ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމޓެޑު ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/16
ޝަރީޢަތް ނިމުނުގޮތް
ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
14 މާރިޗު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2018/HC-A/162
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް
ބަދަލުގައި: ޙުސައިން ޝިހާމް ޢަލީ
މުޙައްމަދު ސަމާޙް ކާސްޓަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޤާނޫނީ ވަކީލު: އިސްމާޢީލް މުޙައްމަދު (ޓޯޓަލް ލީގަލް ސޮލިއުޝަންސް)
ޢަލީ އާމިރު (ޗެންބަރސް އިން) ޤާނޫނީ ވަކީލު: ޙަސަން ފަލާޙް (އެޑްވޮކަސީ ޗޭންބަރސް)
ތަދައްޚުލުވި ފަރާތް (2) ތަދައްޚުލުވި ފަރާތް (1)
ސޭވް ދަ ޑްރީމް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ
ބަދަލުގައި: ކްރިސްޓިއަން ކަލްބް
ޤާނޫނޫ ވަކީލު: އަޙްމަދު ނާޠިމް ޢަބްދުއްސައްތާރު (ދަ ލިޓިގަންޓްސް) ޢާއިޝަތު ޝިޒްނީ ޢަލީ، މއ. ތަނޑިނޫމާގެ ފުލެޓް 06-01، މާލެ
އާމިނަތު ރަޝީދާ
މަރްޔަމް ރިޒްނީ ޢަލީ
ޙައްވާ ރިޒްމާ ޢަލީ
ޔާސިރު ޢަލީ
އާޠިފާ ޢަލީ
ބަދަލުގައި: އިބްރާހީމް ޝިޔާމް
(ލެސްއަވީ ޗެންބަރސް އެލް.އެލް.ޕީ)
ޤާނޫނީ ވަކީލު: މަޙްފޫޡް ސަޢީދު
(ލެސްއަވީ ޗެންބަރސް އެލް.އެލް.ޕީ)
މަދަނީ – އެއްބަސްވުން ބާޠިލު ކުރުމަށް ނޯޓިސް ފޮނުވުން – ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު – ހައިކޯޓަށް އިސްތިއުނާފު ކޮށްފައިނުވާ ޤަނޫނީ ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހެޅުން – ޝަރީޢަތުގައި ހިނގާ މައްސަލަތަކުގައި ކުންފުނި ތަމުސީލު ކުރުން
ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/162 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0086/2009) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ކާސްޓްއަވޭ މޯލްޑިވްސް" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-498/1979) (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މާހަލް ޓުއާރސް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
ކ. މަހާނައެޅިހުރާގައި "ރިހިވެލި ބީޗް ރިޒޯޓް" މި ނަމުގައި އަލުން ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ކާސްޓްއަވޭ މޯލްޑިވްސް އާއި މާހަލް ޓުއާރސްއާ ދެމެދު 01 މާރިޗު 2014 ގައި ސަބްލީސް އެއްބަސްވުމެއްގައި (މީގެފަހުން "ސަބްލީސް އެއްބަސްވުން" ކަމަށް ބުނެފައިވާ) ސޮއިކޮށްފައިވެއެވެ.
މާހަލް ޓުއާރސްއިން ސަރުކާރަށް ދައްކަން ޖެހޭ ހެޑްލީސް ކުލި އަދާކުރުމުގެ ގޮތުން، ސަބްލީސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ކާސްޓްއަވޭ މޯލްޑިވްސްއިން ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، އެ އެއްބަސްވުމުގެ 5.1، 5.3 އަދި 16.3 ވަނަ މާއްދާއާ ޙަވާލާދީ 02 ޖަނަވަރީ 2018 ގައި މާހަލް ޓުއާރސްއިން ޓާމިނޭޝަން ނޯޓިސް ފޮނުވައި، ސަބްލީސް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވެއެވެ.
ސަބްލީސް އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެ އެއްބަސްވުމާއި، މިފަދަ މައްސަލަތަކުގައި ޢަމަލުކުރެވޭ އިކުއިޓީގެ އުޞޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ސަބްލީސް އެއްބަސްވުން ދެމެހެއްޓުމަށް މާހަލް ޓުއާރސްގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، ސަބްލީސް އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ބާޠިލުކުރާނަމަ، އެކަން ކުރެވޭނީ ކާސްޓްއަވޭ މޯލްޑިވްސްއިން ކޮށްފައިވާ ޚަރަދުތަކާއި، އުފުލާފައިވާ މާލީ ޒިންމާތަކާއި އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ލިބޭނެ ގެއްލުމުގެ ބަދަލު ދިނުމަށްފަހު ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ކާސްޓްއަވޭ މޯލްޑިވްސްގެ ފަރާތުން މާހަލް ޓުއާރސްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 264/Cv-C/2018 ޤަޟިއްޔާއިން ނިންމިގޮތް
