ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2023] SC 20 · 2023/SC-A/16, 2023/SC-A/17

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
14 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 މޭ 2023ދަށު ކޯޓު: ހައިކޯޓު 2023/HC-B12/17، 2023/HC-B12/15ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2023/HC-B12/17، 2023/HC-B12/15، 410/Cr-C/2020، 411/Cr-C/2020، 412/Cr-C/2020
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޖިނާއީ މައްސަލަތަކުގައި ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގިނަ ބައެއް ކްރިމިނަލް ކޯޓުން ބަލައިނުގަތެވެ. ހައިކޯޓުން އެ ނިންމުންތަކަށް ބަދަލު ނުގެނެސް ދެމެހެއްޓިއެވެ.
ވާޤިޢާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގގެ ދައުވާއާއި، އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިވުމާއި މަނީ ލޯންޑްރިންގގެ ދައުވާ 2020 ގައި އުފުލިއެވެ. ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށީ 2023 ޖަނަވަރީ 18 ގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހެކި ބަލައިގަތުމާއި، ހެކި ހާމަކުރުމާއި، އަލަށް ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނު ތަޠުބީޤުކުރުމާއި، ދައުވާ އުފުލަންވީ ޤާނޫނާމެދު ކްރިމިނަލް ކޯޓާއި ހައިކޯޓުން ނިންމި ނިންމުންތައް ޤާނޫނާ އެއްގޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ހެކި ގުޅުންހުރި ކަމަށް ސަބަބު ބަޔާންނުކޮށް ނިންމި ކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ދެ ހެކިވެރިން ބަލައިނުގަންނަންޖެހޭ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ގޯސްކޮށް މާނަކުރި ކަމަށެވެ. ޕްރޮސިކިއުޝަނުން ބުނީ ޤާނޫނު ހިނގަނީ ޢަމަލުކުރަން ފަށާ ދުވަހުން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހެކި ބަލައިގަތުމުގެ އަސާސަކީ ގުޅުން ކަމާއި، ކޮންމެ ހެއްކަކާމެދު ވަކިވަކިން ސަބަބު ބަޔާންކުރަންޖެހޭ ނަމަވެސް ޝަރީޢަތުގައި ތަޢުނުކުރެވޭތީ ތަޙުވީލު ނުކުރެއެވެ. ހެއްކާބެހޭ ޤާނޫނު ފަހަތަށް ނުހިނގައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދާއިރާ ހަނި ނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ފުޅާ ހާމަކުރުމެއް ލިބެއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ 2023/HC-B12/15 އަދި 2023/HC-B12/17 ގެ ޙުކުމްތަކަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ސަބަބުތަކާ ތަޢާރުޒުވާ މިންވަރަކަށް، ހައިކޯޓުގެ ފަނޑިޔާރުންގެ ރައުޔުގައި ބަޔާންކޮށްފައިވާ ސަބަބުތައް ބާޠިލުކުރެވުނެވެ. ހުރިހާ ހެކިތަކެއް ގުޅުންހުރި ކަމަށް ގަނޑުކޮށް ބުނެ ކްރިމިނަލް ކޯޓުން ނިންމި ގޮތަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ކޯޓުން ފާހަގަކުރި ނަމަވެސް، ޝަރީޢަތުގެ މަރުޙަލާގައި ހެކި ތަޢުނުކުރުމުގެ ފުރުޞަތު ހުރުމުން މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލު ނުކުރެވުނެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހެކި ބަލައިގަތުމުގެ (admissibility of evidence) މަފްހޫމަކީ ވަކިވަކި ހެކިތަކަކީ ޝަރީޢަތުގެ މަރުހަލާގައި ބޭނުންކުރުމަށް ކޯޓުން ބަލައިގަންނާނެ ހެކިތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބޭނުންކުރާ އުސޫލުތައް ތަތުބީގުކުރެވޭ މަފްހޫމެކެވެ. ހެކި ބަލައިގަތުމުގެ މަފްހޫމުގައި ހިމެނޭ ޖައުހަރީ އުސޫލަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކަކީ ގުޅުން އޮތް ހެއްކެއް ކަމަށްވުން ނުވަތަ އެހެކީގެ ރެލެވަންސީ (relevancy) އެވެ. އެކަށީގެންވާ ގުޅުމެއް އޮތް ހެއްކެއް ނަމަ ބަލައި ގަންނަންޖެހޭނެއެވެ. އެކަށީގެންވާ ގުޅުމެއް ނެތް ހެއްކެއް ނަމަ ބަލައިގަނެގެން ނުވާނެއެވެ.

HN2 ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ވާގިއާ ނުވަތަ ހުށަހެޅިފައިވާ ދައުވާއާ ގުޅުންހުރި ހެއްކަކީ، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާގިއާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ކޮންމެ ހެއްކެކެވެ.

HN3 އާއްމު އުސޫލެއްގެ ގޮތުން، ހެއްކެއް ބަލައިގަތުމުގެ އަސާސަކަށް ވާންޖެހޭނީ އެ ހެއްކަކީ ގުޅުންހުރި ހެއްކަކަށް ވުމެވެ. ނަމަވެސް އެ ހެއްކަކީ ގުޅުންހުރި ހެއްކެއް ކަމަށް ވިޔަސް އެ ހެއްކަކީ ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވާ ހެއްކަކަށް ވާންޖެހޭނެއެވެ. ބަލައިގަނެވޭ ކޮންމެ ހެއްކަކީ ގުޅުންހުރި ހެއްކަކަށް ވުން ލާޒިމުވެއެވެ. ނަމަވެސް ގުޅުންހުރި ކޮންމެ ހެއްކަކީ ބަލައިގަންނަންޖެހޭ ހެއްކެއް ކަމަށް ނުވެދާނެއެވެ. އެ ހެއްކެއް ބަލައިގަނެވޭނީ، އެ ހެކި ޚަސްމަކު ހުށަހަޅާފައި ވުމާއި، އެ ހެއްކަކީ ގުޅުންހުރި ހެއްކަކަށް ވުމާއި، އެ ހެކި ގާނޫނީ ޓެސްޓުން ފާސްވުމާއި (މާނައަކީ އެ ހެއްކަކީ ހެއްކާބެހޭ ގާނޫނުން ހުއްދަކުރާ ހެއްކަކަށްވުން)، މި ތިން ޝަރުތު ފުރިހަމަވުމުންނެވެ.

HN4 ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، އެގޮތުން ބަލައިގަނެވޭ ކޮންމެ ހެއްކަކަށް ދޭނެ ބުރަދަން ކަނޑައަޅާނީ، ގާނޫނުތަކަށް ރިއާޔަތްކޮށްގެން ޝަރީޢަތުގެ މަރުހަލާގައި މައްސަލަ ބަލާ ފަނޑިޔާރެވެ. ބަލައިގެންފައިވާ ހެއްކަކީ ގުޅުންހުރި، ނަމަވެސް އިތުބާރު ނެތް ހެއްކެއް ކަމަށްވާނަމަ، އެ ހެކިބަސް ނުވަތަ ހެކި ހުށަހަޅާ ފަރާތުން ހެކި ހުށަހެޅުމުން، އެ މަރުހަލާގައި ސަބަބު ބަޔާންކޮށް، ނުވަތަ އޭގެ އިދިކޮޅު ދޭހަވާ ހެކި ހުށަހަޅައި، އެ މަރުހަލާގައި އެ ހެއްކެއް ތައުނުކޮށް ވާހަކަދައްކަން ޝަރީޢަތްކުރާ ފަނޑިޔާރު އަނެއް ޚަސްމަށް ފުރުސަތު ދޭންވާނެއެވެ.

HN5 ޝަރީޢަތްކުރާ ކޯޓުން ހެއްކެއް ބަލައި ނުގަތުމަށް ނިންމާ ނިންމުމަކީ ރަނގަޅުނޫން ނިންމުމެއް ކަމަށްވީ ނަމަވެސް، އެ ހެއްކާ ނުލައި ދެންހުރި ހެކިތަކުން ކުށް ސާބިތުވާނަމަ، އެ ހެކި އެއްކިބާކުރުން އެއީ ސަބަބެއް ކަމަށް ބަލައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ. ގުޅުންނެތް ހެއްކެއް ބަލައިގަތް ކަމަށްވީ ނަމަވެސް، އެ ހެކީގެ ސަބަބުން ކޯޓުގެ ނިންމުމަށް އަސަރުކޮށްފައިނުވާނަމަ، އެ ސަބަބަށްޓަކައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ. ނުގަވައިދުން ހެއްކެއް ބަލައިގެންފައިވާ ކަމަށް ބުނެ ނުވަތަ ނުގަވައިދުން ހެއްކެއް އެއްކިބާކޮށްފައިވާ ކަމަށް ބުނެ، އިސްތިއުނާފުކުރާ ހާލަތުގައި، އެ މައްސަލަ ކާމިޔާބުކުރުމަށްޓަކައި، އެކަމުގެ ސަބަބުން އެ މައްސަލައިގައި އަދުލުއިންސާފު އެއްކޮށް ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ދައްކައިދޭންވާނެއެވެ.

HN6 ދަށު ކޯޓުގައި ޝަރީޢަތްކުރާ ފަނޑިޔާރަކީ ދެފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެކިތަކަކީ ޝަރީޢަތުގެ ދޮރުން އެތެރެއަށް ވެއްދިދާނެ ހެކިތަކެއްކަން ނުވަތަ ނޫންކަން ކަނޑައަޅަން ހުންނަ ދޮރުވާނެވެ. އެހެންކަމުން، އެ ނިންމުމަކީ އިންސާފުވެރި ނިންމުމަކަށް ވާންޖެހޭނެއެވެ. އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއްކަން ފަނޑިޔާރުގެ ހިތުގައި އޮތުމަކުން ނުފުދެއެވެ. އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ބެލެވޭނީ، އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއްކަން ބޭރުފުށުން ކަށަވަރުކުރެވޭ ނަމައެވެ. އެކަން ބޭރުފުށުން ކަށަވަރުކުރެވޭނީ ނިންމުމަށް ވާސިލުވި ސަބަބުތައް ސާފުކޮށް ބަޔާންކުރުމުންނެވެ.

HN7 ހެއްކެއް ބަލައިގަތުމާބެހޭ ގޮތުން ނުވަތަ ހެކި އެއްކިބާ ކުރުމާބެހޭ ގޮތުން ފަނޑިޔާރު ނިންމާ ނިންމުމުގައި ފުރަތަމަ ބަޔާންކުރަންވާނީ ސުވާލުއުފައްދާފައިވާ ހެއްކަކީ ވާގިއީ ގޮތުން ގުޅުންހުރި ހެއްކެއް ތޯއެވެ. އެއަށްފަހު، ހެކި ބަލައިގަތުމާބެހޭ ގޮތުން ހެއްކާބެހޭ ގާނޫނުގައި ނުވަތަ އެނޫންވެސް ގާނޫނެއްގައި ބަޔާންކުރާ ގާނޫނީ ޝަރުތުތައް ފުރިހަމަވޭތޯ ބަލަންވާނެއެވެ. އެއަށްފަހު، ސުވާލު އުފައްދާފައިވާ ހެކީގެ މައްޗަށް ގާނޫނުގައި ބުނާއެއްޗެއް ތަތުބީގުކުރާނީއެވެ. މި ގޮތަށް ގާނޫނު ތަތުބީގުކުރުމުގައި ދެ ޚަސްމުންގެ ފަރާތުން ކުރިމަތިކޮށްފައިވާ ބަހުސްތަކެއް ހުރި ނަމަ އެ ބަހުސްތަކުގެ ޚުލާސާއެއް ލިޔުމަށްފަހު، އެ ބަހުސްތަކާބެހޭ ގޮތުން ފަނޑިޔާރަށް ބުރަވެވުނު ގޮތް ތިލަ ބަހުން އާދައިގެ މީހަކަށް ސާފުވާގޮތަށް ތަފްސީލުކޮށް ލިޔަންވާނެއެވެ. އެ ހެއްކަކީ ގުޅުން އޮތް ހެއްކެއް ކަމަށްވީ ނަމަވެސް، އެ ހެއްކަކީ ތައައްސުބު އުފެދޭނެ ހެއްކެއް ކަމަށް ފެނިގެން ހެއްކާބެހޭ ގާނޫނުގައިވާ ގޮތަށް ހެއްކެއް އެއްކިބާކުރާ ހާލަތުގައި، ވަކިގޮތެއް ނިންމުމަށްޓަކައި، ދެފަރާތުގެ ހައްގުތައް މީޒާންކޮށް، ވަޒަންހަމަކުރި ގޮތުގެ ތަފްސީލު ސާފުކޮށް ލިޔަންވާނެއެވެ.

HN8 ގަނޑުކޮށް ހުރިހާ ހެއްކެއް އެ ހެކި ހުށަހެޅިފަރާތުން ހުށަހެޅިގޮތަށް އެ ހެކިތަކަކީ ގުޅުންހުރި ހެކިކަމަށް ބަޔާންކުރުމުން، އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއްކަން ބޭރުފުށުން ކަށަވަރުނުކުރެވޭނެއެވެ. ކޮންމެ ހެއްކަކާމެދު ފެންނަގޮތް ވަކިވަކީން ބަޔާންކުރަންޖެހޭނެއެވެ. އަދުލު އިންސާފު ގާއިމުކުރުމުގައި ކުރު އަދި ކަންފަސޭހަ މަގެއް އިޚްތިޔާރުކުރެވެން ނެތެވެ.

HN9 ގާނޫނެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި ގާނޫނުތައް ހިންގަން ފަށަންވާނީ އެ ގާނޫނުތަކަށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ފަހު ޖުމްލައިގައި ބުނެފައިވަނީ ކުށްކުރުމާ، އެކުށެއް ކުރި މީހާއަށް ހުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން، ލުޔެއް ދީފައިވާ ނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ގާނޫނުގައިވާ އަދަބު ކަމަށްވާއިރު، ހެއްކާބެހޭ ގާނޫނަކީ ކުށުގެ އަދަބަށް ލުއިދީފައިވާ ގާނޫނެއް ނޫނެވެ.

HN10 ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހިނގާ ޝަރީޢަތްތަކުގައި ހެއްކާބެހޭ ގާނޫނަށް އަމަލުކުރުން ލާޒިމުވާނެއެވެ. ހެކި ބަލައިގަތުމަށްފަހު ހެކި އެއްކިބާ ކުރުމަށް ވަކި ހުށަހެޅުމެއްގެ ގޮތުގައި ޝަރީޢަތުގެ މަރުހަލާގައި ފުރުސަތު ނެތް ނަމަވެސް، ހެއްކާބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ހެކިތަކުގެ އިތުބާރާއި، އަދުލުވެރިކަމާއި، މަސްލަހަތު ފުށުއެރުމާއި، އަދާވާތްތެރިކަމެއް އޮތްނަމަ، އެކަމެއް ބަޔާންކޮށް، ހެކިބަސް ތައުނުކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަރުހަލާގައި ދައުވާލިބޭ ފަރާތަށް ގެއްލިފައި ނުވެއެވެ. ސަބަބަކީ، ފަނޑިޔާރު މައްސަލަ ނިންމާއިރު ހެއްކާބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއަށް ރިއާޔަތްކުރުމަށް ފަނޑިޔާރުގެ މައްޗަށް ލާޒިމުވާނެއެވެ.

HN11 ހެކިންގެ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ނިންމި ނިންމުމުގެ މާނައަކީ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި އެ ހެކިންގެ ހެކިބަހަށް ޝަރީޢަތް ނިންމުމުގައި ބުރަދަން ދިނުން ފަނޑިޔާރުގެ މައްޗަށް ލާޒިމުވުމެއް ނޫނެވެ. އެހެއްކަކަށް ޝަރީޢަތް ނިންމުމުގައި އެއްވެސް ބުރަދަނެއް ދޭނެތޯ އާއި، ބުރަދަނެއް ދޭނަމަ ބުރަދަން ދޭނީ ކިހާ މިންވަރަކަށްކަން ފަނޑިޔާރު ކަނޑައަޅާނީ ޝަރީޢަތުގެ މަރުހަލާގައި ދެފަރާތުން ދައްކާ ވާހަކަތަކާއި، ޝަރީޢަތުގެ މަރުހަލާގައި ދެފަރާތުން ހުށަހަޅާ އެންމެހާ ހެކިތަކަށާއި، ކަމާބެހޭ އެންމެހާ ގާނޫނުތަކަށް ބަލައިގެން އަދުލު އިންސާފުގެ ހަމަތަކުގެ މަތިންނެވެ.

HN12 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129 ވަނަ މާއްދާގެ (ނ) އާއި އެ މާއްދާގެ އެހެން އަކުރުތަކާއި އެ ޤާނޫނުގެ 130 ވަނަ މާއްދާ އެކުގައި އެއް ރޮއްޖަކަށް އެމުނިގެންދާ ގޮތަށް މާނަކުރުމުން، ނިކުންނަ ހަމައެކަނި ނަތީޖާއަކީ އެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހެނީ، އެ މައުލޫމާތަކީ ނުވަތަ އެ ހެއްކަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަހުގީގެއްގައި ނުވަތަ ކުރި ސުވާލެއްގެ ޖަވާބުގައި ލިބިފައިވާ މައުލޫމާތު ކަމުގައި ވާނަމަ ކަމެވެ. ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ހެދިއިރު، އެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދާއިރާ ގަސްތުގައި ހަނިކޮށްފައިވެއެވެ. އެކުގައި ދައުވާލިބޭ އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ދިފާއީ ހެކިތަކަކީވެސް އެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ނ) ގެ އިމުގެ ތެރެއަށް ވަންނަ ތަކެތި ނޫނެވެ.

HN13 ކުށުން ބަރީއަވުމުގެ ވަސީލަތްތަކުގެ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ކަށަވަރުކޮށްދީފައިވާ ހައްގުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހުގީގުގެ ބޭނުމަށް އެއްކޮށްފައި ހުރި ހުރިހާ މައުލޫމާތެއް ދިފާއަށް ލިބޭނެ ފުރުސަތު ދިނުން ހިމެނެއެވެ. އަދި އެ ހައްގުގެ ތެރޭގައި މައްސަލައިގެ ފައިލު އެކުގައި ބެލުމުގެ ހައްގުވެސް ހިމެނެއެވެ. އެއީ ތަހުގީގު އިދާރާތަކުން މައްސަލަ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ އަދި ހޯދުންތަކުގެ ލޮގު ކަމަށް ވިޔަސް މެއެވެ. މުޅި ތަހުގީގު ފައިލާއި އެންމެހާ ލޮގުތައް ދިފާއަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެގޮތަށް ފަނޑިޔާރު އަމުރުކޮށްފިނަމަ، ޕްރޮސިކިއުޝަނުގެ މަސްއޫލުއްޔަތެކެވެ. ނަމަވެސް ހިމާޔަތްކުރަންޖެހޭ ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަނުކޮށް ހިފެހެއްޓުމަށް ނުވަތަ އެނޫންވެސް އެފަދަ މަސްލަހަތެއް ހިމާޔަތްކުރަންޖެހޭ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ އެ ފަދައިން ފަނޑިޔާރު އަމުރުކުރަންވާނެއެވެ. ދައުލަތުގެ އެހެން އިދާރާއެއް ނުވަތަ މިނިވަން މުއައްސަސާއެއް ނުވަތަ އަމިއްލަ ފަރާތެއްގައި ދިފާއު ބިނާކުރުމަށް ބޭނުންވާ ލިޔުމެއް ނުވަތަ މައުލޫމާތެއް ހުރިކަމަށް ދިފާއުން ބުނެފިނަމަ، އެފަދަ ލިޔުމެއް ނުވަތަ މައުލޫމާތު ދިފާއަށް ބެލޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ޕްރޮސިކިއުޝަންގެ މައްޗަށް އަމުރުކުރުމުގެ ބާރު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ފަނޑިޔާރަށް ލިބިގެންވެއެވެ.

