ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
ކައިވެންޏަކީ ޢަޤުދެކެވެ. އެއްބަސްވުމެކެވެ. ނަމަވެސް މިއީ އާދައިގެ އެއްބަސްވުމެއް ނޫނެވެ. މިއީ މަތިވެރި އެއްބަސްވުމެކެވެ. މި އެއްބަސްވުން ދެމި އޮތުމުގެ މައިގަނޑު އަސާސަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ މަވައްދަތާއި ރަޙުމަތެވެ. ނުވަތަ ލޯތްބާއި އޯގާތެރިކަމެވެ. މިއީ ރޫމު ސޫރަތުގެ 21 ވަނަ އާޔަތުގައި ކީރިތި ﷲ މި ޢަޤުދުގެ އަސާސް ބަޔާން ކުރައްވާފައިވާ ގޮތެވެ.
ކައިވެންޏަކީ އާދައިގެ އެއްބަސްވުމެއް ނޫންކަމުގައި މި އިޝާރާތް ކުރީ، އެހެން އެއްބަސްވުންތަކާ ޚިލާފަށް މި އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކީރިތި ޤުރުއާނުގައި އައިސްފައިވާ އައުމަށް އިޝާރާތް ކޮށެވެ. މި ތަފުސީލުތަކަށް ދާއިރު، ފާހަގަ ކުރެވޭ އެއްކަމަކީ، ކައިވެނީގައި އަނބިމީހާއަށް ޚަރަދުކޮށް ބެލެހެއްޓުން ކީރިތި ޤުރުއާނުގައި ފިރިމީހާއަށް މަތިކޮށްފައި އޮންނަ އޮތުމެވެ. މި ފަދަ އުސޫލުތައް ހުރި ނަމަވެސް، ދެމަފިރިން އެކަކު އަނެކަކަށް ޚަރަދު ކުރުމަކީ އިސްލާމީ ޝަރީޢަތް މަނާކުރާ ކަމެއް ނޫނެވެ.
އަހުރެންގެ ކުރިމަތީގައި މިއަދު ޖަވާބު ހޯދުމަށް އޮތް ސުވާލަކީ، ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ޚަރަދެއް، ކައިވެނީގެ ޢަޤުދު ނިމުމަކަށް އައިސް، ވަރިވާ ފަހުން ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމާމެދު އޮތް ސުވާލެކެވެ. މި ސުވާލުގެ ޖަވާބަށް ދިއުމަށްޓަކައި، އެންމެ ފުރަތަމަ މި އެނބުރިލަނީ ކުރިމަތީގައި އޮތް މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާން ކުރުމަށެވެ.
ކަންހިނގާފައިވާ ގޮތް
ޞަފޫރާ ނާފިޢު މޫސާ، ރޯޒްލީން، ދ. ކުޑަހުވަދޫ، އާއި މުޙައްމަދު ޝަރީފް، ގުލްފާމް، ދ. ކުޑަހުވަދޫ، އާ ދެ މީހުން ކައިވެނި ކޮށްގެން އުޅުނު ދުވަސްވަރު ދ. ކުޑަހުވަދޫ އިން ގޯތި ދޫކުރިއިރު، މުޙައްމަދު ޝަރީފަށް ގޯއްޗެއް ލިބިފައިވެއެވެ. މި ގޯތި މުޙައްމަދު ޝަރީފަށް ލިބިފައިވަނީ، ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މުޙައްމަދު ޝަރީފް ޞަފޫރާ ނާފިޢު މޫސާއާ އިނދެގެން އުޅުމުގެ ސަބަބުން، "މީހަކާ އިނދެގެން އުޅޭނަމަ" ލިބޭ ޕޮއިންޓްތައް ވެސް ލިބިގެންނެވެ.
ޞަފޫރާ ނާފިޢު މޫސާ ބުނާ ގޮތުން މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ގެއެއް ޢިމާރާތް ކޮށްފައިވަނީ ދެ މީހުން ޚަރަދު ކޮށްގެންނެވެ. އެ ގޮތަށް ޚަރަދު ކޮށްފައިވަނީ އެ ގޯއްޗާއި ޢިމާރާތް ދެ މީހުންގެ ނަމަށް ރަޖިސްޓްރީ ކުރުމަށް ދެ މީހުން އެއްބަސްވެގެންނެވެ. އަދި މި ގޮތަށް އެއްބަސްވެ ގޯތީގައި ގެ ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، ގޯއްޗާއި ގެ މުޙައްމަދު ޝަރީފްގެ ނަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، އެ ރަޖިސްޓްރީ ދެމަފިރިންގެ ނަމަށް ބަދަލު ނުކުރެވި ވަނިކޮށް، ދެމަފިރިން ވަރިވެފައިވާ ކަމުގައެވެ.
މުޙައްމަދު ޝަރީފުގެ ނަމުގައި ގޯއްޗާއި ގޯތީގައިވާ ޢިމާރާތް ރަޖިސްޓްރީވެފައި ވަނިކޮށް ވަރިވުމުން، ގޯތީގައިވާ ޢިމާރާތަކީ ޞަފޫރާ ނާފިޢު މޫސާ ބޮޑު ޚަރަދެއް ކޮށްގެން ކޮށްފައިވާ ޢިމާރާތެއް ކަމުގައިވާތީ، އެ ގެއިން ބައެއް އެ ދެ މީހުންނަށް ލިބިފައިވާ ދެ ކުދިންނަށް ދިނުމަށް ޞަފޫރާ ނާފިޢު މޫސާ މުޙައްމަދު ޝަރީފްގެ ކިބައިން އެދިފައިވެއެވެ. ނަމަވެސް މިކަމަށް މުޙައްމަދު ޝަރީފް އިޖާބަ ދީފައިނުވާ ކަމުގައި ޞަފޫރާ ނާފިޢު މޫސާ ބުނެއެވެ. އަދި ކަންމިހެން މެދުވެރިވުމުން އެ ގޯތީގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ޚަރަދުކޮށްފައިވާ ފައިސާ މުޙައްމަދު ޝަރީފްގެ އަތުން ހޯދުމަށް، މުޙައްމަދު ޝަރީފްގެ މައްޗަށް ޞަފޫރާ ނާފިޢު މޫސާ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ ކުރިއެވެ.
ޞަފޫރާ ނާފިޢު މޫސާ މުޙައްމަދު ޝަރީފްގެ އަތުން ހޯދުމަށް އެދިފައިވަނީ 1,248,547/98ރ. (އެއްމިލިޔަން ދެލައްކަ ސާޅީސް އަށްހާސް ފަސްސަތޭކަ ސާޅީސް ހަތް ރުފިޔާ ނުވަދިހަ އަށް ލާރި) އެވެ. މިއީ ޢިމާރާތް ކުރުމަށް ހޭދަވެފައިވާ ކަމަށް ޞަފޫރާ ނާފިޢު މޫސާ އަންދާޒާ ކުރާ ޢަދަދެކެވެ.
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމި ގޮތް
ޞަފޫރާ ނާފިޢު މޫސާ ހުށަހެޅި މައްސަލަ ބަލާފައިވަނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 46/M8C/2016 ޤަޟިއްޔާއިންނެވެ.
މުޙައްމަދު ޝަރީފްގެ މައްޗަށް ޞަފޫރާ ނާފިޢު މޫސާ ކުރި ދަޢުވާއަށް މުޙައްމަދު ޝަރީފް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި އިންކާރު ކޮށްފައިވެއެވެ. އަދި ތަފުސީލުކޮށް ވާހަކަ ދައްކަމުން މުޙައްމަދު ޝަރީފާއި ޞަފޫރާ ނާފިޢު މޫސާއާ ދެ މީހުން ވެސް ދިރިއުޅުމަށް މަސައްކަތް ކުރިކަމަށާއި، ގެ އިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދަކީ މުޙައްމަދު ޝަރީފުގެ ގެއަކަށް އެ ގެ ވީކަމަށްޓަކައި ކުރި ޚަރަދެއް ނޫންކަމަށާއި، އެ ޚަރަދަކީ ދެ މީހުންގެ ދިރިއުޅުމަށް ޞަފޫރާ ނާފިޢު މޫސާ ކޮށްފައިވާ ޚަރަދެއް ކަމުގައި ބުނެފައިވެއެވެ. އަދި ގެ ޢިމާރާތް ކުރުމަށް މުޙައްމަދު ޝަރީފް ވެސް މަސައްކަތްކޮށްފައި ހުންނާނެ ކަމުގައި ބުނެފައިވެއެވެ.
މުޙައްމަދު ޝަރީފް ދަޢުވާއަށް އިންކާރު ކުރުމުން ދަޢުވާ ސާބިތު ކުރުމަށްޓަކައި ޞަފޫރާ ނާފިޢު މޫސާ ހެކި ހުށަހަޅާފައިވެއެވެ. މި ހެކިތަކުގެ ތެރޭގައި ޞަފޫރާ ނާފިޢު މޫސާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި އޮތް ދެ އެކައުންޓެއްގެ އެކައުންޓް ސްޓޭޓްމަންޓާއި، ޝަފަހީ ހެކިންތަކެއް ހިމެނެއެވެ.
މި މައްސަލައިގައި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކޮށްފައިވަނީ ކިހައި ފައިސާއެއްކަން އޭނާއަށް ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާ ކަމުގައެވެ. މި ގޮތަށް ނިންމުމުގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކުން މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ގެއެއް ޢިމާރާތް ކުރުމަށް ޚަރަދު ކުރިކަމުގެ ހެކި ލިބެން ނެތުމާއި، ޝަފަހީ ހެކިންގެ ފަރާތުން ޚަރަދު ކުރިކަމާއި، ޚަރަދު ކުރި މިންވަރާމެދު ހެކި ލިބިފައިނުވާކަން ފާހަގަ ކޮށްފައިވެއެވެ.
