ސުޕަރ ވިޝަން އޮޕްޓިކަލް ޕވޓ ލޓޑ (ގްރޭސް ބިލްޑާރސް ޕވޓ ލޓޑ) ވ. ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/583
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޕާރޗޭސް އޯޑަރާއި ޓެކްސް އިންވޮއިސްއާއި ކުންފުނީގެ ސިއްކަ ޖަހައި ޑިރެކްޓަރުގެ އަމިއްލަ އެކައުންޓުން ދޫކުރި ޗެކުން މުދާ ވިއްކުމުގެ ކޮންޓްރެކްޓެއް ސާބިތުވޭތޯ؛ އަދި ކުންފުނީގެ ޙިއްޞާދާރުން ބަދަލުވުމުން، އޭގެ ކުރިން އުފެދުނު ދަރަނީގެ އިލްތިޒާމުން ކުންފުނި ބަރީއަވޭތޯ، އަދި މެނޭޖިންގ ޑިރެކްޓަރުގެ އަމިއްލަ އެކައުންޓުގެ ޗެކުގެ ޒިންމާ ކުންފުންޏަށް އުފުލަންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގެ ނިންމުންތަކުގެ ޞައްޙަކަމާ މެދު ސުވާލު އުފައްދާފައިވާނަމަ އެ ނިންމުންތަކުގެ ޞައްޙަކަން ސުޕްރީމް ކޯޓުން ކަށަވަރުކުރަންޖެހޭތީ، ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ނެތް ކަމަށް ބުނެ (ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ އުޞޫލަށް ހަވާލާދީ) ހުށަހެޅި އިޖުރާއީ އިޢުތިރާޟް ބަލައެއް ނުގަނެވުނެވެ.
HN2 ޕާރޗޭސް އޯޑަރަކީ މުދަލެއް ނުވަތަ ޚިދުމަތެއް ގަންނަން ބޭނުންވާ ފަރާތުން ވިއްކާ ފަރާތަށް ފޮނުވާ، އުފައްދަން ބޭނުންވާ އެއްބަސްވުމުގެ ޝަރުޠުތައް ބަޔާންކުރާ ޤާނޫނީ ހުށަހެޅުމެކެވެ؛ ވިއްކާ ފަރާތުން އެ ހުށަހެޅުން ޤަބޫލުކުރުމުން (މިސާލަކަށް، އޯޑަރުގެ ނަންބަރާއި ތަފްޞީލާ އެއްގޮތަށް ޓެކްސް އިންވޮއިސް ފޮނުވުމުން) ދެފަރާތް ބަނދެވޭ ޤާނޫނީ އެއްބަސްވުމަކަށް ވެގެންދެއެވެ.
HN3 ގަންނަ ކުންފުނީގެ ލެޓަރހެޑުގައި ސިއްކަ ޖަހައި މެނޭޖިންގ ޑިރެކްޓަރ ސޮއިކުރި ޕާރޗޭސް އޯޑަރާއި، އޭގެ ތަފްޞީލާ އެއްގޮތްވާ ޓެކްސް އިންވޮއިސްއާއި، އެ އަގަށް ކުންފުނީގެ ސިއްކަ ޖަހައި ދޫކުރި ޗެކުން، ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައިވާ ފަދަ މުދާ ވިއްކުމުގެ ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަން ސާބިތުވެއެވެ.
HN4 ރަޖިސްޓްރީކުރެވޭ ކުންފުންޏަކީ ހިއްސާދާރުންނާއި ޑިރެކްޓަރުންނާ ވަކިން އުފެދިފައިވާ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ؛ ކުންފުނީގެ ނަން ބަދަލުވުމަކުން ނުވަތަ ޙިއްޞާއާއި ޙިއްޞާދާރުން ބަދަލުވުމަކުން (މިލްކުވެރިކަމަށް އަންނަ ބަދަލަކުން) ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތަށާއި އިލްތިޒާމުތަކަށް ބަދަލެއް ނާދެއެވެ، އަދި އެ ބަދަލުގެ ކުރިން އުފެދުނު ދަރަނީގެ އިލްތިޒާމުން ކުންފުނި ބަރީއައެއް ނުވެއެވެ.
HN5 ޙިއްޞާ ބަދަލުކުރުމުގައި ކުރީގެ މެނޭޖިންގ ޑިރެކްޓަރު ކުންފުނީގައި ދަރަންޏެއް ނެތް ކަމަށް ދިން ޔަޤީންކަމެއް ޙަޤީޤަތާ ޚިލާފުނަމަ، އެއީ ކުންފުނި ދަރަނީގެ ޒިންމާއިން ބަރީއަކުރާ ކަމެއް ނޫނެވެ؛ އެ ފަރާތާ ދެކޮޅަށް ޙައްޤު ހޯދުމަކީ މަޞްލަޙަތު އޮތް ފަރާތަކަށް ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމެކެވެ.
HN6 ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ އެޖެންޓަކު ކުންފުނީގެ ފަރާތުން ކުންފުނީގެ ނަމުގައި ކުރާ މުޢާމަލާތަކީ ކުންފުނިން ކުރި މުޢާމަލާތެއް ކަމުގައި ބެލެވޭނެއެވެ، އަދި ތިންވަނަ ފަރާތުގެ ކުރިމަތީގައި އޭގެ ޒިންމާ އުފުލަންޖެހޭނީ ކުންފުންޏެވެ (ކާސްޓްއަވޭ [2021] SC 27، އަހްމެޓް އައިޑެނިޒް [2023] SC 35، ޑރ. އަލަކާ ސިންގް [2024] SC 57).
HN7 ކުންފުނީގެ މާލީ ޒިންމާއެއް އަދާކުރުމަށް މެނޭޖިންގ ޑިރެކްޓަރުގެ އަމިއްލަ އެކައުންޓުން ދޫކުރާ ޗެކުގައި ކުންފުނީގެ ސިއްކަ ޖަހާފައިވާނަމަ، އެއީ އާންމު އުޞޫލާ ޚިލާފު ކަމެއް ނަމަވެސް ހެޔޮ ނިޔަތުގައި ކުރުން މަނާކުރާ ޤާނޫނީ ނައްޞެއް ނެތުމުން ހެޔޮ ނިޔަތުގައި ކުރި ކަމެއް ކަމަށް ބަލަންޖެހެއެވެ؛ ހެކިން އެ ޗެކަކީ ކުންފުނީގެ މުޢާމަލާތާ ގުޅިގެން ދޫކުރި ޗެކެއްކަން ދަލާލަތުކުރާނަމަ، އޭގެ ޒިންމާ އުފުލަންޖެހޭނީ ކުންފުންޏެވެ.
HN8 ދަށު ކޯޓުގައި ބަހުސްކުރެވި ޙުކުމް ބިނާކުރި ނުކުތާއެއް، ހައިކޯޓަށް އިސްތިއުނާފުގެ ނުކުތާއެއްގެ ގޮތުގައި ހުށަނާޅުނު ނަމަވެސް، ހައިކޯޓުގެ ނިންމުމުގައި އެކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު ހުޅުވިފައި އޮތްނަމަ، އެ ނުކުތާއާ މެދު ސުޕްރީމް ކޯޓުން މައުޟޫޢީ ގޮތުން ބަހުސްކުރުމަށް ހުރަހެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްޣަނީ މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/583 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި، ސުޕަރ ވިޝަން އޮޕްޓިކަލް ޕވޓ ލޓޑ (މީގެފަހުން "ސުޕަރިވިޝަން އޮޕްޓިކަލް" ކަމަށް ބުނެފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން، މިކޯޓުގެ ނަންބަރު 2024/SC-A/47 ޤަޟިއްޔއިނާ ބަލާފައިވާ މައްސަލަ އެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ބެސްޓް އޮއިލް ކޮމްޕެނީ" ކަމަށް ބުނެފައިވާ) އެވެ.
