ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު D12C/RNAB/2025/1
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރަޖިސްޓްރާރު، ނަންބަރު D12C/B/2024/04 ނިންމުމުން ދަޢުވާ ބަލައިނުގަތުމަށް ނިންމިއެވެ. ސަބަބަކީ، ތުހުމަތުކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުން ފެށިގެން ގުނާއިރު، ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން އިސްލާޙުކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ މުއްދަތު ހަމަވުމަށްފަހު ދަޢުވާ ހުށަހެޅި ކަމަށް ބުނެއެވެ. އެ ނިންމުން އަލުން ބަލައިދިނުމަށް އެދުމުން، ނަންބަރު D12C/RNAB/2025/1 ނިންމުމުން އެ ކޯޓުން ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކުރިއެވެ. އެ ކޯޓުން ބުރަވީ، ކުރިން ނިންމި ރަޖިސްޓްރާރގެ ނިންމުމުގެ މުރާޖަޢާތަކަށާއި، 5 ވަނަ އިސްލާޙުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އިސްލާޙުކުރި ގޮތަށެވެ.
- ވާޤިޢާ
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 12 މޭ 2024 ގައި ނަންބަރު 481/2024/D12C/5 ދަޢުވާ ހުށަހަޅާ ފޯމުން، ކުޅަ ކެނަބިސް ޓްރެފިކްކުރުމުގެ ދަޢުވާއެއް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. ތުހުމަތުކުރެވޭ މީހާ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ 03 މާރިޗު 2024 ގައެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، ފަހުން ފުލުހުން އޭނާ ބަންދުން ދޫކޮށްލިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފަނޑިޔާރަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ފަހުން ފުލުހުން ދޫކޮށްލާ މީހެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތު ގުނަން ފަށާނީ އޭނާ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރި ދުވަހުންތޯ ނުވަތަ ފުލުހުން ބަންދުން ދޫކޮށްލި ދުވަހުންތޯ، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ފަހުން ގެނައި އިސްލާޙެއް، އެ އިސްލާޙު ފާސްކުރުމުގެ ކުރިން ހިނގި ތަޙްޤީޤަކާއި ދަޢުވާއަކަށް ތަޠްބީޤުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވެ، އެ ކޯޓުގެ އަމިއްލަ ނިންމުންތަކަށް ތަބާވުމަކީ 2019/SC-A/15 ގައިވާ އުޞޫލާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއް ކަމަށާއި، 5 ވަނަ އިސްލާޙު ކުރިން ހިނގި ތަޙްޤީޤަކަށް ތަޠްބީޤުކުރުމަކީ ޤާނޫނު ފަހަތަށް ތަޠްބީޤުނުކުރުމުގެ މަބްދައާއި 2019/HC-N-A/12 އަދި 2023/SC-A/16، 17 ގައިވާ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން މުއްދަތު ހިނގަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުން ދޫކޮށްލާ މީހުންގެ މައްސަލަތަކުގައި ކަމަށާއި، ޤާނޫނީ ޚިލާފެއް އޮތް އިޖުރާއީ ނުކުތާއަކަށް ބިނާކޮށް ދަޢުވާ ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރަށް ނެތް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ފާހަގަކުރީ، މި ސުވާލަށް ސުޕްރީމް ކޯޓުގެ 2025/SC-A/09، 10 ގައި ސާފު ޖަވާބެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން، ފަނޑިޔާރަކު ބަންދަށް އަމުރުކުރާ ފަހުން ފުލުހުން ދޫކޮށްލާ މީހެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ 45 ދުވަހުގެ މުއްދަތު ގުނަނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަންދުން ދޫކޮށްލި ދުވަހުން ފެށިގެން ކަމަށާއި، މި މައްސަލައިގެ ތަޙްޤީޤު ހުށަހަޅާފައިވަނީ އެ މުއްދަތުގެ ތެރޭގައި ކަމަށެވެ. އަދި ތަޙްޤީޤާއި ދަޢުވާކުރުމުގެ ކަންކަން ހިނގާފައިވަނީ 5 ވަނަ އިސްލާޙު ފާސްކުރުމުގެ ކުރިން ކަމުން، އެ އިސްލާޙަށް ރިޢާޔަތްކުރުމީ ގޯހެއް ކަމަށް ކަނޑައެޅިއެވެ. މި ސަބަބުތަކާހުރެ، ރަޖިސްޓްރާރގެ ނިންމުމާއި އޭގެ މުރާޖަޢާގެ ނިންމުން ބާޠިލުކޮށް، 10 ދުވަހުގެ ތެރޭގައި ދަޢުވާ އަލުން ހުށަހަޅައިފިނަމަ ބަލައިގަންނަންޖެހޭ ކަމަށް ހައިކޯޓުން އިއްތިފާޤުން ނިންމިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަޢުވާ ބަލައިނުގަތުމަށް ނިންމި ރަޖިސްޓްރާރގެ ނިންމުމާއި، އެއަށް ތާއީދުކުރި މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލު؛ 10 ދުވަހުގެ ތެރޭގައި ދަޢުވާ އަލުން ހުށަހަޅައިފިނަމަ ބަލައިގަންނަންޖެހޭ (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އިސްލާޙުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ޙާލަތުގައި، އެ މީހެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތު ބަލަންޖެހެނީ ފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެންނެވެ؛ ފުލުހުން ބަންދުން ދޫކޮށްލާ ޙާލަތުގައި، ބަންދުކުރުމަށް ފުރަތަމަ އަމުރުކުރި ދުވަހުން ފެށިގެން ތަޙްޤީޤީ މުއްދަތު ބެލުމީ ގޯހެކެވެ.
HN2 ތަޙްޤީޤީ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތަށް ބަލަންޖެހޭނީ، އެ ކަންކަމުގެ އިޖުރާއަތު ހިނގިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުގައި އޮތް އިޖުރާއަތަށް ބަލައިގެންނެވެ؛ މައްސަލައެއްގެ ތަޙްޤީޤާއި ދަޢުވާކުރުމުގެ ކަންކަން ހިނގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ފާސްކުރުމުގެ ކުރިންކަމުގައި ވާނަމަ، އެ މައްސަލައެއް ނިންމުމުގައި 5 ވަނަ އިސްލާޙަށް ރިޢާޔަތްކުރުމީ ގޯހެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މަރްޔަމް ޝަހުމާ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
ތައާރަފު
1މިއީ، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2025/1 ނިންމުން (މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ނިންމުން") އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/HC-A/159 ގަޒިއްޔާއިން ބެލި އިސްތިއުނާފު (މީގެ ފަހުން "އިސްތިއުނާފު") ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް") އިންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
އިސްތިއުނާފުކުރި ނިންމުން
3އިސްތިއުނާފު ކުރި ނިންމުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 481/2024/D12C/5 ދައުވާ ހުށަހަޅާ ފޯމުން ހާރޫން ޢަބްދުލްޣަފޫރު ގެ މައްޗަށް 12 މޭ 2024 ގައި ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުޅަ ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ ބަލައިނުގަތުމަށް އެ ކޯޓުގެ ނަންބަރު D12C/B/2024/04 "ރަޖިސްޓްރާރގެ ނިންމުން" (މީގެ ފަހުން "ރަޖިސްޓްރަރގެ ނިންމުން") އިން ނިންމެވުމުން އެ ނިންމެވުން އަލުން ބަލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން އެ ނިންމެވުން އަލުން ބައްލަވައި ނިންމެވި ނިންމުމެވެ.
4ހަވާލާދެވުނު ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކުރައްވާފައި ވަނީ
"މައްސަލައިގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުމަށް ބަލާއިރު މައްސަލާގައި ދަޢުވާލިބޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޟިރުކޮށްފައިވަނީ 2024 މާރޗް 03 ވަނަ ދުވަހުގެ 09:20 ގައި ކަމަށްވުމާއި، އަދި ތަޙްޤީޤް ކުރުމުގެ މުއްދަތު އިތުރު ކޮށްފައިނުވުމުން، މިކޯޓަށް ދަޢުވާ ފޯމު ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށްވުމުން މިމައްސަލަ ބަލައި ނުގަތުމަށް ނިންމައިފީމެވެ"
މި ފަދައިންނެވެ.
5މި ނިންމެވުން އަލުން ބައްލަވައި ނިންމެވި އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާފައި ވަނީ
"ދެންފަހެ! އިސްވެ ބަޔާންކުރި ސަބަބުތައް އެހެންހުރުމާއެކު، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/B/2024/04 ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ނިންމައިފީމެވެ"
މި ފަދައިންނެވެ.
