ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 57 · 2023/SC-A/33, 2023/SC-A/34

ޑރ. އަލަކާ ސިންގް ވ. ބެއާރފުޓް ނޫމަޑި ހޮޓެލް ޕވޓ ލޓޑ އާއި އިތުރު 02 ފަރާތް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 ނޮވެމްބަރު 2024ދަށު ކޯޓު: ހައިކޯޓު 2019/HC-A/616، 2020/HC-A/05ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2019/HC-A/616، 2020/HC-A/05، 4291/Cv-C/2018
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ ބޯޓު ގަތީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކްރިސްޓޯފް ކަމަށާއި ބާކީ އަގަކީ އޭނާގެ މައްޗަށް އޮތް ދަރަންޏެއް ކަމަށެވެ. ހައިކޯޓުން 2019/HC-A/616 އާއި 2020/HC-A/05 ގައި އެ ޙުކުމް ބާޠިލުކުރިއެވެ.
ވާޤިޢާ
ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރު، ޑރ. އަލަކާ ސިންގްގެ ބަރުތީލަ ބޯޓު 250,000 ޑޮލަރަށް ގަތުމަށް އެއްބަސްވިއެވެ. ލިޔުމުން އެއްބަސްވުމެއް ނެތެވެ. ކުންފުނިން 40,000 ޑޮލަރު ދައްކައި، ބޯޓު ކުންފުނީގެ ހޮޓެލެއްގައި ބޭނުންކުރިއެވެ. ބާކީ 210,000 ޑޮލަރަށް އަލަކާ ސިންގް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ތިންވަނަ ފަރާތަކާ މުޢާމަލާތްކޮށް ގަތް ބޯޓުގެ ބާކީ އަގު ދައްކަންޖެހޭނީ، އެކްޗުއަލް އަދި އެޕެއަރެންޓް އޮތޯރިޓީގެ އުޞޫލުތަކުގެ ދަށުން ކުންފުނިންތޯ، ނުވަތަ އެ ޑިރެކްޓަރު އަމިއްލަ ހައިސިއްޔަތުންތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އަލަކާ ސިންގް ބުނީ، މެނޭޖިންގ ޑިރެކްޓަރު މުޢާމަލާތްކުރީ ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި ކަމަށާއި، ފައިސާ ދެއްކީ ކުންފުނިން ކަމަށާއި، އީމެއިލްތަކުން އެކަން ދޭހަވާ ކަމަށެވެ. ރައްދުވާ ފަރާތްތަކުން ބުނީ މުޢާމަލާތުގައި ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށާއި، އެޖެންސީގެ ބަހުސަކީ އަލަށް އުފައްދާ ނުކުތާއެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އެޖެންސީގެ ބަހުސަކީ ދަށު ކޯޓުން ފެށިގެން އައި ބަހުސެކެވެ. ކުންފުނިން މުޢާމަލާތްކުރަނީ ޑިރެކްޓަރުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް ކަމަށާއި، އެކްޗުއަލް އަދި އެޕެއަރެންޓް އޮތޯރިޓީއާއެކު މެނޭޖިންގ ޑިރެކްޓަރު ކުރާ މުޢާމަލާތުން ކުންފުނި ބަނދެވޭ ކަމަށް ކޯޓުން ބުންޏެވެ. ކުންފުނީގެ ޑޮމެއިންގެ އީމެއިލްތަކާއި ކުންފުނިން ފައިސާ ދެއްކުމުން ބޯޓު ގަތީ ކުންފުނިކަން ސާބިތުވިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނަންބަރު 2019/HC-A/616 އާއި 2020/HC-A/05 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 4291/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ބަރުތީލަ ބޯޓު ގަނެފައިވާ ފަރާތަކީ ބެއާރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑް ކަމަށް ކަނޑައަޅައި، ބޯޓުގެ އަގު US$250,000 ގެ ތެރެއިން ނުދައްކާ ބާކީ US$210,000 އަކީ އެ ކުންފުނީގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަހުގެ ތެރޭގައި ޑރ. އަލަކާ ސިންގްއަށް ދެއްކުމަށް އެ ކުންފުންޏަށް އަމުރުކޮށްފި (ފަނޑިޔާރުންގެ އިއްތިފާޤުން).

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުންފުންޏަކީ މައުނަވީ ޝަޚުސަކަށްވެފައި ކުންފުނީގެ ފަރާތުން މުޢާމަލާތްކުރަނީ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުން ނުވަތަ އޮފިސަރުންނެވެ. މިގޮތުން ކުރެވޭ މުޢާމަލާތްތަކުގެ ތަބީޢަތަކީ އެ ކުންފުންޏެއްގެ މައްޗަށް ބަނދެވޭ ކަންކަމެވެ.

HN2 ކުންފުނީގެ ފަރާތުން ބާރު ލިބިގެން ކުރާ މުޢާމަލާތުތައް ބައެއް ފަހަރު ފެންނަން ހުންނަނީ ވަކި ކަމެއް ނުވަތަ ކަންތައް ތަކެއް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދެވިފައިވާ އެކްޗުއަލް އޮތޯރިޓީ (Actual authority) އެއްގެ ގޮތުގައެވެ. އަނެއް ބައި ފަހަރު އެޕެއަރެންޓް (Apparent) ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީ (Ostensible authority) އެއްގެ ގޮތުގައެވެ.

HN3 އެކްޗުއަލް އޮތޯރިޓީ އަކީ އެޖެންސީގެ ހަމަތަކުގެ މަތިން ޕްރިންސިޕަލަކު އޭނަގެ އެޖެންޓަކަށް ސަރީޙަ ބަހުން ނުވަތަ ޒިމްނީކޮށް ދޫކުރެވޭ ބާރެވެ. ކުންފުންޏަކަށް ބަލާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމުމެއް ނިންމައި، ވަކި ކަމެއް ނުވަތަ ކަންތަކެއް ކުރުމަށް ވަކި ޑިރެކްޓަރަކަށް ނުވަތަ ޑިރެކްޓަރުން ތަކަކަށް ލިޔުމުން އައްޔަންކޮށްފައިވާ ނަމަ އެއީ ސަރީޙަ ބަހުން ދީފައިވާ ބާރެކެވެ.

HN4 ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކި ކަމެއް ކުރުމަށް ބާރުދީފައި ނެތްކަމުގައި ވިޔަސް، އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އާންމު ގޮތެއްގައި ދުވަހުން ދުވަހަށް ކުންފުނީގައި ހިނގާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ފަރާތެވެ. އެ މަގާމުގެ ތަބީޢަތުން އަދާކުރަން ޖެހިދާނެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ޒިމްނީގޮތުން އިޚްތިޔާރާއި ބާރު ކުންފުނީގެ ފަރާތުން އޭނާއަށް ލިބިދީފައި ވެއެވެ.

HN5 އެޕެއަރެންޓް އޮތޯރިޓީ ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީއަކީ އެޖެންސީގެ އުސޫލުތަކުގެ ދަށުން، ޕްރިންސިޕަލްގެ ފަރާތުން އޭޖެންޓް އަކަށް ތިންވަނަ ފަރާތަކާއެކު މުޢާމަލާތްކުރުމުގެ ބާރު ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ އޮތޯރިޓީ އެވެ. ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި ކުންފުނީގެ ޑިރެކްޓަރެއް ނުވަތަ މުވައްޒަފަކު ތިންވަނަ ފަރާތަކާއެކު ކުރާ މުއާމަލާތުތައް ނުވަތަ ވެވޭ އެއްބަސްވުންތައް ކުންފުނިން އެފަދަ މުއާމަލާތެއް ނުވަތަ އެއްބަސްވުމެއް ވުމަށް ސާފު ނިންމުމެއް ނެތް ކަމުގައި ވިޔަސް އެ މައްޗަށް ކުންފުނި ބަނދެވޭނެއެވެ.

HN6 އެޕެއަރެންޓް އޮތޯރިޓީގެ އުޞޫލު ނަގަހައްޓަނީ ކުންފުންޏާއެކު މުއާމަލާތު ކުރާ ފަރާތްތަކުގެ މަސްލަޙަތުގައެވެ. އަދި މިކަމަށްޓަކައި، ކުންފުނީގެ ފަރާތުން ތިންވަނަ ފަރާތަކާ މުއާމަލާތުކޮށްފައި އޮތުމާއި އަދި ކުންފުނި ތަމްސީލު ކުރިފަރާތަކީ، އެކަމުގެ އިޚްތިޔާރާއި ބާރު އޮތްފަރާތެއް ކަމަށް ތިންވަނަ ފަރާތަކުން ގަބޫލު ކޮށް އެކަމަށް ބަރޯސާ ވުން ހިމެނެއެވެ.

HN7 ބައެއް ޙާލަތްތަކުގައި އެކްޗުއަލް އޮތޯރިޓީ އާއި އެޕެއަރެންޓް އޮތޯރިޓީ އެކު އެކީގައި ހިނގާ ފަހަރުވެސް އަތުވެދާނެއެވެ. ތިންވަނަ ފަރާތެއްގެ ނަޒަރުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ، ކުންފުނީގެ ކަންކަން ނިންމުމުގައި ނުވަތަ މުޢާމަލާތްކުރުމުގައި އެކްޗުއަލް އޮތޯރިޓީ އޮންނާނެ މީހުންނެވެ. އެކަމަށް އޭނާ ބަރޯސާވެފައި ވާނަމަ، ޑިރެކްޓަރަކަށް ހުއްދަ ކުރެވިފައިވާ އެކްޗުއަލް އޮތޯރިޓީގެ ހުދޫދުން ބޭރުވެފައި ވިކަމުގައިވިޔަސް އެޕެއަރެންޓް އޮތޯރިޓީގެ މަންފާ ލިބި، ކުންފުނިން ކުރެވިފައިވާ މުޢާމަލާތުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.

