ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/40ސުޕްރީމް ކޯޓު · 23 ސެޕްޓެމްބަރު 2020

—

ސުޕްރީމް ކޯޓު
15 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ސެޕްޓެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/40

ދަޢުވާކުރާ ފަރާތް:

ޢަބްދުﷲ ޢާރިފް

ދަޢުވާލިބޭ ފަރާތް:

އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ

މައްސަލައިގެ ބާވަތް:

އެއްބަސްވުމާ ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

30 ޖުލައި 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

13 ނޮވެންބަރު 2017ނިމުނު ތާރީޚު:

23 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2015/HC-A/280

ހުށަހެޅުނު ތާރީޚު:

03 އޮގަސްޓް 2015ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

24 އޭޕްރިލް 2017

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތައާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/280 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބަޔާންކޮށް ޢަބްދުﷲ ޢާރިފްސުޕްރީމް ކޯޓަށް އެ ގަޒިއްޔާ އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފުގެ ގަޒިއްޔާއެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު (C-0129/1998 ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ޢަބްދުﷲ ޢާރިފް މެދުވެރިވެގެން އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށާއި، މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށް 20 ސެޕްޓެމްބަރު 2006 ގެ ނިޔަލަށް ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ފައިދާއިން 25 ޕަސެންޓް ދިނުމަށް އެޕޯލޯ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އާއި މޯވޭ ކޮންސްޓްރަކްޝަން ލިމިޓެޑްގެ އިސް ދެ މީހުން ކަމުގައިވާ މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް، 20 ސެޕްޓެމްބަރު 2006 ގައި ޝަޚުސީ ގޮތުން އެއްބަސްވެ ޢަބްދުﷲ ޢާރިފް އަށް ލިޔުމެއް ދީފައިވެއެވެ.

ބުނެވިދިޔަ ލިޔުމުގައިވާ ގޮތުން، ޢަބްދުﷲ ޢާރިފް މެދުވެރިވެގެން އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށާއި، މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށް 20 ސެޕްޓެމްބަރު 2006 ގެ ނިޔަލަށް ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ފައިދާއިން 25 ޕަސެންޓްގެ ގޮތުގައި ޢަބްދުﷲ ޢާރިފް އަށް ދިނުމަށް މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް އެއްބަސްވެފައިވަނީ މުޅި ޖުމްލަ 1,450,000/- (ސާދަ ލައްކަ ފަންސާސް ހާސް) ރުފިޔާއެވެ. މީގެ އިތުރުން، 20 ސެޕްޓެމްބަރު 2006 ގެ އެގްރިމަންޓުގައި ބުނެފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރި އިރު ހިނގަމުންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން އެހާތަނަށް ނުނިމިހުރި ޕްރޮޖެކްޓުތަކުގެ ފައިދާގެ ކަންތަކުގެ މައްޗަށް ރިއާޔަތްކޮށް އެކަމާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ އެއިން ކޮންމެ ޕްރޮޖެކްޓެއްވެސް ނިމުމުން އެއިން ކޮންމެ ޕްރޮޖެކްޓެއްގެ ގެއްލުމާއި ފައިދާއަށް ބަލާފައި އެކަމަށް އެކަށޭނަ ވަގުތުގައި ކަމަށެވެ.

ޢަބްދުﷲ ޢާރިފް މެދުވެރިވެގެން 26 ސެޕްޓެމްބަރު 2006 ގެ ނިޔަލަށް އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށާއި، މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށް ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން 20 ސެޕްޓެމްބަރު 2006 ގެ ނިޔަލަށް ނިމިފައިވާ ޕްރޮޖެކްޓުތަކުން ޢަބްދުﷲ ޢާރިފް އަށް ލިބެންޖެހޭ ފައިސާ ނުދީގެން އެ މައްސަލައިގައި ޢަބްދުﷲ ޢާރިފްގެ ފަރާތުން ދައުވާކުރުމުން ބެލެވުނު މައްސަލަ މަދަނީ ކޯޓުން ބަލައި، އެންމެފަހުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ހަމައަށް ދިއުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/05 ގަޒިއްޔާގައި އެ ފައިސާ ޢަބްދުﷲ ޢާރިފް އަށް ދެއްކުމަށް މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފްގެ މައްޗަށް ޙުކުމްކޮށްފައިވެއެވެ. އަދި މި ފައިސާ މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފްގެ ފަރާތުން ޢަބްދުﷲ ޢާރިފް އަށް ދައްކައި ޚަލާސްކޮށްފައިވެއެވެ.

20 ސެޕްޓެމްބަރު 2006 ގެ އެއްބަސްވުމުގެ ފަސް

ޢަބްދުﷲ ޢާރިފް މެދުވެރިވެގެން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދި އެޕޯލޯ ގްރޫޕް އޮފް ކޮމްޕެނީޒްގެ ތެރޭގައި ހިމެނޭ އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި، މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި، އެޕޯލޯ އޭވީ އިކުއިޕްމަންޓްސް އެންޑް ރެންޓަލްސް ޕްރައިވެޓް ލިމިޓެޑް އާއި ނޭޝަންވައިޑް ކުންފުންޏަށް ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން20 ސެޕްޓެމްބަރު 2006 ގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން، ޢަބްދުﷲ ޢާރިފް އަށް ފައިސާ ލިބެންޖެހޭ ޕްރޮޖެކްޓުތަކެއް ހުރި ކަމަށާއި، ޢަބްދުﷲ ޢާރިފް އަށް ދޭންޖެހޭ އިތުރު ފައިދާ، ދެވިފައިނުވާ ޕްރޮޖެކްޓުތަކުގެ ފައިދާގެ ތެރެއިން %25 ހޯދުމުގެ މަސައްކަތް ޢަބްދުﷲ ޢާރިފް ފެއްޓިކަމަށް ޢަބްދުﷲ ޢާރިފް ސިވިލް ކޯޓުގައި ބުނެފައިވެއެވެ.

ޢަބްދުﷲ ޢާރިފް އަށް ލިބެންޖެހޭ ކަމަށް އޭނާ ބުނާ ފައިސާ ދެއްކުމުގެ ޒިންމާ ޝަޚްސީގޮތުން މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް ނެގުމުގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުން ލިބުނު ފައިދާގެ ތެރެއިން ޢަބްދުﷲ ޢާރިފް އަށް ލިބެންޖެހޭ %25 ހަމަޖެއްސުމުގެ ޒިންމާ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގާފައިވާކަމަށް އެ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު 5 ނޮވެމްބަރު 2008 ގައި އިސްތިއުނާފުކުރާ ޢަބްދުﷲ ޢާރިފް އަށް ސިޓީއަކުން އެންގިކަމަށް ޢަބްދުﷲ ޢާރިފް ބުނެފައިވެއެވެ.

މީގެ އިތުރުން، ޢަބްދުﷲ ޢާރިފް މެދުވެރިވެގެން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދި މަތީގައި ބަޔާންކުރެވުނު އެޕޯލޯ ގްރޫޕް އޮފް ކޮމްޕެނީޒްގެ ތެރޭގައި ހިމެނޭ ކުންފުނިތަކަށް ޢަބްދުﷲ ޢާރިފް މެދުވެރިވެގެން ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން ޢަބްދުﷲ ޢާރިފް އަށް ދޭންޖެހޭ ފައިދާގެ މިންވަރު އެނގޭނޭ ގޮތަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު 7 ޑިސެމްބަރު 2008 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޢަބްދުﷲ ޢާރިފް ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު647/Cv-C/2013 ގަޒިއްޔާ

ސުޕްރީމް ކޯޓުގައި މިހާރު ބަލަމުން މިގެންދާ އިސްތިއުނާފުގެ މައްސަލައިގައި ހިމެނޭ ދައުވާ ފުރަތަމަ ހުށަހެޅިގެން އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު647/Cv-C/2013 ގަޒިއްޔާގައެވެ.

