—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2019/SC-A/106
އިސްތިއުނާފު ކުރާ ފަރާތް:
ޢާއިޝަތު ޝަޒީން ހާޝިމް
މުޙައްމަދު ބިނާޙް
އިސްތިއުނާފު ރައްދުވާ ފަރާތް:
ހައި-ލައިން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
11 ސެޕްޓެމްބަރ 2019ރަޖިސްޓްރީ ކުރެވުނު ތާރީޚު:
17 ސެޕްޓެމްބަރ 2019ނިމުނު ތާރީޚު:
22 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2019/HC-A/68
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
28 ޖަނަވަރީ 2019ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
18 ޖުލައި 2019
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ޢާއިޝަތު ޝަޒީން ހާޝިމް އާއި ސ. ހިތަދޫ، އަތިރީގެ، މުހައްމަދު ބިނާޙް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައި-ލައިން އެންޓަރޕްރައިސަސް ޕވޓ ލޓޑ (ރަޖިސްޓަރީ ނަންބަރު C-882/2008) (މީގެ ފަހުން 'ހައިލައިން') އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
ހައި-ލައިން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި ޢާއިޝަތު ޝަޒީން ހާޝިމް އާ ދެމެދު މ. ލިޑޯ ގްރައުންޑް ފްލޯ (ނިއުލިޑޯ ފިހާރަ) ކުއްޔަށް ދިނުމާ ބެހޭގޮތުން އެގްރިމަންޓެއް ކޮށްފައިވެއެވެ.
މި އެގްރިމަންޓުގެ ދަށުން ޢާއިޝަތު ޝަޒީން ހާޝިމްގެ ފަރާތުން ހައިލައިން އަށް ދައްކަންޖެހޭ އެތައް މަހެއްގެ ކުލި ނުދައްކައި އޮތް ކަމަށާއި ދައްކަންޖެހި ނުދައްކައިވާ ކުލީގެ އަދަދަކީ 840,000.00 (އަށްލައްކަ ސާޅީސްހާސް ރުފިޔާ) ކަމަށާއި ކުލި ދައްކަންޖެހޭ ދުވަހަށް ކުލި ނުދައްކައި އޮތުމުގެ ސަބަބުން އޮގަސްޓް 2017 ގެ ނިޔަލަށް ޖޫރިމަނާއަށް 2,197,600.00 (ދެ މިލިއަން އެއްލައްކަ ނުވަދިހަހަތްހާސް ހަސަތޭކަ ރުފިޔާ) އާ އެކުޖުމްލަ 3,037,600.00 (ތިންލައްކަ ތިރީސްހަތްހާސް ހަސަތޭކަ ރުފިޔާ) ނުދައްކައި އޮތް ކަމަށާއި އެހެންކަމުން މި ފައިސާ އާއި ތަންހުސްކުރަންދެން އަރާ އިތުރު ކުއްޔާއި ކުލިދައްކައި ޚަލާސްކުރަންދެން އަރާ ޖޫރިމަނާ ހޯދަން ހައިލައިންގެ ފަރާތުން ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2018 ގަޒިއްޔާގައެވެ.
ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2018 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެގްރިމަންޓުގެ ދަށުން ނިއުލިޑޯ ގްރައުންޑް ފްލޯ ފިހާރައިގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުވާ ލިބޭ ޢާއިޝަތު ޝަޒީން ހާޝިމް އާއި ގެރެންޓަރުގެ ހައިސިއްޔަތުން މުޙައްމަދު ބިނާޙްގެ ފަރާތުން ހައިލައިންއަށް އެކުޖުމްލަ 456,080.00 (ހަތަރުލައްކަ ފަންސާސްހަހާސް އަށްޑިހަ ރުފިޔާ) ދައްކަންޖެހޭ ކަމަށް ސާބިތުވާ ކަމަށާއި މި ފައިސާ ދައުވާ ލިބޭ ޢާއިޝަތު ޝަޒީން ހާޝިމް އާއި ގެރެންޓަރުގެ ހައިސިއްޔަތުން މުޙައްމަދު ބިނާޙްގެ ފަރާތުން ހައިލައިން އަށް ދެއްކުމަށްޓަކައި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށެވެ.
