—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2013/SC-A/29
ދަޢުވާކުރާ ފަރާތް: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 03 ޖޫން 2013
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޖޫން 2013
ނިމުނު ތާރީޚް: 30 މާރިޗު 2015
މައްސަލަ ނިންމި ގަޑި: 14:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ އަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/107
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 22.05.2011
ނިމުނު ތާރީޚް: 28.01.2013
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބުނީ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށް ބުނެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފްކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގ. ގަލޮޅުއާގެ 01 ވަނަ ފަންގިފިލާ ގެ މައްޗަށް ދަޢުވާލިބޭ ގޮތަށް އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެ ކޯޓުގައި ދަޢުވާކުރުމުން އެ ކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގައި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، 07 ޖޫން 2009 ދުވަހު 50,000 USD (ފަންސާސް ހާސް ޔޫއެސް ޑޮލަރ)، އަދި 24 ސެޕްޓެމްބަރ 2009 ދުވަހު 10,000 USD (ދިހަ ހާސް ޔޫއެސް ޑޮލަރ)، އަދި 06 ސެޕްޓެމްބަރ 2009 ދުވަހުUSD 20,000 (ވިހި ހާސް ޔޫއެސް ޑޮލަރ)، އަދި 06 ސެޕްޓެމްބަރ 2009 ދުވަހު 50,000 USD (ފަންސާސް ހާސް ޔޫއެސް ޑޮލަރ) އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނެގޭގޮތަށް، އެޑިޔުކޭޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ފަރާތުން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެސް.ބީ.އައި ގެ ނަންބަރު 367675 ޗެކާއި، އެސް.ބީ.އައި ގެ ނަންބަރު 367696 ޗެކާއި، އެސް.ބީ.އައި ގެ ނަންބަރު 367680 ޗެކާއި، އެސް.ބީ.އައި ގެ ނަންބރު 367684 ޗެކްގައިވާ ޖުމްލަ USD 130,000 (އެއްލައްކަ ތިރީސްހާސް ޔޫ.އެސް ޑޮލަރ) ދަޢުވާލިބޭ ފަރާތުން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދީފައިނުވާތީ އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށްއެދި އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަމާއި މިކަންކަން އެ ޤަޟިއްޔާގެ ދަޢުވާ ފޯމުގައިވާ އެ ދަޢުވާގެ ޚުލާޞާއިން ރަނގަޅަށް އެނގެއެވެ.
4- ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާ ނިންމަވާފައިވަނީ، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 4 (ހަތަރު) ޗެކެއް ދޫކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގޭހިނދު، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޗެކް ދޫކޮށްފައިވާ ކަމާ މެދު އިޢްތިރާޟްކުރާކަން އެނގޭކަމަށާއި،
ޗެކް ދޫކުރުމުގެ ސަބަބުން އެ ޗެކް ބައުންސްވުމަކީ، އެކަމުގެ ސަބަބުން ޤާނޫނީ ކުށެއް އުފެދޭ ކަމެއްކަމުގައިވާ ހިނދު، ޗެކަކީ، އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ ހެއްކަކަށް ނުވާކަމުން ޙާދިޘާ ޘާބިތުކޮށްދޭ ހެއްކަކުން މައްސަލަ ސާބިތުކުރެވޭނީ އެ ޙާދިޘާއެއް ޘާބިތުވުމުން ކަމަށާއި،
ޙާދިޘާ ޘާބިތުވާން ނެތި، ޗެކެއް ނުވަތަ ޗެކްތަކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭ ކަމެއްކަމުގައި ނުވާތީ އާއި، ދަޢުވާ ޘާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއްކަމުގައިވެފައި، ދަޢުވާގައި ހޯދަން އެދިފައިވާ USD 130,000 ރުފިޔާ (އެއްލައްކަ ތިރީސް ހާސް ރުފިޔާ) އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ސަބަބު ނުވަތަ މިކަމުގެ ޙާދިޘާ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީކަމަށް ވިދާޅުވެ، ދަޢުވާގައި އެދިފައިވާ ފައިސާ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ނަގައިދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފަކަން
