ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/39ސުޕްރީމް ކޯޓު · 14 އޮކްޓޫބަރު 2020

—

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 އޮކްޓޫބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/39

އިސްތިއުނާފު ކުރާ ފަރާތް:

މުޙައްމަދު ޝަވީދު

އިސްތިއުނާފު ރައްދުވާ ފަރާތް:

މުޙައްމަދު ލަޠީފު، އަލަނާސިގެ، ސ.މަރަދޫފޭދޫ

މައްސަލައިގެ ބާވަތް:

ފައިސާ ހޯދުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

25 މެއި 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

13 ނޮވެމްބަރ 2017ނިމުނު ތާރީޚު:

14 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2015/HC-A/398

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

10 ޑިސެމްބަރ 2015ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

28 ފެބްރުއަރީ 2017ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތައާރުފް

މި މައްސަލައަކީ ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއްގެ ހިއްސާދާރަކު ނިޔާވުމުން އެ ކުންފުނީގައިވާ މުދަލާއި ފައިސާ، އެކުންފުނީގެ ހިއްސާދާރުންގެ މެދުގައި ކޯޓުން ބަހައިދީފައި ވަނިކޮށް، އެކުންފުނީގެ މުދާ ބެހުމުގެ ކުރިން އެ ކުންފުނީގައި މަސައްކަތްކުރި މުވައްޒަފަކަށް މުސާރައިގެ ގޮތުގައި އެ ކުންފުނިން ލިބެންޖެހި ނުލިބިވާ ފައިސާހުރި ކަމަށްބުނެ، އެ ފައިސާ ހޯދުމަށްޓަކައި އެ ކުންފުނީގެ މުދާ ލިބުނު ބައެއް ފަރާތްތަކުގެ މައްޗަށް އެ މުވައްޒަފު ދައުވާކޮށްގެން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ މުޙައްމަދު ޝަވީދު އެވެ. އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޙައްމަދު ލަތީފު، އަލަނާސިގެ، ސ.މަރަދޫފޭދޫ އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

މުޙައްމަދު ލަތީފު ހުށަހެޅި ދައުވާގައި ބުނެފައިވަނީ އޭނާ ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގ އަދި ސޭލްސް މެނޭޖަރެއްގެ މަގާމު އަދާކުރަމުން ގެންދިޔައިރު އޭނާގެ މުސާރައަށް 1 ޖެނުއަރީ 1998 އިން ފެށިގެން 30 ނޮވެމްބަރު 1998 ގެ ނިޔަލަށް މަހަކު 8000.00ރ. (އަށްހާސް ރުފިޔާ) ގެ މަގުން ލިބެންވާ 88،000.00ރ. (އަށްޑިހަ އަށްހާސް ރުފިޔާ) އާއި 1 ޑިސެމްބަރު 1998 އިން ފެށިގެން 31 ޖުލައި 2002 އަށް މަހަކަށް 15،000.00ރ. )ފަނަރަ ހާސް ރުފިޔާ) ގެ މަގުން ލިބެންވާ 660،000.00ރ. (ހަލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އާއި 1 އޮގަސްޓް 2002 އިން 31 މޭ 2006 ގެ ނިޔަލަށް މަހަކު 15،000.00ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން ލިބެންވާ 690،000.00ރ. (ހަލައްކަ ނުވަދިހަ ހާސް ރުފިޔާ) އާއެކު ލެޖަރ އެކައުންޓަށް ޖަމާކޮށް ނުނަގާހުރި އެކު ޖުމްލަ އަދަދު ކަމަށްވާ 1،438،000.00ރ. (އެއް މިލިއަން ހަތަރު ސަތޭކަ ތިރީސް އަށް ހާސް ރުފިޔާ) ގެ %40 އަށްވާ 575,200.00ރ. (ފަސްލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ރުފިޔާ) އާއި ގާނޫނީ ވަކީލުގެ ފީ އަށްވާ 15،000.00ރ. (ފަނަރަހާސް ރުފިޔާ) ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ ނިޔާވި ހިއްސާދާރު ކަމުގައިވާ މޫސާ ފަހީމްގެ ވާރިސުންގެ ކިބައިން ނަގައިދިނުމަށެވެ.

ދައުވާލިބޭ ފަރާތްތަކުން ސިވިލް ކޯޓުގައި މި ދައުވާއަށް އިންކާރުކޮށްފައިވެއެވެ. މި ދައުވާގެ ޖަވާބުގައި ދައުވާލިބޭ ފަރާތްތަކުން ސިވިލް ކޯޓުގައި ބުނެފައިވަނީ، މި ދައުވާއަކީ މުޙައްމަދު ލަތީފު ކުންފުންޏެއްގައި އަދާކުރި ވަޒީފާއަކަށް އެ ކުންފުނިން އޭނާއަށް ލިބެންޖެހޭކަމަށް މުޙައްމަދު ލަތީފު ބުނާ މުސާރައިގެ މައްސަލައެއް ކަމަށްވާއިރު، ކުންފުންޏަކުން ލިބެންޖެހޭ މުސާރައެއް ހޯދުމަށް ދައުވާކުރަންޖެހޭނީ އެ ކުންފުނީގެ މައްޗަށް ކަމަށާއި، އެފައިސާ ހޯދަން އެކުންފުނީގެ ހިއްސާދާރެއް ކަމަށްވާ އަލްމަރްހޫމް މޫސާ ފަހީމުގެ ވާރިސުންގެ މައްޗަށް ދައުވާނުކުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މުހައްމަދު ލަތީފް ދައުވާކޮށްފައިވާ 575,200.00ރ. (ފަސްލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ރުފިޔާ) ރުފިޔާ މޫސާ ފަހީމުގެ ވާރިސުންގެ ފަރާތުން މުހައްމަދު ލަތީފަށް ދެއްކުމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 433/Cv-C/2013 ގަޒިއްޔާގައި ކޮށްފައިވާ ހުކުމާމެދު އެ ގަޒިއްޔާގައި ދައުވާލިބުނު އަލްމަރްހޫމް މޫސާ ފަހީމުގެ ވާރިސުން ހިތްހަމަނުޖެހިގެން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/398 ނަންބަރު ގަޒިއްޔާއިން ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރަން ހުށަހެޅިފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/398 ގަޒިއްޔާގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މޫސާ ފަހީމްގެ ވާރިސުންގެ ތެރެއިން މުހައްމަދު ޝަވީދު ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ނުކުތާ ތަކެވެ.