ހައިކޯޓުން ބެލި އިސްތިއުނާފީ މައްސަލަ
ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހައިލައިންގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގައެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިލައިންގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާ އެކެވެ. އެ ނުކުތާއަކީ:
"1 މާޗް 2014 އިން ފެށިގެން ޑިސެމްބަރު 2015 ގެ ނިޔަލަށް ހިނގާފައިވާ 22 މަސް ދުވަހުގެ ކުލި ނުދައްކައި އޮތުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ސިވިލް ކޯޓުން ނަގައި ދެއްވާފައިވީ ހިނދު، ޖޫރިމަނާގެ އަދަދު ހިސާބު ކުރުމުގައި ކުލީގެ އެއްބަސްވުމުގައި އޮތް ޖޫރިމަނާ ހިސާބުކުރާނޭ ގޮތަށް އެކަށީގެންވާ ގޮތެއްގައި ސިވިލް ކޯޓުން ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވުން." މި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙްގެ ފަރާތުން ހައިލައިން އަށް ދައްކަންޖެހޭ ކުލީގެ ފައިސާ އާއި ޖޫރިމަނާ ސިވިލް ކޯޓުގެ 73/Cv-C/2018 ގަޒިއްޔާގައި ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެގްރިމަންޓުގެ ދަށުން ނިއުލިޑޯ ގްރައުންޑް ފްލޯ ފިހާރައިގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޢާއިޝަތު ޝަޒީން ހާޝިމް އާއި ގެރެންޓަރުގެ ހައިސިއްޔަތުން މުޙައްމަދު ބިނާޙްގެ ފަރާތުން ހައިލައިންއަށް އެކުޖުމްލަ ދައްކަންޖެހޭ ފައިސާގެ އަދަދަކީ 1,017,200.00 (އެއްމިލިއަން ސަތާރަހާސް ދުއިސައްތަ ރުފިޔާ) ކަމަށާއި، އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙްގެ ފަރާތުން އެ ހުކުމް އިސްތިއުނާފު ކުރަން ހުށަހަޅާފައިވެއެވެ. ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާތައް ތިރީގައިމިވަނީއެވެ.
(ހ)އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިފަރާތާއި ހަވާލުކުރަންޖެހޭ ފިހާރަ ހައިލައިންގެ ފަރާތުން ހަވާލުކޮށްފައި ނުވާކަމަށް ދަށު ކޯޓާއި ހައިކޯޓުގައި ފާހަގަކޮށްފައިވީ ނަމަވެސް ދައުވާކުރާ ފަރާތާއި ތަން ހަވާލުކުރިކަމުގެ ހެއްކެއް ހައިލައިން އިން ހުށަހަޅާފައި ނެތީސް ކުއްޔަށް ހިފިތަން ކުއްޔަށް ހިފިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އަސާސްތަކާއި ޚިލާފަށް ކަމަށްވުން.
(ށ)ފުރަތަމަ މަހުގެ ކުއްޔާއި އެޑްވާންސް ސެކިއުރިޓީ ފިޔަވައި އިތުރު ފައިސާއެއް އެއްބަސްވުމުގެ ދަށުން ހައިލައިން އަށް ލިބިފައި ނުވާކަމަށް ބުނެފައިވާއިރު އެއްބަސްވުމުގެ މުޅި މުއްދަތަށް ފައިސާއެއް ނުލިބޭނަމަ އެ ފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ހައިލައިން އިން އެއްވެސް ފިޔަވަޅެއް ނާޅައި އެއްބަސްވުމުގެ މުއްދަތު ހަމަވިތާ އެތަކެއް ދުވަސް ފަހުން އިސްތިއުނާފު ކުރާ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާތީ، ފައިނޭންޝަލް ކޮސްޓްގެ ނަމުގައި ކުއްޔަށްވުރެ ބޮޑު އަދަދެއް ޕެނަލްޓީގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ދައްކަންޖެހި ބޭއިންސާފު މުއްސަނދިކަމެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބޭގޮތަށް ހުކުމްކޮށްފައި އޮތުން.
(ނ)ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާފަރާތާ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފަރާތަށް ލިބިގެންވާ ހައްގުތައް ޑީޑް އޮފް އެސައިންމެންޓެއްގެ ދަށުން ތިންވަނަ ފަރާތަކަށް ބަދަލުކުރާނަމަ ކުއްޔަށް ދިން ފަރާތުގެ ރުހުން އޮންނަން ޖެހޭ ހިނދު ދައުވާކުރާ ފަރާތަށް ނިއުލިޑޯ ގްރައުންޑް ފްލޯގައިވާ ފިހާރަ ކުއްޔަށް ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނާ ޑީޑް އޮފް އެސައިންމެންޓުގައި ކުއްޔަށްދިން ފަރާތުން ސޮއިކޮށްފައި ނުވާ ހިނދު، ދައުވާކުރާ ފަރާތުން ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙް އާއެކު ސޮއިކޮށްފައިވަނީ ސައްހަ ނޫން ޑީޑް އޮފް އެސައިންމެންޓެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސައްހަނޫން އެއްބަސްވުމަކުން ކަމަށްވުން.
