ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-A/11ސުޕްރީމް ކޯޓު · 18 ނޮވެމްބަރު 2020

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 18 ނޮވެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2018/SC-A/11

އިސްތިއުނާފު ކުރާ ފަރާތް:

ފާޠިމަތު ތަސްލީމާ، މ. މާފަންނުވިލާ، މާލެ (ދ.ރ. އަންގައިދޭ ކާޑު ނަންބަރު

އިސްތިއުނާފު ރައްދުވާ ފަރާތް:

ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-793/2008)

މައްސަލައިގެ ބާވަތް:

އެއްބަސްވުން ދެމިއޮތްކަމަށް ކަނޑައަޅައިދިނުމަށް އެދި

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

20 އޮގަސްޓް 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

01 އޭޕްރިލް 2018ނިމުނު ތާރީޚު:

18 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2016/HC-A/285

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

12 ޖުލައި 2016ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

21 މެއި 2017ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

ފާޠިމަތު ތަސްލީމާ (ދ.ރ. އަންގައިދޭ ކާޑު ނަންބަރު އާއި ހުޅުމާލެ ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެޗް.ޑީ.ސީ"، ރަޖިސްޓްރީ ނަންބަރު C-793/2008) އާ ދެމެދު ހުޅުމާލެ ނަންބަރު 10258 ލޮޓް (M1-06) ސިނާއީ ބިން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމާގުޅޭގޮތުން 29 ނޮވެމްބަރު 2005 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ނަމަވެސް، މި ބިމުގައި 17 ސެޕްޓެމްބަރ 2015 އާ ހަމައަށް އެއްވެސް މަސައްކަތެއް ފަށާފައިނުވާތީ، ފާޠިމަތު ތަސްލީމާއަށް މުއްދަތެއް ދިނުމަށް އެޗް.ޑީ.ސީއަށް ނުފެންނަކަމަށް އަންގައި، 17 ސެޕްޓެމްބަރ 2015 އިން ފެށިގެން އެ އެޗް.ޑީ.ސީއާ ފާޠިމަތު ތަސްލީމާއާ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް އެންގިއެވެ.

މި އެންގުމަކީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެޗް.ޑީ.ސީއިން ފޮނުވާފައިވާ ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅައިދިނުމަށާއި، ދެފަރާތު ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އެޗް.ޑީ.ސީއަށް އަންގައި އަމުރުކޮށްދިނުމަށް އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފާޠިމަތު ތަސްލީމާ މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 465/HMC/2015 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އެޗް.ޑީ.ސީއިން އެންގި އެންގުމަކީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅައެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން އެޗް.ޑީ.ސީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުގެ ނަންބަރު2016/HC-A/285 ޤަޟިއްޔާއިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ބާޠިލުކޮށްފައިވެއެވެ. މިއީ ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ފާޠިމަތު ތަސްލީމާގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 465/HMC/2015 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ފާޠިމަތު ތަސްލީމާއަށް 17 ސެޕްޓެމްބަރު 2015 ގައި އެޗް.ޑީ.ސީއިން ފޮނުވާފައިވާ ސިޓީން އަންގާފައިވާ އެންގުމަކީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެޗް.ޑީ.ސީއިން ފޮނުވާފައިވާ ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅައެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) ފާޠިމަތު ތަސްލީމާއާއި އެޗް.ޑީ.ސީއާ ދެމެދު ހުޅުމާލޭ ނަންބަރު 10258 ލޮޓް (M1-06) ސިނާއީ ބިން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި 29 ނޮވެމްބަރު 2005 ގައި އެއްބަސްވުމެއްވެފައިވާކަން؛

(ށ) މި އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބުނާފަދަ ނޯޓިސްއެއް ފޮނުވުމަކާއި ނުލައި، 17 ސެޕްޓެމްބަރު 2015 ގައި އެއްބަސްވުން ބާޠިލުކުރަން ނޯޓިސްއެއް ފޮނުވުމަކީ މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 17 ވަނަ މާއްދާއާ ޚިލާފަށް ދީފައިވާ ނޯޓިސްއެއްކަން؛

(ނ) ފާޠިމަތު ތަސްލީމާ އާއި އެޗް.ޑީ.ސީއާއެކު ވެފައިވާ އެއްބަސްވުމުގެ 16 ވަނަ މާއްދާގެ ދަށުން ކަމެއް ރަނގަޅުކުރުމަށް އެޗް.ޑީ.ސީގެ ފަރާތުން ފާޠިމަތު ތަސްލީމާއަށް 29 ސެޕްޓެމްބަރު 2015 ގައި ފޮނުވާފައިވާ ސިޓީން 2015 އޮކްޓޯބަރު 15 ވަނަ ދުވަހާއި ހަމައަށް ފުރުސަތުދީފައިވަނިކޮށް އެ މުއްދަތު ހަމަވުމުގެ ކުރިން 17 ސެޕްޓެމްބަރު 2015 ގައި އެއްބަސްވުން ބާޠިލުކުރަން އެޗް.ޑީ.ސީއިން ފާޠިމަތު ތަސްލީމާއަށް ފޮނުވާފައިވާ ނޯޓިސްއަކީ މިދެފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުމުގެ 17 ވަނަ މާއްދާއާއި ޚިލާފަށް އެޗް.ޑީ.ސީއިން ފޮނުވާފައިވާ ނޯޓިސްއެއްކަން؛

މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބުރަވެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބާޠިލުކަމަށް އަންގައި އެޗް.ޑީ.ސީއިން ފާޠިމަތު ތަސްލީމާއަށް ފޮނުވި ސިޓީން އަންގާފައިވާ އެންގުމަކީ ބާޠިލު ނޯޓިސްއެއްކަމަށެވެ. އަދި މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް އެޗް.ޑީ.ސީއަށް އަންގާފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

އެޗް.ޑީ.ސީގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 465/HMC/2015 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާގައި ނިންމާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) ކުއްޔަށް ދޫކުރާ ބިމުގައި ގާއިމުކުރެވޭ ސިނާއަތެއް ގާއިމުކުރުމުގައި އެ ސިނާއަތަކާގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަދާފައިވާ ގަވާއިދުތަކާއި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތަށް އެ ސިނާއަތެއް ގާއިމުކުރުމަށް ޝަރުތުކޮށްފައިވާކަން އެއްބަސްވުމުގެ 10 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން؛

