ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/24

އަޙްމަދު ފާއިޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 9 ޖަނަވަރީ 2027ޙުކުމުގެ ހާލަތު
ހައިކޯޓު · 10 ނޮވެމްބަރު 2026ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B13/SHN/(687-2026)/2026/04ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-B13/SHN/(687-2026)/2026/04
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހެކި ހުށަހެޅި ފޯމުގައި ޘާބިތުކުރަން ބޭނުންވާ ވާޤިޢާ ތަފްޞީލުކޮށް ބަޔާންކޮށްފައި ނުވާތީ، އެ ހެކިންނަކީ ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގެ ދަށުން ގުޅުންހުރި ހެކިން ނޫންކަމަށް ކަނޑައަޅައި، ފަސް ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ.
ވާޤިޢާ
ޢާންމު ތަނެއްގައި މުސްލިމަކާމެދު ކާފަރެއްގެ ގޮތުގައި ތުހުމަތުކުރުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 124 ވަނަ މާއްދާ) ކްރިމިނަލް ކޯޓުގައި ބަލަމުންދަނިކޮށް، ދައުލަތުގެ ދެ ފުލުހުންގެ ހެކިބަސް ނަފީކުރުމަށް ދިފާޢުން ފަސް ހެކިން ހުށަހެޅުމުން، ދައުލަތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެ ހެކިން ބަލައިނުގަތުމަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ. ދިފާޢުން ރައްދު ފޯމުގައި ހެކިން ހުށަހަޅާ ސަބަބު ތަފްޞީލުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ދިފާޢީ ހެއްކަކީ ގުޅުންހުރި ހެއްކެއް ނޫންކަމަށް ކަނޑައަޅައި ބަލައިނުގަތުމުގައި ދަށު ކޯޓުން ބަލަންޖެހޭ މިންގަނޑަކީ ކޮބައިތޯއާއި، ހެކި ހުށަހެޅި ފޯމުގެ ސަބަބު ތަފްޞީލުނުވާތީ ދިފާޢީ ހެކިން ބަލައިނުގަތުމަކީ ހެއްކާބެހޭ ޤާނޫނުގެ 114، 115 އަދި 116 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާ އެއްގޮތް ނިންމުމެއްތޯއާއި، އެ ނިންމުން ބާޠިލުވާނަމަ ދޭންވީ ފަރުވާއަކީ ކޮބައިތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރާ ފަރާތުން ބުނީ ހެކިބަސް ދޭ މީހާގެ އިތުބާރާ ގުޅޭ ހެކި ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ގުޅުންހުރި ހެކި ކަމަށާއި، ފޯމުގެ އުނިކަމަކަށްޓަކައި ހެކި ބޭރުކުރުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ޙައްޤު ގެއްލުނު ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ހެކި ހުށަހަޅާ ސަބަބު ސާފުނުވާ ކަމަށާއި، އަޑުއެހުމުގައި ތަފްޞީލުކުރަން ފުރުޞަތު ނުދިނުމަކީ ފަނޑިޔާރުގެ އިޚްތިޔާރު ކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ މަރުޙަލާގައި ފުރުޞަތު އޮތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހެކި ހުށަހެޅި ފޯމާއި ރައްދު ފޯމުން ޘާބިތުކުރަން ބޭނުންވާ ކަން ފުރަތަމަ ނަޒަރުން އެނގެން އޮތުމާއި، އިތުބާރާ ގުޅޭ ހެކި ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ގުޅުންހުރި ހެކި ކަމަށްވާއިރު، ދަށު ކޯޓުން ރައްދު ފޯމަށް ރިޢާޔަތްނުކޮށް ޤާނޫނީ ބުރަދަން ހުރި ސަބަބެއް ނެތި ހެކިން ބޭރުކުރީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފަށެވެ. ހެކިންނާމެދު ގޮތެއް ކަނޑައަޅަންވާނީ ޝަރީޢަތް ހިންގާ ކޯޓުން ކަމަށްވާތީ، ނިންމުން ބާޠިލުކޮށް އަލުން ގޮތެއް ކަނޑައެޅުމަށް އަންގައިފިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު، އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަންގައިފި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހެކިބަސް ދޭ މީހާގެ އިތުބާރާ ގުޅޭ ހެއްކަކީ ދައުވާގެ އަޞްލު ވާޤިޢާއާ ސީދާ ގުޅުމެއް ނެތް ހެއްކެއްހެން ބޭރުފުށުން ފެނުނު ނަމަވެސް، އެ ސަބަބަށްޓަކައި ގުޅުން ނެތް ހެއްކެއް ކަމަށް ކަނޑައެޅޭނެ ހެއްކެއް ނޫނެވެ. އެހެނީ، ހެކިބަސް ދޭ މީހާއަށް ކުރެވޭ އިތުބާރަކީ އޭނާގެ ހެކިބަހަށް ދޭންވީ ބުރަދަން ކަނޑައަޅާ ބިންގާ ކަމަށްވާއިރު، އެ އިތުބާރަށް ޠަޢުނުކުރާ ހެއްކަކީވެސް، ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިޢާ ޘާބިތުވުމާއި ނުވުމަށް ބުރަދަން ގެނެސްދޭ ހެއްކެއް ކަމުގައިވާތީއެވެ.

HN2 ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގެ ދަށުން ގުޅުންހުރި ހެކި ބެލުމުގެ މިންގަނޑަކީ ތަނަވަސް މިންގަނޑެކެވެ. ހެއްކަކީ ގުޅުންހުރި ހެއްކެއްތޯ ބެލުމުގައި ސުވާލަކީ، އެ ހެކިން ދައުވާ ޘާބިތުވާނެތޯ ނުވަތަ ނުވާނެތޯއެއް ނޫނެވެ. ސުވާލަކީ، ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިޢާ ޘާބިތުވުމަށް ނުވަތަ ނުވުމަށް އެ ހެކިން ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭތޯއެވެ.

HN3 ހެކީގެ ގުޅުން ވަޒަންކުރެވެނީ އެ ހެއްކަކުން ޘާބިތުކުރަން އުޅޭ ކަމަކާ އަޅާބަލައިގެންނެވެ. ޘާބިތުކުރަން އުޅޭ ކަމަކީ ކޮބައިކަން ކޯޓަށް އެނގެނީ ހެކި ހުށަހަޅާ ފަރާތުން އެކަން ހާމަކުރުމުން ކަމަށްވާތީ ގުޅުން ހުރިކަން ފުރަތަމަ ނަޒަރުން ވަޒަންކުރެވޭ މިންވަރަށް އެކަން ހާމަކުރުމުގެ ޒިންމާ އޮތީ ހެކި ހުށަހަޅާ ފަރާތުގެ މައްޗަށެވެ. އެ މިންވަރަށްވެސް ހާމަނުކޮށްފިނަމަ، ހެކި ބަލައިނުގަތުމަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ކަމަށްވާއިރު، އެ ޙާލަތުގައި ހެކި ބޭރުކުރެވެނީ ގުޅުންހުރިކަން ދެއްކުމުގެ ޒިންމާ އަދާނުކުރެވުމުންނެވެ.

HN4 އިބްތިދާއީ މަރުޙަލާގައި ބެލެވޭނީ "މަތިމަތިން ފެންނަން ހުންނަ ކަންކަމަށް" ކަމަށްވާތީ، ޘާބިތުކުރަން އުޅޭ ކަން ފުރަތަމަ ނަޒަރުން އެނގޭ މިންވަރަށް ހާމަކޮށްފިނަމަ ހެކި ހުށަހަޅާ ފަރާތުގެ މައްޗަށް އޮތް ސަބަބު ބަޔާންކޮށްދިނުމުގެ ޒިންމާ އަދާވީއެވެ.

HN5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ދަށު ކޯޓުން ނިންމަނީ މަތިމަތިން (prima facie) ބަލާ ނިންމުމެކެވެ. އެ ނިންމުމުގައި ކަނޑައަޅަނީ، ހުށަހެޅި ހެއްކަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިޢާއަކަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ، ޝަރީޢަތުގައި ހުށަހަޅައި ބަހުޘްކުރެވިދާނެ ހެއްކެއްތޯއެވެ. ހެކި ބޭރުކުރެވޭނީ ގުޅުން ނެތްކަން ސާފުކޮށް އެނގެން އޮތްނަމައެވެ. ޝައްކު އޮތްނަމަ އެ ސުވާލު ދޫކޮށްލަންވާނީ ޝަރީޢަތުގެ މަރުޙަލާއަށެވެ.

HN6 ހެކި ބަލައިނުގަތުމަށް ނިންމާނަމަ، ދެފަރާތުން ހުށަހެޅި ބަހުޘްގެ ޚުލާޞާ ލިޔެ، އެ ބަހުޘްތަކާމެދު ފަނޑިޔާރަށް ބުރަވެވުނު ގޮތް، ހުށަހެޅި ހެކިންނާމެދު، ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބާއެކު ސާފުކޮށް ލިޔަންޖެހެއެވެ. ހެކީގެ އިތުބާރާއި އެ ހެއްކަށް ދޭނެ ބުރަދަން ކަނޑައަޅާނީ އެ މަރުޙަލާގައެއް ނޫނެވެ. އެއީ ޝަރީޢަތުގެ މަރުޙަލާގައި ހެކި ވަޒަންކުރުމުގެ ތެރެއިން ކުރާ ކަމެކެވެ.

HN7 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހުށަހެޅުމުގެ ފުރިހަމަ ތަފްޞީލު ފޯމުގައި ހިމަނަންޖެހޭތީއާއި ފޯމުގައި ނެތް ތަފްޞީލެއް އަޑުއެހުމުގައި ހުށަހަޅަން ފުރުޞަތު ނުދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާތީ، އަޑުއެހުމުގައި ސަބަބު އިތުރަށް ތަފްޞީލުކުރުމުގެ ފުރުޞަތު ނުލިބުމަކީ، އޭގެ ޒާތުގައި، ގޯހެއް ނޫނެވެ.

