ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/23

ޙުސައިން ފިޔާޟް މޫސާ އާއި ޙަސަން މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 9 ޖަނަވަރީ 2027ޙުކުމުގެ ހާލަތު
ހައިކޯޓު · 10 ނޮވެމްބަރު 2026ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B1/SHN/(528/Cr-C/2026)/(2026)/05ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-B1/SHN/(528/Cr-C/2026)/(2026)/05
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން (145-B1/SHN/(528/Cr-C/2026)/(2026)/05، 08 އޮކްޓޫބަރު 2026) ދެ ހެކިވެރިން ވެސް ބަލައިނުގަތުމަށް ނިންމިއެވެ. ހެކިވެރިޔާ 9 އާ ބެހޭ ގޮތުން ބުނީ، ޝަކުވާގެ ސިޓީ އޮރިޖިނަލް ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާތީ ސިޓީ ފޮނުވި ފަރާތް ހާޒިރުކުރަން ނުޖެހޭ ކަމަށެވެ. ހެކިވެރިޔާ 10 އާ ބެހޭ ގޮތުން ބުނީ، ޑޮކިއުމެންޓަރީގެ ވާހަކަތަކުން ޒިނޭގެ ތުހުމަތު ކުރެވޭތޯ ނިންމާނީ ޝަރީޢަތުން ކަމުން، ހެކިވެރިޔާ ދެކޭގޮތް ދަޢުވާއާ ގުޅުމެއް ނެތް ކަމަށެވެ.
ވާޤިޢާ
އަދަދު އޮންލައިނުން 28 މާރިޗް 2026 ގައި "ޢާއިޝާ" ނަމުގައި ޑޮކިއުމެންޓަރީއެއް އާންމުކުރުމާ ގުޅިގެން، ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތުކުރި ކަމަށް ބުނެ، ދައުލަތުން ޙުސައިން ފިޔާޟް މޫސާ އާއި ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛްފުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ (528/Cr-C/2026). ހެކި ހާމަކުރުމުގެ މަރުޙަލާގައި ދިފާޢުން ހުށަހެޅި ހެކިންގެ ތެރެއިން، ޝަކުވާކުރި ފަރާތް (ހެކިވެރިޔާ 9) އާއި، ޑޮކިއުމެންޓަރީގައި ވާހަކަދައްކާ ކަމަށް ބުނާ ޢާއިޝަތު ޢީޝާ އަޝްރަފް (ހެކިވެރިޔާ 10) ބަލައިނުގަތުމަށް ދައުލަތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤަޛްފުގެ ދަޢުވާއެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ދައުލަތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ ގުޅިގެން، ދިފާޢުން ހުށަހެޅި ހެކިވެރިޔާ 9 (ޝަކުވާކުރި ފަރާތް) އާއި ހެކިވެރިޔާ 10 (ޑޮކިއުމެންޓަރީގައި ވާހަކަދައްކާ ކަމަށް ބުނާ ފަރާތް) ގުޅުން ހުރި ހެކި ނޫންކަމަށް ބުނެ ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތައް ބުނީ، ހެކިތަކުން ސާބިތުކުރަން ބޭނުންވާ ވާޤިޢާތަކަށް ރިޢާޔަތްނުކޮށް، ހެއްކަކީ ގުޅުން ހުރި ހެއްކެއްތޯ ވަޒަންނުކޮށް ހެކި ބަލައިނުގަތުމަށް ނިންމީ ހެއްކާބެހޭ ޤާނޫނުގެ 114 އާއި 116 ވަނަ މާއްދާއާއި 2022/SC-A/75 ގެ އުޞޫލުތަކާ ޚިލާފަށް ކަމަށާއި، ނިންމުމަށް ވާޞިލުވެފައިވަނީ prima facie މިންގަނޑަށްވުރެ ފުނަށް ފީނައި މައުޟޫޢަށް އަސަރުކުރާ ގޮތަށް ކަމަށެވެ. ދައުލަތުން ބުނީ، ހެކިތައް relevancy test އިން ފާސްނުވާ ކަމަށާއި، ސިޓީގެ ޞައްޙަކަމަށް ޠަޢުނުކުރެވިފައި ނުވާ ކަމަށާއި، ޢަދުލު އިންޞާފު ގެއްލުނު ގޮތެއް ދައްކާފައި ނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ކަނޑައެޅީ، ހެކި ބަލައިގަތުމުގެ ޖައުހަރީ އުޞޫލަކީ ހެއްކަކީ ގުޅުން ހުރި ހެއްކަކަށް ވުން ކަމަށާއި، ޝަރީޢަތުގެ ކުރިން ނިންމާ ނިންމުމަކީ prima facie ނިންމުމެއް ކަމަށާއި، ހެކީގެ ބުރަދަން ކަނޑައަޅާނީ ޝަރީޢަތުގެ މަރުޙަލާގައި ކަމަށެވެ. ބަލައިގަންނަންޖެހޭ ހެއްކެއް އެއްކިބާކުރުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށާއި، އިސްތިއުނާފުގައި ޢަދުލު އިންޞާފު ގެއްލުނު ގޮތް ދައްކަންޖެހޭ ކަމަށެވެ. ހެކިވެރިޔާ 9 އަކީ ޝަކުވާކުރި ފަރާތް ކަމަށާއި، ދަޢުވާ ކަނޑައަޅަނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމުން އެ ހެކިވެރިޔާ ދަޢުވާގެ އުންޞުރަކާ ގުޅޭ ގޮތެއް ނުފެންނަ ކަމަށް ކަނޑައަޅައި، އެ ނިންމުން އިއްތިފާޤުން ދެމެހެއްޓިއެވެ. ހެކިވެރިޔާ 10 އަކީ ދަޢުވާގައި ހިމެނޭ ޑޮކިއުމެންޓަރީއާ ގުޅުން ހުރި، ދިފާޢު ބިނާކުރުމަށް މުހިންމު ވެދާނެ ހެއްކެއް ކަމަށް ކަނޑައަޅައި، އެ ހެކިވެރިޔާ ބަލައިނުގަތުމަށް ނިންމި ނިންމުން އަޣްލަބިއްޔަތުން ބާޠިލުކުރިއެވެ. ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ފާހަގަކުރެއްވީ، ގުޅުން ހުރިކަން ދައްކަންޖެހެނީ ހެކި ހުށަހަޅާ ފަރާތުން ކަމަށާއި، ދަށު ކޯޓުގެ އިޚްތިޔާރަށް ވަދެ ބަދަލުކުރާނެ ސަބަބެއް ނުފެންނަ ކަމަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހެކިވެރިޔާ 9 ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޤާއިމް (އިއްތިފާޤުން)؛ ހެކިވެރިޔާ 10 ބަލައިނުގަތުމަށް ނިންމި ނިންމުން ބާޠިލު (އަޣްލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހެކި ބަލައިގަތުމުގެ މަފްހޫމަކީ ވަކި ހެއްކަކީ ޝަރީޢަތުގެ މަރުޙަލާގައި ބޭނުންކުރުމަށް ކޯޓުން ބަލައިގަންނާނެ ހެކިތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބޭނުންކުރާ އުޞޫލުތައް ތަޠުބީޤުކުރެވޭ މަފްހޫމެކެވެ. ހެކި ބަލައިގަތުމުގެ މަފްހޫމުގައި ހިމެނޭ ޖައުހަރީ އުޞޫލަކީ ޝަރީޢަތަށް ބަލައިގަނެވޭ ހެއްކަކީ ގުޅުން އޮތް (relevant) ހެއްކަކަށްވުމެވެ.

HN2 ވަކި ވާޤިޢާއަކާއި ވަކި ހެއްކަކާމެދު ގުޅުންހުރި ހެކިކަމަށް ބެލެވޭނީ، ޤާނޫނީގޮތުން ގުޅުންހުރި ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގަނެފިކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވާނަމައެވެ. ހެއްކާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ޙާލަތުގައި، ގުޅުންހުރި ހެއްކަކީ ކޯޓަށް ބަލައިގަނެވޭ ހެއްކެވެ. އަދި ގުޅުންހުރި ހެއްކަށްނުވާ ހެއްކަކީ ކޯޓަށް ބަލައިގަނެވޭނެ ހެއްކެއްނޫނެވެ.

HN3 މިކަންކަމުގެ އަލީގައި، ހެއްކެއް ބަލައިގަނެވޭނީ 3 (ތިނެއް) ޝަރުޠެއް ފުރިހަމަވުމުންކަމުގައި ބެލެވެއެވެ. އެއީ، އެ ހެކި ޚަޞްމަކު ހުށަހަޅާފައިވުމާއި، އެ ހެއްކަކީ ގުޅުން އޮތް ހެއްކަކަށްވުމާއި، އެ ހެކި ޤާނޫނީ ޓެސްޓުން ފާސްވުމެވެ.

HN4 ހެއްކެއް ބަލައިގަތުމަކީ އެ ހެއްކެއްގެ ސައްހަކަން ކަނޑައެޅުމެއްނޫނެވެ. ވަކި ހެއްކެއް އެއީ ޤަބޫލުކުރެވޭނެ ހެއްކެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ ހެއްކެއް އެއީ އޮޓަމެޓިކުން ސައްހަ އަދި ހެއްކަކާމެދު ބަހުސްކުރުމުގެ ފުރުޞަތުވެސް ހަނިވެގެންދާ ކަމެއްނޫނެވެ.

