ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/22ސުޕްރީމް ކޯޓު · 25 މާރިޗު 2013

—

ސުޕްރީމް ކޯޓު
15 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 މާރިޗު 2013ބާވަތް: އިސްތިއުނާފީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 222012/SC-A/

ދަޢުވާކުރާ ފަރާތް: އޯނަސް ޕްރައިވެޓް ލިމިޓެޑް،

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: ހައިކޯޓުގެ ނިންމުން ރިވިއުކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު

ހުށަހެޅުނު ތާރީޚް: 01 އޯގަސްޓް 2012

ރަޖިސްޓްރީކުރެވުނު ތާރީޚް: 28 އޯގަސްޓް 2012

ނިމުނު ތާރީޚް: 25 މާރޗް 2013

މައްސަލަ ނިންމި ގަޑި: 15:05

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:

ނަންބަރު: HC-RM/2012/06(NR)

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 12 ޖުލައި 2012

ނިމުނު ތާރީޚް: 23 ޖުލައި 2012

މައްސަލައިގެ ޚުލާޞާ:

މި މައްސަލައަކީ ގ. ޗާނދަނީމާގެ އިސްމާޢީލު ޝުޖާޢު އަތުން އަނބުރާ ދައްކާގޮތަށް ހ. މިރިހި، ޙުސައިން ޝަރީފް ދަރަންޏަށް ނަގާފައިވާ USD 5,173,961.21 (ފަސްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް އެކެއް ޕޮއިންޓު ދޭއް އެކެއް ޔޫއެސް ޑޮލަރު) ނުދެއްކި އޮތުމުން މި ދަރަނި ދެއްކުމަށް މއ. އަތަމާގޭ، އިބްރާހީމް ޢަބްދުއްލަޠީފު ޖާމިނުވެ މި ފައިސާ ދައްކާނެ ގޮތަކާމެދު ގ. ޗާނދަނީމާގޭ، އިސްމާޢީލު ޝުޖާޢު އާއި މއ. އަތަމާގޭ، އިބްރާހީމް ޢަބްދުއްލަޠީފްއާ ތިން މީހުންގެ މެދުގައި 01 ނޮވެމްބަރ 2008 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގައި ލިޔެ ސޮއިކޮށް މި ފައިސާގެ ތެރެއިން USD 818,608.13 (އަށްލައްކަ އަށާރަހާސް ހަސަތޭކަ އަށެއް ޕޮއިންޓު އެކެއްތިނެއް ޔޫއެސް ޑޮލަރު) ދެއްކުމަށްފަހު، ބާކީ ނުދެއްކިވާ USD 4,355,353.08 (ހަތަރު މިލިއަން ތިންލައްކަ ފަންސާސްފަސްހާސް ތިންސަތޭކަ ފަންސާސްތިނެއް ޕޮއިންޓު ސުމެއް އަށެއް ޔޫއެސް ޑޮލަރު) ދެއްކުމަށް އިތުރުގޮތަކަށް އެއްބަސްވެ، މި ފައިސާ 9 ޗެކަކަށް ބަހާލައި މި 9 ޗެކް އޭގައިވާ ތާރީޚްތަކުގައި ފައިސާ ލިބޭނެހެން އިޝޫކުރުމަށްފަހު މި ޗެކްތައް އޭގައިވާ ތާރީޚްތަކުގައި ބޭންކުގައި ފައިސާނެތުމުގެ ސަބަބުން ބައުންސްވާން ފެށުމުން، މި ބައުންސްވި ޗެކްތަކުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން، ބައުންސް ޗެކްގެ ތެރެއިން ފުރަތަމަ ތިން ޗެކްގެ މައްސަލަ ތަޙްޤީޤުކުރުމަށްފަހު، ކޯޓަށް ހުށަހެޅުމުން އެ ތިން ޗެކަށް ޝަރީޢަތުގެ މަރުޙަލާގައި ފައިސާދައްކައި، ބާކީ ހަ ޗެކްވެސް ބައުންސްވެ އަދި އޭގައިވާ ފައިސާއިން އެއްވެސް މިންވަރެއް، ފައިސާ ލިބެންވާފަރާތަށް ލިބިފައި ނުވަނިކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ޗެކްބައުންސްވުމުގެ ކުށުގެ ދަޢުވާ ނުކުރުމަށް ނިންމި ނިންމުން ޤާނޫނުއަސާސީއާ އެއްގޮތްނޫންކަމަށް ބުނެ، މި މައްސަލަ ބަލައިދިނުމަށް އެދި އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރަރ ނިންމި ނިންމުން އެ ކޯޓުގެ ނަންބަރު HC-RM/2012/06(NR) ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކުރި މައްސަލާގައި، ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ އެ މައްސަލައަކީ ދައުލަތުގެ އިދާރާއަކުން ނިންމި ނިންމުމެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވިކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައިވާ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވީ މިންވަރު އެއީ ބާޠިލު އެއްޗެއް ނުވަތަ ބާޠިލުކަމެއްކަމުގައި ކަނޑައެޅުން ފިޔަވައި އެ މާއްދާގައި ބުނެފައިވާ ދެންހުރި ކަންތައްތައް ތަޠްބީޤްކުރުމުގެ އުޞޫލެއް ކަނޑައަޅައި ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާޠިލުކަމެއްކަމުގައި ކަނޑައެޅުމުގެ މައްސަލަތަކުގައި ފުރަތަމަ ޖުރިސްޑިކްޝަން ލިބިގެންވަނީ ކަމާބެހޭ ދަށުކޯޓަކަށް ކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-J/03 އިޖްރާއީ ގޮތުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (MISL) 95-VR/PRIV/2012/42 ދަޢުވާ ފޯމް ބާޠިލުކުރިކަން އަންގާ އެންގުމުގައި 8 ޖުލައި 2012 ގައި ހައިކޯޓުގެ ރަޖިސްޓްރަރ ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލާގައި ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، މި މައްސަލައިގެ މައުޟޫޢަކީ ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ ދަޢުވާއެއް ނުކުރުމަށް ނިންމާފައިވާ ނިންމުމެއް ޖުޑިޝަލް ރިވިޔުކުރުމުގެ މައްސަލައެއްކަމަށްވެފައި، ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަނޑައެޅި ބަޔާންވެފައިވާގޮތަށާއި މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އަދި ތަފާތު ޖޫރިސްޑިކްޝަންތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަންކްޝަން ކަނޑައެޅިފައި އޮންނަ ގޮތުގެ މައްޗަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެތެރޭގައި ހިމެނޭ، ދައުލަތް ތަމްޘީލުކޮށް ކުށުގެ ތުހުމަތުކުރުމާއި އަދި އަމަންޢާންމާއި ނިޒާމު ރައްކާތެރިކުރުމަށްޓަކައި، މުއްތަހަމަށް އަދަބުދިނުމަށްއެދި ދަޢުވާކުރުމަކީ ދައުލަތުގެ ތަންފީޒީ ބާރުގެ ތަންފީޒީ ޠަބީއަތުގެ ފަންކްޝަންތަކަކަށްވާއިރު، ޖިނާއީ ކުށުގެ ތަޙްޤީޤާގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަދާކުރާ މަސްއޫލިއްޔަތުތަކަކީ ޤަޟާއީ (ޖުޑީޝަލް) ޠަބީޢަތުގެ މަސްއޫލިއްޔަތުތަކެއްކަން އެނގޭކަމާ، ހަމަ އެއާއެކު ވަކިފަރާތަކަށް ބުރަނުވެ، ދައުލަތުގެ އެއްވެސް ބާރެއްގެ ނުފޫޒެއްގެ ދަށުގައިނުވެ އެއްވެސް ފަރާތަކުން ކުރިމަތިކޮށްފާނެ ބިރަކަށް ނުވަތަ ފިއްތުމަކަށް ނުވަތަ ޖަވާބުދާރީކުރުމަކަށް ޖެހިލުމެއްނެތި، ފުރިހަމަ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ދައުލަތް ނުވަތަ މުޖްތަމަޢުގެ ނަމުގައި ޖިނާއީ ކުށުގެ ދަޢުވާކުރުމާއި އެކުށް ސާބިތުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަމަށް ވީހިނދު، ދައުލަތުގެ ފަރާތުން ކުށުގެ ދައުވާކުރުން ނުވަތަ ޕްރޮސިކިއުޝަން މަސައްކަތް ހިމެނިފައިވަނީ ދިވެހިރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ނިޒާމުގެ ތެރޭގައިކަމާ، އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ ދައުވާކުރުމަށް ނުވަތަ ކުށުގެ ދައުވާކުރާނެ ތަނެއްނެތްކަމަށް ކަނޑައަޅައި ނިންމާ ނިންމުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (އެޑްމިނިސްޓްރޭޓިވް) އިދާރީ ނިންމުމެއް ނޫންކަމާއި ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ޖިނާއީ އިޖްރާއާތުގެ މިފަދަ ނިންމުންތައް ހިމެނިފައިވަނީ އިދާރީ ޤާނޫނުގެ ދާއިރާގައި ނޫންކަން ސާފުކޮށް އެނގެން އޮންނަކަމާއި ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ޖިނާއީ އިޖްރާއާތުގެ އެއްވެސް ނިންމުމެއް ރިވިޔުކޮށް ބެލުމަކީ އިދާރީ ނުވަތަ މަދަނީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަން އެނގެން އޮންނަ ކަމާއި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުއަސާސީގެ ދަށުން ދައުލަތުގެ ނަމުގައި ދަޢުވާކުރުމާ ގުޅިގެން ޙަވާލުކުރެވިފައިވާ އިޚްތިޞާޞްތަކާއި ބާރުތަކަކީ ޖުޑިޝަލް ޠަބީޢަތުގެ ފަންކްޝަނެއްކަން އެނގޭތީ ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާއެއް ކުރުމަށް ނުވަތަ ނުކުރުމަށް ނިންމާ ނިންމުމެއް ޖުޑިޝަލް ރިވިޔުކުރެވޭނީ އިދާރީ ނިންމުންތައް ރިވިޔުކުރެވޭ އުޞޫލުން ނޫންކަމާއި އަދި ޖިނާއީ ދަޢުވާއެއްކުރުމަށް ނުވަތަ ނުކުރުމަށް ނިންމާނިންމުމުގެ މުސްތަޤިއްލުކަމަށް އަސަރުކުރާގޮތަކަށް ނޫންކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަކަމަކީ، ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގައި އަސާސީ ޙައްޤުތައް ޤާނޫނުގެ ޙުކުމުން ޙިމާޔަތްކުރުމާއި ރޫލް އޮފް ލޯ ނެގެހެއްޓުމާއި ޖިނާއީ ޢަދްލުގެ ނިޒާމް ކަށަވަރުކޮށްދިނުމުގައި ޤާނޫނުއަސާސީން ޔަޤީންކަން ދޭ އަސާސީ މަސްއޫލިއްޔަތެއްކަން، ޤާނޫނުއަސާސީގެ 220 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ނައްޞުތަކުން އެނގެން އޮތުމުގެ އިތުރަށް، އެ މަސްއޫލިއްޔަތު އަދާކުރަންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި އެ މާއްދާގެ (ނ) ގައި ޕްރޮސިކިއުޓަރ ޖެނެރަލަކީ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާގޮތަށް ކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެންނުވާނެ ކަމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރަންވާނީ އަދި ބާރުތައް ބޭނުންކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ތަޢައްޞުބުން އެއްކިބާވެ ހުރެ، ބަންޑާރަ ނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށްކަމަށާއި އަދި އޭނާގެ މަސައްކަތުގެ އަސާސް ބޭނުންކުރަންވާނީ ހަމަހަމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ކަމަށް ބަޔާންވެފައި އޮތުމުން، ޖިނާއީ ދަޢުވާ އުފުލުމަކީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޞާޞެއްކަމާއި ޖިނާއީ ދަޢުވާ އުފުލުމުގެ ބާރާއި އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލް ބޭނުންކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި އެއްވެސް އެހެންފަރާތަކުން އެ އިޚްތިޔާރުތަކާއި ބާރު ޤައިދުކުރުމެއްނެތިކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަކަމަކީ، ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާބެލުންތަކާއި، ހިންގާ ތަޙްޤީޤުތައް ބަލައި، އެކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމާއި، ހެކިތައް ޖަމާކުރުމާއި، އެ ހެކިތަކުގެ ޞައްޙަކަން ކަށަވަރުކުރުމާ އަދި ހެކިތައް ދިރާސާކޮށް ހެކިތައް ވަޒަންކުރުމާއި ދަޢުވާކުރެވޭވަރަށް ހެކިތައް ހުރިނަމަ އެކަން ކަނޑައަޅައި ޖިނާއީ ދަޢުވާކުރުމާއި ޖިނާއީ ކުށުގެ ދަޢުވާއެއް ކުރެވޭވަރަށް ހެއްކާ ޤަރީނާ ލިބިފައިނުވާނަމަ ދަޢުވާކުރެވެން ނެތްކަން ކަނޑައެޅުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އަސްލު މަސްއޫލިޔަތު ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ، ކުށެއްގެ ދައުވާއެއް ކުރާނެ ތަނެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުން ބިނާކުރަންވާނީ ޤާނޫނީ ސަބަބުތަކުގެ މައްޗަށް ނުވަތަ މައުޟޫޢީ ސަބަބުތަކުގެ މައްޗަށްކަމާ، އެގޮތުން ހުށަހެޅިފައިވާ ވާޤިޢާއަކީ ޤާނޫނަކުން ނުވަތަ އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައަޅާ ކުށަކަށް ނުވާތީ ދަޢުވާ ނުކުރުމަށް ނިންމާނިންމެއްނަމަ އެނިންމުން އެބިނާވަނީ ޤާނޫނީ ސަބަބުގެ މައްޗަށްކަމާއި މުއްތަހަމުގެ މައްޗަށް ދަޢުވާއެއްކުރެވޭވަރަށް ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ނެތަތީ ދަޢުވާ ނުކުރުމަށް ނިންމާނިންމެއްނަމަ އެނިންމުން އެ ބިނާވަނީ މައުޟޫޢީ ސަބަބުގެ މައްޗަށްކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަކަމަކީ، ބުނެވިދިޔަފަދަ ޤާނޫނީ ސަބަބުތައް ޖިނާއީ ޤާނޫނީ މަބާދީ ތަކުގައި ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ވިސްނާއިރު، ކަމާބެހޭ ކޯޓަށް ޖިނާއީ ދަޢުވާ ހުށަހެޅުމަކާނުލައި، ކުށުގެ ދަޢުވާކުރާނެތަނެއް ނެތްކަމަށް، ޕްރޮސިކިއުޝަން އޮތޯރިޓީން ކަނޑައެޅިދާނެ ޤާނޫނީ ސަބަބުތަކުގެ ތެރޭގައި، މިސާލަކަށް އިޖްރާއާތުގެ ޤާނޫނުގައި ދަޢުވާކުރުމުގެ ޝަރުޠުތައްކަމަށް ބަޔާންކޮށްފައިވާ ޝަރުޠެއް އުނިވުން، ނުވަތަ އިޖްރާއާތުގެ ޤާނޫނުގައި ދަޢުވާކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައިވާނަމަ އެ މުއްދަތު ފާއިތުވުން، ނުވަތަ ދަޢުވާ ލިބޭފަރާތް ނިޔާވުން ފަދަ ސަބަބުތައް ހިމެނޭކަމާއި، ތުހުމަތުކުރެވިފައިވާ ޙާދިޘާ އަކީ ނުވަތަ ކަމަކީ އަސްލުގައި އަދަބުދެވޭ ޢަމަލަކަށް ނުވުން ނުވަތަ އެކަމަކީ ކުރިން އަދަބުދެވޭ ކުށުގެ ޢަމަލެއްކަމުގައި ވިޔަސް، ފަހުން ހެދުނު ޤާނޫނުގެ ދަށުން މިހާރު އަދަބުދެވޭ ޢަމަލެއްކަމުގައި ނުވުން، ނުވަތަ ކުށުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް މަދުވުން ނުވަތަ އަސްބާބުލް އިބާޙާ (ޖެނެރަލް އެކްސެޕްޝަންސް) އުޞޫލުގެ ދަށުން ޖިނާއީ އަދަބު ދިނުމުން އިސްތިޘްނާވެފައިވާ އަމަލަކަށްވުންފަދަ ޤާނޫނީ ސަބަބުތަކަކީ ޢުޤޫބާތުގެ ޤާނޫނަށް ރުޖޫޢަވާ ސަބަބުތައްކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަކަމަކީ، ޕްރޮސިކިއުޝަން އޮތޯރިޓީން، ކުށުގެ ދަޢުވާކުރާނެ ތަނެއްނެތްކަމަށް ނިންމާ ނިންމުން ބިނާކުރާ މައުޟޫޢީ ސަބަބުތަކަކީ ކަންހިނގާފައިވާގޮތުގެ ޙަޤީޤަތްތައް ނުވަތަ ވާޤިޢާތަކާ ގުޅޭކަންތައްތަކާއި، ދަޢުވާގެ ހެކިތަކުގެ ތެރެއިން ހޯދޭކަންތައްތައްކަމާއި މިފަދަ ކަންތައްތަކުގެ ތެރޭގައި ހިނގިކަމަށް ތުހުމަތުކުރެވޭ ވާޤިޢާއަކީ ހަމަ ޙަޤީޤަތުގައިވެސް ހިނގާފައިވާކަމެއް ނޫންކަން ސާބިތުވުން، (މިސާލަކަށް ވަގަށްނަގާފައިވާކަމަށް ތުހުމަތުކުރެވިފައިވާ ފައިސާ އެ ފައިސާގެ ވެރިފަރާތުގެ އަތުން ފެނުން، މަރާލެވިފައިވާކަމަށް ޝައްކުކުރެވިފައިވާ މީހާ ދިރިހުރިކަން ފާޅުވުން، ފޯޖްކުރެވިފައިވާކަމަށް ބުނެފައިވާ ލިޔުމަކީ ޞައްހަ ލިޔުމެއްކަން ސާބިތުވުން) ނުވަތަ ތުހުމަތުކުރެވޭ މީހާ ކުށުގެ ޢަމަލު ހިންގާފައިނުވާކަމަށް ހެކި ލިބުން، ނުވަތަ އޭނާއާ ދެކޮޅަށް ހުރި ހެކިތައް ނަފީވުން، ނުވަތަ ލިބިފައިހުރި ހެކިތަކަކީ ކުށް ސާބިތުކުރުމަށް ފުދޭވަރުގެ ހެކިތަކެއްނޫންކަން ދައްކައިދޭ ހެކިތަކެއް ޤާއިމްވެފައިވާކަމަށް ތަޙްޤީޤުކުރާ ފަރާތަށް ނުވަތަ ޕްރޮސިކިޓަރ ޖެނެރަލްއަށް ފެނުންފަދަ މައުޟޫޢީ ސަބަބުތައްކަން އެނގެން އޮންނައޮތުމެވެ.

