމްބަރަކު އެ ކުންފުނިން ގަތުމަށް އެއްބަސްވެފައިނުވާ ހިއްސާއެއްގެ އަގު ދެއްކުމަށް އެންގުމުން، އެ ފައިސާ ނުދެއްކި ނަމަވެސް، އެ މެމްބަރެއްގެ ހިއްސާ އެ ކުންފުންޏަށް ނުނެގޭނެ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

31މީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގެ ހެޔޮ ނިޔަތާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، އެ ނިންމުން ބިނާކޮށްފައިވަނީ ހިއްސާ ބޮޑުކުރުމަށް ނިންމުމުގައި ޢަމަލު ކުރި ގޮތަށާއި، ހިއްސާތަކަށް ޖެހޭ ފައިސާ ދެއްކުމަށް ކުރު މުއްދަތެއް އިބްރާހީމް ރަޝީދު ޙުސައިންއަށް ދީފައި އޮތުމުގެ މައްޗަށް ބިނާކޮށެވެ. އަދި މި ނިންމުން ހައިކޯޓުން ނިންމާފައިވަނީ، ހައިކޯޓަށް އިބްރާހީމް ރަޝީދު ޙުސައިން ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެންކަން ފާހަގަ ކުރެވެއެވެ. އެ ނުކުތާގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އެދިފައިވަނީ، އަންނަނިވި ކަންކަން މަދަނީ މިންގަނޑުން ސިވިލް ކޯޓުގައި ސާބިތު ކޮށްދީފައިވަނިކޮށް، އެ ކަންކަމަށް އެއްވެސް މިންވަރަކަށް އެ ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައިނުވާ ކަމުގައެވެ.

31.1- އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިތަކުން ބޭރު ކުރުމަށްޓަކައި، ކުންފުނިތަކުގެ ހިއްސާތަކަށް ދައްކާފައިވާ ފައިސާއެއް ނުދައްކާކަމަށް ހެދުމަށް މަސައްކަތްކުރުން.

31.2- ކުންފުނީގެ ނަމަށް ކުޑަ ބަދަލެއް ގެނެސް ކަސްޓަމަރުންނަށް އޮޅުވާލަން މަސައްކަތްކުރުން.

31.3- މެޖޯރިޓީގެ ނިވާފަތްގަނޑުގައި ތިބެ، ފްރޯޑް ހަދާފައިވުން.

ހިއްސާ ގަތުމަށް އެއްބަސްވުމާމެދު

32މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަމުން ކުންފުނިތަކުން އެ ކޯޓުގައި ފާހަގަ ކޮށްފައިވާ އެއް މާއްދާއަކީ، އަދި މި ނުކުތާގައި ބަހުސްކުރެވޭ އެއް މާއްދާއަކީ ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއެވެ. އެ މާއްދާގައި އޮތީ، "ކުންފުންޏެއްގެ މެންބަރަކު އެކުންފުންޏަކުން ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގު އެކުންފުންޏަކަށް ދެއްކެވުމަށް އެމެންބަރަކަށް އެންގެވުމުން އެ ހިއްސާގެ އަގު އެކުންފުންޏަކަށް ނުދައްކައިފި ނަމަ، އެކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެމެންބަރެއްގެ ހިއްސާ އެކުންފުންޏަކަށް ނެގިދާނެއެވެ." މި ފަދައިންނެވެ.

33HN2ކުންފުންޏާބެހޭ ޤާނޫނަށް ބަލާއިރު، އެކި ފަރާތްތަކަށް ހިއްސާ ވިއްކުމަށް އެކަށައެޅުމާއި، ގަނެފައިވާ ހިއްސާގެ އަގު އަދާކުރުމުގެ މަފްހޫމަކީ އެ ޤާނޫނު ދަންނަ މަފްހޫމެއްކަން އެނގެއެވެ. އަދި ހިއްސާގެ އަގު މެމްބަރަކު ނުދެއްކުމުގެ ނަތީޖާއެއްގެ ގޮތުން، އެ ހިއްސާ ކުންފުންނަށް ނެގުމުގައި، އެ ހިއްސާއަކީ އެ މެމްބަރަކު ގަތުމަށް އެއްބަސްވެފައިވާ ހިއްސާއަކަށް ވާންޖެހޭނެކަން އެ ޤާނޫނުގެ 39 ވަނަ މާއްދާއިން އެނގެއެވެ.

34މި މައްސަލަ އިސްތިއުނާފު ކޮށްފައިވާ ކުންފުނިތަކުން ފާހަގަ ކޮށްފައިވާ ފަދައިން ސުޕްރީމް ކޯޓުގެ އައިޝަތު ޝަޒީން ހާޝިމް އަދި މުޙައްމަދު ބިނާޙް ވ. ހައި-ލައިން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ފަދަ މައްސަލަތަކުގައި ކޯޓަށް ހުށަހެޅޭ ކަންކަން ފިޔަވައި އިތުރު ކަންތައްތަކެއްގެ މައްޗަށް ކޯޓުން ގޮތެއް ނިންމައިގެން ނުވާނެ ކަމުގައި ކަނޑައެޅިފައިވެއެވެ.

35HN1މި މައްސަލައަށް ބަލާއިރު، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއަކީ އެ މާއްދާއާބެހޭ ގޮތުން ޝަރުޢީ ހުރިހާ މަރުޙަލާއެއްގައި ބަހުސްކުރެވިފައިވާ މާއްދާއެކެވެ. ސިވިލް ކޯޓުގައި ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު މާއްދާއަކީ މިއީއެވެ. ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަމުން ކުންފުނިތަކުން "ފުރަތަމަ ގަނެފައިވާ" ހިއްސާތަކާ ގުޅިގެންނާއި، ހިއްސާގެ އަގު ކުންފުނިތަކަށް ދެއްކުމާ ގުޅިގެން ވާހަކަ ދައްކާފައިވަނީ މި މާއްދާއަށް އިޝާރާތް ކޮށެވެ. އަދި ހައިކޯޓުގައި އިސްތިއުނާފު ރައްދުވާ ކުންފުނިތަކުން މި މައްސަލައިގައި ޢަމަލު ކުރަންޖެހޭނެ ޤާނޫނީ އުސޫލަކީ މި މާއްދާގައިވާ ޤާނޫނީ އުސޫލުކަމުގައި ހައިކޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ކަން މިހެން އޮތުމުން މިއީ، ހައިކޯޓުގައި އެ މާއްދާއެއްގެ ވާހަކަ ދެކެވިފައިވާ މާއްދާއެކެވެ. އަދި މިއީ މުޅި މައްސަލަ އެ ޤާނޫނީ މާއްދާއަކަށް ބަރޯސާވެގެން ކުރިއަށް ގެންދެވިފައިވާ މައްސަލައެއްކަން ސާފުކޮށް އެނގެއެވެ. ވުމާއެކު، މި މާއްދާއަކީ، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފު ކުރާ ކުންފުނިތަކުން ފާހަގަ ކޮށްފައިވާ ފަދައިން ހައިކޯޓުން ގޮތެއް ނިންމައިދިނުމަށް ޚަޞްމެއްގެ ފަރާތުން ހުށަހެޅުމެއް ނެތި، އެ ކޯޓުން ގޮތެއް ނިންމާފައިވާ މާއްދާއެއްކަމުގައި ބަލާނެ ޖާގައެއް ނެތެވެ.

އިސްތިއުނާފީ ނުކުތާގެ އިމުން ބޭރުން ގޮތެއް ކަނޑައެޅުމާމެދު

36އިތުރު ކުރެވުނު ހިއްސާގެ އަގަށްވާ ފައިސާ ކުންފުނީގެ މެމްބަރަކު ދައްކަންވާނީ ހިއްސާގެ އަގު ދެއްކުމަށް އެ މެމްބަރަކު އެއްބަސްވުމުން ކަމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ދެވަނަ ނުކުތާގެ އިމުން ބޭރުންކަމުގައި އިސްތިއުނާފު ކުރާ ކުންފުނިތަކުން ބުނާ ބުނުމަށް ބަލާއިރު، އެ ނުކުތާގައި މައިގަނޑު ގޮތެއްގައި ހައިކޯޓުގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، އިބްރާހީމް ރަޝީދު ޙުސައިން ފިޔަވައި ބާކީ ތިބި ދެ ޑިރެކްޓަރުން މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިން ވަކި ކުރުމަށް ނިންމާފައިވާ ވާހަކައެވެ. އެ ކަންކަން ސިވިލް ކޯޓުގައި އޭނާގެ ފަރާތުން ސާބިތު ކޮށްދީފައިވާ ވާހަކަ އާއި، އެ ކަންކަމަށް ސިވިލް ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ވާހަކައެވެ.