އިޝާރާތްކުރެވުނު ސިވިލްކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގެ ޢިބާރާތަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުން، އެކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާ ނިންމަވާފައިވަނީ ސިވިލްކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވާފަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނެގެއެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 05 (ފަސް) ސަބަބެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން:
ފުރަތަމަ ސަބަބަކީ، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް USD 130,000 (އެއްލައްކަ ތިރީސް ހާސް ޔޫއެސް ޑޮލަރު) ނެގޭގޮތަށް ދަޢުވާލިބޭ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 4 ޗެކް ދޫކޮށްފައިވާއިރު، އެ ފައިސާއަކީ، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓޭޑްގެ ފަރާތުން ދޭންޖެހޭ ސަބަބު ނުވަތަ ޙާދިޘާ، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ސާބިތުކޮށްދެވިފައި ނުވާކަމަށް ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން ކަނޑައަޅުއްވައި އެ ފައިސާ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ހޯދައިދެވެން ނެތްކަމަށް ދަށު ކޯޓުން ކަނޑައަޅުއްވާފައިވުމުން އެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރައްވާ މައްސަލަ ނިންމެވިއުރު، ދަޢުވާލިބޭ ފަރާތުން އެ 4 ޗެކު، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކުރީ ކީއްކުރަންކަން ނުވަތަ ކޮން ސަބަބަކާހުރެތޯ، ދަށު ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ ފަރާތުން، ދަޢުވާލިބޭ ފަރާތާ ސުވާލުކޮށްފައި ނުވުން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ ދަޢުވާގައި ދަންނަވާފައިވާ ޗެކްތައް ބައުންސްވުމާ ގުޅިގެން ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބައުންސް ވި ޗެކްތަކުގެ ތެރެއިން 3 ޗެކްގައިވާ ފައިސާ، 27 ސެޕްޓެމްބަރ 2009 ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދެއްކުމަށް އެދި ދަޢުވާލިބޭ ފަރާތަށް ސިޓީ ފޮނުވާފައިވާއިރު، އެ ސިޓީ ލިބުނުކަމަށް ދަޢުވާލިބޭ ފަރާތުން ދަށުކޯޓުގަ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންކާރުކޮށްފައި ނުވާއިރު، ދަޢުވާގައި ދަންނަވާފައިވާ ފައިސާ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންނުޖެހޭކަމަށް ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމެއްކަމަށް އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޤަބޫލުކުރެވުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ)، ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤު ކުރައްވާފައިވަނީ ރަނގަޅަށްނޫން ކަމަށާއި ޗެކް ދޫކުރެވުނު ޙާދިޘާ ނުވަތަ ވާޤިޢާ ސާބިތު ކޮށްދޭންޖެހޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިނުވާ ކަމަށާއި ޗެކެއް ދޫކޮށްފިކަމުގައިވާނަމަ އެ ޗެކްގައިވާ މިންވަރަށް ފައިސާ ލިބިދިނުމަކީ، އެ ޗެކް ދޫކުރި ފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން އެ މާއްދާއިން އެނގޭކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ، މާނަ ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި އެ މާއްދާގައި ޗެކެއް މީހަކަށް ދީފިނަމަ އެއްވެސް ޝަރުޠަކާނުލައި، އެ ޗެކްގައިވާ ފައިސާ ލިބެންވާ ފަރާތަށް ލިބެންޖެހޭނެކަމަށް ސާފުބަހުން ބަޔާންކޮށްފައިވާކަން އެނގޭއިރު، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ހޯދުމަށް ދަޢުވާކުރި ފައިސާ އެއީ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ފަސްވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށާއި އެހެނީ އެ މާއްދާއިން، ޗެކެއް ދޫކޮށްފިކަމުގައިވާނަމަ އެ ޗެކްގައިވާ ފައިސާ ލިބެންޖެހޭ ފަރާތަށް ލިބިދިނުމަކީ، ޗެކް ދޫކުރި ފަރާތުގެ ޒިންމާއެއްކަން އެނގޭކަމަށާއި ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާއިން ބިލް އޮފް އެކްސްޗޭންޖާ ގުޅޭ ގޮތުން ހުރި މާއްދާތައް، ޗެކްގެ މައްޗަށްވެސް ހިންގޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
7- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާ ގޮތަށްކަމަށް ބުނެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖީލީހަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިއުންތަކުގެ މައްޗަށާއި، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި "ޗެކް" އަކީ، ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް އޭގައި ބަޔާންކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ ހިފައިގެން ދިއުމުން ޝަރުޠަކާ ނުލައި އޭގައި ކަނޑައެޅިގެންވާ ޢަދަދުގެ ފައިސާ ދިނުމަށް، ބޭންކް ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއްކަމަށް ސާފުބަހުން ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން، ޗެކެއްގައި، އެ ޗެކް ދޫކުރާ ފަރާތުގެ ރުހުމާއި ޤަބޫލުގައި އެ ޗެކެއްގައި ފައިސާގެ ޢަދަދު ޖަހައި ސޮއިކޮށް ޤާނޫނީ ގޮތުން ޗެކެއްގައި ފުރިހަމަކުރަންޖެހޭ ހުރިހާ ޢުންޞުރުތަކެއް ފުރިހަމަކުރުމަށްފަހު ޗެކް ދޫކޮށްފިނަމަ، އެގޮތުގެ މަތިން ޗެކް ދޫކުރާ ފަރާތުން، އެ ޗެކް އެ ދޫކުރަނީ އެ ޗެކްގައިވާ ފައިސާ، އެ ޗެކް ދޫކުރެވުނު ފަރާތުން، އިތުރު އެއްވެސް ޝަރުޠަކާނުލައި ލިބިދިނުމުގެ އިލްތިޒާމު ފުރިހަމައަށް އަދާކުރާނެކަމުގެ ޔަޤީންކަމާއެކުކަން، ބުނެވުނު ޤާނޫނުގެ 21 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެ ޤާނޫނުގެ ޗެޕްޓަރ 3 ގެ ދަށުން ތަންޡީމްކޮށްފައިވާ ޗެކާބެހޭ އަޙްކާމްތަކުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، މި ޤާނޫނުގައި ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކްގެ މައްޗަށްވެސް ހިންގޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ 19 ވަނަ މާއްދާގައި "ބިލް އޮފް އެކްސްޗޭންޖް ދޫކުރާ ފަރާތުން އެ ބިލެއް ދޫކުރުމުން އެ ޔަޤީންކޮށްދެނީ" މިފަދައިން ކަނޑައަޅައި ބަޔާންކުރުމަށްފަހު މި މާއްދާގެ (ހ) ގައި ފައިސާ ލިބިގަތުމަށް އެދި ހުށަހެޅުމުން އެ ބިލް ޤަބޫލުކުރެވޭނެކަމަށާއި، އެ ބިލްގައިވާ ގޮތުގެމަތިން ފައިސާލިބޭނެކަމަށް ކަމުގައި ބަޔާންކޮށްފައިވާކަން އެނެގެން އޮންނައިރު، މި މާއްދާގެ މި އަކުރަކީ، ބުނެވުނު ޤާނޫނުގެ ޗެކާބެހޭ އަޙްކާމްތައް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ މައްޗަށް ތަޠްބީޤު ނުކުރެވޭނެ އަކުރެއްކަމަށް، ބުނެވުނު ޤާނޫނުގެ ޗެކާބެހޭ އަޙްކާމްތައް ބަޔާންކުރާ މާއްދާތަކުގައި ކަނޑައަޅާފައިނުވާކަން ރަނގަޅަށް އެނގެން އޮތުމުން، އެ ފަރާތެއްގެ ރުހުމާއި ޤަބޫލުގައި، ޤާނޫނުގައި ކަނޑައެޅިފައިވާ ޝަކުލިއްޔާތު (ފޯމެލިޓީސް) ފުރިހަމަކޮށް، އެއްވެސް ފަރާތަކުން ޗެކެއް ދޫކޮށްފިނަމަ، އެއްވެސް