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް އިތުރަށް ބަލާއިރު، އެ ނިންމުމުގައި މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ގެއެއް އެޅުމަށް ހަމައެކަނި ޚަރަދު ކޮށްފައިވަނީ ޞަފޫރާ ނާފިޢު މޫސާ ނޫންކަމަށާއި، މުޙައްމަދު ޝަރީފު ވެސް ގެ އެޅުމަށް ޚަރަދުކޮށްފައި ވާނެ ކަމުގައި މުޙައްމަދު ޝަރީފު ބުނާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރަށް އެ ގޯތީގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ކޮށްފައިވާ ޚަރަދަކީ މުޙައްމަދު ޝަރީފަށް ޞަފޫރާ ނާފިޢު މޫސާ ދީފައިވާ ހަދިޔާއެއް ނޫންކަން އެނގޭކަމަށް އެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ހަދިޔާއެއް ނޫންކަން އެނގެނީ އިމާރާތް ކުރުމަށްފަހު ގޭގެ ރަޖިސްޓްރީ މުޙައްމަދު ޝަރީފާއި ޞަފޫރާ ނާފިޢު މޫސާގެ ނަމަށް ބަދަލުކޮށްދޭނެ ވާހަކަ މުހައްމަދު ޝަރީފް ބުނި ބުނުމަށް ޞަފޫރާ ނާފިޢު މޫސާ ބަރޯސާވެފައިވާކަން ޞަފޫރާ ނާފިޢު މޫސާގެ ބަހުން އެނގޭކަން ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް
ޞަފޫރާ ނާފިޢު މޫސާ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބު ވުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ އިސްތިއުނާފު ކުރަމުން ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން މައިގަނޑު ގޮތެއްގައި ހައިކޯޓުގައި ފާހަގަ ކޮށްފައިވާ ކަމަކީ މި މައްސަލައިގައި ޞަފޫރާ ނާފިޢު މޫސާ ގެ ޢިމާރާތް ކުރުމަށް ޚަރަދު ކުރިކަމުގައި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައި ވީނަމަވެސް، އޭނާއަށް ޤާނޫނީ ފަރުވާއެއް ދީފައި ނުވާކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހައިކޯޓުން މި މައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައި ވެއެވެ. މި ގޮތުން މި މައްސަލައިގައި ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔަކީ މި މައްސަލައިގައި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައެވެ. މި ނިންމުމަށް ވާސިލުވުމުގައި ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފުއާ ދެމެދު ގެ އެއް ޢިމާރާތް ކުރުމަށް އެއްބަސްވުމެއް އޮތްކަމަށް މުޙައްމަދު ޝަރީފް އިންކާރު ކުރާއިރު، ދަޢުވާ ސާބިތު ކުރުމަށްޓަކައި ޞަފޫރާ ނާފިޢު މޫސާ ހުށަހެޅި ހެކިތަކުން ޞަފޫރާ ނާފިޢު މޫސާ ގެ ޢިމާރާތް ކުރުމަށް ޚަރަދެއް ކުރިކަން ސާބިތުނުވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ޙާޞިލުކޮށްފައިވާ މުދަލާއި ފައިސާއާމެދު ޢަމަލުކުރުމަށް އާއިލާއާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއް ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފުއާ ދެމެދު ނެތުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނަގައިދިނުމަށް ޞަފޫރާ ނާފިޢު މޫސާ އެދިފައިވާ ފަދަ ބަދަލެއް ޝަރީޢަތުން ނަގައިދޭނެ ތަނެއް ނެތްކަމުގައި މި ނިންމުމުގައިވެއެވެ.
އަޤައްލިއްޔަ ރައުޔަށް ބަލާއިރު، އެ ރައުޔުގައި މި މައްސަލައިގައި އެދިފައިވަނީ ކާވެނީގެ މުއްދަތުގައި ހޯދާފައިވާ މުދަލެއް ބެހުމަށް ނޫންކަމުގައިވާއިރު، މިއީ ޢާއިލާއާބެހޭ ޤާނޫނު ތަޠުބީޤު ކުރަންޖެހޭ މައްސަލައެއް ނޫންކަމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މީގެ އިތުރުން މި މައްސަލައިގައި ޚިލާފު އޮތީ، ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދުގެ މިންވަރާމެދު ކަމުގައިވެފައި، ގެ ޢިމާރާތް ކުރުމަށް މުޙައްމަދު ޝަރީފު ވެސް ޚަރަދު ކުރިކަމަށް ބުނެ މުޙައްމަދު ޝަރީފު ކުރިމަތިކުރާ ދަފްޢު އޭނާ ސާބިތު ކޮށްދޭން ޖެހޭނެ ކަމުގައެވެ. އަދި މި މައްސަލައިގައި އިންސާފުވެރި ގޮތަކީ، އެ ފަދައިން މުޙައްމަދު ޝަރީފަށް ޢަމަލު ނުކުރެވޭނަމަ، ޝަރީޢަތް ކުރުމުގައި ބޭނުންކުރެވޭ އަގު ކުރުމާއި، ހުވައި ދިނުންފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޞަފޫރާ ނާފިޢު މޫސާއަށް ޢަދުލުވެރި ބަދަލެއް ކަނޑައަޅައި ދިނުންކަމުގައި އެ ރައުޔުގައި ފާހަގަ ކޮށްފައިވެއެވެ.
އިސްތިއުނާފީ ނުކުތާތައް
ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާތައް ތިރީގައި މިވަނީއެވެ.
ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޝަރީފަށް ލިބިފައިވާ ބަންޑާރަ ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ ޚަރަދުގައި ގެއެއް ޢިމާރާތް ކޮށްފައިވަނީ، ޢިމާރާތް ކުރުމަށް ފަހު އެ ގެ އާއި ގޯތި މުޙައްމަދު ޝަރީފު އާއި ޞަފޫރާ ނާފިޢު މޫސާއާ ދެ މީހުންގެ ނަމަށް ރަޖިސްޓްރީ ކުރުމަށް ދެ މީހުންމެ އެއްބަސްވެގެން ކަމުގައިވާއިރު، އެކަމަށާއި، މުޙައްމަދު ޝަރީފަށް ބަންޑާރަ ގޯތި ލިބިފައިވަނީ، މުޙައްމަދު ޝަރީފު ޞަފޫރާ ނާފިޢު މޫސާއާ ކާވެނި ކޮށްގެން ހުރުމުގެ ސަބަބުން ކަމުގައިވުމުން، އެ ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ މަސްލަހަތު ހިމެނިފައިވާއިރު އެކަމަށް ވެސް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މި މައްސަލަ ނިންމުމުގައި ހައިކޯޓުން އާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައްޔާއި، އެ މާއްދާއަކީ މި މައްސަލައިގެ މައުޟޫޢާ ގުޅުން ހުރި މާއްދާއެއް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، މި މައްސަލަ ދަށު ކޯޓުތަކުން ނިންމިއިރު، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވުމުގެ ސަބަބުން ޞަފޫރާ ނާފިޢު މޫސާއަށް މި މައްސަލައިގައި ބަދަލެއް ކަނޑައަޅައިދީފައިނުވާ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މި މައްސަލައިގެ މަހައްލަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފަރުވާއެއް ހޯދުން ކަމުގައިވާއިރު، ހައިކޯޓުން މައްސަލަ ނިންމުމުގައި އެ މާއްދާއަށް ރިޢާޔަތްކޮށް، ޞަފޫރާ ނާފިޢު މޫސާއަށް ފަރުވާއެއް ހޯދައިދީފައި ނުވާ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ހުށަހެޅުމަށް އެންގުމުން މުޙައްމަދު ޝަރީފްގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައި ނުވެއެވެ. އަދި އިސްތިއުނާފީ ނުކުތާތަކަށް ރައްދުދީ ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
ޞަފޫރާ ނާފިޢު މޫސާ އާއި، މުޙައްމަދު ޝަރީފްއާ ދެމެދު ކުރިން އޮތް ކައިވެނީގެ އަގުދު ފިޔަވައި އެހެން އެއްވެސް ކޮންޓްރެކްޓެއް އެ ދެ މީހުންގެ ދެމެދުގައި ނޯންނާނެ ކަމަށާއި، ޞަފޫރާ ނާފިޢު މޫސާ، މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ޢިމާރާތް ކުރުމަށް ކޮށްފައިވާ ޚަރަދަކީ ޞަފޫރާ ނާފިޢު މޫސާގެ ރުހުމުގައި ދެމަފިރިންގެ ދިރިއުޅުމަށް ކޮށްފައިވާ ޚަރަދެއްކަން. އަދި ވަރިވާ ފަހުން އަނބިމީހާ ކޮށްފައިވާ ޚަރަދުތައް ހޯދުމަށް ދަޢުވާ ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަން.
ކޮންޓްރެކްޓަކާ ޚިލާފުވެގެން ގެއްލުމުގެ ބަދަލެއް ނަގައިދެވޭނީ ޚިލާފުވި ކޮންޓްރެކްޓެއް އޮވެގެން ކަމަށާއި، މި މައްސަލައިގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރީ ވަކި ގޮތަކަށް އެއްބަސްވެގެން ނޫންކަމުގައިވާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތްކަން. އަދި ގެއްލުމުގެ ބަދަލަށް އެދޭއިރު، ގެއްލުންވި ގޮތާއި، އެކަމުގެ ތަފުސީލުތައް ހާމަވާންޖެހޭއިރު، މި މައްސަލައިގައި އެ ފަދަ ތަފުސީލެއް ނެތްކަން.
މުޙައްމަދު ޝަރީފްގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައި ނުވުމުގެ އިތުރަށް، މި މައްސަލައިގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން އާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ގުޅިގެން ފާހަގަ ކުރި އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާއާމެދު ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުދާރީވެ ވާހަކަ ދައްކާފައި ނުވެއެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާމެދު ދެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، އެންމެ ފުރަތަމަ އަހުރެން ގޮތެއް ކަނޑައަޅާނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ހަތަރުވަނަ ނުކުތާއާމެދުގައެވެ. މި ގޮތުން މި މައްސަލައިގައި އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާއި، ޞަފޫރާ ނާފިޢު މޫސާ އެދޭ ފަރުވާއަކީ މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، ކޯޓުން ފޯރުކޮށްދެވިދާނެ ފަރުވާއެއްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމާނަމެވެ.
އެއަށްފަހު، މި މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ހައިކޯޓުން ޚިލާފުވެފައިވާ ކަމުގައި ޞަފޫރާ ނާފިޢު މޫސާ ބުނާ ބުނުމާއި، މި މައްސަލައަށް އާއިލާއާބެހޭ ޤާނޫނު ތަޠުބީޤު ނުކުރެވޭނެ ކަމުގައި ޞަފޫރާ ނާފިޢު މޫސާ ހުށަހަޅާފައިވާ ކަންކަމާމެދު ގޮތެއް ކަނޑައަޅަން ގަސްދުކުރަމެވެ.
ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްތަ؟
މިތަނުގައި މި އިޝާރާތް ކުރަނީ ގޯތީގައި ޢިމާރާތް ކުރުމާބެހޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމަށެވެ. ޞަފޫރާ ނާފިޢު މޫސާ ބުނާ ގޮތުން އޭނާ މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ޢިމާރާތް ކުރުމަށް ޚަރަދު ކުރީ، ޢިމާރާތް ކުރުމަށް ފަހު ގޯއްޗާއި ޢިމާރާތް ދެ މީހުންގެ ނަމަށް ބަދަލު ކުރުމަށް މުޙައްމަދު ޝަރީފްވި އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށެވެ. އަދި މިއީ އަނގަބަހުން ވި އެއްބަސްވުމެއް ކަމުގައި ވެސް ޞަފޫރާ ނާފިޢު މޫސާ ބުނެފައިވެއެވެ.
ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމާ ގުޅިގެން ބަހުސް ކުރުމަށްފަހު ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމަށް މުހައްމަދު ޝަރީފް އިންކާރު ކުރާކަމުގައެވެ. އަދި މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަން ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނީ ޞަފޫރާ ނާފިޢު މޫސާ ކަމުގައްޔާއި، ދެމަފިރިން ދިރިއުޅުމުގެ ކަންކަމާމެދު ވަކި ގޮތްތަކެއް ކަނޑައަޅައި ކައިވެނި ކުރެވޭއިރު، ނުވަތަ އޭގެ ފަހުން ވެސް އެއްބަސްވުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ވެސް އެކަމަށް ހުރަހެއް އޮތްކަމެއް ކަމުގައި ނުވާއިރު، މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އެފަދަ އެއްބަސްވުމެއް ވެފައިވާކަން އެނގެން ނެތްކަމުގައި ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.
އެއްބަސްވުމަކީ ނުވަތަ ކޮންޓްރެކްޓަކީ ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. މި މޭރުމުން ބަލާއިރު، މުޢާމަލާތަކާ ގުޅިގެން ކޮންޓެކްޓެއް އޮތްކަން ނުވަތަ ނޫންކަން ސާފުކޮށް އެނގެން ނެތްނަމަ، މުޢާމަލާތުގެ މައިގަނޑު ކަންކަމަށް ދެ ފަރާތުން އެއްބަސްވެ، އެއް ވިސްނުމެއްގައި މުޢާމަލާތު ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާކަމުގެ މައްޗަށް ހެކި ހުރެއްޖެނަމަ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނުވަތަ ކޮންޓްރެކްޓެއް އޮތް ކަމުގައި ބެލެވޭނެއެވެ. މިފަދައިން ބެލުމުގައި މައްސަލައިގައި ލިބިފައިވާ ހެކިތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވެންޖެހޭނެއެވެ. މިއީ ލިޔުމުން އެއްބަސްވުމެއް ނެތް ހާލަތްތަކުގައި ޚުޞޫމަތާ ގުޅޭ އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ މަރްޔަމް ޢަލީ ވ. އަޙްމަދު ނަދީމް މައްސަލަ އާއި، މުޙައްމަދު އަނީސް ވ. މުޙައްމަދު ޝަވީދު މައްސަލައިގައި ނަގަހައްޓާފައިވާ އުސޫލެވެ.
އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ޚިލާފު އޮތް ވާޤިޢާއަކީ މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކޮށްފައިވަނީ ޢިމާރާތް ކޮށް ނިމުމުން ގޯއްޗާއި ޢިމާރާތް ދެ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް މުޙައްމަދު ޝަރީފް އެއްބަސްވިކަން ނުވަތަ ނޫންކަމާމެދު ސާފުވާންޖެހޭ ވާޤިޢާއެވެ.
ހައިކޯޓުން ފާހަގަކޮށްފައިވަނީ އަދި މުޙައްމަދު ޝަރީފްގެ ފަރާތުން މި ކޯޓުގައި ފާހަގަ ކޮށްފައިވަނީ ކުރިން އިޝާރާތް ކުރިގޮތަށް މުޙައްމަދު ޝަރީފް އެއްބަސްވެފައި ނުވާނެ ކަމުގައެވެ. މި ނުކުތާއާ ގުޅިގެން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މަޙްޟަރު ބަޔާންތަކަށް ރުޖޫޢަވާއިރު، މުޙައްމަދު ޝަރީފް ކޮށްފައިވާ އިންކާރު ސާފެއް ނޫނެވެ. ދަޢުވާއަށް އިންކާރު ކުރާ ވާހަކަ ބުނުމަށްފަހު މުޙައްމަދު ޝަރީފް ބުނެފައިވަނީ،
"މިހެން އަޅުގަނޑު މި ދެންނެވީ އެއީ އަޅުގަނޑާއި ޞަފޫރާ ނާފިޢު މޫސާއާ ކާވެނިކޮށްގެން ވަކި މުއްދަތެއްގެ ތެރޭގައި ދިރިއުޅުމަށް ފަހު އެ ދިރިއުޅުމުން އޭނަ ބޭނުންވެގެން ދާދިއުމެއްގައި ދާދުވަހަކުން ދެ މީހުން އެކުގައި ކޮށްފައިވާ މަސައްކަތަކުން އޭނާކޮށްފައިވާ މަސައްކަތުގެ ބަދަލު އޭނާއަށް ދިނުމަށް ވެފައިވާ އެއްވެސް އެއްބަސްވުމެއް ނޯންނާނެއެވެ. އަދި ހެދިފައިވާ އެއްވެސް އެގްރިމެންޓެއް ނޯންނާނެއެވެ."
މި ފަދައިންނެވެ.
މުޙައްމަދު ޝަރީފްގެ މި ވާހަކަތަކުން ދަޢުވާގައި އިޝާރާތް ކޮށްފައިވާ، "ދެމަފިރިން ޚަރަދު ކޮށްގެން ގެއެއް ޢިމާރާތް ކުރުމަށްފަހު، އެ ގޯތީގެ ގޯއްޗާއި، ޢިމާރާތް ދެ މީހުންގެ ނަމަށް ރަޖިސްޓްރީ ކުރުމަށް" މުޙައްމަދު ޝަރީފް އެއްބަސްވިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. މުޙައްމަދު ޝަރީފްގެ ބަޔާނުގައި ސާފުކޮށް ބުނެފައިވަނީ ދެ މީހުން ވަރިވެގެންދާއިރު، އެކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ޞަފޫރާ ނާފިޢު މޫސާ ކުރި މަސައްކަތުގެ ބަދަލު ދިނުމަށް އެއްބަސްވެފައި ނެތް ވާހަކައެވެ. އަދި "ހެދިފައިވާ އެއްވެސް އެގްރިމެންޓެއް ނޯންނާނެ" ކަމުގައި އެ އިޝާރާތް ކުރަނީ ވަރިވުމަށް ފަހު މުދަލާމެދު ޢަމަލު ކުރާނެ ގޮތް ބަޔާންކޮށް ލިޔުމުން ވެފައިވާ އެއްބަސްވުމަކަށް ކަން ނުވަތަ ޖުމުލަކޮށް އެއްވެސް ކަހަލަ އެއްބަސްވުމެއް ދެ ފަރާތުގެ ދެމެގައި ނެތްކަމަށް ކަން ސާފެއް ނޫނެވެ.
ބަހުސްގެ ބޭނުމަށް މުޙައްމަދު ޝަރީފް "ހެދިފައިވާ އެއްވެސް އެގްރިމެންޓެއް ނޯންނާނެކަމަށް" އެ އިޝާރާތް ކުރަނީ ޢިމާރާތް ކުރުމަށްފަހު ޢިމާރާތާއި ގޯތި ދެ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް ވެފައިވާ އެއްބަސްވުމެއް ކަމުގައި ބަލައިގެން ކުރިއަށް ދާއިރު، ޢިމާރާތް ކުރުމަށްޓަކައި ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމަށް މުޙައްމަދު ޝަރީފް އެއްބަސްވެއެވެ. މި އެއްބަސްވުމުން ޞަފޫރާ ނާފިޢު މޫސާ ހުށަހެޅި ހުށަހެޅުން މުޙައްމަދު ޝަރީފް ޤަބޫލު ކުރިކަމާމެދު ސާފު ޖަވާބެއް ނުލިބުނު ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް ޞަފޫރާ ނާފިޢު މޫސާ ފައިސާ ޚަރަދު ކުރިކަމާއި، އެ ޚަރަދު ކުރި ފައިސާގެ ބޭނުންކޮށް ޢިމާރާތް ކޮށްފައިވާކަން ނުވަތަ ދެފަރާތުގެ ދެމެދުގައި މުޤާބިލު ބަދަލު ކުރެވިފައިވާކަން އެނގެއެވެ.
އަދި މުޙައްމަދު ޝަރީފްގެ ނަމުގައި ބޭންކުން ނަގާފައިވާ ލޯނަކަށް ޞަފޫރާ ނާފިޢު މޫސާ ފައިސާ ދައްކާފައިވުމާއި، އެކިއެކި ޚަރަދުތައް ކޮށްފައިވާނެ ކަމަށް ބުނެ ޞަފޫރާ މޫސާ ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެމުން އެ ލޯނަށް ޞަފޫރާ ނާފިޢު މޫސާ ފައިސާ ދެއްކިވަރެއް ގާތްގަނޑަކަށް ވެސް ބުނާކަށް ނޭނގޭ ކަމަށް މުޙައްމަދު ޝަރީފް ބުނެފައިވެއެވެ. އަދި ޖުމުލަކޮށް ދެމަފިރިން ކޮށްފައިވާ ޚަރަދުތަކަށް އިޝާރާތްކޮށް، އެ ހުރިހާ ޚަރަދުތަކަކީ ލިޔެކިޔުމުން އޭނާއަށް އަނބުރާ ދައްކާގޮތަށް ކުރި ޚަރަދެއް ނޫން" ކަމަށް މުޙައްމަދު ޝަރީފް ބުނެފައިވެއެވެ.
އިތުރަށް ދެ މީހުންގެ ނަމަށް ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ ބަދަލު ކުރުމާމެދު މުޙައްމަދު ޝަރީފް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، "ބޭންކްގައި މޯގޭޖް ކޮށްފަ އޮންނަ ގެއެއް އެހެން ފަރާތަކަށް ރަޖިސްޓްރީ ބަދަލު ކުރެވެން ނޯންނާނެކަން" ޞަފޫރާ ނާފިޢު މޫސާއަށް އެނގޭނެ ކަމަށް ބުނެފައިވެއެވެ. އަދި ދެ މީހުންގެ ދަރިންގެ ނަމުގައި ގޯއްޗާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާމެދު "އަޅުގަނޑުގެ ގެއިން އަދި އަޅުގަނޑުގެ މުދަލުން އަޅުގަނޑުގެ ދަރިންނަށް ނުވާގޮތެއް ނުހަދާނެ" ކަމަށް ބުނެފައިވެއެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހެކިންގެ ހެކިބަހަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ޢިމާރާތް ކުރުމަށާއި، އެކިކަންކަމުގެ ޚަރަދުބަރަދު ހަމަޖެއްސުމާ ދެމެދު ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފް އާ ދެމެދު ވާހަކަތަކެއް ދެކެވިފައިވީ ނަމަވެސް، މައްސަލައިގައި ސާފުވެފައިވާ ވާޤިޢާތަކުން ޞަފޫރާ ނާފިޢު މޫސާ ބުނާ ފަދައިން މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ޢިމާރާތް ކުރުމަށްފަހު، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ދެ މީހުންގެ ނަމަށް ބަދަލު ކުރުމަށް މުޙައްމަދު ޝަރީފް އެއްބަސްވިކަމަށް ބާރުލިބޭނެ ހެއްކެއް ނެތެވެ. އެހެންކަމުން މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތްކަމަށް ނުފެނެއެވެ. އަދި އެއްބަސްވުމެއް ނެތްކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި ދެކެމެވެ.