މައްސަލައިގެ ފަސްފަހަތް
2މި މައްސަލައިގައި ސިވިލް ކޯޓުގެ މަރުޙަލާގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާގައި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބަލާއިރު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ތިރީގައި އެވަނީ އެވެ.
2.1 މި މައްސަލައިގައި ބަޔާންކުރާ ޑީސަލްގެ މުޢާމަލާތް ހިނގިއިރު، މި މައްސަލަ އިސްތިއުނާފުކުރާ ސުޕަރިވިޝަން އޮޕްޓިކަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ނަމަކީ، ގްރޭސް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް އެވެ. އެހެންކަމުން މި މައްސަލައިގައި ބަޔާންކުރެވިފައިވާ ޑީސަލް ގަތުމުގެ މުޢާމަލާތް ހިނގާފައިވާ ތާރީޚު (14 އޮގަސްޓް 2016) އިން ފެށިގެން މައްސަލައިގެ ކަންހިގާފައިވާގޮތް މިރިޕޯޓ ކިޔާ މީހަކަށް ފަސޭހަކަމާއެކު ވިސްނައިގަތުމަށްޓަކައި، މި ރިޕޯޓުގައި، ސުޕަރިވިޝަން އޮޕްޓިކަލްގެ ނަމާއެކު ގްރޭސް ބިލްޑަރސް ގެ ނަން [ސުޕަރިވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް)] މިގޮތަށް ގިނަ ފަހަރު ބޭނުންކޮށްފައި ވާނެއެވެ. އަދި ބައެއް ތަންތަނުގައި ހަމަ އެކަނި ގްރޭސް ބިލްޑަރސް ގެ ނަން ބޭނުންކޮށްފައި ވާނެއެވެ.
2.2 ސުޕަރ ވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން (އެއްލައްކަ) ލީޓަރުގެ ޑީސަލް ގަންނަން ބޭނުންވި ހިނދު، އެކަމަށް ބޭނުންވާ ޕާޗޭސް އޯޑަރ، ބެސްޓް އޮއިލް ކޮމްޕެނީ އަށް ފޮނުވާފައިވެއެވެ. އެއީ 14 އޮގަސްޓް 2016 ގައެވެ. އަދި އެ ޕާޗޭސް އޯޑަރ ގައި، އެ (އެއްލައްކަ) ލިޓަރ ގެ ޑީސަލް ގަތުމަށް ހުށަހަޅާފައިވާ އަގަކީ، ލިޓަރެއް 7.60ރ. ގެ ރޭޓުން ޖުމްލަ 760،000.00 (ހަތްލައްކަ ފަސްދޮޅަސް ހާސް) ކަމަށް ބަޔާންކޮށްފައި ވެއެވެ.
2.3 ބަޔާންކުރެވުނު ޕާޗޭސް އޯޑަރ ބެސްޓް އޮއިލް ކޮމްޕެނީ އަށް ލިބުމާއެކު، ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުން ގްރޭސް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްއަށް 760،000.00 (ހަތް ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާގެ އަގަށް (އެއްލައްކަ) ލީޓަރުގެ ޑީސަލް ވިއްކުމަށް އެއްބަސްވެ، ޓެކްސް އިންވޮއިސް އެއް ފޮނުވާފައިވެއެވެ. މި ޓެކްސް އިންވޮއިސްގައިވާ ތާރީޚަކީ 16 އޮގަސްޓް 2016 އެވެ.
2.4 ތިންވަނަ ލިޔުމަކަށް މި މައްސަލައިގައި ހުށަހެޅިފައިވަނީ 15 ސެޕްޓެމްބަރ 2016 ގައި ފައިސާ ނެގޭގޮތަށް ދޫކޮށްފައިވާ ޗެކެކެވެ. މި ޗެކުގައިވާ ޢަދަދަކީ، 760,000/- (ހަތް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ އެވެ. މި ޗެކުގައި ގްރޭސް ބިލްޑަރސް ގެ ތައްގަނޑު ޖަހާފައިވެއެވެ. އަދި މި ޗެކް ބައުންސްވެފައިވާކަން އަންގައިދޭ ސްލިޕް މި މައްސަލައިގައި ހުށަހެޅިފައި ވެއެވެ.
2.5 ބަޔާންކުރެވުނު ޗެކު ބައުންސްވިކަން އަންގައި ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގްރޭސް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްއަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައިވާ ތާރީޚަކީ، 12 ޑިސެމްބަރ 2016 އެވެ. އެ ސިޓީ ލިބޭތާ 7 ދުވަހުގެ ތެރޭގައި، ޗެކުގައި ބަޔާންކުރާ ފައިސާއާމެދު ގޮތެއް ނުނިންމައިފިނަމަ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ ދަށުން ޢަމަލުކުރެވެމުން ދާނެކަން އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
ސިވިލް ކޯޓުގެ މަރުޙަލާ
3މި މައްސަލައިގައި ސިވިލް ކޯޓުގައި ދަޢުވާކުރި ފަރާތަކީ، ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ. އެކުންފުނީގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ސުޕަރިވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ އެދުމުގެ މަތިން ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ވިއްކާފައިވާ ޑީސަލްގެ އަގަށް ދައްކަންޖެހޭ 760,000/- (ހަތްލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ދައްކާފައި ނުވާކަމަށް ބުނެ، އެފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާ އެކެވެ.
4ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން އެ ދަޢުވާއަށް ސިވިލް ކޯޓުގައި އިންކާރުކޮށްފައިވެއެވެ. އަދި އެކުންފުނީގެ އިންކާރު ބިނާކޮށްފައިވަނީ، އަންނަނިވި ދެ ސަބަބުގެ މައްޗަށެވެ.
4.1 ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ މުދާ (ޑީސަލް)، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) އަށް ލިބިފައިވާކަން އެކުންފުނީގެ ލިޔުންތަކުން އެނގެން ނެތްކަން؛
4.2 ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވިކަމަށް ބުނާ އިންވޮއިސް، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) އަށް ލިބިފައިވާކަން އެނގެންނެތްކަން؛ ސިވިލް ކޯޓުން ނިންމި ގޮތް
5ސިވިލް ކޯޓުގެ ނަންބަރު 972/Cv-C/2019 ޤަޟިއްޔާގައި އަންނަނިވި ކަންކަން ކަނޑައަޅައި ވެއެވެ.
