—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2019/SC-A/54
އިސްތިއުނާފު ކުރާ ފަރާތް:
1. ޢަލީ މުޙައްމަދު، ބުލްބުލާގެ، ތ. ވިލުފުށި 2. ޢަބްދުﷲ އާދަމް، ކަނބިލިގެ، ތ. ވިލުފުށި
އިސްތިއުނާފު ރައްދުވާ ފަރާތް:
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ. ލޓޑ.
މައްސަލައިގެ ބާވަތް:
ފައިނޭންސް ލީސިންގގެ މައްސަލަ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
02 ސެޕްޓެމްބަރ 2018ރަޖިސްޓްރީ ކުރެވުނު ތާރީޚު:
21 ޖުލައި 2019ނިމުނު ތާރީޚު:
02 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2016/HC-A/372
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
24 އޮގަސްޓް 2016ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
28 މެއި 2018
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން ތ. ވިލުފުށި، ބުލްބުލާގެ، ޢަލީ މުޙައްމަދު އާއި ތ. ވިލުފުށި، ކަނބިލިގެ، ޢަބްދުﷲ އާދަމް ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ބެލި ގަޒިއްޔާއެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
ތ. ވިލުފުށި، ބުލްބުލާގެ، ޢަލީ މުޙައްމަދު އާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) އާ ދެމެދު 30 ނޮވެމްބަރު 2008 ގައި ސޮއިކުރި ފައިނޭންސް ލީސިންގ އެގްރިމަންޓެއްގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ޢަލީ މުޙައްމަދު އަށް "އިތުބާރު" ކިޔާ ދޯންޏެއް ލީސް ކުރިއެވެ.
ޢަލީ މުޙައްމަދު އާއި އެމްއެފްއެލްސީ އާ ދެމެދު 30 ނޮވެމްބަރު 2008 ގައި ސޮއިކުރި ފައިނޭންސް ލީސިންގ އެގްރިމަންޓުގައި ބަޔާންކުރާ މުއާމަލާތަށް، ތ. ވިލުފުށި، ކަނބިލިގެ، ޢަބްދުﷲ އާދަމް ގެރެންޓީ ދީފައިވެއެވެ.
ލީސް އެގްރިމަންޓުގެ ދަށުން ޢަލީ މުޙައްމަދު އެމްއެފްއެލްސީ އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިވާތީ އާއި، 28 ޖުލައި 2009 ގައި "އިތުބާރު" ދޯނި ކ. ވިލިނގިލީ ފަޅަށް ދޫކޮށްލާފައިވާ ކަމަށް ބުނެ 31 ޖުލައި 2009 ގައި އެމްއެފްއެލްސީގެ ފަރާތުން ޢަލީ މުޙައްމަދުއާއެކު ވެފައިވާ ލީސް އެގްރިމަންޓު ބާތިލުކޮށްފައިވެއެވެ.
ސިވިލް ކޯޓުގައި އެމްއެފްއެލްސީގެ ފަރާތުން 15 އޮކްޓޯބަރ 2014 ގައި ދައުވާ ކުރީ ލީސް އެގްރިމަންޓު ބާތިލުކުރި ތާރީޚާ ހަމައަށް ދައުވާ ލިބޭ ފަރާތުން ދައްކަންޖެހޭ ކަމަށް އެމްއެފްއެލްސީ އިން ބުނާ 112,000.00 (އެއްލައްކަ ބާރަހާސް) ރުފިޔާ ހޯދުމަށާއި، އެ އުޅަނދު ވިލިނގިލީ ފަޅަށް އަޑިއަށް ގޮސްފައި ވަނިކޮށް ނެގުމާއި ބެލެހެއްޓުމާއި މަރާމާތަށް ޚަރަދުވި 548,657.36 (ފަސްލައްކަ ސާޅީސްއަށްހާސް ހަސަތޭކަ ފަންސާސްހަތް ރުފިޔާ ތިރީސް ހަތް ލާރި) އާއި ލީސް އެގްރިމަންޓުގެ ދަށުން ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި، މައްސަލަ ކޯޓުގައި ރަޖިސްޓަރީ ކުރުމަށް ހޭދަވި 25.00 (ފަންސަވީސް) ރުފިޔާ އާއި ވަކީލުގެ ފީގެ ގޮތުގައި ހޭދަވެފައިވާ26,000.00 (ސައްބީސްހާސް) ރުފިޔާ ދައުވާ ލިބޭ ފަރާތްތަކުގެ އަތުން ހޯދުމަށެވެ.