ސިވިލް ކޯޓުގެ ނަންބަރު647/Cv-C/2013 ގަޒިއްޔާގައި ޢަބްދުﷲ ޢާރިފްގެ ފަރާތުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެޕޯލޯ ގްރޫޕް އޮފް ކޮމްޕެނީޒްގެ ތެރޭގައި ހިމެނޭ އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި، މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި، މޯވޭ އަރުން އެކްސެލޯ (ޖޭވީ) ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކަށް ޢަބްދުﷲ ޢާރިފް ހޯދައިދިން ޕްރޮޖެކްޓުތަކުން ޢަބްދުﷲ ޢާރިފް އަށް ލިބެންޖެހޭ ފައިދާ ހޯދުމަށެވެ.

ޢަބްދުﷲ ޢާރިފްގެ ފަރާތުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 647/Cv-C/2013 ގަޒިއްޔާގައި ކޮށްފައިވާ ދައުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކޮށްފައިވާ ކަމަށް ޢަބްދުﷲ ޢާރިފް ބުނާ ލިޔުމެވެ.

ޢަބްދުﷲ ޢާރިފްގެ ފަރާތުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު647/Cv-C/2013 ގަޒިއްޔާގައި ކޮށްފައިވާ ދައުވާއަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށް، އެ ފަރާތުން ބުނެފައިވަނީ 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވުނު ލިޔުމަކީ ސައްހަ ލިޔުމެއް ނޫންކަމަށެވެ. 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވުނު ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ބުނާ ދެ ސަބަބެއް ދައުވާ ލިބޭ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ސަބަބުތަކަކީ:

(ހ) އެ ލިޔުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމުމަކުން ބާރުދީފައިވާ އަދި ޑިރެކްޓަރުންގެ ބޯޑުން ގަބޫލުކުރާ އެއްބަސްވުމެއް ނޫންކަން.

(ށ) އެ ލިޔުމަކީ ދައުވާ ލިބޭ ފަރާތުގެ ޑިރެކްޓަރަކަށް ބިރުދައްކައިގެން އޭނާ ލައްވައި ސޮއިކުރުވާފައިވާ ލިޔުމެއްކަމަށާއި އެ ލިޔުމުގައި އޮތް ގޮތުން އެ ލިޔުން ތައްޔާރުކޮށްފައިވަނީ 2008 ގައި ކަމަށް ބުނާއިރު، އެ ލިޔުން ލިޔެފައިވާ ލެޓަރހެޑަކީ 2010 ވަނަ އަހަރު ދައުވާ ލިބޭ ފަރާތުން ބޭނުންކުރަން ފަށާފައިވާ ލެޓަރހެޑެއް ކަމަށާއި، އެ ލިޔުން ލިޔެފައިވާ ލެޑަރހެޑްގައިވާ އެޑްރެހަށް ކުންފުނީގެ އޮފީސް ބަދަލުކުރީ 2010 ގައި ކަމަށާއި، 2010 ގައި އޮފީސް ބަދަލުކުރި ތަނެއްގެ އެޑްރެސް 2008 ގައި ތައްޔާރުކުރި ލިޔުމެއްގައި އޮތުމުން އެ ލިޔުމުގެ ސައްހަކަމާމެދު ޝައްކުއުފެދޭ ކަމަށެވެ.

އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު 7 ޑިސެމްބަރު 2008 ގައި ސޮއިކުރެވުނު ލިޔުމަކީ ސައްހަ ލިޔުމެއް ނޫންކަމަށާއި، އަދި އެ ލިޔުމަކީ ދައުވާގެ ތަފްސީލުގައި ބަޔާންކުރާ އެއްވެސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމުމަކުން ބާރުދީފައިވާ އަދި ޑިރެކްޓަރުންގެ ބޯޑުން ގަބޫލުކުރާ އެއްބަސްވުމެއް ނޫންކަމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓުގައި ބަޔާންކުރުމުން އޭގެ ރައްދުގައި ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނެފައިވަނީ މިފަދަ ހާލަތްތަކުގައި އަމަލުކުރަން އޮންނަ އިންޑޯ މެނޭޖްމަންޓް ރޫލްގެ ދަށުން ކުންފުންޏެއްގެ އެތެރޭގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުންފުންޏާއެކު މުއާމަލާތުކުރާ ފަރުދެއްގެ ޒިންމާއެއް ނޫންކަމަށާއި، މިފަދަ ހާލަތްތަކުގައި އަމިއްލަ ފަރުދެއްގެ ގޮތުގައި ހުންނަ މީހާ ބަލާނީ ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

މީގެ އިތުރުން، ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނެފައިވަނީ އެޕޯލޯ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އާއި މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސް ދެ މީހުން ކަމުގައިވާ މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް 20 ސެޕްޓެމްބަރު 2006 ގައި ޢަބްދުﷲ ޢާރިފް އާ އެކުގައި ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ބެލެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/05 ގަޒިއްޔާގައި އެހާތަނަށް އެޕޯލޯ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަށާއި މޯވޭ ކޮންސްޓްރަކްޝަން ލިމިޓެޑް އަށް ލިބިފައިވާ ޕްރޮޖެކްޓުތަކުން ޢަބްދުﷲ ޢާރިފް އަށް ލިބެންޖެހޭ ފައިދާ ދިނުމަށް އަޙްމަދު ޢާރިފްގެ މައްޗަށާއި މުޙައްމަދު ވަޙީދުގެ މައްޗަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު647/Cv-C/2013 ގަޒިއްޔާގެ ހުކުމް

ސިވިލް ކޯޓުގެ ނަންބަރު647/Cv-C/2013 ގަޒިއްޔާގެ ހުކުމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ؛

(ހ) ދައުވާކުރާ ޢަބްދުﷲ ޢާރިފްގެ ދައުވާ ބިނާކޮށްފައިވާ ލިޔުންކަމުގައިވާ، 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު ސޮއިކުރި ކަމަށް ބުނާ ލިޔުމުގެ ސައްހަކަމާމެދު ދައުވާ ލިބޭ ފަރާތުން ސުވާލު އުފައްދާފައި ވީހިނދު، އެ ލިޔުމުގެ ސައްހަކަމާމެދު ދައުވާ ލިބޭ ފަރާތުން ސުވާލު އުފައްދައި ފާހަގަކުރި ކަންކަން ނަފީކުރެވޭނެ ކަންކަން ދައުވާކުރާ ފަރާތަށް ދެއްކިފައި ނުވުމުން އެ ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށާއި،

(ށ) ދައުވާކުރާ ފަރާތަށް އެ ފައިސާ ދިނުމަށް ދައުވާ ލިބޭ ކުންފުނިން ނިންމާފައިވާކަން ދައުވާކުރާ ޢަބްދުﷲ ޢާރިފް އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ހައިކޯޓުގެ އިސްތިއުނާފު

މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/280 ގަޒިއްޔާ ނިންމަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ ކުންފުނީގެ ފަރާތުން އެއްވެސް ހަރަދެއްކުރެވޭނީ ކުންފުނީގެ ބޯޑުން ފާސްކޮށްގެން ކަމަށާއި، މި ލިޔުމުގެ މައްޗަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ދަށު ކޯޓުގައި އެއްބަސްވެފައިނުވާ ކަމަށާއި، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އެ ލިޔުމުގައި ސޮއިކޮށްފައިވަނީ މުޙައްމަދު ވަޙީދަށް ބަޔަކު ބިރުދައްކައި މުޙައްމަދު ވަޙީދު ރަހީނުކޮށްގެން ކަމަށް މުޙައްމަދު ވަޙީދު ބުނާ ކަމަށާއި، އަދި އެ އެއްބަސްވުން ލިޔެފައިވާ ލިޔުމަކީ ކުންފުނީގެ ސައްހަ ލެޓަރހެޑްގައި ލިޔެފައިވާ ލިޔުމެއް ނޫންކަމަށާއި، މިއީ ޢަބްދުﷲ އާރިފް އުފައްދާފައިވާ ލިޔުމެއް ކަމަށް ބުނެ މި ލިޔުމާމެދު އެޕޯލޯ ހޯލްޑިންގްސް އިން ޝައްކު އުފައްދާފައި ވީހިނދު މި ޝައްކު ފިލުވައިދިނުމަކީ ޢަބްދުﷲ ޢާރިފްގެ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމަށް ވާއިރު، އޭނާ އެ ޝައްކު ފިލުވަން ޝަރީއަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، ޢަބްދުﷲ ޢާރިފްގެ ފަރާތުން އޭނާގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށް މަދަނީ މިންގަނޑުން ސާބިތު ނުވާ ކަމަށެވެ.

މި މައްސަލަ ނިންމަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީޢަބްދުﷲ ޢާރިފްގެ ފަރާތުން އޭނާގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށް ސާބިތުވާން ނެތްހިނދު ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނާފަދަ އިންޑޯ މެނޭޖްމަންޓް ރޫލްއަށް ރިއާޔަތްކުރަންޖެހޭ ހާލަތެއް މި މައްސަލައިގައި ނެތް ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފުގެ މައްސަލަ

އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ކުރަން ހުށަހެޅީ މުޅިއެކު 3 ނުކުތާ އެވެ. އެއީ:

(ހ) 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށްވާއިރު ދަށު ކޯޓުންނާއި ހައިކޯޓުން އެ އެއްބަސްވުން ބަލައިގެންފައިނުވުން.

(ށ) މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް 20 ސެޕްޓެމްބަރު 2006 ގައި ޢަބްދުﷲ ޢާރިފް އާ އެކުގައި ވެފައިވާ އެއްބަސްވުމާބެހޭ ގޮތުން ބެލެވުނު ސުޕްރީމް ކޯޓުގެ ނަންބަރު2009/SC-A/05 ގަޒިއްޔާގައި އެ ލިޔުން ސައްހަކަމަށް ބައްލަވާފައި އޮތް އޮތުމަށް ދަށު ކޯޓުންނާއި ހައިކޯޓުން ރިއާޔަތްކޮށްފައި ނެތުން.

(ނ) އިންޑޯ މެނޭޖްމަންޓް ރޫލް އޮންނަ ގޮތުން، ކުންފުނީގެ ޑިރެކްޓަރަކު ސޮއިކޮށްފައިވާ އެގްރީމަންޓަކަށް ކުންފުނިން ޒިންމާވާންޖެހޭނެ ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނުކުތާއަށް ރިއާޔަތްކޮށްފައި ނެތުން.

ކިތާބީ ހެއްކާބެހޭ ބައެއް އާއްމު އުސޫލު

ކޯޓުތަކަށް ހެކީގެ ގޮތުގައި ހުށަހެޅޭ ޑޮކިއުމަންޓު (މުސްތަނަދު) މައިގަނޑު ގޮތެއްގައި ބެހެނީ ދެ ބަޔަކަށެވެ. އެއީ ރަސްމީ ޑޮކިއުމަންޓު (ޕަބްލިކް ޑޮކިއުމަންޓް) އަދި އަމިއްލަ ޑޮކިއުމަންޓު (ޕްރައިވެޓް ޑޮކިއުމަންޓް) އެވެ. ރަސްމީ ޑޮކިއުމަންޓުކަމުގައި ބެލެވެނީ ދައުލަތުގެ އިދާރާއަކުން ނުވަތަ އެނޫންވެސް އާއްމު މުއައްސަސާއަކުން ލިޔެ ބަލަހައްޓާ ޑޮކިއުމަންޓެވެ. އޭގެ ތެރޭގައި އުފަން ދުވަހުގެ ސެޓްފިކެޓާއި، ގެއާއި ގޯތީގެ ރަޖިސްޓަރީ އާއި، ކާވެނީގެ ސެޓްފިކެޓާއި، އާއްމު ޚިދުމަތްތަކާ ގުޅިގެން ފޮނުވާ ކަރަންޓު ބިލާއި ފެނުގެ ބިލާއި ފޯނު ބިލު ހިމެނެއެވެ. އަމިއްލަ ޑޮކިއުމަންޓުތަކުގެ ތެރޭގައި ޚަސްމުންގެ މެދުގައި ބަދަލުކުރެވޭ ސިޓީބިޓީ އާއި އެގްރިމަންޓާއި އީމެއިލް ފަދަ ތަކެތި ހިމެނެއެވެ.

މަތީގައި ބުނެވުނު ދެ ބާވަތުގެ ޑޮކިއުމަންޓު ކޯޓުގައި ސާބިތުކުރުމުގައި ބޭނުންކުރާ ގޮތްތައް ތަފާތެވެ. ރަސްމީ ޑޮކިއުމަންޓެއް ސާބިތުކުރުމަށް އެ އިދާރާއަކުން ދޫކުރާ ސަރޓިފައިޑް ކޮޕީއެއް އެ ޑޮކިއުމަންޓު ސާބިތުކުރުމަށް ފުދެއެވެ. ނަމަވެސް އަމިއްލަ ޑޮކިއުމަންޓެއްގައި ހިމެނޭ ކަންކަން ސާބިތުކުރެވޭނީ އެ ޑޮކިއުމަންޓުގެ އަސްލު ހުށަހަޅައިގެންނެވެ. ނުވަތަ އެ ޑޮކިއުމަންޓުގެ އަސްލު ވުޖޫދުގައި އޮތް ނަމަވެސް ނުވަތަ ނެތް ނަމަވެސް ކޯޓުން ގަބޫލުކުރާ ގޮތަކަށް އެ ޑޮކިއުމަންޓުގެ ނުވަތަ އެ ޑޮކިއުމަންޓުގެ ކަމާބެހޭ ބައިގެ ކޮޕީއަކީ އަސްލާ އެއްގޮތް ކޮޕީއެއް ކަމަށް ބަޔާންކޮށް ތަސްދީގުކޮށްފައިވާ ކޮޕީއަކުންނެވެ.

ޑޮކިއުމަންޓުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހައި ހިނދަކު އެ ޑޮކިއުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ސޮއިކޮށްފައިވާ ސައްހަ ޑޮކިއުމަންޓެއް ކަމަށް ބެލެވޭނެއެވެ. އަދި އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ސައްހަ ބަޔާންތަކާއި ވާގިއާތަކެއް ކަމުގައި ބެލެވޭނެއެވެ.

އަމިއްލަ ޑޮކިއުމަންޓެއްގެ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓުގެ ސައްހަކަމާމެދު މައްސަލައިގެ އަނެއް ޚަސްމު އިންކާރުކޮށްފިނަމަ، އެ ކަންކަން ދެން ސާބިތުކުރެވޭނީ އެ ކަންކަން ސާބިތުކުރުމަށް އާއްމު އުސޫލުން ހެކި ހުށަހަޅައިގެންނެވެ.