(ހ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުން، ކުންފުންޏަކީ އެކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ޝަޚްސަކަށްވާއިރު ކުންފުނީގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި މި މައްސަލައިގައި ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދައުވާ އުފުލައި އެފަރާތްތަކުން ދަރަންޏަށް ޒިއްމާކުރުވައި މައްސަލަ ނިންމާފައިވަނީ ކުންފުންޏާބެހޭ ގާނޫނާ ޚިލާފަށް ކަމުގައިވުން.

(ށ) މި މައްސަލައިގައި ދައުވާކުރާ ފަރާތަކީ ކުންފުނީގެ އެއް ހިއްސާދާރުކަމުގައިވާ މުހައްމަދު ފަހީމް ނިޔާވިއިރު އޭނާގެ ވިޔަފާރި އޮތް ކުންފުންޏެއްގައި ނުވަތަ ޕާޓްނަރޝިޕެއްގައި މަސައްކަތްކުރި މީހެއް ކަމަށްވާއިރު، އެދުވަސްވަރުގައިވެސް ދައުވާކުރާ ފަރާތުގެ ހައްގެއް ކަމުގައި ބުނެ މުސާރަ ހޯދުމަށް ދައުވާނުކޮށް އަލްމަރްހޫމް މޫސާ ފަހީމް ނިޔާވިތާ 17 އަހަރު ދުވަސް ފަހުން ދައުވާކުރުމުގެ ހައްގު މިހާރު އޭނާއަށް ލިބިގެންނުވާއިރު މިކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިއާޔަތްކޮށްފައި ނުވުން.

މައްސަލައިގެ ފަސްފަހަތް

ހ. ވާލީ ވިލާ މޫސާ ފަހީމް އާއި އޭނާގެ ބޭބެ މ. ތްރީއޭ ވިލާ ޢަބްދުﷲ ޢަލީއާ ދެބެން ބައިވެރިވެގެން ހިންގަމުންއައި އެކިއެކި ވިޔަފާރިތަކުގައި ހިމެނޭ ހުރިހާ ވިޔަފާރި ކިޔާންތަކާއި ޕާޓްނަރޝިޕާއި ލިމިޓެޑް ލައިބިލިޓީ ކުންފުނިތަކުގެ %60 ހިއްސާވާ ފަރާތަކީ ޢަބްދުﷲ ޢަލީއެވެ. އަނެއް %40 ހިއްސާވާ ފަރާތަކީ މޫސާ ފަހީމް އެވެ. މި ދެބެއިންގެ ތެރެއިން މޫސާ ފަހީމް ނިޔާވުމުން އަލްމަރްހޫމް މޫސާ ފަހީމްގެ ތަރިކާގައި ހުރި ހިއްސާތަކުގެ މައްސަލަ މަދަނީ ކޯޓުގެ ނަންބަރު 680/MC/2002 ގަޒިއްޔާގައި ސިވިލް ކޯޓުން ބެލުމަށްފަހު އެ ގަޒިއްޔާގައި މަދަނީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއާއި ތްރީއޭ ކޮމްޕެނީގެ އެންމެހައި މުދާތައް ޝަރިއަތުން ބަހައި ވަކިކޮށްދެވެން ނެތް ކަމަށާއި، އެ ދެމީހުންގެ ދެމެދުގައި ހިނގަމުން އައި ހުރިހާ ވިޔަފާރިތައް ބޯޑް އޮފް ޓްރަސްޓީޒް އަކުން ހިންގުމަށެވެ. އަދި ބޯޑް އޮފް ޓްރަސްޓީޒްގައި ދެފަރާތުގެ ޑިރެކްޓަރުން ހިމެނޭނީ ހިއްސާގެ ނިސްބަތުން ކަމަށްވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. މީގެ އިތުރުން ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވިޔަފާރީގެ މުއާމަލާތް ހިންގުމުގައި އެއްވެސް ހިއްސާދާރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމެއް އަނެއް ހިއްސާދާރު ނުކުރުމަށެވެ.

މަދަނީ ކޯޓުގެ 680/MC/2002 ގަޒިއްޔާގައި ސިވިލް ކޯޓުން ކުރި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2003/HC-A/127 ނަންބަރު ގަޒިއްޔާގައި މަދަނީ ކޯޓުގެ ހުކުމް ބާތިލުކުރުމަށްފަހު ހައިކޯޓުން ހުކުމްކޮށްފައިވަނީ ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއާއި ތްރީއޭ ކޮމްޕެނީގެ ހުރިހާ މުދަލާއި ހައްގުތައް ބަހައިދޭންޖެހޭނެ ކަމަށާއި ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއާއި ތްރީއޭ ކޮމްޕެނީގެ ވިޔަފާރި މުދަލާއި އެނޫންތަކެތީގެ %40 ހިއްސާވާ ފަރާތަކީ އަލްމަރްހޫމް މޫސާ ފަހީމް ގެ ވާރިސުން ކަމަށާއި އަދި އަނެއް %60 މުދަލާއި ތަކެތި ހިއްސާވާ ފަރާތަކީ ޢަބްދުﷲ ޢަލީ ކަމަށެވެ.

