ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2018/SC-A/28
ޝަރީޢަތް ނިމުނުގޮތް
ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
28 ނޮވެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2015/HC-A/340
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ރަޖިސްޓްރީ ނަންބަރު C-503/2009ބަދަލުގައި: ޢަލީ ނަދީމް، ހ. ގްލޯރިއޯސާ 2، މާލެ
ޤާނޫނީ ވަކީލު: އައިޝަތު ލުއާ ޝަހީރު، އެސިސްޓެންޓް މެނޭޖަރ، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޤާނޫނީ ވަކީލު: ޢަބްދުﷲ ނަޞީރު މުޙައްމަދު، ލީގަލް އެއިޑް އެލް.އެލް.ޕީ
މަދަނީ – ފައިސާ ހޯދުން – ގެއްލުމުގެ ބަދަލު – އިންވޮއިސްގައި ބަޔާންކުރާ ޖޫރިމަނާ -ޝަރުތު ޖަޒާއީ (Penalty Clause)
(ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)[2021] SC 107
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/340 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ކޮމްޕެނީ ރަޖިސްޓްރީ ނަންބަރު: C-503/2009) (މީގެ ފަހުން "ހަބް ކޮމްޕެނީ" ނުވަތަ "އިސްތިއުނާފް ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ކޮމްޕެނީ ރަޖިސްޓްރީ ނަންބަރު: C-65/95)) (މީގެ ފަހުން "އެމް.ޑަބްލިއު.އެސް.ސީ" ނުވަތަ "އިސްތިއުނާފް ރައްދުވާ ފަރާތް") އަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2012 ވަނަ އަހަރުގެ އެޕްރީލް މަހު، އެމް.ޑަބްލިއު.އެސް.ސީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގެ ލައިޓިންގ އެންޑް ޕްރޮޖެކްޝަންގެ ޚިދުމަތް ހަބް ކޮމްޕެނީގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީއަށް ފޯރުކޮށްދީފައިވެއެވެ.
މި ޚިދުމަތާ ގުޅިގެން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހަބް ކޮމްޕެނީއިން ފޮނުވި އެ ކުންފުނީގެ ނަންބަރު HC/IN/1551 އިންވޮއިސް އެމް.ޑަބްލިއު.އެސް.ސީއަށް ލިބިފައިވަނީ 06 މޭ 2012 ގައި ކަން، އެ އިންވޮއިސްއަށް ބެލުމުން އެނގެން އޮވެއެވެ. މި މަސައްކަތުގެ އަގެއްގެ ގޮތުގައި ހަބްކޮމްޕެނީގެ ފަރާތުން ބަޔާންކޮށްފައިވާ އަގަކީ 20,140/-ރ. (ވިހިހާސް އެއްސަތޭކަ ސާޅީސް ރުފިޔާ) އެވެ.
ހަބް ކޮމްޕެނީގެ ނަންބަރު HC/IN/1551 އިންވޮއިސްގައިވާ ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާ ތާރީޚުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 06 މޭ 2012 އިން ފެށިގެން 14 (ސާދަ) ދުވަހެވެ.
އިންވޮއިސްއަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށްބުނެ އެހާތަނަށް ފާއިތުވެފައިވާ 78 (ހަތްދިހަ އަށެއް) ދުވަހަށް، ދުވާލަކަށް %5 (ފަހެއް އިންސައްތަ) ގެ މަގުން އިންޓްރެސްޓާއެކު 98,686/-ރ. (ނުވަދިހަ އަށްހާސް ހަސަތޭކަ އަށްޑިހަ ހައެއް ރުފިޔާ) ދެއްކުމަށް އެދި 06 އޮގަސްޓު 2012 ގައި ހަބް ކޮމްޕެނީއިން އެމް.ޑަބްލިއު.އެސް.ސީއަށް ސިޓީއެއް ފޮނުވާފައިވެއެވެ.
އަދި އޭގެ ފަހުން 29 އޮގަސްޓު 2012 ގައި ހަބް ކޮމްޕެނީއިން އެމް.ޑަބްލިއު.އެސް.ސީއަށް އިތުރު ސިޓީއެއް ފޮނުވާފައިވެއެވެ. އެއީ އިންވޮއިސްގައިވާ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވިފަހުން އެހާތަނަށް ފާއިތުވެފައިވާ 101 (ސަތޭކަ އެކެއް) ދުވަހަށް، ދުވާލަކަށް 5% (ފަހެއް އިންސައްތަ) ގެ މަގުން އިންޓްރެސްޓާއެކު އަރާފައިވާ 121,847/-ރ. (އެއްލައްކަ އެކާވީސްހާސް އަށްސަތޭކަ ސާޅީސްހަތް ރުފިޔާ) ދެއްކުމަށް އެދިއެވެ.
