އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)ތަޢާރަފްމިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/205 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މީގެ ފަހުން "އަހްމެޓް އައިޑެނިޒް މޯލްޑިވްސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2021/SC-A/05 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލަ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް މީގެ ފަހުން "ޖީ އެކްސް އެސޯސިއޭޓްސް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތްގދ. މަގުއްދުވާ ގައި 200 އެނދުގެ ރިޒޯޓެއް ތަރައްޤީ ކުރުމަށްޓަކައި އެ ރަށް ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޖީ އެކްސް އެސޯސިއޭޓްސް އާއި ތުރުކީ ވިލާތުގެ ކުންފުންޏެއް ކަމުގައިވާ Ahmet Aydeniz Insaat Turizm Gida Egitim Ogretim Ithalat Ticaret (މީގެ ފަހުން "އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނި" މިހެން އިޝާރާތް ކޮށްފައިވާ) އާ ދެމެދު 01 ނޮވެންބަރު 2007 ގައި އެއްބަސްވުމެއް ގައި ("ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓް" ނުވަތަ "އެއްބަސްވުން" މިހެން އިޝާރާތް ކޮށްފައިވާ) ސޮއި ކުރިއެވެ.
އިސްވެ ބުނެވުނު ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓުގެ ކޮންސަލްޓަންޓް ފީގެ ގޮތުގައި US$ 550,000.00 (ފަސް ލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) ކަނޑައަޅާފައިވާ ކަން އެ ކޮންޓްރެކްޓުގެ 70 ވަނަ މާއްދާ އަށް ބެލުމުން އެނގެއެވެ.
އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނިން އެއްބަސްވެފައިވާ ގޮތަށް ކޮންސަލްޓަންސީ ފީގެ ގޮތުގައި US$ 330,000.00 (ތިން ލައްކަ ތިރީސް ހާސް އެމެރިކާ ޑޮލަރު) ލިބިފައިނުވާ ކަމަށް ބުނެ، ޖީ އެކްސް އެސޯސިއޭޓްސްގެ ފަރާތުން އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަދި ދިވެހިރާއްޖޭގައި ގާއިމުވެފައި ހުންނަ އެ ކުންފުނީގެ ފަރުއީ ކުންފުންޏެއް ކަމަށްވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރި އެވެ.
ސިވިލް ކޯޓުގެ ނިންމުންޖީ އެކްސް އެސޯސިއޭޓްސް އިން އިސްވެ ބުނެވުނު ކޮންސަލްޓަންސީ ފީ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާ ކުރުމުން އެ މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2347/Cv-C/2016 ޤަޟިއްޔާ އިންނެވެ. އަދި މި ދައުވާ އުފުލުނީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައްޗަށް ކަމުގައި ވިޔަސް އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏަށް ކޯޓަށް ޙާޟިރުވުމަށް ފޮނުވާ ޗިޓް އެ ފަރާތަށް ރައްދުކުރެވިފައި ނުވާކަން ފާހަގަކުރަމެވެ.
މި މައްސަލަ ސިވިލް ކޯޓުން ނިންމާފައި ވަނީ ޖީ އެކްސް އެސޯސިއޭޓްސް އިން ހޯދުމަށް އެދިފައިވާ US$330,000.00 (ތިން ލައްކަ ތިރީސް ހާސް އެމެރިކާ ޑޮލަރު) އަކީ ޖީ އެކްސް އެސޯސިއޭޓްސް އަށް ލިބެންޖެހި ނުލިބިވާ ފައިސާ ކަމާއި ("ދަރަނި ފައިސާ")، އެ ފައިސާ ޖީ އެކްސް އެސޯސިއޭޓްސް އަށް އަދާ ކުރުމުގައި ޒިންމާ ވާންޖެހޭ ފަރާތަކީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކަމުގައެވެ. އަދި މިގޮތަށް ނިންމާފައި ވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާ ކޮށެވެ.
ގދ. މަގުއްދުވާ އަކީ 24 އޮކްޓޫބަރު 2007 ގައި އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏަށް ސަބްލީސް ކޮށްފައިވާ ރަށެއް ކަމާއި، މި ރަށް "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި އޮޕަރޭޓް ކުރަމުން ގެންދަނީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ކަން ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ކަމާއި، އަދި އަޔާޑާ މޯލްޑިވްސްގެ ވެބްސައިޓުން އަހްމެޓް އައިޑެނިޒް މޯލްޑިވްސް އަކީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ އެފިލިއޭޓް ކުންފުންޏެއް ކަން އެނގެން އޮންނަކަން.
ޖީ އެކްސް އެސޯސިއޭޓްސް އާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް އާއި ދެމެދު ބަދަލުކުރެވިފައިވާ އީ-މެއިލްތަކަށް ބެލުމުން، ޖީ އެކްސް އެސޯސިއޭޓްސް އިން މަސައްކަތް ކޮށްފައިވާ ގދ. މަގުއްދުވާ ހިންގައި، އެ ރަށުން މަންފާ ލިބިގަންނަމުން ދަނީ އެއް ފަރާތަކުން ކަމާއި، މިގޮތަށް ރަށް ހިންގައިގެން ބުނެވުނު މަންފާ ސީދާ ގޮތެއްގައި ލިބޭ ފަރާތަކީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނި ކަމުގައި ވާއިރު، އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަން އެނގެން ނެތުމުން، އެ ކުންފުނީގެ ފަރާތުން ގދ. މަގުއްދުވާ ގައި ޖީ އެކްސް އެސޯސިއޭޓްސް އާ ޙަވާލުކޮށް، ކުރުވާފައިވާ މަސައްކަތަށް ފައިސާ އަދާކުރުމުގައި ގދ. މަގުއްދުވާ އޮޕަރޭޓް ކުރަމުންދާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ޒިންމާ ނަގަން ޖެހޭކަން އެނގެން އޮންނަކަން.
