—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/27
ދަޢުވާކުރާ ފަރާތް: ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު
ހުށަހެޅުނު ތާރީޚް: 06 މެއި 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 މެއި 2013
ނިމުނު ތާރީޚް: 19 މެއި 2014
މައްސަލަ ނިންމި ގަޑި:16:55
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2012/HC-A/291
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 02 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 21 ފެބްރުއަރީ 2013
މައްސަލައިގެ ޚުލާޞާ:
މިއީ މަދަނީ ކޯޓުގެ ނަންބަރު 372/CV-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/291 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/291 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން (8) އަށް ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރާ ގޮތުގައި ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން ފައިސާ ހޯދުމަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާ އިންވޮއިސްތަކުގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ފައިސާ ދެއްކުމަށް ބުނެފައިވާ 15 ދުވަހުގެ ތެރޭގައި އިންވޮއިސްތަކަށް ފައިސާ ދައްކާފައިނުވާކަމާއި، އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ފަހަރަކު ޖޫރިމަނާ ފައިސާ ނަގާފައިނުވާކަމަށް ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާ ކަމާއި، އަދި އެކަމަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް %2 (ދޭއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާގެ ފައިސާ ނެގޭނެކަމަށް ބަޔާންކޮށް ފައިސާ ދެއްކުމަށް ދެ ފަރާތުން އެއްބަސްވެވިފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުމަށް އެދި ހުށަހަޅާފައިވާ (offer) ހުށަހެޅުމެއްކަމާއި، އެ ހުށަހެޅުން ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން (acceptance) ޤަބޫލުކޮށްފައިނުވާކަމާއި، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަދަލެއް ގެނެވޭނީ ދެ ފަރާތުން އެއްބަސްވެ ސޮއިކުރާ ލިޔުމަކުން ކަމަށް އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތި ހަމައެކަނި އިންވޮއިސްތައް ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ބަލައިގަނެ ޙަވާލުވި ޙަވާލުވުމަކީ، އެ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ކަންކަން ކުރަން އެއްބަސްވެފައި އޮތް ގޮތާ ޚިލާފަށް އެ އިންވޮއިސްތަކުގައި ބަޔާންކޮށްފައި ހުރި ކަންކަމަށް އެއްބަސްވީކަމަށް ބެލެވޭނެ ކަމެއްނޫންކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވުމެވެ.
(ށ) ދެވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވި ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކެލިފޯނިއާގެ ކޯޓް އޮފް އެޕީލްގެ Mitsui v Dynasea މައްސަލައިގެ ތެރެއިންވެސް އިޖާބީ ފިޢުލަކުން އެއްބަސްވުމަކަށް ޤަބޫލުކުރާކަމުގެ ޤާއިދާއަށް އިސްތިސްނާތަކެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެ އެވެ. ހުށަހެޅުމެއް ހަނުހުރުމުގެ ސަބަބުން ޤަބޫލުކުރެވިދާނޭ ކަމުގައި ބަޔާންކުރާ އިސްތިސްނާ ޤާއިމުކުރާ ނުވަތަ އެ ހުށަހެޅުން ޤަބޫލުކުރިކަމުގައި މަޢުޟޫޢީ ގޮތުން ބެލެވޭނޭ ޙަޤީޤަތްތަކެއްވާ ކަމުގައިވަނީނަމަ ނުވަތަ އެފަދަ infer ކުރެވޭ ޙާލުގައި މެނުވީ ހުށަހެޅުމަކަށް ހަނުހުރެގެން އެ ހުށަހެޅުމެއް ޤަބޫލުކުރި ކަމުގައި ނުބެލެވޭނެ ކަމުގައި (އިސްތިއުނާފު ނުކުތާގެ ރައްދުގައި) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާނެ އެވެ. (Acceptance by conduct) (އިސްވެ ދެންނެވުނު މައްސަލައިގެ ކޭސް ރިޕޯޓުގެ "ޑިސްކަޝަން"ގެ 8 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ) ހުށަހެޅުން ރައްދުވާ ފަރާތުގެ ޢަމަލުން އެ ހުށަހެޅުމެއް ޤަބޫލުކުރިކަން ދޭހަކުރުވާ ހަޤީޤަތްތަކެއް ވާނަމަ އެއީވެސް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މަބްދަޢުގެ އިސްތިސްނާއެކެވެ. އަދި ހަމައެއާއެކު، މި މައްސަލަ ނިންމަވަމުން ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއް އުޞޫލަކީ، އެ އިންވޮއިސް ޤަބޫލުނުކުރާކަމަށް ހުށަހެޅުން ރައްދުވާ ވަރކްސް ކޯޕަރޭޝަނުން ބުނިކަމުގައި ވަނީނަމަ، އެ އިންވޮއިސް ނިސްބަތްވާ އެއްބަސްވުމުގެ ދަށުން، unjust enrichment ގެ އުޞޫލުން ނާޖާއިޒް މަންފާއެއް އެ ފަރާތަށް ލިބިގެންދެ އެވެ. އެހެނީ މަސައްކަތްކުރުވާ، އެ މަސައްކަތަށްވީ ފައިސާނުދީ ހިފަހައްޓާ، އެ ފައިސާއިން އެ ކުންފުނި މަންފާ ހޯދަމުންދިޔުން ކަމުގައިވެސް އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާނެ އެވެ. (އެ ޙުކުމުގެ ޑިސްކަޝަންގެ 13 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވެއެވެ.) އެއް ފަރާތުން ހުށަހަޅާ ހުށަހެޅުމަކަށް އަނެއް ފަރާތުން ހަނުހުރުމުން އެ ހުށަހެޅުމެއް ޤަބޫލުކުރިކަމުގައި ނުބެލެވުނުކަމުގައިވިޔަސް، (1) އެފަދައިން އެއް މުޢާމަލާތެއްގައި އެއް ޝަރުޠުތަކެއް ބަޔާންކުރާ އެއް ޚަސްމެއްގެ އިންވޮއިސް ތަކުރާރުކޮށް ފޮނުވާ/ބަލައިގަނެ، (2) އެ އިންވޮއިސްތަކަށް ތަކުރާރުކޮށް ފައިސާ ދައްކާ ޚަލާސްކޮށްފައިވިޔަތީވެ، އަދި (3) އެފަދައިން ފައިސާ ދެއްކުމުގައި އެންމެ ފަހަރަކުމެ އެ އިންވޮއިސްގައިވާ އެއްވެސް ޝަރުތަކަށް ޚިލާފެއް ނުވަތަ dispute އެއްއިރެއްގައިވެސް އުފައްދާފައިނުވާ ހިނދު، އެ މުޢާމަލާތް ހިނގާ ޢާންމު އުޞޫލު ދައްކުވައިދޭ ޙުއްޖަތަކަށް އެ ކަންތައްތައް ވެގެންދާކަމުގައިވެސް އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާނެ އެވެ.
(ނ) ތިންވަނަ ސަބަބަކީ، މިކަމުން އިސްވެ ދެންނެވުނު މަބްދައުގެ އިސްތިސްނާއެއް ސާފުކޮށް ހާމަވެގެންދެއެވެ. މި ޤާޢިދާ ޤާއިމްކޮށްފައިވަނީ Southern Cal. Acoustics Co. v C.V. Holder Inc. ގައެވެ. އިސްވެ ދެންނެވުނު އުޞޫލުން އެއް ފަރާތުން ހުށަހަޅާ ހުށަހެޅުމަކަށް އަނެއް ފަރާތުން ހަނުހުރުމުން އެ ހުށަހެޅުމެއް ޤަބޫލުކުރިކަމުގައި ނުބެލެވުނުކަމުގައިވިޔަސް މި މައްސަލާގައި ޚިލާފު އުފެދޭ އިންވޮއިސްއަކީ އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފުކުރާ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުރާ މުޢާމަލާތުގެ އެއްބައިކަމުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާނެއެވެ. އޭގެ ކުރީން އެ މުޢާމަލާތުގެ އެތައް އިންވޮއިސްތަކަކަށް ފައިސާ ދައްކާފައިވާ ހާލުގައި، އަދި އެ އިންވޮއިސްތަކަށް ރުހި ޤަބޫލުވެ ޢަމަލުކުރުމަށްފަހު، ހަމައެމުޢާމަލާތުގެ އެންމެފަހު އިންވޮއިސްގެ ޝަރުތުތައް އިންކާރުކުރާނޭ ޖާގައެއް އިސްތިޢުނާފު ކުރާ ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އަމިއްލަ ޢަމަލުން އެ ލިޔުންތައް ތަޞްދީޤުކޮށް، އެއް މުޢާމަލާތެއްގެ ނުވަތަ one transaction އެއްގެ ވަކި ބައިބަޔަކަށް ރުހި ޤަބޫލުވެ އެއަށް ޢަމަލުކުރުމަށް ފަހު، (މަޢުޟޫއީ ގޮތުން އެއްވެސް ޙަޤީޤަތަކަށް ބަދަލު އައިސްފައި ނެތަތީ) އެނޫން މޭރުމަކުން ފަހަކުން އިސްތިއުނާފު ރައްދުވާ ފަރާތަކުން ބުނެފައިވާ ބުނުމަށް އެއްވެސް ޤާނޫނީ ބުރަދަނެއް ލިބިގެނެއް ނުވާނެއެވެ.
