ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 58 · 2022/SC-A/75ސުޕްރީމް ކޯޓު · 20 ސެޕްޓެމްބަރު 2022

އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ސެޕްޓެމްބަރު 2022ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/77 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާއި ޢަމަލުކުރަމުންދާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޏ.ފުވައްމުލައް، ދިގުވާނޑު / އިސްމާޢީލް އިފްހާމް މުޙައްމަދު (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އިސްމާޢީލް އިފްހާމް މުޙައްމަދު" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

އިސްމާޢީލް އިފްހާމް މުޙައްމަދު އާއި އިތުރު ބަޔަކު 13 ފެބުރުއަރީ 2021 ދުވަހު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި އެ މީހުންނާ ގުޅުންހުރި މއ.ވީމާ ގޭގެ ގްރައުންޑް ފަސްޓް، ސެކަންޑް، ތާރޑް އަދި ފޯރތް ފްލޯރ އާއި އަދިވެސް އެމީހުންނާ ގުޅުންހުރި ތަންތަނުގައި އެތަކެތި ބޭނުންކޮށް ގެންގުޅޭ އަދި ތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިސްމާޢީލް އިފްހާމް މުޙައްމަދުގެ މައްޗަށް، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ 22 އޭޕްރިލް 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ މައްޗަށްވެސް ދަޢުވާ ކޮށްފައި ވެއެވެ.

އިސްމާޢީލް އިފްހާމް މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އިބްތިދާއީ މަރުހަލާގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދިން ފުރުސަތުގައި، އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި 5 ހުށަހެޅުމެއް ހުށަޅާފައި ވެއެވެ. ކްރިމިނަލް ކޯޓަށް އިސްމާޢީލް އިފްހާމް މުޙައްމަދު ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން، އެއް ހުށަހެޅުމަކީ، އިސްމާޢީލް އިފްހާމް މުޙައްމަދު އާ ދެކޮޅަށް ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސް އިން ހޯދާފައިވާ އެކައުންޓް ސްޓޭޓްމަންޓް ތަކަކީ، ޝަރީޢަތަށް ޤަބޫލު ކުރެވޭނެ ހެކިތަކެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ.

ކްރިމިނަލް ކޯޓުން ނިންމިގޮތް

އިސްމާޢީލް އިފްހާމް މުޙައްމަދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ނަންބަރުގެ ދަށުންނެވެ. އެ އަކުރުގައި ބަޔާންވެގެންވަނީ ވަކި ހެއްކަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދުމެވެ. މި ހުށަހެޅުން ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ ސްޓޭޓްމަންޓްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާ ހެކިތަކަކަށް ވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ދޫކުރެވޭނީ އެކައުންޓުގެ ވެރިފަރާތުގެ ނަމާއި އެކައުންޓު ނަންބަރު ފަދަ މަޢުލޫމާތު ކަމަށާއި، އެކައުންޓުން ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފްސީލު ދޫކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، މި މައްސަލައިގައި ބުނެފައިވާ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ސްޓޭޓްމަންޓްތަކަކަށް ވާތީ އެ ސްޓޭޓްމަންޓްތައް ޝަރީޢަތަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

ހައިކޯޓުން ނިންމިގޮތް

ކްރިމިނަލް ކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2022/HC-B12/77 ޤަޟިއްޔާއިންނެވެ.

ހައިކޯޓުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައި ކަސްޓަމަރުންގެ އެކައުންޓުތަކާ ބެހޭ "އެއްވެސް މަޢުލޫމާތެއް" މިހެން ބަޔާންކޮށްފައި އޮތުމުން، އޭގެ ތެރޭގައި އެކައުންޓް ސްޓޭޓްމަންޓް ހިމޭނޭނެ ކަމަށާއި، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މި ޤަޟިއްޔާގައިވެސް އެގޮތަށް ނިންމާފައިވާ ކަމަށާއި، މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ސްޓޭޓްމަންޓްތަކަކަށް ވާތީ އެ ސްޓޭޓްމަންޓްތައް ޝަރީޢަތަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

ހައިކޯޓުގެ ނިންމުން އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ ދެ ނުކުތާއެވެ.

ޤާނޫނުއަސާސީން އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ކަށަވަރު ކޮށްދީފައިވާ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުން ކުރުމަށް ހުރަސްއެޅޭ ގޮތަށް މައްސަލަ ނިންމާފައިވުން.

ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބަލާއިރު، "އެކައުންޓުގެ މަޢުލޫމާތު" އާއި "އެކައުންޓުން ކޮށްފައިވާ މުޢާމަލާތް" މިއީ ޤާނޫނީ ގޮތުން ބަލާއިރު ދެ މާނައެއް ދޭންޖެހޭ ވަކި ދެ މުސްޠަލަޙެއްކަން އެނގެން އޮންނައިރު މިކަމަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވުން.

އިސްތިއުނާފީ ފުރަތަމަ ނުކުތާ

އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ޤާނޫނުއަސާސީން އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ކަށަވަރު ކޮށްދީފައިވާ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުން ކުރުމަށް ހުރަސްއެޅޭ ގޮތަށް މައްސަލަ ނިންމާފައިވާ ކަމަށެވެ. ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި މައްސަލައިގެ ދެފަރާތުގެ ވާހަކަތަކަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަ ކުރެވިފައިވެއެވެ.

ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 10 އޮގަސްޓް 2022 ގައި ކަން.

މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 11 އޮގަސްޓް 2022 ގައި ކަން.

މައްސަލައިގެ ލިޔުންތައް އިސްމާޢީލް އިފްހާމް މުޙައްމަދުއާއި ޙަވާލުކުރީ 12 އޮގަސްޓް 2022 ދުވަހުގެ 14:22 ގައި ކަން.

މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުނީ 15 އޮގަސްޓް 2022 ގައި ކަމާއި، ވަކީލަކު އައްޔަން ކުރުމަށް އިތުރު ވަގުތު ދިނުމަށް އިސްމާޢީލް އިފްހާމް މުޙައްމަދު އެދިގެން ޝަރީޢަތުން އެދުވަހުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް ވަކީލެއް ހަމަޖެއްސުމަށް އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ފުރުސަތު ދިންކަން.

އޮގަސްޓް 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގައި ބޭއްވުނު އަޑުއެހުމާއި ހަމަޔަށް އިސްމާޢީލް އިފްހާމް މުޙައްމަދު ވަކީލަކު ހޯދުމަށް އެހީތެރިވުމަށް ނޫނީ ފޯނު ކޯލެއް ކުރުމަށް އެދި އޭނާ ބަންދުކޮށްގެން ބަލަހައްޓާ ފަރާތުގައި އެދިފައި ނެތްކަން އެނގިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާ ކަމަށް ހައިކޯޓުގެ ރިޕޯޓުގައި ބަޔާންވެގެންވާކަން.

އިސްމާޢީލް އިފްހާމް މުޙައްމަދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ވަކާލާތުކުރާ ވަކީލު ހައިކޯޓުގައި ވަކާލާތުކުރުމަށް އުޒުރުވެރިވުމުން އެހެން ވަކީލެއް އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ހަމަޖެއްސުނީ އަޑުއެހުން އޮތް ދުވަހުގެ 12:00 ގައި ކަމަށާއި 12:30 ގައި މައްސަލައިގެ ލިޔުންތައް ހައިކޯޓުގައި ވަކީލާއި ޙަވާލު ކުރެވުނު ކަމަށާއި، އެދުވަހުގެ އަޑުއެހުން އޮތީ 14:00 ގައި ކަމަށް އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ފޯމުގައި ބަޔާން ކޮށްފައި ވާކަން.

ހައިކޯޓުގައި ހިނގި ޝަރީޢަތުގައި ޖަވާބުދާރީ ވުމަށް އިސްމާޢީލް އިފްހާމް މުޙައްމަދުގެ ވަކީލަށް ފުރުސަތު ދިނުމުން، ތައްޔާރުވާން ވަގުތު ލިބިފައިނުވާކަމަށް ބުނެ ޖަވާބުދާރީ ވެފައިނުވެއެވެ. ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޝަރީޢަތުން ނިންމާފައިވަނީ މައްސަލައަކީ އަވަހަށް ނިންމަން ޖެހޭ މައްސަލައަކަށް ވެފައި، އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް ބަލައި، އިތުރު ވަގުތު ދެވެން ނެތްކަމަށެވެ.

އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައަކީ ކްރިމިނަލް ކޯޓުގައި އެކުއެކުގައި ހިނގަމުންދާ މައްސަލަތަކެއްގެ އިބްތިދާއީ އަޑުއެހުމުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކެއްގެ ތެރެއިން އެއް ހުށަހެޅުމެވެ. މިބާވަތުގެ މައްސަލަތައް ނިންމުމަށް 7 ދުވަހުގެ މުއްދަތެއް ޤާނޫނުން ކަނޑައެޅިފައިވެއެވެ. ކުރު މުއްދަތެއް ޤާނޫނުން ކަނޑައަޅާފައިވަނީ ދަށު ކޯޓުގައި ހިނގަމުންދާ އަސްލު މައްސަލަ ހިންގުމަށް ހުރަސްއެޅިދާނެތީ ކަމަށް ބެލެވެއެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމޭނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްގެ އެހީތެރިކަން ލިބިގެންނެވެ. މި ރައުޔުގެ 11 ވަނަ ޕެރެގެރާފުގައި ބަޔާންވެގެންވާ ކަންކަމަށް ބަލާއިރު، ވަކީލެއް އައްޔަން ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެއީ 12 އޯގަސްޓް 2022 ގައި މި މައްސަލައިގެ ލިޔެކިއުންތައް އެންމެ ފުރަތަމަ އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ހަވާލުކުރެވުނުއިރު، މި ޠަބީޢަތުގެ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާކަން އިސްމާޢީލް އިފްހާމް މުޙައްމަދުއަށް އެނގިފައިއޮވެމެ، އޭގެ 3 ދުވަސް ފަހުން ބޭއްވުނު އަޑުއެހުމުގައި ވަކީލަކު ހޯދުމުގެ ފުރުސަތަކަށް އެދުމުން އެ ފުރުސަތުވެސް ދެވިފައިވާތީއެވެ. އަދި މި މައްސަލައިގެ ލިޔެކިއުންތައް އެންމެ ފުރަތަމަ އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ޙަވާލުކުރެވުނުއިރު، ވަކީލަކު ހަމަޖެއްސުމުގެ އެކަށީގެންވާ މަސައްކަތެއްވެސް ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ޠަބީޢަތާއި، މި މައްސަލައަކީ 7 ދުވަހުގެ ތެރޭގައި ނިންމަން ޤާނޫނުން ލާޒިމް ކޮށްފައިވާ ބާވަތުގެ މައްސަލައަކަށް ވުމާއި، ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ބަލާއިރު، އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމަށް ހައިކޯޓުން އެކަށީގެންވާ ފުރުސަތު ދީފައިވާކަމަށް އަހުރެންނަށް ބުރަވެވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

އިސްތިއުނާފީ ދެވަނަ ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބަލާއިރު، "އެކައުންޓުގެ މަޢުލޫމާތު" އާއި "އެކައުންޓުން ކޮށްފައިވާ މުޢާމަލާތް" މިއީ ޤާނޫނީ ގޮތުން ބަލާއިރު ދެމާނައެއް ދޭންޖެހޭ ވަކި ދެ މުސްޠަލަޙެއްކަން އެނގެން އޮންނައިރު މިކަމަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށެވެ. މި ނުކުތާއަށް ގޮތެއް ނިންމުމުމަށްޓަކައި އަންނަނިވި ކަންކަމަށް ބަލާލާނަމެވެ.