ޖީ އެކްސް އެސޯސިއޭޓްސް އާއި އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާ ދެމެދު ވެފައިވާ ރަށް ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓުގެ 07 ވަނަ މާއްދާގެ ދަށުން US$220,000.00 (ދެ ލައްކަ ވިހި ހާސް އެމެރިކާ ޑޮލަރު) ލިބިފައިވާ ކަމަށާއި ނުލިބި ވަނީ US$330,000.00 (ތިން ލައްކަ ތިރީސް ހާސް އެމެރިކާ ޑޮލަރު) ކަމަށް ޖީ އެކްސް އެސޯސިއޭޓްސްގެ ފަރާތުން ބުނެފައި ވާއިރު، ޖީ އެކްސް އެސޯސިއޭޓްސް އިން ކޮށްދޭންޖެހޭ މަސައްކަތް ނިމިފައި ވާކަން އެ ކުންފުނީގެ ރިކޯޑު ފޮތުން އެނގެން އޮންނަ ކަމަށާއި، ބަދަލުކުރެވިފައިވާ އީ-މެއިލްތަކުން ވެސް ޖީ އެކްސް އެސޯސިއޭޓްސް އަށް ލިބެންވާ ފައިސާ ވާކަން އެނގެން އޮންނަ ކަމަށާއި، އަދި މި ފައިސާ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ފަރާތުން ޖީ އެކްސް އެސޯސިއޭޓްސް އަށް ރައްދުކޮށްފައި ވާކަން އެނގޭ ފަދަ އެއްވެސް ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާތީ، ޖީ އެކްސް އެސޯސިއޭޓްސްގެ ފަރާތުން ހޯދަން އެދިފައިވާ US$330,000.00 (ތިން ލައްކަ ތިރީސް ހާސް އެމެރިކާ ޑޮލަރު) އަކީ ޖީ އެކްސް އެސޯސިއޭޓްސް އަށް ލިބެންޖެހޭ ފައިސާކަން.
ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓު ގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ އެ ކޯޓުން ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/205 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް 05 (ފަހެއް) ނުކުތާ އެއް ހުށަހެޅިއެވެ.
ފުރަތަމަ ނުކުތާ އަކީ، ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓުގެ ބައިވެރިންނަކީ، ޖީ އެކްސް އެސޯސިއޭޓްސް އާއި ތުރުކީ ވިލާތުގެ ކުންފުންޏެއް ކަމުގައިވާ Ahmet Aydeniz Insaat Turizm Gida Egitim Ogretim Ithalat Ticaret ކަން ޙުކުމުގައި ވެސް ބަޔާންކޮށްފައި ވާއިރު، އިސްތިއުނާފު ކުރާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އަކީ އެ މުޢާމަލާތުގެ ބައިވެރިއަކަށް ނުވާއިރު، އިސްތިއުނާފު ކުރާ ކުންފުނިން (އަހްމެޓް އައިޑެނިޒް މޯލްޑިވްސް) އެ މުޢާމަލާތަށް ޒިންމާވާން ޖެހޭކަމަށް ކަނޑައަޅާފައި ވަނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އާއި ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަބްދައު އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
ދެވަނަ ނުކުތާ އަކީ، އެއްބަސްވުމުގެ ބައިވެރިއެއް ކަމުގައި އިސްތިއުނާފު ކުރާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ނުހިމެނުނު ކަމުގައި ވީނަމަވެސް، އިސްތިއުނާފު ކުރާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އަކީ، އެއްބަސްވުމުގެ ދަށުން މަންފާ ލިބޭ ފަރާތެއް ކަމުގައި ކަނޑައަޅައި، އެހެން ފަރާތަކުން ކޮށްފައިވާ މުޢާމަލާތަކަށް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މަބްދައުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
ތިންވަނަ ނުކުތާ އަކީ، މި މައްސަލައި ގައި ޙުކުމް ކުރުމުގައި، މައްސަލައިގެ މަޢުޟޫއާ މެދު (ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓްގެ ދަށުން ކުރަން ޙަވާލުކުރި މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ކަނޑައެޅިފައިވާ ފެންވަރުގައި ނިންމާފައިވޭތޯ ނުވަތަ ނޫންތޯ) އެއްވެސް މިންވަރަކަށް ވަޒަންކުރެވިފައި ނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
ހަތަރު ވަނަ ނުކުތާ އަކީ، ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓުގެ 11 ވަނަ މާއްދާ ގައިވާ ގޮތުން، ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ޙައްލުނުކުރެވި 30 ދުވަސް ފާއިތުވެއްޖެނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ މީޑިއޭޝަން ނުވަތަ އާބިޓްރޭޝަން އަށް ކަމަށް ބަޔާންކޮށްފައި ވާއިރު، އެ މަރުޙަލާތައް ފުރިހަމަ ނުކޮށް މައްސަލަ ޝަރީޢަތުން ބަލާފައި ވަނީ ރަށް ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓުގެ 11 ވަނަ މާއްދާ ގައި ދެފަރާތުން އެއްބަސްވި ގޮތާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
ފަސްވަނަ ނުކުތާ އަކީ، މި މުޢާމަލާތަކީ 2007 ވަނަ އަހަރު ކުރެވިފައިވާ މުޢާމަލާތަކަށް ވާއިރު، ފައިސާ ހޯދުމަށް ދައުވާ ނުކޮށް ގާތް ގަނޑަކަށް 90 އަހަރު ފާއިތުވެފައި ވާއިރު، ޖީ އެކްސް އެސޯސިއޭޓްސް އަށް ޙައްޤުވާ US$330,000.00 (ތިން ލައްކަ ތިރީސް ހާސް އެމެރިކާ ޑޮލަރު) ނުލިބިވާ ކަމަށް އެ ކުންފުނިން ޤަބޫލުކުރާނަމަ، އެ ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަނާޅާ އެހާ ގިނަ ދުވަސް ހޭދަކޮށްފާނެ ކަމަށް ބުއްދި ޤަބޫލެއް ނުކުރެވޭ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައި ވަނީ، ސިވިލް ކޯޓުގެ ނަންބަރު 2347/Cv-C/2016 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށެވެ.
އަދި މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ވާސިލުވި ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
ފުރަތަމަ ކަމަކީ، އަހްމެޓް އައިޑެނިޒް މޯލްޑިވްސް އެޖެންޓެއްގެ ގޮތުން އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ފަރާތުން ޖީ އެކްސް އެސޯސިއޭޓްސް އަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި ޙަވާލުވެފައިވާ ކަން އެނގޭކަން.
ދެވަނަ ކަމަކީ، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ފަރާތުން ޖީ އެކްސް އެސޯސިއޭޓްސް އަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކުންފުންޏާ ޙަވާލުކޮށްފައި ވާކަން އެނގޭ ކަމާއި، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ފަރާތުން އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކުންފުނީ ގައި ޖީ އެކްސް އެސޯސިއޭޓްސް ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އެކްޗުއަލް (Actual) އަދި އެޕެއަރެންޓް ( (Apparent އޮތޯރިޓީ އޮތްކަން ޤަބޫލުކުރެވޭ ކަމަށާއި، އެއީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކުންފުންޏަކީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ "މޯލްޑިވްސް ބްރާންޗް" ގެ ގޮތުގައި ކަމަށް އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނިން ފޮނުވި އީމެއިލް ތަކުން އެނގެން އޮންނަކަން.
