ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު D12C/RNAB/2025/2
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ރަޖިސްޓްރާރގެ ނިންމުން އަލުން ބެލި މެޖިސްޓްރޭޓް ކޯޓުން، އެ ކޯޓުގެ ކުރީގެ ނިންމުންތަކަށާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 5 ވަނަ އިސްލާހަށް ރިޢާޔަތްކޮށް، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- ކުޅަ ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ދަޢުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުން ފެށިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ މުއްދަތު ހަމަވިފަހުން ދަޢުވާ ހުށަހެޅިކަމަށް ބުނެ ރަޖިސްޓްރާރ ދަޢުވާ ބަލައިނުގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުން އިސްލާހުކުރި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން، ފަނޑިޔާރެއްގެ އަމުރުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތު ގުނަން ފަށަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުންތޯ ނުވަތަ ބަންދުން ދޫކޮށްލި ދުވަހުންތޯ؛ އަދި 5 ވަނަ އިސްލާހު ކުރިން ހިނގި އިޖުރާއަތަށް ތަޠުބީޤުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ފުލުހުން ބަންދުން ދޫކޮށްލާ މީހެއްގެ މައްސަލާގައި މުއްދަތު ގުނަނީ ދޫކޮށްލި ދުވަހުން ކަމަށާއި، 5 ވަނަ އިސްލާހު ފަހަތަށް ތަޠުބީޤުނުކުރެވޭނެކަމަށާއި، ދަށު މަރުޙަލާގެ ކޯޓުތަކަށް ތަބާވާން ލާޒިމުކުރާ އުޞޫލެއް ނެތްކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުގެ 2025/SC-A/09،10 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން މުއްދަތު ގުނަނީ ބަންދުން ދޫކޮށްލި ދުވަހުން ކަމަށް ސާފުކޮށް ކަނޑައަޅާފައިވާއިރު، އެ ގޮތަށް ބަލާއިރު ދަޢުވާ ހުށަހަޅާފައިވަނީ 45 ދުވަހުގެ ތެރޭގައެވެ. އިޖުރާއަތު ހިނގީ 5 ވަނަ އިސްލާހު ފާސްކުރުމުގެ ކުރިން ކަމަށްވާތީ އެ އިސްލާހަށް ރިޢާޔަތްކުރުމީ ގޯހެކެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުރަޖިސްޓްރާރގެ ނިންމުމާއި އެ ނިންމުން އަލުން ބަލައި ނިންމި ނިންމުން ބާޠިލު؛ ދަޢުވާ އަލުން ހުށަހަޅައިފިނަމަ ބަލައިގަންނަންޖެހޭ ދަޢުވާއެއް ކަމަށް ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައި އެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މުއްދަތު ބަލަން ޖެހެނީ ފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެންނެވެ. ފުލުހުން ބަންދުން ދޫކޮށްލާ ހާލަތުގައި، ބަންދުކުރުމަށް ފުރަތަމަ އަމުރުކުރި ދުވަހުން ފެށިގެން ތަހުގީގު މުއްދަތު ބެލުމީ ގޯހެކެވެ.
HN2 ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުތަކާއި ނުލާ ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއް ނަމަވެސް، ތަޠުބީޤު ކުރަން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އެވެ.