HN8 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާގެ (ހ) އިން، ރައްދު ލިޔުމުން ހުށަހަޅާނަމަ ރައްދުގެ ފުރިހަމަ ތަފްޞީލުވެސް ހިމަނަންޖެހޭތީ، ލިޔުމުން ހުށަހެޅި ރައްދަކީ، ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާއިރު ކޯޓުން ބަލަންޖެހޭ ލިޔުމެކެވެ. އަޑުއެހުމެއް ނުބާއްވައި ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ، ދެފަރާތުން ލިޔުމުން ހުށަހަޅާފައިވާ ތަފްޞީލުތަކަށް ރިޢާޔަތްކުރުމުގެ މައްޗަށެވެ. އަޑުއެހުމެއް ނުބާއްވައި، ނުވަތަ އަޑުއެހުމުގައި ހުށަހެޅޭނެ ކަންކަން ޤައިދުކުރުމަށްފަހު، ރައްދަށްވެސް ރިޢާޔަތްނުކޮށްފިނަމަ އެފަރާތުގެ ބަސްއަޑުނާހައި ހުށަހެޅުމާމެދު ގޮތް ކަނޑައެޅުނީއެވެ.

HN9 އިބްތިދާއީ މަރުޙަލާގައި ހެކިންނަކީ ބަލައިނުގަނެވޭނެ ހެކިންކަމަށް މުޠްލަޤަށް ކަނޑައަޅާފައި އޮތްހާ ހިނދަކު، ހެއްކާބެހޭ ޤާނޫނުގެ 15 ވަނަ ބާބުގެ ދަށުން ލިބިދޭ ފުރުޞަތު ޢަމަލީގޮތުން ހުޅުވިފަ އޮތުމާ މެދު ސުވާލު އުފެދޭތީ، ހެއްކާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ މަރުޙަލާގައި އިތުބާރާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުޞަތު އޮތުމަކީ، ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ދަމަހައްޓަން އެހީތެރިވެދޭ ސަބަބެއް ނޫނެވެ.

HN10 ލިބެން އޮތް ތަފްޞީލަށް ރިޢާޔަތްނުކޮށް، ފޯމުގެ އިބާރާތުގައި ހުރި އުނިކަމެއްގެ މައްޗަށް ބިނާކޮށް، ދިފާޢުން ހުށަހެޅި ހުރިހާ ހެކިން އެއްކޮށް ބަލައިނުގަތުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދޭ، ބޭނުން ހެކިން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް އެދުމުގެ ޙައްޤުން ލިބޭ މަންފާ، ނުބައްދަލު ސަބަބަކާ ގުޅުވައި ހަނިކޮށްލެވުމެވެ. ހެކި ހުށަހެޅުމުގެ ޙައްޤަކީ މުޠްލަޤު ޙައްޤެއް ނޫނެވެ. ގުޅުންނެތް ހެކި ބޭރުކުރުމުގެ ބާރު ދަށު ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް އެ ބާރު ބޭނުންކުރަންވާނީ، ހުށަހެޅުނު ކަންތައްތަކަށް ރިޢާޔަތްކޮށް ގުޅުން ނެތްކަން ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބަކާއެކު ބަޔާންކޮށްގެންނެވެ.

HN11 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މައްސަލައިގެ މައުޟޫޢަށް ސީދާ އަސަރުކުރާ ގޮތަށް އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމުމަކީ އެންމެ ފުރިހަމަގޮތެއް ނޫނެވެ. ހެކި ހުށަހެޅި ސަބަބާއި ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމުގައި ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް، ހެކިންނާމެދު ގޮތެއް ކަނޑައަޅަންޖެހޭނީ، ޝަރީޢަތް ހިންގާ ކޯޓުންނެވެ.

HN12 މައްސަލައިގެ ބޭނުމަށް ބޭނުންތެރި ނޫން ހެކި ހާޒިރުނުކުރުމަށް ސަބަބު ބަޔާންކޮށް ނިންމުމުގެ ބާރު ބޭނުންކުރެވޭނީ ހެކީގެ ގުޅުމާއި ބޭނުންތެރިކަން، ހުށަހެޅިފައިވާ އެހެން ހެކިތަކާއެކު، ޝަރީޢަތުގެ ތެރެއިން ބެލުމަށްފަހުގައެވެ. އެއީ އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުން ކުރިއާލައި ނިންމާނެ ކަމެއް ނޫނެވެ.

HN13 ހެކި ބަލައިގެންފައިވާ މައްސަލައެއްގައި، ބަލައިގަތް ކޮންމެ ހެއްކެއް ޝަރީޢަތުގެ މަރުޙަލާގައި ޠަޢުނުކޮށް ނަފީކުރުމުގެ ފުރުޞަތު ޚަޞްމުންނަށް ފުޅާކޮށް ހުޅުވިފައި އޮންނާނެތީ ނިންމުން ރަނގަޅަށް ލިޔެފައި ނެތް ނަމަވެސް ތަޙުވީލުކުރަން ނުޖެހޭ ނަމަވެސް، ދިފާޢީ ހެކިން ބަލައިނުގަތުމަށް ނިންމާފައިވާ މައްސަލައެއްގައި، އެ ނިންމުން ދެމިއޮތްހާ ހިނދަކު، އެ ހެކިން ޝަރީޢަތުގެ މަރުޙަލާއަށް ފޯރައި ހެކިންނާ މެދު ޠަޢުނުކުރުމުގެ ފުރުޞަތު ނުލިބޭނެއެވެ.

HN14 ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހައިކޯޓުން ދެވޭނެ ފަރުވާއަކީ އެނިންމުން ބާޠިލުކޮށް، އެ ހުށަހެޅުމާމެދު ޤާނޫނުގައިވާ ގޮތުގެމަތިން އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އެންގުމެވެ. އެކަން ކުރުމުގެ ކުރިން، ހެކި ހުށަހަޅާ ސަބަބު އިތުރަށް ތަފްޞީލުކުރުމަށް ދަށު ކޯޓަށް ފެންނަނަމަ، ކުރު މުއްދަތެއް ދީގެން އެ ތަފްޞީލު ހޯދުމަކަށް ހުރަހެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އިބްރާހީމް ޙާފިޒް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނައުޝާދު، އަޙްސަމް އަޙްމަދު ޢާޞިމް
ބެންޗު
ޢަބްދުﷲ ޖަމީލް މޫސާ، ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޙުސައިން މަޒީދު
ރިޔާސަތު
ފާޠިމަތު ފަރްހީޒާ
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު ‎145-B13/SHN/‎(687-2026)/‎2026/04‎ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (15 އޮކްޓޫބަރު 2026) އިސްތިއުނާފުކުރުމަށް އެދި ސ.ފޭދޫ، […] އަޙްމަދު ފާއިޒު (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އަޙްމަދު ފާއިޒު") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާގޮތް:

2ދައުލަތުން، ޤާނޫނު ނަންބަރު ‎9/2014‎ (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (‎ii‎) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޢާންމު ތަނެއްގައި މުސްލިމަކާމެދު އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމުގެ ކުށުގެ ދައުވާ، އަޙްމަދު ފާއިޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. އެ ދައުވާ ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު ‎687/Cr-C/2026‎ ޤަޟިއްޔާއިންނެވެ.

3އެ ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި އަޙްމަދު ފާއިޒުގެ ފަރާތުން ހެކި ހާމަކޮށް، "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު" އިން 5 (ފަހެއް) ހެކިން ހުށަހަޅާފައިވެއެވެ. މި ހެކިން ހުށަހެޅި ސަބަބުކަމަށް އެ ފޯމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މި ހެކި ހުށަހަޅަނީ، ދައުވާގައި ބަޔާންކޮށްފައިވާ 2 މެއި 2026 ގެ ރޭގެ ވަގުތެއްގައި ކުރި މުޒާހަރާ ހިނގަމުންދިޔަ ވަގުތު އެ ސަރަހައްދުގައ ތިބި ކަމަށް ބުނެ ދެ ފުލުހަކު ދީފައިވާ ހެކިބަސް ނަފީކުރުމަށްޓަކައި"

4މި ހެކިން ދިފާޢުން ހާމަކޮށްފައިވަނީ 6 އޮގަސްޓު 2026 ގައެވެ. ދައުލަތުން، ޤާނޫނު ނަންބަރު ‎12/2016‎ (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، 16 އޮގަސްޓު 2026 ގައި، މި ހެކިން ޝަރީޢަތަށް ބަލައިނުގަތުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދިފާޢުން ހެކި ހުށަހަޅައިގެން ޘާބިތުކޮށްދޭން ބޭނުންވަނީ މައްސަލައިގެ ކޮން ވާޤިޢާއެއްކަން ހެކި ހުށަހެޅި ސަބަބުން ސާފުނުވާ ކަމަށާއި، ޤާނޫނު ނަންބަރު ‎11/2022‎ (ހެއްކާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާގެ ދަށުން ޝަރީޢަތަށް ބަލައިގަނެވޭނީ މައްސަލައާ ގުޅުންހުރި ހެކި ކަމަށެވެ.