ސިވިލް ކޯޓުގެ ދައުވާގައި ދައުވާ ލިބޭ ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމް އެ ދައުވާއަށް އިންކާރުކޮށްފައިވެއެވެ.
ދަޢުވާ ލިބޭ ފަރާތްތަކުން ދަޢުވާއަށް އިންކާރުކޮށް ބުނެފައިވަނީ އެމްއެފްއެލްސީގެ ފަރާތުން ދޯނީގެ ސަލާމަތީ ސެޓްފިކެޓް ހައްދައި ދީފައި ނުވާތީ ދޯނީގެ ބޭނުން ނުކުރެވިގެން މާލޭގެ މަސް މާރުކޭޓް ކައިރިން ދޯނި އެމްއެފްއެލްސީ އާ ހަވާލުކޮށްފައިވާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް
ސިވިލް ކޯޓުގެ ނަންބަރު 2091/Cv-C/2014 ގަޒިއްޔާގައި ކުރި ހުކުމުގައި ބުނެފައިވަނީ ދޯނީގެ ބޭނުން ހިފިފައި ނުވަނީ ދޯނީގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ މައުލޫމާތު އެމްއެފްއެލްސީއިން ނުލިބުމުގެ ސަބަބުން ކަމަށް ސާބިތުނުވާ ކަމަށެވެ.
އަދި ލީސް އެގްރިމަންޓުގެ 22 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށް ނިންމަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ، ޢަލީ މުޙައްމަދުގެ ފަރާތުން އިތުބާރު ދޯނި އެމްއެފްއެލްސީ އާ ހަވާލުކޮށްފައިވާ ކަމަށް ބެލެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.
ސިވިލް ކޯޓުން އިތުރަށް ނިންމާފައިވަނީ އިތުބާރު ދޯނި ވިލިނގިލީ ފަޅަށް އަޑިއަށް ގޮސްފައި ވަނިކޮށް ނެގުމަށާއި، މަރާމާތަށް 548,657.36 (ފަސްލައްކަ ސާޅީސްއަށްހާސް ހަސަތޭކަ ފަންސާސްހަތް ރުފިޔާ ތިރީސްހަ ލާރި) ޚަރަދުވެފައިވާ ކަމަށް އެމްއެފްއެލްސީ އިން ބުނި ނަމަވެސް އެ މަސައްކަތްކުރި ފަރާތާއި އެ މަސައްކަތަށް ޚަރަދުވި ގޮތް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތްކަމަށެވެ.
ލީސް ރެންޓަލްގެ ގޮތުގައި ދައްކަންޖެހި ނުދައްކައި އޮތް އަދަދުން ޢަލީ މުޙައްމަދު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެމްއެފްއެލްސީ އަށް ދައްކާފައިވާ 150,000.00 (އެއްލައްލަ ފަންސާސްހާސް) ރުފިޔާ އުނިކުރުމުން ލީސް ރެންޓްގެ ގޮތުގައި 31 ޖުލައި 2009 ދުވަހުގެ ނިޔަލަށް ބާކީ އޮންނަ 112,000.00 (އެއްލައްކަ ބާރަހާސް) ރުފިޔާ ދައުވާ ލިބޭ ފަރާތްތަކުން އެމްއެފްއެލްސީ އަށް ދައްކާފައި ނުވާތީ، މި ފައިސާ އަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.