6އިސްތިއުނާފުކޮށްފައި ވަނީ މިގޮތުގެ މަތިން ނިންމެވި ނިންމުމެވެ.
އިސްތިއުނާފު
7އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ ހަތަރު ނުކުތާއެކެވެ. މީގެ ތެރެއިން ފަހު ނުކުތާ ފަހުން އަނބުރާ ގެންގޮސްފައި ވާތީ މި އިސްތިއުނާފުގައި ބަލާފައި ވަނީ ތިން ނުކުތާ އަށެވެ.
7.1. ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، މަތީ މަރުހަލާގެ ނިންމުމަށް މި މައްސަލައިގައި ތަބާވާން ޖެހޭނެކަމަށް ނިންމަވާފައި ވަނީ، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވުން ލާޒިމުވާ ހާލަތެއް ނެތީސް، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ގަޒިއްޔާގައި ބަޔާންކުރާ އުސޫލާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ކަމަށެވެ.
7.2. ދެ ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ގާނޫނު") އަށް ގެނެވުނު 5 ވަނަ އިސްލާހުން އެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާހާ ހަވާލާދީ މައްސަލަ ނިންމަވާފައި ވަނީ ރަޖުއީކޮށް ގާނޫނު ތަތުބީގު ނުކުރެވުމުގެ ގާނޫނީ މަބްދައާއި، މި ކޯޓުގެ ނަންބަރު 2019/HC-N-A/12 ގަޒިއްޔާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 ގަޒިއްޔާގައި އިޖުރާއީ ގާނޫނު ރަޖުއީކޮށް ތަތުބީގުކުރުމާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
7.3. ތިން ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) (މީގެ ފަހުން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ މި އަކުރަށް ހަވާލާ ދީފައި އެ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން މި އަކުރު އިސްލާހުކޮށްފައިވާ ގޮތަށް ނިސްބަތްކޮށް) އާއި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް މައްސަލަ ނިންމާފައިވާ ކަމަށެވެ.
8މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އުސޫލާ ހިލާފަށް ކަމަށާއި، މި ކޯޓުގެ ނަންބަރު 2023/HC-A/384 ގަޒިއްޔާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކުރުމާ ގުޅޭ ގޮތުން ދަށުކޯޓުން ތަބާވާން ޖެހޭފަދަ އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ "އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ" އަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުކުރެވިފައިވާ މީހަކު، ބަންދާމެދު އިތުރަށް ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުން އެ މީހާ ބަންދުން ދޫކުރާ ހާލަތު ކަމަށާއި، ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމަށްފަހު، އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުން ބަންދުން ދޫކޮށްލާ މީހެއްގެ މައްޗަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަހުގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތެއް ނުހިނގާނެ ކަމަށާއި، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ޖިނާއީ އިޖުރާއަތަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ހަވާލާދީ މައްސަލަ ނިންމާފައި ވަނީ ރަޖުއީކޮށް ގާނޫނު ތަތުބީގު ނުކުރުމުގެ މަބްދައާ ހިލާފަށް ކަމަށާއި، ގާނޫނީ ނައްސުތައް އޭގެ އެންމެ ފުނަށް ފީނައިގެން މާނަކޮށްގެން ނުވަތަ ގާނޫނީ ގޮތުން އިހުތިލާފެއް އޮތް އިޖުރާއީ ނުކުތާއަކަށް، މައްސަލަ ބަލައި ނުގަތުމުގެ އިހުތިޔާރު ރަޖިސްޓްރަރއަށް ލިބިގެން ނުވާ ކަމަށާއި، މި މައްސަލައަކީ ދަށުކޯޓުން ބަލައިގަނެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ ދައުވާކުރުމުގެ މުއްދަތާ ގުޅިގެން އިބްތިދާއީ މަރުހަލާގައި މައްސަލަ ބަލާ ފަނޑިޔާރު ގޮތެއް ނިންމަން ޖެހޭ ނުކުތާއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސަރިޔަތަށް ފާހަގަވާ ނުކުތާތައް
9އިސްތިއުނާފަށް ހުށަހަޅާފައިވާ ތިން ނުކުތާ އާއި އެ ނުކުތާތަކުގެ ތަފުސީލުގައި ފާހަގަކުރި ކަންކަމަށް ބަލާއިރު ސަރިޔަތުގެ ކުރިމަތީގައިވާ ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައި އެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މުއްދަތު ބަލާނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރާ ދުވަހުން ފެށިގެންތޯ ނުވަތަ ފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެންތޯއާ މެދުގައެވެ.
10އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، އެ ކޯޓުގެ ނަންބަރު D12C/RNAB/2024/1 އާއި D12C/RNAB/2024/2 އާއި D12C/RNAB/2023/1 އިން ރަޖިސްޓްރަރގެ ނިންމުން މުރާޖައާކޮށް ނިންމުންތަކެއް ނިންމަވާފައިވާ ކަމަށާއި، އެ ނިންމުންތަކުގައި ހުރި ކަންކަން އެ ގޮތަށް ހުރުމާއި، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާ ދައުވާއާ ގުޅޭ ގޮތުން ފާހަގަކުރާ ކަންކަމަކީ ކުރިން ގޮތް ކަނޑައަޅާފައިވާ ކަންކަން ކަމަށް ވުމުން އެ ނިންމުންތަކަށް ބަދަލު ނާންނަހާ ހިނދަކު އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި އެ ނިންމުންތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.
11އިސްވެ ހަވާލާދެވުނު ނިންމުންތަކުގައި ބަޔާންކުރައްވާ މައިގަނޑު ނުކުތާއަކީ، ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމަކާ ނުލާ ދޫކޮށްލާ މީހުންގެ މައްސަލަތަކާއި، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ދޫކޮށްލާ މީހުންގެ މައްސަލަތަކާއި، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، ފަހުން ދޫކޮށްލާ މީހުންގެ މައްސަލަތަކާއި، ކޯޓުން ބަންދުގެ މުއްދަތު ދިނުމުން، ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ފިލާދިއުމުން ފުލުހުން ދޫކޮށްލާ މީހުންގެ މައްސަލަތައް ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތަކީ [އެ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުން ފެށިގެން] 45 (ސާޅީސްފަހެއް) ދުވަސް ކަމަށް ބުރަވެވޭ ކަމަށެވެ.
12މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އިސްލާހުކޮށްފައިވާ ގޮތަށްމެ އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި އިޝާރަތްކުރައްވާފައިވެއެވެ.
13ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތުގެ މައްޗަށް މި އިސްތިއުނާފުގައި އުފެދިފައިވާ ސުވާލަށް ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/09,10 ގަޒިއްޔާއިން މިހާރު ވަނީ ސާފު ޖަވާބެއް ދެއްވާފައެވެ.
14ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ގަޒިއްޔާގެ 38 ވަނަ ނުކުތާގައި ބަޔާންކުރައްވާފައި ވަނީ
"އެހެނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ)ގެ އިބާރާތަށް ބެލުމުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ މީހަކު ފުލުހުންގެ ފަރާތުން ބަންދުން ދޫކޮށްލާފައިވާނަމަ، އެ މީހެއްގެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ތަޙުޤީޤު އިދާރާއަށް ލިބެނީ މުއްތަހަމް ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ކަން ސާފެވެ"
މި ފަދައިންނެވެ.
15އަދި ހަމަ އެ ގަޒިއްޔާގެ 39 ނުކުތާގައި ބަޔާންކުރައްވާފައި ވަނީ
"މި ނަޒަރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަށް ބެލުމުން، ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި، އެ މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުތަކާއި ނުލާ ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއް ނަމަވެސް، މިފަދަ ޙާލަތްތަކުގައި ތަޠުބީޤު ކުރަން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނުނުގެ 94 ވަނަ މާއްދާގެ (ނ) ކަން، އެ މާއްދާގެ އެއްކޮށް ކިޔުމުން ސާފެވެ"
މި ފަދައިންނެވެ.