HN3 ތަހުގީގީ މުއްދަތާއި ދައުވާ ކުރުމުގެ މުއްދަތަށް ބަލާން ޖެހޭނީ އެ ކަންކަމުގެ އިޖުރާއަތު ހިނގިއިރު އަމަލުކުރަމުންދިޔަ ގާނޫނުގައި އޮތް އިޖުރާއަތަށް ބަލައިގެންނެވެ. ތަހުގީގާއި ދައުވާކުރުމުގެ ކަންކަން ހިނގާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ފާސްކުރުމުގެ ކުރިން ކަމަށްވާނަމަ، އެ އިސްލާހަށް ރިއާޔަތްކުރުމީ ގޯހެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- ޕްރިސކިއުޓަރ މަރްޔަމް ޝަހުމާ
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގެ ރައުޔު
ތައާރަފު
1މިއީ، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2/5D12C/RNAB/202 ނިންމުން (މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ނިންމުން)" އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/HC-A/601 ގަޒިއްޔާއިން ބެލި އިސްތިއުނާފު (މީގެ ފަހުން "އިސްތިއުނާފު") ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް") އިންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
އިސްތިއުނާފުކުރި ނިންމުން
3އިސްތިއުނާފު ކުރި ނިންމުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 4/12C2024/D/471 ދައުވާ ހުށަހަޅާ ފޯމުން ޙަސަން އާމިރު 295359A ގެ މައްޗަށް 12 މޭ 2024 ގައި ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުޅަ ޑައިމޯފިނުން މުއާމަލާތުކުރުމުގެ ދައުވާ ބަލައިނުގަތުމަށް އެ ކޯޓުގެ ނަންބަރު 3D12C/B/2024/ "ރަޖިސްޓްރާރގެ ނިންމުން" (މީގެ ފަހުން "ރަޖިސްޓްރަރގެ ނިންމުން") އިން ނިންމެވުމުން އެ ނިންމެވުން އަލުން ބަލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން އެ ނިންމެވުން އަލުން ބައްލަވައި ނިންމެވި ނިންމުމެވެ.
4ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކުރައްވާފައިވަނީ "މައްސަލައިގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުމަށް ބަލާއިރު މައްސަލާގައި ދަޢުވާލިބޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޟިރުކޮށްފައިވަނީ 2024 މާރޗް 09 ވަނަ ދުވަހުގެ 11:17 ގައި ކަމަށްވުމާއި، އަދި ތަޙްޤީޤް ކުރުމުގެ މުއްދަތު އިތުރު ކޮށްފައިނުވުމުން، މިކޯޓަށް ދަޢުވާ ފޯމު ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2022/21 (ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށްވުމުން މިމައްސަލަ ބަލައި ނުގަތުމަށް ނިންމައިފީމެވެ" މި ފަދައިންނެވެ.
5މި ނިންމެވުން އަލުން ބައްލަވައި ނިންމެވި އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާނކުރައްވާފައް ވަނީ "ދެންފަހެ! އިސްވެ ބަޔާންކުރި ސަބަބުތައް އެހެންހުރުމާއެކު، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3D12C/B/2024/ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ނިންމައިފީމެވެ" މި ފަދައިންނެވެ.
6އިސްތިއުނާފު ކޮށްފައި ވަނީ މިގޮތުގެ މަތިން ނިންމެވި ނިންމުމެވެ.
އިސްތިއުނާފު
7އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ ހަތަރު ނުކުތާއެ ކެވެ. މީގެ ތެރެއިން ފަހު ނުކުތާ ފަހުން އަނބުރާ ގެންގޮސްފައި ވާތީ މި އިސްތިއުނާފުގައި ބަލާފައި ވަނީ ތިން ނުކުތާ އަށެވެ.
1.7. ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، މަތީ މަރުހަލާގެ ނިންމުމަށް މި މައްސަލައިގައި ތަބާވާން ޖެހޭނެކަމަށް ނިންމާފައި ވަނީ، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވުން ލާޒިމުވާ ހާލަތެއް ނެތީސް، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ގަޒިއްޔާގައި ބަޔާންކުރާ އުސޫލާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ކަމަށެވެ.
