މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ، މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-69/96) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މޫވިންގ އިންޓަރނޭޝަނަލް"( ގެ ފަރާތުން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" ނުވަތަ "ދައުލަތް") ގެ މައްޗަށް ރައްދުވާގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 2017/HC-A/228 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެކެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
ގދ. މާވާރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާ ގުޅޭގޮތުން، މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 27 ޖޫން 2011 ގައި ލީސް އެގްރިމެންޓެއް (މީގެ ފަހުން "އެއަރޕޯޓު އެއްބަސްވުން") ގައި ސޮއިކުރެވުނެވެ. އެހެންނަމަވެސް އެއްބަސްވުމުގެ ދަށުން އެއަރޕޯޓުގެ ޚިދުމަތް ދިނުން ފަށަންޖެހޭ ތާރީޚަށް މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށާފައިނުވާތީ، އެއަރޕޯޓު އެއްބަސްވުމުގެ 44 ވަނަ މާއްދާގެ (iii) ގެ ދަށުން އެއަރޕޯޓު އެއްބަސްވުން ބާޠިލުކުރިކަން އަންގާ، 11 ފެބުރުވަރީ 2016 ގައި (މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުގައި އޭރު އޮތް) ރީޖަނަލް އެއަރޕޯޓްސްއިން މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސިޓީ ފޮނުވާފައިވެއެވެ. އެއަރޕޯޓު އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެއަރޕޯޓު އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާކުރުމުގެ ފުރުޞަތު ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުން ހިންގި ރީޖަނަލް އެއަރޕޯޓްސްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް މޫވިންގ އިންޓަރނޭޝަނަލްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 926/Cv-C/2016 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އެއަރޕޯޓު އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދެ ފަރާތުގެ މެދުގައި ވެފައިވާ އެގްރިމެންޓާ އެއްގޮތަށް ކަމުގައިވާތީ، މި އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން މޫވިންގ އިންޓަރނޭޝަނަލްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިބެގެން ނުވާކަމަށް ކަނޑައަޅައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ސިވިލް ކޯޓުން އިސްވެބުނެވުނު ފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
މޫވިންގ އިންޓަރނޭޝަންލް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާގެ (iii)ވަނަ ނަންބަރުގައި، ކުއްޔަށް ހިފާ ފަރާތަށް އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއަރޕޯޓު އަޅައި ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ލިބިދީފައިވާ މުއްދަތުގައި ނުވަތަ އެ މުއްދަތު އިތުރުކުރުމުގެ ގޮތުން އެއްބަސްވުމުގެ 19 ވަނަ މާއްދާގެ ދަށުން ނުވަތަ 20 ވަނަ މާއްދާގެ ދަށުން އިތުރުކޮށް ދީފައިވާ މުއްދަތުގެ ތެރޭގައި އެއަރޕޯޓު އަޅައި ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން؛