HN14 ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދަ، ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ ފުށުއެރުމެއް އޮތްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި، ކޮންމެ މައްސަލައެއްގައި ދަޢުވާކޮށްފައިވާ ކުށުގެ ތަފުސީލަށް ދިއުން މުހިންމެވެ. ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގައިވަނީ ޤާނޫނުލްޢުޤޫބާތުގައިވާ ހުރިހާ ކުށްކުށާ ގުޅިފައިވާ އާއްމު ކުށްތަކެކެވެ. ވަކި ޚާއްސަ ކުށެއް ނޫނެވެ. އެއާ ޚިލާފަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާއިން ސާފުކޮށް އެނގެނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށަކީ މިނިވަން، ވަކި ކުށެއްކަމާއި، އެ ކުށުގެ އުންސުރުތަކަކީ އެމާއްދާގައި ކަނޑައެޅި އައްޔަންވެގެންވާ އުންސުރުތަކެއް ކަމެވެ. ދެ ގާނޫނެއްގައި އެއް ނަމެއްގައި ކުށް ބަޔާންކޮށްފައި އޮންނަ ހާލަތުގައިވެސް، ކުށް ސާބިތުކުރުމަށް ހެކި ގަރީނާ ބޭނުންވާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، އެއީ ތަފާތު ދެ ކުށެއްކަމަށް ބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަބްދުﷲ ސިޔާޒް، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ޙުސްނީ މުބާރިކް، ޙަމްޒާ ލަޠިފް، އަޙްމަދު ޔާމީން، އިކުއިޓީ ޗެމްބަރސް، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ، އެމިކަސް ކިއުރިއޭ އެލްއެލްޕީ، ސީ.އެލް.އޭ ޕާރޓްނަރސް އެލްއެލްޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ޝަފީޢު، ޢީނާ މޫސާ
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން އެ ކޯޓުގައި ހިނގަމުންދާ 410/Cr-C/2020 ގަޒިއްޔާ އާއި 411/Cr-C/2020 ގަޒިއްޔާ އާއި 412/Cr-C/2020 ގަޒިއްޔާގައި ދައުވާލިބޭ ފަރާތްތައް ކަމަށްވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި، އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކަކާ (މީގެ ފަހުން "ޝކހ" ކަމަށް ބުނެފައިވާ) ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުންތަކަކާ މެދު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އާއި އަޙްމަދު ކްރިކް ރިޟާ ހިތްހަމަނުޖެހިގެން އެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާކުރާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2ކްރިމިނަކް ކޯޓުގެ ނަންބަރު 410/Cr-C/2020 ގަޒިއްޔާ އާއި 411/Cr-C/2020 ގަޒިއްޔާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ އަންނަނިވި ކުށްކުށުގެ މައްޗަށެވެ.

(ހ) ގާނޫނުލްއުގޫބާތުގެ މ.510 (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުންނާއި،

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.11 ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށް.

(ށ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ މ.53 (ހ) އާއި އެ ގާނޫނުގެ މ.5 (ހ) (3) އާ ޙަވާލާދީ، އެ ގާނޫނުގެ މ. 53(ށ) އާއި އެ ގާނޫނުގެ މ.63 (ހ) (3) އާއި (6) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށް.

3ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދައުވާތައް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވަނީ 2020 ޖޫން 28 ގައެވެ.

4ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޝކހ ގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ހެކިތަކަކީ ޝަރީޢަތަށް ގަބޫލުނުކުރެވޭނޭ ހެކިތަކެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (3) ގެ ދަށުން ކަނޑައަޅައިދިނުމަށް ހުށަހެޅި ހުށަހެޅުން.

(ށ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (1) ގެ ދަށުން ދައުވާ އުފުލުމުގައި ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަން ހުރުމުން ދައުވާކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި ހުށަހެޅުން.

(ނ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) ގެ (4) ގެ ދަށުން ދައުވާ ވަކިކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން.

(ރ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (6) ގެ ދަށުން ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން

5މި ހުށަހެޅުންތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅި ޝކ ހުށަހެޅުންތަކުގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ހިމެނޭ ރ. ފުއްގިރިއާ ގުޅޭ މައުލޫމާތު ހިމެނޭ ބަޔާންތަކާއި އެ ބަޔާންތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިން ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި، އެހެން ހުރިހާ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.

6ޝކ ހުށަހެޅުންތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން 3 ނުކުތާއެއް އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ ތިން ނުކުތާއަކީ:

(ހ) ޝކ ހުށަހެޅުންތަކުގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ހެކިތަކުގެ ތެރެއިން އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު އާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަސް ފިޔަވައި، ޕްރޮސިކިއުޝަނުން ހުށަހެޅި ހެކިތައް ބަލައި ނުގަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާއިރު، އެހެކިތަކަކީ ގުޅުންހުރި އިތުބާރުހިފޭ ހެކިތޯ ނުވަތަ ނޫންތޯ ބަލާފައި ނެތް ކަމަށާއި، ފަނޑިޔާރު ނިންމި ނިންމުމަށް ވާސިލުވި ސަބަބު ސާފުކޮށް ބަޔާންކޮށްފައި ނެތުން.

(ށ) ޝކހ ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ހެކިތަކުގެ ތެރެއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަސް ކޯޓަށް ބަލައި ނުގަނެ އެ ހެކިބަސްތައް އެއްކިބާކޮށް ދިނުމަށް އެދިފައިވަނިކޮށް، އަދި ޝކހ އާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ހެއްކާބެހޭ ގާނޫނު 18 ޖަނަވަރީ 2023 ގައި ވުޖޫދަށް އައިސް ހެކިބަލައިގަތުމާބެހޭ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މަސްލަހަތު ބޮޑު ފުރުސަތެއް އެގާނޫނުގައި އޮތް އިރު، އަލަށް އަމަލުކުރަން ފެށުނު ގާނޫނުގައިވާ ގޮތުގެ މަތިން ހުށަހެޅުންތައް ހުށަހެޅުމަށް އިސްތިއުނާފުކުރާ ފަރާތަށް އަލުން ފުރުސަތު ނުދީ އަލަށް އަމަލުކުރަންފެށި ހެއްކާބެހޭ ގާނޫނުގެ މ.51 ގައި އަދާވާތްތެރިންނާ މަސްލަހަތު ފުށުއަރާ ފަރާތްތަކުގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތުގައި ތިބި މި ބުނެވުނު ދެ ހެކިން ޝަރީޢަތަށް ބަލައިގެންފައިވުން.

(ނ) ޝކހ ގެ 4 ވަނަ ނަންބަރުގައި ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 ގޯސްކޮށް މާނަކޮށް، އަދި ގޯސްކޮށް ތަތުބީގުކޮށް، އޭގެ ތެރެއިން އެންމެ ހުށަހެޅުމެއް ފިޔަވައި ދެންހުރި ހުރިހާ ހުށަހެޅުންތައް ބަލައިނުގަންނަން ނިންމާފައިވުމާއި، ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންނުކޮށް، ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވުން.

7މަތީގައި މި ބަޔާންކުރި 3 ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ގޮތަށެވެ.

(ހ) ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ފުރަތަމަ ނުކުތާއާ މެދު ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބުނެފައިވަނީ، ޝކހ ހުށަހެޅުމާ ގުޅިގެން އަމަލުކުރަންޖެހޭ އާއްމު އުސޫލު ބަޔާންކޮށްފައިވަނީ އިސްމާއިލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަމަށެވެ. އަދި މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޒިއްޔާގައި ޝަރީޢަތުގެ ކުރީގެ މަރުހަލާގައި ހެކި ބަލައިގަތުމަށް ޝަރީޢަތް ކުރާ ފަނޑިޔާރު ނިންމުމުން، ނުވަތަ ހެކި ބަލައިނުގަތުމަށް ނިންމުމުން ޝަރީޢަތްކުރާ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކަށް ވަދެވިދާނެ ހާލަތުތައް އެގަޒިއްޔާގެ ހުކުމުގެ 15 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އިރު، އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭފަދަ ހާލަތެއް މި މައްސަލައިގައި އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާކަމަށެވެ. އަދި، ޝަރީއަތުގެ ކުރީގެ މަރުހަލާ ތަރުތީބުވެފައި އޮތް ގޮތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.115 ގެ ދަށުން އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމުމަށްފަހު، އެ ގާނޫނުގެ މ.117 އަދި މ.119 ގެ ދަށުން ޝކހ ހުށަހަޅައިފިނަމަ، އެ މައްސަލައިގައި ހުށަހެޅިފައިވާ ކަންކަމަށް "މަތިމަތިން ޖުމްލަކޮށް ބަލައި" ބުނެވިދިޔަ މާއްދާތަކާއި، އެ ގާނޫނުގެ މ.145 އެކުއެކީ ތަރުޖަމާކޮށް، އެ ހެއްކަކީ ގުޅުންހުރި ހެއްކެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށެވެ. އެއަށްފަހު މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމުމުން، ޝަރީޢަތް ފަށައި، އިފްތިތާހީ ބަޔާންހުށަހެޅުމަށްފަހު، ގުޅުންހުރި އެހެންނަމަވެސް، ބަލައިގަތުމާމެދު ސުވާލުއުފައްދާފައިވާ ހެކިތައް ވަކިކޮށް އޭގެތެރެއިން ބަލައިގަނެވޭ ހެކިތަކާމެދު ގޮތެއް ކަނޑައަޅާފައި، ޝަރީޢަތް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މި އުސޫލަކީ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި މައުލޫއީ ކަންކަމާމެދު ގޮތެއް ނިންމުމުން ދުރުހެލިވާ، ޝކ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުން ތަކުރާރުނުވާ އުސޫލެއް ކަމަށެވެ.

(ށ) ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ދެވަނަ ނުކުތާއާ މެދު ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބުނެފައިވަނީ ގާނޫނަށް ރަޖުއީކޮށް އަމަލުކުރުމާމެދު އަމަލުކުރަންޖެހޭ އުސޫލު މިހާރު ކަނޑައެޅިފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން ގަޒިއްޔާގައި ކަމަށެވެ. އަދި އެ ގަޒިއްޔާގެ ހުކުމުގެ ޕެރެގްރާފު 18 އިން 22 އަށް ރިއާޔަތްކުރާއިރު، ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި ގާނޫނުތައް ހިންގަން ފަށަންވާނީ އެ ގާނޫނުތަކަށް އަމަލުކުރަންފަށާ ތާރީޚުން ކަމަށެވެ. އަދި މި މައްސަލައަށް ބަލާއިރު، މި މައްސަލައިގެ ހާދިސާއަކީ ހެއްކާބެހޭ ގާނޫނު (2022) އަށް އަމަލުކުރަން ފެށުމުގެ ކުރީގެ ހާދިސާއަކަށް ވުމުގެ އިތުރުން، ހެއްކާބެހޭ ގާނޫނަކީ މައުލޫއީ ކަންކަމުގެ އިތުރުން، އިޖުރާއީ ކަންކަން ބަޔާންކޮށްފައިވާ ގާނޫނެއް ކަމަށެވެ. އަދި މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެދިފައިވާ ގޮތަށް ހެއްކާބެހޭ ގާނޫނުގެ އުސޫލުތައް ރަޖުއީކޮށް ތަތުބީގުކޮށްފި ނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ގާނޫނުގެ ކުރިން ހިނގާފައިވާ ތަހުގީގުތަކާއި ދައުވާތައް ކުރުމުގައި ތަސައްވަރުކޮށްފައިނުވާ ގާނޫނީ އުސޫލުތައް ކުއްލިއަކަށް އެ މައްސަލަތަކުގެ މައްޗަށް ހިންގުން ކަމަށްވާއިރު، މިއީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ. އަދި މި ނުކުތާގައި ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާކުރި ސަބަބުތަކުގެ ތެރޭގައި ގާނޫނުލްއުގޫބާތަށް ރިއާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުން ބަލައިނުގަނެވޭ ސަބަބުތައް ބަޔާންކޮށްފައިވާތީވެ، ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

(ނ) ހެކި ހާމަކުރުމަށް އެދި ހުށަހެޅުނު ޝކހ ހުށަހެޅުމާ ގުޅިގެން ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން އަކުރުން އަކުރަށް ނަކަލުކުރުމަށްފަހު، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ތިންވަނަ ނުކުތާއާ މެދު ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވަނީ ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާކުރި ސަބަބުތައް ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުމުގައި ބަޔާންކޮށްފައިވާތީވެ، މި ނުކުތާއަކީ އިސްތިއުނާފުކުރެވޭ އޮޅިގަނޑު ގިރާކުރެވޭ ނުކުތާއެއްް ނޫންކަމަށެވެ.

8ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އެކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2023/HC-B12/17 ގަޒިއްޔާގައެވެ.

އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ދައުވާކުރާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް

9ކްރިމިނަލް ކޯޓުގެ ނަންބަރު 411/Cr-C/2020 ގަޒިއްޔާ އާއި 412/Cr-C/2020 ގަޒިއްޔާގައި އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ދައުވާކޮށްފައިވަނީ އަންނަނިވި ކުށްކުށުގެ މައްޗަށެވެ.

(ހ) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގާނޫނުގެ މ.24 (ހ) ގެ ދަށުން ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށް.

(ނ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ މ.53 (ހ) އާއި އެ ގާނޫނުގެ މ.5 (ހ) (3) އާ ހަވާލާދީ، އެ ގާނޫނުގެ މ. 53(ށ) އާއި އެ ގާނޫނުގެ މ.62 (ހ) (1) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށް.

10އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ޝކހ ގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (1) ގެ ދަށުން ދައުވާ އުފުލުމުގައި ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަން ހުރުމުން ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުން.

(ށ) ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ހެކިތަކަކީ ޝަރީޢަތަށް ގަބޫލުނުކުރެވޭނޭ ހެކިތަކެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (3) ގެ ދަށުން ކަނޑައަޅައިދިނުމަށް ހުށަހެޅި ހުށަހެޅުން.

(ނ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (6) ގެ ދަށުން ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން

(ރ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.134 (ހ) ގެ (4) ގެ ދަށުން ހެކި ރައްކާތެރި ކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން.

11މި ހުށަހެޅުންތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ނިންމާފައިވާ ނިންމުމުގައި ކަނޑައަޅާފައިވަނީ، އަޙްމަދު ކްރިކް ރިޟާ ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ފޯލިއޯ ނަންބަރު 91 ގައި ހިމެނޭ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"ގައި ބަޔާންކުރާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީއާއި، 4 ޖޫން 2015 ގައި ބޭއްވިކަމަށް ބުނާ ބައްދަލުވުމުގެ ޔައުމިއްޔާ ހާމަކުރުމަށް އެދިފައިވާ ހުށަހެޅުން ބަލައިގަނެ، މި ހުށަހެޅުން ފިޔަވައި ދެން ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައި ނުގަތުމަށެވެ.

12މި ނިންމުމާމެދު ހިތް ހަމަނުޖެހިގެން 5 ނުކުތާއެއް އިސްތިއުނާފުކުރުމަށް އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ 5 ނުކުތާއަކީ:

(ހ) އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލިފައިވާ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (1) ގެ ދަށުން ދައުވާ އުފުލުމުގައި އުނިކަމެއް އޮތުމާއެކު އެކަން ފާހަގަކޮށް ހުށަހެޅި ޝކހ ބަލައި ނުގަތުމަށް ނިންމި ނިންމުން ގާނޫނުލްއުގޫބާތުގެ މ.10 (ރ) އަދި އެ ގާނޫނުގެ މ.18 (ށ) އާ ޚިލާފުވެފައިވުން.

(ށ) އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލިފައިވާ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (1) ގެ ދަށުން ދައުވާ އުފުލުމުގައި އުނިކަމެއް އޮތުމާއެކު އެކަން ފާހަގަކޮށް ހުށަހެޅި ޝކހ ބަލައި ނުގަތުމަށް ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ މ.143 (ރ) ގައި ބަޔާންކުރާ ގޮތަށް މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބައަވުމުގެ އުސޫލާ ޚިލާފަށް ނިންމި ނިންމުމަކަށް ވުން.

(ނ) އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ހުށަހެޅިފައިވާ މަނީ ލޯންޑްރިންގ ކުށުގެ ދައުވާއާ ގުޅިގެން ދައުވާ އުފުލުމުގައި އުނިކަމެއް އޮތުމާއެކު އެކަން ފާހަގަކޮށް ހުށަހެޅި ޝކހ ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ މ.18 (ރ) އަދި (ބ) އާ ޚިލާފަށް ކަމަށްވުން.

(ރ) އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ހުށަހެޅިފައިވާ ދެ ދައުވާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު އާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަސް ކޯޓަށް ބަލައި ނުގަތުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ހެއްކާބެހޭ ގާނޫނު (2022) އަށް އަމަލުކުރަން ފަށާފައިވާއިރު، އެ ގާނޫނުގެ ދަށުން ބަލައިނުގަނެވޭނެ ހެކިތަކާ ގުޅޭގޮތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ފުރުސަތު ނުދީ، އެ ދެ މީހުން ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓުން ބަލައިގެންފައިވަނީ ޚަސްމުން ދެކޭ ގޮތް ސާފުކުރުމަށް ޖާގަދިނުމާބެހޭ ގޮތުން އިސްމާއީލް ޝުޖާއު ވ. ޔޫސުފް ރިޟާ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމުގައި ވުން. އަދި އެގޮތަށް ނިންމުމުން ޝަރީޢަތުގެ މަރުހަލާގައި އެ ހެކިވެރިންގެ ސައްހަކަމާމެދު ބަސްބުނުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބެލެވުން.

(ބ) އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ހުށަހެޅިފައިވާ ދެ ދައުވާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތު އާއި އަޙްމަދު އާމިރު އާއި، މުޙައްމަދު ޝިފާއު ތަހުގީގަށް ދީފައިވާ ބަޔާނުގެ އިންޓަވިއު އޯޑިއޯ، ވީޑިއޯ ރިކޯޑިންގ ހާމަކުރަން އަންގާނެ ތަނެއް ނެތް ކަމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.46 (ފ) އާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތުގެ ގަވާއިދުގެ މ.36 (ރ) އަށް ރިއާޔަތްނުކޮށް ކަމުގައިވުން.

13މަތީގައި މި ބަޔާންކުރި 5 ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސުރުޚީތަކުގެ ދަށުން އަންނަނިވި ގޮތަށެވެ.