ހަބް ކޮމްޕެނީގެ ނަންބަރު HC/IN/1551 އިންވޮއިސްއަށް ފައިސާ ދެއްކުން ލަސްވެފައިވަނީ އިންވޮއިސްގައިވާ ޢަދަދާއި އެމް.ޑަބްލިއު.އެސް.ސީއިން 10 އޭޕްރީލް 2012 ގައި ޚިދުމަތަށް އެދި ފޮނުވި ނަންބަރު 4500009478 ޕާރޗޭސް އޯޑަރގައިވާ ޢަދަދު ދިމާނުވާތީ ކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ބުނެއެވެ. ނަމަވެސް އިތުރަށް ބިލްކޮށްފައިވާ ޢަދަދަކީ އެމް.ޑަބްލިއު.އެސް.ސީއިން ހޯދާފައިވާ ޚިދުމަތެއްކަން ޔަޤީންވުމުން އެ މައްސަލަ ހައްލުކޮށް އިންވޮއިސްގެ ޖުމްލަ ޢަދަދަށްވާ 20,140/-ރ. (ވިހިހާސް އެއްސަތޭކަ ސާޅީސް ރުފިޔާ) ގެ ޗެކެއް 14 އޮގަސްޓު 2012 ގައި ހަބް ކޮމްޕެނީއަށް ފޮނުވާފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ބުނެއެވެ.
އެހެންނަމަވެސް، އިންވޮއިސްގެ ފައިސާ ބަލައިގަންނާނީ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއެކު ކަމަށްބުނެ އިންވޮއިސްގެ ޖުމްލަ ޢަދަދަށްވާ ފައިސާގެ ޗެކް ބަލައިގަތުމަށް ހަބް ކޮމްޕެނީއިން އިންކާރުކޮށްފައިވެއެވެ.
ހަބް ކޮމްޕެނީއިން ހޯދާފައިވާ ޚިދުމަތަކީ އިންޓްރެސްޓް އަރާގޮތަށް ހޯދާފައިވާ ޚިދުމަތަކަށް ނުވާތީ އިންޓްރެސްޓް ފައިސާއަކީ އެމް.ޑަބްލިއު.އެސް.ސީއިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށްބުނެ އިންވޮއިސްގެ ޖުމްލަ ޢަދަދަށްވާ 20,140/-ރ. (ވިހިހާސް އެއްސަތޭކަ ސާޅީސް ރުފިޔާ) ގެ ޗެކު ބަލައި އައުމުން އެ ޗެކު ހަވާލުކުރާނެކަމަށް ބުނެ އެމް.ޑަބްލިއު.އެސް.ސީއިން ހަބް ކޮމްޕެނީއަށް 30 އޮގަސްޓު 2012 ގައި ސިޓީއެއް ފޮނުވާފައިވެއެވެ.
ހަބް ކޮމްޕެނީގެ ނަންބަރުHC/IN/1551 އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތުގެ އަގު އެމް.ޑަބްލިއު.އެސް.ސީއިން އަދާކޮށްފައިނުވާތީ އެ ޚިދުމަތުގެ އަގުކަމަށްވާ 20,140/-ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) އާއި، އިންވޮއިސްގައިވާ ތާރީޚަށް އަގުއަދާކޮށްފައިނުވާތީ ޖޫރިމަނާގެ ގޮތުގައި ސިވިލް ކޯޓުން ޙުކުމްކުރުމާ ހަމައަށް ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދެއްކުމަށް އަމުރުކޮށް ދިނުމަށްއެދި ހަބް ކޮމްޕެނީގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީއަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު1463/Cv-C/2014 ޤަޟިއްޔާ އިންނެވެ.
ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާގެ ޙުކުމްގައި ބުނެފައިވަނީ ހަބް ކޮމްޕެނީގެ ނަންބަރު HC/IN/1551 އިންވޮއިސްގައި ބަޔާންކޮށްފައިވާ ޚިދުމަތް އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ހޯދައި އެ ޚިދުމަތުގެ އަގު އަދާކޮށްފައިނުވާތީ އެ ޚިދުމަތުގެ އަގު ކަމަށްވާ 20,140/-ރ. (ވިހިހާސް އެއްސަތޭކަ ސާޅީސްރުފިޔާ) އާއި، އިންވޮއިސްގައިވާ ތާރީޚަށް އަގު އަދާކޮށްފައިނުވާތީ ޖޫރިމަނާގެ ގޮތުގައި މި މައްސަލައިގެ ޙުކުމްކުރާ ދުވަހާހަމައަށް ދައްކަންޖެހޭ ފައިސާއާއެކު އެއްފަހަރާ ހަބް ކޮމްޕެނީއަށް ދައްކައި، ހަބް ކޮމްޕެނީގެ ނަންބަރު HC/IN/1551 އިންވޮއިސްގައިވާ އިންޓްރެސްޓް ނަގައިދޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ހަބް ކޮމްޕެނީގެ ނަންބަރު HC/IN/1551 އިންވޮއިސްގައިވާ 20,140/-ރ. (ވިހިހާސް އެއްސަތޭކަ ސާޅީސްރުފިޔާ) ހަބް ކޮމްޕެނީއަށް ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ހައިކޯޓުން ނިންމާފައިވާގޮތް
ހަބް ކޮމްޕެނީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުގައި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު2015/HC-A/340 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއްނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު އަދި އިސްތިއުނާފަށް ދީފައިވާ ރައްދު
ހަބް ކޮމްޕެނީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/340 ޤަޟިއްޔާގައި ތާއީދުކުރައްވާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A/340 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނިންމި ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ3، 4 އަދި 7 ވަނަ ނަންބަރުގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ މަބާދިއުތަކާ ޚިލާފަށް ކަމަށެވެ. ހަބް ކޮމްޕެނީގެ ނަންބަރު 1551/IN/HC އިންވޮއިސް ލިބުނު ކަމާމެދު އެމް.ޑަބްލިއު.އެސް.ސީއިން އިންކާރު ނުކުރާކަމަށް ހަބް ކޮމްޕެނީއިން ބުނެއެވެ. އަދި އެ އިންވޮއިސްއަކީ ޞައްޙަ އިންވޮއިސްއެއް ކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ޤަބޫލުކުރާކަމަށް ބަލަންޖެހޭކަމަށާއި ދަޢުވާ ހުށަހެޅުމާ ހަމައަށް ވެސްއެ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޖަޒާއީ ޝަރުޠު ޤަބޫލު ނުކުރާކަން ހަބް ކޮމްޕެނީއަށް އަންގާފައި ނުވާތީ، އިންވޮއިސްގައި ބަޔާންކޮށްފައިވާ ޖަޒާއީ ޝަރުޠަކީ އެމް.ޑަބްލިއު.އެސް.ސީއިން ރުހި އެއްބަސްވެފައިވާ ޝަރުޠެއް ކަމަށެވެ.
ޖޫރިމަނާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު1463/Cv-C/2014 ޤަޟިއްޔާއިން ކަނޑައަޅައި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/340 ޤަޟިއްޔާއިން ތާއީދު ކުރި ބައި ބާޠިލްކޮށް ހަބް ކޮމްޕެނީގެ ނަންބަރު 1551/IN/HC އިންވޮއިސްގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާއަކީ ހަބް ކޮމްޕެނީއަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައިދީ، ޙުކުމް ކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ ޖޫރިމަނާ ފައިސާ، އެކީ އެއްފަހަރާ ހަބް ކޮމްޕެނީއަށް ދީ ޚަލާސް ކުރުމަށް އެމް.ޑަބްލިއު.އެސް.ސީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/340 ޤަޟިއްޔާގައި ތާއީދު ކޮށްފައިވަނީ އިސްލާމީ ޝަރީޢަތާއި ޤާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ހަބް ކޮމްޕެނީގެ ނަންބަރު 1551/IN/HC އިންވޮއިސްގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާއަކީ ހަބް ކޮމްޕެނީއަށް ލިބެންޖެހޭ ފައިސާއެއް ނޫންކަމަށެވެ.
މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ނުކުތާ
ހަބް ކޮމްޕެނީއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި އެމް.ޑަބްލިއު.އެސް.ސީއިން ދިން ޖަވާބަށް ބަލާއިރު، މި މައްސަލައިގައި މި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ ހަބް ކޮމްޕެނީގެ ނަންބަރު 1551/IN/HC އިންވޮއިސްއިން ކަނޑައެޅި ޖޫރިމަނާ ފައިސާ ނަގައިދެވޭނެތޯ ނުވަތަ ނޫންތޯއެވެ.
އިންވޮއިސްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނަގައިދިނުމުގެ އުޞޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނިންމި ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ބާޠިލްކޮށްފައެވެ. އެހެންކަމުން، ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން މި ދެ ޤަޟިއްޔާގައި ކަނޑައެޅި އުސޫލުތަކަކީ އެމައްޗަށް މިހާރު ޢަމަލުކުރެވެމުންދާ އުސޫލުތަކެއްނޫނެވެ. ޝަރުޠު ޖަޒާއީއާ ގުޅިގެން މިހާރު ޢަމަލުކުރެވެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޤަޟިއްޔާގެ ޕެރަގްރާފް 38 ގައި ޖޫރިމަނާ ފައިސާ މިހާރު ނަގައިދިނުމާ ގުޅޭގޮތުން ޢަމަލުކުރެވެމުންދާ އުސޫލު އޮޅުން ފިލުވައިދެއްވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ:
"މިހާރު ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ޢަމަލުކުރެވެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފަހުން ނިންމާފައިވާ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށެވެ. ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ޚުލާޞާއަކީ، ޖަޒާއީ ޝަރުޠެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމުގައި ޖޫރިމަނާ ނުވަތަ ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން ހިމެނިފައިވާ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ޝަރުޠު ޖަޒާއީގެ ދަށުން ފައިސާ ނަގައި ދިނުމާމެދު ގޮތެއް ނިންމުމެވެ. އަދި މިފަދައިން ބަލާބެލުމުގައި އެ ފައިސާ ނަގައިދެވޭނީ، އެ ފައިސާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ވާނަމައެވެ."؛ މިފަދައިންނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އަޙްމަދު ޢާމިރު ވ. ދިވެހި ރައްޔިތުންގެ ޕާޓީ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވަނީ ޖޫރިމަނާގެ ފައިސާއާ ގުޅިގެން އިންވޮއިސްތަކުގައި ލިޔެފައިވާ އިބާރާތަކީ އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދައްކަންޖެހޭ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ އިބާރާތެއްކަން ނުވަތަ ފައިސާ ލިބެންވާ ފަރާތަށް އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުލިބިއްޖެ ހާލަތެއްގައި ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށް ހިމަނާފައިވާ އިބާރާތެއްކަމަށް ބަލަންޖެހޭނެ ކަމަށެވެ. މިގޮތަށް ބަލާބެލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރައްވާފައިވެއެވެ.
އިންވޮއިސްގައި ބަޔާންކޮށްފައިވާ އިބާރާތުގައި ބުނާއެއްޗެއް؛
އިންވޮއިސްގައި ބަޔާންކޮށްފައިވާ ޕްރިންސިޕަލް އެމައުންޓްއަކީ އިންވޮއިސްގައި ބަޔާންކޮށްފައިވާ ފަދައިން ނުދެއްކުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށްޓަކައި ބޭނުންވާނެ އެކަށޭނެ މިންވަރެއްތޯ ބެލުން؛ އަދި
ޖޫރިމަނާގެ ފައިސާއަކީ އިންވޮއިސްގައިވާ ޕްރިންސިޕަލް އެމައުންޓް ނުދެއްކުމުގެ ސަބަބުން ލިބިފައިވާ ގެއްލުމަކާ ގުޅުމެއް އޮތް ފައިސާއެއްކަން މައްސަލައިގެ ވާޤިޢާތަކުން އެނގެން އޮތްތޯ ބެލުމެވެ.