ގުޅުންހުރި ޤާނޫނީ މާއްދާތައް

ޤާނޫނުގެ ދުސްތޫރިއްޔަތު ކަމާމެދު ސުވާލު އުފައްދާފައިވުން

ވަކި ހެއްކަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދުން

މި މައްސަލައަށް ޤާނޫނު ތަޠުބީޤު ކުރުން

ގުޅުންހުރި ޤާނޫނީ މާއްދާތައްދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންވެގެން ވަނީ؛

"ބޭންކަކުން، އެ ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓުތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. ލިޔުމަކުން އެ ކަސްޓަމަރެއްގެ ހުއްދައެއް ލިބިގެން މެނުވީ، ނުވަތަ އެ ކަސްޓަމަރެއް ނިޔާވެފައިވާނަމަ، އެފަރާތުގެ ޤާނޫނީ ވަކީލު ނުވަތަ ވާރިޘުންގެ ހުއްދައެއް ލިޔުމަކުން ލިބިގެން މެނުވީ، ނުވަތަ ކޯޓުގެ އަމުރެއްގެ ދަށުން މެނުވީ، ނުވަތަ ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ މި ޤާނޫނުން އެފަދަ މަޢުލޫމާތެއް ހާމަކުރަން ހުއްދަކޮށްފައިވާ ކަމެއް ނުވަތަ ޙާލަތެއްގައި މެނުވީ ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ އެއްވެސް މަޢުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ. އަދި އެއްވެސް ސަބަބަކާގުޅިގެން ކަސްޓަމަރަކާ ބޭންކާ ދެމެދުގައިވާ ގުޅުން ކެނޑުނުކަމުގައި ވިނަމަވެސް، އެ ކަސްޓަމަރަކާބެހޭ އެފަދަ މަޢުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ." މިހެންނެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ؛

"އަންނަނިވި ޙާލަތްތަކުގައިވާ މީހުންގެ ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުޢާމަލާތް މޮނިޓަރކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިގެންވެއެވެ.

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއް ކޮށްފައިވާ މީހާއާއި، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާއާއި، އެފަދަ ކުށެއް ކުރަންއުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ މީހާ؛

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްގެ ޢަމަލުން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި މަންފާ ލިބިފައިވާ މީހާ؛

ޖިނާއީ ބޮޑު ކުށެއްގެ ޢަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހާ." މިހެންނެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ؛

"މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މަޢުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ." މިހެންނެވެ.

ޤާނޫނުގެ ދުސްތޫރިއްޔަތު ކަމާމެދު ސުވާލު އުފައްދާފައިވުންދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، ކޯޓު އަމުރެއް ނެތި، ތުހުމަތު ކުރުމަށް އެކަށިގެންވާ ހެކި ހުރިކަން ކަށަވަރު ކުރެވުމެއްނެތި، ތަހްޤީޤުކުރާ އިދާރާއަކުން ސިޓީއެއް ފޮނުވައިގެން ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މަޢުލޫމާތުތަކާއި އެކައުންޓުތަކުން ކުރާ މުޢާމަލާތްތަކުގެ އެންމެހާ ތަފްސީލު ފަސޭހައިން ލިބެން އެބައޮތް ކަމަށާއި، މިހެން މިކަން އޮތުމަކީ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤަށް އުނިކަން އަންނަ ކަމެއް ކަމަށް ބުނެ، ބުނެވިދިޔަ ދެ ޤާނޫނުގެ އެ ދެ މާއްދާގެ ދުސްތޫރިއްޔަތު ކަމާމެދު ސުވާލު އުފައްދައި، ޤާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤު، އެ ދެ ޤާނޫނުގެ އެ ދެ މާއްދާއިން ހަނިވެފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރުން ކަމަށް ދޭހަވާ ގޮތަށް ބުނެ، އެކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅައި ދިނުމަށް އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވެއެވެ. މިއީ ހައިކޯޓަށް ހުށަހެޅި ގޮތެއް ނިމިފައިވާ ކަމެއް ކަމަށް ނުވުމާއި، ޤާނޫނެއްގެ ބައެއް ދުސްތޫރާއި ޚިލާފު ކަމަށްބުނެ، ޚިލާފުވާ ބައި ބާޠިލު ކުރުމަށް އެދޭ މައްސަލަތަކަކީ ވަކި ކޯޓަކަށް ވަކި ގޮތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތަކެއް ކަމަށްވާތީ މި ކަމަކީ މި މައްސަލައިގެ ތެރެއިން ގޮތެއް ނިންމޭނެ ކަމެއް ނޫންކަމަށް އަހުރެން ދެކެމެވެ.

ވަކި ހެއްކަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދުންޝަރީޢަތުގައި މަޢުޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އިބްތިދާއީ މަރުޙަލާގައި ދަޢުވާގެ ދެފަރާތުން ހެކި ހާމަ ކުރުމުން، ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންވެގެންވެއެވެ. އިބްތިދާއީ މަރުޙަލާގައި އެ ހުށަހެޅުން ހުށަނާޅައިފިނަމަ އެ ހުށަހެޅުން ހުށަހަޅަން އޮތް ފުރުސަތު ދޫކޮށްލީ ކަމަށް ބެލެވޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާންވެގެންވެއެވެ.

އިބްތިދާއީ މަރުޙަލާގައި ދެފަރާތުން ހުށަހަޅާ ހެކިތައް ޝަރީޢަތަށް ބަލައިގަތުމަކީ އެ ހެކިތަކުގެ ސައްޙަ ކަމާއިމެދު ގޮތެއް ކަނޑައެޅުނީ ކަމަށް ނުބެލެވޭނެއެވެ. ހެކި ބަލައިގަތުމަށް ނިންމުމާއި ހެކި ސައްޙަކަމަށް ނިންމުމަކީ ތަފާތު ދެކަމެކެވެ. އިބްތިދާއީ މަރުޙަލާގައި ޝަރީޢަތަށް ބަލައިގަންނަ ހެކިތަކުގެ ސައްޙަކަމާއިމެދު ޝަރީޢަތުގެ ތެރެއިން ސުވާލު އުފެއްދޭނެއެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ޙާލަތުގައި، ޝަރީޢަތުން އެ ހުށަހެޅުމާއިމެދު ގޮތެއް ނިންމުމުގައި އެ ހެކީގެ ސައްޙަ ކަމާއިމެދު ގޮތެއް ނިންމާފައިވާނަމަ، އޭގެ ފަހުން އެހެކީގެ ސައްޙަ ކަމާއިމެދު ޝަރީޢަތުގެ ތެރެއިން ސުވާލު ނުއުފެއްދޭނެ ކަމަށް އަހުރެން ދެކެމެވެ.

ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދޭ އިރު، އެހެން އެދޭ ސަބަބެއް ހުށަހަޅާނެއެވެ. ޝަރީޢަތުން އެހުށަހެޅުމާއި މެދު ގޮތެއް ނިންމާނީ އެސަބަބުގެ މައްޗަށް ބިނާކޮށެވެ. އެ ހެކި ބަލައިގަތުމަށް ނުވަތަ ނުގަތުމަށް ނިންމާއިރު އެހެކީގެ ސައްޙަކަމާއިމެދު ގޮތެއް ނިމިފައި އޮވެދާނެއެވެ. ވަކި ހެއްކެއް ސައްޙަ ކަމަށް ނުވަތަ ސައްޙަ ނޫން ކަމަށް ކަނޑައެޅިގެން ދިޔުމަކީ މައްސަލައިގެ މައުލޫއަށް އަސަރެއް ކުރާނެ ކަމެއް ކަމަށް ނުބެލެވެއެވެ. ހެކި ސައްޙަ ކަމަށް ކަނޑައެޅުމާއި ހެކި ވަޒަންކުރުމަކީ ދެކަމެކެވެ. ހެކީގެ މައްޗަށް ބިނާކޮށް މައްސަލައިގެ މައުލޫއަށް ގޮތެއް ނިންމާނީ ހެކި ވަޒަންކޮށްގެންނެވެ.

މި މައްސަލައަށް ޤާނޫނު ތަޠުބީޤު ކުރުންމިމައްސަލާގައި އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ އޭނާއާއި ދެކޮޅަށް ހުށަހެޅިފައިވާ ބެންކް އޮފް މޯލްޑިވްސްގެ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެކިތަކެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ސަބަބަކަށް ބުނެފައިވަނީ އެ ހެކިތައް ހޯދާފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ.

އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ބުނެފައިވާ ގޮތަށް ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައި ބުނާ މަޢުލޫމާތަކީ އެކައުންޓުގެ ވެރިފަރާތުގެ ކާކުކަން އަންގައިދޭ މަޢުލޫމާތު އެކަނި ކަމާއި، އޭގެ ތެރޭގައި އެކައުންޓުން ކޮށްފައިވާ މުޢާމަލާތަކުގެ ތަފްސީލު ނުހިމެނޭ ކަމަށް މާނަ ކޮށްފިނަމަ، އެކައުންޓުން ކޮށްފައިވާ މުޢާމަލާތަކުގެ ތަފްސީލު ހޯދުމަށް ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ހޯދާށެވެ. އެ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުން ކޯޓު އަމުރަކަށް އެދެވެނީ 3 ޙާލަތެއްގައިވާ މީހުންގެ މައްސަލަތަކުގައެވެ. އެ ނޫން މައްސަލަތަކުގައި ކޯޓު އަމުރަކަށް އެދެވޭނެ ގޮތެއް ނެތެވެ. ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަވާނީ އެ ތިން ޙާލަތްތަށް ނުފެތޭ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ބޭންކު މެދުވެރިކޮށް ކުރާ މާލީ މުޢާމަލާތްތައް ބެލުމަށް ހުރަހެއް އައުމަކީ ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑު ލޮޅުމެއް އަރާނެކަމެކެވެ. ޤާނޫނު ހަދާ ބާރުގެ މަޤްޞަދަކީ މި ނަތީޖާ ނެރުން ކަމަށް ނުވާނެއެވެ.

މިހެން މިކަން އޮތުމުން، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައި ކަސްޓަމަރުންގެ އެކައުންޓުތަކާއިބެހޭ "އެއްވެސް މަޢުލޫމާތެއް" މިހެން ބަޔާންކޮށްފައި އޮތުމުން، އޭގެ ތެރޭގައި އެކައުންޓް ސްޓޭޓްމަންޓް ހިމޭނޭނެ ކަމަށް ހައިކޯޓުން މާނަކުރިކުރުން ރަނގަޅު ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، އިސްމާޢީލް އިފްހާމް މުޙައްމަދުއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ބެންކް އޮފް މޯލްޑިވްސްގެ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ހޯދާފައިވާ ހެކިތަކަކަށް ނުވާތީ، އެ ހެކިތައް ޝަރީޢަތަށް ބަލައިގަތުމަށް އަންގައި، ހައިކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭތަނެއް ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

ގެ (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގައި ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ ކަންކަމަށް އަހުރެން ތާއީދުކުރަމެވެ.