ޑޮކިއުމަންޓެއްގެ ސައްހަކަމާމެދު ޑޮކިއުމަންޓު ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ޑޮކިއުމަންޓުގެ ސައްހަކަން ސާބިތުކޮށް ދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުގެ ޒިންމާއެކެވެ. ޑޮކިއުމަންޓަކާމެދު ޚަސްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓު ހެކީގެ ގޮތުގައި ހުށަހެޅި ޚަސްމަށް ކޯޓުން އަންގަންވާނީ އެ ޑޮކިއުމަންޓުގެ އަސްލު (އަސާސީ ހެކި) ހުށަހެޅުމަށާއި އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި، އެ ލިޔުން ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ އެ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށެވެ.

ޑޮކިއުމަންޓަކީ މީހަކު އުފައްދާފައިވާ އެއްވެސް ހަގީގަތެއް ނެތް ޑޮކިއުމަންޓެއް ކަމަށް ޚަސްމަކު ބުނާ ހާލަތުގައި، އެ ޑޮކިއުމަންޓަކީ ސައްހަ ޑޮކިއުމަންޓެއް ކަމަށް ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ސައްހަ ބަޔާންތަކާއި ވާގިއާތަކެއް ކަމުގައި ބެލެވޭނެއެވެ.

ޑޮކިއުމަންޓުގައި ކޮށްފައިވާ ސޮޔަކީ އެ މީހާގެ ސޮއި ނޫންކަމަށް މީހަކު ބުނާ ހާލަތުގައި، އެ ސޮޔަކީ އެ މީހާގެ ސޮއިކަމަށް ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ސައްހަ ބަޔާންތަކާއި ވާގިއާތަކެއް ކަމުގައި ބެލެވޭނެއެވެ.

ޑޮކިއުމަންޓުގައި މީހަކު ސޮއިކޮށްފައިވަނީ އެ މީހާގެ ރުހުން ނެތި ކަމަށް މީހަކު ބުނާ ހާލަތުގައި، އެ މީހާ އެ ޑޮކިއުމަންޓުގައި ސޮއިކޮށްފައިވަނީ ރުހުމުގައި ކަމަށް ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ސައްހަ ބަޔާންތަކާއި ވާގިއާތަކެއް ކަމުގައި ބެލެވޭނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ (2010) ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ޚަސްމުންގެ މެދުގައި ކުރެވޭ މުއާމަލާތްތައް ސާބިތުކުރުމަށް އެކުލަވާލެވޭ އަމިއްލަ ޑޮކިއުމަންޓަކީ ކަމެއް ސާބިތުކުރެވޭނެ ކިތާބީ ހެއްކެއް ކަމަށާއި، އެފަދަ ޑޮކިއުމަންޓެއްގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކުގެ އިދިކޮޅު ސާބިތުކޮށްދެވޭނީ އާއްމު ގޮތެއްގައި ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމަށެވެ. ކިތާބީ ހެއްކަކުން ސާބިތުވާ ކަމަކާއި އިދިކޮޅަށް ކަމެއް ސާބިތުކުރެވޭނީ އާއްމު ގޮތެއްގައި ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމަށްވީ ނަމަވެސް އެ އާންމު އުސޫލުގެ އިސްތިސްނާ ހާލަތްތަކެއް ހުންނަ ކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށް އެފަދަ އިސްތިސްނާ ހާލަތެއް އެ ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ހެއްކެއްގެ ގޮތުގައި ޑޮކިއުމަންޓެއް ޝަރީއަތަށް ގަބޫލުކުރެވޭނީ، އެ ޑޮކިއުމަންޓުގައި ސޮއިކޮށްފައި ވަނީ ސައްހަމަގުން ކަމަށް ވާނަމައެވެ. ޑޮކިއުމަންޓުގައި ސޮއިކޮށްފައިވަނީ މަޖުބޫރުން ކަމަށް ނުވަތަ އެ މީހާގެ ރުހުން ނެތި ކަމަށް ޑޮކިއުމަންޓުގައި ސޮއިކުރި ފަރާތުން، ނުވަތަ އެ ޑޮކިއުމަންޓު ޝަރީއަތަށް ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން ބުނާނަމަ، އާއްމު އުސޫލަކީ އެގޮތަށް ބުނާ ފަރާތަކުން އެކަން ސާބިތުކޮށްދިނުމެވެ. ނަމަވެސް ބައެއް ޚާއްސަ ހާލަތްތަކުގައި، ޑޮކިއުމަންޓުގައި ސޮއިކުރި މީހާ އެ ޑޮކިއުމަންޓުގައި ސޮއިކޮށްފައިވަނީ އެ މީހާގެ ރުހުމުގައި ކަން ސާބިތުކުރުމުގެ މަސްއޫލިއްޔަތު އެ ލިޔުމުގެ މައްޗަށް ބަރޯސާވާ މީހާ އުފުލުމަށް ޝަރީއަތުން ނުވަތަ ގާނޫނުން ލާޒިމުކުރެވިދާނެއެވެ. މިފަދަ އިސްތިސްނާއީ އެއް ހާލަތަކީ އެކަށީގެން ނުވާ ނުފޫޒެއް ފޯރުވިދާނެ މަގާމެއްގައި ހުންނަ މީހަކު ނުރަނގަޅު ނުފޫޒެއް ބޭނުންކޮށްގެން މީހަކު ކޮންޓްރެކްޓުގައި ބައިވެރިކުރުވި ކަމަށް ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ބުނާ ހާލަތެވެ.

ދައުވާކުރާ ފަރާތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓެއްގެ ސައްހަކަމާމެދު ދައުވާ ލިބޭ ފަރާތުން އިންކާރުކުރާނަމަ އަދި އެ ޑޮކިއުމަންޓުގެ ސައްހަކަން ދައުވާކުރާ ފަރާތަށް ސާބިތުކޮށްދެވެން ނެތް ހާލަތެއްގައި، އެ ޑޮކިއުމަންޓުގައި ބަޔާންކުރާ މުއާމަލާތާއި އެހެނިހެން ވާގިއާތައް ހެކީންގެ ހެކިބަހުން ނުވަތަ އެނޫންވެސް ގަރީނާތަކުން ސާބިތުކޮށް ދިނުމުގެ ފުރުސަތު ދައުވާކުރާ ފަރާތަށް އޮންނާނެއެވެ.

ގަޒިއްޔާއެއްގައި ޚަސްމަކަށް ނުވާ ފަރާތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނުވަތަ އެފަދަ ފަރާތަކުން ދޫކޮށްފައިވާ ސިޓީއެއްގެ ސައްހަ ކަމާމެދު އެ ގަޒިއްޔާގައި ހިމެނޭ އަނެއް ފަރާތުން އިންކާރުކޮށްފިނަމަ، އެ އެއްބަސްވުމުގައި ނުވަތަ އެ ސިޓީގައި ސޮއިކުރި މީހާގެ ހެކިބަސް ނުވަތަ އެ ޑޮކިއުމަންޓުގެ ސައްހަކަން ސާބިތުވާ އެނޫންވެސް އެހެން މަގްބޫލު ހެއްކެއް ނެތި، އެ ޑޮކިއުމަންޓު ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެއެވެ.

ޑޮކިއުމެންޓްރީ ހެއްކާބެހޭ އާއްމު އުސޫލުތައް މި މައްސަލައަށް ތަތުބީގުކުރުން

މި ދައުވާގައި ބަޔާންކުރާ ފައިސާ ދައުވާ ލިބޭ ފަރާތުގެ ކިބައިން ލިބެންޖެހޭ ކަމަށް ބުނާބުނުން ސާބިތުކުރުމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ހުށަހަޅާފައިވަނީ ދެ ޑޮކިއުމަންޓެކެވެ. ޢަބްދުﷲ ޢާރިފްގެ ފަރާތުން ހުށަހަޅާފައިވާ މި ދެ ޑޮކިއުމަންޓުގެ ޒަރީއާއިން ޢަބްދުﷲ ޢާރިފް ކުރާ ދައުވާ ސާބިތުވާ ކަމަށް ޢަބްދުﷲ ޢާރިފް ދެކެއެވެ. އެ ދެ ޑޮކިއުމަންޓަކީ:

(ހ) 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވިފައިވާ ލިޔުމެއް ކަމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނާ ލިޔުން.