5މި ހުށަހެޅުމުގެ ރައްދުގައި އަޙްމަދު ފާއިޒުގެ ފަރާތުން 2 ސެޕްޓެންބަރު 2026 ގައި ހުށަހެޅި "ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމު" ގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

5.1. ދައުލަތުގެ މުޅި ދައުވާ ބިނާވަނީ، ދައުވާގައި ބުނާ މުޒާހަރާ ހިނގި ވަގުތު އެ ސަރަޙައްދުގައި ތިބިކަމަށް ބުނާ ދެ ފުލުހެއްގެ ހެކިބަހުގެ މައްޗަށް ކަމަށްވެފައި، ދިފާޢީ ހެކިން ހުށަހެޅުމުގެ މަޤްޞަދަކީ އެ ދެ ފުލުހުން އެ ތަނުގައި ތިބިކަމަށް ބުނާ ބުނުމަށް ޗެލެންޖުކޮށް، އެ ދެ ފުލުހުންގެ ބަޔާނުގައި ބުނެފައިވާ މަންޒަރުތައް ފެނި އަޑުތައް އިވޭނެ ފުރުޞަތު ނެތްކަން ބަޔާންކުރުން ކަމަށް؛

5.2. ޖިނާއީ މައްސަލައެއްގައި ހުށަހެޅޭ ހެކިބަހުގެ އިތުބާރު ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ދައުލަތުގެ ދެ ހެކިން ހާދިސާ ހިނގިއިރު ތިބި ކަމަށް ބުނާ ވަކި ތަނަކީ އެ ދެ ހެކިންގެ ހެކިބަހުގެ އިތުބާރު ވަޒަންކުރުމަށް މުހިންމު މަޢުލޫމާތެއް ކަމަށާއި، މުޒާހަރާގައި ބައިވެރިވި މީހަކު ދޭ ހެކިބަހުން، ދައުލަތުގެ ހެކިން ބުނާ ތަނުގައި މުޒާހަރާ ހިނގި ވަގުތު އެ މީހުން ނެތްކަން ޘާބިތުކުރެވޭނަމަ، އެއީ އެ ދެ ހެކިންގެ ހެކިބަހުގެ އިތުބާރަށާއި ޞައްޙަކަމަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށާއި، އެއީ ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ ހެކި ކަމަށާއި، އެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އިން މި ހެކިން ބަލައިގަތުމަށް ބާރުދޭ ކަމަށް؛

5.3. ދިފާޢީ ހެކިންނަށް އެ ދެ ފުލުހުން އެ ތަނުގައި ތިބިނަމަވެސް ފާހަގަނުވެ ހިނގައިދާނެތޯ ފަދަ ކަންކަން ވަޒަންކުރާނީ ޝަރީޢަތުގައި ހެއްކަށް ބުރަދަން ދިނުމުގެ މަރުޙަލާގައި ކަމަށާއި، އެއީ ހެކި ބަލައިގަތުމާ ގުޅޭ މިންގަނޑެއް ނޫން ކަމަށް؛ މިއެވެ.

6މި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން 15 އޮކްޓޫބަރު 2026 ގައި ނިންމާފައިވަނީ، އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅި ފަސް ހެކިންނަކީ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެކިން ކަމަށެވެ. އެފަދައިން ނިންމުމުގައި އެ ކޯޓުން ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.

6.1. ހެއްކާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި "ހެކި" މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ހެއްކަކީ ވަކި ވާޤިޢާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ޘާބިތުކޮށްދިނުމަށް ހުށަހަޅާ ޝަފަހީ ނުވަތަ ކިތާބީ ހެކިކަން؛

6.2. ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާއާއި 116 ވަނަ މާއްދާއަށް ބަލާއިރު، މައްސަލައާ ގުޅުންހުރި ހެއްކަކީ ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ޘާބިތުކޮށްދޭ ނުވަތަ އެކަމަށް އެހީތެރިވެދޭ ހެކި އެކަނިކަމާއި، ހެކި ހުށަހަޅާ ސަބަބާއި މައްސަލައާ އޮތް ގުޅުން ޘާބިތުކޮށްދިނުމަކީ ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމާއި، ގުޅުންހުރި ހެއްކަކަށް ނުވާނަމަ އެ ހެކި ޝަރީޢަތަށް ބަލައިނުގަނެވޭނެކަން؛

6.3. ދިފާޢީ ހެކިން ހުށަހަޅާފައިވަނީ ދައުލަތުގެ ހެކިން ނަފީކުރުމަށް ކަމަށާއި، ނަފީކުރަން ބޭނުންވަނީ ކޮން ކަމެއްކަން ހެކި ހުށަހެޅި ސަބަބުގައި ބަޔާންކޮށްފައި ނުވާކަމާއި، ހެއްކަކުން ޘާބިތުކުރަން ބޭނުންވާ ވާޤިޢާ ބަޔާންކޮށްފައި އޮތުމަކީ އަސާސީ ކަމެއްކަމާއި، އެ ސަބަބު އެފަދައިން ބަޔާންކޮށްފައި ނުވާތީއާއި، އެ ހެކިންނަކީ ދައުވާއާ ގުޅުންހުރި ހެކިންކަން ފޯމުގައި ތަފްޞީލުކޮށް ބަޔާންކޮށްފައި ނުވާތީ، އެ ހެކިންނަކީ ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގެ ދަށުން ގުޅުންހުރި ހެކިން ނޫންކަން؛ މިއެވެ.

7މިއީ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ އިސްތިއުނާފީ ޤަޟިއްޔާއެވެ. އިސްތިއުނާފީ ނުކުތާތައް:

8ކްރިމިނަލް ކޯޓުގެ ނަންބަރު ‎145-B13/SHN/‎(687-2026)/‎2026/04‎ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

8.1. ފުރަތަމަ ނުކުތާއަކީ؛ ހެއްކާބެހޭ ޤާނޫނުގެ 114، 115 އަދި 116 ވަނަ މާއްދާ މާނަކޮށް، އިސްތިއުނާފުކުރެވޭ ނިންމުމުގެ މައްޗަށް އެ މާއްދާތައް ތަޠުބީޤުކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމުން، އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

8.2. ދެވަނަ ނުކުތާއަކީ؛ ޝަރީޢަތުގެ ބޭނުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުން ކަމުގައިވީހިނދު، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ދިފާޢީ ހެކިން ހުށަހެޅި ފޯމުގައި ހެކިންނާއި މައްސަލައާ ހުރި ގުޅުން ބަޔާންކޮށްދެވިފައި ނުވާކަމަށް ބުނެ ހެކި ބަލައިގެންފައި ނުވަނީ، އިސްތިއުނާފުކުރާ ފަރާތަށް ކުށުން ދިފާޢުވުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ގެއްލިގެންދާ ގޮތަށް، އަދި ޤާނޫނުގައި ކަނޑައަޅާފައި ނުވާ އުޞޫލެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

8.3. ތިންވަނަ ނުކުތާއަކީ؛ ދިފާޢުން ހުށަހެޅި ހެއްކަށް ހެކިބަސް ނެގުމުގެ މަރުޙަލާގެ ކުރިން، ޤާނޫނާ ޚިލާފަށް ހެކި ވަޒަންކޮށް ހެއްކަށް ބުރަދަންދީ، ހެކި ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

8.4. ހަތަރުވަނަ ނުކުތާއަކީ؛ އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކިން ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވަނީ، ޤާނޫނުއަސާސީން ލިބިދީފައިވާ ކުށުން ދިފާޢުވުމުގެ އަސާސީ ޙައްޤު ޤާނޫނާއި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މާނަކޮށް ހަނިކޮށްގެން ކަމުގައިވާތީ، އެ ފަދަ ނިންމުމެއް ޤާނޫނުއަސާސީގެ ކަމާބެހޭ މާއްދާތަކާ ޚިލާފުވާނެތީ، އެއީ ބާޠިލު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

9އަޙްމަދު ފާއިޒުގެ ފަރާތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު ‎145-B13/SHN/‎(687-2026)/‎2026/04‎ ނިންމުން ބާޠިލުކޮށް؛ އޭނާގެ ފަރާތުން ހުށަހެޅި މުޙައްމަދު ޢަބްދުއްލަޠީފާއި، އަޙްމަދު ފަޔާޒާއި، ޢާއިޝަތު މުޙައްމަދާއި، އަޙްމަދު އިރުޝާދާއި އަޙްމަދު އާސިފުގެ ހެކިބަހަކީ ދައުލަތުން ފާހަގަކުރި ސަބަބުތަކަށް ބިނާކޮށް ބަލައިނުގަނެވޭނެ ހެކިތަކެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، އެ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމުގެ ފުރުޞަތު، ޝަރީޢަތުގައި ހެކިބަސް ނެގުމާއި ހެކި ބަލައިގަތުމުގެ ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިނުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށާއި؛ އަދި އިންޞާފުވެރި އަދި މުނާސަބު ކަމަށް މި ކޯޓަށް ފެންނަ އެންމެހައި ފަރުވާތައް ހަމަޖައްސައިދިނުމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ވާހަކައިގެ ޚުލާޞާ:

10މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ފާއިޒުގެ ފަރާތުން ބުނެފައިވަނީ، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ދެ ފުލުހުންގެ ބަޔާނުގައި ބުނާ ވަކި ތަންތަނަކީ އެ ދެ މީހުންގެ ހެކިބަހަށް އިތުބާރުކުރެވޭ މިންވަރު ވަޒަންކުރުމަށް ބޭނުންތެރި މަޢުލޫމާތެއް ކަމަށާއި، މުޒާހަރާގައި ބައިވެރިވި މީހަކު ދޭ ހެކިބަހުން ދައުލަތުގެ ހެކިން ބުނާ ތަނުގައި އެ މީހުން ނެތްކަން ޘާބިތުކުރެވޭނަމަ އެއީ އެ ހެކިބަހުގެ ޞައްޙަކަމަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ. ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އިން މިފަދަ ހެކި ބަލައިގަތުމަށް ބާރުދޭ ކަމަށާއި، އެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން ގުޅުންހުރި ހެކި ބަލައިގަންނަންޖެހޭ ކަމަށާއި، މި ހެކިން ބަލައިނުގަނެވޭނެ ޤާނޫނީ އުޞޫލެއް އިސްތިއުނާފުކުރެވޭ ނިންމުމުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްނުކޮށް ނިންމި ނިންމުމުން ދިފާޢުވުމުގެ ޙައްޤަށް އުނިކަން އައިސްފައިވާ ކަމަށެވެ.

11ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހެއްކެއް ބަލައިނުގަނެވޭނީ އެ ހެކީގައި ޤާނޫނީ ސިފަ ނެތްނަމަ ކަމަށާއި، ހެކި ހުށަހެޅި ފޯމުގައި އިޞްލާޙުކުރެވޭނެ އުނިކަމެއް ހުރުމުން އެ ހެކިވެރިންނަށް ހެކިބަސް ނުދެވޭނެކަމަށް ކަނޑައެޅުމަކީ ޢަދުލުވެރި ނިންމުމެއް ނޫން ކަމަށެވެ. ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ބަލަންޖެހޭނީ، ހުށަހެޅިފައިވާ ހެކިބަހަކީ ދައުވާގައިވާ ކަންކަން ޘާބިތުކުރުމުގައި ނުވަތަ ނަފީކުރުމުގައި ކޯޓަށް އެހީތެރިވެދޭނެ ހެއްކެއްތޯ އެކަނި ކަމަށާއި، ހެކި ހުށަހެޅި ފޯމުގެ އިބާރާތުންވެސް، އަދި ދައުލަތުގެ ހުށަހެޅުމަށް ބެލުމުންވެސް، ހެކި ހުށަހަޅާ ބޭނުން ސާފުވާ ކަމަށެވެ.

12ހުށަހެޅި ފަސް ހެކިން ބޭރުކޮށްލުމުން ދައުވާއިން ދިފާޢުވުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ގެއްލި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ (ބ) އާއި (ކ) އިން ލިބިދޭ ޙައްޤުތައް ގެއްލިފައިވާ ކަމަށެވެ. ހެކި ހާމަކޮށް ހެކިން ހުށަހެޅުމަށް ލިބުނީ 3 (ތިނެއް) ދުވަސް ކަމަށާއި، އިތުރު މުއްދަތަކަށް އެދުމުން މުއްދަތު އިތުރުކޮށްދީފައި ނުވާ ކަމަށާއި، އެހާ ކުރު މުއްދަތެއްގެ ތެރޭގައި ހުށަހެޅި ފޯމުގައި ސަބަބު ތަފްޞީލުކޮށް ބަޔާންނުކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އަޑުއެހުމުގައި ސަބަބު ތަފްޞީލުކުރުމަށް ފުރުޞަތަކަށް އެދުމުން އެ ފުރުޞަތުވެސް ދީފައި ނުވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކައިގެ ޚުލާޞާ:

13އިސްތިއުނާފުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމުގައި ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ހެކިން ހުށަހެޅި ސަބަބަކީ މައްސަލައާ ގުޅުންހުރި ވާޤިޢާއެއް ވުޖޫދުގައިވާކަން ދަލާލަތުކޮށްދޭ ސަބަބެއް ނޫންކަމަށް ކަނޑައަޅާފައިވާ ކަމަށާއި، ރައްދު ފޯމުގައި ބަޔާންކުރި ކަންކަމުންވެސް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ޘާބިތުކޮށްދޭނެ ގޮތެއް ސާފުނުވާ ކަމަށެވެ. ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާއަކީ 114 ވަނަ މާއްދާގެ އިސްތިސްނާ ޙާލަތްތައް ބަޔާންކުރާ މާއްދާއެއް ކަމަށާއި، ހެކިބަސް ދޭ މީހެއްގެ އިތުބާރާ ގުޅޭ ހެކި ހުށަހަޅާނަމަ އެ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ މަރުޙަލާގައި އެ ފުރުޞަތު އަދިވެސް އޮތް ކަމަށެވެ.

14ހެއްކެއް ޝަރީޢަތަށް ބަލައިގަނެވޭނީ، އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ރެލެވަންސީ ޓެސްޓުން ފާސްވެގެން ކަމަށާއި، އެއީ މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްވައްހާބު ޢަބްދުﷲ ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވާ އުޞޫލު ކަމަށެވެ. ހެކި ހުށަހެޅި ފޯމުގައި ސަބަބު ތަފްޞީލުނުވާއިރު އަޑުއެހުމުގައި ތަފްޞީލުކުރުމަށް ފުރުޞަތު ދޭންޖެހޭނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު އެކަމުގެ ޤާނޫނީ އަސާސެއް ބަޔާންނުކުރާ ކަމަށާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާއާއި ހެއްކާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާއަށް ބަލާއިރު އެއީ ދަށު ކޯޓުގެ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށާއި، ހެކި ހުށަހަޅާ ގޮތުން އެއްވެސް ޙާލެއްގައި "ޓްރަޔަލް ބައި އެމްބުޝް" (‎trial by ambush‎) އަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވަނީ ހަމައެކަނި ދެ ހެކިން ނޫން ކަމަށާއި، މުޒާހަރާގެ ފޭސްބުކް ލައިވް ފުޓޭޖް ފަދަ އިތުރު ހެކިވެސް ހުށަހަޅާފައިވާނެ ކަމަށާއި، އެ ހެކިތަކަށް ޠަޢުނުކޮށް ދިފާޢު ހުށަހެޅުމުގެ ފުރުޞަތު އަދިވެސް އޮތް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

15ދައުލަތުން އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

16ހުށަހެޅިފައިވާ އިސްތިއުނާފީ ހަތަރު ނުކުތާވެސް ގުޅެނީ އެއް ނިންމުމަކާއެވެ. އެއީ ދިފާޢީ ފަސް ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ. އެހެންކަމުން، އެ ނުކުތާތައް އެކުގައި ބަލައި، މި ކޯޓުން ގޮތެއް ކަނޑައަޅާނީ އަންނަނިވި ތިން ސުވާލަށެވެ.

16.1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި، ދިފާޢީ ހެއްކަކީ ގުޅުންހުރި ހެއްކެއް ނޫންކަމަށް ކަނޑައަޅައި އެ ހެކި ބަލައިނުގަތުމަށް ނިންމުމުގައި ދަށު ކޯޓުން ބަލަންޖެހޭ މިންގަނޑަކީ ކޮބައިތޯ؟

16.2. އެ މިންގަނޑަށް ބަލާއިރު، ހެކި ހުށަހެޅި ފޯމުގައި ބަޔާންކުރި ސަބަބާއި ރައްދު ފޯމުގައި ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް، އަޙްމަދު ފާއިޒުގެ ދިފާޢީ ހެކިން ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 114، 115 އަދި 116 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާ އެއްގޮތް ނިންމުމެއްތޯ؟

16.3. އެކަމުގެ ނަތީޖާއަކީ ކޮބައިތޯ؟ ހެއްކެއް ބަލައިނުގަތުމަށް ނިންމުމުގައި ބަލަންޖެހޭ މިންގަނޑަކީ ކޮބައިތޯ؟

17ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހާއަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދެނީ، "ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު" އެވެ. މި ޙައްޤު ތަންފީޛުކުރާނެ އިޖުރާއަތު ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހެއްކާބެހޭ ޤާނޫނުގައެވެ.

18އެގޮތުން، އިބްތިދާއީ މަރުޙަލާގައި ދެފަރާތުން ހެކި ހާމަކުރުމުން، ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅިދާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

19ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ދާއިރާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ޙަވާލާދީ، ސުޕްރީމް ކޯޓުން އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށް އެފަދަ ހުށަހެޅުމެއްގައި ކޯޓުން ކަނޑައަޅަނީ ކޮން ކަމެއްކަން ސާފުކޮށްދީފައިވެއެވެ.

ގުޅުން ހުރި ހެކި

20ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ، "ވަކި ވާޤިޢާއަކާ ވަކި ހެއްކަކާމެދު ގުޅުންހުރި ހެކި ކަމަށް ބެލެވޭނީ، ޤާނޫނީގޮތުން ގުޅުންހުރި ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގެންފި ކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ޘާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވާނަމައެވެ." މިފަދައިންނެވެ.

21HN1ހެއްކެއްގެ ގުޅުން ވަޒަންކުރުމުގައި ކޯޓުން ބަލަނީ، އެ ހެއްކަކީ މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ޘާބިތުވުމަށް ނުވަތަ ނުވުމަށް އެހީވާ ހެއްކެއްތޯ ކަމަށްވާއިރު، ހެކިބަސް ދޭ މީހާގެ އިތުބާރާ ގުޅޭ ހެކި މި މާނައިން ބޭރުވެގެން ނުދާނެކަން އެ ޤާނޫނުގެ 115 ވަނަ މާއްދާގައި ސާފުކޮށްދީފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، "އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައި އޮތުމަކީ، އޭގެ ޒާތުގައި ހެއްކެއް އެއީ ގުޅުންހުރި ހެއްކެއް ނޫންކަމަށް ކަނޑައެޅުމަކަށް އޮތް ސަބަބެއްނޫނެވެ. (ހ) އެ ހެކި ގުޅެނީ ހެކިބަސް ދިން މީހާގެ އިތުބާރު އޮތް މިންވަރެއްގެ މައްޗަށް ކަމުގައިވުން؛ ..." މިފަދައިންނެވެ.

22މީގެ މާނައަކީ، ހެކިބަސް ދޭ މީހާގެ އިތުބާރާ ގުޅޭ ހެއްކަކީ ދައުވާގެ އަޞްލު ވާޤިޢާއާ ސީދާ ގުޅުމެއް ނެތް ހެއްކެއްހެން ބޭރުފުށުން ފެނުނު ނަމަވެސް، އެ ސަބަބަށްޓަކައި ގުޅުން ނެތް ހެއްކެއް ކަމަށް ކަނޑައެޅޭނެ ހެއްކެއް ނޫންކަމެވެ. އެހެނީ، ހެކިބަސް ދޭ މީހާއަށް ކުރެވޭ އިތުބާރަކީ އޭނާގެ ހެކިބަހަށް ދޭންވީ ބުރަދަން ކަނޑައަޅާ ބިންގާ ކަމަށްވާއިރު، އެ އިތުބާރަށް ޠަޢުނުކުރާ ހެއްކަކީވެސް، ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިޢާ ޘާބިތުވުމާއި ނުވުމަށް ބުރަދަން ގެނެސްދޭ ހެއްކެއް ކަމުގައިވާތީއެވެ.

23އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، ހެކި ބަލައިގަތުމުގެ ޢާންމު އުޞޫލު ބަޔާންކޮށްފައިވަނީ، "ހެއްކެއް ޝަރީޢަތަށް ޤަބޫލުކުރުމާ ގުޅޭ މައްސަލަތަކުގައި، ޢާންމު އުސޫލަކަށް ވާންޖެހޭނީ، ކޮންމެ ހެއްކެއް އެއީ މައްސަލައިގައި ވަކި ކަމެއް ޘާބިތުކުރުމަށް އޮތް ހަރުދަނާ ހެއްކެއްކަމަށް ބެލެވޭނަމަ، ނުވަތަ މައްސަލައާ ސީދާ ގުޅުމެއްވާ ހެއްކެއްކަމަށް ބެލެވޭނަމަ، އެފަދަ ހެއްކެއް އެއީ ޝަރީޢަތުން ޤަބޫލުކުރާ ހެއްކެއްކަމަށް ވެގެންދިޔުމެވެ." މިފަދައިންނެވެ.

24ގުޅުންހުރި ހެއްކަކީ ކޮބައިކަން، ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ސުޕްރީމް ކޯޓުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ތަފްޞީލުކޮށްދީފައިވެއެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ހެކި ބަލައިގަތުމުގެ މަފްހޫމުގައި ހިމެނޭ ޖައުހަރީ އުސޫލަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކަކީ ގުޅުން އޮތް ހެއްކެއް ކަމަށްވުން ނުވަތަ އެހެކީގެ ރެލެވަންސީ (‎relevancy‎) އެވެ. އެކަށީގެންވާ ގުޅުމެއް އޮތް ހެއްކެއް ނަމަ ބަލައި ގަންނަންޖެހޭނެއެވެ. އެކަށީގެންވާ ގުޅުމެއް ނެތް ހެއްކެއް ނަމަ ބަލައިގަނެގެން ނުވާނެއެވެ." މިފަދައިންނެވެ.

25HN2ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގައި ގުޅުންހުރި ހެކި މާނަކޮށްފައިވާ ގޮތް އެ ޤަޟިއްޔާގައި ބަޔާންކުރުމަށްފަހު، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، "ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ވާގިއާ ނުވަތަ ހުށަހެޅިފައިވާ ދައުވާއާ ގުޅުންހުރި ހެއްކަކީ، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާޤިޢާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ކޮންމެ ހެއްކެކެވެ." މިފަދައިންނެވެ. މި މިންގަނޑަކީ ތަނަވަސް މިންގަނޑެކެވެ. ހެއްކަކީ ގުޅުންހުރި ހެއްކެއްތޯ ބެލުމުގައި ސުވާލަކީ، އެ ހެކިން ދައުވާ ޘާބިތުވާނެތޯ ނުވަތަ ނުވާނެތޯއެއް ނޫނެވެ. ސުވާލަކީ، ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިޢާ ޘާބިތުވުމަށް ނުވަތަ ނުވުމަށް އެ ހެކިން ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭތޯއެވެ.

ގުޅުން ބުނެދިނުމުގެ ޒިންމާ

26HN3ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގެ ދަށުން ހެއްކެއްގެ ގުޅުން ވަޒަންކުރެވެނީ، ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިޢާއަށް އެ ހެއްކަކުން ބުރަދަނެއް ގެނެސްދޭތޯ ބަލައިގެން ކަމަށްވާއިރު، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް ޤަޟިއްޔާގައިވެސް، އިބްތިދާއީ މަރުޙަލާގައި ހެކި ބޭރުކުރެވޭނީ މައްސަލައާއި ނުވަތަ ޘާބިތުކުރަން އުޅޭ ކަމާއި ގުޅުމެއް ނެތްކަން ސާފުކޮށް "އެނގެން ހުރި" ހެކި ކަމަށް ކަނޑައަޅާފައިވެއެވެ. މި ދެ މިންގަނޑުގައިވެސް، ހެކީގެ ގުޅުން ވަޒަންކުރެވެނީ އެ ހެއްކަކުން ޘާބިތުކުރަން އުޅޭ ކަމަކާ އަޅާބަލައިގެންނެވެ.

27ޘާބިތުކުރަން އުޅޭ ކަމަކީ ކޮބައިކަން ކޯޓަށް އެނގެނީ ހެކި ހުށަހަޅާ ފަރާތުން އެކަން ހާމަކުރުމުން ކަމަށްވާތީ ގުޅުން ހުރިކަން ފުރަތަމަ ނަޒަރުން ވަޒަންކުރެވޭ މިންވަރަށް އެކަން ހާމަކުރުމުގެ ޒިންމާ އޮތީ ހެކި ހުށަހަޅާ ފަރާތުގެ މައްޗަށެވެ. މި ޒިންމާ އަދާކުރުމުން، އަނެއް ފަރާތަށް ޝަރީޢަތަށް ތައްޔާރުވުމަށް ފުރުޞަތު ލިބި (‎trail by ambush‎) "ޓްރަޔަލް ބައި އެމްބުޝް" އިން ސަލަމާތްވުމަށްވެސް މަގުފަހިވެއެވެ. އެ މިންވަރަށްވެސް ހާމަނުކޮށްފިނަމަ، ހެކި ބަލައިނުގަތުމަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ކަމަށްވާއިރު، އެ ޙާލަތުގައި ހެކި ބޭރުކުރެވެނީ ގުޅުންހުރިކަން ދެއްކުމުގެ ޒިންމާ އަދާނުކުރެވުމުންނެވެ.

28HN4ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން އިބްތިދާއީ މަރުޙަލާގައި ބެލެވޭނީ "މަތިމަތިން ފެންނަން ހުންނަ ކަންކަމަށް" ކަމަށްވާތީ، ޘާބިތުކުރަން އުޅޭ ކަން ފުރަތަމަ ނަޒަރުން އެނގޭ މިންވަރަށް ހާމަކޮށްފިނަމަ ހެކި ހުށަހަޅާ ފަރާތުގެ މައްޗަށް އޮތް ސަބަބު ބަޔާންކޮށްދިނުމުގެ ޒިންމާ އަދާވީއެވެ.

ގުޅުން ބެލުމުގައި ޝަރީޢަތުން ބަލާނެ މިންގަނޑު

29އިބްތިދާއީ މަރުޙަލާގައި ހެއްކެއް ބަލައިނުގަތުމަށް ނިންމޭނީ ކޮން ޙާލަތެއްގައިކަން، މިފަދަ ހުށަހެޅުމަކާ ގުޅޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވެ. އެ ޤަޟިއްޔާއަކީވެސް، ދިފާޢުން ހުށަހެޅި ޝަފަހީ ހެކިން ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭ ޤަޟިއްޔާއެކެވެ.

30އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "އިބްތިދާއީ މަރުޙަލާގައި ދެފަރާތުން ހެކި ހާމަކުރުމުން، މައްސަލައާއި ނުވަތަ ޘާބިތުކުރަން އުޅޭ ކަމާއި ގުޅުމެއް ނެތްކަން ސާފުކޮށް އެނގެން ހުރި ހެކިތައް ބަލައިނުގަތުމަށް އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރަށް ނިންމިދާނެއެވެ. އެމަރުޙަލާގައި ހެކިތަކާއި ގުޅޭގޮތުން ބެލޭނީ މަތިމަތިން ފެންނަން ހުންނަ ކަންކަމަށް ކަމަށްވުމާއި، އެހައިތަނަށް ހެކިބަސް ނެގިފައި ނުވާނެތީ އާއި، އެމަރުޙަލާގައި މައްސަލައިގެ މައުޟޫޢު ނިއުޅާލެވިފައި ނުވާނެތީ، ސާފުކޮށް ކަންކަން ދެނެގަނެވެން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް ބަލައިގެން ނޫނީ ގޮތެއް ނުނިންމޭނެ ޙާލަތެއް ވެސް ވުޖޫދުވެފައި އޮވެދާނެއެވެ. އެހާލަތުގައި އެކަމާމެދު ގޮތެއް ނިންމާނީ ޝަރީޢަތުގެ ތެރެއިން ކަމަށް ނިންމިދާނެއެވެ. މިކަންކަމަށް ގޮތް ނިންމުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ." 32 މިފަދައިންނެވެ.

31HN5HN6މި އުޞޫލުތަކުން، ސާފުކޮށް ކަނޑައެޅެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ދަށު ކޯޓުން ނިންމަނީ މަތިމަތިން (‎prima facie‎) ބަލާ ނިންމުމެއްކަމެވެ. އެ ނިންމުމުގައި ކަނޑައަޅަނީ، ހުށަހެޅި ހެއްކަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިޢާއަކަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ، ޝަރީޢަތުގައި ހުށަހަޅައި ބަހުޘްކުރެވިދާނެ ހެއްކެއްތޯއެވެ. ހެކި ބޭރުކުރެވޭނީ ގުޅުން ނެތްކަން ސާފުކޮށް އެނގެން އޮތްނަމައެވެ. ޝައްކު އޮތްނަމަ އެ ސުވާލު ދޫކޮށްލަންވާނީ ޝަރީޢަތުގެ މަރުޙަލާއަށެވެ. އެ ހެކި ބަލައިނުގަތުމަށް ނިންމާނަމަ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، ދެފަރާތުން ހުށަހެޅި ބަހުޘްގެ ޚުލާޞާ ލިޔެ، އެ ބަހުޘްތަކާމެދު ފަނޑިޔާރަށް ބުރަވެވުނު ގޮތް، ހުށަހެޅި ހެކިންނާމެދު، ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބާއެކު ސާފުކޮށް ލިޔަންޖެހެއެވެ. ހެކީގެ އިތުބާރާއި އެ ހެއްކަށް ދޭނެ ބުރަދަން ކަނޑައަޅާނީ އެ މަރުޙަލާގައެއް ނޫނެވެ. އެއީ ޝަރީޢަތުގެ މަރުޙަލާގައި ހެކި ވަޒަންކުރުމުގެ ތެރެއިން ކުރާ ކަމެކެވެ. އަޙްމަދު ފާއިޒުގެ ދިފާޢީ ހެކިން ބަލައިނުގަތުމަށް ނިންމި ނިންމުމަކީ އެ މިންގަނޑާ އެއްގޮތް ނިންމުމެއްތޯ؟

32މި މައްސަލައިގައި ދައުލަތުން ދަށު ކޯޓަށް ހުށަހެޅީ، ދިފާޢީ ހެކިން ހުށަހެޅި ސަބަބުން ޘާބިތުކުރަން ބޭނުންވާ ވާޤިޢާ ސާފުނުވާތީ އެ ހެކިންނަކީ ގުޅުންހުރި ހެކިން ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ. ކްރިމިނަލް ކޯޓުން ހެކިން ބަލައިނުގަތުމަށް ނިންމީވެސް ހަމަ އެ ސަބަބުގެ މައްޗަށެވެ. އެހެންކަމުން، ފުރަތަމަ ބަލަންޖެހެނީ، ހެކި ހުށަހެޅި ފޯމުގައި ބަޔާންކުރި ސަބަބަކީ، ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމުގައި ދިން ތަފްޞީލާއެކު، ޘާބިތުކުރަން ބޭނުންވާ ވާޤިޢާ ފުރަތަމަ ނަޒަރުން އެނގޭ މިންވަރުގެ ސަބަބެއްތޯއެވެ.