(ހ) ގާނޫނުލްއުގޫބާތުގެ މ.18 ގެ ދަށުން ދައުވާކުރުމާގުޅޭ ގުޅޭ: ޝކހ ގެ ގޮތުގައި އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ހުށަހަޅާފައިވަނީ އޭނާގެ މައްޗަށް ދެ ދައުވާ ވެސް ކުރަންޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށެވެ. މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 ގައިބުނާ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގައި ފުރިހަމަވާންޖެހޭ ކުށުގެ އުންސުރުތަކާއި ގާނޫނުލްއުގޫބާތުގެ މ.314 އާ ހަވާލާދީ އެ ގާނޫނުގެ މ.30 ގައި ބަޔާންކުރާ ކުށުގެ ނަމާއި ކުށުގެ އުންސުރުތައް ތަފާތުވުމުން، ދެ ގާނޫނުގައި ބަޔާންކޮށްފައިވަނީ އެއްކުށެއް ކަމަށް ބެލެވެން ނެތް ކަމަށާއި، އެހެންކަމުން، ގާނޫނުލްއުގޫބާތުގެ މ.18 ތަތުބީގުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އަޙްމަދު ކްރިކް ރިޟާގެ މައްޗަށް މަނީ ލޯންޑްރިން ކުށުގެ ދައުވާވެސް ކުރަންޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ބުނެފައިވީ ނަމަވެސް، ގާނޫނުލްއުގޫބާތުގެ މ.18 (ރ) ގައިވާ ގޮތުން ދައުވާކުރުމުގައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްކަން ދޭންޖެހޭނެ ކަމަށް ބުނެފައިވާތީވެ، ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރަން ހުރަހެއް ނެތެވެ.

(ށ) ހެކި ބަލައިނުގަތުމާ ގުޅޭ: ޝކހ ގެ ގޮތުގައި އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ބުނެފައިވަނީ ހެއްކާބެހޭ ގާނޫނު ވުޖޫދަށް އައުމާގުޅިގެން ޝަރީޢަތުގެ ކުރީގެ މަރުހަލާގައި އަޙްމަދު އަދީބުއާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަހާމެދު ވާހަކަދައްކަން ފުރުސަތު ދީފައި ނެތުމުން، ޝަރީޢަތުގެ މަރުހަލާގައި އެ ހެކިވެރިންގެ ހެކިބަހުގެ ސައްހަކަމާމެދު ޝަރީޢަތުގެ މަރުހަލާގައި ވާހަކަދެއްކުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އަޙްމަދު އަދީބުއާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަހާބެހޭ ގޮތުން ޝަރީޢަތުގެ މަރުހަލާގައި ބަސްބުނުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް "ބެލެވޭކަމަށް" ބުނާ ބުނުމަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ހުށަހެޅުމެއް ނޫން ކަމަށެވެ. އަދި އަޙްމަދު ކްރިކް ރިޟާގެ ހުށަހެޅުމަކީ ޝަރީޢަތުގެ މަރުހަލާގައި އެއާމެދު ގޮތެއް ނިންމަންޖެހޭ ނިންމުމަކަށް ވާތީވެ، ހަމައެކަނި މިނުކުތާގެ މައްޗަށް ބިނާކޮށް، އަޙްމަދު ކްރިކް ރިޟާގެ މި ހުށަހެޅުމާމެދު ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުން ބާތިލުނުކުރެވޭނެ ކަމަށެވެ.

(ނ) ހެކިވެރިޔާގެ އޯޑިއޯ، ވީޑިއޯ ހާމަކުރުމާގުޅޭ: ހެކިވެރިންގެ ބަޔާނުގެ އޯޑިއޯ ވީޑިއޯ ބެހެއްޓުމަކީ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ތަހުގީގީ އިދާރާތަކުން ބެހެއްޓުން ލާޒިމުކުރާ އެއްޗެއް ނޫންކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވާއިރު، އުފެދިފައިވާ ގާނޫނީ ބަހުސަކީ ކޮބައިކަން މި ނުކުތާގައި ބުނެދެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.

14އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އެކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2023/HC-B12/15 ގަޒިއްޔާގައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އަންނަނިވި ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.

(ހ) ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ބައެއް ހެކި (އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި، ޢަބްދުﷲ ޒިޔާތު ނުލައި ދެންހުރި ހެކިތައް) ބަލައި ނުގަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ބަޔާންކޮށްފައިވަނީ، ހުށަހެޅިފައިވާ ދައުވާއާ ގުޅުންހުރި އިތުބާރުހިފޭ ހެއްކާއި، ދައުވާގެ މައުލޫއާ ގުޅުމެއްނެތް، އިތުބާރުނުހިފޭ ހެކި ހުރިތޯ ނެތްތޯ އެއްވެސް ވަރަކަށް ބަލާފައި ނޫންކަމާއި، ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ސާފުކޮށް ބަޔާންކޮށްފައި ނެތްކަމަށް ބަޔާންކޮށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ދަށު ކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭފަދަ ހާލަތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ ގާނޫނީ އުސޫލާ ޚިލާފަށް ކަމުގައިވުން.

(ށ) 18 ޖެނުއަރީ 2023 ވަނަ ދުވަހު ޢަމަލުކުރަންފަށާފައިވާ ހެއްކާބެހޭ ގާނޫނުގައި، ހެކި ބަލައިގަތުމާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތަށް މަސްލަހަތު ބޮޑު ފުރުސަތުތަކެއް ހުރިއިރު، އެ ގާނޫނުގައިވާ ގޮތުގެމަތިން ހެކި ބަލައިގަތުމާގުޅޭ ގޮތުން ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ނުދީ، އަދި އެ ގާނޫނުގެ މ.51 ގައި ކަނޑައެޅިގެން ހެކިބަސް ނަގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އަދާވާތްތެރިކަމާއި މަސްލަހަތު ފުށުއެރުމުގެ ހާލަތުގައި ތިބި ދެ ހެއްކެއް ޝަރީއަތަށް ބަލައިގަނެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާ އާއި ގާނޫނުއަސާސީގެ މ.59 (ހ) ގައި ބަޔާންކޮށްފައިވާ ޖިނާއީ ޝަރުއިއްޔަތުގެ އުސޫލާ ޚިލާފަށް ކަމަށް ވުން.

(ނ) ޝކހ ގައި ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅި ހުށަހަހެޅުމާމެދު ގޮތް ނިންމުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 ނުރަނގަޅު ގޮތަކަށް މާނަކޮށް އަދި ތަތުބީގުކޮށް، އޭގެ ތެރެއިން އެއްމެ ހުށަހެޅުމެއް ފިޔަވައި އެހެން ހުރިހާ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވަނީ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންނުކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމުގައި ނުވުން.

16ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މި ކޯޓުން ބަލާފައިވަނީ މި ކޯޓުގެ ނަންބަރ 2023/SC-A/16 ގަޒިއްޔާގައެވެ.

އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އަޙްމަދު ކްރިކް ރިޟާގެ ފަރާތުން އަންނަނިވި ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.

(ހ) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގާނޫނުގެ މ.24 (ހ) ގެ ދަށުން އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލި ދައުވާއަކީ، ގާނޫނުލްއުގޫބާތުގެ ދަށުން އުފުލަންޖެހޭ ދައުވާއެއްކަމުގައި ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ގާނޫނުލްއުގޫބާތުގެ މ.18 ތަތުބީގުކުރަންޖެހޭ ހާލަތެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅައި، މާނަކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ މ.5 (ށ) 2 އާއި، ގާނޫނުއަސާސީގެ މ.133 (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބު ކަނޑައަޅާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތާ ޚިލާފަށް ކަމުގައިވުން.

(ށ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ މ.53 އާއި އެ ގާނޫނުގެ މ.5 (ހ) (3) އާ ހަވާލާދީ އެގާނޫނުގެ މ.53 (ށ) ގެ ދަށުންނާއި، އަދި އެގާނޫނުގެ މ.62 (ހ) (1) ގެ ދަށުން، ކްރިމިނަލް ކޯޓްގެ ނަންބަރު 411/Cr-C/2020 ޤަޟިއްޔާއިން އިން އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލި ދައުވާއަކީ ގާނޫނުލްއުގޫބާތުގެ ދަށުން އުފުލަންޖެހޭ ދައުވާއެއް ކަމުގައި ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، އެފަދައިން މާނަކުރަންޖެހޭ ހަރުދަނާ ގާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓްގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގައި ބަޔާންކުރާ އުސޫލާ ޚިލާފަށް ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމެއް ނެތި ކަމުގައި ވުން.

(ނ) އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ދައުވާ އުފުލާފައިވާ ދެ ގަޒިއްޔާގައި ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތަކީ ފާސިގުކަމުގެ ސަބަބުން އަދުލުވެރި ދެ ހެކިން ކަމުގައި ނުވާތީ، އެ ދެ މީހުން ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ޝކ ހުށަހެޅުމާ ގުޅިގެން ހެއްކާބެހޭ އާ ގާނޫނުގެ އަލީގައި ވާހަކަދައްކަން އެދުމުންވެސް ޚަސްމުންނަށް އެފުރުސަތު ނުދީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަ ޖެނެރަލް ގަޒިއްޔާ ތަތުބީގުކުރީ އެ ގަޒިއްޔާގައިވާ ހަމަތައް ތަތުބީގުކުރެވޭނެ ހާލަތެއް ނެތިކަމަށްވުން. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.145 ގެ ދަށުން ޝަރީޢަތް ފެށުމަށް ފަހުގައިވެސް ހެކި ބަލައިގަތުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ، ޝަރީއަތުގެ ކުރީގެ މަރުހަލާގައި އާ ހެއްކާބެހޭ ގާނޫނުގެ އަލީގައި ބަހުސްކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް އެ ފުރުސަތު ނުދީ ނިންމުން.

(ރ) އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދެ ދައުވާއާ ގުޅިގެން، ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި، ޢަބްދުﷲ ޒިޔާތު އާއި، އަޙްމަދު އާމިރު އާއި، މުޙައްމަދު ޝިފާޢު ތަހުގީގަށް ދީފައިވާ ބަޔާންތަކުގެ އިންޓަރވިއު އޯޑިއޯ،ވީޑިއޯ ރެކޯރޑިންގ ހާމަކުރަން އަންގާނެ ތަނެއް ނެތްކަމަށް ނިންމާފައިވަނީ، ދައުލަތުން ބުނި ބަހެއްގެ މައްޗަށް ކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.46 (ފ) އާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މ.36 (ރ) އަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ، ގާނޫނީ ބަހުސެއް އޮތް ނުކުތާއެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލުކޮށް ބަޔާންކޮށްދޭންޖެހޭނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގައި، ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށްވުން.

18އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މި ކޯޓުން ބަލާފައިވަނީ މިކޯޓުގެ ނަންބަރ 2023/SC-A/17 ގަޒިއްޔާގައެވެ.

19ދެ ގަޒިއްޔާ އިސްތިއުނާފުކުރާ ދެ ޚަސްމުން ކަމުގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިއާޔަތްކޮށް އެ ނުކުތާތަކާމެދު އަހުރެންނަށް ފެންނަ ގޮތް ތިރީގައި ބަޔާންކޮށްފައިވަނީ، ދެ ފަރާތުން ހުށަހެޅި ނުކުތާތަކުގައި ހިމެނޭ ގާނޫނީ ސުވާލުތަކުގެ މައުލޫތައް ވަކިވަކީން ފާހަގަކޮށް އެ މައުލޫތަކުގެ ދަށުގައެވެ.

ހެކި ބަލައިގަތުން

20HN1ހެކި ބަލައިގަތުމުގެ (admissibility of evidence) މަފްހޫމަކީ ވަކިވަކި ހެކިތަކަކީ ޝަރީޢަތުގެ މަރުހަލާގައި ބޭނުންކުރުމަށް ކޯޓުން ބަލައިގަންނާނެ ހެކިތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބޭނުންކުރާ އުސޫލުތައް ތަތުބީގުކުރެވޭ މަފްހޫމެކެވެ. ހެކި ބަލައިގަތުމުގެ މަފްހޫމުގައި ހިމެނޭ ޖައުހަރީ އުސޫލަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކަކީ ގުޅުން އޮތް ހެއްކެއް ކަމަށްވުން ނުވަތަ އެހެކީގެ ރެލެވަންސީ (relevancy) އެވެ. އެކަށީގެންވާ ގުޅުމެއް އޮތް ހެއްކެއް ނަމަ ބަލައި ގަންނަންޖެހޭނެއެވެ. އެކަށީގެންވާ ގުޅުމެއް ނެތް ހެއްކެއް ނަމަ ބަލައިގަނެގެން ނުވާނެއެވެ. ގުޅުން އޮތް ހެއްކަކީ ކޮބައިކަން މީގެ ކުރިން މި ކޯޓުން ނިންމާފައިވާ މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއްގަޒިއްޔާއާއި މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ބަޔާންކޮށްފައި ވެއެވެ.

21HN218 ޖެނުއަރީ 2023 ގައި އަމަލުކުރަންފެށި ހެއްކާބެހޭ ގާނޫނުގެ މ.114 ގައި ބުނެފައިވާ ގޮތުން ގުޅުން ހުރި ހެކި ކަމަށް ބެލެވޭނީ ގާނޫނީ ގޮތުން ގުޅުންހުރި ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގެންފި ކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާގިއާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމުގައިވާނަމައެވެ. ދެ ވާގިއާއެއް ގުޅުން ހުރިކަމަށް ބެލެވޭނީ ދެ ވާގިއާ އެކުގައި ނުވަތަ ވަކިވަކީން ތަތުބީގު ކުރުމުން، އެ ދެވާގިއާ އެއްވާގިއާ އަނެއް ވާގިއާއާ ގުޅިފައި ހުރިވަރު ބޮޑުކަމުން، އާންމުކޮށް ކަންކަން ހިނގާ އުސޫލުން ބަލާއިރު އެއް ވާގިއާއިން މާޒީގައި ނުވަތަ ހާލުގައި ނުވަތަ މުސްތަގުބަލުގައި އަނެއް ވާގިއާ ވުޖޫދުވިކަން ނުވަތަ ނޫންކަން ސާބިތުވުން ނުވަތަ ވަރަށް ބޮޑަށް އެކަން ވުޖޫދުވިކަން ނުވަތަ ވުޖޫދުވެފައިވާކަން ނުވަތަ ވުޖޫދުވާނެ ކަމަށް އެކަށީގެން ވުމެވެ. އަހުރެންގެ ނަޒަރުގައި، ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ވާގިއާ ނުވަތަ ހުށަހެޅިފައިވާ ދައުވާއާ ގުޅުންހުރި ހެއްކަކީ، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާގިއާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ކޮންމެ ހެއްކެކެވެ.

22ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.119 (ހ) (3) ގެ ބޭނުމަށް އެ ހެއްކަކީ ގުޅުންހުރި ހެއްކެއްކަން ނުވަތަ ނޫންތޯ ބެލުމަށް އަންނަނިވި އުސޫލުތައް ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެއެވެ.

(ހ) މުއާމަލާތުގެ ބައެއް ކަމަށް ހިމެނޭ ވާގިއާތައް:

އެ ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާގިއާއެއް ނޫންނަމަވެސް އެ ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާގިއާއާ އެއް މުއާމަލާތެއްގެ ބައެއް ކަމަށްވާ ނަމަ އެއީ ގުޅުންހުރި ވާގިއާ އެކެވެ. އެއީ: އެ ވާގިއާ މެދުވެރިވީ ހަމަ އެވަގުތު ކަމަށްވިޔަސް ހަމަ އެތަނުގައި ކަމަށް ވިޔަސް ނުވަތަ އެހެން ވަގުތެއްގައި އެހެން ތަނެއްގައި ކަމަށްވިޔަސް މެއެވެ.

މިސާލު: ވަހީދުގެ މައްޗަށް ދައުވާކުރަނީ ހަބީބުގެ ގައިގައި ތަޅައި މެރުމުގެ ދައުވާއެވެ. ވަހީދު ތަޅަމުން ގެންދިޔައިރު، ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ނުވަތަ އޭގެ ކުޑަ އިރުކޮޅެއް ފަހުން ވަހީދު ނުވަތަ ހަބީބު ނުވަތަ އެތަން ބަލަން ކައިރީގައި ހުރި މީހަކު ބުނި ބުނުމަކީ އެ މުއާމަލާތުގެ ބައެއް ކަމަށްވާތީވެ، އެއީ ގުޅުންހުރި ވާގިއާ އެކެވެ.

މިސާލު: ފަނޑިޔާރުގެ ކުރިމަތީގައި އޮތް ސުވާލަކީ ވަހީދު އޯޑަރުކުރި މުދާ ހަބީބު ވަހީދުއަށް ރައްދުކޮށްފިތޯ އެވެ. ވަހީދު އޯޑަރުކުރި ތަކެތި ވަހީދުއަށް ފޮނުވުމަށްޓަކައި އެކަކުގެ އަތުން އަނެކަކާ ހަވާލުކުރަމުން ދިޔަ ދިއުމުގެ ތެރޭގައި އެ ސިލްސިލާގައި ހިމެނުނު ކޮންމެ މީހަކާ އެތަކެތި ހަވާލުކުރި ކުރުމަކީ އެ މުއާމަލާތުގެ ބައެއް ކަމުގައިވާތީވެ، އެއީ ގުޅުންހުރި ވާގިއާ އެކެވެ.

(ށ) ކޯޓުން ގޮތެއް ނިންމަންޖެހޭ ވާގިއާ އުފެދުނު ނުވަތަ އެއިން މެދުވެރިކުރި ވާގިއާތައް

ކޯޓުން ގޮތެއް ނިންމަންޖެހޭ ވާގިއާއަށް މަގުފަހިކުރި، ނުވަތަ އެ ވާގިއާގެ ނަތީޖާއެއްގެ ގޮތުން އުފެދުނު ވާގިއާ އަކީ ގުޅުންހުރި ވާގިއާއެކެވެ.

މިސާލު: ފަނޑިޔާރުގެ ކުރިމަތީގައި އޮތް ސުވާލަކީ ހަބީބުގެ އަތުން ވަހީދު ފޭރުނުތޯ އެވެ. ފޭރުމުގެ ކުޑަ އިރުކޮޅެއް ކުރިން ގިނަ އަދަދެއްގެ ފައިސާތަކެއް އަޅާފައިވާ ދަބަހެއް ހިފައިގެން ހަބީބު ބާޒާރަށް ގޮސް އުޅުނު އުޅުމުގެ ތެރޭގައި ރަޝީދުއަށް އެ ދަބަހުގައި ހުރި ފައިސާ ހަބީބު ދެއްކި ދެއްކުމަކީ ފޭރުމުގެ ވާގިއާއާ ގުޅުން ހުރި ވާގިއާއެކެވެ. ހަމަ އެގޮތަށް، ގިނަ އަދަދެއްގެ ފައިސާތަކެއް ދީފައި ވަހީދު އެދުވަހު އަގުބޮޑު ފަރުނީޗަރުތަކެއް އޭބީސީ ފަރުނީޗަރު ފިހާރައިން ގަތްގަތުމަކީ ވެސް ފޭރުމުގެ ވާގިއާއާ ގުޅުންހުރި ވާގިއާއެކެވެ.

މިސާލު: ވަހީދުގެ މައްޗަށް ދައުވާކުރަނީ ހަބީބުގެ ގައިގައި ތަޅައި މެރުމުގެ ދައުވާއެވެ. އެ ދެމީހުން އެކަކު އަނެކަކުގެ ގައިގައި އޮޅުލައި ހެދި ތަނުގެ ބިންމަތީގައި ފަސްބާޑިޖެހިފައި ހުރި ހުރުމަކީ ގުޅުންހުރި ވާގިއާ އެކެވެ.