37މި ވާހަކަތަކަށް ރައްދުދެމުން ކުންފުނިތަކުން ހައިކޯޓުގައި ފާހަގަ ކޮށްފައިވާ އެއްކަމަކީ ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ހިއްސާގެ އަގު ދެއްކުމަށް ކުންފުނިތަކުން އެންގުމުން، ހިއްސާގެ އަގު ކުންފުންޏަށް ނުދައްކައިފި ނަމަ، އެ ފަރާތެއްގެ ހިއްސާ އެ ކުންފުންޏަށް ނެގިދާނެ ވާހަކައެވެ. މިއީ ކުންފުންޏަށް ހިއްސާ ނެގުމާ ގުޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމައެކަނި މާއްދާ ވެސް މެއެވެ. އެންމެ ޖުމުލައަކުން އޮތް މި މާއްދާއަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، މި މާއްދާ ތަޠުބީޤު ކުރުމުގައި، މި މާއްދާ ފެށިގެން އަންނައިރު އޮތް "މެމްބަރަކު އެ ކުންފުންޏަކުން ގަތުމަށް އެއްބަސްވެފައިވާ ހިއްސާ" އެއްކަން ނޫންކަން ކަނޑަނޭޅި، އެ ހިއްސާގެ އަގު އަދާ ނުކުރުމުން ނުކުންނަ ނަތީޖާއާމެދު ގޮތެއް ނުނިންމޭނެއެވެ. ވުމާއެކު މިއީ މައްސަލައާ ގުޅިލާމެހިފައިވާ ޤާނޫނީ މާއްދާއެކެވެ. އަދި މިއީ، އިންސާފަށް ވާސިލު ވުމަށްޓަކައި ހުށަހެޅިފައިވާ މައިގަނޑު ހުށަހެޅުމާމެދު ގޮތެއް ނިންމުމަށްޓަކައި ގޮތެއް ނިމިފައި އޮތުން ޤާނޫނު ލާޒިމުކުރާ ކަމެކެވެ. ޤާނޫނީ ވަކި ނަތީޖާއަކަށް ވާސިލުވިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ޖެހުމެކެވެ. ވުމާއެކު މިއީ އިސްތިއުނާފީ ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން ހައިކޯޓުގައި ނޭދޭ ކަމަކަށް ކަމަށް އެ ކޯޓުން ފަރުވާދީފައި އޮތް އޮތުމެއް ކަމުގައި އަހުރެން ނުދެކެމެވެ.

ކުންފުންނާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ މާނަކޮށްފައި އޮތް ގޮތާމެދު

38އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ކުންފުނިތަކުން ފާހަގަ ކޮށްފައިވަނީ ހައިކޯޓުން ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ މާނަކޮށްފައި އޮތީ ރަނގަޅަށް ނޫންކަމުގައެވެ. މި ގޮތުން ކުންފުންޏެއްގެ ހިއްސާއަށްވާ ފައިސާ އެ ކުންފުންޏަށް ދެއްކޭނީ ހުރިހާ ހިއްސާދާރުން އެކަމަށް އެއްބަސްވުމުން ކަމުގައި ހައިކޯޓުން ނިންމާފައި އޮތުމުން، ކުންފުނިތައް ޤާނޫނާ އެއްގޮތަށް ހިންގުމަށް ދަތިވެގެންދާނެއެވެ. އެހެނީ އެކަމުގެ ސަބަބުން ޝެއަރ ކެޕިޓަލް ބޮޑު ކުރުމަށް ހުރިހާ ހިއްސާދާރުންގެ ރުހުން ބޭނުންވާނެއެވެ. އަދި މި މާނަކުރުމުގެ ސަބަބުން ކުންފުންޏާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން ކުންފުނީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ. އަދި ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ބާއްވާ ޚާއްޞަ ޖަލްސާތަކުގެ ބައެއް ނިންމުންތައް ނިންމުމަށް ހުރަސް އެޅިގެންދާނެއެވެ. އަދި ކުންފުނީގެ ރައުސްމާލު އިތުރުކުރުމަށް ކުންފުންޏާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް ހުރަސް އެޅިގެންދާނެއެވެ. އަދި ޖުމުލަ ގޮތެއްގައި ކުންފުނި ހިންގުމަށް މެޖޯރިޓީ ހިއްސާދާރުން ޤާނޫނީ ގޮތުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

39މި ނުކުތާއަށް ރައްދު ދެމުން އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ކުންފުނިތަކަށް ބުނެދެވިފައި ނުވާކަމުގައެވެ. އަދި ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި "އެ ކުންފުންޏަކުން ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގު" ދެއްކުމަށް އެ މާއްދާގައި އިޝާރާތް ކޮށްފައި އޮތް އޮތުމުން، ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް ކުންފުންޏަކުން އަންގާ އެންގުމެއް ވާންވާނީ އެ މެމްބަރަކު ގަތުމަށް އެއްބަސްވެފައިވާ ހިއްސާއަކާ ގުޅިގެން އަންގާ އެންގުމަކަށެވެ. އެއީ އެ މާއްދާގެ ސާފު، ތިލަ އިބާރާތުން ސާފުކޮށް އެނގޭ ކަމެއް ކަމުގައެވެ.

40ކޮންމެ ކުންފުންޏެއް އުފައްދައި ހިންގަންވާނީ ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ. ކުންފުނި ހިންގުމަށް ޤާނޫނުގައި ހަމަޖެހިފައި އޮތް އިންތިޒާމަކީ، ޑިރެކްޓަރުންގެ ބޯޑުން ކުންފުނި ހިންގުމެވެ. މި އިސްތިއުނާފީ ނުކުތާއާ ގުޅޭ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއަށް އިޝާރާތްކޮށް، ހައިކޯޓުގެ ނިންމުމުގައި ބަޔާންވެފައިވަނީ ހިއްސާތަކުގެ އަގު ބޮޑުކޮށް، ހިއްސާއަށްވާ އަގު ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް އަންގާފައިވާއިރު އެ ހިއްސާތަކަކީ އިބްރާހީމް ރަޝީދު ޙުސައިން އެ ކުންފުނިތަކުން ގަތުމަށް އެއްބަސްވި ހިއްސާތަކެއް ނޫންކަމުގައެވެ.

41ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، އެ ކޯޓުން ފާހަގަ ކޮށްފައިވަނީ، ހިއްސާއެއްގެ އަގު ނުދެއްކުމުގެ ސަބަބުން ކުންފުންޏެއްގެ މެމްބަރެއްގެ ހިއްސާ ކުންފުންޏަކަށް ނެގުމަށްޓަކައި އެ ހިއްސާއަކީ ހިއްސާދާރު އެ ކުންފުންޏަކުން ގަތުމަށް އެއްބަސްވި ހިއްސާއެއް ކަމުގައި ވާންޖެހޭނެ ކަމެވެ. މިއީ ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތް ވެސް މެއެވެ. ހައިކޯޓުގެ މި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރާ ކަމަކީ، ހައިކޯޓުގެ ނިންމުމުގައި އޮތް ކަމެއް ނޫނެވެ. އެހެނީ އިސްތިއުނާފު ކުރާ ކުންފުނިތަކުން ފާހަގަ ކުރަނީ، ހިއްސާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހުރިހާ ހިއްސާދާރުން އެކަމަށް އެއްބަސްވުމުން ކަމުގައި ހައިކޯޓުން ނިންމާފައިވާ ކަމުގައެވެ. ހައިކޯޓުގެ ނިންމުމުގައި ޤާނޫނުގެ 39 ވަނަ މާއްދާއަށް އިޝާރާތްކޮށް ފާހަގަ ކޮށްފައިވަނީ، ހިއްސާގެ އަގަށްވާ ފައިސާ ދައްކަންޖެހޭނީ އެ ހިއްސާ ގަތުމަށް އެއްބަސްވެފައިވާ ނަމައެވެ.

