ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/221

ފިރުދައުސް ޙަނީފް ވ. ސުލްޠާނާ އަޙްމަދު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 5 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 5 ނޮވެމްބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 1947-CVC-2024ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1947-CVC-2024
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ތަޙުވީލުކުރުމުން މައްސަލަ ބެލި ސިވިލް ކޯޓުން، އެޑްވާންސް ފައިސާ ދައްކާފައިވާކަން ސާބިތުނުވާތީ އެއްބަސްވުން ތަންފީޛުކުރެވޭނެ ގޮތެއް ނެތުމާއެކު ދަޢުވާގައި އެދިފައިވާ ފަރުވާތައް ނަގައިނުދެވޭނެކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
އެޕާޓްމަންޓް ދޭއް 15 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ކުއްޔަށް ހިފާ ފަރާތުން ކުއްޔަށްދޭ ފަރާތުގެ މައްޗަށް އެޕާޓްމަންޓް ޙަވާލުކުރުމާއި ކުލި ހޯދުމަށް ދަޢުވާކުރިއެވެ. ސިވިލް ކޯޓާއި ހައިކޯޓުން ދަޢުވާކުރި ފަރާތުގެ ހައްޤުގައި ނިންމި ނަމަވެސް، ސުޕްރީމް ކޯޓުން މުޤާބިލު (އެޑްވާންސް ފައިސާ) އަދާކޮށްފައިވޭތޯ ކަށަވަރުކޮށް ދަޢުވާލިބުނު ފަރާތުގެ ހެކިންގެ ހެކިބަސް ހޯދުމަށް މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުޕްރީމް ކޯޓުން ތަޙުވީލުކުރުމުން މައްސަލަ ބެލި ދަށުކޯޓުން، ސުޕްރީމް ކޯޓުން ހެކިތަކާމެދު ދޭހަ ބަޔާންކޮށްފައިވާ ހެކިތަކުގެ މައްޗަށް އެޖެންސީގެ އުޞޫލު ތަޠުބީޤުކޮށް ގޮތް ކަނޑައަޅަންޖެހޭތޯ އަދި ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ދެއްކިކަން ސާބިތުނުވާކަމަށް ދަށުކޯޓުން ކަނޑައެޅީ ހެކި ވަޒަންކުރުމުގެ އުޞޫލާ ޚިލާފަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުއްޔަށްދޭ ފަރާތުގެ ދަރިފުޅަކީ ޟިމްނީ ގޮތުން އެކްޗުއަލް އޮތޯރިޓީ ލިބިފައިވާ އެޖެންޓެއްކަމަށާއި ހެކި ޝާމިލުކޮށް ވަޒަންކުރުމުން ފައިސާ ދެއްކިކަން ސާބިތުވާކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ ސުޕްރީމް ކޯޓުގެ އިރުޝާދުގެ އިމުން ބޭރުން އެޖެންސީގެ ވާހަކަ ނުދެއްކޭނެކަމަށާއި ފައިސާ ދެއްކިކަން ސާބިތުނުވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ހަމަ އެ ހެކިތަކާމެދު ދޭހަ ބަޔާންކޮށްފައިވާތީ ތަޙުވީލުކުރެވުނު ދާއިރާއިން ބޭރުގައި އެޖެންސީގެ އުޞޫލު ތަޠުބީޤުކުރަންޖެހޭ ސަބަބެއް ނެތެވެ. ތަޙުވީލުކުރުމަށްފަހު އިތުރު ހެއްކެއް ހުށަހަޅާފައި ނުވާއިރު ދަށުކޯޓުން ހެކި އެކުގައި ބަލައި ނިންމާފައިވާތީ، އަދި ޚިލާފުވި ޤާނޫނީ ހަމައެއް ބުނެދީފައިނުވާތީ ޙުކުމް ބާޠިލުކުރާކަށް ނުޖެހެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހެކިތަކާމެދު ނެރެވޭ ދޭހަ ބަޔާންކުރައްވާފައިވާއިރު، ހަމަ އެހެކިތަކުގެ މައްޗަށް އެޖެންސީގެ އުސޫލު ތަޠުބީޤުކޮށް ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ. އަދި އެއީ ދަށުކޯޓަށް މައްސަލަ ތަހުވީލުކުރެވުނު ދާއިރާއެއްވެސް ނޫނެވެ.

