ކުއްޖާގެ މާމަ (ނަން ސިއްރުކޮށްފައި) ވ. ކުއްޖާގެ މަންމަ (ނަން ސިއްރުކޮށްފައި)
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ފެމިލީ ކޯޓުން (1240/FmC/2013) ޙަޟާނަތު މަންމައާ ޙަވާލުކޮށް، ބައްޕަ ފަރާތުގެ ޢާއިލާއަށް ޒިޔާރަތްކުރުމުގެ ޝަރުޠުތައް ކަނޑައެޅިއެވެ. ހައިކޯޓުން (2013/HC-A/368) އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- ކުއްޖާގެ ބައްޕަ ޙަޟާނަތަށް އެދުނު މައްސަލައެއްގައި މަންމަ އެއްބަސްވުމުން، ފެމިލީ ކޯޓުން (961/FmC/2011) ކުއްޖާގެ ޙަޟާނަތު ބައްޕަ ފަރާތު މާމައާ ޙަވާލުކުރިއެވެ. 2013 ގައި ޙަޟާނަތަށް އެދި މަންމަ މާމަގެ މައްޗަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފަނޑިޔާރުގެ އިސްނެގުމުގައި ހޯދި ކުއްޖާގެ އެސެސްމަންޓް ރިޕޯޓާމެދު ޚަޞްމަކަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމާއި، މާމައާ ޙަވާލުކޮށްފައިވާ ކުއްޖެއްގެ ޙަޟާނަތު މަންމައަށް ދިނުމާ ގުޅިގެން ހައިކޯޓުގެ ޙުކުމުގައި ސުޕްރީމް ކޯޓުން ބަދަލުގެނެވޭފަދަ ޤާނޫނީ ކުށެއް ވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މާމަ ބުނީ، ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ އެސެސްމަންޓް ރިޕޯޓާމެދު ވާހަކަދެއްކުމުގެ ފުރުސަތު ފެމިލީ ކޯޓުން ނުދިން ކަމަށާއި، ކުއްޖާ ފަރިތަ މާޙައުލުން ބަދަލުކުރުމަކީ ކުއްޖާގެ މަޞްލަޙަތު ނޫން ކަމަށާއި، ހައިކޯޓުން ނުކުތާތަކަށް ރިޢާޔަތް ނުކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ރިޕޯޓާމެދު ވާހަކަދެއްކުމުގެ ފުރުސަތު ހައިކޯޓުން ދީ ރިޢާޔަތްކުރުމުން އެ އުނިކަން ފިލާފައިވާތީއާއި، ފެމިލީ ކޯޓުގެ ޙުކުމް ބިނާކޮށްފައިވަނީ ހަމައެކަނި ރިޕޯޓުގެ މައްޗަށް ނޫންކަމާއި، 16 ވަނަ މާއްދާގައިވާ ފަދަ ޤާނޫނީ ކުށެއް ދައްކާފައި ނުވާތީ، ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ނުފެނުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2013/HC-A/368
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (ޙަޟާނަތު މަންމައަށް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
(ޕެރ. 13) ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އިންސާފަށް ވާޞިލުވުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ. ނަމަވެސް އެ މަޢުލޫމާތު މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބޭނުންކުރާނަމަ، ޙުކުމަށް ވާޞިލުވުމުގެ ކުރިން އެ މަޢުލޫމާތު ހާމަކޮށް، އެއާމެދު ވާހަކަދެއްކުމުގެ ފުރުސަތު ޚަޞްމުންނަށް ދޭންޖެހެއެވެ.
(ޕެރ. 14–15) ފުރަތަމަ މަރުޙަލާގެ ކޯޓުން ހޯދި ރިޕޯޓަކާމެދު ވާހަކަދެއްކުމުގެ ފުރުސަތު ޚަޞްމަކަށް ނުލިބުނު ނަމަވެސް، އިސްތިއުނާފީ ކޯޓުން އެ ފުރުސަތު ދީ، އެ ފަރާތުން ހުށަހެޅި ބަޔާނަށް ރިޢާޔަތްކޮށްފިނަމަ، ގެއްލުނު ޙައްޤު ހޯދައިދެވިފައިވާކަމަށް ބެލެވެއެވެ.
(ޕެރ. 17) ޢާއިލާއާބެހޭ ޤާނޫނުގެ (04/2000) 40 ވަނަ މާއްދާގެ (ހ) އާއި ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގެ ދަށުން ޙަޟާނަތުގައި އެންމެ އިސްވެގެންވަނީ ކުއްޖާގެ މަންމައެވެ. 40 ވަނަ މާއްދާގެ (ބ) ގެ ދަށުން ޙަޟާނަތު ޙަވާލުކުރުމުގައި އިސްކުރަންޖެހޭނީ ކުއްޖާގެ މަޞްލަޙަތު އޮތް އެންމެ ރަނގަޅު ގޮތެވެ. މަންމަގެ ކިބައިން 41 ވަނަ މާއްދާގެ ސިފަތަކުން ސިފައެއް އުނިވެފައި ނުވާނަމަ، އަދި 42 ވަނަ މާއްދާގެ ދަށުން ޙައްޤު ގެއްލޭ ސަބަބެއް ނެތްނަމަ، އެ ޙައްޤު މަންމައަށް ލިބިގެންވެއެވެ.
(ޕެރ. 17.4–17.5، 17.8) ކުއްޖެއްގެ ޙަޟާނަތު ވަކި ފަރާތަކާ ޙަވާލުކުރުމަކީ ދާއިމީ ޙަވާލުކުރުމެއް ނޫނެވެ. ކުއްޖާގެ ޙާލަތު ނުވަތަ މަޞްލަޙަތު ބަދަލުވެއްޖެނަމަ، ޙަޟާނަތުގެ ޙައްޤު ލިބިގެންވާ ކޮންމެ ފަރާތަކަށްމެ ދަޢުވާކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ކުއްޖާގެ ޙަޟާނަތު މާމައާ ޙަވާލުކުރުމަށް މަންމަ ކުރިން އެއްބަސްވުމަކީ ޙަޟާނަތު ދާއިމީ ގޮތެއްގައި ދޫކޮށްލުމެއް ކަމުގައި ބެލެވޭނެ ޤާނޫނީ ނައްޞެއް ނެތެވެ.
(ޕެރ. 17.9) ކުއްޖާ ފަރިތަ މާޙައުލުން އެހެން މާޙައުލަކަށް ބަދަލުކުރުމުގެ ނޭދެވޭ އަސަރުތައް ލުއިކުރުމަށް، ޢާއިލާއާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާއާއި ޢާއިލާއާބެހޭ ޤަވާޢިދުގެ 73 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުއްޖާއަށް ޒިޔާރަތްކޮށް ވަގުތު ހޭދަކުރުމުގެ ޝަރުޠުތައް ޙަޟާނަތު ލިބޭ ފަރާތުގެ މައްޗަށް ކަނޑައެޅިދާނެއެވެ.