ހައިކޯޓުގެ މި ހުކުމާ ގުޅިގެން މޫސާ ފަހީމްއާއި ޢަބްދުﷲ ޢަލީގެ ހިއްސާ ހިމެނޭ ކުންފުނިތަކާއި އެހެނިހެން ވިޔަފާރިތަކާއި މުދާ މޫސާ ފަހީމްގެ ވާރިސުންނަށް %40 އަދި ޢަބްދުﷲ ޢަލީ އަށް %60 މަގުން ބަހައިދިނުން އެދި މޫސާ ފަހީމްގެ ވާރިސުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 2003/HC-A/127 ނަންބަރު ގަޒިއްޔާގައި ހުކުމާ ގުޅިގެން އަލްމަރްހޫމް މުހައްމަދު ފަހީމުގެ ވާރިސުންގެ ފަރާތުން ޢަބްދުﷲ ޢަލީގެ މައްޗަށް ދައުވާކުރީ އޭ.އޭ.އޭ ޓްރޭޑިންގ ކޮމްޕެނީ އެވެ ކިޔާ ޕާޓްނަޝިޕްއާއި، ވާލީ ބްރަދާރސް ޕްރައިވެޓް ލިމިޓެޑްއާއި ވާލީ މެޑިކަލް ސެންޓަރ ޕްރައިވެޓް ލިމިޓެޑް އާއި އޭ.އޭ.އޭ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްއާއި ވިޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ހިމެނޭ ހިއްސާދާރުންކުރެ ހ. ވާލީވިލާ އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް ލިބެންވާ 40% އިންސައްތައިގެ ހިއްސާގެ މިންވަރު ބަލައި ވަކިކުރުމަށްފަހު އެމިންވަރު މަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް ލިބިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2003/HC-A/127 ނަންބަރު ގަޒިއްޔާގައި ކޮށްފައިވާ ހުކުމް ތަންފީޒު ކޮށްދިނުމަށާއި، އަދި އެ ޕާޓްނަރޝިޕާއި ކުންފުނިތަކުން މަރްހޫމް މޫސާ ފަހީމްއަށް ހައްގުވެގެން ވާރިސުންނަށް ލިބެންވާ %40 ގެ މުދަލާއި ފައިސާއަށްވާ މިންވަރު ކަނޑައަޅައި ވަކިކޮށް ލިބިދޭ އިރު، ހިއްސާދާރުންކުރެ ޢަބްދުﷲ ޢަލީ އާއި މޫސާ ފަހީމް އާ ދެމީހުން ހަމަހަމަވާ ގޮތަށް ދެމީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ (އެ ޕާޓްނަރޝިޕް އާއި ކުންފުނިތަކުގައި ނުހިމެނޭ ގޮތަށް ހުރި) ގޯތި ގެދޮރާއި މުދަލާއި ތަންތަނާއި ތަކެތިން މޫސާ ފަހީމަށް ހައްގުވާ މިންވަރު ކަނޑައަޅައި އެ މިންވަރުވެސް މަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް ލިބިދިނުމަށް އެދިގެންނެވެ. މި މައްސަލަ މަދަނީ ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާއިންނެވެ.

