ޢަބްދުﷲ ހަމީޒް ވ. މަހާޝާ މެޓަލް ވޯރކްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1250/Cv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައި 1 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީފައިވަނީ ޙަވާލާދިނުމުގެ އޮޅުމެއް ކަމަށާއި 4 އަހަރު ގުނަންވީ ޢިމާރާތް ނިންމަން ދީފައިވާ މުއްދަތު ހަމަވާ 1 މެއި 2018 އިން ކަމަށް ކަނޑައަޅައި، ފްލޯރ ޙަވާލުކުރަންޖެހޭ މުއްދަތު ހަމަނުވާތީ ދަޢުވާ ޘާބިތުނުވާ ކަމަށް ނިންމިއެވެ. ވެރިފަރާތުން ހާޒިރުކުރަން އެދުނު ހެކިވެރިޔާގެ ހެކިބަސް ނުނަގަން ވެސް ނިންމިއެވެ.
- ވާޤިޢާ
- ގޯތީގެ ވެރިފަރާތާއި ޑިވެލޮޕަރު ކުންފުންޏާ ދެމެދު 10 ބުރީގެ ޢިމާރާތެއް ބިނާކުރުމަށް 2015 ގައި ޑިވެލޮޕްމަންޓް އެއްބަސްވުމެއް ވެވުނެވެ. ބިމުގެ ކުލީގެ ބަދަލުގައި ވެރިފަރާތަށް 4 ބުރި ދޭން އެއްބަސްވެފައިވާއިރު، އިތުރު 2 ބުރި ޙަވާލުކުރަންޖެހޭ 4 އަހަރު ގުނަން ފަށަންވީ ތާރީޚާ ގުޅިގެން ޚިލާފު އުފެދުނެވެ؛ ވެރިފަރާތުން އެ 2 ބުރިއާއި ގެއްލުމުގެ ބަދަލާއި ވަކީލުގެ ފީ ހޯދުމަށް 2020 ގައި ދަޢުވާ ކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޑިވެލޮޕްމަންޓް އެއްބަސްވުމެއްގެ 6 ވަނަ މާއްދާގެ (ށ) ގައިވާ 4 އަހަރު ގުނަން ފަށަންވީ ތާރީޚު ކަނޑައެޅުމުގައި ސިވިލް ކޯޓުން އެއްބަސްވުން މާނަކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ؛ އަދި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކިވެރިޔާ ޙާޟިރުނުކުރުމަށް ދަށު ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފު ކުރާ ފަރާތުން ބުނީ، ސާފުކޮށް ލިޔެވިފައިވާ ޙަވާލާ އޮޅުމެއް ކަމަށް ކަނޑައަޅައި ދަށު ކޯޓުން މާނަ ބަދަލުކުރީ 2017/HC-A/260 ގެ ހަމަތަކާއި، "ކޮންޓްރާ ޕްރޮފެރެންޓަމް" އާއި "العقد شريعة المتعاقدين" ގެ މަބްދައުތަކާ ޚިލާފަށް ކަމަށާއި، މެދުވެރިއެއްގެ ދައުރު އަދާކުރި ހެކިވެރިޔާގެ ހެކިބަސް ނުނެގުމަކީ 2010/SC-A/02 ގެ އުޞޫލާ ޚިލާފު ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ، ޙަވާލާދީފައިވަނީ ކުށެއްގެ ގޮތުން ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުގެ މާނައަކީ އެކަށީގެންވާ މާނައެއް ނޫން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) އާއި 1 ވަނަ މާއްދާ އެކުގައި ކިޔާއިރު ދެ މާނައެއް ނެގޭތީ، މުޅި އެއްބަސްވުމުގެ ސިޔާޤާއި ވިޔަފާރީގެ މަޤްޞަދަށް ބަލައި ބޭރުފުށުން ފެންނަ ނިޔަތަކީ 4 އަހަރު ގުނަންވީ 1 މެއި 2018 އިން ކަމަށާއި، އެއީ ނެތް ޝަރުޠެއް އިތުރުކުރުމެއް ނޫން ކަމަށާއި، ނުސާފުކަން ފިލާތީ ކޮންޓްރާ ޕްރޮފެރެންޓަމްއަށް ރުޖޫޢަވާން ނުޖެހޭ ކަމަށް ކޯޓުން ކަނޑައެޅިއެވެ؛ ދަޢުވާ ކުރިއިރު ޒިންމާ އަދާކުރަންވީ ވަގުތު ނުޖެހޭތީ ޚިލާފުވިކަން ޘާބިތުނުވެއެވެ. އެއްބަސްވުމުގެ މާނައަކީ ޤާނޫނީ ސުވާލަކަށްވާތީ، ސަބަބު ބަޔާންކޮށް ބުރަދަން ހުރި ސަބަބަކަށް ބިނާކޮށް ހެކިވެރިޔާ ޙާޟިރުނުކުރުމަކީ ހެކި ހުށަހެޅުމުގެ ޙައްޤުން މަޙްރޫމްކުރުމެއް ނޫން ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ) އިން ދޭހަވަނީ، ޒިންމާއެއް އަދާކުރަން ލާޒިމުވާ ވަގުތަކީ، ކޮންޓްރެކްޓުގައި ދެފަރާތް އެއްބަސްވެފައިވާ ޝަރުޠު ފުރިހަމަވާ ވަގުތު ކަމެވެ؛ ޒިންމާއެއް އަދާކުރަން ލާޒިމުވާ ވަގުތު ކަނޑައެޅެނީ އެއްބަސްވުމުންނެވެ.
HN2 ކޮންޓްރެކްޓާބެހޭ ޤާނޫނުގައި އެއްބަސްވުމެއް މާނަކުރާނެ ގޮތުގެ ވަކި އުޞޫލެއް ބަޔާންކޮށްފައި ނުވާތީ، އެއްބަސްވުމެއް މާނަކުރުމުގައި ބަލަންޖެހެނީ ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށާއި، ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކަށެވެ.
HN3 އެއްބަސްވުމުގެ މާއްދާއެއް މާނަކުރުމުގެ މަޤްޞަދަކީ ބައިވެރިންގެ ނިޔަތް ދެނެގަތުން ނަމަވެސް، އެ ނިޔަތް ކަނޑައަޅަނީ ބޭރުފުށުންނެވެ؛ އެއްބަސްވުމުގެ އެއް މާއްދާއާ އަނެއް މާއްދާ ފުށުއަރާނަމަ، ނުވަތަ ދެ މާއްދާ އެކުގައި ކިޔުމުން އެއް މާނައަށް ވުރެ ގިނަ މާނަ ނެގޭނަމަ، ކޯޓުން ބުރަވާންޖެހޭނީ ބޭރުފުށުން ފެންނަން އޮންނަ ދެފަރާތުގެ ނިޔަތުގެ މައްޗަށެވެ. އެ ނިޔަތް ކަނޑައަޅަންވާނީ، މުޅި އެއްބަސްވުމުގެ ސިޔާޤާއި، އެއްބަސްވުން ވެވުނު ޙާލަތާއި، އެއްބަސްވުމުގެ ވިޔަފާރީގެ މަޤްޞަދަށް ބަލައިގެންނެވެ.
HN4 ވިޔަފާރީގެ މުޢާމަލާތެއްގައި އެއްބަސްވުމުގެ ބަސްތަކުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާނަމަ، ކޯޓުން އެކަމެއް މާނަކޮށް ކަނޑައަޅަންވާނީ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްތަކާއި ލަފުޒުތަކާއި ފުށުނާރާ، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ (business common sense) މާނައެކެވެ؛ އެއްބަސްވުމުގެ މާއްދާއެއްގައިވާ ޙާލަތަކަށް ޙަވާލާދީފައިވުމަށް އެއްވެސް ބޭނުމެއް ނެތި ބޭކާރުވާ މާނައަކީ ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ މާނައެއް ނޫނެވެ.
HN5 އެއްބަސްވުމުގެ އެއް މާއްދާއެއްގައި ފާޅުކަންބޮޑު ކުށެއް އޮތްނަމަ (މިސާލަކަށް، ނެތް ތާރީޚަކަށް ޙަވާލާދިނުން)، އެ ކުށް ރަނގަޅުކުރަންވީ ގޮތް އެއްބަސްވުމުގެ އެހެން މާއްދާތަކުން ސާފުކޮށް ދޭހަވާނަމަ، އެ މާނަ ނެގުމަކީ ބަސްތަކުގައި ނެތް ކަމެއް އިތުރުކުރުމެއް ނޫނެވެ. އެއީ، ދެފަރާތް ބަސްތަކުން އެއްބަސްވެފައިވާ ކަމަށް ޢަމަލުކުރުމެވެ.