5.1 ދަޢުވާކުރާ ބެސްޓް އޮއިލް ކޮމްޕެނީ ގެ ފަރާތުން، ދަޢުވާގައި ބަޔާންކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތް ކޮށްފައިވަނީ، ގްރޭސް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކުގައިކަމާއި، އެ ކުންފުނީގެ ނަން، ސުޕަރ ވިޝަން އޮޕްޓިކަލް ޕްރައިވެޓް ލިމިޓެޑްގެ ނަމަށް 01 ނޮވެނބަރް 2018 ގައި ބަދަލުކޮށްފައިވާކަން؛
5.2 ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުނުވާ ކަމަށް އެ މައްސަލައިގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ. އެ ޙުކުމް ބިނާކުރި ސަބަބުތަކަކީ؛
5.3 ބެސްޓް އޮއިލް ކޮމްޕެނީ ގެ ފަރާތުން ހުށަހެޅި އެ ކުންފުނީގެ ޓެކްސް އިންވޮއިސް ގައި ބަޔާންކޮށްފައިވާ، ތެލާ ހަވާލުވި ފަރާތެއް އެނގެން ނެތުމުންނާއި، ތެޔޮ ރައްދު ކޮށްދެވުނުކަން އެނގޭނެ އެއްވެސް ލިޔުމެއް އަދި ޝަފަހީ ހެއްކެއްވިޔަސް ހުށަހަޅާފައި ނުވާތީ، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) އާ މުދާ (ޑީސަލް) ހަވާލުކުރެވިފައި ވާކަމުގައި ބެލެން ނެތްކަން؛
5.4 ޝަރީޢަތަށް ހުށަހަޅާފައިވާ ޗެކަކީ އަޙްމަދު ނިޝާން ކިޔާ މީހެއްގެ ނަމުގައިވާ އެކައުންޓުގެ ޗެކެއްކަން އެނގެން އޮތުމުން އެ ޗެކުގެ ޒިންމާއަކީ ގްރޭސް ބިލްޑަރސް އިން ނަގަންޖެހޭ ޒިންމާއެއްކަމުގައި ބެލެވެން ނެތްކަން؛
5.5 ގްރޭސް ބިލްޑަރސްގެ ނަމުގައިވާ ޕާޗޭސް އޯޑަރއަކީ ޑީސަލް ވިއްކައި ތެޔޮ ސަޕްލައި ކޮށްދީފައިވާކަން ދަލީލުކޮށްދޭ ކާފީ ހެއްކެއް ނޫންކަން؛ މިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ
6ސިވިލް ކޯޓުގެ ނަންބަރު 972/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ، ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުންނެވެ. އެގޮތުން އެފަރާތުގެ އިސްތިއުނާފުގައި 4 ނުކުތާއެއް ފާހަގަކޮށްފައި ވެއެވެ. އަދި އެ 4 ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަމަކީ، އެކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާ ސާބިތު ނުވާކަމަށް އެކޯޓުން ޙުކުމް ކުރައްވާފައިވަނީ، މައްސަލައާއެކު ހުށަހެޅި ޑޮކިއުމެންޓްރީ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާތަކެކެވެ.
7ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބެލުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/583 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އެމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. އެ ޙުކުމުގައި، ބެސްޓް އޮއިލްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން ބެސްޓް އޮއިލްގެ ފަރާތުން ހޯދުމަށް އެދިފައިވާ -760,000 (ހަތްލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއަކީ ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ބެސްޓް އޮއިލް ކޮމްޕެނީ އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ. އަދި އެޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔު ބިނާކޮށްފައިވާ މައިގަނޑު ނުކުތާތައް ތިރީގައި އެވަނީ އެވެ.
7.1 މައްސަލައިގައި ބަޔާންކުރާ މުޢާމަލާތް ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ޕާޗޭސް އޯޑަރާއި ޓެކްސް އިންވޮއިސް އަދި ގްރޭސް ބިލްޑަރސްގެ ތައްގަނޑު ޖަހައި އަޙްމަދު ނިޝާންގެ އެކައުންޓުން ދޫކޮށްފައިވާ ޗެކުން، މުދާވިއްކުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ "މުދާވިއްކުމުގެ ކޮންޓްރެކްޓެއް" ވުޖޫދުވެފައިވާކަން އެނގެން އޮންނަކަން؛
7.2 ސިވިލް ކޯޓުން އެ ދަޢުވާ ސާބިތު ނުވާކަމަށް ނިންމި ނިންމުން ބިނާކުރި އެއް ޙަޤީޤަތަކީ ހުށަހަޅާފައިވާ ޗެކަކީ، އަޙްމަދު ނިޝާން ކިޔާ މީހެއްގެ އެކައުންޓުގެ ޗެކެއްކަން އެނގެން އޮތުން ކަމަށް ބަޔާން ކޮށްފައިވާއިރު، އަޙްމަދު ނިޝާނަކީ އެކުންފުނީގެ ކޮން މަޤާމެއްގައި ހުރި ކާކުކަން އެ ކޯޓުން ދެނެގަނެފައި ނުވާކަން؛
7.3 އަޙުމަދު ނިޝާންއަކީ އޭރު ގްރޭސް ބިލްޑަރސް ގެ 75% (ހައްދިހަ ފަހެއް އިންސައްތަ) ހިއްސާ މިލްކުވެފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން؛
7.4 ގްރޭސް ބިލްޑަރސް ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހިއްސާ ބަދަލުކުރުމުގައި ދީފައިވާ ޔަޤީންކަމާ ޚިލާފަށް ކަންކަން ހުރުމަކީ ގްރޭސް ބިލްޑަރސްގެ މިހާރުގެ ޙިއްޞާދާރުންނާ ދެމެދު އޮތް ވަކި މައްސަލައެއް ކަން؛ ސުޕްރީމް ކޯޓު ގެ މަރުޙަލާ
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/583 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސުޕަރ ވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑާރސް) ފަރާތުން ސުޕްރީމް ކޯޓަށް 3 (ތިނެއް) ނުކުތާ ހުށަހަޅާފައިވިޔަސް، އެ ތިން ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 972/Cv-C/2019 ޤަޟިއްޔާ އަކީ ގަނެވިއްކުމުގެ މުޢާމަލާތަކާއި ގުޅިގެން ފައިސާ ހޯދުމަށް ހުށަހެޅުނު ދަޢުވާއެއް ކަމުގައި ވީހިނދު، ދަށު މަރުޙަލާގައި ހުށަހެޅުނު ދަޢުވާގައި ދެފަރާތުގެ ދެމެދުގައި ގަނެވިއްކުމުގެ މުޢާމަލާތެއް ހިނގާފައިވާކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާއިރު، މުޢާމަލާތް ސާބިތު ކުރުމަށް ބޭނުންކުރި ވަސީލަތަކީ އެހެން ފަރާތެއްގެ ނަމުގައި ދޫކޮށްފައިވާ ޗެކެއް ކަމުގައިވެފައި، އެ ހެކިން ޤާއިމުވާ ޙުއްޖަތާއި ޗެކް ދޫކުރި ފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން އޮތް ޒިންމާއަށް ރިޢާޔަތްކުރުމެއްނެތި، ޗެކްގައި ބަޔާންކުރާ ފައިސާގެ ޒިންމާ، ސުޕަރ ވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) އިން ނެގުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/583 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ގެއްލޭގޮތަށް، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނަށް ކަމުގައި ބަޔާންކުރާ މާއްދާއާއި ޚިލާފަށް ކަމަށް ބުނުމެވެ.
އިސްތިއުނާފު ނުކުތާތަކާ ގުޅޭ އިޖުރާއީ އިޢުތިރާޟް
9ސުޕަރވިޝަން އޮޕް ޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަކީ ޤާނޫނީ ބަޙުޘެއްނެތް ނުކުތާތަކެއް ކަމަށްބުނެ، ސުޕްރީމް ކޯޓުގެ ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުކުރުމުން، މި ނުކުތާތަކުގެ މައްޗަށް ބިނާގޮތް އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމާމެދު ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުން މި ކޯޓުގައި އިޖުރާއީގޮތުން އިޢުތިރާޟް ކޮށްފައި ވެއެވެ.
އިޖުރާއީ އިއުތިރާޟްއާ މެދު ގޮތް ނިންމުން
10HN1ސުޕްރީމް ކޯޓުގެ ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވަނީ، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ނުވަތަ ޙައްޤުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންޞާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަޙުޘަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެ ކަމަށެވެ.