ސަބްލީސް އެއްބަސްވުން ނިމުމަކަށް ގެނައުމަށް މާހަލް ޓުއާރސްއިން ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިސްއަކީ ސަބްލީސް އެއްބަސްވުމާ ޚިލާފަށް ދީފައިވާ ނޯޓިހެއް ކަމަށް ކަނޑައަޅައި ދެވެން ނެތް ކަމަށް ސިވިލް ކޯޓުގެ ޤަޟިއްޔާއިން ނިންމާފައިވެއެވެ. އަދި، ކާސްޓްއަވޭ މޯލްޑިވްސްއިން އެދިފައިވާ އެއްވެސް ބަދަލެއް ނަގައިދެވޭނީ ޓާމިނޭޝަން ނޯޓިސްއަކީ ސަބްލީސް އެއްބަސްވުމާ ޚިލާފަށް ދީފައިވާ ނޯޓިސްއަކަށް ވާނަމަ ކަމަށް ވެސް އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ޤަޟިއްޔާއިން ޙުކުމް ކުރުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނު ތަޠުބީޤުކޮށްފައިވަނީ މައްސަލަ ނިންމުމުގައި ޢަމަލުކުރަންޖެހޭ އުޞޫލާ ޚިލާފަށް ކަމަށާއި، އެ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ، ކާސްޓްއަވޭ މޯލްޑިވްސްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/162 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2018/HC-A/162 ޤަޟިއްޔާއިން ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 264/Cv-C/2018 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވެއެވެ. އެ ޙުކުމުގައި ބަޔާންވެގެން ވަނީ:
ސަބްލީސް އެއްބަސްވުމުގެ 16.3 ވަނަ މާއްދާގައި ވަކި ޙާލަތެއް މެދުވެރިވެއްޖެނަމަ، އެއްބަސްވުމުގެ އެއް ފަރާތަށް އަމިއްލައަށް (unilaterally) އެއްބަސްވުން ބާޠިލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވުމުން، މި ޙާލަތަކީ އެއް ފަރާތުން (unilaterally) އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު ލިބިދީފައިވާ ޙާލަތެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، މާހަލް ޓުއާރސްއިން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އިސްވެ ދެންނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މަބްދަޢުތަކާއި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަން އެނގޭ ކަމަށާއި؛
ސަބްލީސް އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ބަލާއިރު ކާސްޓްއަވޭ މޯލްޑިވްސްއިން ދައްކަންޖެހޭ ފައިސާ، ދައްކަންޖެހޭ ދުވަސްތައް ދެ ފަރާތަށް ވެސް އެނގޭ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި؛
ސަބްލީސް އެއްބަސްވުމުގައިވާ ގޮތަށް ގަވާއިދުން ފައިސާ ދެއްކިފައިނުވާ ކަމަށް ކާސްޓްއަވޭ މޯލްޑިވްސްއިން އިޢުތިރާފުވެފައިވާ ކަމަށާއި އަދި ފައިސާ ނުދެއްކިވާތީ އެކި ފަހަރު މަތިން ބައްދަލުކުރި ނަމަވެސް، ކާސްޓްއަވޭ މޯލްޑިވްސްއިން ފައިސާ ދައްކާފައިނުވާ ކަން ދެ ފަރާތުގެ ވާހަކަތަކުން ސާފުވާ ކަމަށާއި؛
ކޮންޓްރެކްޓް ލޯ ތަޠްބީޤުކުރެވޭ ތަހުޒީބީ މުޖުމަތަޢުތަކުގައި ވިޔަފާރި ޠަބީޢަތުގެ މުޢާމަލާތްތަކުގައި، އެއްބަސްވުން ބާޠިލުކުރެވޭނެ އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި އެއްބަސްވުން ބާޠިލުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާނަމަ އެގޮތަށް ބާޠިލުކުރުން ހިމެނޭ ކަމަށާއި، ސަބްލީސް އެއްބަސްވުމާ ކާސްޓްއަވޭ މޯލްޑިވްސްއިން ޚިލާފުވެފައިވާ ކަން އެނގެން އޮތްއިރު، އެ ޙާލަތަކީ އެއްބަސްވުން ބާޠިލުކުރެވިދާނެ ޙާލަތެއް ކަން އެނގޭ ކަމަށާއި، ސަބްލީސް އެއްބަސްވުމުގެ މުޤާބިލަކީ ހެޑްލީސް ކުއްޔާއި ސަބްލީސް ކުލި، އެއްބަސްވުމުގައިވާ ގޮތަށް ދެއްކުން ކަމަށް ވާއިރު، އެ ފައިސާ އެފަދައިން ނުދައްކައިފިނަމަ އެއްބަސްވުން ބާޠިލުކުރެވިދާނެ ކަމަށް އެއްބަސްވުމުގެ 16.3 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، އެގޮތަށް އެއްބަސްވުން ބާޠިލުކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި؛
ސަބްލީސް އެއްބަސްވުން ނިމުމަކަށް ގެނެވިފައިވަނީ އެ އެއްބަސްވުމާ ޚިލާފަށް ކަމަށް ޤާނޫނީގޮތުން ބެލެވެން ނެތުމުން، އެއްބަސްވުމާ ގުޅިގެން ކާސްޓްއަވޭ މޯލްޑިވްސްއިން ކޮށްފައިވާ ޚަރަދާއި ނަގާފައިވާ މާލީ ޒިންމާތަކާއި އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ލިބޭނެ ގެއްލުމުގެ ބަދަލު (loss of future earnings) ހިމެނޭ ގޮތުގެ މަތިން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް އޮތް ކަމަށް ނުފެނަ ކަމަށެވެ.