HN6 ދެފަރާތް "އެއްބަސްވެފައިވާ" ކަމެއް ތަންފީޛުކުރުމުގެ (العقد شريعة المتعاقدين) ކުރިން، ދެފަރާތް އެއްބަސްވެފައިވަނީ ކޮން ކަމަކަށްކަން އެއްބަސްވުމުން ކަނޑައަޅަން ޖެހެއެވެ. އެއްބަސްވުމުގެ މާއްދާއެއްގެ މާނަ ކަނޑައެޅުމަކީ، މި އުޞޫލާ ޚިލާފުވުމެއް ނޫނެވެ. އެއީ، މި އުޞޫލު ތަޠުބީޤުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
HN7 "ކޮންޓްރާ ޕްރޮފެރެންޓަމް" (Contra Proferentem) ގެ އުޞޫލު ތަޠްބީޤުވަނީ އެއްބަސްވުމުގެ ބަސްތައް ސާފުނޫން ޙާލަތެއްގައެވެ؛ މުޅި އެއްބަސްވުމުގެ ސިޔާޤާއި ވިޔަފާރީގެ މަޤްޞަދަށް ބަލައިގެން ނުސާފުކަން ފިލައި، އެއްބަސްވުމުގެ މަޤްސަދު އަދި މާނަ ސާފުވާނަމަ، "ކޮންޓްރާ ޕްރޮފެރެންޓަމް" ގެ އުޞޫލަށް ރުޖޫޢަވާން ނުޖެހެއެވެ.
HN8 ދައުވާއެއް ޘާބިތުކުރުމަށް ހެކިތަކާއި ދަލީލު ހުށަހެޅުމުގެ ޙައްޤަކީ ޚަސްމުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤެކެވެ. މި ޙައްޤުން ޚަސްމަކު މަޙްރޫމް ކުރުމަކީ، ދަށު ކޯޓުގެ ނިންމުމެއް ބާޠިލްކުރެވިދާނެ ޤާނޫނީ ސަބަބެކެވެ.
HN9 ހެކިތަކާއި ދަލީލު ހުށަހެޅުމުގެ ޙައްޤަކީ ޙައްދެއް ނެތް ޙައްޤެއް ނޫނެވެ. ޝަރީޢަތަށް ހުށަހެޅޭ ހެކި ބަލައިގަތުމުގެ ބާރު މައްސަލަ ބަލާ ކޯޓަށް ލިބިގެންވާއިރު، ފައިސަލާކުރަންޖެހޭ ނުކުތާއަށް ބޭނުންތެރި ނޫން ހެކި، ހާޒިރުނުކުރަން ނިންމި ސަބަބު ބަޔާންކުރުމާއެކު ބަލައިނުގަތުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
HN10 ހެކި ވަޒަންކުރުމަކީ މައްސަލަ ބަލާ ކޯޓުގެ ތަޤްދީރީ ބާރެއް ނަމަވެސް، އެއީ މުތުލަޤު ބާރެއް ނޫނެވެ؛ ބަލައިގަންނާނެ ހެކި، ނުވަތަ ހެއްކެއް ވަޒަންކޮށްފައިވާ ގޮތަކީ އެކަށީގެންވާ ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބުތަކެއްގެ މައްޗަށް ބިނާވާ ނިންމުމަކަށްވާންޖެހޭނެއެވެ.
HN11 ހެއްކަކު ހާޒިރުނުކުރަން މައްސަލަ ބަލާ ކޯޓުން ނިންމުމަކީ، މުތުލަޤަށް ޤާނޫނީ ކުށެއް ނޫނެވެ. އެފަދަ ނިންމުމެއް އިސްތިއުނާފީ ނަޒަރަކުން ވަޒަންކުރުމުގައި ބަލަން ޖެހެނީ، އެ ނިންމުމުގެ ސަބަބު ބަޔާންކޮށްފައިވާތޯއާއި، އެ ސަބަބަކީ ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބެއްތޯއެވެ.
HN12 ދެފަރާތް ޤަބޫލުކުރާ، ލިޔުމުން ވެވިފައިވާ އެއްބަސްވުމެއްގެ މާއްދާއެއްގެ މާނައަކީ ހެކިން ޘާބިތުކުރަންޖެހޭ ވާޤިއާއެއް ނޫނެވެ. މިއީ ޤާނޫނީ ސުވާލެކެވެ؛ އެއީ އެއްބަސްވުން މާނަކުރުމުގެ ތެރެއިން ޖަވާބު ލިބޭ ސުވާލެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޒުބައިރު މުޙައްމަދު، ޒުބައިރު މުޙައްމަދު ލޯ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ފިކުރީ
- ބެންޗު
- ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ (ރިޔާސަތު) · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، […] ޢަބްދުﷲ ހަމީޒް (މީގެ ފަހުން "ޢަބްދުﷲ ހަމީޒް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ހައިކޯޓުގެ ނަންބަރު 2022/HC-A/132 ޤަޟިއްޔާ ނިމުނު ގޮތެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މަހާޝާ މެޓަލް ވާރކްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މަހާޝާ މެޓަލް ވާރކްސް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ފަސްފަހަތް:
3ޢަބްދުﷲ ހަމީޒް އާއި މަހާޝާ މެޓަލް ވާރކްސް އާ ދެމެދު، "[…]" އެވެ ކިޔާ ގޯތީގައި 10 (ދިހައެއް) ބުރީގެ ޢިމާރާތެއް ބިނާކުރުމަށް، 31 މާރިޗު 2015 ގައި، ޑިވެލޮޕްމަންޓް އެއްބަސްވުމެއް ވެވިފައިވެއެވެ. މި އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ ނަންބަރު Cv-C/C-340/2015 ގެ ދަށުންނެވެ.
4އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ތާރީޚުތަކާއި މުއްދަތުތަކެވެ. […] ކުރުމަށް ދިގުމުއްދަތަކަށް ދޫކުރެވޭ ތަން އަދި ވެރިފަރާތް | […] ރަޖިސްޓްރީ ނަންބަރު: ބ-8731 ގޯތި އަދި ގޯތީގެ ވެރިފަރާތްކަމުގައިވާ ޢަބްދުﷲ ހަމީޒް އައި.ޑީ ނަންބަރު A-001397 ށ. އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚް: | 1 އޭޕްރީލް 2015 ނ. ގޯތީގައި އިމާރާތް ކުރަން ގޯތި މަހާޝާ މެޓަލްސް އާއި ޙަވާލު ކުރާ ތާރީޚް: | 1 އޭޕްރީލް 2015 ރ. ގޯތީގައި އިމާރާތް ކުރަން ފަށާ ތާރީޚް: | 1 މެއި 2015 ބ. އިމާރާތް ކޮށް ނިންމާ މުއްދަތު: | 3 އަހަރު ޅ. އިމާރާތް ކުރުމަށް ދިގު މުއްދަތަކަށް ގޯތި ދޫކުރާ މުއްދަތު: | 1 މެއި 2018 އިން ފެށިގެން މީލާދީ 27 (ހަތާވީސް) އަހަރު ކ. އިމާރާތް ކުރުމަށް ދިގު މުއްދަތަކަށް ދޫކުރެވޭ ތަނުގެ ކުލި | މިއެއްބަސްވުމުގެ މުއްދަތުގައި ވެރިފަރާތައް ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ. ބަދަލުގައި ދެވޭނީ މިއެއްބަސްވުމުގެ ދަށުން ހެދޭ 10 (ދިހައެއް) ބުރި އިމާރާތުން 4 (ހަތަރެއް) ބުރިއެވެ. މިބުރިތައް ދޫކުރެވޭނެ ގޮތުގެ ތަފްސީލް މިއެއްބަސްވުމުގެ 6 (ހައެއް) ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.
5އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ. "ވެރިފަރާތައް ދޫކުރެވޭ ފްލޯތައް މިއެއްބަސްވުމުގެ ދަށުން 10 ބުރީގެ އިމާރާތެއް ދިގުމުއްދަތައް ދޫކުރެވޭ ބިން ކަމުގައިވާ […] ގައި ހެދޭ 10 ބުރީގެ އިމާރާތުން 4 (ހަތަރެއް) ފްލޯރ މިއެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ޅ) ގައިވާ މުއްދަތުގެ ތެރޭގައި ވެރފަރާތައް ދިނުމަށް މަހާޝާ މެޓަލްސް އިން އެއްބަސްވެއެވެ. މިގޮތުން ވެރިފަރާތާ މިފްލޯތައް ހަވާލުކުރެވޭނީ ތިރީގައި އެވާ އުސޫލުންނެވެ.
(ހ) 10 ބުރީގެ އިމާރާތުގެ މަސައްކަތް ފެށުމަށް މިއެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ތާރީޚުން ފެށިގެން މީލާދީ 18 (އަށާރަ) މަސްދުވަސް ފަހުން އިމާރާތުގެ ގްރައުންޑް ފުލޯ އާއި ފަސްޓް ފްލޯ (ފުރަތަމަ ބުރި) ފިޔަވައި ވެރިފަރާތް ބޭނުންވާ ކޮންމެސް 2 (ދޭއް) ފުލޯއެއް ވެރިފަރާތާއި ހަވާލުކުރެވޭނެއެވެ.
(ށ) 10 ބުރީގެ އިމާރާތުގެ މަސައްކަތް ނިންމަން މިއެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދުވަހުން ފެށިގެން މީލާދީ 04 (ހަތަރެއް) އަހަރުހަމަވާ ދުވަހު އިމާރާތުގެ ގުރަންޑް ފުލޯ އާއި ފަސްޓް ފުލޯ (ފުރަތަމަ ބުރި) ފިޔަވައި ވެރިފަރާތް ބޭނުންވާ ކޮންމެވެސް އިތުރު 2 (ދޭއް) ފުލޯއެއް ވެރިފަރާތާއި ހަވާލުކުރެވޭނެއެވެ.