HN8 ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި ހުރި ފަރާތެއް، އެ ކުންފުނީގެ އެކްޗުއަލް އޮތޯރިޓީ އާއި އެޕެއަރެންޓް އޮތޯރިޓީ ލިބިގެން ތިންވަނަ ފަރާތަކާ މުޢާމަލާތްކުރަމުން ގޮސްފައިވާ ނަމަ، އެ ފަރާތާއެކު ގަނެވިއްކުމުގެ އެއްބަސްވި ފަރާތަކީ ކުންފުންޏެވެ.

HN9 ކުންފުންޏެއްގެ ޑިރެކްޓަރަކު ނުވަތަ މުވައްޒަފަކު އަދި އެޖެންޓަކު ކުންފުނީގެ ނަމާއި ގުޅި ލާމެހިފައިވާ ޑޮމެއިންތަކުން އެހެން ފަރާތަކާ މުޢާމަލާތްކުރާ ޙާލަތުގައި އެ މުޢާމަލާތެއް ކުރެވެނީ އެ ކުންފުންޏާއެކު ނޫންކަމަށް ޝައްކު ކުރަންޖެހިދާނެ ޙާލަތެއް އުފަންވުން ވަރަށް ދުރެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙަމްޒާ ލަޠިފް، މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީއެލްއޭ ޕާޓްނަރސް ލލޕ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ފަތުޙުﷲ އިސްމާޢީލް، ޢަބްދުﷲ ވާރިޡް، އިބްރާހީމް ޝަމީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ، ޝަމީލް އެންޑް ކޯ އެލް.އެލް.ޕީ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 57 2023/SC-A/33,34 ޝަރީޢަތް ނިމުނުގޮތް ޑރ. އަލަކާ ސިންގް ވ. ބެއާރފުޓް ނޫމަޑި ހޮޓެލް ޕވޓ ލޓޑ އާއި އިތުރު 02 ފަރާތް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 07 ނޮވެންބަރު 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/616 2020/HC-A/05 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. ބެއާރފުޓް ނޫމަޑި ހޮޓެލް ޕވޓ ލޓޑ (C-0794/2014) ޑރ. އަލަކާ ސިންގް، B37 (ކަސްތާ 196-195) ނެބް ވެލީ، ނިއުދިއްލީ، އިންޑިޔާ ޤާނޫނީ ވަކީލު: ފަތުޙުﷲ އިސްމާޢީލް، ސީޓީއެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު: ޙަމްޒާ ލަޠީފް، ސީއެލްއޭ ޕާޓްނަރސް އެލް.އެލް.ޕީ

މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީއެލްއޭ ޕާޓްނަރސް އެލް.އެލް.ޕީ 2. ކްރިސްޓޯފް ޕީޓަރ ނިކޮލާ ގްރޯހް، ޕީއޯ ބޮކްސް 50214، ދުބާއީ މީޑިއާ ސިޓީ، ދުބާއީ، ޔޫ.އޭ.އީ ޤާނޫނީ ވަކީލު: ޢަބްދުﷲ ވާރިޡް، ސީޓީއެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ 3. އިބްރާހީމް މޫސާ، ފެންފިޔާޒުގެ، ހދ. ހަނިމާދޫ ޤާނޫނީ ވަކީލު: އިބްރާހީމް ޝަމީލް، ޝަމީލް، އެންޑް ކޯ އެލް.އެލް.ޕީ

މަދަނީ - ގަނެވިއްކުން - އެޕެއަރެންޓް އޮތޯރިޓީ – އެކްޗުއަލް އޮތޯރިޓީ ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/616 ޤަޟިއްޔާ އާއި ނަންބަރު

22020/HC-A/05 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފީ ދެ މައްސަލަ ޑރ. އަލަކާ ސިންގް1 (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އަލަކާ ސިންގް") ގެ ފަރާތުން ހުށަހެޅިއެވެ.

2. މި ދެ މައްސަލައަކީ އަލަކާ ސިންގްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2020/HC-A/05 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ބެއާރފުޓް ނޫމަޑި ހޮޓެލް ޕވޓ ލޓޑ (މީގެ ފަހުން "ބެއާރފުޓް ނޫމަޑި" ނުވަތަ" ކުންފުނި") އާއި ސްވިޒަލެންޑް ރައްޔިތެއް ކަމުގައިވާ ކްރިސްޓޯފް ޕީޓަރ ނިކޮލާ ގްރޯހް2 (މީގެ ފަހުން "ކްރިސްޓޯފް") އާއި އިބްރާހީމް މޫސާ3 (މީގެ ފަހުން "އިބްރާހީމް މޫސާ") ގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2023/SC-A/33 ޤަޟިއްޔާއިން ބެލި މައްސަލަ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/616 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަލަކާ ސިންގްގެ ފަރާތުން ބެއާރފުޓް ނޫމަޑި އާއި ކްރިސްޓޯފް އާއި އިބްރާހީމް މޫސާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2023/SC-A/34 ޤަޟިއްޔާއިން ބެލި މައްސަލައެވެ.

3މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަކީ ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފް، އަލަކާ ސިންގްގެ އުޅަނދެއް ގަތުމަށްޓަކައި އަލަކާ ސިންގް އާ މުޢާމަލާތްކުރަން ފެށިއެވެ. އެއަށްފަހު އެ އުޅަނދު ގަތުމަށް އެއްބަސްވެ އަގުގެ ތެރެއިން ބައެއް ބެއާރފުޓް ނޫމަޑިން އަލަކާ ސިންގްއަށް ދެއްކިއެވެ. ބާކީ ނުލިބިވާ ފައިސާ ހޯދުމަށް އަލަކާ ސިންގް ދައުވާކުރިއެވެ. މި ދައުވާކުރުމުން އުފަންވި ބަހުސަކީ ބޯޓު ގަތް ފަރާތަކާމެދު އުފެދުނު ސުވާލެކެވެ. ބޯޓު ގަތީ ކުންފުނިންތޯ ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންތޯ؟ ދަށު ކޯޓުން ނިންމާފައިވަނީ ބޯޓު ގަތީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި ހުރި ކްރިސްޓޯފް ކަމަށެވެ. ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. މިހާރު ވެސް އޮތީ އެ ބަހުސެވެ. އެ ސުވާލުގެ ޖަވާބު ލިބުމާއެކު މި އިސްތިއުނާފުގައި ގޮތެއް ކަނޑައެޅުނީ ކަމަށް ފެންނާތީވެ އެންމެ ފުރަތަމަ މި މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމުގެ މައްޗަށް ބަލާލާނަމެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ މައްޗަށް ބަލާލުމަށްފަހު، މި އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާ ބަޔާންކުރާނަމެވެ.

ސިވިލް ކޯޓުގެ ނިންމުން

4އަލަކާ ސިންގްގެ ބޯޓެއް ކަމުގައިވާ "ބަރުތީލަ" އުޅަނދު 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ވިއްކާލުމާ ގުޅިގެން، އެ އުޅަނދު ގަތްކަމަށް ބެލެވޭ ބެއާރފުޓް ނޫމަޑިން ލިބެންޖެހޭ އަގާއި ޖޫރިމަނާ ފައިސާ ހޯދުމަށް އަލަކާ ސިންގް ވަނީ ސިވިލް ކޯޓުގައި ބެއާރފުޓް ނޫމަޑި އާއި ކްރިސްޓޯފް އާއި އިބްރާހީމް މޫސާގެ މައްޗަށް ދައުވާ އުފުލިއެވެ. މި ދައުވާގައި، ބެއާރފުޓް ނޫމަޑިން މި ފައިސާއަށް ޒިންމާ ނުވާނަމަ، އެ ކުންފުނީގެ ޑިރެކްޓަރުން ކަމުގައިވާ ކްރިސްޓޯފް އާއި އިބްރާހީމް މޫސާގެ އަތުން ނުލިބިވާ ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި އެދުނެވެ.

5މި ދައުވާގައި ހޯދުމަށް އެދިފައިވަނީ ޖުމްލަ 4,773,125US$ (ހަތަރު މިލިއަން ހަތް ލައްކަ ހަތްދިހަ ތިންހާސް އެއް ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރެވެ. މީގެ ތެރޭގައި ހިމެނެނީ އަސްލު ދަރަނީގެ ގޮތުގައި 210,000US$ (ދެ ލައްކަ ދިހަހާސް) އެމެރިކާ ޑޮލަރާއި،

31 އޮގަސްޓު 2018 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 4,563,125US$ (ހަތަރު މިލިއަން ފަސް ލައްކަ ފަސްދޮޅަސް ތިންހާސް އެއް ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4291/Cv-C/2018 ޤަޟިއްޔާ އިންނެވެ. އެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ 210,000US$ (ދެ ލައްކަ ދިހަހާސް) އެމެރިކާ ޑޮލަރަކީ ކްރިސްޓޯފްގެ ފަރާތުން އަލަކާ ސިންގްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ސާބިތުވާ ކަމަށެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި އެދިފައިވާ ފައިސާއާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ވަކި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރެވެއެވެ.

6ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި އަންނަވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.

6.1. "ބަރުތީލަ" ބޯޓު ވިއްކާލެވުނީ އަލަކާ ސިންގް އާއި ކްރިސްޓޯފް އާ ދެމެދު މުއާމަލާތް ކުރެވި އުޅަނދުގެ އަގު ކްރިސްޓޯފްގެ ފަރާތުން ދައްކާނެ ކަމުގެ ޔަގީންކަން ދީގެންކަން އޭނާ ބުނެފައިވާކަން އެނގެން އޮންނަކަން.