(ކ) ހަތްވަނަކަމަކީ، ބަޔާންވެދިޔަ ޖިނާއީ ޤާނޫނީ މަބާދީތަކަށް ރިޢާޔަތްކުރާއިރު، ކުށުގެ ދަޢުވާއެއްނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާނިންމުން އޮންނަންވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯރމަލިޓީއާ އެއްގޮތަށް ލިޔުމަކުންކަމާއި އެ ލިޔުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ ސޮއި އޮންނަންވާނެކަމާއި، އެ ލިޔުމަކީ ސާފު ޞަރީޙަ އިބާރާތުން ލިޔެފައިވާ ލިޔުމަކަށްވާންޖެހޭނެކަމާއި، އެ ލިޔުމުގައި އެ މުއްތަހަމެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ މުއްތަހަމަކީ ކޮބައިކަން ކަނޑައަޅައި ބަޔާންވެފައިވާންވާނެކަމާއި އަދި ދަޢުވާނުކުރުމަށް ނިންމާފައިވަނީ ތުހުމަތުވެފައިވާ ކޮން ވާޤިއާއަކާ ގުޅިގެންކަން ސާފުކޮށް އެނގެން އޮންނަންވާނެކަމާއި މި ނިންމުން ނިންމަންވާނީ ތަޙްޤީޤުގެ އިޖްރާއެއް ނުވަތަ އިޖްރާއާތުތަކެއް ނިމުމަށްފަހުގައި ކަން އެނގެން އޮންނަ އޮތުމެވެ.

