ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/453، 98/Cv-C/2013
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ ހައިފަލް ކޮންސްޓްރަކްޝަނުން ކުރި ދަޢުވާގައި ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކޮށް، ނުދައްކާ ކުލި 375,000 ރުފިޔާއާއި ގެއްލުމުގެ ބަދަލު 56,250 ރުފިޔާ ނަގައިދިނެވެ. ހައިކޯޓުން ގެއްލުމުގެ ބަދަލުގެ ބައި ބާޠިލުކޮށް ކުލީގެ ބަޔަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- ހ. ހުޅުލޭގެ ކުއްޔަށް ދިނުމާ ގުޅޭގޮތުން 17 މާރޗް 2012 ގައި ދެކުންފުނީގެ ދެމެދު އެއްބަސްވުމެއް ވެވުނެވެ. ސީ އެންޑް ސަން މޯލްޑިވްސުން އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ ހައިފަލް ކޮންސްޓްރަކްޝަނުން ދަޢުވާކުރިއެވެ. ކުލި ދައްކާފައިވާކަން ސާބިތުކުރުމަށް ހުށަހެޅި ދެ ޕޭމަންޓް ވައުޗަރުގައިވާ ސޮޔާއި އަތުލިޔުމާމެދު ޝައްކު އުފެދޭކަމަށާއި، އެ ފައިސާ ދައްކާފައިވާކަމަށް ބާރުއަޅާ އެހެން ހެއްކެއް ނެތްކަމަށް ސިވިލް ކޯޓުން ފާހަގަކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ޙުކުމުގެ ކުލި ނަގައިދިނުމާބެހޭ ބަޔަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމުގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާފަދަ ޤާނޫނީ އުނިކަމެއް ހުރުމުން، އެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ސީ އެންޑް ސަން މޯލްޑިވްސްގެ ފަރާތުން ހުށަހެޅީ ހަ ނުކުތާއެވެ. އެއީ، ކުލީގެ ގޮތުގައި ކަނޑައެޅި 375,000 ރުފިޔާއާމެދު ހައިކޯޓުން ގޮތެއް ނިންމާފައިނުވާކަމަށާއި، މަދަނީ މައްސަލަތަކުގައި ޢަމަލުކުރާ ބޮޑަށް ބުރަވެވޭ މިންގަނޑަށް ނުބަލައި، ހުށަހެޅި ލިޔުންތަކާއި ދެއްކި ވާހަކަތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށާއި، ވައުޗަރުތަކުގެ ޞައްޙަކަން ޤާނޫނީ ހަމަތަކުން ބޭރުން ބަލާފައިވާކަމަށާއި، ލިބިފައިވާ ކުލިއަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނީ ޤާނޫނާ ޚިލާފުވުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން، ނުވަތަ ބާޠިލު އިޖުރާޢާތެއް ހުރުމުންނެވެ. ހުށަހެޅި ލިޔުންތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާ ގޮތް ހައިކޯޓުން ތަފްޞީލުކޮށް ބަޔާންކޮށްފައިވާއިރު، ހިތްހަމަނުޖެހުން ފައުޅުކުރުން ފިޔަވައި، އެ ޙުކުމުގައި ޤާނޫނީ އުނިކަމެއް ހުރިކަން ނުވަތަ ހެކި ވަޒަންކުރި ގޮތް ޤާނޫނާ ޚިލާފުވާ ގޮތް ދެއްކިފައިނުވާތީ ހުއްދަ ނުދެވޭނެކަމަށް ކޯޓުން ނިންމިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނެ ކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާފަދަ ސަބަބެއް އޮތްކަން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވާތީ، ހައިކޯޓުގެ 2016/HC-A/453 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި. އެހެންކަމުން، ސިވިލް ކޯޓުގެ 98/Cv-C/2013 ޤަޟިއްޔާގެ ގެއްލުމުގެ ބަދަލުގެ ބައި ބާޠިލުކޮށް، ކުލި ނަގައިދިނުމާބެހޭ ބަޔަށް ތާއީދުކުރި ހައިކޯޓުގެ ޙުކުމް ދެމިއޮތް.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެ ޙުކުމް ނުވަތަ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވުމުން، ނުވަތަ ޤާނޫނު ތަޠުބީޤު (apply) ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވުމުން، ނުވަތަ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާޢާތަކީ ބާޠިލު އިޖުރާޢާތަކަށް ވުމުންނެވެ.