6.2. އުޅަނދުގެ އަގު އަދާކުރުމުގެ ގޮތުން ބެއާރފުޓް ނޫމަޑީގެ ފަރާތުން އަލަކާ ސިންގްއަށް

40,000US$ (ސާޅީސްހާސް) އެމެރިކާ ޑޮލަރު ދައްކާފައިވާކަން ފާހަގަކުރެވޭ ކަމަށާއި މި ފައިސާ ދެއްކުމަކީ ކްރިސްޓޯފްގެ އެދުމުގެ މަތިން ކުރެވުނު މުޢާމަލާތެއްކަމަށް ބެއާރފުޓް ނޫމަޑިން ބަޔާންކޮށްފައިވާ ކަމާއި، މި ކަމަށް ކްރިސްޓޯފްގެ ފަރާތުން އެއްވެސް އިންކާރެއް ކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް، ކްރިސްޓޯފްގެ އެދުމުގެ މަތިން ބެއާރފުޓް ނޫމަޑިން އަލަކާ ސިންގްއަށް ފައިސާ ދެއްކުމަކީ، އެ ކުންފުނިން އުޅަނދު ގަންނަ ފަރާތެއްގެ ހައިސިއްޔަތުން މި މުޢާމަލާތުގައި ބައިވެރިވި ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަން ފާހަގަކުރެވޭ ކަމެއް ކަމަށާއި އެހެންކަމުން، މި މުޢާމަލާތުގައި ބެއާރފުޓް ނޫމަޑީގެ ދައުރަކީ ހަމައެކަނި ފައިސާ ދެއްކުމުގެ މެދުވެރިއެއްގެ ގޮތުގައި ޢަމަލުކުރުން ކަމަށް ބެލެވޭކަން.

6.3. އުޅަނދު ވިއްކުމަށްފަހު އިބްރާހީމް މޫސާގެ ނަމަށް އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރެވިފައިވަނީ ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފްގެ އެދުމުގެ މަތިންކަން ދެފަރާތުގެ ބަޔާނުން އެނގޭ ކަމާއި ނަމަވެސް، އިބްރާހީމް މޫސާ ނުވަތަ ބެއާރފުޓް ނޫމަޑިން އަލަކާ ސިންގް އާއެކު މުޢާމަލާތެއް ހިންގާފައިވާކަން ސާބިތުކޮށްދޭފަދަ ހެއްކެއް އަލަކާ ސިންގްގެ ފަރާތުން ހުށަހަޅާފައި ނުވާކަން.

6.4. އުޅަނދުގެ އަގުގެ ގޮތުގައި ބެއާރފުޓް ނޫމަޑި މެދުވެރިކޮށް ދެއްކި 40,000US$ (ސާޅީސްހާސް) އެމެރިކާ ޑޮލަރު ފިޔަވައި، އެހެން ފައިސާއެއް ކްރިސްޓޯފްގެ ފަރާތުން އަލަކާ ސިންގްއަށް ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުވެފައި ނުވާކަން.

7ބަރުތީލަ ބޯޓު ގަތް ފަރާތަކީ ކްރިސްޓޯފް ކަމަށް ސިވިލް ކޯޓުން ނިންމައި، ބަރުތީލަ ބޯޓުގެ އަގުގެ ތެރެއިން މިހާތަނަށް ނުދެއްކިވާ ފައިސާއަކީ ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފްގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ކަނޑައެޅުމާއެކު އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އަލަކާ ސިންގް އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

8ސިވިލް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ކްރިސްޓޯފް އަދި އަލަކާ ސިންގް ވަކިވަކިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ކްރިސްޓޯފް ހުށަހެޅި މައްސަލަ ބެލުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/616 ޤަޟިއްޔާ އިންނެވެ. އަދި އަލަކާ ސިންގް ހުށަހެޅި މައްސަލަ ބެލުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/05 ޤަޟިއްޔާ އިންނެވެ. މި ދެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެކުގައި ހިންގައި، ސިވިލް ކޯޓުގެ ނަންބަރު 4291/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކަމަށް ކަނޑައަޅާފައި ވެއެވެ.

9އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

9.1. "ބަރުތީލަ" އުޅަނދު ގަނެވިއްކުމުގެ މުޢާމަލާތް ހިނގާފައިވަނީ އަލަކާ ސިންގް އާއި ކްރިސްޓޯފް އާ ދެމެދުގައި ކަމާއި ބެއާރފުޓް ނޫމަޑި މެދުވެރިކޮށް ފައިސާ ދެއްކުމާއި، އުޅަނދު ކުންފުނީގެ ބޭނުމަށް ބޭނުންކުރުމަކީ، ކުންފުނިން އުޅަނދު ގަތްކަން ނުވަތަ އަގަށް ޒިންމާވާންޖެހޭކަން ސާބިތުކޮށްދޭ ފުދޭވަރުގެ ހެއްކެއް ނޫންކަން.

9.2. ބެއާރފުޓް ނޫމަޑީގެ ފަރާތުން "ބަރުތީލަ" އުޅަނދު ގަތުމުގައި އެއްވެސް ބައިވެރިވުމެއް ނެތްކަން ސާފުކޮށް އެނގެން އޮތުމާއެކު، މި ދައުވާއަކީ އެ ކުންފުނީގެ މައްޗަށް އުފުލޭނެ ދައުވާއެއް ކަމަށް ނުފެންނަ ކަމަށާއި، ކުންފުންޏެއްގެ ޑިރެކްޓަރަކު އަމިއްލަ ހައިސިއްޔަތުން ކުރާ ވިޔަފާރީގެ މުޢާމަލާތަކަށް، އެ ޑިރެކްޓަރު ނިސްބަތްވާ ކުންފުނިން ޒިންމާވާންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތުމާއެކު ކުންފުންޏަކީ އޭގެ ޑިރެކްޓަރުންނާ ވަކިން ވުޖޫދުވެފައިވާ މުސްތަޤިއްލު ޤާނޫނީ ޝަޚްޞަކަށްވާއިރު، އަދި މި ފައިސާއަކީ ކުންފުނިން ދައްކަންޖެހޭކަން ސާބިތުވެފައިވާ ފައިސާއެއް ނޫންކަމަށްވާތީ، ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް މި ދައުވާ ރައްދުކުރެވޭނެ އެއްވެސް ޤާނޫނީ އަސާސެއް އޮތްކަމަކަށް ނުފެންނަކަން.

9.3. ސިވިލް ކޯޓަށް ހުށަހެޅުނު ބަޔާންތަކުގެ މައްޗަށް ބަލާއިރު، އަލަކާ ސިންގްގެ ފަރާތުން މައިގަނޑު ގޮތެއްގައި ވަކާލާތުކޮށްފައިވަނީ މި މުޢާމަލާތަކީ ބެއާރފުޓް ނޫމަޑިން ކުރި މުޢާމަލާތެއް ކަމަށާއި، އެ ކުންފުނި ނުވަތަ ކުންފުނީގެ ޑިރެކްޓަރުން އެ ފައިސާއަށް ޒިންމާވާންޖެހޭނެ ކަމުގެ މައްޗަށް ކަމަށާއި ފަރުދީ ގޮތުން ކްރިސްޓޯފް ޒިންމާކުރުވުމަށް ދަޢުވާގައި އެދިފައި ނުވާކަން.

9.4. ބެއާރފުޓް ނޫމަޑި، އިބްރާހީމް މޫސާ އަދި ކްރިސްޓޯފްގެ ފަރާތުން ފާހަގަކޮށްފައިވަނީ އެ މުޢާމަލާތަކީ ބެއާރފުޓް ނޫމަޑިން ކުރި މުޢާމަލާތެއް ނޫން ކަމަށާއި، އެހެންކަމުން އެ ކުންފުނި ނުވަތަ ކުންފުނީގެ ޑިރެކްޓަރުން އެ ފައިސާއަށް ޒިންމާވާން ނުޖެހޭ ކަމަށާއި، "ބަރުތީލަ" ބޯޓު ގަތީ ކްރިސްޓޯފް އަމިއްލައަށް ފައިސާ ދައްކާ ގޮތަށް ކަމަށް ސިވިލް ކޯޓުގައި ކްރިސްޓޯފް ބުނެފައިވީ ނަމަވެސް، ދައުވާގައި ފަރުދީ ގޮތުން ކްރިސްޓޯފް ޒިންމާކުރުވުމަށް އެދިފައިނުވާތީ، މި ދައުވާގައި ފަރުދީ ގޮތުން ކްރިސްޓޯފް ޒިންމާކުރުވުމަށް އަލަކާ ސިންގްގެ ފަރާތުން އެދިފައިނުވާތީ އާއި، ފަރުދީ ގޮތުން ކްރިސްޓޯފް އެ ފައިސާ ދައްކަންޖެހޭތޯ ނުވަތަ ނުޖެހޭތޯ އެ މައްސަލައިގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށް، ދިފާޢު ހުށަހެޅުމަށް އެކަށީގެންވާ ފުރުޞަތު ދެވިފައިނުވާތީ، ކްރިސްޓޯފް ފަރުދީ ގޮތުން އެ ފައިސާއަށް ޒިންމާވާންޖެހޭ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ނޭދޭ ކަމެއްގައި ފަރުވާ ނުދިނުމުގެ އުސޫލާ ޚިލާފަށް ކަމަށް ފާހަގަކުރެވޭކަން.

10އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އަލަކާ ސިންގްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފު

11ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2020/HC-A/05 ޤަޟިއްޔާ އާއި ނަންބަރު

2019/HC-A/616 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މި 02 (ދޭއް) ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން އަލަކާ ސިންގްގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވުމުގައި "ބަރުތީލަ" ސަފާރީ އޮޑީގައި އޮތް އަލަކާ ސިންގްގެ އިންވެސްޓްމަންޓް ވިއްކާލުމާއި ގުޅިގެން އޭގެ އަގު އަދާކުރުމަކީ ބެއާރފުޓް ނޫމަޑީގެ ޒިންމާއެއް ނޫން ކަމަށް ކަނޑައަޅުއްވާފައިވަނީ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް4 ގައި ޕްރިވިޓީގެ މަބްދައުގެ އިސްތިސްނާއެއް އޮތްތޯ ބަލަންޖެހޭ ހަމަތަކުން މައްސަލަ ބެއްލެވުމެއްނެތި، މައްސަލައިގައި ހިމެނޭ ދެން ތިބި ޚަޞްމުންނަކީ ބެއާރފުޓް ނޫމަޑީގެ އޭޖެންޓުންނަށްވާ ޙާލަތުގައި އެކަމަށް ރިޢާޔަތްކުރެއްވުމެއް ނެތި ކަމުގައެވެ.

އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި ދައްކާފައިވާ ވާހަކަ

12އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި އަލަކާ ސިންގްގެ ފަރާތުން ބުނެފައިވަނީ، ބަރުތީލަ ބޯޓު ގަނެވިއްކުމުގެ މުޢާމަލާތުގައި ކްރިސްޓޯފް ވަނީ ބެއާރފުޓް ނޫމަޑީގެ އެޖެންޓެއްގެ ހައިސިއްޔަތުން އަލަކާ ސިންގް އާ މުޢާމަލާތްކޮށް، ވަޢުދުތަކެއް ވެފައި ކަމަށާއި، ކްރިސްޓޯފް އަކީ އަލަކާ ސިންގް އާ ކުރިން އެއްވެސް ގުޅުމެއް އޮތް ފަރާތެއް ނޫން ކަމަށެވެ. މިކަމުގެ ތަފުޞީލުގައި އަންނަނިވި ކަންކަމަށް އަލަކާ ސިންގްގެ ފަރާތުން އިޝާރާތްކޮށްފައި ވެއެވެ.

12.1. ފުރަތަމަ ކަމަކީ، ވިއްކާލެވުނު އުޅަނދު ބޭނުންކުރެވިފައިވަނީ ހަމައެކަނި ބެއާރފުޓް ނޫމަޑީގެ ހޮޓެލެއްގެ ބޭނުންތަކަށްކަން އެނގެން އޮންނާތީވެ ކްރިސްޓޯފް ޢަމަލުކޮށްފައިވަނީ ބެއާރފުޓް ނޫމަޑީގެ މަޞްލަޙަތު ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ފެނުން.

12.2. ދެވަނަ ކަމަކީ، ކްރިސްޓޯފްގެ ފަރާތުން 09 މޭ 2015 ގައި ފޮނުވާފައިވާ އީމެއިލްގައި “Our cash flow” މިފަދައިން ބަޔާންކޮށްފައިވާތީ، މި އީމެއިލް އަލަކާ ސިންގްއަށް ފޮނުވާފައިވަނީ ކްރިސްޓޯފް އަމިއްލަ ހައިސިއްޔަތުން ނޫންކަމާއި، އެހެން ފަރާތެއް ތަމްސީލުކުރުމުގެ ގޮތުން ކަމަށް ދޭހަވާ ކަމަށް ބުނާބުނުން.

12.3. ތިންވަނަ ކަމަކީ، ކުރެވިފައިވާ އީމެއިލްތަކަށް ބަލައި 04 ފެބުރުވަރީ 2016 ގައި ކްރިސްޓޯފް އަލަކާ ސިންގްއަށް ފޮނުވުނު އީމެއިލްގައި “We are having serious cash flow problems” މިފަދައިން އޮތުމުން، މިއީ ކްރިސްޓޯފް އެހެން ފަރާތެއް ތަމްސީލުކޮށް ފޮނުވި މެއިލެއްކަމާއި، މި މުޢާމަލާތުގެ ޒިންމާ ނަގަންޖެހެނީ އެ ތިންވަނަ ފަރާތުންކަން އެނގޭކަން.

12.4. ހަތަރުވަނަ ކަމަކީ، ކުންފުނިން މިހާތަނަށް ފައިސާ ދައްކާފައިވުން.

13މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް5 ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކޮށްފައިވާ ހަމަތަކަށް ބަލާއިރު، "ބަރުތީލަ" ބޯޓު ގަތުމުގެ މުޢާމަލާތުގައި ކްރިސްޓޯފް އަދި އިބްރާހީމް މޫސާއަކީ ބެއާރފުޓް ނޫމަޑީގެ އެޖެންޓުން ކަމަށާއި މިހާރު ބަރުތީލަ ބޯޓުގެ އަސްލު ވެރިފަރާތަކީ ބެއާރފުޓް ނޫމަޑި ކަމުގައިވާތީ، އަލަކާ ސިންގްގެ އެ ބޯޓު ގަތުމަށް ފައިސާ ދައްކަންޖެހޭނީ ބެއާރފުޓް ނޫމަޑިން ކަމުގައެވެ.

14މި އިސްތިއުނާފު ހުށަހެޅުމަށްފަހު އަލަކާ ސިންގްގެ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކޮށް، "ބަރުތީލަ" ބޯޓު ގަތީ ބެއާރފުޓް ނޫމަޑިން ކަމަށް މަތިކުރުމަށާއި އޭނާއަށް ލިބެންވާ ފައިސާގެ ތެރެއިން ނުދައްކާވާ 210,000 US$(ދެލައްކަ ދިހަހާސް) އެމެރިކާ ޑޮލަރު އެއްފަހަރާ ދެއްކުމަށް ބެއާރފުޓް ނޫމަޑިއަށް އަމުރުކޮށްދެއްވުމަށެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދުގައި ދައްކާފައިވާ ވާހަކަ

15އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި، އިސްތިއުނާފު ރައްދުވާ ބެއާރފުޓް ނޫމަޑިން ބުނެފައިވަނީ، މި މުޢާމަލާތުގައި އެ ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށާއި، ކުންފުނީގެ ދެ ޑިރެކްޓަރުންނަށް މި މައްސަލަ ރައްދުކުރެވޭނެ ހަމައެއް ނެތްކަމަށް ދެކޭ ކަމަށް ބުނެފައި ވެއެވެ. އަދި "ޕްރިވިޓީ އޮފް ކޮންޓްރެކްޓް" މަބުދައުގެ އިސްތިސްނާ އެއްގެ ގޮތުގައި ބެލެވޭ އެޖެންސީ ހަމަތަކަށް ރިއާޔަތްކުރެވި ކްރިސްޓޯފްގެ ޢަމަލަކަށް ބެއާރފުޓް ނޫމަޑި ޒިންމާވާންޖެހޭނެކަމަށް ބުނާ ބުނުމަކީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލަށް ހުށަހެޅުނު ނުކުތާއެއް ކަމުގައެވެ. އެހެންކަމުން، މިއީ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް6 އާއި ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް7 އަދި ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް8 ފަދަ މައްސަލަތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް މި ކޯޓަށް އަލަށް ހުށަހެޅުނު ނުކުތާ އެއް ކަމަށާއި މި ކޯޓުގައި އަލަށް މުޅިން އާ ވާހަކަތަކެއް ދެކެވިގެންވާނެކަމަށް ޤަބޫލުނުކުރާ ކަމަށެވެ. އަދި މި މައްސަލައިގައި މައުޟޫޢީ ގޮތުން ކުރިއަށްދާނަމަ އެޖެންސީ އުޞޫލުތަކާއި ހަމަތައް މި މައްސަލައަށް ތަޠުބީޤުކުރެވޭ ގޮތެއް އިސްތިއުނާފު ކުރާ ފަރާތަށް ސާފުކޮށްދެވިފައި ނުވާކަމަށް ބެއާރފުޓް ނޫމަޑިން ބުނެއެވެ.

16ބެއާރފުޓް ނޫމަޑީގެ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/616 ޤަޟިއްޔާ އާއި ނަންބަރު 2020/HC-A/05 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

17އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ކްރިސްޓޯފް އާއި އިބްރާހީމް މޫސާގެ ފަރާތުން މި އިސްތިއުނާފުގެ ޖަވާބުގައި ބުނެފައިވަނީ ބެއާރފުޓް ނޫމަޑީގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ ކްރިސްޓޯފް އާއި އިބްރާހީމް މޫސާގެ ފަރާތުންވެސް ހުށަހަޅާ ކަންކަންކަމުގައި ނިންމަވައި ދެއްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދަމަހައްޓައި ދިނުމަށެވެ.

އެޖެންސީ ހަމަތަކަށް ޙަވާލާދިނުމާ ގުޅޭ

18އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެކޭ ގޮތުގައި، ބަރުތީލަ ބޯޓު ގަނެވިއްކުމުގެ މުޢާމަލާތުގައި ކްރިސްޓޯފް މުޢާމަލާތްކުރީ ބެއާރފުޓް ނޫމަޑީގެ އެޖެންޓެއްގެ ގޮތުގައި ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދީ އުފައްދާ ޤާނޫނީ ބަހުސަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަލަށް އުފައްދާ ބަހުސެއްކަމުން، އެކަމުގެ މައްޗަށް މި މަރުޙަލާގައި ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް، މިކަމުގައި އަހުރެންގެ ރައުޔު ތަފާތެވެ. ތަފާތުވާ ސަބަބަކީ ދަށު ކޯޓުން ފެށިގެން މިހާ ހިސާބަށް ފުރޮޅެމުން އައިސްފައި މި އޮތް ބަހުސުގައި ހިމެނޭ އެއްކަމަކީ، ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި ހުރެ ކްރިސްޓޯފް ބަރުތީލަ ބޯޓު ގަތުމާ ގުޅޭގޮތުން އަލަކާ ސިންގް އާ މުޢާމަލާތްކޮށްފައިވާތީވެ، އޭނާ އެހިނދު މުޢާމަލާތްކުރަމުން ދިޔައީ ކުންފުނީގެ ފަރާތުން ކަމަށް އަލަކާ ސިންގްއަށް ތަސައްވަރު ކުރެވިފައިވާތީއެވެ. މި މައުޟޫޢުގައި ވަކާލާތު ކުރަމުން ޝަރުޢީ އެކި މަރުޙަލާތަކުގައި އެޖެންސީ ހަމަތައް ބިނާވާ އަސާސްތަކަށް އޭނާގެ ފަރާތުން ޙަވާލާދީފައިވާ ކަން އެނގެއެވެ.

