ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 33 · 2024/SC-A/38

ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2025ދަށު ކޯޓު: ހައިކޯޓު 2024/HC-A/122ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2024/HC-A/122
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 569-CVC-2024 ގައި، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތަށް ބޯޑު ޤަރާރެއް ނެތުމުން ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމިއެވެ. ހައިކޯޓުން 2024/HC-A/122 ގައި އަޣްލަބިއްޔަތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) އާއި 287 ވަނަ މާއްދާގެ ދަށުން ދައުވާ ފޯމު ބާޠިލުކުރިއެވެ.
ވާޤިޢާ
ސޭވް ދަ ޑްރީމް މޯލްޑިވްސްއަކީ ހަމަހަމަ ހިއްސާގެ ދެ ހިއްސާދާރުން ތިބި ފޮރިން އިންވެސްޓްމަންޓް ކުންފުންޏެކެވެ. ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޝިހާމް ޢަލީގެ ކިބައިން USD 14,651,772.00 ގެ ގެއްލުމުގެ ބަދަލާއި، އައު ޑިރެކްޓަރަކު ޢައްޔަންކުރުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އަމުރެއް ހޯދުމަށް ކުންފުނީގެ ނަމުގައި ބޯޑު ޤަރާރެއްނެތި ދައުވާ ހުށަހެޅުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުނި ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ބޯޑު ޤަރާރެއްނެތި ކުންފުނީގެ ނަމުގައި ހުށަހަޅާ ދައުވާ ބަލައިނުގަތުން ޞައްޙަތޯ؛ ހިންގުމުގައި މަރުތަޅު އެޅިފައިވާ ކުންފުންޏެއްގައި 2022/SC-A/81 ([2023] SC 53) ގެ ސަބަބުން ޤަރާރެއްނެތި ދައުވާ ބަލައިގަންނަންޖެހޭތޯ؛ އަދި ދައުވާކުރުމަށް ބޭނުންވާ އެކްޗުއަލް އޮތޯރިޓީއާއި އިސްތިސްނާއީ ޙާލަތްތައް.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، 2022/SC-A/81 ([2023] SC 53) ގެ 33، 34 އަދި 37 ވަނަ ޕެރެގްރާފްތަކުގައި ކުންފުނީގެ ތެރެއިން މައްސަލަ ޙައްލުކުރެވޭނެ މަގެއް ނެތްކަމާއި ކޯޓުގެ އެހީ ހޯދުމުގެ ޙައްޤު ކަނޑައަޅާފައިވާއިރު، ޤަރާރެއް ނެތުމަށް ބަލައި ދައުވާ ބާޠިލުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ރޫޙާއި އެ ނިންމުމާ ޚިލާފު ކަމަށެވެ. ރައްދުވާ ފަރާތްތަކުން އެދުނީ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިސްތިއުނާފު ބާޠިލުކުރުމަށެވެ.
ކޯޓުގެ ސަބަބުތައް
ކުންފުންޏަކީ މައުނަވީ ޝަޚުޞެއް ކަމުން ދައުވާކުރުމަށް ބޯޑުން ލިޔުމުން ދޭ އެކްޗުއަލް އޮތޯރިޓީ ލާޒިމެވެ. ދައުވާކުރުމުގެ ހުއްދަ ދިނުމަކީ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ވަކިވަކި ޑިރެކްޓަރަކަށް ލިބިފައިވާ ބާރެއް ނޫނެވެ. ޤަރާރެއްނެތި ބަލައިގަނެވޭނީ ފުރަތަމަ ނަޒަރުން ހާމަވާ އަވަސް ތަބީޢަތުގެ ވަރަށް ހަނި ޙާލަތްތަކުގައެވެ. 2022/SC-A/81 ގެ ނިންމުމުން ކޯޓަށް ދިއުމުގެ ދޮރު ހުޅުވާލީ ހިއްސާދާރުންނަށް ކަމުން، ކުންފުނީގެ ނަމުގައި ޤަރާރެއްނެތި ދައުވާ ބަލައިގަންނަންޖެހޭތޯ ބަހުސްކުރުމުގެ ޖާގައެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ 2024/HC-A/122 ގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް، ހައިކޯޓުގެ ނިންމުން ޤާއިމް (ހިއްސާދާރުން ދައުވާކުރުމަށް ނުވަތަ ބޯޑު ޤަރާރަކާއެކު އަލުން ހުށަހެޅުމަށް ހުރަހެއް ނެތް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަމަށް ދެކި ފާހަގަކުރާ ކަންކަމަކީ އިސްތިއުނާފުގައި އޮތް މައުޟޫޢީ ސުވާލާ ލާމެހިފައިވާ ކަމަކަށްވާނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ ދަށުން، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފުމަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމުގައި ބަޔާންކޮށް އިސްތިއުނާފު ބާޠިލުކުރުމަށް އެދޭ ހުށަހެޅުމެއް ބަލައިނުގަނެވޭނެއެވެ.

HN2 ކުންފުންޏަކީ މައުނަވީ ޝަޚުސަކަށްވެފައި ކުންފުނީގެ ފަރާތުން މުޢާމަލާތްކުރަނީ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުން ނުވަތަ އޮފިސަރުންނެވެ. ކުންފުނީގެ ފަރާތުން ބާރު ލިބިގެން ކުރާ މުޢާމަލާތުތައް ކުރެވެނީ، ބައެއް ފަހަރު ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދެވިފައިވާ އެކްޗުއަލް އޮތޯރިޓީ (Actual authority) އެއްގެ ގޮތުގައި، އަދި އަނެއް ބައި ފަހަރު އެޕެއަރެންޓް (Apparent) ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީ (Ostensible authority) އެއްގެ ގޮތުގައެވެ.