HN2 ދަށުކޯޓުން ޚިލާފުވެފައިވާ ޤާނޫނީ ހަމައެއް ބުނެދެވިފައި ނުވާނަމަ، އެއީ އެކަށީގެންވާ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއްކަމުގައި ނުދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
މުޙައްމަދު ޝަޙުދާން ޒާހިދު، އަލިފްލޯ ޗެމްބަރސް އެލް.އެލް.ޕީ އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު
ބެންޗު
ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ. ރަތަފަންދޫ، […] ފިރުދައުސް ޙަނީފް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހުޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، […] ސުލްޠާނާ އަޙްމަދު އެވެ.

މައްސަލައިގެ ފަސްފަހަތް

2[…] ތިންވަނަ ފްލޯރގެ 2 ކޮޓަރީގެ އެޕާޓްމެންޓް (ނަންބަރު 301) އާއި ފަސްވަނަ ފްލޯރގެ 3 ކޮޓަރީގެ އެޕާޓްމެންޓް (ނަންބަރު 502) 15 (ފަނަރަ) އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ފިރުދައުސް ޙަނީފް އާއި ސުލްޠާނާ އަޙްމަދު އާ ދެމެދު، 01 ފެބުރުވަރީ 2020 ގައި ސޮއިކުރެވުނެވެ.

3އެ އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ފަރާތަކީ ސުލްޠާނާ އަޙްމަދެވެ. ކުއްޔަށް ހިފާ ފަރާތަކީ ފިރުދައުސް ޙަނީފް އެވެ.

ސިވިލް ކޯޓުގެ ނަންބަރު 1918/Cv-C/2020 ޤަޟިއްޔާ

4އެއްބަސްވެފައިވާގޮތަށް ސުލްޠާނާ އަޙްމަދު އެޕާޓްމަންޓްތައް ހަވާލުކޮށްފައިނުވާތީ އާއި އެއްބަސްވެފައިވާގޮތަށް ކުލި ދީފައިނުވާތީ ފިރުދައުސް ޙަނީފް ގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2020C/-1918/Cv ޤަޟިއްޔާގައި ސުލްޠާނާ އަޙްމަދުގެ މައްޗަށް ދައުވާކުރިއެވެ. . ދރއ. ދރއ

5އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރީ، އެޕާޓްމަންޓްތައް ފިރުދައުސް ޙަނީފަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙަވާލު ކުރަންޖެހޭ ކަމަށް ނިންމައި، 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަހަކު -/50,000ރ. (ފަންސާސްހާސް ރުފިޔާ) މަގުން 13 (ތޭރަ) މަހުގެ ކުލި ކަމުގައިވާ -/650,000ރ. (ހަލައްކަ ފަންސާސްހާސް ރުފިޔާ) ސުލްޠާނާ އަޙްމަދުގެ ފަރާތުން ފިރުދައުސް ޙަނީފް އަށް އަދާކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެޕާޓްމަންޓް ޙަވާލުކުރުމާ ހަމައަށް މަހަކު -/50,000ރ. (ފަންސާސްހާސް ރުފިޔާ) ގެ މަގުން ލިބެންޖެހި ނުލިބިވާ ކުލި ހޯދުމަށް ދައުވާކުރުމުގެ ޙައްޤު ފިރުދައުސް ޙަނީފް އަށް ލިބިގެންވާ ކަމަށް ކަނޑައަޅައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާ

6ސިވިލް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 2020C/-1918/Cv ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ސުލްޠާނާ އަޙްމަދުގެ ފަރާތުން ހައިކޯޓު ގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ޙުކުމްކޮށްފައެވެ.

7އެ ޙުކު މާމެދުވެސް ހިތްހަމަނުޖެހިގެން ސުލްޠާނާ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާ އިސްތިއުނާފުކުރިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާ

8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލީ، އެ ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާގައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ން ކަނޑައަޅާފައިވަނީ މައްސަލައިގެ ވާގިއާ ކަށަވަރުކޮށް، އެއްބަސްވުމުގައި ބަޔާންކުރާ މުޤާބިލު (އެޑްވާން ސ ފައިސާ) ސުލްޠާނާ އަޙްމަދު އަށް އަދާކޮށްފައިވޭތޯ ކަށަވަރު ކުރުމާއެކު، ސުލްޠާނާ އަޙްމަދު މި މައްސަލައިގައި ސިވިލް ކޯޓުގައި ޙާޟިރުކުރުމަށް އެދުނު ހެކިންގެ ހެކިބަސް ހޯދަންޖެހޭކަމަށެވެ. އެގޮތުގެ މަތިން މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރެވުނެވެ.

ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާ

9އެފަދައިން ތަހުވީލުކުރުމުން ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާގައި އެ މައްސަލަ ބެލިއެވެ. އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލައި، ދައުވާގައި ހިމެނޭ އެއްބަސްވުމުގެ ދަށުން ފިރުދައުސް ޙަނީފް ސުލްޠާނާ އަޙްމަދަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ (ކުލި) ސުލްޠާނާ އަޙްމަދަށް ދައްކާފައިވާކަން ސާބިތުނުވާތީ، އެ އެއްބަސްވުން ތަންފީޛުކުރެވޭނެ ގޮތެއް ނެތުމާއެކު، ދައުވާގައި އެދިފައިވާ ފަރުވާތައް ނަގައިދެވެން ނެތްކަމުގައި ކަނޑައަޅައިފީމެވެ."

10އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ފިރުދައުސް ޙަނީފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާތައް

11ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ފިރުދައުސް ޙަނީފްގެ ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާއަކީ: އިބްރާހީމް ހުނައިން އަޙްމަދު އަދާކުރިނަމަ އަދާކުރި ދައުރަކީ ސުލްޠާނާ އަޙްމަދުގެ އެޖެންޓެއްގެ ދައުރުކަން އިބްރާހީމް ޙުނައިން އަޙްމަދު ޢަމަލުކޮށްފައިވާގޮތް ކަމަށް ބަޔާންކޮށް ހުށަހެޅި ވާގިއާތަކާއި ހެކިންގެ ބަހުން ދޭހަވާކަން ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާގެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، މިމުއާމަލާތުގައި އިބްރާހީމް ހުނައިން އަޙްމަދު އަދާކުރީ ސުލްޠާނާ އަޙްމަދުގެ އެޖެންޓެއްގެ ދައުރުކަން ސާބިތުނުކުރެވޭ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް (2021/SC-A/05) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެޖެންސީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާގެ ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތުގައި އެޖެންޓެއްގެ ދައުރު އަދާކޮށްފައިވާކަން ސާބިތުނުވާކަމަށާއި އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދެއްކިކަންވެސް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ، ސާބިތުކުރުމުގެ މަދަނީ މިންގަނޑު (balance of probabilities) ގެ ދަށުން މައްސަލައެއްގައި ހުށަހެޅިފައިވާ ވާގިއާ (fact) ގެ ހަގީގަތް ވަޒަންކުރުމުގައި ކޯޓުން ޢަމަލުކުރަންޖެހޭ ގޮތާއި ހެއްކަން ބުރަދަން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން (2018/SC-A/49) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހެކި ވަޒަންކުރުމުގެ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާ ފުކުރާ ފަރާތުގެ ވާހަކަ އާއި އެދޭގޮތް

12އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފިރުދައުސް ޙަނީފްގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އެޖެންސީގެ އުސޫލަށް ބަލާއިރު، ކޮންމެހެން އެކަމަށް ކޮންޓްރެކްޓެއް އޮންނަން ނުޖެހޭ ކަމާއި، ޟިމްނީ (implied ) އުސޫލުންވެސް އެޖެންޓެއްގެ ގޮތުގައި އެކްޗުއަލް އޮތޯރިޓީ )actual authority( ދެވިފައިވާކަން ނުވަތަ އެޖެންޓެއްގެ ގޮތުގައި އައްޔަންވެފައިވާކަމަށް ބެލެވިދާނެ ކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް (2021/SC-A/05) ޤަޟިއްޔާގައި ކަނޑައެޅިފައިވާ އެޖެންސީ އުސޫލުތަކަށް ބެލުމުން އެނގޭ ކަމަށެވެ. މި މުޢާމާލަތާ ގުޅިގެން ސުލްޠާނާ އަޙްމަދުގެ އެޖެންޓެއްގެ ގޮތުގައި ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އައްޔަންކޮށްފައިވާކަން އެނގެން ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހުށަހެޅުނު ހެއްކަށް އެކުގައި ބެލުމުން ދަށުކޯޓުން ނެރުނު ދޭހަ ގޯސްކަން އެނގޭ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ވާހަކަދެކެވޭ ކުލީގެ އެއްބަސްވުމުގައި ސުލްޠާނާ އަޙްމަދު ސޮއިކުރީ ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އެއްބަސްވުމުގައި ސޮއިކުރުވަން ދިޔުމުން ކަން އެނގޭ ކަމަށެވެ. އަދި މި އެއްބަސްވުމާ ގުޅިގެން ފިރުދައުސް ޙަނީފަށް ދައްކަންޖެހޭ ކުލިވެސް ދައްކަމުން ގޮސްފައިވަނީ ސުލްޠާނާ އަޙްމަދުގެ ދަރިފުޅުކަން ހެކިތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ޟިމްނީ (implied) އުސޫލުން އެޖެންޓެއްގެ ގޮތުގައި މި މުޢާމަލަތަށް ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އައްޔަންކޮށް އެކްޗުއަލް އޮތޯރިޓީ (actual authority) ދެވިފައިވާކަން އެނގޭ ކަމަށެވެ.

13މީގެ އިތުރުން ފާހަގަކޮށްފައި ވަނީ، މި މައްސަލައިގައި އެޑްވާންސް ފައިސާ ދެއްކިކަން ސާބިތުކޮށްދިނުމަށް ފިރުދައުސް ޙަނީފްގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ވަކި ހެކިވެރިޔަކަށް ސީދާ އަދަދު ނުބުނެވުމަކީ ފައިސާނުދައްކާ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ޙަސަން ޝިހާމްގެ ހެކިބަހަށް ބަލާއިރު، ސުލްޠާނާ އަޙްމަދަށް ގުޅުމުން "މިއީ ވަރަށް ބައިވަރު ފައިސާއޭ ދެން އެހެންވީމާ އޭތި ޤަބޫލުކުރަމޭ ލިބިފައި ހުރިކަމަށް އެހެންވީމާ ވަރަށް އަވަހަށް މިކަންތައް ހަމަޖައްސައިދޭނަމޭ " ސުލްޠާނާ އަޙްމަދު ބުނިކަން އެނގެން އޮތުމުން ސުލްޠާނާ އަޙްމަދަށް އެފައިސާ ލިބިފައިވާކަން ހެކިތަކުން އެނގޭ ކަމަށެވެ.

14އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށް ދީ، އެއްބަސްވުމުގައިވާ 2 އެޕާޓްމަންޓް ފިރުދައުސް ޙަނީފްއާ ހަވާލުކޮށްދިނުމަށާއި 2020 ޖުލައި، އޮގަސްޓު، ސެޕްޓެންބަރުގެ ކުލީގެ ގޮތުގައި މަހަކު -50,000/ރ. (ފަންސާސްހާސް ރުފިޔާ) އަދި އެޕާޓްމަންޓް ހަވާލުކުރާ ދުވަހާ ހަމައަށް އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ދިއުމަށް އަންގައި ޙުކުމްކޮށްދިނުން ކަމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުގެ ވާހަކަ އާއި އެދޭގޮތް