(ޕެރ. 19–22) ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ ޙުކުމް ޤާނޫނާ ޚިލާފަށް ބިނާވުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން، ނުވަތަ އިޖުރާއަތު ބާޠިލުވުން، މި ޙާލަތްތަކުގައެވެ. ހައިކޯޓުން ނުކުތާތަކަށް ރިޢާޔަތް ނުކުރިކަމަށް ބުނުމުން ނުފުދެއެވެ. އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނެދޭން ޖެހެއެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އާއި (ބ)، 41، 42، 45 ވަނަ މާއްދާ
- ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާ، 73 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައިވާ)
ތަޢާރުފު
1ކުއްޖާގެ ބައްޕައާއި ކުއްޖާގެ މަންމައާ ދެމީހުން ކައިވެނިކޮށްގެން ފިރިހެން ކުއްޖެއް (މީގެ ފަހުން، ކުޑަކުއްޖާ) ލިބިފައިވެއެވެ. ޢާއިލާ ތެރޭގައި ޖެހުނު މައްސަލަތަކުގެ ސަބަބުން ކުއްޖާގެ ބައްޕަ މި ކުއްޖާގެ ޙަޟާނަތު ލިބިގަތުމަށް އެދި، ކުއްޖާގެ މަންމަގެ މައްޗަށް ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 961/FmC/2011 ޤަޟިއްޔާއިންނެވެ.
2މަތީގައި ބުނެވިދިޔަ ޙަޟާނަތު ހޯދުމަށްޓަކައި ކުއްޖާގެ ބައްޕަ ހުށަހެޅި މައްސަލައިގައި ޙަޟާނަތު ހޯދުމަށް އެދުނު ސަބަބުތަކަށް ކުއްޖާގެ މަންމަ އިންކާރުކޮށްފައިވެއެވެ. ނަމަވެސް ކުއްޖާގެ މަޞްލަޙަތަށް ބަލައި، ކުއްޖާގެ ބައްޕަ ފަރާތު މާމައާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކުރުމަށް ކުއްޖާގެ މަންމަ އެއްބަސްވެފައިވެއެވެ. އަދި އެފަދައިން ޙަޟާނަތު ޙަވާލު ކުރުމަށް މައްސަލަ ބެލި ފަނޑިޔާރު ނިންމިއެވެ.
3ފެމިލީ ކޯޓުގެ ނަންބަރު 961/FmC/2011 ޤަޟިއްޔާއިން ކުއްޖާގެ ބައްޕަ ފަރާތު މާމައާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކުރިފަހުން، 2013 ޖޫން 26 ވަނަ ދުވަހު ކުއްޖާގެ ޙަޟާނަތު ލިބިގަތުމަށް އެދި ކުއްޖާގެ މަންމަ، ކުއްޖާގެ މާމަގެ މައްޗަށް ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާއިންނެވެ. ފެމިލީ ކޯޓުން މި މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ ކުއްޖާގެ މަންމައާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކުރުމަށެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވާ ގޮތް
4ފެމިލީ ކޯޓުން ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާ ޙަވާލު ކުރުމަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
4.1- ކުއްޖާގެ ހެދިބޮޑުވުމާއި ވާހަކަދެއްކުމާއި ވިސްނުމުގެ ފެންވަރުގެ ފުރިހަމަކަން ހާމަކުރުމަށް ކުއްޖާގެ މާމަ ހުށަހެޅި ލިޔުންތަކުގެ ތެރެއިން މައިންޑް މެޓަރސްއިން ހުށަހެޅި ލިޔުމާ ގުޅިގެން، އެތަނުން ފެމިލީ ކޯޓަށް ފޮނުވާފައިވާ ނަންބަރު MM101/2013 (27 އޮގަސްޓް 2013) ސިޓީގައި "އެތަނުން ކުއްޖާގެ ޑިވެލޮޕްމެންޓަލް ސްކްރީނިންގއެއް ހެދުނުއިރު އެ އެސެސްމަންޓަކީ ތަފުސީލީ ސައިކޮލޮޖިކަލް އެސެސްމަންޓެއް ނޫންކަމާއި، އެ އެސެސްމަންޓަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓަކީ ކުއްޖާގެ ބެލެނިވެރިޔާ، ކުއްޖާގެ މާމަގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއްކަމަށް" ބަޔާންކޮށްފައި އޮންނަ އޮތުން.
4.2- ފެމިލީ ކޯޓުން މައްސަލަ ބެލި ފަނޑިޔާރުގެ އިސްނެގުމަށް ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއާއެކު ފޮނުވާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓުން އަންނަނިވި ކަންކަން ސާފުވެފައިވުން.
4.2.1- ކުއްޖާ ދިރިއުޅެމުންދާ މާހައުލަކީ ކުއްޖާއަށް އެންމެ ރަނގަޅު މާހައުލު ގޮތުގައި ފާހަގަ ނުކުރެވުން.
4.2.2- ކުއްޖާއަށް ދޭންޖެހޭ އަޅާލުމާއި، އެހީތެރިކަން އެންމެ އެކަށޭނެ ގޮތުގައި ކުއްޖާއަށް ލިބެމުން ނުދާކަން ފާހަގަ ކުރެވުން.
4.2.3- ކުއްޖާ ގިނަވަގުތު ހޭދަކުރަމުންދަނީ ކުއްޖާގެ ކާފައާ އެކުގައިކަން.
4.2.4- ކުއްޖާއަށް އަމިއްލަ ނަފުސު ހާނިކައިން ސަލާމަތް ކުރާނެ ގޮތްތައް އުމުރާ އެކަށީގެންވާ މިންވަރަށް ނޭނގޭކަން.
4.2.5- ކުއްޖާގެ ކަންކަމުގައި ކުއްޖާގެ މަންމައާ މަޝްވަރާ ނުކުރާކަން.
4.3- ޤާނޫނުގައި ބަޔާންކޮށްފައިވާ ޙަޟާނަތު ޙަވާލު ކުރުމުގެ ތަރުތީބަށް ބަލާއިރު އެންމެ ފުރަތަމަ ބަޔާންވެފައިވަނީ މަންމަކަން.
4.4- ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގައި ޢަމަލުކުރަންވާނީ، ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ރަނގަޅު ގޮތަށްކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވުމުން، ކުއްޖާގެ ޙަޟާނަތު ވަކި ފަރާތަކާ ޙަވާލު ކުރެވިފައި އޮތުމަކީ، ދާއިމީ ޙަވާލު ކުރުމެއް ނޫންކަމާއި، އެހެންކަމުން ކުއްޖާގެ ޙާލަތު ނުވަތަ ކުއްޖާގެ މަޞްލަޙަތު ބަދަލު ވެއްޖެނަމަ، ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ލިބިގެންވާ ކޮންމެ ފަރާތަކަށް އެ ޙައްޤާމެދު ދަޢުވާ ކުރުމުގެ އިޚްތިޔާރު ލިބިގެންވާކަން އަދި މިފަދަ ކޮންމެ ދަޢުވާއަކާ ގުޅިގެން ޤާނޫނުގައިވާ ގޮތުގެމަތިން ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ރަނގަޅު ގޮތް ބަލަންޖެހޭނެކަން.