އެއަރޕޯޓު އެއްބަސްވުމުގެ 15 ވަނަ މާއްދާގައި، އެއްބަސްވުމުގެ ދަށުން އެއަރޕޯޓު އަޅައި ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކުރަންޖެހެނީ 30 (ތިރީސް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވާއިރު، އަދި މި މުއްދަތު އިތުރުވެގެންދާނެ ގޮތާއި ޙާލަތްތައް އެއްބަސްވުމުގެ 18 އަދި 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެފަދައިން އެއްބަސްވުމުގެ މުއްދަތު ދައުލަތުން އިތުރުކޮށްދީފައިވާކަން އެނގެން ނެތްކަމާއި، އެއަރޕޯޓު އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި މަސައްކަތް ފުރިހަމަކޮށްފައި ނުވާނަމަ، އެއްބަސްވުމުގެ 17 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އިޚްތިޔާރެއް ދައުލަތަށް ލިބގެންވާކަމާއި، ހުވަދު އަތޮޅު ކައުންސިލްގެ އިދާރާގެ ސިޓީއިން މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ގދ. މާވާރުލު 23 ސެޕްޓެންބަރު 2011 ގައި ހަވާލުކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެ ތާރީޚުން ފެށިގެން 30 (ތިރީސް) މަސް ދުވަސް ހަމަވެފައިވަނީ 23 މާރިޗު 2014 އަށް ކަމަށްވާއިރު، ދައުލަތުން އެއަރޕޯޓު އެއްބަސްވުން އުވާލާފައިވަނީ އެ މުއްދަތު ފާއިތުވިފަހުން ގާތްގަނޑަކަށް 02 (ދޭއް) އަހަރު ފަހުންކަން އެނގޭކަމާއި، އެއަރޕޯޓު އެއްބަސްވުން ބާޠިލުކުރުމާ ހަމައަށްވެސް، އެއްބަސްވުމުގައިވާ ފަދައިން މަސައްކަތް ނިންމާފައި ނުވާކަން ދެ ފަރާތުގެ ބަހުން އެނގޭތީ، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއަރޕޯޓު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށްކަން؛
އެއަރޕޯޓު އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެ އެއްބަސްވުން ބާޠިލުކުރާނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށްކަން އެނގެން އޮންނާތީ، އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން މޫވިންގ އިންޓަރނޭޝަނަލްއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެން ނުވާކަން؛ އަދި
މި މައްސަލައިގައި ދަޢުވާކުރާ މޫވިންގ އިންޓަރނޭޝަނަލްގެ ފަރާތުން ޝަފަހީ ހެކީގެ ގޮތުގައި 04 (ހަތަރެއް) ފަރާތެއް ހުށަހަޅައި، އެ ފަރާތްތަކުގެ ބަސް ޝަރީޢަތަށް ހޯދާފައިވާ ނަމަވެސް، އެއްބަސްވުން އުވާލާފައިވަނީ ދެފަރާތުގެ މެދުގައި ވެފައިވާ އެއަރޕޯޓު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން، އެ އެއްބަސްވުން ބާޠިލުކުރުމުގައި ޢަމަލުކުރަން ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަ ކޮށްފައިކަން ނުވަތަ ނޫންކަން ބެލުމުގައި ޝަރީއަތުން ބުރަވާންޖެހެނީ ހެކިންގެ ހެކިބަހަށް ނޫންކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށްކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 926/Cv-C/2016 ޤަޟިއްޔާގެ ނިންމުން، މޫވިންގ އިންޓަރނޭޝަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު2017/HC-A/288 ޤަޟިއްޔާއިން މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށެވެ. ދިވެހިރާއްޖޭގެ ހައި ކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