6މި މާއްދާއަށް ބިނާކޮށް، ޢަބްދުﷲ ހަމީޒް ސިވިލް ކޯޓަށް 12 މާރިޗު 2020 ގައި ހުށަހެޅި ދައުވާގައި ހޯދަން އެދިފައިވަނީ،
6.1. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އިތުރު 2 (ދޭއް) ފްލޯރ؛ އަދި
6.2. އެ ފްލޯރތައް ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި -/740,000ރ. (ހަތްލައްކަ ސާޅީސްހާސް ރުފިޔާ)؛ އަދި
6.3. ވަކީލުގެ ފީގެ ގޮތުގައި -/40,000ރ. (ސާޅީސްހާސް ރުފިޔާ).
7ދެފަރާތުގެ މެދުގައި ޚިލާފު އުފެދިފައިވަނީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ 04 (ހަތަރެއް) އަހަރު ގުނަން ފަށަންވީ ތާރީޚާ ގުޅޭ ގޮތުންނެވެ. ޢަބްދުﷲ ހަމީޒް ބުނެފައިވަނީ، އެ މުއްދަތު ގުނަންވީ 2015 ވަނަ އަހަރުގެ ތާރީޚުން ކަމަށާއި، އެގޮތުން ދައުވާ ހުށަހެޅިއިރު އެ މުއްދަތު ހަމަވެ، 2 ފްލެޓް ލިބެންޖެހިފައިވާ ކަމަށެވެ. މަހާޝާ މެޓަލް ވާރކްސް އިން ބުނެފައިވަނީ، އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ބ) ގައި އޮތީ ތާރީޚެއް ނޫން ކަމަށާއި، އެއީ 3 އަހަރުގެ މުއްދަތެއް ކަމަށާއި، 04 އަހަރު ގުނަންވާނީ އިމާރާތް ނިންމަން ދީފައިވާ 3 އަހަރުގެ މުއްދަތު ހަމަވާ 1 މެއި 2018 އިން ކަމަށާއި، އެގޮތުން އިތުރު 2 ފްލެޓް ދޭންޖެހެނީ 1 މެއި 2022 ގައި ކަމަށެވެ. ދަށު ކޯޓުން ނިންމިގޮތް:
8ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2020 ޤަޟިއްޔާގައި ނިންމާފައިވަނީ، ޢަބްދުﷲ ހަމީޒްގެ ދައުވާ ޘާބިތުނުވާ ކަމަށް ކަނޑައަޅައެވެ. ސިވިލް ކޯޓުގެ މި ނިންމުން ބިނާކޮށްފައިވާ އަސާސްތަކަކީ އަންނަނިވި ކަންކަމެވެ.
8.1. އެއްބަސްވުމެއްގެ މާއްދާއެއް މާނަކުރަންވާނީ އެ މާއްދާގައިވާ ބަސްތަކުގެ ޢާންމު މާނައާއި، މުޅި އެއްބަސްވުމުގެ ސިޔާޤާއި، ދެފަރާތުގެ ނިޔަތަށް ބަލައިގެން ކަމަށް ޖަޢުފަރު ރަޝީދު ވ. ޢަލީ ޢަބްދުއްރަޙީމް (2017/HC-A/260) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށް؛
8.2. ދައުވާގައި ހިމެނޭ ބާވަތުގެ މުއާމަލާތަކީ ޤާނޫނީ އެހީތެރިކަން ހޯދާފައި ނެތް ޙާލަތުގައި މުއާމަލާތުގެ ބައިވެރިންގެ ރުހުން ނެތްކަމަށް ނުވަތަ ނުފޫޒެއް އޮތްކަމަށް ބަލަންޖެހޭ ބާވަތުގެ މުއާމަލާތެއް ނޫންކަމަށާއި، ދެފަރާތުގެ ދެމެދު އޮތް ގުޅުމަކީ ވިޔަފާރީގެ ތަބީޢަތުގެ ގުޅުންކަމަށްވާތީ، އެގުޅުމުގެ މައްޗަށް ކުރެވޭ ކޮންޓްރެކްޓްތައް ކުރެވުނު ގޮތް އިތުރަށް ނިއުޅުވައި، ބަލައި ހޯދާންޖެހޭ ސަބަބެއް ނެތްކަމަށް؛
8.3. އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމުގެ 6 ވަނަ މާއްދާ މާނަކުރަން އެދޭގޮތަށް ބަލާނަމަ ޙަވާލާދޭންޖެހެނީ އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ޅ) އަށް ކަމަށާއި، އެމާއްދާގައި އޮންނަނީ މަސައްކަތް ނިމި ޢަބްދުﷲ ހަމީޒަށް ތަންދޫކުރާ މުއްދަތުކަމަށާއި، އެމާއްދާގައި ބަޔާންކުރާ 1 މެއި 2018 އަކީ މަސައްކަތް ނިމި ޢަބްދުﷲ ހަމީޒަށް ތަން ބޭނުންކުރަން ލިބޭ ތާރީޚު ފެށޭ ދުވަސްކަމަށާއި، އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ބ) އަކީ ހަމައެކަނި އެމާއްދާއަށް އެކަނި ބަލައިގެން ދޭހަވާނެ މާއްދާއެއް ނޫންކަމަށާއި، އެމާއްދާ ކިޔަން ޖެހެނީ އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ރ) އާ އެކުގައިކަމަށާއި އެގޮތަށް އެމާއްދާ ތަފްސީރުކުރުމުން މަސައްކަތް ނިންމަންޖެހޭ މުއްދަތު ދޭހަވާން އޮންނަކަމަށް؛
8.4. ޢަބްދުﷲ ހަމީޒް އެދޭގޮތަށް އެއްބަސްވުމުގެ 6 ވަނަ މާއްދާ މާނަކުރަން ބަލާއިރު، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ "މަސައްކަތް ނިންމަން" މިއިބާރާތުގެ ސާފު މާނަ ބައިވެރިންގެ މެދުގައި އެނޫންގޮތަކަށް ދޭހަވެފައިވާކަމަށް މާނަކުރަންޖެހޭކަމަށާއި، ސާފު އިބާރާތުން އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ދެގޮތަކަށް ބަޔާންކޮށްފައި އޮތުމުން އެއީ ދެ ޙާލަތެއްކަމުގައި ބުރަވާކަމަށާއި، މަހާޝާ މެޓަލް ވަރކްސް އިން ބަޔާންކުރާ ގޮތަށް އެއްބަސްވުން މާނަކުރުމުން މާނަކުރެވެނީ އޮޅުން އަރާފާނެ ފަދަ ކަމެއް މާނަ ކުރުންކަމުގައިވާތީ، ޢަބްދުﷲ ހަމީޒްގެ ފަރާތުން މިދައުވާގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައި 1 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީފައި އޮތް އޮތުމަކީ ޙަވާލާދިނުމުގެ އޮޅުމެއްކަމުގައި ބުރަވެވޭކަމަށާއި، މިގޮތުން 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އިމާރާތުގެ 2 ފްލޯރއެއް ޢަބްދުﷲ ހަމީޒްއަށް ޙަވާލުކުރުމަށް މިވަގުތު އަމުރުކުރެވެން ނެތްކަމަށް؛
8.5. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން 2 (ދޭއް) ފްލޯ ޙަވާލުކުރަން ޖެހޭ މުއްދަތު ހަމަނުވާތީ، -/740,000ރ. (ހަތްލައްކަ ސާޅީސްހާސް ރުފިޔާ) ދައްކަން އަންގާނެ ތަނެއް ނެތްކަމަށް؛
8.6. އެއްބަސްވުމާއި ޚިލާފުވިކަން ސާބިތު ނުވާތީ، -/40,000ރ. (ސާޅީސްހާސް ރުފިޔާ)ގެ ވަކީލުގެ ފީ ދައްކަން އަންގާނެ ތަނެއް ނެތްކަން؛ މިއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް:
9ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ހަމީޒް ގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާއެވެ.
9.1. ފުރަތަމަ ނުކުތާއަކީ؛ އެއްބަސްވުން މާނަކުރުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/260 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އެއްބަސްވުން މާނަކުރުމުގައި ބަލަންވާނެ ހަމަތަކާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/11 ޤަޟިއްޔާއިން ބަލައިގަނެފައިވާ ޤާނޫނީ މަބްދައު އެއް ކަމުގައިވާ "ކޮންޓްރާ ޕްރޮފެރެންޓަމް" ރޫލަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A27 ޤަޟިއްޔާގައި ބަލައިގަނެފައިވާ ޤާނޫނީ މަބްދައު އެއްކަމުގައިވާ "އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން" ގެ މަބްދައުއަށް ރިޢާޔަތްކޮށްފައިނުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.1.1.މި ނުކުތާގެ ތަފްސީލުގައި ޢަބްދުﷲ ހަމީޒްގެ ފަރާތުން ފާހަގަކޮށްފައިވަނީ، 6 ވަނަ މާއްދާގެ (ށ) ގައި ޙަވާލާދެނީ 1 ވަނަ މާއްދާގެ (ރ) އަށް ކަމަށް ސާފުކޮށް ލިޔެވިފައި އޮތްއިރު، އެއީ ޙަވާލާދިނުމުގައި ހިނގާފައިވާ ކުށެއް ކަމަށް ކަނޑައަޅައި ދަށު ކޯޓުން މާނަ ބަދަލުކޮށްފައިވާކަމަށާއި، "ކޮންޓްރާ ޕްރޮފެރެންޓަމް" (Contra Proferentem) ގެ އުޞޫލު ތަޠްބީޤުކުރެވޭނީ ބަސްތައް ދެމާނައެއް ނެގޭ ޙާލަތެއްގައި ކަމަށެވެ.