ސުވާލަކީ، މި ފަދަ އެއްބަސްވުމެއް ނެތް ހާލަތުގައި، ޞަފޫރާ ނާފިޢު މޫސާ ކޮށްފައިވާ ޚަރަދު އަނބުރާ ޞަފޫރާ ނާފިޢު މޫސާއަށް ޝަރީއަތުން ނަގައިދެވޭނެ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ހޯދުމުގެ ކުރިން މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ މަސްލަހަތެއް އޮތްކަން ނުވަތަ ނޫންކަމާމެދު ދެތިން ކަމެއް ފާހަގަ ކޮށްލަން ގަސްދުކުރަމެވެ.
ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ މަޞްލަޙަތު ހިމެނިފައިވޭބާ؟
އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޞަފޫރާ ނާފިޢު މޫސާ ބުނާ ގޮތުން މުޙައްމަދު ޝަރީފަށް މި މައްސަލައިގައި ވާހަކަ ދެކެވޭ ގޯތި ލިބުމުގެ މައިގަނޑު އަސްލަކީ އެ ދެ މީހުން ކައިވެނި ކޮށްގެން ތިބުމެވެ. މިކަން އޭނާ ހައިކޯޓުގައި ފާހަގަ ކުރިކަމުގައެވެ. އަދި މިކަން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައިވެސް ފާހަގަ ކޮށްފައިވާނެ ކަމުގައެވެ. ކަންމިހެން އޮތް ނަމަވެސް، ދަށު މަރުޙަލާގެ ކޯޓުތަކުން މިކަމަށް ރިޢާޔަތް ކޮށްފައި ނުވާ ކަމުގައެވެ.
ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ މަޞްލަޙަތެއް ހިމެނޭކަމަށް އޭނާގެ ފަރާތުން ބުނާ ބުނުމާމެދު ވަކި ގޮތެއް ކަނޑައަޅާފައި ނުވެއެވެ. މި ގޮތަށް ހައިކޯޓުން ނިންމާފައިވާ ސަބަބެއް ކަމުގައި ޤަބޫލު ކުރެވެނީ މިއީ އިސްތިއުނާފީ ވަކި ނުކުތާއެއްގެ ތެރޭގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައިނުވާ ކަމެއް ކަމުގައިވުމެވެ. މި ޚުޞޫމާަތުގެ ފެށިގެން އައިގޮތް ބަޔާންކޮށް ދިނުމުގެ ތެރޭގައި ގޯތި ލިބުނު ގޮތް ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ބަޔާންކޮށްދީފައި ވީނަމަވެސް، އިސްތިއުނާފީ ނުކުތާއެއްގައި މި މަސްލަހަތު ވަކިން ފާހަގަކޮށް، މި މަސްލަހަތަށް ރިޢާޔަތް ކޮށްދިނުމަށް އެދި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން އެ ކޯޓުގައި އެދިފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ.
ދެ މަރުޙަލާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތަކަށް ބަލާއިރު، މުޙައްމަދު ޝަރީފަށް ގޯތި ލިބުމުގައި ޞަފޫރާ ނާފިޢު މޫސާއާ ކައިވެނި ކޮށްގެން ހުރުމުގެ ސަބަބުން ގޯތި ލިބުމުގައި މުޙައްމަދު ޝަރީފަށް ޕޮއިންޓްތަކެއް ލިބިފައިވާކަން އެނގެއެވެ. އަދި ގޯތި ދޫކޮށްފައިވަނީ ޞަފޫރާ ނާފިޢު މޫސާ ބުނަމުން އަންނަ ގޮތަށް، ދެމަފިރިންގެ ތެރެއިން އެކަކަށްކަން ގޯތި ދޫކުރުމަށް 29 މާރޗް 2006 ގައި ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހުން ކޮށްފައިވާ އިޢުލާނުން ސާފުކޮށް އެނގެއެވެ.
ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ މަސްލަހަތު ހިމެނިފައިވުމާމެދު މުޙައްމަދު ޝަރީފްގެ ފަރާތުން އިންކާރެއް ނުކުރެއެވެ. މިކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ޝަރީފްގެ ފަރާތުން ބުނެފައިވަނީ އެ ގޯތި ލިބުނުއިރު ކައިވެނީގެ ބަޔަށް މުޙައްމަދު ޝަރީފަށް ޕޮއިންޓް ލިބިފައިވަނީ އޭނާ ޞަފޫރާ ނާފިޢު މޫސާއާ ކައިވެނި ކޮށްގެން ހުރުމުން ކަމުގައެވެ. ނަމަވެސް، ކައިވެނި ނުކޮށް ހުރި ނަމަވެސް މުހައްމަދު ޝަރީފަށް ގޯތި ލިބުނީސް ކަމުގައެވެ.
މި ނުކުތާއަށް ބަލާއިރު، ހައިކޯޓުގެ ނިންމުމާމެދު ގޮތެއް ނިންމާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެން ނަމަވެސް، މި ނުކުތާއަކީ، މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތް ކުރުން މުހިންމު ކަމެއް ކަމުގައިވާތީ މި ނުކުތާއާމެދު ދެކޭގޮތް ބަޔާންކުރުމުގެ ބޭނުންތެރިކަމެއް މި މައްސަލައިގައި އޮތްކަމުގައި ދެކެމެވެ.
ކަންމިހެން އޮތުމުން، ދެ ފަރާތުގެ ވާހަކަތަކަށް ބަލާއިރު، މުޙައްމަދު ޝަރީފަށް ލިބުނު ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ މަސްލަހަތެއް ހިމެނޭ ކަމާމެދު ދެ ފަރާތުގެ ދެމެދުގައި ޚުޞޫމަތެއް ނެތެވެ. އަދި ދެމަފިރިންގެ ތެރެއިން އެކަކަށް ގޯއްޗަށް ޝަރުޠު ފުރިހަމަވުމުގެ އުސޫލުން ލިބިފައިވާ ގޯއްޗެއް ކަމުގައިވާއިރު، މުޙައްމަދު ޝަރީފަށް އެ ގޯތި ލިބުނު ހިސާބުން ފެށިގެން، އެ ގޯތީގައި ޞަފޫރާ ނާފިޢު މޫސާގެ މައްސަލަހަތު އުފަންވާނެ ކަމުގައި ދެކެމެވެ.
ހޯދަން އެދުނު ފަރުވާ
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ކޯޓުގައި ޞަފޫރާ ނާފިޢު މޫސާ ހޯދުމަށް އެދިފައިވަނީ ޢިމާރާތް ކުރުމަށް އޭނާ ކުރި ޚަރަދެވެ. މި ޚަރަދު ހޯދުމަށް ޞަފޫރާ ނާފިޢު މޫސާ އެދިފައިވަނީ، ގޯތީގައި ޢިމާރާތް ކުރުމަށްފަހު ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފާ ދެ މީހުންގެ ނަމުގައި ގޯއްޗާއި ޢިމާރާތް ރަޖިސްޓްރީ ކުރުމަށް އެއްބަސްވި ނަމަވެސް، މުޙައްމަދު ޝަރީފްގެ ނަމުގައި އެކަނި ގޯއްޗާއި ޢިމާރާތް ރަޖިސްޓްރީ ކޮށްފައި ވަނިކޮށް ދެމަފިރިން ވަރިވާން ޖެހުމުންކަން އެނގެއެވެ. އަދި މި ހާލަތަށް އައުމުން ދެ މީހުންނަށް ލިބިފައިވާ ދެ ދަރިންނަށް ގެއިން ބައެއް ދިނުމަށް ޞަފޫރާ ނާފިޢު މޫސާ މުޙައްމަދު ޝަރީފްގެ ކިބައިން އެދުމުން އެކަމަށް އިންކާރު ކުރުމުންކަން ވެސް ދަޢުވާ ފޯމުން އެނގެއެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ފާހަގަކޮށް، "ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެ" ކަމަށް އެ މާއްދާގައި އޮންނަ އޮތުން ފާހަގަ ކޮށްފައިވެއެވެ. އަދި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލައިގައި ފަރުވާ އަކަށް އެދިފައިވަނީ މި މާއްދާގެ ދަށުން ކަމުގައިވީ ނަމަވެސް މި މާއްދާއަށް އެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމުގައި ބުނެފައިވެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައިނުވާ ކަމުގައި ބުނެ ހައިކޯޓުގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ފާހަގަ ކުރި ނުކުތާ އިސްތިއުނާފީ 04 ވަނަ ނުކުތާގެ ގޮތުގައި މި ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މި ނުކުތާގެ ތަފުސީލުގައި މުޙައްމަދު ޝަރީފް އަށް ލިބުނު ގޯތީގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރި ކަމަށް މުޙައްމަދު ޝަރީފް އެއްބަސްވާއިރު، އެ ޚަރަދު އަނބުރާ ލިބެންޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމުގައި ބުނެފައިވެއެވެ. އަދި މި ފަދައިން ޚަރަދު ނަގައި ދިނުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ކުއަންޓަމް މެރިއުޓް (Quantum Meruit) ގެ އުސޫލުން ކުރި މަސައްކަތަށް ލިބުން ހައްގު ފައިސާ ނަގައިދިނުމުގެ އުސޫލާއި، ކުރި މަސައްކަތާއި ހޭދަކުރި މުދަލަށް ޚަރަދު ކޮށްފައިވާ ކުރުމަށް ބަލައި ފައިސާ ނަގައިދީފައިވާއިރު، މި މައްސަލައިގައި މިފަދަ އުސޫލަކުން ވިޔަސް ޞަފޫރާ ނާފިޢު މޫސާއަށް އޭނާ ކުރި ޚަރަދު ލިބިދީފައި ނުވާ ކަމުގައި ބުނެފައިވެއެވެ.
މި ނުކުތާގެ ރައްދުގައި މުޙައްމަދު ޝަރީފްގެ ފަރާތުން ޖުމުލަކޮށް ބުނެފައިވަނީ، ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދުތަކަކީ އެ ދެމަފިރިން ކައިވެނި މަތީގައި ތިބިއިރު، ދެމަފިރިންގެ ދިރުއުޅުމަށް ކޮށްފައިވާ ޚަރަދު ތަކެއް ކަމުގައްޔާއި،ޞަފޫރާ ނާފިޢު މޫސާ ޢިމާރާތް ކުރުމަށް ކުރި ޚަރަދަކީ އަނބުރާ ދޭންޖެހޭ ޚަރަދެއް ނޫންކަމުގައްޔާއި، އެ ފަދަ އެއްބަސްވުމެއް ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފާ ދެމެދު ނެތް ކަމުގައެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަކީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތުމުގެ ސަބަބުން 23 ވަނަ މާއްދާގެ ދަށުން ޞަފޫރާ ނާފިޢު މޫސާ ނަގައިދިނުމަށް އެދިފައިވާ ފަދަ ބަދަލެއް ޝަރީޢަތުން ނަގައިދޭނެ ތަނެއް ނެތް ކަމުގައެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންވެފައިވާ ބަދަލަކީ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމުގެ ބަދަލެވެ. މި ބަދަލުގެ އިތުރު ތަފުސީލު އެ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާއި 02 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. މި މާއްދާ ޝަރަޙަ ކުރަމުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ޢިބާރާތެވެ.