ޝަރީޢަތަށް ޤަބޫލުނުކުރެވޭ ހެކި

އިސްމާޢީލް އިފްހާމް މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދަޢުވާތަކާ ގުޅިގެން އެ މައްސަލަތަކުގެ އިބްތިދާއީ މަރުހަލާގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދިން ފުރުސަތުގައި، އިސްމާޢީލް އިފްހާމް މުޙައްމަދުއާ ދެކޮޅަށް ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސް އިން ހޯދާފައިވާ އިސްމާޢީލް އިފްހާމް މުޙައްމަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ސްޓޭޓްމަންޓަކީ ޝަރީޢަތަށް ޤަބޫލު ނުކުރެވޭނެ ހެކިކަމަށް ކަނޑައަޅައިދިނުމަށް އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނެވެ.

ކްރިމިނަލް ކޯޓުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމިއިރު، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައި ބުނާ "މަޢުލޫމާތު" މާނަކޮށް، އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް ސްޓޭޓްމަންޓް ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، އެ ހެކި ޝަރީޢަތަށް ޤަބޫލުނުކުރެވޭނެކަމަށް ކަނޑައަޅާފައިވެއެވެ. ހައިކޯޓުން މި ނިންމުން ބާޠިލުކޮށް އެ ހެކި އެއީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ، އަދި ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅާފައިވެއެވެ.

އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ބަލާއިރު، "އެކައުންޓުގެ މަޢުލޫމާތު" އާއި "އެކައުންޓުން ކޮށްފައިވާ މުޢާމަލާތް" މިއީ ޤާނޫނީ ގޮތުން ބަލާއިރު ދެމާނައެއް ދޭންޖެހޭ ވަކި ދެ މުސްޠަލަޙެއްކަމަށް ބުނެފައިވެއެވެ. އަދި މިމައްސަލާގައިވާ އިސްމާޢީލް އިފްހާމް މުޙައްމަދުގެ އެކައުންޓް ސްޓޭޓްމަންޓަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ސްޓޭޓްމަންޓްއަކަށް ވާތީ އެ ސްޓޭޓްމަންޓް ޝަރީޢަތަށް ބަލައިނުގަނެވޭނެކަމަށް އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން އިތުރަށް ބުނެފައިވެއެވެ.

އެހެންގޮތަކަށް ބުނާނަމަ، ދެވަނަ އިސްތިއުނާފީ ނުކުތާގައި އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން އުފައްދާފައިވާ ސުވާލަކީ ކޯޓު އަމުރަކާ ނުލައި ހޯދާފައިވާ އޭނާގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ސްޓޭޓްމަންޓް އެޑްމިސިބަލް އެވިޑެންސްކަމުގައި ބެލެވިދާނެތޯ ނުވަތަ ނޫންތޯއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގައި ބަޔާންކުރަނީ ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެވެ. އެ މާއްދާގެ (ހ) ގައިވަނީ އަންނަނިވި ފަދައިންނެވެ؛

އަންނަނިވި ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހަޅެންތަކެކެވެ. މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުސަތު ދޫކޮށްލީ ކަމުގައި ބެލެވޭނެއެވެ.

ޖިނާއީ އިޖުރާއަތު ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވަނީ އަންނަނިވި ފަދައިންނެވެ؛

(3) ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން

ބުނެވިދިޔަ ޖިނައީ އިޖުރާއަތު ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވަނީ ޝަރީޢަތް ފެށުމުގެ ކުރިއަށް އިންއެޑްމިސިބަލް އެވިޑެންސް މައްސަލަ ބަލާ ފަނޑިޔާރު ކަނޑައެޅުމާބެހޭ މާއްދާއެވެ. އެޑްމިސިބަލް އެވިޑެންސްއާއި އިންއެޑްމިސިބަލް އެވިޑެންސް ޝަރީޢަތުގެ ކުރިން ކަނޑައަޅާ މަފްހޫމަށް ބަލާއިރު، ތިލަ ގޮތަކަށް ބުނާނަމަ، މިއީ ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅުންހުރި އިތުބާރުހިފޭ ހެއްކާއި، ދަޢުވާގެ މައުލޫއުއާ ގުޅުމެއްނެތް، އިތުބާރުނުހިފޭ ހެކި ވަކިކޮށް، ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ކޯޓުން ވަކި ތަރުތީބަކުން ގެންދިއުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މިސާލަކަށް، ހުށަހެޅޭ ވަކި ހެއްކަކުން ވަކި ކަމެއް ސާބިތުކޮށްދިނުމަށްދެވޭނެ ބުރަދަން ކުޑަނަމަ، ނުވަތަ ދަޢުވާއާ ސީދާ ގުޅުމެއްވާ ހެއްކެއްކަމަށް ނުބެލެވޭނަމަ، އެފަދަ ހެއްކެއް އެއީ ޝަރީޢަތަށް ޤަބޫލުނުކުރެވޭ ހެކިކަމަށް ނުވަތަ އިންއެޑްމިސިބަލް އެވިޑެންސްކަމުގައި ކަނޑައެޅިދާނެއެވެ.