33ހެކި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވަނީ، "2 މޭ 2026 ގެ ރޭގެ ވަގުތެއްގައި ކުރި މުޒާހަރާ ހިނގަމުންދިޔަ ވަގުތު އެ ސަރަޙައްދުގައި ތިބި ކަމަށް ބުނެ ދެ ފުލުހަކު ދީފައިވާ ހެކިބަސް ނަފީކުރުމަށް" ހެކިން ހުށަހަޅާ ކަމަށެވެ. މި އިބާރާތް ކުރު ނަމަވެސް، އޭގައި ދެ ކަމެއް އެނގެން އެބައޮތެވެ. ނަފީކުރަން ބޭނުންވަނީ ކޮން ހެކިބަހެއްކަން (ދެ ފުލުހުންގެ ހެކިބަސް) އާއި، އެ ހެކިބަހުގެ ކޮން ބައެއްކަން (މުޒާހަރާ ހިނގި ވަގުތު އެ ދެ ފުލުހުން އެ ސަރަޙައްދުގައި ތިބިކަމަށް ބުނާ ބުނުން) އެވެ. ހެކިން ހުށަހަޅާ ސަބަބު މިއަށްވުރެ ތަފްޞީލުކޮށް ލިޔެވުނީސްކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް، ޘާބިތުކުރަން ބޭނުންވާ ވާޤިޢާ އެއްގޮތަކަށްވެސް ބަޔާންކޮށްފައި ނެތޭ ބުނެވޭކަށް ނެތެވެ.

34ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމުގައި މި ސަބަބު އިތުރަށް ތަފްޞީލުކޮށްދީފައިވެއެވެ. އެ ފޯމުގައި ބުނެފައިވަނީ، ދައުލަތުގެ ދައުވާ ބިނާވަނީ އެ ދެ ފުލުހުންގެ ހެކިބަހުގެ މައްޗަށް ކަމަށާއި، ދިފާޢީ ހެކިންނަކީ މުޒާހަރާގައި ތިބި މީހުން ކަމަށާއި، އެ މީހުންގެ ހެކިބަހުން ޘާބިތުކުރަން ބޭނުންވަނީ، އެ ދެ ފުލުހުން ބުނާ ތަނުގައި އެ ވަގުތު އެ މީހުން ނެތްކަން، ނުވަތަ އެ މީހުންގެ ބަޔާނުގައި ބުނާ މަންޒަރުތައް ފެނި އަޑުތައް އިވޭނެ ފުރުޞަތު ނެތްކަން ކަމަށެވެ. އަދި އެއީ ހެކިބަސް ދޭ މީހާގެ އިތުބާރާ ގުޅޭ ހެކި ކަމަށްވާތީ، ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަލައިގަނެވޭނެ ހެކި ކަމަށެވެ.

35މި ދައުވާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ވާޤިޢާއަކީ، ދައުވާގައި ބުނާ ބަސްތައް ޢާންމު ތަނެއްގައި އަޙްމަދު ފާއިޒު ބުނިކަން ނުވަތަ ނޫންކަމެވެ. އެކަން ޘާބިތުކުރުމަށް ދައުލަތުން ހުށަހަޅާ ހެކިންނަކީ އެ ވަގުތު އެ ތަނުގައި ތިބިކަމަށް ބުނާ ދެ ފުލުހުންނެވެ. އެ ދެ ފުލުހުން އެ ތަނުގައި ތިބިތޯ، ނުވަތަ އެ މީހުންނަށް އެ މަންޒަރު ފެނި އަޑު އިވޭނެ ފުރުޞަތު އޮތްތޯ ބެލުމަކީ، އެ ހެކިބަހަށް ދޭނެ ބުރަދަނަށް ސީދާ އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން، އެކަން ނަފީކުރުމަށް ހުށަހަޅާ ހެއްކަކީ، ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ބަޔާންކުރި މިންގަނޑުން، މައިގަނޑު ވާޤިޢާ ޘާބިތުވުމަށް ނުވަތަ ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ހެއްކެކެވެ. ދައުލަތުންވެސް އިސްތިއުނާފުގެ ޖަވާބުގައި މި ހެކިން ސިފަކޮށްފައިވަނީ ހެކިބަސް ދޭ މީހާގެ އިތުބާރާ ގުޅޭ ހެކީގެ ގޮތުގައެވެ. އެއީވެސް ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގައި ގުޅުންހުރި ހެކީގެ ގޮތުގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެއްކެކެވެ.

36ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމުގައި ބަޔާންކުރި މި ކަންކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައެއް ނުވެއެވެ. ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ހެކިން ބަލައިގަނެވިދާނެތޯ އެ ނިންމުމުގައި ބަލާފައެއް ނުވެއެވެ. ނިންމުމުގައި އޮތް ސަބަބަކީ، ހެކި ހުށަހެޅި ފޯމުގައި ސަބަބު ތަފްޞީލުކޮށް ބަޔާންކޮށްފައި ނެތުމެވެ.

37މިމައްސަލައިގައި ހެކި ހުށަހަޅާ ސަބަބު ތަފްސީލުކޮށް ބުނެދިނުމަށާއި އަދި އިތުރު ހެކި ހުށަހެޅުމަށްޓަކައި ތަކުރާރުކޮށް މަސައްކަތްކުރެވުނުކަމަށާއި އެހެންނަމަވެސް، އެފުރުޞަތު ޝަރީޢަތުން ފަހިކޮށްދީފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. މިކަމުގެ ރައްދެއްގެ ގޮތުގައި ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާއަށް ޙަވާލާދީ ދައުލަތުން ފާހަގަކޮށްފައިވަނީ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ ގުޅިގެން އަޑުއެހުން ބޭއްވުމާ ޤައިދުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއް ކަމަށެވެ.

38HN7އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "ޝަރީޢަތުގެ ކުރިން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާ ގުޅޭ ފުރިހަމަ ތަފްޞީލު ފޯމުގައި ހިމަނަންވާނެއެވެ. އަދި ހުށަހެޅުންތަކުގެ ރައްދު ލިޔުމުން ހުށަހަޅާނަމަ، ހުށަހެޅުންތަކަށް "ދޭން ބޭނުންވާ ރައްދުތަކުގެ ފުރިހަމަ ތަފްޞީލު ހިމަނަންވާނެއެވެ. ފޯމުގައި ބަޔާންކޮށްފައިނުވާ އިތުރު ތަފްޞީލުތައް އަޑުއެހުމުގައި ހުށަހަޅަން ފުރުޞަތު ނުދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ." މިފަދައިންނެވެ.

39މި މާއްދާއިން ދައުލަތުގެ ވާހަކައަށް ބާރު ލިބޭ ދެ ކަމެއް އެބައޮތެވެ. ހުށަހެޅުމުގެ ފުރިހަމަ ތަފްޞީލު ފޯމުގައި ހިމަނަންޖެހުމާއި، ފޯމުގައި ނެތް ތަފްޞީލެއް އަޑުއެހުމުގައި ހުށަހަޅަން ފުރުޞަތު ނުދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވުމެވެ. އެހެންކަމުން، އަޑުއެހުމުގައި ސަބަބު އިތުރަށް ތަފްޞީލުކުރުމުގެ ފުރުޞަތު ނުލިބުމަކީ، އޭގެ ޒާތުގައި، ގޯހެއް ކަމުގައި ނުދެކެމެވެ.

40HN8ނަމަވެސް، ހަމަ އެ މާއްދާއިން ލާޒިމުކުރަނީ ހުށަހެޅުމުގެ ތަފްޞީލު އެކަނި ހިމެނުމެއް ނޫނެވެ. ރައްދު ލިޔުމުން ހުށަހަޅާނަމަ، ރައްދުގެ ފުރިހަމަ ތަފްޞީލުވެސް ހިމަނަންޖެހެއެވެ. އެހެންކަމުން، ލިޔުމުން ހުށަހެޅި ރައްދަކީ، ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާއިރު ކޯޓުން ބަލަންޖެހޭ ލިޔުމެކެވެ. އަޑުއެހުމެއް ނުބާއްވައި ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ، ދެފަރާތުން ލިޔުމުން ހުށަހަޅާފައިވާ ތަފްޞީލުތަކަށް ރިޢާޔަތްކުރުމުގެ މައްޗަށެވެ. އަޑުއެހުމެއް ނުބާއްވައި، ނުވަތަ އަޑުއެހުމުގައި ހުށަހެޅޭނެ ކަންކަން ޤައިދުކުރުމަށްފަހު، ރައްދަށްވެސް ރިޢާޔަތްނުކޮށްފިނަމަ އެފަރާތުގެ ބަސްއަޑުނާހައި ހުށަހެޅުމާމެދު ގޮތް ކަނޑައެޅުނީއެވެ.