(ރ) ހަތަރުވަނަ ސަބަބަކީ، އެގޮތުން، އެއްފަރާތުން ހުށަހަޅާ ހުށަހެޅުމަކަށް އަނެއްފަރާތުން ހަނުހުރުމުން އެހުށަހެޅުމެއް ޤަބޫލުކުރިކަމުގައި ނުބެލުވުނުކަމުގައި ވިޔަސް (1) އިންވޮއިސްގައި 48 ގަޑިއިރުތެރޭގައި އެ އިންވޮއިސްގައިވާ އެއްވެސް ކަމަކަށް ނުރުހޭނަމަ އެމައްސަލައެއް އިންވޮއިސް ފޮނުވި ފަރާތަށް އެންގުމަށް އެ އިންވޮއިސްގައި ބަޔާންކޮށްފައި ވިޔަތީވެ، އެފަދައިން ޚިލާފެއް/މައްސަލައެއް ނުވަތަ dispute އެއް އެމުހުލަތުގައި ހާމަނުކޮށްފިނަމަ، އެއިންވޮއިސްގައިވާ ފަދައިން އެ ޚިލާފެއް/މައްސަލައެއް ނުވަތަ dispute އެއް ނެތްކަމުގައި އިންވޮއިސް ފޮނުވި ފަރާތުން ބަލައިގަނެ، acceptance by conduct / implied acceptanceއެ އުޞޫލުން، ހުށަހެޅުން ރައްދުވާ ފަރާތުގެ ޢަމަލުން ދޭހަކުރުވާ ކަމަކީ އަނެއްކާވެސް އިސްވެ ދެންނެވުނު މަބްދައުގެ އިސްތިސްނާއެކެވެ. އެއީ އެފަދަ ޙާލަތެއްގައި އިންވޮއިސް ފޮނުވި ފަރާތަށް ޖަވާބެއް ނުދީ ހަނުހުރުމަކީ އެ އިންވޮއިސް ބަލައިގަތުން ކަމުގައި އެ އިންވޮއިސް ރައްދުވާ ފަރާތަށް އެކަށީގެންވާ މިންގަނޑުން ޤަބޫލުކުރެވޭނެތީއެވެ. މިޤާއިދާ ޤާއިމުކުރާ އޮސްޓްރޭލިޔާގެ ޤަޟިއްޔާއެއް ކަމުގައިވާ Emprinall Holdings v Machon Paull Partners ގައި ބުނެފައިވަނީ (528 ވަނަ ޞަފްޙާގެ ޕެރެގްރާފް A ):
“… it is a consequence of the common law’s protective attitude towards liberty of conduct and its resistance to the unilateral imposition of obligations. Still another is that it derives from the contractual theory of the common law that a binding and legally enforceable agreement must be mutually achieved by offer and acceptance. Whatever the history of and reasons for the general rule, its existence is not in doubt.
However, in particular circumstances, the general rule has been seen to work an apparent injustice. Accordingly, courts have come to conclude that sometimes, out of some circumstances, an acceptance can be inferred, notwithstanding the absence of specific assent.
Alternatively, in some circumstances, the law will provide an estoppel to preclude a party from denying the existence of a contract, even though specific acceptance was not given and could not be inferred from the facts proved.”
އިސްވެ ރިޢާޔަތްކުރި ނުކުތާތަކުން އައު އެއްބަސްވުމެއް ވުޖޫދަށް އައިސްފައިވާ ޙާލަތެއް ނެތްނަމަވެސް، އިންވޮއިސް ޝަރުތުތަކުގެ ތެރެއިން ޖޫރިމަނާ ފައިސާ ނަގައިދިނުމަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ ބުނާ foreseeable damage ގެ އުޞޫލުގެ ތެރެއަށް ފެތޭނެ ފައިސާއެކެވެ.
(ބ) ފަސްވަނަ ސަބަބަކީ، އިސްތިޢުނާފު ކުރާ ފަރާތުން ޝަރީޢަތުގެ އެއްވެސް ހިސާބެއްގައި އައު އެއްބަސްވުމެއް ވުޖޫދަށް އައިސްފައިވާނޭ ކަމުގައި ބުނެ ދަށުކޯޓުގައި ވަކާލާތު ކޮށްފައެއް ނުވާނެއެވެ. އެ ނުކުތާއަކީ (މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅި ނުކުތާއެއްގެ ރައްދުގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއެކެވެ. އެގޮތުން އިންވޮއިސްގެ ޒަރިއްޔާއިން އައު އެއްބަސްވުމެއް (އަދި އެއާއެކު އާއިލްތިޒާމްތަކެއް/ޒިންމާތަކެއް ކުރިމަތިކުރުވާ ގޮތަށް) ވުޖޫދަށް އައިސްފައިވާކަމުގެ ސާބިތު ނުވިނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމީ އެއްވެސް މަރުހަލާގައި އެފަރާތުން ދެބަސްވާ ޙަޤީޤަތެއް ނޫނެވެ. ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގައިމެ ޕްރިންސިޕަލް އަދަދަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެބަހެއް ނުވެއެވެ. އެހެނީ އެ ފައިސާއަކީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ އެހެންނަމަވެސް އެހާތަނަށްމެ އަދާކޮށްފައިނުވާ ފައިސާއެއްކަމުގައި އެފަރާތުން ސިވިލް ކޯޓުގެ މަރުހަލާގައިމެ އެއްބަސްވެފައިވެއެވެ. އެހެންވެއްޖެނަމަ، އެފަރާތުން އެއްބަސްވުމާ ޚިލާފު ނުވަތަ breach ވެފައިވާކަމުން، އެ ޚިލާފުވި ޚިލާފުވުމަށް ޙައްޤު ބަދަލު އިސްތިއުނާފުކުރާ ނުވަތަ ޑެމޭޖަސް quantify ކޮށް އަންގާފައިވެއެވެ.
(ޅ) ހަވަނަކަމަކީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ކަމަކީ، ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭނެކަމުގައި ލާޒިމުކޮށްފައިވާއިރު، އަދި އެ އިންވޮއިސްގެ ދަށުން 15 ދުވަސް ތެރޭގައި ފައިސާ ދައްކަންޖެހޭނެކަމުގައި ލާޒިމުކޮށްފައިވާއިރު، އެ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުން ނުވަތަ 15 ދުވަސް ފަހުން އެ ފައިސާ ލިބުމުން އެ ކުންފުންޏަކަށް ލިބޭ ގެއްލުމަކީ އިންވޮއިސް ރައްދުވާ ފަރާތަށް ތަޞައްވުރު ނުވަތަ foresee ނުކުރެވޭ ގެއްލުމެކޭ ބުނެވޭނެ އެއްވެސް އެކަށީގެންވާ ސަބަބެއް ނުވާނޭކަމެވެ. މިފަދައިން އިންވޮއިސްތަކުގައިވާ މިފަދަ މާއްދާތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ތަންފީޛުކޮށްނުދޭނަމަ، އޭގެ ނަތީޖާއަކަށްވާނީ މި ކޯޓުގެ އިޚްތިޞާޞް ހިނގާ މި އިޤްތިޞާދުގެ ތެރޭގައި ބަދަލުކުރުވޭ އެއްވެސް އިންވޮއިސްތަކަށް އޭގައިވާ މުއްދަތުގެ ތެރޭގައި ކޮންމެހެން ފައިސާ ދެއްކުމަކީ ވާޖިބު ޤާނޫނީ އިލްތިޒާމެއްގެ ގޮތުގައި ޤަބޫލުނުކުރުމެވެ.