9.2. ދެވަނަ ނުކުތާއަކީ؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޚަސްމުންގެ ފަރާތުން ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ކޯޓުން ޚަސްމުންނަށް ދޭންވާނެކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް، ދައުވާ ކުރާ ފަރާތުގެ ދައުވާ ޘާބިތުކުރުމަށް ހުށަހެޅި ޝަފަވީ ހެކިވެރިޔާގެ ހެކިބަސް ނުނެގުމަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.2.1.މިނުކުތާގެ ތަފްސީލުގައި ޢަބްދުﷲ ހަމީޒްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓެއް އެކުލަވާލުމުގައި ކަންކަން ހިނގާފައިވާގޮތަށް ބަލައި އެއްބަސްވުމުގެ މަޤްޞަދަށް ބަލައި އެއްބަސްވުން މާނަކުރާ ޙާލަތުގައި ކޯޓުން ބުރަދަން ދޭންޖެހޭ ކަންކަން ކަމުގައި ޤަބޫލުކުރެވިގެން ދެފަރާތުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތުގެ ހެކިބަސް ނެގުމަށް ހުށަހެޅުމުން ދަށުކޯޓުން ހެކިބަސް ނުނެގުމަށް ނިންމި ނިންމުމަކީ، ސުޕްރީމް ކޯޓުގެ 2010/SC-A/02 ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ. އަދި މިހެކިވެރިޔާއަކީ މައްސަލައިގައި ޘާބިތުކުރަން ވަކާލާތު ކުރާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތް އިތުރަށް ސާފުކޮށްދެވޭނެ އެކަމުގެ މަޢުލޫމާތު ހުރި ހަމައެކަނި ފަރާތްކަމަށްވީނަމަވެސް، އެކަމަކީ އިންސާފު ޤާއިމުކުރުމުގައި ބުރަދަންދޭންނުޖެހޭ ކަމެއްކަމުގައި ކޯޓުން ޤަބޫލުކުރެވޭ ޤާނޫނީ ސަބަބެއް ދަށު ކޯޓުން ބަޔާންކޮށްފައިނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
10އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން މަހާޝާ މެޓަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
10.1. އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ރ) ގައި އިމާރާތް ކުރަން ފަށާ ތާރީޚު 1 މެއި 2015 ކަމަށް ބަޔާންކޮށްފައިވާއިރު، (ބ) ގައި އިމާރާތް ނިންމާ 3 އަހަރުގެ މުއްދަތު ދީފައިވާތީ، އިމާރާތް ނިންމަންޖެހެނީ 1 މެއި 2018 ގައި ކަމަށާއި، (ޅ) ގައި ކުލި ދައްކަން ފަށަނީވެސް 1 މެއި 2018 އިން ކަމަށް؛
10.2. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައި 1 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީފައިވަނީ ކުށެއްގެ ގޮތުން ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުގެ މާނަ ނަގައިފިނަމަ 18 މަސްދުވަހުގެ މުއްދަތު ހަމަވާނީ ޢިމާރާތް ނިންމަން ދީފައިވާ 3 އަހަރުގެ މުއްދަތު ހިނގަމުންދާ ދުވަސްވަރެއްގައި ކަމަށާއި، އެއީ އެކަށީގެންވާ މާނަކުރުމެއް ނޫންކަމަށާއި އެހެންކަމުން މިއީ ޙަވާލާދިނުމުގައި ހިނގާފައިވާ ކުށެއް ކަމަށް؛
10.3. "ކޮންޓްރާ ޕްރޮފެރެންޓަމް" (Contra Proferentem) ގެ މަބްދައުއަކީ، ކޮންޓްރެކްޓް މާނަކުރުމާބެހޭ މައްސަލަތަކުގައި ކޯޓުތަކުން ބޭނުންކުރާ މަބްދައުއެއްކަމަށް މިއެވެ. އެދޭ ގޮތް:
11އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2020 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްކުރެއްވުމެއްނެތި ކޮށްފައިވާ ޙުކުމެއްކަމުގައިވާތީ އެޙުކުމާއި އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިދީ އެޙުކުމް ބާޠިލްކޮށް، އަދި އެއްބަސްވުމާއި އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައިނުވާކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށެވެ.
12އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2020 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައިދީ، އެމޭރުމުން ފައިސަލާ ކުރަނިވި ޙުކުމެއް ކޮށްދިނުމާއެކު މައްސަލަ ނިންމައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
13ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރާއިރު، މި ކޯޓުން ފައިސަލާކުރަންޖެހޭ ސުވާލުތަކަކީ އަންނަނިވި ސުވާލުތަކެވެ.
13.1. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ 04 (ހަތަރެއް) އަހަރު ގުނަން ފަށަންވީ ތާރީޚު ކަނޑައެޅުމުގައި، ސިވިލް ކޯޓުން އެއްބަސްވުން މާނަކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ؛
13.2. އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކި ޙާޟިރުނުކުރުމަށް ދަށު ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ؛ މިއެވެ.
އެއްބަސްވުން މާނަކުރުން
14HN1ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ އެކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި އެޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި، ޒިންމާއެއް އަދާކުރަންޖެހޭ ވަގުތަކީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ވަގުތު ނުވަތަ ޙާލަތު ވުޖޫދުވާ ވަގުތު ކަމަށް ބަޔާންކޮށްފައިވެއެވެ. މި މާއްދާތަކުން ދޭހަވަނީ، ޒިންމާއެއް އަދާކުރަން ލާޒިމުވާ ވަގުތަކީ، ކޮންޓްރެކްޓުގައި ދެފަރާތް އެއްބަސްވެފައިވާ ޝަރުޠު ފުރިހަމަވާ ވަގުތު ކަމެވެ.
15HN2ކޮންޓްރެކްޓާބެހޭ ޤާނޫނުގައި އެއްބަސްވުމެއް މާނަކުރާނެ ގޮތުގެ ވަކި އުޞޫލެއް ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން، މި ސުވާލު ފައިސަލާކުރުމަށް ބަލަންޖެހެނީ ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށާއި، ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކަށެވެ.
16އެއްބަސްވުމެއް މާނަކުރުމުގެ އުޞޫލުތައް ސުޕްރީމް ކޯޓުން އެންމެ ފަހުން ތަފްޞީލުކޮށް ތަޙުލީލުކޮށްފައިވަނީ، ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާގައި ފަނޑިޔާރު ޙުސައިން ޝަހީދު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން)، ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، އަދި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތައް އެއްތަނަކަށް ޖަމާކޮށް، ލިޔުމުން ވެވިފައިވާ އެއްބަސްވުމެއް މާނަކުރަންވީ ގޮތުގެ މިންގަނޑު ބަޔާންކޮށްފައިވެއެވެ.
17އެ ޤަޟިއްޔާގައި ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށް އެއްބަސްވުމަކަށް އައުމުން، އެ އެއްބަސްވުމުގައިވާ ކަންކަމަށް ޢަމަލުކުރުން ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަމާއި، އެފަދަ އެއްބަސްވުމަކާ މެދު ޚިލާފު އުފެދިގެން ޝަރީޢަތަށް ހުށަހެޅުމުން، ފަނޑިޔާރު ރިޢާޔަތްކުރަންވާނީ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމަށާއި، ކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ކަމަށެވެ.
18HN3ދެވަނަކަމަކަށް އެޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގެ މާއްދާއެއް މާނަކުރުމުގެ މަޤްޞަދަކީ ބައިވެރިންގެ ނިޔަތް ދެނެގަތުންކަމަށާއި ނަމަވެސް، އެ ނިޔަތް ކަނޑައަޅަނީ ބޭރުފުށުން ކަމަށެވެ. މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން) ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވާ ތިރީގައިވާ ބަސްތައް، ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު ޤަޟިއްޔާގައި ނަކަލުކޮށް ތާއީދުކޮށްފައިވެއެވެ. "...ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މާއްދާއިން ކޮންޓްރެކްޓުގެ ބައިވެރިން ނެރެން ބޭނުންވި މާނަ ކޯޓުން ނަގަންވާނީ، ކޮންޓްރެކްޓުގެ ބައިވެރިންނަށް ކޮންޓްރެކްޓު ކުރިއިރު އެނގިފައިވާ ކަމަށް ގަބޫލުކުރެވޭ ހުރިހާ ހަގީގަތްތައް އެނގިހުރި ސަބަބުވެރި ކިޔުންތެރިއަކަށް، އެ މާއްދާ މާނަކުރެވޭ ގޮތަށް ކަމަށެވެ. ވީމާ، ކޮންޓްރެކްޓުގެ މާއްދާއަކުން ނުވަތަ އިބާރާތަކުން އެއް މާނައަށްވުރެ ގިނަ މާނަ ނެގޭ ނަމަ، އެ މާނަތަކުގެ ތެރެއިން ކޯޓުން ބުރަވާންވާނީ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރު ފުށުން ކަށަވަރު ކުރެވެން އޮންނަ ގޮތުގެ މައްޗަށެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ މައުނަވީ ނިޔަތުގެ މައްޗަކަށް ނޫނެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރުފުށުން ކަށަވަރުކުރާނީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގެ އެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ހާލަތަށާއި، ވިޔަފާރީގެ މަގްސަދު ހާސިލުކުރެވޭނެ ގޮތަށް ރިއާޔަތްކޮށްގެންނެވެ."