41HN9ދައުލަތުން، ހެއްކާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ މަރުޙަލާގައި ހެކިބަސް ދޭ މީހާގެ އިތުބާރާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުޞަތު އަދިވެސް އޮތްކަމަށް ބުނާ ބުނުމަށް ރިޢާޔަތްކުރާއިރު، ހެއްކާބެހޭ ޤާނޫނުގެ 15 ވަނަ ބާބުގެ ދަށުން، ކަނޑައެޅިފައިވާ އިތުބާރުގެ އުސޫލުން މިހެކި ބަލައިގަންނަ ޙާލަތުގައި، ވެސް، އިބްތިދާއީ މަރުޙަލާގައި އެ ހެކިންނަކީ ބަލައިނުގަނެވޭނެ ހެކިންކަމަށް މުޠްލަޤަށް ކަނޑައަޅާފައި އޮތްހާ ހިނދަކު، ހެއްކާބެހޭ ޤާނޫނުގެ އެބާބުގެ ދަށުން ލިބިދޭ ފުރުޞަތު ޢަމަލީގޮތުން ހުޅުވިފަ އޮތުމާ މެދު ސުވާލު އުފެދެއެވެ. އެހެންކަމުން، ހެއްކާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ވާހަކައަކީ އިސްތިއުނާފުކުރެވޭ ނިންމުން ދަމަހައްޓަން އެހީތެރިވެދޭ ސަބަބެއް ނޫނެވެ.

42ދައުލަތުން ޙަވާލާދިން މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްވައްހާބު ޢަބްދުﷲ ޤަޟިއްޔާގައި ބަޔާންކުރާ ރެލެވަންސީ ޓެސްޓަކީ، އިސްވެ ބަޔާންކުރި އުޞޫލުތަކާ ތަފާތު އުޞޫލެއް ކަމަކަށް ދައުލަތުން ބުނެފައެއް ނުވެއެވެ. ރެލެވަންސީ ޓެސްޓުން ފާސްވޭތޯ ބެލުމަކީ ހަމަ މި ކޯޓުންވެސް މި މައްސަލައިގައި ތަޠުބީޤުކުރާ މިންގަނޑެވެ. މިމައްސަލައިގައި އޮތް ގޯހަކީ އެ ޓެސްޓު ދަށު ކޯޓުން ތަޠުބީޤުކޮށްފައި ނެތުމެވެ.

43HN10މި މައްސަލައިގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމުން ހެކި ހުށަހަޅާ ސަބަބުގެ ތަފްޞީލު ހުށަހެޅިފައިވެއެވެ. ހެކި ހާމަކުރުމަށް ލިބުނު މުއްދަތުގެ ކުރުކަމުގެ ޝަކުވާވެސް ދަށު ކޯޓުގައި އޮތެވެ. މި ޙާލަތުގައި، ލިބެން އޮތް ތަފްޞީލަށް ރިޢާޔަތްނުކޮށް، ފޯމުގެ އިބާރާތުގައި ހުރި އުނިކަމެއްގެ މައްޗަށް ބިނާކޮށް، ދިފާޢުން ހުށަހެޅި ހުރިހާ ހެކިން އެއްކޮށް ބަލައިނުގަތުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދޭ، ބޭނުން ހެކިން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް އެދުމުގެ ޙައްޤުން ލިބޭ މަންފާ، ނުބައްދަލު ސަބަބަކާ ގުޅުވައި ހަނިކޮށްލެވުމެވެ. ހެކި ހުށަހެޅުމުގެ ޙައްޤަކީ މުޠްލަޤު ޙައްޤެއް ނޫނެވެ. ގުޅުންނެތް ހެކި ބޭރުކުރުމުގެ ބާރު ދަށު ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް އެ ބާރު ބޭނުންކުރަންވާނީ، ހުށަހެޅުނު ކަންތައްތަކަށް ރިޢާޔަތްކޮށް ގުޅުން ނެތްކަން ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބަކާއެކު ބަޔާންކޮށްގެންނެވެ.

44މި ސަބަބުތަކަށްޓަކައި، އަޙްމަދު ފާއިޒުގެ ދިފާޢީ ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ، ހެކި ހުށަހެޅި ފަރާތުން ހެކި ހުށަހެޅި ސަބަބާއި އެސަބަބު ތަފްސީލުކޮށް ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބެއް ބަޔާންނުކޮށް ނިންމާފައިވާ ނިންމުމެއްކަމަށްވާތީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅަން ފެނެއެވެ.

45އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ، ދެވަނަ އަދި ހަތަރުވަނަ ނުކުތާ ބުނެވުނު ކަންކަމުގެ އަލީގައި ބަލައިގަނެވެއެވެ. އެހެންނަމަވެސް، އިސްތިއުނާފީ 3 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން ދަށު ކޯޓުން ހެކި ވަޒަންކޮށް ބުރަދަންދީފައިވާކަމަށް ނުދެކެމެވެ.

ނިންމުން ބާޠިލްވުމުގެ ނަތީޖާއަކީ ކޮބައިތޯ؟

46އަޙްމަދު ފާއިޒުގެ ފަރާތުން އެދިފައިވަނީ، އިސްތިއުނާފު ކުރެވޭ ނިންމުން ބާޠިލުކުރުމުގެ އިތުރުން، އެފަރާތުން ހުށަހަޅާ ފަސް ހެކިންނަކީ ބަލައިނުގަނެވޭނެ ހެކިން ނޫންކަމަށް މި ކޯޓުން ކަނޑައަޅައި، އެ ހެކިންގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްދިނުމަށެވެ.

47HN11އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ފަދައިން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މައްސަލައިގެ މައުޟޫޢަށް ސީދާ އަސަރުކުރާ ގޮތަށް އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމުމަކީ އެންމެ ފުރިހަމަގޮތެއް ނޫނެވެ. ހެކި ހުށަހެޅި ސަބަބާއި ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމުގައި ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް، ހެކިންނާމެދު ގޮތެއް ކަނޑައަޅަންޖެހޭނީ، ޝަރީޢަތް ހިންގާ ކޯޓުންނެވެ. އެހެންކަމުން، އެ ހެކިން ބަލައިގަތުމަށް މި ކޯޓުން ސީދާ އަމުރުކުރުމަކީ މިހިނދުގައި އެންމެ މުނާސަބު ފަރުވާއެއް ކަމުގައި ނުދެކެމެވެ.

48HN12މިގޮތަށް ދެކޭ އިތުރު ސަބަބެއްވެސް އެބައޮތެވެ. ދައުލަތުން އިސްތިއުނާފުގެ ޖަވާބުގައި ބުނެފައިވާ ގޮތުގައި، މުޒާހަރާގެ ލައިވް ކަވަރޭޖް ފަދަ އިތުރު ހެކި ދައުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވެއެވެ. އެ ފުޓޭޖުން މުޒާހަރާ ހިނގި ތަނާއި އެ ވަގުތު އެ ތަނުގައި ތިބި މީހުން ފެންނަނަމަ، ދެ ފުލުހުން އެ ތަނުގައި ތިބިތޯ ނެތްތޯ ކަށަވަރުކުރުމަށް ފަސް ހެކިވެރިންގެ ހެކިބަސް އެކީގައި ބޭނުންވާނެތޯ، ނުވަތަ އޭގެ ތެރެއިން ބައެއް ހެކިން ބޭނުންނެތް ހެކިންކަމަށް ޝަރީޢަތް ހިންގުމުގެ (‎case management‎) ތެރެއިން ކަނޑައެޅިދާނެތޯ ބެލުމަކީ، ހެކި ވަޒަންކުރުމާ ގާތް، ޝަރީޢަތް ހިންގާ ކޯޓުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

49ހެކި ހުށަހެޅުމުގެ ޙައްޤަކީ މުޠުލަޤު ޙައްޤެއް ނޫންކަމާއި، މައްސަލައިގެ ބޭނުމަށް ބޭނުންތެރި ނޫން ހެކި ހާޒިރުނުކުރުމަށް ސަބަބު ބަޔާންކޮށް ނިންމުމުގެ ބާރު މައްސަލަ ބަލާ ކޯޓަށް ލިބިގެންވާކަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އެ ބާރު ބޭނުންކުރެވޭނީ ހެކީގެ ގުޅުމާއި ބޭނުންތެރިކަން، ހުށަހެޅިފައިވާ އެހެން ހެކިތަކާއެކު، ޝަރީޢަތުގެ ތެރެއިން ބެލުމަށްފަހުގައެވެ. އެއީ އިސްތިއުނާފީ މަރުޙަލާގައި މި ކޯޓުން ކުރިއާލައި ނިންމާނެ ކަމެއް ނޫނެވެ.

50HN13ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި، ހެކި ބަލައިގަތުމުގެ ނިންމުން ރަނގަޅަށް ލިޔެފައި ނެތް ނަމަވެސް، މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރަން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިކަން ފާހަގަކުރެވެއެވެ. އެއީ، އެ މައްސަލައިގައި ހެކި ބަލައިގެންފައި އޮތުމުން، ބަލައިގަތް ކޮންމެ ހެއްކެއް ޝަރީޢަތުގެ މަރުޙަލާގައި ޠަޢުނުކޮށް ނަފީކުރުމުގެ ފުރުޞަތު ޚަޞްމުންނަށް ފުޅާކޮށް ހުޅުވިފައި އޮންނާނެތީއެވެ. އެހެންނަމަވެސް، އެޤަޟިއްޔާއާއި ޚިލާފަށް މިމައްސަލައަކީ ދިފާޢީ ހެކިން ބަލައިނުގަތުމަށް ނިންމާފައިވާ މައްސަލައެއް ކަމުން، އެ ނިންމުން ދެމިއޮތްހާ ހިނދަކު، އެ ހެކިން ޝަރީޢަތުގެ މަރުޙަލާއަށް ފޯރައި ހެކިންނާ މެދު ޠަޢުނުކުރުމުގެ ފުރުޞަތު ނުލިބޭނެއެވެ.