މިސާލު: ވަހީދުގެ މައްޗަށް ދައުވާކުރަނީ ހަބީބުއަށް ވިހައެއް ބޯންދީގެން މެރުމުގެ ދައުވާއެވެ. ވިހަވުމުގެ ނިޝާންތައް ހަބީބުގެ ކިބައިން ފެނުމުގެ ކުރިން ހަބީބުގެ ސިއްހަތާބެހޭ ގޮތުން ރަޝީދުއަށް އެނގިފައި ހުރި މައުލޫމާތާއި ހަބީބުގެ އުޅުން ހުންނަ ގޮތާބެހޭ ގޮތުން ރަޝީދުއަށް އެނގިފައި ހުރި މައުލޫމާތަކީ ގުޅުންހުރި ވާގިއާތަކެކެވެ.

(ނ) ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ އަށް ތައްޔާރުވުމާއި ބޭނުންވާ-ސަބަބު ދައްކައިދޭ ވާގިއާ

ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ އަށް ތައްޔާރުވުމާއި ބޭނުންވާ-ސަބަބު ދައްކައިދޭ ނުވަތަ އަންގައިދޭ ކޮންމެ ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާއާ ގުޅުންހުރި ވާގިއާއެކެވެ. އަދި ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާއަށް ޚަސްމު ނުވަތަ ޚަސްމުގެ އެޖެންޓެއްގެ ފަރާތުން އެ ވާގިއާގެ ކުރިން ނަމަވެސް އަދި ފަހުން ނަމަވެސް އެއްވެސް ނުފޫޒެއް ފޯރުވާ ނަމަ ނުވަތަ ފޯރުވާފައިވާ ނަމަ، އެއީ ގުޅުންހުރި ވާގިއާއެކެވެ. މީހެއްގެ އަމަލަކީ ގުޅުންހުރި އަމަލެއް ކަމުގައި ވަނީނަމަ އެ އަމަލަށް ނުފޫޒުފޯރާ ގޮތަށް އެ އަމަލުކުރާ މީހާއާ މުޚާތަބުކޮށް ނުވަތަ އެމީހާގެ ހާޒިރުގައި އެހެން މީހަކު ބުނާ ބަހަކީ ގުޅުންހުރި ބަހެކެވެ.

މިސާލު: އަލިފުގެ މައްޗަށް ދައުވާކުރަނީ ބާ މަރާލުމުގެ ދައުވާއެވެ. ތާ މަރާލީ އަލިފުކަން ބާ އަށް އެނގެއެވެ. ބާ އަށް އެނގިފައިވާ އެނގުން ބޭނުންކޮށްގެން، އަލިފު ބާ އަށް ފައިސާ ނުދީފި ނަމަ އެ ޚަބަރު އާންމު ކުރާނެ ކަމަށް ބުނެ ބިރުދެއްކުމަކީ ގުޅުންހުރި ވާގިއާ އެކެވެ.

މިސާލު: އަލިފު، ބާ ގެ މައްޗަށް ދައުވާކުރަނީ ލިޔެފައިވާ ދަރަނީގެ ލިޔުމެއްގެ ދަށުން ދޭންޖެހޭ ފައިސާ ނުދީގެންނެވެ. އަލިފުގެ އަތުން ބާ ފައިސާ ނެގީ ވަކި މަގުސަދެއްގައި ކަމުގައި ބުނާނަމަ އެއީ ގުޅުންހުރި ވާގިއާ އެކެވެ.

މިސާލު: އަލިފުގެ މައްޗަށް ދައުވާކުރަނީ ވިހައެއް ދީގެން ބާ މަރާލުމުގެ ދައުވާއެވެ. ބާ ވިހަވެފައިވާ ޒާތުގެ ކެމިކަލެއް ބާ މަރުވުމުގެ ކުރިން އަލިފު ފިހާރައަކުން ގަތުމަކީ ގުޅުންހުރި ވާގިއާ އެކެވެ.

މިސާލު: ސުވާލަކީ އަލިފު ބާގެ އަތުން ފޭރުނުތޯ އެވެ. ބާގެ އަތުން ފޭރުނު ފަހުން އަލިފުގެ ހާޒިރުގައި ބާ ފޭރުނު މީހުން ހޯދަން ފުލުހުން އެބަ އަންނަ ކަމަށް ތާ ބުނުމުން، ވަގުތުން އަލިފު އެތަނުން ދުވެ ފިލި ފިލުމަކީ ގުޅުންހުރި ވާގިއާއެކެވެ.

މިސާލު: ސުވާލަކީ އަލިފު ބާ އަށް 10،000 ރުފިޔާ ދޭންޖެހޭތޯ އެވެ. ސާ އަށް އަޑުއިވޭ ހިސާބުގައި ތާ ހުއްޓާ، އަލިފު ތާ ގާތުގައި އަނބުރާ ދައްކަން ފައިސާކޮޅެއް ދީބަލާށޭ ބުނުމުން - ސާ، ތާ ގާތުގައި "އަލިފަށް އިތުބާރު ނުކުރާށޭ މިހާރުވެސް އަލިފު ބާ އަށް 10،000 ރުފިޔާ އަނބުރާ ނުދީ އެބައޮތޭ" ބުނުމުން އެކަމާމެދު އެއްވެސް އެއްޗެއް ނުބުނެ އަލިފު އެތަނުން ނިކުމެގެން ދިޔަ ދިޔުމަކީ ގުޅުންހުރި ވާގިއާ އެކެވެ.

މިސާލު: ސުވާލަކީ އަލިފު ކުށް ކޮށްފައިވޭތޯއެވެ.

(1) ކުށްކޮށްފައިވާ މީހާ ހޯދަން ފުލުހުން އެބައުޅޭ ކަމަށް މީހަކު ސިޓީއަކުން އަލިފަށް އެންގުމާ އެކު އަލިފު ފިލުމުން ސިޓީގައި ލިޔެފައި ހުރި މައުލޫމާތަކީ ގުޅުންހުރި ވާގިއާ އެކެވެ.

(2) ކުށް ކޮށްގެން ހޯދާފައިވާ ތަކެތި ނުވަތަ ފައިސާ ނުވަތަ މަންފާ އަތުގައި ހުރުމަކީ ގުޅުންހުރި ވާގިއާތަކެވެ.

(3) ކުށްކުރަން ބޭނުންކުރި އާލާތް ނުވަތަ ހަތިޔާރު ކަމަށް ބެލެވޭ އެއްޗެއް ފޮރުވުމަކީ ނުވަތަ ފޮރުވަން އުޅުމަކީ ގުޅުންހުރި ވާގިއާ އެކެވެ.

(4) އަލިފު، ބާ ރޭޕު ކުރުމާއެކު ވަގުތުން އެކަން ބާ ފުލުހުންނަށް ރިޕޯޓުކުރިއެވެ. ރިޕޯޓުކުރި ހާލަތާއި، ބާ ޝަކުވާ ކުރިއިރު ބޭނުންކުރި އިބާރާތްތަކަކީ ގުޅުން ހުރި ވާގިއާ ތަކެކެވެ.

(5) އަލިފު ބާ އަތުން ފޭރިގެންފިކަމަށް ބުނެ ވަގުތުން އެކަން ބާ ފުލުހުންނަށް ރިޕޯޓުކުރިއެވެ. ރިޕޯޓުކުރި ހާލަތާއި، ބާ ޝަކުވާ ކުރިއިރު ބޭނުންކުރި އިބާރާތްތަކަކީ ގުޅުން ހުރި ވާގިއާ ތަކެކެވެ.

(ރ) ގުޅުންހުރި ވާގިއާތައް އޮޅުންފިލުވައިދޭ އަދި ތައާރަފުކޮށްދޭ ވާގިއާތައް

ގުޅުންހުރި ވާގިއާތައް އޮޅުންފިލުވައިދޭ އަދި ތައާރަފުކޮށްދޭ ކޮންމެ ވާގިއާއަކީ ގުޅުންހުރި ވާގިއާ އެކެވެ. އަދި ގުޅުން ހުރި ވާގިއާއަށް ތާއީދުލިބޭ ނުވަތަ ގުޅުން ހުރި ވާގިއާއެއް ނަފީކުރާ ކޮންމެ ވާގިއާ އަކީ ވެސް ގުޅުންހުރި ވާގިއާއެކެވެ. މީގެ އިތުރުން، ގުޅުންހުރި މީހަކީ ކާކުކަން އަންގައިދޭ ނުވަތަ ގުޅުންހުރި ވާގިއާއެއް ހިނގި ތަނާއި ވަގުތު އަންގައިދޭ ކޮންމެ ވާގިއާ އަކީ ވެސް ގުޅުންހުރި ވާގިއާ އެކެވެ. އަދި މުއާމަލާތު ކޮށްފައިވާ ފަރާތްތަކުގެ ގުޅުން އަންގައިދޭ ވާގިއާ ތަކަކީވެސް އެ މަގްސަދަށްޓަކައި ގުޅުންހުރި ވާގިއާތަކެކެވެ.

މިސާލު: އަލިފުގެ މައްޗަށް ކުށެއް ކުރިކަމުގެ ތުހުމަތު އުފުލިފައިވެއެވެ.

(1) ކުށް ކުރުމާއެކު ކުއްލިއަކަށް އަލިފު އެހެން ގައުމަކަށް ދިޔައެވެ. މި ވާގިއާ އަކީ ގުޅުންހުރި ވާގިއާ އެކެވެ.

(2) އަލިފު ދިޔަ ތަނުގައި ވަރަށް މުހިންމު ކަމެއް ކުރަން ހުރިކަން އެއީވެސް ގުޅުންހުރި ވާގިއާ އެކެވެ. އެއީ އެހާ ކުއްލި ގޮތަކަށް އޭނާ ފުރަންޖެހުނު ސަބަބު އޮޅުން ފިލުވައި ދިނުމަށެވެ.

މިސާލު: އަލިފު ބާގެ ބައްޗަށް އުފުލާފައިވަނީ އަލިފާއި ތާއާ ދެމެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ ކޮންޓްރެކްޓާ ޚިލާފު ވުމަށް ތާ އަށް ބާ ހިއްވަރު ދީފައިވާތީ އެކަމުގެ ދައުވާއެވެ. ތާ، ވަޒީފާއިން ކެނޑިގެން ދަމުން އަލިފުގެ ގާތުގައި އަހަރެން މިތަން ދޫކޮށް މިދަނީ ބާ މާ ބޮޑު މުސާރައެއް ހުށަހަޅާފައިވާތީ ކަމަށް ތާ ބުނި ބުނުމަކީ ގުޅުންހުރި ވާގިއާ އެކެވެ.

މިސާލު: ވައްކަންކުރުމުގެ ތުހުމަތު ކުރެވިފައިވާ އަލިފު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މުދާ ބާ އަށް ދެނިކޮށް އަދި ބާ އެމުދާ އަލިފުގެ އަނބިމީހާއަށް ދެނިކޮށް ފެނިފައިވެއެވެ. ބާ އެމުދާ އަލިފުގެ އަނބިމީހާ އަށް ދެމުން ބުނެފައިވަނީ "މިތަކެތި ރަނގަޅަށް ފޮރުވާފައި ބެހެއްޓުމަށް އަލިފު ބުނި" މިގޮތަށެވެ. – ބާ ގެ މި ބަހަކީ މުއާމަލާތުގެ ބައެއް ކަމަށް ހިމެނޭ ވާގިއާއެއް އޮޅުން ފިލުވައިދޭ ވާގިއާއެއް ކަމުގައިވާތީވެ، މިއީ ގުޅުންހުރި ވާގިއާއެކެވެ.

މިސާލު: އަލިފުގެ މައްޗަށް ކޮށްފައިވަނީ ޣައިރުގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ދައުވާއެވެ. އަދި އެ އެއްވުމުގެ އެންމެ ކުރީ ސަފުގައި ހުރީ އަލިފުކަމަށް ސާބިތުވެފައިވެއެވެ. އެ އެއްވުމުގެ ބައިވެރިން ގޮވަމުންދިޔަ ގޮވާލުންތަކުން އެ މުއާމަލާތުގެ މަގްސަދަކީ ކޮބައިކަން އޮޅުން ފިލައެވެ. އެއްވުމުގެ ބައިވެރިން ގޮވަމުންދިޔަ ގޮވުންތަކަކީ ގުޅުންހުރި ވާގިއާއެކެވެ.

މިސާލު: އަލިފު ބޭނުންވަނީ އޭނާ ބާގެ މައްޗަށް ކުރާ ދައުވާގައި އިލެކްޓްރޯނިކް ފޯމެޓުގައި އޮތް ރެކޯޑެއް ހެއްކެއް ގޮތުގައި ހުށަހަޅާށެވެ. އެ އިލެކްޓްރޯނިކް ރެކޯޑް އުފެއްދި ގޮތާއި، މުއާމަލާތްކުރި ގޮތާއި، ފޮނުވި ގޮތާއި، ލިބުނު ގޮތާއި، ރައްކާކޮށްފައިވާ ގޮތާއި، އެ ރެކޯޑު އުފެއްދި ނުވަތަ ފޮނުވި ނުވަތަ ލިބިގަތް ނުވަތަ ރައްކާކުރި މެސިނުގެ ގެ އިތުބާރާއި، އެ މެސިނުގެ ހާލަތަކީ އެ އިލެކްޓްރޯނިކް ރެކޯޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ގުޅުންހުރި ވާގިއާތަކަކަށް ވެދާނެއެވެ.

(ބ) އެއް މަގުސަދެއްގައި ހަރަކާތްތެރިވުމާ ބެހޭ ގޮތުން ކުށްކުރަން ރޭވި މީހާ ބުނެފައިވާ ވާހަކަތަކާއި ކުރިކަންކަން

ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ކުށްކުރަން ރޭވުމުގައި، އެ ކުށް ކުރަން ގަސްތުކުރާކަން އެއިން އެކަކު ހާމަކުރުމުގެ ފަހުން، އެ މީހުން އެއް މަގްސަދެއްގައި ހަރަކާތްތެރިވިކަން އަންގައިދޭ، އެއިން ކޮންމެ މީހަކު ދައްކާފައިވާ ވާހަކަތަކާއި، ލިޔެފައިވާ ލިޔުންތަކާއި ކުރި ކަންކަމަކީ އެއިން ކޮންމެ މީހަކު ގުޅިގެން އެ ކުށްކުރަން ރޭވުމުގައި ބައިވެރިވެފައިވާކަން ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ ގުޅުންހުރި ވާގިއާއެވެ.

(ޅ) ގުޅުމެއް ނެތް ވާގިއާއެއް ގުޅުންހުރި ވާގިއާއަކަށް ވުން

ގުޅުމެއް ނެތް ވާގިއާއެއް އަންނަނިވި ހާލަތުގައި ގުޅުންހުރި ވާގިއާއެއް ކަމަށް ވެއެވެ.

(ހ) އެ ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ އާ ފުށުއަރާ ވާގިއާއެއް ކަމަށް ވުން.

(ށ) އެ ވާގިއާއަކުން ނުވަތަ އެވާގިއާ އެހެން ވާގިއާ އަކާ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ ނުވަތަ ގުޅުންހުރި ވާގިއާ ވުޖޫދުގައި ވާކަން ނުވަތަ ނޫންކަމުގެ އިހުތިމާލު ވަރަށް ބޮޑަށް އުފެދުން.

މިސާލު: ސުވާލަކީ ވަކި ދުވަހެއްގެ ވަކި ގަޑިއެއްގައި ކުޅުދުއްފުށީގެ ވަކިތަނެއްގައި އަލިފު ކުށެއް ކުރި ހެއްޔެވެ. އެދުވަހު އޭނާ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުރުމަކީ ގުޅުންހުރި ވާގިއާއެކެވެ. ސަބަބަކީ އެހެން ކަމަށް ވެއްޖިއްޔާ އަލިފު ކުށްކުރި ކަމަށް ވުމަކީ މުސްތަހީލުކަމެކެވެ. ނަމަވެސް ކުށްކުރި ވަގުތާ ގާތް ވަގުތެއްގައި އަލިފު ހުރީ ކުށްކުރިތަނާ ވަރަށް ދުރުގައި ކަމީ އޭނާ ކުށްކުރުން މުޅިން މުސްތަހީލުވުމެއް ނޫނެވެ. ނަމަވެސް އެއީ އޭނާ ކުށް ނުކުރާކަމުގެ އިހުތިމާލު އެފުދޭ ކަމެއް ކަމަށް ވާތީވެ، އެއީ ގުޅުން ހުރި ވާގިއާ އެކެވެ.

މިސާލު: ސުވާލަކީ އަލިފު ކުށް ކުރި ހެއްޔެވެ. ކަންހިނގާފައި އޮތް ގޮތަށް ބަލާއިރު ކުށްކުރީ އަލިފު ނުވަތަ ބާ ނުވަތަ ތާ ނުވަތަ ސާ އެވެ. އެކުށްކުރީ އަލިފު ނޫން އެހެން މީހަކު ނޫންކަމަށާއި، އެކުށް ބާ، ތާ ނުވަތަ ސާ ނުކުރާ ކަމަށް ދައްކައިދޭ ކޮންމެ ވާގިއާ އަކީ ގުޅުންހުރި ވާގިއާ އެކެވެ.

(ކ) ހައްގެއް ނުވަތަ އާދައެއް ވުޖޫދުގައި އޮތް ކަމާމެދު ސުވާލު އުފެދުން

ހައްގެއް ނުވަތަ އާދައެއް އޮތްކަމާމެދު ސުވާލު އުފެދޭ ހިނދު ތިރީގައި މިވާ ވާގިއާތަކަކީ ގުޅުންހުރި ވާގިއާތަކެކެވެ.

(ހ) ހައްގު ނުވަތަ އާދަ އުފެދުނު، ބަދަލުވި، ގަބޫލުކުރެވުނު، ހޯދުމަށް ދައުވާކުރި، ލިބިދިނުމަށް، އިންކާރުކުރި ނުވަތަ ވުޖޫދުގައިވުމާ ތައާރަޒުވާ ކޮންމެ ވާގިއާ އެއް.

(ށ) ހައްގު ނުވަތަ އާދައެއްގެ މައްޗަށް ދައުވާކުރި، ގަބޫލުކުރެވުނު ނުވަތަ އެ ބޭނުންކުރި ނުވަތަ ބޭނުންކުރުމާ ދެކޮޅު ހެދި ނުވަތަ ލިބެނެޖެހޭކަމަށް ބުނި ނުވަތަ އެއާ ޚިލާފަށް އަމަލުކުރި ހާލަތުތަކާއި ދަނޑިވަޅުތަކުގެ ވާގިއާތައް.