"ގެއްލުމުގެ ބަދަލަކީ ޝަރީޢަތުގައި ކަންކަން ސާބިތުކުރުމަށް އޮންނަ ހަމަތަކުގެ މަތިން، އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވިކަމާއި، އެ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއްވި ކަމާއި، އެ ގެއްލުންވުމުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ހިއްސާވާ މިންވަރަކީ ކޮބައިކަމާއި، ގެއްލުން ކުޑަކުރުމަށް މަސައްކަތެއް ކުރިނަމަ އެ މަސައްކަތަކީ ކޮބައިކަމާއި، ގެއްލުމުގެ ބަދަލުގައި އެދޭ މިންވަރާއި، އެއްބަސްވުމުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު ހިމެނިފައިވާ އުސޫލު ފަދަ، އެ ގެއްލުމަކާ ގުޅިގެން ޝަރީޢަތަށް ސާބިތުވާންޖެހޭ އަދި ރިޢާޔަތް ކުރަންޖެހޭ އެންމެހައި ކަންކަން ޝަރީޢަތަށް ސާބިތުވެ، އެކަންކަމަށް ރިޢާޔަތް ކުރެވިގެން މެނުވީ ކަނޑައެޅޭނެ އެއްޗެއް ނޫނެވެ."
މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، ޞަފޫރާ ނާފިޢު މޫސާ ހޯދުމަށް އެދޭ ފަރުވާއަކީ އޭނާ ކުރި ޚަރަދު އަނބުރާ ހޯދުންކަން ސާފުކޮށް އެނގެއެވެ. އަދި ހައިކޯޓާއި ސުޕްރީމް ކޯޓުގައި ޞަފޫރާ ނާފިޢު މޫސާ އެދޭ ފަރުވާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެދޭ ފަރުވާއެއް ކަމުގައި ބުނި ނަމަވެސް، މި މައްސަލައިގައި ވާހަކަ ދެކެވޭ ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ކުރިކަމަށް ބުނާ ޚަރަދަކީ، ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފްއާ ދެ މީހުންގެ ދެމެދުގައި އޮތް އެއްބަސްވުމަކާ މުޙައްމަދު ޝަރީފް ޚިލާފުވުމުގެ ސަބަބުން ޞަފޫރާ ނާފިޢު މޫސާއަށް ލިބުނު ގެއްލުމުގެ ބަދަލެއް ނޫނެވެ. ޞަފޫރާ ނާފިޢު މޫސާ ބުނާގޮތުން އެއީ ޢިމާރާތް ކުރުމަށްފަހު، ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ ދެ މީހުންގެ ނަމަށް ބަދަލު ކުރުމަށް ދެ ފަރާތުން ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޞަފޫރާ ނާފިޢު މޫސާ ކޮށްފައިވާ ޚަރަދުތަކެކެވެ. އަދި ދެ ފަރާތުން އެއްބަސްވި ގޮތަށް މުޢާމަލާތް ނިމޭނީ ދެ މީހުންގެ ނަމަށް، ގޯއްޗާއި ޢިމާރާތް، ރަޖިސްޓްރީވާ ހިސާބުންނެވެ. ނަމަވެސް، ޞަފޫރާ ނާފިޢު މޫސާ ދަޢުވާ އުފުލާފައިވަނީ އެ ހިސާބަށް ދެވުމުގެ ކުރިން ދެ މީހުން ވަރިވުމުގެ ސަބަބުން އެހައިތަނަށް ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދުތައް ހޯދުމަށްކަން ޞަފޫރާ ނާފިޢު މޫސާ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ ދަޢުވާއިން ސާފުކޮށް އެނގެއެވެ.
ކުރި ޚަރަދު ނަގައިދިނުން
އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ޚަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ޙައްޤު މިންވަރު ނަގައި ދިނުމުގައި ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުމަކީ ލާޒިމު ކަމެއް ނޫނެވެ. މި ހާލަތުގައި ލާޒިމުވަނީ އެ ޚަރަދު ކުރިކަން ޝަރީޢަތަށް ސާބިތުވުމެވެ. އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް މަންފާއެއް ލިބިފައިވުމެވެ. އަދި މި ޚަރަދު އަނބުރާ ނުލިބިއްޖެނަމަ، އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ނުހައްގު މަންފާއެއް ލިބިގެން ދިއުމެވެ.
މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތުމަކީ، ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދު އޭނާއަށް ޝަރީޢަތުން ނަގައިދިނުމަށް އޮތް ހުރަހެއް ނޫނެވެ. އަދި ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމާމެދު މި މައްސަލައިގައި ޝަރުޢީ އެއްވެސް މަރުޙަލާއެއްގައި ޚުޞޫމަތެއް ނެތެވެ. ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމަށް މުޙައްމަދު ޝަރީފް އެއްބަސްވެއެވެ. ޚުޞޫމަތެއް އޮތީ، ކުރި ޚަރަދުގެ މިންވަރާ މެދުގައެވެ. ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދުތަކަކީ، ތަބައްރުޢުގެ އުސޫލުން އެއިގެ ބަދަލަކަށް ބޭނުންވުމެއް ނެތި ކޮށްފައިވާ ޚަރަދުތަކެއް ނަމަ، އެ ހާލަތުގައި މުޙައްމަދު ޝަރީފަށް ލިބިގެންދަނީ ނުޙައްޤު މުއްސަނދިކަމެކެވެ.
ކަންމިހެން އޮތުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ހަވާލާދީ ޞަފޫރާ ނާފިޢު މޫސާ ހޯދުމަށް އެދޭ ފައިސާއަކީ، ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފާ ދެމެދު އެއްބަސްވުމެއް ނެތުމުގެ ސަބަބުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.
ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދަކީ ތަބައްރުޢެއްތަ؟އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޖުމުލަ ގޮތެއްގައި، ޢިމާރާތް ކުރުމަށްޓަކައި ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމަށާއި، އެ ކުރި ޚަރަދަކީ، އަނބުރާ ރައްދު ކުރާ ގޮތަށް ކުރި ޚަރަދެއް ނޫންކަމުގައި މުޙައްމަދު ޝަރީފްގެ ފަރާތުން ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި އެ ޚަރަދަކީ ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފާ ދެ މީހުން ކައިވެނި މަތީގައި ތިބިއިރު ދެމަފިރިންގެ ދިރިއުޅުމަށް ޞަފޫރާ ނާފިޢު މޫސާ ކޮށްފައިވާ ޚަރަދެއް ކަމުގައި މުޙައްމަދު ޝަރީފްގެ ފަރާތުން ޝަރުޢީ ހުރިހާ މަރުޙަލާއެއްގައި ބުނެއެވެ. މިއީ، އެ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭނެ ފައިސާއެއްކަމުގައި ބުނެ މުޙައްމަދު ޝަރީފްގެ ފަރާތުން ދައްކާ އެންމެ ވަރުގަދަ ހުއްޖަތެވެ. މިފަދައިން އަނބިމީހާ ކޮށްފައިވާ ޚަރަދުތައް ވަރިވާ ފަހުން އަނބުރާ ދައްކަން ޖެހިއްޖެނަމަ، ބޮޑެތި ޢަދަދުތައް ހޯދުމަށް ދަޢުވާ ކުރާނެ ކަމުގައްޔާއި، އެކަމަކީ ވަރަށް ބޮޑު ބޭއިންސާފަކަށް ވެގެންދާނެ ކަމެއް ކަމުގައި މުޙައްމަދު ޝަރީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ޞަފޫރާ ނާފިޢު މޫސާ ކޮށްފައިވާ ޚަރަދަކީ ތަބައްރުޢެއް ނޫންކަމުގައްޔާއި، އެ ޚަރަދަކީ މި މައްސަލަ ފެށުނުއިރު ވަކި ގޮތަކަށް އެއްބަސްވެގެން ކޮށްފައިވާ ޚަރަދުތަކެއް ކަމުގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ބުނެފައިވެއެވެ. އަދި ޝަރުޢީ އުސޫލުން ބަލާއިރު ވެސް، އަނބިމީހާއަށް ޚަރަދު ކުރުމާއި، އަނބިމީހާ އުޅޭނެތަނެއް ދެއްކުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ބުނެފައިވެއެވެ. އަދި ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދަކީ ތަބައްރުޢެއް ނަމަ އެކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ މުޙައްމަދު ޝަރީފު ކަމުގައިވާއިރު، އެ ފަރާތުން އެ ބުރަ އުފުލައި އެ ޚަރަދަކީ ތަބައްރުޢުގެ އުސޫލުން އަނބުރާ ދައްކަން ނުޖެހޭ ޚަރަދެއްކަން ސާބިތު ކޮށްދީފައި ނުވާކަން ވެސް ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
ތަބައްރުޢުގެ އުޞޫލުމުދާ ހޯދުމާއި، މުދަލުން މުޢާމަލާތް ކުރުމަކީ ޝަރުޢީ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ލިބިފައިވާ ޙައްޤެކެވެ. ކައިވެނި ކުރުމަކީ، މުދަލާ ގުޅިފައިވާ މި އިޝާރާތްކުރި ޙައްޤުތަކަށް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ. ތިލަކޮށް ބުނާނަމަ، ކައިވެނި މަތީގައިވާ ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މުދާ ހޯދައި، މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ކައިވެނި މަތީގައިވާ ދެމަފިރިންގެ ވަކިވަކި މުދަލަކީ، ކައިވެނި ކުރުމުގެ ސަބަބުން އަނެކާގެ މުދަލަށް ނުވަތަ މުދަލުގެ މިލްކުވެރިކަމުގައި ދެމަފިރިން ޝާމިލުވާނެ މުދަލެއް ނޫނެވެ.