ބުނެވުނު ފައިސާގެ އިތުރުން، އިތުބާރު ދޯނި ބެލެހެއްޓުމަށް 2 މޭ 2016 ގައި އެމްއެފްއެލްސީ އިން ސިވިލް ކޯޓަށް ހުށަހެޅި ސްޓޭޓްމެންޓާއި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑްގެ އިންވޮއިސް ތަކުގައިވާ 508,301.75 (ފަސްލައްކަ އަށްހާސް ތިންސަތޭކަ އެއް ރުފިޔާ ހަތްދިހަފަސް ލާރި) އާއި ވަކީލުގެ ގާނޫނީ ފީގެ ގޮތުގައި 26,000.00 (ސައްބީސްހާސް) ރުފިޔާ އާއި މައްސަލަ ކޯޓުގައި ރަޖިސްޓަރީ ކުރުމަށް ހޭދަވެފައިވާ 25.00 (ފަންސަވީސް) ރުފިޔާއާއެކު ޖުމްލަ646,326.75 (ހަލައްކަ ސާޅީސްހަހާސް ތިންސަތޭކަ ސައްބީސް ރުފިޔާ ހަތްދިހަފަސް ލާރި) ޢަލީ މުޙައްމަދު އާއި މި މުއާމަލާތަށް ޔަގީންކަން ދީފައިވާ ޢަބްދުﷲ އާދަމް އެކުއެކީ ނުވަތަ ވަކީން ޒިންމާވެ އެމްއެފްއެލްސީ އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގެ ހުކުމް
ސިވިލް ކޯޓުގެ ނަންބަރު2091/Cv-C/2014 ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމް ބުނެ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެމްއެފްއެލްސީ އަށް ލިބިގެންވާ އިޚްތިޔާރުތައް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 17.2 ގައި ކަމަށާއި، އެ މާއްދާގައި ބަޔާންކުރާ ގޮތުން އެއްބަސްވުން ބާތިލު ކުރާއިރު، އެ މާއްދާގައި ބުނާ ކަންތައްތަކުގެ ތެރެއިން ކަމެއް ވަކިން ނުވަތަ އެކުއެކީގައި އިޚްތިޔާރުކުރުމުގެ ބާރު އެމްއެފްއެލްސީ އަށް ލިބިގެންވާ ކަމަށާއި މި މައްސަލައިގައި އެމްއެފްއެލްސީ އިން އިޚްތިޔާރު ކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ މުޅި އަދަދުގެ ފައިސާ ހޯދުމަށް ނޫންކަމަށާއި، އެ ކުންފުނިން ބޭނުންވަނީ އެއްބަސްވުން ބާތިލުކުރެވުނު ތާރީޚު ކަމުގައިވާ 31 ޖުލައި 2009 އާއި ހަމައަށް ދައުވާ ކުރާ ފަރާތްތަކުން ދައްކަންޖެހޭ އަދަދަށްވާ ފައިސާ ހޯދުމަށް ކަމަށާއި، މީގެ އިތުރުން، ވިލިނގިލީ ފަޅަށް ދޯނި އަޑިއަށް ދިއުމުން އެ އުޅަނދު ނެގުމަށާއި ބެލެހެއްޓުމަށާއި މަރާމާތުކުރަން ޚަރަދުވި ފައިސާ އާއި ފައިސާ ނުދެއްކުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ވަކީލުގެ ފީ އާއި ކޯޓުގައި މައްސަލަ ރަޖިސްޓަރީކުރަން ދިޔަ ފައިސާ ހޯދުމަށް ކަމަށެވެ.