HN3 ކުންފުންޏެއްގެ ފަރާތުން ކޯޓަށް ދައުވާއެއް އުފުލުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ލިޔުމުން ސާފުބަހުން ހުއްދަ ދީފައިވާ އެކްޗުއަލް އޮތޯރިޓީ އޮންނަންވާނެއެވެ. މާނައަކީ، ކުންފުނި ތަމްސީލުކުރުމަށް ނުވަތަ އޮތް ޚުސޫމަތުގައި ކޯޓަށް ދިއުމަށް ނިންމާފައި އޮންނަ ނިންމުމެއް އޮންނަންވާނެއެވެ. ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ޙާލަތުގައި، ދައުވާކުރުމަށް ހުއްދަ ދިނުމަކީ ނުވަތަ ކޯޓުގައި ކުންފުނި ތަމްސީލުކުރާނެ ފަރާތެއް އައްޔަންކުރުމަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ވަކިވަކި ޑިރެކްޓަރަކަށް ލިބިފައިވާ އިޚްތިޔާރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

HN4 ކުންފުންޏެއްގެ ފަރާތުން ކޯޓަށް ދައުވާއެއް އުފުލާނަމަ، ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ކުންފުނީގެ ޤަރާރެއް އޮތުން ލާޒިމުކޮށްފައިވަނީ، ކުންފުނީގެ ފަރާތުން ހާޟިރުވާ ފަރާތަކީ އެ މައްސަލައެއްގައި ކުންފުނި ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ހުއްދަދީފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށެވެ. ކުންފުންޏަކީ ދައުވާއެއް ރައްދުވާ ފަރާތްކަމުގައި ވިޔަސް، އެހެންގޮތަކަށް ކޯޓުން ހުއްދަދީފައިނުވާނަމަ ތަފާތެއް ނެތެވެ. މިކަން ކަށަވަރުކުރުމެއްނެތި ޝަރީޢަތް ކުރިއަށް ގެންދެވިގެން ނުވާނެއެވެ. މިކަމަށް ކޯޓުތަކުން ކަނޑައަޅާފައިވާ އިޖުރާއަތަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ހުށަހެޅުމެވެ. ކޯޓެއްގައި ކުންފުންޏެއް ތަމްސީލުކުރާނީ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ ކުންފުނީގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ ޤާނޫނީ ވަކީލެކެވެ.

HN5 ކުންފުނީގެ ފަރާތުން ކުންފުނީގެ ޤަރާރެއްނެތި ކޯޓަށް މައްސަލަ ހުށަހެޅުމަށް އިސްތިސްނާއީ ޙާލަތެއްގައި އޮތް ފުރުސަތު ވަރަށް ހަނިއެވެ. އެއީ، ޤަރާރެއްނެތި ކޮންމެހެން ބަލައިގަންނަން ޖެހޭ ފަދަ މައްސަލައެއްކަން އެ މައްސަލައެއް ފެނުމާއެކު ފުރަތަމަ ނަޒަރުން އެނގި ހާމަވާ އަވަސް ތަބީޢަތުގެ މައްސަލަތަކެވެ. ކަންހިނގާފައިވާ ގޮތާއި ވަގުތާއި ޙާލަތަށް ބަލައި، ކުންފުނީގެ ޤަރާރެއް ހޯދުމަށް ހިނގާ ވަގުތު ތެރޭގައިވެސް އެފަދަ މައްސަލަ ބަލައިނުގަނެފިނަމަ އިންސާފަށް ހުރަސްއެޅިދާނެކަމަށް ކޯޓަށް ގަބޫލުކުރެވެން ވާނެއެވެ. މިކަންކަން ކޯޓަށް އިޤްތިނާއު ކުރެވޭ މިންވަރަކަށް ބަޔާންކޮށްދިނުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

HN6 ކުންފުނީގެ ނަމުގައި މައްސަލައެއް ހުށަހަޅާނަމަ، ސިވިލް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ފާސްކޮށްފައިވާ، ކުންފުނި ތަމްސީލުކުރާނެ ފަރާތެއް އައްޔަންކުރެވިފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް އޮތުން ލާޒިމެވެ. ހިއްސާދާރުންގެ މެދުގައި އޮތް ޚިލާފުތަކާއި ކުންފުނީގެ ހިންގުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ކޯޓަށް އައުމުގެ ދޮރު ހިއްސާދާރުންނަށް ހުޅުވިފައިވާ ޙާލަތުގައި، ކުންފުނީގެ ޤަރާރެއްނެތި ކުންފުނީގެ ނަމުގައި ހުށަހަޅާ މައްސަލަ ބަލައިގަންނަން ޖެހިދާނެތޯ ބަހުސްކުރުމުގެ ޖާގައެއް ނެތެވެ.

HN7 ކުންފުނި ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ބޯޑު ޤަރާރެއް ނެތުމުން ކުންފުނީގެ ނަމުގައި ހުށަހެޅި ދައުވާ ބަލައިނުގަނެވުމަކީ، އިޖުރާއަތު ފުރިހަމަކުރުމަށްފަހު ކުންފުނީގެ ހިއްސާދާރުން ނުވަތަ ހިއްސާދާރަކު ދައުވާއެއް ހުށަހެޅުމަށް، ނުވަތަ ކޯޓުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުންފުނި ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރަކާއެކު ކުންފުނީގެ ނަމުގައި އަލުން މައްސަލަ ހުށަހެޅުމަށް ހުރަހެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަޙްމަދު ނާޠިމް ޢަބްދުއްސައްތާރު، ދަ ލިޓިގެންޓްސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އިސްމާޢީލް މުޙައްމަދު، އިމްތިޔާޒް ޢަލީ، އީމާނު ހާނީ، ޓޯޓަލް ލީގަލް ސޮލިއުޝަންސް
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، މުޙައްމަދު ސަލީމް
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

[2025]SC 33

2024/SC-A/38

ޝަރީޢަތް ނިމުނުގޮތް

ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން

ފަނޑިޔާރު މުޙައްމަދު ސަލީމް

ނިމުނު ތާރީޚު

30 ނޮވެންބަރު 2025

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2024/HC-A/122

އިސްތިއުނާފުކުރާ ފަރާތް

ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޤާނޫނީ ވަކީލު: އަޙްމަދު ނާޠިމް ޢަބްދުއްސައްތާރު، ދަ ލިޓިގެންޓްސް އެލް.އެލް.ޕީ

އިސްތިއުނާފު ރައްދުވާ ފަރާތް

1ޙުސައިން ޝިހާމް ޢަލީ، މއ. ތަނޑިނޫމާގެ، މާލެ

ޤާނޫނީ ވަކީލު: އިސްމާޢީލް މުޙައްމަދު، ޓޯޓަލް ލީގަލް ސޮލިއުޝަންސް

އިމްތިޔާޒު ޢަލީ، ޓޯޓަލް ލީގަލް ސޮލިއުޝަންސް

2މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (ދައުލަތް)

ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް އެޓަރނީ އީމާން ހާނީ

މަދަނީ – ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު – ކުންފުނި ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރުން - އެޖެންސީގެ ހަމަތައް – އެކްޗުއަލް އޮތޯރިޓީ – އެޕެއަރެންޓް އޮތޯރިޓީ – އޮސްޓެންސިބަލް އޮތޯރިޓީ

ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް

[2025]SC 33

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރަފް

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/122 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސޭވް ދަ ޑްރީމް މޯލްޑިވްސް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2024/SC-A/38 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މއ. ތަނޑިނޫމާގެ، ޙުސައިން ޝިހާމް ޢަލީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (ދިވެހި ދައުލަތް) ގެ މައްޗަށެވެ.