42HN3ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާ ހައިކޯޓުން މާނަކޮށްދީފައިވާ ގޮތުގެ މައްޗަށް ނުކުންނަ ނަތީޖާތަކަށް އަލިއަޅުވައި، މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން އިސްތިއުނާފު ކުރާ ކުންފުނިތަކުން ދައްކާފައިވާ ވާހަކަތަކުގެ ތަފުސީލަށް ބަލާއިރު، ހައިކޯޓުގެ ނިންމުމުގައި އެ މާއްދާ މާނަކޮށްދީފައިވާ ގޮތުން، ކުންފުންޏާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ކުންފުނީގެ ޢާންމު ޖަލްސާއަކުން ފާސްކުރާ ޚާއްޞަ ޤަރާރަކުން ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބަދަލުކޮށް، ޝެއަރ ކެޕިޓަލް ބަދަލު ކުރުމަކަށް ނުވަތަ ކުންފުންޏާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގައި ކުންފުންޏެއްގެ ޢާންމު ޖަލްސާއަކުން އެ ކުންފުންޏެއްގެ ރައުސްމާލު އިތުރު ކުރުމަކަށް، ނުވަތަ ކުންފުނީގެ ޢާންމު ޖަލްސާއެއްގައި ކަމެއް ނިންމުމަށް ޤާނޫނުގައި ބުނެފައިވާ އެއްވެސް އުސޫލަކަށް ހުރަހެއް އޮތްކަމުގައި ނުދެކެވެ. އެހެނީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންވެފައިވަނީ، ކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ކުންފުންޏެއްގެ ހިއްސާދާރެއްގެ ހިއްސާ ކުންފުންޏަކަށް ނެގުމުގައި، އެ ހިއްސާދާރު ކުންފުންޏަށް އަގު އަދާނުކޮށް އޮތް ހިއްސާއަކީ އެ ކުންފުނިން ގަތުމަށް އެ ހިއްސާދާރު އެއްބަސްވެފައިވާ ހިއްސާއަކަށް ވާންޖެހޭނެ ވާހަކައެވެ. މި އުސޫލު ހައިކޯޓުގެ ނިންމުމުގައި ފުޅާކޮށްފައި ނެތެވެ. އަދި އެ ފަދައިން ފުޅާކޮށް، ކުންފުންޏަކުން ނިންމާ ކޮންމެ ނިންމުމެއްގައި ހުރިހާ ހިއްސާދާރުންގެ ރުހުން އޮންނަންޖެހޭނެ ކަމަށް އެ ނިންމުމުން ދޭހައެއް ނުވެއެވެ. ކަން މިހެން އޮތުމުން މި އިސްތިއުނާފީ ނުކުތާއަށް ބަލައި، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމާމެދު ގޮތެއް ނިންމާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

ރައުސްމާލު އިތުރު ކުރުމުގައި ހެޔޮ ނިޔަތް އޮތުން

43އިސްތިއުނާފީ ފަސްވަނަ ނުކުތާގައި އިސްތިއުނާފުކުރާ ކުންފުނިތަކުން ފާހަގަ ކޮށްފައިވަނީ، ހިއްސާ އިތުރުކޮށް، އަގު ބޮޑު ކުރުމަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމުގައި ހެޔޮ ނިޔަތެއް ނެތް ކަމުގައި، ހައިކޯޓުން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް މި ފަދައިން ނިންމުމަށް އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމުގައެވެ. އަދި ހައިކޯޓުގެ މި ނިންމުން ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާ ޚިލާފު ކަމުގައެވެ.

44މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން އިސްތިއުނާފުކުރާ ކުންފުނިތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ހައިކޯޓުން ކުންފުނިތަކުގެ ހެޔޮ ނިޔަތް ނެތްކަމުގައި ބުރަވެފައިވަނީ ދެ ކަމެއްގެ މައްޗަށްކަން ފާހަގަ ކޮށްފައިވެއެވެ. އެއިގެ ތެރެއިން؛

44.1- ފުރަތަމަ ކަމަކީ، ކުންފުނިތަކުގެ ޚާއްޞަ ގޮތުންކުރާ ޢާންމު ޖަލްސާއަށް ދައުވަތު ދީ އިބްރާހީމް ރަޝީދު ޙުސައިންއަށް ފޮނުވި ނޯޓިހުގައި ކުންފުނީގެ ރައުސްމާލު އިތުރުކުރުން ވަކި އައިޓަމެއްގެ ގޮތުގައި ހިމެނުމުގެ ބަދަލުގައި "other business" ގެ ގޮތުގައި ހިމެނިފައިވާ އައިޓަމުގެ ތެރެއިން އެކަން ނިންމާފައި އޮތުމެވެ.

44.2- ދެވަނަ ކަމަކީ، ހިއްސާގެ އަގު ބޮޑު ކުރުމަށްފަހު، ހިއްސާތަކުގެ އަގަށްވާ ފައިސާ ދެއްކުމަށް ކުރު މުއްދަތެއް ދީފައި އޮތުމެވެ.

45މި ދެ ކަންތަކުގެ ތެރެއިން ނޯޓިހުގައި އޮތް "other business" އައިޓަމުގެ ތެރެއިން ހިއްސާގެ އަގު ބޮޑު ކުރުމަކީ ނުކުރެވޭނެ ކަމެއް ނަމަ، އެކަމުގެ ޤާނޫނީ ސަބަބެއް އޮންނަންޖެހޭނެ ކަމުގައްޔާއި، އަދި ހިއްސާގެ އަގަށްވާ ފައިސާ ދެއްކުމަށް ދީފައި އޮތް މުއްދަތާ ގުޅިގެން އެއްވެސް މުޢާމަލާތެއް އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިތަކާ ކޮށްފައިނުވާ ކަމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ޖުމުލަ ގޮތެއްގައި ހެޔޮ ނިޔަތެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށް ޝަރުޢީ އެއްވެސް މަރުޙަލާއެއްގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އެދިފައިނުވާ ކަމުގައި ކުންފުނިތަކުން ފާހަގަކޮށްފައިވެއެވެ.

46މި ނުކުތާގެ ރައްދުގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކުންފުނިތަކުގެ ހިއްސާގެ އަދަދު އިތުރު ކޮށް، ރައުސްމާލު އިތުރު ކުރުމަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާމެދު ހައިކޯޓުން ގޮތެއް ނިންމާފައިވަނީ އެ ފަރާތުން އެދިގެން ކަން ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން ޑިރެކްޓަރުންގެ ބޯޑުން އޮޅުވާލުމުގެ ތެރެއިން ހިއްސާއާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔަކަން ހައިކޯޓުގައި ވާހަކަ ދައްކާފައިވާނެ ކަމުގައި އެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މި ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހިއްސާތަކާ ގުޅިގެން ކަންކަން ނިންމި ޖަލްސާއަށް ފޮނުވި ނޯޓިހުގައި ކުންފުނިތަކުގެ އަސާސީ ގަވާއިދާ ގުޅޭ އެއްވެސް ކަމެއް ބަޔާންކޮށްފައިނުވާކަން ފާހަގަކޮށް ތަފުސީލުކޮށް ހައިކޯޓުގައި ވާހަކަ ދައްކާފައިވާނެ ކަމުގައި އެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ހައިކޯޓުން މި ނުކުތާއާމެދު ގޮތް ނިންމުމުގައި ހަމައެކަނި ބުރަވެފައިވަނީ އިސްތިއުނާފުކުރާ ކުންފުނިތަކުން ފާހަގަކޮށްފައިވާ ދެކަމަށް ނޫންކަމުގައްޔާއި، ކުންފުންޏާބެހޭ ޤާނޫނުގެ 56 ވަނަ މާއްދާ އާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފުސީލުކޮށް ހައިކޯޓުން މި ނުކުތާއާމެދު ގޮތް ނިންމުމުގައި ބަޔާންކޮށްފައިވާކަން އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

47އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅި ނުކުތާއަށް ބަލާއިރު، އެ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ކުންފުނީގެ މެޖޯރިޓީ ބޭނުންކޮށްގެން އިބްރާހީމް ރަޝީދު ޙުސައިން ފިޔަވައި ދެންތިބި ދެ ހިއްސާދާރުން އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިން ބޭރު ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާކަމެވެ. މި ކަން ތަފުސީލު ކުރަމުން ފާހަގަކޮށްފައިވާ އެއްކަމަކީ، ހިއްސާތަކަށް ދައްކާފައިވާ ފައިސާއެއް ނުދައްކާކަމަށް ހެދުމަށް މަސައްކަތް ކޮށްފައިވާ ކަމެވެ. ދެވަނަ ކަމަކީ، ކުންފުނީގެ ނަމަށް ކުޑަބަދަލެއް ގެނެސް ކަސްޓަމަރުންނަށް އޮޅުވާލަން މަސައްކަތްކޮށް، މެޖޯރިޓީގެ ނިވާފަތްގަނޑުގައި ތިބެ "ފްރޯޑް" ހަދާފައިވާކަމެވެ. އަދި މި ކަންކަން މަދަނީ މިންގަނޑުން ސިވިލް ކޯޓުގައި ސާބިތު ކޮށްދީފައިވަނިކޮށް، މިއިން އެއްވެސް ކަމަކަށް އެ ކޯޓުން ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމެވެ.