ހައިކޯޓުން މި މައްސަލަ ބަލައި ނިންމާފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ކާސްޓްއަވޭ މޯލްޑިވްސްއިން އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ސަބްލީސް އެއްބަސްވުން ބާޠިލުކޮށްފައިވަނީ މާހަލް ޓުއާރސްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ނިންމުމެއް ނެތި ކަމަށާއި، ސަބްލީސް އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިސް ފޮނުވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ބުނެ އެހެން ފަރާތަކުން ކަމަށްވެފައި، މި މައްސަލައިގައި ސިވިލް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް މާހަލް ޓުއާރސްގެ ވަކީލުންގެ ގޮތުގައި އެކި ވަކީލުން ހާޒިރުވެފައިވަނީ ވެސް މާހަލް ޓުއާރސްގެ ބޯޑުގެ ނިންމެވުމަށް ނެތި ކަމަށާއި، އެހެންކަމުން މާހަލް ޓުއާރސްގެ ފަރާތުން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ އެންމެހައި ވާހަކަތަކަކީ ބާޠިލު ވާހަކަތަކެއް ކަމަށް ވުމުން، ސަބްލީ އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި މާހަލް ޓުއާރސްގެ ފަރާތުން ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިހަކީ ބާޠިލު ނޯޓިހެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: ރިހިވެލިބީޗް ރިޒޯޓުގެ ސަބްލީސްއަކީ ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކުރެވިފައިވާ ސަބްލީސްއެއް ކަމުން އަދި، އެ ސަބްލީސް ވިއްކާލުމުގެ ޙައްޤު ސިވިލް ކޯޓުން ބޭންކް އޮފް މޯލްޑިވްސްއަށް ދީފައިވަނިކޮށް، މާހަލް ޓުއާރސްއަށް އަމިއްލައަށް (unilaterally) ނުވަތަ އެ ނޫން ވެސް ގޮތަކަށް ސަބްލީސް އެއްބަސްވުން ބާޠިލު ނުކުރެވޭނެ ކަމަށް ޤާނޫނީ ހަމަތަކުގެ މަތިން އެނގެން އޮތްއިރު، އެކަމަށް ރިޢާޔަތްކުރުމެއް ނެތި، ކަނޑައެޅުނު ނިޔާގެ ބާރު (res judicata) ގެ އުޞޫލާ ޚިލާފަށް ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ: ސަބްލީސް އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައާޅާފައިވާއިރު، އެ އެއްބަސްވުން ބާޠިލުވުމުން އެ އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގައި ކުރެވުނު ރަހުނު ވެސް ބާޠިލުވެގެންދާނެ ކަމަށާއި، އެހެންކަމުން ލޯނުތަކުގެ ސެކިއުރިޓީ ނެތިގޮސްފައިވުމުން، ކާސްޓްއަވޭ މޯލްޑިވްސްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބެންކް އޮފް މޯލްޑިވްސްގެ ލޯނާގުޅޭ ޒިންމާތައް އަދާކުރުމަށްޓަކައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން، ސަބްލީސް ޙައްޤުތައް ވިއްކާލުމަށްފަހު ކާސްޓްއަވޭ މޯލްޑިވްސްގެ މާލީ ޒިންމާތައް އަދާކުރެވޭނެގޮތް ނެތިގެން ގޮސްފައިވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން ޙުކުމް ކުރުމުގައި ޢަމަލުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2580/Cv-C/2016 ޤަޟިއްޔާގެ ޙުކުމާ ތަޢާރުޟުވާގޮތަށް ކަން އެނގޭކަމަށާއި، ރަހުނާގުޅޭ ޙައްޤުތައް ތަންފީޒު ނުކުރެވޭގޮތުގެ މަތިން އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި ޙުކުމްތައް ކޮށްފައިވަނީ ބާޠިލު ކަމެއްގެ މައްޗަށް ތަރުތީބުވާ އެންމެހައި ކަންކަން ބާޠިލުވާނެ ކަމަށް ބުނާ ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ވާތީ، މި މައްސަލައިގައި ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކަކީ ބާޠިލު ޙުކުމްތަކެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ: މި މައްސަލައިގައި ހިމެނޭ ސަބްލީސް ޙައްޤުތައް ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކޮށްފައިވުމުން އަދި، އެފަދައިން ސަބްލީސް ޙައްޤުތައް ރަހުނުކުރެވިދާނެ ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވުމުގެ އިތުރުން، ކާސްޓްއަވޭ މޯލްޑިވްސްއިން ހުށަހަޅާފައިވާގޮތުގެ މަތިން ސަބްލީސް ޙައްޤުތައް ރަހުނު ކުރުމަށް މާހަލް ޓުއާރސްއިން އެދިފައިވުމުން އެގޮތުގެ މަތިން ސަބްލީސް ޙައްޤުތައް ރަހުނުކުރެވިފައިވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް އަދި ރަހުނާބެހޭ ޤާނޫނާ ޚިލާފަށް ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިސް ބާޠިލުކޮށްދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކޮންޓެރްކްޓާބެހޭ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ: ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައިގައި ޙުކުމް ކުރިއިރު، ސަބްލީސް އެއްބަސްވުމުގެ 16.3 ވަނަ މާއްދާގައި، ހެޑްލީސް ބާޠިލުކުރެވޭނެ ކަމަށް ބަޔާންކުރަންޖެހޭ އުޞޫލުތަކަށް ރިޢާޔަތްކުރުމެއްނެތި، ޓާމިނޭޝަން ނޯޓިހަކީ ޞައްޙަ ނޯޓިހެއްކަމަށް ކަނޑައަޅާފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ އުޞޫލުތަކަށް ރިޢާޔަތް ކޮށްގެންކަމަށްވާތީ، ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަވަނަ ނުކުތާއަކީ: ޓާމިނޭޝަން ނޯޓިސް ބިނާވެގެންވަނީ ހެޑްލީސް ބާޠިލުވެދާނެކަމުގެ ބިރު އޮތުމުގެ މައްޗަށް ކަމުގައި ވީނަމަވެސް، ހެޑްލީސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އިތުރަށް ކާސްޓްއަވޭ މޯލްޑިވްސްއިން އެޑްވާންސްގެ ގޮތުގައި ފައިސާ ދައްކާފައިވުމުން، ހެޑްލީސް ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ދެއްކިފައިނުވާނަމަ އެ ފައިސާއެއް ދެއްކިފައިނުވަނީ މާހަލް ޓުއާރސްގެ އިހުމާލުން ކަމަށް ވާއިރު، މި ކަންކަމަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަތްވަނަ ނުކުތާއަކީ: ސަބްލީސް އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ސަބްލީސް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އިތުރުން އެތަށް މިލިއަން ރުފިޔާ ކާސްޓްއަވޭ މޯލްޑިވްސްއިން މާހަލް ޓުއާރސްއަށް ދައްކާފައިވުމުން، އެއްބަސްވުން ބާޠިލުކުރެވޭނީ އެ ފައިސާއާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް ވާއިރު، އެ ކަންކަން ނިންމުމަކާ ނުލައި ސަބްލީސް އެއްބަސްވުން ބާޠިލުކުރުމަށް ފޮނުވި ނޯޓިސް ބާޠިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައެޅުމުގައި ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތަދައްޚުލުވި ފަރާތެއް ކަމަށްވާ މާހަލް ޓުއާރސްގެ ޙިއްޞާދާރުން ފާހަގަކޮށްފައިވާ ކަންތައްތައް
މާހަލް ޓުއާރސްގެ ހިއްސާދާރުންކަމުގައިވާ، މާލެ، މއ. ތަނޑިނޫމާގެ ފްލެޓް 01-06، ޢާއިޝަތު ޝިޒްނީ ޢަލީ އާއި އާމިނަތު ރަޝީދާ އާއި މާލެ، މއ. ތަނޑިނޫމާގެ ފްލެޓް 01-02، މަރްޔަމް ރިޒްނީ ޢަލީ އާއި ފްލެޓް 01-03، ޙައްވާ ރިޒްމާ ޢަލީ، އާއި ޔާސިރު ޢަލީ ، ފްލެޓް 04-01، ޢާތިފާ ޢަލީ ، މި މައްސަލައަށް ތަދައްޚުލްވުމަށް އެދި ހުށަހެޅުމުން، ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މައްސަލައަށް ތަދައްޚުލްވުމުގެ ހުއްދަ އެ ފަރާތްތަކަށް ދެވިފައިވެއެވެ.