(ށ) އެއްބަސްވުމުގެ 11 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ނުކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ހުއްދަކޮށްފައިވާ މަސައްކަތަށް ނޫންގޮތަކަށް ކުއްޔަށް ހިފާފައިވާ ބިމުގެ ބޭނުން ނުކުރުމަށް އެފަރާތުގެ މައްޗަށް ޝަރުޠުކޮށް އެގޮތަށް އެފަރާތުން އެއްބަސްވެފައިވާކަން އެނގެން އޮންނަކަމަށާއި، މި އެންމެހައި ކަންކަމަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ބިމުގައި ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސިނާއަތް ގާއިމުކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ހައިސިއްޔަތުން ފާޠިމަތު ތަސްލީމާގެ މައްޗަށް ލާޒިމުކަމެއްކަމަށާއި، އަދި އެއީ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުކަން ފާހަގަކުރެވެން އޮތުންކަމަށް؛

(ނ) އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވާގޮތަށް ސިނާއީ ބޭނުމަކަށް ހުޅުމާލެއިން ކުއްޔަށް ހިފި ބިން ބޭނުންކޮށްފައިނުވާކަން އަދި ބޭނުންކުރަމުންނުދާކަން އެނގެން އޮންނައިރު، ސިނާއީ ބޭނުމަކަށް ނޫންގޮތަކަށް އެބިން ބޭނުންކުރުން ހުއްދަނުވާނޭކަން ހުޅުމާލެއިން ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ތަރައްޤީކުރުމުގެ ގަވާއިދުގެ 2.1 އަށް ބެލުމުން އެނގެން އޮންނަކަމަށާއި، އަދި ސިނާއީ ބޭނުމަކަށް ނޫންގޮތަކަށް އެބިން ބޭނުންކުރުމަކީ އެއްބަސްވުމުގެ ދަށުންވެސް ހުއްދަކޮށްފައިވާކަމެއްކަން އެނގެން ނެތްއިރު، ސިނާއީ ބޭނުމަކަށް އެއްބަސްވުމެއްގެ ދަށުން ދޫކުރެވުނު އިޝާރާތްކުރެވުނު ބިމުގައި ސިނާއީ ބޭނުމަކަށް ނޫންގޮތަކަށް އެބިން ބޭނުންކުރަނީނަމަ އެއީ އެއްބަސްވުމާއި ޚިލާފުވުންކަމުގައި ނޫނީ ބެލެވެން ނޯންނާނެކަމަށާއި، އެއްބަސްވުމުގެ ދަށުން އެއްބަސްވުމެއްގެ ބައިވެރިއެއްގެ މައްޗަށް ކަންކުރުން ލާޒިމުކުރާގޮތާއި ޚިލާފަށް ޢަމަލުކުރުމަކީ އެއްބަސްވުން ބާޠިލުކުރުން ހުއްދަ ސަބަބެއްކަން؛

(ރ) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ލުޔެއް ދީފައިނުވާނެކަމަށް އެޗް.ޑީ.ސީގެ ފަރާތުން ބުނާކަމަށާއި، އެހެންކަމުން، ހުޅުމާލެއިން ފާޠިމަތު ތަސްލީމާއަށް ދޫކުރެވުނު ބިމުގައި އެފަރާތުން އެއްބަސްވެފައިވާ ސިނާއަތް ގާއިމުނުކޮށް އެބިން ބޭނުންކުރުމަކީ މިދެފަރާތު ދެމެދުވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) އާ ކަނޑައެޅިގެން ޚިލާފުކަމެއްކަން؛ އަދި

(ޅ) އެއްބަސްވުމުގައި ކުރުމަށް ލާޒިމުކޮށްފައިވާ ކަމެއް އެއްބަސްވުމާ އެއްގޮތަށް ނުކޮށްފިނަމަ އެކަން ރަނގަޅުކުރުމަށް ކުއްޔަށްހިފި ފަރާތަށް އެންގުމަށް އެޗް.ޑީ.ސީއަށް ލިބިފައިވާ އިޚްތިޔާރުގެ ބޭނުންނުކޮށް، އެފަދަ އެންގުމެއް އެންގުމަކާ ނުލައިވެސް އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވާކަން މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 16 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމަށާއި، އަދި އެފަދައިން އެ އިޚްތިޔާރުގެ ބޭނުން ނުހިފުމަށް އެޗް.ޑީ.ސީއިން ނިންމާ ހާލަތުގައި އެއްބަސްވުމުގެ 17 ވަނަ މާއްދާއަށް ޢަމަލުކުރަން ނުޖެހޭކަން.

އެހެންކަމުން، މި ސަބަބުތަކަށްޓަކައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 465/HMC/2015 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާޠިމަތު ތަސްލީމާގެ ފަރާތުން ހުށަހެޅި 7 (ހަތެއް) ނުކުތާއަކީ؛

8.1 ސިނާއަތު ގާއިމުކުރުން ފާޠިމަތު ތަސްލީމާއަށް އެއްބަސްވުމުން ލާޒިމުކޮށްފައިނެތްކަން އެއްބަސްވުމުގެ މާއްދާތަކުގެ ނައްޞުން އެނގެން އޮތްއިރު، ސިނާއަތު ގާއިމުކުރުން ލާޒިމުކުރުމަކީ މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ މައިގަނޑު މަޤުޞަދުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ މާއްދާތަކާ ޚިލާފަށް އަދި ކޮންޓްރެކްޓް މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

8.2 ކޮންޓްރެކްޓާބެހޭ ޤާނޫނީ ގާއިދާއެއްކަމަށްވާ ކޮންޓްރާ ޕްރޮފެރެންޓަމް (contra proferentem) އުޞޫލާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