HN5 ޝަރީޢަތް ފެށުމުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން، ނިންމާ ނިންމުމަކީ ޕްރައިމަ ފާސީ (prima facie) ނިންމުމެކެވެ. މި މަރުޙަލާގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާނީ ވަކި ހެއްކެއް އެއީ ޝަރީޢަތަށް ހުށަހަޅައި އެއާމެދު ބަހުސް ކުރެވިދާނެ ހެއްކެއްކަން ނުވަތަ ނޫންކަމާމެދުއެވެ.

HN6 މިއާ ޚިލާފަށް، ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، ބަލައިގަނެވޭ ކޮންމެ ހެއްކަކަށް ދޭނެ ބުރަދަން ކަނޑައަޅާނީ، ޤާނޫނުތަކަށް ރިޢާޔަތްކޮށް، ޝަރީޢަތުގެ މަރުޙަލާގައި، މައްސަލަ ބަލާ ފަނޑިޔާރެވެ.

HN7 މިއީ ހެކި ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފެކެވެ. ޝަރީޢަތްކުރާ ކޯޓުން ހެއްކެއް ބަލައިގަތުމަށް ނިންމާ ނިންމުމަކީ ރަނގަޅުނޫން ނިންމުމެއްކަމަށްވީނަމަވެސް، އެ ހެއްކާ ނުލައި ދެންހުރި ހެކިތަކުން ކުށް ސާބިތުވާނަމަ، އެ ހެކި އެއްކިބާކުރުން އެއީ ސަބަބެއްކަމަށް ބަލައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ. ގުޅުންނެތް ހެއްކެއް ބަލައިގަތްކަމަށްވީނަމަވެސް، އެ ހެކީގެ ސަބަބުން ކޯޓުގެ ނިންމުމަށް އަސަރުކޮށްފައިނުވާނަމަ، އެ ސަބަބަށްޓަކައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ.

HN8 ނުގަވާއިދުން ހެއްކެއް ބަލައިގަނެފައިވާކަމަށް ބުނެ ނުވަތަ ނުގަވާއިދުން ހެއްކެއް އެއްކިބާކޮށްފައިވާކަމަށް ބުނެ، އިސްތިއުނާފުކުރާ ޙާލަތުގައި، އެ މައްސަލަ ކާމިޔާބުކުރުމަށްޓަކައި، ނުގަވާއިދުން ހެއްކެއް ބަލައިގަނެފައިވާކަމަށް ނުވަތަ ނުގަވާއިދުން ހެއްކެއް އެއްކިބާކޮށްފައިވާކަމަށް ބުނުމުގެ އިތުރުން، އެކަމުގެ ސަބަބުން އެ މައްސަލައިގައި ޢަދުލު އިންސާފު އެއްކޮށް ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ދައްކައިދޭންވާނެއެވެ.

HN9 ބަލައިނުގަނެވޭ ހެއްކެއް ބަލައިގަތުމަށްވުރެ ގެއްލުން ބޮޑުވާނީ ބަލައިގަންނަންޖެހޭ ހެއްކެއް އެއްކިބާކުރުމެވެ. އެހެނީ، ބަލައިގަނެފައިވާ ހެކިތަކާމެދު ޠަޢުނުކުރުމުގެ ފުރުޞަތު ޝަރީޢަތުގެ މަރުޙަލާގައި އަދި އިސްތިއުނާފުގެ މަރުޙަލާގައި އޮތަތީއެވެ.

HN10 ޤާނޫނީ ތަންފީޛުކުރާ އިދާރާއަކުން ތަޙުޤީޤުކުރާ ޖިނާއީ ކުށެއްގެ ތަޚުޤީޤު ފުރިހަމަކޮށް ނިމުމާއެކު، އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުމުން، ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތެއް ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭކަމެކެވެ.

HN11 މި މަރުޙަލާގައި، މިކަންކަމަށް މަތިމަތިން ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ޤަބޫލުކުރާކުރުމުގެ މައްޗަށް، މިއީ ދަޢުވާއާ ގުޅުންހުރި ހެއްކެއްކަމާއި، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭނެ ހެއްކެއްކަމުގައި ބެލެމުގެ ފުރުޞަތު އެބައޮތެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުން ޤަބޫލުކުރާކުރުމަށް ރިޢާޔަތްކޮށް، މި ހެކި އެއްކިބާކުރުމުން، ދިފާޢު ބިނާކުރުމަށް ހުރަސްއެޅިދާނެކަމަށް ބެލުމުގެ ފުރުޞަތުވެސް އޮތްކަމުގައި ދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަބްދުﷲ ޝާޢިރު، ޙުސައިން ޝަމީމް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނައުޝާދު، އަޝްފާޤު ނަޢީމު، އަޙްމަދު އައިމަން ޢަލީ
ބެންޗު
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
ޙުޒައިފާ މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
މުޙައްމަދު ޝަނީޒް ޢަބްދުﷲ

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތް

ޤަޟިއްޔާ ނަންބަރު:

2026/HC-B12/23

އިސްތިއުނާފުކުރި ފަރާތްތައް:

1ޙުސައިން ފިޔާޟް މޫސާ / އަތަމާގެ، ތ. ވިލުފުށި

2ޙަސަން މުޙައްމަދު / މ. ރަބަރުމާގެ، މާލެ

އިސްތިއުނާފު ރައްދުވި ފަރާތް:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް:

ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ނިމުނު ތާރީޚް:

01 ޖުމާދަލްއާޚިރާ 1448

10 ނޮވެންބަރު 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:

17 ޖުމާދަލްއޫލާ 1448

28 އޮކްޓޫބަރު 2026

އިސްތިއުނާފުކުރެވުނު ނިންމުން:

ނަންބަރު:

145-B1/SHN/(528/Cr-C/2026)/(2026)/05

ނިންމި ތަން:

ކްރިމިނަލް ކޯޓު

ބާވަތް:

ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން

ހުށަހެޅުނު ތާރީޚް:

06 ޖުލައި 2026

ނިމުނު ތާރީޚް:

08 އޮކްޓޫބަރު 2026

އިސްތިއުނާފުކުރި ފަރާތްތައް

1. ޙުސައިން ފިޔާޟް މޫސާ / އަތަމާގެ، ތ. ވިލުފުށި

2. ޙަސަން މުޙައްމަދު / މ. ރަބަރުމާގެ، މާލެ

ޤާނޫނީ ވަކީލުން:

ޢަބްދުﷲ ޝާޢިރު / މ. ފުރަހަނިއާގެ

ޙުސައިން ޝަމީމް / ހ. ހިޔަކަން

އިސްތިއުނާފު ރައްދުވި ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލުން:

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަޝްފާޤު ނަޢީމު

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު އައިމަން ޢަލީ

* ޖިނާއީ – ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމާ ނިންމުން – ޤާނޫނު ނަންބަރު 12/2016 – ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު - ޤާނޫނު ނަންބަރު 11/2022 – ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާ – ހެއްކާބެހޭ ޤާނޫނުގެ 116 ވަނަ މާއްދާ – ޝަރީޢަތުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން – ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހެކި ޤަބޫލުކުރުމާމެދު ގޮތް ކަނޑައެޅުން – ގުޅުން ހުރި ހެކި – relevancy test

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1. މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ތ. ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޟް މޫސާ އާއި މ. ރަބަރުމާގެ، ޙަސަން މުޙައްމަދު (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތްތައް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

2. ދައުލަތުން، އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު") ގެ 612 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޤަޛްފުގެ ދަޢުވާ، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ.

3މި ދަޢުވާ ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގެ ހެކި ހާމަކުރުމުގެ މަރުޙަލާގައި، އިސްތިއުނާފުކުރާ ފަރާތްތަކުން ދިފާޢީ ހެކިން ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި، ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެއީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު") ގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ. އިސްތިއުނާފު ފޯމުގައި ބަހުސް ހުށަހަޅާފައިވަނީ 3 (ތިނެއް) ހެއްކަކާ ގުޅިގެން ދަށުކޯޓުން ނިންމި ނިންމުމެވެ. އެހެނަސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، މި 3 (ތިނެއް) ހެކިންގެ ތެރެއިން، އެއް ހެކީގެ ބަހުސް ދޫކޮށްލުމަށް އެދޭ ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވާތީ، ތިރީގައި މި ބަޔާންކުރަނީ ބަހުސް ހުށަހެޅިފައިވާ 2 (ދޭއް) ހެކިންނާއި، ދަށުކޯޓުގައި އެ ހެކި ހުށަހެޅި ސަބަބުކަމަށް "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު" ގައި ބަޔާންކޮށްފައިވާ ކަންކަމެވެ.

3.1. ހެކިވެރިޔާ 9 (މ. ދިމްޔާތު، މުޙައްމަދު މުޢިއްޒު) ހުށަހެޅި ސަބަބު: 28 އޭޕްރީލް 2026 ގައި މ. ދިމްޔާތު، މާލެ، މުޙައްމަދު މުޢިއްޒުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ ކަމަށް ބުނެ ފނ 31 ގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީގެ ސައްހަކަން ސާބިތުކުރުމަށާއި؛ އެ ސިޓީއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވާފައިވާ ސިޓީއެއްކަމަށް ވިދާޅުވާނަމަ، އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކުން، ޑޮކިއުމަންޓްރީ ބައްލަވާފައިނުވާކަން ޝަރީއަތަށް ބުނެދިނުމަށާއި، މި ސިޓީގައި ""ޢާއިޝާ" ވީޑިއޯ ރިޕޯޓުގައި އަޅުގަނޑު ޒިނޭކުރިކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތެއް ނެތް ދޮގުވާހަކަތަކެކެވެ"

މިގޮތަށް ބަޔާންކޮށްފައިވާއިރު، "ޒިނޭ" އެ ބަސް ޑޮކިއުމަންޓްރީގެ އެއްވެސް ތަނެއްގައި ބޭނުންކޮށްފައިނުވާކަމާއި، ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ، ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކެއް ނޫންކަން ސާބިތުކުރުމަށް.

3.2. ހެކިވެރިޔާ 10 (ސ. މީދޫ، ޝީޝާ، ޢާއިޝަތު ޢީޝާ އަޝްރަފު) ހުށަހެޅި ސަބަބު: ޑޮކިއުމެންޓްރީއިން އިވޭ އަންހެން މީހާގެ އަޑަކީ މީނާގެ އަޑުކަމަށް ތުހުމަތުކޮށް މައްސަލައިގެ ތަހުގީގުގައި އޭނާ މައްޗަށް ޤަޛްފުގެ ތުހުމަތުގައި ސުވާލުކޮށްފައިވާއިރު (ފނ 80)، ޑޮކިއުމަންޓްރީގައި ވާހަކަ ދައްކާ އަންހެން މީހާގެ ވާހަކަތަކުގައި ޒިނޭގެ ތުހުމަތުކޮށްފައިނުވާކަން ސާބިތުކުރުމަށާއި، ދަޢުވާގައި ބަޔާންކުރާ ކަންކަން ނަފީކުރުމަށް.

4ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގައި މި ހެކިވެރިން ބަލައިނުގަތުމަށް އެދި ހުށަހެޅުމުން، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި މި ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

4.1. ހެކިވެރިޔާ 9 އާ ގުޅިގެން ނިންމުމުގެ 1.4 ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"... 28 އެޕްރީލް 2026 ދުވަހު ޑރ. މުޙައްމަދު މުޢިއްޒު ސޮއިކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުއްވާފައިވާ ސިޓީއެއް މައްސަލައިގެ ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވެއެވެ. ދައުލަތުން ހުށަހަޅާފައިވަނީ އޮރިޖިނަލް ސިޓީއެވެ. އެ ސިޓީއަކީ ހެއްކާބެހޭ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ލިޔުމެކެވެ. ޝަރީޢަތުގެ ކުރިމަތީގައި މި އޮތް މައްސަލާގައި ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ހުށަހެޅި ސިޓީއަކީ ގަޛުފުގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ދިވެހި ފުލުހުންނަށް ފޮނުއްވާފައިވާ ސިޓީއެކެވެ. އެ ސިޓީއާ ގުޅިގެން މައްސަލަ ތަޙްޤީޤުކުރެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. އަދި އެ ޝަކުވާ ބަލައި، ތަޙްޤީޤުކޮށް، މިހާރު މިވަނީ ދަޢުވާ ހުށަހަޅާފައެވެ. ޑރ. މުޙައްމަދު މުޢިއްޒު އިންކާރުކޮށްފައި އޮތްކަމެއް ނަފީކުރުމަށް އެ ފަރާތް ޙާޟިރުކުރަންޖެހޭ ކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުން ދިފާއީ ހެއްކެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ބަލައި ނުގަތުމަށް ނިންމަމެވެ."

4.2. ހެކިވެރިޔާ އާ ގުޅިގެން ނިންމުމުގެ 1.5 ގައި ބަޔާންކޮށްފައިވަނީ އަންނަނިވިފަދައިންނެވެ.

"... ޢާއިޝަތު ޢީޝާ އަޝްރަފް ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު، އޭނާ ހުށަހަޅާފައިވަނީ، އޭނާ ކަމެއްގައި ދެކޭ ގޮތް ހާމަކުރުމަށެވެ. މި ދަޢުވާގެ ބޭނުމަށް، ޢާއިޝަތު ޢީޝާ އަޝްރަފް އެ ޑޮކިއުމަންޓްރީގައި ދައްކާ ވާހަކަތައް މާނަކުރާގޮތް ނޫނީ އޭނާ ދެކޭގޮތެއްގެ މައްސަލައާ ގުޅުމެއް ނެތެވެ. ދަޢުވާއާ ގުޅިގެން، އެ ޑޮކިއުމަންޓްރީގައި ދައްކާ ވާހަކަތަކުން، ޒިނޭގެ ތުހުމަތު ކުރެވޭކަން ނުވަތަ ނޫންކަން ނިންމާނީ ޝަރީޢަތުންނެވެ. އެހެންކަމުން، މި ހެއްކަކީވެސް، މި ދަޢުވާގެ ބޭނުމަށް ގުޅުން ހުރި ހެއްކެއް ކަމަށް އަހުރެން ނުދެކެމެވެ."

5މި ޤަޟިއްޔާގައި އިސްތިއުނާފަށް ހުށަހެޅިފައިވަނީ އިސްވެ ބަޔާންކޮށްފައިވާ ނިންމުމެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ

6ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނިންމުމެއް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.

6.1. ފުރަތަމަ ނުކުތާ: ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ހެކިތަކުގެ ތެރެއިން މާލެ، މ. ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒު އާއި ސ. މީދޫ، ޝީޝާ، ޢާއިޝަތު ޢީޝާ ޢަޝްރަފްއަކީ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެކިންކަމުގައި ކަނޑައަޅާފައިވަނީ، މި ހެކިތަކުން ސާބިތުކުރުމަށް ހުށަހެޅި ވާގިއާތަކަށް ރިޢާޔަތްކުރުމެއްނެތި އަދި އެއީ ގުޅުންހުރި ހެއްކެއްކަން ނުވަތަ ނޫންކަން ވަޒަންކުރުމެއްނެތި ކަމަށްވާތީ، ކްރިމިނަލް ކޯޓުގެ ނިންމުމުގައި މި ހެކިތައް ބަލައިގަތުމާމެދު ގޮތް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު)ގެ (މީގެފަހުން "ހެއްކާބެހޭ ޤާނޫނު" ކަމަށް ބުނެފައި) 114 ވަނަ މާއްދާއާއި 116 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ހެކި ބަލައިގަތުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު") ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) 2 ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ.

6.2. ދެވަނަ ނުކުތާ: ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ހެކިތަކުގެ ތެރެއިން މާލެ، މ. ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒު އާއި ސ. މީދޫ، ޝީޝާ، ޢާއިޝަތު ޢީޝާ ޢަޝްރަފްއަކީ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެކިންކަމަށް ނިންމާފައިވަނީ، prima facie މިންގަނޑަށްވުރެ ފުނަށް ފީނައި، މައްސަލައިގެ މައުޟޫޢުއަށް އަސަރުކުރާގޮތަށް ކަމަށްވާތީ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ވާސިލުވެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ.

7ފުރަތަމަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/38 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްވައްހާބު ޢަބްދުﷲ ޤަޟިއްޔާގެ 17 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ މައްސަލައިގެ މައިގަނޑު ވާގިއާ ނުވަތަ ދަޢުވާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ގުޅުންހުރި ހެއްކަކަށްވެފައި، އެއީ ހެއްކާބެހޭ ޤާނޫނު ހުއްދަކުރާ ހެއްކަކަށްވާނަމަ، އާންމު ހަމައަކަށް ވާންޖެހޭނީ އެ ހެކި ބަލައިގަތުންކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާގިއާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކޮންމެ ހެއްކަކީ ގުޅުންހުރި ހެކިކަމަށެވެ. އެގޮތުން، މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިވެރިޔާ 9 އެއީ މައްސަލަ ހުށަހެޅި، އަނިޔާ ލިބުނު ފަރާތަށްވާއިރު، އެ ފަރާތް ހެއްކެއްގެ ގޮތުގައި ހުށަހަޅަނީ ހަމައެކަނި މައްސަލަ ތަޙުޤީޤުކުރުމަށް އެދި ހުށަހެޅި ސިޓީގެ ސައްހަކަން ސާބިތުކުރުމަށްނޫންކަމަށާއި، ތަޙުޤީޤުކޮށްފައިވަނީ ހުށަހެޅި މައްސަލަތޯ ސުވާލުކޮށް، ދަޢުވާކޮށްފައިވަނީ ހުށަހެޅި ފަރާތުން ހުށަހެޅި މައްސަލަ ނޫންކަން ފާހަގަކޮށް ދިފާޢު ހުށަހެޅުމަށް ގަސްދުކުރާ ޙާލަތުގައި އެ ފުރުޞަތު ގެއްލިފައިވާކަމަށެވެ. އަދި، މައްސަލައިގެ ދަޢުވާއާއެކު ދައުލަތުން ދީފައިވާ ޑޮކިއުމަންޓުގައި ވަކި ސުކުންތަކުން ދައްކާފައިވާ ވާހަކައިގައި ޤަޛްފުގެ ތުހުމަތުކުރާތީ، އެ ލިޔުންތައް ބެލި ބެލުމުން އެ ވާހަކަ ދައްކައިގެން އުޅެނީ ހެކިވެރިޔާ 10 ކަމަށް ޤަބޫލުކުރެވޭކަމަށާއި، އެހެންކަމުން އެ ފަރާތް ހެއްކެއްގެ ގޮތުގައި ހުށަހެޅީކަމަށާއި، މި ހެކިވެރިޔާއާ ސުވާލުކޮށް އެ ހެކިވެރިޔާ އެފަދައިން ބުނެފައިވާނެތޯ ސުވާލުކުރަން ބޭނުންވާކަމަށެވެ. އަދި، ހެއްކާބެހޭ ޤާނޫނުގެ 121 ވަނަ މާއްދާގެ ދަށުން މި ހެކި ބަލައިގަނެވޭނެކަމަށެވެ.

8ދެވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 43 ވަނަ ނުކުތާގައި، ޝަރީޢަތުގެ ކުރިން ނިންމާ ނިންމުމެއްގައި މައްސަލައިގެ މައުޟޫޢުއަށް ސީދާ އަސަރުކުރާ މޭރުމަކުން ކޯޓަށް ގޮތް ނުނިންމޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، މި މައްސަލައިގައި ގޮތެއް ނިންމާފައިވަނީ prima facie މިންގަނޑަށްވުރެ ފުނަށް ފީނައިގެންކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭގޮތް

9އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ދިފާޢީ ހެކީގެ ގޮތުގައި ހުށަހެޅި ހެކިތަކުގެ ތެރެއިން، މާލެ، މ. ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒު އާއި ސ. މީދޫ، ޝީޝާ، ޢާއިޝަތު ޢީޝާ ޢަޝްރަފްއަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލުކޮށް، މި ހެކިންނަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިންކަމުގައި ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

10ދައުލަތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަތަކަށް ދައުލަތުން އެއްބަސްވާކަމަށާއި، އިސްތިއުނާފުކޮށްފައިވާ ނިންމުން ނިންމާފައިވަނީ އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްކަމަށެވެ. އެގޮތުން، ހެކި ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި ރިލެވެންސީ ޓެސްޓްއިން ބަހުސްކުރެވޭ ހެކިތައް ފާސްނުވާކަމަށެވެ. ހެކިވެރިޔާ 9 ހުށަހަޅަނީ، އޮރިޖިނަލް ސިޓީއެއް ހުށަހަޅާފައިވާއިރު އެ ސިޓީގެ ސައްހަކަން ސާބިތުކުރުމަށް ކަމަށާއި، ސިޓީއަކީ ދައުލަތުންވެސް ޠަޢުނުކުރާ ސިޓީއަކަށް ނުވާއިރު، ސިޓީގެ ސައްހަކަން ސާބިތުކުރަން ނުޖެހޭކަމަށެވެ. އަދި، ހެކިވެރިޔާ 10 ހެއްކާބެހޭ ޤާނޫނުގެ 121 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތަށް ނުފެތޭކަމަށެވެ. މި ނިންމުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިފައިވާ ޙައްޤަށް އުނިކަމެއް އައިސްފައިނުވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރު ބޭނުންކުރި ގޮތް ގޯސްކަމަށް ބަޔާންކުރާއިރު، ޢަދުލު އިންސާފު ގެއްލިފައިވާގޮތް ބަޔާންކޮށްފައިނުވާކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

11ދައުލަތުން އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް އެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

12އިސްތިއުނާފުކުރާ ފަރާތްތަކުން ކުޅަ އިސްތިއުނާފުގެ އަލީގައި، މި އިސްތިއުނާފުގައި ޝަރީޢަތުން ޖަވާބުދޭންޖެހޭ ސުވާލަކީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ހެކިވެރިޔާ 9 އަދި ހެކިވެރިޔާ 10 ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއެވެ.

13ދަށު ކޯޓުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ ދިފާޢުން ހުށަހަޅާފައިވާ ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިކަމަށް ކަނޑައަޅައިދިނުމަށެވެ. ޙަވަލާދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއެވެ.

14ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވަނީ ޝަރީޢަތް ފެށުމުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމެއް ހުށަހެޅިދާނެކަމުގައެވެ. ތިލަކޮށް ބުނާނަމަ، މިއީ ޝަރީޢަތް ފެށުމުގެ ކުރިއަށް ހެކި ބަލައިގަތުމާ ގުޅޭ (admissibility of evidence) މަފްހޫމާ ގުޅޭ މާއްދާއެކެވެ.

15HN1ހެކި ބަލައިގަތުމުގެ މަފްހޫމަކީ ވަކި ހެއްކަކީ ޝަރީޢަތުގެ މަރުޙަލާގައި ބޭނުންކުރުމަށް ކޯޓުން ބަލައިގަންނާނެ ހެކިތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބޭނުންކުރާ އުޞޫލުތައް ތަޠުބީޤުކުރެވޭ މަފްހޫމެކެވެ. ހެކި ބަލައިގަތުމުގެ މަފްހޫމުގައި ހިމެނޭ ޖައުހަރީ އުޞޫލަކީ ޝަރީޢަތަށް ބަލައިގަނެވޭ ހެއްކަކީ ގުޅުން އޮތް (relevant) ހެއްކަކަށްވުމެވެ.

16މި އިސްތިއުނާފުގައި ހިމެނޭ ބަހުސަކީ ގުޅުން އޮތުމުގެ މައްޗަށް ކުރެވޭ ބަހުސެއްކަމުގައިވާތީ، އެ ބަހުގެ މާނަ ތަފްޞީލުކުރުން މުހިންމެވެ. ހެއްކާބެހޭ ޤާނޫނުގައި "ގުޅުން ހުރުން" ކަމަށް ބުނެފައިވަނީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤިޢާ 10 އަކާއި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމަށެވެ.

17HN2ވަކި ވާޤިޢާއަކާއި ވަކި ހެއްކަކާމެދު ގުޅުންހުރި ހެކިކަމަށް ބެލެވޭނީ، ޤާނޫނީގޮތުން ގުޅުންހުރި ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގަނެފިކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވާނަމައެވެ. ހެއްކާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ޙާލަތުގައި، ގުޅުންހުރި ހެއްކަކީ ކޯޓަށް ބަލައިގަނެވޭ ހެއްކެވެ. އަދި ގުޅުންހުރި ހެއްކަށްނުވާ ހެއްކަކީ ކޯޓަށް ބަލައިގަނެވޭނެ ހެއްކެއްނޫނެވެ.

18HN3އެ ހެއްކަކީ ގުޅުންހުރި ހެއްކެއްގެ އަސާސް ފުރިހަމަވާ ހެއްކެއްނަމަ، އެ ހެކި ބަލައިގަތުމަކީ އާންމު ހަމައެވެ. ހެއްކަކީ ގުޅުންހުރި ހެއްކެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ އިތުރުން، އެ ހެއްކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިނޫންކަން ކަށަވަރުކުރަންޖެހެއެވެ. ގުޅުންހުރި ހެއްކަކަށްވިޔަސް، ޤާނޫނީ ޓެސްޓުން ފާސްނުވާނަމަ ހެކި ބަލައިނުގަނެވޭނެއެވެ. މިކަންކަމުގެ އަލީގައި، ހެއްކެއް ބަލައިގަނެވޭނީ 3 (ތިނެއް) ޝަރުޠެއް ފުރިހަމަވުމުންކަމުގައި ބެލެވެއެވެ. އެއީ، އެ ހެކި ޚަޞްމަކު ހުށަހަޅާފައިވުމާއި، އެ ހެއްކަކީ ގުޅުން އޮތް ހެއްކަކަށްވުމާއި، އެ ހެކި ޤާނޫނީ ޓެސްޓުން ފާސްވުމެވެ.

19HN4ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ގޮތެއް ކަނޑައެޅިގެންދަނީ ހެއްކެއް ޤަބޫލުކުރުމާބެހޭ ގޮތުންނެވެ. ހެއްކެއް ބަލައިގަތުމަކީ އެ ހެއްކެއްގެ ސައްހަކަން ކަނޑައެޅުމެއްނޫނެވެ. ވަކި ހެއްކެއް އެއީ ޤަބޫލުކުރެވޭނެ ހެއްކެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ ހެއްކެއް އެއީ އޮޓަމެޓިކުން ސައްހަ އަދި ހެއްކަކާމެދު ބަހުސްކުރުމުގެ ފުރުޞަތުވެސް ހަނިވެގެންދާ ކަމެއްނޫނެވެ. އެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަކީ ޝަރީޢަތް ފެށުމުގެ ކުރިއަށް inadmissible evidence ކަނޑައެޅުމާގުޅޭ މާއްދާއަކަށްވެފައި، މި އިޖުރާއަތަކީ ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅުންހުރި އިތުބާރުހިފޭ ހެއްކާއި، ދަޢުވާގެ މައުޟޫޢުއާ ގުޅުމެއްނެތް، އިތުބާރުނުހިފޭ ހެކި ވަކިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ކޯޓުން ވަކި ތަރުތީބަކުން ގެންދިޔުމަށް މަގުފަހިކުރުމުގެ ބޭނުމުގައި އޮތް އިޖުރާއަތަކަށްވާތީއެވެ. އިބްތިދާއީ މަރުޙަލާގައި ދެ ފަރާތުން ހެކި ހާމަކުރުމުން، މައްސަލައާއި ނުވަތަ ސާބިތުކުރަން އުޅޭ ކަމާއި ގުޅުމެއްނެތްކަން ސާފުކޮށް އެނގެން ހުރި ހެކިތައް ބަލައިނުގަތުމަށް އިބްތިދާއީ މަރުޙަލާގައި ނިންމިދާނެއެވެ. މިސާލަކަށް، ހުށަހެޅޭ ވަކި ހެއްކަކުން ވަކިކަމެއް ސާބިތުކޮށްދިނުމަށް ދެވޭނެ ބުރަދަން ކުޑަނަމަ، ނުވަތަ ދަޢުވާއާ ސީދާ ގުޅުމެއްވާ ހެއްކެއްކަމަށް ނުބެލެވޭނަމަ، އެފަދަ ހެއްކެއް އެއީ ޝަރީޢަތަށް ޤަބޫލުނުކުރެވޭ ހެކިކަމަށް ނުވަތަ inadmissible evidence ކަމަށް ކަނޑައެޅިދާނެއެވެ.