މުދަލެއްގެ މިލްކުވެރިކަން ވަކި ގޮތަކަށް އޮތްކަން ސާބިތުވެފައި، އެ މިލްކުވެރިކަން އެހެން ފަރާތަކަށް ނަގުލުވެފައިވާކަމަށް، ނުވަތަ މިލްކުވެރިކަމުގައި އެހެން ފަރާތެއް ހިމެނޭކަމަށް ވަކި ފަރާތަކުން ބުނާ ނަމަ، އެކަމެއް އެ ފަރާތަކުން ސާބިތު ކޮށްދޭން ޖެހޭނެއެވެ. އެހެނީ، ސާބިތުވެފައިވާ ކަމެއް އޭގެ އިދިކޮޅު ސާބިތުނުވާހައި ހިނދަކު އެ ގޮތުގައި ދެމި އޮންނާނެއެވެ. މި އުސޫލުން އެހެން މީހެއްގެ މުދަލެއް ލިބުމަށްފަހު، އެ މުދަލެއް ލިބިފައިވަނީ މުދަލުގެ ބަދަލުގައި އެއިގެ ވެރިފަރާތަށް އެއްޗެއް ދިނުމެއްނެތި، ހަދިޔާއެއްގެ ގޮތުގައި ކަމަށް، އެ މުދާ ލިބުނު ފަރާތުން ބުނާނަމަ، އެކަން އެ މީހަކު ސާބިތު ކޮށްދޭން ޖެހޭނެއެވެ. މިއީ ސުޕްރީމް ކޯޓުގެ ޢަލީ ޝަރީފް ވ. އުއްމުސަލްމާ މައްސަލައިގައި ބަޔާންވެފައިވާ އުސޫލެކެވެ.
މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މުޙައްމަދު ޝަރީފަށް ލިބިފައިވާ ގޯތީގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދުތަކަކީ، ތަބައްރުޢުގެ އުސޫލުން އެއިގެ އެއްވެސް ބަދަލަކަށް އެދުމެއް ނެތި، ދެމަފިރިންގެ ދިރިއުޅުމަށްޓަކައި އަނބުރާ ދޭން ނުޖެހޭ ގޮތަށް ކޮށްފައިވާ ޚަރަދެއް ކަމުގައި މުޙައްމަދު ޝަރީފްގެ ފަރާތުން ތަކުރާރުކޮށްފައިވެއެވެ. މި ފަދައިން ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކޮށްފައިވަނީ، މުޙައްމަދު ޝަރީފްގެ ފަރާތުން ބަދަލެއް، މުޤާބިލެއް ބޭނުންވުމެއް ނެތި، ތަބައްރުޢުގެ އުސޫލުން ކަމުގައި މުޙައްމަދު ޝަރީފްގެ ފަރާތުން މި ބުނާ ބުނުން މުޙައްމަދު ޝަރީފްގެ ފަރާތުން ސާބިތު ކޮށްދޭންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ. އަދި މި މައްސަލައިގައި އެފަދައިން ބުނާ ބުނުން ފިޔަވައި އެކަމަށް ބާރުލިބޭ ހެއްކެއް މުޙައްމަދު ޝަރީފްގެ ފަރާތުން ހުށަހަޅާފައިނުވެއެވެ.
ކުރިމަތިކުރާ ދަފްޢު ސާބިތު ކުރުންމީގެ އިތުރުން މި މައްސަލައަށް ބަލާއިރު، ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމަށް މުޙައްމަދު ޝަރީފް އެއްބަސްވުމަށް ފަހު، މުޙައްމަދު ޝަރީފް ވެސް ޚަރަދު ކުރިކަމުގައި ބުނެފައިވެއެވެ. ކަން މިހެން އޮތުމުން މައްސަލައިގައި ސާފުނުވެ އޮތްކަމަކީ، ދެ ފަރާތުން ކުރި ޚަރަދުގެ މިންވަރުކަން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުން ސާފުވެއެވެ.
ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ ދަޢުވާ ސާބިތު ކުރުމުގެ ބުރައަކީ ޢާންމު އުސޫލުން އަބަދުވެސް އެ ދަޢުވާ ކުރާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. މި ބުރަ އުފުލުމުގައި މައިގަނޑު ދެ ބުރައެއް ދަޢުވާ ކުރާ ފަރާތުން އުފުލަންޖެހެއެވެ. ފުރަތަމަ ބުރައަކީ، ދަޢުވާ ނުވަތަ ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތު ކޮށްދިނުމަށް ހެކި ހުށަހެޅުމުގެ ބުރަ (burden of production) އުފުލުމެވެ. ދެވަނަ ބުރައަކީ ހުށަހަޅާފައިވާ ހެއްކަކީ އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު އެ ދަޢުވާ ނުވަތަ އެ ދަފްޢު ޘާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ހެދުމުގެ( burden of persuasion) ބުރައެވެ. މިއީ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ބަޔާންވެފައިވާ އުސޫލުތަކެވެ.
ދަޢުވާލިބޭ ފަރާތުން އުފުލަންޖެހޭ ބުރައަށް ބަލާއިރު، ދަޢުވާގެ ދިފާޢުގައި ދަޢުވާލިބޭ ފަރާތުން ކުރިމަތިކުރާ ދަފްޢުތަކަކީ ދަޢުވާ ލިބޭ ފަރާތުން ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭ ދަފްޢުތަކެކެވެ. މިއީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިން ފެށިގެން ގިނަ ނިންމުންތަކެއްގައި ސުޕްރީމް ކޯޓުން ނަގަހައްޓާފައިވާ އުސޫލެކެވެ.
ސުވާލަކީ މި މައްސަލައިގައި ހައިކޯޓުގެ އަގައްލިއްޔަ ރައުޔުގައި ފާހަގަ ކޮށްފައިވާ ފަދައިން، ޞަފޫރާ ނާފިޢު މޫސާ ހުށަހެޅި ދަޢުވާ އޭނާއަށް ސާބިތުކޮށް ނުދެވުނު ނަމަވެސް، ޞަފޫރާ ނާފިޢު މޫސާގެ އިތުރުން މުޙައްމަދު ޝަރީފު ވެސް ޢިމާރާތް ކުރުމަށް ޚަރަދުކޮށްފައިވާ ކަމަށް މުޙައްމަދު ޝަރީފު ބުނާ ބުނުން ސާބިތު ކޮށްދިނުމަށް ޝަރީޢަތުން މުޙައްމަދު ޝަރީފަށް އަންގަންޖެހޭނެ ހެއްޔެވެ؟ ނުވަތަ މި ހިސާބުން މުޙައްމަދު ޝަރީފު ކުރިމަތި ކުރާ ދަފްޢު ސާބިތުކޮށްދިނުމުގެ ބުރަ އޭނާއަށް ނަގުލުވާނެ ހެއްޔެވެ؟
ދިފާޢީ ދަފްޢު ސާބިތުކޮށް ދިނުމުގެ ބުރަ ނަގުލުވާނެ ވަގުތާމެދު ސުޕްރީމް ކޯޓުން އުސޫލެއް ބަޔާންކޮށްފައިވާ މައްސަލައަކީ، ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ ކައުންސިލް މައްސަލައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައާ ޙަވާލާދީ މަދަނީ މައްސަލަތަކުގައި ސާބިތު ކުރުމުގެ މަސްއޫލިއްޔަތު އަދަކުރާނެ ފަރާތްތައް ތަފުސީލު ކުރުމަށްފަހު، ބަޔާންކޮށްފައިވަނީ ދަޢުވާ ލިބޭ ފަރާތުގެ ދަފްޢު ސާބިތު ކުރުމުގެ ބުރަ އެ ފަރާތަށް ފުރޮޅިގެންދާނީ ދަޢުވާކުރާ ފަރާތަށް ދަޢުވާ ސާބިތުކޮށް ދެއްވިޖެނަމަ ކަމުގައެވެ.
މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި ދަޢުވާ ކުރާ ފަރާތް ކަމުގައިވާ ޞަފޫރާ ނާފިޢު މޫސާއަށް ހެކި ހުށަހަޅައި އޭނާ ކުރި ދަޢުވާ ސާބިތު ކޮށްދެވިފައި ނުވެއެވެ. އެ ހެކިތަކުން ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމެއް އަދި ޚަރަދު ކުރި ފައިސާގެ މިންވަރެއް ސާފުވެފައި ނުވެއެވެ. ނަމަވެސް ދަޢުވާއަށް ޖަވާބުދާރީވެ މުޙައްމަދު ޝަރީފް ދައްކާފައިވާ ވާހަކަތަކުގައި، މި މައްސަލައިގައި ވާހަކަދެކެވޭ ގެއަކީ ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފްއާ ދެ މީހުން ވެސް ޚަރަދު ކޮށްގެން އަދި މަސައްކަތް ކޮށްގެން އިމާރާތްކޮށްފައިވާ ގެ އެއްކަމުގައި ބުނެފައިވެއެވެ.
ކަންމިހެން އޮތުމުން ސުޕްރީމް ކޯޓުގެ ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ ކައުންސިލް މައްސަލައަށް ރިޢާޔަތްކޮށް، ޢިމާރާތް ކުރުމުގައި މުޙައްމަދު ޝަރީފް ބައިވެރިވި ކަމުގައްޔާއި، މުޙައްމަދު ޝަރީފު ޚަރަދު ކުރިކަމުގައި ބުނެ ހުށަހަޅާފައިވާ ދަފްޢު ސާބިތު ކުރުމަށް އޭނާއަށް އަންގަންޖެހޭނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. މި ހިސާބުން އުފެދޭ ސުވާލަކީ ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކޮށްފައިވާ ކަމުގައި މުޙައްމަދު ޝަރީފު އެއްބަސްވާއިރު ވެސް، ޞަފޫރާ ނާފިޢު މޫސާއަށް މި މައްސަލައިގައި އެއްވެސް ފަރުވާއެއް ފޯރުކޮށް ދެވިދާނެ ހެއްޔެވެ؟
ފޯރުކޮށްދެވޭނެ ފަރުވާ
ޝަރީޢަތަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ޚަޞްމުން އެދޭ ފަރުވާ، އެންމެ ފުރިހަމައަށް ފޯރުކޮށް ނުދެވިދާނެއެވެ. މިފަދައިން މެދުވެރިވަނީ އެކި ސަބަބުތަކާ ހުރެއެވެ. ބައެއް ފަހަރު ހޯދުމަށް އެދޭ ފަރުވާ ޝަރީޢަތުން ކަނޑައެޅުމަށް ބޭނުންވާ ހެކި ހުށަހެޅިފައި ނުވުމުގެ ސަބަބުންނެވެ. އަނެއްބައި ފަހަރު، އެދޭ ފަރުވާއަކީ އޭގެ ޒާތުގައި ތުނޑުންތުނޑަށް، އަގުމަގުކޮށް ވަކި ގޮތެއް ކަނޑައެޅޭ ބާވަތުގެ ފަރުވާއަކަށް ނުވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޝަރީޢަތުން ހައްލެއް ފޯރުކޮށް ނުދެވިއްޖެ ނަމަ، އިންސާފު ގާއިމުނުވާ ކަމުގައި ޟަމީރު ގަބޫލުކުރާ ހާލަތްތައް ކުރިމަތިވެއެވެ. މި ފަދަ ހާލަތްތަކުގައި ޝަރީޢަތަށް ފޯރުކޮށް ދެވޭނީ ރަމްޒީ ފަރުވާއެކެވެ.