(ކ) ހަތްވަނަ ކަމަކީ، އެގޮތުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމަންޓްގެ 3 ވަނަ މާއްދާގެ (a) އިން އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާއަކީ އިންވޮއިސް ލިބޭތާ 5 ދުވަހުގެ މުއްދަތުގެ ތެރޭގައި ޚަލާސްކުރަންޖެހޭ ފައިސާއެއްކަމުން، އެކަމަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާ ބުނާ، އަދި ސިވިލް ކޯޓުގެ ނަންބަރު 621/Cv-C/2011 ޤަޟިއްޔާއިން ޤާޟީ އުސްތާޛާ ޢާއިޝާ ޝުޖޫން ޤާއިމްކޮށްފައިވާ، foreseeable damage އުޞޫލުގެ ތެރެއަށް ފެތޭނެ ފައިސާއެކެވެ. އިންވޮއިސްއަކަށް ފައިސާ ނުދައްކާ އޮތުމަކީ ފައިސާ ރައްދުވާ ފަރާތަށް ގެއްލުން ކުރިމަތިކުރުވާނެ ކަމެއްކަމާއި، މިފަދައިން ތަޞައްވުރު ނުވަތަ foresee ކުރެވޭ ކަމުގައިވަނީނަމަ، އެ ބަދަލު ނަގައިދިނުމަކީ ޢަދުލުވެރި ގޮތްކަމުގައި އިސްވެ ދެންނެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވުން.
(އ) އަށްވަނަ ސަބަބަކީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭކަމުގައިވާއިރު، އަދި އެ ދައުވާކުރާ ފަރާތުން މި ފައިސާ އަދާކުރުމަށް އަންގާފައިވަނީ އިންވޮއިސް މެދުވެރިކޮށް އިތުރު 10 ދުވަސް ދިނުމަށްފަހު، މުޅި ޖުމްލަ 15 ދުވަހަށްފަހު ކަމުގައިވުން، މި ދަޢުވާގައި އެދިފައިވާ ޖޫރިމަނާ ނެގުމަކީ އެއްބަސްވުމަށް ބަދަލެއް ގެންނަ ކަމެއް ނޫންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުށަހަޅާފައިވާނެ އެވެ. މިކަމުގެ އުޞޫލު / މަބްދައުގެ ދަލީލުގެ ގޮތުގައި ދަށުކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ (2012/SC-A/20) ގައި ޤާއިމުކޮށްފައިވާ އުޞޫލަކީ، އިންވޮއިސަށް ފައިސާ ނުދެއްކުމަކީ އެ އިންވޮއިސް ފޮނުވާ ފަރާތަށް ގެއްލުން ކުރިމަތިކުރާނޭ ކަމެއްކަމަށާއި، އެފަދައިން އަރާ ޖޫރިމަނާ ފައިސާ ނަގައިދިނުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމުގައި ބަލައިގަންނަ އުޞޫލެއްކަމެވެ. އަދި މި ޙުކުމާއެކު ހައިކޯޓުގެ 2011/HC-A/76 ނަންބަރު ޤަޟިއްޔާވެސް ދަށުކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާނެއެވެ.
2. މަދަނީކޯޓުގެ ނަންބަރު 372/CV-C//2012 ޤަޟިއްޔާގައި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓްގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތާއި އެ އެގްރިމެންޓްގެ ދަށުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްއަށް ސަޕްލައިކޮށްދީފައިވާ ތަކެތީގެ އަގުގެ ތެރެއިން ނުދައްކާ ބާކީހުރި US$286649.23 ޑޮލަރު (ދެލައްކަ އަށްޑިހަ ހަހާސް ހަސަތޭކަ ސާޅީސް ނުވައެއް ޕޮއިންޓް ދޭއް ތިނެއް) އާއި އަދި އެ ފައިސާ އެއްބަސްވެވިފައިވާ ގޮތުގެމަތިން ނުދައްކާ އޮތުމުގެ ސަބަބުން، އިންވޮއިސްގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ލިބިގަތުމުގެ ދަޢުވާއަކަށްވާއިރު، މަދަނީ ކޯޓުގެ ނަންބަރު 372/Cv-C/2012 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފައިވާ ފައިސާއަކީ ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ޙުކުމްކުރައްވާކަން، މަދަނީ ކޯޓުގެ ނަންބަރު 372/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/291 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިނިޓެޑްގެ ފަރާތުން ދަޢުވާކޮށްފައިވާ ފައިސާގެ ތެރެއިން އިންވޮއިސްގައި ކަނޑައެޅި ބަޔާންވެފައިވާ ޖޫރިމަނާގެ ފައިސާގެ ގޮތުގައި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބެންޖެހޭނެ ފައިސާއެއްކަމަށް ޙުކުމްކުރައްވާފައިވާ ބައި، ބާޠިލްކުރައްވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ހައިކޯޓުގެ ނަންބަރު 2012/HC-A/291 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮންނަކަން ފާހަގަކުރެވިފައިވެ އެވެ.
3. މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) އާއި އިސްލާމީ ޝަރީޢަތުގެ ކަމާބެހޭ އުޞޫލުތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޝަރުޢީ އަދި މާލީ ނިޒާމުގެ ތެރޭގައި އިސްތިޤުރާރުވެ ޢަމަލުކުރަމުންދާ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.
ފުރަތަމަކަމަކީ، ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، އެ ދެފަރާތް ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރިމެންޓްގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ މަސައްކަތާއި ސަޕްލައިކޮށްދީފައިވާ ތަކެތީގެ އަގުގެ ތެރެއިން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ދައްކާފައިނުވާ ފައިސާ އާއި އިންވޮއިސްގައި ކަނޑައެޅި ބަޔާންވެފައިވާ ޝަރުޠުތަކާ ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްއިން ޚިލާފުވުމުގެ ސަބަބުން އިންވޮއިސްގައި ބުނެފައިވާ ގޮތުގެމަތިން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ސަރޗާރޖްގެ ގޮތުގައި ލިބެންޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމުގެ ދަޢުވާއެއްކަން އެނގެން އޮތްއިރު، އިސްވެ އިޝާރާތްކުރެވުނު ފައިސާ ލިބިގަތުމަށް އެދި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރާ ދަޢުވާގެ އަސާސެއްގެ ގޮތުގައި އެ ފަރާތުން ދެކެނީ އެ ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓާއި އަދި އެ ދެފަރާތް ދެމެދު ހިނގާފައިވާ މުޢާމަލާއާ ގުޅިގެން ވާރކްސް ކޯޕަރޭޝަނާއި ޙަވާކުރެވި، އެ ފަރާތުން އިޢުތިރާޟަކާނުލައި ބަލައިގަނެފައިވާކަން ސާބިތުވާ އިންވޮއިސްތައްކަން، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ އޮތުމެވެ.
ދެވަނަކަމަކީ، ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓްގެ ދަށުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން އުފުލަންޖެހޭ އިލްތިޒާމްތަކުގެ ތެރޭގައި ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރާ މަސައްކަތާ ގުޅިގެން އެފަރާތުން ހުށަހަޅަންޖެހޭ އިންވޮއިސް ހުށަހަޅާތާ 05 ދުވަހުގެ ތެރޭގައި އެ އިންވޮއިސްގައި ބުނެފައިވާ ޢަދަދަށް ފައިސާ ދެއްކުމުގެ ޒިންމާ އާއި އިލްތިޒާމް، ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އުފުލާފައިވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ އެގްރިމެންޓްގެ 03 ވަނަ މާއްދާގެ (a) އިން އެނގެންއޮންނައިރު، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ބުނެވިދިޔަ އެގްރިމެންޓްގެ 03 ވަނަ މާއްދާގެ (a) ގައި ބުނެފައިވާ ގޮތުގެމަތިން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ އެފަރާތުން ދައްކާފައިނުވާކަން މި މައްސަލައާ ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން ރަނގަޅަށް އެނގެންއޮންނަ އޮތުމެވެ.