2މި މައްސަލައިގައި ދައުރުވާ ސުވާލު ބިނާވެފައިވަނީ ކުންފުނީގެ ޤަރާރެއްނެތި މައްސަލައެއް ޝަރީޢަތަށް ހުށަހެޅިދާނެތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ. މިގޮތުން ސޭވް ދަ ޑްރީމް މޯލްޑިވްސް ނަމުގައި ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެފައި ނުވެއެވެ. ސަބަބަކީ، ގަވާއިދުގައިވާ ގޮތުގެމަތިން އެ ކުންފުނި ތަމްސީލު ކުރާނެ ފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ކުންފުނީގެ ނިންމުމެއް ނުވަތަ ޤަރާރެއް ނެތަތީވެއެވެ. ސިވިލް ކޯޓުގެ މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފު ކުރުމުން ދަށުކޯޓުގެ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ކުރިމަތީގައި މި އޮތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެވެ.

ސިވިލް ކޯޓުގެ ނިންމުން

3ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ ނަމުގައި ޙުސައިން ޝިހާމް ޢަލީ އާއި ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް 4 މާރިޗު 2024 ގައި ސިވިލް ކޯޓުގައި ދައުވާއެއް އުފުލުމަށްޓަކައި ފޯމު ހުށަހެޅި އެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 569-CVC-2024 ޤަޟިއްޔާ އިންނެވެ.

4އިސްވެ ބުނެވުނު ޤަޟިއްޔާގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޝިހާމް ޢަލީގެ ކިބައިން ކުންފުންޏަށް އޮތް އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާގެ ކިބައިން USD 14,651,772.00 (ސާދަ މިލިއަން ހަލައްކަ ފަންސާސް އެއްހާސް ހަތް ސަތޭކަ ހަތްދިހަ ދޭއް އެމެރިކާ ޑޮލަރު) ގެ ބަދަލެއް ނަގައި ދިނުމަށް އެދިފައި ވެއެވެ.

5ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާއަށް އިތުރަށް ބަލާނަމަ، ސޭވް ދަ ޑްރީމް މޯލްޑިވްސް އަކީ ފޮރިން އިންވެސްޓްމެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށްވާއިރު މިފަދަ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ވަކި ޒިންމާތަކެއް އޮންނަހިނދު، މި ޒިންމާތައް އަދާކުރެވޭނީ ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނައުމުން ކަމަށްވާތީ، ކުންފުނި ހިންގުމަށްޓަކައި އަންނަނިވި ކަންކަން ކުރުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އަމުރުކޮށް ދިނުމަށް

(ހ) ކުންފުނީގެ އެއް ހިއްސާދާރު ކަމުގައިވާ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީ (ސޭވް ދަ ޑްރީމް ފްރާންސް) ގެ ކިބައިގައި އޮތް 50 (ފަންސާސް) ހިއްސާގެ ތެރެއިން އެއް ހިއްސާ އެ ފަރާތުން ކަނޑައަޅާ ވަކި ފަރުދަކަށް (ކްރިސްޓޯފް ގަލަންޑް) އަށް ޓްރާންސްފަރ ކޮށްދިނުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އެންގުމާއި އެ ފަރާތް ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ޢައްޔަންކުރުމުގެ އިދާރީ ކަންކަން ނިންމުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އެންގުން.

(ށ) މަތީގައި ބަޔާންކޮށްފައިވާ ބަދަލުތަކާ އެއްގޮތަށް ކުންފުނީގެ ދުސްތޫރަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އެންގުން.

6އިސްވެ ބުނެވުނު ދައުވާގައި ސިވިލް ކޯޓުން ގޮތެއް ނިންމާފައިވަނީ އިޖުރާއީ ސުވާލެއްގެ މައްޗަށެވެ. އެއީ، ކުންފުންޏެއްގެ ނަމުގައި ދައުވާއެއް އުފުލާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް އޮތުން ލާޒިމުކުރާތީވެ، މި މައްސަލައިގައި ކުންފުނި ތަމްސީލުކުރުމުގެ ހުއްދަ ދީފައިވާ ޤަރާރެއް ނެތަތީވެ އެކަމުގެ މައްޗަށެވެ.

7އެހެންކަމުން، ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތު ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ފަދައިން، ކުންފުނި ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅައި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތަތީވެ، މި ދައުވާ އަކީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ނަމުގައި ދައުވާކުރުމުގެ ހައިސިއްޔަތު ނެތި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮތުމުން މި ދައުވާ ބަލައިގަނެ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ނިންމައެވެ.

8ދަށުކޯޓުގެ މި ޤަޟިއްޔާ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

9ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ދަށުކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2024/HC-A/122 ޤަޟިއްޔާ އިންނެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން މި ޤަޟިއްޔާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބުރަވެވޭތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގެ ދަށުން ދައުވާ ފޯމު ބާޠިލުކޮށް މައްސަލަ ނިންމާފައި ވެއެވެ.

10ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނަތީޖާއަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.

10.1. ފުރަތަމަ ކަމަކީ، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން މައްސަލަ ހުށަހެޅިއިރު ކުންފުނީގެ ސައްޙަ ޤަރާރެއް ހުށަހަޅާފައި ނުވާތީވެ، ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ހިފާފައިވާ ކަމުގައި އިސްތިއުނާފު ރައްދުވާ ޙުސައިން ޝިހާމް ޢަލީ އާއި ދައުލަތުން ބުނެފައިވާއިރު، މި މައްސަލައަކީ ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުންދިޔައިރުވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހަޅައި އެ ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވާކަން އެނގޭކަން.