(ށ) މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް 20 ސެޕްޓެމްބަރު 2006 ގައި ޢަބްދުﷲ ޢާރިފް އާ އެކުގައި ވެފައިވާ އެއްބަސްވުން.

މި ދެ ލިޔުމުގެ ތެރެއިން ޢަބްދުﷲ ޢާރިފްގެ ދައުވާގައި ބަޔާންކުރާ ހައްގު އުފެދޭ މައިގަނޑު މަސްދަރު ކަމަށް ބުނެ ހުށަހަޅާފައިވާ ހެއްކަކީ 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވިފައިވާ ލިޔުމެއް ކަމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނާ ލިޔުމެވެ. މި ލިޔުމުގައި ބުނެފައިވަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނާއި އެޕޯލޯ ގްރޫޕް އޮފް ކޮމްޕެނީޒްގެ ތެރޭގައި ހިމެނޭ އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށާއި، މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށާއި އެޕޯލޯ އޭވީ އިކުއިޕްމަންޓްސް އެންޑް ރެންޓަލްސް ޕްރައިވެޓް ލިމިޓެޑްއަށާއި، ނޭޝަން ވައިޑް ކުންފުނި ހިމެނޭ ގޮތަށް ޢަބްދުﷲ ޢާރިފް މެދުވެރިވެގެން ހޯދާދީފައިވާ ކޮންޓްރެކްޓްތަކަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުޖޫރައެއްގެ ގޮތުގައި އެއިން ކޮންމެ ކޮންޓްރެކްޓެއްގެ ފައިދާގެ %25 ޢަބްދުﷲ ޢާރިފް އަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. މިގޮތުން، މި ޑޮކިއުމަންޓުގައި ބުނެފައިވާ ގޮތުން އެކު ޖުމްލަ -/1,578,000 (އެއްމިލިއަން ފަސްލައްކަ ހަތްދިހައަށްހާސް) ޔޫއެސް ޑޮލަރާއި -/2,750,000 (ދެމިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާ ޢަބްދުﷲ ޢާރިފް އަށް ދިނުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވެފައިވެއެވެ.

ދައުވާ ލިބޭ ފަރާތުން ތިން ސަބަބަކަށްޓަކައި މި ލިޔުމުގެ ސައްހަކަމަށް އިންކާރުކުރެއެވެ. އެތިން ސަބަބަކީ:

(ހ) އެ ލިޔުމަކީ ދައުވާކުރާ ފަރާތުން އުފައްދާފައިވާ ސައްހަނޫން ލިޔުމެއް ކަމުގައި ބުނެ އެ ލިޔުމަށް ކުރާ އިންކާރު.

(ށ) އެ ލިޔުމުގައި ސޮއިކޮށްފައިވާ އެޕޯލޯ ހޯލްޑިންގްސްގެ އެއް ޑިރެކްޓަރު ކަމަށްވާ މުޙައްމަދު ވަޙީދު ލައްވައި އެ ލިޔުމުގައި ސޮއިކުރުވާފައިވަނީ މަޖުބޫރުން ކަމަށް ބުނެ އެ ލިޔުމަށް ކުރާ އިންކާރު.

(ނ) އެ ލިޔުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދީގެން ސޮއިކޮށްފައިވާ ލިޔުމެއް ކަމަށް ނުވާތީ އެ ލިޔުމަށްކުރާ އިންކާރު.

ލިޔުމުގެ ސައްހަކަން

7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވިފައިވާ ލިޔުމެއް ކަމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނާ ލިޔުމަކީ ޢަބްދުﷲ ޢާރިފްގެ ފަރާތުން އުފައްދާފައިވާ ސައްހަނޫން ލިޔުމެއް ކަމަށް ބުނެ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ލިޔުމަށް އިންކާރުކުރަމުން ބުނެފައިވަނީ، އެ ލިޔުމުގައި އޮތްގޮތުން އެ ލިޔުން ތައްޔާރުކޮށްފައިވަނީ 2008 ގައި ކަމަށް ބުނާއިރު، އެ ލިޔުން ލިޔެފައިވާ ލެޓަރހެޑަކީ 2010 ވަނަ އަހަރު ދައުވާ ލިބޭ ފަރާތުން ބޭނުންކުރަން ފަށާފައިވާ ލެޓަރހެޑެއް ކަމަށާއި، އެގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުރި އޮފީސް މ. މެރިންވިލާ އަށް 2010 ގައި ބަދަލުކުރުމަށްފަހު، ލެޓަރހެޑްގައިވާ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ އެޑްރެހުގެ މަތީގައި ރޮނގު ދަމައިގެން އައު އެޑްރެސް އޭގައި ލިޔެގެން އެގޮތަށް ލެޓަރހެޑް ބޭނުންކުރަން ފެށީ 2010 ގައި ކަމަށާއި، 2010 ގައި އޮފީސް ބަދަލުކުރި ތަނެއްގެ އެޑްރެސް 2008 ގައި ތައްޔާރުކުރި ލިޔުމެއްގައި އޮތުމުން އެ ލިޔުމުގެ ސައްހަކަމާމެދު ޝައްކުއުފެދޭ ކަމަށެވެ. މި ވާހަކައާއި ގުޅިގެން ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނެފައިވަނީ 5 ނޮވެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ލެޓަރހެޑް ކަމަށް ބުނާ ލެޓަރ ހެޑެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޢަބްދުﷲ ޙަސަން ޢަބްދުﷲ ޢާރިފް އަށް ފޮނުވިކަމަށް ޢަބްދުﷲ ޢާރިފް ބުނާ ސިޓީވެސް ލިޔެފައި އޮތީ އެ ލެޓަރހެޑްގައި ކަމަށްވުމުން އެއީ 2008 ގައި އެ ކުންފުނިން ބޭނުންކުރި ލެޓަރހެޑްކަން އެނގޭކަމަށެވެ. ނަމަވެސް އެ ލެޓަރހެޑްގައި ބަޔާންކުރާ އެޑްރެސްކަމުގައިވާ މ. މެރިންވިލާ ދެވަނަ ފްލޯރ އަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކަރަންޓު ލާފައިވަނީ 2010 ގައި ކަމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާތީވެ އެކަން ސިވިލް ކޯޓުން ސްޓެލްކޯ އަށް ލިޔެގެން ސާފުކޮށްފައިވެއެވެ. މި ލިޔުން ތައްޔާރުކޮށް ސޮއިކޮށްފައިވަނީ 2008 ގެ ޑިސެމްބަރު 7 ގައި ކަމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ބުނާއިރު، އެ އެއްބަސްވުން ލިޔެފައިވާ ކުންފުނީގެ ލެޓަރހެޑު އެ ކުންފުނިން 2010 ވަނަ އަހަރު ބޭނުންކުރަން ފެށި ލެޓަރހެޑާ އެއްގޮތަށް އޮތީ ކީއްވެގެންކަން ޝަރީއަތަށް ސާފުކޮށްދެވިފައި ނުވާކަމަށް ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމުގައިވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި މި އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށް، އެއްބަސްވުން ލިޔެފައިވާ އިސްތިއުނާފު ރައްދުވާ ކުންފުނީގެ ލެޓަރހެޑު އެ ކުންފުނިން 2010 ވަނަ އަހަރު ބޭނުންކުރަން ފެށި ކަމަށްބުނާ ލެޓަރހެޑާ އެއްގޮތަށް އޮތީ ކީއްވެގެންކަން ޝަރީއަތަށް ސާފުކޮށް ދިނުމަށްޓަކައި އެޕޯލޯ ހާޑްވެއަރ ސެންޓަރަށް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓުން 8 ސެޕްޓެމްބަރު 2008 ގައި ދޫކޮށްފައިވާ އިމްޕޯޓު މުދާވިއްކުމުގެ ހުއްދައިގެ އަސްލާއެއްގޮތް ކަމަށް އެ މިނިސްޓްރީއިން ޔަގީންކޮށްދީ، ތައްގަނޑު ޖަހާފައިވާ ކޮޕީއެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެ ހުއްދައިގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ކަމަށް ލިޔެފައިވަނީ މ. މެރިންވިލާގެ ދެވަނަ ފްލޯއެވެ. މި ލިޔުން ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިފައިވަނީ ދަށު ކޯޓުގައި ފާހަގަނުކުރާ ކަންކަން ސުޕްރީމް ކޯޓުގައި ފާހަގަ ކުރުމާއި އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫނެވެ. ނަމަވެސް މި ލިޔުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވަނީ އިސްވެ މި ބަޔާންކުރި ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ހުކުމްކުރުމުގެ ކުރިން ކަމަށްވާތީވެ، މި އިސްތިއުނާފުގެ ބޭނުމަށް މި ބަޔާންކުރެވުނު ލިޔުމަށް މި ގަޒިއްޔާގައި ރިއާޔަތްކޮށްފައިވަނީ މި ލިޔުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ ދަށު ކޯޓުންނާއި ހައިކޯޓުން ސާބިތުނުވި ނުވުން މުޅިން ބަދަލުވާނޭ ފަދަ ހެއްކަކަށް މި ހެކިވޭތޯ ބެލުމުގެ ގޮތުންނެވެ. މި ލިޔުމަށް ބަލާއިރު އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ އެޑްރެހެއްގެ ގޮތުގައި މ. މެރިންވިލާގެ ދެވަނަ ފްލޯ ބޭނުންކުރިކަން މި ލިޔުމުން އެނގެއެވެ. ނަމަވެސް މި ލިޔުމުގެ ސަބަބުން، 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވިފައިވާ ކަމަށް ބުނާ ލިޔުމަށާއި އެ ލިޔުމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ދައުވާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކުރާ އިންކާރުގެ އިދިކޮޅު މި ލިޔުމުގެ ސަބަބުން ސާބިތުކޮށްދެވޭ ކަމަށް ގަބޫލުނުކުރެވެއެވެ.