HN2 ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން، ހައިކޯޓުން ތާއީދުކޮށް ނިންމި ބަޔާމެދު ހިތްހަމަނުޖެހުން ފައުޅުކުރުން ފިޔަވައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާފަދަ ޤާނޫނީ އުނިކަމެއް އެ ޙުކުމުގައިވާކަން ދެއްކިފައިނުވާނަމަ، ނުވަތަ ދެފަރާތުން ދެއްކި ވާހަކަތަކާއި ލިޔުންތަކާމެދު ހައިކޯޓުން ކަނޑައަޅާފައިވާ ގޮތް ޤާނޫނާ ޚިލާފުވާގޮތެއް ބުނެދެވިފައިނުވާނަމަ، އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު
ފޯމް ނަންބަރު: 2018/SC-L/70
ދަޢުވާކުރާ ފަރާތް: ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު
އިސްތިއުނާފުކުރަން އެދުނު ޤަޟިއްޔާ
ނަންބަރު: 2016/HC-A/453
ނިންމި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރަޢުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދުކުރައްވާފައި)
ތަޢާރުފު
[1]ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހ. ހުޅުލޭގެ ކުއްޔަށް ދިނުމާގުޅޭގޮތުން 17 މާރޗް 2012 ގައި އެއްބަސްވުމެއް ވެވުނެވެ. ބުނެވުނު އެއްބަސްވުމާ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް ބުނެ އެއްބަސްވުން ބާޠިލުކޮށްދިނުމަށާއި، އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ޙައްޤުތައް ކަނޑައަޅައިދިނުމަށާއި، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގައި ދަޢުވާކުރިއެވެ.
[2]ސިވިލް ކޯޓުން އެ މައްސަލާގައި ޙުކުމްކުރީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެ އެއްބަސްވުން ބާޠިލުކޮށް، އެއްބަސްވުމުގެ ދަށުން ނުދައްކައިވާ ކުއްޔާއި ގެއްލުމުގެ ބަދަލު ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ނަގައިދިނުމަށެވެ. އެގޮތުން، ސިވިލް ކޯޓުން ކަނޑައެޅީ، ކޮންމެ މަހަކަށް 15,000/-ރ. (ފަނަރަ ހާސް ރުފިޔާ) ގެ މަގުން 25 (ފަންސަވީސް) މަހުގެ ކުއްޔަށްވާ 375,000/-ރ. (ތިންލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި، ކުއްޔަށް ދައްކަންޖެހޭ އަދަދުގެ %15 (ފަނަރައިން ސައްތަ) އަށްވާ 56,250/-ރ. (ފަންސާސް ހަހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ އަދަދުކަމަށެވެ.
[3]ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/453 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ރަނގަޅަށް ނޫންކަމުން، އެ ޤަޟިއްޔާގެ ޙުކުމުގައިވާ ގެއްލުމުގެ ބަދަލުގެ އެބައި ބާޠިލުކޮށް، ޙުކުމުގައި ކުލި ނަގައިދިނުމާބެހޭ ބަޔަށް ތާއީދުކޮށެވެ.