10.2. ދެވަނަ ކަމަކީ، ކުންފުންޏެއްގެ ފަރާތުން ދައުވާއެއް ކުރުމަށްޓަކައި އެ ދައުވާއެއް ކުރުމުގެ އިޖުރާއަތު ފުރިހަމަވާނީ އެ ދައުވާއެއް ކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމުމެއް އޮވެގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، މި މައްސަލައިގައި އިސްތިއުނާފު ކުރުމަށް މައްސަލަ ހުށަހެޅިއިރު، އެފަދަ ބޯޑު ނިންމުމެއް ނުވަތަ ޤަރާރެއް ހުށަހަޅާފައި ނުވާކަން.

10.3. ތިންވަނަ ކަމަކީ، ކުންފުނީގެ އެތެރޭގެ ނިޒާމުން ޙައްލުކުރެވެން އޮތް ކަމެއް ޙައްލުކޮށް އަލުން ދައުވާ ހުށަހެޅުމުގެ ބަދަލުގައި އަނެއްކާވެސް ކުންފުނީގެ ދުސްތޫރުން ފާސްކުރުމަށް ބާރު ނުލިބޭ ލިޔުމެއް މެދުވެރިކޮށް މި މައްސަލަ އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ފަރާތުގެ މި ޢަމަލަކީ އަސާސެއް އަދި ޙަޤީޤަތެއް ނެތް ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފުމުގެ ޢަމަލުތަކުގެ ގޮތުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއްކަން.

10.4. ހަތަރުވަނަ ކަމަކީ، ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚްޞެއް ކަމުގައިވާއިރު ކުންފުނި ޢަމަލުކުރާނެ ގޮތް އަންގުވައިދެނީ ކުންފުނީގެ ބޯޑު ނިންމުންތަކުން ކަމުގައިވާއިރު، މި ޙާލަތުގައި ޤާނޫނު ގަބޫލުކުރާ ކުންފުނީގެ ޞައްޙަ ޤަރާރެއް ނެތްއިރު، ސިވިލް ކޯޓުގައި ދައުވާކުރުމަށް ހުރަސްއެޅުނު ފަދައިން ޤާނޫނު ގަބޫލުކުރާ ޞައްޙަ ޤަރާރަކުން ބާރުލިބިގެން މެނުވީ އިސްތިއުނާފު ކުރާ ފަރާތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ހުށަހެޅުމުގެ ޙައްޤުވެސް ލިބިގެން ނުވާކަން.

11މި މައްސަލައިގައި އޮތް ތަފާތުވި ރައުޔުގައި ބަޔާންކޮށްފައިވަނީ، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހިއްސާ އާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ހަމަޖައްސާފައިވާ ގޮތުން މިހާރު މި ކުންފުންޏަށް ދިމާވެފައިވާ މައްސަލަތައް ކުންފުނީގެ ތެރެއިން ހައްލުކުރެވެނޭ މަގެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް ގައި ބަޔާންކޮށްފައިވާއިރު، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބާއްވައިގެން ބޯޑު ޤަރާރެއް ހޯދައިގެން މައްސަލަ ހުށަހެޅުމަށް އެންގުމަކީ ވަގުތު ބޭކާރު ކުރުމަށްޓަކައި މި މައްސަލައިގައި ދައުވާ ރައްދުވާ ޙުސައިން ޝިހާމް ޢަލީ އެދޭ އެދުމަށް ކޯޓުން ދޭ އިޖާބީ ފަރުވާއެއް ކަމަށާއި، މި މައްސަލައިގައި ދައުވާކޮށްފައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމުގައިވާއިރު ކުންފުނީގެ މިހާރު ހުރި ޑިރެކްޓަރަކީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ %50 (ފަންސާސް އިންސައްތަ) ޙިއްޞާ މިލްކުކުރާ ފްރާންސްގެ ކުންފުންޏެއް ކަމަށްވާއިރު ދައުވާކޮށްފައި އޮތް ނަމުގެ މައްޗަށް ހަމައެކަނި ބެލުމަށްފަހު ކުންފުނީގެ ޤަރާރެއް ފާސްކޮށްގެން ނުވަތަ ބޯޑުން އެކަށައަޅާ ގޮތެއްގެ މަތިން ކަންކަން ކުރުމަށް އަންގައި ކޯޓުގެ އިޚްތިޞާޞް މި މައްސަލައަށް ނުލިބޭކަމަށް ބުނެ މައްސަލަ ނިންމާލުމުގެ ކުރިން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލަންޖެހޭ ކަމަށް ދެކޭތީ، މި މައްސަލައަކީ ސިވިލް ކޯޓުން މައުޟޫޢަށް ބަލައި ގޮތެއް ނިންމަންޖެހޭ މައްސަލައެއް ކަމުގައެވެ.

12އޭގެ ފަހުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/122 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާ އެކެވެ.

14އެ ނުކުތާގައި ބުނެފައިވަނީ ހަމަހަމަ ހިއްސާދާރުންނާއި ޑިރެކްޓަރުން ތިބޭ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ އަމަލުތަކުގެ ސަބަބުން ނުވަތަ ޑިރެކްޓަރުންގެ އަދަދު މަދުވުމުގެ ސަބަބުން ބޯޑުގެ ބައްދަލުވުން ބޭއްވުމަށް ނުވަތަ ރިޒޮލިއުޝަން ފާސްކުރުމަށް ނުކުޅެދޭ ހާލަތުގައި ޢަމަލުކުރާނެ ގޮތް ސުޕްރީމް ކޯޓުގެ ސޭވް ދަ ޑްރީމް ޕްރައިވެޓް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިޔާމް ޢަލީ އަދި އިތުރު ފަރާތެއް ޤަޟިއްޔާގައި ބަޔާންކޮށްފައި ވަނިކޮށް (ޕެރެގްރާފް 33)، އަދި ހަމަ އެ ޤަޟިއްޔާގައި، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ މިހާރުގެ އިންތިޒާމުތަކުގެ ދަށުން ކުންފުނީގެ އެތެރޭގައި މައްސަލަތައް ހައްލުކުރުމަކީ ނުކުރެވޭނެ ކަމެއް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް (ޕެރެގްރާފް 34)؛ އަދި ކުންފުނީގެ ހިންގުމަށް ހުރަސްއެޅޭ ހާލަތުގައި ކޯޓުގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވަނިކޮށް (ޕެރެގްރާފް 37)؛ ކުންފުނީގެ ޚާއްޞަ ޙާލަތަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިރުޝާދުތަކަށް ނުބަލައި މި މައްސަލައަކީ އިޖުރާއީ ސަބަބުތަކަށްޓަކައި ބާޠިލުކުރަންޖެހޭ މައްސަލައެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ރޫހާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސޭވް ދަ ޑްރީމް ޕްރައިވެޓް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިޔާމް ޢަލީ އަދި އިތުރު ފަރާތެއް މި ޤަޟިއްޔާ އާ ޚިލާފަށް ކަމުގައެވެ.

15މި އިސްތިއުނާފުގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކުރުމަށްފަހު، ސިވިލް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި އެ ކޯޓަށް މައްސަލަ ތަޙްވީލުކޮށް ދިނުމަށެވެ. މި އިސްތިއުނާފު ރައްދުވަނީ ދެފަރާތެއްގެ މައްޗަށެވެ. އެއީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޝިހާމް ޢަލީ އާއި ދައުލަތުގެ މައްޗަށެވެ.

16HN1މި މައްސަލަ ހުށަހެޅުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާ (ށ) އަށް ރިޢާޔަތްކޮށް އެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) އަދި (ii) ގައި ބަޔާންކުރާ ފަދައިން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާ އާ ޚިލާފަށް އަދި 421 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމުގައި ބަޔާންކޮށް އިސްތިއުނާފުގެ މައްސަލަ ބާޠިލުކޮށް ދިނުމަށް އެދި އިސްތިއުނާފު ރައްދުވާ ޙުސައިން ޝިހާމް ޢަލީ އާއި ދައުލަތުން އެދުނެވެ. ނަމަވެސް، މި ހުށަހެޅުން ޝަރީޢަތުން ބަލައިގަނެފައި ނުވެއެވެ. ސަބަބަކީ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަމަށް ދެކި ފާހަގަ ކުރާ ކަންކަމަކީ، މި އިސްތިއުނާފުގައި އޮތް މައުޟޫޢީ ސުވާލާ ލާމެހިފައިވާކަމަކަށް ވާތީއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން

17މަތީގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ ނުކުތާގައި ޙަވާލާދެވިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ހުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް މި ޤަޟިއްޔާ އަށެވެ. މި މައްސަލައަކީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޙިއްސާދާރުންގެ މެދުގައި އުފެދިފައިވާ ޚިލާފުތަކާ މެދުގައި ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މިގޮތުން އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދީފައިވަނީ އެ ޤަޟިއްޔާގެ 33 ވަނަ ޕެރެގްރާފް އާއި 34 ވަނަ ޕެރެގްރާފް އަދި 37 ވަނަ ޕެރެގްރާފް އަށެވެ. މި ތިން ޕެރެގްރާފަށް ޙަވާލާދެވި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރާ ކަމަކީ، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހިއްސާދާރުންގެ މެދުގައި ޚިޔާލު ތަފާތުވުން ތަކެއް އޮވެ ކުންފުނި ހިންގުމުގައި މަރުތަޅު އެޅިފައިވާތީވެ އެކަން ޙައްލުކުރުމަށް ކޯޓަށް އައުމުގެ އިޚްތިޔާރު ލިބިފައިވާ ކަމަށާއި، އެ ގޮތުގެމަތިން ކޯޓަށް މައްސަލަ ހުށަހެޅުމުން ކުންފުނި ތަމްސީލު ކުރުމަށް ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތް ކަމަށް ބަލައި، ދަށުކޯޓުންނާއި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

18އެހެންކަމުން، އިސްތިއުނާފުގައި ޙަވާލާދީފައިވަނީ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް މި ޤަޟިއްޔާގެ ތިން ޕެރެގްރާފެއްގެ މައްޗަށް ކަމުގައިވާތީވެ، މި ޕެރެގްރާފު ތަކުގައި އިޝާރާތްކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާލުން މުހިއްމެވެ. މިގޮތުން މި އިސްތިއުނާފުގައި ޙަވާލާދީފައިވާ ފުރަތަމަ ޕެރެގްރާފަކީ 33 ވަނަ ޕެރެގްރާފެވެ. މި ޕެރެގްރާފުގެ ޢިބާރާތް ތިރީގައި ނަކަލު ކުރެވިފައި އެ ވަނީ އެވެ.

"އަތުގައި މިއޮތް މައްސަލައިގައި ކަންހިނގާފައިވާ ފަދަ ގޮތަކަށް ކަންހިނގާފައި ހުންނަ މައްސަލަތަކުގައި، ޑައިރެކްޓަރަކު މަސްލަހަތު ފުށުއަރާ ގޮތަކަށް އަމަލުކުރިނަމަވެސް އެ ކުންފުނީގެ ހިއްސާ ހަމަޖެހިފައި ހުރި ގޮތުން ނުވަތަ ބޯޑު އެކުލެވިފައިވާ ގޮތުން އެފަދަ މެންބަރެއްގެ މައްޗަށް ފިޔަވަޅު އަޅަން ކުންފުނީގެ ބޯޑު ނުކުޅެދި ކުންފުނި ހިންގުމުގައި މަރުތަޅު އެޅޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަރުވާއެއް ކޯޓުން ހޯދައި ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ފެނެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ކުންފުންޏެއްގެ މެންބަރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ، ކުންފުނީގެ މެންބަރުންގެ ނުވަތަ މެންބަރުންގެ ތެރެއިން ބަޔެއްގެ ނުވަތަ މެންބަރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައި ވަނީނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް އެދި އެ ކުންފުންޏެއްގެ މެންބަރުންނަށް ނުވަތަ މެންބަރަކަށް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މި މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ މެންބަރަކު ނުވަތަ މެންބަރުން ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކީ، ކޯޓުގެ ނަޒަރުގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭ ފަދަ ކަމެއްކަމުގައި ވަނީނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށެވެ.