10.1 މި މައްސަލައިގައި ހިމެނޭ ދަޢުވާއަކީ ދެ ކުންފުންޏެއްގެ ދެމެދު ކުރެވުނު ގަނެވިއްކުމުގެ މުޢާމަލާތެއްގެ ތެރެއިން ލިބެންވާ ފައިސާ ހޯދުމުގެ މައުޟޫޢުގައި ކުރެވިފައިވާ ދަޢުވާއަކަށްވެފައި، މި ދަޢުވާގައި މުދާ ހޯދުމަށް އެދިފައިވަނީ، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ކަމުގައި ވީނަމަވެސް، އެމުދަލަށް ފައިސާދިނުމުގެ ގޮތުން ދޫކުރެވުނު ޗެކް ދޫކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ އަމިއްލަ އެކައުންޓުން ކަން؛
10.2 2016 ވަނަ އަހަރު ތެރޭގައި ހިނގި މި މުޢާމަލާތަށްފަހު، 2018 ވަނަ އަހަރުތެރޭގައި އެކުންފުނީގެ ޙިއްޞާ، ހިއްސާދާރުންނާއެކު ބަދަލުކޮށްފައިވެއެވެ. އޭގެފަހުން، މި މުޢާމަލާތަކީ މުދާ ހޯދުމަށް އެދުނު ގްރޭސް ބިލްޑަރސް ގެ ފަރާތުން ކޮށްފައިވާ މުޢާމަލާތެއްކަން އެ ކުންފުނީގެ ލިޔެކިޔުންތަކުން އެނގެން ނެތްކަމަށް މިހާރުގެ ސުޕަރވިޝަން އޮޕްޓިކަލް ގެ ފަރާތުން ބުނެ މި މުޢާމަލާތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެ ކުންފުނިން އިންކާރުކުރާ ކަން؛
10.3 އަދި މި މުޢާމަލާތަކީ ސާބިތުވާން ނެތް މުޢާމަލާތެއްކަމަށްބުނެ، ޗެކްގައިވާ ޒިންމާއަކީ ކުންފުނީގެ ޒިންމާއެއް ނޫންކަމަށް އެކުންފުނީގެ ފަރާތުން ފާހަގަކުރާކަން؛
11ބުނެވުނު ކަންކަމާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ޞައްޙަކަމާމެދު އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވާއިރު، އެނިންމުންތަކުގެ ޞައްޙަކަން ސުޕްރީމް ކޯޓުން ކަށަވަރު ކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އެހެންކަމުން، ބެސްޓް އޮއިލްސްކޮމްޕެއްނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޟު ބަލައިގަތުމަށް އަހުރެންނަކަށް ނުފެނުނެވެ.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަން ޖެހޭ ނުކުތާ
12މައްސަލައިގައި ހިމެނޭ ދެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ކަންތައްތަކަށް ބަލާއިރު، މި މައްސަލައިގައި މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ؛
12.1 މި މައްސަލައިގައި ގަނެވިއްކުމުގެ މުޢާމަލާތެއް ހިނގާފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ،
12.2 ކުންފުނީގެ ޙިއްޞާދާރުންނާއި އަދި ހިއްސާ އަށް އަންނަ ބަދަލުގެ ސަބަބުން އޭގެ ކުރިން އުފެދިފައިވާ ދަރަނީގެ އިލްތިޒާމްތަކުން ކުންފުނި ބަރީއަވާނެތޯ؛ މިއެވެ. ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަވެފައިވޭތޯ ބެލުން.
13HN2HN3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/583 ޤަޟިއްޔާގައި، "މުދާ ވިއްކުމުގެ ކޮންޓްރެކްޓް" އެއް ވުޖޫދުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ގޮތާމެދު މައްސަލަ އިސްތިއުނާފުކުރާ ސުޕަރރިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ސުވާލު އުފައްދާފައި ވެއެވެ. އެހެންކަމުން މިނުކުތާއަށް ބަލާލަމެވެ.
13.1 ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ވަނީ، "މުދާ ވިއްކުމަކީ އެމުދަލުގެ މިލްކުވެރިކަން، ވަކި އަގަކަށް، ވިއްކާ މީހާގެ ކިބައިން ގަންނަ މީހާއަށް ބަދަލުކުރުމަށް ވިއްކާ މީހާއާއި ގަންނަމީހާއާ ދެމެދުގައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް މިޤާނޫނުގައި ކިޔަނީ، މުދާ ވިއްކުމުގެ ކޮންޓްރެކްޓެވެ." މިފަދައިންނެވެ. އެހެންކަމުން މި ނުކުތާގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، މުދާ ވިއްކުމާބެހޭ ޤާނޫނުގައި ބުނާ "މުދާ ވިއްކުމުގެ ކޮންޓްރެކްޓް" އެއް ވުޖޫދުވެފައި ވޭތޯއެވެ؟
13.2 ޝަރީޢަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކަށް ބަލާއިރު، މިކަމާގުޅޭ ފުރަތަމަ ލިޔުމަކީ، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ބެސްޓް އޮއިލް ކޮމްޕެނީއަށް ފޮނުވާފައިވާ ޕާރޗޭސް އޯޑަރ އެވެ. އެ ޕާރޗޭސް އޯޑަރަކީ، ގްރޭސް ބިލްޑަރސް ގެ ލެޓަރހެޑުގައި އެކުންފުނީގެ ސިއްކަޖަހައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް ފޮނުވާފައިވާ ޕާރޗޭސް އޯޑަރ އެކެވެ. އެ ޕާރޗޭސް އޯޑަރުގައިވާ ނަންބަރަކީ، GB/PO2016/1282 އެކެވެ. އެހެންކަމުން "ޕާރޗޭސް އޯޑަރ" އަކީ ކޮބައިކަން ބަލައިލުން މުހިންމެވެ.
13.3 ޕާރޗޭސް އޯޑަރ އަކީ، މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަންނަން ބޭނުންވާ ފަރާތުން، އެ ޚިދުމަތެއް ނުވަތަ މުދަލެއް ވިއްކާ ފަރާތްތަކުގެ ތެރެއިން ގަންނަ ފަރާތް އިޚުތިޔާރުކުރާ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ފޮނުވާ ޤާނޫނީ ލިޔުމެކެވެ. ޚިދުމަތް ނުވަތަ މުދާ ގަންނަ ފަރާތުން ވިއްކާ ފަރާތަށް ޕާރޗޭސް އޯޑަރ ފޮނުވުމުން އެއީ ޤާނޫނީގޮތުން ހުށަހެޅުމެއް ހުށަހެޅުނީ އެވެ. އަދި އުފަންކުރަން މަސައްކަތްކުރާ އެއްބަސްވުމުގެ ޝަރުޠުތައް (Terms & Conditions) ބަޔާންކުރާ ލިޔުމަކީ އެ ޕާރޗޭސް އޯޑަރ އެވެ. އެހެންކަމުން ޚިދުމަތް ނުވަތަ މުދާ ވިއްކާ ފަރާތުން އެ ޕާރޗޭސް އޯޑަރ ޤަބޫލުކުރުމުން، އެއީ ދެފަރާތުގެ ދެމެދުގައި ބަނދެވޭ ޤާނޫނީ އެއްބަސްވުމަކަށް ވެގެންދެއެވެ.
13.4 މި މައްސަލައިގައި ހުށަހެޅިފައިވާ ގްރޭސް ބިލްޑަރސް ގެ ޕާރޗޭސް އޯޑަރަށް ބަލާއިރު، އެއީ ގްރޭސް ބިލްޑަރސް ލެޓަރހެޑުގައި ތައްޔާރުކޮށްފައިވާ ޕާރޗޭސް އޯޑަރެކެވެ. އޭގައި ޕީއޯ ނަންބަރު (GB/PO2016/1282) އާއި، މުދަލަށް އޯޑަރުކުރި ތާރީޚު (14 އޮގަސްޓް 2016) އާއި މުދާ ބޭނުންވާ ތާރީޚު (16 އޮގަސްޓް 2016) އާއި ގަންނަން ބޭނުންވާ މުދަލުގެ ނަމާއި (ޑީސަލް)، އެ މުދާ ގަންނަން ހުށަހަޅާ އަގު، ޔުނިޓް އަގު 7.60ރ.، ޖުމްލަ އަގު (-760،000ރ.) އަދި އެމުދާ ގަންނަން ބޭނުންވާ ކުއަންޓިޓީ (100000 ލީޓަރު) މި މަޢުލޫމާތުތައް ހިމަނާފައި ވެއެވެ.