51HN14ކްރިމިނަލް ކޯޓުގެ ނަންބަރު ‎687/Cr-C/2026‎ ޤަޟިއްޔާ އަކީ އެކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމުގައިވާތީ މިކޯޓުން ދެވޭނެ ފަރުވާއަކީ އެނިންމުން ބާޠިލުކޮށް، އެ ހުށަހެޅުމާމެދު ޤާނޫނުގައިވާ ގޮތުގެމަތިން އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އެންގުމެވެ. މިނިންމުން އަލުން ބެލުމުގައި، ހެކި ހުށަހެޅި ފޯމުގައި ބަޔާންކުރި ސަބަބަށާއި ޝަރީޢަތުގެ ކުރީގެ ހުށަހެޅުމުގެ ރައްދު ފޯމުގައި ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާއާއި 115 ވަނަ މާއްދާގެ މިންގަނޑުން، ހެކިންނާމެދު، ސަބަބު ބަޔާންކޮށް ގޮތެއް ކަނޑައަޅަންވާނެއެވެ. އިތުބާރާ ގުޅުވައި ބަލައިގަނެވިދާނެ ހެކިންކަމަށް ކަނޑައަޅާނަމަ، އެ ހެކިންގެ ހެކިބަސް ނަގާނެ މަރުޙަލާއާއި ޝަރުޠުތައް އެ ޤާނޫނުގެ 127، 128 އަދި 129 ވަނަ މާއްދާގެ އިތުރުން ގުޅުން ހުރި ޤާނޫނީ އުސޫލުތަކުގެ އަލީގައި ގޮތެއް ކަނޑައެޅުމަކީވެސް އެ ކޯޓުގެ އިޚްތިޔާރެކެވެ. އެކަން ކުރުމުގެ ކުރިން، ހެކި ހުށަހަޅާ ސަބަބު އިތުރަށް ތަފްޞީލުކުރުމަށް ދަށު ކޯޓަށް ފެންނަނަމަ، ކުރު މުއްދަތެއް ދީގެން އެ ތަފްޞީލު ހޯދުމަކަށް ހުރަހެއް ނެތެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ރިޢާޔަތްކޮށް، ޚަޞްމުންނަށް އެކަށީގެންވާ ފުރުޞަތު ލިބިދީގެންނެވެ.

ނިންމަން ފެންނަ ގޮތް

52އިސްވެ ބަޔާންކުރި ސަބަބުތަކަށްޓަކައި،

52.1. ކްރިމިނަލް ކޯޓުގެ ނަންބަރު ‎145-B13/SHN/‎(687-2026)/‎2026/04‎ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (15 އޮކްޓޫބަރު 2026) ބާޠިލުކޮށް؛ އަދި

52.2. އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިން ބަލައިގަތުމާމެދު، ހެކި ހުށަހެޅި ސަބަބަށާއި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަށް ރައްދު ދޭ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާއާއި 115 ވަނަ މާއްދާގެ މިންގަނޑުން، ހެކިންނާމެދު ސަބަބު ބަޔާންކޮށް އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި، ކްރިމިނަލް ކޯޓަށް އެންގުމަށް ފެނެއެވެ. ހެކިންގެ ބޭނުންތެރިކަމާއި، ހެކިބަސް ނަގާނެ މަރުޙަލާއާއި ޝަރުޠުތައް ޝަރީޢަތް ހިންގުމުގެ ތެރެއިން ކަނޑައެޅުމުގެ ތަޤްދީރީ ބާރު އެ ކޯޓަށް އޮތް އޮތުމަށް މި ނިންމުމުން ބަދަލެއް ނާދެއެވެ. އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު:

53މި މައްސަލައިގައި ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

54މި މައްސަލައިގައި ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު ‎145-B13/SHN/‎(687-2026)/‎2026/04‎ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (15 އޮކްޓޫބަރު 2026) އަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، […]، ސ.ފޭދޫ އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިން ބަލައިގަތުމާމެދު، ހެކި ހުށަހެޅި ސަބަބަށާއި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަށް ރައްދު ދޭ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ހެކިންނާމެދު ސަބަބު ބަޔާންކޮށް އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)

ފަނޑިޔާރު ޙުސައިން މަޒީދު

ފުޓްނޯޓު

  1. ދރކ ނަންބަރު […]
  2. އަޙްމަދު ފާއިޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު"، ހެކި ހުށަހަޅާ ސަބަބު
  3. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި
  4. ދައުލަތުގެ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާ ފޯމު" (16 އޮގަސްޓު 2026)
  5. މީގެފަހުން "ހެއްކާބެހޭ ޤާނޫނު" ކަމަށް ބުނެފައި
  6. އަޙްމަދު ފާއިޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި "ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމު" (2 ސެޕްޓެންބަރު 2026)
  7. އބޙ ގެ ނަންބަރު 1
  8. އަޙްމަދު ފާއިޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި "ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމު" (2 ސެޕްޓެންބަރު 2026) ގެ 2 ވަނަ ނަންބަރު
  9. އބޙގެ ނަންބަރު 4
  10. އަބޙގެ ނަންބަރު 1.2
  11. ކްރިމިނަލް ކޯޓުގެ ނިންމުން (15 އޮކްޓޫބަރު 2026)، 1.2 ވަނަ ނަންބަރު.
  12. ކްރިމިނަލް ކޯޓުގެ ނަންބަރު ‎145-B13/SHN/‎(687-2026)/‎2026/04‎ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (15 އޮކްޓޫބަރު 2026) ގެ ކްރިމިނަލް ކޯޓުގެ ނިންމުން 1.1 ވަނަ ނަންބަރު (ދެވަނަ ބައި)
  13. ކްރިމިނަލް ކޯޓުގެ ނަންބަރު ‎145-B13/SHN/‎(687-2026)/‎2026/04‎ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (15 އޮކްޓޫބަރު 2026) ގެ ކްރިމިނަލް ކޯޓުގެ ނިންމުން 1.2 ވަނަ ނަންބަރު (ދެވަނަ ބައި)
  14. އަޙްމަދު ފާއިޒްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމު، އެދޭގޮތް، 1 ވަނަ ނަންބަރުން 3 ވަނަ ނަންބަރަށް
  15. އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ވަކީލު 6 އޮގަސްޓު 2026 ގައި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީ
  16. [2022] SC 58
  17. ‎2025/HC-B12/38‎ ޤަޟިއްޔާގެ 17 ވަނަ ޕެރެގްރާފް
  18. ގަވާއިދު ނަންބަރު ‎2021-SC-REG-01‎
  19. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)، އެ މާއްދާގެ (ބ) ގައި ދިފާޢު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބިދިނުމުގެ ޙައްޤު ބަޔާންކޮށްފައިވޭ
  20. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
  21. [2022] SC 58
  22. ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާ
  23. ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާ
  24. ‎[2022] SC 58‎ ގެ ޕެރެގްރާފް 39
  25. [2023] SC 20
  26. އބޙ ގެ ޕެރެގްރާފް 20
  27. އބޙ ގެ ޕެރެގްރާފް 21
  28. [2022] SC 70
  29. އބޙ ގެ ޕެރެގްރާފް 19
  30. [2022] SC 70
  31. އބޙ
  32. ‎[2022] SC 70‎ ގެ ޕެރެގްރާފް 19
  33. ‎[2023] SC 20‎ ގެ 34 ވަނަ ޕެރެގްރާފް
  34. [2023] SC 20
  35. ހެއްކާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ)
  36. ގަވާއިދު ނަންބަރު ‎2021-SC-REG-01‎ (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 118 ވަނަ މާއްދާގެ (ހ) އެ މާއްދާގެ (ށ) ގައި، އަޑުއެހުމުގައި ހުށަހެޅުން އިއްވުމަށާއި ރައްދު ދިނުމަށާއި ވާހަކަދެއްކުމަށް ދެވޭ ފުރުޞަތު ވަކި މުއްދަތަކަށް ޤައިދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން ބަޔާންކޮށްފައިވެއެވެ.
  37. އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ވަކީލު 6 އޮގަސްޓު 2026 ގައި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީ
  38. މަދަނީ މައްސަލައެއްގައި ނަމަވެސް، ހެކި ބަލައިނުގަތުމަށް ނިންމާ ނިންމުމުގެ ސަބަބު ބަޔާންކުރަންޖެހޭކަމާއި، އެ ސަބަބަކީ ޤާނޫނީ ގޮތުން ބުރަދަން ހުރި ސަބަބަކަށް ވާންޖެހޭކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފް އަދި އިތުރު ފަރާތްތައް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތައް، ‎[2022] SC 37‎ ގެ ޕެރެގްރާފް 117 އަދި 118
  39. [2022] SC 58
  40. ‎2017/SC-A/26‎ ޤަޟިއްޔާގެ 41–42 އަދި 47–48 ވަނަ ޕެރެގްރާފް
  41. [2023] SC 20
  42. ހެކި ބަލައިނުގަތުމަށް ނިންމި ނިންމުމެއް ބާޠިލުވުމުން، މައްސަލަ ކުރިން ގޮސްފައިވާ ހިސާބުން ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ‎2021/SC-A/79‎ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. (ޕެރެގްރާފް 23)
  43. ޤަވާއިދު ނަންބަރު ‎2023-SC-REG-01‎ (ހެއްކާބެހޭ ޤަވާއިދު) ގެ 4 ވަނަ މާއްދާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (ii) އާއި (ނ) ގެ 1 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 116 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 15 ވަނަ ބާބު
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 127، 128 އަދި 129 ވަނަ މާއްދާ
  • ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 118 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ގަވާއިދު ނަންބަރު 2023-SC-REG-01 (ހެއްކާބެހޭ ގަވާއިދު) ގެ 4 ވަނަ މާއްދާ
  • [2022] SC 58
  • [2023] SC 20
  • [2022] SC 70
  • [2022] SC 37
  • 2017/SC-A/26
  • 2021/SC-A/79
  • 2025/HC-B12/38

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