(ހ) މެންބަރެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހަޅާ ކަމަކާ ގުޅޭ، ކުންފުނީގެ ކަންތައްތައް ވަކިގޮތަކަށްހިންގުމަށް ކަނޑައަޅާފައިވާ އަމުރެއް.

(ށ) މެންބަރަކު ނުވަތަ މެންބަރުން އެފަރާތުގެ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހެޅި ކަންތައް ރަނގަޅު ކުރުވުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރެއް.

(ނ) ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގެ އަމުރެއް."

19މި އިސްތިއުނާފުގައި ޙަވާލާދީފައިވާ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް މި ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފުގެ ޢިބާރާތުގެ ނަކަލެއް ތިރީގައި އެ ވަނީއެވެ.

"ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ހިއްސާ އާއި ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުން ހަމަޖައްސާފައިވާ ގޮތުން، މިހާރު މިކުންފުންޏަށް ދިމާވެފައިވާ މައްސަލަތައް ކުންފުނީގެ ތެރެއިން ހައްލުކުރެވޭނެ މަގެއް ނެތެވެ. ކުންފުނީގައި ތިބީ ހިއްސާ ހަމަހަމައަށް ބެހިގެންވާ ދެ ހިއްސާދާރުންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދަކީ 2 އެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން 2 މެންބަރުން ތިބެން ޖެހެއެވެ. އަދި ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުގައި މަދުވެގެން ދެ ހިއްސާދާރުން ތިބެންޖެހެއެވެ. އެހެންކަމުން މި ފަދަ ގޮތަކަށް ކުންފުނި ހިންގުން އިންތިޒާމުވެފައި ހުންނަ ކުންފުނިތަކުގެ ޑައިރެކްޓަރަކުގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވާ ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަރުވާއެއް ކޯޓުން ހޯދައި ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެމެވެ. އެހެންކަމުން، މި މައްސަލައިގައި، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހިއްސާދަރެއް ކަމަށްވާ ސޭވް ދަ ޑްރީމް ފްރާންސް އިން ޙުސައިން ޝިހާމް ޢަލީގެ ޑައިރެކްޓަރު ކަމުގެ ވާޖިބާ ޚިލާފުވެފައިވާކަން ސާބިތުކުރުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު އެކުންފުންޏަށް ލިބިގެންވެއެވެ."

20މި އިސްތިއުނާފުގައި ޙަވާލާދީފައިވާ ތިންވަނަ ޕެރެގްރާފަކީ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް މި ޤަޟިއްޔާގެ 37 ވަނަ ޕެރެގްރާފެވެ. މި ޕެރެގްރާފުގެ ޢިބާރާތުގެ ނަކަލެއް ތިރީގައި އެ ވަނީއެވެ.

"މި މައްސަލައިގައި މި ކޯޓުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުކަމުން ޙުސައިން ޝިހާމް ޢަލީ ޑިސްކޮލިފައި ކުރުމުން އެކުންފުނި ހިންގުމަށް އެޅޭ ހުރަސްތައް ނައްތާލުމަށް ނުވަތަ ހައްލެއް ހޯދުމަށް، މަތީގައި ބަޔާންވެދިޔަ އުސޫލުތަކުގެ ތެރެއިން ކޯޓުގެ އެހީއެއް ހޯދުމުގެ ބާރު ކުންފުނީގެ ހިއްސާދާރުންނަށް ލިބިގެންވެއެވެ".

21HN6މަތީގައި ބަޔާންކުރެވިފައިވާ ތިން ޕެރެގްރާފުގައި ހިއްސާދާރުންގެ މެދުގައި އޮތް ޚިލާފުތަކާއި ކުންފުނީގެ ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި އަދި ކުންފުންޏަށް ބީވެފައިވާ މަސްލަޙަތު ހޯދައި ކޯޓަށް ދިއުމުގެ އިޚްތިޔާރު ހިއްސާދާރުންނަށް ލިބިދީފައިވެއެވެ. މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވާސިލުވެފައިވަނީ ކުންފުނިން މިފަދަ ދައުވާތައް ހުށަހެޅުމަށް ނުކުޅެދިފައިވާތީކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުގައި ހަވާލާދެވިފައިވާ ކަންކަމުންނާއި އެ ޤަޟިއްޔާގެ ނިންމުމުން ސާފުކޮށް އެނގެއެވެ.

22އޭގެ ފަހުން، މި މައްސަލައިގައި އޮތް ޚިލާފުތަކަށް ކުރިއެރުންތަކެއް ލިބިފައިނުވާކަން ކުރިމަތީގައި މިއޮތް މައްސަލައިގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމުން އެނގެއެވެ. ކަންމިހެން އޮތްއިރު، ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިޝާރާތްކޮށްފައިވާ ގޮތުގެމަތިން ހިއްސާދާރުންގެ މެދުގައި އޮތް ޚިލާފުތަކާއި ކުންފުނީގެ ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި އަދި ކުންފުންޏަށް ބީވެފައިވާ މަސްލަޙަތު ހޯދައި ޙައްލުކުރުމަށް ކޯޓަށް ދިއުމުގެ އިޚްތިޔާރު ހިއްސާދާރުން ނުވަތަ ހިއްސާދާރަކަށް ކޯޓަށް އައުމުގެ ފުރުސަތު ފަހިކޮށްދީފައި ވަނިކޮށް އެ ފުރުސަތު އެއްފަރާތް ކުރުމަށްފަހު، ކުންފުނީގެ ނަމުގައި މި ދައުވާ ސިވިލް ކޯޓަށް ހުށަހެޅުމަށް މަސައްކަތްކޮށްފައިވާ ކަން އެނގެން އޮވެއެވެ. އެ ކޯޓުން މި މައްސަލަ ބަލައިގަނެފައިނުވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކޯޓުގައި ކުންފުނި ތަމްސީލުކުރާނެ ފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ޤަރާރެއް ނެތީމައެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ މި ނިންމުމަށްވަނީ ތާއީދުކޮށްފައެވެ.