އެއަރޕޯޓް އަޅައި ތަރައްޤީކުރުމުގެ ވޯކް ޕްލޭންގައި ބަޔާންކުރާ ޝެޑިއުލްއާ އެއްގޮތަށް ކުއްޔަށްހިފާ ފަރާތަށް އެކަންކަން ނުކުރެވިއްޖެނަމަ، ސަރުކާރުން ޢަމަލުކުރެވިދާނެ ދެ ގޮތެއް 17 ވަނަ މާއްދާގެ (i) އާއި (ii) ގައި ބަޔާންކޮށްފައިވާ ކަމާއި، އެ ދެ ނަންބަރު އެކުގައި (conjuctive) ނުވަތަ ވަކިވަކިން (disjunctive) ކިއިދާނެކަމާއި، މީގެ ތަފާތަކީ 17 ވަނަ މާއްދާގެ (i) އާއި (ii) ކިޔުމުގައި“and” ބޭނުންކޮށްގެން އެ ދެ ނަންބަރު އެކުގައި ކިޔައިފިނަމަ، 20 ވަނަ މާއްދާގައި ބަޔާންކުރާ ލިކިއުޑޭޓެޑް ޑެމޭޖެސް ދެއްކުމަށް އެންގުމާއެކު 44 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވުން ކަމާއި، 17 ވަނަ މާއްދާގެ (i) އާއި (ii) ކިޔުމުގައި“or” ބޭނުންކޮށް، އެ ދެ ނަންބަރު ވަކިން ކިޔައިފިނަމަ، ސަރުކާރަށް އިޚްތިޔާރު ލިބިގެންވަނީ 17 ވަނަ މާއްދާގެ (i) އާއި (ii) ގެ ތެރެއިން ސަރުކާރުން އިޚްތިޔާރުކުރާ ކޮންމެވެސް އެއްކަމެއް ކުރުންކަމާއި، އެގޮތުން 17 ވަނަ މާއްދާގެ (i) ގައި ބަޔާންކުރާ ގޮތަށް ސަރުކާރުން ޢަމަލުކުރާނަމަ US$100,000/- (އެއްލައްކަ އެމެރިކާ ޑޮލަރު) ގެ ލިކުއިޑޭޓެޑް ޑެމެޖެސް ދެއްކުމަށް އެންގުމާއެކު އެއަރޕޯޓު އަޅައި ތަރައްޤީކުރުމަށް ނޫނީ އެއަރޕޯޓު ހިންގަން ފެށުމަށް އިތުރު 06 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދޭންޖެހޭކަން އެނގޭކަމާއި، އެހެންނަމަވެސް 17 ވަނަ މާއްދާގެ (i) ގެ ދަށުން ލިބޭ އިޚްތިޔާރުގެ ބޭނުން ސަރުކާރުން ނުކޮށް، ބޭނުންކޮށްފައިވަނީ 17 ވަނަ މާއްދާގެ (ii) ގެ ދަށުން ލިބޭ އިޚްތިޔާރުކަން؛
އެއްބަސްވުމުގެ 58 ވަނަ މާއްދާ އާއި 59 މާއްދާގައި އަދި އެއްބަސްވުމުގެ 17 ވަނަ މާއްދާގެ (i) ގައި ބަޔާންކުރާ ޕްރޮސީޖަރއަކީ މުޅިން ތަފާތު ޕްރޮސީޖަރއެއްކަން މި މާއްދާތަކުގެ ނައްސުން ސާފުކޮށް އެނގޭކަމާއި، މި މާއްދާތަކުގައި ފުށުއެރުމެއް ނުވަތަ އޮޅުމެއް ނެތްކަމާއި، އެހެނީ ޖޫރިމަނާ ކުރަންޖެހޭ މިންވަރާއި، ކުއްޔަށް ހިފާ ފަރާތަށް އިތުރަށް ދޭންޖެހޭ މުއްދަތާއި މުއްދަތު ލިބިދޭ ސަބަބަށް ބަލާއިރު ތަފާތުތަކެއް ހުރިކަން؛
އެއްބަސްވުމުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަކީ ވަކި ޚާއްޞަކަމެއް ކަނޑައަޅައި ބަޔާންކޮށް ދީފައިވާ މުއްދަތަކަށްވާއިރު، އެއްބަސްވުމުގެ 58 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަކީ ވަކި ކަމެއް ބަޔާންކުރުމަކާ ނުލައި، ޢާންމުކޮށް ދީފައިވާ މުއްދަތެއްކަން އެނގޭކަމާއި، ނޮން-ފައިނޭޝިއަލް ބްރީޗުގެ ތެރޭގައި ނުހިމެނޭ އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކޮންމެ ކަމެއް ހިމެނޭ ގޮތުން ޢާންމުކޮށް ދީފައިވާ މުއްދަތެއްކަމާއި، އެހެންކަމުން، އެއްބަސްވުމުގައި ބަޔާންކުރާ އެހެން ޠަބީޢަތުގެ ކަންތައްތަކާއި ކުއްޔަށް ހިފާ ފަރާތުން ޚިލާފުވެއްޖެނަމަ، ޢަމަލުކުރާނެ ޚާއްޞަ އަދި ޢާންމު ޕްރޮސީޖަރއެއް މި އެއްބަސްވުމުން ބަޔާންކޮށްފައި އޮތްކަމާއި، އެއަރޕޯޓް އަޅައި ތަރައްޤީކުރުމަކީ ފައިސާ ނޫން ޠަބީޢަތުގެ ކަމެއްކަމަށް ގަބޫލުކުރެވުނު ނަމަވެސް، އެއަރޕޯޓް އަޅައި ތަރައްޤީކުރުމަށް އޮތް މުއްދަތުގައި އެކަން ނުކުރެވިއްޖެނަމަ، ޢަމަލުރާނެ ޚާއްޞަ ޕްރޮސީޖަރއެއް އެއްބަސްވުމުގައި ހިމަނާފައި އޮތުމުން، މި މައްސަލައިގައި ދައުލަތުން ޢަމަލުކޮށްފައިވަނީ އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުއްޔަށް ހިފި ފަރާތުން އެއަރޕޯޓް އަޅައި ތަރައްޤީކޮށް ނުނިންމުމުން، އެއްބަސްވުމުގެ 17 ވަނަ މާއްދާގެ (ii) އިން ދައުލަތަށް ލިބިދިފައިވާ އިޚްތިޔާރާ އެއްގޮތަށް ކަމަށާއި، އެއްބަސްވުމުގެ 44 ވަނަ މާއްދާގެ (iii) ގައި ސާފުކޮށް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، ނޫނީ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ ދަށުން ނޫނީ 20 ވަނަ މާއްދާގެ ދަށުން އިތުރު ކޮށްދޭ މުއްދަތުގައި ކުއްޔަށް ހިފާ ފަރާތަށް އެއަރޕޯޓް އަޅައި ތަރައްޤީ ނުކުރެވިއްޖެނަމަ، އެއްބަސްވުން ބާޠިލު ކުރެވިދާނެކަން؛
އެއްބަސްވުމުގެ 20 ވަނަ މާއްދާގެ ދަށުން (އެއަރޕޯޓް އަޅައި ތަރައްޤީކުރުމަށް) އިތުރު މުއްދަތެއް ކުއްޔަށް ހިފި ފަރާތަށް ލިބިދެވޭނީ، އެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ އިޚްތިޔާރުގެ ބޭނުން ސަރުކާރުން ކުރިނަމަ ކަމާއި، މޫވިންގ އިންޓަރނޭޝަނަލްގެ ފަރާތުން ބުނާގޮތަށް އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި އެއަރޕޯޓު އެޅުމާއި ތަރައްޤީކުރުމުގެ މަސައްކަތް ނުނިންމައިފިނަމަ، ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ 58 އަދި 59 ވަނަ މާއްދާގައި ބަޔާންކުރާ އާންމު ޕްރޮސީޖަރގެ ދަށުން ކަމަށް ބަލައިފިނަމަ، އެއްބަސްވުމުގެ 17 ވަނަ މާއްދާ އާއި 44 ވަނަ މާއްދާގެ (iii) އަކީ މި އެއްބަސްވުމުގައި ހިމެނިފައިވާ އެއްވެސް މާނައެއް ނެތް މާއްދާތަކަކަށް ވެގެންދާނެކަމާއި، މިއީ އެއްބަސްވުން ކޯޓުތަކުން ތަރުޖަމާދިނުމުގެ އުސޫލާ ޚިލާފު ވިސްނުމެއްކަން؛
މި މައްސަލައިގައި ފުށުއެރުމެއް އޮތްކަމަށް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 15 ވަނަ މާއްދާއާ ޚިލާފުވުމުން ޢަމަލުކުރަންޖެހޭނީ އެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުންތޯ ނުވަތަ އެއްބަސްވުމުގެ 58 ވަނަ މާއްދާއާއި 59 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުންތޯ ކަމުގައިވާއިރު، ރިޕޯޓުގެ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ މާއްދަތަކުން މި ކަމުގައި އޮޅުމެއް ނެތްކަން އެނގޭތީ، މި މައްސަލައިގައި contra proferentem ގެ އުސޫލާ އެއްގޮތަށް ކޯޓުން މާނައެއް ނުވަތަ ތަރުޖަމާއެއް ކުރަންޖެހޭ ތަނެއް ނެތްކަން؛
ރިސޯޓު ހެދުމަށް ކުއްޔަށް ދޫކުރި ރަށް ކުއްޔަށް ހިފި ފަރާތުގެ އެދުމުގެ މަތިން ބަދަލުކުރުމަށް ހިނގާފައިވަނީ 5 (ފަހެއް) މަހާއި 10 (ދިހައެއް) ދުވަސްކަން ލިޔެކިޔުންތަކުން އެނގެންއޮތްއިރު، މި ލަސްވި ލަސްވުމުގެ ސަބަބުން، އެއަރޕޯޓް ތަރައްޤީކުރުމަށް އެއްބަސްވެފައިވާ 30 (ތިރީސް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކޮށް ނިންމުމަށް ހުރަސްއެޅޭނެ ކަމަށް ބަޔާންކޮށްފައި ނެތްކަމާއި އަދި މި މުއްދަތުގެ ތެރޭގައި އެއަރޕޯޓު އެޅުމަށް ގެނެވުނު އެއްވެސް އެއްޗަކުން ޑިއުޓީ މަޢާފުކުރުމަށް އެދި ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (iv) ގައި ބަޔާންކޮށްފައިވާ ފަދައިން ކެޕިޓަލް ގުޑްސްގެ އިމްޕޯޓު ޑިއުޓީ މަޢާފްކުރެވޭނީ ވަކި ތާރީޚަކުން ފެށިގެންކަން އެނގޭކަން؛