(އ) ހަށިގަނޑާއި ހަށިގަނޑުގެ އިހުސާސްތަކާއި ވިސްނުމުގެ ހާލަތު އަންގައިދޭ ވާގިއާތައް

މީހެއްގެ ވިސްނުމުގެ ހާލަތުތައް ކަމުގައިވާ ނިޔަތާއި، އެނގުމާއި، ތެދު ނިޔަތާއި، އިހުމާލުވުމާއި، ފަރުވާލެއް ނެތުމާއި، ވަކި މީހަކަށް ދެރަގޮތެއް ނުވަތަ ހެޔޮގޮތެއް ވުމަށް އެދޭ އެދުމާއި، ހަށިގަނޑުގެ ހާލަތު ނުވަތަ ހަށިގަނޑުގެ އިހުސާސްތަކުގެ ހާލަތާމެދު ގޮތެއް ކަނޑައަޅަންޖެހޭ ހިނދު އެއިން ކޮންމެ ކަމަކީ ގުޅުންހުރި ވާގިއާއެކެވެ. ގުޅުންހުރި ކޮންމެ ވާގިއާ އަކީ މީހެއްގެ ވިސްނުމުގެ ހާލަތު އަންގައިދޭ ކަމެއް ނޫނެވެ. ގުޅުންހުރި ވާގިއާ އަކީ ވަކި ޚާއްސަ ވަގުތެއްގައި ނުވަތަ ވަކި ޚާއްސަ ހާލަތެއްގައި ވަކި ކަމަކާ ބެހޭގޮތުން އޭނާގެ ވިސްނުމުގެ ހާލަތު އަންގައިދޭ ކޮންމެ ވާގިއާ އެކެވެ. އަދި މި ބޭނުމަށްޓަކައި ކުށުގެ ތުހުމަތު އުފުލިފައިވާ މީހާ ކުރިން ކޮށްފައިވާ ކުށްކުށާއި އެމީހާގެ މައްޗަށް ކުރިން ސާބިތުވެފައިވާ ކުށްކުށަކީވެސް ގުޅުންހުރި ވާގިއާތަކެވެ.

މިސާލު: އަލިފުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ވަގަށް ނަގާފައިވާ މުދާކަން އެނގިހުރެ މުދާތަކަކާ ހަވާލުވެފައިވާ ކަމުގެ ދައުވާއެވެ. އޭނާގެ އަތުގައިހުރި މުދަލުގެ ތެރެއިން އެކައްޗަކީ، ވަގަށް ނަގާފައިވާ އެއްޗެއްކަން ސާބިތުވިއެވެ. ވަގަށް ނަގާފައިވާ އެހެނިހެން މުދާ އޭނާގެ އަތުގައި ހުރިކަމުގެ ވާގިއާ އަކީ، އެ ތަކެއްޗަކީ ވަގަށް ނަގާފައިވާ ތަކެތިކަން އޭނާއަށް އެނގޭކަން ދެއްކުމަށްޓަކައި ބޭނުންކުރެވިދާނެ ގުޅުންހުރި ވާގިއާއެކެވެ.

މިސާލު: އަލިފުގެ މައްޗަށް ދައުވާކޮށްފައިވަނީ ގަސްތުގައި ބާ މަރަން ބާގެ ގަޔަށް ބަޑިޖެހިކަމުގެ ދައުވާއެވެ. އޭގެ ކުރިން އެހެން ފަހަރަކު ބާގެ ގަޔަށް އަލިފު ބަޑި ޖަހާފައިވާކަން ދެއްކުމަކީ އަލިފުގެ ނިޔަތް ސާބިތުކުރުމަށްޓަކައި ގުޅުން ހުރި ގަރީނާ އެކެވެ.

(ވ) ކަން ހިނގީ އެކްސިޑެންޓަކުންކަން ނުވަތަ ގަސްތުގައިކަން ދެއްކުމުގެ ވާގިއާތައް

ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ކަން ހިނގާފައިވަނީ އެކްސިޑެންޓަކުންކަން ނުވަތަ ގަސްތުގައިކަން ނުވަތަ އެނގިގެންކަން ނުވަތަ އިހުމާލުންކަން ދެއްކުމަށްޓަކައި ސިލްސިލާގޮތެއްގައި ހިނގާފައިވާ އެ ބާވަތުގެ އެންމެހައި ކަންކަމަކީ ގުޅުންހުރި ވާގިއާ ތަކެކެވެ.

މިސާލު: އަލިފުގެ މައްޗަށް ދައުވާކޮށްފައިވަނީ އިންޝުއަރަންސް ޕޮލިސީގެ ދަށުން ފައިސާ ހޯދުމަށްޓަކައި އޭނާގެ އަމިއްލަ ގެ އަންދާލުމުގެ ދައުވާއެވެ. އަލިފު ކުރިން އުޅުނު ހުރިހާ ގެއެއްގައި ރޯވި ކަމާއި އެއިން ކޮންމެ ފަހަރަކު ތަފާތު އިންޝޫރަންސް ކުންފުންޏަކުން ފައިސާ ލިބުނު ކަމަކީ ގުޅުންހުރި ވާގިއާތަކެކެވެ.

(މ) އާންމުކޮށް ކަން ކުރުމަށް ހަމަޖައްސާފައިވާ އުސޫލުން ކުރަންޖެހޭ ކަމެއް ކުރުން

ވަކި ކަމެއް ކޮށްފައިވާ ކަމުގެ ސުވާލު އުފެދިފައިވާ ހިނދު، އާންމުކޮށް ކަން ކުރުމަށް ހަމަޖައްސާފައިވާ އުސޫލުން އެއީ ކުރަންޖެހޭ ކަމެއްނަމަ، އެކަން އޮތީ ކޮށްފައިކަމަށް ދެއްކުމަކީ ގުޅުންހުރި ވާގިއާއެކެވެ.

މިސާލު: ސުވާލަކީ އެ ސިޓީ ވަނީ އޮފީހުން ބޭރުކޮށްފައިވޭތޯ އެވެ. އެ އޮފީހުން ބޭރުކުރަންޖެހޭ ސިޓީތައް އަޅަން ހަމަޖައްސާފައި އޮންނަނީ ވަކި ތަބަކަކަށް އަޅައިގެން ކަމަށްވާނަމަ، އެ ސިޓީ އެ ތަބަކަށް ލީކަމަށް ދެއްކުމަކީ ގުޅުންހުރި ވާގިއާ އެކެވެ.

ގުޅުންނެތް ވާގިއާތަކުގެ ބައެއް މިސާލު

ތިރީގައިމިވަނީ ގުޅުންނެތް އަދި އެއް ވާގިއާ އިން އަނެއް ވާގިއާ ވުޖޫދުވިކަން ސާބިތުކުރުމަށް ނުފުދޭނޭ ބައެއް ވާގިއާތަކުގެ މިސާލުތަކެވެ.

(ހ) ދައުވާލިބޭ ފަރާތުން ބުނެފައިވަނީ ދައުވާކުރާ ފަރާތުން ފޯރުކޮށްދީފައިވާ ޝަރުބަތު ފުޅިތަކަކީ ހަލާކުވެފައިވާ ތަކެތި ކަމަށް ވާތީވެ، އެއަށް އަގުދޭން ނުޖެހޭނެ ކަމަށެވެ. ދައުވާލިބޭ ފަރާތުގެ ވާހަކަ ނަފީކުރުމުގެ ގޮތުން ދައުވާކުރާ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅަން ބޭނުންވީ އެނާގެ އަތުން ކުރިން ޝަރުބަތު ގަނެފައިވާ ކަސްޓަމަރުންގެ ހެކިބަހެވެ. އެ ހެކިންގެ ފުށުން ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭން ބޭނުންވީ އޭނާ ފޯރުކޮށްދިން އެހެން ކަސްޓަމަރުންނަށް ލިބުނީ ރަނަގަޅު ޝަރުބަތުކަމެވެ. ކޯޓުން ބުނެފައިވަނީ އެ ކަސްޓަމަރުންގެ ހެކިބަހުން ދައުވާލިބޭ ފަރާތަށް ފޯރުކޮށްދިން ސުވާލުއުފެދިފައިވާ ޝަރުބަތުގެ ފެންވަރު ސާބިތުނުވާނެތީވެ، އެ ކަސްޓަމަރުންގެ ހެކިބަހުން ސުވާލު އުފެދިފައިވާ ވާގިއާ ސާބިތުވުމަށް ނުވަތަ ނުވުމަށް އެއްވެސް ބުރަދަނެއް ގެނެސްނުދޭތީވެ، އެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށެވެ.

(ށ) ޑޮކްޓަރެއްގެ އިހުމާލުން ބަލިމީހަކު މަރުވިކަމުގެ ދައުވާ އުފުލިފައިވާ މައްސަލައިގައި އެ ޑޮކްޓަރު އެހެން ބަލިމީހުންނަށް ބޭސްކުރުމުގައި އޭނާގެ ގާބިލުކަންހުރިކަން ދެއްކުމުގެ ގޮތުން، ކުރިން އެ ޑޮކްޓަރު އެހެން ބަލިމީހުންނަށް ރަނގަޅަށް ފަރުވާދީފައިވުމަކީ މި ބަލިމީހާއަށް އިހުމާލުނުވާކަން ސާބިތުވުމަށް ބުރަދަނެއް ގެނެސްދޭ ވާގިއާތަކެއް ނޫންކަމުން އެއީ ގުޅުންނެތް ވާގިއާތަކެކެވެ.

23HN3އާއްމު އުސޫލެއްގެ ގޮތުން، ހެއްކެއް ބަލައިގަތުމުގެ އަސާސަކަށް ވާންޖެހޭނީ އެ ހެއްކަކީ ގުޅުންހުރި ހެއްކަކަށް ވުމެވެ. ނަމަވެސް އެ ހެއްކަކީ ގުޅުންހުރި ހެއްކެއް ކަމަށް ވިޔަސް އެ ހެއްކަކީ ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވާ ހެއްކަކަށް ވާންޖެހޭނެއެވެ. މިސާލަކަށް، އެހެއްކަކީ ގުޅުން ހުރި ހެއްކެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ އިތުރަށް، އެ ހެއްކަކީ ގާނޫނުއަސާސީގެ މ.52 ގައި ބަޔާންކޮށްފައިވާފަދައިން ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ނޫންކަން ކަށަވަރުކުރަންވާނެއެވެ. މީގެ މާނައަކީ، ބަލައިގަނެވޭ ކޮންމެ ހެއްކަކީ ގުޅުންހުރި ހެއްކަކަށް ވުން ލާޒިމުވުމެވެ. ނަމަވެސް ގުޅުންހުރި ކޮންމެ ހެއްކަކީ ބަލައިގަންނަންޖެހޭ ހެއްކެއް ކަމަށް ނުވެދާނެއެވެ. ގުޅުން ހުރި ހެއްކެއް ކަމަށް ވިޔަސް އެހެކި ބަލައިގަނެވޭނީ ގާނޫނީ ޓެސްޓުން އެ ހެކި ފާސްވުމުންނެވެ. އެހެންކަމުން އެ ހެއްކެއް ބަލައިގަނެވޭނީ:

(ހ) އެ ހެކި ޚަސްމަކު ހުށަހަޅާފައި ވުން،

(ށ) އެ ހެއްކަކީ ގުޅުންހުރި ހެއްކަކަށް ވުން (ހެއްކަކީ، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާގިއާ ނުވަތަ ދައުވާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ހެއްކަކަށްވުން)،

(ނ) އެ ހެކި ގާނޫނީ ޓެސްޓުން ފާސްވުން (މާނައަކީ އެ ހެއްކަކީ ހެއްކާބެހޭ ގާނޫނުން ހުއްދަކުރާ ހެއްކަކަށްވުން)،

މި ތިން ޝަރުތު ފުރިހަމަވުމުންނެވެ.

24HN4ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، އެގޮތުން ބަލައިގަނެވޭ ކޮންމެ ހެއްކަކަށް ދޭނެ ބުރަދަން ކަނޑައަޅާނީ، ގާނޫނުތަކަށް ރިއާޔަތްކޮށްގެން ޝަރީޢަތުގެ މަރުހަލާގައި މައްސަލަ ބަލާ ފަނޑިޔާރެވެ.

25ބަލައިގެންފައިވާ ހެއްކަކީ ގުޅުންހުރި، ނަމަވެސް އިތުބާރު ނެތް ހެއްކެއް ކަމަށްވާނަމަ، އެ ހެކިބަސް ނުވަތަ ހެކި ހުށަހަޅާ ފަރާތުން ހެކި ހުށަހެޅުމުން، އެ މަރުހަލާގައި ސަބަބު ބަޔާންކޮށް، ނުވަތަ އޭގެ އިދިކޮޅު ދޭހަވާ ހެކި ހުށަހަޅައި، އެ މަރުހަލާގައި އެ ހެއްކެއް ތައުނުކޮށް ވާހަކަދައްކަން ޝަރީޢަތްކުރާ ފަނޑިޔާރު އަނެއް ޚަސްމަށް ފުރުސަތު ދޭންވާނެއެވެ.

26HN5ޝަރީޢަތްކުރާ ކޯޓުން ހެއްކެއް ބަލައި ނުގަތުމަށް ނިންމާ ނިންމުމަކީ ރަނގަޅުނޫން ނިންމުމެއް ކަމަށްވީ ނަމަވެސް، އެ ހެއްކާ ނުލައި ދެންހުރި ހެކިތަކުން ކުށް ސާބިތުވާނަމަ، އެ ހެކި އެއްކިބާކުރުން އެއީ ސަބަބެއް ކަމަށް ބަލައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ. ގުޅުންނެތް ހެއްކެއް ބަލައިގަތް ކަމަށްވީ ނަމަވެސް، އެ ހެކީގެ ސަބަބުން ކޯޓުގެ ނިންމުމަށް އަސަރުކޮށްފައިނުވާނަމަ، އެ ސަބަބަށްޓަކައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ.

27ނުގަވައިދުން ހެއްކެއް ބަލައިގެންފައިވާ ކަމަށް ބުނެ ނުވަތަ ނުގަވައިދުން ހެއްކެއް އެއްކިބާކޮށްފައިވާ ކަމަށް ބުނެ، އިސްތިއުނާފުކުރާ ހާލަތުގައި، އެ މައްސަލަ ކާމިޔާބުކުރުމަށްޓަކައި، ނުގަވައިދުން ހެއްކެއް ބަލައިގެންފައިވާ ކަމަށް ނުވަތަ ނުގަވައިދުން ހެއްކެއް އެއްކިބާކޮށްފައިވާ ކަމަށް ބުނުމުގެ އިތުރުން، އެކަމުގެ ސަބަބުން އެ މައްސަލައިގައި އަދުލުއިންސާފު އެއްކޮށް ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ދައްކައިދޭންވާނެއެވެ.

28ހަނދާން ބަހައްޓަންޖެހޭ ކަމަކީ ބަލައިނުގަނެވޭނެ ހެއްކެއް ބަލައިގަތުމަށްވުރެ ގެއްލުން ބޮޑުވާނީ ބަލައިގަންނަންޖެހޭ ހެއްކެއް އެއްކިބާކުރުން ކަމެވެ. އެހެނީ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވެފައިވާ ގޮތަށް ބަލައިގެންފައިވާ ހެކިތަކާމެދު ތައުނުކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަރުހަލާގައި އަދި އިސްތިއުނާފުގެ މަރުހަލާގައި ޚަސްމުންނަށް ހުޅުވިފައި އޮންނާނެއެވެ. މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް ގަޒިއްޔާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އެ ގަޒިއްޔާގެ ހުކުމުގެ 18 ވަނަ ޕެރެގްރާފުގައި ވިދާޅުވެފައިވާ ފަދައިން އެ ހެއްކެއް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ބަލައިގަތުމަށް ފަނޑިޔާރު ނިންމި ނަމަވެސް، ޝަރީޢަތުގެ މަރުޙަލާގައި އެހެއްކެއް ތައުނުކުރުމުގެ ފުރުސަތު އެ ހެކި ހުށަހެޅި ޚަސްމު ނޫން އަނެއް ޚަސްމަށް ލިބިގެންވެއެވެ.

29މި ނުކުތާއާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ ހެކިތައް ބަލައި ނުގަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ، ހުށަހެޅިފައިވާ ދަޢުވާއާ ގުޅުންހުރި އިތުބާރުހިފޭ ހެއްކާއި، ދައުވާގެ މައުލޫއާ ގުޅުމެއްނެތް، އިތުބާރުނުހިފޭ ހެކި ހުރިތޯ ނެތްތޯ އެއްވެސް ވަރަކަށް ބަލާފައި ނޫންކަމަށެވެ. އަދި އިސްތިއުނާފުކުރެވުނު ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވެއެވެ. އެހެނީ އިސްތިއުނާފް ކުރެވުނު މައުލޫއަކީ ކްރިމިނަލް ކޯޓުގެ ނިންމުމުމުގައި އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައި ނެތްކަމަށް ބުނެ ފާހަގަކުރި ނުކުތާ ކަމަށްވާއިރު، އެ ނުކުތާއަށް ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މި ނުކުތާގައި ފާހަގަކޮށްފައިވާ ކަމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޒިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭފަދަ ހާލަތެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައިނުވާތީ، އެ ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ މ.43 ގައި ބަޔާންކޮށްފައިވާފަދަ ގާނޫނީ ސަބަބެއް އޮތް ނުކުތާއެއް ކަމަކަށްނުދެކޭ ކަމަށެވެ.

30މި ނުކުތާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ:

"ހުށަހެޅިފައިވާ ހުރިހާ ހެކިތަކަށް ބަލާއިރު، މިއިން ކޮންމެ ހެއްކަކީ ރ. ފުއްގިރި ކުއްޔަށް ދިނުމާއި، އަދި އެ މުއާމަލާތާ ގުޅުން ހުރި ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތާ ގުޅުންހުރި ހެކިތަކެކެވެ. ހުށަހެޅިފައިވާ އެންމެހައި ހެކިތަކަށް ބަލާއިރު މައްސަލައިގެ މައުލޫއާ ނުގުޅޭ ނުވަތަ ވާގިއާއަކާ ގުޅުމެއްނެތް ހެއްކެއް ހުށަހެޅިފައި ނުވެއެވެ. އެހެންކަމުން، ބަލައިނުގަންނަން އެދިފައިވާ ސަބަބުތަކަށް ބަލާއިރު، މި ހެކިތައް ބަލައި ނުގަންނަންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކެމެވެ."

31ކުށް ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ހެކިތަކަކީ ދައުވާލިބޭ ފަރާތުގެ ނަޒަރުގައި ގުޅުންނެތް ހެކިކަމަށް ވަކިވަކީން ކޮންމެ ހެއްކަކާ ގުޅިގެން ސަބަބު ބަޔާންކޮށް ޝކހ ގައި ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވާއިރު، މި މައްސަލައިގައި އުފެދޭ ސުވާލަކީ މިގޮތަށް ގަނޑުކޮށް ހުރިހާ ހެކިތަކަކީ މައްސަލައިގެ ދައުވާއާ ގުޅޭ ނުވަތަ ސާބިތުކުރަންޖެހޭ މައިގަނޑު ވާގިއާ ގުޅޭ ހެކި ކަމަށް ފަނޑިޔާރު ބަޔާންކުރުމުން، އެ ހެކިތައް ބަލައިގަތުމަށް ފަނޑިޔާރު ނިންމި ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަށް ބަޔާންކޮށްފައިވާ ކަމަށް ބެލެވޭނެ ހެއްޔެވެ. ސަބަބު ބަޔާންކުރަންޖެހުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމުވާ ކަމެކެވެ. ސުވާލަކީ މިގޮތަށް ގަނޑުކޮށް އޮތުމުން ގާނޫނީ މަސްދަރުތަކުގައި ބަޔާންކޮށްފައި އޮންނަ ގޮތަށް އޮޅިގަނޑު ގިރާކުރެވޭ ހެއްޔެވެ.