13.5 މި މައްސަލައިގައި ބަޔާންކުރެވުނު ޑީސަލްގެ މުޢާމަލާތާއި ގުޅޭ ދެވަނަ ޑޮކިއުމެންޓު ކަމުގައިވާ ބެސްޓް އޮއިލް ކޮމްޕެނީގެ ޓެކްސް އިންވޮއިސް އަށް ބަލާއިރު، އެ ޓެކްސް އިންވޮއިސްގައި ހަވާލާ ދީފައިވާ ޕާރޗޭސް އޯޑަރގެ ނަންބަރަކީ، ހަވާލާ ދެވުނު ގްރޭސް ބިލްޑާރސް އިން ފޮނުވި ޕާރރޭސް އޯޑަރގައިވާ ނަންބަރ އެވެ. އަދި އެ ޕާރޗޭސް އޯޑަރގައިވާ އެހެނިހެން ތަފުސީލުތައް (މުދަލުގެ ބާވަތް، މުދަލުގެ މިންވަރު، މުދަލުގެ އަގު) އެ ޕާރޗޭސް އޯޑަރގައި ހުރިގޮތަށް މި ޓެކްސް އިންވޮއިސްގައި ބަޔާންކޮށްފައި ވެއެވެ.
13.6 އެހެންކަމުން ގްރޭސް ބިލްޑާރސް ގެ ފަރާތުން ބެސްޓް އޮއިލް ކޮމްޕެނީއަށް ފޮނުވި ޕާރޗސޭ އޯޑަރުގައިވާ ހުށަހެޅުމާއި އެއްގޮތަށް ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުން ޓެކްސް އިންވޮއިސް ފޮނުވުމުން، ޤާނޫނީ ގޮތުން ބެސްޓް އޮއިލް ކޮމްޕެނީއަށް ލިބުނު ހުށަހެޅުމާ އެއްގޮތަށް އެމުދާ ވިއްކުމަށް ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުން އެ ވަނީ އެއްބަސްވެފައެވެ.
13.7 ހަވާލާ ދެވުނު ޕާރޗޭސް އޯޑަރުގައި، ގްރޭސް ބިލްޑާރސް ގެ ފަރާތުން ގަންނަން ހުށަހެޅި ޑީސަލަށް ފައިސާ ދައްކާނެ ގޮތެއް ހުށަހަޅާފައި ނުވެއެވެ. ނަމަވެސް ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުން އެކުންފުނީގެ ޓެކްސް އިންވޮއިސް ގައި، އެ އިންވޮއިސަށް ފައިސާ ދައްކަންވީގޮތް ބަޔާންކޮށްފައި ވެއެވެ. އެއީ ބެސްޓް އޮއިލް ކޮމްޕެނީއަށް އެޑްރެސް ކޮށްފައިވާ ޗެކަކުން ފައިސާ ދެއްކުމެވެ. އެގޮތުން ޓެކްސް އިންވޮއިސްގައިވާ ތާރީޚު (16 އޮގަސްޓް (2016) ގެ ބަރާބަރު 01 (އެކެއް) މަސް ފަހުން 15 ސެޕްޓެމްބަރ 2016 ގައި ފައިސާ ނެގޭގޮތަށް އެކުންފުނީގެ ސްޓޭމްޕް ޖެހުމަށްފަހު ޗެކެއް ދޫކޮށްފައި ވެއެވެ.
14އެހެންކަމުން، މި މައްސަލައިގައި ހުށަހެޅިފައިވާ މި ބަޔާންކުރެވުނު ލިޔުންތަކަށް ރިޢާޔަތް ކުރާއިރު، ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބުނާފަދަ "މުދާ ވިއްކުމުގެ ކޮންޓްރެކްޓް" އެއް ވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތުގައި ހުރުމުން، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި އަހަރެން ދެކެމެވެ. ކުންފުނީގެ ޙިއްޞާ ބަދަލުވުމުގެ ކުރިން އުފެދިފައިވާ ދަރަނީގެ އިލްތިޒާމް
15HN4ޤާނޫނީގޮތުން ކުންފުންޏެއް ރަޖިސްޓަރީކުރެވުމުން އެ ކުންފުންޏަކީ އޭގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ މުސްތަޤިއްލު ޤާނޫނީ ޝަޚުޞަކަށް ވެދެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މުދާ މިލްކުކުރުމާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުގެ ޙައްޤު އާންމު ފަރުދުންނެކޭ އެއްފަދައިން ކުންފުނިތަކަށްވެސް ލިބިގެން ދެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 7 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވަނީ، "މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީ ވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ." މިފަދައިންނެވެ.
16އަދި ކުންފުނީގެ ނަން ބަދަލުވުމަކުން ނުވަތަ ޙިއްޞާދާރުން ބަދަލުވުމަކުން ކުންފުނީގެ މި ޤާނޫނީ ޝަޚްޞިއްޔަތު ނިމުމަކަށް ނާދެއެވެ. މިކަން މި މައްސަލައިގައި ބަޔާންވެފައިވާ މުޢާމަލާތް ހިނގިއިރު، އަދި މި މައްސަލަ ސިވިލް ކޯޓުގަ އާއި ހައިކޯޓުގައި ހިނގަމުން ދިޔައިރު، ޢަމަލުކުރެވެމުންދިޔަ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. މި މާއްދާގައި ބުނަނީ، "މިޤާނޫނުގެ 11 ވަނަ މާއްދާ ނުވަތަ 12 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ނަން ބަދަލު ކުރުމަކުން އެ ކުންފުންޏެއްގެ އެއްވެސް ޙައްޤަކަށް ނުވަތަ ވާޖިބަކަށް ނުވަތަ އެ ކުންފުންޏަކުން ކުރާ، ނުވަތަ ކޮށްފައިވާ، ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ، ނުވަތަ ކޮށްފައިވާ ދަޢުވާއަކަށް ބަދަލެއް ނާންނާނެ އެވެ." މިފަދައިންނެވެ.
172016 ވަނަ އަހަރު ބެސްޓް އޮއިލް ޕްރައިވެޓް ލިމިޓެޑް އާއި ގްރޭސް ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ހިނގާފައިވާ ޑީސަލްގެ މުޢާމަލާތަށްފަހު، ގްރޭސް ބިލްޑަރސް ގެ ހިއްސާ، އެކުންފުނީގެ މިހާރުގެ ޙިއްޞާދާރުންނަށް ބަދަލުކުރުމަށް ނިންމައި 13 މޭ 2018 ގައި ގްރޭސް ބިލްޑަރސްގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޝާން ދީފައިވާ ލިޔުމެއްކަމަށްބުނެ، ސުޕަރ ވިޝަން (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުމެއް ވެއެވެ. އެލިޔުމުގައިވަނީ، "...ކުންފުނިން ކޮށްފައިވާ ފައިސާގެ މުޢާމަލާތެއް ނުވާނެއެވެ. އަދި ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ އެއް ނުވާނެއެވެ... މަތީގައި ބަޔާންކުރެވިފައިވާ އެންމެހައި މުޢާމަލާތަކީ އަޅުގަނޑު ޒިންމާވާ މުޢާމަލާތަކަށް ވީހިނދު އަޅުގަނޑު ޒިންމާވަމެވެ." މިފަދައިންނެވެ.
18މަތީގައި ބަޔާންކުރެވުނު ލިއުމަށް ބިނާކޮށް، ބަޔާންކުރެވުނު ޑީސަލްގެ މުޢާމަލާތާއި ގުޅިގެން އުފުލަންޖެހޭ ޤާނޫނީ ޒިންމާއަކީ މިހާރުގެ ސުޕަރ ވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން އުފުލަންޖެހޭ ޒިންމާއެއް ނޫންކަމަށް އެކުންފުނީގެ ފަރާތުން ދެކެއެވެ.