2.7. ދެ ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ގާނޫނު") އަށް ގެނެވުނު 5 ވަނަ އިސްލާހުން އެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާހާ ހަވާލާދީ މައްސަލަ ނިންމަވާފައި ވަނީ ރަޖުއީކޮށް ގާނޫނު ތަތުބީގު ނުކުރެވުމުގެ ގާނޫނީ މަބްދައާއި، މި ކޯޓުގެ ނަންބަރު A/12-N-HC2019/ ގަޒިއްޔާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު A/16,17-2023/SC ގަޒިއްޔާގައި އިޖުރާއީ ގާނޫނު ރަޖުއީކޮށް ތަތުބީގުކުރުމާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
3.7. ތިން ވަނަ ނުކުތާ ގައި ފާހަގަކޮށްފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) (މީގެ ފަހުން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ މި އަކުރަށް ހަވާލާ ދީފައި އެ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން މި އަކުރު އިސްލާހުކޮށްފައިވާ ގޮތަށް ނިސްބަތްކޮށް) އާއި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް މައްސަލަ ނިންމާފައިވާ ކަމަށެވެ.
8މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އުސޫލާ ހިލާފަށް ކަމަށާއި، މި ކޯޓުގެ ނަންބަރު 2023/HC-A/384 ގަޒިއްޔާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކުރުމާ ގުޅޭ ގޮތުން ދަށުކޯޓުން ތަބާވާން ޖެހޭފަދަ އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ "އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ" އަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުކުރެވިފައިވާ މީހަކު، ބަންދާމެދު އިތުރަށް ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުން އެ މީހާ ބަންދުން ދޫކުރާ ހާލަތު ކަމަށާއި، ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމަށްފަހު، އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުން ބަންދުން ދޫކޮށްލާ މީހެއްގެ މައްޗަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަހުގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތެއް ނުހިނގާނެ ކަމަށާއި، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ޖިނާއީ އިޖުރާއަތަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ހަވާލާދީ މައްސަލަ ނިންމާފައި ވަނީ ރަޖުއީކޮށް ގާނޫނު ތަތުބީގު ނުކުރުމުގެ މަބްދައާ ހިލާފަށް ކަމަށާއި، ގާނޫނީ ނައްސުތައް އޭގެ އެންމެ ފުނަށް ފީނައިގެން މާނަކޮށްގެން ނުވަތަ ގާނޫނީ ގޮތުން އިހުތިލާފެއް އޮތް އިޖުރާއީ ނުކުތާއަކަށް، މައްސަލަ ބަލައި ނުގަތުމުގެ އިހުތިޔާރު ރަޖިސްޓްރަރއަށް ލިބިގެން ނުވާ ކަމަށާއި، މި މައްސަލައަކީ ދަށުކޯޓުން ބަލައިގަނެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގއަ ބަޔާންކުރާ ދައުވާކުރުމުގެ މުއްދަތާ ގުޅިގެން އިބްތިދާއީ މަރުހަލާގައި މައްސަލަ ބަލާ ފަނޑިޔާރު ގޮތެއް ނިންމަން ޖެހޭ ނުކުތާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސަރިޔަ ތަށް ފާހަގަ ވާ ނުކުތާތައް
9އިސްތިއުނާފަށް ހުށަހަޅާފައިވާ ތިން ނުކުތާ އާއި އާ ނުކުތާތަކުގެ ތަފުސީލުގައި ފާހަގަކުރި ކަންކަމަށް ބަލާއިރު ސަރިޔަތުގެ ކުރިމަތީގައިވާ ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހކަ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައް އެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މުއްދަތު ބަލާނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރަ ކުރު ދުވަހުން ފެށިގެންތޯ ނުވަތަ ފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެންތޯއާ މެދުގައެވެ.
10އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، އެ ކޯޓުގެ ނަންބަރު D12C/RNAB/2024/1 އާއި D12C/RNAB/2024/2 އާއި D12C/RNAB/2023/1 އިން ރަޖިސްޓްރަރގެ ނިންމުން މުރާޖައާކޮށް ނިންމުންތަކެއް ނިންމަވާފައިވާ ކަމަށާއި، އެ ނިންމުންތަކުގައި ހުރި ކަންކަން އެ ގޮތަށް ހުރުމާއި، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާ ދައުވާއާ ގުޅޭ ގޮތުން ފާހަގަކުރާ ކަންކަމަކީ ކުރިން ގޮތް ކަނޑައަޅާފައިވާ ކަންކަން ކަމަށް ވުމުން އެ ނިންމުންތަކަށް ބަދަލު ނާންނަހާ ހިނދަކު އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި އެ ނިންމުންތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.