4.5- ފެމިލީ ކޯޓުގެ ނަންބަރު 961/FmC/2011 ޤަޟިއްޔާގައި ކުއްޖާގެ ބައްޕަ ފަރާތު މާމައާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކުރުމަށް ކުއްޖާގެ މަންމަ ވެފައިވާ އެއްބަސްވުމަކީ ކުއްޖާގެ ޙަޟާނަތުގެ ޙައްޤު އެ ފަރާތުން ދާއިމީ ގޮތެއްގައި ދޫކޮށްލުމަށް ވެފައިވާ އެއްބަސްވުމެއް ކަމުގައި ބަލާނެ ޤާނޫނީ ނައްޞެއް ނެތްކަން.
4.6- ކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ޙާލަތެއް މެދުވެރިވެފައިވާކަން އެނގެން ނެތްކަން.
5ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާ ޙަވާލު ކުރުމަށްފަހު، ކުއްޖާގެ މަޞްލަޙަތު ހިމާޔަތް ކުރުމުގެ ގޮތުން ބައްޕަ ފަރާތުގެ ޢާއިލާ މީހުންނާއެކު ކުއްޖާއަށް ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބި ދިނުމުގެ ގޮތުން ވަކި ޝަރުޠުތަކެއް ފެމިލީ ކޯޓުން މައްސަލަ ބެލި ފަނޑިޔާރު މި މައްސަލައިގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
6ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ކުއްޖާގެ މާމަ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލާފައިވަނި އެ ކޯޓުގެ ނަންބަރު 2013/HCA/368 ޤަޟިއްޔާއިންނެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުއްޖާގެ މާމަ އަންނަނިވި 04 ނުކުތާ ފާހަގަކޮށްފައިވެއެވެ.
7.1- ފެމިލީ ކޯޓުން މައްސަލަ ނިންމާފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަން.
7.2- ފެމިލީ ކޯޓުން މައްސަލަ ނިންމެވުމުގައި ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން ތައްޔާރުކޮށްފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ބަރޯސާވެ ޙުކުމަށް ވާސިލުވިއިރު، އެފަދަ ރިޕޯޓެއް އޮތްކަމުގެ މަޢުލޫމާތު ކުއްޖާގެ މާމައަށް މި މައްސަލައިގައި އެ ކޯޓުން ޙުކުމް ކުރުމުގެ ކުރިން ހާމަކޮށްފައި ނުވުމުގެ ސަބަބުން އެ ރިޕޯޓުގައިވާ މަޢުލޫމާތުތައް ޠަޢުނުކޮށް އެކަމުގެ މައްޗަށް ވާހަކަދައްކައި ހެދުމުގެ ފުރުސަތު ގެއްލިފައިވާކަން.
7.3- ފެމިލީ ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގެ 09 ވަނަ ޕެރެގްރާފްގެ 06 ވަނަ ފޮޅުވަތުގައި ދައްކާފައިވާ ވާހަކަތަކާއި، ޙުކުމުގެ 06 ވަނަ ޕެރެގްރާފުގައި ދައްކާފައިވާ ވާހަކަތައް ތަޢާރުޟުވެފައިވުމުން، އެ ޙުކުމުގެ 09 ވަނަ ޕެރެގްރާފުގެ 06 ވަނަ ފޮޅުވަތުގައި ބުނެފައިވާ ބުނުމަކީ ހަރުދަނާ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ބުނެފައިވާ ބުނުމެއް ނޫންކަން.
7.4- ފެމިލީ ކޯޓުން މި މައްސަލައިގައި އިންސާފު ގާއިމު ކޮށްދެވިފައި ނުވާކަން.
8މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖެގޭ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.
8.1- ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި ޙަވާލާދީފައިވަނީ ކުއްޖާގެ ކޮން ރިޕޯޓަކަށްކަން ސާފު ނުވާކަމަށް ކުއްޖާގެ މާމަ ބުނިނަމަވެސް ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއާއެކު ފޮނުވާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓަށްކަން.
8.2- ޝަރީޢަތުން ހޯދަން ބޭނުންވާ މަޢުލޫމާތެއް ހޯދުމަކީ އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމާއި، ނަމަވެސް އެގޮތަށް ހޯދާ ލިޔުންތަކުގެ ތެރެއިން މީހަކަށް ގެއްލުން ލިބޭ ގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށް ކަމެއް ސާބިތު ކުރުމުގައި އެފަދަ ލިޔުމެއްގެ މައްޗަށް ބަރޯސާވާ ޙާލަތެއްގައި އެފަދަ ކޮންމެ ލިޔުމެއް ނުވަތަ މަޢުލޫމާތަކާމެދު އެ ފަރާތުން ދެކޭ ގޮތް ބަޔާންކުރުން ނުވަތަ އެ މަޢުލޫމާތު ޠަޢުނުކުރުމަކީ އެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން.
8.3- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއާއެކު ފޮނުވާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓާމެދު ކުއްޖާގެ މާމަގެ ބަހެއް ފެމިލީ ކޯޓުން ހޯދާފައި ނުވިނަމަވެސް، އެ ރިޕޯޓާމެދު ކުއްޖާގެ މާމަ ދެކޭ ގޮތް ބަޔާން ކުރުމުގެ ފުރުސަތު ދޭންޖެހޭކަން.
8.4- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއާއެކު ފޮނުވާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓާމެދު ކުއްޖާގެ މާމަގެ ބަހެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުއްޖާގެ މާމައަށް ފުރުސަތު ދީފައިވާކަން.
8.5- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއާއެކު ފޮނުވާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓާމެދު ދެކޭ ގޮތް ހާމަކުރުމަށް ކުއްޖާގެ މާމައަށް ދެވުނު ފުރުސަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ، ދަށު ކޯޓުގައިވެސް ކުއްޖާގެ މާމަ ދައްކާފައިވާ ވާހަކަތައްކަން.
8.6- ދަށު ކޯޓުގައި ކުއްޖާގެ މަންމަ ހުރީ ކުއްޖާ ބެލުމަށް ތައްޔާރަށް ކަމަށާއި، ކުއްޖާގެ މަންމަގެ ހުރިހާ ވަގުތެއް ކުއްޖާ ބެލުމަށް ހުސްކޮށްފައި ހުރިކަމަށް ބުނެފައިވާއިރު، ކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތު ލިބުމުގެ ޝަރުޠެއް އުނިވެފައި ނުވާކަމާއި، އަދި ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ސަބަބެއް މެދުވެރިވެފައި ނުވާކަން އެނގެން އޮތުމުން، މި އުމުރުގެ ކުއްޖަކަށް އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަގެ ގާތުގައި ހުރުންކަން.
8.7- ފެމިލީ ކޯޓުގެ ނަންބަރު 961/FmC/2011 ޤަޟިއްޔާގައި ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މާމައާ ޙަވާލު ކުރުމަށް އެއްބަސްވެފައިވަނީ، ކުއްޖާގެ މަންމައަށް ކުއްޖާ ނުބެލިގެން ނުވަތަ ކުއްޖާ ބަލަން ބޭނުން ނުވެގެން ނޫންކަން.
8.8- ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ޢަމަލުކުރުމަށްޓަކައި މި ބާވަތުގެ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތް ކުރެވެންޖެހޭނެކަން.