15އިސްތިއުނާފު ރައްދުވާ ސުލްޠާނާ އަޙްމަދުގެ ފަރާތުން ޖަވާބުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިރުޝާދު ދީފައިވާ އިމުގެ ބޭރުން މި މައްސަލައިގައި އެޖެންސީގެ އުސޫލުގެ ވާހަކަ ނުދެއްކޭނެ ކަން ރެސް ޖުޑިކާޓާގެ ހަމައިން ފާހަގަކުރާ ކަމަށެވެ. ހަމައެހެންމެ، ދަށުކޯޓުން ފާހަގަކޮށްފައިވާ ފަދައިން މި މައްސަލައިގައި ވާހަކަދެކެވޭ މި މުޢާމަލާތާ ގުޅިގެން ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އެޖެންޓެއްގެ ގޮތުގައި ސުލްޠާނާ އަޙްމަދު އައްޔަންކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި ސުލްޠާނާ އަޙްމަދުގެ ދަރިފުޅުގެ ބައިވެރިވުން އޮތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، މުޅި މުޢާމަލާތުގައި ސުލްޠާނާ އަޙްމަދުގެ އެޖެންޓެއްގެ ގޮތުގައި ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އައް ޔަންކޮށްފައިވާކަން ދަލާލަތު ކުރާ ކަމެއް ނޫން ކަމަށެވެ. މިއީ އެއް އެޕާޓްމަންޓް އެއް ދަނޑިވަޅެއްގައި ޖުމްލަ 3 (ތިނެއް) މީހަކަށް ކުއްޔަށް ދީ ސުލްޠާނާ އަޙްމަދުގެ ދަރިފުޅު ސުލްޠާނާ އަޙްމަދު އަށް އޮޅުވާލާފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލައިގައި ސުލްޠާނާ އަޙްމަދުގެ ދަރިފުޅަކީ ސުލްޠާނާ އަޙްމަދުގެ އެޖެންޓެއް ކަމަށް ބުނާއިރު، އެފަރާތުގެ ހެކިބަސް ނެގުމަށް ހުށަހަޅާފައިވެސް ނުވާކަމަށެވެ. އެފަރާތުގެ ހެކިބަސް ނެގުމެއްނެތި އެޖެންޓެއްކަމަށް ބުނާ ބުނުމަށް ބުރަދަން ދެވޭނެ ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

16މީގެ އިތުރުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ހެކި ވަޒަންކޮށްފައިވަނީ ކަމާގުޅޭ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެޑްވާންސް ފައިސާ ލިބިފައިވާކަމާމެދު ސުލްޠާނާ އަޙްމަދު އިންކާރުކޮށްފައިވާއިރު، ސީދާ މި މުޢާމަލާތާގުޅޭ ފައިސާ ސުލްޠާނާ އަޙްމަދުއަށް ދައްކާފައިވާކަން ހެކިތަކުން ސާބިތުނުވާކަމަށެވެ. އެގޮތުން ޙަސަން ޝިހާމްގެ ހެކިބަހުން ފައިސާ ދެއްކިކަން ސާބިތުވާކަން އެނގެން އޮތް ކަމަށް ފިރުދައުސް ޙަނީފް ފާހަގަކުރި ނަމަވެސް، އެއީ ކޮން އަދަދެއްގެ ފައިސާ ކަމާއި، ކޮން މުޢާމަލާތެއްގެ ފައިސާކަން އެ ހެކިބަހުން ނުވަތަ އެހެން ހެއްކަކުންވެސް އެނގެން ނެތް ކަމަށެވެ.

17އެހެންކަމުން ސުލްޠާނާ އަޙްމަދުގެ ފަރާތުން މި މައްސަލައިގައި ދިވެހރާއްޖޭގި ހައިކޯޓުގައި އެދެނީ ދަށުކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށް ކަމަށެވެ. އެޖެންސީގެ އުސޫލާ ގުޅިގެން ފާހަގަކޮށްފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ރިޢާޔަތްކުރިގޮތް

18އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފިރުދައުސް ޙަނީފްގެ ފަރާތުން ފާހަގަކޮށްފައިވަނީ ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އިބްރާހީމް ޙުނައިން އަޙްމަދަކީ މި މުޢާމަލާތުގައި ސުލްޠާނާ އަޙްމަދުގެ އެޖެންޓެއްކަން އެނގެން ނެތްކަމަށް 12 ވަނަ ނުކުތާގައި ދަށުކޯޓުން ކަނޑައެޅީ އެޖެންސީގެ އުސޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން ސުލްޠާނާ އަޙްމަދުގެ ބަހުން، އެއްބަސްވުމުގައި ސޮއިކުރީ އިބްރާހީމް ޙުނައިން އަޙްމަދު އެއްބަސްވުމުގައި ސޮއިކުރަން ބުނުމުން ކަން އެނގޭ ކަމަށެވެ. އަދި އެއްބަސްވުމުގެ ފަހުން ފިރުދައުސް ޙަނީފަށް ކުލި ފޮނުވަމުންވެސް ދިޔައީ އިބްރާހީމް ޙުނައިން އަޙްމަދު ކަމަށެވެ. މީގެ އިތުރުން ޙަސަން ޝިހާމްގެ ހެކިބަހަށް ބަލާއިރު، ސުލްޠާނާ އަޙްމަދަށް ގުޅުމުން "މިއީ ވަރަށް ބައިވަރު ފައިސާއޭ ދެން އެހެންވީމާ އޭތި ޤަބޫލުކުރަމޭ ލިބިފައި ހުރިކަމަށް އެހެންވީމާ ވަރަށް އަވަހަށް މިކަންތައް ހަމަޖައްސައިދޭނަމޭ" ސުލްޠާނާ އަޙްމަދު ބުނިކަން އެނގެން އޮތުމުން ވެސް މިކަން ސާފުވާ ކަމަށެވެ.