19HN4ތިންވަނައަށް، ވިޔަފާރީގެ މުޢާމަލާތެއްގައި އެއްބަސްވުމުގެ ބަސްތަކުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާނަމަ، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވާ ފަދައިން، "ކޯޓުން އެފަދަ ޙާލަތެއްގައި އެކަމެއް މާނަކޮށް ކަނޑައަޅަންވާނީ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްތަކާއި ލަފުޒުތަކާއި ފުށުނާރާ، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ (business common sense) މާނައެކެވެ."
20މި އުޞޫލުތަކުގެ މައްޗަށް ބިނާކޮށް، ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ އެއް މާއްދާއާ އަނެއް މާއްދާ ފުށުއަރާނަމަ، ނުވަތަ ދެ މާއްދާ އެކުގައި ކިޔުމުން އެއް މާނައަށް ވުރެ ގިނަ މާނަ ނެގޭނަމަ، ފަނޑިޔާރު ބުރަވާންޖެހޭނީ ބޭރުފުށުން އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ފެންނަން އޮންނަ ގޮތުގެ މައްޗަށްކަމަށާއި، އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރުފުށުން ކަށަވަރުކުރާނީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ޙާލަތަށާއި، ވިޔަފާރީގެ މަޤްސަދު ޙާސިލުކުރެވޭނެ ގޮތަށް ބަލައިގެންކަމަށެވެ. މި ޤާއިދާއަކީ، އެއްބަސްވުމުގެ ދެ މާއްދާ އެއް މާއްދާ އަނެއް މާއްދާއާ ފުށުއަރާ ޙާލަތަށް ސީދާ ތަޠްބީޤުވާ ޤާއިދާއެކެވެ. އެއީ، މި މައްސަލައިގައި އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ށ) އާ މެދު އުފެދިފައިވާ ޙާލަތެވެ.
21HN7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ތަސްލީމާ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު ފާހަގަކޮށްފައިވަނީ "ކޮންޓްރާ ޕްރޮފެރެންޓަމް" (Contra Proferentem) ގެ އުޞޫލު ތަޠްބީޤުވަނީ ބަސްތައް ސާފުނޫން ޙާލަތުގައި ކަމަށެވެ. އެގޮތުން އެކޯޓުން ފާހަގަކޮށްފައިވަނީ "މި ގާއިދާއަކީ، އެއްބަސްވުމެއްގެ މާއްދާއެއްގައި ބަޔާންކުރާ އެއްޗެއް ސާފު ނޫންކަމަށް ވާނަމަ، އެ މާއްދާއެއް މާނަކުރެވެންވާނީ އެ ކޮންޓްރެކްޓެއް އެކުލަވާލި ފަރާތުގެ މަސްލަހަތާ އިދިކޮޅަށް ކަމަށް ބަޔާންކުރާ އުޞޫލެއް" ކަމަށެވެ.
22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ޤަޟިއްޔާގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔުގައިވެސް މިމޭރުމުން މިމަފްހޫމް މާނަކޮށްފައިވެއެވެ. އޭގެ އިތުރުން އެގަޟިއްޔާގައި ފާހަގަކޮށްފައިވަނީ، މި ޤާއިދާއިން ބުނެވުނު ފަދައިން މާނަކުރަނީ އެއްބަސްވުން އެކުލަވާލި ފަރާތުން އެއްބަސްވުން ތައްޔާރުކުރުމުގައި އެފަރާތުގެ މަސްލަޙަތު ރައްކާތެރިކުރާނެ ކަމުގައި ބަލައިގެން ކަމަށެވެ. އަދި އިތުރަށް ފާހަގަކޮށްފައިވަނީ ކޮންޓްރާ ޕްރޮފެރެންޓަމް ތަޠުބީޤު ކުރެވެނީ ބުނެވުނު ޙާލަތްތަކުގައި ކަމަށްވާއިރު، އެ ޤާއިދާ ތަޠުބީޤު ކުރަންޖެހޭފަދަ ޙާލަތެއް މެދުވެރި ނުވާނަމަ، އެއްބަސްވުމާގުޅޭ ގޮތުން ގޮތް ކަނޑައެޅުމުގައި އެއްބަސްވުމުގެ ބައިވެރިންގެ އަމަލުތައް ހުރިގޮތަށް ރިޢާޔަތްކުރަންޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ. އަދި މި އުޞޫލަށް ބިނާކުރާ ފަރާތުން، އެއްބަސްވުމުގައި ހުރި "ކޮން އުނިކަމެއް ނުވަތަ ފުށުއެރުމެއް ނުވަތަ އޮޅުމެއް" ގެ ސަބަބުން އެ އުޞޫލު ތަޠުބީޤުވާކަން ސާފުކޮށްދޭން ޖެހޭކަމަށެވެ.
23މިމައްސަލައިގެ ޚަސްމުންނާއި ދަށު ކޯޓުން ޙަވާލާދޭ އެއް ޤަޟިއްޔާއަކީ މިކޯޓުގެ ޖަޢުފަރު ރަޝީދު ވ. ޢަލީ ޢަބްދުއްރަޙީމް ޤަޟިއްޔާއެވެ. ޚަޞްމުން އަދި ދަށުކޯޓުންވެސް ފާހަގަކުރާ ފަދައިން އެއްބަސްވުމެއްގެ މާއްދާއެއް މާނަކުރަންވާނީ، ބަސްތަކުގެ އާންމު މާނައާއި، މުޅި އެއްބަސްވުމުގެ ސިޔާޤާއި، ދެފަރާތުގެ ނިޔަތަށް ބަލައިގެން ކަމުގެ އުޞޫލަކީ، ފާޠިމަތު ތަސްލީމާ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ އާއި މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އެއްގޮތް އުޞޫލެކެވެ.
24HN5އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކުން ސުޕްރީމް ކޯޓުން ތަކުރާރުކޮށް ކަނޑައަޅާފައިވަނީ، ދެފަރާތް އެއްބަސްވި ގޮތަށް އެއްބަސްވުން ތަންފީޛުކުރުމުގެ އުޞޫލާއި "ކޮންޓްރާ ޕްރޮފެރެންޓަމް" (Contra Proferentem) ގެ އުޞޫލެވެ. މިދެއުޞޫލުންވެސް ޙާސިލްކުރަން ބޭނުންވާ ނަތީޖާއަކީ، ދެފަރާތް ލިޔުމުން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމެވެ. އެހެންކަމުން، އެއްބަސްވުމުގެ އެއް މާއްދާއެއްގައި ފާޅުކަންބޮޑު ކުށެއް އޮތްނަމަ (މިސާލަކަށް، ނެތް ތާރީޚަކަށް ޙަވާލާދިނުން)، އެ ކުށް ރަނގަޅުކުރަންވީ ގޮތް އެއްބަސްވުމުގެ އެހެން މާއްދާތަކުން ސާފުކޮށް ދޭހަވާނަމަ، އެ މާނަ ނެގުމަކީ ބަސްތަކުގައި ނެތް ކަމެއް އިތުރުކުރުމެއް ނޫނެވެ. އެއީ، ދެފަރާތް ބަސްތަކުން އެއްބަސްވެފައިވާ ކަމަށް ޢަމަލުކުރުމެވެ.