(އ) އަށްވަނަކަމަކީ، ބުނެވިދިޔަ ގޮތުގެމަތިން ދަޢުވާކުރާނެ ސަބަބެއް ނެތްކަމަށް ކަނޑައެޅުމުގެ ޤާނޫނީ ނަތީޖާތަކަކަށްވާނީ، ބަންދުގައި ހުރި މުއްތަހަމެއްނަމަ ދޫކޮށްލެވުމާއި، ތަސައްރުފުކުރުން މަނާވެފައިވާ މުދަލެއް ހުރިނަމަ ނުވަތަ މުޢާމަލާކުރުން މަނާވެފައިވާ މުޢާމަލާއެއްވާނަމަ އެކަން ނިމުމަކަށްއައުންކަމާއި، ހިފެހެއްޓިފައިވާ އެއްޗެއް ހުރިނަމަ އެއެއްޗަކާ މެދު އަމަލުކުރަންވާގޮތުގެ ފައިސަލާކުރެވުމާއި، އަދި މީގެތެރެއިން އެންމެ މުހިންމު ޤާނޫނީ ނަތީޖާއަކީ ދަޢުވާކުރާނެ ތަނެއްނެތްކަމަށް ނިންމާފައިވާ ނިންމުމުގެ ޙުއްޖިއްޔަތުކަމާއި މި ޙުއްޖިއްޔަތަކީ ރެސް ޖުޑިކާޓާގެ (ކަނޑައެޅިނިޔާގެ) ބާރު ލިބޭ ޙުއްޖިއްޔަތެއްކަމާ، އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ ދަޢުވާއެއްކުރާނެ ތަނެއްނެތްކަމަށް ނިންމާފައިވާ ދަޢުވާއެއް ފަހުންވެސް އުޞޫލެއްގެގޮތުން ނުކުރެވޭނެކަމާ، ނަމަވެސް އިތުރު ހެކިތަކެއް ފެންމަތިވެއްޖެނަމަ ނުވަތަ ކުރިން ލިބިފައިވާ ހެކި ވަރުގަދަކޮށްދޭ އިތުރު ހެއްކެއް ނުވަތަ ހެކިތަކެއް ފާޅުވެއްޖެނަމަ އަލުން މައްސަލަ ކުރިއަށް ގެންދިއުމަކަށް މި އުޞޫލު ހުރަސްނާޅާކަމާއި މިކަމަށްވެސް ޤާނޫނަކުން ވަކި މުއްދަތެއް ކަނޑައެޅިފައިވުމަކީ ޖިނާއީ މަބާދީތަކުގައި ޤާއިމްވެފައިވާ އުޞޫލެއްކަން އެނގެންއޮވެއެވެ.