ގއ.މާރެހާގައި ރިސޯޓެއް ހެދުމަށްޓަކައި ބޭނުންވާ ހުއްދައަށް އެދި މޫވިންގ އިންޓަރނޭޝަނަލްއިން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ތަފްސީލީ ކުރެހުންތައް ހުށަހަޅާފައިވަނީ 25 ޖޫން 2014 ގައި ކަމާއި، އެ ހުއްދަ މިނިސްޓްރީން 2 ޖުލައި 2014 ގައި ދޫކޮށްފައިވުމުން، އެ ހުއްދަ ދިނުމުގައި ލަސްތަކެއްވެފައިވާ ކަމަށް ބެލެވެން ނެތްއިރު، އެއަރޕޯޓް އެޅުމަށް ރާއްޖެ އެތެރެ ކުރެވޭ މުދަލުގެ އިމްޕޯޓު ޑިއުޓީގެ ވާހަކަ ދެއްކޭނީ (އިމާރާތް ކުރުމުގެ ހުއްދަ ދިން ތާރީޚު ކަމުގައިވާ) 2 ޖުލައި 2014 ގެ ފަހުންކަން އެނގޭކަމާއި، މި މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ވެހިކަލްތައް އެތެރެކުރުމުގެ ހުއްދައަށް އެދި މޫވިންގ އިންޓަރނޭޝަނަލްއިން ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅާފައިވަނީވެސް 19 ޖޫން 2014 ގައިކަން އެނގެން އޮތުމުން، އަދި މި ތާރީޚަކީ ގއ.މާރެހާގައި ރިސޯޓެއް ތަރައްޤީކޮށް ނިންމުމަށް ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ފަހުގެ ތާރީޚެއްކަން އެނގެން އޮތުމުން، އެއަރޕޯޓް ތަރައްޤީކޮށް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި، ގއ.މާރެހާގައި ރިސޯޓެއް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (iv) ގައި ބަޔާންކޮށްފައިވާ ކަންކަން ވުޖޫދުވެފައިނުވާތީ، ގދ.މާވާރުލުގައި އެއަރޕޯޓް ތަރައްޤީ ކުރެވިފައި ނުވަނީ، ސަރުކާރުން އަދާކުރަންޖެހޭ ކަންކަން ނުކޮށްގެން ކަމުގައި ނުބެލެވޭކަން؛ އަދި
އެއްބަސްވުން ބާޠިލުކުރުމަށް ސަރުކާރުން ފޮނުވި ނޯޓިހުގައި ހަވާލާދީފައިވާ މާއްދާ އާއި ދަށުކޯޓުގައި ދައުލަތުން ވަކާލާތު ކުރުމުގައި ހަވާލާދިން މާއްދާ ތަފާތުކަމަށް ފުރަތަމަ ބަލާލުމުން ފެންނާން އޮތްނަމަވެސް، އަސްލަކީ އެއީ ނޫންކަން ކުރިން ބަޔާންކޮށްފައިވާ މާއްދާތަކަށް ބެލުމުން އެނގޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/228 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، މޫވިންގ އިންޓަރނޭޝަލްއިން މައިގަނޑު 3 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. މޫވިންގ އިންޓަރނޭޝަލްއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކާއި، އޭގެ ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން، ކޮންމެ ނުކުތާއެއް ވަކިން ތަފްސީލުކުރާނަމެވެ.
(ހ)ފުރަތަމަ އިސްތިއުނާފީ ނުކުތާ – ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަދަލު ލިބުން
މޫވިންގ އިންޓަރނޭޝަލްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި، މުޤާބިލެއް ނެތި ދައުލަތަށް ލިބިގެންދާ ނުޙައްޤު މަންފާއަށް ރިޢާޔަތްކުރުމެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި އަދި އެ ކޯޓުގައި އެއްވެސް މިންވަރަކަށް ބަހުސްކުރެވިފައިވާ ނުކުތާތަކެއް ނޫންކަމަށާއި، ހައިކޯޓުން މައްސަލަ ނިންމިއިރު ހެދިފައިވާ ޤާނޫނީ ގޯހަކީ ކޮބައިކަން ބުނެދެވިފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މަޝޭ އިންވެސްޓްމަންޓް ލިމިޓެޑް ޤަޟިއްޔާއާއި، އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. ގްލޯބް އެއަރ ކާގޯ ސިސްޓަމް ޤަޟިއްޔާއަށް ރިޢާޔަތްކޮށް، މޫވިންގ އިންޓަރނޭޝަލްއިން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމަށް ދައުލަތުން ބުނެފައިވެއެވެ.