8.9- ޙަޟާނަތު ލިބުމުގެ ޝަރުޠާއި، ޙަޟާނަތުގެ ޙައްޤު ގެއްލޭ ގޮތެއް މެދުވެރިވެފައި ނުވާ ޙާލު، ކުއްޖާގެ ޙަޟާނަތު ވަކި ފަރާތަކާ ޙަވާލު ކުރެވުމަކީ ދާއިމީ ޙަވާލު ކުރެވުމެއް ކަމަށް ބެލެވޭނެ އެއްވެސް ޤާނޫނީ ނައްޞެއް ނެތްކަމާއި، ކުއްޖެއްގެ ޙަޟާނަތު ވަކި ފަރާތަކާ ޙަވާލު ކުރެވިފައިވަނިކޮށް، އެ ކުއްޖާގެ މަޞްލަޙަތު ބަދަލުވެއްޖެނަމަ، ޙަޟާނަތު ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވާ ކޮންމެ ފަރާތަކަށް އެ ދަޢުވާ ކުރުމުގެ ހުރަހެއް ޤާނޫނީ ގޮތުން ނެތްކަމާއި، އަދި ކުއްޖާގެ ޙަޟާނަތު ޙަވާލު ކުރެވުނު ޙާލަތު ބަދަލުވެފައިވާނަމަ، ޙަޟާނަތު ލިބިގަތުމަށް އެދި އައު ދަޢުވާއެއް ހުށަހެޅުމުގެ ޙައްޤު ކުއްޖާގެ މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވާކަން.
8.10- ކުއްޖާގެ ޙަޟާނަތު ލިބިގަތުމަށް ކުއްޖާގެ މަންމައާއި މާމައާ ދެމީހުން ތިބިއިރު، ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގައި ކުއްޖެއްގެ ޙަޟާނަތު ޙަވާލު ކުރުމުގައި އެންމެ އިސްވެގެންވާނީ އެ ކުއްޖެއްގެ މަންމަކަމަށް އޮންނަ އޮތުމަށް ރިޢާޔަތްކޮށް ހުށަހެޅިފައިވާ މައްސަލައިގައި ކުރިން ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައަށް ޙަވާލު ކުރުމަށް ނިންމާފައިވަނީ ކުއްޖާގެ މަންމައަކީ ޙަޟާނަތު ލިބުމުގެ ޝަރުޠުހަމަވާ، އަދި ޙަޟާނަތުގެ ޙައްޤެއް ގެއްލިފައި ނުވާ ހުރިހާ ވަގުތެއްގައިވެސް ކުއްޖާ ބަލައި، ކުއްޖާއަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދީ، ކުއްޖާއަށް ދޭންޖެހޭ އަޅާލުމާއި އޯގާތެރިކަން ދޭން ތައްޔާރަށްހުރީ، ކުއްޖާގެ މަންމަ ކަމުގައިވާއިރު، ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުމަކީ ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަންނަފަދަ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ނޫންކަން.
8.11- ފެމިލީ ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގެ 09 ވަނަ ޕެރެގްރާފްގެ 06 ވަނަ ފޮޅުވަތުގައި ދައްކާފައިވާ ވާހަކަތަކާއި، ޙުކުމުގެ 06 ވަނަ ޕެރެގްރާފުގައި ދައްކާފައިވާ ވާހަކަތައް ތަޢާރުޟުވެފައިވުމުން، އެ ޙުކުމުގެ 09 ވަނަ ޕެރެގްރާފުގެ 06 ވަނަ ފޮޅުވަތުގައި ބުނެފައިވާ ބުނުމަކީ ހަރުދަނާ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ބުނެފައިވާ ބުނުމެއް ނޫންކަމަށް ކުއްޖާގެ މާމަ ބުނި ނަމަވެސް، އެ ދެ ޕެރެގްރާފުގައިވާ ވާހަކަތައް ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވާ ގޮތް ކުއްޖާގެ މާމައަށް ބުނެދެވިފައި ނުވާކަން.
9ދިވެހިރާއްޖޭގެ ހައިކޯޓުން މަތީގައިވާ ކަންކަން ފާހަގަކޮށް މި މައްސަލައިގައި ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން މައްސަލަ ނިންމާފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/368 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ކުއްޖާގެ މާމަގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
10.1- ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާގެ ޙުކުމް ބިނާ ކޮށްފައިވާ މައިގަނޑު އަސާސަކީ އިސްތިއުނާފު ކުރެވޭ މައްސަލަ ފެމިލީ ކޯޓުން ބެލި ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް މެދުވެރިކޮށް ހެދިފައިވާ "ކުޑަކުއްޖާގެ އެސެސްމަންޓް ރިޕޯޓު" ކަމަށް ބުނާ ނުކުތާ.
10.2- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް މެދުވެރިކޮށް ހެދިފައިވާ "ކުޑަކުއްޖާގެ އެސެސްމަންޓް ރިޕޯޓް" އާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރި އަންނަނިވި ކަންކަމަށް އެ ކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކުރާކަން.
10.2.1- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރުކޮށްފައިވާ ކުޑަކުއްޖާގެ އެސެސްމަންޓް ރިޕޯޓާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބަޔާނުގައި އެ ރިޕޯޓު ތައްޔާރު ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރެއް ކަމަށްވެފައި، ހަމައެކަނި އެންމެ އަންހެނެއްގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް، ޙުކުމް ކުރެވިދާނެކަން ނުވަތަ ނޫންކަން.
10.2.2- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ރިޕޯޓަކީ ޓެކްނިކަލް އެކްސްޕަޓީޒްގެ ޛަރީޢާއިން ކުރެވިފައިވާ ޓެކްނިކަލް އެސެސްމަންޓެއްކަން ނުވަތަ ނޫންކަން.
10.2.3- އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރަކީ ޚަބީރެއްގެ އަހުލިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން.