އިތުރަށް ހައިކޯޓުން ބުނެފައިވަނީ އެގްރިމަންޓުގެ ދަށުން ދައްކަންޖެހޭ ލީސް ރެންޓް ދައްކަން ފަށަންޖެހޭ ތާރީޚަކީ 20 ޖެނުއަރީ 2009 ކަމަށާއި، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވަނީ 50 މަހަށް ބަހާލައިގެން ކޮންމެ މަހަކު 35,000.00 (ތިރީސްފަސްހާސް) ރުފިޔާ ކަމަށާއި އެހެންކަމުން ލީސް ރެންޓް ދައްކަން ފެށި ފަހުން އެގްރިމަންޓު ބާތިލުކުރުމާ ހަމައަށް (31 ޖުލައި 2009 އާ ހަމައަށް) ވާނީ 7 މަސް ދުވަސް ކަމަށާއި އެހެންކަމުން 7 މަސްދުވަހުގެ ކުއްޔަށްވާނީ 245,000.00 (ދެލައްކަ ސާޅީސް ފަސްހާސް) ރުފިޔާ ކަމަށާއި ދައުވާ ލިބޭ ފަރާތްތަކުން އެމްއެފްއެލްސީ އަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 150,000.00 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ ދައްކާފައިވާ ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ލީސް ރެންޓްގެ ގޮތުގައި އެކު ޖުމްލަ 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ދައުވާ ކުރާ ފަރާތްތަކުން އެމްއެފްއެލްސީ އަށް ދައްކާފައިވާ ކަމަށާއި، އެހެންކަމުން ދައުވާ ކުރާ ފަރާތަތްކުގެ އަތުގައި އެ ދޯނި އޮތް މުއްދަތުގައި ދައުވާ ކުރާ ފަރާތްތަކުން އެމްއެފްއެލްސީ އަށް 7 މަހަށް ދައްކަންޖެހޭ 245,000.00 (ދެލައްކަ ސާޅީސް ފަސްހާސް) ރުފިޔާ އިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ 150,000.00 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ އާއި ލީސް ރެންޓްގެ ގޮތުގައި ދެއްކި 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ކަނޑާލުމުން ޢަލީ މުޙައްމަދުގެ ފަރާތުން ލީސް ރެންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް އެމްއެފްއެލްސީ އަށް ދައްކަން ނުޖެހޭ ކަމަށެވެ.
އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އިތުބާރު ދޯނި ވިލިނގިލީ ފަޅަށް އަޑިއަށް ގޮސްފައިވާ ކަމަށް ބުނެ އެ ދޯނި ނެގުމާއި މަރާމާތަށް 548,657.36 (ފަސްލައްކަ ސާޅީސްއަށް ހާސް ހަސަތޭކަ ފަންސާސްހަތް ރުފިޔާ ތިރީސްހަ ލާރި) ޚަރަދުވެފައިވާ ކަމަށް އެމްއެފްއެލްސީގެ ދައުވާ ފޯމުގައި ބަޔާންކޮށްފައިވާއިރު، އެ މަސައްކަތްކުރި ފަރާތަކާއި އެ މަސައްކަތަށް ޚަރަދުވި ގޮތް ޝަރީއަތަށް ސާބިތުކޮށް ދިނުމަށް އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނުވާތީ އެ ދޯނި ނެގުމަށާއި މަރާމާތަށް ޚަރަދުވިކަމަށް ބުނާ ފައިސާ ދައުވާ ކުރާ ފަރާތްތަކުގެ އަތުން ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް ބަޔާންކޮށް ސިވިލް ކޯޓުގެ ނިޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ ތެރެއިން ފަސް ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އިރު، އެ މައްސަލައިގެ ހުކުމުގައި ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމުމެއްގައި 02 މޭ 2016 ގައި އެމްއެފްއެލްސީ އިން ޝަރީއަތަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓުތަކާއި ޓްރައިޑެންޓު ޕްރައިވެޓް ލިމިޓެޑްގެ އިންވޮއިސްތަކުގައިވާ 508,301.75 (ފަސްލައްކަ އަށްހާސް ތިންސަތޭކައެއް ރުފިޔާ ހަތްދިހަފަސް ލާރި) އަކީ އިތުބާރު ދޯނި ބެލެހެއްޓުމަށް ޚަރަދުވި ފައިސާކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައި، އެ ފައިސާއަކީ ދައުވާ ކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ކުރިން ސާބިތުނުވާ ފައިސާއެއް ފަހުން ސާބިތުވާ ކަމަށް ބިނާކުރި މައިގަނޑު ސަބަބުތައް ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ނެތް ކަމަށާއި، މި އިސްތިއުނާފުގެ މައްސަލައިގައި ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުގެ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ 'އަދަރ ޗާޖަސް' އަކީ ކޮން ކަމަކަށް ހޭދަކުރަންޖެހުނު ފައިސާއެއްކަން