20HN5ޝަރީޢަތް ފެށުމުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން، ނިންމާ ނިންމުމަކީ ޕްރައިމަ ފާސީ (prima facie) ނިންމުމެކެވެ. މި މަރުޙަލާގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާނީ ވަކި ހެއްކެއް އެއީ ޝަރީޢަތަށް ހުށަހަޅައި އެއާމެދު ބަހުސް ކުރެވިދާނެ ހެއްކެއްކަން ނުވަތަ ނޫންކަމާމެދުއެވެ.

21HN6މި މަރުޙަލާގައި ނިންމާ ނިންމުންތަކަކީ، މައުޟޫޢީގޮތުން ބެލުމަކާއިނުލައި އެއާމެދު ގޮތެއް ނިންމާ ނިންމުންތަކެއްކަމުގައިވާއިރު، މި މަރުޙަލާގައި ހެއްކެއް އެއީ ބަލައިގަނެވިދާނެ ހެއްކެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ، ޝަރީޢަތް ފެށިގެންދާއިރު، އެ ހެއްކެއް އެއީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމަށް ނިންމުމެވެ. މީގެ މާނައަކީ، އެއްވެސް ޙާލެއްގައި، ޝަރީޢަތް ފެށުމަށްފަހު، އެ ހެއްކެއްގެ ސައްހަކަމާމެދު، ނުވަތަ ހެއްކެއްގެ ދުސްތޫރިއްޔަތާމެދު ބަހުސްކޮށް، ގޮތް ކަނޑައެޅުމުގެ ފުރުޞަތު ގެއްލިގެންދިޔުމެއްނޫނެވެ. މިއާ ޚިލާފަށް، ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، ބަލައިގަނެވޭ ކޮންމެ ހެއްކަކަށް ދޭނެ ބުރަދަން ކަނޑައަޅާނީ، ޤާނޫނުތަކަށް ރިޢާޔަތްކޮށް، ޝަރީޢަތުގެ މަރުޙަލާގައި، މައްސަލަ ބަލާ ފަނޑިޔާރެވެ.

22HN7މިއީ ހެކި ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފެކެވެ. ޝަރީޢަތްކުރާ ކޯޓުން ހެއްކެއް ބަލައިގަތުމަށް ނިންމާ ނިންމުމަކީ ރަނގަޅުނޫން ނިންމުމެއްކަމަށްވީނަމަވެސް، އެ ހެއްކާ ނުލައި ދެންހުރި ހެކިތަކުން ކުށް ސާބިތުވާނަމަ، އެ ހެކި އެއްކިބާކުރުން އެއީ ސަބަބެއްކަމަށް ބަލައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ. ގުޅުންނެތް ހެއްކެއް ބަލައިގަތްކަމަށްވީނަމަވެސް، އެ ހެކީގެ ސަބަބުން ކޯޓުގެ ނިންމުމަށް އަސަރުކޮށްފައިނުވާނަމަ، އެ ސަބަބަށްޓަކައި، ޝަރީޢަތްކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލުކުރަން ނުޖެހޭނެއެވެ.

23HN8ނުގަވާއިދުން ހެއްކެއް ބަލައިގަނެފައިވާކަމަށް ބުނެ ނުވަތަ ނުގަވާއިދުން ހެއްކެއް އެއްކިބާކޮށްފައިވާކަމަށް ބުނެ، އިސްތިއުނާފުކުރާ ޙާލަތުގައި، އެ މައްސަލަ ކާމިޔާބުކުރުމަށްޓަކައި، ނުގަވާއިދުން ހެއްކެއް ބަލައިގަނެފައިވާކަމަށް ނުވަތަ ނުގަވާއިދުން ހެއްކެއް އެއްކިބާކޮށްފައިވާކަމަށް ބުނުމުގެ އިތުރުން، އެކަމުގެ ސަބަބުން އެ މައްސަލައިގައި ޢަދުލު އިންސާފު އެއްކޮށް ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ދައްކައިދޭންވާނެއެވެ.

24HN9ބަލައިނުގަނެވޭ ހެއްކެއް ބަލައިގަތުމަށްވުރެ ގެއްލުން ބޮޑުވާނީ ބަލައިގަންނަންޖެހޭ ހެއްކެއް އެއްކިބާކުރުމެވެ. އެހެނީ، ބަލައިގަނެފައިވާ ހެކިތަކާމެދު ޠަޢުނުކުރުމުގެ ފުރުޞަތު ޝަރީޢަތުގެ މަރުޙަލާގައި އަދި އިސްތިއުނާފުގެ މަރުޙަލާގައި އޮތަތީއެވެ.

25ހެކި ބަލައިގަތުމާއި، ގުޅުންއޮތް ހެއްކާއިގުޅޭ އުޞޫލުތަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ގޮތެއް ކަނޑައަޅަންޖެހޭ މިންގަނޑު ބަޔާންކުރުމަށްފަހު، މި އިސްތިއުނާފުގައި ހިމެނޭ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން، އިސްވެ ބަޔާންވެދިޔަ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމުން އަންނަ ނަތީޖާއަށް ބަލައިލީމެވެ.

26މި އިސްތިއުނާފަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިތަކެއްކަމަށް ކަނޑައެޅި ކަނޑައެޅުމެއްގެ އިސްތިއުނާފަށްވާހިނދު، އަދި އެ ނިންމުން ގުޅެނީ "ގުޅުން ހުރި ހެއްކެއް" ނޫންކަމުގެ މައްޗަށްކަމުގައިވާއިރު، މި އިސްތިއުނާފުގައިވާ relevancy އާގުޅޭ ސުވާލަށް ޖަވާބުދިނުމުގައި، ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ކުރިއަށްދާ ޤަޛްފުގެ ދަޢުވާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހެކިވެރިޔާ 9 އަދި ހެކިވެރިޔާ 10 ހުށަހެޅި ސަބަބަށް ރުޖޫއަވުން މުހިންމުވެއެވެ.

ހެކިވެރިޔާ 9 : އުޞޫލުތައް ތަޠުބީޤުކުރުން

27ހެކިވެރިޔާ 9 ހުށަހަޅާ ސަބަބު/ބޭނުން ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވަނީ، 28 އޭޕްރީލް 2026 ގައި މާލެ، މ. ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ ކަމަށް ބުނެ ފނ 31 ގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީގެ ސައްހަކަން ސާބިތުކުރުމަށާއި؛ އެ ސިޓީއަކީ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވާފައިވާ ސިޓީއެއްކަމަށް ވިދާޅުވާނަމަ، އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކުން، ޑޮކިއުމަންޓްރީ ބައްލަވާފައިނުވާކަން ޝަރީޢަތަށް ބުނެދިނުމަށާއި، މި ސިޓީގައި ""ޢާއިޝާ" ވީޑިއޯ ރިޕޯޓުގައި އަޅުގަނޑު ޒިނޭކުރިކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތެއް ނެތް ދޮގުވާހަކަތަކެކެވެ" މިގޮތަށް ބަޔާންކޮށްފައިވާއިރު، "ޒިނޭ" އެ ބަސް ޑޮކިއުމަންޓްރީގެ އެއްވެސް ތަނެއްގައި ބޭނުންކޮށްފައިނުވާކަމާއި، ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ، ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކެއް ނޫންކަން ސާބިތުކުރުމަށް ކަމުގައެވެ.

28މި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމުގައިވަނީ، 28 އޭޕްރީލް 2026ގެ ސިޓީގެ ބޭނުމަކީ އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓަރީގައި މި ހެކިވެރިޔާއާމެދު ދައްކާފައިވާ ވާހަކަތައް ދޮގުކުރުމާއެކު، ދަޢުވާކުރުމަށް ބޭނުންވާކަމުގައި ބުނުމެވެ. މި ހެކިވެރިޔާ ޑޮކިއުމަންޓަރީ ބަލާފައި އޮތުމާ ނެތުން އެއީ ސާބިތުކޮށްދޭން ޖެހޭކަމެއްނޫންކަމާއި، އެއީ ދަޢުވާގެ އުންޞުރެއްނޫންކަމެވެ. ދަޢުވާގެ ގޮތުން މައްސަލަ ހުށަހެޅި މީހެއްގެ ބަހެއް ހޯދަން ނުޖެހޭނެކަމުގައެވެ.

29މިކަމުގައި ދަށު ކޯޓުން ނިންމި ނިންމުމަކީ، 28 އޭޕްރީލް 2026ގެ އޮރިޖިނަލް ސިޓީ ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެއީ ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭ ލިޔުމެއްކަމަށާއި، މި ސިޓީއަކީ ގަޛްފުގެ މައްސަލަ ތަޙުޤީޤުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެއްކަމުގައިވާއިރު، މައްސަލަ ތަޙުޤީޤުކޮށް، މިހާރު ދަޢުވާ ހުށަހަޅާފައިވާއިރު، ހެކިވެރިޔާ 9 އިންކާރުކޮށްފައި އޮތްކަމެއް ނަފީކުރުމަށް އެ ފަރާތް ޙާޟިރުކުރަންޖެހޭކަމަކަށް ނުދެކޭކަމުގައެވެ.