މީގެ އިތުރުން، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއަރޕޯޓު އެއްބަސްވުން ބާޠިލުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ކަމުގައިވާއިރު، މިފަދައިން އެއްބަސްވުން ބާޠިލުކޮށްފިނަމަ އެއްވެސް މިންވަރެއްގެ ބަދަލެއް ލިބިނުދެވޭނެކަމަށް އެ އެއްބަސްވުމުގެ 75 ވަނަ މާއްދާއިން އެނގެން އޮންނަކަމަށާއި، މިއީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތް ކަމުގައިވާތީއާއި، މި މުޢާމަލާތަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ޝަރުޠުތަކާއި އެއްގޮތަށް، ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަކި މަންފާއެއް ލިބިގަތުމުގެ މުޢާމަލާތަކަށްވާތީ، މި މައްސަލައަށް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ތަޠުބީގު ނުކުރެވޭނެ ކަމަށްވެސް ދައުލަތުން ބަޔާންކުރެއެވެ.
އިސްތިއުނާފު ކޮށްފައިވާ މި ނުކުތާއަށް ބަލާއިރު، ސިވިލް ކޯޓަށް މޫވިންގ އިންޓަރނޭޝަލްގެ ފަރާތުން ހުށަހެޅި ދަޢުވާގައި ބަދަލާއި ގުޅިގެން އެދިފައިވަނީ އެއަރޕޯޓު އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައިވާތީ، މޫވިންގ އިންޓަރނޭޝަންލްއަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށެވެ. އެހެންނަމަވެސް، ގދ. މާވާރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާ ގުޅޭގޮތުން މޫވިންގ އިންޓަރނޭޝަންލްއާ ދައުލަތާ ދެމެދު ވެފައިވާ އެއަރޕޯޓު އެއްބަސްވުމުގެ ދަށުން މޫވިންގ އިންޓަރނޭޝަލްގެ ފަރާތުން ކޮށްފައިވާ ޚަރަދާއި، ހޯދާފައިވާ މުދަލަށާއި، އެއަރޕޯޓު ތަރައްޤީ ކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތަށް ބަދަލު ދިނުމެއް ނެތި، އަދި އެ ކުންފުނިން ކޮށްފައިވާ މަސައްކަތަށް މުޤާބިލެއް ދިނުމެއް ނެތި، އެއަރޕޯޓު އެއްބަސްވުން ބާޠިލުކުރި ކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ޢަމަލެއް ކަމުގައި ބުނެ، އެ ނުކުތާގެ މައްޗަށް، ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު މޫވިން އިންޓަރނޭޝަނަލްގެ ފަރާތުން ޤާނޫނީ ނުކުތާއެއް ހުށަހަޅައި އެކަމުގެ މައްޗަށް ބަހުސް ކުރެވިފައިވާކަން އެނގެން ނެތެވެ. އަދި މިއީ ސުޕްރީމް ކޯޓުގެ މަރުޙަލާގައި، ހައިކޯޓަށް ހުށަނާޅާ އައު ޤާނޫނީ ބަހުސަކަށް ފުރުސަތު ދެވުމުގެ އިހްތިމާލު އުފަންވާ ހާލަތެއް ނޫންކަމުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިއީ މި ކޯޓަށް ހުށަހެޅި އެކަމުގެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާއެއް ކަމުގައި ނުދެކެމެވެ.