(ވ) ނުވަވަނަކަމަކީ، ތަފާތު ޖުރިސްޑިކްޝަންތަކަށާއި ޖިނާއީ އިޖްރާއާތުގެ މަބާދީތަކަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ ދަޢުވާކުރާނެތަނެއް ނެތްކަމަށް ނިންމާ ނިންމުން މުރާޖަޢާކުރެވޭގޮތްތަކެއް ހުންނަކަމާއި އޭގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުގެ ތެރެއިން އެ ނިންމުން މުރާޖަޢާކޮށް ބަދަލުކުރުން ހިމެނޭކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (އ) ގައި މި އުޞޫލު ބަޔާންވެފައިވާކަމާއި، މި އުޞޫލަށް އަމަލުކުރުމުގައި އެންމެ ހަމަޖެހޭގޮތަކީ މި މުރާޖަޢާކުރުމަށްވެސް ވަކި މުއްދަތެއް ޤާނޫނީގޮތުން ކަނޑައެޅިފައި އޮތުންކަން ފާހަގަކުރެވޭކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުން މުރާޖަޢާކުރެވޭ އަނެއްގޮތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާކުރާނެ ތަނެއްނެތްކަމަށް ނިންމާފައިވާ މައްސަލައާ ގުޅިފައިވާ މަދަނީ ޙައްޤެއް ހޯދުމުގެ ދަޢުވާ އޮތްފަރާތުން، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްއޮންނަ އަދި މިފަދަ އިސްތިއުނާފު ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އިސްތިއުނާފްކުރުންކަމާއި، އެފަދަ ކޯޓަކުން އެ ޠަޢުނު ބަލައިގަތުމަށްފަހު، ސާބިތުކުރެވެންއޮތް ކުށުގެ ޢަމަލެއްއޮތްތޯ ބަލައި، ސާބިތުކުރެވެން އޮތީ ކުށުގެ ކޮންޢަމަލެއްކަމާއި އަދި ކުށުގެ އެ ޢަމަލަށް ތަޠްބީޤުކުރެވޭ ޤާނޫނުގެ މާއްދާއަކީ ކޮބައިކަން ކަނޑައަޅައި، ކަމާބެހޭ ކޯޓަށް މައްސަލަ އިޙާލާކުރުމުގެ އުޞޫލުކަމާއި މިފަދަ އިސްތިއުނާފެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާނުކުރަން ނިންމާފައިވާ ނިންމުމަށް ކޯޓުން ތާއީދުކޮށްފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ބަޔާންކޮށްފައިވާ ސަބަބުތަކަށް ތާއީދުކުރުން ފިޔަވައި އެއްވެސް އިތުރު ސަބަބެއް ބަޔާންކުރުމަކާނުލައި އިސްތިއުނާފް ބަލައިނުގަތުމަށް ކަނޑައަޅައި ނިންމުމުގެ އުޞޫލަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުން އިސްތިއުނާފުކުރެވޭ އުޞޫލުގެ ގޮތުގައި ބައެއް ޖުރިސްޑިކްޝަންތަކާއި ޖިނާއީ ފިޤްހުގައި އިސްތިޤްރާރުވެފައިވާ ގޮތެއްކަން އެނގެންއޮންނަކަމާއި މި އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، މި އުޞޫލުގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ވަކި ކުށެއްގެ ދަޢުވާކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ކޯޓު އަމުރު ނެރޭ އުޞޫލަށް ބުރަނުވެވޭކަން ފާހަގަކުރެވޭކަމެވެ.

(މ) ދިހަވަނަކަމަކީ، ޤާނޫނު ނަންބަރު 95/16 ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ޗެކްބައުންސްވުމުގެކުށް ކަނޑައަޅާފައިވާ ނައްޞަށް ބަލާއިރު، މިއީ ސްޓްރިކްޓް ލައެބިލިޓީގެ ނުވަތަ މުޠްލަޤު ޤާނޫނީ ޤަރީނާއިން ސާބިތުކުރެވޭ ކުށެއްކަން އެނގެން އޮންނަކަމާއި އެހެންކަމުން މި ބާވަތުގެ ކުށްކުށުގައި ޤާނޫނުގައި ބުނެފައިވާ ޝަރުޠުތައް ނުވަތަ ރުކުންތައް ފުރިހަމަވެފައިވާނަމަ، އިތުރަށް މަޢުނަވީ ރުކުން ސާބިތުކުރުމަކާނުލައި (ކުށުގެ މަސްއޫލިއްޔަތު އުފުލުމުގެ އަހްލިއްޔަތު އެމީހެއްގައި ހުރި) ކޮންމެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވޭނެކަމާއި ޤާނޫނުގައި ބަޔާންވެފައިވާ ރުކުންތައް ފުރިހަމަނުވާކަން ސާބިތުކުރުމަކީ މި ބާވަތުގެ (ސްޓްރިކްޓް ލައެބިލިޓީ) ކުށްތަކުގައި ދަޢުވާ ލިބޭ ފަރާތުގެ ޒިންމާއެއްކަމާއި ސްޓްރިކްޓް ލައެބިލިޓީ ކުށްތައް ފިޔަވައި ޖިނާއީ ކުށް ސާބިތުކުރުމުގެ ޢާންމު އަދި އަޞްލު އުޞޫލަކީ ކޮންމެ ކުށެއްގެވެސް މާއްދީ ރުކުނާއި މަޢުނަވީ ރުކުން ކުށުގެ ދަޢުވާކުރާފަރާތުން ސާބިތުކޮށްދިނުންކަމާއި ސްޓްރިކްޓް ލައެބިލިޓީގެ އުސޫލުން ޖިނާއީ ކުށް ސާބިތުކުރުމަކީ ވަރަށް ނާދިރު އިސްތިޘްނާ ޙާލަތެއްގައި މެނުވީ ޤާނޫނީ ގޮތުން އަދި ހަމަޔާ އިންޞާފުގެ އުޞޫލުން ބަލާއިރު، އެންމެ ހަމަޖެހޭގޮތެއް ނޫންކަމާއި ސްޓްރިކްޓް ލައެބިލިޓީގެ އުސޫލުން ޖިނާއީ ކުށް ސާބިތުކުރުމަކީ އަސާސީ ފަރުދީ ޙައްޤުތަކަށް ރައްކާތެރިކަމަކަށް ނުވާތީ އެކަން އިސްތިޘްނާ ގޮތެއްގައިވެސް ހުއްދަކުރެވެނީ މުޖުތަމަޢެއްގައި ވަކި ބާވަތެއްގެ ޖިނާއީ ކުށުގެ ނުރައްކާތެރި ޙާލަތެއް ޢާންމުވެ ފެތުރިފައިވުމުން، އެ ޙާލަތު ހުއްޓުވުމަށްޓަކައި ޖިނާއީ ކުށް ސާބިތުކުރުމުގެ ޢާންމު އުޞޫލު ބޭނުންކޮށްފިނަމަ، އެ ކުށުގެ ނުރައްކަލުން މުޖްތަމަޢުގެ ޢާންމު މަޞްލަޙަތު ޙިމާޔަތްކުރުމުގައި ދައުލަތް ނުވަތަ މުޖްތަމަޢު ފެއިލްވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރުމުން އެކަނިކަމާއި މި އުޞޫލު ދެކޮޅުޖެއްސެނީ ހަމައެކަނި މިފަދަ ޟަރޫރީ ޙާލަތަކާގުޅިގެންކަމާއި، ހުއްޓުވުމަށް ގަދައަޅައި މަސައްކަތްކުރެވެމުންދާ އެފަދަ ކުށެއްގެ ޙާލަތު ޢާންމުވެފައި އޮތުން ހުއްޓިއްޖެކަމަށް ޤަބޫލުކުރެވުމާއެކު، ސާބިތުކުރުމަށް ގެނެވޭ ހެކިތަކާބެހޭ ޢާންމު އުޞޫލުގެ ދަށުން، އެކަށީގެންވާ ޝައްކެއްނެތި ޖިނާއީ ކުށް ސާބިތުވާވަރަށް ހެކި ލިބިފައިވާކަން ނުވަތަ ނޫންކަން ވަޒަންކުރުމަށް ޤާޟީއަށް ލިބިދޭ އިޚްތިޔާރުތައް ޤައިދުނުކުރެވޭނޭގޮތުގެމަތިން މިފަދަ މުޠްލަޤު ޤާނޫނީ ޤަރީނާއިން ކުށް ސާބިތުކުރުމަށް (ސްޓްރިކްޓް ލައެބިލިޓީގެ އުޞޫލުން) ޤާނޫނުގައި ބަޔާންވާ ނައްޞުތައް ވީއެންމެ އަވަސް ފުރުޞަތެއްގައި ޤާނޫނުހަދާ ފަރާތުން އިޞްލާހުކުރުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީ އާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުން އިންސާނުންގެ ފަރުދީ ޙައްޤުތަކަށް ދީފައިވާ ގެރެންޓީތަކާއި ޖިނާއީ ކުށް ސާބިތުކުރުމުގެ ޢާންމު މަބާދީގެ ދަށުން ލާޒިމްވާކަމެއްކަން އެނގެން އޮންނަ އޮތުމެވެ.