ޝަރީޢަތުގެ ކުރިއަށް ހުށަހަޅާ ހުށަހެޅުންތައް ހިނގަނީ މައްސަލައިގެ އެންމެހައި ފަރާތްތަކާއި އަދި ކޯޓަށްވެސް ވަކި މުއްދަތެއްގެ ތެރޭގައި ކަންކަންކޮށް ނިންމުމަށް ލާޒިމުވާ ފަދައިން ކަމުގައިވާއިރު، މިފަދަ ހުށަހެޅުމަކާ ބެހޭ އިސްތިއުނާފަކާ މެދުވެސް ގޮތް ކަނޑައެޅުމުގެ ވަކި މުއްދަތެއް އިސްތިއުނާފީ ކޯޓުތަކަށް ޤާނޫނު ލާޒިމުކުރެއެވެ.

އެގޮތުން، މައްސަލައެއްގައި ޤަބޫލުނުކުރެވޭނެ ހެކި ކަމަށް ހުށަހަޅާ ހުށަހެޅުމެއްގައި އެ ހެއްކަކީ ޝަރީޢަތުގައި މައުލޫއީގޮތުން ބެލުމަކާނުލައި އެއާ މެދު ގޮތެއް ނިންމޭނެ ހުށަހެޅުމެއް ކަމުގައި ވާންޖެހެއެވެ. މިއީ ޖިނާއީ އިޖުރާއަތު ޤާނޫނުގެ 117 ވަނަ މާއްދާގެ ސާފު އިބާރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހަނިކުރެވިފައިވާ ދާއިރާކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.

އެހެންކަމުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކީ، އަދި ޚާއްސަކޮށް، ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކީ ޝަރީޢަތުގައި މައުލޫއީ ގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެކަމެއްކަމަށް ވާންޖެހެއެވެ. ޖިނާއީ އިޖުރާއަތު ޤާނޫނުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ނިންމުމާމެދު ދެވިފައިވާ މުހުލަތުތަކާއި، އެ ޤާނޫނުގެ 117 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، މި މަރުހަލާގައި ހުށަހަޅާނީ ދެފަރާތު ދެމެދު ދެބަސްވާ، ބޮޑު ޤާނޫނީ ބަހުސަކަށްދާ، އަދި މައްސަލައިގެ މައުލޫއުއަށްވެސް އަސަރުކުރާފަދަ ކަންކަމެއްނޫނެވެ.

ޝަރީޢަތަށް ޤަބޫލުކުރެވޭ ހެއްކެއްކަމަށް ކަނޑައެޅުމުގެ ނަތީޖާ

ހެއްކެއް ޝަރީޢަތަށް ޤަބޫލުކުރުމަކީ އެ ހެއްކެއްގެ ސައްޙަކަން ކަނޑައެޅުމެއް ނޫނެވެ. ވަކި ހެއްކެއް އެއީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ ހެއްކެއް އެއީ އޮޓޮމެޓިކުން ސައްޙަ އަދި އެ ހެއްކަކާ މެދު ބަހުސްކުރުމުގެ ފުރުސަތުވެސް ހަނިވެގެންދާނެ ކަމެއްނޫނެވެ. އެހެނީ ޝަރީޢަތުގެ ކުރިއަށް ހުށަހެޅޭ ހުށަހެޅުންތަކަކީ މައުލޫއީ ގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތް ނިންމޭނެ ކަންކަންކަމަށްވާންޖެހޭތީއެވެ.

މި މަރުހަލާގައި ހެއްކެއް އެއީ ބަލައިގަނެވިދާނެ ހެއްކެއްކަމަށް ފަނޑިޔާރަކު ކަނޑައެޅުމުގެ ނަތީޖާއަކީ، ޝަރީޢަތް ފެށިގެން ކުރިއަށްދާއިރު، އެ ހެއްކެއް އެއީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމަށް ނިންމުމެވެ. އެ ހެއްކެއްގެ ސައްޙަކަމާމެދު މުތުލަޤަށް ނިންމާ ނިންމުމެއް ނޫނެވެ. ނުވަތަ އެ ހެއްކެއް އެއީ ތައުނުކުރެވުމުގެ ފުރުސަތެއްނެތި އޮތްގޮތަށް ބަލައިގަންނަޖެހޭ ހެއްކެއްކަމުގައިވެސް ކަނޑައެޅިގެން ދިޔުމެއްނޫނެވެ.

އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ބުނާ ފަދައިން، ޖިނާއީ އިޖުރާއަތު ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުސަތު ދޫކޮށްލީކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، އެ ހެއްކެއްގެ ދުސްތޫރިއްޔަތާމެދު ނުވަތަ އެ ހެއްކެއްގެ ސައްޙަކަމާމެދު ޝަރީޢަތް ފެށުމުން ބަހުސްކޮށް، ގޮތް ކަނޑައެޅުމަށް އޮތް ފުރުސަތު ގެއްލިގެންދިޔުމެއްނޫނެވެ. އެއާ ޚިލާފަށް، ޖިނާއީ އިޖުރާއަތު ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގައިވާ އިބާރާތްކޮޅުން އިޝާރާތްކުރަނީ، ޝަރީޢަތް ފެށުމަށްފަހު، އިންއެޑްމިސިބަލް އެވިޑެންސްކަމަށްބުނެ އައު ހުށަހެޅުމެއް ހުށަނޭޅޭނެ ވާހަކައެވެ. ހެއްކެއް ޝަރީޢަތުން ބަލައިގަތުމަށްފަހު، އެ ހެއްކެއް ޝަރީޢަތުން ވަޒަންކޮށް، އެ ހެއްކެއްގެ ސައްޙަކަން ކަނޑައެޅި، އެ ހެއްކަކަށް ފަނޑިޔާރު ބުރަދަންދޭ މިންވަރު ކަނޑައެޅުމަކީ، ހެއްކެއް ޝަރީޢަތަށް ބަލައިގަތުމަށް ނުވަތަ ޤަބޫލުކުރުމަށް ނިންމާ ނިންމުމާ ތަފާތު ކަމެކެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި ހައިކޯޓުން ޢަމަލުކުރިގޮތް