48މި ނުކުތާގެ ތަފުސީލުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ކުރު މުއްދަތެއް ދިނުމާއި، ކުންފުނީގެ ރައުސްމާލަށް ބަދަލެއް ގެންނަކަން މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބަޔާންކޮށްފައިނުވުން ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން އެ މޭރުމުން މެޖޯރިޓީގެ ހިއްސާދާރުން ގެންދިއުމަށްފަހު، އެ ކަމަކީ އިބްރާހީމް ރަޝީދު ޙުސައިން ހިއްސާއަށްވާ ފައިސާ ނުދެއްކުންކަމަށް ހަދައި ހިއްސާދާރުންގެ ބާރު ނަހަމަގޮތުގައި ބޭނުންހިފުންކަން ސިވިލް ކޯޓަށް ހުށަހެޅިކަން ހައިކޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އިތުރަށް މި ނުކުތާ ތަފުސީލު ކުރަމުން ކުންފުނިތަކުގެ ހިއްސާ އިތުރުކުރުމަށް ނިންމި ޖަލްސާގެ ނޯޓިހުގައި ކުންފުނިތަކުގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމުގެ ވާހަކަ ބަޔާންކޮށްފައި ނެތްކަން ތަކުރާރުކޮށް ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ.

49ހައިކޯޓަށް ހުށަހެޅުނު މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން އެ ނުކުތާގައި ހިމެނޭ މައިގަނޑު އެއް ކަންތައް ކަމުގައިވާ، ހިއްސާތަކަށްވާ ފައިސާ އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ކުންފުނިތަކަށް ދައްކާފައި ނުވާކަމުގައި، މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ގޮތެއް ކަނޑައަޅާފައިވެއެވެ. ވުމާއެކު މި ނުކުތާގައި ގޮތެއް ކަނޑައެޅުމުގައި އެކަމާމެދު ހައިކޯޓުން އިތުރަށް ބަހުސްކޮށްފައިނުވަނީ ކަމުގައި ބެލެވެއެވެ.

50މި ނުކުތާގައި ގޮތެއް ނިންމަމުން ހައިކޯޓުން އެންމެ ފުރަތަމަ ފާހަގަ ކޮށްފައިވަނީ، ކުންފުނިތަކުގެ ހިއްސާތަކުގެ ޢަދަދު އިތުރުކޮށް، ހިއްސާތަކުގެ އަގު ބޮޑުކުރުމަށް 28 މެއި 2016 ގައި ބޭއްވި ޚާއްޞަ ގޮތުންކުރާ ޢާންމު ޖަލްސާއަށް ނޯޓިސް ފޮނުވާފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 56 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ނޯޓިސް ދީގެން ނޫންކަމުގައެވެ. މި ކަންތައް ހައިކޯޓުން ފާހަގަކޮށްފައިވަނީ، ކުންފުނިތަކުގެ އަސާސީ ގަވާއިދު ބަދަލުކުރުމުގެ އެއްވެސް ކަމެއް އެ ޖަލްސާގެ ނޯޓިހުގައި ހިމެނިފައިނުވާކަން އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން އެ ކޯޓުގައި ފާހަގަކުރުމުން އެކަމާމެދު ގޮތެއް ކަނޑައަޅަމުންނެވެ. ދެވަނައަށް ހައިކޯޓުން ފާހަގަކޮށްފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއެވެ. އެ މާއްދާއިން ހައިކޯޓުން ފާހަގަކޮށްފައި އޮތީ ހިއްސާގެ އަގުބޮޑުކޮށް ހިއްސާއަށްވާ އަގު ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް އަންގާފައިވަނީ، ކުރިން އިޝާރާތްކުރި ފަދައިން އެ ނިންމުމުގައި ހާމަކަމެއް ނެތްކަމަށް ބުނެ ހައިކޯޓުގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. މި ވާހަކަތަކާ ގުޅިގެން ދެން ހައިކޯޓުން ފާހަގަކޮށްފައިވަނީ، ހިއްސާތަކުގެ އަގަށްވާ ޖުމުލަ -/2,980,000ރ (ދެ މިލިޔަން ނުވަ ލައްކަ އަށްޑިހަ ހާސް) ރުފިޔާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް 12 ދުވަހުގެ މުއްދަތު ދީފައި އޮތް އޮތުމެވެ. މި ކަންކަން ފާހަގަ ކުރުމަށް ފަހު އެ ކޯޓުން ނިންމާފައިވަނީ "އިބްރާހީމް ރަޝީދު ޙުސައިންއަށް އެ ކުންފުނިތަކުން ކަނޑައަޅާފައިވާ ހިއްސާ އަނބުރާ ނެގުމަށް 30 ޖޫން 2016 ގައި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމަކީ އެކަމުގައި ހެޔޮ ނިޔަތް އޮވެގެން ކޮށްފައިވާ ކަމެއްކަމަށް ނުވަތަ ހުރިހާ މައިނޯރިޓީ ހިއްސާދާރުންގެ މައްސަލަހަތަށް ރިއާޔަތްކޮށްގެން ކޮށްފައިވާ ކަމެއްކަމުގައި ނުބެލެވޭކަމުގައެވެ.

51HN4ކުންފުނީގެ ޑިރެކްޓަރުންނަކީ ކުންފުނީގެ މަސައްލަހަތުގައި ކުންފުނީގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ޒިންމާއެއް އޮންނަ ބައެކެވެ. މީގެ އިތުރުން ކުންފުނި ހިންގުމުގެ ތެރެއިން ކުންފުނީގެ ހިއްސާދާރުންނަށް އެކަށައެޅިފައިވާ ހިއްސާތައް އަނބުރާ ކުންފުންޏަށް ނެގުމަށް ޑިރެކްޓަރުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރަކީ ކުންފުންޏާއި ކުންފުނީގެ އަރަނިވެރިންގެ ލާބައަށް ބޭނުންކުރުމަށް ލިބިދީފައިވާ ބާރަކާއި އިޚްތިޔާރެކެވެ.

52HN5ކުންފުންޏަކުން ހިއްސާދާރެއްހިއްސާތައް އަނބުރާ ކުންފުންޏަށް ނެގުން ސައްހަވާނީ އަންނަނިވި ގޮތަށް އެކަންކޮށްފައިވާ ހާލަތުގައެވެ.

(ހ) ކުންފުނީގެ ދުސްތޫރާ އެއްގޮތަށް ފާސްކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ސައްހަ ގަރާރަކުން ޙިއްސާގެ އަގު އަދާކުރުމަށް ހިއްސާދާރަށް އަންގާފައި އޮތުން؛ އަދި އެ ގަރާރުގައި ފައިސާ ދައްކަންވީ އަދަދާއި، ފައިސާ ދައްކަންޖެހޭ ތާރީޚާއި، ފައިސާ ދައްކަންވީތަން ބަޔާންކޮށްފައި އޮތުން؛

(ށ) ހިއްސާތަކަށް އަގު އަދާކުރުމަށް ނިންމި ނިންމުމުގައި ތަފާތުކުރުމެއް ނެތުމާއި ހަމަހަމަ އުސޫލުތަކެއްގެ މަތީން އެކަން ކޮށްފައި އޮތުން؛

(ނ) ހިއްސާގެ އަގު އަދާކުރުމަށް އަންގާފައިވަނީ ހެޔޮނިޔަތުގައި ކަމަށްވުން؛ އޭގެ މިސާލަކީ ހިއްސާގެ އަގު އަދާކުރަން އަންގާފައިވަނީ ކުންފުންޏަށް ހަގީގަތުގައިވެސް ފައިސާ ބޭނުންވެގެން ކަމަށްވުމާއި، ވަކި ޑިރެކްޓަރުންތަކެއްގެ ބާރު ނަހަމަގޮތުގައި ހިފައި އެ ޑިރެކްޓަރުންގެ ޒާތީ މަސްލަހަތަށްޓަކައި ކަމުގައި ނުވުން.