8.3 މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފާޠިމަތު ތަސްލީމާގެ މައްޗަށް ވަކިގޮތަކަށް ޢަމަލުކުރުމަށް ލާޒިމުވެފައިނެތްކަމެއް އެއްބަސްވުމާ ޚިލާފަށް ލާޒިމުކުރުވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

8.4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

8.5 އެއްބަސްވުމުގެ 11 ވަނަ މާއްދާ އާއި ހުޅުމާލެއިން ސިނާއީ ބޭނުންތަކަށް ދޫކުރެވޭބިން ތަރައްޤީކުރުމުގެ ގަވާއިދުގެ 2.1 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

8.6 އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެ އެއްބަސްވުން ބާޠިލުކުރުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށްވާއިރު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

8.7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާއަކީ މަޢުޞޫމް ނިކަމެތި ފަރާތަކާ ދެކޮޅަށް ކޮންޓްރެކްޓްގެ ޤާނޫނާއި އުޞޫލުތަކާއި ޚިލާފަށް އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ މައްސަލައެއްކަމަށްވާތީ، އިންޞާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމަށް ވެފައި، އެ ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މި މައްސަލައިގައި ޢަދުލުވެރި ޙުކުމެއް ހޯއްދައިދެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އެއްބަސްވުން ބާޠިލުކުރި ސަބަބު

ފާޠިމަތު ތަސްލީމާއާއި އެޗް.ޑީ.ސީއާ ދެމެދު 29 ނޮވެމްބަރު 2005 ގައި ހުޅުމާލެ ނަންބަރު 10258 ލޮޓް (M1-06) ސިނާއީ ބިން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމާގުޅޭގޮތުން އެއްބަސްވުމެއްވިއެވެ. އަދި 29 ސެޕްޓެމްބަރު 2015 ގައި އެޗް.ޑީ.ސީއިން، މި އެއްބަސްވުމާ ފާޠިމަތު ތަސްލީމާގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ އެއްބަސްވުން ބާޠިލުކުރިއެވެ.

އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ބުނެ އެންގި ސިޓީގައި، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގައި އެއްބަސްވުމުގެ ޖަދުވަލު 3 ގައި ތަފުސީލު ދީފައިވާ ސިނާއީ 4 ޒޯނުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިން ހިމެނޭ ޒޯނު 1 ގައި ގާއިމުކުރަން ހުއްދަކޮށްފައިވާ ސިނާއީ ބޭނުމަށް ކުއްޔަށްދޫކުރާ ބިން ބޭނުންކުރުމަށް ބިން ކުއްޔަށް ހިފާފައިވާ ފަރާތުގެ މައްޗަށް ލާޒިމުކުރާކަމަށް ބުނެފައިވެއެވެ. އަދި 2015 ސެޕްޓެމްބަރު 13 ވަނަ ދުވަހު އެޗް.ޑީ.ސީއިން ކުރި ސަރވޭއިން ނަންބަރު 10258 ބިމުގައި ސިނާއަތް ގާއިމުކޮށް ބިމުގެ ބޭނުންކުރަމުން ނުދާކަން ފާހަގަކުރެވޭކަމަށާއި، މި ބިމަކީ ހަވާލާދެވުނު އެއްބަސްވުމުގައި 2005 ނޮވެމްބަރ 29 ވަނަ ދުވަހު ސޮއިކޮށް ދޫކޮށްފައިވާ ބިމެއްކަމަށާއި، ނަމަވެސް 17 ސެޕްޓެންބަރު 2015 އާ ހަމައަށްވެސް ބިމުގައި އެއްވެސް މަސައްކަތެއް ނުކޮށް ބޭއްވުމަކީ އެއްބަސްވުމުގެ ދަށުން ފާޠިމަތު ތަސްލީމާއަށް ކުރުން ލާޒިމުކުރާ ކަންކަން ނުކުރާކަމުގެ ހެއްކެއްކަމަށާއި، އަދި އެއްބަސްވުމުގެ މަޤުޞަދާ ޚިލާފުކަމެއްކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބުނެފައިވާގޮތުގެ މަތިން، ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭ ކަންކަމުގެ ތެރެއިން، ކުލި ދެއްކުން ފިޔަވައި، އެހެން ކަމެއް ކުއްޔަށް ހިފާ ފަރާތުގެ މައްޗަށް އެއްބަސްވުން ލާޒިމުކުރާގޮތުގެ މަތިން ނުކޮށްފިނަމަ، އެކަމެއްކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަކީ އެޗް.ޑީ.ސީއަށް ލިބިފައިވާ އިޚްތިޔާރެއްކަމަށާއި، މި އިޚްތިޔާރު ދިނުމުގައި އެޗް.ޑީ.ސީއިން ބަލާ ކަންތައްތަކުގެ ތެރޭގައި ބިމުގައި މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތެއް ބެލުން ހިމެނޭކަމަށް ބުނެފައިވެއެވެ. ނަމަވެސް، އެ ބިމަކީ އެދުވަހާ ހަމައަށް އެއްވެސް މަސައްކަތެއް ފަށާފައިނުވާ ބިމަކަށްވާތީ ފާޠިމަތު ތަސްލީމާއަށް މުއްދަތު ދިނުމަށް އެޗް.ޑީ.ސީއިން ނުފެންނަކަމަށް އަންގައި، 17 ސެޕްޓެމްބަރ 2015 އިން ފެށިގެން މިދެފަރާތު ދެމެދު ވެވުނު މި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް އެ ސިޓީން ފާޠިމަތު ތަސްލީމާއަށް އަންގާފައިވެއެވެ.

ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން

އެޗް.ޑީ.ސީ އާއި ފާޠިމަތު ތަސްލީމާއާ ދެމެދު ވެވުނު އެއްބަސްވުމަށް ބަލާއިރު، މި އެއްބަސްވުމަކީ ހުޅުމާލޭން ސިނާއީ ބޭނުންތަކަށް ބިމެއް ކުއްޔަށް ދޫކުރުމަށާއި، ކުއްޔަށް ހިފުމަށް ސޮއިކުރެވޭ އެއްބަސްވުމެއްކަން އެނގެއެވެ. އަދި އެއްބަސްވުމުގެ ތައާރުފަށާއި 3 ވަނަ މާއްދާއަށް ބަލާއިރު، ކުއްޔަށް ދޫކުރާ ފަރާތުން، އެ ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާ އަގަށާއި، މި އެއްބަސްވުމުގެ މާއްދާތަކަށާއި ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން ކުއްޔަށް ހިފުމަށް ވެފައިވާ އެއްބަސްވުމެއްކަން އެނގެއެވެ. އަދި އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ކުއްޔަށް ހިފާ ފަރާތުން އަދާކުރަންޖެހޭ ޢާންމު ވާޖިބުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ހ) ގައި؛

ކުލި ދެއްކުމަށް ކަނޑައަޅާފައިވާ ގޮތަށާއި ވަގުތުގައި ކުލި ދައްކަމުން ދިޔުން

މިހެން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގައި؛

މި އެއްބަސްވުމުގެ ޖަދުވަލު 3 ގައި ތަފުޞީލުދީފައިވާ ސިނާއީ 4 ޒޯނުގެ ތެރެއިން ކުއްޔަށް ދޫކުރާ ބިން ހިމެނޭ ޒޯނުގައި ގާއިމުކުރުން ހުއްދަކޮށްފައިވާ ސިނާއީ ބޭނުމަށް ކުއްޔަށް ދޫކުރާ ބިން ބޭނުންކުރުން

މިގޮތަށް ޝަރުތުކޮށްފައިވެއެވެ.

އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ކުއްޔަށް ހިފާ ފަރާތުން ނުކުރުމަށް އެއްބަސްވާކަންކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން، ސިނާއީ ބޭނުންތަކަށް ކުއްޔަށް ދޫކުރާ ބިމެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތެއްގެ ހައިސިއްޔަތުން އެމާއްދާގައި ބުނާ ކަންކަން ނުކުރުމަކީ، މި އެއްބަސްވުން ކުއްޔަށް ހިފާ ފަރާތުގެ މައްޗަށް ޝަރުތުކުރާކަމެއްކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ހ) ގައި "ހުއްދަކޮށްފައިވާ މަސައްކަތެއް ކުރުމަށް ނޫންގޮތެއްގައި ބިމުގެ ބޭނުންކުރުން" މިފަދައިން ބަޔާންކުރެވިފައި އޮވެއެވެ.

މީގެ އިތުރުން، މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 15، 16 އަދި 17 ވަނަ މާއްދާގައި އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. 15 ވަނަ މާއްދާގައި ބުނަނީ ކުލި ނުދެއްކުމުން އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ޙާލަތެވެ. އަދި 16 ވަނަ މާއްދާގައި ގައި ބުނަނީ މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން އަދާކުރަންޖެހޭ ކަންކަމުގެ ތެރެއިން ކުލި ދެއްކުން ފިޔަވައި އެހެން ކަމެއް މި އެއްބަސްވުން އެފަރާތުގެ މައްޗަށް ލާޒިމުކުރާގޮތުގެ މަތިން ނުކޮށްފިނަމަ، އެކަމެއް ކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ކުއްޔަށް ދޫކުރާ ފަރާތަށް ލިބިގެންވާކަމަށެވެ. އަދި މިފަދަ މުއްދަތެއް ދޭނީ ރަނގަޅު ކުރަންވީ ކަމަކާއި ރަނގަޅު ކުރަންވީ މުއްދަތެއް ކަނޑައަޅައި، ލިޔުމުން ކަމަށެވެ.

އެއްބަސްވުމުގެ 17 ވަނަ މާއްދާއަކީ އެއްބަސްވުމުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ މުއްދަތުގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ ނުވަތަ އިޞްލާޙުނުކޮށްފިނަމަ، ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެޗް.ޑީ.ސީއަށް ލިބިދޭ މާއްދާއެކެވެ. މިގޮތުން ކުރެވޭ ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ނިމުމަކަށް ގެނެސް، ކުއްޔަށްދޫކުރެވިފައިވާ ބިމާ ހަވާލުވާން ބޭނުންކަމުގެ ނޯޓިހެއް ލިޔުމުންދީ، އެއްބަސްވުން ނިމުމަމަށް ގެނައުމުގެ އިޚްތިޔާރު ކުއްޔަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

އެއްބަސްވުމުގެ ދަށުން ސިނާއަތް ގާއިމުކުރުން ލާޒިމުވުން

މި މައްސަލައިގައިވާ އެއްބަސްވުން އެޗް.ޑީ.ސީ އިން ބާޠިލުކުރި މައިގަނޑު ސަބަބު ބިނާވަނީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) އަށެވެ. އެހެންކަމުން، އިސްތިއުނާފީ މައިގަނޑު އެއް ނުކުތާއަކީ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ފާޠިމަތު ތަސްލީމާ ކުއްޔަށް ނެގި ބިމުގައި ސިނާޢަތް ގާއިމުކުރުން ލާޒިމުވާކަމަށް ބުނާބުނުމެވެ.

ފާޠިމަތު ތަސްލީމާއަށް ސިނާއަތު ގާއިމުކުރުން އެއްބަސްވުމުގެ ދަށުން ލާޒިމުކޮށްފައިނެތްކަން އެއްބަސްވުމުގެ މާއްދާތަކުގެ ނައްޞުން އެނގެން އޮތްއިރު، ސިނާއަތު ގާއިމުކުރުން ލާޒިމުކުރުމަކީ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައިގަނޑު މަޤުޞަދުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ މާއްދާތަކާ ޚިލާފަށް އަދި ކޮންޓްރެކްޓް މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ފާޠިމަތު ތަސްލީމާގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ވުމާއެކު، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ބިން ބޭނުން ނުކޮށް އޮތަތީ އެޗް.ޑީ.ސީއަށް އެއްބަސްވުން ބާޠިލުކުރެވިދާނެ ހެއްޔެވެ؟

އެއްބަސްވުމުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާ ޙަވާލާދީ، އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް އެ ބިމުގައި ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސިނާއަތް ގާއިމުކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ މައްޗަށް ލާޒިމުކަމެއްކަމަށާއި، އަދި އެއީ އެއްބަސްވުމުގެ މައިގަނޑު މަޤުސަދުކަމަށް އެޗް.ޑީ.ސީ ގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި ފާޠިމަތު ތަސްލީމާގެ ފަރާތުން ހުށަހަޅާފައިވާ ބިޑު ޕްރޮޕޯސަލްގައިވެސް ހުށަހަޅާފައިވަނީ މަސްވެރިކަމުގެ ޕްރޮޖެކްޓެއްކަމަށާއި، އެ ޕްރޮޕޯސަލްއަކީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބިނާވާ މައިގަނޑު އެއް އަސާސްކަމުގައި އެޗް.ޑީ.ސީ ގެ ފަރާތުން ބުނެފައިވެއެވެ.