32ސުޕްރީމް ކޯޓުން ނިންމާފައިވާ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައިވާ "ހެއްކެއް ޝަރީޢަތަށް ގަބޫލުކުރުމާ ގުޅޭ މައްސަލަތަކުގައި އާއްމު އުސޫލަކަށް ވާންޖެހޭނީ، ކޮންމެ ހެއްކެއް އެއީ މައްސަލައިގައި ވަކިކަމެއް ސާބިތުކުރުމަށް އޮތް ހަރުދަނާ ހެއްކެއް ކަމަށް ބެލެވޭނަމަ، ނުވަތަ މައްސަލައާ ސީދާ ގުޅުމެއްވާ ހެއްކެއް ކަމަށް ބެލެވޭނަމަ، އެފަދަ ހެއްކެއް އެއީ ޝަރީޢަތުން ގަބޫލުކުރާ ހެއްކެއް ކަމަށް ވެގެން ދިއުމެވެ..." މި ބައި ނަކަލުކުރެވުމަށްފަހު، އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޝަފީޢުގެ ތަފާތުވި ރައުޔުގައި (ޕެރެގްރާފް 40 ން 53 އަށް) ވިދާޅުވެފައިވަނީ، ގުޅުން އޮތްތޯ ނެތްތޯ ބެލުމުގެ މާނައަކީ ގަނޑުކޮށް ހުރިހާ ހެއްކެއް އެ ހެކި ހުށަހެޅިފަރާތުން ހުށަހެޅިގޮތަށް ގަބޫލުކުރުން ކަމަށް ނުދެކޭ ކަމަށާއި، "ހެކިތަކަށް ޖުމްލަކޮށް ބަލައިގެން" ގޮތް ކަނޑައަޅަންވާނެކަމަށް ބުނާ ބަހުގެ މާނައަކީ އެއް ހެކި އަނެއް ހެއްކާ ގުޅުވައިގެން އެކުއެކީގައި ހެކިތަކަށް ބެލުމުން ވަކި ހެއްކެއް ގުޅޭތޯ ނުވަތަ ނުގުޅޭތޯ ބެލުންކަމުގައި ދެކޭ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޝަފީޢުގެ ރައުޔަށް ބާރު ހޯދުމަށް ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގައިވާ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްގެ ރައުޔުގެ 31 ވަނަ ޕެރެގްރާފަށާއި، 32 ވަނަ ޕެރެގްރާފަށާއި، ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން ގަޒިއްޔާގެ ހުކުމުގެ 33 ވަނަ ޕެރެގްރާފާއި، 34 ވަނަ ޕެރެގްރާފާއި 35 ވަނަ ޕެރެގްރާފާއި 36 ވަނަ ޕެރެގްރާފަށް ހަވާލާދީފައި ވެއެވެ. ހައިކޯޓަށް އިސްތިއުނާފުކުރެވުނު މި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާ ބެއްލެވި އަޣުލަބިއްޔަތު ފަނޑިޔާރުން ގޮތެއް ކަނޑައަޅާފައި އޮތް ކަމަށް އަހުރެން ނުދެކެމެވެ. އިސްތިއުނާފީ މި ނުކުތާއަށް ގޮތެއް ކަނޑައެޅުއްވުމުގެ ބަދަލުގައި ހައިކޯޓުގެ އަޣުލަބިއްޔަތު ފަނޑިޔާރުން މި ނުކުތާއާމެދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޒިއްޔާގެ 15 ވަނަ ޕެރެގްރާފުގައިވާ ފަދައިން ދަށު ކޯޓުގައި ޝަރީޢަތްކުރާ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭފަދަ ސަބަބެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާ ކަމަށާއި، ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުމަކީ އިސްމާއީލް އިފްހާމް ގެ މައްސަލައިގެ ހުކުމުގެ ޕެރެގްރާފް 25 އިން 34 އަށް ބަޔާންކޮށްފައިވާ ގާނޫނީ އުސޫލާ ޚިލާފު ނިންމުމެއް ކަމަށް ބެލެވޭ ސަބަބެއް ނެތް ކަމަށެވެ.

33HN6ދަށު ކޯޓުގައި ޝަރީޢަތްކުރާ ފަނޑިޔާރަކީ ދެފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެކިތަކަކީ ޝަރީޢަތުގެ ދޮރުން އެތެރެއަށް ވެއްދިދާނެ ހެކިތަކެއްކަން ނުވަތަ ނޫންކަން ކަނޑައަޅަން ހުންނަ ދޮރުވާނެވެ. އެހެންކަމުން، އެ ނިންމުމަކީ އިންސާފުވެރި ނިންމުމަކަށް ވާންޖެހޭނެއެވެ. އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއްކަން ފަނޑިޔާރުގެ ހިތުގައި އޮތުމަކުން ނުފުދެއެވެ. އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ބެލެވޭނީ، އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއްކަން ބޭރުފުށުން ކަށަވަރުކުރެވޭ ނަމައެވެ. އެކަން ބޭރުފުށުން ކަށަވަރުކުރެވޭނީ ނިންމުމަށް ވާސިލުވި ސަބަބުތައް ސާފުކޮށް ބަޔާންކުރުމުންނެވެ.

34HN7ހެއްކެއް ބަލައިގަތުމާބެހޭ ގޮތުން ނުވަތަ ހެކި އެއްކިބާ ކުރުމާބެހޭ ގޮތުން ފަނޑިޔާރު ނިންމާ ނިންމުމުގައި ފުރަތަމަ ބަޔާންކުރަންވާނީ ސުވާލުއުފައްދާފައިވާ ހެއްކަކީ ވާގިއީ ގޮތުން ގުޅުންހުރި ހެއްކެއް ތޯއެވެ. އެހެއްކަކީ ގުޅުންހުރި ހެއްކެއްތޯ ބެލުމަށް އެހީއެއްގެ ގޮތުގައި މި ރައުޔުގެ 22 ވަނަ ޕެރެގްރާފުގައިވާ ސުރުޚީތަކާއި އެ ސުރުޚީތަކުގެ ދަށުގައިވާ މިސާލުތައް ބޭނުން ކުރެވިދާނެއެވެ. އެއަށްފަހު، ހެކި ބަލައިގަތުމާބެހޭ ގޮތުން ހެއްކާބެހޭ ގާނޫނުގައި ނުވަތަ އެނޫންވެސް ގާނޫނެއްގައި ބަޔާންކުރާ ގާނޫނީ ޝަރުތުތައް ފުރިހަމަވޭތޯ ބަލަންވާނެއެވެ. އެއަށްފަހު، ސުވާލު އުފައްދާފައިވާ ހެކީގެ މައްޗަށް ގާނޫނުގައި ބުނާއެއްޗެއް ތަތުބީގުކުރާނީއެވެ. މި ގޮތަށް ގާނޫނު ތަތުބީގުކުރުމުގައި ދެ ޚަސްމުންގެ ފަރާތުން ކުރިމަތިކޮށްފައިވާ ބަހުސްތަކެއް ހުރި ނަމަ އެ ބަހުސްތަކުގެ ޚުލާސާއެއް ލިޔުމަށްފަހު، އެ ބަހުސްތަކާބެހޭ ގޮތުން ފަނޑިޔާރަށް ބުރަވެވުނު ގޮތް ތިލަ ބަހުން އާދައިގެ މީހަކަށް ސާފުވާގޮތަށް ތަފްސީލުކޮށް ލިޔަންވާނެއެވެ. ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލުކޮށް، އަދި ސާފުކޮށް ލިޔަންޖެހޭ ސަބަބަކީ ޝކހ ގައި ހެކި ބަލައިގަތުމަށް ނުވަތަ ހެކި އެއްކިބާކުރަން ފަނޑިޔާރު ނިންމާ ކޮންމެ ނިންމުމަކީ އޭގެ ސަބަބުން މައްސަލައިގެ ހުކުމަށް ސީދާ އަސަރުކޮށްފާނެ ކަމަކަށްވާތީއެވެ. އެ ހެއްކަކީ ގުޅުން އޮތް ހެއްކެއް ކަމަށްވީ ނަމަވެސް، އެ ހެއްކަކީ ތައައްސުބު އުފެދޭނެ ހެއްކެއް ކަމަށް ފެނިގެން ހެއްކާބެހޭ ގާނޫނުގައިވާ ގޮތަށް ހެއްކެއް އެއްކިބާކުރާ ހާލަތުގައި، ވަކިގޮތެއް ނިންމުމަށްޓަކައި، ދެފަރާތުގެ ހައްގުތައް މީޒާންކޮށް، ވަޒަންހަމަކުރި ގޮތުގެ ތަފްސީލު ސާފުކޮށް ލިޔަންވާނެއެވެ.

35HN8އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޝަފީޢުގެ ތަފާތުވި ރައުޔުގައި ބަޔާންކުރި ފަދައިން ގަނޑުކޮށް ހުރިހާ ހެއްކެއް އެ ހެކި ހުށަހެޅިފަރާތުން ހުށަހެޅިގޮތަށް އެ ހެކިތަކަކީ ގުޅުންހުރި ހެކިކަމަށް ބަޔާންކުރުމުން، އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއްކަން ބޭރުފުށުން ކަށަވަރުނުކުރެވޭނެތީވެ، އެ ހުރިހާ ހެކިތަކަކީ ގުޅުންހުރި ހެކިކަމަށް، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު މި އިސްތިއުނާފުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމުގައި ލިޔެފައި އޮތީ ރަނގަޅަށް ކަމަށް ނުބެލެވެއެވެ. ކޮންމެ ހެއްކަކާމެދު ފެންނަގޮތް ވަކިވަކީން ބަޔާންކުރަންޖެހޭނެއެވެ. މިގޮތަށް މިކަން ކުރުމަކީ ޝަރީޢަތްކުރާ ފަނޑިޔާރުންގެ މަސައްކަތްތަކުގެ އަދަދާއި ވަސީލަތްތައް ހުރި ގޮތުން ބުރަކަމެއްކަން ވެސް އެނގެއެވެ. އެ ހުރިހާ ދަތި އުނދަގޫތަކާ އެކުވެސް ފަނޑިޔާރުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމެވެ. ނަމަވެސް އަދުލު އިންސާފު ގާއިމުކުރުމުގައި ކުރު އަދި ކަންފަސޭހަ މަގެއް އިޚްތިޔާރުކުރެވެން ނެތެވެ.

36ހެކިބަލައިގަތުމަށް ފަނޑިޔާރު ނިންމި ނިންމުން ލިޔެފައި އޮތީ ރަނގަޅަށް ކަމަށް ނުވިޔަސް، މި ރައުޔުގެ 27 ވަނަ ޕެރެގްރާފުގައި ބުނެފައިވާ ފަދައިން، ނުގަވައިދުން ހެއްކެއް ބަލައިގެންފައިވާ ކަމަށް ބުނެ ނުވަތަ ނުގަވައިދުން ހެއްކެއް އެއްކިބާކޮށްފައިވާ ކަމަށް ބުނެ، އިސްތިއުނާފުކުރާ ހާލަތުގައި، އެ މައްސަލަ ކާމިޔާބުކުރުމަށްޓަކައި، ނުގަވައިދުން ހެއްކެއް ބަލައިގެންފައިވާ ކަމަށް ނުވަތަ ނުގަވައިދުން ހެއްކެއް އެއްކިބާކޮށްފައިވާ ކަމަށް ބުނުމުގެ އިތުރުން، އެކަމުގެ ސަބަބުން އެ މައްސަލައިގައި އަދުލުއިންސާފު އެއްކޮށް ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ދައްކައިދޭންވާނެއެވެ. އަތުގައި މި އޮތް ދެ މައްސަލައިގައި ހެކި ބަލައިގަތުމުގެ ސަބަބުން އަދުލު އިންސާފު އެއްކޮށް ގެއްލޭނެކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހުން އަހުރެންނަށް އިގްތިނާއުނުވެވުނެވެ. އެހެންކަމުން، މިހާރު މި މައްސަލަތައް ޝަރީޢަތުގެ މަރުހަލާއަށް ގޮސްފައި އޮތުމުން، އަލުން ޝަރީއަތުގެ ކުރީގެ މަރުހަލާއަށް ގޮސް، ކޯޓަށް ހުށަހެޅިފައިވާ ދައުވާތަކުގެ މައުލޫތަކާ ހުރިހާ ހެކިތައް ގުޅޭގޮތް ބަޔާންކުރުމަށްޓަކައި މި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކުރަންޖެހޭ ކަމަށް ނުދެކެމެވެ. ސަބަބަކީ މި ރައުޔުގެ 25 ވަނަ ޕެރެގްރާފުގައި ބަޔާންކުރި ފަދައިން، ބަލައިގެންފައިވާ ކޮންމެ ހެއްކެއް، އެހެއްކެއް ހުށަހެޅިފަރާތުން ޝަރީޢަތުގައި ބަޔާންކުރުމުން، އެއިން ކޮންމެ ހެއްކަކަށް ވަކިވަކީން ތައުނުކޮށް އެ ހެކި ނަފީކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަރުހަލާގައި އަދި އިސްތިއުނާފުގެ މަރުހަލާގައި ޚަސްމުންނަށް ފުޅާކޮށް ހުޅުވިފައި އޮންނާނެތީއެވެ.

އަޙްމަދު އަދީބުއާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަސް ބަލައިގަތުމާބެހޭ

37މި ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ، 18 ޖެނުއަރީ 2023 ގައި އަމަލުކުރަން ފަށާފައިވާ ހެއްކާބެހޭ ގާނޫނުގައި، ހެކިބަލައިގަތުމާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތަށް މަސްލަހަތު ބޮޑު ފުރުސަތުތަކެއް ހުރި ނަމަވެސް، އެ ގާނޫނުގައިވާ ގޮތުގެމަތިން ހެކި ބަލައިގަތުމާގުޅޭ ގޮތުން ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ނުދީ، އަދި އެ ގާނޫނުގެ މ.51 ގައި ކަނޑައެޅިގެން ހެކިބަސް ނަގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އަދާވާތްތެރިކަމާއި މަސްލަހަތު ފުށުއެރުމުގެ ހާލަތުގައި ތިބި ދެ ހެކިން ޝަރީއަތަށް ބަލައިގަނެ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާ އާއި ގާނޫނުއަސާސީގެ މ.59 ގެ (ހ) ގައި ބަޔާންކޮށްފައިވާ ޖިނާއީ ޝަރުއިއްޔަތުގެ އުސޫލާ ޚިލާފަށް ކަމަށެވެ. މި ނުކުތާ ތަފްސީލުކޮށްދިނުމުގެ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ ގާނޫނު މާޒީއަށް ތަތުބީގުކުރުމާބެހޭ ގޮތުން، މިހާރު ޢަމަލުކުރަންޖެހޭ ގާނޫނީ އުސޫލު ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން ގަޒިއްޔާގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ގާނޫނީ ގޮތުން ރަނގަޅަށް ނޫންކަމަށާއި، މިގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާގައި ގާނޫނު މާޒީއަށް ހިންގުމާބެހޭ ގޮތުން ކަނޑައަޅާފައިވާ އުސޫލު މިފަހުން ސުޕްރީމް ކޯޓުން ނިންމި އަޙްމަދު މާޖިދުގެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ބާތިލުކޮށްފައިނުވާ ކަމަށެވެ.

38ގާނޫނުއަސާސީގެ މ.59 ގެ (ހ) ގެ ފަހު ޖުމްލައިގައިވާ ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައި ވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ގާނޫނުގައި ވާ ލުއި އަދަބު ކަމަށް ބުނެފައި އޮންނަ އިބާރާތަށް ހަވާލާދީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އިޖުރާއަތާގުޅޭ، އަލަށް ޢަމަލުކުރަންފެށޭ ގާނޫނަކީ މުއްތަހަމުއަށް މަސްލަހަތު ބޮޑު ގާނޫނެއް ކަމުގައިވާނަމަ، ކުރީގައި ހިނގާފައިވާ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ގާނޫނު މާޒީއަށް ތަތުބީގުކުރެވުމުގެ އަސާސަކީ ސައްހަ އަސާސެއް ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާގައި ކަނޑައަޅާފައިވާކަމަށެވެ. އިތުރަށް މި ނުކުތާ ތަފްސީލުކޮށްދެމުން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ 18 ޖެނުއަރީ 2023 ގައި އަމަލުކުރަން ފަށާފައިވާ، ހެއްކާބެހޭ ގާނޫނުގެ މ.47 ގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުން، ހެކިބަސް އަދާކުރާ މީހާއަކީ ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ މީހަކަށް ވާންޖެހޭ ކަމަށާއި، އަދި، ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހެއްކާބެހޭ ގާނޫނުގެ މ.48 ގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި، އެނޫން ފަރާތްތަކަކީ ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަވާ ފަރާތެއް ކަމުގައި ބަލަންވާނެ ކަމަށް ހެއްކާބެހޭ ގާނޫނުގެ މ.48 ގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، ހެކިބަސްދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލިފައިވާ ފަރާތެއްކަމުގައި ބެލޭނެ ކަމަށް އެ ގާނޫނުގެ މ.48 ގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، އަދި، އެ ގާނޫނުގެ މ.48 ގެ (ށ) ގެ ބޭނުމަށްޓަކައި، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތަކީ، އެފަރާތެއްގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއް ކަމުގައި ބެލޭނެ ކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކުރުމަށްފަހު ހިމަނާފައިވާ ކުށްތަކުގެ ތެރޭގައި (3) ވަނަ ނަންބަރުގައި، ވައްކަން، ޓެކުން ޚިޔާނާތް އަދި ފޭރުމުގެ ކުށް ހިމަނައި، (5) ވަނަ ނަންބަރުގައި ކޮރަޕްޝަނުގެ ކުށް ހިމަނާފައިވާއިރު، (6) ވަނަ ނަންބަރުގައި އެނޫންވެސް އޮޅުވާލުމުގެ ޢަމަލުތަކުގެ މައްޗަށް އެކުލެވޭ ކުށް ހިމަނާފައިވާ ކަމަށާއި، ޕްރޮސިކިއުޝަނުން ހުށަހެޅި ހެކިންގެ ތެރެއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތު އަކީ، އިސްވެ ބަޔާންކުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، އެމީހުންގެ މައްޗަށް ޚިޔާނާތާއި، ކޮރަޕްޝަނުގެ ކުށް ސާބިތުވެ މިހާރު ވެސް ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކެއް ކަމަށްވާތީ، އެފަރާތްތަކަކީ ހެއްކާބެހޭ ގާނޫނުގެ މ.47 ގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ފަދައިން، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަވާ ބައެއް ނޫން ކަމަށާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތު އަކީ މި މައްސަލާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ވާގިއާ ސާބިތުކުރުމަށް ހުށަހަޅާފައިވާ މައި ދެ ހެކިން ކަމަށްވާއިރު، އަލަށް އަމަލުކުރަން ފެށި ހެއްކާބެހޭ ގާނޫނުގެ ދަށުން މި ދެ ހެކިންގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދައި، މި ދެ ހެކިން ބަލައި ނުގަންނަން ހުށަހަޅަން ފުރުސަތު ލިބުމަކީ އިސްތިއުނާފުކުރާ ފަރާތަށް މަސްލަހަތު ބޮޑު ގޮތެއް ކަމަށެވެ. އެހެނީ، އެފަދަ ހުށަހެޅުމެއްގެ ތެރެއިން އެފަރާތްތަކަކީ ޝަރީޢަތަށް ބަލައިނުގަނެވޭނޭ ދެ ހެކިންކަމަށް ކަނޑައެޅިއްޖެ ނަމަ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