މުޢާމަލާތް

19ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ކްރިސްޓޯފް އަލަކާ ސިންގް އާއި އެކު 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ބަރުތީލަ ބޯޓު ގަނެ ވިއްކުމުގެ މުޢާމަލާތް ފެށިއެވެ. މި ބޯޓު ވިއްކާލުމަށް ދެފަރާތުން އެއްބަސްވެފައިވަނީ US$250,000 (ދެލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު އެވެ. އަގު ދައްކާ ޚަލާސްކުރުމަށް އެއްބަސްވެފައިވަނީ 1 ޑިސެންބަރު 2014 ގެ ކުރިންނެވެ. ނަމަވެސް އެއްބަސްވެފައިވާގޮތަށް ބޯޓުގެ އަގު ބެއާރފުޓް ނޫމަޑީގެ ފަރާތުން ދައްކާފައި ނުވެއެވެ. އުޅަނދުގެ އަގުގެ ތެރެއިން މިހާތަނަށް ދައްކާފައިވަނީ US$40,000 (ސާޅީސްހާސް) އެމެރިކާ ޑޮލަރު އެވެ. މި ފައިސާ ދައްކާފައިވަނީ ހަތަރު ޕޭމަންޓަކަށް ބަހާލެވި ބެއާރފުޓް ނޫމަޑީންނެވެ. އަދި މި ބޯޓު ބޭނުން ކުރަމުންދަނީ ވެސް ބެއާރފުޓް ނޫމަޑީގެ ހޮޓެލެއްގައެވެ.

20މި މުޢާމަލާތުގައި ލިޔުމުންވެފައިވާ ސާފު އެއްބަސްވުމެއް ނެތެވެ. ފެންނަންހުރީ ދެފަރާތުން ބަދަލުކުރެވިފައިވާ އީމެއިލްތަކާއި އަދި އިންވޮއިސްތަކާއި ފައިސާ ދައްކާފައިވާ ކަމުގެ ރަސީދުތައް ފަދަ ލިޔެކިޔުމެވެ.

21ބަރުތީލަ ބޯޓު ގަތުމަށްފަހު 20 ނޮވެންބަރު 2014 ގައި ރަޖިސްޓްރީކޮށްފައިވަނީ ބެއާރފުޓް ނޫމަޑީގެ ޑިރެކްޓަރެއް ކަމުގައިވާ އިބްރާހީމް މޫސާގެ ނަންމަތީގައެވެ. މިކަން މިގޮތަށް ކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފްގެ އެދުމުގެ މަތިންކަމަށް އިބްރާހީމް މޫސާ ބުނެއެވެ. އަދި ބޯޓު ގަނެވިއްކުމުގެ މުޢާމަލާތުގައި ބައިވެރިވުމެއް ނުވަތަ ފައިސާ ދެއްކުމުގައި އެއްވެސް ހިއްސާއެއް ކޮށްފައި ނުވާނެކަމަށް ވެސް އޭނާ ބުނެއެވެ. އެއަށްފަހު، މި އުޅަނދު ބޭނުން ކުރަމުންދަނީ ބެއާރފުޓް ނޫމަޑީގެ ބޭނުމަށްޓަކައި އެ ކުންފުންޏާއި، އިބްރާހީމް މޫސާއާއެކު ވެފައިވާ "ބެޑްރައިޓްސް ކޮންޓްރެކްޓް" އެއްގެ ދަށުންނެވެ. މިގޮތުން އަހަރުން އަހަރަށް އައުކުރާގޮތަށް އޮތް ބެޑްރައިޓްސް ދެ ކޮންޓްރެކްޓެއް ހުށަހެޅިފައިވާ ލިޔުންތަކުން ފެނެއެވެ. އެއީ 20 މާރިޗު 2015 މި ތާރީޚުގައި އޮންނަ އެއްބަސްވުމަކާއި 21 މާރިޗު 2016 ތާރީޚުގައި އޮންނަ އެއްބަސްވުމެކެވެ. މީގެ ތެރެއިން

20 މާރިޗު 2015 ގެ ކޮންޓްރެކްޓުގައި ބެއާރފުޓް ނޫމަޑީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރގެ ހައިސިއްޔަތުން ސޮއިކޮށްފައިވަނީ ކްރިސްޓޯފް ކަން ފާހަގަކުރަމެވެ.

22މިހާރު އުފުލިފައިވާ ދައުވާއަކީ އުޅަނދުގެ އަގުގެ ތެރެއިން ބާކީ ނުދެއްކިވާ US$210,000

)ދެލައްކަ ދިހަހާސް) އެމެރިކާ ޑޮލަރު އަލަކާ ސިންގްއަށް ލިބިދިނުމަށް ދައުވާކުރާ މައްސަލައެކެވެ. އަލަކާ ސިންގްއަށް މި ފައިސާ ލިބެންޖެހޭ ކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ އުސޫލީ އިއުތިރާޒެއް އޮތްކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް، މައިގަނޑު ސުވާލަކީ މި ފައިސާ އަދާކުރަންޖެހޭ ފަރާތް ކަނޑައެޅުމެވެ. އެއީ ބެއާރފުޓް ނޫމަޑިންތޯ ނުވަތަ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފްގެ އަމިއްލަ ހައިސިއްޔަތުންތޯ އެވެ.

ކުންފުންޏާއެކު ކުރެވޭ މުޢާމަލާތްތަކުގެ ތަބީޢަތް

23ބަރުތީލަ ބޯޓު ގަތުމަށްޓަކައި އަލަކާ ސިންގް އާ މުޢާމަލާތްކުރަމުން ދިޔައީ ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުރި ކްރިސްޓޯފް އާއި ކުންފުނީގެ އިތުރު ފަރާތްތައް ހިމެނޭ ހެންނެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުންފުންޏާއެކު ކުރެވޭ މުޢާމަލާތުގެ ތަބީޢަތާއި އުޞޫލީ ހަމަތަކަށް ބަލާލުން މުހިންމެވެ.

24HN1ކުންފުންޏަކީ މައުނަވީ ޝަޚުސަކަށްވެފައި ކުންފުނީގެ ފަރާތުން މުޢާމަލާތްކުރަނީ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުން ނުވަތަ އޮފިސަރުންނެވެ. މިގޮތުން ކުރެވޭ މުޢާމަލާތްތަކުގެ ތަބީޢަތަކީ އެ ކުންފުންޏެއްގެ މައްޗަށް ބަނދެވޭ ކަންކަމެވެ. މިކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް9 މި ޤަޟިއްޔާ ބެލުމުން އެނގެއެވެ. މި ޤަޟިއްޔާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައި ވެއެވެ.

" ...ކުންފުނީގެ ފަރާތުން ބާރުލިބިފައިވާ ކޮންމެ ފަރާތެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ކުންފުނީގެ މުވައްޒަފެއް ނުވަތަ އެޖެންޓެއް ކަމުގައިވިޔަސް ކުންފުނީގެ ފަރާތުން މުއާމަލާތު ކޮށްފައިވާނަމަ އެކަމަކީ ޞައްޙަމަގުން ހިނގާފައިވާ ކަމަށް ބަލައި ގަނެވޭނެ މުއާމަލާތު ތަކެވެ."10

25HN2HN3HN4ކުންފުނީގެ ފަރާތުން ބާރު ލިބިގެން ކުރާ މުޢާމަލާތުތައް ބައެއް ފަހަރު ފެންނަން ހުންނަނީ ވަކި ކަމެއް ނުވަތަ ކަންތައް ތަކެއް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދެވިފައިވާ އެކްޗުއަލް އޮތޯރިޓީ (Actual authority) އެއްގެ ގޮތުގައެވެ. އަނެއް ބައި ފަހަރު އެޕެއަރެންޓް (Apparent) ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީ (Ostensible authority) އެއްގެ ގޮތުގައި ކަން މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް11 ޤަޟިއްޔާ ބެލުމުން އެނގެއެވެ. މި ޤަޟިއްޔާގައި އެކްޗުއަލް އޮތޯރިޓީ އާއި އެޕައަރެންޓް އޮތޯރިޓީ ތަފުޞީލުކޮށްދީފައި ވެއެވެ. އެކްޗުއަލް އޮތޯރިޓީ އަންނަނިވި ފަދައިން އެ ޤަޟިއްޔާގައި ބަޔާންކޮށްދީފައި ވެއެވެ.