ބަޔާންކޮށްފައި ނެތުމުގެ އިތުރަށް އޭގެ ތެރެއިން ބައެއް އިންވޮއިސްތަކަކީ އެ އިންވޮއިސްތަކަށް ފައިސާ ދެއްކިކަން އެނގޭފަދަ އިންވޮއިސްތަކެއްކަން އެނގެން އޮތްއިރު އޭގެ ތެރެއިން ބައެއް އިންވޮއިސްތަކަށް ފައިސާ ދެއްކިކަން އެނގެން ނެތް ކަމަށާއި، މިހެންކަމުން އިތުބާރު ދޯނި ވިލިނގިލީ ފަޅަށް އަޑިއަށް ދިޔަކަމަށް ބުނެ އެ ދޯނި ނެގުމަށާއި، މަރާމާތަށް 508,301.75 (ފަސްލައްކަ އަށްހާސް ތިންސަތޭކައެއް ރުފިޔާ ހަތްދިހަފަސް ލާރި) ޚަރަދުވެފައިވާ ކަމަށް ބެލި އަސާސްތަކަކީ ކޮބައިކަމާއި އަދި އެކަން ސާބިތުކުރުމުގެ ގޮތުން ކަމަށް ބުނެ އެމްއެފްއެލްސީ އިން ހުށަހެޅި އިންވޮއިސް ތަކުގައިވާ އަދަދުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެ ނުކުތާގެ މައްޗަށް އަލުން މި މައްސަލަ ސިވިލް ކޯޓުގައި ބަލަން ޖެހޭ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައިވަނީ، ލީސް އެގްރިމަންޓު ބާތިލުކުރި ދުވަހާ ހަމައަށް ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމްގެ ފަރާތުން އެމްއެފްއެލްސީ އަށް 112,000.00 (އެއްލައްކަ ބާރަހާސް) ރުފިޔާ ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ބަޔާއި، އިތުބާރު ދޯނި ބެލެހެއްޓުމަށް ޚަރަދުވިކަމަށް ބުނެ އެމްއެފްއެލްސީގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓާއި، ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑްގެ އިންވޮއިސްތަކުގައިވާ 508,301.75 (ފަސްލައްކަ އަށްހާސް ތިންސަތޭކައެއް ރުފިޔާ ހަތްދިހަފަސް ލާރި) އަކީ ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމް ގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވާ ބަޔާއި، އެ ހުކުމުގައިވާ މި ދެ ބައި ބާތިލުކޮށް، އިތުބާރު ދޯނި ބެލެހެއްޓުމަށް ޚަރަދުވިކަމަށް ބުނެ އެމްއެފްއެލްސީގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ސިވިލް ކޯޓުން އަލުން ބަލައި ދޯނި ބެލެހެއްޓުމަށް ޚަރަދުވި ކަމަށް ބުނެ އެމްއެފްއެލްސީ އިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ
ހައިކޯޓުގެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމްގެ ފަރާތުން ހުށަހަޅާފައިވަނީ ދެ ނުކުތާއެވެ. އެއީ:
(1) ލީސް އެގްރިމަންޓުގެ މުއްދަތުގެ ތެރޭގައި (31 ޖުލައި 2009) ގެ ނިޔަލަށް ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމްގެ ފަރާތުން އެމްއެފްއެލްސީ އަށް ދައްކާފައިވާ ފައިސާގެ އަދަދު ހައިކޯޓުން ހިސާބު ކުރުމުގައި އޮޅުން އަރާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(2) އިތުބާރު ދޯނީގެ ސަލާމަތީ ސެޓްފިކެޓް ދޯނި ހަވާލުކުރިއިރު، އިސްތިއުނާފުކުރާ ފަރާތްތަކަށް ހަވާލުކޮށްފައި ނުވާއިރު، އަދި ސަލާމަތީ ސެޓްފިކެޓް ހެދުމަށް އިސްތިއުނާފު ރައްދުވާ އެމްއެފްއެލްސީ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، މި ސަބަބާހުރެ ދޯނީގެ ބޭނުން އިސްތިއުނާފުކުރާ ފަރާތްތަކަށް ނުކުރެވިވުމުގެ މައްޗަށާއި، އަދި ދޯނި ނެގުމުގެ ބޭނުން ހިފޭގޮތް ނުވުމުގެ ސަބަބުން އަނބުރާ ހަވާލުކުރިކަން ހެކިންގެ ޒަރީއާއިން ސާފުވެގެންދާއިރު އަދި އަސާސީ ގޮތެއްގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް، އެއްބަސްވުމުގެ ދަށުން އެހެން ހައްގަކަށް ދައުވާކުރުމުގެ ހައިސިއްޔަތު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންނުވާ ކަމުގެ މައްޗަށް ހުށަހެޅިފައިވާ ނުކުތާއަށް ދަށު ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށްފައި ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި 2 ވަނަ ނުކުތާ އިސްތިއުނާފުކުރާ ފަރާތްތަކުން އަނބުރާ ގެންދިއުމުން، މި ކޯޓުން މި މަރުހަލާގައި ބަލަން ޖެހެނީ ހަމައެކަނި އެފަރާތްތަކުން އިސްތިއުނާފުކުރުމަށް ހުށަހެޅި ފުރަތަމަ ނުކުތާއެވެ.