ތަދައްޚުލުވުމުގެ ފުރުސަތު ދެވުނު މާހަލް ޓުއާރސްގެ 6 (ހައެއް) ޙިއްޞާދާރުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ތަދައްޚުލްވި 6 (ހައެއް) ޙިއްޞާދާރުންގެ ފަރާތުން ފާހަގަކުރާ މައިގަނޑު ކަމަކީ، ކުންފުނި ހިނގަމުންދަނީ ކިހިނެއް ކަމެއް އެ މީހުންނަށް ނޭގޭ ކަމަށާއި، ކުންފުނީގެ ބޯޑު އެކުލަވާލާފައިވަނީ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތަށް ނޫން ކަމަށާއި، ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުން މިދާ މައްސަލައިގައި ހުށަހެޅިފައި އޮތް އެއް ނުކުތާއަކީ ސިވިލް ކޯޓަށް މި 6 (ހައެއް) ޙިއްޞާދާރުންގެ ހުށަހަޅައިގެން މިހާރު ހިނގަމުންދާ މައްސަލައެއްގައި ހުށަހަޅާފައި އޮތް ނުކުތާއެއް ކަމަށާއި، މިހާރު ސިވިލް ކޯޓުގައި ހިނގަމުން އެ ދާ މައްސަލައިގައި ސިވިލް ކޯޓުން ނިންމާ ނިންމުމެއްގެ ނަތީޖާއަކަށް ވާނީ މިހާރު އޮތް ބޯޑުގެ ޞައްޙަ ކަމާމެދު ގޮތެއް ނިމިގެން ދިޔުން ކަމާއި، އެ މައްސަލަ ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ނިންމުން އަތުވެއްޖެނަމަ އެ މައްސަލައަށް އަސަރު ކުރާނެ ނަތީޖާއެއް ނުކުތުމުގެ އިޙްތިމާލު އޮތުމުން، މި މައްސަލައަށް ތަދައްޚުލުވެ ބަހެއް ބުނުން މުހިންމު ކަމަށް ފެނުނީ ކަމަށާއި،
ކުންފުނީގެ 12 (ބާރަ) ޙިއްޞާދާރުން ތިބޭ ކަމަށާއި، މިއީ ހަމައެކަނި އެއް އާޢިލާއެއްގެ މީހުން ޙިއްޞާދާރުންގެ ގޮތުގައި ތިބޭ ކުންފުންޏެއް ކަމަށާއި، އެހެންވެގެން މިހާތަނަށް މައްސަލަ ޙައްލު ކުރެވޭތޯ ބެލީ ވާހަކަދައްކައިގެން ކަމަށާއި، ކޮންމެ އަހަރަކު އެއް ފަހަރު ކުންފުނީގެ ޢާންމު ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށް ކުންފުނީގެ ހިންގާ ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމަށާއި، އަދި ކޮންމެ 2 (ދޭއް) އަހަރުން އެއް ފަހަރު މި ޖަލްސާއިން 2 (ދޭއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑެއް ހޮވަންވާނެ ކަމަށް ކުންފުނީގެ ހިންގާ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމަށާއި، މީގެ ކުރިން އެއް ފަހަރަކު އަހަރީ ޖަލްސާއަށް ހާޒިރުވުމަށް ސިޓީއެއް ފޮނުވި ކަމަށާއި، ނަމަވެސް ބައްދަލުވުން ބޭއްވިފައި ނުވާ ކަމަށާއި، އެ ދުވަހު މި 6 (ހައެއް) ޙިއްޞާދާރުން ސޮއިކުރީ ހަމައެކަނި ހާޒިރީގައި ކަމަށާއި، އެއްވެސް ނިންމުމެއްގައި ސޮއިނުކުރާ ކަމަށާއި، އެހެންނަމަވެސް އެ ބައްދަލުވުމުން ނިންމުންތަކެއް ނިންމި ކަމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވާ ކަމަށާއި، ކުންފުނި ހިންގަމުންދަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާއި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެއްގޮތްވާ ގޮތަށް ނޫން ކަމަށް ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.