"...އެކްޗުއަލް އޮތޯރިޓީ އަކީ އެޖެންސީގެ ހަމަތަކުގެ މަތިން ޕްރިންސިޕަލަކު އޭނަގެ އެޖެންޓަކަށް ސަރީޙަ ބަހުން ނުވަތަ ޒިމްނީކޮށް ދޫކުރެވޭ ބާރެވެ. ކުންފުންޏަކަށް ބަލާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމުމެއް ނިންމައި، ވަކި ކަމެއް ނުވަތަ ކަންތަކެއް ކުރުމަށް ވަކި ޑިރެކްޓަރަކަށް ނުވަތަ ޑިރެކްޓަރުން ތަކަކަށް ލިޔުމުން އައްޔަންކޮށްފައިވާ ނަމަ އެއީ ސަރީޙަ ބަހުން ދީފައިވާ ބާރެކެވެ. ބައެއްފަހަރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކި ކަމެއް ކުރުމަށް ބާރުދީފައި ނެތްކަމުގައި ވިޔަސް، ހުންނަ މަގާމުގެ ގޮތުން، މިސާލަކަށް އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އާންމު ގޮތެއްގައި ދުވަހުން ދުވަހަށް ކުންފުނީގައި ހިނގާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ފަރާތެވެ. މިގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ސަރީޙަ ބަހުން ލިޔުމުން ފެންނަން ނުހުރެދާނެ އެވެ. ނަމަވެސް، އެ މަގާމުގެ ތަބީޢަތުން އަދާކުރަން ޖެހިދާނެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ޒިމްނީގޮތުން އިޚްތިޔާރާއި ބާރު ކުންފުނީގެ ފަރާތުން އޭނާއަށް ލިބިދީފައި ވެއެވެ. މި އުޞޫލު ވަކިވަކި ޑިރެކްޓަރުންނަށް ޚާއްސަ ޒިންމާތައް ޙަވާލުކުރެވޭއިރުވެސް ހިނގާނެއެވެ.."12

26HN5HN6އެޕެއަރެންޓް އޮތޯރިޓީ ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީގެ މަފްހޫމުވެސް އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް13 ޤަޟިއްޔާގައި ތަފުޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އެއީ އެޖެންސީގެ އުސޫލުތަކުގެ ދަށުން، ޕްރިންސިޕަލްގެ ފަރާތުން އޭޖެންޓް އަކަށް ތިންވަނަ ފަރާތަކާއެކު މުޢާމަލާތްކުރުމުގެ ބާރު ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ އޮތޯރިޓީ އެވެ. މި އުޞޫލު ޝަރަޙަކުރަމުން އެ ޤަޟިއްޔާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައި ވެއެވެ.

".... ކުންފުންޏެއްގެ މިސާލަށް ބަލާނަމަ، ކުންފުންޏަކީ ޕްރިންސިޕަލެވެ. ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި ކުންފުނީގެ ޑިރެކްޓަރެއް ނުވަތަ މުވައްޒަފަކު ތިންވަނަ ފަރާތަކާއެކު ކުރާ މުއާމަލާތުތައް ނުވަތަ ވެވޭ އެއްބަސްވުންތައް ކުންފުނިން އެފަދަ މުއާމަލާތެއް ނުވަތަ އެއްބަސްވުމެއް ވުމަށް ސާފު ނިންމުމެއް ނެތް ކަމުގައި ވިޔަސް އެ މައްޗަށް ކުންފުނި ބަނދެވޭނެއެވެ. މިއުޞޫލު ނަގަހައްޓަނީ ކުންފުންޏާއެކު މުއާމަލާތު ކުރާ ފަރާތްތަކުގެ މަސްލަޙަތުގައެވެ. އަދި މިކަމަށްޓަކައި، ކުންފުނީގެ ފަރާތުން ތިންވަނަ ފަރާތަކާ މުއާމަލާތުކޮށްފައި އޮތުމާއި އަދި ކުންފުނި ތަމްސީލު ކުރިފަރާތަކީ، އެކަމުގެ އިޚްތިޔާރާއި ބާރު އޮތްފަރާތެއް ކަމަށް ތިންވަނަ ފަރާތަކުން ގަބޫލު ކޮށް އެކަމަށް ބަރޯސާ ވުން ހިމެނެއެވެ."

27HN7ބައެއް ޙާލަތްތަކުގައި އެކްޗުއަލް އޮތޯރިޓީ އާއި އެޕެއަރެންޓް އޮތޯރިޓީ އެކު އެކީގައި ހިނގާ ފަހަރުވެސް އަތުވެދާނެއެވެ. އޭގެ މިސާލަކީ، ކުންފުނިން ބޭރު މީހެއްގެ ވިސްނުމުގައި ނުވަތަ ތިންވަނަ ފަރާތެއްގެ ނަޒަރުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ، ކުންފުނީގެ ކަންކަން ނިންމުމުގައި ނުވަތަ މުޢާމަލާތްކުރުމުގައި އެކްޗުއަލް އޮތޯރިޓީ އޮންނާނެ މީހުންނެވެ. އެކަމަށް އޭނާ ބަރޯސާވެފައި ވާނަމަ، ޑިރެކްޓަރަކަށް ހުއްދަ ކުރެވިފައިވާ އެކްޗުއަލް އޮތޯރިޓީގެ ހުދޫދުން ބޭރުވެފައި ވިކަމުގައިވިޔަސް އެޕެއަރެންޓް އޮތޯރިޓީގެ މަންފާ ލިބި، ކުންފުނިން ކުރެވިފައިވާ މުޢާމަލާތުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.

ބަރުތީލަ ބޯޓު ގަތުމަށް އެއްބަސްވީ ކާކުތޯ

28HN8ބަޔާންވެ ދިޔަ ހަމަތަކަށް ނަޒަރު ކުރާއިރު ކުރިމަތީގައި މި އޮތް މައްސަލައިގައި ބަރުތީލަ ބޯޓު ވިއްކުމުގެ މުޢާމަލާތުގައި އަލަކާ ސިންގް އާ މުޢާމަލާތްކުރަމުން ގޮސްފައިވަނީ ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި ހުރި ކްރިސްޓޯފް އެ ކުންފުނީގެ އެކްޗުއަލް އޮތޯރިޓީ އާއި އެޕެއަރެންޓް އޮތޯރިޓީ ލިބިގެން ކަމުގައިވާތީވެ، އަލަކާ ސިންގް އާއެކު ބޯޓު ގަނެވިއްކުމުގެ އެއްބަސްވި ފަރާތަކީ ކުންފުންޏެވެ. މިކަން ކުރެވިފައިވާ މުޢާމަލާތްތަކުން ސާފުކޮށް އެނގެއެވެ. އޭގެ ސަބަބުތައް ވިދިގެން އަންނަ ފޮޅުވަތްތަކުގައި ޚުލާސާ ކުރަމެވެ.

29ބަރުތީލަ ބޯޓު ގަނެވިއްކުމުގައި ލިޔުމުން ކުރެވިފައިވާ މުޢާމަލާތްތައް ފެންނަން ހުރީ އީމެއިލްގެ ޒަރީޢާއިންނެވެ. އަލަކާ ސިންގް މުޢާމަލާތްކުރަމުން ދިޔައީ އޭނާގެ އަމިއްލަ ޝަޚުޞީ އީމެއިލް އަކުންނެވެ. ބެއާރފުޓް ނޫމަޑީގެ މެނޭޖިންގް ޑިރެކްޓަރގެ ގޮތުގައި ހުރި ކްރިސްޓޯފް މުޢާމަލާތްކުރަމުން ދިޔައީ އޭނާގެ ނަމުގައި ވާ "ނޫމަޑި.ކޮމް" ގެ ޑޮމެންއިންގެ އީމެއިލް އަކުންނެވެ. މި އީމެއިލްއަކީ ބެއާރފުޓް ނޫމަޑީގެ އީމެއިލް އެއް ނޫންކަމަށް އެ ކުންފުނިން ދަށު ކޯޓުގައި ބުނެފައި ވީކަމުގައި ވިޔަސް14 "ނޫމަޑި.ކޮމް" ގައި ހުންނަ އީމެއިލް އެ ކުންފުނީގެ މުވައްޒަފުން ނުވަތަ ވެރިން ބޭނުން ކުރަމުންދާކަން އެނގެއެވެ. މިކަން ކަށަވަރުވަނީ މި މައްސަލައިގެ ތެރެއިން ބެއާރފުޓް ނޫމަޑީގެ ފަރާތުން ހުށަހަޅާފައިވާ އެހެނިހެން ލިޔެކިޔުންތަކުން ނެވެ.

30މިގޮތުން ބެއާރފުޓް ނޫމަޑީގެ އަނެއް ޑިރެކްޓަރު ކަމުގައިވާ އިބްރާހީމް މޫސާ ބެއާރފުޓް ނޫމަޑި އާ އެކުވެފައިވާ "ބެޑްރައިޓްސް ކޮންޓްރެކްޓު" ގެ ދެ ކޮންޓްރެކްޓެއްގެ ކޮޕީއެއް ޝަރީޢަތަށް ހުށަހަޅާފައި ވެއެވެ. މިއިން ކޮންމެ ކޮންޓްރެކްޓެއްގެ 20 ވަނަ މާއްދާގައި ބެއާރފުޓް ނޫމަޑީގެ ފަރާތުން މުޢާމަލާތްކުރުމަށް ކަނޑައަޅާފައިވާ “Marta Matteini” ކިޔާ ބޭފުޅެއްގެ އީމެއިލް އެޑްރެސްވަނީ "ނޫމަޑި.ކޮމް" ޑޮމެއިންނެވެ. މީގެ ތެރެއިން އެއް ކޮންޓްރެކްޓެއްގައި ބެއާރފުޓް ނޫމަޑީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފް އެވެ. އަދި މި ދެ ކޮންޓްރެކްޓު ގައި އަނެއް ބައިވެރިއަކީ ކުންފުނީގެ ޑިރެކްޓަރ އިބްރާހީމް މޫސާއެވެ. "ނޫމަޑި.ކޮމް" މި ނަމުގައި ހުންނަ އީމެއިލްތަކުން ބެއާރފުޓް ނޫމަޑިން މުޢާމަލާތް ނުކުރާނަމަ، އެ ކޮންޓްރެކްޓު ތަކުގައި މުޢާމަލާތްކުރުމަށް އެއީމެއިލް ކަނޑައަޅާ ބަޔާންކޮށްފައި ނޯންނާނެކަން އެނގެއެވެ.