30މި ހެކިވެރިޔާ 9 އަކީ ގުޅުންހުރި ހެއްކެއްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ، މިއީ ޝަކުވާ ޓްރިގަރކުރި ފަރާތަށްވެފައި، ތަޙުޤީޤުކޮށްފައިވަނީ ހެކިވެރިޔާ 9ގެ ފަރާތުން ހުށަހެޅި މައްސަލަކަމުގައި ނުދެކޭތީ، އެކަން ހެކިވެރިޔާ 9ގެ ފަރާތުން ސާފުކުރުމަށްކަމުގައެވެ.

31އިސްތިއުނާފުކުރާ ފަރާތްތަކުން ހެކިވެރިޔާ 9 ހެއްކެއްގެ ގޮތުގައި ހުށަހެޅި ސަބަބުގެ ތަރަހައިގެ ތެރެއިން ބަލާއިރު، ހެކިވެރިޔާ ހުށަހެޅުމުގައި 2 (ދޭއް) ސަބަބެއް ހިމެނޭކަން ފާހަގަވެއެވެ.

32އިސްތިއުނާފުކުރާ ފަރާތުން މި ހެކިވެރިޔާ 9 ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، ފުރަތަމަ ކަމަކަށް ފާހަގަވަނީ، 28 އޭޕްރީލް 2026ގެ ސިޓީގެ ސައްހަކަން ސާބިތުކުރުމަށްކަމުގައެވެ. މިކަމަށް ބަލާއިރު، 28 އޭޕްރީލް 2026ގެ ސިޓީއަކީ ދަޢުވާއާ ގުޅޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެކެވެ. އެ ސިޓީގެ ސައްހަކަމާގުޅޭ ގޮތުން އިންކާރެއްއޮތްކަން މިވަގުތު ފެންނަންނެތްހިނދު، އަދި އެފަދަ އިންކާރެއްވެސް އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާފައިވާކަމަށް ސާފުކޮށް ބުނެފައިނުވާއިރު، މި ސިޓީއަކީ ހެއްކާބެހޭ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭ ލިޔުމަކަށްވެފައި، މިކަމުގެ އިސްތިސްނާއެއް ހުށަހަޅާފައި ނެތަތީ، މި ސިޓީގެ ސައްހަކަން ސާބިތުކުރުމަށް އިތުރު ހެއްކެއް ހުށަހަޅަންޖެހޭކަމުގައި ނުދެކެމެވެ. މިއީ ދަށު ކޯޓުވެސް ނިންމުމެވެ.

33އިސްތިއުނާފުކުރާ ފަރާތުން މި ހެކިވެރިޔާ 9 ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، ދެވަނަ ކަމަކަށް ފާހަގަވަނީ، އަދި ޝަރީޢަތުގައިވެސް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ފުލުހުންގެ އިދާރާއިން ތަޙުޤީޤުކޮށްފައިވަނީ ހެކިވެރިޔާ 9ގެ ފަރާތުން ހުށަހެޅި މައްސަލަކަމުގައި ނުދެކޭތީ، އެކަން ހެކިވެރިޔާ 9ގެ ފަރާތުން ސާފުކުރުމަށްކަމުގައެވެ.

34އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، އަދަދު އޮންލައިންގެ އެޑިޓަރެއްގެ ގޮތުގައި ހުރެ، ކ. މާލެ، މ. ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒު ޒިނޭ ކުރިކަމަށް ތުހުމަތުކޮށް "ޢާއިޝާ" ނަމުގައި ޑޮކިއުމެންޓްރީއެއް ހަދައި، ގިނަ ބައެއްގެ ތެރެއަށް ފެތުރިގެންވާފަދަ ގޮތަކަށް 28 މާރިޗް 2026 ދުވަހު، އަދަދު އޮންލައިން "X" ހޭންޑްލް "@AdhadhuMV" އިން އެ ޑޮކިއުމެންޓްރީ އާންމުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ގަޛްފުގެ ދަޢުވާއެވެ.

35HN10ޤާނޫނީ ތަންފީޛުކުރާ އިދާރާއަކުން ތަޙުޤީޤުކުރާ ޖިނާއީ ކުށެއްގެ ތަޚުޤީޤު ފުރިހަމަކޮށް ނިމުމާއެކު، އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުމުން، ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތެއް ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭކަމެކެވެ.

36މި ނިންމުމުގެ 14 ވަނަ ނުކުތާއިން ފެށިގެން 25 ވަނަ ނުކުތާގެ ނިޔަލަށްވާ ކަންކަން މި އިސްތިއުނާފުގެ މައްސަލައަށް ތަޠުބީޤުކުރާއިރު، ހެކިވެރިޔާ 9 ހުށަހެޅި ސަބަބުގެ ތެރެއިން މި ހެކިވެރިޔާއަކީ މައްސަލައިގައި ވަކި ކަމެއް ސާބިތުކުރުމަށް އޮތް ހަރުދަނާ ހެއްކެއްކަމަށް ބެލެވޭތޯއާއި، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭނެ ހެއްކެއްތޯއާއި، އެ ހެއްކެއް ބަލައިނުގަތުމުގެ ސަބަބުން ޢަދުލު އިންސާފު ގެއްލިފައިވޭތޯ، މިކަންކަމަށް ނަޒަރުކުރާއިރު، ހެކިވެރިޔާ 9 އަކީ ޝަކުވާކުރި ފަރާތެވެ. ޝަކުވާކުރާ ފަރާތަކީ ދަޢުވާތައް ކަނޑައަޅާ ފަރާތަށްނުވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނީގޮތުން ލިބިދޭ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި އުފުލޭ ދަޢުވާއެއްގައި، އެ ދަޢުވާއަކީ ޝަކުވާކުރާ ފަރާތް ތަޙުޤީޤުކުރަން ބޭނުންވި މައްސަލަ ދެނެގަތުމުގައި ނުވަތަ އެ ފަރާތުގެ ނިޔަތް ދެނެގަތުމުގައި ނުވަތަ އެ ފަރާތުން ބޭނުންވި ބޭނުންވުން ދެނެގަތުމުގައި ދަޢުވާގެ ސީޣާގެ އުންސުރަކާ، އެކަންކަމާ އޮތް ގުޅުމެއް (relevancy) އަދި އެކަން ދަޢުވާގެ ސީޣާގެ އުންސުރަކާ ގުޅޭ ގޮތެއް މި މައްސަލައިގެ ޙަޤީޤަތްތަކަށް މަތިމަތިން ބަލާއިރު، ފެންނާކަށްނެތެވެ. އަދި އެކަން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެދީފައެއްނުވެއެވެ.

37މި ހެކި ބަލައިނުގަތުމުން ޢަދުލު އިންސާފު ގެއްލިފައިވޭތޯ، ވާނަމަ ގެއްލިފައިވާގޮތް އިސްތިއުނާފުކުރާ ފަރާތްތަކުގެ ފުށުން ސާފުކުރުމުން، އެ ފަރާތްތަކުން ބުނެފައިވަނީ ދިފާޢު ބިނާކުރުމަށް ހުރަސްއެޅިފައިވާކަމުގައެވެ. އެހެނަސް، ހެކިވެރިޔާ 9 އާ ގުޅުވައިގެން އިސްތިއުނާފުކުރާ ފަރާތްތަކުގެ ދިފާޢުއަށް ހުރަސްއެޅޭގޮތެއް އެ ފަރާތްތަކުން ބުނެދީފައެއްނުވެއެވެ.

38އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓަށް "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު"ގައި ހުށަހެޅި ހެކިވެރިޔާ 9 ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާއިމުކޮށްފައިވާ އުޞޫލުތަކުގެ އަލީގައި ރިޢާޔަތްކުރާއިރު، ހެކިވެރިޔާ 9 ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއްނެތެވެ.

ހެކިވެރިޔާ 10 : އުޞޫލުތައް ތަޠުބީޤުކުރުން

39ހެކިވެރިޔާ 10 ހުށަހަޅާ ސަބަބު/ބޭނުން ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވަނީ، ޑޮކިއުމަންޓަރީއިން އިވޭ އަންހެން މީހާގެ އަޑަކީ މީނާގެ އަޑުކަމަށް ތުހުމަތުކޮށް މައްސަލައިގެ ތަޙުޤީޤުގައި މީނާގެ މައްޗަށް ގަޛްފުގެ ތުހުމަތުގައި ސުވާލުކޮށްފައިވާއިރު (ފނ 80)، ޑޮކިއުމަންޓަރީގައި ވާހަކަ ދައްކާ އަންހެން މީހާގެ ވާހަކަތަކުގައި ޒިނޭގެ ތުހުމަތުކޮށްފައިނުވާކަން ސާބިތުކުރުމަށާއި، ދަޢުވާގައި ބަޔާންކުރާ ކަންކަން ނަފީކުރުމަށް ކަމުގައެވެ.

40މި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމުގައިވަނީ، މި ހެއްކަކީ މައްސަލަގައި ތުހުމަތުކުރެވޭ މީހާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/SC-A/01 ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/327 މުޙައްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާ ޙަވާލާދީ، މި ހެއްކަކީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހެއްކަމަށްވާތީ، ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ހެކިބަސް ނަގަންޖެހޭފަދަ ޙާލަތެއް މައްސަލައިގައި ނެތްކަމުގައެވެ.