53އިބްރާހީމް ރަޝީދު ޙުސައިންއަށް އެކަށައެޅިފައިހުރި ހިއްސާތައް ކުންފުނިތަކަށް ނެގުމުގައި، ކުންފުނިތަކުގެ ހެވަތުގައި އޮތީ ކޮންކަމެއްކަން ސާފެއް ނުވެއެވެ. ހިއްސާތަކުގެ އަދަދު އިތުރު ކުރުމުގެ ކުރިން އިބްރާހީމް ރަޝީދު ޙުސައިން ފިޔަވައި ބާކީ ތިބި ހިއްސާދާރުން، އެ ފަރާތްތަކަށް އެކަށައެޅިފައިވާ ހިއްސާތަކަށްވާ ފައިސާ ކުންފުނިތަކަށް ދެއްކިކަން އެނގެން ނެތެވެ. އަދި ހިއްސާތަކަށް ގެނައި ބަދަލާއި، އިބްރާހީމް ރަޝީދު ޙުސައިންގެ އަތުން ހިއްސާތައް ނެގުމުގެ ސަބަބުން ސަބަބުން ކުންފުނިތަކަށް އަންނާނެ ހެޔޮ ބަދަލެއް، ނުވަތަ ކުންފުނިތަކުގެ މަސްލަހަތު ރައްކާތެރިވާނެ ގޮތެއް މި މައްސަލައިގައި ހުށަހެޅިފައި ހުރި ލިޔުންތަކުން ފެންނަން ނެތެވެ. އަދި 08 މެއި 2016 ގައި އިބްރާހީމް ރަޝީދު ޙުސައިންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ފެށިފައިވާ ގޮތަށް ބަލާއިރު، މަސައްކަތް ފެށިފައިވަނީ އިބްރާހީމް ރަޝީދު ޙުސައިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންކަން ބެލުމުގެ ޖާގަ މި މައްސަލައިގައި އެބަ އޮތެވެ. އަދި 08 މެއި 2016 ގައި ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިންއަށް ސިޓީ ފޮނުވި ފަހުން އެ މަހު 31 ވަނަ ދުވަހު، ހިއްސާތަކުގެ އަގަށްވާ ފައިސާ ދެއްކުމަށް އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން އަންގާފައިވާއިރު، އިބްރާހީމް ރަޝީދު ޙުސައިން ފިޔަވައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ދެ ހިއްސާދާރުންނަށް މި ފަދައިން އަންގާފައިވާކަން މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ.

54މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ކުންފުނިތަކުން ފާހަގަކޮށްފައިވާ، ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ. "ހަގީގަތެއް ސާބިތު ވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ."

55އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން ކަނޑައަޅާފައިވާ ހިއްސާ އަނބުރާ ނެގުމަށް 30 ޖޫން 2016 ދުވަހު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމުގައި ހެޔޮ ނިޔަތެއް ނެތްކަމުގައި ހައިކޯޓުން ގޮތެއް ނިންމާފައިވަނީ، އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ހުށަހެޅި ހެއްކެއް ނެތިކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، އެ ނުކުތާއާމެދު ގޮތް ނިންމުމުގައި ހައިކޯޓުން ބުރަވެފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކަށެވެ. އެ ލިޔުންތަކަކީ އެ ކޯޓަށް މައްސަލަތައް ހުށަހަޅަމުން ދަޢުވާ ސާބިތު ކުރުމަށްޓަކައި ދަޢުވާކުރާ ކުންފުނިތަކުން ހުށަހެޅި ލިޔުންތަކެވެ. މިއީ މި މައްސަލަތަކުގެ ޚުޞޫމަތް އެ ލިޔުންތަކެއްގެ މައްޗަށް ބިނާވެފައިވާ ލިޔުންތަކެވެ. މި އެންމެހައި ލިޔުންތަކުގެ ތަފުސީލު ހައިކޯޓުގެ ނިންމުމުގެ 22 ވަނަ ޕެރެގްރާފުން ފެށިގެން 22.6 ވަނަ ޕެރެގްރާފްގެ ނިޔަލަށް ބަޔާންކޮށްފައިވެއެވެ.

56HN6މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، އުފެދިފައިވާ ޚުޞޫމަތަށް ބަލާއިރު، މި ނުކުތާއާމެދު ގޮތެއް ނިންމުމުގައި ހައިކޯޓުން ބުރަވެފައިވާ ލިޔުންތަކަކީ، ކުންފުނިތަކުގެ ޖަލްސާތަކަށް ފޮނުވާފައިވާ ނޯޓިސްތަކާއި، އެ ޖަލްސާތަކުގެ ނިންމުންތަކެވެ. މި ލިޔުންތަކަކީ، ދަޢުވާކުރި ކުންފުނިތަކުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކެއް ކަމުގައިވާއިރު، ދަޢުވާލިބޭ ފަރާތަށް ލިޔުންތަކާމެދު ބަހުސްކޮށް ސުވާލު އުފެއްދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެ ބަހުސްތަކުގެ މައްޗަށް ބިނާކޮށް، ދަޢުވާ ސާބިތުނުވާކަމަށް ނިންމުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަދި އެ ލިޔުންތައް ހުށަހެޅި ފަރާތާ ދެކޮޅަށް، އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ވަކި ކަމެއް ޝަރީޢަތުން ނިންމުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

57މި އުސޫލުން ބަލާއިރު، އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ހުށަހެޅި ހެއްކެއް ނެތި، ޑިރެކްޓަރުންގެ ނިންމުންތަކުގައި ހެޔޮ ނިޔަތެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާ ޚިލާފުކަމުގައި ނުދެކެމެވެ. މީގެ އިތުރަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، މި ނުކުތާއާ ގުޅޭ ވާގިއާތައް ބަޔާންކުރުމަށް ފަހު ހައިކޯޓުން ހަމައެކަނި ނިންމާފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމުގައި ހެޔޮ ނިޔަތެއް ނެތްކަން އެކަންޏެއް ނޫނެވެ. ޑިރެކްޓަރުންގެ ބޯޑުގެ އެ ނިންމުމުގައި މައިނޯރިޓީ ހިއްސާދާރުގެ މަސްލަހަތަށް ރިޢާޔަތްކޮށްފައިވާ ކަމަށް ނުބެލެވޭ ކަމުގައި ވެސް ހައިކޯޓުން ނިންމާފައި ވެއެވެ.

58HN7ހަމަ އެހެންމެ ސިވިލް ކޯޓަށް ހުށަހެޅުނު ތިން މައްސަލައިގައި އިބްރާހީމް ރަޝީދު ޙުސައިނަކީ އެ މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ، ދަޢުވާކުރާ ފަރާތުން އުފުލާއިރު، ދަޢުވާލިބޭ ފަރާތުގެ ދަފްޢުތައް ސާބިތުކުރުމުގެ ބުރަ އެ ފަރާތަށް ފުރޮޅިގެން އަންނާނީ ދަޢުވާކުރާ ފަރާތަށް ދަޢުވާ ސާބިތުކޮށް ދެވުމުންނެވެ. މި އުސޫލުން ބަލާއިރު، ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުން ނެރެވޭ ދޭހައިގެ ސަބަބުން ދަޢުވާ ސާބިތުނުވާ ހާލަތުގައި، ދަޢުވާލިބޭ ފަރާތަށް ވަކި ދަފްޢެއް ސާބިތު ކުރުމުގެ ބުރައެއް އުފަންވާނެ ޖާގައެއް ވެސް ނޯންނާނެއެވެ.