ކުންފުނީގެ ޤަރާރު

23HN2ކުންފުންޏަކީ މައުނަވީ ޝަޚުސަކަށްވެފައި ކުންފުނީގެ ފަރާތުން މުޢާމަލާތްކުރަނީ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުން ނުވަތަ އޮފިސަރުންނެވެ. ކުންފުނީގެ ފަރާތުން ބާރު ލިބިގެން ކުރާ މުޢާމަލާތުތައް ބައެއް ފަހަރު ފެންނަން ހުންނަނީ ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދެވިފައިވާ އެކްޗުއަލް އޮތޯރިޓީ (Actual authority) އެއްގެ ގޮތުގައެވެ. އަނެއް ބައި ފަހަރު އެޕެއަރެންޓް (Apparent) ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީ (Ostensible authority) އެއްގެ ގޮތުގައި ކަން މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާ ބެލުމުން އެނގެއެވެ.

24HN3ކުންފުންޏެއްގެ ފަރާތުން ކޯޓަށް ދައުވާއެއް އުފުލާ ހިސާބަށްދާނީ އެކަމެއްގެ ސީރިއަސްކަމުގެ މައްޗަށް ބަލައި ޙައްލެއް ހޯދުމަށެވެ. މިފަދަ ކަމެއް ނިންމުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ލިޔުމުން ސާފުބަހުން ހުއްދަ ދީފައިވާ އެކްޗުއަލް އޮތޯރިޓީ އޮންނަންވާނެއެވެ. މާނައަކީ، ކުންފުނި ތަމްސީލުކުރުމަށް ނުވަތަ އޮތް ޚުސޫމަތުގައި ކޯޓަށް ދިއުމަށް ނިންމާފައި އޮންނަ ނިންމުމެއް އޮންނަންވާނެއެވެ. އެހެން ގޮތަކަށް ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ނުވަތަ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައި ނުވާ ޙާލަތުގައި ދައުވާކުރުމަށް ހުއްދަ ދިނުމަކީ ނުވަތަ ކޯޓުގައި ކުންފުނި ތަމްސީލު ކުރާނެ ފަރާތެއް އައްޔަންކުރުމަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ވަކިވަކި ޑިރެކްޓަރަކަށް ލިބިފައިވާ އިޚްތިޔާރީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.

25HN4މިގޮތަށް މިކަން އޮތުމާއެކު، ކުންފުންޏެއްގެ ފަރާތުން ކޯޓަށް ދައުވާއެއް އުފުލާނަމަ، ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ކުންފުނީގެ ޤަރާރެއް އޮތުން ލާޒިމުކޮށްފައިވަނީ ކުންފުނީގެ ފަރާތުން ހާޟިރުވާ ފަރާތަކީ އެ މައްސަލައެއްގައި ކުންފުނި ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ހުއްދަދީފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށެވެ. މިކަމުގައި އެ ކުންފުންޏަކީ ދައުވާއެއް ރައްދުވާ ފަރާތްކަމުގައި ވިޔަސް އެހެންގޮތަކަށް ކޯޓުން ހުއްދަދީފައިނުވާނަމަ ތަފާތެއް ނެތެވެ. ކޯޓަށް ހާޟިރުވާ ފަރާތަކީ ކުންފުނި ތަމްސީލު ކުރުމަށް ކުންފުނިން ހުއްދަދީފައިވާ ފަރާތެއްކަން ކަށަވަރު ކުރުމެއްނެތި ޝަރީޢަތް ކުރިއަށް ގެންދެވިދާނެކަމަކަށް ނުދެކެމެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުތަކުން އެކަށައަޅާފައިވާ އިޖުރާއަތަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ހުށަހެޅުމެވެ. ސިވިލް ކޯޓުން މިކަމުގައި ޢަމަލުކުރާގޮތް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތު ގަވާއިދުގެ 13 ވަނަ މާއްދާގައެވެ. މި މާއްދާގައި ބުނެފައިވަނީ "ކޯޓެއްގައި ކުންފުންޏެއް ތަމްސީލުކުރާނީ، ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ އެ ކުންފުނީގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ ޤާނޫނީ ވަކީލެއް" ކަމަށެވެ. މި މާއްދާ މި މޭރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ މާއްދާގައި އެކަށައަޅައި ބަޔާންކޮށްފައި އޮންނަކަން އެނގެއެވެ.

26HN5އިސްތިސްނާއީ ޙާލަތެއްގައި، ކުންފުނީގެ ފަރާތުން ކުންފުނީގެ ޤަރާރެއްނެތި ކޯޓަށް މައްސަލަ ހުށަހެޅުމަށް އޮތް ފުރުސަތު ވަރަށް ހަނި އެވެ. މިފަދަ މައްސަލައަކީ، ޤަރާރެއްނެތި ކޮންމެހެން ބަލައިގަންނަން ޖެހޭ ފަދަ މައްސަލައެއްކަން އެ މައްސަލަ އެއް ފެނުމާއެކު ފުރަތަމަ ނަޒަރުން އެނގި ހާމަވާ އަވަސް ތަބީޢަތުގެ މައްސަލަތަކެވެ. މިއިން ކޮންމެ މައްސަލައެއްގައި، ކަންހިނގާފައިވާ ގޮތާއި ވަގުތާއި ޙާލަތަށް ބަލައި، ކުންފުނީގެ ޤަރާރެއް ހޯދުމަށް ހިނގާ ވަގުތު ތެރޭގައި ވެސް އެފަދަ މައްސަލަ ބަލައި ނުގަނެފިނަމަ އިންސާފަށް ހުރަސްއެޅިދާނެ ކަމަށް ކޯޓަށް ގަބޫލުކުރެވެން ވާނެއެވެ. މި ކަންކަން ކޯޓަށް އިޤްތިނާއު ކުރެވޭ މިންވަރަކަށް ބަޔާންކޮށް ދިނުމަކީ އެ މައްސަލައެއް ހުށަހަޅާ ފަރާތެއްގެ ޒިންމާއެކެވެ.