39މީގެ އިތުރުން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ، ހެއްކާބެހޭ ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ޚަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ޚަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާނަމަ، އެ މައްސަލައެއްގައި އެމީހެއްގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށް ހެއްކާބެހޭ ގާނޫނުގެ މ.51 ގައި ވަރަށް ސާފު ސަރީހަ ޢިބާރާތުން ބަޔާންކޮށްފައިވާ ކަމަށާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރާލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވޭ ފަރާތެއް ކަމަށާއި، އެހެންކަމުން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މި ދެމީހުންގެ ކިބައިގައި އަދާވާތްތެރިކަން އޮތްކަމީ، އިތުރަށް ގާއިމުކޮށްދޭން ނުޖެހޭހާ ވެސް ސާފުކޮށް ޝަރުއީ ހުކުމްތަކުން ވެސް ފެންނަން އޮތްކަމެއް ކަމަށެވެ. މި ސަބަބުތަކަށްޓަކައި، ހެއްކާބެހޭ ގާނޫނުގެ މ.47 އާއި ހެއްކާބެހޭ ގާނޫނުގެ މ.48 އާއި، މ.51 އަށް ރިއާޔަތްކޮށް މި ދެ ހެކިން ޝަރީއަތަށް ބަލައި ނުގަތުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މަސްލަހަތުގައި އޮތްކަމެއް ކަމަށްވާތީ، ކްރިމިނަލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން މި އިސްތިއުނާފީ ނުކުތާއާމެދު ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާއާއި ގާނޫނުއަސާސީގެ މ.59 (ހ) ގައި ބަޔާންކޮށްފައިވާ ޖިނާއީ ޝަރުއިއްޔަތުގެ މަބްދައުއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

40ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރި މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި ގާނޫނުތައް ހިންގަން ފަށަންވާނީ އެ ގާނޫނުތަކަށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެން ކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން ގަޒިއްޔާގައި ބަޔާންކޮށްފައިވާތީވެ، ގާނޫނު މާޒީއަށް ހިންގުމާބެހޭ ގޮތުން މިހާރު އަމަލުކުރަންޖެހޭނީ އަޙްމަދު މާޖިދު ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާގައިވާ ވާގިއާތަކާއި މިހާރު މިހިނގާ ގަޒިއްޔާގައި ކަންވެފައިވާ ގޮތް ނުވަތަ ވާގިއާތައް ތަފާތު ކަމަށާއި، މި މައްސަލައަށް ބަލާއިރު، މި މައްސަލައިގެ ހާދިސާއަކީ ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީގެ ހާދިސާއަކަށް ވުމުގެ އިތުރުން، ހެއްކާބެހޭ ގާނޫނަކީ މައުލޫއީ ކަންކަމުގެ އިތުރުން، އިޖުރާއީ ކަންކަން ބަޔާންކޮށްފައިވާ ގާނޫނެއް ކަމަށެވެ. އަދި މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެދިފައިވާ ގޮތަށް ހެއްކާބެހޭ ގާނޫނުގެ އުސޫލުތައް މާޒީއަށް ތަތުބީގުކޮށްފި ނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ގާނޫނުގެ ކުރިން ހިނގާފައިވާ ހުރިހާ ތަހުގީގުތަކާއި ދައުވާތައް ކުރުމުގައި ތަސައްވަރުކޮށްފައިނުވާ ގާނޫނީ އުސޫލުތައް ކުއްލިއަކަށް އެ ހުރިހާ މައްސަލަތަކުގެ މައްޗަށް ހިންގުން ކަމަށްވާއިރު، މިއީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ.

41HN9ގާނޫނެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި ގާނޫނުތައް ހިންގަން ފަށަންވާނީ އެ ގާނޫނުތަކަށް އަމަލުކުރަންފަރާ ތާރީޚުން ފެށިގެންނެވެ. މި ނުކުތާ އަޙްމަދު މާޖިދުގެ ގަޒިއްޔާގައިވެސް ބަޔާންކުރެވިފައިވެއެވެ. މި މައްސަލައަށް ގާނޫނުއަސާސީގެ މ.59 (ހ) ތަތުބީގު ކުރެވިދާނެ ކަމަށް ނުފެނެއެވެ. ސަބަބަކީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އަމަލުތައް ހިނގާފައިވާ ކަމަށް ބުނަނީ އަދި މައްސަލަ ކޯޓަށް ހުށަހެޅީ ހެއްކާބެހޭ ގާނޫނު ވުޖޫދު ވުމުގެ ކުރިން ކަމަށްވާއިރު، އަދި ގާނޫނުއަސާސީގެ މ.59 (ހ) ގެ އިބާރާތަށް ބަލާއިރު، އެ މާއްދާގެ ފަހު ޖުމްލައިގައި ބުނެފައިވަނީ "ކުށްކުރުމާ، އެކުށެއް ކުރި މީހާއަށް ހުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން، ލުޔެއް ދީފައިވާ ނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ގާނޫނުގައިވާ އަދަބު" – މިގޮތަށް ކަމަށް ވާއިރު، އަތުގައި މިއޮތް މައްސަލައިގައި ސުވާލު އުފައްދާފައިވާ ހެއްކާބެހޭ ގާނޫނަކީ ކުށުގެ އަދަބަށް ލުއިދީފައިވާ ގާނޫނެއް ނޫނެވެ.

42HN10މި މައްސަލައިގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރެވޭ ދައުވާގެ މައްސަލައަކީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަރުހަލާގައި އޮތް މައްސަލައަކަށްވާތީއާއި، އަދި ޝަރީޢަތުގައި އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައި ނުވާތީވެ، އެ ހެކިން ޝަރީޢަތަށް ހުށަހެޅުމުން، ހެއްކާބެހޭ ގާނޫނުގެ މ.47 އާއި މ.48 އާއި، މ.51 އަށް ރިއާޔަތްކޮށް އެ ހެކިތަކުގެ އިތުބާރާއި، އަދުލުވެރިކަމާއި، މަސްލަހަތު ފުށުއެރުމާއި، އަދާވާތްތެރިކަމެއް އޮތްނަމަ، އެކަމެއް ބަޔާންކޮށް، އެ އެކިންގެ ހެކިބަސް ތައުނުކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަރުހަލާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ގެއްލިފައި ނުވެއެވެ. މި ގޮތަށް މި ބަޔާންކުރި ސަބަބަކީ ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހިނގާ ޝަރީޢަތްތަކުގައި ހެއްކާބެހޭ ގާނޫނަށް އަމަލުކުރުން ލާޒިމުވާނެތީއެވެ. މި ސަބަބަށްޓަކައި، ބޭރުފުށުން ފެންނަ ފެނުމުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލާއި މި މައްސަލައާ ދެމެދު ފުށުއެރުމެއް އޮތް ކަމަށް ނުފެނެއެވެ. އަދި ކޮންމެ ގޮތެއް ވިޔަސް މި ނުކުތާއަށް އާޚިރުގައި ގޮތް ކަނޑައަޅާނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ހުކުމުގައެވެ.

43ހަވާލާދީފައިވާ ހެކިންގެ ހެކިބަހާ ގުޅޭގޮތުން އަޙްމަދު ކްރިކް ރިޟާގެ ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތަކީ ފާސިގުކަމުގެ ސަބަބުން އަދުލުވެރި ދެ ހެކިންކަމުގައި ނުވާތީ، އެ ދެމީހުން ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ޝކހ އާ ގުޅިގެން، އައު ހެއްކާބެހޭ ގާނޫނުގެ އަލީގައި ވާހަކަދައްކަން އެދުމުން ޚަސްމުންނަށް އެފުރުސަތު ނުދީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަ ޖެނެރަލް ގަޒިއްޔާ ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. ހެކި ބަލައިގަތުމަށްފަހު ހެކި އެއްކިބާ ކުރުމަށް ވަކި ހުށަހެޅުމެއްގެ ގޮތުގައި ޝަރީޢަތުގެ މަރުހަލާގައި ފުރުސަތު ނެތް ނަމަވެސް، އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންވެދިޔަ ފަދައިން، ހެއްކާބެހޭ ގާނޫނުގެ މ.47 އާއި މ.48 އާއި، މ.51 އަށް ރިއާޔަތްކޮށް އެ ހެކިތަކުގެ އިތުބާރާއި، އަދުލުވެރިކަމާއި، މަސްލަހަތު ފުށުއެރުމާއި، އަދާވާތްތަރިކަމެއް އޮތްނަމަ، އެކަމެއް ބަޔާންކޮށް، އެ އެކިންގެ ހެކިބަސް ތައުނުކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަރުހަލާގައި އަޙްމަދު ކްރިކް ރިޟާއަށް ގެއްލިފައި ނުވެއެވެ. ސަބަބަކީ، ފަނޑިޔާރު މައްސަލަ ނިންމާއިރު ހެއްކާބެހޭ ގާނޫނުގެ މ.47 އާއި މ.48 އާއި، މ.51 އަށް ރިއާޔަތްކުރުމަށް ފަނޑިޔާރުގެ މައްޗަށް ލާޒިމުވާނެއެވެ.

44HN11އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ނިންމި ނިންމުމުގެ މާނައަކީ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި އެ ހެ ހެކިންގެ ހެކިބަހަށް ޝަރީޢަތް ނިންމުމުގައި ބުރަދަން ދިނުން ފަނޑިޔާރުގެ މައްޗަށް ލާޒިމުވުމެއް ނޫނެވެ. އެހެއްކަކަށް ޝަރީޢަތް ނިންމުމުގައި އެއްވެސް ބުރަދަނެއް ދޭނެތޯ އާއި، ބުރަދަނެއް ދޭނަމަ ބުރަދަން ދޭނީ ކިހާ މިންވަރަކަށްކަން ފަނޑިޔާރު ކަނޑައަޅާނީ ޝަރީޢަތުގެ މަރުހަލާގައި ދެފަރާތުން ދައްކާ ވާހަކަތަކާއި، ޝަރީޢަތުގެ މަރުހަލާގައި ދެފަރާތުން ހުށަހަޅާ އެންމެހާ ހެކިތަކަށާއި، ކަމާބެހޭ އެންމެހާ ގާނޫނުތަކަށް ބަލައިގެން އަދުލު އިންސާފުގެ ހަމަތަކުގެ މަތިންނެވެ.

45މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ނިންމާފައިވާ ނިންމުމަށް، އަދި އެ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް ނުފެނެއެވެ.

ހެކި ހާމަކުރުމާބެހޭ

46ހެކި ހާމަކުރުމާ ގުޅޭގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ޝކހ ގައި ހެކި ހާމަކޮށްދިނުމަށް އެދި ޝަރީޢަތުގެ ކުރީ މަރުހަލާގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމާމެދު ގޮތް ނިންމުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 ގޯސްކޮށް މާނަކޮށް އަދި ތަތުބީގުކޮށް، އޭގެ ތެރެއިން އެންމެ ހުށަހެޅުމެއް ފިޔަވައި ދެން ހުރި ހުރިހާ ހުށަހެޅުންތައް ބަލައި ނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައިނުވާ ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ނުކުތާ އަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ.

47މި ނުކުތާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ގަޒިއްޔާގެ ހުކުމުގައި (އިސްތިއުނާފުކުރެވޭ ހުކުމުގައި) ބުނެފައިވަނީ ހެކި ހާމަކުރުމާގުޅޭ ގޮތުން، ކްރިމިނަލް ކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 ގޯސްކޮށް މާނަކޮށް އަދި ގޯސްކޮށް ތަތުބީގުކުރިކަމަށް ބެލެވޭނެ ފަދަ ގާނޫނީ ހުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅިފައި ނެތް ކަމަށެވެ.

48މި ނުކުތާއާބެހޭ ޝކހ ނިންމުމުގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޝކހ ގައި 5 ހެއްކެއް ހާމަކޮށްދިނުމަށް އެދިފައިވާ ކަމަށާއި، ފޯލިއޯ ނަންބަރު 209 ގައި ހިމެނޭ ސީޑީތަކާ ގުޅިގެން ހާމަކޮށްދިނުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން އޮޑިޓަރ ޖެނެރަލް އެކުލަވާލާފައިވާ ދެ ރިޕޯޓާ ގުޅިގެން ހެކި ހާމަކުރަން އަންގަން ޖެހޭ ހާލަތެއް ނެތް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 (ނ) ގައި ހާމަކުރަންޖެހޭ މައުލޫމާތަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަހުގީގަކާ ގުޅުން ހުރި މައުލޫމާތުކަމަށް ވާންޖެހޭއިރު، ގާނޫނުތަންފީޒުކުރާ އިދާރާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.18 ގައި ބަޔާންކުރާ ފަރާތްތައް ކަމަށާއި، އޮޑިޓަރ ޖެނެރަލްއަކީ އެފަދަ ފަރާތެއް ނޫން ކަމަށެވެ. ނަމަވެސް އެ ސީޑީގައި ހިމެނޭ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގު ރިޕޯޓާ ގުޅިގެން ހާމަކުރުމަށް އެދިފައިވާ މައުލޫމާތުގެ ތެރެއިން، އެ ރިޕޯޓުގައި ހިމެނިފައިވާ ރ. ފުއްގިރިއާ ގުޅޭ ނުވަތަ ކުއްޔަށް ދިނުމާގުޅޭ މައުލޫމާތު ހިމެނޭ ބަޔާންތަކާއި، އެ ބަޔާންތަކުގެ އޯޑިއޯ ވީޑިއޯ ހުރި ނަމަ އެތަކެތި ހާމަކުރަންޖެހޭނެކަމަށެވެ. މީގެ އިތުރުން ހާމަކޮށްދިނުމަށް އެދިފައިވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ބަދަލުކުރެވުނު ސިޓީތަކާއި އީމެއިލްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަހުގީގަކާ ގުޅުން އޮތް ތަކެތި ކަމަށް ނުވާތީވެ، އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 (ނ) ގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ތަހުގީގު އިދާރާތަކުން މައްސަލަ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ އަދި ހޯދުންތަކުގެ ލޮގު ހާމަކުރަން އެދިފައިވީ ނަމަވެސް، އެފަދަ ލިޔުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.130 (ހ) (1) ގެ ދަށުން ހާމަކުރަންޖެހޭނެ ލިޔުމެއް ނޫން ކަމަށެވެ. މީގެ އިތުރުން، ދައުވާލިބޭ އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ދިފާއީ ހެކިތައް ހޯދުމަށް އެދިފައިވީ ނަމަވެސް، އެ ތަކެއްޗަކީ ދައުލަތުން ހާމަކޮށްދޭންޖެހޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމުގައި ނުވާތީވެ، އެ ތަކެއްޗަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 (ނ) ގެ ދަށުން ހާމަކުރަން ޝަރުތުހަމަވާ ލިޔުންތަކެއް ނޫންކަމަށެވެ.

49HN12މި ނުކުތާއާ ގުޅިގެން ކްރިމިނަލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 އަދި މ.130 މާނަކޮށްފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ. ސަބަބަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.15 ގައި "ދައުލަތް" މާނަކޮށްދީފައި ވާތީއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 (ނ) އާއި އެ މާއްދާގެ އެހެން އަކުރުތަކާއި މ.130 އެކުގައި އެއް ރޮއްޖަކަށް އެމުނިގެންދާ ގޮތަށް މާނަކުރުމުން، ނިކުންނަ ހަމައެކަނި ނަތީޖާއަކީ މ.129 ގެ ދަށުން ހާމަކުރަންޖެހެނީ، އެ މައުލޫމާތަކީ ނުވަތަ އެ ހެއްކަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަހުގީގެއްގައި ނުވަތަ ކުރި ސުވާލެއްގެ ޖަވާބުގައި ލިބިފައިވާ މައުލޫމާތު ކަމުގައި ވާނަމަ ކަން އެ މާއްދާގެ ސާފު ނައްސުން އެނގެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ހެދިއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 ގެ ދާއިރާ ގަސްތުގައި ހަނިކޮށްފައިވާކަން އެނގެއެވެ. އަދި އެކުގައި ދައުވާލިބޭ އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ދިފާއީ ހެކިތަކަކީވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.129 (ނ) ގެ އިމުގެ ތެރެއަށް ވަންނަ ތަކެތި ކަމަށް ނުފެނެއެވެ.

50HN13ކުށުން ބަރީއަވުމުގެ ވަސީލަތްތަކުގެ ގޮތުގައި، ގާނޫނުއަސާސީގެ މ.51 (ބ) އިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހުގީގުގެ ބޭނުމަށް އެއްކޮށްފައި ހުރި ހުރިހާ މައުލޫމާތެއް ދިފާއަށް ލިބޭނެ ފުރުސަތު ދިނުން ހިމެނޭ ކަމަށް ގަބޫލުކުރެވެއެވެ. އަދި އެ ހައްގުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ އުސޫލަކުން ގާނޫނުތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ނުވަތަ ބޭނުންކުރާ މައްސަލައިގެ ފައިލު އެކުގައި ބެލުމުގެ ހައްގުވެސް ހިމެނެއެވެ. އެއީ ތަހުގީގު އިދާރާތަކުން މައްސަލަ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ އަދި ހޯދުންތަކުގެ ލޮގު ކަމަށް ވިޔަސް މެއެވެ. އަދި މުޅި ތަހުގީގު ފައިލާއި އެންމެހާ ލޮގުތައް ދިފާއަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެގޮތަށް ފަނޑިޔާރު އަމުރުކޮށްފިނަމަ، ޕްރޮސިކިއުޝަނުގެ މަސްއޫލުއްޔަތެކެވެ. ނަމަވެސް ހިމާޔަތްކުރަންޖެހޭ ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަނުކޮށް ހިފެހެއްޓުމަށް ނުވަތަ އެނޫންވެސް އެ މައްސަލައެއްގައި ހިމެނޭ އެފަދަ އެހެން މަސްލަހަތެއް ހިމާޔަތްކުރަންޖެހޭ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ އެ ފަދައިން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

51މައްސަލަ ތަހުގީގުކުރި ގާނޫނު ތަންފީޒުކުރާ އިދާރާ ފިޔަވައި، ދައުލަތުގެ އެހެން އިދާރާއެއް ނުވަތަ މިނިވަން މުއައްސަސާއެއްގައި ދައުވާލިބޭ ފަރާތުގެ ދިފާއު ބިނާކުރުމަށް ބޭނުންވާ ލިޔުމެއް ނުވަތަ މައުލޫމާތެއް ހުރިކަމަށް ދިފާއުން ބުނެފިނަމަ، ނުވަތަ އެނޫންވެސް އަމިއްލަ ފަރާތެއްގައި އެފަދަ ލިޔުމެއް ނުވަތަ މައުލާމާތެއް ހުރިކަމަށް ދިފާއުން ކޯޓުގައި އެދިއްޖެނަމަ، ހެއްކާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، އެފަދަ ލިޔުމެއް ނުވަތަ މައުލޫމާތު ދިފާއަށް ބެލޭނެ ގޮތުގެ ގޮތުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ޕްރޮސިކިއުޝަންގެ މައްޗަށް އަމުރުކުރުމުގެ ބާރު ގާނޫނުއަސާސީގެ މ.51 (ބ) އިން ފަނޑިޔާރަށް ލިބިގެންވެއެވެ. މިފަދަ ލިޔުމެއް ނުވަތަ މައުލޫމާތެއް ދެއްކުމަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކުން އިންކާރުކޮށްފިނަމަ، އެ ފަދަ ލިޔުމެއް ހާމަކުރުމަށް އެފަރާތެއްގެ މައްޗަށް ފަނޑިޔާރު އަމުރުކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވާއިދާއި، ހެއްކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

52ހެކި ހާމަކުރުމަށް އަމުރުކުރުމުގައިވެސް ފަނޑިޔާރު ރިއާޔަތްކުރަންވާނީ ހާމަކުރަން އެދޭ ހެއްކަކީ ގުޅުންހުރި ހެއްކެއްތޯ އާއި އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދަކުން އެ ހެއްކެއް ހާމަކުރުމަށް ހުރަސް އަޅާތޯއެވެ.