(ރ)މުޙައްމަދު ބިނާޙުގެ މައްޗަށް މި ދައުވާ އުފުލާފައިވާ އިރު މުޙައްމަދު ބިނާޙުއަކީ ދައުވާ ބިނާކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފިހާރަ ކުއްޔަށް ހިފި ފަރާތަށް ނުވާ ހިނދު އެއްބަސްވުމުގެ ފަހު ސަފްހާގެ ވާތް ފަރާތުގައި ގެރެންޓީ ދިން ފަރާތް މިހެން ފަލަ އަކުރުން ލިޔެފައި މުޙައްމަދު ބިނާޙުގެ ނަމާ ދިމާލުގައި ސޮއިކޮށްފައި އޮތް ނަމަވެސް އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގެ ދަށުން މުޙައްމަދު ބިނާޙު ގެރެންޓީ ދީފައިވަނީ ކޮން ކަމަކަށްކަން ސާފުވާން ނެތް ހިނދު އަދި މުޙައްމަދު ބިނާޙު ޒިންމާވާންޖެހެނީ އެއްބަސްވުމުގެ ދަށުން ކޮން ކަމަކަށްކަން އެނގެން ނެތީސް އެއްބަސްވުމުގެ ދަށުން ދައުވާކުރާ ފަރާތަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލު މުޙައްމަދު ބިނާޙުވެސް ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައިވަނީ ޝަރުއީ އަދި ގާނޫނީ ކޮން އަސާސެއްގެ މައްޗަށްކަން ހުކުމުގައި ބަޔާންކޮށްފައި ނެތުން.
އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަ
ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙްގެ ފަރާތުން އިސްތިއުނާފު ކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގައި ހައިކޯޓުން ކޮށްފައިވާ ހުކުމް ކަމަށްވެފައި، ހައިކޯޓުގެ އެ ގަޒިއްޔާއަކީ ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙްގެ ފަރާތުން ހައިލައިން އަށް ދައްކަންޖެހޭ ކުލީގެ ފައިސާ އާއި ޖޫރިމަނާ ސިވިލް ކޯޓުގެ 73/Cv-C/2018 ގަޒިއްޔާގައި ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހައިލައިންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިގެން ބެލުނު ގަޒިއްޔާއެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގައި ހައިކޯޓުން ބަލާފައިވާ ހަމައެކަނި ނުކުތާއަކީ ޢާއިޝަތު ޝަޒީން ހާޝިމް އާއި މުޙައްމަދު ބިނާޙްގެ ފަރާތުން ހައިލައިން އަށް ދައްކަންޖެހޭ ކުލީގެ ފައިސާ އާއި ޖޫރިމަނާ ސިވިލް ކޯޓުން ހިސާބުކޮށްފައިވާ ގޮތް ކަމަށްވާއިރު، ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގައި ހައިކޯޓުން ނުބަލާ ނުކުތާތަކެއް ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި އިސްތިއުނާފު ކޮށްގެން ނުބެލޭނެ ކަމަށް އިސްތިއުނާފު ރައްދުވާ ހައިލައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
އިތުރަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާ ކަމަށް ވާތީ، އިސްތިއުނާފު ކުރާ ފަރާތަށް އިސްތިއުނާފު ކުރަން ހުށަހެޅޭނީ ކޯޓުތަކާބެހޭ ގާނޫނު އޮތް ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގެ ހުކުމުގައި ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނުވަތަ އެ ގަޒިއްޔާގައި ގާނޫނު ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ފާހަގަކުރާ ނުކުތާތައް އެކަނި ކަމުގައިވާއިރު، އިސްތިއުނާފު ކުރާ ފަރާތްތަކުން އިސްތިއުނާފު ކުރަން ހުށަހެޅި ފޯމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާގެ ހުކުމް ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެއްވެސް ނުކުތާއެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުއްދަދެވޭ ސަބަބުތައް
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ހައިކޯޓުގެ ހުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ގޮތް ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ބަލާއިރު، ހައިކޯޓުގެ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވެނީ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަތުތަކެއް ހުރެއްޖެނަމަ ނުވަތަ ގާނޫނު ތަތުބީގު ކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމައެވެ.
މި ބަޔާންކުރެވުނު ގާނޫނު މި މައްސަލައަށް ތަތުބީގު ކުރާއިރު، އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާ ކަމަށް ވެފައި، މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފުވާ ގޮތަކަށް ކަމަށް ނުވަތަ އެ ގަޒިއްޔާގައި ގާނޫނު ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެއްވެސް ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/68 ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ބަލަންޖެހެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު2019/HC-A/68 ގަޒިއްޔާއިން ކޮށްފައިވާ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް މި ގަޒިއްޔާ ނިންމީއެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.