19އެހެންކަމުން މިހިސާބުން އުފެދޭ ސުވާލަކީ، ކުންފުނީގައި ދަރަންޏެއް ނޯންނާނެކަމަށް ބުނެ ކުންފުނީގެ ޙިއްޞާދާރަކު ދޭ ޔަޤީން ކަމެއްގެ މައްޗަށް ބުރަވެ، ކުންފުނީގެ ޙިއްޞާއާއި ހިއްސާދާރުން ބަދަލުވާހިނދު، އޭގެ ކުރިން އުފެދިފައިވާ ދަރަނީގެ އިލްތިޒާމުން ޤާނޫނީގޮތުން ކުންފުނި ބަރީއަ ކުރެވިދާނެ ހެއްޔެވެ؟
20ކުރިންވެސް ފާހަގަކުރި ފަދައިން، ކުންފުންޏާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އުސޫލަކީ، ކުންފުންޏަކީ އޭގެ ހިއްސާދާރުންނާއި ޑައިރެކްޓަރުންނާ ވަކިން އުފެދިފައިވާ، މިނިވަން ޤާނޫނީ ޝަޚްޞެއް ކަމެވެ. ކުންފުނީގެ ހިއްސާއާއި ހިއްސާދާރުން ބަދަލުވުމަކީ ކުންފުނީގެ މިލްކުވެރިކަމަށް އަންނަ ބަދަލެކެވެ. އެކަމުގެ ސަބަބުން ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި ޤާނޫނީ އިލްތިޒާމުތަކަކަށްވެސް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންކަމުން، ކުންފުނީގެ ހިއްސާދާރުން ބަދަލުވި ކަމުގައިވީނަމަވެސް، ކުންފުނީގެ އެންމެހާ މުދަލާއި އިލްތިޒާމުތައް ދެމިއޮންނާނީ ހަމަ އެ ކުންފުނީގެ ނަމުގައެވެ.
21މި މައްސަލައަށް ބަލާނަމަ، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ހިއްސާ ބަދަލުކުރުމުގެ ކުރިން ބެސްޓް އޮއިލް ކޮމްޕެނީއާއެކު ޑީސަލްގެ މުޢާމަލާތެއް ކުރެވިފައިވާކަން މަދަނީ މިންގަނޑުން ސާބިތުވެއެވެ. އަދި އެމުޢާމަލާތާއި ގުޅިގެން ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން އަދާކުރަންޖެހޭ މާލީ ޒިންމާ އަދާކޮށްފައިވާކަން މަދަނީ މިންގަނޑުން ސާބިތު ކޮށްދެވިފައި ނުވެއެވެ.
22އެހެންކަމުން ކުންފުނީގެ ޙިއްސާ ބަދަލުވުމުގެ ކުރިން އުފެދިފައިވާ ދަރަންޏަށް ޤާނޫނީގޮތުން ޒިންމާވާންޖެހޭ ފަރާތަކީ މިހާރުގެ ސުޕަރ ވިޝަން އޮޕްޓިކަލް ޕްރައިވެޓް ލިމިޓެޑް އެވެ. ޙިއްޞާ އެހެން ފަރާތަކަށް ބަދަލުވުމަކީ، އެ ބަދަލު އައުމުގެ ކުރިން ކުންފުނިން އުފުލަންޖެހިފައިވާ އެންމެހައި އިލްތިޒާމުތަކުން ކުންފުނި ބަރީއަވާނެ ސަބަބެއް ނޫނެވެ.
23HN5ހިއްސާ ބަދަލުކުރުމުގެ ކުރިން، ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ދީފައިވާ މަޢުލޫމާތަކީ ނުވަތަ ޔަޤީންކަމަކީ، ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެއްކަން، ނުވަތަ ޙަޤީޤަތާ ޚިލާފު ޔަޤީންކަމެއްކަން ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާ ހިނދު، ޙަޤީޤަތާ ޚިލާފަށް މަޢުލޫމާތާއި ޔަޤީންކަން ދިން ފަރާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުއަޅައި، އެފަރާތުގެ ކިބައިން ޙައްޤު ހޯދުމަށް ބޭނުންވާނަމަ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެން ވެއެވެ.
24ކުންފުނީގެ ފަރާތުން އަދާކުރަންޖެހޭ މާލީ ޒިންމާއެއް އަދާކުރުމުގެ ގޮތުން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ކުންފުނި ތަމްސީލުކުރާ އެހެން ފަރާތެއްގެ އަމިއްލަ އެކައުންޓަކުން ދޫކުރާ ޗެކުގައި، ކުންފުނީގެ ސިއްކަ ޖަހާފައިވާނަމަ، އެ ޗެކުގެ ޒިންމާ ކުންފުނީގެ ފަރާތުން ނަގަންޖެހޭނެ ތޯއެވެ؟
25HN8ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ އާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ޙަވާލާދީ ޗެކް ދޫކުރި ފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން އޮތް ޒިންމާއާ ގުޅިގެން ސިވިލް ކޯޓުން ފާހަގަކުރި ނުކުތާއަކީ، ސިވިލް ކޯޓުގައި ބަޙުޘް ކުރެވި އެ ނުކުތާގެ މައްޗަށް ސިވިލް ކޯޓުގެ ޙުކުމް ބިނާކުރެވިފައިވާ އެންމެ މުހިއްމު އެއް ނުކުތާ އެވެ.
26ޗެކް ދޫކުރި ފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން އޮތް ޒިންމާއާގުޅޭ ނުކުތާ އަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާއަކަށް ނުވިނަމަވެސް، މި މައްސަލައިގައި ހަވާލާދޭ ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަވެފައިވާކަން ސާބިތުވާކަމަށް ހައިކޯޓުން ކަނޑައެޅުމުގައި، ޗެކުގައިވާ ފައިސާގެ ޢަދަދާއި ޕާޗޭސް އޯޑަރުގައިވާ ފައިސާގެ ޢަދަދު ދިމާވާ ދިމާވުން، މި މުޢާމަލާތާ ގުޅުވާލާފައި ވެއެވެ. ކަންމިހެން އޮތުމުން، މި ނުކުތާއަކީ ދަށުކޯޓުގައި އެކަމާމެދު ބަޙުޘް ކުރެވިފައިވާ ނުކުތާއަކަށްވާތީ އާއި ހައިކޯޓުގެ ނިންމުމުގައި މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު މައްސަލަ ބަލަމުން ދިޔައިރުވެސް ހުޅުވިފައި އޮތްކަމުގައި ފެންނާތީ، މައުޟޫޢީގޮތުން މި ނުކުތާއާ މެދުގައި ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގައި އެއްޗެއް ބުނަން ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
27މި މައްސަލަ އިސްތިއުނާފުކުރި ފަރާތުގެ ވާހަކައިން ބޮޑަށް ދޭހަވަނީ، މި މައްސަލައަކީ، އަމިއްލަ ފަރުދެއްގެ ފަރާތުން ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެފަރާތުގެ އަމިއްލަ އެކައުންޓުން ދޫކޮށްފައިވާ ޗެކަކަށް ފައިސާ ނުލިބިގެން، އެ ޗެކުގައިވާ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 972/Cv-C/2019 ޤަޟިއްޔާގައި ދަޢުވާކުރި ފަރާތުން ހުށަހެޅި ފޯމުގައި ދަޢުވާ ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، އެއީ، ގްރޭސް ބިލްޑަރސް ގެ ފަރާތުން ބެސްޓް އޮއިލް ކޮމްޕެނީ ނަގާފައިވާ ޑީސަލްގެ އަގަށް ދައްކަންޖެހޭ ފައިސާ ލިބިފައި ނުވާކަމަށްބުނެ، އެފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން ސާފުވެއެވެ.
28ކުންފުނީގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއް ނެތް ޙާލަތުގައި، ނުވަތަ އެކައުންޓެއް އޮވެމެ އޭގައި ފައިސާ ނެތް ޙާލަތުގައި، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ކުންފުނީގެ ފަރާތުން އުފުލަންޖެހޭ މާލީ ޒިންމާއެއް އުފުލުމުގެ ގޮތުން މެނޭޖިންގ ޑިރެކްޓަރ ނުވަތަ ކުންފުނި ތަމްސީލުކުރާ އެހެން ފަރާތެއްގެ އަމިއްލަ އެކައުންޓުން ޗެކެއް ދޫކޮށް، އެޗެކަށް ފައިސާ ނުލިބުނުނަމަ، އެފައިސާ ދެއްކުމުގެ ޒިންމާއަކީ، ޗެކް ދޫކުރި ފަރާތުގެ ޒިންމާއެއްތޯ، ނުވަތަ އެ މާލީ ޒިންމާ އުފެދުނު މުޢާމަލާތްކުރި ކުންފުނީގެ ޒިންމާއެއްތޯ ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ.
29ކުރިންވެސް ބަޔާންކުރެވުނު ފަދައިން މި މައްސަލައިގައި، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) އާއި ބެސްޓް އޮއިލް ކޮމްޕެނީއާ ދެމެދު ވިޔަފާރި މުޢާމަލާތެއް ހިނގާފައިވާކަން ސާފުކޮށް އެނގެއެވެ. އަދި އެ ވިޔަފާރި މުޢާމަލާތާއި ގުޅިގެން ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ބެސް އޮއިލް ކޮމްޕެނީއަށް -760'000ރ. (ހަތްލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ދައްކަންޖެހިފައިވާކަން ސާފުކޮށް އެނގެއެވެ. އަދި އެ ފައިސާ ދެއްކުމުގެ ގޮތުން ބެސްޓް އޮއިލް ކޮމްޕެނީގެ ނަމުގައި އެ ޢަދަދު ހިމެނޭ ޗެކެއް ދޫކޮށްފައިވާކަން އެނގެން އޮވެއެވެ. އަދި މި ޗެކް ދޫކޮށްފައިވަނީ، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޝާންގެ އަމިއްލަ ނަމުގައިވާ އެކައުންޓަކުންނެވެ. އަދި އެ ޗެކްގައި ގްރޭސް ބިލްޑަރސް ގެ ސިއްކަ ޖަހާފައިވެއެވެ. އަދި މި ޗެކަށް ފައިސާ ލިބިފައި ނުވެއެވެ.
30ޑީސަލް ވިއްކި ކުންފުނި ކަމުގައިވާ ބެސްޓް އޮއިލް ކޮމްޕެނީގެ ފަރާތުން ދެކޭގޮތުގައި، އެކުންފުންޏާ މުޢާމަލާތްކޮށްފައިވަނީ، ގްރޭސް ބިލްޑަރސް (ސުޕަރިވޝަން އޮޕްޓިކަލް) ގެ ފަރާތުންނެވެ. އެއީ އެކުންފުންޏަށް ޕާޗޭސް އޯރޑަރ ފޮނުވާފައިވަނީ ގްރޭސް ބިލްޑަރސް (ސުޕަރިވޝަން އޮޕްޓިކަލް) ގެ ފަރާތުން ކަމުގައިވާތީއެވެ. އަދި ޑީސަލްގެ އިންވޮއިސް ފޮނުވުމުން، އެ އިންވޮއިސް އަށް ފައިސާ ދެއްކުމުގެ ގޮތުން ދީފައިވާ ޗެކްގައި ގްރޭސް ބިލްޑަރސްގެ ތައްގަނޑު ޖަހާފައިވާތީ، އެ ޗެކް ދޫކޮށްފައިވަނީ ގްރޭސް ބިލްޑަރސްގެ ފަރާތުން އަދާކުރަންޖެހޭ މާލީ ޒިންމާއެއް އަދާކުރުމުގެ ގޮތުންކަމަށް ދަލާލަތުކުރާތީއެވެ.
31ގްރޭސް ބިލްޑަރސް އިން ދެކޭގޮތުން ބެސްޓް އޮއިލްސް ކޮމްޕެނީއަށް އެޑްރެސް ކޮށްފައިވާ ހަވާލާ ދެވުނު ޗެކަކީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އަމިއްލަ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމުގައިވާތީ، އެޗެކްގައި ގްރޭސް ބިލްޑަރސްގެ ތައްގަނޑު ޖަހާފައިވިޔަސް، އެފައިސާ ދެއްކުމުގެ ޒިންމާއަކީ، އެޗެކް ދޫކުރި އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެކެވެ. ނަމަވެސް އެ ޗެކަކީ، މި މައްސަލައިގައި ހަވާލާ ދެވިފައިވާ ގްރޭސް ބިލްޑަރސް ގެ ޕާރޗޭސް އޯޑަރ އާއި ގުޅުން އޮތް ޗެކެއް ކަމާމެދު އެކުންފުނީގެ ފަރާތުން އިންކާރު ކޮށްފައި ނުވެއެވެ.
32HN7މި މައްސަލައިގައި ސުޕަރިވޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ބަޔާންކުރެވުނު ޑީސަލްގެ ވިޔަފާރި މުޢާމަލާތް ހިނގިއިރު ގްރޭސް ބިލްޑަރސްގެ ނަމުގައި ބޭންކުގައި އެކައުންޓެއް ހުޅުވާފައި ނުވާކަން ސާފުކޮށް އެނގެއެވެ. ނަމަވެސް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ ފަރާތުން ވިޔަފާރި މުޢާމަލާތްތައް ކުރަމުން ގޮސްފައިވާކަން އެނގެއެވެ. އެގޮތުން މި މައްސަލައިގައި ބަޔާންކުރެވުނު ޕާރޗޭސް އޯޑަރ ނަންބަރަށް ހަމައެކަނި ބެލި ކަމުގައި ވިޔަސް އެއީ 2016 ވަނަ އަހަރުގެ އެކުންފުނީގެ 1282 ވަނަ ޕާރޗޭސް އޯޑަރ ކަން އެނގެއެވެ. އެހެންކަމަށްވާނަމަ، ގްރޭސް ބިލްޑަރސްގެ ފަރާތުން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ކުންފުނީގެ ފަރާތުން ކޮންމެވެސް އެހެން އިންތިޒާމެއް ހަމަޖައްސާނެކަން އެނގެއެވެ. އެހެނީ ޑީސަލްގެ ގަތުމަށް އެދި ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް އިޖާބަދިނުމުގެ ގޮތުން ބެސްޓް އޮއިލްގެ ފަރާތުން ފޮނުވި އިންވޮއިސްގައި އެކުންފުންޏަށް އެޑްރެސް ކޮށްފައިވާ ޗެކަކުން ފައިސާ ދިނުމަށް ހުށަހަޅާފައި ވެއެވެ. މި މައްސަލައިގައި ފެންނަން އޮތްގޮތުގައި، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ނަމުގައި ބޭންކްގައި ހުޅުވާފައިވާ އެކައުންޓެއްނެތި، އެހެން ފަރާތްތަކާއެކު ކޮށްފައިވާ މުޢާމަލާތަށް ފައިސާ ދެއްކުމަށް ހަމަޖައްސާފައިވާ އިންތިޒާމަކީ، އެކުންފުނީ މެނޭޖިންގ ޑިރެކްޓަރުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ޗެކް ދޫކޮށް، އެޗެކުގައި ކުންފުނީގެ ތައްގަނޑު ޖެހުމެވެ. އެއީ ޗެކުގައިވާ މާލީ ޒިންމާ ކުންފުންޏާ ގުޅިފައިވާކަން އަންގައި ދިނުމުގެ ގޮތުންނެވެ. މިގޮތަށް އަމިއްލަ އެކައުންޓުގެ ޗެކުގައި ކުންފުނީގެ ތައްގަނޑު ޖެހުމަކީ، އާންމު އުޞޫލާ ޚިލާފު ކަމެކެވެ. ނަމަވެސް ހެޔޮ ނިޔަތުގައި މިކަން މިގޮތަށް ކުރުން މަނާކުރާ ޤާނޫނީ ނައްޞެއްވެސް ނެތެވެ. އެހެންކަމުން މިކަމަކީ، ޗެކް ދޫކުރި ފަރާތުން ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ބަލަންޖެހެއެވެ. ސަބަބަކީ، ގްރޭސް ބިލްޑަރސްގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޝާން، އޭނާގެ އަމިއްލަ އެކައުންޓުން ދޫކޮށްފައިވާ ޗެކަކީ، ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ކަމުގައި ދަލާލަތުކުރާ ހެކި މި މައްސަލައިގައި ލިބިފައިވާތީއެވެ.