ޙުކުމަށް ވާސިލުވި ސަބަބުތަކާއި ޙުކުމުގެ ނަތީޖާ ސާފު ނޫންކަމަށް ބުނާ ބުނުމާމެދު

59އިސްތިއުނާފީ ތިންވަނަ ނުކުތާގައި ކުންފުނިތަކުން ފާހަގަކޮށްފައިވަނީ، ކުންފުނިތައް އުފެދުނު އިރު އެކަށައެޅުނު ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިތަކަށް ދައްކާފައިވާ ކަމަށް ބެލެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާކަމުގައެވެ. މި ނިންމުމުގެ ނަތީޖާއަކީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ހިއްސާ ކުންފުންޏަށް ނެގުމެވެ. ނަމަވެސް، ކުންފުނިތަކުގެ ހިއްސާގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުމަކީ އެކަމުގައި ހެޔޮ ނިޔަތް އޮވެގެން ކޮށްފައިވާ ކަމެއްކަމަށް ނުވަތަ މައިނޯރިޓީ ހިއްސާދާރުގެ މަސްލަހަތަށް ރިޢާޔަތްކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް ނުބެލެވޭ ކަމުގައި ފާހަގަކޮށް، މި މައްސަލަތަކުގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމްތައް ހައިކޯޓުން ބާޠިލުކުރުމުގެ ނަތީޖާއަކީ ކޮބައިކަން ހައިކޯޓުގެ ޙުކުމުން ސާފު ނުވާކަމުގައެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ހިއްސާތަކުގެ އަގު ބޮޑުކުރުމުގެ ކުރިން، ހިއްސާތަކަށް ދައްކަންޖެހޭ ފައިސާ އިބްރާހީމް ރަޝީދު ޙުސައިން ދައްކާފައި ނުވާތީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެ ހިއްސާތައް އިބްރާހީމް ރަޝީދު ޙުސައިންގެ އަތުން ކުންފުނިތަކަށް ނެގިދާނެކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ. އެކަމާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމެއް ނެތި، މައްސަލަ ނިންމުމުން، ހައިކޯޓުން މުޅި މައްސަލައިގައި ފޯރުކޮށްދީފައިވާ ހައްލު ސާފެއް ނޫނެވެ. ކަންމިހެން އޮތުމުން ހައިކޯޓުގެ މި ނިންމުމަކީ، މި ނިންމުމުގެ ސަބަބު ސާފުނުވާ، ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގގައިވާ ޙުކުމް ނުވަތަ ނިންމުން ބިނާކުރާ ސަބަބުތައް ސާފުވާންޖެހޭނެ ކަމަށް އޮންނަ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި މި ނުކުތާގައި ކުންފުނިތަކުން ފާހަގަކުރެއެވެ.

60މި ނުކުތާގެ ޖަވާބުގައި އިބްރާހީމް ރަޝީދު ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއެއް ކަމުގައެވެ.

61HN8ޝަރީޢަތުން ކަނޑައަޅާ ޙުކުމްތަކަކީ އެ ޙުކުމްތަކާމެދު އިތުރު ސުވާލު އުފެދޭ ގޮތަށް ނުވަތަ ޝަރީޢަތުން ބަލަމުން އައި ޚުޞޫމަތާމެދު ފައިސަލާކުރަނިވި އަދި ކަނޑައެޅުނު ޙުކުމުގެ ބާރުހުރި ޙުކުމެއް އިއްވުމަށް ހުރަސް އެޅޭ ގޮތަށް އިއްވޭ ޙުކުމަކަށް ވެއްޖެނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ޙުކުމްތަކެކެވެ. އަދި މި ފަދައިން ޝަރީޢަތުގެ ކުރިމަތީގައި އޮންނަ ޚުޞޫމަތަށް ނިމުމެއް ގެނެސް ޤާނޫނީ އިމުގެ ތެރެއިން ހައްލެއް ހޯދައި ނުދެވޭ ފަދަ ގޮތަކަށް ޙުކުމް އިއްވުމަކީ، އަދުލު އިންސާފު ގާއިމު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރުންކަމުގައި ނުބެލެވޭނެއެވެ. މިއީ 2010 ނޮވެމްބަރު 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމެވެ. މި ރޫލިންގ ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިވަނީ 2021 ޖޫން 30 ވަނަ ދުވަހު އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަ ނިންމުމުގެ ފަހުން 2021 ނޮވެމްބަރ 16 ވަނަ ދުވަހުއެވެ.

62ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން ފާހަގަކޮށް، ޙުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ހައްޤުގެ މައިގަނޑު ޢުންޞުރުކަމުގައި ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން މައްސަލައިގައި ބަޔާން ކޮށްފައިވެއެވެ. އަދި އިތުރަށް އެ މައުޟޫޢުގައި ބަހުސްކުރަމުން އެ މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަ ކުރައްވާފައިވަނީ، "ޙުކުމަށް ވާސިލުވި ސަބަބުތައް، ޝަރީއަތް ކުރާ ފަނޑިޔާރު ބަޔާންކޮށްފައި ނުވާނަމަ، އެ މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ޚަސްމަށް އޭނާ ތައުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމުގައެވެ. އަދި އެކަމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޚަސްމުންނަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ވެސް އުނިކަން ލިބޭނެ ކަމެއް ކަމުގައެވެ.

63މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި ސިވިލް ކޯޓުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ، އަދި އެ ސުވާލަށް އެ ކޯޓުން ޖަވާބުދީފައިވާ މައިގަނޑު ސުވާލަކީ ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ފަދައިން ކުންފުންޏެއްގެ މެމްބަރަކު އެ ކުންފުންޏަކުން ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގު އެ ކުންފުންޏަކަށް ދެއްކުމަށް އެ މެމްބަރަކަށް އެންގުމުން އެ ހިއްސާގެ އަގު އެ ކުންފުންޏަކަށް ނުދައްކައިފި ނަމަ، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މެމްބަރެއްގެ ހިއްސާ އެ ކުންފުންޏަކަށް ނެގިދާނެކަމާމެދު އެ ކޯޓުން ގޮތް ކަނޑައެޅުމުގެ ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި އެ ކޯޓުން ބަޔާންކޮށްފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ފަދައިން ހިއްސާގެ އަގު ނުދައްކައިފި ނަމަ، އެ މެމްބަރެއްގެ ހިއްސާ އެ ކުންފުންޏަށް ނެގިދާނެ ކަމުގައެވެ. އަދި މި އުސޫލު ތަތުބީޤުކޮށް އިބްރާހީމް ރަޝީދު ޙުސައިންއަކީ މި މައްސަލަތަކުގައި ސިވިލް ކޯޓުގައި ދަޢުވާކުރި ކުންފުނިތަކުގެ ހިއްސާދާރެއް ނޫންކަމުގައި ސިވިލް ކޯޓުން ނިންމާފައިވެއެވެ.

64ސިވިލް ކޯޓާއި ހައިކޯޓުން މި މައްސަލައިގައި އެއްގޮތަކަށް ނިންމާފައިވާ އެއް ވާޤިއާއަކީ، ކުންފުނިތަކުގެ ހިއްސާ އިތުރުކުރުމަށް ނިންމުމުގެ ކުރިން އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން އެކަށައަޅާފައިވާ ހިއްސާތަކަށްވާ ފައިސާ ދެއްކުމަށް އޭނާއަށް ކުންފުނިތަކުން އަންގާފައިވާ ކަމެވެ. ނަމަވެސް، އިބްރާހީމް ރަޝީދު ޙުސައިން އެ ފައިސާ ކުންފުނިތަކަށް ދައްކާފައިނުވެއެވެ. އަދި އޭގެ ފަހުން ހިއްސާގެ އަދަދު އިތުރުކުރުމުގެ ފަހުން އެކަށައެޅުނު ހިއްސާތަކަށް ވެސް ފައިސާ ދައްކައި ޚަލާޞް ކޮށްފައި ނުވާކަމެވެ.

65ހައިކޯޓުގެ ނިންމުމުން އިތުރަށް ފާހަގަ ކުރެވޭ ކަމަކީ، ކުންފުނިތަކުގެ ހިއްސާ އިތުރު ކުރުމުގެކުރީގެ ހާލަތާއި، އެއިގެ ފަހުގެ ހާލަތު ތަފާތުކޮށްފައި އޮތް އޮތުމެވެ. އަދި ގަތުމަށް އިބްރާހީމް ރަޝީދު ޙުސައިން އެއްބަސްވެފައިނުވާ ހިއްސާތަކަކީ 19 ޖޫން 2016 ގައި ކުންފުނިތަކުން ފައިސާ ދެއްކުމަށް އަންގާފައިވާ ހިއްސާގެ އަދަދު އިތުރު ކުރުމަށްފަހު ދައްކަން އަންގާފައިވާ ފައިސާކަން ސާފުކޮށް އެނގެއެވެ. މިކަން ބަޔާންކޮށް ހައިކޯޓުގެ ނިންމުމުގައި، "ހިއްސާގެ އަގު ބޮޑުކޮށް، ހިއްސާއަށްވާ އަގު ދެއްކުމަށް އިބްރާހިމް ރަޝީދު ޙުސައިންއަށް 19 ޖޫން 2016 ގެ ސިޓީތަކުން އަންގާފައިވާއިރު، އެ ހިއްސާތަކަކި އިބްރާހީމް ރަޝީދު ޙުސައިން އެ ކުންފުނިތަކުން ގަތުމަށް އެއްބަސްވި ހިއްސާތަކެއް ނޫނެވެ." މި ފަދައިން ބަޔާންކޮށްފައިވެއެވެ. މި ހިއްސާތަކަކީ ގަތުމަށް އެއްބަސްވި ހިއްސާތަކެއް ނޫންކަން އިތުރަށް ކަށަވަރުކޮށްދިނުމުގެ ގޮތުން 18 ޖޫން 2016 ގައި ބޭއްވި ސްޕެޝަލް ޖެނެރަލް މީޓިންގ އަށް އިބްރާހީމް ރަޝީދު ޙުސައިން ހާޒިރުވެފައިނުވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި 18 ޖޫން 2016 ގައި ބޭއްވި ޖަލްސާގެ ނޯޓިހުގައި ކުންފުނިތަކުގެ އަސާސީ ގަވާއިދަށް ބަދަލުގެނައުން އެޖެންޑާ ކޮށްފައިވާކަން ބަޔާންވެފައި ނެތްކަން ވެސް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.