[4]ސުޕްރީމް ކޯޓުގައި ބަލަމުން މިދާ މައްސަލައަކީ މި ކޯޓުގެ ނަންބަރު 2018/SC-L/70 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އިން ހައިކޯޓުގެ ނަންބަރު 2016/HC-A/453 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، 16 އޯގަސްޓް 2018 ގައި ބޭއްވުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުގެ ބައްދަލުވުމުގައި (ނަންބަރުSFMJ/2018/83 ) ބައިވެރިވި ފަނޑިޔާރުން، މި މައްސަލާގައި ހުށަހެޅުނު ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާތީއެވެ.
[5]އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ނުކުތާތައް
[6]ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ 6 (ހައެއް) ނުކުތާއެކެވެ. އެއީ؛
[7]5.1 ހައިކޯޓުން ޙުކުމްކުރި އިރު، ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގެ ޙުކުމުގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 56,250/-ރ. (ފަންސާސް ހަހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ އެ ބައި ބާޠިލު ކުރިއިރު، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ކަނޑައެޅި 375,000/-ރ. (ތިންލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
[8]5.2 ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ މިބާވަތުގެ މަދަނީ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ ބޮޑަށް ބުރަވެވޭ މިންގަނޑަށް ބެލުމެއްނެތި، އަދި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ޝަރީޢަތުން ވަޒަންކުރުމެއްނެތި ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ހައިކޯޓުން ރިއާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
[9]5.3 ސިވިލް ކޯޓުން މައްސަލަ ނިންމިއިރު ޝަރީއަތުގެ މަޖިލިހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ވަށައިގެންވާ އެންމެހާ ކަންކަމަށް މަދަނީ މިންގަނޑުން ބަލާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ހައިކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
[10]5.4 ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ލިޔުންތަކުގެ ސައްހަކަން ގާނޫނީ ހަމަތަކުން ބޭރުން ބަލައި ގޮތް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
[11]5.5 ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުވާއިން ބަރީއަވުމަށް ކިތާބީ ހެކި ދައްކައި، ދައުވާގައި ބުނާ ކަންކަމަކީ އާންމުކޮށް ކަން ހިނގާ މަގުން ހިނގާފައިވާ ކަންކަން ނޫންކަމަށް ބުނެ ހެކި ދައްކާފައިވާއިރުވެސް އެކަމަށް ހައިކޯޓުން ބަލާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
[12]5.6 ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގައި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކުލީގެ ގޮތުގައި ވަކި މިންވަރެއް ލިބިފައިވާކަމަށް ބުނެފައިވާއިރު، މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކުގައިވާ ޤާނޫނީ ބުރަދަން
[13]ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 98/Cv-C/2013 ޤަޟިއްޔާގައި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ކަނޑައެޅި 375,000/-ރ. (ތިންލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާކަމަށާއި، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކަށާއި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރުމެއްނެތި، މަދަނީ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ ބޮޑަށް ބުރަވެވޭ މިންގަނޑަށް ބެލުމެއްނެތި ކަމަށެވެ. އަދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ވައުޗަރތަކުގެ ޞައްޙަކަން ބެލުމުގައިވެސް ޤާނޫނީ ހަމަތަކުން ބޭރުން ބަލާފައިވާކަމަށް ބުނެފައިވެއެވެ.