ތިންވަނަ ކަމަކީ، ބުނެވިދިޔަ ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ، އިންވޮއިސް ލިބޭތާ 05 ދުވަހުގެ ތެރޭގައި ދެއްކުމަށް ދެފަރާތުގެ ދެމެދު އެއްބަސްވެފައިވާކަން ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 03 ވަނަ މާއްދާގެ (a) އިން އެނގެން އޮންނައިރު، އެ ފައިސާ ދައްކަންޖެހޭ ތާރީޚުގައި ނުދައްކައިފިނަމަ ދެން ޢަމަލުކުރާނެގޮތެއް އެ އެގްރިމެންޓްގައި ކަނޑައަޅާފައިނެތް ކަމުގައިވިޔަސް، އެ މުޢާމަލާތާ ގުޅިގެން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ހުށަހަޅާފައިވާ އިންވޮއިސްތަކުގައި ޖަޒާއީ ޝަރުޠެއް ހިމަނާފައިވާކަން ފާހަގަކުރެވިފައިވާއިރު، އެކިއެކި މާލީ މުއާމަލާތްތަކާ ގުޅިގެން ހެދޭ އިންވޮއިސްތަކުގައި ޝަރީޢަތާއި ޤާނޫނާ ޚިލާފުނުވާ އެފަދަ ޖަޒާއީ ޝަރުޠުތައް ހިމެނުމަކީ ދިވެހިރާއްޖޭގައި އިސްތިޤުރާރުވެފައިވާ ކަމަކަށްވާއިރު އިސްލާމީ ޝަރީޢަތުގެ އުޞޫލުތައް ނިޔާކުރާ ގޮތުގެމައްޗަށް ބަލާއިރު، މާލީ އެކިއެކި މުޢާމަލާތްތަކާ ގުޅިގެން ހެދޭ ކޮންޓްރެކްޓްތަކާއި އިންވޮއިސްތަކުގައި ބުނެވިދިޔަ ފަދަ ޖަޒާއީ ޝަރުޠުތައް ހިމެނުމަކީ އެ މުޢާމަލާތެއް ކުރާ ފަރާތްތަކަށް އިޚްތިޔާރު ލިބިގެންވާ ހުއްދަކަމެއްކަމާއި އެފަދަ ޝަރުޠުތަކުގެ ތެރެއިން މުޠުލަޤު ގޮތެއްގައި މަނާކަމަށް ބެލެވޭނީ ހަމައެކަނި ޝަރީޢަތުގެ އަސްލަކާ ޚިލާފުކަން ޝަރުޢީ ދަލީލަކުން ސާބިތުވާ ޝަރުޠުތައް ކަމާއި އަދި، މަދަނީ މުއާމަލާތްތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓްތަކުގައި ހިމެނޭ ޝަރުޠުތަކުގެ ތެރެއިން އެ ކޮންޓްރެކްޓެއްގެ މަޤްޞަދު ޙާޞިލުކުރުމަށް ހުރަސްއަޅާ ޝަރުޠުތައް ފިޔަވައި އެ ކޮންޓްރެކްޓެއްގެ މަޤްޞަދު ޙާޞިލުކުރުމަށް ފަހިކޮށްދޭ އެންމެހައި ޝަރުޠުތަކާއި އަދި އެ މުޖުތަމަޢަކުން ބަލައިގެންފައިވާ ހަމަތަކާއި އުޞޫލުތަކަށް ފެތޭ އަދި އެ މުޖުތަމައެއްގައި ކުރިއްސުރެ ތަޢާރަފްވެ އިސްތިޤްރާރުވެފައިވާ ޝަރުޠުތަކަކީ އެފަދަ ޝަރުޠުތައް ދެފަރާތުގެ ދެމެދު ކުރެވޭ މަދަނީ މުއާމަލާތްތަކުގައި ހިމެނުމަށް ޝަރީޢަތާއި ޤާނޫނު ހުރަސްއަޅާ ކަމެއްނޫންކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
ހަތަރުވަނަކަމަކީ، ކޮންޓްރެކްޓަކީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ މުޢާމަލާތެއް ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައިވެވޭ އެއްބަސްވުމަކުން ބަނދެވޭ ބަނދެވުމެއްކަން ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި ކަމާބެހޭ ޖުރިސްޕްރޫޑެންސަށް ބެލުމުން އެނގެން އޮންނަކަމާއި އަދި ކޮންމެ ކޮންޓްރެކްޓަކީވެސް އެއަށް ޤާނޫނީ ޙައިޘިއްޔަތު ލިބުމަށްޓަކައި އެ ކޮންޓްރެކްޓް ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވުމުގެ އިތުރަށް އެ ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެފައިވާ ކޮންޓްރެކްޓަކަށް ވާންޖެހޭކަމާއި އަދި ޤާނޫނަކުން ވަކިގޮތަކަށް އޮތުން ލާޒިމްނުކުރާހާ ހިނދަކު ކޮންޓްރެކްޓަކީ ޢާންމު އުޞޫލެއްގެ ގޮތުން ވަކި ގޮތަކަށް އޮތުން ލާޒިމްވާ އެއްޗެއްނޫންކަމާއި، ކޮންޓްރެކްޓެއްގެ ބައިވެރިންގެ މެދުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ވަކި ގޮތަކަށް އެއްބަސްވެވި އެ ކޮންޓްރެކްޓެއް ޞައްޙަވުމުގެ ޝަރުޠުތަކާއި އެ ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެފައިވާނަމަ، އެ ހިސާބުން އެ ކޮންޓްރެކްޓް ކުރެވުނީކަމާއި އަދި އެ ކޮންޓްރެކްޓަށްފަހު ކޮންޓްރެކްޓްގެ ދެ ބައިވެރިންގެ މެދުގައި ޙަކަމަކަށްވާނީ "العقد شريعة المتعاقدين" ގެ ޝަރުޢީ އުޞޫލުގެ ދަށުން އެ ކޮންޓްރެކްޓްކަމީ، ޤާނޫނީ ގޮތުން ދެބަސްވެވެންނެތް ޙަޤީޤަތަކަށްވާއިރު، ކޮންޓްރެކްޓްތަކުގައި ހިމެނޭ ދެފަރާތް އެއްބަސްވާ ޝަރުޠުތަކާއި ޖަޒާއީ ޝަރުޠުތަކާއި އެ ކޮންޓްރެކްޓްގައި ނުހިމެނުނުކަމުގައިވިޔަސް އެ ކޮންޓްރެކްޓްގެ ބައިވެރިއަކު އަނެއް ބައިވެރިއަކަށް އަންގާ އެންގުންތަކުގެ ޝަރުޢީ އަދި ޤާނޫނީ ޙައިސިއްޔަތުގެ މައްޗަށް ބަލާއިރު އެކިއެކި މަދަނީ މުޢާމަލާތް ކުރުމުގައި ކުރީއްސުރެ މުޖުތަމަޢުގައި ތަޢާރަފްވެ އިސްތިޤްރާރުވެފައިވާ ޝަރުޠުތަކުގެ އިތުރުންވެސް ކޮންޓްރެކްޓެއްގެ މަޤްޞަދު ޙާޞިލްކުރުމަށް ހުރަސްއަޅާ ޝަރުޠުތަކާ ޝަރީޢަތާއި ޤާނޫނު ހުއްދަނުކުރާ ކަމެއްގެ މައްޗަށް ކުރެވޭ ޝަރުޠުތައް ފިޔަވައި އެހެނިހެން ޝަރުޠުތައް ކޮންޓްރެކްޓްތަކުގައި ހިމެނުމަށް ޝަރުޢީ ގޮތުން ހުރަސްއަޅާ ސަބަބެއްނެތްކަމާއި، ކޮންޓްރެކްޓެއްގެ ބައިވެރިއަކު ކޮންޓްރެކްޓެއްގައި ހިމަނާ ޝަރުޠެއްގެ ސަބަބުން އަނެއް ބައިވެރިއެއްގެ ޙައްޤަކަށް ހުރަސްއެޅިގެންދާނަމަ އެކަމާމެދު އިންކާރުކޮށް އޭނާގެ ޙައްޤު ޙިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ އެފަރާތުގެ މަސްއޫލިއްޔަތަކަށްވާއިރު، އެ މަސްއޫލިއްޔަތު ގަސްތުގައި އަދާނުކޮށް ހުރުމުގެ ސަބަބުން، އެ ޝަރުޠަކާމެދު ޟިމްނީ ގޮތުން ރުހި ޤަބޫލްވެފައިވާކަމަށް ޝަރުޢީގޮތުން ބަލަންޖެހޭ ޙާލަތުގައި ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އެއްވެސް ޒިންމާއެއް ނަގަންޖެހޭނަމަ އެ ޒިންމާއެއް ނަގާނީވެސް އެކަމުގައި އިހުމާލުވި ފަރާތުންކަމަށްވާތީ އިސްލާމީ ފިޤުހުގައި އިސްތިޤްރާރުވެފައިވާ ޤަވާޢިދުތަކުގެ ތެރޭގައި ހިމެނޭ ޤާޢިދާއެއްގެ އެއްބައި ކަމުގައިވާ "لاينسب إلى ساكت قول" (ހަނުހުރި ފަރާތަކަށް އެއްވެސް ވާހަކައެއް ނިސްބަތެއްނުކުރެވޭނެ އެވެ.) މިފަދައިން ބުނެފައިވާ ބުނެވިދިޔަ ޤާޢިދާގެ އެބަޔަކީ އެ ޤާޢިދާގެ އަނެއްބައިކަމުގައިވާ "ولكن السكوت في معرض الكلام بيان" ޖަވާބުދާރިވެ ވާހަކަދައްކަންޖެހޭފަދަ މަޤާމެއްގައި ހުރެމެ އެކަމަށް އިހުމާލުވުމުގެ ސަބަބުން ޙައްޤެއް ގެއްލިފައިވާ ފަރާތުން އެފަރާތެއްގެ އިހުމާލުން އެ ޙައްޤެއް ގެއްލިގެން ދިޔަދިޔުމުގެ ޒިންމާ ޤާނޫނުގެ ކުރިމަތީގައި އުފުލަންޖެހޭނެ ކަމަށް ބުނެފައިވާ ބުނެވިދިޔަ ޤާޢިދާގެ މިބަޔާއި ވަކިން ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އުޞޫލެއްނޫންކަން ރަނގަޅަށް އެނގެން އޮންނާތީ މި މައްސަލާގައި ދަޢުވާ ލިބޭ ފަރާތުން "لاينسب إلى ساكت قول ولكن السكوت في معرض الكلام بيان" ގެ ފިޤުހީ ޤާޢިދާގެ އެއްބައި ބޭނުންކޮށްފައިވަނީ، ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާކޮށް އިސްތިދުލާލުކުރުމުގެ ޢާންމު އުޞޫލުތަކާ ޚިލާފަށްކަމާއި އަދި އިސްވެ އިޝާރާތްކުރެވުނު ފިޤުހީ ޤާޢިދާގެ އެބައި އެފަރާތުން ބޭނުންކުރި މަޤާމަކީވެސް އެ ޤާޢިދާގެ ބޭނުންކުރެވިދާނެ މަޤާމެއް ނޫންކަން ރަނގަޅަށް އެނގެއެވެ.
ފަސްވަނަކަމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު، ކޮންޓްރެކްޓަކީ ޤާނޫނަކުން ވަކި ގޮތަކަށް އޮތުން ލާޒިމުނުކުރާހާ ހިނދަކު ވަކި ގޮތަކަށް އޮތުން ލާޒިމުވާ އެއްޗަކަށް ނުވާތީ ކޮންޓްރެކްޓެއްގެ އީޖާބާއި ޤަބޫލު ފުރިހަމަކުރެވިފައިވަނީ އަނގަބަހުން އެއް ފަރާތަކުން ހުށަހަޅާ ހުށަހެޅުމަކަށް އަނެއް ފަރާތުން އަނގަބަހުން އިޖާބުދީގެން ކަމުގައިވިޔަސް ނުވަތަ އެއް ފަރާތުން ލިޔެ ހުށަހަޅާ ހުށަހެޅުމަކުން ލިޔުމުން އިޖާބަދިނުމުގެ މައްޗަށްކަމުގައިވިޔަސް ނުވަތަ ޢަމަލީގޮތުން ކުރާ ކަމަކުން ހުށަހަޅާ ހުށަހެޅުމަކަށް އިޖާބަދިނުމުގެ ގޮތުން އަނެއް ފަރާތަކުން ކުރާ ޢަމަލެއްގެ ޒަރީއާއިން ކަމުގައިވިޔަސް، ނުވަތަ ކޮންޓްރެކްޓެއްގެ އީޖާބާއި ޤަބޫލު ފުރިހަމަވެފައިވަނީ ދެފަރާތެއްގެ ދެމެދުގައި ބަދަލުކުރެވިފައިވާ މާނަ ދޭހަވާ އިޝާރާތުގެ ޒަރީއާއިން ކަމުގައިވިޔަސް، މިފަދަ ކޮންމެ ޙާލަތެއްގައިވެސް ކޮންޓްރެކްޓްކުރެވުނީ ކަމުގައި ބެލެވޭނެކަމާއި އަދި އެއް ފަރާތުން ހުށަހަޅާ ހުށަހެޅުމަކަށް ޞަރީޙަ ބަހުން އިޖާބަދިނުމަކާ ނުލައި، އެ ހުށަހެޅުން ރައްދުވީ ފަރާތުން އެ ހުށަހެޅުން ބަލައިގަނެފައިވާ ކަން ދޭހަވާގޮތަކަށް ޢަމަލުކުރުމަކީވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ އިތުރުން ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާ ގޮތުންވެސް އެ ހުށަހެޅުން ޤަބޫލުކުރެވުނީކަމަށް ބެލެވޭންޖެހޭނެ ކަމެއްކަން އެނގެންއޮންނާތީ ކޮންޓްރެކްޓެއްގެ ދެބައިވެރިންގެ ތެރެއިން އެކަކު ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވި ފަރާތުން ބަލައިގަނެފައިވާކަން ދޭހަވާގޮތަށް ޢަމަލުކުރުމަށްފަހު އަނގަބަހުން ނުވަތަ ލިޔުމުން އެ ކޮންޓްރެކްޓެއްގެ އީޖާބާއި ޤަބޫލު ފުރިހަމަނުވާކަމަށް ބުނެ ކުރީގައި ޟިމްނީގޮތުން ޤަބޫލުކޮށްފައިވާކަން ދޭހަވާ ކޮންޓްރެކްޓެއްގެ ދަށުން ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އެ ފަރާތަކުން އުފުލަންޖެހޭ ޒިންމާއިން ބަރީއަވެވިދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތުމެވެ.
ހަވަނަކަމަކީ، އެކިއެކި ފަރާތްތަކުގެ މެދުގައި ހިންގާ މަދަނީ މުޢާމަލާތްތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓްތަކުގެ ދަށުން އުފެދޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކުރަމުން ދިއުމަށް ބާރުއެޅުމުގެ ގޮތުން ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ޖަޒާއީ ޝަރުޠުތައް އެ ކޮންޓްރެކްޓްތަކުގައި ހިމެނުން އެ ކޮންޓްރެކްޓްތަކުގެ ބައިވެރިންގެ މައްޗަށް ހުރަސްއަޅާ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތްއިރު، ޖަޒާއީ އެފަދަ ޝަރުޠުތައް ކޮންޓްރެކްޓްތަކުގައި ހިމެނިގެންދަނީ އިސްލާމީ ޝަރީޢަތުގައި ހުއްދަކުރެވިފައިވާ ތިން ބާވަތުގެ ޝަރުޠުގެ ތެރެއިން މީސްތަކުންގެ މެދުގައި ޢުރުފެއްގެ ގޮތުގައި އިސްތިޤްރާރްވެފައިވާ ޝަރުޠުތަކުގެ ތެރޭގައިކަމަށްވެފައި، ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތާއި ސަޕްލައިކޮށްދީފައިވާ ތަކެތީގެ އަގު ދައްކަންޖެހޭގޮތް ބަޔާންކޮށްފައިވާ އެގްރިމެންޓްގެ 03 ވަނަ މާއްދާގެ (a) ގައި ބުނެފައިވާ ގޮތުގެމަތިން އިންވޮއިސް ފޮނުވާތާ 05 ދުވަހުގެ ތެރޭގައި ވާރކްސް ކޯޕަރޭޝަނުގެ ފަރާތުން ފައިސާ ދައްކަމުން ގޮސްފައިނުވާކަން ދެފަރާތުގެ ބަހުން އެނގެންއޮންނަކަމާއި އަދި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރަމުންދާ މަސައްކަތާއި ފޯރުކޮށްދޭ ތަކެތީގެ އިންވޮއިސް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާރކްސް ކޯޕަރޭޝަނަށް ފޮނުވަމުން ގޮސްފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނައިރު، އެ އިންވޮއިސްތަކުގެ ތެރެއިން ކޮންމެ އިންވޮއިސްއެއްގައިވެސް، އިންވޮއިސްގައި ހިމެނޭ އެއްވެސް ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެކަން 48 ގަޑިއިރުގެ ތެރޭގައި އަންގަންޖެހޭނެ ކަމަށާއި އަދި އެފަދަ ޝަކުވާއެއް އޮވެގެން އެކަން 48 ގަޑިއިރުގެ ތެރޭގައި ހުށަނާޅައިފިނަމަ، އެ އިންވޮއިސްއަކީ ޞައްޙަ އިންވޮއިސްއެއްކަމަށް ބެލެވޭނެ ކަމަށް ބުނުމަށްފަހު، އިންވޮއިސްގައި ބުނެފައިވާ ފައިސާ އެ އިންވޮއިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ދައްކަންޖެހެނޭކަމަށާއި އަދި އޭގެފަހުން ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ އަގުގެ %2 ( ދޭއް އިންސައްތަ) އާ އެއްވަރުގެ ސަރޗާރޖެއް ނެގޭނެކަމަށް އެ އިންވޮއިސްތަކުގައި ސާފުބަހުން ބުނެފައިވާކަން ފާހަގަކުރެވިފައިވާ ކަމާއި އަދި އެ އިންވޮއިސްތަކުގައި ކަނޑައެޅި ބަޔާންވެފައިވާ އެ ޖަޒާއީ ޝަރުޠާމެދު އިންކާރުކުރުމަކާނުލާ، އިންވޮއިސްގައި ކަނޑައެޅި ބަޔާންވެފައިވާ ފައިސާގެ ތެރެއިން އެ ވަގުތަކަށް ދެއްކެންހުރި މިންވަރެއް ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަމުން އައިސްފައިވާކަން ދެފަރާތުންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދެކެނީ ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރާ މަސައްކަތާ ސަޕްލައިކޮށްދޭ ތަކެއްޗާއި ގުޅިގެން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ފޮނުވަންޖެހޭ އިންވޮއިސްތަކުގައި ހިމަނާފައިވާ ޖަޒާއީ ޝަރުޠާމެދު އިޢުތިރާޟުކުރަންޖެހޭ މަޤާމުގައި އިޢުތިރާޟުކުރުމަކާ ނުލައި، އެ އިންވޮއިސްތައް ބަލައިގަންނަމުން އައުމަށްފަހު، އެ އިންވޮއިސްގައި ބުނެފައިވާ ސަރޗާރޖަށްވާ ފައިސާ ޝަރީޢަތް މެދުވެރިވެގެން ހޯދުމުގެ ދަޢުވާ ހުށަހެޅުމުން، މިހާރު އެ ޖަޒާއީ ޝަރުޠާމެދު އިޢުތިރާޟުކުރުމުގެ ޙައްޤު ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާނެ ކަމަށާއި އަދި އެ ޝަރުޠާމެދު އިޢުތިރާޟުކުރުމުގެ ޙައްޤު ޝަރުޢީ އަދި ޤާނޫނީ ގޮތުން އެފަރާތަށް ލިބިދެވޭނެ އެއްވެސް ހަމައެއްނެތް ކަމަށާއި އިންވޮއިސްގައިވާ އެ އެންގުން ނުވަތަ ޖަޒާއީ ޝަރުޠަކީ އެއާމެދު އިޢުތިރާޟުކުރުމަކާނުލައި އެ އިންވޮއިސްތައް ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ބަލައިގަނެ، އޭގައިވާ ގޮތަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކަން ފެށި ހިސާބުން ފެށިގެން ޟިމްނީގޮތުން އެއްބަސްވެވިފައިވާ ޝަރުޠެއްކަމަށް މެނުވީ ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތަތީ މި މައްސަލާގައި ހައިކޯޓުގެ ނަންބަރު 2012/HC-A/291 ޤަޟިއްޔާގައި ޙުކުމްކުރުމުގައި ރިއާޔަތް ކުރެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަން އެނގެން އޮވެއެވެ.