ތަދައްޚުލުވި ފަރާތެއް ކަމަށްވާ ސޭވް ދަ ޑްރީމްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތައް
ފްރާންސް ކުންފުންޏެއް ކަމުގައިވާ ސޭވް ދަ ޑްރީމް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: FC00092020) (މީގެފަހުން "ސޭވް ދަ ޑްރީމް" ކަމަށް ބުނެފައިވާ ފަރާތުން) ގެ ފަރާތުން މި މައްސަލައަށް ތަދައްޚުލްވުމަށް އެދި ހުށަހެޅުމުން، ހުށަހަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް މި މައްސަލައަށް ތަދައްޚުލްވުމުގެ ހުއްދަ ސޭވް ދަ ޑްރީމްއަށް ދެވިފައިވެއެވެ. ސޭވް ދަ ޑްރީމްއިން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު؛
ސޭވް ދަ ޑްރީމްއަކީ، ކާސްޓްއަވޭ މޯލްޑިވްސްގެ ޓަރމިނޭޝަންއަށްފަހު މާހަލް ޓުއަރސްއިން އެ ރަށް ކުއްޔަށް ދީފައި ވަނީ، ސޭވް ދަ ޑްރީމް ފުރާންސް ކުންފުނި 50% (ފަންސާސް އިންސައްތަ) ޙިއްޞާވާ، ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި، ސޭވް ދަ ޑްރީމް ކުންފުނީގެ މަޞްލަޙަތު މި މައްސަލައާ ގުޅެނީ މިގޮތުން ކަމަށާއި،
ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސަބްލީސް އެއްބަސްވުމުގައި ސޮއިކުރީ ހެޔޮ ނިޔަތުގައި ވަރަށް އުންމީދާ އެކުގައި ކަމަށާއި، މި ކަމުގައި ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަވެފައިވާ ކަމަށާއި، މާހަލް ޓުއަރސްއިން ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން ރޫޅާލުމަށް މިހާރު ނޯޓިސް ދީފައިވާ ކަމަށާއި، އަދި އެހެން ބަޔަކަށް ސަބްލީސް ކުރަން މިހާރު އުޅޭ ކަމަށާއި، ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ނޫން ކިތަންމެ ބަޔަކަށް މާހަލް ޓުއަރސްއިން އޮޅުވާލާފައިވާ ކަމަށާއި،
މާހަލް ޓުއަރސްގެ ބޯޑުގެ މައްސަލަ އުޅޭކަން އެނގެން އޮތްއިރު، މި ޙާލަތުގައި ދޭ ނޯޓިސް ޞައްޙަ ނުވާނެތީ، މާހަލް ޓުއަރސް އާއި ސޭވް ދަ ޑްރީމ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އުފެދިފައިވާ މައްސަލައަށް ޤާނޫނީ ޙައްލެއް ލިބެންދެން ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓާ ދެކޮޅަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރެއް ނެރެދިނުމަށާއި،
އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ރިޢާޔަތް ކުރާއިރު، އެ ކަމުގެ ސަބަބުން ރިހިވެލި ބީޗް ރިޒޯޓުގެ ލީސް، ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދިނުމަށް ވެވިފައިވާ އެއްބަސްވުން ބާޠިލުނުވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާ ކަން ފާހަގަކުރެވެއެވެ.
ވަގުތީ އަމުރެއް ނެރެދިމުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް
މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސޭވް ދަ ޑްރީމްގެ ފަރާތުން އެދިފައިވެއެވެ. އެގޮތުން، ވަގުތީ އަމުރަށް އެދޭ ސަބަބެއްގެ ގޮތުގައި، ސަބްލީސް އެއްބަސްވުން ބާޠިލުކުރުމަށްފަހު ސޭވް ދަ ޑްރީމްގެ 50% (ފަންސާސް އިންސައްތަ) ޙިއްޞާ އޮންނަ ކުންފުންޏެއްކަމުގައިވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރިހިވެލި ބީޗް ރިޒޯޓް 2042 ވަނަ އަހަރުގެ ނިޔަލަށް ސަބްލީސް ކޮށްފައިވުމުން، މި މައްސަލަ މިހާރު މި އޮތް ގޮތަށް ކުރިއަށްދާނަމަ ސޭވް ދަ ޑްރީމްއަށް ތަދާރުކު ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެފައިވެއެވެ.
ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ސަބަބުތަކަށް ބަލައި ދިރާސާކުރިއިރު، ވަގުތީ އަމުރަށް އެދި ހުށަހެޅި ސަބަބުތަކުގައި ބަޔާންކޮށްފައިވާ އެއްބަސްވުން ވެފައިވަނީ މާހަލް ޓުއާސްއާއި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ކަމަށް ވާތީ، ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގެ ހައިސިއްޔަތު ސޭވް ދަ ޑްރީމް (ފްރާންސްގެ ކުންފުންޏަށް) ލިބިގެން ނުވާތީ، އެދިފައިވާގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅާފައިވެއެވެ.
އިސްތިއުނާފު ބަލައިގަތުން
އިސްތިއުނާފު ކުރި ފަރާތުން އިސްތިއުނާފީ 07 (ހަތެއް) ނުކުތާ ހުށަހަޅާފައިވާއިރު، އެ ނުކުތާތަކަކީ ހައިކޯޓަށް ހުށަހަޅާފައިނުވާ، އަދި އެ ނުކުތާތަކާމެދު އެ ކޯޓުގައި އެއްވެސް ވާހަކައެއް ދައްކާފައިވާ ނުކުތާއެއް ނޫނެވެ. އެހެންކަމުން މި ނުކުތާތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަލާއިރު، ސުޕްރީމް ކޯޓުން ބަލައި ގޮތެއް ނިންމޭނޭ ނުކުތާތަކެއް ނޫން ކަން ފާހަގަކުރެވެއެވެ.
އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ކާސްޓްއަވޭގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ނުކުތާތަކެވެ.
ސިވިލް ކޯޓުގެ ނަންބަރު 264/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރެއްވުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނު ތަޠުބީޤު ކުރައްވާފައިވަނީ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ޙުކުމް ކުރެއްވުމުގައި މައްސަލަ ބަލާ ފަނޑިޔާރު ޢަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 264/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ ހަމަތަކާ ޚިލާފަށް އެ ކޯޓުން ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި މައްސަލަ އިސްތިއުނާފު ކުރަމުން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ނުކުތާތައް ބަލައި ނުގަތުމަށް ނިންމި ނަމަވެސް، އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވަނީ ސަބްލީސް އެއްބަސްވުން ބާޠިލު ކޮށްފައިވަނީ މާހަލް ޓުއާރސްގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި ކަމަށާއި، އެހެންކަމުން، ސަބްލީސް އެއްބަސްވުން ބާޠިލު ކުރުމަށްޓަކައި ފޮނުވި ޓާރމިނޭޝަން ނޯޓިހާއި، އެކަމާ ގުޅިގެން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ކުންފުނި ތަމުސީލު ކުރި ވަކީލުން ހާޒިރުވެފައިވަނީ ވެސް މާހަލް ޓުއާރސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި ކަމާއި، އެހެންކަމުން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ކުންފުނިން ދައްކާފައިވާ ވާހަކަތަކާއި، ސަބްލީސް އެއްބަސްވުން ބާޠިލު ކުރުމަށް ފޮނުވި ޓާރމިނޭޝަން ނޯޓިސް ވެސް ބާޠިލުވާނޭ ކަމަށް ދެކޭ ކަމަށެވެ.
މި ނުކުތާއަށް ނަޒަރު ކުރާއިރު، މާހަލް ޓުއާރސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތް ކަމަށް ދެކި، ތިރީގައި ބަޔާންކޮށްފައިވާ 02 (ދޭއް) ކަންތައް ބާޠިލު ވާނެ ކަމަށް ކާސްޓްއަވޭ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
(ހ) ޓާރމިނޭޝަން ނޯޓިސް އަދި؛
(ށ) ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުންފުނި ތަމުސީލު ކުރިގޮތް.
ޓާރމިނޭޝަން ނޯޓިސް ދިނުމަށްޓަކައި ކުންފުނީގެ ބޯޑުގެ ނިންމުމެއް އޮންނަން ޖެހޭތޯ؟
ކާސްޓްއަވޭ މޯލްޑިވްސްއިން ސުވާލު އުފައްދާފައިވާ ފުރަތަމަ ކަމަކީ، ސަބްލީސް އެއްބަސްވުން ބާޠިލުކުރި ޓާރމިނޭޝަން ނޯޓިސް ފޮނުވީ އެކަން ކުރުމަށް ކަނޑައަޅާފައިވާ ކުންފުނީގެ އެތެރޭގެ އުސޫލުތަކާއި ސަބްލީސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ނޫން ކަމަށެވެ. ސަބްލީސް އެއްބަސްވުން ވެވުނުއިރު މާހަލް ޓުއާރސްގެ ޑިރެކްޓަރުންގެ ބޯޑުގައި މުޙައްމަދު ޝިހާމް އަދި ޙުސައިން ޝިހާމް ޢަލީ ތިބޭ ކަން އެނގެއެވެ. އެއްބަސްވުން ބާޠިލު ކުރެވުނު އިރު ވެސް އެ ބޯޑުގައި މިދެ ޑިރެކްޓަރުން ހިމެނެއެވެ. ސަބްލީސް އެއްބަސްވުން ބާޠިލުކުރުމަށްޓަކައި ޓާރމިނޭޝަން ނޯޓިސް ފޮނުވާފައިވަނީ މި ދެ މީހުންގެ ތެރެއިން ޙުސައިން ޝިހާމް ޢަލީ އެވެ.
ސަބްލީސް އެއްބަސްވުމުގައި ދެ ފަރާތުން މުޢާމަލާތު ކުރާނޭ ގޮތާއި، އެޑްރެހާއި އަދި މާހަލް ޓުއާރސްގެ ފަރާތުން މުޢާމަލާތް ކުރާނޭ ފަރާތްތަކުގެ ނަންތައް ވެސް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން މާހަލް ޓުއާރސްގެ ފަރާތުން ދެ ޑިރެކްޓަރުންގެ ތެރެއިން ކޮންމެ ޑިރެކްޓަރަކަށް ވެސް ކާސްޓްއަވޭ މޯލްޑިވްސްއާ މުޢާމަލާތު ކުރެވިދާނޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، ވިޔަފާރިއާގުޅޭ ގޮތުން އިތުރުކަމެއް ކަނޑައެޅުން، ނުވަތަ އެއްބަސްވުމަށް ބަދަލެއް ގެނައުން ފަދަ ކަމަކާ ގުޅޭގޮތުން ނަމަ އެ ދެ ޑިރެކްޓަރުންގެ ސޮއި އޮންނަންވާނޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކާސްޓްއަވޭ މޯލްޑިވްސްގެ ފަރާތުން އުފައްދާފައިވާ ސުވާލަކީ، ސަބްލީސް އެއްބަސްވުން ބާޠިލު ކުރުމަށްޓަކައި ޓާރމިނޭޝަން ނޯޓިސް ފޮނުވަންޖެހޭނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް އޮވެގެން ކަމަށް ދެކޭ ކަމާއި، ނަމަވެސް އެގޮތަށް އެކަން ކުރުމަށް ލާޒިމުކުރާ ކުންފުނީގެ އެތެރޭގެ އުސޫލެއް ނުވަތަ ސަބްލީސް އެއްބަސްވުމުގައި ވެސް ދުރާލާ އެއްބަސްވެވިފައިވާ، އެފަދަ މާއްދާއެއް ނެތް ކަން ފާހަގަކުރަމެވެ. ކުންފުންޏާއެކު މުޢާމަލާތް ކުރާ ކުންފުނީގެ ބޭރު ފަރާތަކަށް ކުންފުނީގެ އެތެރޭގެ އުސޫލުތަކާ ގުޅޭގޮތުންނާއި، ކުންފުނީގެ މިވެނި ކަމެއް ނިންމުމަށްޓަކައި އޮންނަން ޖެހޭނީ، ވަކިން ހުއްދަދެވިފައިވާ އެކްޗުއަލް އޮތޯރިޓީއެއްތޯ ނުވަތަ ޒިމްނީ ގޮތުން ހުއްދަކުރެވިފައިވާ އެޕެއަރެންޓް އޮތޯރިޓީއެއްތޯ ނިންމައި އެކަމަށް ޝަރުޠު ކުރުމުގެ ހައިސިއްޔަތެއް ނޯންނާނެ ކަމީ އިސްތިޤުރާވެފައިވާ އިންޑޯ މެނޭޖްމަންޓް ރޫލުގެ އަސީސީ މަފްހޫމެވެ. ކުންފުނީގެ ފަރާތުން ބާރުލިބިފައިވާ ކޮންމެ ފަރާތެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ކުންފުނީގެ މުވައްޒަފެއް ނުވަތަ އެޖެންޓެއް ކަމުގައި ވިޔަސް ކުންފުނީގެ ފަރާތުން މުޢާމަލާތްކޮށްފައިވާނަމަ، އެ ކަމަކީ ޞައްޙަ މަގުން ހިނގާފައިވާ ކަމަށް ބަލައި ގަނެވޭނެ މުއާމަލާތުތަކެވެ.
ސަބްލީސް އެއްބަސްވުން ބާޠިލު ކުރި ޓާރމިނޭޝަން ނޯޓިސް ފޮނުވާފައިވަނީ، މާހަލް ޓުއާރސް އިން ކަމާއި، އެކަމަށް އެ ކުންފުނިން ސުވާލު އުފައްދާފައި ނުވާ ކަމަށް އެ ކުންފުނި ތަމުސީލު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހާޒިރުވި މުޙައްމަދު ސަމާޙް ވަނީ، މި މައްސަލައިގައި ބޭއްވުނު ތިންވަނަ ޝަރީޢަތުގެ އަޑުއެހުމުގައި ބުނެފައެވެ. ސަބްލީސް އެއްބަސްވުން ބާޠިލު ކުރި ޓާރމިނޭޝަން ނޯޓިހާ ގުޅޭގޮތުން އެއިރު މި މައްސަލަ ބަލަމުންދިޔަ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަމުން ދިޔަ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ސުވާލު ކުރުމުން ތިރީގައި މިވާ ގޮތަށް މާހަލް ޓުއާރސްގެ ފަރާތުން ޖަވާބު ދީ، އެ ނޯޓިސް ދީފައި ވަނީ އެ ކުންފުނީގެ ފަރާތުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އުއްތަމަ ފަނޑިޔާރުގެ ސުވާލުގައި ބުނެފައިވަނީ،
"ދެން މިހާރުގެ ޓަރމިނޭޝަނާ ގުޅިގެން ކުންފުނީގެ ބޯޑުގެ އެއްވެސް މެންބަރެއްގެ މެދުގައި ޚިލާފެއް އެބައޮތްތޯ މިހާރާ ހަމައަށް؟
މި ސުވާލުގެ ޖަވާބުގައި މާހަލް ޓުއާރސްގެ ފަރާތުން ބުނެފައިވަނީ،
"ޢިއްޒަތްތެރި ފަނޑިޔާރު ކުރެއްވި ސުވާލާ ގުޅިގެން ދަންނަވަން. އާދެ، ޝުކުރިއްޔާ ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު. މި އެއްބަސްވުމުގެ ޓަރމިނޭޝަނާ ގުޅޭގޮތުން، ކުންފުނީގެ ޙިއްޞާދާރެއްގެ މެދުގައި ވެސް އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މެދުގައި ވެސް އެއްވެސް ޚިލާފެއް ނެތް ކަމުގައި އަޅުގަނޑު ފާހަގަކުރަން."
އެހެންކަމުން، މާހަލް ޓުއާރސް އިން އެ ކުންފުނިން އެއްބަސްވުން ބާޠިލުކުރި ޓާރމިނޭޝަން ނޯޓިސް ފޮނުވި ގޮތާއި، ހައިސިއްޔަތާ މެދު ސުވާލު އުފައްދާފައި ނުވާއިރު ކުންފުނިން ބޭރު އެހެން ފަރާތެއް ކަމުގައިވާ، ކާސްޓްއަވޭ މޯލްޑިވްސްއަށް އެ ސުވާލު އުފެއްދުމުގެ ހައިސިއްޔަތެއް ނެތެވެ. އަދި ބަހުސްގެ ބޭނުމަށްޓަކައި، އެ ސުވާލު އުފައްދައި، ނިކުންނަ ނަތީޖާއެއްގެ ގޮތުން ޓާރމިނޭޝަން ނޯޓިހަކީ ކުންފުނީގެ އެތެރޭގެ އުސޫލުތަކާ އެއްގޮތަށް ދެވިފައިވާ ނޯޓިހެއް ނޫން ކަމަށް ބެލި ކަމުގައި ވިޔަސް، ކާސްޓްއަވޭ މޯލްޑިވްސްއަށް އެ ނޯޓިސް ލިބުމަށްފަހު، އެހެންގޮތަކަށް މާހަލް ޓުއާރސްއިން އެ ނޯޓިހާމެދު ނުނިންމާހައި ހިނދަކު ޞައްޙަކަން މަތީ އެ ނޯޓިސް ދެމި އޮންނާނެއެވެ.