10.3- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރު ކުރި ރިޕޯޓާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބަޔާނުގައި ހުރި ވާހަކަތަކަކީ ދަށު ކޯޓުގައިވެސް އެ ފަރާތުން ދެއްކި ވާހަކަތައް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ޙަޤީޤަތާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.4- މި މައްސަލައިގައި ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރުކުރި ރިޕޯޓަކީ ސައިކޮލޮޖިކަލް އެގްޒަމިނޭޝަނެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫންކަން އެނގޭއިރު، މި ރިޕޯޓު ތައްޔާރު ކޮށްފައިވާ ފަރާތްތަކަކީ ޚަބީރުންކަމަށް ބެލިނަމަވެސް، ޚަބީރުންގެ ރައުޔުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ކުރުމުގައި މައްސަލައިގެ ޚަޞްމުންނަށް ލިބެންޖެހޭ ޙައްޤުތަކާއި، ޚަބީރުންގެ ރިޕޯޓުތަކުގައި ނުވަތަ ރައުޔުތަކަށް ބުރަދަން ދިނުމުގައި ޝަކުލީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން މި ރިޕޯޓުގައި ފުރިހަމަ ނުވުމުގެ އިތުރަށް މި ރިޕޯޓުގެ ޞައްޙަކަމާއި، މި ރިޕޯޓުގެ މެތެޑޮލޮޖީއާމެދު އިސްތިއުނާފު ކުރާ ފަރާތުން އިންތިހާއަށް ސުވާލު އުފައްދާފައިވާ ޙާލަތުގައިވެސް، ހަމައެކަނި މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުން ތާއީދުކޮށް ކޮށްފައިވާ ޙުކުމަކީ އިޖުރާއީ ޢަދުލުވެރިކަމާއި، މައުޟޫޢީ ޢަދުލުވެރިކަމުގެ ތެރެއިން އިސްތިޤުރާރުވެފައިވާ މަބާދިއުތަކާއި ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.5- ކުއްޖާ، ކުއްޖާގެ މަންމައާ ޙަވާލު ކުރެވިއްޖެނަމަ، ކުއްޖާ ބެލުމަށް އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްގެން ތައްޔާރަށް ހުރިކަމަށް ކުއްޖާގެ މަންމަ ބުނާތީއާއި، ކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތު ލިބުމުގެ ޝަރުޠެއް އުނިވެފައި ނުވާ ކަމަށާއި، އަދި ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ސަބަބެއް މެދުވެރިވެފައި ނުވާކަން އެނގެން އޮތުމުން ކުއްޖާއަށް އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަގެ ގާތުގައި ހުރުން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިއިރު، ހައިކޯޓުގެ ނަންބަރު 2008/HCA/146 ޤަޟިއްޔާގައި ޤާނޫނުގައި ކުއްޖާގެ ޙަޟާނަތު ލިބިގެންވާ ފަރާތްތައް ތަރުތީބު ކުރުމުގައި އިސްކަމެއް ކުއްޖާގެ މަންމައަށް ދީފައިވަނީ މަންމަގެ ޙައްޤުގައި ނޫންކަމަށާއި، މަންމައަށް އެ ދަރަޖަ ދެވިފައިވަނީ ކުއްޖާގެ މަންމައަކީ ޠަބަޢީ ގޮތުން ބަލާއިރު ކުއްޖާއަށް އެންމެ އޯގާތެރި ފަރާތްތަކަށް ފިޠުރަތުގެ އުޞޫލު ނިޔާކުރާތީ ކަމާއި އެއީ ޢާންމު އުޞޫލަށް ބަލާއިރު އެކަން ހިނގަމުން އަންނަ ގޮތް ކަމުގައިވިޔަސް އެއާ ޚިލާފު ގޮތެއްވެސް އެއީ ކުއްޖާގެ މަޞްލަޙަތު ހުރި ގޮތެއްކަމުގައި ވެދާނެ ކަމަށް މުޝައްރިޢުވެސް ޤަބޫލުކޮށްފައިވާކަން ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) އަށާއި ޢާއިލާއާބެހޭ ގަވާއިދުގެ 72 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށް ބަޔާންކޮށްފައިވާތީއާއި، އަޙްވާލުއްޝަޚްޞިއްޔާގެ ތެރެއިން މަޞާލިޙުލްމުރުސަލާގެ އުޞޫލަށް ރިޢާޔަތް ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލު ކުރާ އުޞޫލެއްކަމުގައިވެފައި އިސްތިއުނާފު މި ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުން ދިޔައިރު، ކުއްޖާގެ މަންމައަކީ މަސްތުވާތަކެއްޗަށް ދެވިހިފައިވާ ފަރާތެއް ކަމުގައިވާތީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމާއި، މީގެ ކުރިން ކުއްޖާގެ މަންމަ ކުއްޖާ ގޮވައިގެން ފިލުމާއި، ކުއްޖާގެ ބައްޕަގެ ކިބައިން ކުއްޖާ ގަދަބާރުން ނިގުޅައިގަތުމުގެ ޢަމަލުތައް ހިންގާފައިވުމާއި، ކުއްޖާ ހެދިބޮޑުވަމުން އަންނަ ދެކެފަރިތަ މާހައުލުން އެހެން މާހައުލަކަށް ބަދަލު ކުރުމަކީ ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށާއި، ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލު ކުރުމަކީ ކުއްޖާގެ ޙައްޤުގައި އަދި ކުއްޖާގެ މުސްތަގުބަލަށްޓަކައި، އަދި އިސްލާމީ ރިވެތި އުޞޫލުން އެ ކުއްޖާ ތަރުބިއްޔަތު ކުރުމަށް އޮތް ޒިންމާ ނެގެހެއްޓުމައްޓަކައި ކުރެވޭނެކަމެއް ނޫންކަމަށް ފާހަގަކޮށް އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކުރާކަން.
10.6- ފެމިލީ ކޯޓުގެ ނަންބަރު 961/FmC/2011 ޤަޟިއްޔާއިން ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މާމައާ ޙަވާލުކުރި ފަހުން މިވީ ދުވަސްތަކުގައި ކުއްޖާ ދިރިއުޅެފައިވަނީ ކުއްޖާގެ މާމަގެ ގާތުގައި ކަމަށްވާއިރު، އަދި ކުއްޖާގެ މަންމަ ކުއްޖާ ދޫކޮށްލާފައިވަނީ އަދި ފެމިލީ ކޯޓުން ބުނެވިދިޔަ ޙުކުމް ކުރެވުނީ ކުއްޖާއަށް ގާތުން ކިރު ދިނުމުގެ ޢުމުރުގައި ކަމަށްވާއިރު، އެއިރުގައި ކުއްޖާ ކުއްޖާގެ ކިރުމައިމީހާ ނުވަތަ ކުއްޖާގެ މަންމައާ ޙަވާލުކުރުމަށް މެދުވެރިނުވާ މަޞްލަޙަތެއް މިއަދު އޮވެދާނެކަމާމެދު ސުވާލު އުފެދޭކަމާއި، އަދި ކުއްޖާއަށް އެއްމަސް ނުވަނީސް ކުއްޖާގެ އެންމެހައި ކަންކަން ބަލަހައްޓާ އެ ކުއްޖާއަށް މައެއްގެ ކިބައިން ލިބެންޖެހޭ އަޅާލުމާއި އޯގާތެރިކަން ދެމުން ގެންދިޔައީ ކުއްޖާގެ މާމަ ކަމަށްވާއިރު، ކުއްޖާގެ ޢުމުރުގެ ބޮޑުބައި ހޭދަކޮށްފައިވާ މާހައުލުން އެހެން މާހައުލަކަށް ބަދަލު ކުރުމަކީ ކުއްޖާގެ މަޞްލަޙަތަށް މާބޮޑަށް އުނިކަން ލިބޭނެ ކަމަކަށްވާއިރު، އިސްތިއުނާފު މި ކުރެވޭ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ކުއްޖާގެ މަޞްލަޙަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށް ނުދެކޭ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.7- ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލުމުގައި "ކުއްޖާގެ އެސެސްމަންޓް ރިޕޯޓަށް ރިޢާޔަތް ނުކުރިނަމަވެސް، ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާ އެންމެ ފުރަތަމަ ޙަވާލު ކުރެވުނު ތާރީޚުން ފެށިގެން މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތަށް ރިޢާޔަތް ކުރާއިރު، ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ކަމަށް" ފާހަގަކޮށްފައި، ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމުގައި ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާއަށް މުޠުލަޤަށް ތާއީދުކޮށްފައިވާއިރު، ފެމިލީ ކޯޓުގެ އެ ޤަޟިއްޔާގެ ޙުކުމް ޚާލިޞްކޮށް ބިނާކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއާއެކު ފޮނުވާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެވިދިޔަ އެސެސްމަންޓް ރިޕޯޓަށް ރިޢާޔަތް ނުކޮށް ފެމިލީ ކޯޓުގެ ޙުކުމަށް ތާއީދު ކުރުމަކީ މަންޠިޤީ ހަމަތަކުން ޤަބޫލު ކުރެވޭނެ ކަމެއްކަމަށް ނުދެކޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާ.