(ފ) އެގާރަވަނަކަމަކީ، ބުނެވިދިޔަ އުޞޫލުގެ މަތިން ޗެކްބައުންސްވުމުގެ ކުށުގެ މައްސަލައަށް ބަލާއިރު، ޗެކްބައުންސްވުމަކީ ޗެކުން މާލީ މުޢާމަލާކުރުމުގެ އިތުބާރު ގެއްލުމާއި މަކަރާއި ޙީލަތަށް މަގުފަހިވެދާނެކަމަކަށްވާތީ، ޗެކްބައުންސްވުމުގެ ކުށް ހިމެނިފައިވަނީ ސްޓްރިކްޓް ލައެބިލިޓީގެ އުޞޫލުން ސާބިތުކުރެވޭ ކުށުގެ ޢަމަލެއްގެ ގޮތުގައިކަމާއި ޗެކަކީ ނެގޯޝިއެބަލް އިންސްޓްރޫމެންޓެއްކަމާއި ޗެކް ދޫކުރެވެނީ ޤާނޫނީ ރިކުއަރމެންޓަކަށްޓަކައި ނުވަތަ ޗެކްގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެއްގެ ގޮތުގައިކަމާއި ޗެކްގައި ބަޔާންކޮށްފައިވާ ތާރީޚްގައި އެ ޗެކުން ފައިސާލިބެންވާފަރާތަށް ޗެކުގައިވާ ޢަދަދަށް ފައިސާ ލިބުން ޙައްޤުވާނެކަމާއި، ޗެކެއް ދޫކުރުމުގައި ޗެކް ދޫކުރާފަރާތުގެ މަސްއޫލިއްޔަތަކީ އެ ޗެކްގައިވާ ޢަދަދަށް އެ ފަރާތުގެ އަމިއްލަ އެކައުންޓުގައި އެ ޢަދަދަށް ފައިސާ ހުރިކަން ކަށަވަރުކޮށްދިނުންކަމާއި، އެކައުންޓްގައި ޗެކްގައި ބުނެފައިވާ ޢަދަދަށް ފައިސާ ނެތުމަކީ ޗެކް ބައުންސްވުންކަމާ އަދި އެއީ ޗެކާ ގުޅިގެން އުފުލަންޖެހޭ ޒިންމާއާ ޚިލާފުވުންކަން އެނގެން އޮންނަ އޮތުމެވެ.