16HN1ވީމާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައި އެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މުއްދަތު ބަލަން ޖެހެނީ ފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެންކަމާމެދަކު މިހާރަކު އެއްވެސް ސުވާލެއް ނެތެވެ. އެ ކަން އެ ވަނީ ސުޕްރީމް ކޯޓުން ސާފުކޮށް ކަނޑައަޅުއްވައި ނިންމަވާފައެވެ. އެހެނީ، ފުލުހުން ބަންދުން ދޫކޮށްލާ ހާލަތުގައި، ބަންދުކުރުމަށް ފުރަތަމަ އަމުރުކުރި ދުވަހުން ފެށިގެން ތަހުގީގު މުއްދަތު ބެލުމީ ގޯހެކެވެ.
17އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާ ދައުވާއާ ގުޅޭ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ އެ ފަރާތް ބަންދުން ދޫކޮށްލި ދުވަހުން ފެށިގެން ބަލައިފިނަމަ 45 ދުވަހުގެ ތެރޭގައި ކަމާމެދަކު މި މައްސަލާގައި ސުވާލެއް އުފެދިފައި ނުވެއެވެ.
18HN2އިސްތިއުނާފުކޮށްފައިވާ ނިންމުން ނިންމެވުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އިސްލާހުކޮށްފައިވާ ގޮތަށް އިޝާރަތްކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ހަވާލާދެވޭ ނަންބަރު 2025/SC-A/09,10 ގަޒިއްޔާގެ 41 ވަނަ ނުކުތާއިންމެ ދޭހަވާން އޮންނަ ފަދައިން، ތަހުގީގީ މުއްދަތާއި ދައުވާ ކުރުމުގެ މުއްދަތަށް ބަލާން ޖެހޭނީ އެ ކަންކަމުގެ އިޖުރާއަތު ހިނގިއިރު އަމަލުކުރަމުންދިޔަ ގާނޫނުގައި އޮތް އިޖުރާއަތަށް ބަލައިގެންނެވެ. އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާ ދައުވާއާ ގުޅޭ ތަހުގީގާއި ދައުވާކުރުމުގެ ކަންކަން ހިނގާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ފާސްކުރުމުގެ ކުރިންކަން ސާފުކޮށް އެނގެން އޮންނަހިނދު، އިސްތިއުނާފުކޮށްފައިވާ ނިންމުން ނިންމެވުމުގައި ހަވާލާދެވުނު 5 ވަނަ އިސްލާހަށް ރިއާޔަތްކުރެއްވުންމެ ގޯހެވެ.
ނިންމަން ފެންނަ ގޮތް
19މި ކަންކަމަށް ބަލާއިރު އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާފައިވާ ދައުވާ ބަލައިނުގަންނަވަން ނިންމަވާފައިވާ ރަޖިސްޓްރަރގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކުރައްވައި ނިންމަވާފައިވާ އިސްތިއުނާފުކޮށްފައިވާ ނިންމުން ބާތިލުކޮށް، އެ ދައުވާ އަލުން ހުށަހަޅައިފިނަމަ އެ ދައުވާއަކީ ބަލައިގަންނަން ޖެހޭ ދައުވާއެއް ކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
20ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ބަޔާންކުރެއްވި ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
21ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ބަޔާންކުރެއްވި ރައުޔަށް ތާއީދުކުރަމެވެ.
ހުކުމް
ދެންފަހެ އިސްވެ ބަޔާންކުޅަ ކަންކަން އެ ގޮތުގައި ހުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 481/2024/D12C/5 ދައުވާ ހުށަހަޅާ ފޯމުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާ ބަލައިނުގަންނަވަން ނިންމެވި ނަންބަރު D12C/B/2024/04 ރަޖިސްޓްރަރގެ ނިންމުމާއި، އެ ނިންމުމަށް ތާއީދުކުރައްވައި ނިންމެވި ނަންބަރު D12C/RNAB/2025/1 ނިންމުން ބާތިލުކޮށް، ހަވާލާދެވުނު ދައުވާ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އަލުން ހުށަހަޅައިފިނަމަ އެ ދައުވާއަކީ ބަލައިގަންނަން ޖެހޭ ދައުވާއެއް ކަމަށް ކަނޑައަޅައި، މި އިސްތިއުނާފު ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން އިސްލާޙުކުރެވުނު 94 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ނ) އަދި (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- 2025/SC-A/09, 2025/SC-A/10
- 2019/SC-A/15
- 2023/SC-A/16, 2023/SC-A/17
- 2019/HC-N-A/12
- 2023/HC-A/384
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.