53މި މައުލޫގައި އަޙްމަދު ކްރިކް ރިޟާގެ ފަރާތުން މިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދެ ދައުވާއާ ގުޅިގެން، ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި، ޢަބްދުﷲ ޒިޔާތު އާއި، އަޙްމަދު އާމިރު އާއި، އަދި މުޙައްމަދު ޝިފާޢު ތަހުގީގަށް ދީފައިވާ ބަޔާނުގެ އިންޓަރވިއު އޯޑިއޯ،ވީޑިއޯ ރެކޯރޑިންގ ހާމަކުރަން އަންގާނެ ތަނެއް ނެތްކަމަށް ނިންމާފައިވަނީ، ދައުލަތުން ބުނި ބަހެއްގެ މައްޗަށް ބުރަވެގެން ކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.46 (ފ) އާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މ.36 (ރ) އަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ، ގާނޫނީ ބަހުސެއް އޮތް ނުކުތާއެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ،ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލުކޮށް ބަޔާންކޮށްދޭން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގައި، ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށްވުމުން ކަމަށެވެ.

54އިސްތިއުނާފުކުރާ އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ބުނެފައިވަނީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި، ޢަބްދުﷲ ޒިޔާތުއާ މި ދެ ހެކީންނަކީ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަކަށް ވާތީވެ، އެ ދެމީހުން ތަހުގީގީ އިދާރާއަށް ދީފައިވާ ބަޔާންތަކުގެ އޯޑިއޯ އަދި ވީޑިއޯ ހުރުން ލާޒިމުވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ޕްރޮސިކިއުޝަނުން ވަކާލާތުކުރި ފަދައިން މި ދެހެކީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްފައިނުވާ ކަމަށާއި، އެ ދެފަރާތުގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތުގެ ދައުވާ ކަމަށާއި، އެހެންކަމުން މި މައްސަލައާ ގުޅިގެން އެފަރާތްތަކުން ތަހުގީގުގައި ދިން ބަޔާނުގެ އޯޑިއޯ ވީޑިއޯ ރެކޯޑް ކުރުމަށް ގާނޫނު ލާޒިމު ނުކުރާ ކަމަށެވެ. ރެކޯޑް ކުރުމަށް ގާނޫނު ލާޒިމުނުކުރި ކަމުގައި ވިޔަސް، އެފަދަ ރެކޯޑެއް އޮތްނަމަ، އަދި އެފަދަ ރެކޯޑެއްގެ ތެރެއިން މި މައްސަލައާ ގުޅިންހުރި ރެކޯޑެއް ނަމަ އެއެއްޗެއް ހޯދަން އެދެވިދާނެ ކަމަށް ފެނެއެވެ.

55އިސްވެދިޔަ 50 ވަނަ ޕެރެގްރާފުގައި ބުނި ފަދައިން ތަހުގީގީ އިދާރާތަކުން ދައުވާކުރުމަށް އެއްކުރާ ހުރިހާ ތަކެތި ބެލުމުގެ ހައްގާއި އެ ފަރާތްތަކުގެ ކޭސް ފައިލް ބެލުމުގެ ފުރުސަތު ޕްރޮސިކިއުޝަނުން ފަހިކޮށްދޭން ޖެހެއެވެ. އަދި ތަހުގީގު ލޮގުތައް ވެސް ދައްކަން ޖެހެއެވެ. އެގޮތުން ބަލާބެލުމުގައި އެ މައްސަލައިގެ ފައިލުގައި އެފަދަ އޯޑިއޯ ވީޑިއޯ ހުރިނަމަ އެތަކެތި ހާމަކުރުމަށް އަޙްމަދު ކްރިކް ރިޟާއަށް ޕްރޮސިކިއުޝަންގައި އެދެވިދާނެ ކަމަށް ދެކެމެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރުމާ ބެހޭ

56މި ސުރުޚީގެ ދަށުން އަޙްމަދު ކްރިކް ރިޟާގެ ފަރާތުން އިސްތިއުނާފުކުރި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގާނޫނުގެ މ.24 (ހ) ގެ ދަށުން އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލި ދައުވާއަކީ، ގާނޫނުލްއުގޫބާތުގެ ދަށުން އުފުލަންޖެހޭ ދައުވާއެއްކަމުގައި ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، ގާނޫނުލްއުގޫބާތުގެ މ.18 ތަތުބީގުކުރަންޖެހޭ ހާލަތެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅައި، މާނަކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ މ.5 (ށ) (2) އާއި، ގާނޫނުއަސާސީގެ މ.133 (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަނޑާނައިބު ކަނޑައަޅާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތާ ޚިލާފަށް ކަމަށެވެ.

57އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ބުނެފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 (ހ) އާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނާއި، އެގާނޫނުގެ މ.24 (ހ) ގެ ދަށުން އެ ފަރާތުގެ މައްޗަށް ދައުވާ އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށަކީ، ގާނޫނުލްއުގޫބާތުގެ ދަށުންވެސް ތަޖުރީމްކުރެވި، އަދަބު ކަނޑައެޅިފައިވާ ކުށަކަށް ވާތީ، ގާނޫނުލްއުގޫބާތުގެ މ.18 ގެ (ށ) ގައި ބަޔާންކުރާ އުސޫލުން ދައުވާ އުފުލަންޖެހޭނީ ގާނޫނުލްއުގޫބާތު ގެ ދަށުން ކަމަށެވެ. މިގޮތުން، އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 ގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ދައުވާ އުފުލާފައިވާއިރު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 ގައި ބަޔާންކުރާ ކުށުގެ އުންސުރުތައް ހިމެނޭހެން، ގާނޫނުލްއުގޫބާތުގެ މ.314 އާއި ހަވާލާދީ، ގާނޫނުލްއުގޫބާތުގެ މ.30 ގައި އެކުށް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތަށް އެފަރާތުން ބަޔާންކުރާ ސަބަބަކީ، ގާނޫނުލްއުގޫބާތުގައި ކުށްކުރާ މީހުންނަށް ދޭނެ އަދަބު ބަޔާންކުރުމަށްފަހު، ކުށުގައި ބައިވެރިވުމަކީވެސް، ކުށެއްކަމަށް ކަނޑައަޅައި، ކުށުގައި ބައިވެރިވާ ފަރާތްތަކަށް އަދަބުދޭނެ އުސޫލު ގާނޫނުލްއުގޫބާތުގެ މ.30 ގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. މިނުކުތާގެ ޖަވާބުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށަކީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ނަމެއްގައި ވަކި އުންސުރުތަކެއް ހިމެނޭ ގޮތަށް ބަޔާންކޮށްފައިވާ ޚާއްސަކުށެއް ކަމަށާއި، އެއާ ޚިލާފަށް ގާނޫނުލްއުގޫބާތުގެ މ.30 އަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްކުށުގައި ބައިވެރިވުން ތަޖުރީމުކުރާ މާއްދާއެއް ކަމަށްވާތީވެ، ދެ ގާނޫނެއްގައިވާ ދެކުށެއް ނުވަތަ ކުށާ ގުޅިފައިވާ އުސޫލެއް ފުށުއަރާ ހާލަތެއް މި މައްސަލާގައި ނެތުމުން، ގާނޫނުލްއުގޫބާތުގެ މ.18 (ށ) ގެ ދަށުން ދައުވާކުރުމުގައި އިސްކަން ދޭންޖެހޭނީ ޚާއްސަ ގާނޫނު ކަމުގައިވާ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންކަން ސާފުކޮށް އެނގޭ ކަމަށެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައިވެސް ތާއީދުކޮށްފައިވަނީ ޕްރޮސިކިއުޝަންގެ ރައުޔަށެވެ.

58ގާނޫނުލްއުގޫބާތުގެ މ.18 ގެ (ށ) ގައިވާ އުސޫލު ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ދެ ގަޒިއްޔާއަކުން އޮޅުންފިލުވައިދީފައި ވެއެވެ. ގާނޫނުލްއުގޫބާތުގެ މ.18 ގެ (ށ) ގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.

"މި މާއްދާގެ (ހ) ގައި އުވުނީކަމުގައި ކަނޑައަޅާފައިވާ ގާނޫނުގެ ބައިތަކުގެ އިތުރުންވެސް، މި ގާނޫނަށް ޢަމަލުކުރަން ފަށާއިރު، މި ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ނުވަތަ ގާނޫނުގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ޙާލަތުގައި އިސްކަންދޭނީ މި ގާނޫނަށެވެ."

59HN14ގާނޫނުލްއުގޫބާތުގެ މ.18 ގެ މަގްސަދާއި ތާރީޚު މި ކޯޓުން ކުރިން ނިންމި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާއު ގަޒިއްޔާގެ ހުކުމުގެ 14 ވަނަ ޕެރެގްރާފުން ފެށިގެން 17 ވަނަ ޕެރެގްރާފާ ދެމެދުގައިވާ ޕެރެގްރާފްތަކުގައި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ބަޔާންކުރައްވާފައި ވެއެވެ. މުޙައްމަދު ޝިފާޢުގެ މައްސަލައިގެ ހުކުމުގެ 17 ވަނަ ޕެރެގްރާފުން އެނގެނީ ގާނޫނުލްއުއޫބާތުގެ މ.18 ގެ (ށ) ގައި ބުނާ ފަދަ، ގާނޫނުލްއުގޫބާތުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ ފުށުއެރުމެއް އޮތްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި، ކޮންމެ މައްސަލައެއްގައި ދަޢުވާކޮށްފައިވާ ކުށުގެ ތަފުސީލަށް ދިއުން މުހިންމު ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ހަވާލާދޭ ގާނޫނުލްއުގޫބާތުގެ މ.30 ގެ ދަށުން ކަނޑައަޅާފައިވަނީ ކޮން ކުށެއްތޯ ބަލާއިރު، އެ މާއްދާގެ އަރިމަތީ ސުރުޚީއިން އެނގެނީ މުޅި މާއްދާގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ތަޖުރީމުކޮށްފައިވާ އަމަލެއް ކުރާ މީހެއްގެ އަމަލަށް އެ އަމަލުކުރާ މީހާގެ އިތުރުން އެހެން މީހުން ޒިއްމާކުރުވޭނޭ ހާލަތު ތަކެކެވެ. އެހެންކަމުން ގާނޫނުލްއުގޫބާތުގެ މ.30 ގައިވަނީ ގާނޫނުލްއުގޫބާތުގައިވާ ހުރިހާ ކުށްކުށާ ގުޅިފައިވާ އާއްމު ކުށްތަކެކެވެ. ވަކި ޚާއްސަ ކުށެއް ނޫނެވެ. 30 ވަނަ މާއްދާގެ (ހ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި މީހަކު ކުރާ ކުށުގެ އަމަލަށް އެ އަމަލުކުރި ފަރާތުގެ އިތުރުން އެހެން މީސްމީހުން ޒިއްމާކުރެވޭނެ ހާލަތުތަކެއް ބަޔާންކޮށްފައި ވެއެވެ. އެއާ ޚިލާފަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ މ.7 އިން ސާފުކޮށް އެނގެނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށަކީ މިނިވަން، ވަކި ކުށެއްކަމާއި، އެ ކުށުގެ އުންސުރުތަކަކީ އެމާއްދާގައި ކަނޑައެޅި އައްޔަންވެގެންވާ އުންސުރުތަކެއް ކަމެވެ. މީގެ އިތުރުން، ދެ ގާނޫނެއްގައި އެއް ނަމެއްގައި ކުށް ބަޔާންކޮށްފައި އޮންނަ ހާލަތުގައިވެސް، ކުށް ސާބިތުކުރުމަށް ހެކި ގަރީނާ ބޭނުންވާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، އެއީ ތަފާތު ދެ ކުށެއްކަމަށް ބެލެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤް ގަޒިއްޔާއިން އެނގޭތީވެ، އެ ގަޒިއްޔާގެ ހުކުމުންވެސް ބާރު ލިބެނީ މި ރައުޔަށެވެ. މި ބަޔާންކުރި ސަބަބުތަކަށްޓަކައި މި ނުކުތާއާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކުރެވެއެވެ.

60މި ސުރުޚީގެ ދަށުން އަޙްމަދު ކްރިކް ރިޟާގެ ފަރާތުން އިސްތިއުނާފުކުރި ދެވަނަ ނުކުތާގައި ބުނެފައިވަނީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ މ.53 އާއި އެ ގާނޫނުގެ މ.5 (ހ) (3) އާ ހަވާލާދީ އެގާނޫނުގެ މ.53 (ށ) ގެ ދަށުންނާއި، އަދި އެގާނޫނުގެ މ.62 (ހ) (1) ގެ ދަށުން، ކްރިމިނަލް ކޯޓްގެ ނަންބަރު 411/Cr-C/2020 ޤަޟިއްޔާ އިން އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލި ދައުވާއަކީ ގާނޫނުލްއުގޫބާތުގެ ދަށުން އުފުލަންޖެހޭ ދައުވާއެއްކަމުގައި ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، އެފަދައިން މާނަކުރަންޖެހޭ ހަރުދަނާ ގާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓްގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގައި ބަޔާންކުރާ ގޮތަށް، ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމެއް ނެތި ކަމަށެވެ.

61މި ނުކުތާގެ ތަފްސީލުގައި އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ބުނެފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ބަދަލުގައި ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ އުފުލަންޖެހޭނެކަމަށް އިސްތިއުނާފްކުރާ ފަރާތުން ދެކޭ މައިގަނޑު ސަބަބަކީ، ގާނޫނުލްއުގޫބާތަށް ގެނެވުނު 01 ވަނަ އިޞްލާހާ ގުޅިގެން، ގާނޫނުލްއުގޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކުށާއި އަދަބު ކަނޑައެޅިފައި އޮތް 07 ގާނޫނަކަށް ގާނޫނުލްއުގޫބާތުގެ މ.18 ގެ (ރ) އިން އިސްތިސްނާ ދީފައި ވީނަމަވެސް، އެ މާއްދާގެ (ބ) ގެ ދަށުން އެ ގާނޫނުތައް އުވާލުމާ މެދު ގޮތެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ، 12 (ބާރަ) މަހުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ މުއްދަތު އިތުރުކުރުމެއް ނެތި، އެ މުއްދަތު ހަމަވިއިރު، އެ ގާނޫނުތަކާއި މެދު ވަކިގޮތެއް ނުނިންމައި އޮތް އޮތުމުގެ ނަތީޖާއަކީ، އެ ގާނޫނުތައް އޮޓޮމެޓިކުން ބާތިލްވެގެން ނުދިޔަކަމަށް ވީނަމަވެސް، އެ ގާނޫނުތަކުގެ މައްޗަށް، ގާނޫނުލްއުގޫބާތަށް އިސްކަން ލިބިގެންވުން ކަމަށް ދެކޭތީ ކަމަށެވެ. މިނުކުތާގައިވާ އިސްތިއުނާފުކުރާ ފަރާތުގެ ވާހަކައިން އެނގެނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ހިމެނޭ ގޮތުން ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން އަދަބު ކަނޑައެޅިފައި އޮތް 07 ގާނޫނަކަށް ގާނޫނުލްއުގޫބާތުގެ މ.18 ގެ (ރ) އިން އިސްތިސްނާ ދީފައިވާ ކަން އިސްތިއުނާފުކުރާ ފަރާތުންވެސް ގަބޫލުކުރާ ކަމާއި، އަދި ގާނޫނުލްއުގޫބާތުގެ މ.18 ގެ (ބ) ގައި ބުނެފައިވާ ގޮތަށް އެ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން އުވާލާފައި ނުވާކަންވެސް މިނުކުތާ އިސްތިއުނާފުކުރާ ފަރާތުންވެސް ގަބޫލުކުރާ ކަމެވެ. އެހެންކަމުން، މި ބަޔާންކުރި ސަބަބުތަކަށްޓަކައި މި ނުކުތާއާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކުރެވެއެވެ.

ނިންމަން ފެންނަ ގޮތް

62މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން މި ކޯޓަށް އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/15 ގަޒިއްޔާ އާއި ނަންބަރު 2023/HC-B12/17 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމަން ފެނެއެވެ. އަދި މި މައްސަލައިގެ ހުކުމަށް ވާސިލުވުމަށް މަތީގައި މި ބަޔާންކުރި ސަބަބުތަކާ ތައާރަޒުވާ މިންވަރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/15 ގަޒިއްޔާ އާއި ނަންބަރު 2023/HC-B12/17 ގަޒިއްޔާގެ ހުކުމަށް ވާސިލުވުމަށް އެކޯޓުގެ ފަނޑިޔާރުންގެ ރައުޔުގައި ބަޔާންކޮށްފައިވާ އެންމެހައި ސަބަބުތައް ބާތިލުކުރަން ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

63މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

64މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، މި ކޯޓަށް އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/15 ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2023/HC-B12/17 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. އަދި މި މައްސަލައިގެ ހުކުމަށް ވާސިލުވުމަށް މަތީގައި މި ބަޔާންކުރި ސަބަބުތަކާ ތައާރަޒުވާ މިންވަރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/15 ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/17 ގަޒިއްޔާގެ ހުކުމަށް ވާސިލުވުމަށް އެކޯޓުގެ ފަނޑިޔާރުންގެ ރައުޔުގައި ބަޔާންކޮށްފައިވާ އެންމެހައި ސަބަބުތައް ބާތިލުވެފައިވާ ކަމަށްވެސް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 15 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ފ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ (1)، (3)، (4) އަދި (6)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 130 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) ގެ (4)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 145 ވަނަ މާއްދާ
  • ހެއްކާބެހޭ ޤާނޫނު (2022) ގެ 47 ވަނަ މާއްދާ
  • ހެއްކާބެހޭ ޤާނޫނު (2022) ގެ 48 ވަނަ މާއްދާ
  • ހެއްކާބެހޭ ޤާނޫނު (2022) ގެ 51 ވަނަ މާއްދާ
  • ހެއްކާބެހޭ ޤާނޫނު (2022) ގެ 114 ވަނަ މާއްދާ
  • ޤާނޫނުލްޢުޤޫބާތުގެ 10 ވަނަ މާއްދާގެ (ރ)
  • ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ)، (ރ) އަދި (ބ)
  • ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާ
  • ޤާނޫނުލްޢުޤޫބާތުގެ 314 ވަނަ މާއްދާ
  • ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާ
  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާ
  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާ
  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ)
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3)
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާ
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (1)
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ކ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ
  • ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
  • ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ)
  • ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު މީހުން ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާއު ޤަޟިއްޔާ
  • ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤް ޤަޟިއްޔާ
  • އިސްމާއީލް ޝުޖާއު ވ. ޔޫސުފް ރިޟާ ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