ޢަލީ މުޙައްމަދު އާއި ޢަބްދުﷲ އާދަމް ގެ ފަރާތުން އެމްއެފްއެލްސީ އަށް ދައްކާފައިވާ ފައިސާގެ އަދަދު ހައިކޯޓުން ހިސާބުކުރުމުގައި އޮޅުން އަރާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
އިސްތިއުނާފު ކުރެވުނު ގަޒިއްޔާގެ ހުކުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ ލީސް އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި ލީސް ރެންޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފައިވަނީ އެކުޖުމްލަ 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގައި އިއުތިރާފުވެފައިވަނީ ލީސް އެގްރިމަންޓުގެ މުއްދަތުގެ ތެރޭގައި އެ އެއްބަސްވުމުގެ ދަށުން ލީސް ރެންޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެކު ޖުމްލަ 133,000.00 (އެއްލައްކަ ތެއްތިރީސްހާސް) ރުފިޔާ އެމްއެފްއެލްސީ އަށް ދައްކާފައިވާ ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ލީސް އެގްރިމަންޓުގެ ދަށުން ދައްކަންޖެހޭ ލީސް ރެންޓް ދައްކަން ފަށަންޖެހޭ ތާރީޚަކީ 20 ޖެނުއަރީ 2009 ކަމަށާއި، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވަނީ 50 މަހަށް ބަހާލައިގެން ކޮންމެ މަހަކު 35,000.00 (ތިރީސްފަސްހާސް) ރުފިޔާ ކަމަށާއި އެހެންކަމުން ލީސް ރެންޓް ދައްކަން ފެށިފަހުން އެގްރިމަންޓު ބާތިލުކުރުމާ ހަމައަށް (31 ޖުލައި 2009) ވާނީ 7 މަސް ދުވަސް ކަމަށާއި އެހެންކަމުން 7 މަސް ދުވަހުގެ ކުއްޔަށްވާނީ 245,000.00 (ދެލައްކަ ސާޅީސްފަސްހާސް) ރުފިޔާ ކަމަށާއި ދައުވާ ކުރާ ފަރާތްތަކުން އެމްއެފްއެލްސީ އަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 150,000.00 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ ދައްކާފައިވާ ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ލީސް ރެންޓްގެ ގޮތުގައި އެކު ޖުމްލަ 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ދައުވާ ކުރާ ފަރާތްތަކުން އެމްއެފްއެލްސީ އަށް ދައްކާފައިވާ ކަމަށާއި، އެހެންކަމުން ދައުވާ ކުރާ ފަރާތްތަކުން އަތުގައި އެ ދޯނި އޮތް މުއްދަތުގައި ދައުވާ ކުރާ ފަރާތްތަކުން އެމްއެފްއެލްސީ އަށް 7 މަހަށް ދައްކަންޖެހޭ 245,000.00 (ދެލައްކަ ސާޅީސްފަސްހާސް) ރުފިޔާއިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ 150,000.00 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ އާއި ލީސް ރެންޓްގެ ގޮތުގައި ދެއްކި 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ކަނޑާލުމުން ޢަލީ މުޙައްމަދުގެ ފަރާތުން ލީސް ރެންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް އެމްއެފްއެލްސީ އަށް ދައްކަން ނުޖެހޭ ކަމަށެވެ. ނަމަވެސް، އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގައި އިއުތިރާފުވެފައިވަނީ، ލީސް އެގްރިމަންޓުގެ މުއްދަތުގެ ތެރޭގައި އެ އެއްބަސްވުމުގެ ދަށުން ލީސް ރެންޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެކުޖުމްލަ 133,000.00 (އެއްލައްކަ ތެއްތިރީސްހާސް) ރުފިޔާ އެމްއެފްއެލްސީ އަށް ދައްކާފައިވާ ކަމަށެވެ. ވީމާ، އެ މުއްދަތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ލީސް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދުކަމުގައިވާ 245,000.00 (ދެލައްކަ ސާޅީސްފަސްހާސް) ރުފިޔާއަށް ވުރެ އިތުރަށް 38,000.00 (ތިރީސް އަށްހާސް) ރުފިޔާ އިސްތިއުނާފުކުރާ ފަރާތްތަކުން އެމްއެފްއެލްސީ އަށް ދައްކާފައިވާކަން ސާފުކޮށް އެނގޭތީވެ، މި ކުށަކީ ހައިކޯޓުގެ ހުކުމުގައި އަރާފައިވާ ހިސާބު ހެދުމުގެ ކުށެއްކަން އެނގެއެވެ.
އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ފަދައިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/372 ގަޒިއްޔާގެ ހުކުމުގައިވާ ގޮތުގެމަތިން، އިތުބާރު ދޯނި ވިލިނގިލީ ފަޅަށް އަޑިއަށް ދިޔަކަމަށްބުނެ އެ ދޯނި ނެގުމަށާއި، މަރާމާތަށް 508,301.75(ފަސްލައްކަ އަށްހާސް ތިންސަތޭކައެއް ރުފިޔާ ހަތްދިހަފަސް ލާރި) ޚަރަދުވެފައިވާ ކަމަށް ބެލި އަސާސްތަކަކީ ކޮބައިކަމާއި އަދި އެކަން ސާބިތުކުރުމުގެ ގޮތުން ކަމަށް ބުނެ އެމްއެފްއެލްސީ އިން ހުށަހެޅި އިންވޮއިސްތަކުގައިވާ އަދަދުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެ ނުކުތާގެ މައްޗަށް އަލުން ސިވިލް ކޯޓުގައި މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓަށް އަންގާފައިވާތީވެ، އެ ނުކުތާ ސިވިލް ކޯޓުން ބެލުމުގެ ތެރޭގައި، ހައިކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގެ ހުކުމުގައި ލީސް އެގްރިމަންޓު ބާތިލުކުރުމާ ހަމައަށް ލީސް ރެންޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ ހިސާބުކުރުމުގައި ހެދިފައިވާ އިސްވެ ބަޔާންކުރެވުނު ކުށް އިސްލާހުކޮށްގެން އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅަންޖެހޭ ކަމަށް ފެނެއެވެ.
ކޯޓަކުން ކުރާ ހުކުމެއްގައި ހުންނަ ހިސާބު ހެދުމުގެ ކުށްކުށާއި، ނުބައިކޮށް ލިޔެވިފައި ހުންނަ ހިސާބުގެ އަދަދާއި، ތާރީޚާއި މީސްމީހުންގެ ނަމާއި ލިޔުމުގައި ހުންނަ އަތުކުށްތަކަކީ އެފަދަ ކުށްކުށް އިސްލާހުކުރުމަށް މަތީ ކޯޓަކަށް އިސްތިއުނާފު ނުކޮށް، އެ ހުކުމްކުރާ ކޯޓަކުން ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި، އެ ކޯޓަކުން އިސްލާހުކުރުން ހުއްދަވެގެންވާ ކުށްކުށެވެ. މިފަދަ ކުށެއް އެ މައްސަލަ ބަލާ ކޯޓަކުން އިސްލާހުކުރަންވާނީ އެ މައްސަލައިގައި ހިމެނޭ ހުރިހާ ޚަސްމުން ނުވަތަ އެފަރާތްތަކުގެ ވަކީލުން ހާޒިރުވެ ތިބި މަޖިލީހެއްގައެވެ. އަދި އެ އިސްލާހުގެ ރެކޯޑު ހުކުމްކުރި ކޯޓުގައި އޮންނަ މައްސަލައިގެ ފައިލުގައި ނޯޓުކުރަންވާނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު ލީސް އެގްރިމަންޓުގެ ދަށުން ލީސް ރެންޓް ދައްކަން ފެށި ފަހުން އެގްރިމަންޓު ބާތިލުކުރުމާ ހަމައަށް (31 ޖުލައި 2009 އާ ހަމައަށް) ވާނީ 7 މަސް ދުވަސް ކަމަށާއި އެހެންކަމުން 7 މަސްދުވަހުގެ ކުއްޔަށްވާނީ 245,000.00 (ދެލައްކަ ސާޅީސްފަސްހާސް) ރުފިޔާ ކަމަށާއި ދައުވާ ލިބޭ ފަރާތުން އެމްއެފްއެލްސީ އަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 150,000.00 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ ދައްކާފައިވާ ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ލީސް ރެންޓްގެ ގޮތުގައި އެކުޖުމްލަ ދައްކާފައިވާ ފައިސާގެ އަދަދަކީ 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ކަމަށާއި، އެހެންކަމުން ދައުވާ ކުރާ ފަރާތްތަކުގެ އަތުގައި އެ ދޯނި އޮތް މުއްދަތުގައި ދައުވާ ކުރާ ފަރާތްތަކުން އެމްއެފްއެލްސީ އަށް 7 މަހަށް ދައްކަންޖެހޭ 245,000.00 (ދެލައްކަ ސާޅީސްފަސްހާސް) ރުފިޔާއިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ 150,000.00 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ އާއި ލީސް ރެންޓްގެ ގޮތުގައި ދެއްކި 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ކަނޑާލުމުން ޢަލީ މުޙައްމަދުގެ ފަރާތުން ލީސް ރެންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް އެމްއެފްއެލްސީ އަށް ދައްކަން ނުޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގެ ހުކުމުގައި ވިދާޅުވެފައިވަނީ ލީސް ރެންޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވަނީ މުޅި ޖުމްލަ 125,000.00 (އެއްލައްކަ ފަންސަވީސްހާސް) ރުފިޔާ ކަމަށް ބަލައިގެން ކަމަށްވާއިރު، އެ އަދަދަކީ ރަނގަޅު އަދަދެއް ނޫންކަމަށް ދެ ފާރާތުގެ ބަހުން އެނެގެން އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގެ ހުކުމުގައިވާ އެބައި ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގެ ހުކުމުގައިވާ ގޮތުގެމަތިން، އިތުބާރު ދޯނި ވިލިނގިލީ ފަޅަށް އަޑިއަށް ދިޔަކަމަށްބުނެ އެ ދޯނި ނެގުމަށާއި، މަރާމާތަށް 508,301.75 (ފަސްލައްކަ އަށްހާސް ތިންސަތޭކައެއް ރުފިޔާ ހަތްދިހަފަސް ލާރި) ޚަރަދުވެފައިވާ ކަމަށް ބެލި އަސާސްތަކަކީ ކޮބައި ކަމާއި އަދި އެކަން ސާބިތުކުރުމުގެ ގޮތުން ކަމަށް ބުނެ އެމްއެފްއެލްސީ އިން ހުށަހެޅި އިންވޮއިސްތަކުގައިވާ އަދަދުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެ ނުކުތާގެ މައްޗަށް އަލުން ސިވިލް ކޯޓުގައި މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓަށް އަންގާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައިވާ ގޮތުގެމަތިން އެ ނުކުތާ ސިވިލް ކޯޓުން ބެލުމުގެ ތެރޭގައި، ހައިކޯޓުގެ ނަންބަރު 2016/HC-A/372 ގަޒިއްޔާގެ ހުކުމުގައި ލީސް ރެންޓްގެ ތެރެއިން އެ ލީސް އެގްރީމަންޓު ބާތިލުކުރުމާ ހަމައަށް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ ހިސާބުކުރުމުގައި ހެދިފައިވާ ކުށް އިސްލާހުކޮށްގެން އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ސިވިލް ކޯޓުން ކަނޑައެޅުމަށް އަންގަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.