[14]ހައިކޯޓުގެ ނަންބަރު 2016/HC-A/453 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ހައިކޯޓުގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ މައިގަނޑު ދެ ނުކުތާއެއްކަމަށް ފާހަގަކޮށްފައިވެއެވެ. އެއީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ދައްކާފައިވާ ވާހަކަތަކަށާ ހުށަހެޅި ލިޔުންތަކަށް އެ ކޯޓުން ރިޢާޔަތްނުކުރާ ކަމަށާއި، އަދި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ދެ ނުކުތާއެވެ. ހައިކޯޓުގެ ނަންބަރު 2016/HC-A/453 ޤަޟިއްޔާގެ 3 ވަނަ ނަންބަރުގެ (ށ) ގައި، މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަށް ސިވިލް ކޯޓުން ރިޢާޔަތްނުކުރާކަމަށް ބުނެ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ނުކުތާއަށް ވަރަށް ތަފުސީލުކޮށް ހައިކޯޓުން ޖަވާބު ދީފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ހުށަހެޅުނު ލިޔުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައިވާކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކުލި ދައްކާފައިވާކަމަށް ބުނެ، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި ދެ ޕޭމަންޓް ވައުޗަރގައިވާ ސޮޔާއި އަތުލިޔުމަށް ބެލުމުން، ސޮޔާއި އަތުލިޔުމަކީ ފޮރެންސިކް ތަޙުލީލުކުރުމަށް ފޮނުވަންޖެހޭ މިންވަރަށްވުރެވެސް ތަފާތު ބޮޑު ސޮޔަކާއި އަތުލިޔުމެއްކަމަށް، ހާމަކަން ބޮޑު ގޮތެއްގައި ޝަރީޢަތަށް ފެންނަން އޮތްކަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އެ ދެ ވައުޗަރަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ ދެ ވައުޗަރކަމަށްވެފައި އެ ވައުޗަރގައިވާ ސޮޔާއި ލިޔުމަކީ ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއްގެ ސޮޔާއި ލިޔުންކަމާމެދު ޝައްކުކުރެވޭ ޖާގައޮތްކަމަށް ފާހަގަކޮށްފައިވާކަމަށްވެސް ހައިކޯޓު ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އެ ދެ ވައުޗަރއާ މެދު ފާހަގަކޮށްފައިވާ ޝައްކު އުފެދޭ ކަންކަމާ ގުޅިގެން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވަކި ކަމެއް ފާހަގަކޮށްފައިނުވާކަމަށްވެސް ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކުރެވިފައިވެއެވެ. އަދި ވައުޗަރގައިވާ ފައިސާ ދައްކާފައިވާކަމަށް ބާރުއަޅާ އެހެން ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައިނުވާތީ، އެ ފައިސާ ދައްކާފައިވާކަމަށް ބުރަވެވެންނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުން ޤާނޫނީ އުޞޫލަކާ ޚިލާފުވާ ގޮތް ހައިކޯޓު މަރުޙަލާގައިވެސް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ތަފުސީލުކޮށްދެވިފައި ނުވާކަން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
[15]ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެމާއްދާގެ ދަށުން ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެޙުކުމް ނުވަތަ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވުމުން، ނުވަތަ ޤާނޫނު ތަޠުބީޤު (apply) ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވުމުން، ނުވަތަ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާޢާތަކީ ބާޠިލު އިޖުރާޢާތަކަށް ވުމުންނެވެ.
[16]ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގެ ނަންބަރު 2016/HC-A/453 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހައިކޯޓުން ސިވިލް ކޯޓަށް ތާއީދުކޮށް ނިންމި ބަޔާ މެދު ހިތްހަމަނުޖެހުން ފައުޅު ކުރުން ފިޔަވައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާފަދަ ޤާނޫނީ އުނިކަމެއް އެޙުކުމުގައިވާކަން ދެއްކިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، މި މައްސަލައާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކަށާއި ލިޔުންތަކާމެދު ހައިކޯޓުން ކަނޑައަޅާފައިވާ ގޮތް ޤާނޫނާ ޚިލާފުވާގޮތެއް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބުނެދެވިފައިނުވެއެވެ.
[17]އެހެންކަމުން، އިސްވެ ބުނެވުނު ސަބަބުތަކަށްޓަކައި ހައިކޯޓުގެ ނަންބަރު 2016/HC-A/453 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށް އަހުރެންނަކަށް ނުފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
[18]މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު
[19]މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް
[20]އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2016/HC-A/453 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބަލާއިރު، ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނެ ކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާ ފަދަ ސަބަބެއް އޮތްކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެއްކިފައިނުވާތީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފީމެވެ.
[21]މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއް ސުޢޫދު
[22](ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.