މި ރައުޔުގެ 22 ވަނަ ޕެރެގްރާފުގައި ފާހަގަކުރި ފަދައިން ޝަރީއަތަށް ޚަސްމަކު ހުށަހަޅާ ޑޮކިއުމަންޓެއްގެ ސައްހަކަމާމެދު އަނެއް ޚަސްމުގެ ފަރާތުން އިންކާރުކޮށްފިނަމަ، އެ ޑޮކިއުމަންޓަކީ ސައްހަ ޑޮކިއުމަންޓެއް ކަން ޝަރީއަތަށް ސާބިތުކޮށްދޭން ޖެހޭނީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުންނެވެ. މި ގަޒިއްޔާގައި ހިމެނޭ މި ލިޔުން ޝަރީއަތަށް ހުށަހެޅީ ޢަބްދުﷲ ޢާރިފްގެ ފަރާތުން ކަމަށްވެފައި، އެ ލިޔުމުގެ ސައްހަކަމަށް އަނެއް ޚަސްމުގެ ފަރާތުން އިންކާރުކޮށްފައިވާ ހިނދު، އެ ގަޒިއްޔާގެ ޚަސްމަކަށް ނުވާ ފަރާތަކުން ސޮއިކޮށްފައިވާ އެ ޑޮކިއުމަންޓުގެ ސައްހަކަން ސާބިތުކުރުމަށް އެ އެއްބަސްވުމުގައި ސޮއިކުރި މީހާގެ ހެކިބަސް ނުވަތަ އެ ޑޮކިއުމަންޓުގައި ސޮއިކުރި ފަރާތާއި އެ ޑޮކިއުމަންޓު ތައްޔާރު ކުރި ފަރާތާއި އެ ޑޮކިއުމަންޓުގައި ސޮއިކުރިތަން ދުށް މީހުން ހެކިންގެ ގޮތުގައި ހާޒިރުކުރުމުގެ ފުރުސަތު ޢަބްދުﷲ ޢާރިފް އަށް އޮންނާނެއެވެ. ނަމަވެސް 7 ޑިސެމްބަރު 2008 ގެ މި ލިޔުމުގައި ސޮއިކޮށްފައިވަނީ މުޙައްމަދު ވަޙީދު ކަމަށް ބުނެފައިވާއިރު، މުޙައްމަދު ވަޙީދު އާއި އެ ލިޔުމުގައި ސޮއިކުރި އިރު އެ ތަނުގައި ބަޔަކު ތިބިނަމަ އެ ބަޔަކު، އަދި އިސްތިއުނާފު ރައްދުވާ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އަނެއް ޑިރެކްޓަރު(ން) ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅައިގެން އެ ޑޮކިއުމަންޓުގެ ސައްހަކަން ޝަރީއަތުގައި ސާބިތުކޮށް ދިނުމުގެ ފުރުސަތު ޢަބްދުﷲ ޢާރިފް އަށް އޮވެ، އެ މަގުން އަމަލުކޮށްފައި ނެތުމުން، އެ ލިޔުމަށާއި އެ ލިޔުމުގެ މައްޗަށް ބިނާކޮށްފައިވާ ދައުވާއަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކުރާ ކުރުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭ ދައުވާ ސާބިތުކޮށް ދިނުމުގެ ޒިއްމާ އަދާކުރެވިފައިވާ ކަމަށް ގަބޫލުނުކުރެވެއެވެ.

20 ސެޕްޓެމްބަރު 2006 ގެ އެއްބަސްވުން

ހައިކޯޓުގެ ނަންބަރު 2015/HC-A/280 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި ބުނެފައިވަނީ މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް 20 ސެޕްޓެމްބަރު 2006 ގައި ޢަބްދުﷲ ޢާރިފް އާ އެކުގައި ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ބެލެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/05 ގަޒިއްޔާގައި އެ ލިޔުން ސައްހަކަމަށް ބައްލަވާފައި އޮތް އޮތުމަށް ދަށު ކޯޓުންނާއި ހައިކޯޓުން ރިއާޔަތްކޮށްފައި ނެތްކަމަށެވެ.

މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް 20 ސެޕްޓެމްބަރު 2006 ގައި ޢަބްދުﷲ ޢާރިފް އާ އެކުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ޢަބްދުﷲ ޢާރިފް މެދުވެރިވެގެން އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށާއި، މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 20 ސެޕްޓެމްބަރު 2006 ގެ ނިޔަލަށް ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ފައިދާއިން 25 ޕަސެންޓްގެ ގޮތުގައި ޢަބްދުﷲ އާރިފް އަށް ދިނުމަށް މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް އެއްބަސްވާ ކަމަށާއި އެގޮތުން އެ ދެ މީހުންގެ ފަރާތުން މުޅި ޖުމްލަ 1,450,000/- (ސާދަ ލައްކަ ފަންސާސް ހާސް) ރުފިޔާ ޢަބްދުﷲ ޢާރިފް އަށް ދޭން އެއްބަސްވާ ކަމަށާއި، މީގެ އިތުރުން، އެ އެއްބަސްވުމުގައި ސޮއިކުރި އިރު ހިނގަމުންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން އެހާތަނަށް ނުނިމިހުރި ޕްރޮޖެކްޓުތަކުގެ ފައިދާގެ ކަންތަކުގެ މައްޗަށް ރިއާޔަތްކޮށް އެކަމާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ އެއިން ކޮންމެ ޕްރޮޖެކްޓެއްވެސް ނިމުމުން އެއިން ކޮންމެ ޕްރޮޖެކްޓެއްގެ ގެއްލުމާއި ފައިދާއަށް ބަލާފައި އެކަމަށް އެކަށޭނަ ވަގުތުގައި ކަމަށެވެ.