އެހެންނަމަވެސް، ފާޠިމަތު ތަސްލީމާ ހުށަހެޅި ބިޑު ޕްރޮޕޯސަލްއަކީ އެއްބަސްވުމުގައި ހިމެނޭ ލިޔުމެއް ނޫންކަމުގައި ފާހަގަކުރެވެއެވެ. އަދި އެޗް.ޑީ.ސީ އާއި ފާޠިމަތު ތަސްލީމާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފާޠިމަތު ތަސްލީމާ ހުށަހެޅި ޕްރޮޖެކްޓުގެ މަސައްކަތް ފަށައި ޤާއިމުކުރުމަށް ވަކި މުއްދަތު ތަކެއްވެސް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވެއެވެ.

ސިނާއަތް ގާއިމުކުރުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްކަމަށް އެޗް.ޑީ.ސީގެ ފަރާތުން ބުނިނަމަވެސް، އެޗް.ޑީ.ސީގެ ފަރާތުން ބުނާ މި ބުނުމަށް ބާރުދޭ އެއްވެސް މާއްދާއެއް ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައި ނެތެވެ. އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުއްޔަށް ދޭ ބިން ބޭނުންކުރުމާ ގުޅޭ ޝަރުޠުތަކެކެވެ. އެގޮތުން އެ މާއްދާގެ (ހ) ގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ގަވާއިދުން ކުލި ދެއްކުން ލާޒިމުކުރާ ހިނދު، އެ މާއްދާގެ (ށ) ގެ ދަށުން ކުއްޔަށް ހިފި ބިން ހުރި ސިނާއީ ޒޯނުގައި ހުއްދަކުރާ ސިނާއީ ބޭނުމަށް ފިޔަވައި އެހެނިހެން ކަންކަމަށް އެ ބިން ބޭނުންކުރުން މަނާކުރާކަން އެ އަކުރުގެ ސާފު އިބާރާތުން އެނގެއެވެ. އެހެންކަމުން، އެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށް ހިފި ބިން ބޭނުންކުރެވޭނީ އެ ޒޯނުގައި ގާއިމުކުރުން ހުއްދަކޮށްފައިވާ ސިނާއަތެއް ގާއިމުކުރުމަށް އެކަންޏެވެ.

އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) އަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްކަމަށް ބެލިކަމުގައި ވީނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވަނީ ކުއްޔަށް ހިފި ބިން ހުރި ސިނާއީ ޒޯނުގައި ހުއްދަކުރާ ސިނާއީ ބޭނުމަކަށް އެ ބިން ބޭނުންކުރުމަށެވެ. މި މާއްދާއާ ޚިލާފަށް ޢަމަލުކުރުން ކަމުގައި ބެލެވޭނީ ފާޠިމަތު ތަސްލީމާ ކުއްޔަށް ހިފި ބިމުގައި، އެ ބިން ހުރި ޒޯނު 1 ގައި ކުރުމަށް ކަނޑައަޅާފައިވާ ސިނާއީ މަސައްކަތެއް ނޫން މަސައްކަތެއް ކުރިނަމައެވެ. ފާޠިމަތު ތަސްލީމާ ކުރަން ހުށަހެޅި މަސައްކަތް ނުފަށައި ބިމުގެ ބޭނުން ނުހިފައި އޮތުމަކީ އަދި އެހެން ޙާލަތެކެވެ.

އެހެންކަމުން، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާގައި އެއްބަސްވުމުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ދަށުން އެ ބިމުގައި ނުކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށް އެއްބަސްވާ މާއްދާތަކާ ހަވާލާދީ، އެ ބިމުގައި ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ސިނާއަތު ޤާއިމުކުރުމަކީ ފާޠިމަތު ތަސްލީމާގެ މައްޗަށް ލާޒިމުކަމެއްކަމަށް ކަނޑައަޅާފައިވަނީ، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފަށްކަމަށް އަހުރެން ދެކެމެވެ. އެހެނީ، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގެ ދަށުން ބިމުގެ ބޭނުން ނުހިފައި އޮތުމަކީ އެއްބަސްވުން ވަގުތުން ބާޠިލުކުރެވޭނެ ސަބަބެއްކަމަށް ބަޔާންކޮށްފައިނުވެއެވެ. އަދި މި މުޢާމަލާތުގައި ފާޠިމަތު ތަސްލީމާއަށް ބިން ޙަވާލުކުރުމުން، އޭގެ މުޤާބިލެއްގެ ގޮތުގައި އެޗް.ޑީ.ސީ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން އެޗް.ޑީ.ސީ އަށް ލިބެމުންދިޔަކަން ދެފަރާތުގެ ބަހުންވެސް އެނގެން އޮވެއެވެ. އެހެންކަމުން، އެޗް.ޑީ.ސީ އިން ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބާޠިލުކަމަށް އަންގާފައިވަނީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައި ލާޒިމު ނުކުރާ ޝަރުޠެއްގެ މައްޗަށް ބިނާކޮށެވެ.

މީގެ އިތުރުން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރާ ޕްރޮފެރެންޓަމް (contra proferentem rule) އުޞޫލާ ޚިލާފަށްކަމަށް ފާޠިމަތު ތަސްލީމާގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އެގޮތުން، މި އެއްބަސްވުމަކީ އެޗް.ޑީ.ސީއިން ޑްރާފްޓްކޮށްފައިވާ އެއްބަސްވުމެއްކަމަށްވާތީ، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) މާނަކުރެވެންވާނީ އެޗް.ޑީ.ސީއާ ދެކޮޅަށްކަމަށް ފާޠިމަތު ތަސްލީމާގެ ފަރާތުން ބުނެއެވެ.