ތިންވަނަ ކަމަކީ، ޖީ އެކްސް އެސޯސިއޭޓްސް ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކުންފުންޏާއި ދެމެދު ޢަމަލުކުރެވުނު ގޮތް އިންޑޯ މެނޭޖްމަންޓް ރޫލް (Indoor Management Rule) ގެ ދަށުން ޖީ އެކްސް އެސޯސިއޭޓްސް މޯލްޑިވްސް އިން ބަލައި ސާފުކުރަންޖެހޭ ސަބަބެއް ނުވަތަ އިސްތިސްނާއެއް އޮތް ކަމަށް ނުދެކެވޭކަން.
ހަތަރުވަނަ ކަމަކީ، އަހްމެޓް އައިޑެނިޒް މޯލްޑިވްސް މާލޭ ބްރާންޗުގެ ނަމުގައި އިންވޮއިސްތައް ކުރުމުން ފައިސާ ދައްކާނެ ކަމަށް އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނިން ބުނި ބުނުމާ އެއްގޮތަށް އިންވޮއިސްކުރާ ކުންފުނީގެ އެޑްރެސް ޖީ އެކްސް އެސޯސިއޭޓްސްގެ ފަރާތުން ބަދަލުކޮށް އެ ގޮތުގެމަތިން ޢަމަލުކޮށް، ޖީ އެކްސް އެސޯސިއޭޓްސް އަށް ގެއްލުން ވެދާނެ ގޮތަށް ޢަމަލުކޮށްފައި ވަނީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކުންފުނިން ބަހާއި ޢަމަލު އެންގި އަދި ދެއްކި ގޮތުގެ މައްޗަށް ކަމަށް ވާތީ، މިހާރު އެއާ ޚިލާފަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސް އަށް ފޮނުވާފައިވާ އިންވޮއިސްތައް އަލުން ބަދަލުކޮށް އިންވޮއިސް ކުރަންޖެހޭނީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏަށް ކަމަށް ބުނެވިދާނެ ކަމަށް ޕްރޮމިސަރީ އެސްޓޮޕެލްގެ އުޞޫލުގެ ދަށުން ބަލާއިރު ޤަބޫލުނުކުރެވޭ ކަން.
ފަސްވަނަ ކަމަކީ، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކުންފުންޏަކީ ވަކި ދެ ކުންފުނި ކަމަށް ވިޔަސް، މި ދެ ކުންފުނިން ޢަމަލުކުރަމުން ގޮސްފައި ވަނީ އެއް ކުންފުނި އަނެއް ކުންފުންޏަށް އެފިލިއޭޓް ވެފައިވާ ދެ ކުންފުނި ކަމުގައި އެހެން މީހުންނަށް ދައްކައިގެން ކަން އެނގެން އޮންނަކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމް ކުރުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/205 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން ތިރީގައިވާ 05 (ފަހެއް) ނުކުތާ ހުށަހެޅިއެވެ.
ފުރަތަމަ ނުކުތާ އަކީ، އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ބައިވެރިވެފައި ނުވާ މުއާމަލާތަކަށް، އިސްތިއުނާފު ކުރާ ފަރާތް ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އާއި ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައު އާ ޚިލާފަށް ކަމުގައިވުން.
ދެވަނަ ނުކުތާ އަކީ، އިސްތިއުނާފު މި ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/205 ޤަޟިއްޔާ ގައި އިސްތިއުނާފު ކުރާ ފަރާތް ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްވުން.
ތިންވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރާ ފަރާތަކީ އެއްބަސްވުމުގައި ސޮއިކުރި ކުންފުނީގެ 'މޯލްޑިވްސް ބްރާންޗް' ނުވަތަ އެފިލިއޭޓްވެފައިވާ ކުންފުންޏެއް ކަމަށް ބަލައި، އެ ސަބަބަށްޓަކައި އިސްތިއުނާފު ކުރާ ފަރާތް ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އާ، ގްރޫޕެއްގެ ހިމެނޭ ކުންފުންޏެއް ނުވަތަ އެފިލިއޭޓްވެފައިވާ ކުންފުންޏެއް، އެ ގްރޫޕުގެ އެހެން ކުންފުނި ތަކުގެ ޒިންމާ އަދާކުރަން ނުޖެހުމުގެ އާންމު އުޞޫލާ ޚިލާފަށް ކަމަށްވުން.
ހަތަރުވަނަ ނުކުތާ އަކީ، އެއްބަސްވުމުގެ ދަށުން އުފެދޭ ޚިލާފުތައް ޙައްލުކުރުމަށް އެއްބަސްވުމުގެ 11 ވަނަ މާއްދާ ގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ޝަރީޢަތުން މައްސަލަ ބަލާފައިވުން.
ފަސްވަނަ ނުކުތާ އަކީ، ޕްރޮމިސަރީ އެސްޓޮޕެލްގެ އުޞޫލާއި، އިންޑޯ މެނޭޖްމަންޓްގެ އުޞޫލު އަދި ލޯ އޮފް އެޖެންސީގެ އުޞޫލު މި މައްސަލައަށް ތަޠުބީޤު ކޮށްފައި ވަނީ، އެ އުޞޫލުތައް މި މައްސަލަ އަށް ތަޠުބީޤު ކުރެވޭނެ އެއްވެސް ޙަޤީޤަތެއް ނުވަތަ ސަބަބެއް ނެތި ކަމަށްވުން.
އިސްތިއުނާފުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަ ބަޔާންވެ ދިޔަ އިސްތިއުނާފީ 50 (ފަހެއް) ނުކުތާގެ ތެރެއިން 04 (ހަތަރެއް) ވަނަ ނުކުތާ ފިޔަވައި ދެންހުރި ނުކުތާތަކުގެ ތަފްސީލުގައި އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ފާހަގަކޮށްފައި ވަނީ މައިގަނޑު އެއް ވާހަކަ އެވެ. އެއީ، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްސިއްޔަތެއް ކަމުގައި ވާއިރު، އެ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ކުންފުންޏަކުން ކަމާއި، އަދި މި އުޞޫލުން ގްރޫޕް ކުންފުނި ތަކާއި އަދި އެފިލިއޭޓް ކުންފުނިތައް ވެސް އިސްތިސްނާ ނުވާ ކަމަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ދެކެއެވެ. މީގެ އިތުރުން، ކޮންޓްރެކްޓެއް ދެމިގެން ދަނީ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަބުދައުގެ މައްޗަށް ކަމަށް ވާހިނދު، އެ ކޮންޓްރެކްޓުގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ދަރަންޏެއް ލާޒިމު ނުކުރެވޭ ކަމަށެވެ. އަދި ހަމަ އެހެންމެ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓުގައި ބައިވެރިން ޢަމަލުކުރުން ލާޒިމު ކުރަނީ އެ ކޮންޓްރެކްޓު ގައިވާ ގޮތުގެމަތިން ކަމާއި އަދި އެ ނޫން ގޮތަކަށް ޢަމަލު ކުރެވޭނީ ލުޔެއް ދީފި ކަމުގައި ވާނަމައެވެ. ނުވަތަ އެ ނޫން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެ ކަމުގައި ވާނަމަ ނުވަތަ މުއާމަލާތެއްގައި ތިންވަނަ ފަރާތަކުން ޒިންމާ މަތިކުރެވެނީ އެކަމަށް އެ މުއާމަލާތުގައި ގެރެންޓީދީފައިވާ ނަމައެވެ.