31އެހެންކަމުން، ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފް މުޢާމަލާތްކުރަމުން ދިޔައީ އެ ކުންފުނީގެ ފަރާތުން މުޢާމަލާތްކުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެހަކުންކަން ކަށަވަރުވެއެވެ. އަދި މި އީމެއިލްތައް ފޮނުވަމުން ދިޔައީ ކުންފުނީގެ ނަމުގައިކަންވެސް ޔަޤީންވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބަރުތީލަ ބޯޓު ގަތުމަށް މުޢާމަލާތްކުރަމުން ދިޔައީ ބެއާރފުޓް ނޫމަޑީން ކަން އެނގެއެވެ.

32HN9މި މައުޟޫޢުގައި އިތުރަށް ކުރިއަށް ދާނަމަ، ބެއާރފުޓް ނޫމަޑީގެ ޑިރެކްޓަރަކު ނުވަތަ މުވައްޒަފަކު އަދި އެޖެންޓަކު "ނޫމަޑި.ކޮމް" ނުވަތަ "ބެއާރފުޓް.ކޮމް" ފަދަ ކުންފުނީގެ ނަމާއި ގުޅި ލާމެހިފައިވާ ޑޮމެއިންތަކުން އެހެން ފަރާތަކާ މުޢާމަލާތްކުރާ ޙާލަތުގައި އެ މުޢާމަލާތެއް ކުރެވެނީ އެ ކުންފުންޏާއެކު ނޫންކަމަށް ޝައްކު ކުރަންޖެހިދާނެ ޙާލަތެއް އުފަންވުން ވަރަށް ދުރެވެ.

33އަލަކާ ސިންގްގެ ފަރާތުން ބަރުތީލަ ބޯޓުގެ އަގު ހޯދުމަށްޓަކައި މުޢާމަލާތްކޮށްފައިވަނީ ހަމައެކަނި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފް އާ އެކަނި ނޫންކަން ފާހަގަކުރަމެވެ. ކުންފުނީގެ އެކައުންޓްސް ސެކްޝަނާވެސް އަލަކާ ސިންގް މުޢާމަލާތްކޮށްފައި ވެއެވެ. މިގޮތުން ފައިސާ ލަސްވުމާ ގުޅިގެން 15 ޖަނަވަރީ 2016 ގައި ކޮށްފައިވާ އީމެއިލް އާއި 24 ނޮވެންބަރު 2016 ގައި އަލަކާ ސިންގްގެ ފަރާތުން ކުންފުނީގެ އެކައުންޓްސް ސެކްޝަނަށް ފޮނުވާފައިވާ އީމެއިލްތައް ހިމެނެއެވެ.15 މި އީމެއިލްތައް ރައްދުވާ ފަރާތެއްގެ ގޮތުގައި ކުންފުނީގެ ގިނަ ފަރާތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި މަތީގައި ބަޔާންކޮށްފައިވާ ބަރުތީލަ އުޅަނދުގެ ބެޑްރައިޓްސް ކޮންޓްރެކްޓުގައި ކުންފުނީގެ ފަރާތުން މުޢާމަލާތްކުރުމަށް ކަނޑައަޅާފައިވާ “Marta Matteini” ވެސް ހިމެނެއެވެ. މިއިން ކޮންމެ އީމެއިލް އެއްގެ ޖަވާބު ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފް އަލަކާ ސިންގްއަށް ފޮނުވާފައިވަނީ ކުންފުނީގެ އެއް މުވައްޒަފަށްވުރެ ގިނަ މުވައްޒަފުންނަށް ކޮޕީ ކޮށްފައެވެ. މި ދެންނެވި އީމެއިލް ތަކުގައި ކްރިސްޓޯފް ބޭނުންކޮށްފައިވާ ޖަމާއީ ލަފުޒުތަކާއި ބަސްތަކަށް ބަލައި ފައިސާ ދެއްކުމަށް ވަޢުދުވަނީ ކުންފުނިން ކަން އެނގެއެވެ. އަދި އެ ފައިސާ ދެއްކުން ލަސްވެފައިވަނީ ކުންފުނީގެ މާލީ ޙާލަތު ދަށްވުމުގެ ސަބަބުން ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ. މިއިން އެއްވެސް އީމެއިލް އަކުން ބަރުތީލަ ބޯޓު ގަންނަނީ ކްރިސްޓޯފް އަމިއްލަ ހައިސިއްޔަތުންކަން އެނގެން ނެތެވެ.

34ވުމާއެކު، ބަރުތީލަ ބޯޓު ގަތުމުގެ މުޢާމަލާތުގައި އަލަކާ ސިންގް އާ މުޢާމަލާތްކުރަމުން ދިޔައީ ބެއާރފުޓް ނޫމަޑީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފަކީ ބެއާރފުޓް ނޫމަޑީގެ ފަރާތުން ކަންކަން ނިންމުމުގެ ބާރު އޮތް އެކްޗުއަލް އޮތޯރިޓީ އާއި އެޕެއަރެންޓް އޮތޯރިޓީ އޮތް ފަރާތެއް ކަމަށްވެފައި، އޭނާ އަލަކާ ސިންގް އާއެކު ބަރުތީލަ ބޯޓު ގަތުމަށް އެއްބަސްވެ، އަގުގެ ތެރެއިން ބައެއް ދައްކައި، އެ ބޯޓު ކުންފުނީގެ ހޮޓެލެއްގައި ބޭނުންކުރަމުންދާތީ، މި ހުރިހާ ކަމެއްގެ ނިމޭ ހިސާބަކީ ބެއާރފުޓް ނޫމަޑިން ބަރުތީލަ ބޯޓު ގަނެފައިވާކަން ސާބިތުވުމެވެ. އަދި ކްރިސްޓޯފް މުޢާމަލާތްކޮށްފައިވަނީ، އަލަކާ ސިންގް މި އިސްތިއުނާފުގައި ވަކާލާތުކުރާ ފަދައިން، ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި ނުވަތަ ކުންފުނި ތަމްސީލުކުރާ މީހެއްގެ ގޮތުގައި ފެނުމެވެ.

35ކަން މިހެން އޮތްއިރު، އިސްވެ ބުނުވެވުނު މުޢާމަލާތްތަކުގެ ތަބީޢަތާއި ކަން ހިނގާފައިވާ ގޮތަށް ބަލައި ބަރުތީލަ ބޯޓު ގަތުމަށް އެއްބަސްވީ ބެއާރފުޓް ނޫމަޑީންނެވެ. އެއަށްފަހު، ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި އިބްރާހީމް މޫސާގެ ނަމުގައި 20 ނޮވެންބަރު 2014 ގައި އުޅަނދު ރަޖިސްޓްރީ ކުރެވިފައިވަނީ އަމާނާތެއްގެ ގޮތުގައި ޓްރަސްޓުގައި ކަން އެނގެއެވެ. މި ޙަޤީގަތް އޭގެ ދުވަސްތަކެއް ފަހުން 2015 ވަނަ އަހަރު އުޅަނދު ބެލެހެއްޓުމާއި މެނޭޖްކުރުމުގެ ސުހޫލަތްތެރި ކަމަށްޓަކައި "ބެޑްރައިޓްސް ކޮންޓްރެކްޓެއްގައި" ސޮއިކޮށްފައި އޮތުމަކުން ބަދަލު ވެފައި ނުވެއެވެ. ހަމަ މި އުޅަނދު، އިބްރާހީމް މޫސާގެ ނަން މައްޗަށް ބަދަލުކުރުމުގެ ކުރިން އަލަކާ ސިންގް ވެސް އެ ބޯޓު ބާއްވާފައިވަނީ އަމާނާތެއްގެ ގޮތުގައި ޓްރަސްޓުގައި މުޙައްމަދު ނަޝީދުގެ ނަމުގައެވެ. މިއީ މިބާވަތުގެ ވިޔަފާރި ރާއްޖޭގައި ކުރުމުގައި ޒަމާނުއްސުރެ ޢަމަލުކުރާ ޢުރުފީ ހަމައެކެވެ.

ބަރުތީލަ ބޯޓު އަގު ދައްކަންޖެހޭ ފަރާތަކީ ކޮބާ؟

36ބަރުތީލަ ބޯޓު އަގު ދައްކަންޖެހޭ ފަރާތަކީ އެއްބަސްވެފައިވާ ގޮތުގެ މަތިން ބޯޓު ގަތްފަރާތް ކަމުގައިވާ ބެއާރފުޓް ނޫމަޑިއެވެ. ފައިސާ ދައްކަން އެއްބަސްވީ 1 ޑިސެންބަރު 2014 ގެ ކުރިންނެވެ. ނަމަވެސް މި މުއްދަތުގައި ފައިސާ ދައްކާފައިނުވާތީވެ 31 މާރިޗު 2015 ގެ ނިޔަލަށް ފައިސާ ދެއްކުމުގެ މުއްދަތު އަލަކާ ސިންގްގެ ފަރާތުން އިތުރުކޮށްދީފައިވާ ކަން އެނގެއެވެ. އެއަށްފަހު، 2016 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މަސްތަކަކަށް ބަހާލެވިގެން ފައިސާ ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވާކަން ދޭހަވެއެވެ.