19HN1މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރަން ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށް ބެލުމަށް އިރުޝާދު ދީފައިވާ ގޮތް ދަނެގަތުން މުހިންމެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ މައްސަލައިގެ ވާގިއާ ކަށަވަރުކޮށް، އެއްބަސްވުމުގައި ބަޔާންކުރާ މުޤާބިލް (އެޑްވާން ފައިސާ) ސުލްޠާނާ އަޙްމަދު އަށް އަދާކޮށްފައިވޭތޯ ކަށަވަރު ކުރުމާއެކު، ސުލްޠާނާ އަޙްމަދު މި މައްސަލައިގައި ސިވިލް ކޯޓުގައި ޙާޟިރުކުރުމަށް އެދުނު ހެކިންގެ ހެކިބަސް ހޯދަންޖެހޭކަމަށެވެ.

20ސިވިލް ކޯޓަށް މި މައްސަލަ ތަހުވީލުކުރެވިގެން ބެލުނު އިރު، ފިރުދައުސް ޙަނީފްގެ ފަރާތުން އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތަށް އެދިފައިވާކަން ނުވަތަ އެފަދަ ފުރުސަތެއް ދަށުކޯޓުން ދީފައިވާކަން އެނގޭކަށް ނެތެވެ. އެ މަރުހަލާގައި ނެގިފައިވަނީ ސުލްޠާނާ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ 2 (ދޭއް) ހެއްކެއްގެ ހެކިބަހެވެ.

21އެންމެ ފުރަތަމަ މި ޚުސޫމަތުގައި ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 1918/Cv-C/2020 ޤަޟިއްޔާގައި މައްސަލަ ބެލުނުއިރުވެސް، ފިރުދައުސް ޙަނީފްގެ ފަރާތުން ހުށަހެޅި 3 (ތިނެއް) ހެކިންގެ ހެކިބަސް ނެގިފައިވެއެވެ. އަދި އިބްރާހީމް ޙުނައިން އަޙްމަދު ފިރުދައުސް ޙަނީފަށް ކުލި ދައްކާފައިވާކަމަށް ސާބިތުކުރުމަށް ހުށަހެޅި ރިސިޓްތަކަކީވެސް އެ މަރުހަލާގައި ހުށަހެޅިފައިވާ ހެކިތަކެކެވެ.

22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާއިން މި މައްސަލަ ބެލުނުއިރު، ސިވިލް ކޯޓުގެ ނަންބަރު 1918/Cv-C/2020 ޤަޟިއްޔާގައި ފިރުދައުސް ޙަނީފްގެ ފަރާތުން ހުށަހެޅި 3 (ތިނެއް) ހެކިންގެ ހެކިބަހާއި ހުށަހެޅުނު ލިޔެކިއުންތަކާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގެ 24 އަދި 25 ވަނަ ނުކުތާގައި ބަޔާންކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. . ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާ އަދި އެ ޤަޟިއްޔާގެ ތެރެއިން ދީފައިވާ "މައްސަލަ ކުރިއަށް ގެންދާނެގޮތުގެ އިރުޝާދު " އާއި މައްސަލައިގެ އެންމެހާ ލިޔެކިޔުންތައް "މި ތިން ހެކިންގެ ބަހުން ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އިބްރާހީމް ޙުނައިނު އަޙްމަދު އާ ފިރުދައުސް ޙަނީފް ފައިސާ ހަވާލު ކުރާކަމަށް ބުނާކަން އެނގެން އޮވެއެވެ. ނަމަވެސް، މި އިން އެއްވެސް ހެކިވެރިއަކު ސުލްޠާނާ އަޙްމަދު އާ ފައިސާ ޙަވާލު ކުރިކަމަށް ބުނެފައިވާކަން ދޭހަ ނުވެއެވެ. މީގެ ތެރެއިން ދެ ހެކިވެރިއަކު ފައިސާ ޙަވާލުކޮށްފައިވާ ތާރީޚަކީ އެއްބަސްވުމުގެ ސޮއިކުރުމުގެ ކުރިން ކަމަށް ބުނެއެވެ. މި ސަބަބާހުރެ ފިރުދައުސް ޙަނީފްގެ ފަރާތުން އިބްރާހީމް ހުނައިން އަޙްމަދު އާ ޙަވާލުކުރަމުން ދިޔަ ފައިސާ އަކީ ކުރިމަތީގައި މި އޮތް މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ދަށުން ޙަވާލު ކުރަމުންދިޔަ ފައިސާއެއްތޯ އެއީ ސުވާލެކެވެ... ވުމާއެކު، ލިޔެކިއުމުން ފެންނަން އޮތީ ޙަޤީގަތްކަމަށް ސާފު ނުވެއެވެ. ސުލްޠާނާ އަޙްމަދު އާ އެޑްވާންސް ފައިސާ ޙަވާލު ކުރިތޯ އެއީ ޖަވާބު ނުލިބި އޮތް ސުވާލެކެވެ..."