އިސްތިއުނާފީ ހަތަރު ވަނަ ނުކުތާ ގައި އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ނުކުތާ އަކީ، ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓްގެ 11 ވަނަ މާއްދާ ގައި، އެއްބަސްވުމުގެ ދަށުން އުފެދޭ ޚިލާފުތައް ޙައްލުކުރުމަށް ދެ ފަރާތުން ވާހަކަ ދައްކައިގެން ޙައްލު ނުކުރެވި 30 ދުވަސް ފާއިތުވެއްޖެނަމަ އެ މައްސަލަ ޙައްލު ކުރަންޖެހޭނީ މީޑިއޭޝަނުން ނުވަތަ އާރބިޓްރޭޝަނުން ކަމަށެވެ. ނަމަވެސް އެ ގޮތުގެމަތިން ޢަމަލުކޮށްފައި ނުވާ ކަމަށެވެ. މިކަމަށް ނަޒަރު ކުރާއިރު، ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓްގެ ދަށުން އެ ފުރުސަތު އޮތްތޯ ސިވިލް ކޯޓުން ބަލާފައި ވާކަން އެނގޭ ކަމާއި، ނަމަވެސް މި މައްސަލައިގައި ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓްގެ 11 ވަނަ މާއްދާ ގައިވާ އުޞޫލުން މީޑިއޭޝަނަށް ނުވަތަ އާރބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު ނެތްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ބެލުމުން އެނގެއެވެ. ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަން ޖެހިދާނެ އިތުރު ޤާނޫނީ ސަބަބެއް ފާހަގަކޮށްފައި ނުވެއެވެ. އަދި މިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި، މި މައްސަލަ އާރބިޓްރޭޝަންގެ އުޞޫލުން ޙައްލުކުރުމަށް އަލުން ފުރުސަތުދީ، ނަތީޖާ ނެރެވިދާނެ އީޖާބީ ހުށަހެޅުމެއް މިހާރު އޮތްތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސާފުކުރުމުން މި މައްސަލައި ގައި އެފަދަ ފުރުސަތެއް ނެތްކަން ދޭހަ ވެއެވެ. ވުމާއެކު، މި ނުކުތާ ގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް ފާހަގަ ނުކުރެވެއެވެ.
މި އިސްތިއުނާފު ރައްދުވާ ޖީ އެކްސް އެސޯސިއޭޓްސް އިން ފާހަގަކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.
ބަޔާންވެ ދިޔަ ކަންކަމުގެ އަލީގައި މި މައްސަލައި ގައި އޮތް ޚުސޫމަތުގައި ދައުރުވަނީ ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓްގެ ދަށުން ޖީ އެކްސް އެސޯސިއޭޓްސް އަށް ދައްކަންޖެހޭ ދަރަނި ފައިސާ އަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޒިންމާ ކުރެވިދާނެތޯ ކުރެވޭ ސުވާލުގެ މައްޗަށެވެ.
މުއާމަލާތުމި މުއާމަލާތުގެ ޚުލާސާ އަށް ބަލާއިރު، 01 ނޮވެންބަރު 2007 ގައި އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި ޖީ އެކްސް އެސޯސިއޭޓްސް އާ ދެމެދު ގދ. މަގުއްދުވާ (ފަހުން އަޔާޑާ މޯލްޑިވްސް) ގައި 200 އެނދުގެ ރިޒޯޓެއް ތަރައްޤީ ކުރުމަށްޓަކައި ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި US$ 550,000.00 (ފަސް ލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަށް އެއްބަސްވެ، އެ ފައިސާގެ ތެރެއިން ޖީ އެކްސް އެސޯސިއޭޓްސް އަށް ނުލިބިވާ US$ 330,000.00 (ތިން ލައްކަ ތިރީސް ހާސް އެމެރިކާ ޑޮލަރު( ހޯދުމަށް ދައުވާ ކޮށްފައިވާ މުއާމަލާތެކެވެ.
މި މައްސަލައިގައި ޖީ އެކްސް އެސޯސިއޭޓްސް އިން ދަރަނި ފައިސާ ހޯދުމަށް ދައުވާ ކޮށްފައި ވަނީ، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަދި އެ ކުންފުނީގެ ފަރުއީ ކުންފުނި ނުވަތަ ސަބްސިޑަރީ ކުންފުނި، އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައްޗަށެވެ. މި ދައުވާ އުފުލުމުން އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައިގަނޑު ދިފާއަކީ، މި މުއާމަލާތު ކުރެވިފައި ވަނީ އެ ކުންފުންޏާއެކު ނޫން ކަމާއި ކޮންމެ ކުންފުންޏަކީ ޤާނޫނީ ގޮތުން ވަކިވެފައިވާ ޝަޚްސެއް ކަމާއި އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ދަރަންޏަށް ޒިންމާ އުފުލަން އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޖެހިދާނެ ކަމަށް ނުދެކޭ ކަމަށެވެ.
ނަމަވެސް މި މުއާމަލާތުގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ޖީ އެކްސް އެސޯސިއޭޓްސް އަށް ލިބެންޖެހޭ ދަރަނި ފައިސާ ހޯދުމަށް އެންމެ ފުރަތަމަ ވެސް މުއާމަލާތް ކުރަމުން ގޮސްފައި ވަނީ އަހްމެޓް އައިޑެނިޒްގެ ފަރާތުން ފިރާޓް އައިޑެނިޒް އެވެ. ފިރާޓް އައިޑެނިޒް އަކީ، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ބޯޑު މެންބަރެކެވެ. އަދި ފަހުން އަހްމެޓް އައިޑެނިޒް މޯލްޑިވްސް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމާއެކު އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ޑިރެކްޓަރެއްކަން ވެސް އެނގެއެވެ.