ކުންފުންޏަކީ ވަކި ގާނޫނީ ޝަޚުސެއް

ކުންފުންޏެއް ރަޖިސްޓަރީ ވުމާއެކު އެ ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ މުޅިންވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްސެކެވެ. އެހެންކަމުން ކުންފުނި އުފެދުމާއެކު، ކުންފުނީގެ ހައްގުތަކާއި އިލްތިޒާމްތަކަކީ އެޝަޚްސުގެ އަމިއްލަ އެއްޗެކެވެ. ހިއްސާދާރުންގެ އެއްޗެއް ނޫނެވެ. ކުންފުނީގެ އެންމެހާ މުދަލެއްމެ މިލްކުވެގެންވަނީ ކުންފުންޏަށެވެ. ހިއްސާދާރުންނަކަށްނޫނެވެ. ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދެނީވެސް ކުންފުނިންނެވެ. ހިއްސާދާރުންނެއް ނޫނެވެ. އެކިއެކި ފަރާތްތަކާ އެކު މުއާމަލާތު ކުރަނީވެސް ކުންފުންޏެވެ. ހިއްސާދާރުންނެއް ނޫނެވެ. ކުންފުނިންކުރާ މުއާމަލާތުތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ދަރާ ދެރުން ތަކަކީ ކުންފުނީގެ ދަރަންޏެވެ. ހިއްސާދާރުންގެ ދަރަންޏެއް ނޫނެވެ. ކުންފުނިން ކުރާ މުއާމަލާތުތަކާ ގުޅިގެން ލިބޭ ފައިދާ އަކީ ކުންފުނީގެ ފައިދާ އެވެ. ހިއްސާދާރުންގެ ފައިދާއެއް ނޫނެވެ. ކުންފުނީގެ މިލްކުވެރީންނަކީ ކުންފުނީގެ ހިއްސާދާރުން ކަމަށްވިޔަސް، އަދި ކުންފުނި ކޮންޓްރޯލް ކުރަނީ ހިއްސާދާރުން ކަމަށްވިޔަސް އަދި ކުންފުނީގެ ވިޔަފާރި ރާވައި ހިންގަނީ ހިއްސާދާރުން ކަމަށް ވިޔަސް އެ ހިއްސާދާރުންނަކީ ކުންފުނިންކުރާ މުއާމަލާތުތަކުގެ ބައިވެރިންނެއް ނޫނެވެ. ހިއްސާދާރުންނަކީ އެ މުއާމަލާތުތަކުގެ ޒިއްމާ ޒާތީގޮތުން އުފުލަންޖެހޭ ބައެއް ނޫނެވެ. އަދި ކިއެއްތަ، ކުންފުންޏަކީ ހިއްސާދާރުންގެ ވިޔަފާރިއާއި މިލްކިއްޔާތުގެ އެޖެންޓެއް ނުވަތަ ޓްރަސްޓީއެއް ވެސް ނޫނެވެ. އެހެންކަމުން ކުންފުނީގެ ހިއްސާދާރަކަށް، ކުންފުނީގެ އެއްވެސް މުދަލެއްގެ މައްޗަށް ޤާނޫނީ ނުވަތަ އިކުއިޓަބްލް މަސްލަހަތެއް ނޯންނާނެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުންފުންޏެއްގެ ހިއްސާދާރުން، އެ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައަޅާފައިވާ ކަމަށް، ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން، އެ ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ހާލަތެއްގައިވެސް އަދި ހުރިހާ ޝަރުއީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ، އެ މިންވަރަކަށް ކަމަށެވެ. އަދި ކުންފުންޏާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކުންފުންޏެއް އުވާލާނަމަ، އެކުންފުންޏެއްގެ ކޮންމެ މެންބަރަކުވެސް އެކުންފުންޏަކަށް ދޭންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ މޫނުމަތީ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމަ، އެ މިންވަރެއް އެކަނި ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2003/HC-A/127 ގަޒިއްޔާގައި ހައިކޯޓުން ހުކުމްކޮށްފައިވަނީ، ކުންފުންޏެއްގެ މިލްކިއްޔާތުގައި ހިމެނޭ އެންމެހައި މުދަލާއި ފައިސާއަކީ، އެ ކުންފުނީގެ ކޮންމެ ހިއްސާދާރަކަށް ވެސް އެމީހެއްގެ ހިއްސާގެ ނިސްބަތުން ހައްގުލިބިގެންވާ އެއްޗެއްކަމަށެވެ. އަދި ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކުންފުނި އުވާނުލައި އެ ގަޒިއްޔާގައި ކުންފުނީގެ މުދާ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބެހުމަށް ހައިކޯޓުން ހުކުމްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2003/HC-A/127 ގަޟިއްޔާގެ ހުކުމުން އެނގެނީ ކުންފުނީގެ މުދަލަކީ ކުންފުނީގެ މުދާކަމަށް އެ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގަބޫލުނުކުރާ ކަމަށާއި ކުންފުނި ހިނގަމުންދަނިކޮށް ކުންފުނީގެ ހިއްސާދާރަކު ދައުވާކޮށްފިނަމަ ކުންފުނީގެ ކަނޑައެޅިފައިވާ މުދަލެއްގެ މިލްކުވެރިކަން ނުވަތަ ކުންފުނީގެ އެންމެހައި މުދާތައް އެ ކުންފުނީގެ ހިއްސާދާރުންގެ ހިއްސާގެ ނިސްބަތުން ކޯޓުން އެފަރާތްތަކަށް ނަގުލުކުރެވިދާނެ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައިވާ ކުންފުނީގެ ޤާނޫނީ ޝަޚުސުގެ މަފްހޫމާއި ޚިލާފު ހުކުމެކެވެ. ސަބަބަކީ ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާ ވަކީން އުފެދިފައިވާ ވަކި ގާނޫނީ ޝަޚުސެއްކަމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާއިރު ކުންފުނީގެ މިލްކިއްޔާތުވާނީ ކުންފުނީގެ މުދާކަމަށެވެ. އެއީ ހިއްސާދާރުންގެ މުދަލަކަށްް ނުވާނެއެވެ. ކުންފުނީގައިވާ އެއްވެސް މުދަލެއްގެ މައްޗަށް ހިއްސާދާރެއްގެ ހިއްސާގެ ނިސްބަތުން އެއްވެސް ހައްގެއް އޮންނާނެ ހަމައެކަނި ހާލަތަކީ ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ފަރާތެއް އައްޔަނުކޮށް އެފަރާތުން ކުންފުނި އުވާލުމުގެ މަސައްކަތްކޮށް ކުންފުނީގައި ހުރިނަމަ ހުރި ދަރަންޏެއް އަދާކުރުމަށްފަހު ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބަހާނޭ އެއްވެސް މުދަލެއް ބާކީ ހުރިނަމަ އެމުދަލެއްގެ މައްޗަށް އެ ހިއްސާދާރެއްގެ ހިއްސާގެ ނިސްބަތުން ހައްގު އޮންނަ ހާލަތެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2003/HC-A/127 ގަޒިއްޔާގައި ގާނޫނު ތަތުބީގުކުރުމުގައި ކުށެއްހެދިފައިވާތީވެ، އެ ގަޒިއްޔާގެ ހުކުމުން ގާއިމުކޮށްފައިވާ ގާނޫނީ އުސޫލަކީ ބާތިލު އުސޫލެކެވެ. އަދި އެ ގަޒިއްޔާގައި އެކަށައަޅާފައިވާ މި ބަޔާންކުރެވުނު އުސޫލު އެހެން ގަޒިއްޔާތަކުގައި ތަތުބީގުނުކުރެވޭނެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނާ އެއްގޮތަށް ކުންފުންޏެއް އުވާނުލައި، ކުންފުންޏެއްގެ މިލްކިއްޔާތުގައި ހިމެނޭ މުދަލެއް އެ ކުންފުނީގެ ހިއްސާދާރެއްގެ ނުވަތަ ހިއްސާދާރުންގެ ހިއްސާގެ ނިސްބަތުން އެ ކުންފުނިން ވަކިކޮށް އެމުދާ ކޯޓުން ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންގެ ނަމަށް ކޯޓުން ބަދަލުކޮށް ދިނުމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުން ހުއްދަ ނުކުރަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ. އެ ސަބަބު ތަކަކީ:

(ހ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުން ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާ ވަކީން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚުސެއް ކަމަށްވުން.

(ށ) އެ ޝަޚުސަކީ ޤާނޫނީ ޝަޚުސަކަށްވިޔަސް އަދި ތަބީއީ ޝަޚުސަކަށް ވިޔަސް، ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން މެނުވީ އެއްވެސް ޝަޚުސެއްގެ މުދަލުގެ މިލްކުވެރިކަން އެހެން ޝަޚުސެއްގެ މައްޗަށް ބަދަލުކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމަކަށް ނުވުން.

(ނ) އެ ޝަޚުސަކީ ޤާނޫނީ ޝަޚުސަކަށް ވިޔަސް އަދި ތަބީއީ ޝަޚުސަކަށް ވިޔަސް، ކޮންމެ ޝަޚުސެއްގެ މިލްކުވެރި ކަމުގެ ޙައްޤު ވެސް ގާނޫނުއަސާސީ އިން ހިމާޔަތް ކޮށްދޭކަން.

(ރ) ހިނގަހިނގާ ހުންނަ ކުންފުންޏެއްގެ މުދާ ގާނޫނާ ޚިލާފަށް އެކުންފުންޏަކުން ވަކިކުރެވޭނަމަ އެކުންފުންޏަކާއެކު މުއާމަލާތުކުރާ އެކުންފުނީގެ އަރަނި ވެރީންގެ ހައްގުތައް ގެއްލި ކުންފުނީގެ ވަކި ގާނޫނީ ޝަޚްސުގެ މަފްހޫމާއި ލިމިޓެޑް ލައިބިލިޓީ ކުންފުނީގެ ޤާނޫނީ މަފްހޫމު ނެތިގެންދާކަން.

ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ވާގޮތުން ހިއްސާދާރުގެ މިލްކަކީ ކުންފުނީގައިވާ އޭނާގެ ހިއްސާއެވެ. އެ ހިއްސާގެ މިލްކުވެރިކަން ރަމްޒުކޮށްދެނީ ހިއްސާގެ ސެޓްފިކެޓުންނެވެ. އަދި ހިއްސާއަކީ އުފުލޭ މުދަލެއްގެ ގޮތުގައި ގަނެވިއްކޭނެ އެއްޗެކެވެ. ހިއްސާދާރު މަރުވުމުން ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ވާރިސުންނަށް މިލްކުވާނީ މަރުވި ހިއްސާދާރަށް މިލްކުވެ އޮތް ހިއްސާއެވެ. ކުންފުނީގެ މިލްކު މުދައު ހިއްސާދާރެއްގެ ވާރިސުންނަށް ނުލިބޭނެއެވެ. ހިއްސާދާރެއްގެ ވާރިސުންނަށް ނަގުލުވާނީ ހިއްސާއެވެ. ހިއްސާގެ މިލްކުވެރިކަން ލިބޭ ވާރިސުން ކުންފުނީގެ ހިއްސާދާރުންނަށް ވާން ބޭނުން ނުވާނަމަ އެ ވާރިސުންނަށް ލިބޭނީ އެ ހިއްސާއެއްގެ އަގެވެ. ކުންފުނި އުވާލެވޭނީއެއް ނޫނެވެ. ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުސަކަށް ވުމުން ހިއްސާދާރުން މަރުވިޔަސް ކުންފުނި ދެމިއޮންނާނެއެވެ.

ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާގައި ބުނެފައިވަނީ ކުންފުންޏެއްގެ ހިއްސާދާރަކު މަރުވެއްޖެނަމަ، މަރުވި ހިއްސާދާރުގެ ހިއްސާގެ ހައްގުވެރިޔާ ނުވަތަ ހައްގުވެރިން ކަމުގައި ޝަރުޢީ ކޯޓަކުން ނިންމާ މީހަކު ނުވަތަ ބަޔަކު، މަރުވި ހިއްސާދާރުގެ ހިއްސާގެ ވެރިޔާ ނުވަތަ ވެރިންގެ ގޮތުގައި، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދާ ޚިލާފު ނުވާނެ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްދެވިދާނެ ކަމަށެވެ.

ކުންފުންޏެއްގެ ހިއްސާދާރަކު މަރުވުމާ ގުޅިގެން އުފެދިދާނެ ބައެއް މައްސަލަތަކަކީ މަރުވި ހިއްސާދާރުގެ ހިއްސާ ވާރުތަވެގެން އަލަށް ކުންފުންޏަށް އަންނަ އައު ހިއްސާދާރުންނާ އެކު ކުރިން ތިބި ހިއްސާދާރުންނަށް މަސައްކަތް ކުރަން ދަތިވުމެވެ. ނުވަތަ އަލަށް އަންނަ ހިއްސާދާރަކީ މައިނޯރިޓީ ހިއްސާދާރަކު ނަމަ އެ ކުންފުނި ކޮންޓްރޯލްކުރާ ހިއްސާދާރުގެ ފަރާތުން މައިނޯރިޓީ ހިއްސާދާރުގެ ހައްގުތަކަށް އުނިކަން ލިބޭކަމަށް މައިނޯރިޓީ ހިއްސާދާރަށް ގަބޫލުކުރެވޭ ގޮތް ވުމެވެ. އެފަދަ ހާލަތްތަކުގައި ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ޚިޔާލުތަފާތުވެ އެކުގައި މަސައްކަތްނުކުރެވި ކުންފުނި ހުއްޓުމަކަށް އަންނަނަމަ، ނުވަތަ ކުންފުނީގެ ހިއްސާދާރެއްގެ ހައްގުތައް ގެއްލޭކަމަށް ފެންނަ ނަމަ އެފަދަ މައްސަލަތަކަށް ހައްލު ހޯދޭނޭ މަގުތައް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވަނީ، ކުންފުންޏެއްގެ މެންބަރުންގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ، ކުންފުނީގެ މެންބަރުންގެ ނުވަތަ މެންބަރުންގެ ތެރެއިން ބަޔެއްގެ ނުވަތަ މެންބަރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައި ވަނީނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް އެދި އެ ކުންފުންޏެއްގެ މެންބަރުންނަށް ނުވަތަ މެންބަރަކަށް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. މިގޮތުން ކުންފުންޏެއްގެ މެންބަރަކު ނުވަތަ މެންބަރުން ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކީ، ކޯޓުގެ ނަޒަރުގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭ ފަދަ ކަމެއްކަމުގައި ވަނީނަމަ، ތިރީގައި ބަޔާން ކޮށްފައިވާ ފަދަ އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށްވެސް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ.

(ހ) މެންބަރެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހަޅާ ކަމަކާ ގުޅޭ، ކުންފުނީގެ ކަންތައްތައް ވަކިގޮތަކަށް ހިންގުމަށް ކަނޑައަޅާފައިވާ އަމުރެއް.

(ށ) މެންބަރަކު ނުވަތަ މެންބަރުން އެފަރާތުގެ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހެޅި ކަންތައް ރަނގަޅު ކުރުވުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރެއް.

(ނ) ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގެ އަމުރެއް.

ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ވިޔަފާރި ކުރަމުން ގެންދަނީ އެ ކުންފުންޏެއްގެ ހުރިހާ މެންބަރުންގެ މަސްލަހަތަށްވުރެ، ޑިރެކްޓަރުން ނުވަތަ ޑިރެކްޓަރުންގެ ތެރެއިން ވަކިބައެއްގެ އަމިއްލަ މަސްލަހަތު ކުރިއަށް ގެންދިއުމަށް ކަމަށްވާ ނަމަ ނުވަތަ ކޮންޓްރޯލިންގ ހިއްސާދާރުން ކަންކުރާ ގޮތުން ކުންފުނީގެ މެންބަރެއްގެ ހައްގުތަކަށް އުނިކަން ލިބޭކަމަށް ކުންފުނީގެ މެންބަރަކަށް ފެނިއްޖެ ނަމަ އެކުންފުނި އުވާލުމަށް ހުށަހެޅުމުގެ ބާރު އެކުންފުނީގެ ހިއްސާ ދާރަކަށް ލިބިގެންވެއެވެ. އެގޮތުން ހުށަހަޅާ ހުށަހެޅުމާގުޅިގެން، ކުންފުނި އުވާލުމަކީ އެކަމުގައި އޮތް އެންމެ އަދުލުވެރި އަދި އިންސާފުވެރި ގޮތް ކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (6) ގެ ދަށުން ކުންފުނި އުވާލުމުގެ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. މިފަދަ ގަޒިއްޔާއެއްގައި، ކުންފުނި އުވާލުން ފިޔަވައި، ކުންފުނީގެ ހިއްސާދާރަކު އަނެއް ހިއްސާދާރުގެ ހިއްސާ ގަތުން ފަދަ އެހެން އެއްވެސް ހައްލެއް ލިބެން ނެތްކަމަށް ދައުވާ ކުރާފަރާތުން ސާބިތުކޮށްދޭން ޖެހޭނެއެވެ.

ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ޚިލާފު އުފެދިގެން ކުންފުނި ހިންގެން ނެތްނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާގޮތަކަށް ނުވަތަ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (7) ގެ ދަށުން ކުންފުނީގެ މެންބަރަކު ކޯޓަށް ހުށަހަޅާ މައްސަލައެއްގައި ކުންފުނި އުވާލުމަކީ އެ ކަމެއްގައި އޮތް އެންމެ އަދުލުވެރި އަދި އިންސާފުވެރި ގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް އެކުންފުންޏެއް އުވާލުމުގެ އަމުރެއް ކޯޓުން ނެރެވިދާނެއެވެ. މިފަދަ ގަޒިއްޔާއެއްގައި، ކުންފުނި އުވާލުން ފިޔަވައި، ކުންފުނީގެ ހިއްސާދާރަކު އަނެއް ހިއްސާދާރުގެ ހިއްސާ ގަތުން ފަދަ އެހެން އެއްވެސް ހައްލެއް ލިބެން ނެތްކަމަށް ދައުވާ ކުރާފަރާތުން ސާބިތުކޮށްދޭން ޖެހޭނެއެވެ.

އިސްތިއުނާފުކުރަން ހުށަހެޅި ފުރަތަމަ ނުކުތާ

މަތީގައި ބަޔާންކުރި ފަދައިން ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދެ ނުކުތާގެ ތެރެއިން ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ޝަޚްސަކަށްވާއިރު ކުންފުނީގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި މި މައްސަލައިގައި ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދައުވާ އުފުލައި އެފަރާތްތަކުން ދަރަންޏަށް ޒިއްމާކުރުވައި މައްސަލަ ނިންމާފައިވަނީ ކުންފުންޏާބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ.

މި ރައުޔުގެ 10 ވަނަ ޕެރެގްރާފުން ފެށިގެން 16 ވަނަ ޕެރެގްރާފްއާ ހަމަޔަށް ބަޔާންކޮށްފައިވާ ހަމަތަކަށް ބަލާއިރު ކުންފުންޏަކީ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ޝަޚުސެއްކަމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައި ސާފު ބަހުން ބަޔާންކޮށްފައިވަނިކޮށް، އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2003/HC-A/127 ނަންބަރު ގަޒިއްޔާގައި ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި މުދަލާއި އެނޫންތަކެތީގެ %40 ހިއްސާވާ ފަރާތަކީ އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުން ކަމަށާއި އަދި އަނެއް %60 މުދަލާއި ތަކެތީގެ ހިއްސާދާރަކީ ޢަބްދުﷲ ޢަލީ ކަމަށް ހުކުމްކޮށްފައިވެއެވެ. އަދި މި ބަޔާންކުރެވުނު ހައިކޯޓުގެ 2003/HC-A/127 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް އެ ކުންފުނީގެ މުދާތައް މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގައި ބަހައިދީފައިވެއެވެ. މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާއިން ކުންފުނީގެ މުދާ ކުންފުނިން ވަކިކޮށް، ހިއްސާދާރުންގެ ހިއްސާގެ ނިސްބަތުން ބަހާފައިވަނީ ކުންފުނި އުވާލުމެއް ނެތިއެވެ. ކުންފުންޏާބެހޭ ގާނޫނުގައި ކުންފުނި އުވާލުމަށްޓަކައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމެއް ނެތިއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައި ކުންފުންޏެއް އުވާލުމާ ބެހޭ ގޮތުން ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ކުންފުނި އުވާލިނަމަ ކުންފުނި އުވާލާނީ ކުންފުނި އުވާލުމުގެ މަސައްކަތްކުރާނެ ފަރާތެއް އައްޔަންކޮށް ކުންފުނީގެ އެންމެހައި އަރަނިވެރިންނަށް (މުވައްޒަފުންގެ މުސާރަވެސް ހިމެނޭ ގޮތުން) ލިބެންޖެހޭ ފައިސާލިބިދީ ކުންފުނީގެ މުދަލުން ކުންފުނީގެ އެންމެހައި ދަރަނި ޚަލާސްކުރުމަށް ފަހުގައެވެ. ކުންފުނީގެ ހިއްސާދާރުންނަށް ކުންފުނީގެ މުދަލުން އެއްޗެއް ލިބޭނީ ކުންފުނީގެ މުދަލުން ކުންފުނީގެ ދަރަނި އަދާކުރުމަށްފަހު ބާކީ މުދާ ހުރިނަމައެވެ. ތަބީއީ ފަރުދަކު މަރުވުމުން ވާރިސުންނަށް މުދަލުން ލިބޭނީ މުވައްރިސުގެ ދަރަނިތައް ޚަލާސްކުރުމަށްފަހުގައި ބާކީ އެއްޗެއް ހުރިނަމަ ކަމުގައި ބަޔާންވެފައި އޮންނަ އުސޫލާ އެއްގޮތަށެވެ. އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުން ހޯދަން އެދޭ މުސާރަ ފަދަ ދަރަނިތައް ޚަލާސްނުކޮށް އަދި ކުންފުނި އުވާނުލައި ކުންފުނީގެ މުދާތައް ބެހުމުން މި ގަޒިއްޔާގައި އުފެދޭ ސުވާލަކީ ކުންފުނީގެ މުދާ ލިބުނު ފަރާތްތަކުން ކުންފުނީގެ ދަރަންޏަށް ޒިއްމާކުރެވިދާނެތޯއެވެ.

މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ އެމީހަކަށް ލިބިފައިވާ މުދަލާއި، ތަންތަނާއި، ތަކެތީގެ މައްޗަށް ކުރެވިފައިވާ އެގްރިމަންޓުތަކާއި ވެވިފައިވާ އެއްބަސްވުންތަކަށް އެމުދަލެއް ލިބިގެންވާ ފަރާތަކުން ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ގޮތުގައި ދެމިއޮތް ކަމަށާއި، އެ ގަޒިއްޔާގައި ހިމެނޭ ޕާޓްނަރޝިޕްއާއި ކުންފުނިތަކުގެ މައްޗަށް އޮތް އެ ގަޒިއްޔާގައި ބެލިފައިނުވާ ދަރަންޏެއް ސާބިތުވެގެން ޒިއްމާވާންޖެހޭ ޖެހުން އެ މައްސަލައިގައި ބަރީއަކޮށްފައިނުވާ ކަމަށެވެ. އަދި އެ ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 4 ވަނަ ނަންބަރުގައި ބުނެފައިވަނީ "މި މައްސަލައިގައި އަދާކުރަންޖެހޭ ގޮތަށް އޮތްކަމަށް އެނގިފައިވާ ދަރަނީގެ އިތުރު ދަރަންޏެއް މޫސާފަހީމްގެ ވާރިސުން އަދާކުރަންޖެހޭ ގޮތަށް އޮތްކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެ ދަރަންޏެއްގެ ޒިއްމާއިން އެފަރާތްތައް ބަރީއަކުރެވިގެން ނުވާކަމަށެވެ." އެހެންކަމުން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގެ ދަށުން ކުންފުނީގެ މުދަލުގެ 40% މުދަލާއި ފައިސާ މި ގަޒިއްޔާ އިސްތިއުނާފުކުރާ މޫސާ ފަހީމްގެ ވާރިސުންނަށް ލިބިގެންވަނީ އެ މުދަލާގުޅިފައިވާ ދަރަނިތަކުން ބަރީއަކުރެވިގެން ނޫންކަމާއި އެމުދަލާއެކު އެ މުދަލުގެ މައްޗަށް އޮތް އިލްތިޒާމުތައްވެސް މޫސާ ފަހީމްގެ ވާރިސުންގެ މައްޗަށް ބަދަލުވެފައިވާކަން އެ ހުކުމުން އެނގެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ޝަޚްސަކަށްވީ ނަމަވެސް، އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގެ ދަށުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކުންފުނި އުވާނުލައި ކުންފުނީގެ މުދަލާއި ފައިސާ ހިއްސާދާރުންގެ މެދުގައި ބަހައިދީފައި އޮތް ނަމަވެސް، އެކުންފުނީގެ އަރަނިވެރިންނަށް (މުވައްޒަފުންވެސް ހިމެނޭގޮތުން) އަދާކުރަންޖެހޭ ދަރަނިތައް ޚަލާސްކުރުމެއް ނެތި އެކުންފުނީގައި ހިމެނޭ ފައިސާއާއި މުދަލާއި، އެ މުދަލާ ގުޅިފައިވާ އެންމެހައި ދަރަނިތަކާއި އިލްތިޒާމުތަކުގެ 40% އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުންކަމުގައިވާ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުން ނަގުލުކޮށްދީފައި އޮތް އޮތުމަކީ އެ މުދަލާބެހޭ ގޮތުން މިހާރު ވުޖޫދުވެ ދެމިއޮތް ހަގީގަތްކަމަށް ގަބޫލުކުރަންޖެހެއެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ މި މައްސަލައިގައި މުހައްމަދު ލަތީފު ކޮށްފައިވާ ދައުވާއަކީ މި ބުނެވުނު ހަގީގަތާ ވަކިކުރެވެން އޮތް ދައުވާއެއް ނޫނެވެ. މުހައްމަދު ލަތީފު ހޯދަން ދައުވާކުރާ ފައިސާ އަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ސާބިތުވާ ނަމަ އެ ދަރަންޏަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ ދަށުން އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުން ޒިއްމާވާން ޖެހޭނޭ ދަރަންޏެކެވެ.