(ދ) ބާރަވަނަކަމަކީ، ހ. މިރިހި، ޙުސައިން ޝަރީފް (ދ.ރ.އ ކާރޑް ނަންބަރު A-058888) ގ.ޗާނދަނީމާގޭ، އިސްމާޢީލު ޝުޖާޢު (ދ.ރ.އ ކާރޑް ނަންބަރު A-034857) އަތުން އަނބުރާދައްކާގޮތަށް ނަގާފައިވާ USD 5,173,961.21 (ފަސްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް އެކެއް ޕޮއިންޓު ދޭއް އެކެއް ޔޫއެސް ޑޮލަރު) ދެއްކުމުގެ ގޮތުން ދީފައިވާޗެކްތައް ބައުންސްވުމާގުޅިގެން، ޗެކް ބައުންސްވި މައްސަލާގައި ޙުސައިން ޝަރީފުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1474 ޤަޟިއްޔާއިން މައްސަލަ ބެލެމުންދާތީ ޙުސައިން ޝަރީފުގެ މައްޗަށް ކުށް ސާބިތުވުމުގެކުރިން އިސްމާޢީލު ޝުޖާޢަށް މި ދަރަނި ދެއްކުމަށް މއ. އަތަމާގޭ، އިބްރާހީމް ޢަބްދުއްލަޠީފު ޖާމިނުވެ މި ފައިސާ ދައްކާނެ ގޮތަކާމެދު ގ. ޗާނދަނީމާގޭ، އިސްމާޢީލު ޝުޖާޢު އާއި މއ. އަތަމާގޭ، އިބްރާހީމް ޢަބްދުއްލަޠީފް އާއި ތިން މީހުންގެ މެދުގައި 01 ނޮވެމްބަރ 2008 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގައި ލިޔެ ސޮއިކޮށްފައިވާ މި އެއްބަސްވުމުގެ ދަށުން، މި ފައިސާގެ ތެރެއިންUSD818,608.13 (އައްލައްކަ އަށާރަހާސް ހަސަތޭކަ އަށެއް ޕޮއިންޓު އެކެއްތިނެއް ޔޫއެސް ޑޮލަރު) ދެއްކުމަށްފަހު ބާކީނުދެއްކިވާ USD 4,355,353.08 (ހަތަރު މިލިއަން ތިންލައްކަ ފަންސާސް ފަސްހާސް ތިންސަތޭކަ ފަންސާސް ތިނެއް ޕޮއިންޓު ސުމެއް އަށެއް ޔޫއެސް ޑޮލަރު) ދެއްކުމަށް އިތުރުގޮތަކަށް އެއްބަސްވެ މި ފައިސާ 9 ޗެކަކަށް ބަހާލައި މި 9 ޗެކް އޭގައިވާ ތާރީޚުތަކުގައި ފައިސާ ލިބޭނެހެން މއ.އަތަމާގޭ، އިބްރާހީމް ޢަބްދުއްލަޠީފުގެ ޙިއްޞާއޮތް އަތަމާ މެރިން ޕްރައިވެޓް ލިމިޓެޑުން އިސްމާޢީލް ޝުޖާޢުގެ ޙިއްޞާ އޮންނަ އޯނަސް ޕްރައިވެޓް ލިމިޓެޑަށް އިޝޫކުރުމަށްފަހު މި ޗެކްތައް އޭގައިވާ ތާރީޚްތަކުގައި ބޭންކުގައި ފައިސާނެތުމުގެ ސަބަބުން ބައުންސްވާން ފެށުމުން މި ބައުންސްވި ޗެކްތަކުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން، ބައުންސްޗެކްގެ ތެރެއިން ފުރަތަމަ ތިން ޗެކްގެ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން އެ ތިން ޗެކަށް ޝަރީޢަތުގެ މަރުޙަލާގައި ފައިސާދައްކައި ބާކީ 6 ޗެކްވެސް ބައުންސްވެ އަދި އޭގައިވާ ފައިސާއިން އެއްވެސް މިންވަރެއް ފައިސާ ލިބެންވާ ފަރާތަށް ލިބިފައިނުވާކަމަށް އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާއިރު، މި ހުރިހައި ޕޭމަންޓްތަކަކީ ޙުސައިން ޝަރީފް އާއި އިސްމާޢީލް ޝުޖާޢުއާއި އިބްރާހީމް ޢަބްދުއްލަޠީފާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމަށް ފައިސާ ދެއްކުމުގެ ގޮތުން އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން ދައްކާފައިވާ ފައިސާތަކެއްކަމަށާއި އަތަމާ މެރިން ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ނަންބަރު 406152 ޗެކާއި ނަންބަރު 406153 ޗެކާއި ނަންބަރު 406154 ޗެކާއި ނަންބަރު 406155 ޗެކާއި ނަންބަރު 406156 ޗެކާއި ނަންބަރު 406157 ޗެކްތަކަކީ އިބްރާހީމް ޢަބްދުއްލަޠީފު ސޮއިކޮށް ދޫކޮށްފައިވާ ޗެކްތަކެއްކަމާއި އެ ޗެކްތައްވަނީ ބައުންސްވެފައިކަން އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ބަޔާނާއި ލިޔުންތަކުން އެނގެން އޮންނައޮތުމާއި، މއ. އަތަމާގޭ، އިބްރާހީމް ޢަބްދުއްލަޠީފު ދޫކޮށްފައިވާ ޗެކްތަކަކީ އޭނާގެ މިނިވަން އިޚްތިޔާރުގައި އޭނާ ލިޔެ ސޮއިކޮށް ދޫކޮށްފައިވާ ޗެކްތަކަކަށްވާއިރު، އެ ޗެކްތަކުގައިވާ ޢަދަދަށް ފައިސާ އަދާކުރުމަކީ އިބްރާހީމް ޢަބްދުއްލަޠީފުގެ ޒިންމާއެއްކަން އެނގޭކަމާއި އިބްރާހީމް ޢަބްދުއްލަޠީފު ލިޔެ ސޮއިކޮށް ދޫކޮށްފައިވާ ޗެކްތަކަކީ އިބްރާހީމް ޢަބްދުއްލަޠީފް، އިސްމާޢީލް ޝުޖާޢަށް އަދާކުރަންޖެހޭ ފައިސާތަކެއްކަމަށް އެ ޗެކް ތަކުން ހެކި ލިބެން އޮތްކަން ފާހަގަކުރެވިފައިވުމުގެ އިތުރަށް ޤާނޫނު ނަންބަރު 95/16 ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންވެފައިވާ ޗެކް ބައުންސްވުމުގެ އުންސުރުތައް ސްޓްރިކްޓް ލައެބިލިޓީގެ އުޞޫލުން ފުރިހަމަވެފައިވާކަން އެނގެން އޮންނައޮތުމެވެ.