66މި ހިސާބުން އިސްތިއުނާފު ކުރާ ކުންފުނިތަކުން އުފައްދާ ސުވާލަކީ، ކުންފުނިތަކުގެ ހިއްސާގެ އަދަދު އިތުރު ކުރުމުގެ ކުރިން އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން އެކަށައަޅާފައިވާ ހިއްސާއަށްވާ ފައިސާ އިބްރާހީމް ރަޝީދު ޙުސައިން ކުންފުނިތަކަށް ދައްކާފައިނުވާއިރު، އިބްރާހީމް ރަޝީދު ޙުސައިންގެ ހިއްސާ ކުންފުނިތަކަށް ނުނެގޭނެ ސަބަބެއް ނެތްކަމާމެދު އުފައްދާ ސުވާލެވެ. އަދި ހައިކޯޓުގެ ނިންމުން ސާފުނުވަނީ މި ހިއްސާތަކަށްވާ ފައިސާ ދައްކާފައިނުވާކަން ހައިކޯޓުން ވެސް ފާހަގަ ކޮށްފައިވާއިރު، އިބްރާހީމް ރަޝީދު ޙުސައިންއަކީ ކުންފުނިތަކުގެ ހިއްސާދާރެއްކަމުގައި ބަލަންޖެހޭތީ ކަމުގައެވެ.

67HN9މަތީގައި މި އިޝާރާތްކުރި ސުވާލު އިސްތިއުނާފު ކުރާ ކުންފުނިތަކުން އުފައްދާފައި މިވަނީ ސުޕްރީމް ކޯޓުގެ މަރުޙަލާގައެވެ. އަހުރެން ވެސް އެއްބަހެވެ. މި ސުވާލު އުފަންވެފައި މިވަނީ ވެސް ހައިކޯޓުގެ ނިންމުމާ ގުޅިގެންނެވެ. ހިއްސާތަކުގެ އަދަދު އިތުރު ކުރުމުގެ ކުރިންނާއި އެއިގެ ފަހަތް ތަފާތުކޮށް، އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން އެކަށައަޅާފައިވާ ހިއްސާތައް ކުންފުނިތަކަށް ނެގުމާމެދު ގޮތެއް ނިންމުމަށް ބަލާއިރު، ހިއްސާތައް ނެގުމުގެ އިޖުރާއަތާއި، ސިވިލް ކޯޓުގައި ދަޢުވާކޮށް، ދަޢުވާ ސާބިތު ކުރުމަށް ކުންފުނިތަކުން ދައްކާފައިވާ ވާހަކަތަކުން އެކަމަކީ، ދެ މަރުޙަލާ ތަފާތުކޮށް ގޮތެއް ނިންމުމަށް ދަތިކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، 30 ޖޫން 2016 ގައި ކުންފުނިތަކުން އިބްރާހީމް ރަޝީދު ޙުސައިންގެ ހިއްސާތައް ނެގުމަށް ނިންމުމުގައި، ހިއްސާ އިތުރުކުރުމުގެ ކުރިން އެކަށައެޅިފައިވާ ހިއްސާތަކާއި، އެއިގެ ފަހުން އެކަށައެޅުނު ހިއްސާތައް ފަރަގުކޮށްފައި ނުވެއެވެ. އެ ނިންމުމުގައި އޮތީ އިބްރާހީމް ރަޝީދު ޙުސައިންއަށް ދޫކޮށްފައިވާ ޖުމުލަ ހިއްސާތައް ނެގުމަށް ނިންމާފައެވެ. މީގެ އިތުރުން، ސިވިލް ކޯޓުގައި ކުންފުނިތަކުން ކުރި ދަޢުވާގައި، އަދި އެ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގައި އެދިފައިވާ އެދުމުގައި ވެސް މި ދެންނެވި ފަރަގަށް ކުންފުނިތަކުން ސަމާލުކަން ދީފައިނުވެއެވެ. ކަން މިހެން އޮތުމުން މި ފަރަގު ހައިކޯޓުގެ ނިންމުމުގައި ނެތުމަކީ، އެ ކޯޓުގެ ނިންމުމުގައި އޮތް އައިބެއް ކަމުގައި ނުދެކެމެވެ. އަދި މިކަމާމެދު މި މަރުޙަލާގައި ގޮތެއް ނިންމައިފި ނަމަ، އެކަން ވެގެންދާނީ ދަށު ދެ މަރުޙަލާގައި ގޮތެއް ކަނޑައެޅިފައިނުވާ ކަމަކާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުންކަމުގައެވެ.

68ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލު ކުރުމަށް ނިންމާފައިވަނީ، އިބްރާހީމް ރަޝީދު ޙުސައިންއަށް ކުންފުނިތަކުން އެކަށައަޅާފައިވާ ހިއްސާ އަނބުރާ ކުންފުންޏަށް ނެގުމުގެ އިޖުރާއަތު ޤާނޫނާ ޚިލާފުވެގެންނެވެ. ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވާ މި އިޖުރާއަތަކީ، އެއިގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމައިދިނުމަށް ސިވިލް ކޯޓުގައި މި މައްސަލައިގައި ދަޢުވާކުރި ކުންފުނިތަކުން އެދިފައިވާ އިޖުރާއަތެވެ. އެހެން ގޮތަކަށް ބުނާނަމަ، ހައިކޯޓުގެ ޙުކުމުގެ ދޭހައަކީ، ނުވަތަ ނަތީޖާއަކީ، ހިއްސާދާރަކު، ހިއްސާގެ އަގަށްވާ ފައިސާ ނުދައްކާ އޮތް ކޮންމެ ހާލަތެއްގައި އެ ހިއްސާ އަނބުރާ ކުންފުންޏަށް ނުނެގޭނެ ކަމެވެ. އަދި އެ ހިއްސާ އަނބުރާ ކުންފުންޏަށް ނެގޭނީ، ކުންފުންޏާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ބުނާ އިޖުރާއަތު ފުރިހަމަވެ އެ ހިއްސާއަކީ އެ ކުންފުނިން ގަތުމަށް އެ ހިއްސާދާރު އެއްބަސްވެފައިވާ ހިއްސާއެއް ކަމުގައިވާނަމައެވެ.

69ކަން މިހެން އޮތުމުން، އިސްތިއުނާފު ކުރާ ކުންފުނިތަކުން ފާހަގަ ކޮށްފައިވާ، ޙުކުމަށް ވާސިލުވުމުގެ ސަބަބުތައް ބަޔާންކުރުމާއި، އެ ސަބަބުތައް ސާފުވާންޖެހޭ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކޮށް، މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

70މަތީގައި ތަފުސީލުކޮށް މި ބަޔާންކުރި ކަންކަމުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ ނަންބަރު 2017/HC-A/356 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2017/HC-A/357 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2017/HC-A/358 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

71މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

72މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2017/HC-A/356 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2017/HC-A/357 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2017/HC-A/358 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު

މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

ޙުސްނުއްސުޢޫދު

ފުޓްނޯޓު

  1. ކުންފުނި ރަޖިސްޓްރީ ނަންބަރު C-75/2003
  2. ކުންފުނި ރަޖިސްޓްރީ ނަންބަރު C-455/2005
  3. ކުންފުނި ރަޖިސްޓްރީ ނަންބަރު C-11/2014
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A010391
  5. 1- 2446/Cv-C/2016 (އެކްސްޕާޓް މޯޓޯސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ރަޝީދު ޙުސައިން)، 2- 2447/Cv-C/2016 (އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ރަޝީދު ޙުސައިން)، 3- 2448/Cv-C/2016 (އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ރަޝީދު ޙުސައިން)
  6. ހައިކޯޓުގެ ނަންބަރު 2017/HC-A/356,357,358 ޤަޟިއްޔާ
  7. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/003 (08 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 141 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/129 (08 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 141 ވަނަ ސަފުހާ، އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/106 (08 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބާރު 2448/CvC/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 144 ވަނަ ސަފުހާ
  8. އބމ
  9. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/004 (08 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 138 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/130 (08 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 149 ވަނަ ސަފުހާ، އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/108 (08 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 147 ވަނަ ސަފުހާ
  10. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/004 (08 މޭ 2016) ސިޓީއާ އެކު އެޓޭޗްކުރެވިފައިވާ 'ނޯޓިސް އޮފް ސްޕެޝަލް ޖެނެރަލް މީޓިންގ' އެޖެންޑާ، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 139 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/130 (08 މޭ 2016) ސިޓީއާ އެކު އެޓޭޗްކުރެވިފައިވާ 'ނޯޓިސް އޮފް ސްޕެޝަލް ޖެނެރަލް މީޓިންގ' އެޖެންޑާ، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 150 ވަނަ ސަފުހާ، އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/108 (08 މޭ 2016) ސިޓީއާ އެކު 'ނޯޓިސް އޮފް ސްޕެޝަލް ޖެނެރަލް މީޓިންގ' އެޖެންޑާ، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައެއް ނުވޭ.
  11. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު EM/SGM/2016/02 (28 މެއި 2016) ރެޒޮލިއުޝަން، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު IOC/SGM/2016/02 (28 މޭ 2016) "RESOLUTION OF THE SPECIAL GENERAL MEETING ON INCREASING THE AUTHORIZES SHARES OF THE COMPANY"، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 183 ވަނަ ސަފުހާ، އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު IOC/SGM/2016/02 (28 މޭ 2016) "RESOLUTION OF THE SPECIAL GENERAL MEETING ON INCREASING THE AUTHORIZES SHARES OF THE COMPANY"، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 165 ވަނަ ސަފުހާ.
  12. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/009 (31 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 145 ވަނަ ސަފުހާ އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/135 (31 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 137 ވަނަ ސަފުހާ އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/112 (31 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 137 ވަނަ ސަފުހާ
  13. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/008 (31 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 133 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/134 (31 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 152 ވަނަ ސަފުހާ އަދި އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/111 (31 މޭ 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 140 ވަނަ ސަފުހާ
  14. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު EM/SGM/2016/04 (18 ޖޫން 2016) ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 149 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު IOC/SGM/2016/05 (18 ޖޫން 2016) ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 103 ވަނަ ސަފުހާ އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު ANTRAC/SGM/2016/06 (18 ޖޫން 2016) ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 169 ވަނަ ސަފުހާ
  15. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/014 (19 ޖޫން 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 143 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/142 (19 ޖޫން 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 145 ވަނަ ސަފުހާ އަދި އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/117 (19 ޖޫން 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބާރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 117 ވަނަ ސަފުހާ
  16. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/012 (19 ޖޫން 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 123 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/138 (19 ޖޫން 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 130 ވަނަ ސަފުހާ އަދި އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2016/CS/115 (19 ޖޫން 2016) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 106 ވަނަ ސަފުހާ
  17. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު EM/BR/2016/05 (30 ޖޫން 2016) ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 173 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު IOC/BR/2016/05 (30 ޖޫން 2016) ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 181 ވަނަ ސަފުހާ އަދި އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު ANTRAC/BR/2016/04 (30 ޖޫން 2016) ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 171 ވަނަ ސަފުހާ
  18. ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 (އެކްސްޕާރޓްސް މޯޓޯސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ރަޝީދު ޙުސައިން)، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 (އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ރަޝީދު ޙުސައިން) އަދި ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 (އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ރަޝީދު ޙުސައިން)
  19. ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު). މި ޤާނޫނުވަނީ، ޤާނޫނު ނަންބަރު 07/2023 (ކުންފުނީގެ ޤާނޫނު) އަށް 01 ޖެނުއަރީ 2024 ގައި ޢަމަލުކުރަން ފެށުމާއެކު އުވިފައެވެ.
  20. ނަންބަރު 2019/SC-A/106
  21. ނަންބަރު 2009/SC-A/14
  22. ހައިކޯޓުގެ ނަންބަރު 2017/HC-A/356,357,358 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 22.4 ވަނަ ޕެރެގްރާފް، ސަފުހާ 19.
  23. އބމ ގެ 22.6 ވަނަ ޕެރެގްރާފް، ސަފުހާ 21.
  24. ފުޓް ނޯޓް 18
  25. ހައިކޯޓުގެ ނަންބަރު 2017/HC-A/356,357,358 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ސަފުހާ 29، ލައިން 16 އިން 26 ގެ ނިޔަލަށް.
  26. އބމގެ ސަފުހާ 34، ލައިން 16 އިން 26 ގެ ނިޔަލަށް.
  27. ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
  28. އބމ ގެ 44 ވަނަ މާއްދާ
  29. ހައިކޯޓުގެ ނަންބަރު 2017/HC-A/356,357,358 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 22.4 ވަނަ ޕެރެގްރާފް، ސަފުހާ 20.
  30. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-L/290 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 4.1 ނުކުތާ، ޞަފުހާ 32.
  31. ހައިކޯޓުގެ ނަންބަރު 2017/HC-A/356,357,358 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 22 ވަނަ ޕެރެގްރާފް، ސަފުހާ 18.
  32. އބމ
  33. އބމ 22.8 ވަނަ ޕެރެގްރާފް، ސަފުހާ 23.
  34. އބމ 22.6 ވަނަ ޕެރެގްރާފް، ސަފުހާ 21.
  35. އބމ 22.4 ވަނަ ޕެރެގްރާފް، ސަފުހާ 21.
  36. އބމ 22.6 ވަނަ ޕެރެގްރާފް، ސަފުހާ 21.
  37. ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) [2022] SC 37 ޕެގްރާފް 94، ނަންބަރު 02
  38. Common v. McArthur, (1898) 29 SCR 239
  39. މި ތަނުގައި ފައިސާ ދެއްކިކަން އެނގެން ނެތްކަމަށް އިޝާރާތްކޮށްފައި އެވަނީ، ކުންފުނިތަކުން 18 ޖޫން 2016 ގައި ބޭއްވި ކުންފުނިތަކުގެ ޚާއްޞަ ގޮތުން ކުރެވުނު ހިއްސާދާރުންގެ ޢާންމު ޖަލްސާގައި، އިބްރާހީމް ރަޝީދު ޙުސައިން ފިޔަވައި ބާކިތިބި ދެ ޑިރެކްޓަރުން މި ފައިސާ ދެއްކިކަމަށް އެ ޖަލްސާގެ ނިންމުމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެކަމުގެ އިތުރު ލިޔުމެއް، ހެއްކެއް ނެތްނެތުމަށެވެ.
  40. މި ރައުޔުގެ 08 ވަނަ ޕެރެގްރާފުގައި މިކަމުގެ ތަފުސީލު ހިމެނިފައިވާނެއެވެ.
  41. ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު). މި ޤާނޫނުވަނީ ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) އަށް ޢަމަލު ކުރަން ފެށުމާއެކު އުވިފައެވެ.
  42. ޒީނަތު ޙަސަން ވ. އައްޑޫސިޓީ ކައުންސިލް [2021] SC 83 މައްސަލަ، އަދި ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް [2023] SC 23 މައްސަލަ
  43. [2021] SC 30
  44. އބމ، 35 ވަނަ ޕެރެގްރާފް
  45. އެކްސްޕާޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު EM/BR/2016/05 (30 ޖޫން 2016) ބޯޑު ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2446/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 173 ވަނަ ސަފުހާ، އިންޑިއަން އޯޝަން ޗާޓަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު IOC/BR/2016/05 (30 ޖޫން 2016) ބޯޑު ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2447/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 181 ވަނަ ސަފުހާ އަދި އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު ANTRAC/BR/2016/04 (30 ޖޫން 2016) ބޯޑު ރެޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 2448/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 171 ވަނަ ސަފުހާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 2 ވަނަ މާއްދާ
  • ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 19 ވަނަ މާއްދާ
  • ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 39 ވަނަ މާއްދާ
  • ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 40 ވަނަ މާއްދާ
  • ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 44 ވަނަ މާއްދާ
  • ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 56 ވަނަ މާއްދާގެ (ށ)
  • ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76) ގެ 6 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • 2019/SC-A/106
  • 2009/SC-A/14
  • 2010/SC-RU/01
  • [2021] SC 30
  • [2022] SC 37
  • [2021] SC 83
  • [2023] SC 23
  • Common v. McArthur, (1898) 29 SCR 239

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