ހަތްވަނަ ކަމަކީ، މި މައްސަލާގައި ހައިކޯޓުގެ ޙުކުމްގައި ޤާނޫނު ތަޠްބީޤުކޮށް ޤާނޫނު މާނަކުރުމުގައި ގޯހެއް ހެދިފައިވާކަމަށް ހުށަހަޅާފައިވާ ނުކުތާއަކީ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާވާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާ ކަމުގައިވާ US$4,130,797.70( ހަތަރު މިލިއަން އެއްލައްކަ ތިރީސް ހާސް ހަތްސަތޭކަ ނުވަދިހަހަތެއް ޕޮއިންޓް ހަތެއްސުމެއް އެމެރިކާ ޑޮލަރ) އެއީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައެޅި ނުކުތާކަން އެނގެން އޮންނަކަމާއި މި ނުކުތާއަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 2012/HC-A/291ޤަޟިއްޔާގައި ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެ އަދަދު ދައްކަންނުޖެހޭ ސަބަބަކީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިނުވާ އަދަދަކަށްވާތީ ކަމަށް ބަޔާންވެފައި އޮތްއޮތުމުގެ މައްޗަށް ބަލާއިރު، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓްގެ 3 ވަނަ މާއްދާގެ (a) ގައި އެއްބަސްވުމުގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޯރުކޮށްދޭ މުދަލަށް އިންވޮއިސް ފޮނުވާތާ 5 ދުވަހުގެ ތެރޭގައި އެއަށް ފައިސާ ދައްކާނެ ކަމަށް ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވެފައިވާކަމާއި އަދި އެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުމާއި ދެފަރާތުގެ މެދުގައި ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން ފައިސާދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާދެއްކުމަށް ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް ފޮނުވާފައިވާ އިންވޮއިސްތަކުގައި ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާނަމަ އިންވޮއިސްގައިވާ ޖުމުލަ އަދަދުގެ %2 (ދޭއް އިންސައްތަ) ޖޫރިމާނާއެއް ނެގޭނެކަމަށް ބަޔާންކޮށްފައިވާކަމާއި އެ އިންވޮއިސްގައި ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤަބޫލުނުކުރާ މައްސަލައެއް އޮތްނަމަ ނުވަތަ އެއްވެސް ޑިސްކްރެޕެންސީއެއް އޮތްނަމަ އެކަމެއް ޙައްލުކުރުމަށް ބަޔާންކޮށްފައިވާ 48 ގަޑިއިރުގެ ފުރުޞަތު ބޭނުން ނުކުރުމަކީ ޟިމްނީގޮތުން އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ޖަޒާއީ ޝަރުޠު ޤަބޫލުކޮށްފައިވާކަން ދައްކައިދޭ ހަރުދަނާ ޤަރީނާއެއްކަން އެނގޭކަމާއި، ޤާނޫނު ނަންބަރ 91/4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށާއި އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި، ޢަމަލުކުރާގޮތަކުން ހުށަހެޅުން ޤަބޫލުކުރާކަން އެންގުނީކަމަށް ބެލިދާނެކަމަށާއި 8 ވަނަ މާއްދާގެ (ނ) ގައި ހުށަހަޅާފަރާތުން އެ ހުށަހެޅުން ޤަބޫލުކުރާނެގޮތް ކަނޑައަޅާފައި އޮވެއްޖެނަމަ ޤަބޫލުކުރަންވާނީ އެގޮތަކަށްކަމަށާއި ޤަބޫލުކުރާނެ ގޮތް ކަނޑައަޅާފައި ނުވާނަމަ، ޤަބޫލުކުރާނީ، ޢާންމުކޮށް އެފަދަ ކަންތައް ކޮށްއުޅޭގޮތަކަށް ނުވަތަ އެކަށީގެންވާގޮތަކަށް ކަމަށް ބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށް ވިސްނާއިރު، ކޮންޓްރެކްޓެއްގެ ދަށުން ކޮންޓްރެކްޓުގެ އެއްބައިވެރިއަކަށް ލިބޭ ޙައްޤު އަދާކުރުމަށް ކޮންޓްރެކްޓުގައި ކަނޑއެޅިފައިވާ ގޮތަށް ކޮންޓްރެކްޓްގެ އަނެއްބައިވެރިޔާ އޭނާގެ އިލްތިޒާމްފުރިހަމަ ނުކުރުމުން އެކަމުގެ ޙައްލެއްގެ ގޮތުން ޙައްޤަށް އުނިކަން އައި ބައިވެރިޔާގެ ފަރާތުން ޖަޒާއީ ޝަރުޠެއް ހުށަހަޅައި، އެ ޝަރުޠު އެ ހުށަހެޅިގޮތަށް ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ ޤަބޫލުކޮށްފައިވާކަން ޤާނޫނު ނަންބަރ 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަމާއްދާގައި ބަޔާންވެފައިވާ އުޞޫލުގެ މަތިން ސާބިތުވެފައި ވާ ޙާލަތުގައި އެ ޝަރުޠު ޖަޒާއީ އަސްލު އެގްރީމެންޓްގައި ނެތުމަކީ، އޭގެ ޒާތުގައި ދެފަރާތުގެ މެދުގައި ޝަރުޠު ޖަޒާއީއާމެދު އެއްބަސްވުމެއް ނެތްކަމުގައި ބަލަންޖެހޭ ކާފީ ސަބަބެއްނޫންކަން އެނގެން އޮންނަ އޮތުމެވެ.
އައްވަނަ ކަމަކީ، ޝަރުޠު ޖަޒާއީ އަކީ ކޮންޓްރެކްޓްގެ އެއްބައިވެރިއެއްގެ މައްޗަށް ކޮންޓްރެކްޓުގެ ދަށުން ލާޒިމުވާކަމެއް ތަންފީޒުނުކުރުމުން ނުވަތަ ތަންފީޒުކުރުން ލަސްކުރުމުން އެކަމުން ގެއްލުންވި އަނެއްބައިވެރިޔާއަށް ޙައްޤުވާ ބަދަލުގެ މިންވަރު ވަޒަންކުރުމުގެ މައްޗަށް ވެވޭ އެއްބަސްވުމެއް ކަމުގައިވެފައި، އިސްލާމީ ފިޤްހުގެ މައްޗަށް ރިޢާޔަތްކުރާއިރު، އިސްލާމީ ޝަރީޢަތުގައި އަސްލު އިލްތިޒާމަކީ ދަރަންޏަކަށް ("ދައިން"އަކަށް) ވުމުން ރިބާއަކަށް ނުވާ އެންމެހައި މާލީޢަޤުދުތަކުގައި ޝަރުޠު ޖަޒާއީ އަކީ ހުއްދަވެގެންވާ ޝަރުޠެއްކަން އެނގޭކަމާއި މީގެ ދަލީލުތަކުގެ ގޮތުގައި ފިޤްހުވެރިން ބައްލަވާފައިވާ ދަލީލުތަކުގައި އަންނަނިވި ޙަދީޘްފުޅުތައް ފަދަ ޝަރްޢީ އަސްލުތައް ހިމެނެއެވެ.