ޖީ އެކްސް އެސޯސިއޭޓްސް އިން ދަރަނި ފައިސާ ހޯދުމަށް ހުށަހެޅުމުން 20 ޖަނަވަރީ 2008 ގައި ފިރާޓް އައިޑެނިޒް ޖަވާބު ދީފައި ވަނީ، ކުންފުނީގެ އެކައުންޓު މެނޭޖަރާއި ވާހަކަ ދެއްކުމަށްފަހު، ފައިސާ ޙަވާލު ކުރުމަށް ފަސޭހަ ވާނީ، އަލަށް އުފެއްދި އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ލޯކަލް ދިވެހި ކުންފުނި މެދުވެރިކޮށްތޯ ނުވަތަ އަސްލު ތުރުކީ ކުންފުނިންތޯ ބަލާނެ ކަމަށް ޖީ އެކްސް އެސޯސިއޭޓްސް އަށް އަންގާފަ އެވެ. މިފަދައިން ފައިސާ ދެއްކުމާ ގުޅޭތުން ފިރާޓް އައިޑެނިޒް ވައުދުވަމުން ދިޔައިރު، އޭނާ އަކީ އިސްވެ ބުނެވުނު އަހްމެޓް އައިޑެނީޒް ތުރުކީ ކުންފުނީގެ ލޯކަލް ދިވެހި ކުންފުނީގެ (އަހްމެޓް އައިޑެނިޒް މޯލްޑިވްސް) ޑިރެކްޓަރެއްކަން ފާހަގަ ކުރަމެވެ.
އޭގެ ފަހުން ބަދަލު ކުރެވިފައިވާ އީމެއިލް ތަކަށް ބަލައި ޖީ އެކްސް އެސޯސިއޭޓްސް އިން ފޮނުވާފައިވާ އިންވޮއިސްތައް ލިބިފައިވާ ކަމާއި، އިންވޮއިސްތައް މާލޭ އޮފީހަށް ހުށަހެޅުމަށް ދަންނަވާފައިވާ ކަމާއި ކުރިން ފޮނުވާފައިވާ އިންވޮއިސް ވެސް އެޑްރެސް ކޮށްފައި ވަނީ ނުބައިކޮށް ކަމާއި އެ ދެ އިންވޮއިސް ރަނގަޅު ކުރުމަށްފަހު، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ މާލޭ އޮފީހަށް ފޮނުވުމަށް ދަންނަވާ ކަމުގައެވެ. އަދި ޕްރޮޖެކްޓު މެނޭޖަރާއި ބައްދަލު ކުރުމަށާއި އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަށް ޖީ އެކްސް އެސޯސިއޭޓްސް އަށް ފައިސާ ދޫކުރުމަށް ދަންނަވާނޭ ކަމަށް ބަޔާންކޮށް ފޮނުވާފައިވާ އިންވޮއިސްތަކުގެ ފައިސާ ދައްކާނޭ ކަމުގެ ޔަގީންކަން ދީފައި ވާކަން ދޭހަ ވެއެވެ.
ޖީ އެކްސް އެސޯސިއޭޓްސް އަށް ލިބެންޖެހޭ ދަރަނި ފައިސާ އާ ގުޅޭގޮތުން މުއާމަލާތު ކޮށްފައި ވަނީ އަހްމެޓް އައިޑެނިޒް އެޑްރެހުގައިވާ އީމެއިލް ތަކުން ކަން ފާހަގަ ކުރަމެވެ. ފެންނަން ހުރި އީމެއިލް ތަކަށް ބަލައި މުއާމަލާތު ކުރަމުން ގޮސްފައި ވަނީ އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފިރާޓް އައިޑެނިޒް އާއި އެންވަޔަރަންމަންޓް އިންޖިނޭރެއް ކަމުގައިވާ ޕެލިން އުރުދުޤާން ކިޔާ މީހެކެވެ. މި ދެ މީހުންގެ ތެރެއިން ފިރާޓް އައިޑެނިޒް އަކީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ޑިރެކްޓަރެއްގެ އިތުރުން އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ޑިރެކްޓަރެއް ކަން އެނގެއެވެ. އަދި އޭނާގެ ބެލުމުގެ ދަށުން ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓް ތަންފީޒު ކުރުމުގައި އަދި އެ ޕްރޮޖެކްޓް އާ ގުޅޭގޮތުން ޖީ އެކްސް އެސޯސިއޭޓްސް އާއެކު ސީދާ މުއާމަލާތު ކުރަމުން ގޮސްފައި ވަނީ އެންވަޔަރަންމަންޓް އިންޖިނޭރެއް ކަމުގައިވާ ޕެލިން އުރުދުޤާން ކަން އެނގެއެވެ. މިގޮތުން ކުރެވިފައިވާ މުއާމަލާތުގައި އޭނާވެސް ޖީ އެކްސް އެސޯސިއޭޓްސް އަށް ލިބެންޖެހޭ ދަރަނި ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަން އެނގެއެވެ.
އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް އާ އޮންނަ ގުޅުންއަހްމެޓް އައިޑެނިޒް މޯލްޑިވްސް ރަޖިސްޓްރީ ކުރެވިފައި ވަނީ 08 ޖަނަވަރީ 2008 ގައެވެ. އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏަކީ އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ބެލެނިވެރި ކުންފުންޏެވެ. ނުވަތަ ޕޭރެންޓް ކުންފުންޏެވެ. އަދި އަހްމެޓް އައިޑެނިޒް މޯލްޑިވްސް އަކީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ 999 ހިއްސާ އޮންނަ ފަރުއީ ނުވަތަ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި ބާކީ 1 ހިއްސާގެ ހިއްސާދާރަކީ އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފިރާޓް އައިޑެނިޒް ކަމަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ.
24 އޮކްޓޫބަރު 2007 ގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ރަށެއް ކަމުގައިވާ ގދ. މަގުއްދުއާ ގައި ރިޒޯޓެއް ތަރައްޤީ ކުރުމަށްޓަކައި އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏަށް ސަބްލީސް ކުރި އެވެ. ސަބްލީސް އެގްރީމެންޓުގެ ދަށުން އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏަށް އެ ރަށާ ގުޅިގެން ލިބިފައިވާ އެންމެހައި ހައްޤު ތަކާއި ޒިންމާ ތަކާއި މަސްލަޙަތު ތަކާއި ބާރު ތަކާއި މަސައްކަތް ތަކާއި އަދި އިމްތިޔާޒްތައް ހިމެނޭ ގޮތަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ނަމަށް ޑީޑް އޮފް އެސައިމަންޓެއްގައި ސޮއިކޮށް 7 ޖަނަވަރީ 2009 ގައި އެ ރަށް ބަދަލު ކުރިއެވެ. އެ ޑީޑް އޮފް އެސައިމަންޓުގައި އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރު ފިރާޓް އައިޑެނިޒް ކަން ފާހަގަ ކުރަމެވެ.
ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކުރެވުނީ 1 ނޮވެންބަރު 2007 ގައި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ރަޖިސްޓްރީ ކުރެވުމުގެ ކުރިން ކަމުގައި ވާތީވެ، އެ ކޮންޓްރެކްޓު ގައި ސޮއިކޮށްފައި ވަނީ އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ބެލެނިވެރި ނުވަތަ ޕޭރަންޓް ކުންފުނި، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏެވެ. އެ ކޮންޓްރެކްޓުގައި، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ފަރާތުން ވެސް ސޮއިކޮށްފައި ވަނީ ވެސް ފިރާޓް އައިޑެނިޒް ކަން ފާހަގަ ކުރަމެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރި އިރު އޭނާ އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.
އެއްބަސްވުން ތަންފީޒުކުރުން
އަހްމެޓް އައިޑެނިޒް މޯލްޑިވްސް ރަޖިސްޓްރީ ވުމަށް ފަހު ގދ. މަގުއްދުއާ ގުޅޭގޮތުން ކުރެވެމުން ދިޔަ ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިންކަން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
އެހެންކަމުން، ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓް ވެވުނީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއެކު ކަމުގައިވިޔަސް އަހްމެޓް އައިޑެނިޒް މޯލްޑިވްސް ރަޖިސްޓްރީ ކުރުމަށްފަހު އެ ކޮންޓްރެކްޓު ގައިވާ ކަންކަން ތަންފީޒު ކުރަމުން ދިޔައީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިންނެވެ. އަދި ފަހުން ގދ. މަގުއްދުއާ އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ނަމަށް ބަދަލު ކުރެވި، މިހާރު އެ ރަށުގައި އަޔާޑާ މޯލްޑިވްސް ނަމުގައި ރިޒޯޓެއް ހިންގަނީވެސް އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިންނެވެ. އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏަކުން ނޫނެވެ. މިކަން، ދަށު ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުން ތަކުންނާއި ޝަރުޢީ އެކި މަރުޙަލާގައި އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ދައްކާފައިވާ ވާހަކަތަކުން ވެސް ޔަގީން ވެއެވެ.
މިގޮތުން މި ރައުޔުގެ 7.3 ގައި އިޝާރާތްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސް ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާ އަށް ބެލުމުންވެސް އެނގެއެވެ. އެ ނުކުތާ ގައި އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ބަޔާންކޮށްފައިވާ ގޮތުން، ކުރިމަތީގައި މި އޮތް މައްސަލައިގައި ހިމެނޭ ދަރަނި ފައިސާ ދެއްކުމަށް އޮތް އުޒުރަކީ، ޖީ އެކްސް އެސޯސިއޭޓްސް އާ ޙަވާލުކުރެވުނު މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ކަނޑައެޅިފައިވާ ފެންވަރުގައި ނިންމާފައި ވޭތޯ ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް ވަޒަންކުރެވިފައި ނުވާ ކަމަށް ބުނެ މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ތައުނުކޮށްފައިވާ ކަން ފާހަގަކުރަމެވެ. ނަމަވެސް، މި ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެފައި ނުވަނީ ދަށު ކޯޓުގައި، މި މައްސަލަ ކުރިއަށް ދިޔައިރު އަހްމެޓް އައިޑެނިޒް މޯލްޑިވްސް އެ ކަމާގުޅޭ ގޮތުން ވާހަކަ ދައްކާފައި ނުވާތީ އެވެ.
އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މި މުއާމަލާތާ ގުޅޭގޮތުން އަހްމެޓް އައިޑެނިޒް މޯލްޑިވްސް އާ ކުރެވުނު ސުވާލު ތަކާއި، އެ ސުވާލު ތަކުގެ ޖަވާބުގައި ދިން ތަފްސީލު ތަކާއި އަދި މުއާމަލާތާ ގުޅޭގޮތުން ޝަރީޢަތުން ފޯރުކޮށްދޭން އެދުނު ކޮންމެ ލިޔުމެއް ލަހެއް ފަހެއް ނެތި ފޯރުކޮށްދީ، މި މަގުން ކަންކަން ހިނގާފައި ވާތީވެ، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނިން ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓް ގައި ސޮއިކުރި ކަމުގައި ވިޔަސް، ފަހުން އެ ކޮންޓްރެކްޓުގެ ހުރިހާ އިލްތިޒާމު ތަކާއި ޒިންމާތައް ވަނީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ފަރުއީ ނުވަތަ ސަބްސިޑަރީ ކުންފުނީގެ (އަހްމެޓް އައިޑެނިޒް މޯލްޑިވްސް) މައްޗަށް ނަގުލު ކޮށްފައިވާ ކަމަށް ދޭހަ ވެއެވެ.
އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ދަރަނި ދެއްކުމަށް ދީފައިވާ ޔަޤީންކަންއަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ދަރަނި ފައިސާ ދެއްކުމަށް އިއުތިރާޟު ކުރަނީ ތިން ސަބަބެއް ކުރިމަތިކޮށެވެ. އަދި އެއީ އިސްތިއުނާފު ކުރާ ފަރާތުން މި އިސްތިއުނާފު ބިނާކުރި ސަބަބުތަކެވެ.
(ހ) ފުރަތަމަ ކަމަކީ، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްސިއްޔަތެއް ކަމުގައިވާއިރު، އެ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ކުންފުންޏަކުން ކަމާއި، އަދި މި އުޞޫލުން އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ދަރަންޏަކަށް އެއީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ޒިންމާވާން ނުޖެހޭކަން.
(ށ) ދެވަނަ ކަމަކީ، ކޮންޓްރެކްޓެއް ދެމިގެން ދަނީ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަބުދައުގެ މައްޗަށް ކަމަށް ވާހިނދު، އެ ކޮންޓްރެކްޓުގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ދަރަންޏެއް ލާޒިމް ނުކުރެވޭނެ ކަން.