41މިކަމުގައި ދަށު ކޯޓުން ނިންމި ނިންމުމަކީ، މި ހެކިވެރިޔާ ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު، އޭނާ ހުށަހަޅާފައިވަނީ އޭނާ ކަމެއްގައި ދެކޭގޮތް ހާމަކުރުމަށްކަމަށާއި، މި ދަޢުވާގެ ބޭނުމަށް ހެކިވެރިޔާ 10 އެ ޑޮކިއުމެންޓަރީގައި ދައްކާ ވާހަކަތައް މާނަކުރާގޮތް ނޫނީ އޭނާ ދެކޭގޮތެއްގެ މައްސަލައާ ގުޅުމެއްނެތްކަމަށާއި، ދަޢުވާއާ ގުޅިގެން، ޑޮކިއުމަންޓަރީގައި ދައްކާ ވާހަކަތަކުން، ޒިނޭގެ ތުހުމަތު ކުރެވޭކަން ނުވަތަ ނޫންކަން ނިންމާނީ ޝަރީޢަތުންކަމުގައިވާތީ، މި ހެއްކަކީ ދަޢުވާގެ ބޭނުމަށް ގުޅުން ހުރި ހެއްކެއްކަމަށް ނުދެކޭކަމުގައެވެ.

42މި ހެކިވެރިޔާ 10 އަކީ ގުޅުންހުރި ހެއްކެއްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ، ދަޢުވާގައި ޙަވާލާދީފައިވާ ޑޮކިއުމެންޓަރީގައި ވާހަކަ ދައްކާ ފަރާތަކީ ހެކިވެރިޔާ 10 ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ޤަބޫލުކުރާތީއާއި، އަދި މި ހެކިވެރިޔާ 10ގެ މައްޗަށް ގަޛްފުގެ ދަޢުވާ މިހާރު އުފުލާފައިވާތީ، ޑޮކިއުމަންޓަރީގައި ވަކި ސިކުންތުން ވަކި ސިކުންތަށް ވާހަކަދައްކާ ފަރާތަކީ ހެކިވެރިޔާ 10ކަމުގައި ޤަބޫލުކުރެވޭތީ، އެ ވާހަކަތަކުގެ ކޮންޓެކްސްޓްއާ ގުޅޭ ގޮތުން ސުވާލުކުރުމަށްކަމުގައެވެ.

43މި ނިންމުމުގެ 14 ވަނަ ނުކުތާއިން ފެށިގެން 25 ވަނަ ނުކުތާގެ ނިޔަލަށްވާ ކަންކަން މި އިސްތިއުނާފުގެ މައްސަލައަށް ތަޠުބީޤުކުރާއިރު، ހެކިވެރިޔާ 10 ހުށަހެޅި ސަބަބުގެ ތެރެއިން މި ހެކިވެރިޔާއަކީ މައްސަލައިގައި ވަކި ކަމެއް ސާބިތުކުރުމަށް އޮތް ހަރުދަނާ ހެއްކެއްކަމަށް ބެލެވޭތޯއާއި، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭނެ ހެއްކެއްތޯއާއި، އެ ހެއްކެއް ބަލައިނުގަތުމުގެ ސަބަބުން ޢަދުލު އިންސާފު ގެއްލިފައިވޭތޯ، މިކަންކަމަށް ނަޒަރުކުރާއިރު، ޑޮކިއުމެންޓަރީއިން އިވޭ އަޑަކީ ހެކިވެރިޔާ 10ގެ އަޑުކަމަށް އިސްތިއުނާފުކުރާ ފަރާތްތަކަށް ޤަބޫލުކުރެވޭކަމުގައި އެ ފަރާތްތަކުން ޝަރީޢަތުގައި ބުނެފައިވެއެވެ. ދައުލަތުން ކުޅަ ދަޢުވާ ބިނާވަނީ ޑޮކިއުމެންޓަރީގެ މައްޗަށް ކަމުގައިވާއިރު، މި ދަޢުވާގައި ހިމެނޭ ލިޔެކިޔުންތަކުގެ ތެރޭގައި ހެކިވެރިޔާ 10އާ ގުޅޭ ލިޔެކިޔުންތަކެއްވެސް ހިމެނެއެވެ.

44HN11މި މަރުޙަލާގައި، މިކަންކަމަށް މަތިމަތިން ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ޤަބޫލުކުރާކުރުމުގެ މައްޗަށް، މިއީ ދަޢުވާއާ ގުޅުންހުރި ހެއްކެއްކަމާއި، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭނެ ހެއްކެއްކަމުގައި ބެލެމުގެ ފުރުޞަތު އެބައޮތެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުން ޤަބޫލުކުރާކުރުމަށް ރިޢާޔަތްކޮށް، މި ހެކި އެއްކިބާކުރުމުން، ދިފާޢު ބިނާކުރުމަށް ހުރަސްއެޅިދާނެކަމަށް ބެލުމުގެ ފުރުޞަތުވެސް އޮތްކަމުގައި ދެކެމެވެ.

45ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން relevancy test އާ ގުޅޭ ގޮތުން ނިންމާ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގައިވާ އުޞޫލުތަކަށް ބިނާކޮށް ފަނޑިޔާރު ނިންމާ ޤާނޫނީ ނިންމުމެކެވެ. ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، ބަލައިގަނެވޭ ހެއްކަށް ދޭނެ ބުރަދަން ކަނޑައަޅާނީ ޤާނޫނުތަކަށް ރިޢާޔަތްކޮށް ޝަރީޢަތުގެ މަރުޙަލާގައި ކަމުގައިވާއިރު، ބަލައިގަނެފައިވާ ހެއްކެއް، އެ ހެއްކެއް ހުށަހެޅި ފަރާތުން ޝަރީޢަތުގައި ބަޔާންކުރުމުން، އެއިން ކޮންމެ ހެއްކަކަށް ވަކިވަކީން ޠަޢުނުކޮށް އެ ހެކި ނަފީކުރުމުގެ ފުރުޞަތު ޝަރީޢަތުގެ މަރުޙަލާގައި އޮތްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރެއެވެ.

46އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓަށް "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު"ގައި ހުށަހެޅި ހެކިވެރިޔާ 10 ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާއިމުކޮށްފައިވާ އުޞޫލުތަކުގެ އަލީގައި ރިޢާޔަތްކުރާއިރު، ހެކިވެރިޔާ 10 ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުން ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ.

ނިންމަން ފެންނަ ގޮތް

47ބުނެވިދިޔަ ކަންކަން އެފަދައިން ހުރުމުން،

47.1. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ހެކިވެރިޔާ 9 ދީފާޢީ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމި ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

47.2. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ހެކިވެރިޔާ 10 ދީފާޢީ ހެއްކެއްގެ ގޮތުގައި ޤަބޫލުނުކުރުމަށް ނިންމި ނިންމުން ބާޠިލުކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

48ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގެ 43 ވަނަ ޕެރެގްރާފްގެ ނިޔަލަށް ތާއީދެވެ. މީގެ އިތުރުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

49އިސްތިއުނާފުކުރާ ފަރާތުން ހެކި ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު، ހެކިވެރިޔާ 10 އަކީ ހަމަ އެއްކުށެއްގެ ތުހުމަތުގައި ތަހުގީގުގައި ސުވާލުކޮށްފައިވާ އަދި މިހާރު ދަޢުވާވެސް ކޮށްފައިވާ ފަރާތެއްކަމުގައި ދައުލަތުން ވެސް ބުނާއިރު، މިއީ އާންމު ނަޒަރަކުން ބަލާއިރު އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާއާ ގުޅުންހުރި ހެއްކެއްކަމުގައި ބެލެވިދާނެއެވެ.

50އެހެންނަމަވެސް، ހެއްކާބެހޭ ޤާނޫނުގައި "ގުޅުން ހުރުން" ކަމަށް ބުނެފައިވަނީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤިޢާ އަކާއި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމަށެވެ. އެފަދަ ގުޅުމެއް އޮތްކަން ދައްކުވައިދިނުމަކީ - އަދި ވަކިން ޚާއްސަކޮށް އެ ހެކި ބަލައިނުގަނެވޭނެ ކަމުގެ މައްޗަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވާ ހާލަތުގައި - ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

51ދަށުކޯޓުން ކަނޑައަޅާފައިވަނީ، މި ދަޢުވާގެ ބޭނުމަށް ހެކިވެރިޔާ 10 އެ ޑޮކިއުމެންޓަރީގައި ދައްކާ ވާހަކަތައް މާނަކުރާގޮތް ނޫނީ އޭނާ ދެކޭގޮތެއް މައްސަލައާ ގުޅުމެއްނެތްކަމަށާއި، ދަޢުވާއާ ގުޅިގެން، ޑޮކިއުމަންޓަރީގައި ދައްކާ ވާހަކަތަކުން، ޒިނޭގެ ތުހުމަތު ކުރެވޭކަން ނުވަތަ ނޫންކަން ނިންމާނީ ޝަރީޢަތުންކަމުގައިވާތީ، މި ހެއްކަކީ ދަޢުވާގެ ބޭނުމަށް ގުޅުން ހުރި ހެއްކެއްކަމަށް ނުދެކޭކަމުގައެވެ.