މިގޮތުން 20 ސެޕްޓެމްބަރު 2006 ގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް ދޭން އެއްބަސްވެފައިވާ ފައިސާ ޢަބްދުﷲ ޢާރިފް އަށް ނުދީގެން އެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކޯޓުގެ މަރުހަލާތަކުގައި ހިނގި މައްސަލަތައް އެންމެފަހުން ނިމިފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/05 ގަޒިއްޔާއިންނެވެ. މި ފައިސާ މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފްގެ ފަރާތުން ޢަބްދުﷲ ޢާރިފް އަށް ދީ ޚަލާސް ކުރެވިފައިވާކަން ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުން އެނގެއެވެ.

ނަމަވެސް، ހަވާލާދެވުނު 20 ސެޕްޓެމްބަރު 2006 ގެ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމުގައި ސޮއިކުރި އިރު، އޭރު ހިނގަމުންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން އެހާތަނަށް ނުނިމިހުރި ޕްރޮޖެކްޓުތަކުގެ ފައިދާގެ ކަންތަކުގެ މައްޗަށް ރިއާޔަތްކޮށް އެކަމާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ އެއިން ކޮންމެ ޕްރޮޖެކްޓެއްވެސް ނިމުމުން އެއިން ކޮންމެ ޕްރޮޖެކްޓެއްގެ ގެއްލުމާއި ފައިދާއަށް ބަލާފައި އެކަމަށް އެކަށޭނަ ވަގުތުގައި ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ތާރީޚަށް ފަހު އެފަދަ ފައިސާއަކާ ބެހޭގޮތުން މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފް އާއެކު ޢަބްދުﷲ ޢާރިފް އެއްބަސްވުމެއް ވެފައި އޮތްކަމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބުނެފައެއް ނުވެއެވެ. އަދި އެފަދަ ފައިސާއެއް ހޯދުމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން މުޙައްމަދު ވަޙީދު އާއި އަޙްމަދު ޢާރިފްގެ މައްޗަށް ދައުވާކޮށްފައި އޮތްކަމެއް މި ގަޒިއްޔާގައި ހުށަހެޅުނު ލިޔުންތަކުން އެނގެން ނެތެވެ.

އެހެންކަމުން، ހަވާލާދެވުނު 20 ސެޕްޓެމްބަރު 2006 ގެ އެއްބަސްވުމަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/05 ގަޒިއްޔާއަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު2015/HC-A/280 ގަޒިއްޔާގައި ރިއާޔަތްކުރެވިފައި ނެތުމަކީ ހައިކޯޓުން މައްސަލަ ބެލުމުގައި ގާނޫނީ ގޮތުން އޮތް އުނިކަމެއް ކަމަށް ނުފެނެއެވެ.

އިންޑޯ މެނޭޖްމަންޓް ރޫލް

ޢަބްދުﷲ ޢާރިފްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަމުން ފާހަގަކޮށްފައިވާ ތިންވަނަ ނުކުތާގައި ބުނެފައިވަނީ، އިންޑޯ މެނޭޖްމަންޓް ރޫލް އޮންނަ ގޮތުން ކުންފުނިން އެ ކުންފުނީގެ ޑިރެކްޓަރަކު ކަމަށްވާ މުޙައްމަދު ވަޙީދު ސޮއިކޮށްފައިވާ އެގްރީމަންޓަށް އެ ކުންފުންޏަކުން ޒިންމާވާންޖެހޭނެ ކަމަށްވާއިރު، ހައިކޯޓުން އެ ނުކުތާއަށް ރިއާޔަތްކޮށްފައި ނެތް ކަމަށެވެ. މި އިސްތިއުނާފީ ނުކުތާގެ ކުރު ޖަވާބަކީ މި ދައުވާ އެ މައްޗަށް ބިނާކޮށްފައިވާ މައިގަނޑު މަސްދަރަކީ 7 ޑިސެމްބަރު 2008 ގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ މުޙައްމަދު ވަޙީދު އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ސޮއިކުރެވިފައިވާ ކަމަށް ބުނާ ލިޔުމެއް ކަމަށްވެފައި އެ ލިޔުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރު ކުރުމުން އެ ޑޮކިއުމަންޓުގެ ސައްހަކަން ސާބިތުކޮށް ދިނުމަކީ ޢަބްދުﷲ ޢާރިފްގެ މައްޗަށް ގާނޫނު މަތިކުރާ މަސްއޫލިއްޔަތެއް ކަމަށްވާއިރު، މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑު ކަމަށްވާ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެ ޑޮކިއުމަންޓުގެ ސައްހަކަން ޢަބްދުﷲ ޢާރިފް އަށް ސާބިތުކޮށް ދެވިފައި ނުވާތީވެ، މި ނުކުތާއާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅާނޭ ތަނެއް ނެތްކަމަށް ބުނުމެވެ. އެހެނީ އިންޑޯ މެނޭޖްމަންޓް ރޫލް ތަތުބީގުކުރެވޭނީ ކުންފުނީގެ މުވައްޒަފަކާ ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާ އެކު އެ ކުންފުނީގައި ނުހިމެނޭ މީހަކު ވެފައިވާ ސައްހަ އެއްބަސްވުމެއް އޮވެގެން ކަމަށްވާއިރު އެފަދަ ސައްހަ އެއްބަސްވުމެއް އޮތްކަން ޢަބްދުﷲ ޢާރިފަށް ސާބިތުކޮށްދެވިފައި ނެތެވެ.

އިސްވެ ހަވާލާދެވުނު 7 ޑިސެމްބަރު 2008 ގެ ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށް ސާބިތުވެ، އިންޑޯ މެނޭޖްމަންޓް ރޫލް ތަތުބީގުކުރި ނަމަވެސް، އެ ރޫލްގެ ދަށުން އެ ލިޔުމުގައިވާ ދަރަނި އަދާކުރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ލާޒިމުކުރެވެން ނެތްކަން ތިރީގައި މި ފާހަގަކުރާ ކަންކަމުން އެނގެއެވެ.