(الصلح جائز بين المسلمين إلا صلحاً حرم حلالاً أو أحل حراماً والمسلمون على شروطهم إلا شرطاً حرم حلالاً أو أحل حراماً ) رواه الترمذي وقال : حسن صحيح ورواه البخاري تعليقاً بصيغة الجزم لكنه بدون الاستثناء ورواه كذلك الحاكم وأبو داود عن أبي هريرة بلفظ المسلمون عند شروطهم.)
އެހެންކަމުން މިމައްސަލާގައި ހިމެނޭ ކޮންޓްރެކްޓަކީ ޢަޤްދުއްތައުރީދު ވައްތަޝާވުރު ( ސަޕްލައި އެންޑް ކޮންސަލްޓެނސީ އެގްރީމެންޓް)އެއް ކަމަށް ވާއިރު، މިފަދަ ކޮންޓްރެކްޓްތަކުގއި ޝަރުޠު ޖަޒާއީ އެއް ހިމެނުމަކަށް ހުރަސްއަޅާ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމާ، އަދި އަސްލު ކޮންޓްރެކްޓު ކުރުމަށްފަހުގައި ޝަރުޠު ޖަޒާއީއެއްގެ މައްޗަށް އެއްބަސްވުން މަނާކުރާ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ކަންތައްތައް ބަޔާންވެދިޔަ ގޮތުގެމަތިން ހުރިއިރު، ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރިމެންޓްގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސްއިން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ އަގުގެ ގޮތުގައި ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ މި ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 03 ވަނަ މާއްދާގެ (a) ގައި ބުނެފައިވާ ގޮތުގެމަތިން ވާރކްސް ކޯޕަރޭޝަނުގެ ފަރާތުން އަދާކުރަމުން ގޮސްފައިނުވާކަން މި ދެފަރާތުންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންއޮތުމާއެކު، އެގްރިމެންޓްގައި ބުނެފައިވާ ގޮތުގެމަތިން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވަމުން ދިޔަ އިންވޮއިސްތައް، ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން އިޢުތިރާޟަކާނުލާ ބަލައިގަނެ އެވަގުތަކަށް ދެއްކެންހުރި މިންވަރަކުން ފައިސާ ދައްކަމުން އައިސްފައިވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު، ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އިންވޮއިސްތައް، އޭގައިވާ ޖަޒާއީ ޝަރުޠާއެކު، ބަލައިގެންފައިވާކަން ޟިމްނީގޮތުން ދޭހަވާކަމެއްކަމަށް މެނުވީ ނުވާނެތީ، އެ އިންވޮއިސްގައި ހިމަނާފައިވާ ޖަޒާއީ ޝަރުޠާބެހޭގޮތުން ހައިކޯޓުގެ ނަންބަރު 2012/HC-A/291 ޤަޟިއްޔާގައި ރިޢާޔަތްކުރެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައެޅުމާއެކު މި ދެފަރާތުގެ ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ އަގާ ގުޅިގެން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އިންވޮއިސްތަކުގައި ބުނެފައިވާ ފައިސާގެ ޕްރިންސިޕަލް އަދަދުގެ ތެރެއިން ނުދައްކައިވާ 286,649.23 US$ (ދެ ލައްކަ އަށްޑިހަ ހަހާސް ހަސަތޭކަ ސާޅީސް ނުވައެއް ޕޮއިންޓް ދޭއް ތިނެއް އެމެރިކާ ޑޮލަރު) ގެ އިތުރުން އެ އިންވޮއިސްގައި ހިމެނިފައިވާ ޖަޒާއީ ޝަރުޠުގެ ދަށުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ކަމަށް މަދަނީ ކޯޓުގެ ނަންބަރު 372/Cv-C/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ 4,130,797.70 US$ (ހަތަރު މިލިއަން އެއްލައްކަ ތިރީސްހާސް ހަތްސަތޭކަ ނުވަދިހަހަތެއް ޕޮއިންޓް ހަތެއް ސުމެއް އެމެރިކާ ޑޮލަރު) އާއެކު ޖުމްލަ 4,417,446.93 US$ (ހަތަރުމިލިއަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސްހައެއް ޕޮއިންޓް ނުވައެއް ތިނެއް އެމެރިކާ ޑޮލަރު) އަކީ ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު 372/Cv-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގެ އެ ބަޔަށް ތާއީދުކުރުމާއި އެ ޤަޟިއްޔާގައި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެއްކުމަށް ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކުރައްވާފައިވާ ފައިސާ މިއަދު 19 މެއި 2014 އިން ފެށިގެން 03 މަސް ދުހަވުގެ ތެރޭގައި އެ މަހަކަށް ޖެހޭ މިންވަރު އެ މަހަކު ދައްކައި ޚަލާޞްކުރުމަށް ވާރކްސް ކޯޕަރޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ތަފާތުވި ރަޢުޔު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 291/HC-A/2012 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 291/HC-A/2012 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/372 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށްބުނެ، ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު291/HC-A/2012 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/372 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު އަހުރެން ޢަބްދުﷲ ޢަރީފަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/372 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ ކުރުމުން ބެލިފައިވާ މައްސަލައެއްކަމާއި، އެ ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ "ޞިނާޢީ ބޭނުމަށް އަލަށް ތަރައްޤީ ކުރަމުންދާ ރަށެއް ކަމުގައިވާ ކ. ގުޅީފަޅުގައި ރިވެޓްމަންޓް މަސައްކަތް ކުރުމަށް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ތިންވަނަ އެހެންފަރާތަކުން ޙަވާލުކުރި ކޮންޓްރެކްޓު ފުރިހަމަކުރުމަށް ބޭނުންވާތަކެތި ސަޕްލައި ކޮށްދިނުމަށް 10 އޮކްޓޯބަރ 2010 ވަނަ ދުވަހު ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ މުޤާބިލުން ބާކީ އަދާނުކޮށްވާ US$286,649.23 (ދެލައްކަ އައްޑިހަހަހާސް ހަސަތޭކަ ސާޅީސްނުވައެއް ޕޮއިންޓް ދޭއްތިނެއް ޔޫ.އެސް ޑޮލަރު) އާއި، ފައިސާ ނުދައްކައިވާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާކަމުގައިވާ US$4,130,797.70 (ހަތަރުމިލިއަން އެއްލައްކަ ތިރީސްހާސް ހަތްސަތޭކަ ނުވަދިހަހަތެއް ޕޮއިންޓް ހަތެއްސުމެއް ޔޫ.އެސް ޑޮލަރު) އާ އެކުޖުމްލަ US$4,417,446.93 (ހަތަރުމިލިއަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސްހައެއް ޕޮއިންޓް ނުވައެއްތިނެއް ޔޫ.އެސް ޑޮލަރު) ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލިބިގަތުމަށް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދަޢުވާގައި އެދިފައިވާ US$4,417,446.93 (ހަތަރުމިލިއަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސް ހައެއް ޕޮއިންޓް ނުވައެއް ތިނެއް ޔޫ.އެސް ޑޮލަރު) އަކީ ދަޢުވާލިބުނު ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އެ ފައިސާ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން US$4,417,446.93 (ހަތަރުމިލިއަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސް ހައެއް ޕޮއިންޓް ނުވައެއްތިނެއް ޔޫ.އެސް ޑޮލަރު) ނުވަތަ އެ ޢަދަދަށްވާ ދިވެހި ރުފިޔާ، 2012 މެއި 21 ވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް މި މުއްދަތުގެ ތެރޭގައި ފައިސާ އެއްކޮށްދައްކައި ޚަލާޞްކުރުމަށް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް އަންގައިކަން އެނގެން އޮންނަކަމާއި،
އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ކުރެއްވި ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 291/HC-A/2012 ޤަޟިއްޔާއިން ބައްލަވައި ނިންމެވިއިރު އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/372 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތަށާއި ފޯރުކޮށްދީފައިވާ ތަކެތީގެ މުޤާބިލުން ބާކީ US$286,649.23 (ދެލައްކަ އައްޑިހަހަހާސް ހަސަތޭކަ ސާޅީސްނުވައެއް ޕޮއިންޓް ދޭއްތިނެއް ޔޫ.އެސް ޑޮލަރު) ނުވަތަ އެ ޢަދަދަށް ދިވެހި ރުފިޔާއިން ވާ މިންވަރެއް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކައިވާކަމަށް ކަނޑައަޅައި އެ ފައިސާ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި 2013 ފެބްރުއަރީ 21 ވަނަ ދުވަހުން ފެށިގެން 06 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން ޢަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް އަންގައިކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 291/HC-A/2012 ޤަޟިއްޔާ އެ ކޯޓުން ނިންމެވިގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށްބުނެ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެ ނުކުތާއެއްކަން އެނގޭކަމާއި، އެއީ؛