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/368 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ކުއްޖާގެ މާމަގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
11.1- ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ އަސާސަކީ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރުކުރި ރިޕޯޓު ނޫންކަމާއި، އެ ކޯޓުގެ ޙުކުމް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ، ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި ޢާއިލާއާބެހޭ ޤަވާޢިދުގައިވާ ކަމާގުޅޭ މާއްދާތައްކަން.
11.2- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް މެދުވެރިކޮށް ހެދިފައިވާ "ކުޑަކުއްޖާގެ އެސެސްމަންޓް ރިޕޯޓް" އާ ގުޅިގެން އެ ރިޕޯޓަކީ އަންހެނެއް ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވެފައި އެންމެ އަންހެނެއްގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ޙުކުމް ކުރެވިދާނެ ކަމާއި، އެ ރިޕޯޓަކީ ޓެކްނިކަލް އެކްސްޕަޓީޒްގެ ޛަރީޢާއިން ކުރެވިފައިވާ ޓެކްނިކަލް އެސެސްމަންޓެއްކަން ނުވަތަ ނޫންކަމާއި، އެ ރިޕޯޓު ތައްޔާރު ކުރި ފަރާތަކީ ޚަބީރެއްގެ އަހުލިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން އުފައްދާފައިވާ ސުވާލުތަކަކީ ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސުވާލުތަކެއް ނޫންކަން.
11.3- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރު ކުރި ރިޕޯޓާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބަޔާނުގައި ހުރި ވާހަކަތަކަކީ ދަށު ކޯޓުގައިވެސް އެ ފަރާތުން ދެއްކި ވާހަކަތައް ކަމަށާއި، އެކަމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަންކަމަކީ ކަންހިނގައިދިޔަ ގޮތަށް ފާހަގަކޮށްފައިވާ ކަންތައްތަކެއްކަން.
11.4- މި މައްސަލައާ ގުޅިގެން ފެމިލީ ކޯޓުން މައްސަލަ ބެލި ފަނޑިޔާރުގެ އިސްނެގުމަކަށް ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރު ކުރި ކުއްޖާގެ އެސެސްމަންޓް ރިޕޯޓަކީ މައްސަލައިގައި ހިމެނޭ ޚަޞްމުންކުރެ އެއްވެސް ޚަޞްމަކު ކަމެއް ސާބިތު ކުރުމަށް ނުވަތަ ދިފާޢުވުމަށް ހުށަހަޅާފައިވާ ރިޕޯޓެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާއިރު، އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޤާނޫނީ ގޮތުން އެފަދަ ރިޕޯޓުތައް އެކުލަވައިލުމުގެ ބާރު ލިބިފައިވާ ސަރުކާރުގެ އިދާރާއަކުން ކަމާއި، އެ ރިޕޯޓުގައި އެ ރިޕޯޓު ތައްޔާރު ކުރި ފަރާތުގެ މަޢުލޫމާތާއި، އެ ރިޕޯޓު ޗެކްކުރި ސުޕަވައިޒަރުގެ މަޢުލޫމާތާއި، ރިޕޯޓު ޗެކްކުރި ވެރިޔެއްގެ މަޢުލޫމާތާއި ސޮއިގެ އިތުރަށް އެ ރިޕޯޓު ތައްޔާރުކުރި އިދާރާގެ ސިއްކަވެސް އެ ރިޕޯޓުގައި ހިމެނިފައިވުމުން އެ ރިޕޯޓަކީ ފުރިހަމަ ޞައްޙަ ރިޕޯޓެއް ކަމުގައި ބަލަންޖެހޭ ކަމާއި، އަދި ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި ހަމައެކަނި ބަރޯސާވެފައިވަނީ އެ ރިޕޯޓުގެ މައްޗަށް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ފާހަގަކޮށްފައިވާކަން.
11.5- އިސްތިއުނާފު ރައްދުވާ ކުއްޖާގެ މަންމަ ކުރިން ކުއްޖާއާމެދު ޢަމަލު ކޮށްފައިވާ ގޮތާއި، އަޚްލާޤު ހުންނަ ގޮތުން ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމަކީ ކުއްޖާގެ ޙައްޤުގައި އަދި ކުއްޖާގެ މުސްތަގުބަލަށްޓަކައި، އަދި އިސްލާމީ ރިވެތި އުޞޫލުން އެ ކުއްޖާ ތަރުބިއްޔަތު ކުރުމަށް އޮތް ޒިންމާ ނެގެހެއްޓުމަށްޓަކައި ކުރެވޭނެ ކަމެއް ނޫންކަމަށް ފާހަގަކޮށް އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކުރާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނައުމަކީ ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެ ކަމެއްކަން އިސްތިއުނާފު ކުރާ ފަރާތަށް ފެމިލީ ކޯޓާއި ހައިކޯޓުގައި ސާބިތު ކޮށްދީފައި ނުވުމުގެ އިތުރަށް، މި މައްސަލަ ހައިކޯޓުގައި ހިނގަމުންދިޔައިރު، ކުއްޖާގެ މަންމަގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށާއި، އެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރަން ނުޖެހޭ ކަމެއްކަމުގައިވާތީ ކަމާއި، މިފަދަ ހާދިސާތަކަކީ އިސްތިއުނާފު ކުރާ ފަރާތުން ދުރާލައި ރާވައިގެން ހިންގާފައިވާ ހާދިސާތަކެއްކަމާއި، މިއިން އެއްވެސް ހާދިސާއެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާކޮށް ކުށް ސާބިވެފައި ނުވާނެކަން.
11.6- ކުއްޖާގެ ޢުމުރުގެ ބޮޑުބައި ހޭދަކޮށްފައިވާ މާހައުލުން އެހެން މާހައުލަކަށް ބަދަލު ކުރުމަކީ ކުއްޖާގެ މަޞްލަޙަތަށް އުނިކަން ލިބޭނެ ކަމެއް ކަމަށާއި، އިސްތިއުނާފު ކޮށްފައިމިވާ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ކުއްޖާގެ މަޞްލަޙަތު ހިމާޔަތް ކުރެވޭ ގޮތަށްކަމަށް ނުދެކޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނިނަމަވެސް، އެފަދައިން ކުއްޖާއަށް ބަދަލެއް އަތުވެދާނެ ކަމުގެ ސައިންޓިފިކް ޕްރޫފެއް ނުވަތަ ޙުއްޖަތެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ނުވާ ކަމާއި، އިސްތިއުނާފު ކުރާ ފަރާތާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކޮށްފައިވަނީ އެފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެންކަމާއި، އެފަދައިން ޙަޟާނަތު ޙަވާލު ކުރުމަކީ ޙަޟާނަތުގެ ޙައްޤު ދާއިމީ ގޮތެއްގައި ދޫކޮށްލުން ކަމަށް ބެލެވޭނެ ޤާނޫނީ ނައްޞެއް ނެތިފައި މިއީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލޭނެ ކަމެއް ނޫންކަމާއި، ކުއްޖާގެ ޙަޟާނަތުގެ ޙައްޤުން އިސްތިއުނާފު ރައްދުވާ ފަރާތް މަޙްރޫމުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަން.