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމުގެ އަޣުލަބިއްޔަތު ރައުޔުގައި، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ އާއި އެ މާއްދާ ތަޠުބީޤު ކޮށްފައިވާ މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގަޒިއްޔާއަށް ރިއާޔަތްކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ އާއި އެ މާއްދާ ތަޠުބީޤުކޮށްފައިވާ މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގަޒިއްޔާއަށް ރިއާޔަތްކުރުމުން، ތަހުޤީޤީ އިދާރާއަކަށް ކޯޓު އަމުރަކާ ނުލައި މީހެއްގެ ބޭންކް އެކައުންޓުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު އޮތްކަމުގައި ބެލެވެއެވެ. ޤާނޫނުގައި އެ މަޢުލޫމާތަކީ ކޮބައިކަމެއް ބަޔާންކޮށްފައިނުވާއިރު، އެ މާއްދާ ތަޠުބީޤުކޮށްފައިވާ ގަޒިއްޔާއެއްގައިވެސް އެ މާއްދާގެ ދުސްތޫރިއްޔަތާމެދު ނުވަތަ އެ މާއްދާގައި ބުނާ "މަޢުލޫމާތު" މި ލަފްޒު މާނަކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑައަޅާފައިނުވެއެވެ. ވުމާއެކު، ޕްރިމާ ފޭޝީ (prima facie) ކޮށް، އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް ސްޓޭޓްމަންޓް ޝަރީޢަތުން ޤަބޫލު ނުކުރަންޖެހޭ ސަބަބެއްނެތެވެ. މި ހާލަތުގައި ޝަރީޢަތުން ޤަބޫލުކުރުންކަމަށް މި ބުނަނީ ހެއްކެއް ޝަރީޢަތަށް ހުށަހެޅިދާނެކަމަށެވެ. އެ ހެއްކެއްގެ ސައްޙަކަމަކަށް ނޫނެވެ.

ހެއްކެއް ޝަރީޢަތަށް ޤަބޫލުކުރުމާ ގުޅޭ މައްސަލަތަކުގައި، ޢާންމު އުސޫލަކަށް ވާންޖެހޭނީ، ކޮންމެ ހެއްކެއް އެއީ މައްސަލައިގައި ވަކި ކަމެއް ސާބިތުކުރުމަށް އޮތް ހަރުދަނާ ހެއްކެއްކަމަށް ބެލެވޭނަމަ، ނުވަތަ މައްސަލައާ ސީދާ ގުޅުމެއްވާ ހެއްކެއްކަމަށް ބެލެވޭނަމަ، އެފަދަ ހެއްކެއް އެއީ ޝަރީޢަތުން ޤަބޫލުކުރާ ހެއްކެއްކަމަށް ވެގެންދިޔުމެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި ވަކި ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދި ހެއްކެއްކަމަށް ފަނޑިޔާރަށް ކަނޑައަޅަންޖެހޭނެ ފަދަ ޙާލަތެއް ވުޖޫދުވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއާ ޚިލާފަށް، ހެއްކެއް އެއީ މައްސަލައިގެ ވަކިކަމެއް ސާބިތުކުރުމަށް ގުޅުމެއް ނެތް ހެއްކެއްކަން ދެއްކިއްޖެނަމަ، ނުވަތަ އެފަދަ ހެއްކަކީ ބަލައިގަނެގެންވާނެ ހެއްކެއް ނޫންކަމަށް ޤާނޫނަކުން ކަނޑައަޅާފައިވާނަމަ (މިސާލަކަށް ހިއަރސޭ އެވިޑެންސް ނުވަތަ އިވުނުކަމަށްބުނާ ހެކި)، އެފަދަ ހެއްކެއް ޝަރީޢަތުން ޤަބޫލުކުރަން ނުޖެހޭކަމަށް ކަނޑައެޅުމުގެ އިހުތިމާލު ބޮޑެވެ.

ހެއްކެއް އެއީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ބުނެ، ޝަރީޢަތުގެ ކުރީ މަރުހަލާގައި ހުށަހަޅައިފިނަމަ، އަދި އަމުދުން މިކަމާމެދު މައްސަލައިގެ ދެފަރާތު ދެމެދު ޚިލާފުވުންތަކެއް އުޅޭނަމަ، އެ ހެއްކަކާ މެދު އިތުރު ގޮތްތަކެއް ކަނޑައެޅުމެއް ނެތި، އެ ހެއްކަކީ އެއީ ޝަރީޢަތަށް ޤަބޫލުކުރެވޭ ހެއްކެއް ކަމުގައި ވާންޖެހެއެވެ. އަދި އެފަދަ ހެއްކެއްގެ ސައްޙަކަމާމެދު މައުލޫއީ މައްސަލައިގެ ތެރޭގައި ގޮތް ކަނޑައަޅަންވާނެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ އާއި އެ މާއްދާ ތަޠުބީޤުކޮށްފައިވާ މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގަޒިއްޔާއަށް ރިޢާޔަތްކޮށް، އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް ސްޓޭޓްމަންޓަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި އަހުރެންދެކެމެވެ. ސަބަބަކީ އެ ހެކި ޤަބޫލުކުރަން ނުޖެހޭފަދަ ހަރުދަނާ ސަބަބުތަކެއް އިސްމާޢީލް އިފްހާމް މުޙައްމަދުއަށް ދެއްކިފައިނުވާތީއެވެ.