(ށ)ދެވަނަ އިސްތިއުނާފީ ނުކުތާ - ކޮންޓްރާ ޕްރޮފެރެންޓަމްގެ އުސޫލު ތަޠުބީޤުކުރުން
މޫވިންގ އިންޓަރނޭޝަލްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/228 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދެވަނަ ސަބަބަކީ، ޤާނޫނީ ޤާޢިދާއެއް ކަމުގައިވާ ކޮންޓްރާ ޕްރޮފެރެންޓަމް (contra proferentem) ގެ އުސޫލުތައް ޤާއިމުކުރުމުގައި އެ ޤާޢިދާގެ އުންސުރުތަކާއި ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ސަބަބެވެ. މިގޮތުން، މޫވިންގ އިންޓަރނޭޝަލްގެ ފަރާތުން ބުނެފައިވަނީ ޖަރނަލް ލިޔުމަކާއި ހަވާލާދީ، ކޮންޓްރާ ޕްރޮފެރެންޓަމްގެ އުސޫލުތައް ތަޠުބީޤު ކުރުމުގައި ކޯޓުން އެންމެ އިސްކަމެއް ދޭންޖެހޭނީ ހަސްމުންގެ އަމަލުތައް ބަހައްޓާފައިވާ ގޮތުގެ މައްޗަށް ކަމުގައިވާތީ، އެއަރޕޯޓު އެއްބަސްވުމުގައިވާ ފަދައިން މޫވިންގ އިންޓަރނޭޝަލްއަށް ޢަމަލުކުރުމަށް ދަތިވި ފަހަރުތަކުގައި، ދައުލަތުގެ ފަރާތުން ކަންކޮށްފައިވާ ގޮތަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށެވެ. އަދި ގދ.މާވާރުލުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން، އެއަރޕޯޓު އެއްބަސްވުން، އެ އެއްބަސްވުމުގެ 58 އަދި 59 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމަށް ފަހުގައި މެނުވީ، އެ އެއްބަސްވުމުގެ 44 ވަނަ މާއްދާގެ ދަށުން ބާޠިލުނުކުރެވޭނެ ކަމަށްވެސް މޫވިންގ އިންޓަރނޭޝަލްއިން ބުނެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާގައި ހަވާލާދީފައިވާ ކޮންޓްރާ ޕްރޮފެރެންޓަމްގެ އުސޫލުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ތަޠުބީޤު ކޮށްފައިވަނީ އެ ޤާޢިދާގެ އުންސުރުތަކާއި ޚިލާފަށްކަމަށް ބުނުން ފިޔަވައި، އެ އުންސުރުތަކަކީ ކޮބައިކަމާއި، އެ އުންސުރުތައް ގޯސްކޮށް ތަޠުބީޤު ކޮށްފައިވަނީ ކޮންގޮތަކަށްކަން އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައި ނުވާކަމަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤާޢިދާ މާނަކޮށް ނިންމިގޮތުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން މޫވިންގ އިންޓަރނޭޝަލްއަށް ބުނެދެވިފައި ނުވާ ކަމަށް ދައުލަތުން ބަޔާންކުރެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ރިޕޯޓުގައި، އެއަރޕޯޓު އެއްބަސްވުމުގެ 17 ވަނަ މާއްދާގެ ބޭނުން ހިފިދާނެ ގޮތްތަކާއި، އެއިން ކޮންމެ ގޮތަކުން ނިކުންނަ ނަތީޖާއާއި، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި، އޭގެ ނަތީޖާ ބަޔާންކޮށްދިނުމާއެކު، އެއަރޕޯޓު އެއްބަސްވުމުގެ 58 އަދި 59 ވަނަ މާއްދާ ތަޠުބީޤު ކުރެވޭ ހާލަތްތަކާއި އޭގެ ނަތީޖާ ބަޔާންކޮށްދީ، އެއްބަސްވުމުގެ 17 ވަނަ މާއްދާގެ ދަށުން އަމަލު ކުރުމުމަށް އޮންނަ އިޖުރާއަތާއި އެއްބަސްވުމުގެ 58 އަދި 59 ވަނަ މާއްދާގެ ދަށުން އޮންނަ އިޖުރާއަތަކީ ވަކި ތަފާތު ދެ އިޖުރާއަތެއްކަން ފާހަގަކޮށް، މީގެ ތެރެއިން އެއްބަސްވުމުގެ 17 ވަނަ މާއްދާގެ ދަށުން އަމަލުކުރުމަށް އޮންނަ އިޖުރާއަތަކީ ޚާއްޞަ އިޖުރާއަތެއްކަމާއި، އެއްބަސްވުމުގެ 58 އަދި 59 ވަނަ މާއްދާގެ ދަށުން އޮންނަ އިޖުރާއަތަކީ އާންމު އިޖުރާއަތެއްކަން ބަޔާންކޮށްފައިވެއެވެ. އަދި، މި ދެ އިޖުރާއަތުގައި މަސްހުނި ވުމެއް ނުވަތަ ފުށުއެރުމެއް ނުވަތަ ސާފުނުވާ ކަމެއް ނެތްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، ކޮންޓްރާ ޕްރޮފެރެންޓަމް، މި ޤާޢިދާއަކީ އެއްބަސްވުމެއްގައި ހިމެނޭ ފުށުއެރުމަކާ ނުވަތަ ސާފުކޮށް ބަޔާންކޮށްފައި ނުވާކަމަކާމެދު ގޮތް ކަނޑައެޅުމުގައި، އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެއްބަސްވުން އެކުލަވާލި ނުވަތަ ޑްރާފްޓްކުރި ފަރާތުގެ މަސްލަހަތާއި ދެކޮޅަށް އެއްބަސްވުން މާނަކުރުމުގެ މައްޗަށް އޮންނަ ޤާޢިދާއެކެވެ. މި ޤާޢިދާއިން ބުނެވުނު ފަދައިން މާނަކުރަނީ އެއްބަސްވުން އެކުލަވާލި ފަރާތުން އެއްބަސްވުން ތައްޔާރުކުރުމުގައި އެފަރާތުގެ މަސްލަހަތު ރައްކާތެރިކުރާނެ ކަމުގައި ބަލައިގެންނެވެ.