މި މައްސަލައަށް، އިންވޮއިސްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނަގައިދިނުމުގެ އުސޫލު ތަޠުބީޤު ކުރުން
ހަބް ކޮމްޕެނީއާއި އެމް.ޑަބްލިއު.އެސް.ސީއާ ދެމެދު ވެފައިވާ ޚިދުމަތް ހޯދުމުގެ އެއްބަސްވުމުގައި އެއްވެސް ޖޫރިމަނާ ފައިސާއެއް ދެއްކުމަށް ލާޒިމް ކޮށްފައެއް ނުވައެވެ. އެހެންކަމުން، ހަބް ކޮމްޕެނީއިން އިންވޮއިސް ފޮނުވިއިރު، ފައިސާ ދެއްކުމަށް 14 (ސާދަ) ދުވަހުގެ މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ދުވާލަކަށް އިންވޮއިސްގައި ވާ އަގުގެ %5 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާއެއް ކަނޑައެޅުމަކީ ދެފަރާތް ދެމެދު ޚިދުމަތްފޯރުކޮށްދިނުމަށް އެއްބަސްވި އަގުގެ ބޭރުން އެމް.ޑަބްލިއު.އެސް.ސީގެ މައްޗަށް މަތިކޮށްފައިވާ ޝަރުޠެއްކަން އެނގެއެވެ.
06 މޭ 2012 އިން ފެށިގެން 14 (ސާދަ) ދުވަސްތެރޭގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާ ބުނެވުނު އިންވޮއިސްއަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށްބުނެ އެހާތަނަށް ފާއިތުވެފައިވާ 101 (ސަތޭކަ އެކެއް) ދުވަހަށް، ދުވާލަކަށް %5 (ފަސް އިންސައްތަ) ގެ އިންޓްރެސްޓާއެކު 121,847/-ރ. (އެއްލައްކަ އެކާވީސްހާސް އަށްސަތޭކަ ސާޅީސްހަތް ރުފިޔާ) އަރާފައިވާކަމަށް 29 އޮގަސްޓު 2012 ގައި ހަބް ކޮމްޕެނީއިން އެމް.ޑަބްލިޔު.އެސް.ސީއަށް ފޮނުވާފައިވާ ސިޓީއިން އަންގާފައިވެއެވެ. ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭކަމަށް ބުނެ ހަބް ކޮމްޕެނީގެ ފަރާތުން ފޮނުވި އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދަކީ އިންވޮއިސްގައިވާ ޕްރިންސިޕަލް އެމައުންޓް އެ އިންވޮއިސްގައި ބަޔާންކޮށްފައިވާ ފަދައިން ނުދެއްކުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށްޓަކައި ބޭނުންވާނެ އެކަށޭނެ މިންވަރެއްތޯ ބަލާއިރު، މި މުއްދަތަށް އެކަނި ބެލިނަމަވެސް، މި ޖޫރިމަނާގެ ޢަދަދަކީ ޕްރިންސިޕަލް އެމައުންޓަށްވުރެ 6.05 (ހައެއް ޕޮއިންޓް ސުމެއް ފަހެއް) ގުނަ ބޮޑު ޢަދަދެކެވެ.
މީގެ އިތުރަށް މި ޖޫރިމަނާގެ ފައިސާއަކީ އިންވޮއިސްތަކުގައިވާ ޕްރިންސިޕަލް އެމައުންޓް ނުދެއްކުމުގެ ސަބަބުން ލިބިފައިވާ ގެއްލުމާ އެއްވެސް ގުޅުމެއް އޮތް ފައިސާއެއްކަން މައްސަލައިގެ ވާޤިޢާތަކުން އެނގޭކަށް ނެތެވެ.
ކަންމިހެން އޮތުމުން މި މައްސަލައިގައި މި ވާހަކަދެކެވޭ އިންވޮއިސްގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހިމަނާފައިވާ އިބާރާތަކީ، ފައިސާ ލިބެންވާ ފަރާތަށް އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުލިބިއްޖެނަމަ ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށްޓަކައި ހިމަނާފައިވާ އިބާރާތަކަށްވުރެ ބޮޑަށް، އެ އިންވޮއިސްގައިވާ ބަޔާންކޮށްފައިވާގޮތަށް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދައްކަންޖެހޭ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ އިބާރާތެއްކަމުގައި ބެލެވެއެވެ. އެހެންކަމުން، ޖޫރިމަނާ ފައިސާ ނަގައިދިނުމުގައި މިހާރު ޢަމަލުކުރެވޭ އުސޫލުތަކަށް ރިއާޔަތްކުރާއިރު މިއީ ނަގައިދެވިދާނެ ފައިސާއެއް ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.
އެހެންކަމުން، މި މައްސަލައިގައި ހަބް ކޮމްޕެނީގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު1463/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/340 ޤަޟިއްޔާގައި ތާއީދުކޮށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/340 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.