(ތ) ތޭރަވަނަކަމަކީ، ޤާނޫނު ނަންބަރު 95/16 ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ޗެކް ބައުންސްވުމުގެ ކުށުގެ އުންސުރުތައް ބަޔާންކޮށްފައިވާގޮތަށް ބަލާއިރު، އެ ޤާނޫނުގައިވާ ގޮތުގެމަތިން ޗެކަކަށް ފައިސާ ނެގުމަށް، އެ ޗެކުގައިވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހެޅުމުން، ޗެކް ދޫކުރި އެކައުންޓްގައި ފައިސާނެތުމުގެ ސަބަބުން ނުވަތަ އެ ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައިނުވުމުގެ ސަބަބުން އެ ޗެކަށް ފައިސާދެވެންނެތްކަން އެ ޗެކް ހުށަހެޅި ފަރާތަށް ބޭންކުން އަންގާދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި، ޗެކަށް ފައިސާލިބެންވީ ފަރާތުން، އެ ޗެކްގައިވާ ޢަދަދަށް ފައިސާދިނުމަށް އެ ޗެކް ދޫކުރި ފަރާތަށް ލިޔުމަކުން އެންގުމުން، އެ އެންގުން އަންގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ޗެކްގައިވާ ޢަދަދަށް ފައިސާނުދީފިނަމަ، އެ ޗެކް ދޫކުރިފަރާތް ކުށްވެރިވާނެއެވެ. މިގޮތުން ޗެކެއްދޫކުރީ ކުންފުންޏެއް ނުވަތަ އެނޫންވެސް ޖަމާޢަތެއްގެ ފަރާތުން ކަމަށްވާނަމަ، ކުށްވެރިވާނީ އެ ކުންފުންޏެއް ނުވަތަ ޖަމާޢަތެއް ހިންގުމުގައި އެންމެ އިސްކޮށްހުރި މީހަކު ނުވަތަ އެ ޗެކެއްގައި ސޮއިކުރިމީހަކު ނުވަތަ ބައެކެވެ. މި ފަދައިން މި މާއްދާގައި އޮންނާތީ މި މާއްދާގައިވާ ރުކުންތައް ފުރިހަމަވުމުން މި ކުށުގެ އެންމެހައި ރުކުންތައް ފުރިހަމަވާނެކަން އެނގެން އޮންނައޮތުމެވެ.

(ލ) ސާދަވަނަކަމަކީ، ޤާނޫނު ނަންބަރު 95/16 ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންވެފައިވާ ބުނެވިދިޔަ ރުކުން ފުރިހަމަވެފައިވުމާއެކުވެސް ޗެކް ބައުންސްވުމުގެ ކުށުގެ ދިފާއެއްގެ ގޮތުން ޗެކްގައިވާ ފައިސާއަކީ ރިބާއެއްކަމަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ބުނާބުނުމަކީ ޗެކްބައުންސްވުމުގެ ކުށުން އޭގެޒާތުގައި ބަރީއަކޮށްދޭ ދިފާއެއްނޫންކަން މި މާއްދާއިން ސާފުކޮށް އެނގެން އޮތުމާއި ރިބާއަކީ ޖިނާއީ ކުށުގެ އަމަލަކަށްވާއިރު، އެ މައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ތަޙްޤީޤުކުރަންޖެހޭ މައްސަލައެއްކަމާއި، މި މައްސަލާގައި ރިބާގެ ކުށުގެ ޢަމަލެއް ހިނގައިފިކަމަށް ތުހުމަތެއްކުރެވި އެ ތުހުމަތު މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކުރެވި ކުށުގެ ތަޙުޤީޤެއް ނުވަތަ ޖިނާއީ ޝަރީއަތެއް ހިންގިފައިނުވާއިރު، އެއީ ޗެކް ބައުންސްވުމުގެ ކުށުން ޗެކްދޫކުރި ފަރާތް ބަރީއަވެވިދާނެ ޙުއްޖަތެއް ކަމަށް ބެލެވެންނެތްކަމެވެ.

(ގ) ފަނަރަވަނަކަމަކީ، ބުނެވިދިޔަ ބައުންސްވެފައިވާ ޗެކްތަކުގައި ހިމެނޭ ފައިސާގެ ޢަދަދަކީ އެ ޗެކްތަކަށް ފައިސާ ލިބެންވީފަރާތަށް އެ ޗެކްތަކުގައި ސޮއިކުރިފަރާތް ދަރައިއޮތް ޢަދަދުކަމަށް އެ ޗެކްތަކަށް ފައިސާ ލިބެންވީފަރާތް ބުނަމުންދާއިރު، އެ ޗެކްތަކަކީ އެ ޗެކްތަކުގައި ސޮއިކުރިފަރާތުން އޭގައިވާ ޢަދަދަށް ފައިސާ ދިނުމަށްޓަކައި ދޫކޮށްފައިވާ ޗެކްތަކަކަށްވުމުން އެ ޗެކްތަކުގައިވާ އެ ޢަދަދަކީ އެ ޗެކްތަކުގައި ސޮއިކުރި ފަރާތް ދަރާއޮތް ޢަދަދެއްކަން ދައްކައިދޭ ޤަރީނާތަކަކަށްވާއިރު، މިއީ އެ ޗެކްތަކުގައި ސޮއިކުރި ފަރާތްކަމުގައިވާ އިބްރާހީމް ޢަބްދުއްލަޠީފު ދައްކަން ނުޖެހޭ ޢަދަދެއްކަން ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހަޅައި ސާބިތުކޮށްދީފައި ނުވާތީ ބައުންސްވި ޗެކްތަކުގައިވާ ފައިސާގެ ޢަދަދު ދެއްކުމުގެ ޒިންމާއިން އިބްރާހީމް ޢަބްދުއްލަޠީފު ބަރީއަވެފައިވާކަމަށް ބެލެވެން ނެތްކަމެވެ.

ޙުކުމް:

އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، އަތަމާ މެރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިބްރާހީމް ޢަބްދުއްލަޠީފު އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކްތައް ބައުންސްވުމުގެ ކުށުގެ ޒިންމާ އާއި ދަރަނީގެ ޒިންމާއިން އެ ޗެކްތައް ދޫކުރިފަރާތް ޤާނޫނީ ހަމަތަކުގެ މަތިން ބަރީއަވެފައިވާކަމަށް ބެލެވޭނެ ސަބަބެއް ނެތްކަމަށާއި ޗެކްތައް ބައުންސް ވުމުގެ ކުށުގެ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ ނިންމުން މުރާޖަޢާކުރަން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމަކީ މި މައްސަލާގައި އޯނަސް ޕްރައިވެޓް ލިމިޓެޑަށް ކުރެވިދާނެ ކަމެއްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ ނިންމީއެވެ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