23އިސްވެ ނަކަލުކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ (2022/SC-A/90) ގެ 24 އަދި 25 ވަނަ ނުކުތާގައި ކަނޑައަޅާފައި އެވަނީ ފިރުދައުސް ޙަނީފްގެ ފަރާތުން އިބްރާހީމް ހުނައިން އަޙްމަދު އާ ޙަވާލުކުރަމުން ދިޔަ ފައިސާ އަކީ މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ދަށުން ޙަވާލު ކުރަމުންދިޔަ ފައިސާއެއްތޯ ސާފުނުވާކަމަށެވެ. އަދި ސުލްޠާނާ އަޙްމަދާ އެޑްވާންސް ފައިސާ ޙަވާލު ކުރިތޯ އެއީ ޖަވާބު ނުލިބި އޮތް ސުވާލއްކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ހެކިތަކާމެދު ނެރެވޭ ދޭހަ އެފަދައިން ބަޔާންކުރައްވާފައިވާއިރު، ހަމަ އެހެކިތަކުގެ މައްޗަށް އެޖެންސީގެ އުސޫލު ތަޠުބީޤުކޮށް ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ. އަދި އެއީ ދަށުކޯޓަށް މައްސަލަ ތަހުވީލުކުރެވުނު ދާއިރާއެއްވެސް ނޫނެވެ. އެހެންކަމުން ދަށުކޯޓުގެ ރިޕޯޓުގެ 12 ވަނަ ނުކުތާގައި "އިބްރާހީމް ޙުނައިން އަޙްމަދުއަކީ ފިރުދައުސް ޙަނީފްއަށް އެޕާޓްމަންޓް ކުއްޔަށް ދިން ކޮންޓްރެކްޓްގެ ބައިވެރިއެއް ނޫނެވެ. އަދި އިބްރާހީމް ޙުނައިން އަޙްމަދު އަދާކުރިނަމަ އަދާކުރި ދައުރަކީ ސުލްޠާނާ އަޙްމަދުގެ އެޖެންޓެއްގެ ދައުރުކަން އިބްރާހީމް ޙުނައިން އަޙްމަދު ޢަމަލުކޮށްފައިވާ ގޮތް ބަޔާންކޮށް ހުށަހެޅި ވާޤިޢާތަކާއި، ހެކީންގެ ހެކިބަހުން ދޭހަވެއެވެ. މި ކޮންޓްރެކްޓާ ގުޅިގެން އެފަދަ ބާރެއް ސުލްޠާނާ އަޙްމަދު ދީފައިވާކަން ސާބިތު ނުވެއެވެ." މިފަދައިން ބަޔާންކޮށްފައިވަނީ ކޮން ހަމައަކުން ކަން ސާފެއް ނޫނެވެ. އަދި އެ ނުކުތާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެޖެންސީގެ އުސޫލު ތަޠުބީޤުކޮށް، ގޮތްތަކެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ. އެޑްވާންސް ފައިސާ ލިބިދީފައިވުމުގެ މައްޗަށް ފާހަގަކޮށްފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ރިޢާޔަތްކުރިގޮތް