11.7- މި މައްސަލައިގައި ފެމިލީ ކޯޓުން ކޮށްފައިވާ ޙުކުމް ޚާލިޞްކޮށް ބިނާކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއާއެކު ފޮނުވާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމަކީ ޙަޤީޤަތާ ޚިލާފު ބުނުމެއް ކަމާއި، ފެމިލީ ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ބުރަވެފައިވަނީ ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި ޢާއިލާއާބެހޭ ޤަވާޢިދުގެ އިތުރުން މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށްކަން ދެ ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮންނަކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ނުކުރާކަމަށް ބުނާ ކަންކަން
12ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ރިޢާޔަތް ކޮށްފައި ނުވާ ކަންކަމެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
12.1- މި މައްސަލަ ފެމިލީ ކޯޓުން ބަލައި ޙުކުމް ކުރުމުގައި އެ ކޯޓުން ހަމައެކަނި ބަރޯސާވެފައިވަނީ، އެ ކޯޓުގެ އިސްނެގުމަކަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސްގެ ނަންބަރު 437D2/146/2013/24 (20 އޮގަސްޓް 2013) ސިޓީއިން އެ ކޯޓަށް ފޮނުވާފައިވާ އެ މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ކަން.
12.2- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލާފައިވާ ރިޕޯޓާމެދު ފެމިލީ ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައި ނުވާކަން.
12.3- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލާފައިވާ ރިޕޯޓާމެދު ފެމިލީ ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނުނަމަ ދައްކާނެ ވާހަކަތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުން ދިން ނަމަވެސް، އެ ފުރުސަތުގައި ހުށަހެޅި ބަޔާނުގައި ހުރި ވާހަކަތަކަކީ އިސްތިއުނާފު ކުރާ ފަރާތުން ފެމިލީ ކޯޓުގައިވެސް ދައްކާފައިވާ ވާހަކަތައް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވަނީ ޙަޤީޤަތާ އެއްގޮތަށް ނޫންކަން.
12.4- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލާފައިވާ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެންމެ އަންހެނެއް ކަމުގައިވެފައި އެންމެ އަންހެނެއްގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ޙުކުމް ކުރެވިދާނެކަމާމެދު ސުވާލު އުފެދޭކަން.
12.5- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލާފައިވާ ރިޕޯޓު އެކުލަވާލި އެސިސްޓެންޓް ސޯޝަލް ވޯކަރަކީ ޚަބީރެއް ނޫންކަން.
12.6- ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލާފައިވާ ރިޕޯޓު އެކުލަވާލެވިފައިވާ ގޮތާއި، އެ ރިޕޯޓުގެ މެތެޑޮލޮޖީއާމެދު ސުވާލު އުފެދޭކަން.
12.7- ކުއްޖެއްގެ ޙަޟާނަތު ކުއްޖާގެ މަންމައާ ޙަވާލު ކުރަނީ ހަމައެކަނި ކުއްޖާގެ މަންމައަށް އެ މީހަކު ވުމުން ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HCA/146 ޤަޟިއްޔާގައި ފާހަގަކޮށްފައި އޮތް އޮތުމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން މީގެ ކުރިން ކުއްޖާއާމެދު ޢަމަލު ކޮށްފައިވާ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތާ ކުއްޖާ ޙަވާލުކުރުމަކީ ކުއްޖާގެ މަޞްލަޙަތަށް ރަނގަޅު ގޮތެއް ނޫންކަން.
12.8- ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާއި ޙަވާލު ކުރުމަކީ، ކުއްޖާ ދެކެފަރިތަ މާހައުލުން ބީރައްޓެހި މާހައުލަކަށް ބަދަލުކުރުން ކަމަށްވާއިރު، އެއީވެސް ކުއްޖާގެ މަޞްލަޙަތަށް ރަނގަޅު ގޮތެއް ނޫންކަން.
13HN1ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ މައްސަލައެއްގައި އިންސާފަށް ވާސިލުވުމަށްޓަކައި މައްސަލައާ ގުޅިގެން ޝަރީޢަތުން ހޯދުމަށް ފެންނަ މަޢުލޫމާތު ހޯދުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ. ނަމަވެސް މި ފަދައިން ހޯދާ މަޢުލޫމާތަކީ، އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ބޭނުންކުރާ މަޢުލޫމާތެއްނަމަ، މައްސަލައިގެ ޙުކުމަށް ވާސިލުވުމުގެ ކުރިން، އެ މަޢުލޫމާތުތައް ހާމަކުރެވި، ޚަޞްމުންނަށް އެ މަޢުލޫމާތުތަކާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެންޖެހޭނެ މަޢުލޫމާތުތަކެކެވެ.
14HN2މި މައްސަލައިގައި ފެމިލީ ކޯޓުގެ އިސްނެގުމަކަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލި، ކުއްޖާގެ އެސެސްމަންޓް ރިޕޯޓާމެދު ފެމިލީ ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެ ކޯޓުން ކުއްޖާގެ މާމައަށް ލިބިދީފައި ނުވެއެވެ. އަދި މިކަން ފާހަގަކޮށް، އެ ރިޕޯޓާމެދު ދެކޭ ގޮތް ހާމަ ކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވެއެވެ. އަދި އެ ފުރުސަތުގައި މި މައްސަލަ އިސްތިއުނާފު ކުރާ ކުއްޖާގެ މާމަގެ ފަރާތުން އެ ރިޕޯޓާމެދު ތަފުސީލީ ބަޔާނެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. ވުމާއެކު ކުއްޖާގެ މާމައަށް ފެމިލީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން ގެއްލިފައިވާ ޙައްޤު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން ހޯދައިދީފައިވެއެވެ.
15ކުއްޖާގެ އެސެސްމަންޓް ރިޕޯޓާ ގުޅިގެން ކުއްޖާގެ މާމަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ 11 (އެގާރަ) ޞަފުޙާގެ ބަޔާނުގައި ހުރި ވާހަކަތަކަކީ ކުއްޖާގެ މާމަގެ ފަރާތުން ފެމިލީ ކޯޓުގައިވެސް ދައްކާފައިވާ ވާހަކަތައް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. މިކަން އިތުރަށް ކަށަވަރު ވެގެންދަނީ ކުއްޖާގެ މާމަ ފެމިލީ ކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބަޔާނާ އަޅައި ކިޔައިލުމުންނެވެ. ދެ މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުގެ މައިގަނޑު ތަފާތަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބަޔާނުގައި ކުއްޖާގެ އެސްސްމަންޓް ރިޕޯޓަށް ޙަވާލާ ދީފައިވާ ޙަވާލާ ދިނުމެވެ. ވުމާއެކު، ކުއްޖާގެ މާމަގެ ފަރާތުން ހުށަހެޅި ބަޔާނަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ކަމަށް ދެކެމެވެ.