(ނ) ތިންވަނަ ކަމަކީ، ކޮންޓްރެކްޓުގެ ބައިވެރިން ޢަމަލުކުރުން ލާޒިމުކުރަނީ އެ ކޮންޓްރެކްޓުގައިވާ ގޮތުގެމަތިން ކަމާއި އަދި އެ ނޫން ގޮތަކަށް ޢަމަލުކުރެވޭނީ ލުޔެއްދީފި ކަމުގައި ވާނަމަ ނުވަތަ އެ ނޫން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެ ކަމުގައި ވާނަމަ ނުވަތަ މުއާމަލާތެއްގައި ތިންވަނަ ފަރާތަކުން ޒިންމާ މަތިކުރެވެނީ އެ ކަމަށް އެ މުއާމަލާތުގައި ގެރެންޓީދީފައި ވާނަމަކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން ދަރަނި ފައިސާ، އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައްޗަށް ލައްވާފައި ވަނީ، ކަންހިނގާދިޔަ ގޮތަށް ބަލައި، ކޮންޓްރެކްޓު ކުރެވުނީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނިން ކަމުގައި ވިޔަސް ފަހުން އެ ދަރަނި ފައިސާ ދެއްކުމާ ގުޅޭގޮތުން އެ ކުންފުންޏާއި ޖީ އެކްސް އެސޯސިއޭޓްސް އާ ވަކި ގޮތަކަށް އެއްބަސްވެ އަދި މިގޮތުން އެއްބަސް ވެވުނީ ތިންވަނަ ފަރާތަކުން، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ފަރުއީ ނުވަތަ ސަބްސިޑަރީ ކުންފުންޏަކުން އެ ފައިސާ ދެއްކުމަށެވެ. އެއީ، އަހްމެޓް އައިޑެނިޒް މޯލްޑިވްސް އެވެ. މިކަމަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސް ރުހި އެ ދަރަނި ފައިސާ ދެއްކުމަށް ޔަޤީންކަން ދީފައި ވާކަން ކުރެވިފައިވާ މުއާމަލާތު ތަކުން ފެންނަން އޮވެއެވެ. އަދި މިއީ މި ރައުޔުގެ 29 ވަނަ ޕެރެގްރާފުގެ (ނ) ގައި އިސްތިއުނާފު ކުރާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން އިޝާރާތް ކޮށްފައިވާ ޙާލަތު ވުޖޫދު ވުމެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ދަރަނި ފައިސާއަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ޒިންމާ ވާންޖެހޭ ކަމަށް ކަނޑައަޅާފައި އޮތުމަކުން އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ފާހަގަކުރާ ކުންފުނީގެ ޤާނޫނީ ޝަޚްސިއްޔަތަށް އުނި ކަމެއް ނާދެއެވެ. އަދި އެ ދަރަނި ލެއްވުމުގައި، ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަބުދައު އެއްކިބާ ކޮށްފައެއް ވެސް ނުވެއެވެ.
އެކްޗުއަލް އޮތޯރިޓީ އަދި އެޕެއަރެންޓް އޮތޯރިޓީ
ކުންފުންޏަކީ މައުނަވީ ޝަޚުސެކެވެ. ކުންފުނީގެ ފަރާތުން މުއާމަލާތުކޮށް ކަންކަން ނިންމަނީ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ބޯޑުގެ ބެލުމުގެ ދަށުން ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުން ނުވަތަ އޮފިސަރުންނެވެ. މިގޮތުން ކުރެވޭ މުއާމަލާތު ތަކުގެ ތަބީޢަތަކީ އެ ކުންފުންޏެއްގެ މައްޗަށް ބަނދެވޭ ކަންކަމެވެ. މިކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާ ބެލުމުން އެނގެއެވެ. މި ގަޟިއްޔާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައި ވެއެވެ.
"...ކުންފުނީގެ ފަރާތުން ބާރުލިބިފައިވާ ކޮންމެ ފަރާތެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ކުންފުނީގެ މުވައްޒަފެއް ނުވަތަ އެޖެންޓެއް ކަމުގައިވިޔަސް ކުންފުނީގެ ފަރާތުން މުއާމަލާތު ކޮށްފައިވާނަމަ އެކަމަކީ ޞައްޙަމަގުން ހިނގާފައިވާ ކަމަށް ބަލައި ގަނެވޭނެ މުއާމަލާތު ތަކެވެ."
ކުންފުނީގެ ފަރާތުން ބާރު ލިބިގެން ކުރާ މުއާމަލާތުތައް ބައެއް ފަހަރު ފެންނަން ހުންނަނީ ވަކި ކަމެއް ނުވަތަ ކަންތައް ތަކެއް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދެވިފައިވާ އެކްޗުއަލް އޮތޯރިޓީ އެއްގެ ގޮތުގައެވެ. އަނެއް ބައި ފަހަރު އެޕެއަރެންޓް ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީ އެއްގެ ގޮތުގައެވެ.
އެކްޗުއަލް އޮތޯރިޓީ އަކީ އެޖެންސީގެ ހަމަތަކުގެ މަތިން ޕްރިންސިޕަލަކު އޭނަގެ އެޖެންޓަކަށް ސަރީޙަ ބަހުން ނުވަތަ ޒިމްނީކޮށް ދޫކުރެވޭ ބާރެވެ. ކުންފުންޏަކަށް ބަލާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމުމެއް ނިންމައި، ވަކި ކަމެއް ނުވަތަ ކަންތަކެއް ކުރުމަށް ވަކި ޑިރެކްޓަރަކަށް ނުވަތަ ޑިރެކްޓަރުން ތަކަކަށް ލިޔުމުން އައްޔަންކޮށްފައިވާ ނަމަ އެއީ ސަރީޙަ ބަހުން ދީފައިވާ ބާރެކެވެ. ބައެއްފަހަރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކި ކަމެއް ކުރުމަށް ބާރުދީފައި ނެތްކަމުގައި ވިޔަސް، ހުންނަ މަގާމުގެ ގޮތުން، މިސާލަކަށް އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އާންމު ގޮތެއްގައި ދުވަހުން ދުވަހަށް ކުންފުނީގައި ހިނގާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ފަރާތެވެ. މިގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ސަރީޙަ ބަހުން ލިޔުމުން ފެންނަން ނުހުރެދާނެ އެވެ. ނަމަވެސް، އެ މަގާމުގެ ތަބީޢަތުން އަދާކުރަން ޖެހިދާނެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ޒިމްނީގޮތުން އިޚްތިޔާރާއި ބާރު ކުންފުނީގެ ފަރާތުން އޭނާއަށް ލިބިދީފައި ވެއެވެ. މި އުޞޫލު ވަކިވަކި ޑިރެކްޓަރުންނަށް ޚާއްސަ ޒިންމާތައް ޙަވާލުކުރެވޭއިރުވެސް ހިނގާނެއެވެ.