24އިސްތިއުނާފީ ދެވަނަ ނުކުތާގައި ފިރުދައުސް ޙަނީފްގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ހުށަހެޅުނު ހެކިތައް ޝާމިލުގޮތެއްގައި ވަޒަންކުރުމުން ސުލްޠާނާ އަޙްމަދަށް އެޑްވާންސް ފައިސާ ލިބިފައިވާކަން ސާބިތުވާކަމަށެވެ. ދަށުކޯޓުން ހެކި ވަޒަންކޮށްފައިވަނީ ޝާމިލުގޮތެއްގައި ނޫން ކަމަށެވެ. އެގޮތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ 3 (ތިނެއް) ހެކިންގެ ހެކިބަހުން ސީދާ ފައިސާގެ އަދަދު ނުބުނެވުމަކީ އެޑްވާންސް ފައިސާ ނުދައްކާކަން ސާބިތުވާނެ ކަމެއް ނޫން ކަމަށެވެ. ޙަސަން ޝިހާމްގެ ހެކިބަހަށް ބަލާއިރު، ސުލްޠާނާ އަޙްމަދަށް ގުޅުމުން "މިއީ ވަރަށް ބައިވަރު ފައިސާއޭ ދެން އެހެންވީމާ އޭތި ޤަބޫލުކުރަމޭ ލިބިފައި ހުރިކަމަށް އެހެންވީމާ ވަރަށް އަވަހަށް މިކަންތައް ހަމަޖައްސައިދޭނަމޭ" ސުލްޠާނާ އަޙްމަދު ބުނިކަން އެނގެން އޮތުމުން އެފައިސާ ސުލްޠާނާ އަޙްމަދަށް ލިބިފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ސުލްޠާނާގެ ދަރިފުޅު އިބްރާހީމް ޙުނައިން އަޙްމަދުގެ ފަރާތުން ފިރުދައުސް ޙަނީފަށް ކުލީގެ ފައިސާ ފޮނުވަމުން ދިޔަ ރިސިޓްތަކަށް ބެލުމުންވެސް، މުޤާބިލު ނުލިބޭނަމަ އެ ކުލި ދައްކަމުން ނުދާނެ ކަން ދޭހަކުރެވޭ ކަން ފާހަގަކޮށްފައިވެއެވެ.

25HN2މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، ސިވިލް ކޯޓަށް މި މައްސަލަ ތަހުވީލުކޮށްގެން ބެލިއިރު، ކުރިންވެސް ބުނެވުނު ފަދައިން ފިރުދައުސް ޙަނީފްގެ ފަރާތުން އިތުރު ހެއްކެއް ހުށަހަޅާފައި ނެތެވެ. އިސްވެ ހަވާލާދެވުނު ޙަސަން ޝިހާމްގެ ހެކިބަހާއި، ރިސިޓްތަކަކީ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލުނު އިރުވެސް މައްސަލައިގައި ހިމެނިގެންވާ ހެކިތަކެކެވެ. އެ ހެކިތަކާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ރިޢާޔަތްކުރެވުނުއިރު އެވަނީ ނަކަލު ކުރެވިފައެވެ. އަދި މި މައްސަލަ ތަހުވީލުކުރެވުމުން ސިވިލް ކޯޓުން މައްސަލަ ބެލިއިރުވެސް ސުލްޠާނާ އަޙްމަދަށް އެޑްވާންސް ފައިސާ ލިބިދީފައި ނުވާކަން ކަނޑައަޅާފައިވަނީ މައްސަލައިގައި ހުރި ހެކިތަކަށް އެކުގައި ބެލި ނަމަވެސް އެކަން ދޭހަކުރެވޭނެ ހެއްކެއް ހުށަހެޅިފައި ނެތުމުންނެވެ. އެހެންކަމުން ދަށުކޯޓުން ޚިލާފުވެފައިވާ ޤާނޫނީ ހަމައެއް ބުނެދެވިފައި ނުވާތީ، މިއީ އެކަށީގެންވާ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަގޮތް

26އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1947 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފިރުދައުސް ޙަނީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު؛

27ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގެ ރައުޔު؛

28ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

29މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1947-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފިރުދައުސް ޙަނީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޙުސައިން މަޒީދު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