11އިސްވެ ހަވާލާދެވުނު ނިންމުންތަކުގައި ބަޔާންކުރައްވާ މައިގަނޑު ނުކުތާއަކީ، ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމަކާ ނުލާ ދޫކޮށްލާ މީހުންގެ މައްސަލަތަކާއި، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ދޫކޮށްލާ މީހުންގެ މައްސަލަތަކާއި، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، ފަހުން ދޫކޮށްލާ މީހުންގެ މައްސަލަތަކާއި، ކޯޓުން ބަންދުގެ މުއްދަތު ދިނުމުން، ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ފިލާދިއުމުން ފުލުހުން ދޫކޮށްލާ މީހުންގެ މައްސަލަތައް ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތަކީ [ އެ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުން ފެށިގެން] 45 (ސާޅީސްފަހެއް) ދުވަސް ކަމަށް ބުރަވެވޭ ކަމަށެވެ.
12މީގެ އިތުރުން، ޖިނާއީ އިޖުރާއަ ތުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އިސްލާހުކޮށްފައިވާ ގޮތަށްމެ އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި އިޝާރަތްކުރައްވާފައިވެއެވެ.
13ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތުގެ މައްޗަށް މި އިސްތިއުނާފުގައި އުފެދިފައިވާ ސުވާލަށް ސުޕްރީމް ކޯޓުގެ ނަންބަރު A/09,10-2025/SC ގަޒިއްޔާއިން މިހާރު ވަނީ ސާފު ޖަވާބެއް ދެއްވާފައެވެ.
14HN1ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ގަޒިއްޔާގެ 38 ވަނަ ނުކުތާގައި ބަޔާންކުރައްވާފައިވަނީ "އެހެނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ)ގެ އިބާރާތަށް ބެލުމުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ މީހަކު ފުލުހުންގެ ފަރާތުން ބަންދުން ދޫކޮށްލާފައިވާނަމަ، އެ މީހެއްގެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ތަޙުޤީޤު އިދާރާއަށް ލިބެނީ މުއްތަހަމް ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ކަން ސާފެ ވެ" މި ފަދައިންނެވެ.
15HN2އަދި ހަމަ އެ ގަޒިއްޔާގެ 39 ނުކުތާގައި ބަޔާންކުރައްވާފައިވަނީ "މި ނަޒަރުން ޖިނާއީ އިޖުރާއަތުގެ ޤނޫނުގާ 94 ވަނަ މާއްދާގެ (ނ) އަށް ބެލުމުން، ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި، އެ މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުތަކާއި ނުލާ ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ
(ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއް ނަމަވެސް، މިފަދަ ޙާލަތްތަކުގައި ތަޠުބީޤު ކުރަން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނުނުގެ 94 ވަނަ މާއްދާގެ (ނ) ކަން، އެ މާއްދާގެ އެއްކޮށް ކިޔުމުން ސާފެވެ" މި ފަދައިންނެވެ.
16ވީމާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައި އެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މުއްދަތު ބަލަން ޖެހެނީ ފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެން ކަމާމެދަކު މިހާރަކު އެއްވެސް ސުވާލެއް ނެތެވެ. އެ ކަން އެ ވަނީ ސުޕްރީމް ކޯޓުން ސާފުކޮށް ކަނޑައަޅުއްވައ ނިންމަވާފައެވެ. އެހެނީ، ފުލުހުން ބަންދުން ދޫކޮށްލާ ހާލަތުގައި، ބަންދުކުރުމަށް ފުރަތަމަ އަމުރުކުރި ދުވަހުން ފެށިގެން ތަހުގީގު މުއްދަތު ބެލުމީ ގޯހެކެވެ.
17އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާފައިވާ ދައުވާއާ ގުޅާ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ އެ ފަރާތް ބަންދުން ދޫކޮށްލި ދުވަހުން ފެށިގެން ބަލައިފިނަމަ 45 ދުވަހުގެ ތެރޭގައި ކަމާމެދަކު މި މައްސަލާގައި ސުވާލެއް އުފެދިފައި ނުވެއެވެ.
18HN3އިސްތިއުނާފުކޮށްފައިވާ ނިންމުން ނިންމެވުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އިސްލާހުކޮށްފައިވާ ގޮތަށް އިޝާރަތްކުރައްވާ ފައިވާއިރު، ސުޕްރީމް ކޯޓުގެ ހަވާލާދެވޭ ނަންބަރު A/09,10-2025/SC ގަޒިއްޔާގެ 41 ވަނަ ނުކުތާއިންމެ ދޭހަވާން އޮންނަ ފަދައިން، ތަހުގީގީ މުއްދަތާއި ދައުވާ ކުރުމުގެ މުއްދަތަށް ބަލާން ޖެހޭނީ އެ ކަންކަމުގެ އިޖުރާއަތު ހިނގިއިރު އަމަލުކުރަމުންދިޔަ ގާނޫނުގައި އޮތް އިޖުރާއަތަށް ބަލައިގެންނެވެ. އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާ ދައުވާއާ ގުޅޭ ތަހުގީގާއި ދައުވާކުރުމުގެ ކަންކަން ހިނގާފައި ވަނީ ޖިނާއީ އިޖުރާއަތު ގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ފާސްކުރުމުގެ ކުރިންކަން ސާފުކޮށް އެނގެން އޮންނަހިނދު، އިސްތިއުނާފުކޮށްފައިވާ ނިންމުން ނިންމެވުމުގައި ހަވާލާދެވުނު 5 ވަނަ އިސްލާހަށް ރިއާޔަތްކުރެއްވުންމެ ގޯހެވެ.
ނިންމަން ފެންނަ ގޮތް
19މި ކަންކަމަށް ބަލާއިރު އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާފައިވާ ދައުވާ ބަލައިނުގަންނަވަން ނިންމަވާފައިވާ ރަޖިސްޓްރަރގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކުރައްވައި ނިންމަވާފައިވާ އިސްތިއުނާފުކޮށްފައިވާ ނިންމުން ބާތިލު ކޮށް، އެ ދައުވާ އަލުން ހުށަހަޅައިފިނަމަ އެ ދައުވާއަކީ ބަލައިގަންނަން ޖެހޭ ދައުވާއެއް ކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
20ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ބަޔާންކުރެއްވި ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
21ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ބަޔާންކުރެއްވި ރައުޔަށް ތާއީދުކުރަމެވެ.
ހުކުމް
ދެންފަހެ އިސްވެ ބަޔާންކުޅަ ކަންކަން އެ ގޮތުގައި ހުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 471/2024/D12C/4 ދައުވާ ހުށަހަޅާ ފޯމުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާ ބަލައިނުގަންނަވަން ނިންމެވި ނަންބަރު D12C/B/2024/3 ރަޖިސްޓްރަރގެ ނިންމުމާއި، އެ ނިންމުމަށް ތާއީދުކުރައްވައި ނިންމެވި ނަންބަރު D12C/RNAB/2025/2 ނިންމުން ބާތިލުކޮށް، ހަވާލާދެވުނު ދައުވާ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އަލުން ހުށަހަޅައިފިނަމަ އެ ދައުވާއަކީ ބަލައިގަންނަން ޖެހޭ ދައުވާއެއް ކަމަށް ކަނޑައަޅައި، މި އިސްތިއުނާފު ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ) (ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ން އިސްލާހުކުރި ގޮތަށް)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ނ) އަދި (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/09،10
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16،17
- ހައިކޯޓުގެ ނަންބަރު 2019/HC-A/12-N
- ހައިކޯޓުގެ ނަންބަރު 2023/HC-A/384
- މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2024/1، D12C/RNAB/2024/2 އަދި D12C/RNAB/2023/1
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.