33HN6ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ނުވަތަ ކުންފުނީގެ އެޖެންޓަކު ވިޔަސް ކުންފުނީގެ ފަރާތުން ކުންފުނީގެ ނަމުގައި މުޢާމަލާތެއް ކޮށްފައިވާނަމަ، އެ މުޢާމަލާތަކީ ކުންފުނިން ކޮށްފައިވާ މުޢާމަލާތެއްކަމުގައި ބެލެވޭނެއެވެ. މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް[2019/SC-A/16] ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް [2021/SC-A/05] ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ޑރ. އަލަކާ ސިންގް ވ. ބެއަރފުޓް ނޫމަޑި ހޮޓެލް ޕވޓ ލޓޑ އާއި އިތުރު 02 ފަރާތް [2023/SC-A/33,34] ޤަޟިއްޔާގައި ދަމަހައްޓާފައިވެއެވެ.
34މިގޮތުން، މި މައްސަލައިގައި ގްރޭސް ބިލްޑަރސްގެ ލެޓަރހެޑުގައި އެކުންފުނީގެ ސިއްކަޖަހައި ބެސްޓް އޮއިލް ކޮމްޕެނީއަށް ދޫކޮށްފައިވާ ޕާޗޭސް އޯޑަރު އާ އެއްގޮތަށް ބެސްޓް އޮއިލް އިން ފޮނުވި ޓެކްސް އިންވޮއިސްގައިވާ އަގު ޖަހައި، ގްރޭސް ބިލްޑަރސްގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ގެ އެކައުންޓުން ގްރޭސް ބިލްޑަރސްގެ ސްޓޭމްޕް ޖެހުމަށްފަހު ޗެކެއް ދޫކޮށްފައި އޮންނަ އޮތުމުން، އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް މި މައްސަލައިގައި ހަވާލާދޭ މުޢާމަލާތަށް ޖާމިނުވާންޖެހޭ ފަރާތަކީ ސުޕަރ ވިޝަން އޮޕްޓިކަލް ޕްރައިވެޓް ލިމިޓެޑް (ގްރޭސް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް) ކަން އެނގެން އޮވެއެވެ.
35އެހެންކަމުން އަންނަނިވި ނަތީޖާތަކަށް އަހުރެންނަށް ވާސިލުވެވެއެވެ.
35.1 އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބަލާއިރު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވިޔަސް ކުންފުނީގެ އެނޫން މީހެއްކަމުގައިވިޔަސް ކުންފުނީގެ ނަމުގައި މުޢާމަލާތެއްކޮށްފައިވާނަމަ އެ މުޢާމަލާތަކީ ކުންފުނީގެ ފަރާތުން ކޮށްފައިވާ މުޢާމަލާތަކަށް ވާނެކަމާއި، އެމުޢާމަލާތެއްގެ ޒިންމާ ތިންވަނަ ފަރާތުގެ ކުރިމަތީގައި އުފުލަންޖެހޭނީ މުޢާމަލާތް ކުރި ކުންފުނީން ކަން؛
35.2 ގްރޭސް ބިލްޑަރސްގެ ނަމުގައި އެ ކުންފުނީގެ ތައްގަނޑު ޖަހައި އެކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ގެ އަމިއްލަ އެކައުންޓަކުން ދޫކޮށްފައިވާ ހަވާލާ ދެވުނު ޗެކަކީ، ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުން ކޮށްފައިވާ މުޢާމަލާތަކާ ގުޅިގެން ދޫކޮށްފައިވާ ޗެކެއްކަމުގައި ބެލެވޭނެ ސާބިތު ހެކި ލިބިފައިވާތީ، އެޗެކުގެ ޒިންމާ އުފުލަންޖެހޭނީ ސުޕަރވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) އިންކަން؛
35.3 ގްރޭސް ބިލްޑަރސްގެ ހިއްސާ ބަދަލުކުރެވުނު މަރުޙަލާގައި، އެކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ނިޝާންގެ ފަރާތުން ދީފައިވާކަމަށް ސުޕަރ ވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ ފަރާތުންބުނާ މަޢުލޫމާތާއި ޔަޤީން ކަމާއި ޚިލާފަށް ކަންތައްތަކެއް ހުރިކަން، ފަހުގެ މަރުޙަލާއެއްގައި ހާމަވެގެން ދިއުމަކީ، ސުޕަރ ވިޝަން އޮޕްޓިކަލް (ގްރޭސް ބިލްޑަރސް) ގެ މިހާރުގެ ޙިއްޞާދާރުންނާ ދެމެދު އޮތް ވަކި މައްސަލައެއް ކަން؛ މިއެވެ.
ނިންމަން ފެންނަގޮތް
36ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/583 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅާއި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
37މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
38މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/583 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ކުންފުނި ރަޖިސްޓްރީ ނަންބަރު C-1118/2015. މިކުންފުންޓަކީ، ކުރިން ގްރޭސް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ކޮށްފައިވާ ކުންފުންޏެކެވެ.
- ކުންފުނި ރަޖިސްޓްރީ ނަންބަރު C-0384/2013
- ޤާނޫނު ނަންބަރު 6/91
- ސުޕްރީމް ކޯޓުގެ 2019/SC-L/87 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް
- ސުޕްރީމް ކޯޓުގެ 2019/SC-L/87 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް
- ޤާނޫނު ނަންބަރު 6/91
- ނޯޓް: މި ޤާނޫނުވަނީ 1 ޖެނުއަރީ 2024 ގައި އުވާލާފައި
- ޤާނޫނު ނަންބަރު 10/96
- ޤާނޫނު ނަންބަރު 16/95
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޝިއްޔާ
- [2021] SC 27
- [2023] SC 35
- [2024] SC 57
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާ އަދި 15 ވަނަ މާއްދާގެ (ހ) (1 ޖެނުއަރީ 2024 ގައި އުވާލެވިފައި)
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 އަދި 143 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހަވާލާދިން)
- ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2019/SC-L/87، މައްސަލަ ބަލައިގަތުމާ މެދު ނިންމި ގޮތް)
- ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް [2021] SC 27 (2019/SC-A/16)
- އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް [2023] SC 35 (2021/SC-A/05)
- ޑރ. އަލަކާ ސިންގް ވ. ބެއަރފުޓް ނޫމަޑި ހޮޓެލް ޕވޓ ލޓޑ އާއި އިތުރު 02 ފަރާތް [2024] SC 57 (2023/SC-A/33، 34)
- އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2012/SC-A/22) (ސިވިލް ކޯޓުން ހަވާލާދިން)
- އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (2013/SC-A/29) (ސިވިލް ކޯޓުން ހަވާލާދިން)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.