25HN6އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ރިޢާޔަތްކުރާ އެއް ޤަޟިއްޔާއަކީ، ސުޕްރީމް ކޯޓުގެ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި ކަނޑައެޅިފައިވާ ބައެއް އުޞޫލުތަކުން ސުޕްރީމް ކޯޓުން ދުރަށް ގޮސްފައިވީނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދެނީ ކޮންޓްރެކްޓެއް ބަނދެވޭ (العقد شريعة المتعاقدين) ޢާންމު އުޞޫލަކަށެވެ. ނަމަވެސް، ދެފަރާތް "އެއްބަސްވެފައިވާ" ކަމެއް ތަންފީޛުކުރުމުގެ ކުރިން، ދެފަރާތް އެއްބަސްވެފައިވަނީ ކޮން ކަމަކަށްކަން އެއްބަސްވުމުން ކަނޑައަޅަން ޖެހެއެވެ. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގެ މާނަ ކަނޑައެޅުމަކީ، މި އުޞޫލާ ޚިލާފުވުމެއް ނޫނެވެ. އެއީ، މި އުޞޫލު ތަޠުބީޤުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
26ސުޕްރީމް ކޯޓުން އިސްތިޤްރާރުވެފައިވާ ބުނެވުނު އުޞޫލުތަކަކީ، އެހެނިހެން ޖޫރިސްޑިސްޓިކްޝަންތަކުގައި ވެސް ޢަމަލުކުރެވޭ އުޞޫލުތަކާ ދާދި އެއްގޮތް އުޞޫލުތަކެވެ. ބިމުގެ ވެރިފަރާތަކާއި ޑިވެލޮޕަރަކާ ދެމެދު ވެވިފައިވާ ޑިވެލޮޕްމަންޓް އެއްބަސްވުމެއް މާނަކުރުމުގެ މައްސަލައެއް ކަމުގައިވާ Chartbrook Ltd v Persimmon Homes Ltd ޤަޟިއްޔާގައި، އިގިރޭސިވިލާތުގެ ކޯޓުން ފާހަގަކޮށްފައިވަނީ، އެއްބަސްވުމެއްގެ ބަސްތަކުގައި ފާޅުކަން ބޮޑު ކުށެއް އޮވެ، އަދި ސަބަބުވެރި ވިސްނުމަކުން ނަޒަރުކުރާއިރު، ދެފަރާތުގެ މުރާދު ސާފުކޮށް އެނގޭ ޙާލަތުގައި، އެ ކުށް މާނަކުރުމުގެ ތެރެއިން ރަނގަޅުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. Wood v Capita Insurance Services Ltd މައްސަލައިގައި ކޯޓުން ފާހަގަކޮށްފައިވަނީ، އެއްބަސްވުމެއް މާނަކުރުމަކީ އެއް މަސައްކަތެއް ކަމަށާއި، ބަސްތަކަށް ބެލުމާއި (textualism) ސިޔާޤަށް ބެލުމަކީ (contextualism) އިދިކީލަ އުޞޫލުތަކެއް ނޫން ކަމަށާއި، ކޮންމެ މާނައެއްގެ ނަތީޖާ އެއްބަސްވުމުގެ އެހެން ބައިތަކާ އަޅާކިޔައި ބަލަންވާނެ ކަމަށެވެ. އުޞޫލުތައް މިމައްސަލައަށް ތަޠުބީޤުކުރުން
27ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް މި މައްސަލައިގެ ވާޤިއާތަކަށް ތަޠުބީޤުކުރާއިރު، މި މައްސަލައިގައި ޚިލާފު އުފެދިފައިވަނީ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) މާނަކުރުމުގެ މައްޗަށެވެ. އެ މާއްދާގެ ދަށުން، ޢިމާރާތުގެ ގްރައުންޑް ފްލޯރއާއި ފުރަތަމަ ފްލޯރ ފިޔަވައި، ވެރިފަރާތް ބޭނުންވާ އިތުރު 2 ފްލޯރ އެފަރާތާ ޙަވާލުކުރަންޖެހެނީ، މަސައްކަތް ނިންމަން އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ދުވަހުން ފެށިގެން މީލާދީ 4 (ހަތަރެއް) އަހަރުން ފެށިގެންނެވެ. އެހެންނަމަވެސް އެއްބަސްވުމުގެ 1 ވަނަ މާއްދާގައި (ރ) ގައި ބަޔާންކުރަނީ "ގޯތީގައި އިމާރާތް ކުރަން ފަށާ ތާރީޚް" އެކެވެ. އެހެންކަމުން، 6 ވަނަ މާއްދާގެ (ށ) އާއި 1 ވަނަ މާއްދާގެ (ރ) އެއް މާއްދާ އަނެއް މާއްދާއާ ދިމާލެއް ނުވެއެވެ.
28އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގެ ބަސްތަކުގެ ޢާންމު މާނައަށް އެކަނި ބަލައިގެން، 4 (ހަތަރެއް) އަހަރު ގުނަން ފަށަންވީ ދުވަހެއް ނޭނގެއެވެ. މި ހުސްކަމުގެ ސަބަބުން، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) އާއި 1 ވަނަ މާއްދާ އެކުގައި ކިޔާއިރު ދެ މާނައެއް ނގެއެވެ. ޢަބްދުﷲ ހަމީޒް ގެ ފަރާތުން މާނަކޮށްފައިވަނީ، 4 (ހަތަރެއް) އަހަރު ގުނަން ފަށަންވީ ޢިމާރާތް ކުރަން ފަށާ ތާރީޚު ކަމުގައިވާ 1 މެއި 2015 އިން ކަމަށާއި، އެގޮތުން 2 (ދޭއް) ފްލޯރ ޙަވާލުކުރަންޖެހުނީ 1 މެއި 2019 ގައި ކަމަށެވެ. މަހާޝާ މެޓަލް ވާރކްސްގެ ފަރާތުން މާނަކޮށްފައިވަނީ، 4 (ހަތަރެއް) އަހަރު ގުނަން ފަށަންވީ ޢިމާރާތް ނިންމަން ދީފައިވާ 3 (ތިނެއް) އަހަރުގެ މުއްދަތު ހަމަވާ 1 މެއި 2018 އިން ކަމަށާއި، އެގޮތުން 2 (ދޭއް) ފްލޯރ ޙަވާލުކުރަންޖެހެނީ 1 މެއި 2022 ގައި ކަމެވެ.
29މިއީ، ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު ޤަޟިއްޔާގައި ބުނާ، "ދެ މާއްދާ އެކުގައި ކިޔުމުން އެއް މާނައަށް ވުރެ ގިނަ މާނަ ނެގޭ" ޙާލަތެކެވެ. އެހެންކަމުން، މި ޙާލަތުގައި ކޯޓުން ބުރަވާންޖެހޭނީ ބޭރުފުށުން ފެންނަން އޮންނަ ދެފަރާތުގެ ނިޔަތުގެ މައްޗަށެވެ. އެ ނިޔަތް ކަނޑައަޅަންވާނީ، މުޅި އެއްބަސްވުމުގެ ސިޔާޤާއި، އެއްބަސްވުން ވެވުނު ޙާލަތާއި، އެއްބަސްވުމުގެ ވިޔަފާރީގެ މަޤްޞަދަށް ބަލައިގެންނެވެ.
30ފުރަތަމަ ކަމަކަށް، މުޅި އެއްބަސްވުމުގެ ސިޔާޤަށް ބަލާއިރު، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) އަކީ ވަކި ދެ ޝަރުޠެކެވެ. (ހ) ގައި ބަޔާންކުރަނީ ޢިމާރާތުގެ މަސައްކަތް "ފެށުމާ" ގުޅިގެން ފުރަތަމަ 2 ފްލޯރ ޙަވާލުކުރުމެވެ. (ށ) ގައި ބަޔާންކުރަނީ ޢިމާރާތުގެ މަސައްކަތް "ނިންމުމާ" ގުޅިގެން އިތުރު 2 ފްލޯރ ޙަވާލުކުރުމެވެ. 1 ވަނަ މާއްދާގައިވެސް މި ދެ ކަން ބަޔާންކޮށްފައިވަނީ ވަކިވަކިންނެވެ. މަސައްކަތް ފަށާ ތާރީޚު (1 މެއި 2015) ބަޔާންކޮށްފައިވަނީ (ރ) ގައެވެ. މަސައްކަތް ނިންމާ މުއްދަތު (3 އަހަރު) ބަޔާންކޮށްފައިވަނީ (ބ) ގައެވެ. 6 ވަނަ މާއްދާގެ (ށ) ޙަވާލާދީފައިވަނީ (ރ) އަށް ކަމުން، (ށ) ގެ "ނިންމުމުގެ" ޝަރުޠު ގުޅިފައިވަނީ (ބ) ގެ "ނިންމާ މުއްދަތާ" ކަން ދޭހަވެއެވެ. (ރ) އާއި (ބ) އެކުގައި ކިޔާއިރު، ޢިމާރާތް ނިންމަން ދީފައިވާ މުއްދަތު ހަމަވަނީ 1 މެއި 2018 ގައެވެ. 1 ވަނަ މާއްދާގެ (ޅ) ގައި ބިން ދިގުމުއްދަތަށް ދޫކުރާ 27 (ހަތާވީސް) އަހަރުގެ މުއްދަތު ފަށަނީވެސް 1 މެއި 2018 އިންނެވެ. އަދި (ކ) ގައި ބަޔާންކޮށްފައިވަނީ، ބިމުގެ ކުލީގެ ބަދަލުގައި ވެރިފަރާތަށް ދޭނީ 4 (ހަތަރެއް) ބުރި ކަމަށާއި، އެ ބުރިތައް ދޫކުރާނެ ގޮތް 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. މި މާއްދާތައް އެކުގައި ކިޔާއިރު، ޢިމާރާތް ނިމޭ ދުވަހެއްގެ ގޮތުގައި ދެފަރާތް ބަލާފައިވަނީ 1 މެއި 2018 އެވެ.
31ދެވަނަ ކަމަކަށް، އެއްބަސްވުމުގެ ވިޔަފާރީގެ މަޤްޞަދަށް ބަލާއިރު، މިއީ ކުލީގެ ބަދަލުގައި، ކުއްޔަށް ހިފާ ފަރާތުން ތަން ޢިމާރާތްކޮށް ވެރިފަރާތަށް ޢިމާރާތުން 4 (ހަތަރު) ފްލޯރ ދިނުމުގެ އެއްބަސްވުމެކެވެ. އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ފްލޯރ ޙަވާލުކުރުން ދެ މަރުޙަލާއަކަށް ބަހާލާފައިވަނީ، ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ތަރުތީބާ ގުޅުވައިގެންނެވެ. ޢަބްދުﷲ ހަމީޒްގެ ފަރާތުން ފާހަގަކުރާގޮތަށް މާނަ ކޮށްފިނަމަ، 4 (ހަތަރު) އަހަރު ހަމަވާނީ 1 މެއި 2019 ގައެވެ. އެއީ، ޢިމާރާތް ނިންމާތާ އެންމެ އަހަރެއް ފަހެވެ. އަދި 6 ވަނަ މާއްދާގެ (ހ) ގެ 18 މަސްދުވަސް ހަމަވާނީ، ޢިމާރާތް ނިންމަން ދީފައިވާ 3 (ތިނެއް) އަހަރު ހިނގަމުންދާ ދުވަސްވަރެއްގައެވެ. އެ މާނައިން، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައި "މަސައްކަތް ނިންމަން" މި ޙާލަތަށް ޙަވާލާދީފައިވުމަށް އެއްވެސް ބޭނުމެއް ނެތި ބޭކާރުވެއެވެ. އެހެންކަމުން، އެ މާނައަކީ ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ މާނައެއް ނޫނެވެ.