ޝަރުޠަކާނުލައި އެ ޗެކްގައި ބަޔާންވެފައިވާ ފައިސާގެ މިންވަރު، އެ ޗެކް ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ހުރިހާ ޒިންމާއެއް އެ ޗެކް ދޫކުރި ފަރާތުން އުފުލަންޖެހޭކަން ބުނެވުނު ޤާނޫނުގެ މި ބަޔާންކުރެވުނު މާއްދާތަކަށް ބެލުމުންވެސް އެނގެންއޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ އެގާރަވަނަ ނުކުތާއަށް ބަލާއިރު ޗެކް ދޫކުރެވެނީ ޤާނޫނީ ރިކުއަރމެންޓަކަށްޓަކައި ނުވަތަ ޗެކްގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެއްގެ ގޮތުގައިކަމަށާއި ޗެކްގައި ބަޔާންވެފައިވާ ތާރީޚްގައި އެ ޗެކުން ފައިސާ ލިބެންވާ ފަރާތަށް ޗެކްގައިވާ ޢަދަދަށް ފައިސާ ލިބުން ޙައްޤުވާނެކަމަށާއި، ޗެކެއް ދޫކުރުމުގައި ޗެކް ދޫކުރާ ފަރާތުގެ މަސްއޫލިއްޔަތަކީ އެ ޗެކްގައިވާ ޢަދަދަށް އަމިއްލަ އެކައުންޓްގައި އެ ޢަދަދަށް ފައިސާ ހުރިކަން ކަށަވަރުކޮށްދިނުން ކަމަށާއި، އެކައުންޓުގައި ޗެކްގައި ބުނެފައިވާ ޢަދަދަށް ފައިސާ ނެތުމަކީ ޗެކް ބައުންސްވުންކަމަށާއި، އަދި ޗެކާ ގުޅިގެން އުފުލަންޖެހޭ ޒިންމާއާ ޚިލާފުވުންކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އުޞޫލެއް ކަނޑައަޅާފައިވާކަން އެނގެން އޮތުމުން، ޤާނޫނީ ގޮތުން ޝަކުލިއްޔާތު ފުރިހަމަކޮށް މީހެއްގެ އަމިއްލަ އިޚްތިޔާރުން ޗެކް ދޫކޮށްފިނަމަ އެ ޗެކްގައި ފައިސާ ލިބެންވާ ފަރާތްކަމަށް ލިޔެފައިވާ ފަރާތަށް އެ ޗެކްގައިވާ ފައިސާ ލިބިދިނުމަކީ ޗެކް ދޫކުރި ފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަމާއި މިގޮތުން ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކުރެވޭ ޗެކަކީ، އެ ޗެކްގައިވާ ފައިސާ، އެ ޗެކް ދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން ވާޤިއާއެއް ޤާނޫނީ ގޮތުން ޘާބިތުވުން ލާޒިމުނުވާގޮތުން އެ ޗެކަކީ އޭގެ ޒާތުގައިވެސް ޗެކުގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެއްކަން ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ މަބްދައުންވެސް ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގެ ދަށުން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އެ ޤަޟިއްޔާގެ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ، އެ ދަޢުވާގެ ޚުލާޞާގައި ބަޔާންކޮށްފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ 04 ޗެކް ކަމުގައިވާ، 07/06/2009 ގެ ތާރީޚްގައިވާ 50,000 USD (ފަންސާސް ހާސް ޔޫ.އެސް ޑޮލަރު) ގެ ނަންބަރު 367675 ގެ ޗެކާއި، 24/09/2009 ގެ ތާރީޚްގައިވާ 10,000 USD (ދިހަހާސް ޔޫ.އެސް ޑޮލަރު) ގެ ނަންބަރު 367696 ގެ ޗެކާއި، 06/09/2009 ގެ ތާރީޚްގައިވާ 50,000 USD (ފަންސާސް ހާސް ޔޫ.އެސް ޑޮލަރު) ގެ ނަންބަރު 367684 ގެ ޗެކާއި، 06/09/2009 ތާރީޚްގައިވާ USD 20,000 (ވިހި ހާސް ޔޫއެސް ޑޮލަރު) ގެ ނަންބަރު 367680 ގެ ޗެކާއި، މި ހަތަރު ޗެކަށް ބަލާއިރު، މި ހަތަރު ޗެކަކީވެސް އޭ.ޑީ.ކޭ ކޮމްޕެނީއަށް ފައިސާ ދޫކުރާގޮތަށް އޭ.ޑީ.ކޭ ކޮމްޕެނީގެ ނަންޖަހައި އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތައްގަނޑު، އެ ޗެކްތަކުގައި ޖަހައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރުމަށްފަހު ދޫކޮށްފައިވާ ޗެކްތަކެއްކަން އެ ޗެކްތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، އެ ޗެކްތަކަކީ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވާ ޗެކްތަކެއްކަމަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އިޤުރާރުވެފައިވާކަން އެ ކުންފުނީގެ ފަރާތުން މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގައި އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށް އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ހަތަރު ޗެކްގައިވާ ފައިސާ ހޯދުމަށްޓަކައި 3 ޑިސެމްބަރ 2009 ގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ހުށަހެޅުމުން، އެ ޗެކްތަކަކީ، ބައުންސްވެފައިވާ ޗެކްތަކެއް ކަމާއި އެހެންކަމުން އެ ޗެކްތަކުގައިވާ ފައިސާ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައި ނުވާކަން މި މައްސަލައާ ގުޅިގެން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ، ކަމާބެހޭ ލިޔެލިޔުންތަކުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ޗެކްތަކަކީ، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކްތަކެއްކަމަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގައި އިޤުރާރުވުމަށްފަހު، އެ ޗެކްތަކުގައިވާ ފައިސާއަކީ، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދޭންނުޖެހޭ ފައިސާއެއްކަމަށް ބުނެ އެޑިއުކެޓް މޯލްޑިވްސްގެ ފަރާތުން، ޝަރީޢަތަށް ހުށަހަޅާފައިވާ ސަބަބަކީ، އޭ.ޑީ.ކޭ ކޮމްޕްނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ މި ދަޢުވާގައި ބުނާ މި ހަތަރު ޗެކްގައި ހިމެނޭ ފައިސާއަށް އިބްރާހިމް ޢަލީ ޒިންމާވާނެކަމަށް ސިވިލް ކޯޓުގައި އެއްބަސްވެފައިވުން ކަމަށްބުނެ ދައްކާފައިވާ ސަބަބުކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް އެޑިޔުކޭޓް މޯލްޑިވްސްގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނައިރު، އެޑިޔުކޭޓް މޯލްޑިވްސް ގެ މި ހުށަހެޅުން، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤަބޫލުކޮށްފައިނުވާކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގައި ބުނާ ޖިނާއީ ކުށުގެ ދަޢުވާބަލައި ގޮތެއް ކަނޑައަޅާފައިވާ ޤަޟިއްޔާއަކަށް ނުވުމާއެކު، އިސްވެ އިޝާރާތްކުރެވުނު ޤާނޫނުގެ 39 ވަނަ މާއްދާގައި ބުނާ ޖިނާއީ ކުށުގެ ޢުންޞުރުތައް ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އެކަމާމެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްނޫންކަން އެނގެން އޮންނައޮތުމެވެ.
(އ) އަށްވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި، އަދި ސިވިލް ކޯޓުގެ ބުނެވުނު ޤަޟީއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް ބެލެވޭނެ ތަނެއްނެތްކަން އެނގެންއޮންނަ ކަމެވެ.
ޙުކުމް:
އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި، އަދި ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ މި ބުނެވުނު ޤަޟިއްޔާ، އިސްތިއުނާފުކޮށް ބެއްލެވި ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކަމަށާއި،
އަދި އެ ޗެކްތަކެއްގައި ހިމެނޭ ފައިސާ ހޯދުމަށް، ސިވިލް ކޯޓުގެ ނަންބަރު 948/CV-C/2010 ޤަޟިއްޔާގައި، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ ދަޢުވާގައި ބުނާ 04 (ހަތަރު) ޗެކްގައިވާ ޖުމްލަ 130,000 USD (އެއްލައްކަ ތިރީސް ހާސް ޔޫ.އެސް ޑޮލަރު) އަކީ، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދައްކައި ޚަލާސް ކުރަންޖެހޭ ފައިސާއެއްކަމަށް ކަނޑައެޅުމާއެކު،
މި 130,000 USD (އެއްލައްކަ ތިރީސް ހާސް ޔޫ.އެސް.ޑޮލަރު) އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެގޮތުން މިއަދުން (30/03/2015) ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި ފައިސާ އެކީ އެއްފަހަރާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި، މިގޮތުގެމަތިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.