37އެއްބަސްވެފައިވާ ގޮތަށް އަލަކާ ސިންގްއަށް ފައިސާ ލިބިފައި ނުވެއެވެ. މިހާތަނަށް ބެއާރފުޓް ނޫމަޑިން އަލަކާ ސިންގްއަށް ފައިސާ ދައްކާފައިވަނީ ދެ ތާރީޚެއްގައެވެ. އެއީ 23 އޮކްޓޫބަރު 2015 ގައި ދެ ޕޭމަންޓަކަށް ބަހާލެވި US$10,000 (ދިހަހާސް) އެމެރިކާ ޑޮލަރު މަގުން ދައްކާފައިވާ ޖުމްލަ US$20,000 (ވިހިހާސް) އެމެރިކާ ޑޮލަރު އެވެ. އެއަށްފަހު 10 ފެބުރުވަރީ 2016 ދުވަހު US$10,000 (ދިހަހާސް) އެމެރިކާ ޑޮލަރު މަގުން ދެ ޕޭމަންޓަކަށް ބަހާލެވިގެން ދައްކާފައިވާ ޖުމްލަ US$20,000 (ވިހިހާސް) އެމެރިކާ ޑޮލަރު އެވެ.

38ޖުމްލަ ހަތަރު ޕޭމަންޓަކުން US$40,000 (ސާޅީސްހާސް) އެމެރިކާ ޑޮލަރު ބެއާރފުޓް ނޫމަޑިން އަލަކާ ސިންގްއަށް ވަނީ ދައްކާފައެވެ. މި ހަތަރު ޕޭމަންޓުގެ ފައިސާ ދެއްކުމުގެ ކުރިއަށް މި ދެފަރާތުގެ ދެމެދުގައި ފައިސާ ދެއްކުމާ ގުޅޭ ގޮތުން ކަން ހިނގާދިޔަ ގޮތް އެނގުން މުހިންމެވެ.

38.1. މިގޮތުން ފުރަތަމަ ދެ ޕޭމަންޓަށް ބަލާނަމަ، އެ ދެޕޭމަންޓު ބެއާރފުޓް ނޫމަޑިން ވަކިވަކިން ދައްކާފައިވަނީ 23 އޮކްޓޫބަރު 2015 ގައެވެ. މީގެ 7 ދުވަސް ކުރިން

16 އޮކްޓޫބަރު 2015 ވީ ހުކުރު ދުވަހުގައި އަލަކާ ސިންގްއަށް ބެއާރފުޓް ނޫމަޑީގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފް ފޮނުވާފައިވާ އީމެއިލްގައި އާދީއްތަ ދުވަހު ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމާއި އަދި ހޯމަ ދުވަހު ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދޭކަމަށް ބަޔާންކޮށްފައިވެއެވެ. އެއަށްފަހު، 23 އޮކްޓޫބަރު 2015 ގައި ފުރަތަމަ ދެ ޕޭމަންޓުގެ ގޮތުގައި US$20,000 (ވިހިހާސް) އެމެރިކާ ޑޮލަރު ބެއާރފުޓް ނޫމަޑިން އަލަކާ ސިންގްއަށް ވަނީ ދައްކާފައެވެ. ފައިސާ ދެއްކީ އެ ކުންފުނީގެ އެކައުންޓުންނެވެ.

38.2. ހަމަ މިގޮތަށް 10 ފެބުރުވަރީ 2016 ގައި ދެވަނަ ފަހަރަށް ބެއާރފުޓް ނޫމަޑިން ދައްކާފައިވާ US$20,000 (ވިހިހާސް) އެމެރިކާ ޑޮލަރުގެ ޕޭމަންޓު ދެއްކުމުގެ ކުރިއަށް ކަންކަން ހިނގާފައިވާގޮތް ބަލާލުންވެސް މުހިންމެވެ. މިގޮތުން އަލަކާ ސިންގްގެ ފަރާތުން ބެއާރފުޓް ނޫމަޑީގެ އެކައުންޓްސްގެ އީމެއިލްއަށް 24 ނޮވެންބަރު 2015 އާއި 15 ޖަނަވަރީ 2016 އަދި 1 ފެބުރުވަރީ 2016 ގައި ފޮނުވާފައިވާ އީމެއިލްތަކަށް ބަލައި، ފައިސާ ދެއްކުން އަވަސްކޮށް ދިނުމަށް އެދިފައިވެއެވެ. މި ދެންނެވި އީމެއިލްތައް އަލަކާ ސިންގް ވަނީ މެނޭޖިންގ ޑިރެކްޓަރާއި އަދި އެ ކުންފުނީގެ އިތުރު ފަރާތަކަށް ކޮޕީކޮށްފައެވެ. މި އީމެއިލްތަކަށް ޖަވާބު ދިނުމުގެ ގޮތުން 04 ފެބުރުވަރީ 2016 ގައި މެނޭޖިންގ ޑިރެކްޓަރ ކްރިސްޓޯފް އަލަކާ ސިންގްއަށް ފޮނުވި އީމެއިލްތައް އެ ކުންފުނީގެ އެކައުންޓްސް އާއި އަދި އިތުރު މުވައްޒަފުންނަށް ކޮޕީކޮށްފައި ވެއެވެ. މި އީމެއިލްގައި ޖެހިގެން އަންނަ ހަފްތާގައި US$20,000 (ވިހިހާސް) އެމެރިކާ ޑޮލަރު ދައްކާނެ ކަމަށް ކްރިސްޓޯފް އަލަކާ ސިންގްއަށް ވަނީ ޔަގީންކަން ދީފައެވެ. އޭގެ ހަފްތާއެއް ފަހުން، ކްރިސްޓޯފް ވައުދުވީ ފަދައިން

10 ފެބުރުވަރީ 2016 ގައި ބެއާރފުޓް ނޫމަޑިން އަލަކާ ސިންގްއަށް ފައިސާ ދެއްކިއެވެ.

39އިސްވެ ބުނެވުނު ކަންކަމުގައި އެހެން ހުރުމުން ބަރުތީލަ ބޯޓު ގަނެފައިވަނީ ބެއާރފުޓް ނޫމަޑިކަމަށް ވެފައި، އެ ކުންފުނިން އުޅަނދު ބޭނުންކޮށް ހަތަރު ފަހަރެއްގެ މަތިން މިހާތަނަށް ކުންފުނިން ފައިސާ ދައްކާފައި ވާހިނދު، ބަރުތީލަ ބޯޓުގެ އަގުގެ ތެރެއިން މިހާތަނަށް އަލަކާ ސިންގްއަށް ނުދެއްކިވާ US$210,000 (ދެލައްކަ ދިހަހާސް އެމެރިކާ ޑޮލަރު) އަކީ ބެއާރފުޓް ނޫމަޑީގެ މައްޗަށް އޮތް ދަރަންޏެއްކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަން އެނގެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް އަދި ނަތީޖާ

40މަތީގައި އިޝާރާތްކުރެވިފައިވާ ކަންކަމުގެ އަލީގައި ބަރުތީލަ ބޯޓު ގަތުމަށްޓަކައި އަލަކާ ސިންގް އާއެކު މުޢާމަލާތްކޮށް އެއްބަސްވެފައިވަނީ ބެއާރފުޓް ނޫމަޑިން ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

41ބޯޓުގެ އަގަކީ US$250,000 (ދެލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ކަމާއި މިހާތަނަށް ބެއާރފުޓް ނޫމަޑިން އަލަކާ ސިންގްއަށް ދައްކާފައިވަނީ US$40,000 (ސާޅީސްހާސް) އެމެރިކާ ޑޮލަރު އެވެ. އަގުގެ ތެރެއިން އަލަކާ ސިންގްއަށް ނުލިބިވާ US$210,000 (ދެލައްކަ ދިހަހާސް) އެމެރިކާ ޑޮލަރު އަކީ ބެއާރފުޓް ނޫމަޑީގެ ފަރާތުން އަލަކާ ސިންގްއަށް ދައްކަންޖެހި ނުދައްކާވާ އޮތް ދަރަންޏެއްކަމަށް އަހުރެންނަށް ފެނެއެވެ.

42މި ނަތީޖާއަށް ވާސިލުވުމާއެކު މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

43މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

44މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައިވާ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/616 ޤަޟިއްޔާ އާއި ނަންބަރު 2020/HC-A/05 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 4291/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، "ބަރުތީލަ" ބޯޓު ގަނެފައިވާ ފަރާތަކީ ބެއާރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑް ކަމަށް ކަނޑައަޅައި، ބޯޓުގެ އަގު ކަމުގައިވާ US$250,000 (ދެލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއިން އެ ކުންފުނިން ދައްކާފައިވަނީ US$40,000 (ސާޅީސް ހާސް) އެމެރިކާ ޑޮލަރު ކަމާއި، ބާކީ ޢަދަދު ކަމުގައިވާ US$210,000 (ދެލައްކަ ދިހަހާސް އެމެރިކާ ޑޮލަރު) އަކީ ބެއާރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ކަނޑައަޅައި އެ ފައިސާ މިއަދު (07 ނޮވެންބަރު 2024) ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އަލަކާ ސިންގްއަށް ދެއްކުމަށް ބެއާރފުޓް ނޫމަޑި ހޮޓެލްގެ މައްޗަށް އަމުރުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

މަޙާޒު ޢަލީ ޒާހިރު

ޢަލީ ރަޝީދު ޙުސައިން

ފުޓްނޯޓު

  1. އބމ
  2. [2023] SC 35
  3. އބމ
  4. އބމ.
  5. ސިވިލް ކޯޓުގައި ބެއަރފުޓް ނޫމަޑީގެ ފަރާތުން 09 ސެޕްޓެންބަރު 2019 ގައި ދީފައިވާ ބަޔާން.
  6. ސިވިލް ކޯޓުގެ ނަންބަރު 4291/Cv-C/2018 ޤަޟިއްޔާގައި އަލަކާ ސިންގްގެ ފަރާތުން ހުށަހަޅާފައިވާ އީމެއިލްތަކުގެ ކޮޕީ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