16ހަމައެކަނި ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ރިޕޯޓުގެ މައްޗަށް ބުރަވެ ފެމިލީ ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމާ އެއްގޮތަށް ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާ ޙަވާލު ކުރުމަކީ އެކި ގޮތް ގޮތުން ކުއްޖާގެ މަޞްލަޙަތުގައި ރަނގަޅު ކަމެއް ނޫންކަމުގައި ކުއްޖާގެ މާމަ ދެކޭކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުއްޖާގެ މާމަ ފާހަގަކުރި ނުކުތާތަކަށް އެ ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމުގައި ކުއްޖާގެ މާމަ ދެކެއެވެ.
17HN3HN4HN5ފެމިލީ ކޯޓުގެ ޙުކުމް ބިނާކޮށްފައިވަނީ ހަމައެކަނި ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރު ކޮށްފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ނޫންކަން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ. އަދި ފެމިލީ ކޯޓުން ކުއްޖާގެ މަންމައާ ކުއްޖާގެ ޙަޟާނަތު ޙަވާލުކޮށް މި މައްސަލަ ނިންމުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކޮށްފައިވާކަން މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ. އެ ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
17.1- ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުއްޖެއްގެ ޙަޟާނަތު ޙަވާލު ކުރުމުގައި އެންމެ އިސްވެގެންވަނީ އެ ކުއްޖެއްގެ މަންމަކަމުގައި ބަޔާންވެފައިވާކަން.
17.2- ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙަޟާނަތު ޙަވާލުކުރުމުގައި އިސްކަންދޭ ތަރުތީބަށް ބަލާއިރު، އެންމެ ފުރަތަމަ ބަޔާންކޮށްފައިވަނީ ކުއްޖާގެ މަންމަކަން.
17.3- ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުއްޖެއްގެ ޙަޟާނަތު ޙަވާލު ކުރުމުގައި އެ ކުއްޖާގެ މަޞްލަޙަތު އޮތް އެންމެ ރަނގަޅު ގޮތް އިސްކުރަންޖެހޭކަން.
17.4- ކުއްޖެއްގެ ޙަޟާނަތު ވަކި ފަރާތަކާ ޙަވާލު ކުރުމަކީ ދާއިމީ ޙަވާލު ކުރުމެއް ނޫންކަން.
17.5- ކުއްޖާގެ ޙާލަތު ނުވަތަ ކުއްޖާގެ މަޞްލަޙަތު ބަދަލުވެއްޖެނަމަ، ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ލިބިގެންވާ ކޮންމެ ފަރާތަކަށްމެ ދަޢުވާ ކުރުމުގެ އިޚްތިޔާރު ލިބިގެންވާކަން.
17.6- ކުއްޖާގެ މަންމަގެ ކިބައިން ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙަޟާނަތު ލިބުމުގެ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެފައި ނުވާކަން.
17.7- އަދި އެ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ސަބަބެއް މެދުވެރިވެފައި ނެތްކަން.
17.8- ފެމިލީ ކޯޓުގެ ނަންބަރު 961/FmC/2011 ޤަޟިއްޔާގައި ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މާމައާ ޙަވާލު ކުރުމަށް ކުއްޖާގެ މަންމަ ވެފައިވާ އެއްބަސްވުމަކީ، ކުއްޖާގެ ޙަޟާނަތު ދާއިމީ ގޮތެއްގައި ދޫކޮށްލުމަށް ވެވިފައިވާ އެއްބަސްވުމެއް ކަމުގައި ބެލެވޭނެ ޤާނޫނީ ނައްޞެއް ނެތްކަން.
17.9- ކުއްޖާ ހުރި މާހައުލުން އެހެން މާހައުލަކަށް ބަދަލު ކުރުމަކީ، ކުއްޖާއަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ބެލެވޭތީ، ޢާއިލާއާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާއާއި، ޢާއިލާއާބެހޭ ޤަވާޢިދުގެ 73 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ކުއްޖާގެ ބައްޕަގެ ޢާއިލާ މީހުންނަށް ކުއްޖާއަށް ޒިޔާރަތްކޮށް ކުއްޖާއާއެކު ވަގުތު ހޭދަކުރެވޭނެހެން ޝަރުޠުތަކެއް ކުއްޖާގެ މަންމަގެ މައްޗަށް ކަނޑައަޅާފައިވާކަން.
18ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓަށް މި މައްސަލައިގައި ފެމިލީ ކޯޓުން ރިޢާޔަތް ނުކުރިނަމަވެސް، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލެއް އަންނާނެކަމަށް ނުފެންނަ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
19HN6ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް އެ މާއްދާގައި ބަޔާންވެފައިވެއެވެ. މި ގޮތުން އެ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެ ޙުކުމް ނުވަތަ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްވުމުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވުމުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތަކީ ބާޠިލު އިޖުރާއަތަކަށް ވުމުންނެވެ.
20މި މައްސަލަ އިސްތިއުނާފު ކުރާ ފަރާތުން، އެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ނުކުރާކަމަށް ބުނާ ބުނުން ފިޔަވައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާފަދަ ޤާނޫނީ އުނިކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ނުވަތަ ޙުކުމަށް ވާސިލުވުމުގައި ހުރިކަން ދެއްކިފައި ނުވެއެވެ.
21އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ، ނުވަތަ ވަކި ކަމެއްގައި ރިޢާޔަތް ކުރަންޖެހޭ މިންވަރަށް ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ބުނާނަމަ، ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ބުނާނަމަ، ނުވަތަ ޙައްޤެއް ގެއްލިފައިވާ ކަމަށް ބުނާނަމަ، ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށް ބުނެދޭން ވާނެއެވެ. މި މައްސަލަ އިސްތިއުނާފު ކުރަމުން އިސްތިއުނާފު ކުރި ފަރާތުން އެފަދަ ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދެވިފައިވާ ކަމަށް އަހުރެން ނުދެކެމެވެ.
22އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭފަދަ ޤާނޫނީ ނުކުތާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ހުއްސުއްސުއޫދުގެ ރައުޔު
24މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ފެމިލީ ކޯޓުގެ ނަންބަރު 1240/FmC/2013 ޤަޟިއްޔާގައި ކުއްޖާގެ ބައްޕައާއި ކުއްޖާގެ މަންމައާ ދެމީހުން ކާވެނި ކޮށްގެން ލިބިފައިވާ ފިރިހެން ކުއްޖާގެ ޙަޟާނަތުގެ ޙައްޤުވެރިޔަކީ، ކުއްޖާގެ މަންމަކަމުގައި ކަނޑައަޅައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/368 ޤަޟިޔާއިން ތާއީދުކޮށްފައިވާ މައްސަލައާ ގުޅިގެން ކުއްޖާގެ މާމަގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
ޙުސްނުއް ސުޢޫދު
(ފަނޑިޔާރު)
(ފަނޑިޔާރު)
(ފަނޑިޔާރު)
ފުޓްނޯޓު
- ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ)
- ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، 2018/SCL/70
- ޝަމްސުލްމުނާ ވ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، 2019/SCL/87
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.