(ހ) އިނގިރޭސި ކޮމަން ލޯގައި ބޭނުންކުރާ ގަވާއިދެއް ކަމުގައިވާ "އިންޑޯ މެނޭޖްމެންޓް ރޫލް" އަކީ ކުންފުނީގައި ނުހިމެނޭ ފަރާތްތަކުން (ކުންފުނީގެ މުވައްޒަފަކަށް ނުވާ ނުވަތަ ކުންފުނީގެ ހިއްސާދާރަކަށް ނުވާ މީހަކު) ކުންފުންޏާއެކު މުއާމަލާތްކުރުމުގައި، ކުންފުނިން ނިންމާ ނިންމުމަކީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިފްތިރާޟުކުރުން އެފަރާތްތަކުން ހުއްދަކުރާ ގަވާއިދެކެވެ. ފުރަތަމަ ފަހަރަށް އިނގިރޭސި ކޮމަން ލޯ ގައި އިންޑޯ މެނޭޖްމަންޓް ގަވާއިދު އެކަށައަޅާފައި ވަނީRoyal British Bank v. Turquand ގަޒިއްޔާގައެވެ. މި ގަޒިއްޔާގައި، ކުންފުންޏެއްގެ ފަރާތުން ނެގި ލޯނަކަށް ގެރެންޓީ ދީފައިވަނީ އެފަދަ ގެރެންޓީ ދިނުމުގެ ކުރިން އެ ކުންފުނީގެ ގަވާއިދުތަކުގެ ދަށުން ކުންފުނީގެ ހިއްސާދާރުންގެ ގަރާރަކުން އެ ގެރެންޓީ ދިނުމަށް ދޭންޖެހޭ ހުއްދަ ހޯދުމެއް ނެތިއެވެ. ކުންފުނިން ބޭންކަށް ފައިސާ ނުދެއްކުމަށް ކުރިމަތިކުރި ދިފާއުގައި ބަރޯސާވެފައިވަނީ އެ މުއާމަލާތްކުރުމަށް ހިއްސާދާރުންގެ ރުހުން ލިބިފައި ނެތުމަށެވެ. މި ދިފާއު ކޯޓުން ގަބޫލުނުކޮށް ބުނެފައިވަނީ، ކުންފުނިން ނިންމާ ނިންމުންތައް ނިންމާފައި ހުންނާނީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އިފްތިރާޟުކުރުމުގެ (ގަބޫލުކުރުމުގެ) ހައްގު ބޭންކަށް ލިބިގެންވާ ކަމަށެވެ.

(ށ) Royal British Bank v. Turquand ގަޒިއްޔާގެ ފަހުން ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގެ ޒަރީއާއިން އިންޑޯ މެނޭޖްމަންޓް ގަވާއިދަށް އިސްތިސްނާ ހާލަތްތަކެއް ކަނޑައަޅައި އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ ދާއިރާ ހަނިކޮށްފައިވެއެވެ. އެފަދަ އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި، ކަން އޮތްގޮތް އެނގެންވާނެ ކަމަށް ގާނޫނު ގަބޫލުކުރާ ހާލަތްތަކާއި، ކަން އޮތްގޮތް އެނގޭ ހާލަތްތަކާއި، ހޯދައި ބަލައި ދެނެގަތުން ލާޒިމުވާ ހާލަތްތަކާއި، ވަގުލިޔުން އުފައްދާ ހާލަތާއި ވަގު ސޮއިކުރާ ހާލަތު ހިމެނެއެވެ.

(ނ) އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ އިސްތިސްނާ ހާލަތްތައް ބުނާގޮތުން އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ މައްޗަށް ބަރޯސާވާކަމަށް، ކުންފުންޏާއެކު މުއާމަލާތްކުރި މީހާ ކޯޓުގައި ބުނާއިރު، އެ ކުންފުނީގެ ގަވާއިދުތައް ހުންނަ ގޮތް އެ މީހާއަށް އެނގޭނަމަ ނުވަތަ ކުންފުންޏާ އޭނާއާ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން އޭނާއަށް އެ ކުންފުނީގެ ކަންކަން އެނގޭނެ ކަމަށް އިފްތިރާޟު ކުރެވޭ ހާލަތެއް އޮތްނަމަ، އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ މައްޗަށް އެ މީހާ ބަރޯސާވުން ހުއްދަވެގެން ނުވެއެވެ. އަދި އެ މީހަކީ ކުންފުނީގެ މައުލޫމާތު އެނގޭ ނުވަތަ ކުންފުންޏާ ގުޅުން އޮތް މީހަކު ނަމަ އެ މުއާމަލާތް ކުރަނީ ކުންފުނީގެ އެތެރޭގެ އިޖުރާއަތްތައް ފުރިހަމަކުރެވިގެން ގަވާއިދުން ހުއްދަ ލިބިގެންތޯ އިތުރަށް ބަލައި ކަށަވަރުކުރުމަށް އެ ފަރާތުގެ މައްޗަށް އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ އިސްތިސްނާ ހާލަތްތައް ލާޒިމުކުރެއެވެ.

(ރ) އިސްވެ ބުނެވިދިޔަ އިސްތިސްނާ ހާލަތްތައް މި މައްސަލައަށް ތަތުބީގުކުރާއިރު،ޢަބްދުﷲ ޢާރިފް އަކީ އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގައި މި މައްސަލައިގައި ހުށަހެޅިފައިވާ އިސްވެ ހަވާލާ ދެވުނު 7 ޑިސެމްބަރު 2008 ގެ ލިޔުމުގައިވާ ތާރީޚުގެ ކުރިން މަސައްކަތްކުރި މީހެއް ކަމާއި، އެޕޯލޯ ގްރޫޕް އޮފް ކޮމްޕެނީޒްގެ ކުންފުނިތަކަށް ކޮންޓްރެކްޓް ނުވަތަ ޕްރޮޖެކްޓް ހޯދައި ދިންކަމަށް ދައުވާގައި ބުނެފައިވާ ދުވަސްވަރު އެޕޯލޯ ގްރޫޕް އޮފް ކޮމްޕެނީޒްގައި ހިމެނޭކަމަށް ބުނާ ކުންފުނިތަކުގެ ތެރެއިން މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރި ފަރާތެއް ކަމާއި، އެޕޯލޯ އެންޓަރޕްރައިޒްގެ ސީއީއޯ ކަމާއި ޑިރެކްޓަރުކަން ކުރި ފަރާތެއް ކަމަށްވާއިރު، ޢަބްދުﷲ ޢާރިފް އާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދުގައިވާ ގުޅުމުގެ ސަބަބުން، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކާއި އެ ތަނުގެ އެތެރޭގެ ހިންގުން ޢަބްދުﷲ ޢާރިފަށް އެނގޭކަމަށް އިފްތިރާޟުކުރަން އިންޑޯ މެނޭޖްމަންޓްގެ ގަވާއިދުގެ އިސްތިސްނާތައް ލާޒިމުކުރެއެވެ. އެހެންކަމުން، 7 ޑިސެމްބަރު 2008 ގެ ލިޔުމުގައިވާ ކަންކަމަކީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކުގައިވާ ގޮތުގެމަތިން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރަންޖެހޭ މުއާމަލާތްތަކެއް ކަމާއި، އެ މުއާމަލާތްތަކަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ރުހުންދީފައި ނެތްކަން ޢަބްދުﷲ ޢާރިފް އަށް އެނގެން ޖެހޭނެ ކަމަށް އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ ދަށުން ބަލަން ޖެހެއެވެ.

(ބ) އެހެން ކަމުން، މި ބަޔާންކުރި ސަބަބަށްޓަކައި، 7 ޑިސެމްބަރު 2008 ގެ ލިޔުމުގައިވާ މުއާމަލާތަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ރުހުން ދީފައި ނެތުމުންނާއި، އެ ކުންފުންޏާ ޢަބްދުﷲ ޢާރިފް އާ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން އެ ލިޔުމުގައިވާ މުއާމަލާތަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދީފައި ނެތްކަން ޢަބްދުﷲ ޢާރިފަށް އެނގެންވާނެ ކަމަށް އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ ދަށުން ބެލުން ލާޒިމުކުރާތީ، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުމަށްޓަކައި ކުންފުންޏާބެހޭ ގާނޫނުގެ އިންޑޯ މެނޭޖްމަންޓް ގަވާއިދުގެ ދަށުން އެ ލިޔުމަށް ބަރޯސާވުމަށް އެ ގަވާއިދު ތަނެއް ނުދެއެވެ.

މަތީގައި ފާހަގަކުރި ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު647/Cv-C/2013 ގަޒިއްޔާގެ ހުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/280 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު:

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު:

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ހުކުމް

ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެހެންހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/280 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއް ސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