އެޕެއަރެންޓް އޮތޯރިޓީ ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީ އަކީ، އެޖެންސީގެ ހަމަތަކުގެ މަތިން، ޕްރިންސިޕަލް އާއެކު އޭޖެންޓް އަކަށް ތިންވަނަ ފަރާތަކާ އެކު މުއާމަލާތްކުރުމުގެ ބާރު ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ އޮތޯރިޓީ އެވެ. ކުންފުންޏެއްގެ މިސާލަށް ބަލާނަމަ، ކުންފުންޏަކީ ޕްރިންސިޕަލެވެ. ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި ކުންފުނީގެ ޑިރެކްޓަރެއް ނުވަތަ މުވައްޒަފަކު ތިންވަނަ ފަރާތަކާއެކު ކުރާ މުއާމަލާތުތައް ނުވަތަ ވެވޭ އެއްބަސްވުންތައް ކުންފުނިން އެފަދަ މުއާމަލާތެއް ނުވަތަ އެއްބަސްވުމެއް ވުމަށް ސާފު ނިންމުމެއް ނެތް ކަމުގައި ވިޔަސް އެ މައްޗަށް ކުންފުނި ބަނދެވޭނެއެވެ. މިއުޞޫލު ނަގަހައްޓަނީ ކުންފުންޏާއެކު މުއާމަލާތު ކުރާ ފަރާތްތަކުގެ މަސްލަޙަތުގައެވެ. އަދި މިކަމަށްޓަކައި، ކުންފުނީގެ ފަރާތުން ތިންވަނަ ފަރާތަކާ މުއާމަލާތުކޮށްފައި އޮތުމާއި އަދި ކުންފުނި ތަމްސީލު ކުރިފަރާތަކީ، އެކަމުގެ އިޚްތިޔާރާއި ބާރު އޮތްފަރާތެއް ކަމަށް ތިންވަނަ ފަރާތަކުން ގަބޫލު ކޮށް އެކަމަށް ބަރޯސާ ވުން ހިމެނެއެވެ. ބައެއް ފަހަރު، އެކްޗުއަލް އޮތޯރިޓީ އާއި އެޕެއަރެންޓް އޮތޯރިޓީ އެކު އެކީގައި ހިނގާ ފަހަރުވެސް އަތުވެދާނެއެވެ. އޭގެ މިސާލަކީ، ކުންފުނިން ބޭރު މީހެއްގެ ވިސްނުމުގައި ނުވަތަ ތިންވަނަ ފަރާތެއްގެ ނަޒަރުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ، ކުންފުނީގެ ކަންކަން ނިންމުމުގައި ނުވަތަ މުއާމަލާތު ކުރުމުގައި އެކްޗުއަލް އޮތޯރިޓީ އޮންނާނެ މީހުން ނެވެ. އެކަމަށް އޭނާ ބަރޯސާވެފައި ވާނަމަ، ޑިރެކްޓަރަކަށް ހުއްދަ ކުރެވިފައިވާ އެކްޗުއަލް އޮތޯރިޓީގެ ހުދޫދުން ބޭރުވެފައި ވިކަމުގައިވިޔަސް އެޕެއަރެންޓް އޮތޯރިޓީގެ މަންފާ ލިބި، ކުންފުނިން ކުރެވިފައިވާ މުއާމަލާތުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.
ބަޔާންވެ ދިޔަ އުޞޫލުން ހުށަހެޅިފައިވާ މި މައްސަލައި ގައި، އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ޑިރެކްޓަރު ފިރާޓް އައިޑެނިޒް އެ ކުންފުނީގެ ފަރާތުން ޖީ އެކްސް އެސޯސިއޭޓްސް އަށް މުއާމަލާތު ކުރަމުން ދިޔައީ އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުނީގެ ވެސް އަދި އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ އެކްޗުއަލް އޮތޯރިޓީ އާއި އެޕެއަރެންޓް އޮތޯރިޓީގެ މައްޗަށް ބިނާކޮށެވެ.
ޖީ އެކްސް އެސޯސިއޭޓްސްގެ ނަޒަރުގައި ފިރާޓް އައިޑެނިޒް އަށް އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ފަރާތުން މުއާމަލާތުކޮށް ކަންކަން ނިންމުމުގެ ބާރު ލިބިފައި ނުވާކަމަށް ޝައްކު ކުރާނެ އެއްވެސް މަހައްލެއް ނެތެވެ. ސަބަބަކީ، ފެށުނީއްސުރެ، ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓް އާ ގުޅިގެން އެ ކޮންޓްރެކްޓު ގައި ސޮއިކޮށް، ބައްދަލުކޮށް ވާހަކަ ދެކެވި، ލިޔުމުންނާއި އެ ނޫން ގޮތް ގޮތުން ސީދާ ޖީ އެކްސް އެސޯސިއޭޓްސް އާ މުއާމަލާތު ކުރަމުން ދިޔަ އެންމެ އިސް ފަރާތަކީ ފިރާޓް އައިޑެނިޒް ކަމުގައި ވާތީ އެވެ. ދަރަނި ފައިސާ ހޯދުމަށް އަޅަންވީ ފިޔަވަޅުތައް ފިރާޓް އައިޑެނިޒް ދެއްކި މަގުން ޖީ އެކްސް އެސޯސިއޭޓްސް އަޅައި، އެކަމަށް ބަރޯސާވެފައި ވަނިކޮށް މިހާރު އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ދަރަނި ފައިސާ ދެއްކުމަށް ވެފައިވާ ވަޢުދުން އެއްކިބާ ނުވެވޭނެ އެވެ. ދައްކަން ޖެހެނީ އެ ކުންފުނީގެ މުދަލަކާ ގުޅިފައިވާ ދަރަންޏެކެވެ. ކުރެވުނު މަސައްކަތަކީ އެ ކުންފުނީގެ ނަމުގައިވާ ރަށެއް ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތެވެ.
ވުމާއެކު، ބަޔާންވެ ދިޔަ އުޞޫލުން ހުށަހެޅިފައިވާ މި މައްސަލައި ގައި، އަހްމެޓް އައިޑެނިޒް ތުރުކީ ކުންފުންޏާއި އަދި އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ ޑިރެކްޓަރެއްގެ ގޮތުގައި ފިރާޓް އައިޑެނިޒް ހުރެ ދަރަނި ފައިސާ ދައްކާނީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ކަމަށް ނިންމައި، އެކަމަށް ޖީ އެކްސް އެސިއޭޓްސް އިން ބަރޯސާވެފައި ވާތީވެ، ދަރަނި ފައިސާ އަކީ މިހާރު އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައްޗަށް އޮތް ދަރަންޏެއް ކަމަށް އަހުރެން ދެކެމެވެ.
އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައްޗަށްވާ ދަރަންޏެއް ކަމަށް ސާބިތުވާކަމަށް ކަނޑައެޅުން
ބަޔާންވެ ދިޔަ ކަންކަމުގެ އަލީގައި، ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ކޮންޓްރެކްޓުގެ ދަށުން ޖީ އެކްސް އެސޯސިއޭޓްސް އަށް ދައްކަންޖެހޭ ދަރަނި ފައިސާ އަކީ، އަހްމެޓް އައިޑެނިޒް މޯލްޑިވްސްގެ މައްޗަށް އޮތް ދަރަންޏެކެވެ.
އަދި މި މައްސަލައި ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ދެކޭ ހިނދު، ޚުސޫމަތު އުފެދިފައިވާ ޖީ އެކްސް އެސޯސިއޭޓްސް އަށް ލިބެންޖެހޭ ފައިސާ އަކީ އަހްމެޓް އައިޑެނިޒް މޯލްޑިވްސް އިން ދައްކަންޖެހޭ ދަރަންޏެއް ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/205 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/205 ޤަޟިއްޔާ ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/205 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.