ކުންފުނި ތަމުސީލު ކުރިގޮތް
އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ކާސްޓްއަވޭ މޯލްޑިވްސްއިން ސުވާލު އުފައްދާފައިވާ ދެވަނަ ކަމަކީ، ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މާހަލް ޓުއާރސް ތަމުސީލު ކުރުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތް ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަމެވެ. މިކަމަށް ބަލާއިރު، މާހަލް ޓުއާރސް ތަމުސީލު ކުރުމަށްޓަކައި، ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓަށް މާހަލް ޓުއާރސްގެ ފަރާތުން އެ ކުންފުނީގެ އެކްސްޓްރެކްޓް ބޯޑް ރިޒޮލިއުޝަނެއް ހުށަހަޅާފައިވާކަން އެނގެއެވެ. މި ދެންނެވި ދެ މައްސަލައަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގެ ދަށު ކޯޓާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކާސްޓްއަވޭ މޯލްޑިވްސްއިން މާހަލް ޓުއާރސްގެ މައްޗަށް ދަޢުވާކުރި ދެ މައްސަލައެވެ. އެހެންކަމުން، އެ ދެ މައްސަލަ ރައްދުވާ ފަރާތަކީ މާހަލް ޓުއާރސް އެވެ. މި ދެންނެވި އެކްސްޓްރެކްޓް ބޯޑް ރިޒޮލިއުޝަންގައި މާހަލް ޓުއާރސް ކޯޓުގައި ތަމުސީލު ކުރުމުގެ ބާރު ދީފައިވާ ކަމާއި، އަދި ވަކީލުން ޢައްޔަންކުރުމުގެ ބާރު ވެސް ދީފައި އޮންނަކަން އެނގޭ ކަމާއި، އެ ބޯޑު ރިޒޮލިއުޝަން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ބަލައިގަނެ، އެ ބޯޑު ރިޒޮލިއުޝަންގެ ދަށުން ޢައްޔަން ކުރެވުނު ފަރާތްތައް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ކުންފުނި ތަމުސީލުކޮށް ޝަރީޢަތްތަކެއް ހިންގައި އެ ދެ މައްސަލައިގައި ޙުކުމް ކޮށްފައިވެއެވެ. މި ކަމަށް ކޯޓުން ފުރުސަތު ދީފައިވާ ހިނދު، ކާސްޓްއަވޭ މޯލްޑިވްސްއިން އެކަމާމެދު ކަމެއް ސާފުކުރަން ބޭނުންވާނަމަ، އެ މައްސަލަތައް ހިނގަމުން ދިޔައިރު އިޖުރާއީ ކަމެއްގެ ގޮތުގައި ފާހަގަކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންނަމަވެސް ސިވިލް ކޯޓުގައި ވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް މިފަދަ ކަމެއް ފާހަގަކޮށް ނުކޮށް މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ނުކުތާ އެގޮތަށް ފާހަގަކުރެވޭނެ ކަމަށް އަހުރެން ނުދެކެމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މާހަލް ޓުއާރސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކާމެދު ސުވާލެއް އުފެދުމުން، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް، މާހަލް ޓުއާރސްގެ ޑިރެކްޓަރުންގެ ބޯޑު އެތުރިފައި އޮތް ގޮތް ޝަރީޢަތުން ކަށަވަރުކޮށްފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މާހަލް ޓުއާރސް ތަމުސީލު ކުރަމުން ދިޔައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މާހަލް ޓުއާރސް ތަމުސީލު ކުރިގޮތާ މެދު ކާސްޓްއަވޭ މޯލްޑިވްސްއިން ސުވާލު ނުއުފައްދާކަން އެނގެއެވެ.
މާހަލް ޓުއާރސް އާއި ކާސްޓްއަވޭ މޯލްޑިވްސްއާ ދެމެދު އުފެދިފައިވާ މައިގަނޑު ޚުޞޫމަތަކީ، ސަބްލީސް އެއްބަސްވުން ބާޠިލު ކުރި މައުޟޫޢެވެ. މާހަލް ޓުއާރސް އިން ސަބްލީސް އެއްބަސްވުން ބާޠިލުކުރީ، ކާސްޓްއަވޭ މޯލްޑިވްސް އިން ސަބްލީސް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުލި ނުދެއްކުމުން ކަމާއި، އެ ޙަޤީޤަތް ސިވިލް ކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް ސާބިތުވެފައިވާކަން އެނގޭ ކަމާއި، މި ޙާލަތަކީ އެއްބަސްވުން ބާޠިލު ކުރެވިދާނެ ޙާލަތެއް ކަން ސަބްލީސް އެއްބަސްވުމަށް ބެލުމުން އެނގެއެވެ. މާހަލް ޓުއާރސްއިން ސަބްލީސް އެއްބަސްވުން ބާޠިލުކުރުމަށްޓަކައި ކާސްޓްއަވޭ މޯލްޑިވްސްއަށް ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިހަކީ އެކަމުގެ ހައިސިއްޔަތު އޮތް ފަރާތަކުން ފޮނުވާފައިވާ ޞައްޙަ ނޯޓިހެއް ކަމަށް އަހުރެން ދެކެމެވެ.
ބަޔާންވެ ދިޔަ ކަންކަން އެހެން ހުރުމާއެކު ދިވެހިރާއްޖެގެ ހައިކޯޓުން މި މައްސަލައިގައި އެ ކޯޓުގެ ނަންބަރު 2018/HC-A/162 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖެގެ ހައިކޯޓުން ކޯޓުގެ ނަންބަރު 2018/HC-A/162 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2018/HC-A/162 ޤަޟިއްޔާގެ ނިންމުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.