އިސްތިއުނާފުކުރަން ހުށަހެޅި ދެވަނަ ނުކުތާ

ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި ބުނެފައިވަނީ މި މައްސަލައިގައި ދައުވާކުރާ ފަރާތަކީ ކުންފުނީގެ އެއް ހިއްސާދާރުކަމުގައިވާ މޫސާ ފަހީމް ނިޔާވިއިރު އޭނާގެ ވިޔަފާރި އޮތް ކުންފުންޏެއްގައި ނުވަތަ ޕާޓްނަރޝިޕެއްގައި މަސައްކަތްކުރި މީހެއް ކަމަށްވާއިރު، އެ ދުވަސްވަރުގައި ވެސް ދައުވާކުރާ ފަރާތުގެ ހައްގެއް ކަމުގައި ބުނެ މުސާރަ ހޯދުމަށް ދައުވާކުރުމެއް ނެތި އަލްމަރްހޫމް މޫސާ ފަހީމް ނިޔާވިތާ 17 އަހަރު ދުވަސް ފަހުން ދައުވާކުރުމުގެ ހައްގު މިހާރު އޭނާއަށް ލިބިގެންނުވާއިރު މިކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއާ ގުޅިގެން މަތީގައި ބަޔާންކުރި ސަބަބުތަކަށް ބަލާއިރު، އަލްމަރްހޫމް މޫސާ ފަހީމުގެ ތަރިކައިގައި ހުރީ މި މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކުންފުނީގެ %40 ހިއްސާކަން އެނގެއެވެ. ނަމަވެސް މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުން އެކުންފުނީގައިވާ މުދާ ވަކިކޮށްފައި އެކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ޢަބްދުﷲ ޢަލީ އަށް އެކުންފުނީގެ މުދަލާއި ފައިސާގެ ތެރެއިން %60 ދީފައިވެއެވެ. އަދި އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް އެކުންފުނީގެ މުދަލާއި ފައިސާގެ ތެރެއިން %40 ދީފައިވެއެވެ. ކުންފުނީގެ މުދަލަކީ ކުންފުނީގެ ހިއްސާދާރުންގެ ވާރިސުންނަށް ވާރުތަވެގެން ދާނޭ އެއްޗެއް ކަމަށް ނުވާތީވެ، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުން، ކުންފުނީގެ މުދަލާއި ފައިސާގެ ތެރެއިން އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް %40 ލިބިފައިވަނީ މަރުހޫމުގެ ވާރުތަމުދަލުގެ ގޮތުގައި ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތެވެ. އެހެންކަމުން މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދައުވާކޮށްފައިވަނީ މޫސާ ފަހީމުގެ ތަރިކައިގެ މައްޗަށް ކަމަށް ނުބެލެވޭނެއެވެ. އަދި ތަރިކައާބެހޭ ގާނޫނުގެ ދަށުން 60 ދުވަހުގެ ތެރޭގައި ދައުވާކުރަން އޮންނަ އޮތުމުގެ އުސޫލަކީ މި މައްސަލައިގައި ހިމެނޭ ދައުވާގެ މައްޗަށް ހިނގާނޭ އުސޫލެއްވެސް ނޫނެވެ.

މުޙައްމަދު ލަތީފު ދައުވާކުރާ ފައިސާ

އިސްތިއުނާފު ރައްދުވާ މުޙައްމަދު ލަތީފު ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ސާބިތުވާ ކަމަށާއި މުހައްމަދު ލަތީފް ދައުވާކޮށްފައިވާ 575,200.00ރ. (ފަސްލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ރުފިޔާ) ދައުވާލިބޭ ފަރާތްތަކުން މުހައްމަދު ލަތީފަށް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުގެ 433/Cv-C/2013 ނަންބަރު ގަޒިއްޔާގައި ނިންމާފައިވެއެވެ. އެ ނިންމުމަށް ސިވިލް ކޯޓުން ވާސިލުވި ސަބަބުތަކަކީ:

(ހ) މަދަނީ ކޯޓުގެ ނަންބަރު 680/MC/2002 ގަޒިއްޔާއާ ގުޅިގެން ޢަބްދުﷲ ޢަލީއާއި އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް، ޢަބްދުﷲ ޢަލީއާއި އަލްމަރްހޫމް މޫސާ ފަހީމްއާ ދެމީހުން ކުރަމުން އައި ވިޔަފާރީގައި ހިމެނޭ އެކިއެކި ކަންކަމުގައި މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މީހުންނަށް އަލްމަރްހޫމް މޫސާ ފަހީމް ނިޔާވިއިރު ދެމުން އައި މުސާރަ މެދުނުކަނޑައި ދޫކުރަމުން ގެންދިއުމަށް އެ ދެފަރާތަށް 20 ޖެނުއަރީ 2003 ގައި އަންގާފައި އޮންނަ ކަމާއި، މި ގޮތުން މަސައްކަތްކުރަމުން އައި މުވައްޒަފުންގެ ތެރޭގައި މުހައްމަދު ލަތީފް ހިމެނޭކަން ލިޔެކިޔުން ތަކުން ސާބިތުވާކަން. އަދި އެ ކަމަށް އެ ގަޒިއްޔާގައި ދައުވާލިބުނު މޫސާފަހީމްގެ ވާރިސުން އިންކާރުކޮށްފައި ނުވާކަން.

(ށ) ދައުވާކުރާ މުހައްމަދު ލަތީފް މުސާރައިގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ދައުވާކުރާ ފަރާތަށް ލިބިދެވިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކުން އެނގެން ނެތްކަން.

ސިވިލް ކޯޓުގެ ނަންބަރު 433/Cv-C/2013 ގަޒިއްޔާގައި ކޮށްފައިވާ ހުކުމްއާމެދު އެ ގަޒިއްޔާގައި ދައުވާލިބުނު އަލްމަރްހޫމް މޫސާ ފަހީމުގެ ވާރިސުންގެ ހިތްހަމަނުޖެހިގެން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/398 ނަންބަރު ގަޒިއްޔާއިން ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/398 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރަން ހުށަހެޅީ ދެ ނުކުތާއެވެ. އެއިން އެއްވެސް ނުކުތާއެއްގައި، މުހައްމަދު ލަތީފު ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގ އަދި ސޭލްސް މެނޭޖަރެއްގެ މަގާމު 1 ޖެނުއަރީ 1998 އިން 31 މޭ 2006 ގެ ނިޔަލަށް އަދާކުރިކަމަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ނުވަތަ މުހައްމަދު ލަތީފުއަށް އެމުއްދަތުގައި ލިބެމުންދިޔަ މުސާރައިގެ އަދަދާމެދު ނުވަތަ އެފައިސާ މުހައްމަދު ލަތީފުއަށް ލިބިފައިނުވާކަމަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުން ތައުނުކޮށް އެކަމާބެހޭ އެއްވެސް ނުކުތާއެއް އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނެތެވެ. އެހެންކަމުން، ސިވިލް ކޯޓުންނާއި ހައިކޯޓުން އެ ވާގިއާތަކާބެހޭ ގޮތުން ނިންމާފައިވާ ނިންމުންތަކަކީ ސައްހަ ނިންމުންތަކެއް ކަމަށް ސުޕްރީމް ކޯޓުން ބަލަންޖެހެއެވެ.

މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/398 ގަޒިއްޔާ މުޙައްމަދު ޝަވީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ދެ ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނަންބަރު 2015/HC-A/398 ގަޒިއްޔާގެ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް ހުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