1. މި މުޢާމަލާތުގައި ވެފައިވާ އެއްބަސްވުމުގައި ނުހިމެނޭ ޖޫރިމަނާ ފައިސާއެއް ފަހުން ފޮނުވާ އިންވޮއިސްގައި ބަޔާންކޮށް ފޮނުވުމުން އެ ހުށަހެޅުމަށް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ޤަބޫލުވިކަން އަންގާފައި ނެތްކަމީ އެ ޖޫރިމަނާ ފައިސާ ނުނެގޭނެ ކަމެއްކަމުގައި ހައިކޯޓުން ނިންމެވިނަމަވެސް އެފައިސާ ނެގޭނޭފަދަ އައު އެއްބަސްވެމެއް ވުޖޫދަށް އައިސްފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
2. އައު އެއްބަސްވުމެއް ވުޖޫދަށް އައިސްފައިވާ ޙާލަތެއް ނެތްނަމަވެސް އިންވޮއިސް ޝަރުޠުތަކުގެ ތެރެއިން ޖޫރިމަނާ ފައިސާ ނަގައިދިނުމަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބުނާ، ގެއްލުމަށް ބަދަލުދިނުމުގެ އުޞޫލުގެ ތެރެއަށް ފެތޭނޭ ފައިސާއެއް ކަމަށްބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ކޮންޓްރެކްޓަކީ ދެމީހެއްގެ ނުވަތަ ދެމީހަކަށް ވުރެ ގިނަ ބަޔެއްގެ މެދުގައި ވެވޭ އެއްބަސްވުމެއްކަމާއި އެފަދަ އެއްބަސްވުމެއް ވާންވާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާއި، އިސްލާމްދީނުގެ އަޞްލަކާ ނުވަތަ އިސްލާމީ ޝަރީޢަތާ ޚިލާފުނުވާ ގޮތެއްގެ މަތިން ދެފަރާތެއްގެ ދެމެދުގައި ބަނދެވޭ ބަނދެވުން ތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި، ހުށަހަޅާ ހުށަހެޅުމަކާއި، ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗަކަށް ކަމާއި، ޤާނޫނުން އެހެންގޮތަކަށް ކަނޑަނާޅާ ނަމަ ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއަށް ބަލާއިރު ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން އެބައިވެރިއަކު ކުރަންޖެހޭ ކަމާއި، މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ އެ ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވުމުން ކަމާއި، އެ ޤާނޫނުގެ 23 ވަނަ މާއްދާއަށް ބަލާއިރު ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކޮށްފިނަމަ އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް ބަދަލުދޭންޖެހޭނީ އެ ޢަމަލެއް ކުރިމީހަކު ކަމާއި، އެގޮތުން ބަދަލު ދޭންޖެހޭނެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 10 އޮކްޓޯބަރު 2010 ގައި ސަޕްލައި އެންޑް ކޮންސަލްޓޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި، ދެފަރާތުގެ ދެމެދުގައި މުޢާމަލާތްކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާއި، އެ އެއްބަސްވުމުގެ ދަށުން ކުރާ މުޢާމަލާތްތަކަށް ފައިސާ ދައްކާނީ އެ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (A) އާއި، (B) އާއި، ޝެޑިއުލް 01 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި އަދި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އެ ކުންފުނީގެ ނަންބަރު CPS-M/10/284 (11 އޮކްޓޯބަރު 2010) ކޯޓޭޝަނުގައިވެސް، ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާއެއް ނެގުމަށް ނުވަތަ ޖޫރިމަނާއެއް ދެއްކުމަށް އެއްބަސްވެފައިވާކަން އެނގެން ނެތުމެވެ.
(ޅ) ހަވަނަ ކަމަކީ، މި ދެކުންފުނި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު، އެ އިންވޮއިސްތަކުގެ ތިރީގައިވާ "ނޯޓު" ގެ ދަށުން އިންވޮއިސްގައި އެއްވެސް މައްސަލައެއްވާނަމަ، އިންވޮއިސް ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި އެކަން އެންގުމަށާއި، އެގޮތަށް ޢަމަލު ނުކޮށްފިނަމަ އެ އިންވޮއިސް ރަނގަޅުކަމަށް ބެލެވޭނެކަމަށާއި، އެ އިންވޮއިސްއަށް 15 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށާއި، އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ ޢަދަދުން %2 (ދޭއް އިންސައްތަ) ޖޫރިމަނާއެއް ނެގޭނެކަމަށް ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު، ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ފައިސާ ހޯދުމަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާ އިންވޮއިސްތަކުގައި އެގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، ފައިސާ ދެއްކުމަށް ބުނެފައިވާ 15 ދުވަހުގެ ތެރޭގައި އިންވޮއިސްތަކަށް ފައިސާ ދައްކާފައިނުވާކަން އެނގޭކަމާއި، އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ފަހަރަކު ޖޫރިމަނާ ފައިސާ ނަގާފައި ނުވާކަމަށް، ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާއިރު، އެ ބުނުމަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަން އެނގެން އޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެ އެއްބަސްވުމަށް ބަދަލެއް ގެނެވޭނީ ދެފަރާތުން އެއްބަސްވެ ސޮއިކުރާ ލިޔުމަކުން ކަމާއި، އެ އެއްބަސްވުމަކީ ދެފަރާތް ދެމެދުގައި އެ މުޢާމަލާތާ ގުޅިގެން ވެފައިވާ މުޅި އެއްބަސްވުންކަމާއި، އެ އެއްބަސްވުމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި އަނގަބަހުން އަދި ކުރިން ލިޔުމުން ކުރެވިފައި ހުރި ކަންކަމުގެ މައްޗަށް އެ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ކަންކަން އިސްކުރެވިގެންވާކަން އެ އެއްބަސްވުމުގެ 09 ވަނަ މާއްދާއާއި 10 ވަނަ މާއްދާއިން އެނގެން އޮތްއިރު، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާނެ ގޮތާއިމެދު ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެފައިވަނިކޮށް އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެނޫން އެހެން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްނުވާނަމަ، ޢަމަލުކުރަންޖެހޭނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމާއި، ފައިސާ ދެއްކުމަށް ބުނެފައިވާ 15 ދުވަހުގެ ތެރޭގައި ފައިސާ ނުދެއްކުމުން އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް %2 (ދޭއް އިންސައްތަ) ޖޫރިމަނާގެ ފައިސާ ނެގޭނެކަމަށް ބަޔާންކޮށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ އިންވޮއިސްތަކުގައި ލިޔެފައި އޮތް އޮތުމަކީ ފައިސާ ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތާ ތަފާތު ގޮތަކަށް ޢަމަލުކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްކަމާއި، އެ ހުށަހެޅުން ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤަބޫލުކޮށްފައި ވާކަން އެނގެންނެތް ކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަދަލެއް ގެނެވޭނީ ދެފަރާތުން އެއްބަސްވެ ސޮއިކުރާ ލިޔުމަކުންކަމަށް އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތި ހަމައެކަނި އެ އިންވޮއިސްތައް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ބަލައިގަނެ ޙަވާލުވި ޙަވާލުވުމަކީ އެދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ކަންކަން ކުރަން އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް އެ އިންވޮއިސްތަކުގައި ބަޔާންކޮށްފައި ހުރި ކަންކަމަށް ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން އެއްބަސްވީކަމަށް ބެލެވޭނެ ހަމައެއް ނެތުމެވެ.
(އ) އަށްވަނަ ކަމަކީ، މި ޤަޟިއްޔާއާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބަލައި އިސްވެ ފާހަގަކުރެވުނު ސަބަބުތައް ބުނެވިދިޔަ ގޮތުގެމަތިން ހުރުމާއެކު މި މައްސަލާގައި އަހުރެން ޢަބްދުﷲ ޢަރީފަށް ބުރަވެވެނީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމަވާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކަމަށްވާތީ މި މައްސަލާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށެވެ.
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.