32މި ހުރިހާ ކަމަކަށް ބަލާއިރު، ބޭރުފުށުން ފެންނަން އޮންނަ ދެފަރާތުގެ ނިޔަތަކީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގެ 4 (ހަތަރެއް) އަހަރު ގުނަން ފަށަންވީ ޢިމާރާތް ނިންމަން ދީފައިވާ މުއްދަތު ހަމަވާ 1 މެއި 2018 އިން ކަމެވެ. ސިވިލް ކޯޓުން އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) މާނަކޮށްފައިވަނީވެސް މިގޮތަށެވެ. މިއީ، އެއްބަސްވުމުގައި ނެތް ޝަރުޠެއް ކޯޓުން އިތުރުކުރުމެއް ނޫނެވެ. އަދި އެއްބަސްވުން އަލުން ލިޔުމެއްވެސް ނޫނެވެ. އެއީ، އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި 6 ވަނަ މާއްދާ އެކުގައި ކިޔައިގެން، ދެފަރާތުގެ ބަސްތަކުން އެއްބަސްވެފައިވާ ކަމަށް ޢަމަލުކުރުމެވެ. Chartbrook Ltd v Persimmon Homes Ltd ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވަނީ، ބަސްތަކުގައި ކުށެއް ހިނގާފައިވާކަން ފާޅުކޮށް ފެނި، އެ ކުށް ރަނގަޅުކުރަންވީ ގޮތް ސިޔާޤުން ސާފުކޮށް އެނގޭނަމަ، މާނަކުރުމުގެ ތެރެއިން އެ ކުށް ރަނގަޅުކުރެވިދާނެ ކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނިންމުމަކީ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވާ، ދެފަރާތް އެއްބަސްވި ގޮތަށް އެއްބަސްވުން ތަންފީޛުކުރުމުގެ އުޞޫލާ ފުށުއަރާ ނިންމުމެއް ނޫނެވެ.
33ޢަބްދުﷲ ހަމީޒްގެ ފަރާތުން "ކޮންޓްރާ ޕްރޮފެރެންޓަމް" (Contra Proferentem) ގެ އުޞޫލަށް އިސްތިއުނާފީ ނުކުތާ ބިނާކުރި ނަމަވެސް، ފާޠިމަތު ތަސްލީމާ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް އާއި މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ގޮތުން، އެ އުޞޫލު ތަޠްބީޤުވަނީ އެއްބަސްވުމުގެ ބަސްތައް ސާފުނޫން ޙާލަތެއްގައެވެ. މި މައްސަލައިގައި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައި ސާފުނޫންކަމެއް ހުރި ނަމަވެސް، މުޅި އެއްބަސްވުމުގެ ސިޔާޤާއި ވިޔަފާރީގެ މަޤްޞަދަށް ބަލައިގެން އެ ނުސާފުކަން ފިލައެވެ. އެއްބަސްވުން މާނަކުރުމުގެ އަސާސީ އުޞޫލުތަކުން ރިޢާޔަތްކޮށް، އެއްބަސްވުމުގެ މަޤްސަދު އަދި މާނަ ސާފުވާތީ،"ކޮންޓްރާ ޕްރޮފެރެންޓަމް" (Contra Proferentem) ގެ އުޞޫލަށް ރުޖޫޢަވާން މިމައްސަލައިގައި ނުޖެހެއެވެ.
34މި މާނަކުރުމުގެ އަލީގައި، 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އިތުރު 2 (ދޭއް) ފްލޯރ ޙަވާލުކުރަންޖެހެނީ 1 މެއި 2022 ގައެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި ފާޠިމަތު ތަސްލީމާ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުން، ޒިންމާއެއް އަދާކުރަން ލާޒިމުވާ ވަގުތު ކަނޑައެޅެނީ އެއްބަސްވުމުންނެވެ. ޢަބްދުﷲ ހަމީޒް ދައުވާ ހުށަހަޅާފައިވަނީ 12 މާރިޗު 2020 ގައެވެ. އެ ތާރީޚުގައި 6 ވަނަ މާއްދާގެ (ށ) ގެ ޒިންމާ އަދާކުރަން ލާޒިމުވާ ވަގުތު ނުޖެހެއެވެ. އެހެންކަމުން، އެ ތާރީޚުގައި މަހާޝާ މެޓަލް ވާރކްސް އިން އެއްބަސްވުމާ ޚިލާފުވެފައިވާކަން ޘާބިތެއް ނުވެއެވެ.
35މިހެންކަމުން، ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް، ދަށު ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ހެކިން ޙާޟިރުނުކުރުން
36HN8ދައުވާއެއް ޘާބިތުކުރުމަށް ހެކިތަކާއި ދަލީލު ހުށަހެޅުމުގެ ޙައްޤަކީ ޚަސްމުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤެއް ކަމުގައި، ސުޕްރީމް ކޯޓުން އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަދަނީ މައްސަލަތަކުގައި ޘާބިތު (الإثبات/Proof) ކުރުމަކީ އެއިން ޤާނޫނީ ނަތީޖާތަކެއް ޙާޞިލުކޮށްދޭ ޤާނޫނީ ވާޤިއާ (fact) އެއް އޮތްކަމުގެ މައްޗަށް ޝަރީޢަތުގެ ކުރިމަތީގައި ޤާނޫނުގައި ކަނޑައެޅިފައިވާ ވަޞީލަތްތަކުން ދަލީލު ޤާއިމުކުރުމެވެ. އަދި މި ޙައްޤުން ޚަސްމަކު މަޙްރޫމް ކުރުމަކީ، ދަށު ކޯޓުގެ ނިންމުމެއް ބާޠިލްކުރެވިދާނެ ޤާނޫނީ ސަބަބެއް ކަމުގައިވެސް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
37HN9ނަމަވެސް، މި ޙައްޤަކީ ޙައްދެއް ނެތް ޙައްޤެއް ނޫނެވެ. ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައިވާ އުޞޫލު ތަކުރާރުކުރައްވަމުން، ޝަރީޢަތަށް ހުށަހެޅޭ ހެކި ބަލައިގަތުމުގެ ބާރު މައްސަލަ ބަލާ ކޯޓަށް ލިބިގެންވާކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ފައިސަލާކުރަންޖެހޭ ނުކުތާއަށް ބޭނުންތެރި ނޫން ހެކި ބަލައިނުގަތުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެ މައްސަލައިގައި ހެކިން ހާޒިރުނުކުރަން ދަށު ކޯޓުން ނިންމި ނިންމުމަށް، ސުޕްރީމް ކޯޓުން ބަދަލެއް ގެނެސްފައިނުވެއެވެ.
38މި އުޞޫލު ސުޕްރީމް ކޯޓުން ފަހުން އިތުރަށް ސާފުކޮށްދީފައިވަނީ ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައެވެ. މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާއަށް ޙަވާލާދީ، ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ޝަރީޢަތުގެ ޢާންމު އުސޫލަކީ ކަމެއް ސާބިތުކުރުމަށް ހުށަހަޅާ ހެއްކަކުން އެކަމެއް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. އަދި ޝަރީޢަތަށް ހުށަހެޅޭ ވަކި ހެއްކެއް އެއީ ހުށަހެޅިފައިވާ މައްސަލައިގެ ބޭނުމަށްޓަކައި ބޭނުންތެރި ހެއްކެއް ނޫންކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި، އެ ހެއްކެއް ބަލައިނުގަތުމުގެ ނުވަތަ ހާޒިރުނުކުރަން ނިންމި ސަބަބު ބަޔާންކުރުމާއެކު މައްސަލައިގައި ގޮތެއް ކަނޑައެޅުން" ކަމަށެވެ.
39HN10އަދި ހެކި ވަޒަންކުރުމަކީ މައްސަލަ ބަލާ ކޯޓުގެ ތަޤްދީރީ ބާރެއް ނަމަވެސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއަށް ބަލާއިރު، އެއީ މުތުލަޤު ބާރެއް ނޫންކަން ފާހަގަކޮށް، މައްސަލައާ ގުޅިގެން ބަލައިގަންނާނެ ހެކި، ނުވަތަ ބަލައިގަންނަ ހެއްކެއް ވަޒަންކޮށްފައިވާ ގޮތަކީ އެކަށީގެންވާ ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބުތަކެއްގެ މައްޗަށް ބިނާވާ ނިންމުމަކަށްވާންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.