52ވަކި ވާޤިޢާއަކާއި ވަކި ހެއްކަކާމެދު ގުޅުންހުރި ހެކިކަމަށް ބެލެވޭނީ، ޤާނޫނީގޮތުން ގުޅުންހުރި ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގަނެފިކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވާނަމައެވެ. އެނޫން ހެއްކަކީ ކޯޓަށް ބަލައިގަނެވޭނެ ހެއްކެއްނޫން ކަން އެނގޭއިރު، ހެކިވެރިޔާ 10 އަކީ ދަޢުވާގެ ބޭނުމަށް ގުޅުން ހުރި ހެއްކެއްކަމަށް ނުދެކޭކަމަށް ދަށުކޯޓުން ކަނޑައަޅާފައި ވާތީ، އެ ފަދައިން ދަށުކޯޓުން ނިންމާފައި ވަނީ މި ހެކިވެރިޔާއަކީ ދަށުކޯޓުގައި އޮތް މައްސަލައިގައި ހިމެނޭ ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކެއްކަން ދަށުކޯޓަށް ހުށަހަޅައި އެކަން ދައްކައިދީފައި ވަނިކޮށްތޯ ބަލަންޖެހެއެވެ. ނުވަތަ ދަށުކޯޓުން މި ފަދައިން ނިންމާފައި ވަނީ، ޑޮކިއުމެންޓަރީގައި ދައްކާ ވާހަކަތައް އެ ހެކިވެރިޔާ މާނަކުރާގޮތަކުން ނުވަތަ އޭނާ އެވާހަކަތަކާމެދު ދެކޭގޮތެއްގެ ސަބަބުން ދަޢުވާގެ ވާޤިޢާއަކަށް ކުރާނެ އަސަރު ބަޔާންކޮށްދީފައި ވަނިކޮށްތޯ ބަލަން ޖެހެއެވެ.

53ދަށު ކޯޓުން މި ހެކި ބަލައިނުގަތުމަށް ނިންމާފައިވާ ސަބަބަށް ރިއާޔަތްކުރާއިރު އަދި މި ހެކި ހުށަހެޅި ސަބަބު ކަމަށް ދަށުކޯޓުގައި ބަޔާންކޮށްފައިވާ ސަބަބަށް ބަލާއިރު، އަދި މި ހެކި ބަލައިނުގަތުމަށް އެދި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި ހެކި ބަލައިނުގަތުމަށް ދަށުކޯޓުން ނިންމާފައި ވަނީ، މި ހެއްކަކީ ދަށުކޯޓުގައި އޮތް ދަޢުވާގެ ވަކި ވާޤިޢާއެއް ސާބިތުކުރުމަށް އެހީތެރިވެދޭނެ ހެއްކެއްކަން ބަޔާންކޮށް އެކަމުގެ އެކަށީގެންވާ ސަބަބުތައް ނުވަތަ ތަފްސީލުތައް ދަށުކޯޓުގައި ހުށަހަޅާފައި ވަނިކޮށް އެ ކަންކަމަށް ނުބަލާކަމުގައި ބަލަންޖެހޭ ސަބަބެއް ފެންނާކަށް ނެތެވެ.

54ހުށަހެޅިފައިވާ ހެކިތަކާއި އެކަމުގެ ސަބަބުތަކަށް ބަލައި، ވަކި ހެއްކަކީ ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ، ގުޅުންހުރި ހެއްކެއްކަމަށް ކަނޑައެޅުމަކީ، އެ މައްސަލައެއް ބަލާ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއިން ނިންމާ ކަންކަމަކަށް ވާއިރު، މަތީގައި ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ހެކިވެރިޔާ 10 އަކީ ދަޢުވާގެ ބޭނުމަށް ގުޅުން ހުރި ހެއްކެއްކަމަށް ނުދެކޭކަމުގައި ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައެޅުމުގައި އެ އިޚްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް މިކޯޓުން ވަދެ، އެކަމުގައި އެހެންގޮތަކަށް ޢަމަލުކުރުމަށް އަންގަންޖެހޭފަދަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މި އިސްތިއުނާފުގައި އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައިވާކަމުގައި ނުފެނެއެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

55ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އެދި ތ. ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޟް މޫސާ އާއި މާލެ، މ. ރަބަރުމާގެ، ޙަސަން މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، 1. އެ ނިންމުމުގައި ކ. މާލެ، ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒުއަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއްކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، 2. އެ ނިންމުމުގައި ސ. މީދޫ، ޝީޝާ، ޢާއިޝަތު ޢީޝާ އަޝްރަފް ދިފާޢީ ހެއްކެއްގެ ގޮތުގައި ޤަބޫލުނުކުރެވޭނެކަމަށް ކަނޑައެޅި ކަނޑައެޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބާޠިލުކޮށް، މިގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފުޓްނޯޓު

  1. ދރކ ނަންބަރު A078878.
  2. ދރކ ނަންބަރު A100715.
  3. ކްރިމިނަލް ކޯޓުގެ ނަންބަރު 145/DF/2026/216 "ދަޢުވާ ހުށަހަޅާ ފޯމު".
  4. ޖުލައި 2026ގައި ދައުލަތުން ހުށަހަޅާފައިވާ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ފޯމު".
  5. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 1.4 ވަނަ ނުކުތާއާއި، 1.5 ވަނަ ނުކުތާއާއި، 1.6 ވަނަ ނުކުތާގައި ހިމެނޭ ނިންމުންތައް
  6. ނޮވެންބަރު 2026 ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުގައި.
  7. ހެކިވެރިޔާ 11 އާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 1.6 ވަނަ ނުކުތާގައި ނިންމާފައިވާ ނިންމުން
  8. މީގެފަހުން "ހެކިވެރިޔާ 9" ކަމަށް ބުނެފައި.
  9. މީގެފަހުން "ހެކިވެރިޔާ 10" ކަމަށް ބުނެފައި.
  10. ހެއްކާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި، "ވާޤިޢާ" އަކީ، ޝަރީޢަތުގައި އޮތް މައްސަލައެއް ސާބިތުވުމާއި ނުވުން އެ މައްޗަށް ބިނާވެގެންވާ ޙަޤީޤަތްތަކާއި އަސްލުތަކާއި ނުކުތާތައް ހިމެނޭގޮތުން، އެ މައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކޮންމެ ޙަޤީޤަތަކަށް ނުވަތަ އަސްލަކަށް ނުވަތަ ކަމަކަށް އިޝާރާތްކޮށް "ފެކްޓް"ގެ މާނައިގައި ބޭނުންކުރެވޭ މަފްހޫމެއްކަމުގައި ބަޔާންކުރެއެވެ.
  11. ހެއްކާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާ
  12. ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާ
  13. ހެއްކާބެހޭ ޤާނޫނުގެ 116 ވަނަ މާއްދާ
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގެ 23 ވަނަ ނުކުތާ
  15. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ 31 ވަނަ ނުކުތާއާއި 35 ވަނަ ނުކުތާ
  16. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/85 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް) ޤަޟިއްޔާގެ 19 ވަނަ ނުކުތާ
  17. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ 31 ވަނަ ނުކުތާ
  18. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ 42 ވަނަ ނުކުތާ
  19. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ 35 ވަނަ ނުކުތާއާއި 37 ވަނަ ނުކުތާ
  20. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގެ 24 ވަނަ ނުކުތާ
  21. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގެ 26 ވަނަ ނުކުތާ
  22. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގެ 27 ވަނަ ނުކުތާ
  23. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގެ 28 ވަނަ ނުކުތާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ 37 ވަނަ ނުކުތާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/85 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް) ޤަޟިއްޔާގެ 18 ވަނަ ނުކުތާ،
  24. އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓަށް ހުށަހަޅާފައިވާ "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު" ގެ ހެކިވެރިޔާ-9 ގައި ހިމަނާފައިވާ ސަބަބު
  25. ދައުލަތުން ހުށަހަޅާފައިވާ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ފޯމު"ގެ 2 ވަނަ ނަންބަރު
  26. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 1.4 ވަނަ ނުކުތާ
  27. ފޯލިއޯ 31
  28. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 77 ވަނަ މާއްދާ
  29. ޤާނޫނުއަސާސީގެ 223 ވަނަ މައްދާއާއި، ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ
  30. އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓަށް ހުށަހަޅާފައިވާ "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު" ގެ ހެކިވެރިޔާ-10 ގައި ހިމަނާފައިވާ ސަބަބު
  31. ދައުލަތުން ހުށަހަޅާފައިވާ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ފޯމު"ގެ 3 ވަނަ ނަންބަރު
  32. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 1.5 ވަނަ ނުކުތާ
  33. ފޯލިއޯ ނަންބަރު 80 - 77
  34. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގެ 24 ވަނަ ނުކުތާއާއި، 36 ވަނަ ނުކުތާ
  35. ހެއްކާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި، "ވާޤިޢާ" އަކީ، ޝަރީޢަތުގައި އޮތް މައްސަލައެއް ސާބިތުވުމާއި ނުވުން އެ މައްޗަށް ބިނާވެގެންވާ ޙަޤީޤަތްތަކާއި އަސްލުތަކާއި ނުކުތާތައް ހިމެނޭގޮތުން، އެ މައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކޮންމެ ޙަޤީޤަތަކަށް ނުވަތަ އަސްލަކަށް ނުވަތަ ކަމަކަށް އިޝާރާތްކޮށް "ފެކްޓް"ގެ މާނައިގައި ބޭނުންކުރެވޭ މަފްހޫމެއްކަމުގައި ބަޔާންކުރެއެވެ.
  36. ހެއްކާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާ
  37. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B1/SHN/(528/Cr-C/2026)/(2026)/05 (08 އޮކްޓޫބަރު 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 1.5 ވަނަ ނުކުތާ
  38. ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާ
  39. ހެއްކާބެހޭ ޤާނޫނުގެ 116 ވަނަ މާއްދާ
  40. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 116 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 58 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 612 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