ކޮންޓްރެކްޓާބެހޭ ގާނޫނީ ގާއިދާއެއްކަމަށްވާ ކޮންޓްރާ ޕްރޮފެރެންޓަމް ރޫލް (contra proferentem rule) އަށް ބަލާއިރު، މި ގާއިދާއަކީ، އެއްބަސްވުމެއްގެ މާއްދާއެއްގައި ބަޔާންކުރާ އެއްޗެއް ސާފު ނޫންކަމަށް ވާނަމަ، އެ މާއްދާއެއް މާނަކުރެވެންވާނީ އެ ކޮންޓްރެކްޓެއް އެކުލަވާލި ފަރާތުގެ މަސްލަހަތާ އިދިކޮޅަށް ކަމަށް ބަޔާންކުރާ އުޞޫލެކެވެ. ހުށަހެޅިފައިވާ މި މައްސަލައަށް ބަލާއިރު، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގެ ސާފު އިބާރާތުން ކުއްޔަށް ހިފާ ފަރާތަށް ޝަރުތުކުރަނީ، ކުއްޔަށް ދޫކުރާ ބިން ހިމެނޭ ޒޯނުގައި ގާއިމުކުރުން ހުއްދަކޮށްފައިވާ ސިނާއީ ބޭނުމަށް ކުއްޔަށް ދޫކުރާ ބިން ބޭނުންކުރުމަށެވެ. ކުއްޔަށް ދޫކުރާބިމުގައި ސިނާއަތް ގާއިމުނުކޮށް ބިން ހުސްކޮށް އޮވެއްޖެނަމަ، ދެން ޢަމަލުކުރާނެ ގޮތެއް ނުވަތަ އެޗް.ޑީ.ސީއަށް އެޅިދާނެ ފިޔަވަޅެއްގެ ވާހަކަ އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިނޯވެއެވެ. އެހެންކަމުން، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގައި ބުނާ އެއްޗެއް ސާފު އިބާރާތުން އެނގެން އޮތްއިރު، މި އަކުރު މާނަކުރުމަށް ކޮންޓްރާ ޕްރޮފެރެންޓަމް ރޫލް (contra proferentem rule) މި މައްސަލައަށް ތަޠުބީޤުވާނެކަމަށް އަހުރެން ނުދެކެމެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކުރުން

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) ހައިކޯޓުން މާނަކޮށްފައިވަނީ ޤާނޫނު މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ފާޠިމަތު ތަސްލީމާގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ހައިކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤު (apply) ކޮށްފައިވާ ގޮތަށް ބެލިއިރު،

"...އެއްބަސްވުމާ އެއްގޮތަށް ޤާއިމުކުރަންޖެހޭ ސިނާއަތު ޤާއިމުކުރުމަށް ފާޠިމަތު ތަސްލީމާގެ މައްޗަށް ލާޒިމްކޮށްފައިވާކަން ފާޠިމަތު ތަސްލީމާގެ ފަރާތުން އިންކާރުނުކުރާކަން އެނގޭއިރު، އެ މަސައްކަތް ފާޠިމަތު ތަސްލީމާގެ ފަރާތުން ކޮށްފައިނުވާކަން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، އެ މަސައްކަތް ފާޠިމަތު ތަސްލީމާގެ ފަރާތުން ނުކޮށްތިބުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ލުޔެއް ދީފައިނުވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ބުނާކަމާއި، މިހެންކަމުން ހުޅުމާލެއިން ފާޠިމަތު ތަސްލީމާއަށް ދޫކުރެވުނު ބިމުގައި އެފަރާތުން އެއްބަސްވެފައިވާ ސިނާއަތް ޤާއިމުނުކޮށް އެބިން ބޭނުންކުރުމަކީ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) އާ ކަނޑައެޅިގެން ޚިލާފުކަމެއްކަން އެނގެން..."

އޮންނަކަމަށް ބަޔާންކޮށްފައިވެއެވެ.

ބަހުސްގެ ބޭނުމަށްޓަކައި، ހައިކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ފާޠިމަތު ތަސްލީމާގެ މައްޗަށް ސިނާއަތު ޤާއިމުކުރުން ލާޒިމްވާކަމަށް ބެލިކަމުގައިވީނަމަވެސް، ކުއްޔަށް ހިފި ފަރާތުން އެ މާއްދާއާ ޚިލާފުވާނީ ކޮންއިރަކުންކަން އެނގޭކަށް ނެތެވެ. އެހެންގޮތަކަށް ބުނާ ނަމަ، ސިނާއަތު ޤާއިމުނުކުރާކަމަށް ކަނޑައަޅާނީ ކޮން ވަގުތަކު ހެއްޔެވެ؟ ސިނާއަތު ޤާއިމުނުކުރާކަމަށް ބުނެ އެއްބަސްވުން ބާޠިލު ކުރުމުގެ ޙައްޤު އެޗް.ޑީ.ސީ އަށް އުފަންވަނީ ކޮންއިރަކު ހެއްޔެވެ؟ އެއީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި ސިނާއަތު ޤާއިމުކުރަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނެތީމައެވެ. އަދި ސިނާއަތު ޤާއިމުނުކޮށް އޮތުމަކީ އެއްބަސްވުމެއް އޮތުމުގެ މަޤުޞަދާ ޚިލާފުކަމެއް ކަމަށް އެޗް.ޑީ.ސީ އިން ޤަބޫލުކުރިނަމަވެސް، އެއްބަސްވުމުގެ ދަށުން އެކަމެއްކޮށް ނިންމުމަށް މުއްދަތެއް ދެވިފައިނެތުމުގެ އިތުރުން، ނުވަތަ ވަކި މުއްދަތަކަށްފަހު މަސައްކަތް ނުކުރާނަމަ، ބިން އަނބުރާ އެޗް.ޑީ.ސީގެ ބެލުމުގެ ދަށަށް ނެގޭނެކަމަށް ބަޔާންކުރާ މާއްދާއެއްވެސް ނެތް ހާލަތުގައި، މައްސަލަ ޙައްލުކުރަންވެސް ފުރުޞަތު ދިނުމެއް ނެތި، ކުއްލި ގޮތަކަށް އެއްބަސްވުން ބާޠިލު ކުރެވިދާނެކަމަށް ކަނޑައެޅުމަކީ، ދެފަރާތު ދެމެދު ފުރަތަމައިނުންވެސް އެއްބަސްވުމެއްގައި އެ އެއްބަސްވުން ބާޠިލު ކުރެވޭނެ ގޮތްތަކާއި އިޖުރާއާތުތައް ލިޔެވިފައި އޮތުމުގެ މަޤުޞަދާ ޚިލާފުކަމެކެވެ.