40HN11HN12އެހެންކަމުން، ހެއްކަކު ހާޒިރުނުކުރަން މައްސަލަ ބަލާ ކޯޓުން ނިންމުމަކީ، މުތުލަޤަށް ޤާނޫނީ ކުށެއް ނޫނެވެ. އެފަދަ ނިންމުމެއް އިސްތިއުނާފީ ނަޒަރަކުން ވަޒަންކުރުމުގައި މި ކޯޓުން ބަލަން ޖެހެނީ، އެ ނިންމުމުގެ ސަބަބު ބަޔާންކޮށްފައިވާތޯއާއި، އެ ސަބަބަކީ ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބެއްތޯއެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ފައިސަލާކުރަން ޖެހުނު ސުވާލަކީ، ދެފަރާތް ޤަބޫލުކުރާ، ލިޔުމުން ވެވިފައިވާ އެއްބަސްވުމެއްގެ 6 ވަނަ މާއްދާގެ (ށ) ގެ މާނައެވެ. އެއީ ހެކިން ޘާބިތުކުރަންޖެހޭ ވާޤިއާއެއް ނޫނެވެ. މިއީ ޤާނޫނީ ސުވާލެކެވެ. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައި ޙަވާލާދިނުމުގެ ކުށެއް ހިނގާފައިވާކަން ސިވިލް ކޯޓުން ދެނެގަނެފައިވަނީވެސް، ހެއްކަކަށް ބެލުމުގެ ބަދަލުގައި، އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި 6 ވަނަ މާއްދާ އަޅާކިޔައިގެންނެވެ.
41ޢަބްދުﷲ ހަމީޒްގެ ފަރާތުން ހެކިވެރިޔާ ހާޒިރުކުރަން އެދުނު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، "އެއްބަސްވުން ހެދުމުގައި ޢަބްދުﷲ ހަމީޒްގެ ފަރާތުން މުޢާމަލާތްކުރުމާއި އެއްބަސްވުމުގެ މުޢާމަލާތް ނިމެންދެން އުޅުނު ފަރާތްކަމުން ދައުވާ ކުރާ ފަރާތުގެ ހުށަހެޅުން ޘާބިތުކުރުމަށް". އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ޙަވާލާދީފައިވަނީ 1 ވަނަ މާއްދާގެ (ރ) އަށް ކަމާއި، 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީޚުތަކާއި މުއްދަތުތަކާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. އެހެންކަމުން، ޢަބްދުﷲ ހަމީޒް ހާޒިރުކުރަން އެދުނު ހެކިންގެ ހެކިބަހުން ޘާބިތުކުރަންޖެހޭ ވާޤިއާއެއް އިތުރަކަށް ނެތެވެ. އަދި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގެ މާނައަކީ ކޮބައިކަމާ ބެހޭ ސުވާލަކީ އެއްބަސްވުން މާނަކުރުމުގެ ތެރެއިން ޖަވާބު ލިބޭ ސުވާލެކެވެ. ހެކިން ހާޒިރުނުކުރަން ނިންމި ސަބަބު ސިވިލް ކޯޓުގެ ނިންމުމުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. ވީމާ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާއާއި ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާތަކުގައިވާ މިންގަނޑަށް ބަލާއިރު، ހެކި ހާޒިރުނުކުރަން ސިވިލް ކޯޓުން ނިންމާފައިވަނީ، ސަބަބު ބަޔާންކޮށް، ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބަކަށް ބިނާކޮށްކަން ފެނެއެވެ. އެހެންކަމުން، ހެކި ހުށަހެޅުމުގެ ޙައްޤުން ޢަބްދުﷲ ހަމީޒް މަޙްރޫމްކޮށްފައިވާކަމެއް ނުފެނެއެވެ.
ނިންމަން ފެންނަ ގޮތް
42އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2020 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
43ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
44ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
45މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. ޢާންމު އުޞޫލެއްގެ ގޮތުން، ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް […] ޢަބްދުﷲ ހަމީޒްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- ކުންފުނީގެ ރަޖިސްޓްރީ ނަންބަރު C-880/2006
- […] 10 (ދިހައެއް) ބުރީގެ ޢިމާރާތެއްކުރުމަށް ބިން ދިގުމުއްދަތަކަށް ދޫކުރުމާބެހޭ ކޮންޓްރެކްޓް އެގްރީމެންޓް
- ދަށު ކޯޓު ރިޕޯޓުގެ 6 ވަނަ ނުކުތާ
- ދަށު ކޯޓު ރިޕޯޓުގެ 1 ވަނަ ނުކުތާގެ (ހ)، (ށ) އަދި (ނ)
- ދަށު ކޯޓު ރިޕޯޓުގެ ޙުކުމް
- ދަށު ކޯޓު ރިޕޯޓުގެ 9 ވަނަ ނުކުތާ
- ދަށު ކޯޓު ރިޕޯޓުގެ 10 ވަނަ ނުކުތާ
- ދަށު ކޯޓު ރިޕޯޓުގެ 19 ވަނަ ނުކުތާ
- ދަށު ކޯޓު ރިޕޯޓުގެ 21 ވަނަ ނުކުތާ
- ދަށު ކޯޓު ރިޕޯޓުގެ 22 ވަނަ ނުކުތާ
- ދަށު ކޯޓު ރިޕޯޓުގެ 23 ވަނަ ނުކުތާ
- އިސްތިއުނާފީ ދައުވާއަށް މަހާޝާ މެޓަލް ވާރކްސްގެ ފަރާތުން ހުށަހެޅި ޖަވާބު ފޯމުގެ ނަންބަރު 4.1.2
- އބޙ ގެ ނަންބަރު 4.1.5
- އބޙ ގެ ނަންބަރު 4.1.9
- ޤާނޫނު ނަންބަރު 4/91
- [2026] SC 30
- [2021] SC 65
- [2021] SC 79
- [2022] SC 60
- [2026] SC 30 ޤަޟިއްޔާގެ ޕްރެގްރާފް 20
- އބޙ ގެ ޕްރެގްރާފް 19
- [2021] SC 65
- [2026] SC 30
- [2026] SC 30 ގެ ޕްރެގްރާފް 21
- [2022] SC 60
- އބޙ ގެ ޕްރެގްރާފް 22
- [2026] SC 30
- [2026] SC 30 ގެ ޕެރެގްރާފް 23
- 2018/SC-A/11
- 2018/SC-A/11 ގެ ޕެރެގްރާފް 25
- [2021] SC 88
- އބޙ ގެ ޕެރެގްރާފް 14
- އބޙ ގެ ޕެރެގްރާފް 15
- އބހ ގެ ޕެރެގްރާފް 15
- 2017/HC-A/260
- 2018/SC-A/11
- [2021] SC 88
- 2013/SC-A/27
- [2021] SC 107
- [2009] UKHL 38 (or Chartbrook Ltd v Persimmon Homes Ltd [2009] 1 AC 1101
- އބޙ ގެ 2522 ވަނަ ޕްރެގްރާފް (ލޯޑް ހޮފްމަން)
- Wood v Capita Insurance Services Ltd [2017] UKSC 24, [2017] AC 1173
- އބޙ ގެ 10-14 ވަނަ ޕްރެގްރާފް (ލޯޑް ހޮޖް)
- [2026] SC 30
- [2026] SC 30
- އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ކ)
- ދަށު ކޯޓު ރިޕޯޓުގެ 19 ވަނަ ނުކުތާ
- [2009] UKHL 38 (or Chartbrook Ltd v Persimmon Homes Ltd [2009] 1 AC 1101
- 2013/SC-A/27
- 2018/SC-A/11
- [2021] SC 88
- ޤާނޫނު ނަންބަރު 4/91
- 2018/SC-A/11
- 2010/SC-A/02
- 2017/SC-A/26
- 2010/SC-A/02
- 2017/SC-A/26 ގެ ޕެރެގްރާފް 38
- 2017/SC-A/26 ގެ ޕެރެގްރާފް 41 އަދި 42
- އބޙ ގެ ޕެރެގްރާފް 47 އަދި 48
- [2022] SC 37
- 2017/SC-A/26
- [2022] SC 37
- އބޙ ގެ ޕެރެގްރާފް 117
- 2018/SC-A/49
- އބޙ ގެ ޕެރެގްރާފް 118
- ދަށު ކޯޓުގެ ރިޕޯޓުގެ ޕެރެގްރާފް 18 އަދި 19
- ދަށު ކޯޓުގެ ރިޕޯޓުގެ "ހެކި ލިސްޓް"
- ދަށު ކޯޓުގެ ރިޕޯޓުގެ ޕެރެގްރާފް 24
- 2017/SC-A/26
- [2022] SC 37
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ށ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) އަދި (ށ)
- [2026] SC 30 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު)
- [2021] SC 65 (މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން))
- [2021] SC 79 (ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- [2022] SC 60 (ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު)
- 2018/SC-A/11 (ފާޠިމަތު ތަސްލީމާ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- [2021] SC 88 (މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް))
- 2017/HC-A/260 (ޖަޢުފަރު ރަޝީދު ވ. ޢަލީ ޢަބްދުއްރަޙީމް)
- 2013/SC-A/27 (ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް)
- [2021] SC 107
- Chartbrook Ltd v Persimmon Homes Ltd [2009] UKHL 38, [2009] 1 AC 1101
- Wood v Capita Insurance Services Ltd [2017] UKSC 24, [2017] AC 1173
- 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ)
- 2017/SC-A/26 (މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ)
- [2022] SC 37 (ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.