ކޮންޓްރާ ޕްރޮފެރެންޓަމް ތަޠުބީޤު ކުރެވެނީ ބުނެވުނު ޙާލަތްތަކުގައި ކަމަށްވާއިރު، އެ ޤާޢިދާ ތަޠުބީޤު ކުރަންޖެހޭފަދަ ހާލަތެއް މެދުވެރި ނުވާނަމަ، އެއްބަސްވުމާގުޅޭ ގޮތުން ގޮތް ކަނޑައެޅުމުގައި އެއްބަސްވުމުގެ ބައިވެރިންގެ އަމަލުތައް ހުރިގޮތަށް ރިއާޔަތްކުރަންޖެހޭ ސަބަބެއް ނުފެނެއެވެ. އަދި އެއަރޕޯޓު އެއްބަސްވުމުގެ ދަށުން ކަންކުރާނެ ގޮތް ކަނޑައެޅުމުގައި، އެ ޤާޢިދާ ތަޠުބީޤު ކުރަންޖެހޭކަމަށް މޫވިންގ އިންޓަރނޭޝަލްއިން ބުނާއިރު، އެފަދައިން ބުނަނީ އެއްބަސްވުމުގައި ހުރި ކޮން އުނިކަމެއް ނުވަތަ ފުށުއެރުމެއް ނުވަތަ އޮޅުމެއްގެ ސަބަބުންކަން، ނުވަތަ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް އޮވެގެންކަން މޫވިންގ އިންޓަރނޭޝަލްއިން ޝަރީއަތުގައި ސާފުކޮށްދީފައިނުވެއެވެ.
ވަކި މުއާމަލާތަކާއި ގުޅިގެން އެއްބަސްވުމެއްގެ ބައިވެރިން އަމަލުކުރާނެ ގޮތް އެއްބަސްވުމެއްގައި ބަޔާންކުރުމަށް ފަހު، އެއްބަސްވުމުގެ އެއް ބައިވެރިއަކު، އެ އެއްބަސްވުމުގެ ދަށުން ކަންކުރަން ޖެހޭނީ ވަކި ގޮތަކަށް ކަމުގައި ދެކި ގަބޫލުކުރުމަކީ، އެއްބަސްވުމަށް އަމަލުކުރުމުގެ ތެރެއިން ދިމާވާ ކަންކަމުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް، އެއްބަސްވުމުގެ ހުދޫދުގެ ތެރެއިން، އެ ނޫން ގޮތަކަށް އަމަލުކުރުމަށް އޮންނަ ހުރަހެއް ނޫނެވެ.
(ނ)ތިންވަނަ އިސްތިއުނާފީ ނުކުތާ – ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފަށް މައްސަލަ ނިންމާފައިވުން
މޫވިންގ އިންޓަރނޭޝަލްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ތިންވަނަ ސަބަބަކީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް މާނަކުރުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނީ ޤާޢިދާތަކާއި އުސޫލުތަކާއި ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، މި އިސްތިއުނާފީ ނުކުތާއާއި ގުޅިގެން، ކޮންޓްރެކްޓާ ބެހޭ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ އޭގެ ތަފްސީލެއް އެއްވެސް މިންވަރަކަށް މޫވިންގ އިންޓަރނޭޝަލްއިން ޝަރީޢަތުގައި ބުނެދީފައިނުވެއެވެ. އަދި އެހެންކަމުން، މިއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ނުކުތާއެއް ކަމުގައި ނުދެކެމެވެ.
ނަތީޖާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/228 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ، އިސްވެ ބަޔާންވެ ދިޔަ ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ނުވަތަ ބަދަލުކުރަންޖެހޭ ސަބަބެއް ކުރިމަތިކުރާ ނުކުތާތަކެއް ކަމުގައި ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، މި ޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/228 ޤަޟިއްޔާގެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.