މި މައްސަލައިގެ ޠަބީޢަތަށް ބަލާއިރު، މިއީ ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފުއާ ދެ މީހުން ކައިވެނިކޮށްގެން ތިބިއިރު، މުޙައްމަދު ޝަރީފުގެ ނަންމަތީގައި ރަޖިސްޓްރީ ވެފައިވާ ގޯއްޗެއްގައި ޢިމާރާތް ކުރުމަށް ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދު އަނބުރާ ހޯދުމަށް އޭނާ ހުށަހަޅާފައިވާ މައްސަލައެކެވެ. ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމަށް ނުވަތަ ކުރި ޚަރަދުގެ މިންވަރު ޝަރީޢަތަށް ސާބިތުވެފައިނުވާ ކަމުގައި ބަލައި އެ ގޮތަށް މައްސަލަ ނިންމުމަށް އަހުރެންނަށް ދަތިވަނީ، ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމުގައި މުޙައްމަދު ޝަރީފު ބުނާ ބުނުމެއް އޮތުމުންނެވެ. އަދި ޞަފޫރާ ނާފިޢު މޫސާއަކީ ޝަރުޢީ ގޮތުން ދިރިއުޅުމަށްޓަކައި ޚަރަދު ކުރުން ލާޒިމު މީހެއް ކަމުގައި ނުވުމުންނެވެ. އަދި މި ހާލަތުގައި ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަން ޝަރީޢަތަށް ހާމަވުމަށްފަހު، އެ ޚަރަދުގެ މިންވަރު އެނގެން ނެތްކަމުގައި ބަލައި ކުރި ޚަރަދުގެ އެއްވެސް މިންވަރެއް ޞަފޫރާ ނާފިޢު މޫސާއަށް ނުލިބި މައްސަލަ ނިމިގެން ދިއުމަކީ އިންސާފުވެރި ގޮތެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރަން ދައްޗެވެ.
ކަންމިހެން އޮތުމުން މުޅި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި އަހުރެންނަށް ބުރަވެވެނީ ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދު ހޯދުމަށް އޭނާ ކޯޓަށް މައްސަލަ ހުށަހެޅި ތާރީޚާ ހަމައަށް މި މައްސަލައިގައި ވާހަކަދެކެވޭ ޢިމާރާތް ހުރި ހާލަތަށް ބަލައި، އެ ޢިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި ޞަފޫރާ ނާފިޢު މޫސާއަށް ލިބިދިނުމަށްޓަކައި، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލު ކުރުމަށްޓައި ހައިކޯޓަށް މައްސަލަ ފޮނުވަން ޖެހޭކަމުގައެވެ. މި މައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު، މި ނަތީޖާއަށް އަހުރެންނަށް ވާސިލުވެވެނީ މި މައްސަލައިގައި އަންނަނިވި ކަންކަން އެގޮތަށް ހުރުމުންނެވެ.
ޞަފޫރާ ނާފިޢު މުސާ ޚަރަދު ކުރިކަމަށް މުޙައްމަދު ޝަރީފު އެއްބަސްވެއެވެ. އަދި ޞަފޫރާ ނާފިޢު މޫސާ ހޯދަން އެދެނީ ޢިމާރާތުގެ ޚަރަދުގެ %95 (ނުވަދިހަ ފަހެއް އިންސައްތަ) ކަމުގައިވާއިރު، މުޙައްމަދު ޝަރީފު ބުނާ ގޮތުން އެއީ ޙަޤީޤަތާ އެއްގޮތަށް ޞަފޫރާ ނާފިޢު މޫސާ ބުނާ ބުނުމެއް ނޫނެވެ.
މި މައްސަލައިގައި ޚިލާފެއް ނެތް އެއް ވާޤިޢާއަކީ މުޙައްމަދު ޝަރީފަށް ލިބިފައިވާ ގޯތި ލިބިފައިވަނީ ގޯއްޗަކަށް ދެމަފިރިން އެއްފަހަރާ އެދޭ ހާލަތުގައި ދެމަފިރިންގެ ތެރެއިން އެކަކަށް ގޯތި ދޫކުރުމުގެ އުސޫލުގެ ތެރެއިންނެވެ. މިކަމަށް މި މައްސަލައިގައި ހުށަހެޅިފައިވާ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހުން ޢާންމުކޮށްފައިވާ ކުޑަހުވަދޫއިން ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި، ގޯތި ދޫކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް 25 ސެޕްޓެމްބަރ 2007 ގައި ޢާންމުކޮށްފައިވާ އުސޫލާއި، ކުޑަހުވަދޫއިން ގޯތި ދޫކުރުމާބެހޭ ގޮތުން އެ އޮފީހުން 29 މާރޗް 2006 ގައި ކޮށްފައިވާ އިޢުލާނުން ބާރުލިބެއެވެ. ކަންމިހެން އޮތުމުން މި މައްސަލައިގައި މުޙައްމަދު ޝަރީފަށް ގޯތި ލިބުމުގައި ޞަފޫރާ މޫސާގެ ދައުރެއް ސާފުކޮށް ފެންނަން އެބައޮތެވެ.
އިމާރާތް ކުރުމަށް ޚަރަދުކުރި މިންވަރު ކަމުގައި ބުނެ ޞަފޫރާ ނާފިޢު މޫސާ ހޯދުމަށް އެދިފައިވާ އަދަދަކީ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ކަނޑައަޅާފައިވާ ސާފު އަދަދެއްގެ ބަދަލުގައި އަންދާސީ އަދަދެކެވެ. މި އަދަދަށް ވާސިލުވި ގޮތުގެ ފުރިހަމަ ތަފުސީލުތަކެއް މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން ނެތެވެ.
މި މައްސަލައިގައި ވާހަކަ ދެކެވޭ ޢިމާރާތް ކުރުމަށް ކޮށްފައިވާ ޚަރަދުތަކަކީ ދެމަފިރިޔަކު ކައިވެނި މަތީގައި ތިބިއިރު ކޮށްފައިވާ ޚަރަދުތަކެކެވެ. މި ފަދައިން ކުރާ ޚަރަދުތަކުގެ ހެކިތައް ރައްކާކޮށް، ލިޔެކިޔުންތައް ބެލެހެއްޓުމަކީ ޢާންމު ގޮތެއްގައި ދެމަފިރިއަކު ކުރާނެ ކަންތައްތަކެއް ކަމުގައި ނުބެލެވެއެވެ. މި މައްސަލައަށް ބަލާއިރު، ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފު ވެސް ޚަރަދު ކުރީ ލިޔެކިޔުންތައް ބަހައްޓައިގެން އެ ޚަރަދުތައް ނޯޓުކޮށްގެން ނޫންކަމުގައި މުޙައްމަދު ޝަރީފު ބުނެފައިވެއެވެ. އަދި ޞަފޫރާ ނާފިޢު މޫސާ ހުށަހަޅާފައިވާ ހެކިތަކުންނާއި ދައްކާފައިވާ ވާހަކަތަކުން ވެސް އެކަމަށް ބާރުލިބެއެވެ.
ޚަރަދު ކުރުން ލާޒިމު ނޫން ފަރާތަކުން ވަކި ކަމަކަށް ކޮށްފައިވާ ޚަރަދަކީ ތަބައްރުޢެއްކަން ސާބިތު ނުވާ ހާލަތުގައި އެ ޚަރަދު ހޯދުމަށް އެފަރާތުން އެދެފިނަމަ، އެ ޚަރަދު އެ ފަރާތަކަށް ލިބިދެވެންޖެހެއެވެ. މި މައްސަލައިގައި މުޙައްމަދު ޝަރީފަށް ޞަރޫފާ ނާފިޢު މޫސާ ކުރި ޚަރަދުތަކަކީ ތަބައްރުޢެއްކަން ސާބިތު ކޮށްދެވިފައި ނުވެއެވެ. އަދި ޞަފޫރާ ނާފިޢު މޫސާ ޚަރަދު ކުރިކަމުގައި އެކި ގޮތްގޮތަށް މުޙައްމަދު ޝަރީޢަތުގައި ހާމަކޮށްފައިވެއެވެ.
އިމާރާތް ކުރުމަށްޓަކައި މުޙައްމަދު ޝަރީފު ކުރި ޚަރަދުގެ މިންވަރު ބުނެދޭން ނޭނގޭކަމާއި، މުޙައްމަދު ޝަރީފުގެ ގެއެއް އިމާރާތް ކުރުމަށް މުޙައްމަދު ޝަރީފު ހޭދަކުރާ ޚަރަދެއް ވަކި ގޮތަކަށް ބެލެހެއްޓުން މުޙައްމަދު ޝަރީފަށް ލާޒިމުނުވާ ކަމުގައްޔާއި، މުޙައްމަދު ޝަރީފު ކުރި ޚަރަދުތަކުގެ މިންވަރު ސާފުވާނެ ހެއްކެއް މުޙައްމަދު ޝަރީފުގެ އަތުގައި ނެތްކަން މުޙައްމަދު ޝަރީފު ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
މިކަންކަން މިގޮތުގެ މަތިން ހުރުމުން ކުރިން ވެސް އަހުރެން އިޝާރާތްކުރި ފަދައިން މި މައްސަލައިގައި އެންމެ އިންސާފުވެރި ގޮތެއް ކަމުގައި އަހުރެންނަށް ބުރަވެވެނީ، ކޮށްފައިވާ އިމާރާތް އަގު ކުރުމަށްފަހު، އެ އަގުގެ ދެބައިކުޅަ އެއްބައި ޞަފޫރާ ނާފިޢު މޫސާއަށް ލިބިދިނުމެވެ. މި މައްސަލައިގައި ޞަފޫރާ ނާފިޢު މޫސާ ހޯދުމަށް އެދޭ ޚަރަދުކޮށްފައިވަނީ އޭނާކަން، ނުވަތަ ޢިމާރާތް ކުރުމުގެ ތެރޭގައި ވަކި މަސައްކަތެއް ނަމަވެސް ކޮށްފައިވަނީ ޞަފޫރާ ނާފިޢު މޫސާކަން އެނގޭނެ ހެއްކެއް މި މައްސަލައިގައި ހުށަހެޅިފައި އޮތްނަމަ، ނުވަތަ ޢިމާރާތް ކުރުމަށް ވަކި ޚަރަދެއް ކޮށްފައިވަނީ މުޙައްމަދު ޝަރީފުކަން އެނގޭނެ ގޮތެއް އޮތްނަމަ، އަހުރެން މި ރައުޔާމެދު އިތުރަށް ވިސްނީމުހެވެ.