ކުންފުނީގެ ޤަރާރެއްނެތި މި މައްސަލަ ބަލައިގަންނަންޖެހޭތޯ

27މި މައްސަލަ ހުށަހަޅަން ބޭނުންވަނީ ކުންފުނީގެ ނަމުގައެވެ. ކުންފުނީގެ ނަމުގައި މި މައްސަލަ ހުށަހަޅަން ބޭނުންވާނަމަ، ސިވިލް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ފާސްކޮށްފައިވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް އޮތުން ލާޒިމެވެ. ކުންފުނި ތަމްސީލުކުރާނެ ފަރާތެއް އައްޔަންކުރެވިފައި އޮތުން ލާޒިމެވެ. މި މައްސަލައިގައި އެފަދަ ޤަރާރެއް ނެތެވެ.

28ކުންފުނީގެ ޤަރާރެއް ނެތި މި މައްސަލަ ބަލައިގަންނަން ޖެހިދާނެތޯ ބަހުސްކުރުމުގެ ޖާގައެއް ނެތެވެ. ސަބަބަކީ، ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތުގެމަތިން ހިއްސާދާރުންގެ މެދުގައި އޮތް ޚިލާފުތަކާއި ކުންފުނީގެ ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި އަދި ކުންފުންޏަށް ބީވެފައިވާ މަސްލަޙަތުތައް ހޯދައި ޙައްލުކުރުމަށް ކޯޓަށް އައުމުގެ ދޮރު މިހާރުވެސްވަނީ ހިއްސާދާރުންނަށް ހުޅުވިފައިވާތީއެވެ. އަދި އެކަމަށް މި ކޯޓުން މަގެއް ކޮށައިދީފައިވާތީއެވެ.

29މަތީގައި ބަޔާންކުރެވިފައިވާ ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 569-CVC-2024 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/122 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް މި މައްސަލައިގެ ތެރެއިން ފާހަގަ ކުރެވިފައި ނުވެއެވެ.

30HN7މި ނަތީޖާއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވާސިލުވުމަކުން، އިޖުރާއަތު ފުރިހަމަ ކުރުމަށްފަހު، ކުންފުނީގެ ހިންގުމަށް ދިމާވެފައިވާ ދަތިތަކާއި އަދި ކުންފުންޏަށް ބީވެފައިވާ މަސްލަޙަތުތައް ހޯދައި ޙައްލުކުރުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހިއްސާދާރުން ނުވަތަ ހިއްސާދާރަކު ދައުވާއެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތަށް ހުޅުވިފައިވާކަން ފާހަގަ ކުރަމެވެ. ހަމަމިއާއެކު، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ނަމުގައި، އެ މައްސަލަތަކުގެ ޙައްލެއް ހޯދުމަށް ކޯޓަށް ދާން ބޭނުންނަމަ، ކޯޓުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުންފުނި ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރަކާއެކު އަލުން މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް ހުރަހެއް ނެތެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

31މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

32މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 569-CVC-2024 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/122 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ފެންނަން ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން

މުޙައްމަދު އިބްރާހީމް (ރިޔާސަތު)

މުޙައްމަދު ސަލީމް

ފުޓްނޯޓު

  1. ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު C04262018
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A040542
  3. ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް [2023] SC 53
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/81، [2023] SC 53
  5. އިބަމ
  6. އިތުރު ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް (06 ޖަނަވަރީ 2025)
  7. ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް [2023] SC 53
  8. އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް [2023] SC 35 ގައި އެކްޗުއަލް އެތޯރިޓީ ޝަރަހަކޮށްދީފައިވަނީ "...އެކްޗުއަލް އޮތޯރިޓީ އަކީ އެޖެންސީގެ ހަމަތަކުގެ މަތިން ޕްރިންސިޕަލަކު އޭނަގެ އެޖެންޓަކަށް ސަރީޙަ ބަހުން ނުވަތަ ޒިމްނީކޮށް ދޫކުރެވޭ ބާރެވެ. ކުންފުންޏަކަށް ބަލާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމުމެއް ނިންމައި، ވަކި ކަމެއް ނުވަތަ ކަންތަކެއް ކުރުމަށް ވަކި ޑިރެކްޓަރަކަށް ނުވަތަ ޑިރެކްޓަރުން ތަކަކަށް ލިޔުމުން އައްޔަންކޮށްފައިވާ ނަމަ އެއީ ސަރީޙަ ބަހުން ދީފައިވާ ބާރެކެވެ. ބައެއްފަހަރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކި ކަމެއް ކުރުމަށް ބާރުދީފައި ނެތްކަމުގައި ވިޔަސް، ހުންނަ މަގާމުގެ ގޮތުން، މިސާލަކަށް އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އާންމު ގޮތެއްގައި ދުވަހުން ދުވަހަށް ކުންފުނީގައި ހިނގާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ފަރާތެވެ. މިގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ސަރީޙަ ބަހުން ލިޔުމުން ފެންނަން ނުހުރެދާނެ އެވެ. ނަމަވެސް، އެ މަގާމުގެ ތަބީޢަތުން އަދާކުރަން ޖެހިދާނެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ޒިމްނީގޮތުން އިޚްތިޔާރާއި ބާރު ކުންފުނީގެ ފަރާތުން އޭނާއަށް ލިބިދީފައި ވެއެވެ. މި އުޞޫލު ވަކިވަކި ޑިރެކްޓަރުންނަށް ޚާއްސަ ޒިންމާތައް ޙަވާލުކުރެވޭއިރުވެސް ހިނގާނެއެވެ.."
  9. އެޕެއަރެންޓް އޮތޯރިޓީ ނުވަތަ އޮސްޓެންސިބަލް އޮތޯރިޓީގެ މަފްހޫމުވެސް އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ތަފުޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އެއީ އެޖެންސީގެ އުސޫލުތަކުގެ ދަށުން، ޕްރިންސިޕަލްގެ ފަރާތުން އޭޖެންޓް އަކަށް ތިންވަނަ ފަރާތަކާއެކު މުޢާމަލާތްކުރުމުގެ ބާރު ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ އޮތޯރިޓީ އެވެ.
  10. އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖީ އެކްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް [2023] SC 35
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2020) ގެ 421 ވަނަ މާއްދާ އަދި 421 ވަނަ މާއްދާގެ (ށ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2020) ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) އަދި (ii)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2020) ގެ 285 ވަނަ މާއްދާ
  • ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 73 ވަނަ މާއްދާގެ (ހ) އަދި (ށ)
  • 2022/SC-A/81 ([2023] SC 53)
  • [2023] SC 35

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