އެހެންކަމުން، ބިމުގައި މަސައްކަތެއް ނުކޮށް އޮތުމަކީ އެއްބަސްވުމާ ޚިލާފު ޢަމަލެއްކަމާއި އަދި އެ ޢަމަލުގެ ނަތީޖާއަކަށްވެގެންދާނީ އެޗް.ޑީ.ސީ އަށް އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އުފަންވެގެންދިއުންކަން ކަނޑައެޅިގެން އެއްބަސްވުމުގައިވެސް ބަޔާންކޮށްފައި ނުވާއިރު، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން އެ މާނަ ނެރެފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަކަށް ނޫނެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ މިފަދައިންނެވެ.

20.(ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއް ދީފިނަމައެވެ. ނުވަތަ އޭނާ އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމައެވެ.

ކުރިންވެސް ބުނެވުނު ފަދައިން ފާޠިމަތު ތަސްލީމާއާއި އެޗް.ޑީ.ސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ދީފައިވަނީ ފާޠިމަތު ތަސްލީމާގެ ފަރާތުން އެތަނުގައި ސިނާއަތް ޤާއިމުކުރުމުގެ މަޤުޞަދުގައި، ބިޑު ޕްރޮޕޯސަލް ހުށަހަޅައިގެން ކަމުގައިވީނަމަވެސް، އެ ބިމުގައި ސިނާއަތް ޤާއިމުކޮށް ވިޔަފާރި ފެށުމަށް އޮތް މުއްދަތުތަކާއި، ސިނާއަތް ޤާއިމުނުކޮށްފިނަމަ ދެން ނިކުންނާނެ ނަތީޖާ، ނުވަތަ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް އެޅޭނެ ފިޔަވަޅުތައް ފަދަ ކަންކަން ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވެއެވެ. އަދި ސިނާއަތް ޤާއިމުނުކުރުމަކީ އެއްބަސްވުމާ ޚިލާފުވާނެ ކަމެއްކަމަށް، ނުވަތަ "ޓަރމިނޭޝަން އިވެންޓް" އެއްކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވެއެވެ.

ބިން ދޫކުރެވިފައިވަނީ ސިނާއަތެއް ޤާއިމުކުރުމުގެ ވިސްނުމުގައި ކަމުގައިވީނަމަވެސް، އެޗް.ޑީ.ސީ އާއި ފާޠިމަތު ތަސްލީމާ އާ ދެމެދު އޮތް އެއްބަސްވުމުގައި ފާޠިމަތު ތަސްލީމާގެ މައްޗަށް އޮތް އެންމެ ބޮޑު އިލްތިޒާމަކީ އެޗް.ޑީ.ސީ އިން ބިން ޙަވާލުކުރުމުން، އެ ބިމަށް ދައްކަންޖެހޭ ކުލި ގަވާއިދުން ދެއްކުމެވެ. ދެން ހުރި އިލްތިޒާމްތަކުގައި ހިމެނެނީ އެ ބިމުގައި ސިނާއަތު ޤާއިމުކުރާއިރު ކުރުން ހުއްދަ ކަންކަމާއި މަނާ ކަންކަމެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުނުއިރު ދެފަރާތު ދެމެދު އޮތް ޙާލަތަކީ، އެޗް.ޑީ.ސީ އާއި ފާޠިމަތު ތަސްލީމާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި، ބޭނުން ނުކޮށް އޮތް ހުސްބިމަކަށް ފާޠިމަތު ތަސްލީމާ ގަވާއިދުން ދައްކަމުން ދިޔަކަމެވެ.

އެހެންކަމުން، އެބިމުގައި ސިނާއަތް ގާއިމުނުކޮށް ބިން ހުސްކޮށް އޮތްއޮތުމަށް ފިޔަވަޅު އެޅޭނެކަމަށް އެ އެއްބަސްވުމުގައި ބަޔާންކުރެވިފައި ނުވާ ހާލު، މި މައްސަލައަށް ހައިކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ.

ހުޅުމާލެއިން ސިނާއީ ބޭނުންތަކަށް ދޫކުރެވޭ ބިން ތަރައްޤީކުރުމުގެ ގަވާއިދުގެ 2.1

ހުޅުމާލެއިން ސިނާއީ ބޭނުންތަކަށް ދޫކުރެވޭ ބިން ތަރައްޤީކުރުމުގެ ގަވާއިދު ހިމެނިފައިވަނީ ދެފަރާތު ދެމެދު ވި އެއްބަސްވުމުގެ ޖަދުވަލު 4 ގައެވެ. އަދި މިއީ އެއްބަސްވުމުގެ 10 ވަނަ މާއްދާއާ ގުޅޭ ގަވާއިދެއްކަމަށް ޖަދުވަލުގައި ބަޔާންކޮށްފައިއޮވެއެވެ. އެގޮތުން، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮންނަނީ؛

އެއްބަސްވުމުގެ ޖަދުވަލު 4 ގައިވާ، ހުޅުމާލެއިން ސިނާއީ ބޭނުންތަކަށް ދޫކުރެވޭ ބިން ތަރައްޤީ ކުރުމުގެ ގަވާއިދާ ޚިލާފުނުވާ ގޮތަށް ކުއްޔަށް ދޫކުރާ ބިމުގައި ޢިމާރާތްކުރުން

މިފަދައިންނެވެ.

އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާގައި ހުޅުމާލެއިން ސިނާއީ ބޭނުންތަކަށް ދޫކުރެވޭ ބިން ތަރައްޤީކުރުމުގެ ގަވާއިދުގެ 2.1 އާ ޙަވާލާދީ، ސިނާއީ ބޭނުމަކަށް ނޫންގޮތަކަށް އެބިން ބޭނުންކުރުން ހުއްދަނުވާކަން އެ މާއްދާއިން އެނގެން އޮންނަކަމަށް ބަޔާންކޮށް، މި މައްސަލައިގެ ދެފަރާތުގެ ބަހުންވެސް ސިނާއީ ބޭނުމަކަށް ހުޅުމާލެއިން ކުއްޔަށް ހިފި ބިން ބޭނުންކޮށްފައިނުވާކަން އަދި ބޭނުންކުރަމުން ނުދާކަން އެނގެން އޮންނާތީ، މިއީ އެއްބަސްވުމާ "ޚިލާފުވުންކަމުގައި ނޫނީ ބެލެވެން ނޯންނާނެކަމަށް..." ކަނޑައަޅާފައިވެއެވެ. އަދި އެއްބަސްވުމެއްގެ ބައިވެރިއެއްގެ މައްޗަށް ކަންކުރުން ލާޒިމްކުރާ ގޮތާ ޚިލާފަށް ޢަމަލުކުރުމަކީ އެއްބަސްވުން ބާޠިލުކުރުން ހުއްދަ ސަބަބެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ހުޅުމާލެއިން ސިނާއީ ބޭނުންތަކަށް ދޫކުރެވޭ ބިން ތަރައްޤީކުރުމުގެ ގަވާއިދުގެ 2.1 ގައި ބަޔާންކޮށްފައިވަނީ ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިން ބޭނުންކުރެވޭ ގޮތްތަކެވެ. 2.1 ވަނަ މާއްދާގައި ބަޔާންކުރަނީ ބިން ޢާންމުކޮށް ދޫކުރެވިފައިވަނީ ސިނާއީ މަސައްކަތްތައް ކުރުމަށް ކަމަށާއި، އަދި މިގޮތަށް ދޫކުރެވޭ ބިމެއްގައި ހަދާ ޢިމާރާތެއްގެ 60% (ފަސްދޮޅަސް އިން ސައްތަ) ބޭނުން ކުރަންވާނީ ބިން ހޯދުނު ބޭނުމަށްކަމަށާއި، ނަމަވެސް ސިނާއީ މަސައްކަތްތަކާ ގުޅިފައިވާ އެހެނިހެން ކަންކަމަށް އިމާރާތުގެ 40% (ސާޅީސް އިން ސައްތަ) އަށްވުރެ ގިނަ ނުވާ ގޮތަށް ޢިމާރާތް ބޭނުންކުރުން ހުއްދަކަމަށެވެ.

ހަވާލާދެވުނު ގަވާއިދުގެ 2.1 ވަނަ މާއްދާއަކާ އެޗް.ޑީ.ސީ އާއި ފާޠިމަތު ތަސްލީމާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ސިނާއީ މަސައްކަތް ނުފެށުމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކާ އެއްވެސް ގުޅުމެއް ނެތެވެ. އަދި މި މާއްދާއަކީ އެއްވެސް ހާލެއްގައި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން އެޗް.ޑީ.ސީ އިން ބާޠިލުކުރުމަށް ބާރުދޭ މާއްދާއެއް ނޫންކަން ފާހަގަކުރަމެވެ.

އެއްބަސްވުން ބާޠިލު ކުރެވޭނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ. އެއްބަސްވުމުގައި ދެފަރާތުގެ މައްޗަށް އެއްބަސްވުމުގެ ދަށުން އުފެދޭ އިލްތިޒާމްތައް ބަޔާންކުރެވިފައިވާއިރު، އަދި އެއްބަސްވުން ބާޠިލު ކުރެވޭނެ އިޖުރާއާތުތަކާއި، އެއްބަސްވުމާ ޚިލާފު ޢަމަލެއް ރަނގަޅުކުރުމަށް އޮންނަ އިޖުރާއާތުތައް ބަޔާންކޮށްފައިވާއިރު، ފާޠިމަތު ތަސްލީމާ ކުއްޔަށް ހިފި ބިމުގައި މަސައްކަތެއް ނުކޮށް ހުރުމަކީ، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގައި އެ ބިމުގެ ބޭނުން ހިފޭނީ ވަކިކަމަކަށް ކަމަށް ކަނޑައަޅާފައި އޮތް މާއްދާއާ ޚިލާފު ޢަމަލެއް ނޫނެވެ.

އެހެންކަމުން، އިސްވެ ބުނެވުނު ސަބަބުތައް އެހެންހުރުމުން، އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާގައި އެޗް.ޑީ.ސީއާއި ފާޠިމަތު ތަސްލީމާއާ ދެމެދު ވެވުނު އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، ފާޠިމަތު ތަސްލީމާ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފަށްކަމަށް އަހުރެން ދެކެމެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 465/HMC/2015 ޤަޟިއްޔާގެ ނިންމުމުގައި ވާސިލުވެވުނު ނަތީޖާ ރަނގަޅު ކަމުގައިވީނަމަވެސް، އެ ނަތީޖާ ބިނާކުރެވިފައިވާ ސަބަބުތަކަށް އަހުރެންނަށް ތާއީދުނުކުރެވެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/285 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ފާޠިމަތު ތަސްލީމާއަށް 17 ސެޕްޓެމްބަރ 2015 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު HDC(161)-L/PRV/2015/1569 ސިޓީން މިދެފަރާތު ދެމެދު 29 ނޮވެމްބަރު 2005 ގައި ވެފައިވާ ނަންބަރު HDC/LDL/05/047 "ސިނާއީ ބޭނުންތަކަށް ހުޅުމާލޭން ބިން ދޫކުރުމުގެ އެއްބަސްވުން" ނިމުމަކަށް ގެނައިކަމަށް އަންގާފައިވަނީ މިދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި، މި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