އެހެންނަމަވެސް، ހައިކޯޓުގެ އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާއާއި އެ މާއްދާ ތަޠުބީޤުކޮށްފައިވާ މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގަޒިއްޔާއާ ހަވާލާދީ، އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް ސްޓޭޓްމަންޓަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަކަށްނޫނެވެ. އެހެނީ، ޝަރީޢަތުގެ ކުރިއަށް ހުށަހަޅާ ހެކިތަކުގެ ތެރެއިން ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ނުވަތަ އިންއެޑްމިސިބަލް އެވިޑެންސްއަކީ ޕްރިމާ ފޭޝީ (prima facie) ނިންމުމެއް ކަމުގައިވާއިރު، މި މަރުހަލާގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާނީ ވަކި ހެއްކެއް އެއީ ޝަރީޢަތަށް ހުށަހަޅައި އެއާމެދު ބަހުސް ކުރެވިދާނެ ހެއްކެއްކަން ނުވަތަ ނޫންކަމާމެދުގައެވެ. ޝަރީޢަތުގެ ކުރިއަށް އަންނަ މަރުހަލާގައި ޝަރީޢަތުގެ ތެރޭގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަމަށް ދަށު ކޯޓުންވެސް އަދި އިސްތިއުނާފީ މަރުހަލާއިންވެސް ގޮތް ކަނޑައެޅުމުގެ ނަތީޖާއަކީ، ޤާނޫނުން ލާޒިމްކުރާ ކުރު މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ ބަހުސެއް ނުވަތަ ދިރާސާއެއް ނުކުރެވި، މައްސަލައިގެ މައުލޫއު ނުވަތަ ވާގިއާތަކާ ސީދާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅިގެންދިޔުމެވެ. ޝަރީޢަތްކުރުމެއް ނެތި ޝަރީޢަތުގެކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި، ދެފަރާތު ދެމެދު ޤާނޫނީ ގޮތުން ޚިޔާލުތަފާތުވާ ކަންކަމުގައި ގޮތެއް ނިންމިދާނެކަމަކަށް އަހުރެން ނުދެކެމެވެ.

އެހެންކަމުން، ހައިކޯޓުން އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް ސްޓޭޓްމަންޓް ޤަބޫލުކުރުމަށް ނިންމީ ރަނގަޅަށް ކަމުގައިވީނަމަވެސް، ހައިކޯޓު ޙުކުމުގައި އެ ހެއްކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެއްކެއްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަކަށް ނޫނެވެ. ސަބަބަކީ އެ ހެއްކަކީ މަތިމަތިން ބަލައި ބެލުމުގައި ޝަރީޢަތަށް ޤަބޫލުކުރެވިދާނެ ހެއްކެއް ކަމުގައިވާއިރު، އެ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ދެފަރާތު ދެމެދު ޚިލާފުވުން އުފެދިފައިވާނަމަ، އެކަމަކާ މެދު ދެން ގޮތެއް ކަނޑައަޅަންވާނީ މައްސަލައިގެ ޝަރީޢަތުގެ ތެރެއިން ކަމުގައި ވާތީއެވެ. ޝަރީޢަތުގެ ކުރިއަށް ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުލޫއުއަށް ސީދާ އަސަރުކުރާ ފަދަ މޭރުމަކުން ދަށު ކޯޓަށްވެސް އަދި އިސްތިއުނާފީ ކޯޓުތަކަށްވެސް ގޮތެއް ނިންމިދާނެ ކަމުގައި އަހުރެން ނުދެކެމެވެ. ސަބަބަކީ މި މައްސަލައިގައި ދަށު ކޯޓުންވެސް އަދި ހައިކޯޓުންވެސް ޢަމަލުކޮށްފައިވާ ފަދައިން، މައްސަލައިގެ މައުލޫއުއަށް އަސަރުކުރާގޮތަށް ޝަރީޢަތުގެ ކުރިން ކޯޓުތަކުން ނިންމުންތައް ނިންމުމުން، މައްސަލައިގެ ޙަޤީޤީ ޝަރީޢަތް ފެށެންވާއިރަށް ގޮތެއް ކަނޑައަޅާނެ ކަންކަން ނެތިދިޔުމެވެ. ނުވަތަ ޝަރީޢަތަކާ ނުލައި މައްސަލައިގެ ޙުކުމަކާ ހަމައަށް ވާސިލުވުމެވެ. މިއީ ޖިނާއީ އިޖުރާއަތު ޤާނޫނުގައި ޝަރީޢަތަށް ޤަބޫލުނުކުރެވޭ ހެކި ކަނޑައެޅުމުގެ މަޤުސަދާ އެއްގޮތްވާ ގޮތުގެމަތިން ނެރެވޭ މާނަކުރުމެއް ކަމުގައި އަހުރެން ނުދެކެމެވެ.

ވުމާއެކު ހައިކޯޓުގެ ނަންބަރު 2022/HC-B12/77 ގަޒިއްޔާގައި އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް ސްޓޭޓްމަންޓްއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އަދި މި ނިންމުމަކީ ޕްރިމާ ފޭޝީ (prima facie) ނިންމުމެއް ކަމުގައިވާއިރު އިސްމާޢީލް އިފްހާމް މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ މައުލޫއު ގަޒިއްޔާ ހިނގަމުންދާއިރު، ހެއްކެއްގެ ދުސްތޫރިއްޔަތާމެދު ނުވަތަ އެ ހެއްކެއްގެ ސައްޙަކަމާމެދު ސުވާލު އުފައްދާނަމަ، އެކަމެއް ޝަރީޢަތަށް ހުށަހަޅައި، ބަހުސްކުރެވި، އެކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ޤާނޫނީ ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު،

ހައިކޯޓުގެ ނަންބަރު 2022/HC-B12/77 ގަޒިއްޔާގައި އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް ސްޓޭޓްމަންޓްއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި،

އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓްގެ ސްޓޭޓްމަންޓްއަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