އާއިލާއާބެހޭ ޤާނޫނު ތަޠްބީޤު ކުރުންއިސްތިއުނާފީ ދެވަނަ ނުކުތާގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ބުނެފައިވަނީ މި މައްސަލައަކީ އާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއަކީ މި މައްސަލައާ ގުޅުން ހުރި މާއްދާއެއް ނޫންކަމުގައެވެ. ސަބަބަކީ، މިއީ އެ މާއްދާގައިވާ ފަދައިން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ޙާޞިލުކޮށްފައިވާ މުދަލާއި ފައިސާއާމެދު ގޮތެއް ނިންމުމަށް ހުށަހެޅި މައްސަލައެއް ކަމުގައި ނުވުމެވެ. ނަމަވެސް މި މައްސަލައިގައި ހައިކޯޓުން އާއިލާއާބެހޭ ޤާނޫނުގެ އެ މާއްދާ ތަޠުބީޤު ކޮށްފައިވާ ކަމަށާއި، ހައިކޯޓުން އެ މާއްދާ ތަޠުބީޤު ކުރިކުރުން ޤާނޫނާ އެއްގޮތް ނޫންކަމުގައެވެ.
މި ނުކުތާއާ ގުޅިގެން ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ދެއްކި ވާހަކަތަކަށް އާއިލާބެހޭ ޤާނޫނާ ޙަވާލާދީ މުޙައްމަދު ޝަރީފްގެ ފަރާތުން ވާހަކަ ދައްކާފައިނުވެއެވެ. އަދި މި ނުކުތާއާމެދު މުޙައްމަދު ޝަރީފްގެ ފަރާތުން ވާހަކަ ދައްކާފައިވަނީ މުޅި މުޢާމަލާތް ހިނގާފައިވާ ގޮތާމެދު ޖުމުލަ ގޮތެއްގައިކަން ފާހަގަ ކުރަމެވެ.
ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއާ ޙަވާލާދީ ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފްއާ ދެ މީހުންގެ ކައިވެނި ނިމުމަކަށް އައިސް ކޯޓު މެދުވެރިކޮށް ވަރިއާ ގުޅޭ މައްސަލަ ނިމިގެން ދިޔައިރު، ދެ މީހުން އެކުގައި ހޯދާފައިވާ މުދަލާ ގުޅޭ ގޮތުން ގޮތެއް ވަކި ގޮތެއް ނިންމައި ދިނުމަށް ވަރީގެ މައްސަލައިގައި ތެރޭގައި އެދިފައި ނުވާތީ، އެ މުދަލާމެދު ވަކި ގޮތެއް ނިންމާފައިނުވާކަން ފާހަގަ ކޮށްފައިވެއެވެ.
އާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންވެފައިވަނީ، ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދާ އަދުލުވެރި ބެހުމަކުން ބެހުމާ ގުޅޭ އުސޫލުތަކެވެ. މި އުސޫލުތަކަށް ބަލާއިރު، ކާވެނި ރޫޅޭ ޙާލަތުގައި، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ޙާޞިލުކޮށްފައިވާ މުދަލާއި ފައިސާއާމެދު ޢަމަލުކުރާނެ އުސޫލެއް ބަޔާންކޮށް އާއިލާއާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާނަމަ، ވަރިކުރުމުގެ ހުއްދަދިނުމުގެ ކުރިން ނުވަތަ ކާވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓަރީކޮށްދިނުމުގެ ކުރިން، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ޙާޞިލުކޮށްފައިވާ މުދަލާއި ފައިސާ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ދެމަފިރިންގެ މެދުގައި ޢަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެއެވެ.
އަދި މި ޤާނޫނުގެ 11 ވަނަ މާއްދާއަށް ބަލާއިރު، ދެމަފިރިން ކައިވެނީގެ މުއްދަތުގައި އެކުގައި ހާސިލުކުރާ މުދާ ބެހުމާމެދު، ކައިވެނި ކުރާއިރު، ވަކި ގޮތަކަށް އެއްބަސްވުމެއް އެކުލަވާލުމަކީ ލާޒިމު ކަމެއް ނޫންކަން އެނގެއެވެ. މާއްދާގައި ބަޔާންވެފައިވަނީ، ކައިވެނީގެ ދެފަރާތުން ފަދަ އެއްބަސްވުމެއް އެކުލަވާލައި، އަމަލުކުރުމަށް ޤާނޫނު ހުރަސް ނާޅާ ވާހަކައާއި، އެފަދަ އެއްބަސްވުމެއް އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ ޚިލާފުވެގެން ނުވާނެ ވާހަކައެވެ.
ކަންމިހެން އޮތްއިރު ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފްއާ ދެމެދު ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ޙާޞިލުކޮށްފައިވާ މުދަލާއި ފައިސާމެދު ޢަމަލު ކުރާނެ ގޮތުގެ އެއްބަސްވުމެއް އެކުލަވާލެވިފައި ނެތުމަކީ، ޞަފޫރާ ނާފިޢު މޫސާ ކޮށްފައިވާ ޚަރަދެއް އަނބުރާ ހޯދުމުގެ މައްސަލައަށް ޝަރީޢަތުން ހައްލެއް ހޯދައި ދިނުމަށް އޮތް ހުރަހެއް ނޫނެވެ. ވުމާއެކު، ޢާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއަކީ، މި މައްސަލައިގެ މައުޟޫޢާ ގުޅުންހުރި މާއްދާއެއްކަމުގައި ނުދެކެމެވެ. އަދި ހައިކޯޓުން އާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައިވެސް އަހުރެން ނުދެކެމެވެ.
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި ޖެންޑަރ އިކުއަލިޓީގެ ޤާނޫނުއިސްތިއުނާފީ ތިންވަނަ ނުކުތާގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުތަކުން މި މައްސަލަ ނިންމިއިރު، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެމީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމަށް ކަނޑައެޅިފައި އޮންނަ އޮތުމަށާއި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ގައިވާ ޤާނޫނީ ފަރުވާތަކަށް ރިޢާޔަތް ކޮށްފައިނުވާ ކަމުގައެވެ. މި ކަމުގެ ސަބަބުން ޞަފޫރާ ނާފިޢު މޫސާ އަށް މި މައްސަލައިގައި އެކަށީގެންވާ ބަދަލެއް ކަނޑައަޅައިދީފައި ނުވާކަމުގައެވެ. މިއީ ޤާނޫނާ ޚިލާފަށް ކޯޓުތަކުން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
މި ނުކުތާއާމެދު ގޮތެއް ނިންމުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޙަވާލާދީ ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވާހަކަ ދައްކާފައިނުވެއެވެ. އަދި ޖެންޑަރ އިކުއަލިޓީ ޤާނޫނުގެ ވަކި މާއްދާއެއް ފާހަގަ ކުރުމެއްނެތި، މި މައްސަލައިގައި ޞަފޫރާ ނާފިޢު މޫސާއަށް ބަދަލެއް ނުލިބި މައްސަލަ ނިމިއްޖެނަމަ، ޖެންޑަރ އިކުއަލިޓީ ޤާނޫނު ފަދަ ޤާނޫނުތަކުގެ މަޤްޞަދު ހާސިލުނުވާނެ ކަމުގައި ހައިކޯޓުގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް މި ވާހަކައަކީ އިސްތިއުނާފީ ވަކި ނުކުތާއަކާ ގުޅިގެން ހައިކޯޓުގައި ދައްކާފައިވާ ވާހަކައެއް ނޫނެވެ. އަދި މި ފާހަގަ ކުރި މިންވަރު ފިޔަވައި ޖެންޑަރ އިކުއަލިޓީގެ ޤާނޫނުން ހާސިލުނުވެދާނެ ވަކި ނަތީޖާއެއް ހައިކޯޓުގައި ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން އުސްއަލިކޮށްފައި ނުވެއެވެ.
ހައިކޯޓުގައި ނުދައްކާ ޤާނޫނީ ވާހަކަތަކާއި، ވަކި އިސްތިއުނާފީ ނުކުތާއަކާ ގުޅުމެއްނެތި، އަދި އެ ވާހަކައަކުން އުފެދޭ ޤާނޫނީ ބަހުސެއް ފަނޑިޔާރުންނަށް ފާހަގަ ކޮށްދިނުމެއް ނެތި، ވަކި ޤާނޫނަކާ ނުވަތަ ޤާނޫނީ އުސޫލަކާ ގުޅުވައި ޖުމުލަ ގޮތެއްގައި ދައްކާ ވާހަކަތަކަށް ހައިކޯޓުގެ ފަނޑިޔާރުން ރިޢާޔަތް ކޮށްފައިނުވާ ކަމުގައި ބުނާ ބުނުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކަމުގެ މައްޗަށް ބަހުސްކޮށް ގޮތްތަކެއް ކަނޑައެޅިދާނެ ކަންތައްތަކެއް ކަމުގައި އަހުރެން ނުދެކެމެވެ. ވުމާއެކު މި އިސްތިއުނާފީ ނުކުތާ އަހުރެން ބަލައި ނުގަންނަމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތްމަތީގައި ބަހުސްކުރެވުނު ކަންކަމުގެ އަލީގައި، ޢިމާރާތް ކުރުމަށްޓަކައި ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅި ތާރީޚާ ހަމައަށް މި މައްސަލައިގައި ވާހަކަދެކެވޭ ޢިމާރާތް ހުރި ހާލަތަށް ބަލައި، އެ ޢިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި، މުޙައްމަދު ޝަރީފްގެ ފަރާތުން ޞަފޫރާ ނާފިޢު މޫސާއަށް ލިބިގެންވާކަމުގައި ކަނޑައަޅައި، އެ ބައި ލިބިދިނުމަށްޓަކައި، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލު ކުރުމަށްޓަކައި، ހައިކޯޓަށް މައްސަލަ ތަޙުވީލު ކުރުމަށް ފެނެއެވެ.
އަދި މި މައްސަލައިގައި ހައިކޯޓުގެ ނަންބަރު 2017/HC-A/60 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 46/M8C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމްތަކެއް ކަމުގައި ނުވާތީ، އެ ދެ ޙުކުމް ބާޠިލުކަމަށް ކަނޑައެޅުމަށް ވެސް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 46/M8C/2016 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/60 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ދެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، ޞަފޫރާ ނާފިޢު މޫސާ ކުރި ޚަރަދު ހޯދުމަށް ޞަފޫރާ ނާފިޢު މޫސާ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި ތާރީޚާ ހަމައަށް މި މައްސަލައިގައި ވާހަކަދެކެވޭ ޢިމާރާތް ހުރި ހާލަތަށް ބަލައި، އެ ޢިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި މުޙައްމަދު ޝަރީފްގެ ފަރާތުން ޞަފޫރާ ނާފިޢު މޫސާއަށް ލިބިގެންވާކަމުގައި ކަނޑައަޅައި، އެ ބައި ލިބިދިނުމަށް، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލު ކުރުމަށްޓައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.